بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّدنا محـمَّدٍ وعلى آلـه وصحـبه أجمعـين.

ތިލަދުންމަތީ އުތުރުބުރީގެ މީހުން އުޅޭ ރަށްރަށަށް އަޅުގަނޑު މިކުރާ ދަތުރުގައި، ކެލައަށް އައުމުން، އަޅުގަނޑަށް ވަރަށް މަތިވެރި ދެ އުފަލެއް އިޙްސާސްވަމުން އެބަދޭ. އާދެ، އެއީ، އެންމެ ފުރަތަމަ އުފަލަކީ، ކެލާގެ ރައްޔިތުންނާ ބައްދަލުކުރުމުގެ ފުރުޞަތު ލިބުމުގެ އުފާ. ދެވަނަ އުފަލަކީ، ދުނިޔޭގައި ކާބޯތަކެތީގެ ދުވަސް މިރަށުގައި ފާހަގަކުރުމުގެ ގޮތުން ބޭއްވޭ ކަންތައްތަކުގައި ބައިވެރިވުމުގެ އުފާ. މި ދެ ކަންތައް މިހެން ދިމާވުމާއެކީގައި، މިރޭ އަޅުގަނޑު ދައްކަން ޤަޞްދުކުރާ ވާހަކަވެސް ދެ ރޮނގަކުން ކުރިއަށްގެންދަން ޖެހޭނެ ކަމަށް އަޅުގަނޑަށް ފެނޭ.

އާދެ، އެންމެ ފުރަތަމަ އަޅުގަނޑު އެއްޗެއް ދަންނަވާލާނީ، އަޅުގަނޑު މިކުރާ ދަތުރާ ބެހޭގޮތުން، އަދި މިދަތުރުގައި ކެލައަށް އައުމާ ބެހޭގޮތުން ކެލާގެ ރައްޔިތުންނަށް ދަންނަވާލަންޖެހޭ ބައެއް ވާހަކަ.

އާދެ، އަޅުގަނޑު މިހާރު މިކުރާ ދަތުރަކީ، ތިލަދުންމަތީ އުތުރުބުރީގެ މީހުން އުޅޭ ހުރިހާ ރަށަކަށް ކުރާ ދަތުރެއް. މީގެކުރިން ތިލަދުންމަތީގެ އަދި ޚާއްޞަކޮށް، ތިލަދުންމަތީ އުތުރުބުރީގެ ހުރިހާ ރަށަކަށް އަޅުގަނޑަށް ޒިޔާރަތް ކުރެވިފައި ވަނީ، 1979 ވަނަ އަހަރުގެ ތެރޭގައި. އެއީ، އަޅުގަނޑު ރައީސްކަމާ ޙަވާލުވީފަހުން ރާއްޖެތެރެއަށް ކުރި އެންމެ ފުރަތަމަ ރަސްމީ ދަތުރު. އެދަތުރުގައި މިއަތޮޅުގެ ދެބުރީގެ ހުރިހާ ރަށްރަށަށް އަޅުގަނޑު ޒިޔާރަތް ކުރިން. އޭގެ ފަހުންވެސް، ފުރުޞަތު ލިބުނު މިންވަރަކުން ހއ. އަތޮޅާއި، ހދ. އަތޮޅުގެ ބައެއް ރަށްރަށަށް އަޅުގަނޑު ޒިޔާރަތްކުރަމުން ގެންދިޔައިން. އެހެންނަމަވެސް، ކަންދިމާވިގޮތުން، ކުރިން އަޅުގަނޑު 1979 ވަނަ އަހަރުގެ މާޗް މަހުގެ 5 ވަނަ ދުވަހު ކެލައަށް އައުމަށްފަހުގައި، ދެން އަޅުގަނޑަށް ކެލައަށް މިއާދެވުނީ މިއަދު.

އާދެ، އެހެން ދިމާވާންޖެހޭ ސަބަބުތަކެއް އެބަހުރި. އޭގެ ވާހަކަ މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންވެސް ވިދާޅުވި. އާދެ، އަޅުގަނޑުގެ މަސައްކަތް ހުންނަ ގޮތުންނާއި އަދި ރާއްޖެތެރެއަށް ދަތުރުފަތުރުކޮށް އުޅުމުގައި ދިމާވާ މައްސަލަތަކުގެ ސަބަބުން އަޅުގަނޑު އެދޭ މިންވަރާ ގާތަށްވެސް ރާއްޖެތެރެއަކަށް އަޅުގަނޑަކަށް ނުދެވޭ. ރާއްޖެތެރޭގެ ރައްޔިތުން އެކަން ޤަބޫލުކުރައްވައި، އަޅުގަނޑަށް މާފުކުރައްވާނެ ކަމަށް އަޅުގަނޑު ހީކުރަން. އަޅުގަނޑު މިހާރު މިކުރާ ދަތުރުވެސް، އެތައްފަހަރެއްގެ މަތިން ފަށަން ވަނީ ޤަޞްދުކޮށްފައި. އާދެ، މިއަހަރުގެ ތެރޭގައި، ވަރަށް ކުރިން، މިއަހަރުގެ ހުޅަނގު މޫސުންލައިގަތުމުގެވެސް ކުރިން ފުރަތަމަ އަޅުގަނޑު މި ދަތުރުކުރަން ޤަސްދުކުރީ. އެއީ، ރޯދަމަހާ ވިދިގެން އެޕްރީލް މަހުގެ ތެރޭގައި. އެހެންނަމަވެސް، އެފަހަރުވެސް ކަންދިމާވިގޮތުން އަޅުގަނޑަށް ދަތުރުނުކުރެވުނީ. ދެން އޮގަސްޓް މަހުގެ ތެރޭގައި އެފަހަރުވެސް ދަތުރުކުރަން އުޅެނިކޮށް ދިމާވި ކަންތައްތަކެއްގެ ސަބަބުން ދަތުރު ކުރިއަށް ނުގެންދެވުނީ. އެހެންނަމަވެސް، މާތްﷲގެ ވާގިފުޅާ އެކީގައި، އެންމެފަހުން މިދަތުރު ކުރުމުގެ ފުރުޞަތު މިހާރު އަޅުގަނޑަށް މިވަނީ ލިބިފައި.

އާދެ، އަޅުގަނޑު ރާއްޖެތެރެއަށް މިކުރާ ދަތުރުތަކުން އަޅުގަނޑަށް ވަރަށް ގިނަ މަޢުލޫމާތުތަކެއް ލިބޭ. ވަރަށް ގިނަ ތަޖުރިބާތަކެއް ލިބޭ. ރާއްޖެތެރޭގައި މީހުން ދިރިއުޅޭގޮތް ފެނޭ. އެމީހުންނަށް ދަތިވާ ކަންތައްތައްވެސް ވިސްނޭ. އަދި އެމީހުން ދިރިއުޅުމުގައި ކުރަމުން ގެންދާ މަސައްކަތްތަކާއި، އެމީހުންގެ ރަށްރަށް ތަރައްޤީކޮށް ކުރިއަށް ގެންދިޔުމަށްޓަކައި ކުރާ ބުރަ މަސައްކަތާއި، އެކަންތައްތަކަށް އެޅޭ ހުރަސްތަކާއި، މިހުރިހާ ކަމެއްވެސް އަޅުގަނޑުގެ ލޮލަށް ފެނުމުގެ ނަޞީބު އަޅުގަނޑަށް ލިބޭ.

އާދެ، މި މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، ރާއްޖެތެރޭގެ ކަންތައްތައް އިޞްލާޙުކޮށް ތަރައްޤީ ކުރެވޭތޯ، މިވޭތުވެދިޔަ ތޭރަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑު މި މަސައްކަތްކުރަމުން މިއައީ. އެ މަސައްކަތް އެ ކުރަމުންދިޔަ ގޮތާއި، އެ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ރާއްޖެތެރެއަށް މިހާރު އަންނަމުންދާ ބަދަލުތަކާއި، މިހުރިހާ ކަމެއް، ކެލާގެ ރައްޔިތުންނަށްވެސް ރަނގަޅަށް އެނގިވަޑައިގަންނަވާނެ. އެހެންކަމުން، އެކަމުގެ ތަފްޞީލުތަކުގެ ތެރެއަށް ދާކަށް އަޅުގަނޑު ޤަޞްދެއްނުކުރަން.

އާދެ، ކެލައަކީ ވަރަށް ޚާއްޞަ ރަށެކޭ ދަންނަވަންޖެހޭ. އާދެ، ވަރަށް ގިނަ ގޮތްގޮތުން. އެއްގޮތަކީ، ކެލާ މިއޮންނަ ތަނުގެ ގޮތުން އެއީ، މުހިންމު ރަށެއް ކަމުގައި ވަރަށް ކުރިއްސުރެ ވަނީ ފާހަގަކުރެވިފައި. ޚާއްޞަކޮށް، ދެވަނަ ބޮޑުހަނގުރާމައިގެ ތެރޭގައި އިނގިރޭސިން ބޭނުންކުރި އެއް މަރުކަޒު ހުރީ މިރަށުގައި. އާދެ، އަނެއް ތަން ހުރީ އައްޑުއަތޮޅުގެ ގަމުގައި. އެއިން ދައްކާ އެއްޗަކީ، ރާއްޖޭގެ ސަލާމަތަށާއި ރައްކާތެރިކަމަށްޓަކައި ކެލައާއި، އައްޑުއަތޮޅާއި، އަދި ޚާއްޞަކޮށް، އައްޑުއަތޮޅު ގަމާއި މި ދެތަން ޙިއްޞާކުރާ މިންވަރު. ދެން ކެލާ ޚާއްޞަވާ އަނެއް ސަބަބަކީ، ރާއްޖޭގެ ގިނަ މީހުންނަކީ މަސްވެރިން ކަމަށްވެފައި، ރާއްޖޭގެ ގިނަ ތަންތާނގައި މަސްވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް މަސައްކަތް ކުރަމުންގެންދާ ވަގުތެއްގައި އަދި ރާއްޖޭގެ މީހުންނަކީ މަސްވެރިންގެ ގޮތުގައި ދުނިޔެއަށްވެސް މަޝްހޫރުވެފައިވާ ބަޔަކަށްވާހިނދު، ކެލާގެ ރައްޔިތުންނަކީ މަސްވެރިކަން ކުރިކަމުގައިވިޔަސް، އެއަށްވުރެ ބޮޑަށް ދަނޑުވެރިކަމާއި، ގަސް އިންދުމުގެ މަސައްކަތް ކުރާ ބަޔަކަށްވާކަން. އެގޮތުން މިރަށަކީ، ކުރިއްސުރެ މަޝްހޫރުވެފައިވާ ރަށެއް.

އާދެ، މިރަށުގައި ޒަމާނުއްސުރެ ތަފާތު ގަސްތައް، މިރަށުގެ ރައްޔިތުން އިންދަމުން ގެންދޭ. މިރަށުގައި ގޮވާންކުރޭ. އަދި މިރަށުން ލިބޭ އެއްޗަކުން، އެމީހުންގެ ކެއިންބުއިމުގެ ކަންތައްތައް ހަމަޖައްސަމުން ގޮސްފައިވޭ. އާދެ، މަޝްހޫރު ބުޓާނީވެސް އައިސް މިރަށުގައި ދުވަސްތަކެއް ހޭދަކުރި. އަދި އޭނާ އެކުރި މަސައްކަތުގެ ސަބަބުންވެސް މިރަށުގެ ދަނޑުވެރިކަމަށާއި، ގަސް އިންދުމަށް އިތުރު ކުރިއެރުމެއް ލިބިގެންދިޔަ. އެއަށްފަހުވެސް މިރަށުގެ ރައްޔިތުންނަކީ، ދަނޑުވެރިކަމަށް ޚާއްޞަ ލޯތްބެއް ހުންނަ ބަޔަކު ކަމުގައި ވަނީ ފާހަގަކުރެވިފައި. އާދެ، އެއީ ޝައްކެއްނެތްގޮތުގައި، ވަރަށް ރަނގަޅު ކަމެކޭ އަޅުގަނޑަށް ދަންނަވަން ޖެހެނީ. އެއީ، ރަށުގެ ބިންގަނޑު ބޮޑުވެފައި، ގަސް އިންދުމަށާއި، ގޮވާންކުރުމަށް އެހެން ރަށްރަށަށްވުރެ ފަސޭހަ ގޮތްތަކެއް މިރަށުގައި ހިމެނިފައިވުމާ އެކީގައި ވަރަށް ފައިދާހުރި ގޮތެއް ކަމުގައިވާތީ.

އާދެ، ކެލާ މަޝްހޫރުވާ އެހެން ސަބަބެއްވެސް އެބައޮތް. ކެލައަކީ ވަރަށް އަގުހުރި ދަރިންތަކެއް ދިވެހިރާއްޖެއަށް ހަދިޔާކޮށްފައިވާ އަދި ހަދިޔާކުރަމުންދާ ރަށެއް. އާދެ، މިރަށުގައި ހިނގަމުންދާ މަދަރުސަތުއްޝައިޚް އިބްރާހީމް ނިސްބަތްވަނީ ކެލައިން އުފެދުނު ވަރަށް އަގުހުރި ދިވެހި ދަރިޔަކަށް. އާދެ، ފަޟީލަތުއްޝައިޚް އަލްމަރްޙޫމް އިބްރާހީމް ރުޝްދީ އަލްއަޒްހަރީ. އޭނާއަކީ ޢަރަބި ތަޢުލީމު ޙާޞިލްކުރައްވައިގެން ހުންނެވި އަދި ދީނީ ތަޢުލީމު ޙާޞިލްކުރައްވައިގެން ހުންނެވި، ރާއްޖެއަށް މަތިވެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް. ސަރުކާރުގެ ތަފާތު ފެންވަރުތަކުގެ މަޤާމުތައް އޭނާ ފުރުއްވި. ވަޒީރުލް އައުޤާފުކަމުގެ މަޤާމުވެސް ތިންފަހަރަކު ފުރުއްވި. އަދި އޭނާ އަވަހާރަވީއިރު، އެންމެފަހުން ހުންނެވީވެސް އެ މަޤާމުގައި. އަދި އޭގެ އިތުރުން، މަޙްކަމަތުލް މަޢާރިފުގެ ވެރިކަމާއި އަދި އެނޫންވެސް އެތައް މަޤާމުތަކެއް ފުރުއްވަމުން ގެންދެވި. ރައްޔިތުންގެ މަޖްލިސްގެ ރަދުންގެ މެންބަރުކަމާއި އަދި ކިޔަވައިދެއްވާ މުދައްރިސެއްގެ ވަޒީފާވެސް އަދާކުރައްވަމުން ގެންދެވި. މުދައްރިސެއްގެ ވަޒީފާއަކީ، ކުރިން ދެންނެވި މަޤާމުތަކަށްވުރެ، ޚިދުމަތުގެ ގޮތުން ބަލާއިރު، އެއްވެސް ހާލެއްގައި ދަށް ވަޒީފާއެކޭ އަޅުގަނޑަކަށް ނުދެންނެވޭނެ. އެހެނީ، ކިޔަވައިދިނުމަކީ ނުވަތަ ދަރިންތަކެއް ތަރުބިއްޔަތު ކުރުމަކީ ވަރަށް މުހިންމު އަދި ވަރަށް ފައިދާހުރި ކަމަކަށްވާތީ.

އާދެ، އަލްމަރްޙޫމް ޝައިޚް އިބްރާހީމް ރުޝްދީގެ ފަހުންވެސް މިރަށުގައި އަގުހުރި ދަރިންތަކެއް ދަނީ އުފެދެމުން. އާދެ، ދުނިޔޭގައި މިހާރު ތިއްބެވި ބައެއް ބޭފުޅުންގެ ނަންފުޅު އަޅުގަނޑު ދަންނަވާލާހިތްވޭ. އޭގެތެރެއިން، އެއްބޭފުޅެއް، އަލްފާޟިލް މުޙައްމަދު ރަޝީދު. އާދެ، އޭނާއަކީ މިހާރުވެސް މިރަށަށް ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެއް. އަދި ޢާންމު ޚިދުމަތުގެ އިނާމު، ތަޢުލީމަށް ހިތްވަރު ދިނުމުގެ ގޮތުން ޢާންމު ޚިދުމަތުގެ އިނާމު ސަރުކާރުން އަރުވާފައިވާ ބޭފުޅެއް. އަނެއް ބޭފުޅަކީ، އެބޭފުޅެއްގެ އެހީ އަޅުގަނޑުމެންނަށް މިރޭ ވަރަށް ބޮޑަށް ލިބެމުންދާ ބޭފުޅެއް. ޙަޤީޤަތަށް ދަންނަވަންޏާ، އެބޭފުޅެއްގެ އެހީއާނުލައި މިރޭ އަޅުގަނޑުމެންނަށް ޖަލްސާ ކުރިއަށްވެސް ނުގެންދެވޭނެ ބޭފުޅެއް. އާދެ، އަލްއުސްތާޛު ޢަލީ އިބްރާހީމް މަނިކު. އޭނާ އަޅުގަނޑުމެންނަށް ދެއްވާފައިވާ އަލިކަމުގެ ބޭނުންހިފައިގެން، އަޅުގަނޑުމެން ޖަލްސާ ކުރަމުން މިގެންދަނީ. އޭނާއަކީވެސް އަޅުގަނޑުމެން އެންމެން ދަންނަ، ވަރަށް މަޝްހޫރު ބޭފުޅެއް. އޭނާގެ ޚިދުމަތް ވަރަށް ގިނަ ރޮނގުރޮނގުން ލިބެމުން ގޮސްފައިވާ ބޭފުޅެއް. އަދި މިހާރުވެސް ރާއްޖޭގެ މަސައްކަތްތެރިކަން ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރައްވާ ބޭފުޅެއް.

އާދެ، ދެން ދަންނަވާލަން އޮތީވެސް ވަރަށް އަގުހުރި ޒުވާނެއްގެ ވާހަކަ. އާދެ، އޭނާއަކީ އަލްފާޟިލް މުޙައްމަދު ޤާސިމް. އޭނާއަކީ މިހާރު އޮފީސް ފޮރ ފިޒިކަލް ޕްލޭނިންގ އެންޑް ޑިޒައިންގެ އާކިޓެކްޓް. އޭނާގެ ފާހަގަކޮށްލެވޭ އެންމެ މުހިންމު ކަމަކީ، ޖީ.ސީ.އީ. އޯ ލެވެލް އިމްތިޙާނުގައި، އެންމެ ގިނަ މާއްދާތަކުން މިހާތަނަށް ރާއްޖޭގައި ޑިސްޓިންކްޝަން ނުވަތަ އޭ ހޯއްދަވައިފައިވާ ބޭފުޅަކީ އޭނާ ކަމަށްވާކަން. އެއަށްފަހުގައި، ރާއްޖެއިން ބޭރަށް އޭނާ ވަޑައިގެން، ތަޢުލީމު ޙާޞިލްކުރެއްވުމަށްފަހު، މިހާރު ވަޑައިގެން، ސަރުކާރަށާއި ޤައުމަށް ޚިދުމަތް ކުރައްވަނީ. އަދި އޭނާގެ ޚިދުމަތަކީ ހުރިހާ ފަރާތަކުންވެސް ވަރަށް ބޮޑަށް އަގުވަޒަންކުރާ، ވަރަށް އިޚްލާޞްތެރި ޚިދުމަތެއް ކަމުގައިވަނީ ފާހަގަކުރެވިފައި.

އާދެ، ދެން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ޢުމުރުގެ ގޮތުން އެއަށްވުރެ އަދި ތަންކޮޅެއް ޒުވާން ބޭފުޅެއްގެ ވާހަކަ. އާދެ، މިއަދު އެބޭފުޅަކާ ބައްދަލުވުމުގެ އުފާ މިތަނުންވެސް އަޅުގަނޑަށް ލިބުނު. މިރަށުން ލިބުނު. އަލްފާޟިލް ޢަބްދުﷲ މަޢުޞޫމް. އޭނާއަކީ ހޮޓެލް ސްކޫލްގެ އިންސްޓްރަކްޓަރެއްގެ މަޤާމުގައި ހުންނަވާ ބޭފުޅެއް. އަދި އަމިއްލަގޮތުން އޭނާ އެދަސްކުރެއްވި މަސައްކަތް ކުރިއަށް ގެންދެވުމަށްޓަކައި މާލޭގައިވެސް ތަނެއް އުފައްދަވައިގެން، އެތަނުގެ ޚިދުމަތް އަޅުގަނޑުމެންނަށް ދެއްވަމުން ގެންދަވާ ބޭފުޅެއް. މިގޮތުން ބަލާއިރު، ކެލައަކީ ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭނެ ރަށެއްކަން އަޅުގަނޑުމެންނަށް ޤަބޫލުކުރަންޖެހޭ.

އާދެ، ތަރައްޤީގެ މަގުގައި ކެލާ އަޅަމުންދާ ފިޔަވަޅުތައް އެއީވެސް އަޅުގަނޑުމެންނަށް ވަރަށް ފާޅުގޮތެއްގައި ފެންނަންހުރި ކަންތައްތަކެއް. 1979 ވަނަ އަހަރު އަޅުގަނޑު ތިލަދުންމައްޗަށް ދަތުރުކުރިއިރު، ތަޢުލީމުގެ ކަންތައްތައްވެސް އޮތީ ވަރަށް ދެރަ ހިސާބެއްގައި. މިރަށުގައި އޭރުވެސް މަދަރުސަތުއްޝައިޚް އިބްރާހީމް ހިނގަމުންދޭ. އެހެންނަމަވެސް، ބައެއް ރަށްރަށުގެ ރައްޔިތުންނާ ސުވާލުކޮށްލުމުން، އެމީހުން އޭރު ބުނަމުން ގެންދިޔައީ، ރަށުގައި ތަޢުލީމު ދޭނެ އެއްވެސް ތަނެއް ނެތޭ. ބައެއް ތަންތާނގައި، އަމިއްލަ މިސްމީހުން ހިންގާ ކުދިކުދި މަކްތަބުތައް ނުވަތަ ރައްޔިތުން ހިންގާ މަކްތަބު ހުރި ބައެއް ރަށްރަށާވެސް ދިމާވި. އެހެންނަމަވެސް، އެތަންތަނަށް މީހުން، އެމީހުންގެ ދަރިން އެހާގިނައެއްކޮށް ފޮނުވައެއް ނޫޅޭ. އޭގެ ސަބަބު އަހާލީމާ، ބައެއް މީހުން ބުނަނީ، އެއީ ފީ ދައްކަން ޖެހޭތީއޭ. އާދެ، ފީގެ ޢަދަދަކީ ކިހާވަރެއް ކަމަށްތޯ؟ މަހަކު އެއްރުފިޔާ. މަހަކު އެއްރުފިޔާގެ ފީވެސް، އޭރު ދެއްކުމަކީ، މީހުންގެ ދިރިއުޅުމުގެ ކަންތައްތައް ހުރިގޮތުން، މާފަސޭހަ ކަމަކަށް އޭރުއޮތީ ނުވެފައި. އެކަން އެހެންވުމުގެ ސަބަބުން، އަޅުގަނޑުމެންގެ ޅަދަރީންތައް ތިބީ ތަޢުލީމުން މުޅިންހެން މަޙްރޫމްވެފައި.

އާދެ، މިހާރު ވަރަށް ތަފާތު. ދެންމެ މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ވާހަކަފުޅުގައި ވިދާޅުވިފަދައިން، ރާއްޖޭގައި ސަރުކާރުގެ ފަރާތުން ދެ މަދަރުސާއެއް ނުހިންގާ އެއްވެސް އަތޮޅެއް މިހާރަކު ނެތް. އަދި ސަރުކާރުގެ ފަރާތުން ނޫންނަމަވެސް، އެރަށެއްގައި ތަޢުލީމު ދިނުމުގެ ވަސީލަތެއް ހަމަޖެހިފައި ނެތް އެއްވެސް ރަށެއް ރާއްޖެއަކު ނެތް. އަދި ރާއްޖޭގެ އެންމެންވެސް ތަޢުލީމަށް ނުހަނު ބޮޑު ޝައުޤުވެރިކަމެއް ބަހައްޓާ. ކޮންމެ މީހަކުވެސް، އެމީހެއްގެ ދަރިންނަށް ކިޔަވައިދެވޭތޯ ބަލާ. އެމީހަކު ކުރަންޖެހޭ އެހެން ކަންތައްތަކުން ޚަރަދު ކުޑަކޮށްގެން ނަމަވެސް، އެމީހެއްގެ ރަށުގައި ނަމަވެސް ނުވަތަ މާލެއަށް ފޮނުވައިގެން ނަމަވެސް، ކުދީންނަށް ތަޢުލީމު ޙާޞިލްކޮށްދިނުމަކީ، މިހާރުގެ މައިންބަފައިން ވަރަށް ބޮޑު އަހަންމިއްޔަތަކާ އެކީގައި ކުރަމުންގެންދާ ކަމެއް. އެހެރީ އަޅުގަނޑުމެންގެ ވިސްނުމަށް އައިސްފައި ހުރި ބަދަލު. އެއިންވެސް ދައްކާ އެއްޗަކީ، އަޅުގަނޑުމެންގެ ހިތްތަކުގައި ތަރައްޤީއަށް އޮތް ލޯބި އަދި އަޅުގަނޑުމެންނަކީ ތަރައްޤީގެ މަގުގައި ކުރިއަށްދިޔުމަށް މަސައްކަތް ކުރަން ތައްޔާރަށް ތިބި ބައެއްކަން.

އާދެ، ރާއްޖެތެރެ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން މިރަށުގެ ރައްޔިތުންނަށް ބައެއް ކަންތައްތައް ވަނީ ހަމަޖެހިފައި. މިރަށުގައި މިހާރު މިސްކިތެއްވެސް، ރަނގަޅު ފެންވަރެއްގެ މިސްކިތެއް އެބަހުރި ސަރުކާރުން ހަދައިދީފައި. އަދި އޭގެ އިތުރުން، މިއަދު އެތަނެއް ހުޅުވައިދިނުމުގެ އުފަލާއި ޝަރަފް އަޅުގަނޑަށް މިލިބުނު، ކެލާ ރަށުއޮފީސް، އެއީވެސް އަޅުގަނޑު ހިތުން މިރަށުގެ ރައްޔިތުންނަށް ވަރަށް ބޭނުންވެފައިވާ ތަނެއް. އިދާރީގޮތުން ކަންތައްތައް ހިންގުމަށްޓަކައި އެފަދަ ޢިމާރާތްތައް ރާއްޖެތެރޭގައި ހަދަން އެބަޖެހޭ. އެއީ، ކޮންމެހެން ބޭނުންކަމެއް. މިރަށުގައި އެކަށީގެންވާ ރަށުއޮފީހެއް ނެތުމުގެ ސަބަބުން އޮތީ ވަރަށް ބޮޑަށް ދަތިވެފައި. އެހެން އޮއްވާ، މިއަދު އެކަން ހަމަޖެހިގެން އެދިޔަކަން އެއީ، އަޅުގަނޑުވެސް ވަރަށް އުފާކުރާ ކަމެއް. އަދި އެތަން ހެދުމުގައި، އެ ޢިމާރާތްކުރުމުގައި މިރަށުގެ މީހުން ކޮށްފައިވާ މަސައްކަތް، އެހާ ރީތިކޮށް، އޮމާންކޮށް އެމަސައްކަތް ކޮށްފައިވާތީ، އެކަމަށްޓަކައިވެސް އެ މަސައްކަތް ކުރި މިރަށުގެ ފަރާތްތަކަށް އަޅުގަނޑު ޝުކުރު ދަންނަވަން ބޭނުންވޭ.

ކެލާގެ ރައްޔިތުންނަކީ ހީވާގި، މުރާލި ބައެއް. ދަނޑުވެރިކަމާއި، ގޮވާންކުރުމާއި، ގަސްއިންދުމާއި، މިކަންތައްތަކުގެ އިތުރަށް، ކޮންމެވެސްވަރަކަށް މަސްވެރިކަންވެސް ކުރާ ބައެއް. އަދި އޭގެ އިތުރުން، އެހެން މަސައްކަތްތައްވެސް ކުރާ ބައެއް. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މިރަށުގެ ރައްޔިތުންގެ ތެރޭގައި ނުވަތަ މިރަށުގެ ޒުވާނުންގެ ތެރޭގައި، ބޯޓުދަތުރުކުރާ މީހުންވެސް އެބަތިބި. އަދި ރާނާ އެކިއެކި ގްރޫޕްތައް ހަދައިގެން، މާލޭގަޔާއި، މާލެ ކައިރި ރަށްތަކުގައި މަސައްކަތްކުރާ މީހުންވެސް އެބަތިބި. އެމީސްމީހުންގެ ފަރާތުން ރަށަށް ލިބޭ އާމްދަނީ އެއީ، ވަރަށް މުހިންމު އެއްޗެއް. ބޭނުމަކީ، ކޮންމެ ބަޔަކުވެސް، ކޮންމެ އިންސާނަކުވެސް ދިރިއުޅުމަށްޓަކައި މަސައްކަތްތަކެއް ކުރަމުން ގެންދިޔުން. ދިރިއުޅުން ތަރައްޤީކުރުމަށްޓަކައި. އެމީހެއްގެ ބޭނުންތައް ފުއްދުމަށްޓަކައި. އަދި އެމީހެއްގެ އަނބިދަރީން ބެލެހެއްޓުމާއެކު، ޚާއްޞަގޮތެއްގައި ދަރިންނަށް ކިޔަވައިދީ، އެކުދިންނަކީ ރަނގަޅު ބައެއް ކަމުގައި ހެދޭތޯ ކުރަންޖެހޭ ޚަރަދުތައް ކުރުން. އާދެ، މިކަންތައްތައް މިހެން މިރަށުގައި ހަމަޖެހިގެން ހިނގަމުންދާކަން އެއީ، އަޅުގަނޑު ހިތުން އަޅުގަނޑުމެން އެންމެންވެސް ވަރަށް ބޮޑަށް އުފާކުރާނެ ކަމެއް.

އާދެ، މިރޭގެ ވަގުތުކޮޅުވެސް ކުޑަކަމާއެކީގައި، އަޅުގަނޑު މިނުކުތާގައި ދެން ދަންނަވަން ހުރި ވާހަކަތައް، ކޮންމެވެސް އެހެން މުނާސަބަތަކަށް ފަސްކޮށްލާހިތްވޭ. ފަސްކޮށްލާފައި، ދެން އަޅުގަނޑު އެނބުރިލަން ޤަޞްދުކުރަނީ، ދުނިޔޭގެ ކާބޯތަކެއްޗާބެހޭ ދުވަހާ ގުޅޭގޮތުން އަޅުގަނޑުގެ ހިތަށް ވަން ނުވަތަ ވަދެފައިވާ ބައެއް ޝުޢޫރުތައް ދަންނަވާލުމަށް.

ކާބޯތަކެއްޗަކީ ކޮންއެއްޗެއް ކަމާއި، އޭގެ މުހިންމުކަމާ ދޭތެރޭގައި، އަޅުގަނޑަށް އެއްޗެއް ދަންނަވާކަށެއް ނުޖެހޭ. އެއީ، އަޅުގަނޑުމެން އެންމެންނަށްވެސް ވަރަށް ރަނގަޅަށް އެނގޭ ކަންތައްތަކެއް ކަމަށްވާތީ. އެހެންނަމަވެސް، ކާބޯތަކެތި އުފެއްދުމާ ބެހޭގޮތުން ކޮންމެވެސް އެއްޗެއް ދަންނަވާލަން ބޭނުންވޭ. ކާބޯތަކެތި އުފެއްދުމަކީ ވަރަށް ބުރަ މަސައްކަތެއް. މުޅި ދުނިޔޭގައިވެސް ކުރަމުންގެންދާ މަސައްކަތެއް. އެހެންނަމަވެސް، އެކި ތަންތާނގައި އެ މަސައްކަތް ކުރެވެނީ އެކި މިންވަރަށް. ތަފާތު ސަބަބުތަކެއްވެސް ހުރެގެން. އަޅުގަނޑުމެންގެ ރާއްޖޭގައި ކާބޯތަކެތި އުފެއްދުމުގައި ކުރެވޭ އެންމެ ބޮޑު މަސައްކަތަކީ، މަސްވެރިކަން. މަސްވެރިކަމަކީ، ރާއްޖެ މިއޮތްގޮތުންނާއި، ރާއްޖޭގެ ވަށައިގެން މިވާ މުއްސަނދި ކަނޑުތައް، އެގޮތަށް އޮތުމުންނާއި، ޒަމާނުއްސުރެ އަޅުގަނޑުމެންނަށް ލިބިފައިވާ ހުނަރުތަކެއްގެ ސަބަބުން، އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވެން އޮތް މަސައްކަތެއް. އެމަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި، ރާއްޖޭގެ ހީވާގި މަސްވެރިން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން އެބަ ގެންދޭ. ވަރަށް ބޮޑެތި ބުރަތައް އުފުލައިގެން، މަސްވެރިކަން އިތުރުކުރެވޭތޯ ބަލަމުން އެބަގެންދޭ. އެމީހުންގެ މަސައްކަތަށް ފަހިކޮށްދިނުމުގެ ގޮތުން، ސަރުކާރުން ތަފާތު މަޝްރޫޢުތައް ކަނޑައަޅައިގެން، އެމަޝްރޫޢުތައްވެސް ހިންގަމުން އެބަ ގެންދޭ.

މަސްވެރިކަން ތަރައްޤީކުރުމުގެ ގޮތުން ކުރެވެމުންދާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، އަޅުގަނޑުމެން ބާނާ މަސްވެސް ދަނީ، އެއް އަހަރުން އަނެއް އަހަރަށް ވަރަށްބޮޑު ތަން އިތުރުވަމުން. އާދެ، 1987 ވަނަ އަހަރު ހިސާބުތަކުން ދައްކާގޮތުގައި، ރާއްޖޭގައި ބޭނިފައި ވަނީ ނުވަތަ ހިފިފައި ވަނީ 56900 މެޓްރިކް ޓަނުގެ މަސް. އޭގެ ހަތަރު އަހަރު ފަހުން އާދެ، 1991ވަނަ އަހަރު ބޭނިފައި ވަނީ ނުވަތަ ހިފިފައި ވަނީ 80700 ޓަނުގެ މަސް. އެހެންވީމާ، ވަރަށްބޮޑު ތަން އިތުރުވެގެން ހިނގައްޖެ. އެއީ، އަޅުގަނޑު ކުރިންވެސް ދެންނެވި ތަފާތު މަޝްރޫޢުތައް ހިންގުމުގެ ސަބަބުންނާއި، މަސްވެރިކަން ތަރައްޤީކޮށް، ކުރިއަށް ގެންދިޔުމަށްޓަކައި ދިވެހި މަސްވެރިން ކުރާ މަސައްކަތުގެ ސަބަބުން.

މަސްވެރިކަން ފިޔަވައި، ކާބޯތަކެތި އުފެއްދުމުގެ ގޮތުން އަޅުގަނޑުމެން ދެން ކުރާ މަސައްކަތަކީ، ގޮވާންކުރުމާއި، ކާބޯތަކެތި އަޅާ ގަސްގަސް އިންދުން. އެމަސައްކަތަކީ، އަޅުގަނޑުމެންނަށް މާ ފުރިހަމަގޮތެއްގައި ކުރެވޭ މަސައްކަތެއް ނޫން. އަދި ރާއްޖޭގެ ފަސްގަނޑު އޮންނަ ގޮތާއި، އޭގައި ހިމެނިފައިވާ ކާނާގެ ބާވަތްތައް މަދުކަމާއި، އަޅުގަނޑު މިދެންނެވީ ގަސްގަހާގެއްސަށް ބޭނުންވާ ކާނާ، އަޅުގަނޑުމެންގެ ރާއްޖޭގެ ފަސްގަނޑުގައި މަދުކަމާއި އަދި ފެނުގެ ގޯސްކަމާއި، ގިނަ ރަށްރަށުގެ ފެން އެހާ ރަނގަޅެއް ނޫން. މިއަދު އަޅުގަނޑު ބަލައިލަން ދިޔައިން، މިރަށުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ ފަރާތުން އެ ހިންގަވާ ކޯސް ހިންގަވާ ތަން. އެތަން ބަލައިލަން ދިޔުމުން، އެތަނުންވެސް ފެނުނީ، މިދެންނެވި ވާހަކައިގެ ހެކިތައް. އާދެ، ބިންގަނޑު ދެރަކަމުގެ ދަލީލުތައް ފެންނަން ހުރި. އަދި އަލްފާޟިލް ޢަލީ ޝަފީޤް އެ ކަންތައްތައް އަޅުގަނޑަށް ކިޔައިދެއްވި. އޭނާ ވިދާޅުވިގޮތުގައި، އެތަނުގައި ހުރި ފެންވެސް ރަނގަޅެއް ނޫން. ލޮނު. އެހެން އެކަން އޮތުމާއެކީގައި، ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެން ނޫނީ، އެތަނުންވެސް އެއްޗެއް ނުއުފެއްދޭ. އެއީ، ކެލާ މި މަޝްހޫރު ރަށުގެވެސް ކަންތައް ހުރިގޮތް.

ދުނިޔޭގެ ބައެއް އެހެން ތަންތާނގައި، އެއާ ޚިލާފަށް، ކާބޯތަކެތި ހެއްދުމަށް ޤުދުރަތުން ވަރަށް ބޮޑެތި އެހީތަކެއް ވެދީފައި ހުރޭ. އާދެ، ބިންގަނޑުގެ މޮޅުކަމާއި، ބިމުގައި ކާނާ ގިނަވުމާއި، އަދި މޫސުމުގެ ގޮތުންވެސް، އެކި ބާވަތްބާވަތުގެ ގޮވާމާއި ކާބޯތަކެތި ހެއްދުމަށް އެހީވެދޭކަން ފާހަގަކުރެވޭ އެތަންތާނގައި. އެހެންވީމާ، އެތަންތާނގައި ވަރަށް ގިނަ ޢަދަދަކަށް ކާބޯތަކެތި ހައްދާ. އަދި އެތަންތާނގެ އަހުލުވެރިން އެއިން ބޭނުންކުރުމުގެ އިތުރަށް، އެ ކާބޯތަކެތި އެކްސްޕޯޓް ކޮށްގެން، ތަނުގެ އާމްދަނީވެސް އިތުރުކޮށް، އިޤްތިޞާދު ކުރިއަށްގެންދޭ. އަޅުގަނޑުމެންގެ ރާއްޖޭގައި، އެފެންވަރަކަށް އެކަންތައް ގެންދެވޭކަށް ނެތް. އެއީ، އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭނެ ޙަޤީޤަތެއް. މިހެން ދެންނެވި ކަމުގައިވިޔަސް، އަޅުގަނޑުމެންގެ ރާއްޖޭގައިވެސް އުފެއްދެން ހުރި، ނުވަތަ އުފެއްދޭނެ ބައިވަރު ތަކެތި އެބަހުރި. ކާށި އެއީ، ވަރަށް މުހިންމު އެއްޗެއް. ކާބޯތަކެތީގެ ގޮތުން އަޅުގަނޑުމެން ބަލާއިރުވެސް، ޒަމާނުއްސުރެ ވަރަށް މުހިންމު އެއްޗެއް ކާށްޓަކީ. ވަރަށް ރަނގަޅު ފެންވަރަކަށް ރާއްޖޭގައި ކާށި ހެއްދޭ. އަދި ހެދޭ. އަދި އެލިބެމުންވެސްދިޔަ. އަޅުގަނޑުމެން އެއިން އުފެދޭ ބައެއް އެއްޗެތި، އާދެ، ކުފުރާ، ތަންކޮޅެއް ކުރިން އެކްސްޕޯޓް ކުރަމުން ގެންދިޔައިން. ނަމަވެސް، މިހާރު އަޅުގަނޑުމެންނަކަށް އެކަމެއް ނުކުރެވޭ.

އެހެންވީމާ، ކާބޯތަކެތި ހެއްދުމުގެ ގޮތުންވެސް އަޅުގަނޑުމެންނަށް ކުރެވިދާނެ ކަންތައްތައް އެބަހުރި. އަދި މިނޫނަސް، ރާއްޖޭގައި ހެއްދޭ ތަކެތީގެ ވާހަކަ، ދެންމެ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ ވާހަކަފުޅުގައި ގެންނަވައިފި. ކައްޓަލަ، އަލަ، ބިންބި، ދޮނަޅަ، ބަރަބޯ، މިރުސް އަދި މޭވާތަކުގެ ތެރެއިންވެސް، ފަޅޯ ކަހަލަ އެއްޗިއްސަކީ، މުޅިރާއްޖޭގައި ޢާންމުކޮށް ހެދޭ އެއްޗެއް. އެހެންވީމާ، މިކަހަލަ އެއްޗެތިތައް ހައްދައި، އެއެއްޗެތީގެ ބޭނުންކުރުމަކީ، އަޅުގަނޑުމެންނަށް ކުރެވިދާނެ ކަމެއް. ކޮންމެވެސް މަސައްކަތްތަކެއް ކޮށްގެން އެކަންތައްތައް ވާނީ. އެހެންނަމަވެސް، އެމަސައްކަތްތައް ކުރަން އަޅުގަނޑުމެން ތިބެންޖެހޭނީ ތައްޔާރަށް.

އާދެ، މިހެން ދަންނަވަންޖެހޭ ސަބަބަކީ، ދުނިޔެއަށް ނަޒަރު ހިންގާލާއިރު، ކާބޯތަކެތީގެ ގޮތުން ވަރަށްދަތި ހާލުގައި އޮތް ބައެއް ޤައުމު، އަޅުގަނޑުމެންނަށް މިހާރު ފެންނާތީ. އަދި އެތަންތާނގައި ކަންތައް ހުރި ނެތްގޮތުގެ ވާހަކަ، ކެނޑިނޭޅި އަޅުގަނޑުމެންނަށް ޚަބަރުތަކުން މިހާރު އޮޅުންފިލަމުންދާތީ. އާދެ، ސޫމާލިއާގެ ވާހަކަ، އިތިއޮޕިޔާގެ ވާހަކަ، އެފްރިކާގެ އެހެން ބައެއް ޤައުމުތަކުގެ ވާހަކަ. އެތާނގައި ރައްޔިތުންގެ ވަރަށް ގިނަ ބައެއް މިހާރު ތިބީ ބަނޑަށް ޖެހިފައި. އެތައް މިލިޔަން މީހުންނެއް. އެއީ، އަޅުގަނޑުމެން ވިސްނާލަންޖެހޭ ކަމަކީ. ދުނިޔެއަށް ވަމުންމިދާގޮތުން، ހަނގުރާމައިގެ ސަބަބުން ނުވަތަ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން، ނުވަތަ ތިމާވެށްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން، ދުނިޔޭގެ އެތަންމިތާނގައި އުފައްދާ ކާބޯތަކެތި އުފެއްދުން ދަށަށް ހިނގައްޖިއްޔާ، ދެން އަޅުގަނޑުމެންނަށް ވާނީ ކިހިނެއްތޯ؟ މިއީ އަޅުގަނޑުމެން ވިސްނާލަންޖެހޭ ނުކުތާއަކީ. އަޅުގަނޑުމެންނަކީ ހަމައެކަނި ބޭރުން އަޅުގަނޑުމެން އެތެރެކުރާ ކާބޯތަކެތީގެ މައްޗަށް އަޅުގަނޑުމެންގެ ކެއިންބުއިން ބިނާކޮށްގެން ތިބޭ ބަޔަކު ކަމުގައި ވެއްޖެނަމަ، ވަރަށް ހިތާމަވެރި ދުވަހަކާ އަޅުގަނޑުމެން ފަހަރެއްގައި ކުރިމަތިލާން ޖެހިދާނެ. އާދެ، އަޅުގަނޑު ﷲގެ ޙަޟްރަތަށް ދަންނަވަން، ދުޢާކުރަން، އެފަދަ ދުވަހެއް އަޅުގަނޑުމެންނަށް ނުދެއްކެވުމަށް. އިރާދަކުރެއްވިއްޔާ ނުވެސް ދައްކަވާނެ. އެހެންނަމަވެސް، އަޅުގަނޑުމެން ތިބެންޖެހޭނީ، އެފަދަ ކަމެއްވެސް ވެދާނެ ކަމަށް ތައްޔާރަށް. އަޅުގަނޑުމެންގެ ރާއްޖޭގައި އުފެއްދެން ހުރި އެއްޗެތި އުފެއްދުމުގައި، އަޅުގަނޑުމެން އެއްގޮތަކަށްވެސް ފަސްޖެހިގެނެއް ނުވާނެ.

އާދެ، ކާބޯތަކެއްޗާ ބެހޭގޮތުން ދަންނަވާލަން ބޭނުންވާ އަނެއް ވާހަކައަކީ، އަޅުގަނޑުމެން އެންމެ ގިނައިން ބޭނުންކުރާ، އެންމެ މައިގަނޑު ތަކެތި އާދެ، ކާޑުގެ ބާވަތްތައް. ހަނޑޫ، ހަކުރު، ފުށް. މިއެއްޗެތި މިއީ އަޅުގަނޑުމެން ރާއްޖެއިން ބޭރުން ގެންނަ އެއްޗެތި. އެތަކެތި އަބަދުވެސް ރާއްޖެއަށް އެތެރެކޮށް، ރައްޔިތުންނަށް ލިބޭގޮތަށް ބެހެއްޓުން އެއީ، ސަރުކާރުން ވަރަށް ކުރިއްސުރެ، ވަރަށް ބޮޑު އަހަންމިއްޔަތެއް ދީގެން ކުރަމުންގެންދާ ކަމެއް. އާދެ، އެއީ ހަމައެކަނި މިދައުރުގައެއް ނޫން. މީގެ ކުރިންވެސް، ރާއްޖޭގެ ކޮންމެ ސަރުކާރަކުންވެސް ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދެވި ކަމެއް. ރާއްޖޭގެ ރައްޔިތުންނަށް ފުދޭވަރަށް، މިދެންނެވި ބާވަތުގެ ތަކެތި ރާއްޖެއަށް އެތެރެކުރައްވާފައި، އަދި ރައްޔިތުންނަށް ފަސޭހައިން ލިބޭ އަގެއްގައި ލިބޭގޮތަކަށް ބެހެއްޓެވުން. އެމަސައްކަތަކީ ވަރަށް ބުރަ މަސައްކަތެއް.

އަޅުގަނޑުމެންނަށް މިހާރު ފާހަގަކުރެވޭނެ، ކާޑުގެ ތަކެއްޗަށް ޚާއްޞަކޮށް، އެތަކެތީގެ އަގަށް އަންނަ ބަދަލު. މިއަހަރު ފެށުނުއިރު ހުރިވަރަށްވުރެ، ރާއްޖޭގައި ހަނޑުލާއި، ފުށް ލިބެންހުރި އަގު މިހާރުވެސް ބޮޑު. އާދެ، ބައެއް މީހުން ހިތަށްއެރުން އެކަށީގެންވޭ، ކީއްވެގެންބާވައޭ، އެތަކެތީގެ އަގު ބޮޑުވަމުން އެދަނީ؟ އާދެ، އެތަކެތީގެ އަގު ބޮޑުވެގެންދާ ކިތަންމެ ސަބަބެއް އެބަހުރޭ. އެއް ސަބަބަކީ، އެތަކެތި އެ އުފައްދާ ޤައުމުތަކުން ލިބެން ހުންނަ އަގު، އެއްދުވަހުން އަނެއްދުވަހަށް މައްޗަށްދިޔުން. އެއީ، ހަމަ ޠަބީޢީ ކަމެއް. ހުރިހާ އެއްޗެއްގެ އަގުވެސް މައްޗަށްދާ ފަދައިން، ކާބޯތަކެތީގެ އަގު، ހަނޑޫ، ހަކުރު، ފުށުގެ އަގު، ވަކި މައްޗަށް ނުދާންވީ ސަބަބެއް ނެތް. ދުނިޔޭގެ ބާޒާރުގައި އެތަކެތީގެ އަގު މައްޗަށް އެބަދޭ. އެހެންވީމާ، އަޅުގަނޑުމެން އަތުންދާ ޚަރަދު އެބަ ބޮޑުވޭ.

އޭގެ އިތުރުން، އަޅުގަނޑުމެންގެ ރާއްޖެއަށް ލިބޭ ޑޮލަރު ބޭނުންކޮށްގެން، އެއަށް ކާބޯތަކެތި މިގަންނަނީ. އެޑޮލަރުގެ އަގު ރާއްޖޭގައި މައްޗަށްދާ ކަމަށްވަންޏާ، ދިވެހި ފައިސާގެ ނިސްބަތުގައި، ކާބޯތަކެތީގެ އަގުވެސް މައްޗަށް ދާނެ. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، މިއަހަރު ތެރޭގައި ޑޮލަރުގެ އަގު ވަރަށް ބޮޑަށް ވަނީ މައްޗަށް ގޮސްފައި. މިހާރު ކުޑަ ތަންކޮޅެއް ތިރިއަށްޖެހިލި ކަމުގައިވިޔަސް، މީގެ ކުރިން ހުރީ ވަރަށް މަތީގައި. އެހެންވުމުގެ ސަބަބުން، ރާއްޖޭގައި ހުންނަ ކާބޯތަކެއްޗާއި އަދި އެނޫން ތަކެތީގެ އަގުވެސް ވަނީ މިއަހަރު ތެރޭގައި މައްޗަށް ޖެހިލާފައި.

އަދި މިދެންނެވި ސަބަބުތަކުގެ އިތުރަށްވެސް، ކިތަންމެ ސަބަބެއް އެބަހުރި. އޭގެތެރެއިން އެއް ސަބަބަކީ، އަޅުގަނޑުމެންގެ ރާއްޖޭގައި ގިނަ ޢަދަދަކަށް ކާބޯތަކެތި ރައްކާކޮށްފައި ބެހެއްޓޭނެ ގޮތް ނެތުން. އަޅުގަނޑުމެންނަށް ބެހެއްޓެނީ، އެންމެ ގިނަވެގެންވެސް ތިންމަސް ދުވަސް ނުވަތަ ހަތަރުމަސް ދުވަހުގެ ކާނާ. އެއަށްވުރެ ގިނައެއްކޮށް ބެހެއްޓޭނެ އިންތިޒާމެއް ހަމަޖެއްސިފައެއް ނެތް. ޚާއްޞަކޮށް، ފުށް ދެމަހަށްވުރެ ގިނަދުވަސް ވަންދެން، އެފުށް ބެހެއްޓުމަކީވެސް، އަޅުގަނޑުމެންގެ މޫސުމާއި ކަންތައްތައް ހުންނަ ގޮތުން ރަނގަޅު ކަމަކަށްނުވޭ. ވަރަށް ފަސޭހައިން ފީވެ، ހަލާކުވެދާ އެއްޗެއް ފުށަކީ. އެހެންވީމާ، ދެމަސް ނުވަތަ ތިންމަސް ދުވަސް ވަންދެން، އެންމެ ގިނަވެގެންވެސް ފުށް ބެހެއްޓެނީ. ތިންމަސް، ހަތަރުމަސް ވަންދެން ހަނޑޫ ބެހެއްޓިދާނެ. ތަންކޮޅެއް ގިނައިންވެސް ހަކުރު ބެހެއްޓިދާނެކަންނޭނގެ. އެހެންނަމަވެސް، އަޅުގަނޑުމެންގެ އެ ރައްކާކުރުމުގެ ޤާބިލިއްޔަތު ކުޑަކަމުން، އަޅުގަނޑުމެންނަށް މި އެއްޗެތި ގެންނަން މިޖެހެނީ ކުޑަކުޑަ އެތިއެތިކޮޅުން. އެހެންވީމާ، އެ އަގަށް އަންނަ ބަދަލު ނުވަތަ ޑޮލަރަށް އަންނަ ބަދަލުގެ ސަބަބުން، ވަރަށް އަވަސްއަވަހަށް މައްޗަށްގޮސް، ތިރިއަށްގޮސް، މިހެންވެސް ވެދާނެ. ބައެއްފަހަރަށް ތިރިއަށްވެސް ދޭ.

ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެކަންނޭނގެ، މިއަހަރު ފެށުނުއިރު ހުރި އަގަށް، ހަކުރުގެ އަގު މިހާރު އެނބުރި ހިނގައްޖެ. މިދޭތެރެއިން ތަންކޮޅެއް ތިރިއަށް ޖެހިލާފައި، އަނެއްކާ މައްޗަށްދިޔައީ، ފެށުނުއިރު ހުރި އަގަށް. އެހެންވީމާ، މައްޗަށްވެސް ދޭ، ތިރިއަށްވެސް ދޭ. އެހެންނަމަވެސް، ކުރިން ދެންނެވި ކަންތައްތައް، އެހެން ހުރުމާއެކީގައި އަދި ޢާންމުކޮށް، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު ދަނީ އެއްދުވަހުން އަނެއްދުވަހަށް މައްޗަށް ކަމަށްވާތީ، ކާބޯތަކެތީގެ އަގުވެސް، މިދެންނެވި ކާޑުގެ ބާވަތްތަކުގެ އަގުވެސް ދާނީ މައްޗަށްކަން، ތިޔަބޭފުޅުންނަށްވެސް ޤަބޫލުކުރެއްވޭނެ.

ހަނޑުލާ ބެހޭގޮތުން ދަންނަވާލަން އޮތީ، އަޅުގަނޑުމެން އެއީ، ވިސްނަންވެއްޖެ ކަމެކޭ. އެއީ، އަޅުގަނޑުމެން މި ކާ ބާވަތުގެ ހަނޑޫ، ޢާންމުކޮށް ރާއްޖޭގައި އަޅުގަނޑުމެން މި ކާ ބާވަތުގެ ހަނޑޫ އެއީ، ޤަބޫލުކުރައްވާނަންތޯ، ބަރުމާއިން ހަމައެކަނި ރާއްޖެއަށްޓަކައި އުފައްދާ ބާވަތެއްކަން. އެއީ، ދުނިޔޭގެ އެހެން އެއްވެސް ބަޔަކު ކާ ވައްތަރެއް ނޫން. އެހެންނަމަވެސް، ޒަމާނުއްސުރެ އަޅުގަނޑުމެންނަށް އެބާވަތުގެ ހަނޑޫ ކާން އާދަވެފައި އޮތީމަ، އަދި އެނޫން ހަނޑުލެއް ރާއްޖޭގައި ނުހިނގާތީ، ސަރުކާރަށް މަޖުބޫރުވަނީ ހަމަ އެވައްތަރު ގެނެސްދޭން. ބަރުމާ މީހުން އެވަރު ދަނެގެން އަޅުގަނޑުމެންނަށްޓަކައި އެއެތިކޮޅު އުފައްދައިދެނީ. މާބޮޑު ޢަދަދެއް ނޫނޭ. ރާއްޖެއަށް ބޭނުންވަނީ އަހަރެއްގެ މައްޗަށް ބާރަހާސް ޓަނު ނުވަތަ ތޭރަ ހާސްޓަނު ހަނޑޫ. އެހާ ކުޑައެތިކޮޅެއް އެމީހުންގެ ނިސްބަތުގައި. އެއީ، އެމީހުންނަކީ، އެތައްސަތޭކަ މިލިއަން ޓަނުގެ ހަނޑޫ އުފައްދާ ބައެއް. އެވަރު ކުޑަ އެތިކޮޅެއް އަޅުގަނޑުމެންނަށްޓަކައި އުފައްދާފައި، އަދި އެބަހައްޓައިދެނީ، އެމީހުންގެ ގުދަންތަކުގައި. އެއީ، އަހަރުދުވަސް ފަހުން އެމީހުން އެއްފަހަރާ އުފައްދާނެ، މުޅި އަހަރަށް ބޭނުންވާ އެތިކޮޅު. އެހެންނަމަވެސް، އަޅުގަނޑުމެންނަކަށް އެ ގެނެވޭކަށެއް ނުހުރޭ. ރާއްޖޭގައި އެ ރައްކާކުރެވޭނެ ގޮތެއްވެސް ނެތް.

އެހެންވީމާ، އަޅުގަނޑުމެން ގެންނަން މިޖެހެނީ، ތިން މަހުން ތިންމަހުން ކަހަލަ ގޮތަކަށް. ގެންނައިރު، އޭގެ އަގަށް އަންނަ ބަދަލާއި އަދި އަޅުގަނޑުމެންނަށްޓަކައި ގުދަންތަކުގައި އެމީހުން ރައްކާކޮށްދިނުމާއި، މިކަންތައްތައް މިހެން ހުރީމާވެސް، އޭގެ އަގަށް އަންނާނެ ބަދަލު، ތިޔަބޭފުޅުންނަށް ވިސްނިވަޑައިގަންނަވާނެ. ކޮންމެގޮތެއްގައިވެސް އެމީހުން އަޅުގަނޑުމެންނަށް އެކަންތައް ކޮށްދެމުން އަންނަނީ ވަރަށް ރަނގަޅަށް. ވަރަށް ހެޔޮކޮށް. އެއީ، އަޅުގަނޑުމެންނާ އެކީގައި ކުރިއްސުރެ އެ މުޢާމަލާތު އެގޮތަށް ހިނގަމުންދާތީ، އެމީހުން އަޅުގަނޑުމެންނަށްޓަކައި އެކަން ކޮށްދޭކަން އެއީވެސް އަޅުގަނޑުހިތުން ވަރަށް ރަނގަޅު ކަމެއް. އެކަމަށްޓަކައި އަޅުގަނޑުމެން ބަރުމާ ސަރުކާރަށާއި، ބަރުމާގެ މި ހަނޑޫ އުފައްދާ މީހުންނަށާއި، އެ އަޅުގަނޑުމެންނަށް ވިއްކާ ފަރާތްތަކަށް ޝުކުރުވެރިވާންޖެހޭނެ.

ފުށާ ދޭތެރޭގައި ވިސްނާއިރު ދަންނަވަންޖެހެނީ، ފުށް އެންމެ އަގުހެޔޮކޮށް ލިބެނީ ޔޫރަޕް ޤައުމުތަކުން. އެހެންނަމަވެސް، އަޅުގަނޑުމެން ފުށް ބޭނުންވާއިރަށް، ޔޫރަޕުން ރާއްޖެއަށް އަންނާނެ ބޯޓެއް ނެތިއްޖެ ހިނދެއްގައި، އަޅުގަނޑުމެންނަށް އެއްކަލަ އަގުހެޔޮ ފުށް ގަނެވޭކަށް ނޯވޭ. އެ ގަނެގެން ގެނެވޭނެ ގޮތެއް ނެތް. އެހެންވެ ޖެހެނީ އެތެރެވަރީން ގަންނަން. އެތެރެވަރީން ގަންނައިރު، އޭގެ އަގު ހުންނަނީ ތަންކޮޅެއް މަތީގައި. އެހެންވީމާ، ބައެއްފަހަރަށް ފުށުގެ އަގު މައްޗަށް ދަނީ. އަނެއްބައިފަހަރަށް ތަންކޮޅެއް ތިރިވަނީ. އެކަހަލަ ގޮތްތައް މި ދިމާވަނީ.

އަޅުގަނޑު މިވާހަކަތައް މިހާ ތަފްޞީލުކޮށް މިދަންނަވާލީ، އެއީ، ރާއްޖޭގެ ރައްޔިތުންނަށް ކޮންމެހެން މިކަންތައްތައް އޮޅުންފިލަންޖެހޭނެ ކަމަށް އަޅުގަނޑަށް ފެންނާތީ. ބައެއް މީހުންނަށް ހީވަނީ، ހަމަ އެއްވެސް ސަބަބެއްނެތި، ކާޑުގެ ތަކެތީގެ އަގު މައްޗަށްދަނީއޭ. އެކަމަކު އެއީ، އެހެންވާ ކަމެއް ނޫން. އެއަކުން ސަރުކާރަކަށް މާބޮޑު ފައިދާއެއް ލިބެނީކީނޫން. އެއީ، ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ ޚިދުމަތެއް. އެއްވެސް ދުވަހެއްގައި، ރައްޔިތުން ބޭނުންވާވަރަށް ކާޑުގެ ބާވަތްތައް ލިބެން ނެތިއްޖެނަމަ، ނުވަތަ އެ ކޮންމެވެސް ސަބަބެއް ދިމާވެގެން މީހުން ބޭނުންވާވަރަށް، މީހުންނަށް ގަނެވޭވަރަށް، ގަނެވޭކަހަލަ އަގަކަށް ލިބެން ނެތްނަމަ އެއީ، ވަރަށް ބޮޑު މައްސަލައަކަށް ވާނެ. އެއީ، ސަރުކާރުގެ މަސްއޫލިއްޔަތެއް، އެ ވާޖިބު އެގޮތުގެ މަތިން އަދާކުރުން. އެހެންވީމާ، އަޅުގަނޑު މިވާހަކަ، މިހާ ތަފްޞީލުކޮށް މިރޭ، މިރޭގެ މުނާސަބަތާ ވިއްދައިގެން އަޅުގަނޑު މިދަންނަވާލީ.

ތަރައްޤީގެ ސަބަބަކީ، ރާއްޖެތެރޭގެ ރައްޔިތުން އެކަމަށް ދެއްވާ އަހަންމިއްޔަތާއި ޝައުޤުވެރިކަން. އެއީ، ސަރުކާރުން ކުރާ ކަމެއް ނޫން. މީހުންގެ ހޭލުންތެރިކަން އިތުރުވެގެންދިޔަ މިންވަރަކަށް، މީހުން އަމިއްލައަށް ބޭނުންވާނެ ކުރިއަށްދާން. ކުރިންވެސް ދެންނެވިފަދައިން، ބައެއް ރަށްރަށުގެ މީހުންގެ ހިތުގައި ކުރިން ތަޢުލީމަށް ދީފައި އޮތް ޤަދަރު، އަޅުގަނޑުގެ ވާހަކައިން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. މިހާރު އެއަށް އައިސްފައިވާ ބަދަލު. އަދި އެނޫން ގޮތްގޮތުން ކުރިއަށްދިޔުމަށްވެސް. އާމްދަނީ އިތުރުކޮށް، ރަށް ކުރިއަށް ގެންގޮސް، މަސައްކަތްތެރިކަން އިތުރުކޮށް ހެދުމަށް، ރާއްޖޭގެ މީހުން ދީފައިވާ ތަރުޙީބާއި، އެމީހުންގެ ހިތުގައި އެކަމަށް އޮންނަ ޝައުޤުވެރިކަމުގެ ބޮޑުކަމުން، ރާއްޖެ ކުރިއަށްދަމުން މިދަނީ. ސަރުކާރުން ކޮށްދޭ ކަމަކީ، އެކަމަށް މަގުފަހިކޮށްދެނީ.

އާދެ، އެކިއެކި މަޝްރޫޢުތައް ރާވައި ހިންގަނީ. ފަށައިގަތުމުގެ ގޮތުން. ނުވަތަ އެމަސައްކަތްތައް ކުރިއަށް ގެންދަން ބޭނުންވާ މީހުންނަށް، ތަފާތު ގޮތްގޮތުން އެހީވެދެމުން ގެންދަނީ. އެހެންނަމަވެސް، އެމަސައްކަތް ކުރުމަކީ އެމީހުންގެ ކަމެއް. އެމަސައްކަތުން ލިބެންވާ ފައިދާ ޙާޞިލްކުރުމަކީވެސް އެމީހުންގެ ކަމެއް. ސަރުކާރުން މިހިންގާ މަޝްރޫޢުތައް ހިންގުމާއި، ރައްޔިތުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން މިކުރާ ކަންތައްތައް ކުރުމުގައި، އެކަންތައްތައް އެގޮތަށް އެކުރެވެނީ، ވަރަށް ގިނަ ފަރާތްތަކުގެ އެހީއާއި އެއްބާރުލުން ލިބިގެން. ޚާއްޞަކޮށް، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ އެންމެ އިސްވެރިންގެ އިޚްލާޞްތެރި އެހީ އަޅުގަނޑަށް ލިބިގެން. އާދެ، ރާއްޖެތެރެ ތަރައްޤީކުރުމުގައި އަދި ރާއްޖެތެރެއަށް ބޭނުންވާ ކަންތައްތައް ކޮށްދިނުމުގައި، މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަން އަލްފާޟިލް އިލްޔާސް އިބްރާހީމްގެ އެހީ އަޅުގަނޑަށް ވަރަށް ބޮޑަށް ލިބެމުން އެބަދޭ. އެކަން އަޅުގަނޑު ފާހަގަކޮށް، އޭނާއަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، ރާއްޖެތެރެ ތަރައްޤީކޮށް އިޞްލާޙުކުރުމުގައި، މީގެކުރިން ހުންނެވި މިނިސްޓަރ އަލްއުސްތާޛު ޢަބްދުﷲ ޙަމީދުވެސް ވަނީ، ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައި، ގާތްގަނޑަކަށް 11 އަހަރު ދުވަހުގެ ތެރޭގައި. އެހެންކަމުން، އެކަންވެސް އަޅުގަނޑު ފާހަގަކޮށް، އެމަނިކުފާނަށްވެސް މިރޭ ޝުކުރު ދަންނަވަން. ކާބޯތަކެތި އުފެއްދުމާއި، ރާއްޖޭގައި ގަސްގަހާގެހި އިތުރުކުރުމާއި، އެ މަސައްކަތަށް ބޭނުންވާ ކަންތައްތައް ފަހިކޮށްދެއްވުމުގައި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އަލްފާޟިލް ޢައްބާސް އިބްރާހީމް މިހާރު ކުރައްވަމުން އެގެންދަވާ މަސައްކަތްޕުޅުތަކަށް ވަރަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު ދަންނަވަން.

ހަމައެފަދައިން، ރާއްޖޭގެ އެކިއެކި ކަންތައްތައް ތަރައްޤީކޮށް ކުރިއަށް ގެންދިޔުމަށްޓަކައި، އަދި އެކަންކަމުން ރައްޔިތުންނަށް ލިބޭ ލުއިފަސޭހަކަމާއި، ތަނަވަސްކަން އިތުރުކުރެއްވުމަށްޓަކައި ސަރުކާރުގެ ތަފާތު ދާއިރާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަގުވަޒަންކޮށް، އެ ހުރިހާ ދާއިރާތަކެއް ހިންގަވަން ތިއްބެވި ބޭފުޅުންނަށް، އާދެ، އެބޭފުޅުންނަކީ، މިނިސްޓަރުން ކަމުގައިވިޔަސް ނުވަތަ މިނިސްޓަރުންގެ ނާއިބުން ކަމުގައިވިޔަސް ނުވަތަ އެނޫން ފެންވަރެއްގެ ބޭފުޅުން ކަމުގައިވިޔަސް، އެ ހުރިހާ ބޭފުޅުންނަށްވެސް ވަރަށް ޚާއްޞަ ޝުކުރެއް އަޅުގަނޑު ދަންނަވަން. އެބޭބޭފުޅުންގެ އިޚްލާޞްތެރި މަސައްކަތްޕުޅާއި، އެހީތެރިކަމާއި، އެއްބާރުލެއްވުން ފުރިހަމައަށް ލިބިގެން ނޫނީ، ސަރުކާރަށް އެއްވެސް ކަމެއް ނުކުރެވޭނެކަން، އަޅުގަނޑު ޤަބޫލުކުރާ ފަދައިން، ތިޔަ ހުރިހާ ބޭފުޅުންވެސް ޤަބޫލުކުރައްވާނެ.

އާދެ، ކާބޯތަކެތީގެ ދުވަހެއް ގެނައުމުގެ ބޭނުން، ދެންމެ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ ވާހަކަފުޅުގައި ބަޔާންކޮށްދެއްވައިފި. އެހެންވީމާ، އެރޮނގުން އަޅުގަނޑު މާގިނަ ވާހަކަތަކެއް ދައްކާކަށް ނެތިން. އެހެންނަމަވެސް، މިއަހަރު ކެލާގައި މިބޭއްވުނު މަޢުރަޟުގެ ކަންތައްތައް އިންތިޒާމު ކުރައްވައި، ހިންގެވި ފަރާތްތަކަށް އަދި އެކަންތައްތައް އެކުރައްވާފައިވާލެއް ފުރިހަމަކަމަށްޓަކައި މަރުޙަބާއާއި ތަހުނިޔާ، އެ ހުރިހާ ފަރާތްތަކަކަށް އަޅުގަނޑު ދަންނަވަން. އަދި ވަކިން ޚާއްޞަގޮތެއްގައި، ކާބޯތަކެތީގެ މަޢުރަޟުން ވަރަށް ކުލަގަދަ އެއްވަނައެއް ހޯއްދެވި، ކެލާގެ ރައްޔިތުންނަށް މުބާރަކްބާދީއާއި ތަހުނިޔާ ދަންނަވަން. ދެވަނައަށް އައި މާރަންދުއަށާއި، ތިންވަނައަށް އައި އުތީމުގެ ރައްޔިތުންނަށްވެސް، އިޚްލާޞްތެރި މުބާރަކްބާދީއެއް ރައްދުކުރަން.

އާދެ، މިއަހަރު، ކާބޯތަކެތީގެ ދުވަސް، އަތޮޅުގެ ފެންވަރުގައި މިފާހަގަކުރެވިގެން މިދިޔައީ، އަދި މިދަނީ މިރަށުގައި، ކެލާގައި. މިދިޔަ އަހަރު، ކާބޯތަކެތީގެ ދުވަސް ފާހަގަކުރެވުނީ،
ފ. އަތޮޅު ނިލަންދޫގައި. އިރާދަކުރެއްވިއްޔާ، މިއަންނަ އަހަރު، 1993 ވަނަ އަހަރު، ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރެވޭނީ، އައްޑުއަތޮޅު މީދޫގައި.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު މިހިސާބުން ނިންމާލަން ޤަޞްދުކުރަނީ. އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللّـه سبحـانـه وتعـالى އެކަލާނގެ ރުއްސަވާވޮޑިގެންވާ މަގުގައި ފައިތިލަ ޘާބިތުކުރުމުގެ ހެޔޮ ތައުފީޤު ދިވެހިންނަށް ދެއްވުން. އަދި ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އަމިއްލަ ފަރާތްތައް ގުޅިގެން، ރާއްޖޭގެ ތަރައްޤީގައި މިކުރަމުން ގެންދާ މަސައްކަތްތަކުގައި ބަރަކާތް ލެއްވުން. ކެލާގެ ރައްޔިތުންނަށް ފާގަތި މުސްތަޤްބަލެއް ދެއްވުން އަދި ޢާންމުކޮށް، ރާއްޖޭގެ ރައްޔިތުންނަށް މިއަދަށްވުރެ އުފާވެރި، ބާއްޖަވެރި މުސްތަޤްބަލެއް ދެއްކެވުން.

والسّــلام عليــكم ورحـمــة اللّـه وبـركاتـه.