ޑިމޮކްރެސީގެ ހަމަތަކާ އުސޫލުތަކަށް އަސަރު ނުކުރާނެ ގޮތަށް، ކައުންސިލްތައް އެކުލެވިގެންވާ ގޮތާއި އިންތިޚާބުކުރާނެ ގޮތް ކަނޑައެޅުމުގައި އާންމު ބަހުސަކަށް، ނުވަތަ އާންމުންގެ މެދުގައި މަޝްވަރާކޮށް ޚިޔާލު ހުށަހެޅުމަށް ހުޅުވާލައްވަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

މިރޭ ގދ. ފިޔޯރީ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ، ކުރިންވެސް ކައުންސިލްތަކުގެ ޢަދަދު މަދުކުރުމުގެ ޚިޔާލު ފާޅުކުރައްވާފައިވާނެކަމަށާއި އަދި އެކަމަށްޓަކައި މަޝްވަރާކުރެވި ރައްޔިތުންގެ ޚިޔާލާއި ކަމާބެހޭ އެންމެންގެ މަޝްވަރާއާއި އެކީގައި ގެންނަންވާ ބަދަލުތައް ގެންނަވާނެކަމަށް ވިދާޅުވެފައިވާނެކަމަށެވެ. މިގޮތުން ބަލާއިރު އެއް ކަންބޮޑުވުމަކަށްވީ ކައުންސިލަރުންގެ ޢަދަދު މަދުކޮށްފިނަމަ ޑިމޮކްރެޓިކް ރިޕްރެޒެންޓޭޝަނަށް އަސަރު ކޮށްފާނޭކަމުގެ ކަންބޮޑުވުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެހެންކަމުން ކައުންސިލަރުންގެ ޢަދަދު މަދުނުކޮށް، ފުލްޓައިމްކޮށް ކައުންސިލްގެ ރައީސާއި ނައިބު ރައީސް ތިއްބަވާ ގޮތަށް ކަނޑައެޅުމަކީ ޚަރަދު ކުޑަކުރުމަށް ކުރެވިދާނޭ ކަމެއް ކަމަށް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ. އަދި ކައުންސިލް އިންތިޚާބުގައި ފުލްޓައިމް މަޤާމުތަކުގެ ގޮތުގައި އިންތިޚާބުކުރާނީ ކައުންސިލްގެ ރައީސްގެ މަޤާމަށާއި ކައުންސިލްގެ ނައިބު ރައީސްގެ މަޤާމަށް އިންތިޚާބުކުރާ ދެމެންބަރުން ކަމަށް ކަނޑައަޅައި، އަދި މިހާރުވެސް ތިބޭ ޢަދަދަށް ކައުންސިލަރުން އިންތިޚާބުކުރި ނަމަވެސް އެއީ ކޮންމެ ޖަލްސާއަކަށް އެލަވެންސެއް ލިބޭގޮތަށް ތިބޭ މެބަރުން ކަމުގައި ހެދުމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާކަމުގައި ވިދާޅުވިއެވެ. އަދި ތަރައްޤީވެފައިވާ ޤައުމުތަކުގައި މި ގޮތަށް ކައުންސިލަރުން ތިބޭކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިގޮތަށް ހެދުމުން ޑިމޮކްރެޓިކް ހަމަތަކާއި އުސޫލުތަކަށް އަސަރު ނުކުރާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އިތުރު ތަފްޞީލު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނު މި ހުށަހެޅުއްވި ގޮތަށް ކަންތައް ކުރުމުން މިހާރު ތިބި ޢަދަދަށް ކައުންސިލަރުން ތިބޭނެކަމަށާއި އެހެން ނަމަވެސް ފުލްޓައިމްކޮށް ޤާއިމުވެ، އޮފީހުގައި، އޮފީސް ހިންގަން ތިބޭނީ ރައީސާއި ނައިބު ރައީސް ކަމަށެވެ. އަދި މިކަން ކުރެވިދާނެ އިތުރު ގޮތްތައް ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ރައީސް ކަމަށް ކުރިމަތިލާ މީހުންނާއެކު ރަނިންގ މޭޓެއް ކުރިމަތިލައިގެން ރަނިންގމޭޓާ އެކުގައި ވޯޓުލައިގެންވެސް ކުރިއަށް ގެންދެވިދާނެކަމަށެވެ. އޭރުން އެއް ފިކުރެއްގެ، އެއް ޚިޔާލެއްގެ އަދި އެއް ސިޔާސީ ފިކުރެއްގެ ދެމީހުން އައުމުގެ ފުރުޞަތުވެސް އޮންނާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހަމަ މިގޮތަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީވެސް ބަދަލުކުރެވިދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އ.ތ.މ ކޮމިޓީގެވެސް ރައީސާއާއި ނައިބު ރައީސާ އެއީ ފުލްޓައިމްގެ ދެމީހުންނަށް ހަދައި ދެންތިބި މެންބަރުންނަކީ "ޕަރ ސިޓިންގ" ނުވަތަ ބައްދަލުވުމުގައި ބައިވެރިވާ ދުވަސްތަކަށް އެލަވެންސް ލިބޭ ފަރާތްތަކަށް ހެދިދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތަށް އެލަވެންސް ލިބޭ ބަޔަކަށް ކައުންސިލަރުން ބަދަލުވާއިރު، މިހާރު އ.ތ.މ ކޮމިޓީގެ މެންބަރުންގެ އޮތް ކަންބޮޑުވުންތަކާ ފުށުނާރާގޮތަށް ޤާނޫނަށް އެގެންނަ އިޞްލާޙުގެ ތެރެއިން ޕާޓްޓައިމް ކައުންސިލަރުންނަށް އެލިބޭ އެލަވެންސަކީ ވެސް ހަމަ މުސާރައިގެ ހައިސިއްޔަތު އޮންނަ އެލަވެންސަކަށް ޤާނޫނުގައި ހެދުމުން އެ ލިބެންޖެހޭ އިނާޔަތްތައް ލިބޭނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ސިޓީ ކައުންސިލްތަކުގައިވެސް މޭޔަރ އަދި ޑެޕިއުޓީ މޭޔަރ ފުލްޓައިމްކޮށް މަސައްކަތްކުރާ އެގްޒެކެޓިވް ދައުރު އަދާކުރާ މުވައްޒަފުންގެ ގޮތުގައި އިންތިޚާބުކޮށް ދެންތިބި މެންބަރުންނަކީ ހާޒިރުވާ ކޮންމެ ޖަލްސާއަކަށް އެލަވެންސް ލިބޭ ފަރާތްތަކަށް ހެދިދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން އެމަނިކުފާނު ހުށަހެޅުއްވި ގޮތަށް ޢަމަލު ކުރުމަށް ރައްޔިތުންނަށް ފެނިވަޑައިގަންނަވާނަމަ، އާންމުކޮށް ބަހުސް ކުރައްވައި ޚިޔާލު ހުށައެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. ކުރިއަށް އޮތްތަނުގައި މިކަމަށް ރައްޔިތުން ވިސްނަވައި އެންމެ އެދޭގޮތް ހުށަހެޅުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. ހަމައެއާއެކު ވަރަށް ސީރިއަސް ގޮތެއްގައި ފަންނީ ފެންވަރުގައިވެސް އަދި އާންމު ރައްޔިތުންގެ ހޮޅުއަށިތަކުގައްޔާއި ގޭތެރޭގައިވެސް މިކަމަށް މަޝްވަރާކުރެއްވުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ. މިކަމަށް އެންމެ އެކަށީގެންވާ ހައްލެއް ގެނައުމަކީ ކުރަންޖެހޭކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހުރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުންވެސް ވިދާޅުވީ މި ސަރުކާރުން ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ރައްޔިތުންގެ ޚިޔާލާ މަޝްވަރާއާއެކުގައި ކަމަށެވެ. އަދި އެމަނިކުފާނު ބޭނުންފުޅުވަނީ ރައްޔިތުންގެ ގާތަށް ވަޑައިގެން، ރައްޔިތުން ބޭނުންވާ ކަންކަން އަޑުއައްސަވައިގެން ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރިއަށްގެންދެވުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.