بســم اللّـه الرّحمـن الرّحيــم
ދިވެހި ކުޑަކުދިންގެ ބްރޯޑްކާސްޓް ކުރުމުގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ހުރިހާ ކުޑަކުދިންނަށް ލޯތްބާއެކު، އަޅުގަނޑުގެ މުބާރަކްބާދީއާއި ހެޔޮއެދުންތައް ފޮނުވަން. އަދި އެކުދިންގެ މައިންބަފައިންނަށާއި، ބެލެނިވެރިންނަށާއި، ޢާއިލާތަކަށްވެސް ތަހުނިޔާ އަދާކުރަން. މިފަދަ ދުވަހެއް ފާހަގަކުރުމުގެ ބޭނުމަކީ، ކުޑަކުދިންގެ ޙައްޤުތަކަށާއި، މުޖުތަމަޢުގެ ފަރާތުން ކުޑަކުދިންނަށް ކޮށްދޭންޖެހޭ ޚިދުމަތްތަކާ ބެހޭގޮތުން ރޭޑިޔޯއާއި ޓެލެވިޜަންގެ ޛަރީޢާއިން ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުން.
ޝައްކެއްނެތް، މުޖްތަމަޢުގައި ހިމެނޭ ތަފާތު ބައިތަކުގެ ތެރެއިން، އަޅުގަނޑުމެންގެ ލޯތްބާއި އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވާ ބަޔަކީ ކުޑަކުދިން. ކުޑަކުދިންނަކީ، އެކުދިންގެ ޙަޔާތުގެ އެއްވެސް ކަމެއް އަމިއްލައަށް ހަމަޖެއްސޭވަރުގެ ޤާބިލިއްޔަތެއް ލިބިފައިވާ ބައެއް ނޫން. އެންމެ ޅައިރުއްސުރެ އެކުދިން ބަލައި ބޮޑުކޮށް، ހެޔޮގޮތުގައި އެކުދިން ތަރުބިއްޔަތު ކުރަންޖެހެނީ، އެކުދިންގެ މައިންބަފައިންނާއި ބެލެނިވެރިން.
ދުނިޔޭގެ ކަންކޮޅުތަކުގައި ދިރިއުޅޭ ކުޑަކުދިންގެ ޙާލަތު ރަނގަޅުކުރުމަށް ކުރަންޖެހޭ ކަންތައްތަކާ ބެހޭގޮތުން މަޝްވަރާ ކުރުމަށްޓަކައި، 1990 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ދުނިޔޭގެ ޤައުމުތަކުގެ އިސްވެރިންގެ ޖަލްސާއެއް ނިއުޔޯރކްގައި ވަނީ ބޭއްވިފައި. ދިވެހިރާއްޖެވެސް އެ ޖަލްސާގައި ބައިވެރިވި. އެ ޖަލްސާއިން ފާސްކުރެވުނު ޤަރާރާއި، ޢަމަލީ ފިޔަވަޅުތަކުގެ މަޝްރޫޢުގެ އަލީގައި، ދުނިޔޭގެ އެކި ޤައުމުތަކުގައި ކުޑަކުދިންގެ ޙާލަތު ރަނގަޅުކުރުމަށް މަސައްކަތް ކުރަމުން އެބަގެންދޭ.
ރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތަކާ ބެހޭގޮތުން ރާއްޖޭގެ ޢާންމު ރައްޔިތުން ހޭލުންތެރި ކުރުވުމަށްޓަކައި، މިދިޔަ އަހަރު ވަނީ ރާއްޖޭގެ ކުޑަކުދިންގެ އަހަރުގެ ގޮތުގައި ފާހަގަކުރެވިފައި. އަދި ކުޑަކުދިންގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި ބޮޑެތި މީހުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރުމަށް ބާރުއެޅުމުގެ ގޮތުން، މިދިޔަ އަހަރު ވަނީ، ކުޑަކުދިންގެ ޙައްޤުތަކާބެހޭ ޤާނޫނެއް ފާސްކުރެވި، އެ ޤާނޫނަށް ޢަމަލުކުރަން ފެށިފައި. އެ ޤާނޫނުގައި ކުޑަކުދިންގެ ޙައްޤުތަކަކީ ކޮބައިކަންވަނީ ވަރަށް ޞަރީޙަކޮށް ބަޔާންކުރެވިފައި. އަދި އެ ޙައްޤުތައް ކުޑަކުދިންނަށް ލިބިދީ، އެ ޙައްޤުތައް ޙިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި މައިންބަފައިންނާއި، ސަރުކާރުންނާއި، ޢާންމު ރައްޔިތުން ކުރަންޖެހޭ ކަންތައްތައް ވަނީ އެ ޤާނޫނުގައި ބަޔާންކުރެވިފައި. އަދި ކުޑަކުދިންނާބެހޭ ޤައުމީ ޖަލްސާއެއް، ވޭތުވެދިޔަ އަހަރު ބާއްވައި، ކުޑަކުދިންގެ ދިރިދެމިތިބުމާއި، ޙިމާޔަތާއި، ތަރައްޤީއާބެހޭ ޤަރާރަކާއި، ކުޑަކުދިންގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި އަޅަންޖެހޭ ޢަމަލީ ފިޔަވަޅުތަކުގެ މަޝްރޫޢެއްވަނީ ފާސްކުރެވިފައި.
އެހެންނަމަވެސް، ޤާނޫނެއް ފާސްކުރުމާއި، އެ ޤާނޫނަކަށް ޢަމަލުކުރުމާ، އެއީ ވަރަށް ތަފާތު ދެކަމެއް. އަދި ވަކި ޤަރާރެއްގެ އަލީގައި ވާޖިބުތަކަކާއި، މަސްއޫލިއްޔަތުތަކެއް ދެނެގަތުމާއި، އެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރުމާއި، މިއީވެސް ތަފާތު ދެކަމެއް. އަޅުގަނޑުމެންގެ ރާއްޖޭގައި ކުޑަކުދިންގެ ޙާލަތާމެދު މިއަދު ވަނީ ވަރަށް ބޮޑަށް ވިސްނަންޖެހިފައި. އެކިއެކި ސަބަބުތަކާހުރެ ތަޢްލީމް ޙާޞިލްކުރުމުގެ ފުރުޞަތު ނުލިބިވަނީ ކިތައް ކުދިންތޯ؟ ހަށިގަނޑަށް ފައިދާހުރި ކާނާ ނުލިބޭ ކިހާ ކުދިންނެއް އަޅުގަނޑުމެންގެ ތެރޭގައި އެބަތިބިތޯ؟ ކުޑަކުދިންގެ ބަލިތަކުން ސަލާމަތްކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކުގެ ތެރެއިން ނޭޅިހުރީ ކޮންކޮން ފިޔަވަޅެއްތޯ ބަލަންޖެހޭ.
އަދި ކުޑަކުދިންނަށް ދިމާވާ އެކިއެކި ނުރައްކާތެރި ޙާދިޘާތަކުން އެކުދިން ސަލާމަތް ކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާމެދު ވިސްނައި، ނޭޅި ހުންނަ ފިޔަވަޅުތައް އަޅަންޖެހޭ. މީގެ ހަމައެކަނި ތިން ދުވަސް ކުރިން، ރާއްޖޭގެ ރަށެއްގައި، އުމުރުން އެންމެ 11 އަހަރުވީ ކުއްޖަކު އަމިއްލައަށް ދަންޖެހިގެން މަރުވި ހިތާމަވެރި ޚަބަރު ވަނީ ލިބިފައި. ހަމަ އެދުވަހު، އެއްއަހަރުވީ ކުއްޖަކު ރަށެއްގެ ގޮނޑުދޮށުގައި ހުރި ބަނބުކެޔޮ ގޮފިތަކެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނިފައިވޭ. އަދި މިމަހުގެ 13 ވަނަ ދުވަހުވެސް، ޢުމުރުން 12 އަހަރުގެ ކުއްޖަކު މޫދަށް ގެނބިގެން ވަނީ މަރުވެފައި. އަދި ދާދި މިދާކަށްދުވަހު، ޢުމުރުން އެންމެ 3 އަހަރުވީ ކުއްޖަކު، ޢިމާރާތެއްގެ 2 ވަނަ ބުރިން މަގުމައްޗަށް ވެއްޓުނު ޚަބަރުވެސް އަޅުގަނޑުމެން ވަނީ އަހާފައި. މިހިރަ ކަންތައްތަކަކީ، އަޅުގަނޑުމެންގެ ތެރޭގައި، ކުޑަކުދިންގެ ސަލާމަތާ ބެހޭގޮތުން ދޭންވާވަރާ ގާތަށްވެސް ސަމާލުކަން ނުދެވޭކަން ހާމަކޮށްދޭ ކަންތައްތަކެއްކަން ކަށަވަރު.
މީގެ އިތުރުން، އުމުރުން 13، 14 އަހަރުގެ، ނުވަތަ 15، 16 އަހަރުގެ ބައެއް ކުދިން ކުރާ އެކި ބާވަތުގެ ކުށްކުށުގެ ވާހަކަވެސް، މިހާރަކަށްއައިސް ވަރަށް ގިނައިން އިވޭ. އަދި އެފަދަ ޅަޢުމުރުގެ ކުދިން ދުންފަތުގެ އިސްތިޢުމާލު ކުރާ ވާހަކަވެސް އިވެނީ މަދެއްކޮށެއް ނޫން.
ކުޑަކުދިންނާބެހޭ މިފަދަ އުފާވެރި ދުވަހެއްގައި، މި ދެންނެވި ފަދަ ހިތާމަވެރި ޙާދިޘާތަކެއްގެ ނުވަތަ ނޭދެވޭ ކަންތައްތަކެއްގެ ވާހަކަ ދަންނަވާލަން ޖެހުނު ކަމަށްޓަކައި އަޅުގަނޑު ވަރަށް ދެރަވަން. އެހެންނަމަވެސް، ކުޑަކުދިންގެ ފަރާތުން މައިންބަފައިންނަށާއި، ޢާއިލާއަށް ލިބޭ އުފަލާއި، ހިތްހަމަޖެހުމާއި، އަދި އެކުދިން ބޮޑެތިވެގެން، އެކުދިންގެ ފަރާތުން ޤައުމަށް ލިބޭނެ ޚިދުމަތާއި ފައިދާއަކީ، އެކިއެކި ނުރައްކާތަކުންނާއި، ނޭދެވޭ ޢަމަލުތަކުން ކުޑަކުދިން ސަލާމަތްކޮށް، ރައްކާތެރިކޮށްގެން ނޫނީ ލިބޭނެ އެއްޗަކަށް ނުވާތީ، މިވާހަކަ ދަންނަވާލަން އަޅުގަނޑަށް ޖެހުނީ.
އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުން ދަންނަވާލަން ޖެހެނީ، އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް ކުޑަކުދިންގެ ޙާލަތު ރަނގަޅުކުރުމަށް މަސައްކަތްކުރަމާތޯއޭ! ކުޑަކުދިންނަށް ލިބެންޖެހޭ ލޯތްބާއި އެހީތެރިކަން އެކުދިންނަށް ފޯރުވައިދެމާތޯއޭ! އަޅުގަނޑުމެންގެ އެންމެ ބޮޑު އުފަލަކީ، އަޅުގަނޑުމެންގެ ދަރިން ކަމުގައިވާއިރު، އެކިއެކި ނުރައްކާތެރި ޙާދިޘާތަކުން އެކުދިން ސަލާމަތްކުރުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅަމާތޯއޭ!
އަޅުގަނޑު އެދެނީ، ރާއްޖޭގެ ހުރިހާ ކުޑަކުދިންނަށްވެސް ފުރިހަމަ ޞިއްޙަތާއި އުފާފާގަތިކަން. ޤައުމަށް ފައިދާހުރި، އިޚްލާޞްތެރި، އުފެއްދުންތެރި ބަޔަކަށްވުމަށްޓަކައި، އެކުދިންނަށް ބޭނުންވާ ތަޢްލީމާއި ތަރްބިއްޔަތާއި، އެނޫންވެސް ކަންތައްތަކުގެ މަގު ފަހިވެގެންދިޔުން.