بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎

اَلْحَمْدُ للَّهِ رَبِّ الْعاَلَمِينْ، وَالصَّلاَة وَالسَّلاَمُ عَلَى رَسُولِ ٱللَّهِ وَعَلَى آلهِ وَصَحْبِهِ أَجْمَعِينْ.

ހޯނޑެއްދޫ ކައުންސިލްގެ ރައީސް އަދި ކައުންސިލަރުން، ޑަބްލިޔު.ޑީ.ސީ. މެންބަރުން، ރަށުގެ މުއައްސަސާތަކުގެ ވެރިން، ދާއިރާގެ ޢިއްޒަތްތެރި މަޖިލިސް މެންބަރު، ވަޒީރުން، އެހެނިހެން ޢިއްޒަތްތެރި މަޖިލިސް މެންބަރުން، ކުންފުނިތަކުގެ ވެރިން، ވަކިން ޚާއްޞަކޮށް، ހޯނޑެއްދޫގެ ލޮބުވެތި ރައްޔިތުން، މި ޖަލްސާ އަޑުއައްސަވާ، ބައްލަވާ ލޮބުވެތި ހުރިހާ ރައްޔިތުން؛

السَّلامُ عَلَيْكُم ورَحْمَةُ اللهِ وَبَرَكاتُهُ.

މިއަދު ހެނދުނުގެ މި ހޫނުގަދަ ގަޑީގައި ވެސް އަޅުގަނޑަށް އަދި އަޅުގަނޑާ އެކީގައި ވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ހޯނޑެއްދޫގެ ލޮބުވެތި ރައްޔިތުން ނުކުމެވަޑައިގެން ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، ލޮބުވެތި ހުރިހާ ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ފަށްފަށުން ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.

އާދެ، އަޅުގަނޑު ކެމްޕެއިން ތެރޭގައި، ރިޔާސީ އިންތިޚާބުގެ ތެރޭގައި، މި ރަށުގައި އެކި ކަންކަމުގައި ޙައްލު ގެނެސްދޭނެ ވާހަކަ ވާނީ ފާހަގަކޮށްފައި. އާދެ، އެ މަސައްކަތްތަކަކީ އިރާދަކުރެއްވިއްޔާ، އެ ދޭންވާ އެންމެ ފުރިހަމަ ސަމާލުކަން ދީގެން، އަޅުގަނޑުމެން ކޮށްދޭނެ ކަންތައްތައް. އަޅުގަނޑު ކޮންމެ ޕޯޑިއަމެއްގައި ވެސް ވަޢުދުވީ، އެކަންކަން ކޮށްދިނުމުގެ ނިޔަތުގައި. އިރާދަކުރެއްވިއްޔާ، މި ސަރުކާރުން އެގޮތުގައި އެކަންކަން ހުރިހާ ރައްޔިތުންނަށް ވެސް ކޮށްދޭނަން.

މިގޮތުން ބަލާއިރުގައި، މި ނިމިގެންދިޔަ އަހަރުގެ ތެރޭގައި، ޚާއްޞަ ގޮތެއްގައި އިޤްތިޞާދީ އެކިއެކި އަޑިގުޑަންތަކުން އަރައިގަތުމަށްޓަކައި އަޅުގަނޑުމެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހުމާއި، އަދި ބަޖެޓުގައި ހުރި ވަރަށްގިނަ މައްސަލަތައް، އަޅުގަނޑުމެންނަށް ލިބުނު ބަޖެޓުގައި ހުރި ގިނަ ހުރަސްތަކާ ހެދި، ކަންކަން ނުކުރެވިދިޔަ ދިޔުން، މި ފެށިގެން މިދާ އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ވަރަށް ބޮޑުތަނުން ރަނގަޅުވާނެ. ސަބަބަކީ، އަޅުގަނޑުމެންގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން ފާސްކޮށްދެއްވާފައިވާ ބަޖެޓުގެ ތެރެއިން، އަޅުގަނޑު ވެފައި ހުރި ވަޢުދުތައް ފުއްދުމުގައި، އިރާދަކުރެއްވިއްޔާ ޢަމަލީގޮތުން މި އަހަރުގެ ތެރޭގައި ނަތީޖާ ނެރެވިގެންދާނެ.

އާދެ، މި ރަށަށް ބަލާއިރުގައި، މި ރަށުގެ ގިނަ ދާއިރާތަކުގެ މައްސަލަތައް އެބަހުރި. ރަށްގިރުމުގެ، އުދައެރުމުގެ މައްސަލައަކީ، ޤުދުރަތީ ގޮތުން ރަށަށް ދިމާވެފައިވާ ބޮޑު މައްސަލައެއް. އެކަން ޙައްލުކޮށްދިނުމަކީ، އިންތިޚާބުގެ ތެރޭގައި އަޅުގަނޑު ވީ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެއް.

އާދެ، އެހެންވީމާ، މި ފެށިގެންމިދާ ބަޖެޓް މަރުޙަލާގެ ތެރޭގައި، މި އަހަރުގެ ބަޖެޓުގެ ތެރެއިން އިރާދަކުރެއްވިއްޔާ، އެ މައްސަލައަށް ދާއިމީގޮތަކަށް ރަނގަޅު ޙައްލެއް ގެނެސްދޭނެކަމުގެ ޔަޤީންކަން މި ރަށުގެ ލޮބުވެތި ރައްޔިތުންނަށް އަރުވަން.

ހަމައެއާއެކީގައި، މިރަށާއި މަޑަވެއްޔާ ދޭތެރޭގައި މި ކޯޒްވޭ މިއޮތީ ޤާއިމުކުރެވިފައި. އަދި ދެ ރަށަށް ކޮމަން، ގިނަ ކަންތައްތައް، މަގުހެދުން ފަދަ ކަންތައްތައް އެބަހުރި. އާދެ، މަގުހެދުމަކީ އަޅުގަނޑު ހަމަ ވަރަށް ގިނަ ރަށްތަކުގައި ދަންނަވާފައިވާނެ ފަދައިން، ވަރަށް ގިނަ ރަށްރަށުގައި ކުރަން ޖެހިފައިވާ ކަންތައްތައް. އެކި ރަށްރަށުގައި އެކި ސްކޭލްގައި އެ މަސައްކަތް ކުރަންޖެހޭ.

އެހެންވީމާ، މިއަހަރު އަޅުގަނޑު ކަނޑައަޅާފައި އޮންނާނެ، ޕީ.އެސް.އައި.ޕީ.ގެ ތެރެއިން އަލަށް ފަށާ މަޝްރޫޢުތަކުގެ ތެރޭގައި ގެދޮރުވެރިކަމުގެ މަޝްރޫޢުތަކަށް އެންމެ އިސްކަންދިނުމާއެކީ، ތަޢުލީމީ، ޞިއްޙީ ދާއިރާގެ މަޝްރޫޢުތަކަށް ދެން އެންމެ އިސްކަން ދިނުމަށްފަހު، ކުރިއަށް ގެންދާނީ މަގުތަކާ ގުޅިފައިހުރި މަސައްކަތްތައްކަން. އެއީ، ފެނާއި ނަރުދަމާ ނެތް ރަށްރަށުގައި، ފެނާއި ނަރުދަމާ ޤާއިމުކުރުން. އެއަށްފަހު މަގުތައް ހެދުން. މި ރަށުގައި މިހާރު މިއޮތީ މަގުހެދުމާ ހިސާބަށް އައިސްފައި. އެހެންވީމާ، އެ ތަރުތީބުގެ ތެރެއިން މަގުހެދުމުގެ މަޝްރޫޢު، އަދި މަގުހެދުމަށްޓަކައި އަޅުގަނޑު ވީ ވަޢުދު ފުއްދާނެ ވާހަކަ ދަންނަވަން. މި އަހަރާއި މި އަންނަ އަހަރު، މި ދެ އަހަރުގެ ބަޖެޓް އަޅުގަނޑުމެން ތަރުތީބުކޮށްފައި މިއޮތީ، މިގޮތަށް ވެފައިހުރި ވަޢުދުތަކުގެ ޢަމަލީ މަސައްކަތް ކުރުމަށް. އެހެންވީމާ، އެ ޔަޤީންކަން ވެސް އަޅުގަނޑު ހަމަ ތިޔަބޭފުޅުންނަށް ވަރަށް ޔަޤީންކަމާ އެކީގައި ދެން.

އާދެ، މި ރަށުގެ ވަރަށް ބޮޑު ސަރަޙައްދެއް އެބައޮތް މަސް ޕްލާންޓް، ނޫނީވިއްޔާ ކޯލްޑް ސްޓޯރޭޖް މަޝްރޫޢަކަށް، އަމިއްލަ ކުންފުންޏަކަށް ދެވިފައި އޮތް ތަނެއް. ވަރަށް ގިނަ ދުވަސްވެފައި. އެހެންނަމަވެސް، ނުނިމި އޮތް މަޝްރޫޢެއް. އެންމެ ފުރިހަމަ ކަމަކަށް ވާނީ، އެ މަޝްރޫޢު ނިމި، އޭގެ ފައިދާ، މި ރަށާއި މަސްވެރި އިންޑަސްޓްރީއަށް، މަސްވެރިކަމަށް ލިބިގެންދިޔުން. ކޮންމެގޮތެއްވިޔަސް، ރަށަށް އެންމެ ރަނގަޅު ފައިދާއެއް އެ ބިމުން ވާންޖެހޭނެ، އާމްދަނީގެ ގޮތުން. އަޅުގަނޑު ގަބޫލުކުރަނީ އެ މައްސަލައަކީ، ހެދިފައިވާ އެގްރީމަންޓްގެ ތެރެއިން އެންމެ ރަނގަޅު ގޮތަކަށް، ކޮންމެވެސް ދާއިމީ ޙައްލެއް އަންނަންޖެހޭނެ މައްސަލައެއްގެ ގޮތުގައި.

އެހެންވީމާ، އެ ބިމަކުން މިހާރު އެކަށީގެންވާ ގޮތަކަށް، ކައުންސިލަށް އާމްދަނީއެއް ނުލިބޭ. ދެންމެ ކައުންސިލުގެ ރައީސް އެ ފާހަގަކުރެއްވި ގޮތަށް، އަޅުގަނޑު ޔަޤީންކަން ދިނިން، އިރާދަކުރެއްވިއްޔާ، ކައުންސިލަށް އަދި ރައްޔިތުންނަށް އެ ބިމުން އެންމެ ރަނގަޅު ނަފާއެއް، ނޫނީވިއްޔާ އާމްދަނީ ލިބޭގޮތް ހަދައިދޭނެ ކަމަށް. އަދި ޙަޤީޤަތުގައި އެންމެ ރަނގަޅު އައުޓްކަމަކަށް، ނޫނީވިއްޔާ ނަތީޖާއަކަށް ވާނީ، އެ މަޝްރޫޢަށް ދާއިމީ ކޮންމެވެސް ރަނގަޅު ޙައްލެއް އައުން. އެހެންވީމާ، އެ މަސައްކަތް އެގޮތުގައި ކުރިއަށް ގެންދާނެ ވާހަކަ، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކަށް އެކަން ހަމަޖައްސާނެ ކަމުގެ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން.

ހަމައެއާއެކީގައި، ދެން ހުރީ ތަޢުލީމީ ދާއިރާއާއި، ޞިއްޙީ ދާއިރާއާއި އަދި މަގުހެދުމާއި، މިފަދަ ކަންކަމަށްފަހު، ކުޅިވަރުގެ މަސައްކަތްތަކަށް، ކުޅިވަރުގެ ދާއިރާއިން ވެފައިވާ ވަޢުދުތައް ފުއްދުން. އާދެ، މި އަހަރުގެ ބަޖެޓުގެ ތެރެއިން އަލަށް ފަށާ މަޝްރޫޢުތަކުގެ ތެރޭގައި، މިގޮތަށް މި ރަށުގައި ވެސް އަދި ފެށިފައި ހުރި މަޝްރޫޢުތައް ކުރިއަށްގެންދިޔުމާ އެކީގައި، މި ދެ ރަށުގައިވެސް ކުޅިވަރުގެ އެކިއެކި ވަސީލަތްތައް ޤާއިމުކުރުމާއި، ކުޅިވަރު ކުޅުމަށްޓަކައި ޤާއިމުކުރަންޖެހޭ ވަސީލަތްތައް ޤާއިމުކުރުމަކީ، އަޅުގަނޑު ކުރަން ނިންމާފައިވާ ކަންތައްތައް ކަމަށް ދަންނަވާލަން.

އަދި ހަމައެއާއެކީގައި، އާމްދަނީ އިތުރުކުރުމަށްޓަކައި، އިޤްތިޞާދީ ގޮތުން ކުރިއަށް ގެންދިޔުމަށްޓަކައި އަޅުގަނޑު ވަރަށް އިސްކަމެއް ދެން، ކައުންސިލުތަކަށް އާމްދަނީ ލިބޭނެ ކަންކަން ފަހިކޮށްދޭން. އަޅުގަނޑުމެން ވާނެ ފުރުޞަތު ހުޅުވައިލާފައި، ރާއްޖޭގެ ވަކި ރަށްތަކެއް، ފަޅުރަށްތަކެއް ކަނޑައަޅާފައި، ކައުންސިލުތަކުން އެ ތަންތަން ނަގައިގެން، އާމްދަނީ ހޯދުމަށް ވެސް.

މި ރަށުގެ އިޚްތިޞާޞްގެ ތެރޭގައި އޮތް ފަޅުރަށް ބޭނުންކުރުމަށްޓަކައި އަޅުގަނޑު ކެމްޕެއިންގައި ވެސް ދެންނެވިފަދައިން، ޤާނޫނީ ހަމަތަކުގެ މަތީން، އޭގެ އެންމެ ރަނގަޅު ޙައްލެއް ގެނައުމުގެ މަސައްކަތްކޮށްދޭނެ ވާހަކަ ދެންނެވިން. މިހާރު ވާނީ އެކަމަށް ވަރަށް ގިނަ މަސައްކަތްތައް ކުރަން ފެށިފައި. އޭ.ޖީ.ގެ ލަފާ ހޯދި އަދި އެންމެ ރަނގަޅު ގޮތެއްގައި ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް، އިންޓަރގްރޭޓަޑް ޓޫރިޒަމަށް އެ ފުރުޞަތު ހުޅުވައިލެވޭނެ ގޮތްތައް ފަހިކުރުމުގެ މަސައްކަތް ހިނގާކަން އަޅުގަނޑު ދަންނަވާލަން. އަޅުގަނޑު އެއްގޮތަކަށްވެސް ހަނދާނެއް ނުނެތޭ، އަޅުގަނޑު ވީ ވަޢުދުތަކެއް. އެހެންވީމާ، ރައްޔިތުން އެދޭގޮތަށް، ޓޫރިޒަމްގެ ދާއިރާއިން ނަފާ ލިބޭނެ ފަދަ ގޮތަކަށް، އެކަން ހަމަޖައްސައިދިނުމުގެ މަސައްކަތް ކޮށްދޭނެކަމުގެ ޔަޤީންކަން އަޅުގަނޑު ދެން ތިޔަބޭފުޅުންނަށް.

އާދެ، އެހެންވީމާ، މިގޮތަށް ހަމަ ދެން ހުރި ހުރިހާ ކަމެއް ވެސް. ސައުވީސް ގަޑިއިރު ޚިދުމަތް ލިބޭގޮތަށް ޞިއްޙީ މަރުކަޒު ބަދަލުކުރުމާއި، ތަޢުލީމީ ގޮތުން ސްކޫލުގެ ފެސިލިޓީތައް ރަނގަޅުކޮށްދިނުމާއި، އަދި ރަނގަޅު ފެންވަރުގެ މިސްކިތެއް ޤާއިމުކޮށްދިނުމާއި، މިއީ ހަމަ އަޅުގަނޑު ވެފައިހުރި ވަޢުދުތައް. އަދި އޭގެއިތުރަށް، އެންމެ މުހިންމު އެއް ކަމެއް ގޮތަށް، ފަހަތަށް އަޅުގަނޑު މިލީ އެންމެ މުހިންމު މަސައްކަތް. ރާއްޖޭގެ ހުރިހާ ރަށެއްގައި، ހުރިހާ ކަންކޮޅެއްގައި އެންމެ އިސްކަމެއް މިފަހަރު އަޅުގަނޑު މިދެނީ ގެދޮރުވެރިކަމަށް. މި އަހަރުގެ ބަޖެޓަކީ ގެދޮރުވެރިކަމުގެ ހައުސިންގ މަޝްރޫޢުތައް ހިންގުމުގެ ބަޖެޓެއް.

އެހެންވީމާ، މި ރަށުގައި ވެސް ހައުސިންގ ޔުނިޓް އެޅުމަށްޓަކައި މި އަހަރުގެ ބަޖެޓުގެ ތެރެއިން އަލަށް ފަށާ މަޝްރޫޢުތަކުގެ ތެރޭގައި އަޅުގަނޑު ވާނީ ކަނޑައަޅާފައި. އަޅުގަނޑު ފިނޭންސް މިނިސްޓަރަށް ދަންނަވާފައި އޮންނާނެ، މި މަހުގެ ތެރޭގައި ޖަނަވަރީ މަސް ނިމުމުގެ ކުރީގައި، އަޅުގަނޑު އެގޮތަށް ވެފައިހުރި ހުރިހާ ވަޢުދެއް، ރަށްރަށުގައި ހައުސިންގ ޔުނިޓް އެޅުމަށްޓަކައި އަޅުގަނޑު ކެމްޕެއިންގައި އިޢުލާނުކޮށްފައި ހުރި ހުރިހާ މަޝްރޫޢުތަކެއް ޓެންޑަރަށް ލައި، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބިޑަށް ހުޅުވައިލާނަން، މަސައްކަތް ކުރާނެ ފަރާތްތައް ހޯދަން.

އެހެންވީމާ، މި މަހުގެ ތެރޭގައި އިޢުލާނު ކުރެވި، އިރާދަކުރެއްވިއްޔާ އެ ޕްރޮސެސްގެ ތެރެއިން ކޮންޓްރެކްޓަރުން ހޯދި، ދެން މަސައްކަތްތައް ހަވާލުކުރެވި ކުރިއަށްދާނެ. މި ރަށުގެ ގެދޮރުގެ މައްސަލައަށް، ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫޢަކީ ވެސް ކުރިއަށްގެންދާނެ މަޝްރޫޢެއްކަން އަޅުގަނޑު ޔަޤީންކަން ތިޔަބޭފުޅުންނަށް ދެން.

އާދެ، އެހެންވީމާ، ޖުމުލަކޮށް އަޅުގަނޑު ވީ ހުރިހާ ވަޢުދެއް ފުއްދައިދޭނެކަމުގެ ޔަޤީންކަން ދެމުން، އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މި ރަށުގެ ރައްޔިތުންނަށް ވެސް އަދި މަޑަވެލިވެސް އަދި މި ދާއިރާ، މި އަތޮޅު އަދި ޖުމްލަކޮށް، މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް އަޅުގަނޑު ވީ ހުރިހާ ވަޢުދަކީ، އަޅުގަނޑު ފުއްދުމަށް ވީ ވަޢުދުތަކެކޭ. ސަމާލުކަން ދޭ ވަޢުދުތަކެކޭ. ސަރުކާރުން އެންމެ އިސްކަންދޭނީ ވަޢުދުތައް ފުއްދުމަށޭ.

އެހެންވީމާ، މި އަހަރުގެ ބަޖެޓް އަޅުގަނޑުމެން މި ހެދީ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުންގެ ފުރިހަމަ އެއްބާރުލުމާ އެކީގައި، އެ ބޭނުމުގައޭ. ވަޢުދު ފުއްދުމުގެ ބަޖެޓެއް މިއީ. ވަޢުދުތަކަށް ޢަމަލީ ސިފައިގައި ނަތީޖާ ގެނެސްދިނުމުގެ، ނެރެދިނުމުގެ ވަޢުދު ބަޖެޓެއް އެއީ. އެހެންވީމާ، މިއަހަރު ވެގެންދާނީ، ތަރުތީބުކުރެވިގެން އެކި ދާއިރާތަކުގައި، އެކި ރަށްރަށުގައި މިގޮތަށް އަޅުގަނޑު އޭރުގައި ކެމްޕެއިން ތެރޭގައި ރަށްރަށަށް ގޮސް ވީ ވަޢުދުތައް ފުއްދުމަށްޓަކައި، އަދި މެނިފެސްޓޯގައި ހިމަނާފައި ހުރި ވަޢުދުތައް ފުއްދުމަށްޓަކައި މަސައްކަތްކުރެވޭ އަހަރަކަށޭ.

އެހެންވީމާ، ޢަމަލީގޮތުން ރައްޔިތުންނަށް ނަތީޖާ ފެންނާނެ، މި އަހަރުގެ ތެރޭގައި ސަރުކާރުން ކުރިއަށް ގެންދާ މަސައްކަތްތަކުން. ހަމަ މި ރަށުގައި ވެސް އަދި ރާއްޖޭގެ ހުރިހާ ދިމާއެއްގައި ވެސް.

އަޅުގަނޑު ރަށްރަށަށް މިދަނީ އެ ވާހަކަ ރައްޔިތުންގެ ގާތުގައި ދެންނެވުމަށްޓަކައި. އަޅުގަނޑު ބޭނުންވަނީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރަން. ރައްޔިތުންގެ ގާތަށް އައިސް، ރައްޔިތުން ދައްކަވަން ބޭނުންވާ ވާހަކަފުޅުތައް އަޅުގަނޑު އަޑުއަހަން. އަދި ގެނެވޭނެ އެންމެ ރަނގަޅު ޙައްލެއް، ވިދާޅުވާ ކަންކަމުގައި ގެނެސްދިނުމަށް.

އެހެންވީމާ، މިއަދު މިފެށި ދަތުރަކީ، މިއަތޮޅުގައި އަޅުގަނޑު ނުގޮސް ހުރި ހުރިހާ ރަށަކަށް ދިޔުމުގެ މަޤްޞަދުގައި ފެށި ދަތުރެއް. އާންމުކޮށް ދާ ބޮޑެތި ހުރިހާ ރަށްތަކަކަށް މި ދަތުރަކު ނުދަން. އެއީ، ކުރިން އެ ރަށްރަށަށް ދެވިފައި ހުރީމަ. އަދި އެހެންނަމަވެސް، މި އަހަރުގެ ކޮންމެވެސް ހިސާބެއްގައި ހަމަ މި އަތޮޅުގެ، މި ހުވަދުއަތޮޅުގެ ދެ ބުރީގެ ވެސް ރަށްރަށަށް، އަޅުގަނޑު ކުރިން ގޮސްފައި ހުރި ރަށްރަށަށް ވެސް ދާނަން އިރާދަކުރެއްވިއްޔާ ވަގުތުވީވަރަކުން. ހަމަ އެގޮތަށް، ދެން ކޮންމެ ހަފުތާއަކު، ނޫނީވިއްޔާ އަޅުގަނޑަށް ވަގުތުވީވަރަކުން މަހުގެ ތެރޭގައި، ކޮންމެ މަހެއްގެ ތެރޭގައި ވެސް ވީހާވެސް ގިނަ ދުވަސްތަކެއްގައި، އަޅުގަނޑު ކުރިން ނުގޮސް ހުރި ހުރިހާ ރަށްރަށަކަށް ގޮސް ރައްޔިތުންނާ ބައްދަލުކޮށް، އެ ރައްޔިތުންނަށް ޔަޤީންކަން އަޅުގަނޑު ދޭން ބޭނުންވަނީ. އެ ރައްޔިތުންނަށް ބޭނުންވެފައި ހުރި ކަންކަމުގައި ޢަމަލީ ސިފަ ޙަޤީޤަތުގައި ވެސް ސަރުކާރުން ޖައްސައިދެމުންނޭ ދާނީ. މަސައްކަތްތައް މި ފަށަނީއޭ. ނިމެންހުރި ކަންކަމަށް ވީހާވެސް އަވަހަކަށް ޙައްލުތައް ގެނެސްދީގެން ނިންމައިދޭނަމޭ.

ވަރަށް ގިނަ މަސައްކަތްތައް އެބަހުރި ހުއްޓިފައި. މިދިޔަ ސަރުކާރުގެ ތެރޭގައި ހުއްޓިފައި ހުރިގޮތަށް އަދި ނުފެށިފައި ވެސް އެބަހުރި. އަދި ފެށިފައި، ރަނގަޅަށް ނުހިނގާ ހުރި ކަންކަން ވެސް. ދެން އޭގެ ތަފްޞީލަށް ނުދިޔަސް އެއީ، ހަމަ ތަކުރާރުކޮށް ދެއްކިފައި ހުރި ވާހަކަ. ބަޖެޓުގެ މައްސަލަކަން އެންމެ ބޮޑު މައްސަލައަކީ، މިދިޔަ އަހަރުގެ ބަޖެޓުގައި، 2024ގެ. އަޅުގަނޑުމެން ފާސްކުރި ބަޖެޓެއް ނޫންވީމާ، ކުރީ ސަރުކާރުން ނިމިގެން ދަމުން، ގަސްދުގައި އެއްވެސް ކަމެއް ނުކުރެވޭ ގޮތަށް ބަޖެޓް ހައްދަވާފައި ދެއްވާފައި ވަޑައިގަތީ. އެހެންވީމާ، އެއްވެސް ކަމެއް ނުވެ އެއޮތީ ބޭނުންވާ ގޮތަށް.

އެހެންނަމަވެސް، އެ ދަތިކަމުގެ ތެރެއިން ވެސް ޤައުމު ދަރަނިވެރިޔަނުދީ، ޑިފޯލްޓްވިޔަނުދީ، އިޤްތިޞާދު ނަގާ ކޮޅަށްޖަހައި، އެއްވެސްވަރަކަށް ފައިސާ ޗާޕުނުކޮށް، އަޅުގަނޑުމެންގެ ދަރަނިތައް ދައްކަމުން، އެތެރޭގެ އެކި ކަހަލަ ލޯކަލް ދަރަނިތައް ވެސް ދައްކަމުން އަޅުގަނޑުމެން މިއައީ.

މި ހިނގާ ހަފްތާތެރޭގައި ވެސް ހަމަ މިގޮތުން، ސަރުކާރުން ފިނޭންސް މިނިސްޓްރީން އެކި ފަރާތްތަކަށް، ސަރުކާރުން ކޮށްފައި ހުރި މަސައްކަތްތަކަށް، ފަސްސަތޭކަ މިލިއަނަށްވުރެ ގިނަ ރުފިޔާ، ދިވެހި އެކިއެކި ކުންފުނިތަކަށް އެބަ ދޫކުރަން. އެއީ، މިދެންނެވިހެން، ސަރުކާރުން އެކި މީހުން ލައްވައި ކުރުވާފައި ހުރި ކަންކަމަށް، ކުދިކުދި ކުންފުނިތަކާއި، ކުދި އަދި މެދު ފަންތީގެ ކުންފުނިތަކަށް ދޫކުރަމުންދާނެ. އަދި މިދިޔަ މަސްތަކުގެ ތެރޭގައި ވެސް އެކަން ވާނެ ކޮށްފައި. އަދި މި ޖަނަވަރީ އަދި ފެބުރުވަރީ މަސްތެރޭގައި، ކުރީ ސަރުކާރުގެ ދުވަސްވަރު، ފެނަކަ، އާރު.ޑީ.ސީ.، އެމް.ޓީ.ސީ.ސީ، ވެމްކޯ، މިހެން ކިޔާނެކަމެއް ނެތް، މިކަހަލަ ކުންފުނިތައް، އާދައިގެ ކުދިކުދި ކުންފުނިތައް ލައްވައި، މިފަދަ ރަށްރަށުގައި ހުންނަ ކުދިކުދި ކުންފުނިތައް ލައްވައި މަސައްކަތް ކުރުވާފައި ނުދީ ހުރި ފައިސާގެ ބޮޑު ޢަދަދެއް، ނުދެވި އެހެރީ. އެ ކުންފުނިތައް މިސްމެނޭޖް ކޮށްފައި އޮތްލެއް ބޮޑުކަމުން. އޭގެ ވެސް ބޮޑު އިންސައްތައެއް މި ބަލަނީ، މި ދެ މަސްތެރޭގައި، ރޯދަމަސް އަންނަންވާއިރަށް، ޖަނަވަރީ، ފެބުރުވަރީ މަސްތެރޭގައި ދީ ނިންމޭތޯ.

އެހެންވީމާ، އަޅުގަނޑުމެން މި ކުރާ މަސައްކަތްތައް ކުރަނީ މި ވިސްނުމުގައި. ޤައުމު ދަރަނިވެރިވިޔަ ނުދީ، އެއްވެސްވަރަކަށް ފައިސާ ޗާޕުނުކޮށް، ފައިސާގެ އަގު ހިފަހައްޓައިގެން، ރައްޔިތުންނަށް ދޭންހުރި ފައިސާ ދެމުން، ރާއްޖެއިން ބޭރަށް ދައްކަންޖެހޭ ފައިސާ ވެސް ދައްކަމުން، ތަރައްޤީގެ ކަންކަން ގެނެސްދިނުމަށް. އަދި އެއީ، އަދި އެއްވެސް ޤައުމަކަށް ވަކިން ގޮސް ހުސްވެ، ބަރޯސާނުވެ، ދިވެހިރާއްޖެ އިސްކޮށްގެން. އަޅުގަނޑުގެ ސިޔާސަތަކީ، މޯލްޑިވްސް ފަސްޓް ޕޮލިސީ. ޕްރޯ މޯލްޑިވްސް ޕޮލިސީ. ރައްޔިތުންނަށް، ދިވެހި ރައްޔިތުންނަށް، ދިވެހިރާއްޖެއަށް ފައިދާވަންޏާ، އަޅުގަނޑުމެންގެ މިނިވަންކަމާއި އިސްތިޤްލާލު ހިމާޔަތްވާ ކަމުގައިވަންޏާ، އަޅުގަނޑަށް މުހިންމީ، ރާއްޖެއަށް ފައިދާވާ ކަންކަން ކޮށްދޭ ހުރިހާ އެންމެންނާއެކީ ގާތް ގުޅުން ބާއްވަން. އެއީ، އެންމެ ފުރަތަމަ ދުވަހު، ކެމްޕެއިންގެ ތެރޭގައި އަޅުގަނޑު އިޢުލާނުކުރި ސިޔާސަތު. މިއަދާ ހަމައަށް އައިއިރުގައި ވެސް، ސަރުކާރުގެ ސިޔާސަތަކަށް ނާދޭ އެއްވެސް ބަދަލެއް. ދިވެހިރާއްޖެއަށް ފައިދާވާ ކަމެއް ވާކަމަށްވަންޏާ، ތިޔަ ލޮބުވެތި ރައްޔިތުންނަށް، ރަށްރަށަށް ބޭނުންވާ ކަންކަން ވާކަމުގައިވަންޏާ، އަޅުގަނޑުމެންގެ މިނިވަންކަން ޔަޤީންވާ ކަމުގައިވަންޏާ، އަޅުގަނޑުމެންނަށް އެހީތެރިކަންދޭ ހުރިހާ ޤައުމުތަކާ އެކީގައި ގާތް ގުޅުން ބޭއްވުމަކީ، އަޅުގަނޑު ހިތުން ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތް. އެހެންވީމާ، އެ ސިޔާސަތުގެ ދަށުން އަޅުގަނޑުމެން ހުރިހާ ކަމެއް ބައްޓަންކުރަމުން މިއަދާ ހަމައަށް މިއައީ. އަދި ކުރިއަށް އޮތް ތާނގައި ވެސް ކުރާނީ.

އާދެ، އެހެންވީމާ، ނިންމާލަމުން ވެސް، ހޯނޑެއްދޫގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ދޭ ޔަޤީންކަމަކީ، ރަށުގެ ތަރައްޤީއަށް ބޭނުންވެފައި މިހިރަ ހުރިހާ ކަމެއް، ދެންމެ އަޅުގަނޑު މި ފާހަގަކުރި ކަންކަމާއި، އަދިވެސް ކުރިއަށް އޮތް ތަނުގައި ބޭނުންވާނެ ކަންކަމުގައިވެސް ވަރަށް ބޮޑަށް ސަމާލުކަން ދީގެން، އެކަންކަން ކޮށްދޭނެ ވާހަކަ. ދިމާވެފައި މިހިރަ، ޙައްލުނުވެފައި ހުރި ކަންކަން ވެސް ޙައްލުކޮށްދިނުމުގައި، ވަރަށް އިސްކަންދޭނެ ވާހަކަ. އެ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް ދެން.

އަދިވެސް އެއްފަހަރު، ތިޔަބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން، އަޅުގަނޑުމެންނަށް ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، އަދި ތިޔަ ބަހައްޓަވާ ގާތްކަމަށްޓަކައި. އަދިވެސް އުއްމީދުކުރަނީ، މާލަސްތަކެއް ނުވެ، މި ދައުރުގެ ތެރޭގައި ކޮންމެވެސް ހިސާބަކުން އަނެއްކާވެސް މި ރަށަށް މިގޮތަށް، މި ފެށޭ މަޝްރޫޢުތައް ނިމިގެން ހުޅުވަން ނަމަވެސް، އަދި އެ ނޫން ގޮތަކުން ނަމަވެސް، ތިޔަބޭފުޅުންގެ ގާތަށް އާދެވޭނެ ކަމަށް. ވަރަށް ބޮޑަށް ޝުކުރިއްޔާ!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.