بســم اللّـه الرّحمـن الرّحيــم
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.
އަޅުގަނޑު ތިލަދުންމަތީ އުތުރުބުރީގެ ރަށްރަށަށް މިކުރާ ދަތުރުގައި، މިއަދު ދެވަނައަށް މިއާދެވުނީ ހަތިފުށްޓަށް. ހަތިފުށްޓަށް އަޅުގަނޑު އައުމަށް ހަމަޖެހިފައިވާތީ، ހަތިފުށީގެ ރައްޔިތުން، ރަށް ތައްޔާރުކުރައްވާފައި ވަނީ ވަރަށް ފުރިހަމަކޮށް ކަމަށް އަޅުގަނޑަށް ދަންނަވަންޖެހޭ. އަޅުގަނޑުމެން މި ޖަލްސާކުރާ ހޯލުވެސް މިވަނީ ވަރަށް ރީތިކޮށް ޒީނަތްތެރި ކުރައްވާފައި. އަދި މަގުމަގަށް ބަލައިލިޔަސް، މަރްޙަބާގެ ލިޔުންތަކަށް ބަލައިލިޔަސް، ރަށުތެރެ އޮތްގޮތަށް ވިސްނާލިޔަސް، މިރަށުގެ ވެރިންނާއި ރައްޔިތުން ކުރައްވާފައިވާ މަސައްކަތް، ވަރަށް ރީތިކޮށް ފެންނަން އެބަހުރި. އާދެ، އެއިން އަޅުގަނޑަށް ދޭހަވާ އެއްޗަކީ، ރަށުގެ ރައްޔިތުންގެ ހިތުގައި ސަރުކާރާ ދޭތެރޭގައި އުފެދިފައިވާ އިޚްލާޞްތެރިކަން. އެހެންކަމުން، މިއަދު އަޅުގަނޑަށް މިރަށުގެ ފަރާތުން ތިޔަ ވިދާޅުވި ހޫނު މަރްޙަބާއަށްޓަކައި، ރަށުގެ ވެރިންނަށާއި، ރަށް ކުރިއަރުވާ ކޮމިޓީގެ މެންބަރުންނަށާއި، އަންހެނުންގެ ކޮމިޓީގެ މެންބަރުންނަށާއި، ޢާންމު ރައްޔިތުންނަށާއި، އަދި މަކްތަބުލް އަމީންގެ ކިޔަވާކުދިންނަށް ހިފެހެއްޓުމެއް ނެތް ޝުކުރެއް އަދާކުރަން.
އާދެ، ދެންމެ އަތޮޅުވެރިޔާގެ ބަދަލު، އަލްފާޟިލް މުޙައްމަދު މޫސާ އެވިދާޅުވި ފަދައިން، މިރަށަކީ ރާއްޖޭގެ ނިސްބަތުގައިވެސް ކުޑަ ރަށެއް. އަދި ރަށުގައި ދިރިއުޅޭ މީހުންގެ ޢަދަދުވެސް މަދު. އަދި ރަށަށް ދިމާވެފައިވާ ދަތިތައްވެސް ގިނަ. މިގޮތްގޮތުން އަޅުގަނޑުމެން ވަރަށް ގިނަ ވިސްނުންތަކެއް މިހާރު ވިސްނަންޖެހިފައި އެބައޮތް.
އަޅުގަނޑު މީގެކުރިން މިރަށަށް އައީ، 1979 ވަނަ އަހަރުގެ ތެރޭގައި. އެއީ، އަޅުގަނޑު މިހުރި މަޤާމާ ހަވާލުވިތާ ގާތްގަނޑަކަށް ތިންމަސް ދުވަހުގެ ތެރޭގައި. ރާއްޖެތެރެއަށް ކުރި އެންމެ ފުރަތަމަ ދަތުރުގައި. އެފަހަރު އަޅުގަނޑު ދަތުރުކުރީ، ތިލަދުންމަތީ އުތުރުބުރިއާއި، ދެކުނުބުރީގެ ރަށްރަށަށް. އެ ދަތުރުގައި، 1979 ވަނަ އަހަރުގެ މާޗް މަހުގެ ދެވަނަ ދުވަހު އަޅުގަނޑު މިރަށަށް އައިން. އޭރު އަޅުގަނޑު އައުމުން، ރަށަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ދައްޗެއް ކަމަށް މިރަށުގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް އޮޅުންފިލީ، ރަށުގެ ފެނުގެ ލޮނުކަން.
އާދެ، ފެން ލޮނުވުމަކީ، އެއާ ދޭތެރޭގައި އެކަން ރަނގަޅުކުރުމަށް ސަރުކާރުންވެސް އަދި ރަށުގައި ދިރިއުޅޭ މީހުންވެސް މާބޮޑު މަސައްކަތްތަކެއް ކުރެވެން އޮންނަ ކަމެއް ނޫން. އެއީ، ޤުދުރަތީގޮތުން ވާކަމެއް. ނުވަތަ ރަށަށް ދިމާވާ ކަންތައްތަކެއްގެ ސަބަބުން ވާކަމެއް. އަޅުގަނޑުމެންނަށް ކަންތައް ކުރެވެން އޮންނާނީ، އެހެން ގޮތަކުން ނަމަވެސް އެ ދަތިކަން ފިލުވައިލެވޭތޯ ބެލުން.
އާދެ، މިގޮތުން އަޅުގަނޑު އެއައި ދަތުރުގެ ފަހުން، މިރަށުގައި ވަރަށް ގިނަ ޢަދަދަކަށް ވާރޭފެން ނަގާ ތާނގީ ހެދިފައިވާކަން އަޅުގަނޑު ފާހަގަކޮށްލަން. އާދެ، އަޅުގަނޑަށް ހީވަނީ ވާރޭވެހޭ މޫސުމުގައި ފެން ނެގިއްޖެނަމަ، ރަށުގެ ރައްޔިތުންނަށް ފުދޭވަރަށް، އެތާނގީތަކުން ފެން ލިބޭނެހެން. އޭރުން ބޯފެނުގެ މައްސަލަ އެއޮތީ ހަމަޖެހިފައި. އެހެން ގޮތަކުން ފެނުގެ މައްސަލަ ހަމަޖެއްސުމަކީ، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، އެއްގޮތަކަށްވެސް ފަސޭހަކަމަކަށް ނުވާނެ. ނުވަތަ ޙަޤީޤަތުގައި އެއީ، ކުރެވޭ ކަހަލަ މަސައްކަތަކަށްވެސް ނުވާނެ.
ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، ރާއްޖެތެރެ ތަރައްޤީކޮށް، އިޞްލާޙުކުރުމަށްޓަކައި ސަރުކާރުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންގެންދާކަން. ވަކި ޚާއްޞަ މަޝްރޫޢެއް ރާވައިގެން، ރާއްޖެތެރެ ތަރައްޤީކުރުމުގެ މަޝްރޫޢު. އެ މަޝްރޫޢު ރާވައިގެން، އޭގެ ދަށުން ތަފާތު ކަންތައްތައް، ރާއްޖެތެރޭގެ އެކި ރަށްރަށަށް ސަރުކާރުން ކޮށްދެމުން ގެންދޭ. އަދި ރާއްޖެތެރެ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ބޭރުންވެސް ވަރަށް ގިނަ ރަށްރަށަށް، ސަރުކާރުން އެކިކަހަލަ ކަންތައްތައް ކޮށްދެމުން އެބަގެންދޭ. އޭގެތެރެއިން ބައެއް ކަންތައްތައް މިރަށަށްވެސް ވަނީ ކޮށްދެވިފައި. ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެ، މިރަށުގެ ރަށު އޮފީހާއި، ރަށު ކޯޓާއި، ރަށްވެހިގެ ހިމެނޭގޮތުން ހަދާފައިވާ ޢިމާރާތް. ސަރުކާރުން އެ ޢިމާރާތް ހަދައިދިނީ ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުންކަން. ހަމަ އެފަދައިން، އަޅުގަނޑުމެން މިޖަލްސާ ކުރާ މަކްތަބުގެ ޢިމާރާތް އާދެ، މަކްތަބުލް އަމީންގެ ޢިމާރާތް، އެއީވެސް ސަރުކާރާއި، ބޭރުގެ ޖަމާޢަތަކާ ގުޅިގެން، މިރަށުގެ ރައްޔިތުންގެ މަސައްކަތްތަކާ އެކުގައި ހަދައިދީފައިވާ ތަނެއް.
ޝައްކެއްނެތް، މިފަދަ ތަނެއް ހުރުމުން، މިރަށުގައި ތިބޭ ކިޔަވާ ޢުމުރުގެ ކުދިންނަށް ތަޢުލީމު ޙާޞިލްކުރުމުގެ ފުރުޞަތު ލިބިދެވޭގޮތްވާނެ. އެހެންނަމަވެސް، ހަމައެކަނި ތަނެއް ހުރެގެނެއްވެސް ނުވާނެ. އޭގެ އިތުރަށް، ކިޔަވައިދޭނެ މުދައްރިސުންވެސް ވާންޖެހޭނެ. ޖަމާޢަތް ކުޑަ ރަށެއްގައިވިއްޔާ މިކަންތައްވެސް އޮންނާނީ ދަތިގޮތަކަށް. އެއީ، ކޮންމެ ރަށެއްގައިވެސް އެންމެ މޮޅު ގޮތަކީ، އެރަށެއްގެ މީހުންގެ ތެރެއިން، އެރަށަށް ބޭނުންވާ ޚިދުމަތްތައް ކޮށްދޭނެ މީހުން، އެކަންކަމަށް ތަމްރީނުވެގެން އެ ޚިދުމަތްތައް ކޮށްދޭން ތިބުން. އެކަން އެހެން އޮންނައިރު، ރަށުގެ މީސްކޮޅު މަދުކަމަށްވަންޏާ އަދި ޒުވާނުންގެ ޢަދަދުވެސް މަދުކަމަށްވަންޏާ، އެކަންވެސް އޮންނާނީ ވަރަށް ފަސޭހައިން ނުކުރެވޭގޮތަށް.
އާދެ، ކޮންމެއަކަސް ތަރައްޤީގެ މަގުގައި އަޅުގަނޑުމެންގެ ރާއްޖެ ހަލުވި ފިޔަވަޅުތަކެއް ކުރިއަށް އަޅަމުން އެބަގެންދޭ. އިޤްތިޞާދީ ގޮތުން އެންމެ ބޮޑަށް އަޅުގަނޑުމެންނަށް މުހިންމުކަން ދެވޭ ކަންތައްތަކަކީ، މަސްވެރިކަމާއި، ޓޫރިޒަމާއި، ދަނޑުވެރިކަން. މަސްވެރިކަން ތަރައްޤީކުރުމުގެ ގޮތުން ސަރުކާރުން ތަފާތު އެތައް މަޝްރޫޢުތަކެއް ރާވައިގެން ހިންގަމުން އެބަގެންދޭ. އޭގެތެރެއިން، ބައެއް މަޝްރޫއުތައް ވަނީ މިހާރު ނިމިފައި. އަނެއްބައި މަޝްރޫޢުތައް ހިނގަމުން އެބަދޭ. އަދި މުސްތަޤްބަލަށްވެސް ރޭވޭ މަޝްރޫޢުތަކެއްގެ ރޭވުން މިހާރު ކުރިއަށް އެބަދޭ.
މިރަށުގެ ރައްޔިތުންނަކީވެސް މަސްވެރިކަމުން ދިރިއުޅޭ ބަޔެކޭ ދެންނެވިދާނެ. އާދައިގެ ކަނޑުގެ މަސްވެރިކަން، ކަނޑުމަހުގެ މަސްވެރިކަން ނުކުރި ކަމުގައިވިޔަސް ނުވަތަ ކުރަނީ ކުޑަކޮށް ކަމުގައިވިޔަސް، ފަރުމަހުގެ މަސްވެރިކަން ކުރާ ބަޔެއްކަމަށް އަޅުގަނޑަށް އެނގިފައި ވަނީ. އެއީ، ކޮންމެ ކަހަލަ މަސްވެރިކަމެއް ކަމަށްވިޔަސް ތަފާތެއް ނެތް. ރަށަށް އާމްދަނީ ލިބޭ ކަމަށްވަންޏާ އަދި ރަށުގެ ރައްޔިތުންނަށް އެއިން ކާންބޯން ލިބޭ ކަމަށްވަންޏާ، އެ މަސައްކަތަކީ ހަމަ އެންމެ ރަނގަޅު މަސައްކަތެއް.
އާދެ، ރަށުގެ ކުޑަކަމާއެކީގައި، އެހެން ކަހަލަ މަސައްކަތެއް، މިސާލަކަށް، ދަނޑުވެރިކަމުގެ މަސައްކަތް މިރަށުގައި ކުރެވޭނެއެކޭ އަޅުގަނޑު ހިތަކަށްނާރާ. އެހެންނަމަވެސް، މިރަށުގެ މީހުންވެސް ކުރާ އެހެންކަހަލަ ބައެއް މަސައްކަތްތައް ހުރެދާނެ. ނުވަތަ ރާއްޖޭގެ އެހެން ދިމަދިމާއަށް ގޮސްގެން ކުރާ މަސައްކަތެއްވެސް އޮވެދާނެ. ކޮންމެގޮތެއްގައި ނަމަވެސް، ތަފާތު ގިނަ މަސައްކަތްތަކެއް ކުރެވޭތޯ ބެލުމަކީ، އަޅުގަނޑުމެން މިއަދު ކުރަން ޖެހިފައިވާ ކަމެއް. އެއީ، އެމަސައްކަތް ކުރާ މީހުންގެ އާމްދަނީ އިތުރުކުރުމަށާއި، އެމީހުންގެ ޢާއިލާތަކަށް ތަނަވަސްކަން ހޯދައިދިނުމަށާއި އަދި ރަށުގެ ފައިދާއަށްޓަކައި. މިރަށުގެ މީހުންގެ ތެރެއިންވެސް އެފަދަ މަސައްކަތް ކުރައްވާ އަދި މާލޭގައި ތިއްބަވާ ބޭކަލުންވެސް އެބަ ތިއްބެވި. އެހުރިހާ ފަރާތްތަކެއްގެ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ރަށަށް ކޮންމެވެސްކަހަލަ ދިރުމެއް ލިބެމުންދާނެ ކަމަށް އަޅުގަނޑު އުއްމީދު ކުރަން.
އާދެ، މުސްތަޤްބަލާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނާލާއިރު، ވަރަށް ގިނަ ގޮތްގޮތުން ވިސްނަންޖެހޭ. ތިޔަބޭފުޅުން އައްސަވާނެ، ތިމާވެށީގެ މައްސަލަ. އެއަށް އަންނަމުންދާ ބަދަލުތަކުގެ ވާހަކަ. އާދެ، ތިމާވެށްޓަކީ އަޅުގަނޑުމެންގެ ވަށައިގެން މިވާ ހުރިހާ ތަކެތި. އަޅުގަނޑުމެން ދިރިއުޅޭ ފަސްގަނޑާއި، އަޅުގަނޑުމެން ނޭވާލާ ވަޔާއި، ބޯ ފެނާއި، އަޅުގަނޑުމެން ކާން ގެންގުޅޭ ކާބޯތަކެތީގެ ބާވަތްތަކާއި، ގޮނޑުދޮށާއި، މޫދާއި، ފަރުފަރާއި، މިހުރިހާ ތަންތަނާއި ތަކެއްޗަކީ، ތިމާވެށީގެ ތެރޭގައި ހިމެނޭ ތަކެތި. އެތަންތަނަށް ބަދަލުތަކެއް އަންނަމުންދާ ކަމަށްވަންޏާ، އިންސާނުންނަށް އޭގެ އަސަރު ނުފޯރައެއް ނުހުންނާނެ. އަޅުގަނޑުމެން ކައިބޮއި މިއުޅެނީ ތިމާވެށިން ލިބޭ ތަކެތީން. އެއީ، މަސް ކަމުގައިވިޔަސް ނުވަތަ ގަސް އިންދައިގެން ނުވަތަ ދަނޑު ހައްދައިގެން، އެއިން ލިބޭ އެއްޗެއް ކަމުގައިވިޔަސް، އެހުރިހާ އެއްޗަކީވެސް ތިމާވެށިން ލިބޭ ތަކެތި.
ތިމާވެށްޓަށް އަންނަމުންދާ ބަދަލުތަކުގެ ތެރޭގައި، ޖައްވު ހޫނުވުމުގެ މައްސަލަ މިހާރު އަންނަނީ ކުރިމަތިވަމުން. އެއީ، ބައެއް އެހެން ތަންތާނގައި ހިންގާ ކާރުޚާނާތަކުގެ ސަބަބުން، އެއިން އަރާ ދުންތައް ޖައްވުގެ ތެރެއަށް ދިޔައީމާ، މުޅި ދުނިޔޭގެ ޖައްވު، އެއްދުވަހުން އަނެއްދުވަހަށް ހޫނުވަމުން ދަނީ. ޖައްވު ހޫނުވަމުން ދިޔުމާ ގުޅިގެން، ކަނޑުގެ ލޮނުގަނޑުވެސް ހޫނުވެގެން އުފުލޭގޮތް ވަނީ. މިއީ މިހާރު ޢިލްމުވެރިން، ކަމާބެހޭ މާހިރުން ބުނާގޮތް. އަޅުގަނޑުމެން އެކަހަލަ ކަންތައްތަކަށް ސަމާލުކަން ދޭންޖެހޭނެ. ކަނޑުގެ ލޮނުގަނޑު އުސްވަމުންދާ ކަމުގައިވަނީނަމަ ޝައްކެއްނެތް، އެއީ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް އެކަމުން ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމެއް. މިކަހަލަ ކަންތައްތަކާ އަޅުގަނޑުމެން އަޅައިނުލާ ތިބޭކަށްނުވާނެ. އަޅުގަނޑުމެންގެ ރަށްތައް ސަލާމަތް ކުރެވެންހުރި ހުރިހާ ގޮތަކުން ރަށްތައް ސަލާމަތްކުރެވޭތޯ މިހާރުއްސުރެ ބަލަމުން ގެންދަންވާނެ.
އަޅުގަނޑުމެންގެ ރާއްޖޭގެ ރަށްތަކަކީ، ފަސްގަނޑު ތިރި ރަށްތަކެއް. އެހެންވީމާ، އެމީހުން އެބުނާގޮތަށް، ކަނޑުގެ ލޮނުގަނޑު، ދެފޫޓް ނުވަތަ ތިންފޫޓް އުފުލިއްޖެނަމަ، ތިޔަބޭފުޅުންނަށްވެސް ވިސްނިވަޑައިގަންނަވާނެ، އެއީ ވަރަށް ބޮޑު ގޯހަކަށް ވާނެ. ވަރަށްގިނަ ރަށްރަށް ނުވަތަ ވަރަށް ގިނަ ރަށްރަށުން ބޮޑު ބައެއް ގިރައިގެން ހިނގައިދާނެ. އަދި ދަނޑުތަކާއި، ކާބޯތަކެތި ލިބޭ ގަސްގަހާއި އަދި އެނޫންވެސް ގަސްގަހަށް އޭގެ ސަބަބުން ގެއްލުން ލިބޭނެ. އަނެއްކާ އަޅުގަނޑުމެން ބޯފެން، އަދި މިރަށުގެ ފެން ރަނގަޅު ކަމުގައިނުވިޔަސް، ބޯފެން ރަނގަޅަށް ހުންނަ ރަށްރަށުގެ ފެންވެސް ލޮނުވެ، ގޯސްވެދާނެ.
އެހެންވީމާ، އެކަންތައްތައް އެހެން ހުރުމާ އެކީގައި، އަޅުގަނޑުމެން ވިސްނަންޖެހޭ، މުސްތަޤްބަލުގައި ކިހިނެއްތޯ ކަންތައް ކުރާނީ. މުސްތަޤްބަލުގައި ކަންތައް ކުރާނެގޮތް ރާވަންޖެހެނީ މިއަދު. މުސްތަޤްބަލުގައި ރާވާކަށް ލަސްކުރެވޭކަށް ނެތް. އެއީ، އެކަމެއް ދިމާވާ ދުވަހަކުން ދެން އަޅުގަނޑުމެންނަކަށް ގޮތެއް ފެންނާނެ ފުރުޞަތެއް ނޯންނާނެ. މަސައްކަތެއް ކުރެވޭނެ ފުރުޞަތެއް ނޯންނާނެ. ދުރާލާ ވިސްނައިގެން ކަމެއް ކުރިއްޔާ، އެކަމެއްގެ ފައިދާ އަޅުގަނޑުމެންނަށް ލިބޭނެ.
އާދެ، މިގޮތުން ވިސްނާއިރު، ރަށެއް ސަލާމަތްކުރުމަކީ މުސްތަޤްބަލުގައި އެއީ، ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭނެ ކަމެއް. ވަރަށް ގިނަ ޚަރަދުތަކެއްވެސް ކުރަންޖެހޭނެ ކަމެއް. އަނެއްކާ ތަރައްޤީވެ ކުރިއަށްދަނީ، ގިނަ މީހުން ދިރިއުޅޭ ތަންތަން. ރާއްޖޭގެ ނިސްބަތުގައި ބައްލަވައިލެއްވިޔަސް، މިސާލަކަށް މާލެ. މާލެ އެއީ، ރާއްޖޭގައި އޮތް އެންމެ މީހުން ގިނަ ރަށް.
އާދެ، އެއީ އެހެން ސަބަބުތަކެއްވެސް ހުރެގެން ކަމަށްވެސް ވެދާނެ. ސަރުކާރު ހިންގާ ރަށަކީ މާލެ ކަމަށްވެފައި، އެކަހަލަ ބައެއް އެހެން ކަންތައްތައް ހުރުމުން، މާލެއަށް މީހުން ދާގޮތް ދިމާވާނެ. މަސައްކަތްތަކުގެ ފުރުޞަތު ލިބޭގޮތް، އިތުރަށް މާލޭގައި އޮތުމާވެސް އެކީގައި. އެކަމަކު ރަނގަޅަށް ވިސްނައިފިއްޔާ އެނގޭނެ، ރާއްޖެތެރޭގައި ހުރި ރަށްތަކުގެ ތެރެއިންވެސް ހަލުވިކަމާއެކު ތަރައްޤީވަމުން އަންނަނީ، މީހުން ގިނަ ރަށްރަށް. އައްޑުއަތޮޅުގައި ހުރި ރަށްރަށް. މިސާލަކަށް، އައްޑުއަތޮޅު ހިތަދޫ. މިހިސާބުގަނޑުން ވިއްޔާ ކުޅުދުއްފުށި. ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށި. މިއަތޮޅުގެވެސް ދިއްދޫ އަދި އެނޫންވެސް ގިނައިން މީހުން އުޅޭ ރަށްރަށް ވަރަށް އަވަހަށް ކުރިއަށްދަމުން ދަނީ. އެއީ، ގިނަ މީހުން ތިބިވަރަކަށް، މަސައްކަތް ކުރާނެ މީހުންނަށް ފުރުޞަތުވެސް ލިބޭނެ. ވިޔަފާރި ކުރާނެ ޖާގަވެސް އޮންނާނެ. ގިނަ ކަންތައްތައް ކުރެވޭނެ. ގިނަ އާމްދަނީ ލިބޭނެ.
އެހެންވީމާ، އަޅުގަނޑުމެން ވިސްނަން މިޖެހެނީ، މުސްތަޤްބަލުގައި އަޅުގަނޑުމެންގެވެސް މީހުން ގިނަ، ފަސްގަނޑު ބޮޑެތި ރަށްރަށުގައި، މީހުން ގިނައިން ދިރިއުޅޭ ގޮތެއްގެ މައްޗަށް. އެއީ، ބުއްދިވެރި ގޮތަކީ. ކުޑަކުޑަ ރަށްރަށުގައި ދިރިއުޅެން ހަދައިގެން ދިމާވެދާނެ ނުރައްކާތަކެއް ހުރީމަ. އަނެއްގޮތުން ބަލާއިރު، ސަރުކާރަށްވެސް ބޭނުންވާނީ، ކުޑަ ޚަރަދަކުން ވީހާ ގިނަ ބަޔަކަށް ޚިދުމަތް ދެވޭތޯ ބަލަން. މީހުން ތަންކޮޅެއް ގިނަ ރަށެއްގައި، އެންމެ މަދަރުސާއެއް ހަދައިދިނަސް، އެއިން ފައިދާ ލިބޭނެ، އެތައް ސަތޭކަ ކިޔަވާ ކުދިންނެއް ތިބޭނެ. އަނެއްކާ ހެލްތް ސެންޓަރެއް ހެދި ކަމުގައިވިޔަސް، އޭގެ ފައިދާ ލިބިގަންނާނެ އެތައްހާސް ބަޔަކު އުޅޭނެ. އެކަމަކު އެންމެ ދުއިސައްތަ މީހުން ނުވަތަ ތިންސަތޭކަ މީހުން ދިރިއުޅޭ ތަނެއްގައި، އެވަރު ބޮޑު ޚަރަދެއް ކޮށްގެން ސަރުކާރުން ކަމެއްކޮށްފި ނަމަވެސް، އެއިން ފައިދާ ލިބެން މިތިބީ ވަރަށްމަދު މީސްކޮޅެއް. މާނައަކީ، ސަރުކާރުން އެކުރާ ޚަރަދުން ބޮލަކަށްޖެހޭ ބައި، ކުދި ރަށްރަށުގައި ވަރަށް މައްޗަށް ދާނެ. އެކަހަލަ ކަންތަކާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނަންޖެހޭނެ. ވިސްނާފައި، އެންމެ ފައިދާހުރި ގޮތަކަށް، ސަރުކާރުގެ ފައިސާވެސް ޚަރަދުކުރަންޖެހޭނީ.
އާދެ، މިހާރުވެސް ބައެއް ރަށްރަށުގައި އަމިއްލައަށް މީހުން އެދިގެން، އެމީހުންގެ ރަށްރަށުން ބަދަލުވާން އެބައުޅޭ. އޭގެ ޚަބަރުތައް ތިޔަބޭފުޅުން އައްސަވާނެ. އެތަނުން އެއްރަށަކީ، ނ. އަތޮޅު ތޮޅެންދޫ. ތޮޅެންދޫ މީހުންގެ އެދުމާއެކީގައި، ވަރަށް ހަލުވިކޮށް އެމަސައްކަތް ހިނގަމުން އެބަދޭ. އެމީހުން ބަދަލުވުމުގެ ކަންތައް. އަޅުގަނޑަށް ހީވާގޮތުގައި މިއަހަރު ނިމޭއިރަށް އެކަންތައް ނިމޭނެ. ސަރުކާރުން މިފަހަރު މީހުން މި ބަދަލުކުރަނީކީ މަޖުބޫރުކޮށްގެނެއް ނޫން. އެމީހުންގެ އަމިއްލަ އިޚްތިޔާރުގައި، އެމީހުން އަމިއްލައަށް ވިސްނިގެން، އެމީހުންގެ ރަށް ދޫކޮށްފައި، އެހެން ރަށަކަށް ދިޔުމުންކަން، އެމީހުންނަށް ފައިދާ އޮތީ. އަދި މުސްތަޤްބަލުގައި އެމީހުންގެ ދަރިންނަށްވެސް ފައިދާ އޮތީ އެގޮތުގައިކަން، އެމީހުންނަށް ޤަބޫލުކުރެވިގެން، އެމީހުން އަމިއްލައަށް އެދުނީމަ، ސަރުކާރުން ބަދަލުކޮށްދިނީ. އަދި ބަދަލުކޮށްދޭއިރު، ރަނގަޅު ފެންވަރަކަށް އެމީހުންނަށް ގެދޮރުވެސް އަޅައިދީފައި ސަރުކާރުން ބަދަލުކޮށްދެނީ. އިރާދަކުރެއްވިއްޔާ، ތޮޅެންދޫ މީހުން ބަދަލުވުމާ ގުޅިގެން، ތިޔަބޭފުޅުންނަށް އެކަން އެނގިވަޑައިގަންނަވާނެ. އަޅުގަނޑުމެންނަށް އެކަމާބެހޭ ފިލްމެއްވެސް ހެދިދާނެ. ތިޔަބޭފުޅުން ވަޑައިގެން ތަންތަން ހުރިގޮތް ބައްލަވާލައްވަންވެސް ހަމަ ގެންދެވިވެސް ދާނެ. އޭރުން އެނގިވަޑައިގަންނަވާނެ، މިހާރު މިއޮތީ ކުރިން އޮތްގޮތަކަށް ނޫންކަން. ރައްޔިތުންނަށް ފައިދާހުރި ގޮތަކަށްކަން، ސަރުކާރުން މީހުން ބަދަލުކުރަންޏާ މިހާރު ކުރަނީ. އެހެންނަމަވެސް، މިއީ ވިސްނާލަން އޮތް ނުކުތާއެއްކަން އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާލަން.
އާދެ، މިރަށުގެ ހާލަތަށް ބަލާއިރު، ރަށް ގިރަމުން އެބަދޭ، ވަރަށް ގިނަ ދިމަދިމާއިން. އަދި ތޮށިގަނޑެއް ލައިގެން ކޮންމެވެސްވަރަކަށް ހިފެހެއްޓުނު ކަމުގައިވިޔަސް، އެއީކީ ދެމިއޮންނާނެ ކަމެއް ނޫން. އެއީ، އަނެއްކާ ކުޅަދާނަ ކަމަކަށްވެސް ނުވާނެ. ރަށް ގިރަމުންދަނީ. ރަށުގެ ފެން ލޮނު. މީގެ 13 އަހަރު ކުރިން، މިރަށުގެ ފެނުގެ ލޮނު ވާހަކަ އަޅުގަނޑު ގާތު ރަށުގެ ރައްޔިތުން ވިދާޅުވި. މިހާރު އެއަށްވުރެވެސް ބޮޑަށް އޮންނާނީ ގޯސްވެފައި. ދެން ރަށުން ގޯތިދޭނެ ބިމެއްވެސް ނެތް. ރަށުގައި އެހެންކަހަލަ މަސައްކަތެއް ކުރެވޭނެ ޖާގައެއް ނެތް. ރުއްގަސް އިންދޭނެ ތަނެއްވެސް ނެތް. މިހުރި ގޮތްގޮތަށް ވިސްނާއިރު، ތިޔަބޭފުޅުންގެ މަޞްލަޙަތު އޮތީ ކޮންގޮތެއްގައިކަން ނިންމެވުން އެއީ، ތިޔަބޭފުޅުންގެ ކަމެއް. އެހެންނަމަވެސް، ތިޔަބޭފުޅުން އެގޮތަކަށް ނިންމަވާފައި، ސަރުކާރުން އެދިވަޑައިގެންފީވިއްޔާ، އެކަމެއް ސަރުކާރުން ކޮށްދޭނެ.
އާދެ، އަޅުގަނޑު މި ވާހަކަ މިދަންނަވާލީ، އަޅުގަނޑުގެ ހިތުގައި މިރަށާ ދޭތެރޭގައި އޮންނަ ލޯތްބެއްގެވެސް ބޮޑުކަމުން. ތިޔަބޭފުޅުންގެ ހެވަށް އަޅުގަނޑަށް އެދެވޭލެއް ބޮޑުކަމުން. އަދި ކޮންމެ ޙާލެއްގައިވެސް ހަތިފުށްޓަކީވެސް ރާއްޖޭގެ ސަރަޙައްދުން ބައެއް. ކިތަންމެ ކުޑަ ނަމަވެސް، ކިތަންމެ މަދު މީސްކޮޅަކު ދިރިއުޅުނު ކަމުގައިވިޔަސް، ރާއްޖޭގެ ފަސްގަނޑުގެ ލޮބުވެތި ތަންކޮޅެއް. އެހެންވީމާ، މިރަށުގައި ދިރިއުޅޭ މީހުންނަށްވެސް ސަރުކާރުން މިހުރިހާ ކަމެއް ވިސްނައިދޭންޖެހޭ. އަދި އެމީހުންގެ ހެވަށާއި، އެމީހުންގެ މަޞްލަޙަތަށްޓަކައި ސަރުކާރުން މަސައްކަތް ކޮށްދޭންޖެހޭ.
އާދެ، މިއަދުގެ މިދަތުރުގައި، އަޅުގަނޑު އަދިވެސް އެހެން ދެރަށަކަށް ދާން އޮތުމާއެކީގައި، ތިޔަބޭފުޅުންގެ އަރިހުގައި މާގިނަ ވަގުތު ހޭދަކުރެވޭކަށް ނެތް. އެހެންކަމާއެކު، އަޅުގަނޑުގެ ވާހަކަކޮޅު ކުރުކޮށްލަނީ.
އަޅުގަނޑުގެ އެދުމަކީ، ހަތިފުށީގެ ރައްޔިތުންނަށް، މާތް اللّـه سبحـانـه وتعـالى ހެޔޮގޮތްތައް މެދުވެރިކޮށްދެއްވުން. އަދި ހަތިފުށީގެ ރައްޔިތުންނަށް، މިއަދަށްވުރެ ތަނަވަސް، އުފާވެރި މުސްތަޤްބަލެއް ދެއްކެވުން. މުޅި ރާއްޖޭގެ ރައްޔިތުންނަށް، ތަރައްޤީގެ މަގުތައް، އެކަލާނގެ ފަހިކޮށްދެއްވުން. އަދި ސަރުކާރާއި ރައްޔިތުންނާ ގުޅިގެން، ތަރައްޤީގެ ރޮނގުގައި ކުރަމުންމިދާ ހުރިހާ މަސައްކަތްތަކެއްގައި ފައިދާއާއި ބަރަކާތް ލެއްވުން.
والسّــلام عليــكم ورحـمــة اللّـه وبـركاتـه.