بســم اللّـه الرّحمـن الرّحيــم
الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء و المرسلين، وعلـى آلـه وَصَحْبِـهِ أجمـعـين.
އާދެ، މިއަދު ރާއްޖޭގެ ވެރިކަންކުރާ ރަށް، މާލޭގައި މި ހުޅުވޭ އަތޮޅުވެރިންގެ ބައްދަލުވުމަކީ، އިޖުތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުން ރާއްޖެތެރެ ތަރައްޤީވުމުގައި، މި ބައްދަލުވުމުގެ ސަބަބުން ވަރަށް ޚާއްޞަ އުންމީދުތަކެއް ޙާޞިލްވާނޭ ކަމަށް ޔަޤީންކުރެވޭ ބައްދަލުވުމެއް. އަތޮޅުވެރިންގެ ބައްދަލުވުމަކީ، މީގެ ކުރިންވެސް ބޭއްވިފައިވާ ކަމެއް. މި ޖަލްސާގައި އެންމެ ފުރަތަމަ ވާހަކަފުޅު ދެއްކެވި އަލްފާޟިލް އިބްރާހީމް ރަޝީދު އަޅުގަނޑުމެންނަށް ހާމަކޮށްދެއްވި ގޮތުގައި، އަތޮޅުވެރިންގެ ބައްދަލުވުންތަކެއް، މީގެ ކުރިން ވަނީ ބޭއްވިފައި. އޭގެތެރޭގައި، އުތުރުގެ އަތޮޅުތަކުގެ އަތޮޅުވެރިންގެ ބައްދަލުވުންތަކާއި، ދެކުނުގެ އަތޮޅުތަކުގެ އަތޮޅުވެރިންގެ ބައްދަލުވުންތަކާއި އަދި ހުރިހާ އަތޮޅެއްގެ އަތޮޅުވެރިން ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމެއް، މީގެ ކުރިން ވަނީ ބޭއްވިފައި. އެހެންކަމުން، މިއަދު މި އިފްތިތާޙު ކުރެވޭ ބައްދަލުވުމަކީވެސް މި ދެންނެވި ސިލްސިލާގެ ތެރޭގައި ހިމެނިގެންދާނެ ބައްދަލުވުމެއް. އެހެންނަމަވެސް، އަޅުގަނޑުމެން ފާހަގަކޮށްލަން ޖެހެނީ، މިހާރު ރާއްޖެއަށް އަންނަމުންމިދާ ބަދަލުތައް، ދުނިޔެއަށް އަންނަމުންމިދާ ބަދަލުތައް. އެހެންކަމާއެކު، މިއަދު މިފެށޭ ބައްދަލުވުމުން ނުކުންނާނެ ނަތީޖާއަކީ، ކުރީގެ ބައްދަލުވުންތަކުން ނުކުތް ނަތީޖާއަށްވުރެ ފައިދާ ބޮޑު، އަގުހުރި ނަތީޖާއަކަށްވާނެކަމާމެދަކު އަޅުގަނޑު ޝައްކެއްނުކުރަން.
ރާއްޖެތެރެ ތަރައްޤީކޮށް، ރާއްޖެތެރޭގެ ކަންތައްތައް އިޞްލާޙުކުރުމަކީ އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުންވެސް އިޝާރާތްކުރެއްވި ފަދައިން، މި ދައުރު ފެށުނީއްސުރެ ސަރުކާރުން އެންމެބޮޑު އިސްކަމެއް ދެމުން އައިސްފައިވާ ކަންތައް. އަޅުގަނޑު ރައީސްކަމާ ޙަވާލުވިއިރު، ރާއްޖެތެރޭގެ ކަންތައްތައް އޮތްގޮތާއި މިހާރާ ތަފާތުވެފައިވާނަމަ، އަޅުގަނޑު ދަންނަވާނީ، އެއައި ތަފާތުގެ އެންމެ ބޮޑު ސިއްރަކީ، ރާއްޖެތެރޭގެ ރައްޔިތުން، އެމީހުންގެ އަމިއްލަ ތަރައްޤީއަށް، އެމީހުންގެ އަމިއްލަ ކުރިއެރުމަށް ދެމުން އައިސްފައިވާ ސަމާލުކަމޭ. އާދެ، އަޅުގަނޑުވެސް އެއްބަސް. ސަރުކާރުން ގޮތްތަކެއް ހަމަޖައްސައިދެމުން މި އަންނަނީ. ކަންތައްތަކެއް ކުރަމުން މި އަންނަނީ. އެހެންނަމަވެސް، އެ ކަންތައްތަކުގެ ނަތީޖާ ފާޅުވެގެން އެދަނީ، އެއިން ލިބެންވާ ފައިދާ ލިބެމުން އެދަނީ، ރާއްޖެތެރޭގެ ރައްޔިތުން މިކަމުގައި ސަރުކާރާ އެއްބާރުލައްވައިފައިވާލެއް ބޮޑުކަމުން. އެހެންވީމާ، މިއަދު އަޅުގަނޑު މި ނުކުތާ ފާހަގަކޮށް، ސަރުކާރުން ރާއްޖެތެރެ ތަރައްޤީކޮށް އިޞްލާޙުކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގައި، ރާއްޖެތެރޭގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް ޚާއްޞަ ޝުކުރެއް އަދާކުރަން.
އާދެ، 1978 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން، ރާއްޖެތެރެއަށް ހެޔޮ ބަދަލުތަކެއް ގެނެވޭތޯ ސަރުކާރުން މި އަންނަނީ މަސައްކަތް ކުރަމުން. އޭގެ ތެރޭގައި، ރާއްޖެތެރޭގައި ކަންތައްތައް ހުރިނެތްގޮތް ބެލުން އެއީ، އެންމެ ފުރަތަމަ ކަމަކަށް އޮތީ ވެފައި. އެގޮތުން، އަޅުގަނޑުވެސް ރާއްޖެތެރެއަށް ވަނީ ދަތުރުތަކެއް ކޮށްފައި. ރާއްޖޭގައި މީހުން އުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރުމުގެ އުފާ އަޅުގަނޑަށް ވަނީ ލިބިފައި. އަޅުގަނޑުގެ އިތުރުން، ސަރުކާރުގެ ވަޒީރުން، އެ ބޭފުޅުންނާ ޙަވާލުވެފައިވާ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި، ރާއްޖެތެރެއަށް ވަނީ އެތައް ފަހަރެއްގެ މަތިން ޒިޔާރަތް ކުރައްވާފައި. އެބޭފުޅުންގެ އިތުރުންވެސް، އެކި އޮފީސް އޮފީހުގެ ވެރިންނާއި، އެކި މަޤާމުތަކުގައި ތިއްބަވާ ބޭފުޅުން، އެބޭފުޅުން އެ ވާޖިބު އަދާކުރައްވާ ދާއިރާއެއްގެ ކަންތައްތައް ހުރިނެތްގޮތް ބައްލަވައި އަދި އެބޭފުޅުން އެ ކުރައްވާ މަސައްކަތްތައް އިތުރަށް ތަރައްޤީކުރައްވައި ހަލުވިކުރެއްވުމަށް ބޭނުންފުޅުވާ މަޢުލޫމާތު ހޯއްދެވުމަށްޓަކައި، ރާއްޖެތެރެއަށް ވަނީ ޒިޔާރަތްތަކެއް ކުރައްވާފައި. އަދި މިހާރުވެސް އެ ކަންތައްތައް ދަނީ އެގޮތުގެ މަތިން ކުރިއަށް. މިކަމުގެ ނަތީޖާއެއްގެ ގޮތުން، ރާއްޖެތެރެއަށް ހެޔޮ ބަދަލުތަކެއް މިހާރުވަނީ އައިސްފައި.
އާދެ، ވަރަށްގިނަ ކަންތައްތަކެއް ސަރުކާރުން ފަހިކޮށްދީގެން، އެ ކަންތައްތައް ވަނީ ކުރެވިފައި. ރާއްޖެތެރެ ތަރައްޤީ ކުރުމުގެ މަޝްރޫޢެއް، 1979 ވަނަ އަހަރު ވަނީ ރޭވިފައި. އެކަމަށް ވަނީ ދައުލަތުން ޚާއްޞަ ބަޖެޓެއް އެ އަހަރު ފާސްކޮށްފައި، އެ ބަޖެޓުގެ ދަށުން ޚަރަދުކޮށްގެން ވަރަށްގިނަ ކަންތައްތަކެއް، ފުރަތަމަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ރާއްޖެތެރޭގައި ވަނީ ކުރެވިފައި. އޭގެފަހުން، ކޮންމެ އަހަރަކުވެސް މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ބަޖެޓަށް ރާއްޖެތެރެ ތަރައްޤީ ކުރުމާބެހޭ ޚާއްޞަ ބަޖެޓެއް ލައިގެން، އެގޮތުގެ މަތިން ޚަރަދުތައް މި އަންނަނީ ކުރެވެމުން. އާދެ، އަޅުގަނޑު ކޮންމެހެން ދަންނަވާކަށް ނެތިން، އެ ބަޖެޓުގެ ފައިސާ ޚަރަދު ކުރެވިފައި ވަނީ ކިހިނަކުންތޯ ދެންނެވުމުގައި، އިތުރު ވާހަކަތަކެއް ދެއްކުމުގެ ބޭނުމެއް އޮތް ކަމަކަށް އަޅުގަނޑު ނުދެކެން. ރާއްޖެތެރޭގެ ރައްޔިތުންނަށް އެކަންކަން ރަނގަޅަށް އެނގިވަޑައިގަންނަވާނެ. އަދި މާލޭގެ ރައްޔިތުންނަށްވެސް އެނގިވަޑައިގަންނަވާނެ.
ރާއްޖެތެރެ އިޞްލާޙުކޮށް ތަރައްޤީ ކުރުމަށްޓަކައި، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ބެއްލެވުމުގެ ދަށުން ހިނގަމުންމިދާ މަޝްރޫޢުގެ އިތުރުން ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުން ވަރަށް ގިނަ މަސައްކަތްތަކެއްވެސް ވަނީ ކުރައްވާފައި. އާދެ، އޭގެ ނަތީޖާއެއްގެ ގޮތުން، ރާއްޖެތެރޭގައި ވަރަށް ގިނަ ޢަދަދަކަށް ސްކޫލްތަކެއް ވަނީ ޢިމާރާތްކުރެވިފައި. ސަރަޙައްދީ ހަސްފަތާލުތަކެއް ވަނީ ޤާއިމުކުރެވިފައި. ޞިއްޙީ މަރުކަޒުތަކެއް ވަނީ އެޅިފައި. އަދި ރާއްޖެތެރޭގެ ރަށްރަށުގެ ފަޅު ފުންކުރުމާއި، ރައްޔިތުންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ކުރެވެންހުރި އެނޫންވެސް ވަރަށްގިނަ ކަންތައްތަކެއް ވަނީ ކުރެވިފައި. އަދި މިހާރުވެސް ދަނީ އެ ކަންތައްތައް ކުރެވެމުން. ބައެއް ރަށްރަށުގައި ކަރަންޓުގެ ޚިދުމަތް މިހާރު ލިބޭ. ބައެއް ރަށްރަށާއި، މާލެއާ ތެލެފޯނުގެ ޛަރީޢާއިން ގުޅޭ. ބައެއް ތަންތާނގައި، ސަރަޙައްދީ ވައިގެ ބަނދަރުތަކެއް ވަނީ ހުޅުވިފައި. އަދި ރާއްޖެތެރެއަށް ފައިދާހުރި މިނޫންވެސް ކިތަންމެ ކަމެއް، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ގެންދަވަނީ ކޮށްދެއްވަމުން.
އާދެ، އަޅުގަނޑު މި ވާހަކަތައް މި ދަންނަވަނީ، ތިޔަބޭފުޅުންނަށް އެ ކަންތައްތައް އެނގިވަޑައިނުގަންނަވާނެތީއެއް ނޫން. އަޅުގަނޑު އެ ވާހަކަތައް މި ދަންނަވަނީ، މިހުރިހާ ކަމެއްގައިވެސް ސަރުކާރުގެ ހުރިހާ ފަރާތެއްގެ އެއްބާރުލެއްވުން އޮތް މިންވަރު ދަންނަވާލުމަށްޓަކައި.
ރާއްޖެތެރެ ތަރައްޤީކޮށް، އިޞްލާޙުކޮށް، ކުރިއެރުވުމަކީ ހަމައެކަނި ވަކި މިނިސްޓްރީއަކުން ކުރެއްވޭނެ ކަމެއްނޫން. އެއީ، ސަރުކާރުގެ ތަފާތު ދާއިރާތަކުން ކުރައްވަން ޖެހޭނެ ކަމެއް. އެގޮތުގެ މަތިން، މިހާތަނަށް މި އައިއިރުވެސް، ސަރުކާރުގެ ވަރަށްގިނަ މިނިސްޓްރީތަކުން މިކަމުގައި ވަރަށް ފުރިހަމައަށްވަނީ އެއްބާރުލައްވާފައި. ހުރިހާ މިނިސްޓަރުންގެ އެއްބާރުލެއްވުން އަޅުގަނޑަށް ވަނީ ވަރަށް މަތިވެރި ދަރަޖައަކަށް ލިބިފައި. އެހެންކަމުން، ރާއްޖެތެރޭގެ ކަންތައްތައް ކުރިއަށް ގެންދިޔުމުގައި އަޅުގަނޑަށް އެހީތެރިވެދެއްވި އަދި އަޅުގަނޑާ އެއްބާރުލައްވައި ދެއްވި ހުރިހާ ވަޒީރުންނަށާއި، ސަރުކާރުގެ ހުރިހާ އޮފީސްތަކުގެ ވެރިންނަށާއި، އެ އޮފީސްތަކުގެ މުވައްޒަފުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.
އާދެ، މި ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި، ރާއްޖެތެރެއަށް ޚިދުމަތްކުރުމުގެ ދާއިރާގައި، ބައެއް ބޭފުޅުން ވަރަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވާފައިވޭ. އާދެ، އޭގެތެރެއިން އެއްބޭފުޅަކީ، އަލްއުސްތާޛު ޢަބްދުﷲ ޙަމީދު. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، މިނިސްޓަރުގެ ނާއިބުގެ ޙައިޘިއްޔަތުންނާއި، އަދި ރާއްޖެތެރެއާ ބެހޭ މިނިސްޓްރީގެ މިނިސްޓަރުގެ ޙައިޘިއްޔަތުން، އޭނާވަނީ ރާއްޖެތެރެއަށް 11 އަހަރާއި 6 މަސްދުވަހުގެ ދިގު މުއްދަތުގައި ޚިދުމަތްތަކެއް ކޮށްދެއްވާފައި. އޭނާ އެ ކޮށްދެއްވި ޚިދުމަތްތަކަކީ، ވަރަށް އިޚްލާޞްތެރިކަމާއި، މުރާލިކަމާއެކުގައި ކޮށްދެއްވި ޚިދުމަތްތަކެއް. އެހެންކަމުން، މިއަދު ރާއްޖެތެރޭގެ ތަރައްޤީއާ ބެހޭ ވާހަކަތަކެއް ދެކެވޭ ވަގުތުގައި، އޭނާގެ ނަންފުޅު ޚާއްޞަގޮތެއްގައި ފާހަގަކޮށްލުމަކީ، އަޅުގަނޑު ހިތުން އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. އާދެ، އަލްއުސްތާޛު ޢަބްދުﷲ ޙަމީދަށް ޝުކުރާއި މުބާރަކްބާދީ ދަންނަވަން. ހަމައެއާއެކުގައި، ތަންކޮޅެއް ކުޑަދުވަސްކޮޅަކަށް ނަމަވެސް، ރާއްޖެތެރޭގެ ކަންތައްތައް ބަލަހައްޓަވައި ދެއްވައި އަދި ރާއްޖެތެރޭގެ ކަންތައްތަކަށް އެދެވޭ އިޞްލާޙެއް ގެންނެވުމަށް ބުރަ މަސައްކަތްތަކެއް ކޮށްދެއްވި މިހާރުގެ މިނިސްޓަރ އޮފް ޓޫރިޒަމް، އޭރުގެ މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަން އަލްފާޟިލް ޢަބްދުﷲ ޖަމީލަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. މިހާރު އެ މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވީ އާ ބޭފުޅެއް. އެހެންނަމަވެސް، އޭނާއަކީ ސަރުކާރަކަށް އާ ބޭފުޅެއް ނޫން. ސަރުކާރުގެ ތަފާތު ދާއިރާތަކުގައި ވަރަށް ގިނަ އަހަރުތަކެއް ވަންދެން އިޚްލާޞްތެރިކަމާއެކު އަދި ވަރަށް މުރާލިކަމާއެކު ޚިދުމަތް ކޮށްދެއްވާފައިވާ ބޭފުޅެއް އޭނާއަކީ. އާދެ، އަލްފާޟިލް އިލްޔާސް އިބްރާހީމް މިހާރު އެ ޚިދުމަތް ކުރައްވަނީ ރާއްޖެތެރެއަށް. އެހެންކަމުން، އޭނާ އެ މިނިސްޓްރީއާ ޙަވާލުވެވަޑައިގެންނެވި ފަހުން ވަރަށް ހީވާގިކަމާއެކުގައި، ވަރަށް ބާރަށް ތަރައްޤީގެ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާތީ، އޭނާ އެ ކުރައްވާ މަސައްކަތަށް ހެޔޮ ތައުފީޤާއި ކާމިޔާބަށް އެދެމުން، އޭނާއަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
އާދެ، ތަރައްޤީގެ މަސައްކަތަކީ އެއަށް ހުއްޓުމެއް އަންނަންޖެހޭނެ މަސައްކަތެއް ނޫން. އަންނާނެ މަސައްކަތެއްވެސް ނޫން. އެ މަސައްކަތް ކާމިޔާބުވާނީ ވަރަށްގިނަ ފަރާތްތަކެއްގެ އެއްބާރުލުން ލިބިގެން. ސަރުކާރުގެ ފަރާތްތަކުގެ އެއްބާރުލުން ލިބެން ބޭނުންވޭ. ކުރިންވެސް އަޅުގަނޑު އިޝާރާތްކުރި ފަދައިން، ވަރަށް ފުރިހަމަގޮތެއްގައި އަޅުގަނޑު މިދަނީ އެކަން އިޙްސާސް ކުރަމުން. ހަމައެފަދައިން، ރާއްޖެތެރޭގައި ތިއްބަވާ ވެރިން، އެކި ފެންވަރުގެ ވެރިން، އަތޮޅުވެރިން، ރަށްރަށުގެ ވެރިން، އަދި ވެރިންގެ އިތުރުން، ރާއްޖެތެރޭގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ސަރުކާރުގެ ތަފާތު ދާއިރާތަކުގެ ބޭފުޅުން، އަދި ވަކިން ޚާއްޞަކޮށް، ރާއްޖެތެރޭގެ ރައްޔިތުން، މި ހުރިހާ ފަރާތެއްގެ ފުރިހަމަ އެއްބާރުލެއްވުން ލިބިގެންނޫނީ ޝައްކެއްނެތް، ރާއްޖެތެރޭގައި ތަރައްޤީގެ މަސައްކަތެއް ކުރިއަކަށް ނުގެންދެވޭނެ. އެ އެއްބާރުލެއްވުން މިހާތަނަށްވެސް ވަރަށް އެކަށީގެންވާ ގޮތެއްގައި ލިބެމުން އައިސްފައިވާ ވާހަކަ އަޅުގަނޑު ދަންނަވާލައިފިން. އަޅުގަނޑުގެ އެދުމަކީ އަދި އުންމީދަކީ، މިހާރު އެ އެއްބާރުލެއްވުން އޮތް ވަރަށްވުރެވެސް ބޮޑަށް މުސްތަޤްބަލުގައި އެ އެއްބާރުލެއްވުން ލިބޭނެކަމަށް.
އާދެ، އަޅުގަނޑު މިހެން ދަންނަވާއިރު، އަޅުގަނޑަށް ދިމާވާ ކުޑަކަމެއްގެ ވާހަކަ ދަންނަވާލަން ބޭނުންވޭ. އާދެ، އެއީ، ސަރުކާރުގެ ތަފާތު ދާއިރާތަކުގައި ތިއްބަވާ ބޭފުޅުން، ސަރުކާރުގެ މަސައްކަތްތަކުގައި އުޅުއްވާއިރު ދިމާވާ ދައްޗެއްގެ ވާހަކަ. އެ ދަތި އެހެން ދިމާވަނީ ފަހަރެއްގައިވެސް އެއްވެސް އަމިއްލަ މަޤްޞަދެއް ޙާޞިލްކުރުމަށް ބަޔަކު މަސައްކަތް ކުރާތީކީ ނޫން. ނުވަތަ އެއްވެސް މިނިސްޓްރީއަކުން އެކަހަލަ މަސައްކަތެއް ކުރައްވާތީއެއް ނޫން. އެހެންނަމަވެސް، އެއްކަމެއް ކުރުމުގައި ތަފާތު ފަރާތްތައް ބައިވެރިވެގެން، އެކަމެއް ކުރަމުން ގެންދާނަމަ، އިންސާނީ ޠަބީޢަތުގައިވާ ގޮތުގެމަތިން، އެފަރާތްތަކުގެ މެދުގައި ހިސާބަކަށް ބައެއްފަހަރަށް ޚިޔާލު ތަފާތުވުން އުފެދޭ. މިގޮތުން، ސަރުކާރުގެ އެތައް ދާއިރާއެއް އެކުވެގެން ކުރައްވާ މަސައްކަތްތަކުގައިވެސް މިކަން ކޮންމެވެސްވަރަކަށް ދިމާވޭ. އަޅުގަނޑުގެ އެދުމަކީ، އެކަން އެގޮތަށް ދިމާނުވުން. އެހެން މި ދަންނަވަނީ، މުޅި ސަރުކާރުގެ މަޤްޞަދަކީ، ރައްޔިތުންނަށް ޚިދުމަތްކުރުން. ކޮންމެ މިނިސްޓްރީއެއްގެ މަޤްޞަދަކީވެސް، އަދި ކޮންމެ ޑިޕާޓްމަންޓެއް، ކޮންމެ އޮފީހެއްގެ މަޤްޞަދަކީވެސް އަދި ޤާނޫނީގޮތުން ޤާއިމުވެފައި އެވަނީވެސް ރައްޔިތުންނަށް ޚިދުމަތްކުރުމަށްޓަކައި. އެހެންވީމާ، އެއް މަޤްޞަދެއްގައި މަސައްކަތް ކުރާ ބައެއްގެ މެދުގައި އެއްވެސް ކަހަލަ ޚިޔާލު ތަފާތުވުމެއް ނުވަތަ ހަމަނުޖެހުމެއް އޮވެގެނެއް ނުވާނެ. ބައެއް ފަހަރަށް އެހެން ދިމާވޭ. ސަރުކާރުގެ އެއް މިނިސްޓްރިއަކާއި އަނެއް މިނިސްޓްރީއަކާ ދޭތެރޭގައި ހިސާބަކަށް ނަމަވެސް ޚިޔާލު ތަފާތުވުން އުފެދޭގޮތް ދިމާވޭ. ނުވަތަ މަސައްކަތުގައި އެއްބައެއްގެ ފުރިހަމަ އެއްބާރުލުން އަނެއްބަޔަކަށް ނުލިބޭގޮތް ދިމާވޭ. އަޅުގަނޑުގެ ވަރަށް ޚާއްޞަ އިލްތިމާސެއް، އެކަން އެހެންވިޔަ ނުދެއްވުން. މުސްތަޤްބަލުގައި އެއްގޮތަކަށްވެސް އަޅުގަނޑު ނޭދެން، ސަރުކާރުގެ ތަފާތު ފަރާތްތަކުގެ މެދުގައި ކިތަންމެ ކުޑަ ނަމަވެސް ޚިޔާލު ތަފާތުވުމެއް ނުވަތަ ހަމަނުޖެހުމެއް އޮންނާކަށެއް. ކުރިންވެސް ދެންނެވި ފަދައިން، އެންމެންގެ މަޤްޞަދަކީ އެކައްޗެއް. އެހެންވީމާ، އެ މަޤްޞަދަށްޓަކައި މަސައްކަތް ކުރާއިރު، އެނޫން އެހެން އެއްވެސް ކަމަކަށް އަޅުގަނޑުމެން ސަމާލުކަންދީގެނެއް ނުވާނެ.
އާދެ، ތަރައްޤީގެ މަސައްކަތުގައި ރާއްޖެތެރޭގެ ރައްޔިތުން ގެންދަވަނީ ވަރަށް ބޮޑަށް އެއްބާރުލައްވަމުން. މިއަދުގެ މުނާސަބަތުގައިވެސް އެކަން ފާހަގަކޮށް، އެއަށްވުރެ އިތުރަށް މުސްތަޤްބަލުގައި އެއްބާރުލެއްވުން ލިބޭނެކަމަށް އަޅުގަނޑު އުއްމީދުކުރާ ވާހަކަ ދަންނަވާލަން ބޭނުންވޭ. މި ވާހަކަ މިއީ ހަމައެކަނި މިތާނގައި އަޅުގަނޑު ދަންނަވާ ވާހަކައެއް ނޫން. ރާއްޖެތެރެއަށް އަޅުގަނޑު ކުރާ ދަތުރުތަކުގައި، ކޮންމެ ރަށަކަށްގޮސް، އެ ރަށެއްގެ ރައްޔިތުންނާ ބައްދަލުކޮށް، ވާހަކަދައްކާއިރުވެސް މި ނުކުތާގެ މައްޗަށް ވަރަށްބޮޑު ސަމާލުކަމެއް އަޅުގަނޑު ދެން. އެހެންވީމާ، އެގޮތުން މިއަދުވެސް އެ ނުކުތާ އަޅުގަނޑު މި ފާހަގަކޮށްލީ. ތިޔަބޭފުޅުންވެސް ޤަބޫލުކުރައްވާނެ، ތަރައްޤީގެ އެއްވެސް މަސައްކަތެއް އަޅުގަނޑުމެން އެދޭގޮތަށް މުސްތަޤްބަލުގައިވެސް ކުރިއަށް ގެންދެވޭނީ، މި ދެންނެވި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލެއްވުން އަދި ޚާއްޞަކޮށް، އެކަމުގެ ފައިދާ ޙާޞިލްކުރަން ތިބި ބައެއްގެ އެއްބާރުލުން ލިބިގެން. އަޅުގަނޑު މި ދަންނަވާލީ، ތަރައްޤީގެ މަސައްކަތެއް ކުރިއަށްދިޔުމުގައި އެންމެބޮޑަށް ބޭނުންވާ އެއް ކަންތަކުގެ ވާހަކަ.
ދެން ދަންނަވާލަން އޮތީވެސް ތަރައްޤީގެ މަސައްކަތުގައި ވަރަށްބޮޑަށް ބޭނުންވާ ކަމެއްގެ ވާހަކަ. އެއީ، ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އޮތުން. އެމީހުންގެ މެދުގައި އެއްވެސް ކަހަލަ ހަމަނުޖެހުމެއް ނެތުން. އާދެ، އަޅުގަނޑުމެންގެ ރާއްޖެއަކީ ވަރަށް ނަޞީބުވެރި ތަނެއް. އަޅުގަނޑުމެންގެ ރާއްޖޭގައި، މާތްﷲގެ ރަޙްމަތްފުޅުން ސިޔާސީ ހަމަނުޖެހުމެއް ނެތް. ރާއްޖެތެރޭގައިވެސް އެއްވެސް ކަހަލަ ސިޔާސީ ހަމަނުޖެހުމެއް ނެތް. އެހެންނަމަވެސް، ރާއްޖެތެރޭގައި ބައެއް ކަންތައްތަކުގައި ޚިޔާލުތަފާތުވުން އުފެދޭ ކަހަލަ ގޮތަކަށް ކަންތައްތައް ހިނގަމުންދާ ވާހަކަ ވަރަށް ހިތާމަޔާއެކު ދަންނަވާލަންޖެހޭ. ޚާއްޞަކޮށް، އެ ކަންތައްތައް ގުޅެނީ އަޅުގަނޑުމެން އެންމެންވެސް އެ ދީނަކަށް ތަބަޢަވެގެން، އެ ދީނަކަށް ޙުރްމަތްތެރިކޮށްހިތާ، މާތްވެގެންވާ އިސްލާމްދީނާ ބެހޭގޮތުން ކަމަށްވާތީ، ދީނީ ބައެއް މައްސަލަތަކުގައި ރާއްޖެތެރޭގައި ބައެއް ފަރާތްތަކުން ޢަމަލުކުރާގޮތުން، ރާއްޖެތެރޭގައި ހަމަނުޖެހުން އުފެދެމުން އެބަދޭ. ބައިބައިވުން އުފެދެމުން އެބަދޭ. އެއީ، އަޅުގަނޑު ހިތުން ވަރަށް ދެރަ ކަމެއް. މިހާރު އެކަމަކީ އަދި ދީނީ މައްސަލަތަކެއް ކަމުގައިވިޔަސް، އެއީ، މުސްތަޤްބަލުގައި އެކަމަށް ހުއްޓުމެއް ނާތުވެއްޖެނަމަ، އެކަމެއް އަޅުގަނޑުމެންނަށް ނުހުއްޓުވިއްޖެނަމަ، އެއީ، ސިޔާސީ މައްސަލަތަކަކަށްވެސް ބަދަލުވެގެން ހިނގައިދާނެ ކަމެއް. ދުނިޔޭގެ އެހެން ތަންތާނގެ ތަޖުރިބާއަށް ބަލާއިރު، އަޅުގަނޑު މި ދެންނެވީ ޙަޤީޤަތެއްކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އާދެ، ފުރަތަމަ ފެށޭނީ ދީނީ މައްސަލައެއްގެ ސިފައިގައި. އެހެންނަމަވެސް، ދުވަސްކޮޅަކުން ބަދަލުވެގެންދާނީ ސިޔާސީ މައްސަލައަކަށް. އެހެންވެއްޖެނަމަ، ރާއްޖޭގައި ވަރަށްބޮޑު ފިތުނަތަކެއް އުފެދިގެންދިޔުމަކީ ނުވާނެ ކަމެކޭ އަޅުގަނޑަކަށް ދަންނަވާކަށެއް ނުކެރޭނެ. އާދެ، އަޅުގަނޑަށްވެސް އެނގޭ، ރާއްޖެތެރެއަށް ވަޑައިގެން ދީނީ ނަޞޭޙަތް ދެއްވާ ބޭފުޅުން، ދީނީ އިރުޝާދު ދެއްވާ ބޭފުޅުން، އެކަން އެ ކުރައްވަނީ މާތް މަޤްޞަދެއްގައިކަން. އެކަމާ ދޭތެރޭގައި އަޅުގަނޑު ޝައްކެއްނުކުރަން. އެހެންނަމަވެސް، އެކަންތައް އެ ބޭފުޅުންނަށް ކުރެއްވޭ ގޮތަކުން، ބައެއް ކަހަލަ މައްސަލަތައް ނުކުންނަމުންދާކަންވެސް އަޅުގަނޑުމެން ފާހަގަކުރަންޖެހޭ. އެއީ، ޞަރީޙަކޮށް ދަންނަވަންޏާ، އޭގެ ސަބަބުން، ފަހުން ވަރަށް ބޮޑެތި ނުބައިތަކެއް އުފެދިދާނެ ކަމަކަށްވާތީ.
އާދެ، އަޅުގަނޑުމެންގެ ދީނަކީ ހުރިހާ ޒަމާނަކަށާއި، ހުރިހާ ތަނަކަށް އެކަށީގެންވާ ދީން. އެކަން އަޅުގަނޑުމެން ދަންނަންޖެހޭނެ. އެއްތަނެއްގައި ކަންތައް ކުރާގޮތަށް އަނެއްތަނެއްގައި ކަންތައް ނުކުރެވޭގޮތްވުމަކީ އެކަށީގެންވާ ކަމެއް. އިޤްތިޞާދީ ގޮތުން ބަލާއިރުވެސް މިއީ ޙަޤީޤަތެއްކަން އެނގިވަޑައިގަންނަވާނެ. ބައެއް ތަންތާނގައި، މިސާލަކަށް، މުއްސަނދިކަމުގެ ވަރަށް ބޮޑެތި ނުވަތަ އަގުހުރި ވަސީލަތްތަކެއް ހުރޭ. އަނެއްބައި ތަންތާނގައި އެފަދަ ވަސީލަތްތަކެއް ނުހުރޭ. އެއްބައި ތަންތާނގައި ތެޔޮހުރޭ. އަނެއްބައި ތަންތާނގައި ތެލެއްނުހުރޭ. ތެޔޮނެތް ތާނގައި، ބައެއް ތަންތާނގައި މަޢުދަންތައް ނުވަތަ އެނޫންވެސް މުއްސަނދިކަމުގެ އެހެން ވަސީލަތްތައް ހުރޭ. އަނެއްބައި ތަންތާނގައި އެކަހަލަ ވަސީލަތްތައް ނެތް ކިތަންމެ ތަނެއްވެސް އެބަހުރި. އެހެންވީމާ، އިޤްތިޞާދީ ގޮތުން އެބަޔަކު ކުރިއަށްދާއިރުވެސް ހުރިހާ ތަނެއްގައި އެއް އުޞޫލެއް ނުގެންގުޅެވޭނެ. ތަން އޮންނަ ގޮތުންވެސް، އެތާނގައި ކުރެވޭ މަސައްކަތްތަކަށް ވަރަށްބޮޑެތި ތަފާތުތަކެއް އައުމަކީ އެކަށީގެންވާ ކަމެއް. މިސާލަކަށް، މުޅިން އެއްފަސްގަނޑަކަށް އޮންނަ ތަނެއްގައި ކުރެވޭ ކަންތައްތަކާއި، ވަކިވަކި ޖަޒީރާތަކެއްގެ ގޮތުގައި އޮންނަ ޤައުމަކަށް ކުރެވޭ ކަންތައްތަކާ ވަރަށް ތަފާތުވާނެ. އެހެންވީމާ، ދުނިޔޭގެ އެހެން ތަނެއްގައި ކަންތައް އޮންނަ އުޞޫލަކުން ރާއްޖޭގެ ކަންތައް ގެންދިޔުމަކީ އެއްގޮތަކަށްވެސް ކުރެވޭނެ ކަމެކޭ އަޅުގަނޑެއް ނުދަންނަވާނަން.
އާދެ، އެހެން ދަންނަވަން މިޖެހޭ ސަބަބަކީ، ދުނިޔޭގެ މުއްސަނދި ބައެއް ތަންތާނގައި ނުވަތަ ތެލުގެ މުއްސަނދިކަން ލިބިފައިވާ ބައެއް ތަންތާނގައި، އެތާނގެ ރައްޔިތުން މާބޮޑެތި މަސައްކަތްތަކެއް ކުރާކަށެއްނުޖެހޭ. އެމީހުންގެ އިޤްތިޞާދީ ކުރިއެރުމަކަށް. ބައެއް ތަންތާނގައި ވަރަށް ގިނަ މީހުން މަސައްކަތް ނުކޮށް ތިބެނީ. މަސައްކަތް ނުކޮށް ތިއްބަސް، އެމީހުންނަށް ލިބޭ އާމްދަނީއެއް ލިބެމުން ދަނީ. އެހެންވީމާ، އެތާނގެ ރައްޔިތުންގެ އެންމެންގެ މަސައްކަތް އެތަނަކަށް ބޭނުމެއްނުވޭ. ރައްޔިތުންގެ ވަކިބަޔަކު، މަދު ޢަދަދެއްގެ ބަޔަކު މަސައްކަތް ކުރީމާ އެމީހުންނަށް އެކަން އެބަ ޙާޞިލްވޭ. އެކަމަކު، އަޅުގަނޑުމެންގެ ރާއްޖެއަށް ނިސްބަތްކުރާއިރު، އެކަން އެހެނެއް ނޫން އޮތީކީ. އެންމެން އެބަޖެހޭ މަސައްކަތް ކުރަން. އަޅުގަނޑު މި ވާހަކަ މި ދަންނަވަނީ ޚާއްޞަގޮތެއްގައި، އަޅުގަނޑު މި ދަންނަވާ ކަހަލަ ދީނީ ކަންތައްތަކުގައި ބައިބައިވުން އުފެދޭ މައްސަލަތަކުގެ ތެރޭގައި، ތަރައްޤީގައި އަންހެނުން ކުޅޭ ދައުރާ ބެހޭގޮތުންވެސް މައްސަލަ ނުކުންނަމުންދާތީ.
އާދެ، ރާއްޖޭގެ އަންހެނުން ދިރިއުޅުމަށް ކުރާ މަސައްކަތާއި، އިސްލާމީ ބައެއް އެހެން ޤައުމުތަކުގެ އަންހެނުން ދިރިއުޅުމަށް ކުރާ މަސައްކަތާ ވަރަށް ތަފާތު. އިސްލާމީ ބައެއް އެހެން ޤައުމުތަކުގައި، އަންހެނުން އެ ތިބޭގޮތަށް މަސައްކަތެއްނުކޮށް ތިބެގެން ރާއްޖެ ކުރިއަކަށް ނުދާނެ. ރާއްޖެތެރޭގެ ރަށަކަށް ވިސްނަވާލައްވާއިރު، ކުރިން މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ވާހަކަފުޅުގައި އެވިދާޅުވި ފަދައިން، ރާއްޖެތެރޭގައި ކުރެވޭ މަސައްކަތްތައް މަދުކަމުން، މަސައްކަތް ކުރަން އެކަށީގެންވާ ޢުމުރުގެ ފިރިހެނުން ގިނައިން ތިބެނީ ރަށުން ބޭރުގައި. އެއްބަޔަކު ޓޫރިޒަމްގެ މަސައްކަތްތަކުގައި، އެހެން ސަރަޙައްދުތަކެއްގައި މަސައްކަތް ކުރަމުން ގެންދަނީ. އަނެއް ބަޔަކު މާލޭގައި ވަޒީފާތަކުގައި އުޅެނީ. އަނެއްބަޔަކު ބޯޓު ދަތުރުކުރަނީ. ނުވަތަ އެނޫންވެސް ދިރިއުޅުމާ ބެހޭ އެހެން މަސައްކަތެއްގައި އުޅެނީ ރަށުން ބޭރުގައި. ރަށުގައި ގިނައިން ތިބެން ޖެހެނީ އަންހެނުންނަށް. އެހެންވީމާ، ރަށުގައި ތިބޭ އަންހެނުން ތަރައްޤީގެ މަސައްކަތުގައި ބައިވެރިނުވާ ކަމަށްވަންޏާ، ރަށުގެ ތަރައްޤީއަށް މަސައްކަތް ކުރާނެ ހަމަ އެކަކުވެސް ރަށަކު ނުހުންނާނެ. މިއީ އަޅުގަނޑުމެންގެ ރާއްޖެއާއި ބައެއް އެހެން ޤައުމުތަކާ ދެމެދު އޮތް ވަރަށް ބޮޑު ތަފާތެއް. އެހެންވީމާ، އަޅުގަނޑު ދަންނަވަން މިއުޅެނީ، ރާއްޖެތެރޭގެ އަންހެނުން ތަރައްޤީގެ މަސައްކަތުގައި ބައިވެރިވެގެން ނޫނީ އަޅުގަނޑުމެންނަށް ކުރިއަށް ދެވޭކަށެއް ނޯންނާނެޔޭ. ރާއްޖެތެރެ ތަރައްޤީއެއް ނުކުރެވޭނެޔޭ. އެކަން އަޅުގަނޑުމެން ރަނގަޅަށް ދަންނަންޖެހޭނެޔޭ، ދީނީގޮތުން ނަޞޭހަތް ދޭއިރުވެސް.
އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މިހާރު އަޅުގަނޑު މި ދަންނަވާ ގޮތަށް ޢަމަލުކުރައްވާ ބައެއް ފަރާތްތަކުން، އަންހެނުން ނުކުމެ ރަށްރަށުގެ މަސައްކަތް ކުރުމަށް އިޢުތިރާޟް ކުރައްވާ. އެއީ، ދީނީގޮތުން ހުއްދަ ކަމެއްނޫނޭ ވިދާޅުވޭ. އަންހެނުންގެ ކޮމިޓީތަކުގައި ނުވަތަ ރަށްކުރިއަރުވާ ކޮމިޓީގައި އަންހެނުން ބައިވެރިވެގެން ޖަލްސާ ކުރަމުންދާއިރު، ބައެއް ފިރިން އައިސް، އެމީހުންގެ އަނބިންގެ އަތުގައި ހިފައިގެން އެބަގެންދޭ. އަދި ރަށުތެރެ ސާފުކުރުމާއި، ތަރައްޤީއަށް ކުރެވޭ އެހެން ކަންތައްތަކުގައި އަންހެނުން ބައިވެރިކުރުން އެބަ މަނާކުރޭ. މިއީ އެއްވެސް ޙާލެއްގައި ދީނުގައި އެކަން އޮތްގޮތެކޭ އަޅުގަނޑަކަށް ނުދެންނެވޭނެ. ދީނުގައި އޮންނަނީ ކޮންމެ މީހަކުވެސް މަސައްކަތް ކުރަން. އަދި ޚާއްޞަކޮށް، އެ ކުރާ މަސައްކަތަކީ ދީން ހުއްދަކުރާ މަސައްކަތެއްވިއްޔާ، އަންހެނަކާއި ފިރިހެނަކާ ތަފާތެއް ނެތް.
އާދެ، އަޅުގަނޑުވެސް އެއްބަސް. އިސްލާމްދީނުގެ ހަމަތަކަށް އަޅުގަނޑުމެން ރިޢާޔަތް ކުރަންޖެހޭނެ. އަންހެނުންނާއި ފިރިހެނުންނާ ނުކުމެ މަސައްކަތުގައި އުޅޭއިރު، މި ދެންނެވި އުޞޫލުތަކަށް ތަބަޢަވާންޖެހޭނެ. އެހެންނަމަވެސް، އެ އުޞޫލުތަކަށް ފުރިހަމައަށް ޙުރްމަތްތެރިކޮށްހިތުމާ އެކުގައި، އަންހެނުންވެސް ހަމަ މަސައްކަތްކުރަން ޖެހޭނެ. އަޅުގަނޑުމެންގެ ތާރީޚަށް ބަލައިލިޔަސް އެނގޭނެ އެއީ، ތެދެއްކަން. އެންމެ ފުރަތަމަ، ކީރިތި ރަސޫލާގެ ޒަމާނުން ފެށިގެން އަންހެނުންނަކީ މަސައްކަތް ކުރަމުން އައިސްފައިވާ ބައެއް. ޢަރަބިކަރައިގައި ދިރިއުޅުމަށްވެސް މަސައްކަތްކުރޭ. އަދި ހަނގުރާމަތަކުގައިވެސް އަންހެނުން ބައިވެރިވެފައި އެބަހުރި. އަދި އެނޫން ކިތަންމެ ކަމެއްގައި އަންހެނުން ބައިވެރިވެފައި އެބަހުރި. އެއިން އެއްވެސް ކަމެއް رســول اللّـه صـلّى الله علـيـه وسـلّم މަނާކުރައްވާފައެއް ނެތް. އެހެންވީމާ، އަޅުގަނޑުމެންނަށް އެނގޭ، ތަރައްޤީގެ މަސައްކަތުގައި އަންހެނުން ބައިވެރިވުމަކީ ދީނީގޮތުން މަނާކަމެއް ނޫންކަން. އަދި މަނާކުރެވޭނެ ކަމެއްވެސް ނޫންކަން.
އަޅުގަނޑުމެން މި ދެކޭ ނުވަތަ އެތަނަކުން ތަޢުލީމު ޙާޞިލްކޮށްގެން އައިސްތިބޭ ބައެއް ޤައުމުތަކުގައި، އަންހެނުން މަސައްކަތް ނުކުރިޔަކަސް، އެމީހުންނަށް ކުރިއަށް ދެވޭނެ އެހެން މަގުތައް އޮތުމާއެކުގައި، އެއީ މާބޮޑު ކަމަކަށްނުވޭ. ތެލުގެ މުއްސަނދިކަން އެބައޮތް. އެނޫން މުއްސަނދިކަން އެމީހުންގެ އަތުގައި އެބަހުރި. އެކަމަކު އަޅުގަނޑުމެންގެ ރާއްޖެ ކަހަލަ ފަޤީރު ތަނެއްގައި، އަދިވެސް ތެލެއް ނުފެނޭ. މުސްތަޤްބަލުގައި ނުފެންނާނެ ކަމެއް ނޭނގެ. ދެން އެނޫންވެސް ޤުދުރަތީ މުއްސަނދިކަމުގެ މާބޮޑު ވަސީލަތެއް ނެތް. އަނެއްކާ އަޅުގަނޑުމެންގެ ރާއްޖޭގެ ކަންތައްތައް އޮތްގޮތުން، ގިނަ ފިރިހެނުން ރަށުން ބޭރުގައި އުޅެން ދިމާވެފައިވާ ތަނެއްގައި ތަރައްޤީގެ މަސައްކަތުގައި އަންހެނުން ބައިވެރިނުވާ ކަމަށްވަންޏާ ޝައްކެއްނެތް، އެއީ އަޅުގަނޑުމެންގެ ތަރައްޤީއަށް އެޅޭނެ ވަރަށްބޮޑު ހުރަހަކަށްވާނެ. އެހެންވީމާ، މިކަހަލަ ވާހަކަތައް ރާއްޖެތެރޭގައި ދައްކަވާ ބޭފުޅުން މިކަންކަމަށް ވިސްނާވަޑައިގަންނަވަން ޖެހޭނެ. އެ ދައްކަވާ ވާހަކައިގެ ސަބަބުން ރާއްޖެއަށް ލިބޭނެ ގެއްލުމާ ދޭތެރޭގައި ޚިޔާލުކުރައްވަން ޖެހޭނެ.
އަޅުގަނޑު އެދެނީ، މިކަހަލަ އެއްވެސް ކަމެއް ރާއްޖެތެރޭގައި ވިޔަނުދެއްވުން. އަތޮޅުވެރިންވެސް އަދި ސަރުކާރުގެ އެހެން ފަރާތްތަކުގެ ބޭފުޅުންވެސް މިގޮތަށް ރައްޔިތުންގެ ތެރޭގައި ބައިބައިވުން އުފެދޭކަހަލަ އެއްވެސް ކަމެއް، އެއްވެސް ބަޔަކު އައިސް އެތަނެއްގައި ކުރިޔަނުދެއްވުން.
އާދެ، އަޅުގަނޑު މި ދެންނެވި ކަހަލަ މަސައްކަތް ކުރައްވާ ބައެއް ފަރާތްތަކުން ބޮޑަށް އަހަންމިއްޔަތު ދެއްވަނީ މީހާގެ ބޭރުފުށަށް ކަމުގައިވެސް ހީކުރެވޭ ގޮތަށް، އެ ބޭފުޅުންގެ ވާހަކަފުޅުތައް ހުންނަނީ. އެމީހަކު ހުންނަ ސިފަ ވަކިގޮތަކަށް ހުރެއްޖެނަމަ އެއީ، ފުރިހަމަ މުސްލިމެއް ކަމުގައިވާނެ ކަމަށް ދޭހަވާގޮތަށް އެ ބޭފުޅުންގެ ވާހަކަފުޅު ހުންނަނީ. ފިރިހެނަކު ނަމަވެސް، އަންހެނަކު ނަމަވެސް، ވަކިކަހަލަ ގޮތަކަށް ހުރީމާ، އެ ދެން ހަމަޖެހުނީކަމަށް. އެމީހާ ކުރާ ޢަމަލު ކޮންމެގޮތަކަށް އޮތަކަސް، އެއާ ދޭތެރޭގައި އެ ބޭފުޅުން މާބޮޑު ސަމާލުކަމެއް ދެއްވާ ކަމަކަށް ހީއެއްނުވޭ. އެހެންނަމަވެސް، އަޅުގަނޑުމެން ވިސްނާލަން ޖެހެނީ، ޙަޤީޤަތުގައި އިސްލާމްދީނުގައި އެކަން އޮތީ އެހެންތޯ. އަޅުގަނޑަށް ދަންނަވަންޖެހެނީ، އެކަން އޮތީ އެއްގޮތަކަށްވެސް އެހެނެއްނޫނޭ. ﷲ ބައްލަވަނީ މީހާގެ ހިތުގައިވާ އީމާންކަމަށާއި، އެމީހާގެ ޢަމަލުތަކަށް. އެމީހާގެ ބޭރުފުށަކަށް ނޫން. މިކަމަކީ ކީރިތި ރަސޫލާގެ ޙަދީޘްފުޅަކުންވެސް ވަރަށް ސާފުކޮށް އެނގެން އޮތް ކަމެއް. މީހާގެ ބޭރުފުށް ހުރެދާނެ ވަރަށް ރީތިކޮށް، ވަރަށް އޮމާންކޮށް. އެހެންނަމަވެސް، އެތެރެފުށް ގޯސްކަމުގައިވަންޏާ، ނުވަތަ އެމީހާގެ ޢަމަލުތައް ގޯސްކަމުގައިވަންޏާ، އެމީހާގެ ފަރާތުން މުޖުތަމަޢަށް ނުވަތަ ޤައުމަށްވާނެ އެއްވެސް ފައިދާއެއް ނޯންނާނެ. އެހެންވީމާ، އަޅުގަނޑުމެން ބޮޑަށް އަހަންމިއްޔަތު ދޭންވީ މުޖުތަމަޢުގައި ހުންނަ ނޭދެވޭ ކަންތައްތައް އިޞްލާޙު ކުރުމުގެ މައްޗަށް.
ދީނީގޮތުންނާއި، އަޚްލާޤީގޮތުން މުޖުތަމަޢުގައި އިޞްލާޙުކުރަން ޖެހޭނެ ކިތަންމެ ކަމެއް އެބަހުރި. އެހެންނަމަވެސް، އެކަންކަމަށް ސަމާލުކަން ނުދީ، އަޅުގަނޑުމެން މި ސަމާލުކަން ދެނީ ވަރަށް އާދައިގެ ކުދިކުދި ކަންތައްތަކަށް. މި ކަންތައްތަކުގައި ވަގުތު ނަގާލަނީ. ވާހަކަ ދައްކަނީ. މީހުންގެ މެދުގައި ޚިލާފު އުފެދޭގޮތަށް، ބައިބައިވުން އުފެދޭގޮތަށް އަޅުގަނޑުމެން ޢަމަލުކުރަމުން މިގެންދަނީ. އެއީ، އަޅުގަނޑުހިތުން ވަރަށް މޮޔަ ކަމެއް.
އަޅުގަނޑުމެންގެ މުޖުތަމަޢުގައި ހުރި ނޭދެވޭ ކަންތައްތައް ވަރަށް ގިނަ. ދީނީގޮތުން ބަލާއިރު، އަޚްލާޤީ ގޮތުން ބަލާއިރު، ދީނުގެ ފަރުޟުތަކަށް ފަރުވާކުޑަކުރުން. ނަމާދު ކުރުމާއި، ރޯދަ ހިފުމާއި، ޒަކާތް ދިނުމާއި، މި ކަންތައްތަކަށް ފަރުވާކުޑަކުރާ ވަރަށްގިނަ ބަޔަކު އަޅުގަނޑުމެންގެ ތެރޭގައި އުޅޭ. މީހުންގެ ޙައްޤުތަކަށް އަރައިގަތުން އެއީ، ރާއްޖޭގައި ވަރަށް ގިނަ ކަމެއް. ގޯތިގެދޮރުގެ މައްސަލަތަކުގައި، އޮޑިދޯނިފަހަރުގެ މައްސަލަތަކުގައި، އަދި މީހުންގެ މިލްކުތަކާ ބެހޭ އެނޫންވެސް ކަންތައްތަކުގައި، ވަރަށް ގިނަ ބަޔަކު، އެހެން މީހުންގެ ޙައްޤުތަކަށް އަރައިގަނެ، ޣަޞްބުން އެހެން މީހުންގެ މުދާ އަތުލައި، އެގޮތަށް ކަންތައްކުރޭ. ވައްކަން ކުރުން އެހާގިނަ.
ހިތާމަޔާއެކު ދަންނަވަންޖެހެނީ، ރާއްޖޭގައި އެންމެ ގިނައިން ކުރެވޭ ކުށަކީ ވައްކަމޭ. އެންމެ ގިނަ ޢަދަދަކަށް މީހުން ކުށްވެރިވާ ކަމަކީ ވައްކަން. އެންމެ ގިނަ ޢަދަދަކަށް މީހުން ބަންދުކުރެވޭ ކަމަކީވެސް ވައްކަން. ވައްކަން ކުރުމާއި، މަކަރާއި ޙީލަތް ހެދުމަކީ ރާއްޖޭގައި ވަރަށް ޢާންމުކަމެއް. އެއީ، ވަރަށް ދެރަ ކަމެއް. ވަރަށް ހިތާމަހުރި ކަމެއް. އަޅުގަނޑުމެންނަކީ މުސްލިމުން. ތެދުވެރިވުމަށާއި، އަމާނާތްތެރިކަމަށް އިސްލާމްދީނުގައި ދެއްވާފައިވާ ފަދަ އަހައްމިއްޔަތެއް އެހެން އެއްވެސް ދީނެއްގައި، އެއްވެސް ނިޒާމެއްގައި ދީފައެއްނުވޭ. ސަތޭކައިންސަތޭކަ މުސްލިމް ޤައުމެއްގައި، މިހާ ގިނަ ޢަދަދަކަށް ވައްކަން ކުރުމާއި، މަކަރު ހެދުމާއި، ޚިޔާނަތްތެރިވުމާއި، މި ކަންތައްތައް ފެތުރިފައި އޮތުން އަޅުގަނޑު ހިތުން އެއީ، އެއާ ދޭތެރޭގައި، އަޅުގަނޑުމެންގެ ދީނީ ޢިލްމުވެރިންވެސް އަދި އިޖުތިމާޢީ މުޞްލިޙުންވެސް އަދި ސިޔާސީ ލީޑަރުންވެސް ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަމެއް. އަޅުގަނޑުމެންގެ ޢާންމުންވެސް ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަމެއް. އޭގެއިތުރުންވެސް، ކިތަންމެ ކަމެއް އެބަހުރި. ބަދުއަޚްލާޤީ ޢަމަލުކުރުން، އޭގެ ތަފާތު ދަރަޖަތަކަށް ކަންތައްތައް ހިނގާ. މަސްތުވާތަކެތީގެ ބޭނުންކުރުން، އެވެސް ސަރުކާރުން ކިތަންމެ ބޮޑަކަށް ހުއްޓުވަން އުޅުނަސް ފެތުރެމުން ދަނީ. މިކަހަލަ ނޭދެވޭ ވަރަށްގިނަ ކަންތައްތަކެއް ރާއްޖޭގައި ފެތުރިގެން ހިނގަމުންދާއިރު، އެއިން ކަމަކަށް ދޭންޖެހޭ ސަމާލުކަން ނުދީ، ހަމައެކަނި މީހާގެ ބޭރުފުށް ވަކިގޮތަކަށް ބަހައްޓަން، ދީނުގެ ނަމުގައި މަސައްކަތް ކުރުމަކީ އަޅުގަނޑު ހިތުން އެއްގޮތަކަށްވެސް ހަމަޖެހޭ ކަމެއްނޫން.
ހަމަމިއާއެކު، ދަންނަވާލަން ޖެހެނީ، މި ދެންނެވި ކަހަލަ މަސައްކަތް ކުރާ މީހުންގެ މަސައްކަތުގެ ތެރޭގައި އަންހެނުންނާ ބެހޭގޮތުން ދެކޮޅުވެރިކަމުގެ ޝުޢޫރެއްވެސް ގެންދަނީ ފަތުރަމުންނޭ. އަންހެނުންނަކީ އެއްވެސް ބައެއް ނޫންކަމަށް ހަދައިގެން ވާހަކަ ދައްކަނީ. ނުވަތަ އެމީހުންގެ މާބޮޑު ދައުރެއް ނެތްކަމަށް. އެއީވެސް ވަރަށްބޮޑު އޮޅުމެއް، ނުވަތަ އޮޅުވައިލުމެއް. ދީނުގައި، އަންހެނުންނާއި ފިރިހެނުންނާއި އިންސާނީވަންތަކަމުގެ ގޮތުން ތަފާތުކުރައްވާފައެއް ނެތް. ހެޔޮ ޢަމަލުކުރުމުން ޘަވާބު ލިބުމުގައި ތަފާތުކުރައްވާފައެއް ނެތް. ސުވަރުގެއަށް ދިޔުމުގައި ތަފާތުކުރައްވާފައެއް ނެތް. އަންހެނުންނާއި ފިރިހެނުންނަކީ، މިބާވަތުގެ ކަންތައްތަކުގައި ހަމަހަމަ ބައެއް. އެއްވެސް ތަފާތެއް ނެތް ބައެއް. އާދެ، މިއީ އަޅުގަނޑު އަމިއްލައަށް ދަންނަވާ ވާހަކައެއް ނޫން. ކީރިތި ޤުރްއާނުގެ ޞަރީޙަ ޢިބާރާތުން އަންގަވާފައިވާ ކަމެއް. غافر ސޫރަތުގެ 40 ވަނަ އާޔަތުގައި ﷲ ވަޙީކުރައްވާފައިވަނީ، "مَنْ عَمِلَ سَيِّئَةً فَلَا يُجْزَىٰ إِلَّا مِثْلَهَا وَمَنْ عَمِلَ صَـٰلِحًا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌ فَأُولَـٰئِكَ يَدْخُلُونَ ٱلْجَنَّةَ يُرْزَقُونَ فِيهَا بِغَيْرِ حِسَابٍ" (غافر: ٤٠) ﷲ ވަޙީކުރައްވަނީ. "ނުބައި ޢަމަލެއް ކޮށްފި މީހަކަށް އެމީހާ އެކުރި ނުބައި ޢަމަލާ އެއްވަރުގެ ޖަޒާއެއް މެނުވީ ނެތޭ. އަދި ފިރިހެނުން ކުރި ނަމަވެސް، އަންހެނުން ކުރި ނަމަވެސް، އީމާންވެ ހުރެ ޞާލިޙު ހެޔޮ ޢަމަލެއް ކޮށްފި މީހަކުނަމަ، ދަންނާށޭ، ފަހެ، އެބައިމީހުން ސުވަރުގެއަށް ވަންނާނެއޭ. އަދި އެބައިމީހުންނަށް އެތާނގައި އެއްވެސް ހިސާބެއްނެތި ރިޒްޤު ލިބެމުންދާނެއޭ." އެހެންވީމާ، ބޭނުމަކީ އީމާންވުން. އީމާންވެހުރެ ކުރާ މަސައްކަތެއްގައި އަންހެނަކާއި ފިރިހެނަކާ ތަފާތެއް ނެތް. އިންސާނީވަންތަ ކަމުގައި އަންހެނަކާއި ފިރިހެނަކާ ތަފާތެއް ނެތް. މުޖުތަމަޢުގެ ކަންތައްތައް އިޞްލާޙުކޮށް ތަރައްޤީ ކުރުމުގައި އަންހެނަކާއި ފިރިހެނަކާ ތަފާތެއް ނެތް. އެހެން މި ދަންނަވަނީ، އިސްލާމީ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން އަންހެނުން އެ މަސައްކަތް ކުރާ ކަމުގައިވަނީނަމަ.
އަޅުގަނޑުމެންގެ އިސްލާމީ ތާރީޚުގައި އެކިއެކި ރޮނގުރޮނގުން ޚިދުމަތް ކުރެއްވި އަންހެން ޚިދުމަތްތެރިންގެ ނަންތައް ފާހަގަކުރެވިފައިވޭ. އޭގެތެރޭގައި، ޢިލްމުވެރިންވެސް އެބަ ތިއްބެވި. رســول اللّـه صـلّى الله علـيـه وسـلّمގެ ބައެއް އަނބިއަނބިކަނބަލުންނަކީ ޢިލްމުވެރިން. ޚާއްޞަކޮށް، عائشة رضي الله عنها ތަފްޞީރު ޢިލްމު ކިޔަވައިދެއްވި. ފިރިހެނުންވެސް އެކަމަނާގެ އަރިހަށް ގޮސްގެން ޢިލްމު ޙާޞިލްކުރި. އަދި އެކިއެކި ޖިހާދު ކުރެއްވި އަންހެން ބޭފުޅުންގެ ނަންފުޅުތައްވެސް، އަޅުގަނޑުމެންގެ ތާރީޚުގައި އެބަހުރި. އެކިއެކި ފަންނުތަކުގައި ކުރިއެރުން ހޯއްދަވާފައިވާ އަންހެން ބޭފުޅުންގެ ނަންފުޅުތައްވެސް ފާހަގަކުރެވިފައި އެބަހުރި. ސިޔާސީގޮތުންވެސް ފާހަގަކުރެވޭ ބައިތަކެއް ކުޅުއްވި އަންހެން ބޭފުޅުންތަކެއް އެބަ ތިއްބެވި. އެހެންވީމާ، އަޅުގަނޑުމެންގެ ތާރީޚުވެސް ހެކިދެނީ އެގޮތަށް. އަޅުގަނޑުމެންގެ ދީންވެސް ބާރުއަޅަނީ އެގޮތަށް.
އާދެ، އަންހެނުންނާ ބެހޭގޮތުން ދެކެވޭ އެއްވެސް އަސާސެއް ނެތް ވާހަކަތަކުގެ ތެރޭގައި، އެއް ވާހަކައެއް ދަންނަވާލާހިތްވޭ. އެއީ، އަންހެނުންގެ ޖަމާޢަތެއްގައިވެސް އިމާމުވެ އަންހެނަކު ނަމާދުކޮށްގެން ނުވާނެޔޭ. އަންހެނުންގެ ޖަމާޢަތެއްގައިވެސް އިމާމުވެ ނަމާދުކުރަންވާނީ ފިރިހެނެކޭ. އެއީވެސް އެއްވެސް އަސާސެއް ނެތް ވާހަކައެއް، ދީނީގޮތުން ބަލާއިރު. عائشة رضي الله عنها، އަންހެނުންގެ ޖަމާޢަތުގައި އެމީހުންނާ އެއްސަފެއްގައި ހުންނަވައިގެން އިމާމުވެ ނަމާދުކުރެއްވި. ކީރިތި ރަސޫލާގެ އަނބިކަނބަލެއް ކަމުގައިވާ امّ سلمة رضي الله عنها ވެސް އަންހެނުންގެ ޖަމާޢަތުގައި އިމާމުވެވަޑައިގެން ނަމާދު ކުރެއްވި. އަދި أم ورقة ކިޔުނު އަންހެނަކަށް رســول اللّـه صـلّى الله علـيـه وسـلّم ބަންގި ގޮވާނެ މީހެއް ހަމަޖައްސަވައި ދެއްވައި އަދި އެހެން އަންހެނުން ގޮވައިގެން އިމާމުވެ ނަމާދުކުރުމަށް أم ورقة އަށް އަމުރުކުރެއްވި. އެހެންވީމާ، ދީނުގައި އޮތްގޮތް މިއޮތީ ސާފުކޮށް ފެންނަން. އަންހެނުންގެ ޖަމާޢަތުގައި އިމާމުވެ ނަމާދުކުރުން އެންމެ އައުލާކަންބޮޑީ އަންހެނަކަށް. ފިރިހެނަކަށް ނޫން. އެކަން އެހެން އޮތްއިރުވެސް، މި ދެންނެވި ކަހަލަ ވާހަކަތައް ދައްކާ މީހުން އެބަ ވާހަކަ ދައްކާ، އަންހެނުންގެ ޖަމާޢަތުގައިވެސް އިސްވެ ނަމާދު ކުރަންޖެހޭނީ ފިރިހެނެކޭ.
އަދި ރާއްޖޭގެ އަންހެނުން ޒަމާނުއްސުރެ ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތުން ފައިސާ އިތުރުކޮށްގެން، ނުވަތަ ޚާއްޞަ މަސައްކަތްތަކެއް ކޮށްގެން، ފައިސާ އެއްކޮށްގެން، ޚާއްޞަކޮށް، ރާއްޖެތެރޭގައި މިސްކިތް ޢިމާރާތް ކުރަމުންގެންދޭ. ޝައްކެއްނެތް. އެއީ، ވަރަށް ހެޔޮ، ވަރަށް ރަނގަޅު ކަމެއް. އެކަން އެމީހުން އެހެން ކުރަމުންދާއިރު، މިހާރު އެބައުޅޭ ޚިޔާލެއް، އަންހެނުންގެ މިސްކިތެއް ހުރެގެން ނުވާނެޔޭ. ރާއްޖެތެރޭގައިވެސް ހުންނަންޖެހޭނީ ފިރިހެނުންގެ މިސްކިތޭ. ދެން ފިރިހެނުންގެ މިސްކިތުގައި ފަހަތު ސަފުގައި އަންހެނުން ތިބެގެން ނަމާދުކުރިޔަސް ހެވޭ. އެކަމަކު އެއީ، އަޅުގަނޑު ދެކޭގޮތުގައި އަންހެނުންނަށް ކުރެވޭ ވަރަށް ބޮޑު ބޭއިންޞާފަކަށްވާނެ. ހުރިހާ ކަމެއް ކުރަނީ އެމީހުން. ރާއްޖެތެރޭގައި ކުރެވެން އޮންނަ ހުރިހާ މަސައްކަތެއް ކޮށްގެން، ރެޔާއިދުވާލު ބުރަ މަސައްކަތް ކޮށްގެން އެމީހުން ލާރި ހޯދަނީ. ފިރިހެނުންނެއް ނޫން ލާރި ހޯދަނީ. އެމީހުން ލާރި ހޯދައިގެން، އެމީހުންގެ އަމިއްލަ މަސައްކަތުން ޢިމާރާތްކުރާ މިސްކިތްވެސް އެމީހުންނަކަށް ނުލިބޭ. އެހެން ވެއްޖިއްޔާ، އަޅުގަނޑު ދަންނަވާނީ، އެޔަކީ އެއްވެސް އިންޞާފުވެރި ގޮތަކަށްދާކަމެއް ނޫނޭ. އަނެއްކާ ދީނުގައި އެގޮތަށް އިޝާރާތްކުރާ އެއްވެސް ކަމެއްނެތް. އެހެންވީމާ، މިކަހަލަ ޝުޢޫރުތައް، އަންހެނުންނާ ދެކޮޅަށް މި އުފެދޭ ޝުޢޫރުތައް، އެ އުފައްދާ ބަޔަކަށް އަޅުގަނޑަށް ދަންނަވަންޖެހެނީ، ދީނުގައި އޮތީ ކީކޭކަން އެމީހުންނަކަށް ރަނގަޅަކަށް ނުވިސްނެޔޭ. ވިސްނޭނަމަކަ އެގޮތަކަށް މަސައްކަތެއްނުކުރީހޭ.
ކޮންމެއަކަސް އަޅުގަނޑުގެ ބޭނުމަކީ، މިކަހަލަ ބައިބައިވުން އުފެދޭ ކަހަލަ ކަންތައްތައް ރާއްޖެތެރޭގައި އެއްވެސް ބަޔަކު ނުހިންގުން. އަދި އެބަޔަކީ ރާއްޖޭގެ ބަޔަކަށްވިޔަސް، ބޭރު ބަޔަކަށްވިޔަސް ނުހިންގުން. އާދެ، ބޭރުގެވެސް ބައެއް ޢިލްމުވެރިން ރާއްޖެތެރެއަށް ޒިޔާރަތްކުރައްވައި، އެ ބޭފުޅުން ރާއްޖެތެރޭގައި ވާހަކަފުޅު ދައްކަވައި ހައްދަވާ ކަމަށް އެނގިފައިވޭ. އޭގެތެރޭގައި މި ދެންނެވި ކަހަލަ ވާހަކަތައްވެސް ހިމެނޭ. އެ ބޭފުޅުންނަކަށް ރާއްޖެތެރޭގެ ކަންތައް އޮތްގޮތެއް އެނގިވަޑައެއްނުގަންނަވާނެ. ރާއްޖޭގެ ޙާލަތު އޮތްގޮތެއް އެނގިވަޑައެއްނުގަންނަވާނެ. އެހެންވީމާ، އެ ބޭފުޅުން އެ ދައްކަވާ ވާހަކަފުޅަކީ، އަޅުގަނޑުމެންގެ މި މުޖުތަމަޢަށް އެކަށީގެންވާ ވާހަކައަކަށް ނުވެހިނގައިދާނެ. އެއީ، އަޅުގަނޑުމެން ފާހަގަކޮށްލަންޖެހޭނެ ކަމަކީ.
އާދެ، ދެންވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވާ ދެތިން ވާހަކައެއް އެބައޮތް. އެއްކަމަކީ މިހާރުވެސް ރާއްޖެތެރޭގެ ތަރައްޤީގެ މަސައްކަތްތަކުގައި ޙަރަކާތްތެރިވާ ކޮމިޓީތަކެއް ރާއްޖެތެރޭގައި އުފެދިފައިވޭ. އަތޮޅު ކުރިއަރުވާ ކޮމިޓީއާއި، ރަށްކުރިއަރުވާ ކޮމިޓީއާއި، އަންހެނުންގެ ކޮމިޓީތައް. މި ކޮމިޓީތަކުގެ މަސައްކަތް މުސްތަޤްބަލުގައި މިހާރަށްވުރެ ހަރުދަނާ ވާންޖެހޭނެ ކަމަށް އަޅުގަނޑު ދެކެން. އެ ކޮމިޓީތަކަކީ ވަރަށް ބޮޑެތި މަސްއޫލިއްޔަތުތަކެއް އުފުއްލަވަންޖެހޭ ފަރާތްތަކެއް. ކޮންމެ ރަށެއްގައިވެސް ތަރައްޤީގެ ގޮތުން ކުރެވެން ހުންނާނީ ކޮންކޮން މަސައްކަތްތަކެއްތޯ ބައްލަވައި، އެ މަސައްކަތް ކުރެވޭނެ ގޮތްތައް ރާއްވަވައި އަދި ވެރިންނަށް އެހީތެރިވެދެއްވަން އޮންނަ ކޮމިޓީއެއް ކޮންމެ ކޮމިޓީއަކީވެސް. އެހެންވީމާ، އެ ކޮމިޓީ މިހާރު އޮންނަ ގޮތަށްވުރެ ހަރުދަނާ ގޮތަކަށް އޮވެގެން، އަޅުގަނޑު ހިތުން އެ ކޮމިޓީގެ ފުރިހަމަ ފައިދާ ރަށަށްވެސް، އަތޮޅަށްވެސް އަދި ރައްޔިތުންނަށްވެސް ލިބޭނީ. އެހެންވީމާ، މުސްތަޤްބަލުގައި އިރާދަކުރެއްވިއްޔާ އެ ކޮމިޓީގެ ޤަވާޢިދު ބަދަލުކުރަން ގަސްތުކުރެވިފައިވޭ. އެންމެ މުހިންމު އެއް ބަދަލެއް ކަމަށް އަޅުގަނޑަށް ފެންނަނީ މިހާރު މި އޮންނަ އުޞޫލު. އާދެ، ސަރުކާރުން ކޮމިޓީ ޢައްޔަންކުރާ އުޞޫލު ދޫކޮށްލާފައި، ކޮމިޓީ ޢައްޔަންކުރުމަކީ ރައްޔިތުންގެ ކަމެއްކަމަށް ހެދުން. ކޮމިޓީގެ މެމްބަރުން ހޮވާނީ ރައްޔިތުން. ވަކި މުއްދަތަކަށް ހޮވީމާ އެ ކޮމިޓީން، އެ ކޮމިޓީގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވާނީ. އެކަހަލަ އުޞޫލަކަށް ބަދަލުކޮށްގެން ކަމަށް އަޅުގަނޑަށް ފެންނަނީ މިހާރަށްވުރެ ކޮމިޓީގެ ޙަރަކާތްތެރިކަން އިތުރުކުރެވޭނީ.
އާދެ، މީގެ އިތުރުންވެސް އެބަހުރި، ރާއްޖެތެރެ ތަރައްޤީކުރުމަށް އެހީވެދިނުމުގެ ގޮތުން ޚިޔާލުކުރެވޭ ބައެއް ކަންތައްތައް. އޭގެތެރެއިން އެއްކަމަކީ، ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ކަންތައްތައް ހަމަޖެއްސުމަށްޓަކައި ރީޖަނަލް އޮފީސްތައް ރާއްޖެތެރެއަށް ބަދަލުކުރުން. މިހާރު މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނާއި އަދި ކޮންމެ ރީޖަނެއްގެވެސް ރީޖަނަލް އޮފީސް މި ހުންނަނީ މާލޭގައި. އެހެން ހުރުމުގެ ބަދަލުގައި، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަން މާލޭގައި ހުރެފައި، ރީޖަނަލް އޮފީސްތައް، ކޮންމެ އޮފީހެއްވެސް އެ ރީޖަނަކަށް ނިސްބަތްވާ އަތޮޅުތަކުގެ ތެރެއިން އަތޮޅެއްގައި ހުންނަގޮތަކަށް އޮތުމުން، އަޅުގަނޑު ހިތުން ޚިދުމަތް ދިނުމުގައި ފަސޭހަވެފައި، އިދާރީގޮތުންވެސް މާހަލުވިކޮށް ކަންތައްތައް ގެންދެވޭނެ. އެހެންވީމާ، މިކަން މިގޮތަށް ޚިޔާލުކުރެވިފައި އޮތުމާއެކު، އެކަމާބެހޭ ތައްޔާރީތައް ކުރުމަށްޓަކައި އަދި އެކަން ގެންދާނީ ކިހިނެއްތޯ ބެލުމަށްޓަކައި ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުގެ ބައްދަލުވުންތަކެއް ބޭއްވުމަށް މިހާރުވަނީ ރައީސް އޮފީހުން މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގައި ދެންނެވިފައި. އެ ބައްދަލުވުންތައް ބާއްވައިގެން ހުރިހާ މިނިސްޓްރީތަކާއި، ޑިޕާޓްމަންޓްތަކާ ވާހަކަ ދައްކަވައިގެން އެންމެ ފަސޭހަ، ރަނގަޅު ގޮތަކަށް މިކަން ހަމަޖެއްސުމަށް އެ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ޚިޔާލުފުޅުތަކެއް ހުށަހެޅުއްވީމަ، އެގޮތެއްގެ މަތިން ސަރުކާރުން އިރާދަކުރެއްވިއްޔާ އެކަމެއް ނިންމާނީ.
ރާއްޖެތެރެ ތަރައްޤީގެ މަގުގައި ކުރިއަށްދިޔުމުގައި ދިމާވާ ވަރަށްބޮޑު ދައްޗެއްގެ ވާހަކަ މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވި. އާދެ، އެއީ ބައެއް ރަށްރަށަކީ، ފަސްގަނޑުގެ ގޮތުންވެސް ވަރަށް ކުދި ރަށްރަށް ކަމަށްވާތީ. އަދި އެ ރަށްރަށުގައި ދިރިއުޅޭ މީހުންގެ ޢަދަދުވެސް މަދުކަމުން، ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ނުގެންދެވޭ ކަހަލަ ރަށްރަށް ކަމުގައި އެ ރަށްރަށް ފާހަގަކުރެވިފައިވާތީ. އެއީ، އަޅުގަނޑުމެންގެ ތަރައްޤީއަށް ދިމާވާ ވަރަށްބޮޑު ދައްޗެއް. އަޅުގަނޑުމެން ކަހަލަ ޤައުމަކަށް އެކަހަލަ ދަތި ދިމާވާނެ. މި ދެންނެވީ ޖަޒީރާތަކެއްގެ މައްޗަށް އެކުލެވިގެންވާ ޤައުމެއް ރާއްޖެއަކީ. ކޮންމެ ޖަޒީރާއަކާއި އަނެއް ޖަޒީރާއަކާ ދޭތެރޭގައި އޮންނަނީ ކަނޑު. އެއްތަނަކުން އަނެއްތަނަކަށް ދާންޖެހެނީ ކަނޑުމަގުން ދަތުރުކޮށްފައި. ވަރަށްމަދު ތަނަކަށް، އަދިވެސް ރާއްޖޭގައި ވައިގެ މަގުން ދަތުރުކުރެވޭ ގޮތަށް މިއޮތީ. ތަރައްޤީގައި މުވާޞަލާތަކީ ވަރަށް މުހިންމު ބައެއް އަދާކުރާ އެއްޗެއް. މިހާރު އަޅުގަނޑުމެންގެ ރާއްޖޭގައި ކަންތައްތައް ހުރިގޮތުން، ޚާއްޞަކޮށް، ބައެއް ރަށްރަށަކީ ވަރަށް ކުދި، މީހުން މަދު އަދި ލަފާފުރުމުގެ ގޮތުންވެސް ދަތި ރަށްރަށް ކަމަށްވާތީ، މުވާޞަލާތުގެ ގޮތުން އޮންނަނީ ވަރަށްބޮޑަށް ރަށްރަށް ވަކިވަކިވެފައި. އެހެންވީމާ، އެއީ، ތަރައްޤީއަށް އެޅޭ ހުރަހަކަށްވަނީ.
މުސްތަޤްބަލަށް ވިސްނާއިރު ފައިދާހުރި ގޮތެއް ކަމަށް ފެންނަނީ، މި ދެންނެވި ކަހަލަ ކުދި ރަށްރަށުން، ފަސްގަނޑު ބޮޑު، ދިރިއުޅުމުގެ ވަސީލަތްތައް ހުންނަ، ލަފާފުރަން ފަސޭހަ ރަށްރަށަށް މީހުން ބަދަލުވުން. ގިނަ މީހުން އެއްތަނަކަށް އެއްވެގެން ހަމަޖެހޭގޮތެއްގައި، ތަރައްޤީގެ މަސައްކަތް ކުރިއަށް ގެންދެވޭނީ. ހަމައެފަދައިން، ސަރުކާރުން ދޭ ޚިދުމަތްތައްވެސް އެކަށީގެންވާ ގޮތެއްގައި އެތަންތަނަށް ދެވޭނީ، އެތަންތާނގައި އެކަށީގެންވާ ޢަދަދަކަށް މީހުން ދިރިއުޅޭ ކަމަށްވަންޏާ. މާކުދި ރަށްރަށުގައި ބޮޑު ޚަރަދުކޮށްގެން، މަދަރުސާތައް ބިނާކުރުމަކީ ބޭކާރު ގޮތެއްގައި ފައިސާ ޚަރަދުކުރެވެނީ ކަމަށް ވެދާނެ. ޞިއްޙީ މަރުކަޒެއް ނުވަތަ ހަސްފަތާލެއް އަޅައިދިނުމަކީވެސް އެފަދަ ކަމަކަށްވާނީ. އެހެންވީމާ، އޭގެ ބަދަލުގައި ކުދި ރަށްރަށުގެ މީހުން ބޮޑެތި ރަށްތަކަށް ބަދަލުވެގެން، އެ ބޮޑެތި ރަށްތަކުގައި މި ދެންނެވި ކަހަލަ ޚިދުމަތްތައް ސަރުކާރުން ރަނގަޅު ފެންވަރެއްގައި ހިންގިދާނެ. ހަމައެއާއެކުގައި، ރަށުގެ ތަރައްޤީއަށްވެސް ބޭނުންވާ ޢަދަދަށް މީހުން ތިބުމުން، ތަރައްޤީގެ މަސައްކަތުގައި ބައިވެރިވާނެ ވަރަށް ގިނަ މީހުން ތިބޭނެ. ވަކިން ޚާއްޞަކޮށް، އަޅުގަނޑުމެންނާ މި ކުރިމަތިވަމުން އަންނަ ތިމާވެށީގެ މައްސަލަތަކަށް ވިސްނާއިރުވެސް، މުސްތަޤްބަލުގައި ބޮޑެތި ރަށްރަށަށް މީހުން ބަދަލުވުމުގެ ފައިދާ ވަރަށް ބޮޑުވާނެ ކަމަށް ފެންނަނީ. އެއީ، ކުދި ރަށްރަށް ދިފާޢުކުރުމުގައި ނުވަތަ ތިމާވެށްޓަށް މި އަންނަ ބަދަލުތަކުން ދިމާވާ ނުރައްކާތަކުން ސަލާމަތްކުރުމުގައި، ކުދި ރަށްރަށް ސަލާމަތްކުރުމުގައި ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހޭނެ. އަދި އެ ރަށްތައް އެގޮތަށް ހުންނަ ކަމަށްވަންޏާ ސަލާމަތްކުރަން ޖެހޭ ރަށްތަކުގެ ޢަދަދުވެސް ވަރަށްބޮޑުތަން ގިނަވެގެންދާނެ. އެކަމަކު މި ދެންނެވި ކުދިކުދި ރަށްތަކުން މުސްތަޤްބަލުގައި ބޮޑެތި ރަށްތަކަށް މީހުން ބަދަލުވެ، އެގޮތުގެމަތިން ކަންތައްތައް ހަމަޖެހިގެން ހިނގައްޖެނަމަ، އެ ބޮޑެތި ރަށްތައް ދިފާޢުކުރުމުގައި ނުވަތަ އެ ރަށްތައް ރައްކާތެރިކުރުމުގައި ކުރަންޖެހޭ މަސައްކަތް މަދުވެފައި، ކުރަންޖެހޭ ޚަރަދުވެސް ކުޑަވެފައި އެއީ، މާ ދެކޮޅުޖެހޭ ކަމަކަށްވާނެ.
މި ވާހަކަ މިއީ އަޅުގަނޑު ފުރަތަމަފަހަރަށް ދަންނަވާ ވާހަކައެއް ނޫން. ރާއްޖެތެރެއަށް އަޅުގަނޑު މި ކުރާ ދަތުރުތަކުގައިވެސް، އެކި ރަށްރަށުގެ ރައްޔިތުންނާ މުޚާޠަބުކޮށް ވާހަކަ ދައްކާއިރުވެސް، މި ނުކުތާގެ މައްޗަށް އަޅުގަނޑު ވާހަކަ ދައްކަން. އެހެންވީމާ، އަޅުގަނޑަށް ފެންނަނީ މި ޚިޔާލު މިއީ އެއާ ދޭތެރޭގައި އަޅުގަނޑުމެން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭނެ ޚިޔާލެއް ކަމަށް. ރާއްޖެތެރޭގައި ދިރިއުޅެން ދަތި ވަރަށްގިނަ ރަށްރަށް މިހާރުވެސް އެބަހުރި. އެ ރަށްރަށުގެ މީހުންވެސް އެހެން ރަށްރަށަށް ބަދަލުވާން އެދޭ ރަށްރަށްވެސް އެބަހުރި. އެމައްސަލަވެސް ވަނީ ބައެއް ރަށްރަށުން ސަރުކާރަށް ހުށަހަޅާފައި. އެކަމާ ދޭތެރޭގައި ސަރުކާރުން މިގެންދަނީ ވަރަށް ފުންކޮށް ވިސްނަމުން. ވަޒީރުންގެ މަޖިލީހުގައިވެސް އެ ވާހަކަ ވަނީ ދެކެވިފައި. އަދި ވަޒީރުންގެ މަޖިލީހުން ވަނީ ގޮތްތަކެއް ނިންމަވާފައި. އެ ރަށްރަށުގެ ރައްޔިތުންނަށްވެސް މިހާރު އެ ކަންތައްތައް ވަނީ އެންގިފައި. މިކަން މިހާރު ވަރަށް ޚާއްޞަގޮތެއްގައި ސަރުކާރުން މިގެންދަނީ ބަލަމުން. އެހެންވީމާ، އެގޮތަށް ބަދަލުވާން އެދޭ ރަށްރަށުގެ ރައްޔިތުންނަށް، ސަރުކާރުން ކޮށްދެވޭނީ ކޮން ކަމެއްތޯ ބަލައި، އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ގޮތެއް ނިންމޭނެ. އަދި ގޮތެއް ނިންމާފައި އޭގެފަހުން އެގޮތުގެމަތިން ޢަމަލުކުރަމުން ގެންދެވޭނެ.
ރާއްޖެތެރެ ތަރައްޤީ ކުރުމުގައި، އިޤްތިޞާދީ ގޮތުން އިތުރަށް ރާއްޖެތެރެ ތަރައްޤީ ކުރަންވަނީ ބޭނުންވެފައި. އިޖުތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުން ތަރައްޤީވަމުން ދިޔުމުގައި، އިޤްތިޞާދަކީ ވަރަށް ބޮޑު ބައެއް އަދާކުރާ އެއްޗެއް. އެ ވާހަކަ ދެންމެ މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ވާހަކަފުޅުގައި ވަރަށް ތަފްޞީލުކޮށް ވިދާޅުވެދެއްވައިފި. އަދި އޭނާގެ ޚިޔާލުފުޅު ހުރިގޮތްވެސް އަޅުގަނޑުމެންނަށް ހާމަކޮށްދެއްވައިފި. އޭގެތެރޭގައި، ޓޫރިޒަމްގެ ޚިދުމަތް ރާއްޖެތެރެއަށް ވާޞިލްކޮށްދިނުން. އާދެ، އެ ވާހަކަފުޅު އޭނާ އަޅުގަނޑާ ދެއްކެވި. އަޅުގަނޑާ އޭނާ އެވާހަކަފުޅު ދެއްކެވީމާ، އަޅުގަނޑުވެސް ދެންނެވިން، ޖަލްސާގައި އެ ވާހަކަފުޅު ވިދާޅުވުން ހަމަ އެންމެ ރަނގަޅޭ. އެއީ، ސަރުކާރުން ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަމެކޭ. އެހެންނަމަވެސް، އަޅުގަނޑުމެން ތަރައްޤީގެ އެއްވެސް ކަމަކާ ދޭތެރޭގައި ވިސްނާއިރު، ވިސްނަންޖެހޭނެ ނުކުތާތަކެއް ހުންނާނެޔޭވެސް އަޅުގަނޑު ދަންނަވާލިން.
އާދެ، މީގެ ކުރިންވެސް ރާއްޖެތެރެއަށް ޓޫރިޒަމް ފޮނުވުމުގައި ސަރުކާރުން ވަނީ ވަރަށްގިނަ ވިސްނުންތަކެއް ވިސްނާފައި، ވަކިގޮތަކަށް ޢަމަލުކޮށްފައި. ޓޫރިޒަމާ ބެހޭ މާސްޓަރ ޕްލޭނެއް ވަނީ 1983 ވަނަ އަހަރު އެކުލަވައިލެވިފައި. އޭގެފަހުން، އެ ޕްލޭންގައިވާ ގޮތަށް ކަންތައްތައް ކުރަމުން މިގެންދަނީ. ޅ. އަތޮޅުގައި ޓޫރިޒަމް ހިންގާ ރަށެއް، އޭގެކުރިން ހުރި އުފެއްދިފައި. ބ. އަތޮޅުގައިވެސް، ވ. އަތޮޅުގައިވެސް. އަދި އައްޑުއަތޮޅުގައިވެސް، ގަމުގައި. ޓޫރިޒަމް މާސްޓަރ ޕްލޭން ހެދުނުފަހުން، އޭގައިވާ ގޮތުގެ މައްޗަށް ބަލާފައި ސަރުކާރުން ނިންމީ އަރިއަތޮޅުގައި އާ ޒޯނެއް ތަރައްޤީކުރަން. އެ ނިންމުމާ އެއްގޮތްވާ ގޮތުގެމަތިން، އަރިއަތޮޅުގެ ޒޯނުގެ ކަންތައް މިހާރު ހިނގަމުން އެދަނީ. މުސްތަޤްބަލުގައިވެސް އަޅުގަނޑުމެން މިގޮތަށް ވިސްނަންޖެހޭނީ. ޖުމްލަ ގޮތެއްގައި ރާއްޖޭގެ ކުރިއެރުމުގައި، ރާއްޖެތެރޭގެ އެހެން އަތޮޅުތަކަށް ޓޫރިޒަމް ގެންދިޔައީމާ، އެއިން ޙިއްޞާކުރާނެވަރު. އެއިން ލިބޭނެ ފައިދާއާއި، އެއިން ލިބިދާނެ ގެއްލުމަކަށް. އެހެން މި ދަންނަވަނީ، ޓޫރިޒަމަކީ ވަރަށް ޚާއްޞަ ވައްތަރެއްގެ މަސައްކަތަކަށްވާތީ. އެއިން ލިބޭ ފައިދާ ކިތަންމެހާވެސް ބޮޑު. އެހެންނަމަވެސް، އެއިން ނުކުންނަ ނޭދެވޭ ނަތީޖާތަކެއްވެސް ހުރޭ. މިކަންކަން ރަނގަޅަށް އަޅުގަނޑުމެން ވަޒަންކުރަންޖެހޭނެ.
ހަމަ އެއާއެކުގައި، ރާއްޖޭގެ އިޤްތިޞާދުގެ އެހެން ބައިތަކަށް އެއިން ކުރާނެ އަސަރަކާ ދޭތެރޭގައިވެސް ވިސްނަންޖެހޭނެ. އެއީ، ރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިންމު މަސައްކަތަކީ، ޝައްކެއްނެތް، މަސްވެރިކަން. މަސްވެރިކަމަށް އުނިކަމެއް އަންނަގޮތަކަށް އަޅުގަނޑުމެން އެހެން ކަމެއް ކުރުމަކީ، އަޅުގަނޑު ހިތުން ބުއްދިވެރި ކަމަކަށް ނުވާނެ. އަދި ޓޫރިޒަމަކީ މުޅިން ބޭރުގެ ނުފޫޒުތަކަކަށް ބިނާވެފައި އޮންނަ ކަމެއް. ނުފޫޒުތަކޭ މި ދެންނެވީ، ކޮންމެހެން އެމީހުން އައިސް އަޅުގަނޑުމެންގެ މައްޗަށް ނުފޫޒު ހިންގާ ވާހަކައެއް ނޫން. އެހެންނަމަވެސް، ޓޫރިޒަމްގެ ޚިދުމަތް މި ބޭނުންކުރަނީ ބޭރުމީހުން. އެމީހުން އައުމާއި، އެމީހުން ނައުމާއި، އެއީ، އޭގެ މައްޗަށް އަޅުގަނޑުމެންނަށް މާބޮޑު ބާރެއް ހިންގޭ ގޮތަކަށް އޮންނަ ކަމެއްނޫން. ވަރަށްފަހުން މިއައި ޤަލްފް ހަނގުރާމައިގައި، އެކަން އޮތީ ވަރަށް ފާޅުގޮތެއްގައި އަޅުގަނޑުމެންނަށް ފެނިފައި. މި އަހަރުގެ ކުރީކޮޅު، ޤަލްފް ހަނގުރާމަ ފެށުމާ ގުޅިގެން، ޓޫރިސްޓުން އައުން މަދުވި. ވަރަށް ބޮޑުތަން މަދުވި. އަދި އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ޓޫރިސްޓުން ގޮވައިގެން އައި އިޓަލީގެ މަތިންދާބޯޓެއް، މާލޭގެ ވައިގެ ބަނދަރަށް އާދެ، ހުޅުލެއާ ގާތްގަނޑަކަށް އެއްގަޑިއެއްހާއިރުގެ ރާސްތާއަށް އައުމަށްފަހުގައި، މާލޭގެ ވައިގެ ބަނދަރުގެ ކޮންޓްރޯލް ޓަވަރުން އެމީހުންނަށް އެނގުނީ ހަނގުރާމަ ފެށިއްޖެކަން. އެމެރިކާ މަތިންދާބޯޓުތައް ގޮސް ބަޣްދާދަށް ބޮންއަޅައިފިކަން. އެނގުމުން، ވަގުތުން މަތިންދާބޯޓު އަނބުރާލާފައި ދިޔައީ އިޓަލީއަށް. އޭރު ރާއްޖެއާ އެބޯޓާ ދެމެދު އޮތީ އެންމެ ގަޑިއެއްގެއިރުގެ ރާސްތާއަށްވެފައި. އެހެންނަމަވެސް، އެމީހުން އެނބުރި ދިޔައީ. އޭގެފަހުން އިޓަލީ މީހުން ދުވަސްކޮޅެއްވަންދެން އެއްގޮތަކަށްވެސް ނައީ. އަދި އެހެން ޤައުމުތަކުގެ މީހުންވެސް ނައީ. އެހެންވީމާ، މުސްތަޤްބަލުގައިވެސް މިފަދަ ކަމެއް މިއީ ދިމާވެދާނެ ކަމެއް ކަމަށް އަޅުގަނޑުމެން ވިސްނަންޖެހޭނެ. ތަނެއްގައި ކުއްލިއަކަށް ހަނގުރާމައެއް އުފެދި، ހަނގުރާމައެއް ފެށި، އެކަހަލަ ކަންތައްތަކެއް ވެއްޖިއްޔާ، ހަމަ ކުއްލިއަކަށްވެސް ޓޫރިސްޓުން އައުން ހުއްޓިދާނެ. އަދި އަޅުގަނޑުމެންގެ ރާއްޖޭގައި ތިބި މަސައްކަތް ކުރެވޭ މީހުންގެ ޢަދަދަށްވެސް ބަލާފައި، މިހާރު އަޅުގަނޑުމެންގެ މަސައްކަތް ކުރެވޭ މީހުންގެ ޢަދަދުގެ ކިހާވަރެއްތޯ މަސްވެރިކަމުގައި އުޅެނީ. ރާއްޖެތެރެއަށް އެހެން ތަންތަނަށް ޓޫރިޒަމް ގެންދިޔައީމާ އުޅޭނީ ކިހާވަރެއްތޯ، އެވެސް އަޅުގަނޑުމެން ބަލަންޖެހޭ.
އެހެންވީމާ، މި ހުރިހާ ކަމަކަށް ވިސްނާފައި، އެކަމަކީ ސަރުކާރުގެ ވަރަށް މަތީ ދާއިރާއަކުން ނިންމަވަންޖެހޭ ކަމެއް. އެކަމާ ދޭތެރޭގައި އަޅުގަނޑަށް ވަގުތުން ދެންނެވޭނެ އެއްޗެއް ނެތް. އެއީ، އަޅުގަނޑަށް އެކަނި ނިންމޭނެ ކަމަކަށް ނުވާތީ. ކުރިންވެސް ޓޫރިޒަމްގެ މާސްޓަރ ޕްލޭން ނިންމީ، ނޭޝަނަލް ޕްލޭނިންގ ކައުންސިލުން މަޝްވަރާކޮށް، އެ ކައުންސިލްގެ ޤަރާރަކުން. އެހެންވީމާ، މުސްތަޤްބަލުގައިވެސް ރާއްޖެތެރެއަށް ޓޫރިޒަމް ގެންދާ ކަމަށްވަންޏާ، އަޅުގަނޑަށް ހީވަނީ އަނެއްކާވެސް މި ދެންނެވި ގޮތްގޮތުން އެކަމާ ދޭތެރޭގައި ވަރަށް ބޮޑަށް ވިސްނަވާފައި، ނޭޝަނަލް ޕްލޭނިންގ ކައުންސިލުން އެކަމާ ދޭތެރޭގައި ޖެހޭނީ ގޮތެއް ނިންމަންހެން. ފަހަރެއްގައިވެސް ރާއްޖެތެރޭގެ ތަރައްޤީއަށް އަޅުގަނޑު ހުރަސްއަޅަނީކީ ނޫން. އަޅުގަނޑުވެސް އެ ޚިޔާލަށް ތާއީދުކުރަން. މިހާރަށްވުރެ ބޮޑަށް ރާއްޖެތެރެއަށް ޓޫރިޒަމް ފެތުރުމުގެ ޚިޔާލަށް ތާއީދުކުރަން. އެހެންނަމަވެސް، އަޅުގަނޑު މި ދަންނަވާ ވާހަކައަކީ އަޅުގަނޑުމެން ތަރައްޤީގެ އެއްވެސް ކަމަކާ ދޭތެރޭގައި ޚިޔާލުކުރާއިރުވެސް، އެކަމެއް ގެންދަންވީ ހިސާބާ ދޭތެރޭގައިވެސް ޖެހޭނެ ޚިޔާލުކުރަން. އާދެ، ކޮން ދާއިރާއެއްގައިތޯ އެކަން ކުރާނީ. އަދި އެކަމުން ނުކުންނާނެ ނަތީޖާއަކާ ދޭތެރޭގައިވެސް ވިސްނަންޖެހޭނެއޭ. އެ ހުރިހާ ގޮތަކަށް ވިސްނާފައޭ، އަޅުގަނޑުމެން އެންމެފަހުގެ ނިންމުން ނިންމަންވާނީ.
ރާއްޖެތެރެ ތަރައްޤީ ކުރުމުގައި މުހިންމު އަނެއްކަމެއް ކަމަށް ފެންނަނީ، އަތޮޅުވެރިންގެ މަސްއޫލިއްޔަތާއި، އަދާކުރައްވާ ވާޖިބު މިހާރަށްވުރެ ހަރުދަނާކުރުން. މިހާރަށްވުރެ ފުޅާކުރުން. އާދެ، އަޅުގަނޑު އެހެން މި ދަންނަވަނީ، މިހާރު ކަންތައްތައް ހިނގަމުންދާ ގޮތުން، ސަރުކާރުގެ ބައެއް ދާއިރާތަކުން ކުރައްވާ ތަރައްޤީގެ މަސައްކަތްތަކުގައި، އަތޮޅުވެރިންގެ މާބޮޑު ބައެއް ނޯވޭ. އެހެންނަމަވެސް، އެކަން އެގޮތަށް އޮތުމުން ނުކުންނަ ވަރަށްދަތި މައްސަލަތަކެއްވެސް އެބަހުރި. އަތޮޅުވެރިންނަކީ، ރައީސުލްޖުމްހޫރިއްޔާގެ ފަތަކުން މަޤާމަށް އިސްކުރެވޭ ބައެއް. އެމީހުންނަކީ އަތޮޅުގައި ސަރުކާރު ތަމްސީލު ކުރައްވަން ތިއްބަވާ އެންމެ އިސްވެރިން. އެހެންވީމާ، އެގޮތުން ސަރުކާރުގެ ފަރާތުން ރާއްޖެތެރޭގައި ހިންގާ ކަންކަން ހިނގަން ވާނީ އަތޮޅުވެރިންނަށް އެނގިވަޑައިގަނެގެން، އަތޮޅުވެރިންގެ ބެއްލެވުމުގެ ދަށުން ކަމަށް އަޅުގަނޑު ދެކެނީ. އެހެންނަމަވެސް، މިހާތަނަށް ޢަމަލުކުރެވިފައި އޮތީކީ އެހެނެއްނޫން.
އެހެންވީމާ، މިއީވެސް އަޅުގަނޑުމެން އެކަމާ ދޭތެރޭގައި ވަރަށް ރަނގަޅަށް ވިސްނަންޖެހޭނެ ކަމެއް. އެހެން މި ދެންނެވީ، އަތޮޅުވެރިންނާއި އެހެން މިނިސްޓްރީތަކާ އޮންނާނީ ކޮން ގުޅުމެއްތޯއާއި، އެހެން މިނިސްޓްރީތަކުން އަތޮޅުވެރިންނަށް އެކިކަންކަމުގެ އިރުޝާދު ދެއްވާނީ ކިހިނެއްތޯ، މި ހުރިހާ ކަމެއް ވަރަށް ރަނގަޅަށް ބެލިގެން އަދި އެކަމާ ދޭތެރޭގައި ރަނގަޅު ނިޒާމެއް ހަމަޖެހިގެންނޫނީ ކުރެވޭނެ ކަމެއް ނޫންކަމަށްވާތީ. އެހެންވީމާ، އެރޮނގުންވެސް އިރާދަކުރެއްވިއްޔާ، ސަރުކާރުން ޚިޔާލުކުރަމުން ގެންދާނަން. ޚިޔާލުކޮށްފައި، މިހާރަށްވުރެ އަތޮޅުވެރިންގެ މަސްއޫލިއްޔަތާއި، އެ ބޭފުޅުން އަދާކުރައްވާ ވާޖިބު ހަރުދަނާކޮށް، އެ ބޭފުޅުން ބައްލަވަންޖެހޭ ކަންތައްތަކާއި، އެ ބޭފުޅުންގެ ދާއިރާ ވީއެންމެ އަވަހަކަށް ފުޅާކޮށްދިނުމަށް ގަސްތުކުރެވިފައިވޭ.
ހަމައެއާއެކުގައި ދަންނަވަންޖެހެނީ، ރަށްރަށުގެ ވެރިންގެ މަޤާމާ ދޭތެރޭގައިވެސް ސަރުކާރުން ވިސްނަމުން އެބަ ގެންދަމޭ. އެއީ، މިހާރު ރަށްރަށުގެ ވެރިންގެ މަޤާމު އޮންނަގޮތުން އެކަމަށް އެކަށީގެންވާ ޤާބިލް ޒުވާނުން ނުލިބުމަކީ ކުރިމަތިވެފައިވާ މައްސަލައަކަށްވާތީ. އެހެންކަމުން، ރަށްރަށުގެ ވެރިންގެ މަޤާމާ ދޭތެރޭގައި ވިސްނާފައި، އެދެވޭ ބަދަލެއް ގެނައުމަކީ، މި ދެންނެވި ކަހަލަ ޙަރަކާތްތެރި އަދި ޤާބިލް ޒުވާނުން އެކަމަށް ފަހަރެއްގައި ކުރިމަތިލާނެ ކަމަކަށް ވެދާނެތީ، އެކަމާ ދޭތެރޭގައި ސަރުކާރުން ވިސްނަމުން ގެންދާ ވާހަކަ މި ފުރުޞަތުގައި އަޅުގަނޑު ދަންނަވާލަން.
އާދެ، އަޅުގަނޑުގެ ވާހަކަ މިހާރުވެސް ވަރަށް ދިގުވެއްޖެހެން އަޅުގަނޑަށް ހީވަނީ. އެހެންނަމަވެސް، މި ބައްދަލުވުމަކީ މިހާ މުހިންމު ބައްދަލުވުމަކަށްވެފައި އަދި އެއިން ނުކުންނާނެ ކަމަށް އުންމީދު ކުރެވޭ ނަތީޖާތަކަކީވެސް އެހާ މުހިންމު ނަތީޖާތަކަކަށްވާތީ، އަޅުގަނޑަށް ފެންނަ ބައެއް ކަންތައްތަކުގެ ވާހަކަ ތަންކޮޅެއް ދިގުކޮށް ދަންނަވާލަން ޖެހުނީ.
އަޅުގަނޑު އެދެނީ، ރާއްޖެތެރެއަށް އިތުރު ތަރައްޤީތައް އައުން. އިޖުތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުން، ދިރިއުޅުމުގެ ފެންވަރުގެ ގޮތުން، ތަނަވަސްކަމުގެ ގޮތުން. މި މަޤްޞަދު ޙާޞިލްކުރުމުގައި ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް، اللّـه سبحـانـه وتعـالى ހެޔޮ ތައުފީޤު ދެއްވާށި! ދިވެހިންނަކީ މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގައި ފައިތިލަ ސާބިތުކޮށްގެން ތިބޭ، އެކުވެރިކަމާއި އެއްބާރުލުމުގެ ރޫޙު އެމީހުންގެ ހިތްތަކުގައި އުފެދިފައިވާ، ހުރިހާ ކަމެއްގައިވެސް އަމިއްލަ މަޞްލަޙަތަށްވުރެ، ޤައުމުގެ މަޞްލަޙަތު އިސްކުރާ، ރާއްޖޭގެ ތަރައްޤީއަށްޓަކައި ފައިދާހުރި މަސައްކަތްތަކެއް ކުރަމުންދާ ބަޔަކު ކަމުގައި ލައްވާށި! އަޅުގަނޑުމެންނަށް ހުރިހާ ގޮތަކުންވެސް އުފާވެރި، ބާއްޖަވެރި މުސްތަޤްބަލެއް ދައްކަވާށި! އާދެ، މި ދުޢާއާ އެކުގައި އަތޮޅުވެރިންގެ ބައްދަލުވުން، މާތްﷲގެ ވާގިފުޅާއި ހެޔޮ ތައުފީޤާއެކު ހުޅުވައިދިނުމުގެ އުފަލާއި ޝަރަފް ލިބިގަންނަން.
والسّلام عليكم ورحمـة اللّـه وبركاته.