ވިޔަފާރީގެ ޙަރަކާތްތަކުގައި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުމާއި ޙިއްޞާ އިތުރުކުރެއްވުމަށްޓަކައި ސަރުކާރުން ކުރިއަށް ގެންދަވާ ޕްރައިވަޓައިޒޭޝަން ޕްރޮގްރާމާބެހޭ މަޢުލޫމާތު ޕްރައިވަޓައިޒޭޝަން ކޮމިޓީން މިއަދު ދެއްވައިފިއެވެ.

އެ ކޮމިޓީގެ ފަރާތުން ނޫސްވެރިންނަށް މި މަޢްލޫމާތު ދެއްވުމަށް މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޕްރެސް ކޮންފަރެންސްގައި، ސަރުކާރުގެ ޕްރައިވަޓައިޒޭޝަން ޕްރޮގްރާމްގައި ހިމެނޭ މައިގަނޑު ދެބައިގެ މައްޗަށް ކޮމިޓީގެ ޗެއަރމަން މަޙްމޫދު ރާޒީ ބައްލަވާލެއްވިއެވެ. އެއީ، ސަރުކާރުގެ ކުންފުނިތަކުގައި ހުރި ސަރުކާރުގެ ޙިއްސާގެ ބައެއް ޢާންމުންނަށް ވިއްކެވުމާއި، ޢާންމު ޚިދުމަތްތަކާއި، އެސެޓްސް ތަރައްޤީކުރުން ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން ކުރިއަށް ގެންދެވުން ކަމުގައި ރާޒީ ވިދާޅުވިއެވެ.

މިގޮތުން، މި ޕްރޮގްރާމްގެ ދަށުން މިހާރު ކުރިއަށް ގެންދަވާފައިވާ މަސައްކަތްތަކާއި، ކުރިއަށް ގެންދަވާ މަސައްކަތްތަކާބެހޭ މަޢުލޫމާތު، ޕްރައިވަޓައިޒޭޝަން ކޮމިޓީން މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ޙިއްސާ ކުރެއްވިއެވެ. އަދި ނޫސްވެރިން ދެންނެވި އެކި ސުވާލުތަކަށް ކޮމިޓީގެ ބޭފުޅުން ޖަވާބު ދެއްވިއެވެ.

ޕްރައިވަޓައިޒޭޝަން ކޮމިޓީއަކީ، ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ 49 ވަނަ މާއްދާއިން ލިބިދޭ ބާރުގެ ދަށުން ހަދައި ހިންގަން ފަށާފައިވާ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް 13 ވަނަ ބާބު އިތުރުކުރައްވައި އެ ބާބުގެ 4 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އުފައްދަވާފައިވާ ކޮމިޓީއެކެވެ.