بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى خاتم الأنبياء والمرسلين، وَعلـى آلـه وأصـحَابِه أجمـعـين.

އާދެ، މިއަދު ހެނދުނު އެތަނެއް ހުޅުވުމުގެ އުފާ އަޅުގަނޑަށް ލިބުނު ތަނަކީ، ރާއްޖޭގައި ޢަދްލު އިންޞާފު ޤާއިމުކުރާ ވުޒާރާގެ އާ ޢިމާރާތް. އެއަށްފަހުގައި، މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، މި ބޭއްވޭ އުފާވެރި އަނެއް ޖަލްސާއަކީ، މާލޭގެ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ނިންމުނު ދެވަނަ ފިޔަވަހީގެ ނިމުން ފާހަގަކުރުމުގެ ޖަލްސާ. ޝައްކެއްނެތް، މިއިން ކޮންމެ ކަމެއް ދައްކައިދެނީ، އަޅުގަނޑުމެންގެ ޤައުމު، މި ކުޑަކުޑަ ދިވެހިރާއްޖެ ދަތުރުކުރަމުންދާ މިޞްރާބު. ތަރައްޤީގެ މަގުގައި އަޅުގަނޑުމެން އަޅަމުންގެންދާ ފިޔަވަޅުތައް. އެގޮތަށް އެ ފިޔަވަޅުތައް އެޅުމަކީ، މުޅި ރާއްޖޭގެ ކުރިއެރުމަށާއި ތަރައްޤީއަށް، ރައްޔިތުންގެ ލުއިފަސޭހައަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއް. އެހެންކަމާއެކު، މިއަދު އަޅުގަނޑު މި ޖަލްސާއަށް ޙާޟިރުވެ، ތިޔަބޭފުޅުންގެ ކުރިފުޅުމަތީގައި ހުއްޓި އަދި މި ޖަލްސާގެ ކުރިން މޯލްޑިވްސް ޕޯޓްސް އޮތޯރިޓީގެ އާ ޢިމާރާތުގެ ބިންގާ އަޅުގަނޑު އަޅައިދިނުމަކީ، އަޅުގަނޑަށް ލިބުނު ވަރަށްވެސް ޚާއްޞަ އުފަލެއް.

އާދެ، މި މަޝްރޫޢާ ދޭތެރޭގައި މާގިނަ ވާހަކަތަކެއް ދައްކާކަށެއް ނުޖެހޭ. ތިޔަބޭފުޅުންނަށް އެ މަޝްރޫޢާބެހޭ ތަފްޞީލްތައް މިހާރު ތިޔަވަނީ ލިބިވަޑައިގެންފައި. މިނިސްޓަރ އޮފް ޕަބްލިކް ވާރކްސް އެންޑް ލޭބަރުގެ ވާހަކަފުޅުގައިވެސް މި މަޝްރޫޢުގައި ހިމެނިފައިވާ ކަންތައްތަކުގެ ވާހަކަ ވިދާޅުވި. އަދި އެ މަޝްރޫޢުގެ ބޭނުމާއި، އެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްދިޔަގޮތުގެ ތަފްޞީލު ތިޔަބޭފުޅުންނަށް ދެއްވި. އަދި އޭގެފަހުން، މޯލްޑިވްސް ޕޯޓްސް އޮތޯރިޓީގެ މެނެޖިންގ ޑިރެކްޓަރ އަލްފާޟިލް ޢަލީ ޢަބްދުﷲގެ ވާހަކަފުޅުގައިވެސް މި މަޝްރޫޢުގެ ވާހަކަޔާއި އަދި ޕޯޓްސް އޮތޯރިޓީގެ މަސައްކަތް ހުރިގޮތާއި، ޕޯޓްސް އޮތޯރިޓީގެ މަސައްކަތް އިތުރަށް ހަލުވިކޮށް، ހަރުދަނާކުރުމަށްޓަކައި ކުރައްވަންޖެހޭ މަސައްކަތްތަކާއި އަދި އެކަންތައްތައް ކުރިއަށްދިޔުމުގައި ދިމާވެފައިވާ އަދި ދިމާވަމުންދާ ދަތިތަކާއި، މި ހުރިހާ ކަމެއް އަޅުގަނޑުމެންނަށް ހާމަކޮށްދެއްވައިފި.

އާދެ، އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، ރާއްޖޭގެ ބަނދަރުތައް ތަރައްޤީ ކުރުމަކީ، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމުގައި ވަރަށް މުހިންމު ކަމެކޭ ދަންނަވާލުން. އާދެ، ރާއްޖޭގެ ބަނދަރުތައް އެއީ، ހަމައެކަނި މާލޭގެ ބަނދަރެއް ނޫން. ނުވަތަ މާލޭގައި ހިމެނިފައިވާ ބަނދަރުތަކެއް ނޫން. މާލޭގެ ބަނދަރަކީ ޝައްކެއްނެތްގޮތުގައި، ރާއްޖޭގައި އޮތް އެންމެބޮޑު ބަނދަރު. ޒަމާނުއްސުރެ އެންމެ ގިނަ ޢަދަދަކަށް ބޯޓުފަހަރު އައިސް، އެންމެ ގިނަ ޢަދަދަކަށް މުދާބާލަންޖެހޭ، އަދި މުސްތަޤްބަލްގައިވެސް އެކަން އެހެންވާނެކަމަށް ލަފާކުރެވޭ ބަނދަރު. މާލޭގެ އިތުރަށް، ރާއްޖެތެރޭގެ ރަށްރަށުގައިވެސް ހުންނަ ތަފާތު ބަނދަރުތައް އެއީ، ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމުގައި މުހިންމު ބައިތަކެއް އަދާކުރާނެ ތަންތަން. އަދި މިހާރުވެސް އަދާކުރަމުންގެންދާ ތަންތަން. އެ ތަންތަން ތަރައްޤީކުރުމަށްވެސް ސަރުކާރުންދޭ އަހަންމިއްޔަތާއި، ކުރާ ޚަރަދު، ތިޔަބޭފުޅުންނަށް ވިސްނިވަޑައިގަންނަވާނެ. މިނިސްޓަރ އޮފް ޕަބްލިކް ވާރކްސް އެންޑް ލޭބަރގެ ވާހަކަފުޅުގައި ކޮންމެވެސްވަރަކަށް އެވާހަކަ ވިދާޅުވެލެއްވި. ރާއްޖެތެރޭގެ ރަށްރަށުގެ ފަޅުގެ ދަތިކަން ހުރިގޮތުން، ފަޅުފުންކުރުމުގެ މަސައްކަތް، އެ މިނިސްޓްރީން ގެންދަވާ ވާހަކަ. މިހާރު 17 ރަށެއްގެ ފަޅު ފުންކުރައްވައި ނިމިފައިވާ ވާހަކައާއި އަދި 9 ރަށެއްގެ މަސައްކަތް މިހާރު ހިންގަވަމުން ގެންދަވާ ވާހަކަ އޭނާ ވިދާޅުވި. އެހެންކަމުން، "ބަނދަރު" އެ ލަފްޒު އަޅުގަނޑު މާނަކުރަނީ ހަމައެކަނި މާލޭގެ ބަނދަރަކަށް ނޫން. މާލޭގެ ބަނދަރާއި، ރާއްޖެތެރޭގެ ބަނދަރުތަކަށް ކަމުގައި ދަންނަވަންޖެހޭ.

އާދެ، ރާއްޖެތެރޭގެ ބަނދަރުތައް ތަރައްޤީކުރުމަކީ، ރާއްޖޭގެ ކުރިއެރުމަށް، ރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއަށް ވަރަށް ބޭނުންތެރިކަމެއް. އަޅުގަނޑުމެންނަށް ބޭނުންވާ ހުރިހާ އެއްޗެއްހެން ގާތްގަނޑަކަށް ރާއްޖެއިން ބޭރުން އިމްޕޯޓް ކުރަމުން، ރާއްޖެއަށް އެތެރެކުރަމުން ގެންދާ ޤައުމެއް ރާއްޖެއަކީ. އެހެންކަމުން، އަޅުގަނޑުމެން އެގެންނަ މުހިންމު ބޭނުންތަކެތި ފަސޭހައިން ބަނދަރުތަކަށް ބޭލި، އަދި ކަމާބެހޭ ފަރާތްތަކާ ޙަވާލުކުރެވި، އެ ތަކެތި ޢާންމު ރައްޔިތުންގެ އަތްމައްޗަށް އެރުން އެއީ، ވަރަށް ހަލުވިކޮށް ހަރުދަނާގޮތެއްގައި ކުރަންޖެހޭނެ ކަމެއް. އެ ކަންތައް ފަސޭހަގޮތެއްގައި ހަމަޖެހިފައި ނެތްނަމަ، އޭގެ ސަބަބުން ޢާންމު ރައްޔިތުންގެ ދިރިއުޅުމަށް ކުރިމަތިވާނެ ދަތިތަކާއި، ވިޔަފާރިވެރިންނަށް ކުރިމަތިވާނެ މައްސަލަތަކާއި، ރާއްޖޭގެ އިޤްތިޞާދަށް އެޅޭނެ ހުރަސްތައް އެއީ، އަޅުގަނޑުމެން މިއަދު ޤަބޫލުކުރަން ޖެހިފައިވާ ކަންތައްތަކެއް.

އާދެ، މާލޭގެ ބަނދަރު ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތަކުގެ ތެރޭގައި، ތަފާތު ކަންތައްތަކެއް ވަނީ ހިމެނިފައި. އޭގެތެރެއިން އެއްބަޔަކީ، މާލޭގެ ވިޔަފާރި ބަނދަރު އިތުރަށް ތަރައްޤީ ކުރުމަށް ބޭނުންވާ ކަންތައްތައް. އާދެ، އިތުރަށް ބޭނުންވާ ތަންތަން ހެދުމާއި، އިތުރަށް ބޭނުންވާ އިކްއިޕްމަންޓް ނުވަތަ ސާމާނު ހޯދުން. އެއީ، އޭގެ ވަރަށް މުހިންމު ބައެއް. އަޅުގަނޑުމެންނަށް ދެންމެ އެ ވާހަކަ އިވިގެން ހިނގައްޖެ. ހަމަ އެއާއެކީގައި، މާލޭގެ ބަނދަރު ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ އެންމެ މުހިންމު އަނެއް މަސައްކަތަކީ، މާލޭގެ ހުޅަނގު ދެކުނުގައި މިހާރު ހެދިފައިވާ ބަނދަރު ހެދުން. އެބަނދަރަކީ، ރާއްޖެތެރޭގެ މީހުންނަށް ފަސޭހަކޮށްދިނުމަށްޓަކައި ހެދިފައިވާ ބަނދަރެއް. ރާއްޖެތެރެއިން މާލެއަށް އަންނަ ދޯނިފަހަރު، އެ ބަނދަރަށް ވަދެ މުދާބާލައި، މުދާއަރުވައި، އެ ބަނދަރުގައި އެދޯނިފަހަރު އަޅާފައި ބޭއްވުމަށްޓަކައި ސަރުކާރުން ހަދައިދީފައިވާ ބަނދަރެއް އެއީ. އެ ބަނދަރުގެވެސް އެ މަސައްކަތްތައް މިހާރުވަނީ ނިމިފައި. އާދެ، އެމުދާ ބާލަން ބޭނުންވާ ފާލަން ހެދުމާއި، ކަނޑުތޮށިލުމާއި، ބަނދަރު ފުންކުރުމާއި، ބަނދަރުގެ ސަރަޙައްދުގައިވާ ތަންތަން، އެ ތަންތަން ޕޭވްކުރުމާއި، މިހުރިހާ ކަމެއް ވަނީ ނިމިފައި. އެހެންނަމަވެސް، އެ ބަނދަރަށް އަދި ޢަމަލީ ސިފަ ނައިސްގެން މިއުޅެނީ ވަރަށް މުހިންމު އެހެން ކަންތައްތަކެއް އަދި ނުކުރެވި ހުރީމާ.

އާދެ، އެކަންތައްތަކަކީ، އެތާނގައި ހަދަންޖެހޭ ޢިމާރާތްތަކާއި، ފިހާރަތަކާއި، އަދި އެނޫން ފަސޭހަތައް ލިބޭނެގޮތް ހެދުން. މި ދެންނެވި ބައިތައް އެއީ، މާލޭ ޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގައި، ބޭރުގެ އެހީ ލިބިގެން ކުރުމަށް ހަމަޖެހިފައިވާ ކަންތައްތަކެއް ނޫން. ދެވަނަ ފިޔަވަހީގައިވެސް މިހާތަނަށް 13 މިލިއަނަށްވުރެ ގިނަ ޢަދަދަކަށް ޑޮލަރު ޚަރަދުވެގެން ހިނގައްޖެ. އަދި ސަރުކާރުގެ ބަޖެޓުންވެސް ވަރަށް ގިނަ ޢަދަދަކަށް ދިވެހި ފައިސާ ޚަރަދުވެގެން ހިނގައްޖެ. އެހެންނަމަވެސް، މި ދެ ފިޔަވަހީގައި ހިމެނިފައިވާ މަސައްކަތްތަކެއް ނޫން، ކުރިން މިދެންނެވި މަސައްކަތްތަކަކީ. އެއީ، އެތަންތާނގައި ޢިމާރާތްތައް ހެދުން. އެކަންތައްތައް ވަނީ ފަސްކުރެވިފައި. އެހެންނަމަވެސް، ސަރުކާރުން މިހާރު ގަޞްދުކުރަނީ، ކޮންމެވެސް ގޮތަކުން ފައިސާ ހޯދައިގެން އެތަންތަންވެސް ވީހާ އަވަހަކަށް ނިންމޭތޯ ބަލަން. އެ ތަންތަން ނިމުމުން، މާލޭގެ ހުޅަނގު ދެކުނު ފަރާތު ބަނދަރުގެ ފުރިހަމަ ބޭނުންކުރެވެން ފަށާނެ. އާދެ، އެދުވަސްވެސް އޮތީ މާދުރެއްގައި ނޫންކަމަށް އަޅުގަނޑު ޔަޤީންކުރަން. އެހެންކަމުން، މިއަދު އެ މަޝްރޫޢެއްގެ ނިމުން އަޅުގަނޑުމެން މި ފާހަގަކުރާ މާލޭގެ ބަނދަރު ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ނިމުމުން، އަޅުގަނޑުމެންގެ ޤައުމަށް ލިބެންޖެހޭ ފައިދާތަކާއި ކުރިއެރުން، މާލަހެއްނުވެ އިރާދަކުރެއްވިއްޔާ ލިބެން ފަށާނެ.

އާދެ، ރާއްޖޭގެ އިޤްތިޞާދު ކުރިއަށް ގެންދިޔުމަށް، އަދި ރާއްޖޭގެ އިޖްތިމާޢީ ތަރައްޤީ ކުރިއަށް ގެންދިޔުމަށްޓަކައި އަޅުގަނޑުމެން މި މަސައްކަތްތައް މިހެން ކުރަމުންދާއިރު، ވިސްނަންޖެހޭ ވަރަށް މުހިންމު ނުކުތާއެއް އެބައޮތް. އެއީ، މިފަދަ ކަންތައްތައް ކުރިކަމުގައިވިޔަސް، ޢިމާރާތްތައް ހެދިކަމުގައިވިޔަސް އަދި ތަނަށް ބޭނުންވާ ސާމާނު، އަގުބޮޑު ސާމާނު ހޯދިކަމުގައިވިޔަސް، އެ ކަންތައްތައް ހިންގޭނީ، ހިންގުމަށް އެކަށީގެންވާ މީހުން ތިބެގެންކަން. އާދެ، މި ވާހަކަވެސް މޯލްޑިވްސް ޕޯޓްސް އޮތޯރިޓީގެ ޑިރެކްޓަރުގެ ވާހަކަފުޅުގައި، ވަރަށް ސާފުކޮށް ވިދާޅުވެދެއްވައިފި. އެހެންކަމުން، އޭގެ ތަފްޞީލަކަށް އަޅުގަނޑު ދާކަށްނެތިން.

އަޅުގަނޑު ދަންނަވާލަން ބޭނުންވާ ނުކުތާއަކީ، ހިންގުމުގެ ހުނަރުވެރިކަން އެއީ، އަޅުގަނޑުމެން ދަސްކުރަންވެއްޖެ ފަންނެކޭ ދަންނަވާލުން. ހިންގުމަކީ ނުވަތަ ޢާންމު ތަންތަން ހިންގުމަކީ، ޕަބްލިކް އެޑްމިނިސްޓްރޭޝަނަކީ، ވަރަށް ޚާއްޞަ ފަންނެއް. ދުނިޔޭގައި އެ ފަންނު ކިޔަވައިދޭ ތަންތަން ޤާއިމުވެފައި އެބަހުރި. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ދާދިފަހުން އެކަހަލަ ތަނެއްވަނީ ހުޅުވިފައި. އާދެ، މޯލްޑިވްސް ސެންޓަރ ފޮރ މެނޭޖްމެންޓް އެންޑް އެޑްމިނިސްޓްރޭޝަން، އެމް.ސީ.އެމް.އޭ. މިފަދަ ތަންތަން ހުރުމުގެ ބޭނުމަކީ، ކަންތައްތައް ހިންގުމުގެ ހުނަރުވެރިކަން މީހުންނަށް ޙާޞިލްކޮށްދިނުން. އެކަމާބެހޭ ތަމްރީނުތައް މީހުންނަށް ލިބިދިނުން. އެފަދަ ހުނަރުވެރިކަން އަޅުގަނޑުމެން ޙާޞިލްކޮށްގެން ނޫނީ އަދި އެފަދަ ތަމްރީނުތަކާއި ތަޖުރިބާތައް އަޅުގަނޑުމެންނަށް ލިބިގެން ނޫނީ، އަޅުގަނޑުމެންނަށް ލިބިފައިވާ ފަސޭހަތަކުގެ ބޭނުމެއް ފުރިހަމައަކަށް ނުކުރެވޭނެ. އެކަން ކުރަންވީ ހަމައެކަނި ސަރުކާރު ހިންގުމުގެ ދާއިރާގައެއް ނޫން. އަމިއްލަ ފަރާތްތަކުންވެސް މެނޭޖްމަންޓަށް، އެޑްމިނިސްޓްރޭޝަނަށް، ހިންގުމަށް ވަރަށް ޚާއްޞަ އަހަންމިއްޔަތެއް މިއަދު ވަނީ ދެއްވަން ޖެހިފައި. އަމިއްލަ ވިޔަފާރިވެރިން، ނުވަތަ އެކިއެކި ވިޔަފާރީގެ ޙަރަކާތްތައް ހިންގަވާ ފަރާތްތަކުންވެސް ބޭނުންކުރައްވަން މިވަގުތު މަޖުބޫރުވެފައި ވަނީ ހިންގުންތެރިކަމުގެ ހުނަރުވެރިކަން ލިބިފައިވާ މީހުން. އެހެންވީމާ، އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، އަޅުގަނޑުމެން މިހާރު އެންމެ ބޮޑު އަހަންމިއްޔަތެއް ދޭންޖެހިފައިވާ ރޮނގަކީ އެއީއްޔޭ.

އަޅުގަނޑުމެންގެ ރާއްޖޭގައި ތިބި މީސްކޮޅުމަދު. އަދި އަޅުގަނޑުމެންނަށް ކުރަން މަޖުބޫރުވެފައިވާ ކަންތައްތައް ގިނަ. އެހެންކަމުން، މަދު މީސްކޮޅަކަށް، ގިނަ ކަންތައްތައް ކުރެވޭނީ، އެބައެއްގައި ހުންނަ ހިންގުމުގެ ހުނަރުވެރިކަން، ހިންގުމުގެ ޤާބިލިއްޔަތު އިތުރުކޮށްގެންކަން، އަޅުގަނޑު ހިތުން، އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކަށްވެސް ޤަބޫލުކުރެވޭނެ. އާދެ، އެނުކުތާ ފާހަގަކޮށްލަންޖެހޭ ސަބަބަކީ، އަޅުގަނޑުމެންނަށް ކުރަން ޖެހިފައިވާ މަސައްކަތްތައް ގިނަކަމާއި، ލިބިފައިވާ ތަނަވަސްކަމުގެ ވަސީލަތްތައް މަދުކަމާއި، އަޅުގަނޑުމެންނަށް ދިމާވެފައިވާ ދަތިތަކުގެ ގިނަކަމުން. އެހެންކަމުން، އަޅުގަނޑު އެދެނީ، ސަރުކާރުގެ ފަރާތުންނާއި އަދި އަމިއްލަ ފަރާތްތަކުންވެސް މީހުން ބިނާކުރެއްވުމާއި، މީހުންގައި ކަންތައްތައް ހިންގުމުގެ ޤާބިލިއްޔަތާއި ހުނަރުވެރިކަން އިތުރުކުރެއްވުމަށް މިހާރަށްވުރެ ބޮޑު ސަމާލުކަމެއް ދެއްވުން. އޭރުން އަޅުގަނޑުމެންނަށް އަޅުގަނޑުމެން މި އުންމީދުކުރާ ލަނޑުދަނޑިތަކާ ހަމައަށް އަވަހަށް ވާޞިލްވެވޭނީ.

އާދެ، މި މަޝްރޫޢަށް ވަރަށް ގިނަ ފަރާތްތަކެއްގެ އެހީވަނީ ލިބިފައި. ތިޔަބޭފުޅުން ތިޔަ އެއްސެވި ފަދައިން، ޔޫ.އެން.ސީ.ޑީ.އެފް.ގެ ފަރާތުން 4.8 މިލިއަން ޑޮލަރުގެ އެހީވަނީ ލިބިފައި. އެއީ، ހިލޭއެހީގެ ގޮތުގައި އެފަރާތުން ދެއްވި އެހީއެއް. އަނބުރާ ދައްކާ ލޯނެއްގެ ގޮތުގައެއް ނޫން. އަދި އޭގެ އިތުރަށް، އޯޕެކް ފަންޑުން 2 މިލިއަން ޑޮލަރުގެ ލޯނެއްވަނީ ދެއްވާފައި. އޭ.ޑީ.ބީ.ގެ ފަރާތުން 6.7 މިލިއަން ޑޮލަރުގެ ލޯނެއްވަނީ ދެއްވާފައި. މި ޕްރޮޖެކްޓަށް މިހާރުވެސް ޖުމްލަ 13.6 މިލިއަން ޑޮލަރުގެ ބޭރު ފައިސާ ވަނީ ޚަރަދުވެފައި. އަދި އޭގެ އިތުރަށް، ސަރުކާރުން 8.6 މިލިއަން ރުފިޔާވަނީ މިކަމަށް ޚަރަދުކޮށްފައި. މި ޚަރަދުތަކަކީ އަޅުގަނޑު ހިތުން އަނބުރާ ލިބޭނެ އެއްޗެއް. އެއީ، ޕޯޓުގެ މަސައްކަތަކީ ނުވަތަ ބަނދަރުގެ މަސައްކަތަކީ، ވިޔަފާރީގެ އުޞޫލުން ކުރާ ކަމެއް. ޕޯޓުގެ ފަރާތުން ދެއްވާ ޚިދުމަތްތަކަށް އަގު ނަންގަވާނެ. އަގު ނެންގެވުމުން، އަޅުގަނޑުމެންނަށް ލިބިފައިވާ ލޯނުތައް، ދިގު މުއްދަތެއްގެ ތެރޭގައި، އެފައިސާއިން އަނބުރާ ދެއްކޭނެ. އެހެންކަމުން، މިއީ އަޅުގަނޑު ދެކޭގޮތުގައި، ޤައުމުގެ ތަރައްޤީއަށް އަދި ޚާއްޞަކޮށް، ވިޔަފާރީގެ ކުރިއެރުމަށް އަޅުގަނޑުމެންނަށް ކުރެވޭ ވަރަށް މުހިންމު އިންވެސްޓްމަންޓެއް. އާދެ، ހިލޭއެހީގެ ގޮތުގައި ނުވަތަ ލޯނުގެ ގޮތުގައިވެސް އެ ފައިސާ އަޅުގަނޑުމެންނަށް ދެއްވި ފަރާތްތަކަށް، އެ ހުރިހާ ފަރާތްތަކަކަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ވަނީ ދަރަނިވެރިވެފައި. މަޢްނަވީ ގޮތުންވެސް. އެހެންކަމާއެކު، ޔޫ.އެން.ސީ.ޑީ.އެފް.އަށާއި، އޯޕެކް ފަންޑަށާއި، އޭ.ޑީ.ބީ.އަށް ވަރަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު ދަންނަވަން.

އާދެ، ހަމައެއާއެކުގައި، މި މަޝްރޫޢުގެ މަސައްކަތްތައް ހިންގަވައިދެއްވި ފަރާތްތަކަށް، އާދެ، މަޝްރޫޢުގެ މަސައްކަތްތައް ހިންގަވައިދެއްވި އެއްފަރާތަކީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް. ޢަމަލީގޮތުން ހިންގެވި ފަރާތަކީ، މިނިސްޓްރީ އޮފް ޕަބްލިކް ވާރކްސް އެންޑް ލޭބަރ. އެހެންކަމުން، އެދެފަރާތަށްވެސް އަދި އެދެފަރާތުގެ ކަންތައްތަކާ ޙަވާލުވެ ތިއްބެވި މިނިސްޓަރުންނަށް، އަލްއުސްތާޛު ފަތުޙުﷲ ޖަމީލަށާއި، އަލްފާޟިލް ޢަބްދުﷲ ކަމާލުއްދީނަށް އަދި އެ ދެބޭފުޅުންގެ ބެއްލެވުމުގެ ދަށުން އެދެމިނިސްޓްރީގައި މަސައްކަތް ކުރައްވަމުން ގެންދަވާ ވެރިންނަށާއި މުވައްޒަފުންނަށްވެސް މި ފުރުޞަތުގައި އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. މަޝްރޫޢުގެ މަސައްކަތްތަކުގެ ކޮންސަލްޓަންޓްގެ ގޮތުގައި ހަމަޖެހިގެން، އެކަންތައް ކޮށްދެއްވި "ޑެއިން ޕޯޓް"ގެ ވެރިންނަށާއި، އެކަންތައްތަކުގައި އުޅުއްވި އެފަރާތުގެ މުވައްޒަފުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. ހަމައެއާއެކުގައި، މި މަޝްރޫޢުގެ މަސައްކަތްތައް، ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ނިންމަވައި ދެއްވި ޖަޕާނުގެ ތައިސޭ ކޯޕަރޭޝަނަށްވެސް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. ތައިސޭގެ މަންދޫބު ވިދާޅުވިފަދައިން، އެފަރާތުން މަސައްކަތް ނިންމެވީ ވަރަށް އަވަހަށް. އެންމެ 16 މަސްދުވަހުގެ ތެރޭގައި. އަޅުގަނޑުމެންނަށް މިހާރު ތަޖްރިބާ ކުރެވިފައިވާ ގޮތުގައި، ޖަޕާނުގެ އެފަދަ މަސައްކަތްތެރި ކުންފުނިތަކަކީ، އަޅުގަނޑުމެން ހީވެސްނުކުރާހާ އަވަހަށް، އެހާ ފުރިހަމަކޮށް މަސައްކަތްތައް ނިންމަވައިދެއްވާ ފަރާތްތަކެއް. އެހެންކަމާއެކު، ތައިސޭ ކޯޕަރޭޝަންގެ ފަރާތުން މީގެކުރިންވެސް ރާއްޖޭގައި ތަރައްޤީގެ ތަފާތު އެކިއެކި މަސައްކަތްތައް ކޮށްދެއްވާފައިވާތީއާއި އަދި މި މަޝްރޫޢުގެ މަސައްކަތް އެހާ ފުރިހަމަކޮށް، އެހާ އަވަހަށް ކޮށްދެއްވާފައިވާތީ، އެފަރާތަށް އަޅުގަނޑުމެން ދަންންވަންޖެހޭ ޝުކުރު ވަރަށްވެސް ބޮޑު.

އާދެ، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، މިއަދު މިނޫނަސް އެހެން ބައެއް ކަންތައްތައް ކުރަން ހަމަޖެހިފައި އެބައޮތް. ވަގުތުވެސް ދަނީ ކައިރިވަމުން. އެހެންކަމާއެކު، އަޅުގަނޑުގެ ވާހަކަކޮޅު ކުރުކޮށްލަނީ.

އަޅުގަނޑުގެ ދުޢާއަކީ اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް ހެޔޮ ތައުފީޤު ދެއްވުން. އަޅުގަނޑުމެން މިކުރާ ހުރިހާ މަސައްކަތެއް، ކާމިޔާބުގެ މަގަށް ގެންދިޔުމުގައި އަދި ދިވެހި ސަރުކާރާއި ރައްޔިތުންނާ ގުޅިގެން ޤައުމުގެ ފައިދާއަށްޓަކައި އަދި އަޅުގަނޑުމެންގެ މުސްތަޤްބަލްގެ ރައްކާތެރިކަމާއި އަމާންކަމަށްޓަކައި މިކުރެވޭ ހުރިހާ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތްލެއްވުން. ރާއްޖެ، އިޤްތިޞާދީ ގޮތުންނާއި، އިޖްތިމާޢީ ގޮތުން ހަލުވިކަމާއެކު ކުރިއަށް އަޅާ ފިޔަވަޅުތައް އަދި މިހާރަށްވުރެވެސް ހަރުދަނާ ގޮތެއްގައި، ހަލުވިގޮތެއްގައި ކުރިއަށް އެޅުމުގެ ބާރު އަޅުގަނޑުމެންނަށް ދެއްވުން.

والسّلام عليكم ورحمـة اللّـه وبركاته.