ގއ. މާމެންދޫ ނަރުދަމާގެ މައްސަލަ އެއްކޮށް ޙައްލުކޮށްދީ، އެ މަސައްކަތް ކުރެވޭނެ ގޮތް އިރާދަކުރެއްވިއްޔާ ހަމަޖައްސައިދީ، ލަސްތަކެއްނުވެ ފަށައިދީ، ބާރު ސްޕީޑުގައި ގެންގޮސް ނިންމަދޭނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެ ރަށުގެ ރައްޔިތުންނަށް ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ޔަޤީންކަން ދެއްވާފައި ވަނީ، ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ގއ. މާމެންދޫއަށް ވަޑައިގެން، ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ގއ. މާމެންދޫ ނަރުދަމާގެ މަސައްކަތް އެއްކޮށް ނިމޭތަނުން ރަށުގެ މަގު ހެދުމުގެ މަސައްކަތް ފަށްޓަވާދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި، މަގުހެދުމުގެ މަޝްރޫޢު ސޮއިކޮށްފައިވީ ނަމަވެސް އެ މަސައްކަތް ފެށޭނީ ނަރުދަމާގެ މަސައްކަތް ނިމިގެން ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ރަށުގެ ގިރާ ސަރަޙައްދުގެ މައްސަލައިގެ ބޮޑުކަން ފާހަގަކުރައްވައި، ރަށު ކައުންސިލްގެ ހުށައެޅުން ކަމުދާ ކަމަށާއި އެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދެންދެން އެކަމުގައި މިހާރުން މިހާރަށް ކައުންސިލާ ގުޅިގެން ކޮންސްޓްރަކަޝަން މިނިސްޓްރީން ކުރިއަށް މިއޮތް ދުވަސްތަކުގައި މަސައްކަތް ކޮށްގެން ކައުންސިލްގައި ހުރި ހިލައިގެ ބޭނުންކޮށްގެން ވަގުތީ ޙައްލެއް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެކަމަށް ވަގުތީ ޙައްލެއް ގެނައުމަށްފަހުގައި އެމައްސަލައަށް ދާއިމީ ޙައްލެއް ހޯދުމުގައިވެސް ސަރުކާރުން ފުރިހަމަ އެއްބާރުލުންދީ ހުރިހާ ކަމެއް ފަހިކޮށްދީ އެކަން ކޮށްދޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ނަރުދަމާއާއި މަގުގެ މައްސަލައާއި ގިރާ ސަރަޙައްދުގެ މައްސަލައަކީ މާމެންދޫގެ ރައްޔިތުންނަށް ގިނަ ދުވަސްތަކެއް ވެގެންދިޔައިރުވެސް ނުނިމި ހުރުމުގެ ސަބަބުން އެތައް ތަކުލީފެއް ކުރިމަތިވަމުން އަންނަ ކަންތައްތަކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސިފަކުރެއްވިއެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި އެކަންކަމަށް ދޭންވާ އެންމެ ފުރިހަމަ ސަމާލުކަންދީގެން އެކަންކަން ކުރިއަށްގެންދަވާނެ ކަމަށާއި ދެން އެއާއެކީގައި ދެންހުރި އެހެން ކަންކަމަށްވެސް ޙައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުގައި މި އަހަރަށް ފާސްކުރި ބަޖެޓު ފާސް ކުރުމުގައި އިސްކަންދެއްވާފައިވާނީ ގެދޮރުގެ މައްސަލަ ޙައްލުކުރުމަށް ކަމަށާއި އެއަށްފަހު ތަޢުލީމީ ދާއިރާއާއި އަދި ޞިއްޙީ ދާއިރާ ތަރައްޤީކުރުން ކަމުގައި ވިދާޅުވިއެވެ. އަދި އެގޮތުން މާމެންދޫގެ ޞިއްޙީ މަރުކަޒުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ލެބޯޓްރީއަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކޮށް، އަދިވެސް އެހެން ވަޞީލަތްތަކާ، ތަކެއްޗާއި ހިއުމަން ރިސޯސަސް ގޮތަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަ ކޮށްދިނުމާއެކީގައި ލެބޯޓްރީއާއެކު ޞިއްޙީ މަރުކަޒުގެ ފެންވަރު ރަނގަޅުކޮށް ސައުވީސް ގަޑިއިރު ޚިދުމަތް ދެވޭނެ ތަނަކަށް ހައްދަވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިރޭގެ ބައްދަލުކުރެއްވުމުގައި ސްކޫލަށް މަލްޓިޕަރޕަސް ހޯލެއް އިތުރުކޮށްދިނުމުގެ މަސައްކަތް މިއަހަރު ތެރޭގައި ފަށްޓަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޒުވާނުންނަށް ބޭނުންވާ ކަންކަމަކީވެސް ބަޖެޓުގެ ތެރޭގައި މިއަހަރު ތަންފީޒު ކުރުމަށް ކަނޑައަޅާފައިވާ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ދާއިރާއެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން ވަޞީލަތްތައް ހަމަކޮށްގެން ޒުވާނުންގެ މަރުކަޒުތައް ޤާއިމުކުރުމަށް ގިނަ ރަށްތަކެއްގައި މިހާރު ކުރައްވަމުންގެންދަވާ މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެކި ރަށްތަކުގައި އެކި ނީޑްސް ހުރި ކުޅިވަރުތަކަށް އެގޮތުން މާމެންދޫގައި ވޮލީ ކޯޓުގެ މަސައްކަތް އަލުން ފަށައި ނިންމަދިނުމާއި ފުޓްސަލް ދަނޑުގެ މަރާމާތުގެ މަސައްކަތް ކުރުމާއި ފުޓްބޯޅަ ދަނޑުގައި ޓަރފް އެޅުންފަދަ ކަންކަން މިއަހަރުތެރޭގައި ކަމާބެހޭ ވުޒާރާ މެދުވެރިކޮށް ފަށްޓަވައިދެއްވާ ކުރިއަށްގެންދަވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މާމެންދޫ ބަނދަރުގެ ވާހަކައަށް އަލިއަޅުވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެ މަނިކުފާނު ވަޒީރެއްގެ ގޮތުގައި ހުންނެވި ޒަމާނުން ފެށިގެން މިހާތަނަށް އެ ރަށުގެ ބަނދަރަށް ގެނެސްދެވިފައިވާ ޙައްލުތަކާއެކު ބަނދަރަށް އައިސްފައިވާ ތަރައްޤީއަށްޓަކައި އުފާކުރައްވާ ކަމުގައި ވިދާޅުވިއެވެ. އެއާއެކު އެ ބަނދަރައް އިތުރު ތަރައްޤީ ގެނައުމަކީ ރަށަށް އިޤްތިޞާދީގޮތުންނާއި އަރާފޭބުމާއި ހުރިހާ ގޮތަކުންވެސް ބޭނުންކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން ބޭރުތޮށްޓަށް ކުރެވިދާނެ ކަންކަން ބަލައި، ގެނެވިދާނެ އެންމެ ރަނގަޅު ޙައްލެއް ޓެކްނިކަލީ ވަކިން ފާލަމެއް ގޮތަށް ހަދައިގެން ކަމަށްވިއަސް ކޮންމެވެސް ރަނގަޅު ޙައްލެއް ގެނެސްދީ އިތުރަށް މި ބަނދަރުގެ ބޭނުންކުރެވޭ ޖާގަ އިތުރުކުރުމަށްޓަކައި ރަނގަޅު ޙައްލެއް ގެނެސްދެއްވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން އެ ރަށުގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރުމަށް މާލީ ގޮތުންނާއި ވަޞީލަތުގެ ގޮތުން ކުރިމަތިވެފައިވާ ދަތިތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.