بســم اللّـه الرّحمـن الرّحيــم
الْحَمْـدُلِلَّـه، وَالصَّـلاَةُ وَالسَّـلاَمُ عَـلَى رَسُـولِ اللّـه، وعلى آلـه وأصْـحَابِه وَمَنْ والاه.
އާދެ، މިއަދަކީ އަޅުގަނޑުމެންގެ ތަރައްޤީގެ ތާރީޚުގައި ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭނެ ދުވަހެއް. އަޅުގަނޑުމެންގެ ރާއްޖޭގެ ހަމަޖެހުމާއި، އަމަންއަމާންކަމާއި، ތަރައްޤީއާއި، ކުރިއެރުމާބެހޭ ކަންތައްތަކެއް މިއަދު ވަނީ ކުރެވިފައި. ނުވަތަ އެ ކަންތައްތައް ކުރެވެމުން އެބަދޭ.
މިއަދުގެ އެންމެ ހެނދުނުގެ ވަގުތު ޖަސްޓިސް ބިލްޑިންގ ހުޅުވައިދިނުމުގެ ޝަރަފް އަޅުގަނޑަށް ވަނީ ލިބިފައި. އެއީ، ރާއްޖޭގެ ޢަދުލް އިންޞާފާއި، އަމަންއަމާންކަމުގެ ދާއިރާގައި، ވަރަށް މުހިންމު ބައެއް އަދާކުރާނޭ، ސަރުކާރުގެ އިދާރާތަކެއް ހިނގަމުންދާނެ ޢިމާރާތެއް. އެއަށްފަހުގައި، އަޅުގަނޑުމެންގެ ވިޔަފާރިއާއި އިޤްތިޞާދު ކުރިއަށް ގެންދިޔުމުގައި މުހިންމު ބައެއް އަދާކުރަމުންދާ އަދި މުސްތަޤްބަލްގައި އަދާކުރާނެ ތަނެއްގެ ހުޅުވުން ނުވަތަ މަޝްރޫޢެއްގެ ނިމުންވަނީ ފާހަގަކުރެވިފައި. މާލޭ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ނިމުން އެއީ. ހަމަ އެއާއެކީގައި، މޯލްޑިވެސް ޕޯޓްސް އޮތޯރިޓީގެ އާ ޢިމާރާތުގެ ބިންގާވެސް މިއަދު ހެނދުނު ވަނީ އަޅައިދެވިފައި.
އޭގެފަހުން، މިހާރު އަޅުގަނޑުމެން އައިސް މިތިބީ މިއަދު މި ހުޅުވުނު ވަރަށް މުހިންމު އެހެން ޢިމާރާތަކަށް. އާދެ، އެއީ އިންސްޓިޓިއުޓް އޮފް ހެލްތު ސައިންސަސް. މިއީ ރާއްޖޭގެ ރައްޔިތުންގެ ޞިއްޙަތާއި ސަލާމަތަށްޓަކައި ވަރަށް މުހިންމު ދައުރެއް އަދާކުރަމުން ގެންދާނެ ތަނެއް. އެހެންކަމުން، މިއަދު އަޅުގަނޑަށް ލިބެނީ ވަރަށްވެސް ޚާއްޞަ އުފަލެކޭ ދަންނަވަންޖެހޭ. މިފަދަ މުހިންމު ތިންކަމެއް އެއްދުވަހަކު ފާހަގަކުރެވެމުންދާކަމީ، އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ތާރީޚުގައިވެސް މާގިނައިން ވެފައި އޮންނާނެ ކަމެއް ނޫން.
އާދެ، އަޅުގަނޑުމެން އެކަމެއްގެ އުފަލުގައި މިހާރު މިވަގުތުކޮޅު މިހޭދަކުރާ އިންސްޓިޓިއުޓް އޮފް ހެލްތު ސައިންސަސް ހުޅުވުމަކީ، އަޅުގަނޑުމެންގެ ޞިއްޙީ ދާއިރާއަށް، އާ ދިރުމެއް ގެނެސްދޭނެ ކަމެއް ކަމުގައި ދަންނަވަންޖެހޭ. މި އިންސްޓިޓިއުޓް މިއަދު ހުޅުވުމުގެ ކުރިން، ޞިއްޙީ ދާއިރާގައި ރާއްޖޭގައި ތަމްރީނުދެވެމުންދިޔަ ގޮތުގެ ވާހަކަ، މި އިންސްޓިޓިއުޓްގެ ޑިރެކްޓަރ އަލްފާޟިލާ އާމިނަތު ރަޝީދާގެ ވާހަކަފުޅުން އަޅުގަނޑުމެންނަށް އޮޅުންފިލައިފި. އެބޭފުޅުން 1970ގެ ކުރީ އަހަރުތަކުން ފެށިގެން ކުރައްވަމުން ގެންދެވި ބުރަ މަސައްކަތާއި، އުޅުއްވަން ޖެހިވަޑައިގެންނެވި ދަތިގޮތްތައް، އަޅުގަނޑުމެންނަށް ހާމަވެގެން ހިނގައްޖެ. ހަމަ އެއާއެކީގައި، އެ މައްސަލަތައް އެހެން ހުރިކަމުގައިވިޔަސް، އެބޭފުޅުން ކުރެއްވި މުހިންމު ޤައުމީ ޚިދުމަތް އަދާކުރެއްވުމުގައި ފަހަށްޖެހިވަޑައިނުގެންނެވިކަން، ވަރަށް އުފަލާއެކު އަޅުގަނޑުމެންނަށް މިއަދު ފާހަގަކުރެވޭ.
އާދެ، މިކަމަކީ ބުރަކަމެއް. މީހުން ބިނާކުރުން އެއީ، އަޅުގަނޑަށް ދަންނަވަން ޖެހެނީ، ޤައުމެއްގައި ދިމާވާނެ އެންމެ ބުރަ މަސައްކަތޭ. ތަންތަން ޢިމާރާތް ކުރުމަކީ ކުރެވިދާނެ ކަމެއް. އެކަމާބެހޭ ފައިސާއާއި، އެކަން ކުރާނެ މީހުން ތިބެއްޖެނަމަ، ޢިމާރާތެއް ބިނާކުރެވިދާނެ. ބަނދަރެއްވެސް ހެދިދާނެ. އަދި އެނޫން ތަންތަންވެސް އާރާސްތު ކުރެވިދާނެ. އެހެންނަމަވެސް، އިންސާނުން ބިނާކުރުން، މީހުން ބިނާކުރުން އެއީ، އަދި ފައިސާ ހުރެގެން އެކަނި ވާނެ ކަމެއް ނޫން. އެކަމަށް ބޭނުންވާ ތަފާތު ކަންތައްތަކެއް ހުރޭ. އެކަމަށް ބޭނުންވާ މުހިންމު ކަންތައްތަކެއް ހަމަޖައްސަންޖެހޭ. އަދި އަޅުގަނޑުމެންގެ ވިސްނުން ވަކިގޮތަކަށް ހާނަންޖެހޭ. މީހުން ބިނާކުރުމަކީ، ޤައުމުގެ ތަރައްޤީގައި އެންމެ މުހިންމުބައި އަދާކުރާ ކަންތައް ކަމުގައި އަޅުގަނޑަށް ދަންނަވަންޖެހޭ. އަޅުގަނޑު ހިތުން ތިޔަބޭފުޅުންވެސް އެކަން ޤަބޫލުކުރައްވާނެ.
އަޅުގަނޑުމެންގެ ރާއްޖޭގައި، އަޅުގަނޑުމެންގެ ފެންވަރަށް ކޮންމެވެސްވަރަކަށް އެކަންތައްތައް މިހާރު ކުރެވެމުން އެބަދޭ. ރާއްޖޭގެ ތަޢުލީމުގެ ދާއިރާ ދަނީ އެއްދުވަހުން އަނެއްދުވަހަށް ފުޅާވަމުން. މާލޭގައާއި، ރާއްޖެތެރޭގައި ސްކޫލްތައް ދަނީ ޢިމާރާތް ކުރެވެމުން. އެ ސްކޫލްތަކުގައި ކިޔަވާކުދިންގެ ޢަދަދު، އެއްދުވަހުން އަނެއް ދުވަހަށް، އެއްއަހަރުން އަނެއް އަހަރަށް ދަނީ ގިނަވަމުން. ސަރުކާރުން ކުރާ އެފަދަ މަސައްކަތްތަކުގެ އިތުރަށް، އަމިއްލަ ފަރާތްތަކުން ހިންގަވާ މަދްރަސާތަކާއި، ސްކޫލްތަކާއި، ކްލާސްތައްވެސް މިހާރު ޢަދަދުނުކުރެވޭހާ ގިނަ. ހަމައެފަދައިން، ޢާންމު ސްކޫލްތަކުގެ އިތުރުން، ތަފާތު އެކިއެކި ފަންނުތަކުގެ ޢިލްމު އުނގަންނައިދޭ ތަންތަން އަޅުގަނޑުމެންގެ ރާއްޖޭގައި މިހާރު އެބަހުރި. އާދެ، އަޅުގަނޑުމެންގެ ތެރޭގައި، ވޮކޭޝަނަލް ޓްރޭނިންގ ސެންޓަރވެސް އެބަހުރި. އަދި އެމް.ސީ.އެމް.އޭ.ވެސް އެބަހުރި. އަދި މަޢުހަދުއްދިރާސާތިލް އިސްލާމިއްޔާ ކަހަލަ ޚާއްޞަ ތަޢްލީމުދޭ ތަންތަން އެބަހުރި. އަދި މިނޫންވެސް އަޅުގަނޑުމެންގެ ދިރިއުޅުމަށް ބޭނުންވާ، އަޅުގަނޑުމެންގެ ތަރައްޤީއަށް އަމާޒުކުރެވޭ ޚިދުމަތްތައް ދޭ ނުވަތަ އެކަންކަމަށް މީހުން ތަމްރީނުކުރާ ތަންތަން އަޅުގަނޑުމެންގެ ރާއްޖޭގައި އުފެދެމުން، ހިނގަމުން އެބަދޭ. ޝައްކެއްނެތް، އެއީ އަޅުގަނޑުމެންގެ ތަރައްޤީއަށް ވަރަށްވެސް ބޭނުން ކަމެއް.
އެގޮތުން، މިއަދު އަޅުގަނޑުމެން މި އިޙްތިފާލު ކުރަނީ، އިންސްޓިޓިއުޓް އޮފް ހެލްތް ސައިންސަސް ހުޅުވުމުގެ އިޙްތިފާލު. އެއީ، އަޅުގަނޑުމެންގެ އިޖްތިމާޢީ ދާއިރާތަކުގެ ތެރެއިން އެންމެ މުހިންމު އެއް ދާއިރާއަށް ބޭނުންވާ މީހުން ތަމްރީނު ކުރުމަށް އުފެދުނު ތަނެއް. އަދި މީގެކުރިން، އެލައިޑް ހެލްތް ސަރވިސަސް ޓްރޭނިންގ ސެންޓަރުގެ ނަމުގައި ހިނގަމުންދިޔަ ތަނެއް. އެތަނުން ތަފާތު ޞިއްޙީ ޚިދުމަތްތެރިން ތަމްރީނުކޮށްދެއްވަމުން ގެންދެވި. ޢާއިލާގެ އެހީތެރިން، ޖަމާޢަތުގެ އެހީތެރިން، ފޫޅުމައިން، އަދި އެނޫންވެސް ފަންނީ މީސްމީހުން.
މިއަދު އަޅުގަނޑުމެން މި ހުޅުވާ ތަނަކީ، މި ދެންނެވި ޚިދުމަތްތައް، އެއަށްވުރެ ފުރިހަމަގޮތެއްގައި ދިނުމަށް ހަމަޖެހިފައިވާ ތަނެއް. މިއަދު މި އިންސްޓިޓިއުޓްގެ ކަންތައްތައް ރޭވި ހަމަޖެހިފައި މިއޮތީ، ރާއްޖޭގައި އެންމެ ފުރަތަމަފަހަރަށް ޑިޕްލޮމާ ފެންވަރަށް ނަރސިންގ ކޯހެއް ހިންގޭގޮތަށް. މިހާރުވެސް އިންސްޓިޓިއުޓް އޮފް ހެލްތް ސައިންސަސްގެ ފަރާތުން އެކޯސް ހިންގަވަމުން އެބަ ގެންދަވާ. އެ ކޯހުގެ އެންމެ ފުރަތަމަ ބެޗްގެ ކުދިން މިހާރު ކިޔަވަމުންދާ ކަމަށް އަޅުގަނޑަށް އެނގިފައި ވަނީ. އާދެ، އެއީ ރާއްޖެއިން މީގެކުރިން ލިބެން ނެތް ޚިދުމަތެއް. ކުރިއެރުމަކީ އެއީ. ކުރިއެރުމަކީ، ކުރިން ލިބެން ނުހުންނަ ޚިދުމަތްތައް އަޅުގަނޑުމެން ލިބިގަނެވޭނެ ގޮތްތައް ހޯދުން. މީގެކުރިން، ޑިޕްލޮމާ އިން ނަރސިންގ އެންޑް މިޑްވައިފްރީ، އެ ކޯސް ފުރިހަމަކުރުމަށް ރާއްޖޭގެ ކުދިން ދާންޖެހެނީ ރާއްޖެއިން ބޭރު ޤައުމުތަކަށް. މިއަދު އަޅުގަނޑުމެންނަށް މިއޮތީ ރާއްޖޭގައި ތިބެގެން، އެ ކޯސް ހިންގޭނެ ގޮތް މެދުވެރިވެފައި. އެހެންވީމާ، އެއީ އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ޞިއްޙީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް.
އާދެ، މި އިންސްޓިޓިއުޓުން އަޅުގަނޑުމެންގެ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ބޭނުންވާ ވަރަށް ގިނަ ކަންތައްތަކެއް ކުރެވޭނެ. ދެންމެ ޑިރެކްޓަރުގެ ވާހަކަފުޅުގައިވެސް އަދި މިނިސްޓަރުގެ ނައިބުގެ ވާހަކަފުޅުގައިވެސް އެ ވާހަކަ ވިދާޅުވެއްޖެ. އަދި އޭގެ އިތުރުން، މި ދެންނެވި ޚިދުމަތްތެރިންނަށް ތަމްރީނު ދިނުމުގެ އިތުރުން، މިތާނގައި ކުރެވޭނެ މަސައްކަތްތަކެއްވެސް އެބަހުރި. އެއީ، ޞިއްޙީ ދާއިރާއާ ބެހޭ އެކިއެކި މަސައްކަތުބައްދަލުވުންތަކާއި، ސެމިނާރުތައް ބޭއްވުން. އަދި ޞިއްޙީ ހޭލުންތެރިކަން އުފެއްދުމަށް އަމިއްލަ ފަރާތްތަކާއި، އެހެން ޖަމާޢަތްތަކާ ގުޅިގެން، މި އިންސްޓިޓިއުޓުން ކުރައްވާ ކަންތައްތައް ކުރެއްވުން. މި ހުރިހާ ކަމެއް މިއަދުން ފެށިގެން އިރާދަކުރެއްވިއްޔާ ހިނގަމުންދާނެ. އެއީ، ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެންގެ ޞިއްޙީ ދާއިރާއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމުގައި ވާނެ.
އާދެ، ޞިއްޙީ ދާއިރާއަކީ އަޅުގަނޑުމެން ވަރަށް ޚާއްޞަ ސަމާލުކަމެއް ދޭން ޖެހިފައިވާ ދާއިރާއެއް. ރާއްޖޭގެ ރައްޔިތުންނަށް ލިބިދެވޭ ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ވަނީ ވަރަށް ބޮޑަށް ބޭނުންވެފައި. އެ ރޮނގުން ސަރުކާރުން ކުރާ ތަފާތު މަސައްކަތްތައް، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އާދެ، އެއީ މާލޭގެ ސެންޓްރަލް ހޮސްޕިޓަލްގެ ޚިދުމަތްތައް، އެއްދުވަހުން އަނެއް ދުވަހަށް ތަރައްޤީ ކުރުން. ހަމައެފަދައިން، މާލޭގައި ވަރަށް ބޮޑު އެހެން ހޮސްޕިޓަލެއްގެ ޢިމާރާތް މިހާރު ދަނީ ކުރެވެމުން. އިރާދަކުރެއްވިއްޔާ، މިއަންނަ އަހަރު ތެރޭގައި، އެ ހޮސްޕިޓަލް ހުޅުވޭނެ. ބޭރުގެ ފަރާތެއްގެ އެހީގައި އެކަން ހިނގަމުން ދަނީ. އަދި ރާއްޖެތެރޭގައިވެސް ސަރަޙައްދީ ހަސްފަތާލުތައް ދަނީ މިހާރު ހުޅުވެމުން. ހަތަރު ހަސްފަތާލު އެބަހުރި. އޭގެ އިތުރަށް، ޞިއްޙީ ޚިދުމަތްތައް ލިބިދެވޭ އެކިއެކި މަރުކަޒުތައްވެސް ރާއްޖެތެރޭގައި އެވަނީ ޤާއިމުކުރެވިފައި.
އާދެ، އަޅުގަނޑު ނުދަންނަވަން، އެ ކަންތައްތައް އެހުރީ އެންމެ ފުރިހަމައަކަށް ކުރެވިފައެކޭ. އަޅުގަނޑުމެންގެ ރާއްޖެފަދަ ވަސީލަތްތައް މަދު ތަނެއްގައި، އެއްވެސް ދާއިރާއަކަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމައަށް ކުރެވިފައި ހުރުމަކީ، މާ ފަސޭހަ ކަމަކަށް ނުވާނެ. ރާއްޖޭގެ އެހެން ކަންތައްތައްވެސް ވަނީ އެހާ ފުރިހަމަކޮށް ހަމަޖެހިފައެއް ނޫން. އެހެންކަމުން، ޞިއްޙީ ދާއިރާގެ ކަންތައްތައް އަދި އެ ފެންވަރަށް ހުރުމަކީވެސް އަޅުގަނޑުމެން ޙައިރާންވާންވީ ކަމެއް ނޫން. މުހިންމު ކަމަކީ، އެ ފެންވަރަށް ހުރުން އެއީ، އަޅުގަނޑުމެން ރުހޭކަމަކަށް ނުވުން. ޞިއްޙީ ދާއިރާގެ ކަންތައްތައް މިހާރު ހުރި ފެންވަރު އެއީ، އަޅުގަނޑުމެން ޤަބޫލުކުރާ ފެންވަރަކަށް ނުވުން. އެއަށްވުރެ އެ ފެންވަރު މަތިކުރުމަށް މަސައްކަތްތަކެއް ކުރުން. ސަރުކާރުން މިހާރު އެ ރޮނގުން މަސައްކަތް ކުރަމުން މިގެންދަނީ. އަދި ސަރުކާރުގެ އިތުރަށް، އަމިއްލަ ޖަމާޢަތްތަކުންވެސް އެ މަސައްކަތް ކުރައްވަމުން ގެންދަވާކަން އަޅުގަނޑު ފާހަގަކުރަން. މާލޭގައިވެސް އަދި ރާއްޖެތެރޭގައިވެސް.
އާދެ، މިފަދަ ޢިމާރާތެއް އަޅުގަނޑުމެންނަށް މި ފެންވަރަށް ތައްޔާރުވެގެން މިދިޔައީ، ވަރަށް ގިނަ ފަރާތްތަކެއްގެ ވިސްނުންފުޅާއި، އެއްބާރުލެއްވުމާއި، އެހީތެރިކަން ލިބިގެން. އާދެ، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުން، އެބޭފުޅުންގެ ނަންފުޅުތައް ވިދާޅުވެ، އެ ބޭބޭފުޅުންނަށް ޝުކުރު އަދާކުރައްވައިފި. އެހެންނަމަވެސް، އަޅުގަނޑުވެސް ދެތިން ފަރާތަކަށް ޝުކުރު ދަންނަވާލުމަކީ، އަޅުގަނޑުގެ ވާޖިބެއް ކަމަށް ދެކެން.
އާދެ، އެންމެ ފުރަތަމަ، މި އިންސްޓިޓިއުޓް އޮފް ހެލްތް ސައިންސަސްގެ އާ ޢިމާރާތުގެ ޚިޔާލުކުރައްވައި، އެކަމުގެ ވިސްނުންފުޅު ކުރިއަށް ގެންދަވައި، އަދި ސަރުކާރުގެ އެހީ އެކަމަށް ހޯއްދަވައިގެން، އެކަންތައްތައް ރާއްވަވައި ހިންގެވި، ކުރީގެ މިނިސްޓަރ އޮފް ހެލްތް އެންޑް ވެލްފެއަރ އަލްފާޟިލް ޢަބްދުއްސައްތާރު މޫސާދީދީއަށް، މި މުނާސަބަތުގައި ވަރަށް ޚާއްޞަ ޝުކުރެއް ދެންނެވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އާދެ، އެ މަނިކުފާނު އެ މަޤާމުން ދުރުވެވަޑައިގަތުމާ ގުޅިގެން، އެ މިނިސްޓްރީ ހިންގަވަމުން ގެންދަވަނީ، މިނިސްޓަރުގެ ނައިބު ޑޮކްޓަރ ޢަބްދުއްސައްތާރު ޔޫސުފް. އޭނާވެސް މިކަމަށް ދެއްވާ އަހަންމިއްޔަތާއި، އަދި ރާއްޖޭގެ ޞިއްޙީ ދާއިރާގެ ކަންތައްތައް ތަރައްޤީ ކުރައްވައި ކުރިއަށް ގެންދެވުމަށް ކުރައްވާ މަސައްކަތްޕުޅުތައް އަޅުގަނޑަށް އެނގޭ. އެހެންކަމުން، އޭނާއަށްވެސް މި ފުރުޞަތުގައި ޝުކުރު ދެންނެވުމަކީ، އަޅުގަނޑުގެ ވާޖިބެއް ކަމަށް ދެކެން. އާދެ، ދެން މިނިސްޓްރީ އޮފް ހެލްތުގެ ދާއިރާއިން މިކަމުގައި ވަރަށް ޚާއްޞަ އެހީތެރިކަމެއް ބެހެއްޓެވި ބައެއް ފަރާތްތައް އެބަ ތިއްބެވި. އޭގެ ތެރޭގައި، ޑިރެކްޓަރ އޮފް ހެލްތް އިންފްރާސްޓްރަކްޗަރ އަލްފާޟިލާ އާމިނަތު ޖަމީލުގެ ނަންފުޅުވެސް ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ. ހަމަ އެއާއެކީގައި، މި ޢިމާރާތް ކުރުމުގެ ޢަމަލީ މަސައްކަތްތައް ހިންގެވި ކޮންސްޓްރަކްޝަން ކޯޑިނޭޓަރ އަލްފާޟިލް އިސްމާޢީލް ރަޝީދުގެ ނަންފުޅުވެސް ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކޮށް، އެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.
އާދެ، މި ޢިމާރާތް ޑިޒައިންކޮށްދެއްވީ، އޮފީސް ފޮރ ފިޒިކަލް ޕްލޭނިންގ އެންޑް ޑިޒައިންގެ ފަރާތުން. އެ އޮފީހުގެ ފަރާތުން މިކަމުގައި އެންމެ އިސްކޮށް އުޅުއްވީ، އަލްފާޟިލް މުޙައްމަދު ޝަފީޤް، މ. ފޮސީތިޔާ. އެހެންކަމުން، އޭނާ އެ ކުރައްވާފައިވާ ޚިދުމަތް ފާހަގަކޮށް، އޭނާއަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.
މި ޢިމާރާތުގެ މަސައްކަތްތަކަކީ، ކުރިން މި ދެންނެވި ބޭފުޅުންގެ ބެއްލެވުމުގެ ދަށުން ތަފާތު ފަރާތްތަކުން، ރާއްޖޭގެ ފަރާތްތަކުން ކުރަމުން ގެންދިޔަ މަސައްކަތްތަކެއް. އެހެންކަމުން، އެ ހުރިހާ ފަރާތްތަކުގެ ނަން މިތާނގައި އަޅުގަނޑު ފާހަގަނުކުރި ކަމުގައިވިޔަސް، މި މަސައްކަތް ކޮށްދެއްވި ރާއްޖޭގެ ހުރިހާ ފަރާތްތަކަކަށް، އެބޭފުޅުން އެ ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަންކޮށް، ޝުކުރު ދެންނެވުމަކީ، އަޅުގަނޑަށް ލިބޭ އުފަލެއް.
އާދެ، ހަމަ އެފަދައިން، އިންސްޓިޓިއުޓް އޮފް ހެލްތް ސައިންސަސް ހިންގަވާ ޑިރެކްޓަރ އަލްފާޟިލާ އާމިނަތު ރަޝީދާ މިކަމަށް ބަހައްޓަވާ އަހަންމިއްޔަތާއި، ޝައުޤުވެރިކަން، އަޅުގަނޑުމެން އެންމެންނަށްވެސް އެނގޭ. މިހާތަނަށް އިންސްޓިޓިއުޓް ހިންގަވައިދެއްވާފައި ވަނީވެސް ވަރަށް އިޚްލާޞްތެރިކަމާއި، ވަފާތެރިކަމާއެކީގައި. އަދި މިހާރުވެސް ވަރަށް ހިންމަތާއި، މިންނަތާއެކު އޭނާ މަސައްކަތް ކުރައްވަމުން އެގެންދަވަނީ އިންސްޓިޓިއުޓްގެ ކަންތައް ވީހާ ރަނގަޅަކަށް ކުރެއްވޭތޯ. އަދި މުސްތަޤްބަލްގައިވެސް މި އިންސްޓިޓިއުޓުން ލިބެން ހުންނަ ޚިދުމަތްތައް މިހާރަށްވުރެ މަތިކުރެއްވޭތޯ. އެހެންކަމުން، އަލްފާޟިލާ އާމިނަތު ރަޝީދާއަށާއި، އޭނާގެ ބެއްލެވުމުގެ ދަށުން މި އިންސްޓިޓިއުޓް ހިންގަވަން ތިއްބެވި ވެރިންނަށާއި، މުވައްޒަފުންނަށްވެސް މި މުނާސަބަތުގައި މަރުޙަބާއާއި ޝުކުރު ދަންނަވަން.
އާދެ، ވަގުތަކީ މާގިނަ ވާހަކަތަކެއް ދައްކަން އޮތް ވަގުތެއް ނޫން. އެހެންކަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަނީ.
އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ޤައުމާއިގެން ކުރިއަށްދާނެ މަގު ތަނަވަސްކޮށްދެއްވުން. ހުރިހާ ގޮތަކުންވެސް އަމާންކަން ލިބިގެންވާ، ޞުލްޙަވެރި، އެކުވެރި، ތަރައްޤީވަމުންދާ ދިވެހިރާއްޖެއެއް، އަޅުގަނޑުމެންގެ ތަޞައްވުރުގައިވާ ފަދައިން، ޢަމަލީ ދުނިޔެއަށް ނެރުމުގެ ތައުފީޤު، އެކަލާނގެ އަޅުގަނޑުމެންނަށް ދެއްވުން. ދިވެހި ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރަމުންގެންދާ ހުރިހާ މަސައްކަތްތަކެއްގައި، އެކަލާނގެ ބަރަކާތް ލެއްވުން.
والسّلام عليكم ورحمـة اللّـه و بركاته.