بســم اللّـه الرّحمـن الرّحيــم
الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّدنا محـمَّدٍ وعلى آلـه وصحـبه أجمعـين.
އާދެ، ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، އަދި އެހެން ކޮންމެ މުނާސަބަތެއްގައިވެސް، އަޅުގަނޑުމެން މުސްލިމުންގެ އެންމެ އިސް ވާޖިބަކީ، اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދެންނެވުން. އެކަލާނގެއީ ބާޠިލުގެ މައްޗަށް ޙައްޤަށް ނަޞްރު ދެއްވާ ކަލާނގެ. ކޮންމެ ޒަމާނެއްގައިވެސް، ކޮންމެ ތަނެއްގައިވެސް ދިރިއުޅޭ ތެދުވެރި މުއުމިނުންނަށް ނަޞްރު ދެއްވާނެ ކަމަށް ވަޢުދުވެވޮޑިގެންފައިވާ ކަލާނގެ. "وَكَانَ حَقًّا عَلَيْنَا نَصْرُ ٱلْمُؤْمِنِينَ." (الرّوم: 47) އާދެ، "ތިމަން ރަސްކަލާނގެ މައްޗަށް ޙައްޤުވެގެންވިއޭ، މުއުމިނުންނަށް ނަޞްރު ދިނުމަށް." ޝައްކެއްނެތް، މީގެ ހަތަރު އަހަރު ކުރިން އައި ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު ދިވެހި އުންމަތަށް، ދިވެހިރައްޔިތުންނަށް، ދިވެހިރާއްޖެއަށް اللّـه سبحـانـه وتعـالى ދެއްވީ ވަރަށްވެސް މަތިވެރި ނަޞްރެއް. ވަރަށްވެސް އަގުބޮޑު ކާމިޔާބީއެއް. އަޅުގަނޑުމެންގެ ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރެވުނީ އަދި އަޅުގަނޑުމެންގެ ރާއްޖޭގެ އަމަންއަމާންކަމާއި ސަލާމަތްތެރިކަން ދެމެހެއްޓުނީ އަދި އަޅުގަނޑުމެންގެ މެދުގައި ޞުލްޙަވެރިކަމާއި އަމަންއަމާންކަން ދެމެހެއްޓުމުގެ އިތުރަށް، ޤައުމުގެ އެއްބައިވަންތަކަން ހިފެހެއްޓުނީ، اللّـه سبحـانـه وتعـالىގެ މަތިވެރި ރަޙްމަތުން. އެހެންކަމުން، މި މުނާސަބަތުގަޔާއި އަދި މިފަދަ ކޮންމެ މުނާސަބަތެއްގައި، ތެދުވެރި މުއުމިނުންގެ ގޮތުގައި ތިބެ، އަޅުގަނޑުމެންގެ އެންމެ އިސްވާޖިބަކީ، އެކަލާނގެ ޙަޟްރަތަށް ޙަމްދު ދެންނެވުން. ޝުކުރު ދެންނެވުން.
އާދެ، އެއަށްފަހުގައި، ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، އަޅުގަނޑުގެ ހިތަށް އަންނަ އެހެން ޝުޢޫރުތަކާ ދޭތެރޭގައިވެސް އެއްޗެއް ދަންނަވާލަން ބޭނުންވޭ. އެންމެ ފުރަތަމަ އަޅުގަނޑު އަދާކުރާނީ، މި މުނާސަބަތުގައި އަޅުގަނޑު އަދާކުރަންޖެހޭ ވާޖިބެއް. އާދެ، އެއީ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދެންނެވުން. ހަމަ އެފަދައިން، މީގެ ހަތަރު އަހަރު ކުރިން އައި ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު، ދިވެހިރާއްޖޭގެ މިނިވަންކަމާއި މާތްވެގެންވާ އިސްލާމްދީނުގެ ޢިއްޒަތާއި އަދި ރާއްޖޭގެ ސިޔާދަތާއި އިސްތިޤްލާލް ދިފާޢުކޮށް، ދެމެހެއްޓުމަށްޓަކައި ޖިހާދުކުރި އެންމެންނަށް އާދެ، ޚާއްޞަކޮށް، ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ އޮފިސަރުންނަށާއި، އެންމެހާ ބޭކަލުންނަށް ތަހުނިޔާ ދެންނެވުން.
ހަމަ އެއާއެކު، ނޮވެމްބަރު 3 ގައި، އެބައެއްގެ ފަރާތުން ދިވެހި ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް މަތިވެރި ޚިދުމަތްތަކެއް ލިބިގެންދިޔަ ހުރިހާ ފަރާތްތަކަށް ޝުކުރު ދެންނެވުމާއި، ތަހުނިޔާ އަދާކުރުމަކީވެސް މިއަދު ނުވަތަ މިރޭ އަޅުގަނޑަށް ލިބޭ ވަރަށް ޚާއްޞަ އުފަލެއް. އާދެ، އަޅުގަނޑުމެންގެ ހިތުގައި ނޮވެމްބަރު 3ގެ ޙާދިޘާއާ ގުޅިގެން އެންމެ ބޮޑަށް ހިނގާ ޝުޢޫރަކީ، އެދުވަހު ޝަހީދުވެގެންދިޔަ މީހުންގެ ޢާއިލާތަކަށް ލިބިގެންދިޔަ ސިފަނުކުރެވޭފަދަ ފުން ހިތާމަޔާއި ހިތްދަތިކަން. އެހެންކަމާއެކު، ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، އަޅުގަނޑުމެންގެ ހިތްތަކުގައި އުފެދިފައިވާ އިޚްލާޞްތެރި ލޯތްބާއި، ހަމްދަރުދީއާއި، މުއާސާތުގެ ޝުޢޫރުތައް، ޝަހީދުންގެ ޢާއިލާތަކަށް ރައްދުކުރުމަކީވެސް މިރޭ އަޅުގަނޑުގެ ވާޖިބެއް ކަމުގައި ދެކެން.
އާދެ، ނޮވެމްބަރު 3ގެ ހަނދާންތަކަކީ، ވަރަށް ތަފާތު ހަނދާންތަކެއް. ވަރަށް ގިނަ ހަނދާންތަކެއް. އޭގެތެރޭގައި، ވޭނާއި، ހިތްދަތިކަމާއި، ބިރުވެރިކަމުގެ ހަނދާންތައްވެސް ހިމެނޭ. ހަމަ އެފަދައިން، ހިތްހަމަޖެހުމާއި، އުފާވެރިކަމުގެ ހަނދާންތައްވެސް ހިމެނޭ. އާދެ، ދެންމެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްއުސްތާޛު ފަތުޙުﷲ ޖަމީލުގެ ވާހަކަފުޅުގައި، ވަރަށް ތަފްޞީލުކޮށް ވިދާޅުވެދެއްވި ފަދައިން، ނޮވެމްބަރު 3ގެ ޙާދިޘާ އެއީ، ހަމައެކަނި ދިވެހިރާއްޖެއަށް ކުރިމަތިވި ޙާދިޘާއެއް ނޫން. ނޮވެމްބަރު 3 އަކީ އަޅުގަނޑުމެން ފަދަ އެހެން ކުދި ޤައުމުތަކަށްވެސް ދިމާވެފައިވާ ދުވަހެއް. ސީޝެލްސަށް، ކޮމޯރޯޒަށް، ގްރިނޭޑާއަށް އަދި އެންމެފަހުން ކުވައިތަށް. އެހެންކަމުން، ނޮވެމްބަރު 3 އަކީ، މިއަދު ދުނިޔޭގެ ކުދި ޤައުމުތަކުގެ ކުރިމަތީގައި، އެމީހުން ވަރަށް ބޮޑަށް ނަޒަރު ހިންގައި، ފިކުރުކޮށް، އެއާ ދޭތެރޭގައި ސަމާލުކަން ދޭންޖެހޭ ކަމަކަށް ވެއްޖެ.
އާދެ، އަޅުގަނޑުމެންގެ ރާއްޖޭގައި ނޮވެމްބަރު 3ގެ ކަންތައްތައް ހިނގާދިޔަގޮތުގެ ވާހަކަ އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާކަށް ނުޖެހޭނެ. ތިޔަބޭފުޅުންނަކީ ނުވަތަ ތިޔަބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުންނަކީ، އެދުވަހު މާލޭގައި ތިއްބެވި ބޭފުޅުން. އެދުވަހުގެ ޙާދިޘާތަކާއި، އެދުވަހުގެ ތަޖުރިބާތައް ރަނގަޅަށް އިޙްސާސް ކުރައްވާފައި ތިއްބެވި ބޭފުޅުން. އެހެންކަމާއެކު، އެދުވަހު މުޅި ދިވެހި ޤައުމަށް ވެރިވެގެންދިޔަ ބިރުވެރިކަމާއި، ނާމާންކަމާއި، ނުރައްކާތެރިކަން، ތިޔަ އެންމެ ބޭފުޅުންނަށް ހަމަ އެދުވަހެކޭ އެއްފަދައިން، މިރޭވެސް އަދި މިއަދުވެސް އަދި މާދަމާވެސް އިޙްސާސް ކުރެއްވޭނެ. ހަމަ އެފަދައިން، މާލޭގައި ނެތް ކަމުގައިވިޔަސް، ރާއްޖެތެރޭގައި ދިރިއުޅުއްވަމުން ގެންދަވާ ދިވެހި ރައްޔިތުންނަށް، އެދުވަހު ލިބިވަޑައިގެންނެވި ޙައިރާންކަމާއި، ސިހުމާއި، ނުތަނަވަސްކަމަކީވެސް އަޅުގަނޑު ހިތުން މިއަދުވެސް، އަޅުގަނޑުމެންގެ ހިތްތަކަށް ވަރަށް ފަސޭހައިން ގެނެވޭ ކަމެއް.
އާދެ، އެއީ، ކުއްލިއަކަށް އަޅުގަނޑުމެން ނުވެސް ދެނަހުރި ތިއްބާ ދިމާވި ކަމެއް. އެހެންނަމަވެސް، މާތްﷲގެ ތަނަވަސް ރަޙްމަތާއި ފަޟްލުވަންތަވެރިކަމުން އަޅުގަނޑުމެންނަށް އެދުވަހު ލިބިގެންދިޔައީ ވަރަށް ވަރުގަދަ ނަޞްރެއް. އެ ނަޞްރަކީ އެކަމަށްޓަކައި އަޅުގަނޑުމެން ފަޚްރުވެރިވުން ޙައްޤު ނަޞްރެއް. އަޅުގަނޑުމެންގެ ރާއްޖެއަކީ، އެފަދަ ކަމަކަށް އޭރު އެއްގޮތަކަށްވެސް ތައްޔާރުވެގެން އޮތް ޤައުމެކޭ ނުދެންނެވޭނެ. ރާއްޖެއަކީ، ނުހަނު އަމަންއަމާންކަމާއި ޞުލްޙަމަޞްލަޙަތުގައި ދެމިއޮތް ޤައުމެއް. އަޅުގަނޑުމެންނާއި، އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކާ ދެމެދުގައި އޮތީ ޒަމާންވީ އެކުވެރިކަމުގެ ގުޅުންތައް. އެކަން އެހެންއޮތުމާއެކު، ރާއްޖެއިން ބޭރުން ރޭވިގެން، އެފަދަ ބިރުވެރި ޙަމަލައެއް ރާއްޖެއަށް އައުމަކީ، އެކަން ވެދާނެ ކަމުގެ ބިރު، އޭރު އެކަކުވެސް އިޙްސާސްކޮށްފައިވާ ކަމެއް ނޫން. އަދި އެކަމަކީ މުސްތަޤްބަލްގައިވެސް ވެދާނެ ކަމެކޭ، ހަމަ އެކަކުގެވެސް ހިތަށްއަރާފައެއް އޭރަކު ނެތް. އެހެންނަމަވެސް، ދުނިޔޭގައި ކަންތައްތައް ހިނގަމުންދަނީ އަޅުގަނޑުމެން ހީކުރާގޮތަކަށް ނޫން. ނުވަތަ އަޅުގަނޑުމެން އިންތިޒާރުކުރާ ގޮތަކަށްވެސް ނޫން. ދުނިޔޭގައި ކަންތައްތައް ހިނގަމުންދަނީ ވަރަށް ތަފާތުގޮތަކަށް. އެކަމުގެ ހިތި ތަޖުރިބާ އަޅުގަނޑުމެން އެދުވަހު ކުރަންޖެހުނީ. ދެންމެ މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ ވާހަކަފުޅުގައި ވިދާޅުވި ފަދައިން، އެދުވަހުގެ ތަޖުރިބާއިން އަޅުގަނޑުމެން ވަނީ ޢިބްރަތްތަކެއް ޙާޞިލްކޮށްފައި. ފިލާވަޅުތަކެއް ދަސްކޮށްފައި. އަޅުގަނޑުމެން އަބަދުވެސް އަޅުގަނޑުމެންގެ މިނިވަންކަމާއި، ސިޔާދަތާއި، އަޅުގަނޑުމެންގެ ޢިއްޒަތާއި، އަޅުގަނޑުމެންގެ ދީނާއި، މިހުރިހާ ކަމަކަށްޓަކައި ސަމާލުވެ ތިބެންޖެހޭނެކަން އެއީ، އަޅުގަނޑުހިތުން އެދުވަހު އަޅުގަނޑުމެންނަށް ދަސްވި އެންމެ އަގުހުރި ފިލާވަޅު.
ދުނިޔޭގެ ކަންތައްތައް ވަމުންދާގޮތުން، އެއްވެސް ޤައުމަކީ ނުރައްކަލުން ސަލާމަތްވެގެންވާ ޤައުމެއް ނޫން. ކޮންމެ ހިނދެއްގައިވެސް، ކޮންމެ ދުވަހެއްގައިވެސް އަދި އެޤައުމަކުން ކުރިކަމަކާނުލައި، އެޤައުމަކަށް ބިރުވެރިކަމެއް، ނުރައްކާތެރިކަމެއް، ބޭރުގެ ފަރާތަކުން އައުމަކީ އެކަށީގެންވާ ކަމެއް. އެފިލާވަޅު އެއީ، އަޅުގަނޑުމެން އެދުވަހު އެންމެ ބޮޑަށް ދަސްކުރި ނުވަތަ އޭގެ ސަބަބުން އަޅުގަނޑުމެންނަށް ޢިބްރަތްތެރި ކަމެއް ލިބިގެންދިޔަ ފިލާވަޅަކީ.
އާދެ، އަޅުގަނޑު ނުދަންނަވަން، އަޅުގަނޑުމެންގެ ރާއްޖެއަކީ އެފަދަ ކޮންމެ ނުރައްކަލަކުން ދިފާޢުވެ، ޙިމާޔަތް ލިބިގަތުމުގެ އަމިއްލަ ޤާބިލިއްޔަތު ލިބިގެންވާ ޤައުމެކޭ. އެހެން ދަންނަވަންޖެހޭ ސަބަބަކީ، އަޅުގަނޑުމެންނަކީ ވަރަށް ކުޑަކުޑަ ޤައުމަކަށްވާކަން. އަޅުގަނޑުމެންގެ ވަސީލަތްތައް މަދުކަން. އަޅުގަނޑުމެންގެ އިޤްތިޞާދީ ފޯރުންތެރިކަންވެސް ކުޑަކަން. އަދި ޤައުމު ދިފާޢުކުރުމަށްޓަކައި، ޤައުމު ޙިމާޔަތްކުރުމަށްޓަކައި އަތުވެދާނެ ނުރައްކަލަކަށް ތައްޔާރުވެގެން ތިބުމަށް ބޭނުންވާ ވަރުގަދަ ބޮޑު ލަޝްކަރެއް ތައްޔާރުކުރުމުގެ ޤާބިލިއްޔަތުވެސް އަދި އެކަމަށް ބޭނުންވާ އާމްދަނީވެސް، ފައިސާވެސް ލިބިފައިވާ ޤައުމެއް ނޫން ރާއްޖެއަކީ. އަދި މުސްތަޤްބަލަށް ވިސްނާއިރު، އެފަދަ ކަމެއް އެގޮތަށް ގެންދިޔުމަކީވެސް އަޅުގަނޑުމެންގެ ކުރިއެރުމަށް އެޅޭ ހުރަހަކަށް ނުވެއެއް ނުދާނެ. އަޅުގަނޑުމެންގެ ވަސީލަތްތައް މަދުކަމާއެކުގައި، އެވަސީލަތްތަކުގެ ބޭނުންކުރަންޖެހެނީ، ރާއްޖެއަށް އެންމެ އެކަށީގެންވާ، ޢާންމު ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތެއްގައި. އަޅުގަނޑުމެންގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުން ބިނާވެފައި އޮތީ، އަޅުގަނޑުމެންގެ ޤައުމުގައި ހުރި ވަސީލަތްތަކުގެ މައްޗަށް. އަދި އެ ވަސީލަތްތައް، އަޅުގަނޑުމެންގައި ހުރި ޤާބިލިއްޔަތަކުން ބޭނުންކުރަމުންދާ މިންވަރެއްގެ މައްޗަށް. އެކަން އެހެން އޮތުމާއެކީގައި، މާ އަގުބޮޑު ހަތިޔާރުތަކެއް ރާއްޖެއަށް އެތެރެކޮށް، މާގިނަ ޢަދަދެއްގެ މީހުން އެކުލެވޭ ލަޝްކަރެއް، ރާއްޖޭގައި ޤާއިމުކޮށްފައި އޮތުމަކީ، އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއްވެސް ނޫން. އަދި އެއީ، ބޭނުންކަމެއްވެސް ނޫން.
އެކަންކަން އެހެން ނެތް ކަމުގައިވިޔަސް، އަޅުގަނޑުމެންގެ އަމަންއަމާންކަމާއި، މިނިވަންކަމާއި، އިސްތިޤްލާލް އަޅުގަނޑުމެންނަށް ދެމެހެއްޓުމުގެ ވަރަށް ބޮޑު ބާރެއް އަޅުގަނޑުމެންނަށް ލިބިފައިވޭ. އާދެ، އެއީ، އަޅުގަނޑުމެންނަކީ ތެދުވެރި މުއުމިނުން ކަމުގައިވުން. اللّـه سبحـانـه وتعـالى އަށް އީމާންވެ، އެކަލާނގެ އެންގެވި ގޮތުގައި ފައިތިލަ ސާބިތުކޮށްގެން ތިބި ބަޔަކު ކަމުގައިވުން. އަޅުގަނޑުމެންނަކީ، އަޅުގަނޑުމެންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އޮތް ބައެއް ކަމުގައިވުން. އަޅުގަނޑުމެންނަކީ، އަޅުގަނޑުމެންގެ ދީނާއި ޤައުމުގެ ދިފާޢުގައި އަބަދުވެސް ޖިހާދުކުރަން ތައްޔާރަށް ތިބި ބަޔަކު ކަމުގައިވުން. މި މަތިވެރި ޤައުމީ ރޫޙު، މި ވަރުގަދަ ޢަޒުމް އަޅުގަނޑުމެންގެ ހިތުގައި އޮތްހާ ދުވަހަކު، އަޅުގަނޑު ހިތުން، އަޅުގަނޑުމެން ދިވެހި ޤައުމަކީ، ނެތި ފަނާވެގެންދާނެ ނުވަތަ ބޭރު ބައެއްގެ އަތްދަށުވެގެން، އަޅުގަނޑުމެންގެ މިނިވަންކަން ގެއްލިގެންދާނެ ޤައުމެއް ނޫން.
ނޮވެމްބަރު 3ގެ ހަނދާންތަކުގެ ތެރޭގައި، ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑުމެންގެ ހިތުގައި މޮޅިވެރިކަމާއި ހިތްދަތިކަން އުފެދޭ ހަނދާނަކީ، އަޅުގަނޑުމެންގެ ތެރެއިން ޝަހީދުވެގެންދިޔަ މީހުންގެ ހަނދާން. ހަމަ އެއާއެކުގައި، އެދުވަހުގެ ނުރައްކާތެރި ޙަމަލައިން، އެކިވަރުވަރުގެ ޒަޚަމް ލިބުނު މީހުންގެ ހަނދާން އެއީވެސް އަޅުގަނޑުމެން ކުރަންޖެހޭނެ ހަނދާނެއް. އަދި އަޅުގަނޑުމެންގެ ތެރެއިން، ހިތްވަރުގަދަކަމުގެ ލާމަސީލު މިސާލުތަކެއް ޖެއްސެވި ބޭފުޅުންކޮޅެއްވާކަން އެއީވެސް އަޅުގަނޑުމެން ހަނދާންކުރަންޖެހޭނެ ކަމެއް. އާދެ، އެދުވަހު އެކި މީހުންނަށް ދިމާވީ އެކިގޮތް. އެކަން އެހެން އޮތްކަމުގައިވިޔަސް، ކޮންމެ ދިވެހި ފަރުދަކު އެދުވަހު ސާބިތުކޮށްދިނީ، ވަރަށް ވަރުގަދަ ހިތްވަރަކާއި ޢަޒުމެއް. އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް އެކަމަށްޓަކައި ފަހުންވެސް ލަދުގަންނަންޖެހޭ ކަހަލަ އެއްވެސް ކަމެއް، އަޅުގަނޑުމެންގެ ދިވެހި ރައްޔިތުންގެ ތެރެއިން ހަމަ އެކަކުވެސް ނުކުރެއޭ އަޅުގަނޑަށް ދެންނެވިދާނެ. އެހެން ދެންނެވި ކަމުގައިވިޔަސް، އަޅުގަނޑުމެންގެ ތެރެއިން، ކުރިން އޭގެ މިސާލެއް ނެތްފަދަ ގޮތަކަށް، ސާބިތުކަމާއެކީގައި، އެބައެއްގެ ވާޖިބު އަދާކުރުންމަތީ ދެމިތިބި މީހުން ގިނަކަން އަޅުގަނޑުމެން ފާހަގަކުރަންޖެހެނީ، ޝުކުރާއި މަރްޙަބާއާ އެކީގައި.
އާދެ، އަޅުގަނޑުމެންގެ ތެރެއިން، ވަރަށް ޚާއްޞަ ގޮތެއް ދިމާވި ޢިއްޒަތްތެރިޔަކު މިޖަލްސާގައި އެބަ އިންނެވި. އޮނަރަބްލް އަލްފާޟިލް އަޙްމަދު މުޖްތަބާ އަދި އެމަނިކުފާނުގެ އަނބިކަނބަލުން. އެދެކަނބަލުންނަށް އެދުވަހު ދިމާވި ހިތާމަވެރި ހިތްދަތިގޮތަކީ، އަދި އެދެކަނބަލުންގެ އިތުރަށް، ދިވެހި ޤައުމުގެ ތަފާތު ފެންވަރުތަކުގެ މީހުންގެ ތެރެއިން ބަޔަކަށް ދިމާވި ގޮތްތަކަކީ، އަޅުގަނޑުމެން ހަނދާންނައްތާލައިގެން ވާނެ ގޮތްތަކެއް ނޫން. އަދި އެބޭފުޅުން އެދުވަހު އެ ސާބިތުކޮށްދެއްވި ޢަޒުމާއި ހިތްވަރުގަދަކަމަށްޓަކައި، އެހުރިހާ ފަރާތްތަކަކަށް އަޅުގަނޑުމެން އަބަދުވެސް ޝުކުރުވެރިވާންޖެހޭނެކަމީ، ޝައްކެއްއޮތްކަމެއް ނޫން.
އާދެ، މިފަދަ ދުވަހެއްގައި އަޅުގަނޑުމެން ހަނދާންކުރަންވީ، އަޅުގަނޑުމެންގެ ޤައުމަށްޓަކައި ޖިހާދުކުރި އެންމެންގެ ޖިހާދު. ދިވެހި ތާރީޚަކީ ޤައުމީ ޖިހާދުގެ ކުލަގަދަ ޞަފްޙާތަކެއް އެކުލެވިގެންވާ ތާރީޚެއް. އަޅުގަނޑުމެންގެ ތާރީޚުގައި، ޤައުމަށްޓަކައި، ދީނަށްޓަކައި ޤުރްބާންވެވަޑައިގެންފައި ތިއްބެވި ވަރަށް ގިނަ ބޭފުޅުން އެބަ ތިއްބެވި. ޢަލީ ރަސްގެފާނު ކަހަލަ، ކަލާފާނު ކަހަލަ، ޢަލީ ތަކުރުފާނު ކަހަލަ ޤައުމީ އެތައް އަބްޠާލުންނެއް، އަޅުގަނޑުމެންގެ ތާރީޚުގައި ފާހަގަވެގެން ގޮސްފައި އެބަހުރި. އެހެންކަމުން، މިއަދު އަޅުގަނޑުމެންގެ ވާޖިބެއް ކަމުގައި އަޅުގަނޑު ދެކެން، އެހުރިހާ އަބްޠާލުންގެ މަތިން ހަނދާންކުރުން. އަދި އެހުރިހާ އަބްޠާލުން އަޅުގަނޑުމެންގެ ޤައުމަށްޓަކައި ކޮށްދެއްވި ޚިދުމަތުގެ އަގު އަޅުގަނޑުމެން ވަޒަންކޮށް، އެބޭފުޅުންގެ ޖިހާދުން ޢިބްރަތް ލިބިގަނެގެން، މުސްތަޤްބަލުގައި އަޅުގަނޑުމެންގެ ޤައުމާއި، އަޅުގަނޑުމެންގެ މިނިވަންކަން ދިފާޢުކޮށް، ޙިމާޔަތްކުރުމުގައި ސާބިތުވެ ތިބުން.
ޝައްކެއްނެތް، ޝަހީދުންނަކީ ކޮންމެ ޤައުމެއްގައިވެސް ވަރަށް ޚާއްޞަ ބައެއް. މާތްވެގެންވާ އިސްލާމްދީނުގައި ޝަހީދުންނަށް ދެއްވާފައިވާ ޤަދަރާއި ޢިއްޒަތް، މިޖަލްސާ ފެށުމުގެ ކުރިން އިވިގެންދިޔަ އާޔަތްތަކުން އަޅުގަނޑުމެންނަށް ދޭހަވެގެން ހިނގައްޖެ. މާތްﷲ ވަޙީކުރައްވާ، " وَلَا تَحْسَبَنَّ ٱلَّذِينَ قُتِلُوا۟ فِى سَبِيلِ ٱللَّهِ أَمْوَٰتًۢا ۚ بَلْ أَحْيَآءٌ عِندَ رَبِّهِمْ يُرْزَقُونَ. فَرِحِينَ بِمَآ ءَاتَىٰهُمُ ٱللَّهُ مِن فَضْلِهِۦ وَيَسْتَبْشِرُونَ بِٱلَّذِينَ لَمْ يَلْحَقُوا۟ بِهِم مِّنْ خَلْفِهِمْ أَلَّا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ. يَسْتَبْشِرُونَ بِنِعْمَةٍۢ مِّنَ ٱللَّهِ وَفَضْلٍۢ وَأَنَّ ٱللَّهَ لَا يُضِيعُ أَجْرَ ٱلْمُؤْمِنِينَ." (آل عمران 169، 170، 171) އާދެ، اللّـه سبحـانـه وتعـالى ޝަހީދުންނަށް ދެއްވާފައިވާ މަތިވެރި ޤަދަރާއި، ޢިއްޒަތްތެރި މަޤާމް އަޅުގަނޑުމެންނަށް ހާމަކޮށްދެއްވަނީ، "ތިޔަބައިމީހުން ހީނުކުރާށޭ، ﷲގެ މަގުގައި މަރުވެގެންދާ މީހުންނީ މަރުވެފައި ތިބި ބައެކޭ. އެހެނެއް ނޫނޭ. އެބައިމީހުންނަކީ ދިރިތިބި ބައެކޭ. އެބައިމީހުން ތިބީ އެބައިމީހުން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނގެ ޙަޟްރަތުގައޭ. އަދި އެބައިމީހުންނަށް ރިޒްޤް ލިބޭ ޙާލުގައޭ. އެބައިމީހުން ތިބީ މާތްﷲގެ ފަޟްލުވަންތަވެރިކަމުން އެބައިމީހުންނަށް ލިބިދެއްވި ނިޢްމަތްތަކަށްޓަކައި އުފާކުރާ ޙާލުގައޭ. އަދި އެބައިމީހުންގެ ފަހަތުން އައިސް، އެބައިމީހުންނާ ބައްދަލުނުކޮށް ތިބި މީހުންނާމެދު އާދެ، އެއަންނަން ތިބި ބަޔަކަށްވެސް އެއްވެސް ބިރުވެރިކަމެއް، އެއްވެސް ހިތާމައެއް ކުރިމަތިނުވާނެކަމާމެދު އުފާކޮށްކޮށޭ." މުރާދަކީ، ޝަހީދުވެގެންދިޔަ މީހުންގެ ފަހުންވެސް، ﷲގެ މަގުގައި ޝަހީދުވެގެން ދާންތިބި ބަޔަކު، އެބަޔަކު ޝަހީދުވެގެން، ކުރިން ޝަހީދުވެފައި ތިބި މީހުންނާ ހަމައަށް އަންނަންދެންވެސް، އެމީހުންނާ ދޭތެރޭގައި، ކަން އޮތްގޮތް އެމީހުންނަށް އިޙްސާސްކުރެވޭތީ، އެކަމަށްޓަކައި އެބައިމީހުން ތިބޭނީ އުފާކޮށްކޮށޭ.
ﷲގެ ޙަޟްރަތުގައި ޝަހީދުން ތިބެނީ، އެކަލާނގެ ނިޢްމަތާއި، އެކަލާނގެ ފަޟްލުވަންތަވެރިކަމުގެ ސަބަބުން އުފަލުގައޭ. އަދި ހަމަކަށަވަރުން މާތްﷲ އީމާންވި މީސްތަކުން ކުޅަ ހެޔޮޢަމަލުގެ އުޖޫރަ، އެކަމުގެ ދަރުމަ ގެއްލެނި ނުކުރައްވާނެކަމުގެ ޔަޤީންކަން އެމީހުންނަށް ލިބިފައިވާތީ، އެކަމާވެސް އުފާކޮށްކޮށޭ. އާދެ، ޝަހީދުންނަކީ މިދެންނެވިފަދަ ދަރަޖައާއި، ޝަރަފާއި، ޢިއްޒަތް اللّـه سبحـانـه وتعـالى ދެއްވާފައިވާ ބައެއް. އެހެންކަމުން، އަޅުގަނޑުމެންގެ ހިތްތަކުގައިވެސް އަބަދުވެސް ޝަހީދުންނަށްޓަކައި އެފަދަ މަތިވެރި މަޤާމެއް ދީފައި އޮތުމަކީ، ކޮންމެހެން ބޭނުން ކަމެއް.
އާދެ، އެ ވާޖިބު އަދާކުރުމުގައި ރާއްޖޭގެ ރައްޔިތުން ވަރަށްގިނަ މަސައްކަތްތަކެއް މިހާތަނަށްވެސް ވަނީ ކުރައްވާފައި. ޚާއްޞަކޮށް، ނޮވެމްބަރު 3 ގައި ޝަހީދުވެގެންދިޔަ ޢާއިލާތަކަށް އެހީވެދެއްވުމުގެ ގޮތުން، އަޅުގަނޑުމެންގެ ދިވެހި ރައްޔިތުން ގިނަ ޢަދަދަކަށް ފައިސާ އެއްކުރައްވައި، ހަމަޖެހިފައި އޮތް ނިޒާމެއްގެ މަތިން، އެ ފައިސާގެ ބައެއް ނުވަތަ ފައިދާ، އެޢާއިލާތަކަށް ލިބޭގޮތަށް ވަނީ ހަމަޖެހިފައި. ތިޔަބޭފުޅުންވެސް ހަނދުމަފުޅު ހުންނާނެ ފަދައިން، ޝަހީދުންގެ ފަންޑެއް ވަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުކޮޅުގައި ހުޅުވިފައި. އަދި ތަފާތު ފަރާތްތަކުން ވަނީ ވަރަށް ދީލަތިގޮތެއްގައި، އެ ފަންޑަށް ފައިސާގެ ހަދިޔާކުރައްވާފައި. އޭގެތެރޭގައި، އަމިއްލަ އަފްރާދުންނާއި، އެކިއެކި ފަރާތްތައް ހިމެނޭ. އާދެ، އެންމެ ގިނައިން އެފަންޑަށް ފައިސާ ދެއްކެވި ބައެއް ފަރާތްތަކުގެ ނަން މިރޭ އަޅުގަނޑު ދަންނަވާލުމަކީ، އަޅުގަނޑު ހިތުން އެނޫން ބޭފުޅުންނަށް ކުރެވޭ ބޭއިންޞާފަކަށް ނުވާނެ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ޤައުމުގެ ޙައްޤުގައި، ޝަހީދުންގެ ޙައްޤުގައި އެބޭފުޅުން އެކުރައްވާފައިވާ ޚިދުމަތް ފާހަގަކޮށްލުމަކީ، ހަމަ އެންމެ ރަނގަޅު ކަމެއް ކަމުގައި އަޅުގަނޑަށް ފެންނާތީ، ބައެއް ބޭފުޅުންގެ ނަންފުޅު މި ދަންނަވާލަނީ.
އާދެ، އެންމެގިނަ ޢަދަދަކަށް ފައިސާ ދައްކަވާފައިވަނީ، އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން. ދެން އަލްފާޟިލް އިލްޔާސް އިބްރާހީމް. އޭގެފަހުން، އަލްފާޟިލް މުޙަންމަދު ޙަސަން މ. އޯޝަނިކްވިލާ. ދެން އަލްފާޟިލް ޢަލީ ސުލައިމާން މ. ލަކީސްޓާރ. މިބޭބޭފުޅުންނަކީ، ޝަހީދުންގެ ފަންޑަށް އެންމެގިނަ ޢަދަދަކަށް ފައިސާ ދެއްކެވި ބޭފުޅުން. އެންމެ ފާހަގަކޮށްލެވޭފަދަ ގިނަ ޢަދަދަކަށް، ޝަހީދުންގެ ފަންޑަށް ފައިސާ ދެއްކެވި ފަރާތްތަކުގެ ތެރޭގައި، ޔުނިވަރސަލް އެންޓަރޕްރައިޒަސް، އެންމެ ގިނަ ޢަދަދަކަށް ފައިސާ ދެއްކެވީ. ދެން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީޒް. އާދެ، "މަޓި". ދެން ވިލިވަރު ބިޔާދޫ ރިޒޯޓް، ވޮއެޖަރޒް މޯލްޑިވްސް. އަދި ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ފަދަ ޖަމާޢަތެއް ދެން އަންނަނީ. އާދެ، ބޯއި ސްކައުޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް. ދިވެހިރާއްޖޭގެ ސްކައުޓުން. މިހުރިހާ ފަރާތްތަކަކުން ވަރަށް ދީލަތިކަމާއެކު، އެފަންޑަށް ވަނީ ފައިސާ ދައްކަވާފައި. އަދި ސަރުކާރުންވެސް އެފަންޑަށް ވަނީ ދެފަހަރެއްގެ މަތިން ފައިސާ އިތުރުކޮށްދީފައި. އެހެންކަމުން، އެފަންޑުން ލިބޭ އެއްޗަކުން ކޮންމެ އަހަރަކުވެސް ޝަހީދުންގެ ޢާއިލާތަކުގައި ހިމެނޭ ކޮންމެ މީހަކަށް ވަކިވަރަކަށް ސަރުކާރުން ދަނީ ފައިސާދެމުން.
މީގެ އިތުރުން، ދެންމެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޕްރެޒިޑެންޝަލް އެފެއާޒްގެ ވާހަކަފުޅުގައި އެވިދާޅުވި ފަދައިން، މިއަހަރުން ފެށިގެން، އިތުރުގޮތެއް ހަމަޖައްސައިދިނުމަށް ސަރުކާރުން ވަނީ ޤަސްދުކޮށްފައި. އެއީ، ޝަހީދުންގެ ޢާއިލާތަކުގައި ތިބި ކުދިންނަށް، ސްކޫލްތަކަށް ދާ ކުދިންނަށް، އެކުދިންގެ ޢަދަދަކީ 33. އެކުދިންނަށް ތަޢުލީމީގޮތުން ބޭނުންވާ ޚަރަދުތައް ސަރުކާރުން ދޭގޮތަށް ހަމަޖެއްސުން. އާދެ، އަޅުގަނޑު ދެކޭގޮތުގައި، މިއީ ވަރަށް މުހިންމު ޤައުމީ ވާޖިބެއް. މިކަން މިއީ ހަމައެކަނި ސަރުކާރުން ކުރާކަމެއް ނޫން. ސަރުކާރުންނާއި، ޢާންމު ރައްޔިތުންނާ ދެފަރާތް އެކުވެގެން، އަޅުގަނޑުމެންގެ ނަމުގައި، އަޅުގަނޑުމެންނަށްޓަކައި ޝަހީދުވެގެންދިޔަ މީހުންގެ ޢާއިލާތަކަށް ވެދޭ އެހީއެއް މިދެންނެވީ.
އާދެ، ނޮވެމްބަރު 3ގެ ޙާދިޘާއާ ދޭތެރޭގައި ވިސްނާއިރު، ކުދި ޤައުމުތަކަށް މިއަދުގެ ދުނިޔޭގައި ދިމާވާ ނުރައްކާތަކާ ދޭތެރޭގައިވެސް އަޅުގަނޑުމެން ފިކުރުކުރަންޖެހޭ. މިވާހަކަ މާދިގުކޮށް އަޅުގަނޑު ދަންނަވާކަން ނެތިން. ދެންމެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ވަރަށް ތަފްޞީލްކޮށް އެވާހަކަ އަޅުގަނޑުމެންނަށް ވިދާޅުވެދެއްވައިފި. އެހެންނަމަވެސް، އަޅުގަނޑުވެސް ދަންނަވާލަންޖެހޭ ބައެއް ކުދިކުދި ވާހަކަ އޭގެތެރޭގައި އެބަހުރި. އޭގެތެރެއިން އެއް ވާހަކައަކީ، އަޅުގަނޑުމެންނާ ބޭރުދުނިޔެއާ ދޭތެރޭގައި އޮންނަ ގުޅުން ބަދަހިކުރުން އެއީ، އަޅުގަނޑުމެންގެ ޤައުމުގެ ރައްކާތެރިކަން ދެމެހެއްޓުމުގައި ވަރަށް މުހިންމު ކަމެކޭ ދަންނަވާލުން. އާދެ، މާތްﷲގެ ވާގިފުޅުން އަދި އެކަލާނގެ ރަޙްމަތުން އަޅުގަނޑުމެންނާ، އަޅުގަނޑުމެންގެ ކައިރީގައިވާ އަވަށްޓެރި ޤައުމުތަކާ ދޭތެރޭގައި އޮންނަނީ ވަރަށް ގާތް އެކުވެރިކަމުގެ ގުޅުމެއް. ހަމައެފަދައިން، އަޅުގަނޑުމެންނާ އެހެން ހުރިހާ ޤައުމަކާ ދޭތެރޭގައިވެސް އޮންނަނީ އެކުވެރިކަމާއި އެއްބާރުލުމުގެ ގުޅުން. ދިވެހިރާއްޖެއާއި ދުނިޔޭގެ އެއްވެސް ޤައުމަކާ ދޭތެރޭގައި އެއްވެސް ކަހަލަ މައްސަލައެއް ނެތް. އަޅުގަނޑުހިތުން، މިގޮތަށް މިކަންތައް ބޭއްވުން އެއީ، އަޅުގަނޑުމެން ފަދަ ކުޑަ ޤައުމަކަށް ވަރަށް ބޭނުންތެރި ކަމެއް. އެއްވެސްއިރެއްގައި ކަމެއް ދިމާވިނަމަވެސް، ބޭރުގެ އެހީތެރިކަން އަޅުގަނޑުމެންނަށް ލިބޭނީ، އަޅުގަނޑުމެންނާ ބޭރާ ދޭތެރޭގައި އޮންނަ ގުޅުން އެއީ ރަނގަޅު، ހަރުދަނާ ގުޅުމެއް ކަމުގައި ވެގެން.
ޝައްކެއްނެތް، ނޮވެމްބަރު 3 ގައި އަޅުގަނޑުމެންނަށް އޭގެ ހެކިވަނީ ފެނިފައި. ދިވެހިރާއްޖެއާއި އަވަށްޓެރި ޤައުމުތަކާ ދޭތެރޭގައި އޮތް ގުޅުމެއްގެ ސަބަބުން. އިންޑިޔާ ސަރުކާރުން އަޅުގަނޑުމެންނަށް އެފަދަ ކުއްލި އެހީއެއް ވެދެއްވި. އާދެ، އެ ވެދެއްވި އެހީއަކީ، އިންޑިޔާ ސަރުކާރުން ވެދެއްވި އެހީއެއް ކަމުގައިވިޔަސް، އެ އެހީއަކީ މިދިޔަ އަހަރު، ހަމަ މި މަޤާމުގައި ހުރެގެން އަޅުގަނޑު ދަންނަވާލި ފަދައިން، ދުނިޔޭގެ ހުރިހާ ޤައުމަކުންވެސް، ރާއްޖެއަށް ހެޔޮއެދޭ ހުރިހާ ޤައުމަކުންވެސް އެތަންތަނަށް އެނގިގެން އަދި ތަންތަނުގެ ރުހުމާއެކީގައި، އިންޑިޔާ ސަރުކާރުން އަޅުގަނޑުމެންނަށް ވެދެއްވި އެހީއެއް. މިދިޔަ އަހަރު ތިޔަބޭފުޅުންނަށް އަޅުގަނޑު ދަންނަވާލި ހަނދާންވޭ. އެ ދުވަހު ދިވެހި ސަރުކާރުން އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކުގެ ސަރުކާރުތަކާ ގުޅި ވާހަކަ. އެންމެ ކައިރީގައިވާ ޤައުމުތަކާއި، އަޅުގަނޑުމެންނާ ދުރުގައިވާ ޤައުމުތަކާވެސް ދިވެހި ސަރުކާރުން ގުޅި. އެހުރިހާ ފަރާތަކުންވެސް އެއްބަސްވީ، އެންމެ ފަސޭހައިން އަޅުގަނޑުމެންނަށް އެހީ ފޮނުވައިދެވޭނީ އިންޑިޔާއަށް ކަމުގައި. އެއީ، އިންޑިޔާ އޮތް ކައިރިކަމާއި، އިންޑިޔާގެ މިލިޓްރީ ޢަސްކަރީ ޤާބިލިއްޔަތު ހުރިގޮތުން. އެކަން ވެގެންދިޔައީވެސް އެހެން. އަޅުގަނޑުމެން ދަންނަވާލި ދަންނަވާލުމަކަށް، އިންޑިޔާގެ ބޮޑުވަޒީރު، އޭރުގެ ބޮޑުވަޒީރު މިސްޓަރ ރާޖީވްގާނދީ، ވަގުތުން އިންޑިޔާ ސިފައިން ދިވެހިރާއްޖެއަށް ފޮނުއްވި. އާދެ، އެމަނިކުފާނު މިއަދުވަނީ އަޅުގަނޑުމެންނާ ވަކިވެވަޑައިގެންފައިކަމުން، އަޅުގަނޑުމެންގެ ހިތުގައި އެއުފެދޭ ހިތާމަޔާއެކީގައި، އެމަނިކުފާނަށާއި އެމަނިކުފާނުގެ ސަރުކާރަށް އަޅުގަނޑުމެންގެ ހިތުގައިވާ ޝުކުރު އަދާކުރުމަކީ ނުވަތަ އެއަށް ބަސްތަކެއްގެ ސިފަ ގެނައުމަކީ، އަޅުގަނޑު ހިތުން އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. އަޅުގަނޑުމެންނާ އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކާއި އަދި އެނޫން ޤައުމުތަކާ ދޭތެރޭގައި އޮންނަ ގުޅުން އެއީ، ހަރުދަނާ އެކުވެރި ރަޙްމަތްތެރި ގުޅުމެއް ކަމުގައި ހެދުމުގެ އިތުރަށް، އަޅުގަނޑުމެންނަށް ވެވުނުވަރަކުން، ބޭރު ޤައުމުތަކުގެ ކަންތައްތަކާ ދޭތެރޭގައި ވިސްނައި، އަޅުގަނޑުމެންނަށް ވެދެވެން އޮތް އެހީއެއް އެފަރާތްތަކަށް ވެދިނުމަކީވެސް އަޅުގަނޑުމެންގެ ރާއްޖޭގެ މުސްތަޤްބަލަށްޓަކައި އަދި އަޅުގަނޑުމެންގެ ރާއްޖޭގެ ކުރިއެރުމަށްޓަކައި، އަޅުގަނޑުމެންގެ މިނިވަންކަން ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ބޭނުންކަމެއް ކަމުގައި އަޅުގަނޑަށް ދަންނަވަންޖެހޭ.
އާދެ، މިގޮތުން، ކުވައިތަށް ދިމާވި ޢުދްވާނުގެ މައްސަލައިގައި، ބާރުގަދަ ޤައުމަކުން އެޤައުމުގެ ސިފައިން ކުވައިތަށް ފޮނުވައި، ކުވައިތު ހިފައި އަދި ކުވައިތަކީ އެޤައުމުގެ ބައެއް ކަމުގައި ހަދައި، އިޢުލާނުކުރި މައްސަލައިގައި، އަޅުގަނޑުމެންގެ ރާއްޖޭގައި ޢަމަލުކުރިގޮތް އެއީ، އަޅުގަނޑު ހިތުން، އަޅުގަނޑުމެން އެކަން ކުރަންޖެހޭނެވެސް ގޮތް. އަދި އެކަމުގެ ސަބަބުން، އަޅުގަނޑުމެންނަށް ބޭރު ދުނިޔޭގައި ކޮންމެވެސްވަރަކަށް ތަޢުރީފުވެސް ލިބިފައިވާ ކަމެއް އެއީ. އަޅުގަނޑުމެންނަށް ވެވުނު މިންވަރަކުން އެކަންކުރީ. އެއީ، އަޅުގަނޑުމެން ދެކޭގޮތުގައި، ކޮންމެ ޤައުމަކީވެސް މިނިވަން މުސްތަޤިއްލު ޤައުމަކަށް ވުމުގެ ޙައްޤު ލިބިފައިވާ ޤައުމެއް. އެޤައުމަކީ ކިތަންމެ ކުޑަ ޤައުމެއް ކަމުގައިވިޔަސް، ކިތަންމެ މީސްކޮޅު މަދު ޤައުމެއް ކަމުގައިވިޔަސް، އެ ޙައްޤަކަށް އެއްވެސް ބަދަލެއް ނާންނާނެ. އެ ޙައްޤަކީ ހުރިހާ ޤައުމުތަކެއް، އެ ޙައްޤުގައި ހަމަހަމަވެގެންވާ ޙައްޤެއް. ދުނިޔޭގައި އޮތް އެންމެ ބާރުގަދަ، އެންމެ ބޮޑު، އެންމެ މުއްސަނދި ޤައުމަށް ލިބިފައިވާ މިނިވަންކަމުގެ ޙައްޤާއި، ދުނިޔޭގައިވާ އެންމެ ކުޑަ، އެންމެ ނިކަމެތި ޤައުމަށް ލިބިފައިވާ މިނިވަންކަމުގެ ޙައްޤާ ދޭތެރޭގައި އެއްވެސް ތަފާތެއް ނެތް. އެހެންކަމުން، އަޅުގަނޑުމެން ކުވައިތުގެ މައްސަލައިގައި، ކުވައިތުގެ މިނިވަންކަމަށާއި އިސްތިޤްލާލަށް ތާއީދުކޮށް، އަޅުގަނޑުމެންގެ ފެންވަރުގައި ވާހަކަދެއްކީ. އަދި ދުނިޔޭގެ ބައިނަލްއަޤްވާމީ މަސްރަޙުގައިވެސް، އަޅުގަނޑުމެންނަށް ވެވުނުވަރަކުން އެއަޑު އުފުލައި، ކުވައިތަށް ތާއީދުކުރުމުގެ ގޮތުން، އަޅުގަނޑުމެން ކުރަންޖެހުނު ކޮންމެ ކަމެއްވެސް ކުރަމުން ގެންދިޔައީ.
އާދެ، މިވާހަކަ ދަންނަވާއިރު، އަޅުގަނޑު ދަންނަވާލަންޖެހޭ، އެހެން ޤައުމުތަކުންވެސް އަޅުގަނޑުމެންނާ ދޭތެރޭގައި ބަހައްޓަވަނީ އެފަދަ ގާތް ގޮތެކޭ. ނޮވެމްބަރު 3ގެ ޙާދިޘާއާ ގުޅިގެން، ބޭރު ޤައުމުތަކުގެ ބައެއް ވެރިން، އޭގެ އަނެއްދުވަހު ނުވަތަ ވިދިގެން އައި ދުވަސްތަކުގެ ތެރޭގައި، ފޯނުން އަޅުގަނޑާ ގުޅުއްވައި، އަޅުގަނޑުމެންގެ ޙާލު ބައްލަވައި ހެއްދެވި. އޭގެ ތެރެއިން، އެންމެ ފުރަތަމަ އަޅުގަނޑާ ފޯނުން ގުޅުއްވައި، ދިވެހި ރައްޔިތުންގެ ޙާލަކީ ކޮބައިތޯ، ދިވެހި ޤައުމުގެ ޙާލަކީ ކޮބައިތޯ އެއްސެވި ބޭފުޅަކީ، ކުވައިތުގެ އަމީރު، އައްޝައިޚް ޖާބިރު އަލް އަޙްމަދު އަލް ޖާބިރުއްޞަބާޙް. އެކަން އަޅުގަނޑު ހިތުން އަޅުގަނޑުމެން ހަނދާންކުރަންޖެހޭނެ. އެއީ، އަޅުގަނޑުމެންނާ ބޭރު ޤައުމުތަކާ މިއޮންނަ ގުޅުމެއްގެ ސަބަބުން އެކަން އެހެންވަނީ. އެހެންވީމާ، އެގުޅުން އެގޮތަށް ދަމަހައްޓައި، އަދި އެހެން ޤައުމުތަކަށް ދިމާވާ ކަންތައްތަކުގައިވެސް އަޅުގަނޑުމެންނަށް ކުރެވެން އޮތް ކަމެއް ކުރުމަކީ، އަޅުގަނޑުމެންގެ އަމިއްލަ މަޞްލަޙަތަށްވެސް، މުސްތަޤްބަލަށްވެސް، އަޅުގަނޑުމެންގެ ތަރައްޤީއަށްވެސް ހަމަ ކޮންމެހެން ބޭނުންކަމެކޭ އަޅުގަނޑަށް ދަންނަވަން ޖެހެނީ.
އާދެ، ކުދި ޤައުމުތަކަށް ދިމާވާ ނުރައްކާތެރިތަކުގެ ވާހަކަ އެއީ، ވަރަށް ދިގު ވާހަކައެއް. އެވާހަކަ ދެން އަޅުގަނޑު އިތުރަށް ދައްކާކަށް ނެތިން. އެހެންނަމަވެސް، ކުދި ޤައުމުތަކަށް ދިމާވާ މައްސަލައިގެ ތެރޭގައި، ފަލަސްޠީނުގެ މައްސަލަވެސް ކޮންމެވެސްވަރަކަށް ހިމަނައިލުމަކީ އަޅުގަނޑު ހިތުން ކުރަންޖެހޭނެ ކަމެއް. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، ފަލަސްޠީނަކީ ޢަރަބި އިސްލާމީ ޤައުމެއް. އެހެންނަމަވެސް، މިއަދު ފަލަސްޠީނު ވަނީ ގެއްލިފައި. ފަލަސްޠީނުގެ ރައްޔިތުންނަށް ފަލަސްޠީނުގެ ބިންވަނީ ގެއްލިފައި. އެމީހުންގެ މިނިވަންކަން ވަނީ ގެއްލިފައި. އެމީހުން މިހާރުވެސް ޖިހާދުކުރަމުން ގެންދަނީ، އެމީހުންގެ ވަޠަނަށް އެނބުރި ދެވޭތޯ. އާދެ، މިކަމުގެ ތެރޭގައި ދުނިޔޭގެ ބާރުގަދަ ޤައުމުތަކެއް، ވަރަށް ތަފާތު ގޮތްގޮތަށް ޢަމަލުކުރަމުން ގެންދޭ. ބާރުގަދަ ޤައުމުތަކުން ޢަމަލުކުރާގޮތުން، މިމައްސަލައިގައި ޙައްލަކަށް ނާދެވިގެން މިއުޅެނީ. މި މައްސަލައިގައި، 1948ން ފެށިގެން ހަތަރު ހަނގުރާމަ މިހާރު ހިނގައިފި. ކޮންމެ ހަނގުރާމައެއްގައި، ވަރަށް ގިނަ ޢަދަދަކަށް މުސްލިމުންގެ މީހުން މަރުވެގެން ވަނީ ގޮސްފައި. އެމީހުންގެ ލޭ ވަނީ އޮހޮރިފައި. އަދި އެމީހުންގެ ގެދޮރު ވަނީ ހަލާކުވެފައި. އެމީހުންގެ ބިންތައް ވަނީ ގެއްލިފައި. މި މައްސަލައަށް މިހާރު ޞުލްޙަވެރި ޙައްލެއް ހޯދުމުގެ ގޮތުން، ބައިނަލްއަޤްވާމީ ދާއިރާގައި ކުރެވޭ މަސައްކަތްތަކެއް ކުރެވެމުން އެބަދޭ. އެހެންނަމަވެސް، އެމަސައްކަތްތަކަށް މާ ކައިރި މުސްތަޤްބަލެއްގައި ހަރުދަނާ، ރަނގަޅު ޙައްލެއް އަންނާނެ ކަމުގެ އުންމީދު ވަރަށްވެސް ކުޑަ. އެއީ، އެފަދަ ޙައްލެއް ބިނާވެފައި އޮންނަންޖެހޭނީ، ފަލަސްޠީނު މީހުންގެ ޙައްޤުތައް، އެމީހުންނަށް އަނބުރާ ލިބުމުގެ މައްޗަށް ކަމަށްވާތީ އަދި އެކަމަށް ހުރަސްއަޅާ ފަރާތްތަކެއް، ބާރުގަދަ ފަރާތްތަކެއްވާތީ، އަޅުގަނޑު މިހެން މިދަންނަވަނީ. ހަމައެފަދައިން، ދުނިޔޭގެ ޢާންމު ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި، މިމައްސަލައިގައި ޙަޤީޤަތާ ޚިލާފު ވާހަކަތަކެއް ފެތުރިފައިވާތީއާއި، ފޮތްތަކުގައި ލިޔެވެމުންދާތީ، އެއީވެސް މި މައްސަލަ ޞުލްޙަވެރި، ޢަދުލްވެރި ޙައްލަކަށް ގެނައުމުގައި، ވަރަށް ބޮޑަށް ހުރަސްއަޅާ ކަމަކަށް އޮތީ ވެފައި.
އާދެ، އޭގެ އެއް މިސާލު އަޅުގަނޑު ދަންނަވާލާނަން. ބޭރުގެ ފޮތްތަކުން އަޅުގަނޑުމެންނަށް ފެންނަ ގޮތުގައި އަދި ތާރީޚާބެހޭ ފޮތްތަކުންވެސް އަދި އެކި ނޫސްނޫހުގައި، މަޖައްލާތަކުގައި ލިޔެފައިވާ ގޮތުންވެސް، އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބެނީ، ފަލަސްޠީނަކީ އެންމެ ކުރީ ޒަމާނުގައި ޔަހޫދީން ދިރިއުޅުނު ތަނެއް ކަމުގައި. އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ކިޔަވާކުދިންނަށްވެސް އެފަދަ ފޮތްތައް ފެނިފައި އޮތުމަކީ އެކަށީގެންވާ ކަމެއް. ދުނިޔޭގައި ތާރީޚު ލިޔެއުޅޭ މީހުން، ޚާއްޞަކޮށް، މިޒަމާނުގެ ތާރީޚު ލިޔާއިރު ބުނެފައި އޮންނަނީ، ޔަހޫދީން އެނބުރި އެދިޔައީ، އެމީހުންގެ އެންމެ ކުރީގެ ވަޒަނަށޭ. އެއީ، ފަލަސްޠީނުގައި މާކުރިން އޮތީ އެމީހުންގެ އަމިއްލަ ވަޒަނެކޭ. ޔަހޫދީންނަށް އޮތް ވަޒަން، ޢަރަބިން އަތުލައިގަތިއްޔޭ. އެހެންވީމާ، އެތަނުން މިހާރު ޢަރަބިން ދުރުކޮށްފައި، ޔަހޫދީން އެމީހުންގެ އެންމެ ކުރީގެ ޤައުމީ ވަޒަނަށް އެނބުރި ދިޔައިއްޔޭ. މިގޮތަށް މިހުންނަނީ އެކިއެކި ފޮތްފޮތުގައި ވާހަކަތައް ލިޔެވިފައި. އެހެންވީމާ، އެ ކިޔާ ބަޔަކަށް، އެ ކިޔާ ބަޔަކީ އަދި މުސްލިމުން ކަމުގައިވިޔަސް، އަދި ރާއްޖޭގެ މީހުން ކަމުގައިވިޔަސް، ހިތަށްއަރާފާނެ، އެހެންވިއްޔާ، ފަލަސްޠީނު މީހުންނަކަށް މާބޮޑު ޙައްޤެއް ނެތޭ، އެމީހުންގެ ބިމަށް އެނބުރި ދިޔުމުގެ. މިއީ ވަރަށް ބޮޑު އޮޅުވާލުމެއް.
ތާރީޚުން އެނގޭ ގޮތުގައި، ކުރީ ޒަމާނުގައި، ޔަހޫދީން ފަލަސްޠީނަށް ދިޔުމުގެ ކުރިން، ފަލަސްޠީނުގައި ދިރިއުޅެމުން ގެންދިޔައީ ޢަރަބިން. އިސްލާމްދީނުގެ މާކުރިން ޢަރަބިކަރައިގެ އެތަންމިތާނގައި ޢަރަބިން ދިރިއުޅެމުން ގެންދިޔަ. ޢަރަބިކަރައިގެ ދެކުނުގައި، މެދުތެރޭގައި، އިރުމަތީގައި، ހުޅަނގުގައި، އުތުރުގައި. ފަލަސްޠީނަކީ ޢަރަބިކަރައިގެ އުތުރުގައި ހިމެނޭ ތަނެއް. އެބައިގައިވެސް ދިރިއުޅެމުން ގެންދިޔައީ ޢަރަބިންގެ ބައެއް. އެއީ، "ޖަބާބިރާ" ނަމަކަށް ކިޔުނު ބައެއް. އެމީހުންނަކީ، ދެކުނު ޢަރަބިކަރައިގައި ދިރިއުޅެމުން ގެންދިޔަ ޖަބާބިރާއިންގެ ގޮތްޕެއް. އެމީހުން ފަލަސްޠީނުގައި ދިރިއުޅެމުން ދަނިކޮށް، މޫސާގެފާނު ދުނިޔެއަށް ފޮނުއްވީ. އަދި މޫސާގެފާނަށް ޔަހޫދީން އީމާންނުވުމުގެ ސަބަބުން އަދި މޫސާގެފާނާ އިދިކޮޅަށް އެކިއެކި އަނިޔާވެރި ޢަމަލުތައް ކުރުމުގެ ސަބަބުން، ފިރްޢައުނާއި އަދި މިޞްރުގައި ދިރިއުޅުނު އެހެން ޔަހޫދީންނަށް މާތްﷲ ދެއްވި ޢަޛާބު ނުވަތަ ބާވައިލެއްވި ކޯފާގެ ވާހަކަ އަޅުގަނޑުމެން އަހަމު.
ނަތީޖާއެއްގެ ގޮތުން، ޔަހޫދީންގެ ޤަބީލާތައް ނުވަތަ ޔަހޫދީންގެ މީހުން، ސީނާގެ ޞަޙަރާގައި ވިއްސިވިހާލިވެގެން ނިކަމެތިކަމާއެކީގައި، 40 އަހަރު ވަންދެން އުޅުނު. އޭގެފަހުން، އެމީހުން ދިޔައީ ފަލަސްޠީނަށް. ފަލަސްޠީނަށް އަރައި، އޭރު އެތާނގައި ދިރިއުޅެމުން ގެންދިޔަ ޢަރަބިން، އާދެ، ޖަބާބިރާއިން ބަލިކޮށްފައި، އޭގެފަހުން އެތަނަށް ޔަހޫދީން ވެރިވެގަތީ. އެހެންވީމާ، ތާރީޚުން އެނގޭ ގޮތުގައިވެސް ފަލަސްޠީނަކީ، އެންމެ ކުރީ ޒަމާނުގައި ޢަރަބިންގެ ތަނެއް. ޢަރަބިންގެ ބަޔަކު، ޢަރަބިންގެ ދަރިކޮޅެއްގެ ބަޔަކު ދިރިއުޅެމުން ގެންދިޔަ ތަނެއް. އެމީހުން ދިރިއުޅެމުން ގެންދަނިކޮށް، ޔަހޫދީންގެ މީހުން އެތަނަށް އަރައި، އެތަން ހިފީ. އެހެންވީމާ، އެދައްކާ ވާހަކައަކީވެސް އެއްވެސް ތާކުންތާކުޖެހޭ ވާހަކައެއް ނޫން، ތާރީޚީގޮތުން ބަލާއިރު.
އާދެ، އަޅުގަނޑު މިވާހަކަ މިދަންނަވާލީ، ކުދި ޤައުމުތަކުގެ ސަލާމަތަށް ދިމާވާ ނުރައްކާތަކުގެ ވާހަކަ ދަންނަވާލުމުގެ ގޮތުން. ފަލަސްޠީނަކީވެސް ކުޑަކުޑަ ޤައުމެއް. މީސްކޮޅުވެސް ވަރަށް މަދު. އެމީހުންގެ ބާރެއް ނެތް. އެހެންކަމުން، އެ ޤައުމަށް އެހެން ބަޔަކުއައިސް އެއަށް ވެރިވެގެންފައި މިއޮތީ. އެހެން ބަޔަކު އެތާނގައި، އެމީހުންގެ އަމިއްލަ ވަޠަނެއް ހަދައި، ޤާއިމުކޮށްފައި. އަދި އެކަން މިދަނީ މިއަދާ ޖެހެންދެންވެސް ހަމަ އެގޮތަށް އެއްވެސް ބަދަލެއްނައިސް. އަދި މުސްތަޤްބަލްގައިވެސް އެކަމަށް މާބޮޑު ބަދަލެއް އަންނާނެ ކަމުގެ އުންމީދެއް އަޅުގަނޑު ހިތަކު ނެތް.
ކޮންމެއަކަސް، މިކަހަލަ ކަންތައްތައް ކުދި ޤައުމުތަކަށް ދިމާވަމުންދާތީ، އަޅުގަނޑުމެން އެކަމާ ދޭތެރޭގައި ފިކުރުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އަޅަންޖެހޭނެ. މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ ވާހަކަފުޅުގައި އެވާހަކަތައް ވިދާޅުވެއްޖެ. އަޅުގަނޑުވެސް ވަރަށް ބޮޑަށް ޤަބޫލުކުރާ ވާހަކައެއް އޭނާ ވިދާޅުވި. އެއީ، އަޅުގަނޑުމެންގެ އަމިއްލަ މިނިވަންކަމާއި އިސްތިޤްލާލު ރައްކާތެރިކުރާނީ އަޅުގަނޑުމެން. ބޭރުގެ ބައެއް ނޫން. ފަހަރެއްގައި ކަން ދިމާވާގޮތަކުން، ވަގުތީގޮތުން ބޭރުގެ އެހީއަކަށް އެދެން ޖެހުނުކަމުގައިވިޔަސް، އެކަމުގެ މަސްއޫލިއްޔަތު، ޤައުމު ދިފާޢުކުރުމުގެ މަސްއޫލިއްޔަތު، އަޅުގަނޑުމެންގެ މިނިވަންކަމާއި، އިސްތިޤްލާލާއި، އަޅުގަނޑުމެންގެ ދީން ދިފާޢުކުރުމުގެ މަސްއޫލިއްޔަތަކީ، ހަމަ އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތެއް. އެހެންނަމަވެސް، އެ މަސްއޫލިއްޔަތު އަޅުގަނޑުމެންނަށް އަދާކުރެވޭނީ، އަޅުގަނޑުމެންގެ މެދުގައި ޤައުމީ އުޚުއްވަތްތެރިކަމެއް، އެއްބައިވަންތަކަމެއް އޮވެގެން. ބޭރުގެ ބައެއްގެ ހެއްލުމަށް ނަމަވެސް، ނުވަތަ ބޭރުގެ މީހުން އުފުލާ ޝިޢާރުތަކަށް ތަބަޢަވުމުގެ ގޮތުން ނަމަވެސް، އަޅުގަނޑުމެންގެ މެދުގައި އެއްވެސް ކަހަލަ ބައިބައިވުމެއް އުފެދުނަނުދީގެން، އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ޤައުމު ރައްކާތެރިކަމާއެކު ދެމެހެއްޓޭނީ.
މީގެކުރިން އަޅުގަނޑުމެންގެ ތާރީޚަށް ބަލައިލިޔަސް، މިއީ ޙަޤީޤަތެއްކަން އެނގިވަޑައިގަންނަވާނެ. ރާއްޖޭގެ މިނިވަންކަން ގެއްލިގެންދިޔަ ކޮންމެ ފަހަރަކުވެސް، މިނިވަންކަން ގެއްލިގެން ގޮސްފައި ވަނީ، ދިވެހި ޚާއިނުންގެ ބައެއްގެ ސަބަބުން. އެބަޔަކު ޢަމަލުކުރި ގޮތަކުން. ޤައުމުގައި އެއްބައިވަންތަކަން ނެތިގެން، ޤައުމުގައި ފިތުނަފަސާދަ އުފެދިގެން، ޤައުމުގައި ދާޚިލީ ހަނގުރާމަތަކެއް އުފެދިގެން ނުވަތަ ދެކޮޅުވެރިކަމެއް އުފެދިގެން. އޭގެ ނަތީޖާއެއްގެ ގޮތުން، ރާއްޖޭގެ މިނިވަންކަން ގެއްލުނު ކޮންމެ ފަހަރަކުވެސް ގެއްލިފައި ވަނީ. މުސްތަޤްބަލްގައިވެސް އެކަންވާނީ އެހެން.
އެހެންވީމާ، އެއީ، އަޅުގަނޑުމެން މިއަދު ނަޞްރުގެ ދުވަސް ފާހަގަކުރާއިރު، އެންމެ ބޮޑަށް ވިސްނަންވީ ކަމަކީ. އަޅުގަނޑުމެންގެ ޤައުމުގެ އަމަންއަމާންކަމާއި، މިނިވަންކަމާއި، ސިޔާދަތު ރައްކާތެރިކުރަން ބޭނުންނަމަ، އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭނީ، ޤައުމީ އެއްބައިވަންތަކަމެއް ކަމުގައި އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭނެ. އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭނީ، ޤައުމީ އެކުވެރިކަމެއް ކަމުގައި އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭނެ. އަދި އަޅުގަނޑުމެންގެ މެދުގައި ތަފާތުތަކެއް ހުރިކަމުގައިވިޔަސް، އެ ތަފާތުތައް ޙައްލުކުރަންޖެހޭނީ ހަމަ އަޅުގަނޑުމެން. ބޭރު ބަޔަކަށް އެތަފާތުތައް ޙައްލުކުރުމުގެ ފުރުޞަތު އަޅުގަނޑުމެން ދީގެން ނުވާނެ. އަޅުގަނޑުމެންގައި އެ ޤާބިލިއްޔަތު އެބަހުރި. އަޅުގަނޑުމެންނަކީ އިންސާނުން. އަދި ދިވެހިންނަކީ އަޅުގަނޑު ހިތުން ވަކި އެހެން ޤައުމުތަކުގައި ދިރިއުޅޭ އިންސާނުންނަށްވުރެ ބުއްދީގެ ގޮތުންވެސް ދެރަ ބައެއް ނޫން. އަޅުގަނޑުމެންގެ ތެރޭގައި، ބުއްދި ސަލާމަތުން ހުރި، ސިކުނޑި ރަނގަޅު، ހޭޖެހޭ ވަރަށްގިނަ މީހުން އެބަތިބި. އަޅުގަނޑުމެންގެ ދިވެހި ރައްޔިތުންނަކީ ހޭޖެހޭ ރައްޔިތެއް. ވިސްނުންހުރި ރައްޔިތެއް. އެހެންވީމާ، އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ކަންތައްތައް ޙައްލުކުރުމުގެ ބާރާއި ޤާބިލިއްޔަތު ލިބިގެންވާކަން އެއީ، ޝައްކެއްހުރި ކަމެއް ނޫން.
އާދެ، ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، އަޅުގަނޑުމެން މި މުނާސަބަތު ފާހަގަކޮށް ހަދާއިރު، އަޅުގަނޑުމެން ﷲގެ ޙަޟްރަތުގައި ދަންނަވާ ދުޢާއެއް އެބައޮތް. އަދި އަޅުގަނޑަށް ކަށަވަރު، ތިޔަ ހުރިހާ ބޭފުޅުންނާއި، ދިވެހިރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންވެސް އެ ދުޢާގައި ބައިވެރިވެވަޑައިގަންނަވާނެ.
އާދެ، ﷲގެ ޙަޟްރަތުގައި އަޅުގަނޑު ދަންނަވާ ދުޢާއަކީ، އަޅުގަނޑުމެން ދިވެހި ޤައުމުގެ މިނިވަންކަމާއި، ސިޔާދަތާއި، އަމަންއަމާންކަން ރައްކާތެރިކުރުމަށް ކުރަންޖެހޭ ކޮންމެ ޖިހާދެއްގައި، ދިވެހި ރައްޔިތުންނަށް ނަޞްރު ދެއްވުން. އަދި އަޅުގަނޑުމެން ތަރައްޤީގެ މަގުގައި، މި ކުރަމުންގެންދާ ޖިހާދުގައިވެސް ނަޞްރު ދެއްވުން. ނޭނގުމާއި، ބަލިމަޑުކަމާއި، ފަހަށްޖެހުމުގެ ރޫޙާއި، މިކަންތައްތައް ނައްތާލުމަށްޓަކައި އަޅުގަނޑުމެން ކުރަމުން މިގެންދާ ހަނގުރާމައިގައި، އެކަލާނގެ އަޅުގަނޑުމެންނަށް ނަޞްރު ދެއްވުން. އަދި ދިވެހިރާއްޖެއަށް ޞުލްޙަވެރިކަމާއި، އަމަންއަމާންކަމާއި، ތަރައްޤީއާއި، ކުރިއެރުން ހޯދައިދެވޭތޯ ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރާ މަސައްކަތުގައިވެސް، އެކަލާނގެ އަޅުގަނޑުމެންނަށް ނަޞްރު ދެއްވުން. اللّـه سبحـانـه وتعـالى އަޅުގަނޑުމެން އެންމެންގެ ދުޢާ އިޖާބަކުރައްވާށި! އާމީން.
والسّلام عليكم ورحمـة اللّـه وبركاته.