ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެމެރިކާގެ އައު ރައީސް ޑޮނަލްޑް ޖޭ. ޓްރަމްޕް، މަޤާމާއި ހަވާލުވެވަޑައިގަތުމުން އެ މަނިކުފާނަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު، އެމެރިކާގެ ރައީސް ޓްރަމްޕަށް ފޮނުއްވި މެސެޖުގައި، އިންޑިއާ ކަނޑުގެ ކުދި ޖަޒީރާ ޤައުމެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން ސަރަޙައްދީ ސުލްހަ މަސަލަސްކަމާއި ފާގަތިކަން ކުރިއެރުވުމަށްޓަަކައި، އެ ލަނޑުދަނޑިއަށް ވާސިލުވުމުގައި މަސައްކަތް ކުރުމަށް ދެ ޤައުމުގެ ސިޔާސީ ގުޅުމުގެ ތެރެއިން ކުރެވޭ މަސައްކަތްތަކާމެދު ހިތްޕުޅުހަމަޖެހިވަޑައިގަންނަވާކަން ހާމަކުރެއްވިއެވެ. އަދި ދުނިޔޭގެ ހަމަޖެހުމާއި ސަލާމަތަށްޓަކައި އެމެރިކާގެ ރައީސް، ޓްރަމްޕާއި އެ މަނިކުފާނުގެ ސަރުކާރާއެކު ބައިނަލްއަޤްވާމީ މައިދާނުގައި މަސައްކަތް ކުރުމަށް ބޭނުންފުޅުވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މެސެޖުގައި، މި އަހަރަކީ އެމެރިކާއާއި ދިވެހިރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރޭ އަހަރު ކަމަށާއި މިއީ ދެ ޤައުމުގެ މެދުގައި އޮތް ގާތް ހަރުދަނާ ގުޅުން ރަމްޒުކޮށްދޭ ކާމިޔާބީއެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ.
އެ ގޮތުން ވިޔަފާރިއާއި އިގުތިސާދީ ގުޅުން ބަދަހިކުރުމާއި، ދިފާޢީ އަދި ސަލާމަތީ ގުޅުންތައް ކުރިއެރުވުމާއި، ބައިނަލްއަޤްވާމީ މަސްރަޙުގައި ޑިމޮކްރެޓިކް ހަމަތަކާއި ޤާނޫނުގެ ވެރިކަން ދެމެހެއްޓުމާއި، އިންސާނީ ހައްޤުތައް ހިމާޔަތްކުރުމުގެ މަގުގައި ހުރި ގޮންޖެހުންތަކަށް ހައްލުހޯދުމަށް ދެޤައުމުން ކުރާ މަސައްކަތް ދިވެހިރާއްޖެއިން ބަލައިގަންނަކަން އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ތަހުނިޔާގެ މި މެސެޖު ނިންމަވާލައްވަމުން، ރައީސް ޓްރަމްޕަށް އެ މަނިކުފާނުގެ ރައީސްކަމުގެ ދައުރުގެ ރަސްމީ މަސްޢޫލިއްޔަތުތައް އަދާކުރުމެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގެން، އެ މަނިކުފާނަށް ފުރިހަމަ ޞިއްޙަތަކާއި ދުޅަހެޔޮކަމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. ރައީސް ޓްރަމްޕަށް ތަހުނިޔާ ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ވަނީ އެ މަނިކުފާނުގެ ރަސްމީ "އެކްސް" އެކައުންޓުން ޕޯސްޓެއްވެސް ކުރައްވާފައެވެ.