މިއަހަރު އިންޑިޔާގެ ނިއުދިއްލީގައި ބޭއްވުމަށް ހަމަޖެހިފައިވާ 19 ވަނަ ކޮމަންވެލްތް ގޭމްސްގެ ކުއީންސް ބެޓަން ރިލޭ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ހެނދުނު އިފްތިތާޙް ކޮށްދެއްވައި، އެ ރިލޭގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންފިއެވެ. މި ރިލޭގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ބައެއް ވަޒީރުންނާއި ސަރުކާރުގެ އިސްބޭފުޅުންނާއި، ކުޅިވަރުގެ ދާއިރާތަކުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރިލޭ އިފްތިތާޙް ކޮށްދެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ކޮމަންވެލްތް ގޭމްސްއަކީ، ވަކިބާވަތެއްގެ ތާރީޚެއް ޙިއްޞާ ކޮށްފައިވާ ޤައުމުތައް ޝާމިލްވާ އަދި އެއް ޤައުމު އަނެއް ޤައުމާ ދެމެދުގައި އޮންނަ ތިމާގެކަން، އެހެން މުބާރާތްތަކަށްވުރެ ބޮޑުވެގެންދާ މުބާރާތެއް ކަމުގައި ވިދާޅުވިއެވެ.

މިއަހަރުގެ ކޮމަންވެލްތް ގޭމްސް ދިއްލީގައި ބޭއްވޭއިރު، ދުނިޔޭގެ ބޮޑު ސިޓީއެއްގެ ގޮތުގައި ދިއްލި ތަޢާރުފުވަމުން އަންނަކަން ފާހަގަކުރައްވަމުން، މި އަހަރުގެ ގޭމްސް ދިއްލީގައި މި ބޭއްވޭ ވަގުތަކީ، ރާއްޖޭގެ އެތްލީޓުންނާއި ރާއްޖޭގެ ރައްޔިތުންގެ ނަޒަރު އެކަމަށް ހުއްޓިގެންދާނެ ވަގުތުކޮޅަކަށްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކުޅިވަރުގައި ޢާންމު ގޮތެއްގައި، މޮޅުވުމަށްވުރެ މުހިންމީ، މޮޅުވުމަށްވުރެ ބައިވެރިވުން ކަމުގައި ވިޔަސް، އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްވެސް ރަނގަޅަށް ކޮށް، އެއިން ރަނގަޅު ނަތީޖާއެއް ހޯދުމަށް މަސައްކަތް ކުރުމަކީ، އަމާޒެއް ކަމަށްވާންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

2010 ވަނަ އަހަރުގެ ކޮމަންވެލްތް ގޭމްސްގެ ކްއީންސް ބެޓަން ރިލޭ ފަށާފައިވަނީ، 29 އޮކްޓޯބަރ 2009 ގައި އިނގިރޭސިވިލާތުގެ ބަކިންގހަމް ޕެލަސްއިންނެވެ. އެއަށްފަހު، ކްއީންސް ބެޓަންގެ ތާރީޚީ ދަތުރުގައި، ކޮމަންވެލްތްގެ 70 ޤައުމަށް މި ބެޓަން ގެންގޮސް 240 ދުވަހުގެ ތެރޭގައި 170,000 ކިލޯމީޓަރ ކަޑައްތު ކުރާނެއެވެ. ކްއީންސް ބެޓަންގެ ރިލޭ ނިމިގެންދާނީ، މިއަހަރުގެ އޮކްޓޯބަރ މަހުގެ 3 ވަނަ ދުވަހު، ދިއްލީގެ ޖަވާހަރްލާލް ނެހްރޫ ސްޓޭޑިއަމްގައި 19 ވަނަ ކޮމަންވެލްތް ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގައި، މި ބެޓަންއާއެކު ހިމެނިފައިވާ އިނގިރޭސި ރާނީގެ މެސެޖް އިއްވުމުންނެވެ.

ބެޓަންގެ ދަތުރުން، ކޮމަންވެލްތް ޤައުމުތަކުގެ މެދުގައިވާ އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، ޤައުމުތަކުގެ މެދުގައި ޙިއްޞާ ކުރާ އުޞޫލުތަކާއި ހަމަތައް ރަމްޒުކޮށްދެއެވެ. އަދި އިނގިރޭސި ރާނީ ކްއީން އެލިޒަބަތް ދެވަނަ، އެތްލީޓުންނަށް ދެއްވާ މެސެޖް، އެތްލީޓުންނަށް ގެންގޮސްދެއެވެ.