بســم اللّـه الرّحمـن الرّحيــم
الحمـد للّـه رَبّ العَـالَمِـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّدنا محـمَّدٍ وعلى آلـه واصحـابه أجمعـين.
އާދެ، މިއަދަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ވަރަށް ޚާއްޞަ ދުވަހެއް. މިއަދަކީ ސިފައިންގެ ނަމުގައި ބަޔަކު ދިވެހިރާއްޖޭގައި އުފެދުނުތާ 100 އަހަރުވާ ދުވަސް. އާދެ، ދުވަހުގެ މުނާސަބަތުގައި، ސިފައިންގެ އެންމެހާ ބޭކަލުންނަށާއި ބޭކަނބަލުންނަށް، އާދެ، ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ އިސް އޮފިސަރުންނަށާއި، އޮފިސަރުންނަށާއި، ނަން ކޮމިޝަންޑް އޮފިސަރުންނަށާއި، ޕްރައިވެޓުންނަށް، މި މުނާސަބަތުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ ރައްދުކުރުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ހަމައެއާއެކު، ސިފައިންގެ ކަންތައްތައް ބަލަހައްޓަވާ، ހިންގަވާ މިނިސްޓްރީއަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ ކަމަށްވާތީ، އެމިނިސްޓްރީގެ އިސްވެރިންނަށާއި، މުވައްޒަފުންނަށާއި، އެމިނިސްޓްރީގެ ދާއިރާގައި ޚިދުމަތްކުރާ ހުރިހާ އެންމެންނަށްވެސް މިފުރުޞަތުގައި ތަހުނިޔާއާއި މުބާރަކްބާދީ ރައްދުކުރަން.
އާދެ، ސިފައިން އުފެދިފައި ވަނީ، ޤައުމަށް ޚިދުމަތްކުރުމަށް، ރައްޔިތުންނަށް ޚިދުމަތްކުރުމަށް. ސިފައިންގެ ޚިދުމަތް ރައްދުވާ ފަރާތަކީ، ރައްޔިތުން ފިޔަވައި ދެވަނަ ފަރާތެއް ނޫން. އެހެންކަމުން، އެބަޔަކަށް ޚިދުމަތް ދިނުމަށްޓަކައި އުފެދިފައިވާ ސިފައިންނަށް 100 އަހަރުވުމުގެ އުފާވެރި އަދި ތާރީޚީ މުނާސަބަތުގައި، އެޚިދުމަތް ޙައްޤުވާ ފަރާތަށް، އާދެ، ރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު، މުބާރަކްބާދީއާއި ހެޔޮއެދުންތައް ފޮނުވުމަކީވެސް މިއަދު އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް.
އާދެ، މިއަދަކީ، ސިފައިންނަށް 100 އަހަރު ފުރުނު ދުވަސް. މިހެން ދެންނެވި ކަމުގައިވިޔަސް، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ރާއްޖޭގެ ތާރީޚުގައި ވަރަށް ކުރިއްސުރެ ޤައުމު ދިފާޢުކުރުމަށް އަދި އެޤައުމުގައި އަމަންއަމާންކަމާއި ހަމަޖެހުން ހިފެހެއްޓުމަށްޓަކައި ބަޔަކު އުފެދިފައިވާނެކަން. ރާއްޖޭގައި ކޮންމެއިރެއްގައިވެސް އެފަދަ ބަޔަކު ތިބި. އެހެންކަމުން، މިއަދުގެ ސިފައިންގެ އެންމެ ފުރަތަމަ ފެށުން އޮތީ، ތާރީޚުގެ އަޅުގަނޑުމެންނަށް ނޭނގޭ ފަތްފުށްތަކެއްގެ ތެރޭގައި ކަމަށްވާތީ، އެވާހަކަ މާ ތަފްޞީލުކޮށް ދެންނެވެން ނެތް ކަމުގައިވިޔަސް، އަބަދުވެސް ރާއްޖޭގެ ސަރުކާރާއި ރައްޔިތުން ޙިމާޔަތްކޮށް، ބޭރުން އަންނަ ދުޝްމަނުންގެ ނުރައްކާތަކުން ރާއްޖެ ސަލާމަތްކުރުމަށްޓަކައި ރާއްޖޭގައި ބަޔަކު ތިބެމުން އައިސްފައިވާކަން މިއަދު އަޅުގަނޑުމެން އެންމެންވެސް ފާހަގަކުރަންޖެހޭނެ. އެހެން ނަމަވެސް، ކުރިންވެސް ދެންނެވި ފަދައިން، ސިފައިންގެ ނަމުގައި ބަޔަކު އުފެދުނީ، މީގެ 100 އަހަރު ކުރިން. އާދެ، އައްސުލްޠާން އިބްރާހީމް ނޫރައްދީންގެ ރަސްކަމުގައި. އެ ރަސްކަމުގެ އެންމެ ފަހުކޮޅު. އާދެ، 1892 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ކަމުގައި އަޅުގަނޑުމެންނަށް ތާރީޚީ ލިޔުންތަކުން ފެންނަން އެބަހުރި. އެހެންކަމުން، މިއަދަކީ ރާއްޖޭގައި ސިފައިން އުފެދުނުތާ 100 އަހަރުވާ ދުވަސް ކަމުގައި ސަރުކާރުން ކަނޑައަޅައި، މިދުވަސް މިގޮތަށް ފާހަގަކުރަމުން މިގެންދަނީ.
އާދެ، މިއަދުގެ މުނާސަބަތުގައި، ވަރަށް އުފާވެރި މަންޒަރުތަކެއް އަޅުގަނޑުމެންނަށް ފެނިގެން ހިނގައްޖެ. މިއަދުގެ މުނާސަބަތުގައި، ވަރަށް ޚާއްޞަ މެޑެލްތަކަކާއި ޝަރަފްތަކެއް، އެކަމުގެ ޙައްޤުވެރި ފަރާތްތަކަށް ރައްދުކޮށްދިނުމުގެ އުފާ އަޅުގަނޑަށް ލިބިގެން ހިނގައްޖެ. އެހެންކަމުން، އެ ޢިއްޒަތާއި ޝަރަފް ޙައްޤުވި ފަރާތްތަކަށް އަދި އެ ޢިއްޒަތާއި ޝަރަފް އެރުވުނު ފަރާތްތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ ދެންނެވުމަކީ، އަޅުގަނޑުގެ ވަރަށް އިސް ވާޖިބެއް ކަމުގައި ދެކެން. މިދެންނެވި ފަރާތްތަކުގެ ތެރޭގައި، ވަރަށް ޚާއްޞަ ފަރާތެއްވާކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އާދެ، އެއީ މީގެކުރިން މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީގެ ނައިބުގެ މަޤާމުގައި ހުންނެވި އަދި ސިފައިންގެ ވެރިޔާގެ ނައިބުގެ މަޤާމުގައިވެސް ހުންނެވި އަލްފާޟިލް އިލްޔާސް އިބްރާހީމް. އެމަނިކުފާނު އެ މުހިންމު މަސްއޫލިއްޔަތު އަދާކުރެއްވުމުގެ ތެރޭގައި، ސިފައިންނަށް ކޮށްދެއްވާފައިވާ ޚިދުމަތާއި، ސިފައިންގެ ތަރައްޤީއަށްޓަކައި ކުރައްވާފައިވާ ބުރަ މަސައްކަތްތަކާއި އަދި އޭނާ އެމަޤާމުގައި ހުންނަވަނިކޮށް، ރާއްޖެއަށް ދިމާވި ނުރައްކާތެރި ޢުދުވާނީ ޙަމަލާގައި، އޭނާ ސާބިތުވެވަޑައިގެން ހުންނަވައިގެން، ޤައުމަށް ކޮށްދެއްވި ޚިދުމަތާއި، މިހުރިހާ ކަމެއް މިއަދު ފާހަގަކޮށް، އެމަނިކުފާނަށް ޙައްޤުވާ މެޑެލާއި ޢިއްޒަތް ވަނީ ދެވިފައި. އެހެންކަމުން، މިއަދުގެ މުނާސަބަތުގައި، ވަރަށް ޚާއްޞަ ގޮތެއްގައި އަލްފާޟިލް އިލްޔާސް އިބްރާހީމަށް މަރްޙަބާ ދެންނެވުމާއި، މި މުނާސަބަތުގައި، އޭނާއަށް ޙައްޤުވެގެންވާ މެޑެލްތައް އަދި ޝަރަފް ލިބިވަޑައިގެން ކަމަށްޓަކައި އޭނާއަށް ތަހުނިޔާ ދެންނެވުމަކީވެސް އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް.
އާދެ، މިދެންނެވި ޚާއްޞަ ފަރާތުގެ އިތުރަށް، ސިފައިންގެ ކަންތަކާ ޙަވާލުވެވަޑައިގެން ތިއްބަވާ އިސް ފަރާތްތައް ހިމެނޭ. އާދެ، އޭގެތެރޭގައި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީގައި ޚިދުމަތް ކުރައްވާ، ޑިރެކްޓަރ ޖެނެރަލް އޮފް ނެޝަނަލް ސެކިއުރިޓީ އަލްފާޟިލް ޢަންބަރީ ޢަބްދުއްސައްތާރު، ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ. ޚާއްޞަކޮށް، މިހާރު ކަންތައްތައް ހަމަޖެހިފައިވާ ގޮތުން، އަޅުގަނޑުގެ ބެލުމުގެ ދަށުން އެމިނިސްޓްރީގެ ހުރިހާ ކަމެއް ހިންގަވާ، ސިފައިންގެ އެންމެހާ ކަންތައްތައް ބަލަހައްޓަވާ އިސްވެރިޔަކީ އޭނާ ކަމަށްވާތީ، އޭނާއަށްވެސް ޙައްޤުވެގެންވާ މެޑެލާއި އަދި ޝަރަފް، މިޖަލްސާގައި ނޫނަސް އޭނާއަށް ވަނީ އެރުވިފައި. އާދެ، މިޖަލްސާގައިވެސް ބައެއް ކަންތައްތައް ހަމަޖެހިގެން ހިނގަމުންދިޔަ. އެހެންނަމަވެސް، އޭނާއަށް ލިބިވަޑައިގެންނެވި ޕްރޮމޯޝަނާއި، ލިބިވަޑައިގެންނެވި މެޑެލްތައް ވަނީ، މިއަދުގެ މުނާސަބަތުގައި، އޭނާއަށް އަޅުގަނޑު އަރުވާފައި، މިޖަލްސާގެ ކުރިން. އެހެންކަމުން، އޭނާއަށްވެސް ޙައްޤުވެގެންވާ މުބާރަކްބާދީއާއި ތަހުނިޔާ، މިފުރުޞަތުގައި އަޅުގަނޑު ދަންނަވަން.
އާދެ، ދެން ތިއްބެވީ ސިފައިންގެ އިސް އޮފިސަރުން. އެބޭފުޅުންނަށްވެސް ޙައްޤުވެގެންވާ މެޑެލް މިއަދު ލިބިވަޑައިގެންފި. އަދި އެބޭފުޅުންނަށް ޙައްޤުވާ ޕްރޮމޯޝަން، ކުރިއެރުންވެސް މިއަދު ލިބިވަޑައިގެންފި. އެބޭފުޅުންނަކީ ރެއެއްދުވާލެއްނެތި، ސިފައިންގެ ޚިދުމަތުގައި އާދެ، ސަރުކާރުގެ ޚިދުމަތުގައި، ދިވެހި ޤައުމުގެ ޚިދުމަތުގައި ވަރަށް އިޚްލާޞްތެރިކަމާއެކު އުޅުއްވާ ބޭފުޅުން. އެހެންކަމުން، އެބޭފުޅުން އެކޮށްދެއްވަމުން ގެންދަވާ އަގުހުރި ޚިދުމަތުގެ އަގު ވަޒަންކޮށް، އެބޭފުޅުންނަށް ޙައްޤުވާ މެޑެލް، ޝަރަފް، އަދި އެބޭފުޅުންނަށް ޙައްޤުވާ ކުރިއެރުން މިއަދު އެބޭފުޅުންނަށް ދެވުނުކަމަށްޓަކައި، އެބޭފުޅުންނަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު، އަޅުގަނޑު މަރްޙަބާ ދަންނަވަން. މީގެ އިތުރުން، ސިފައިންގެ އެހެން އޮފިސަރުންނަށްވެސް އެކިއެކި މެޑެލް މިއަދު ވަނީ ލިބިވަޑައިގެންފައި. އަދި ކުރިއެރުންވެސް ވަނީ ލިބިވަޑައިގެންފައި. އޮފިސަރުން ފިޔަވައި، އެން.ސީ.އޯ.އިންނަށްވެސް އަދި ޕްރައިވެޓުންނަށްވެސް، ވަރަށްގިނަ ޢަދަދަކަށް ޕްރޮމޯޝަން ލިބުނުކަމުގެ އަޑު، އުފާވެރި އަޑު އަޅުގަނޑުމެން އަހައިފީމު. އެހެންކަމުން، މިއަދުގެ މުނާސަބަތުގައި އާދެ، މި ޚާއްޞަ، ތާރީޚީ މުނާސަބަތުގައި، ރާއްޖޭގައި ސިފައިން އުފެދުނުތާ 100 އަހަރުވުމުގެ މުނާސަބަތުގައި، ކުރިއެރުން ލިބުނު ހުރިހާ ފަރާތްތަކަކަށް އިޚްލާޞްތެރިކަމާއެކު މުބާރަކްބާދީއާއި ތަހުނިޔާ އަޅުގަނޑު ދަންނަވަން.
ޝައްކެއްނެތް، އެއްވެސް އޯގަނައިޒޭޝަނަކަށް ނުވަތަ އިންސްޓިޓިއުޝަނަކަށް 100 އަހަރު ފުރުމަކީ ވަރަށް ބޮޑު ކަމެއް. އެއިން އަޅުގަނޑުމެންނަށް ދައްކައިދޭ ވަރަށް މުހިންމު ކަމެއް އެބައޮތް. އާދެ، އެކަމަކީ، އެ އޯގަނައިޒޭޝަނަކީ ނުވަތަ އެ އިންސްޓިޓިއުޝަނަކީ، ދެމިހުންނަނިވި، ފައިދާހުރި ޚިދުމަތެއް މުޖްތަމަޢަށް ދެމުންގެންދާ ތަނެއްކަން. އާދެ، މިދެންނެވި ފަދަ ދެމިހުންނަނިވި، ފައިދާހުރި ޚިދުމަތެއް މުޖްތަމަޢަށް ދެމުން ނުގެންދާ ފަރާތަކަށް 100 އަހަރެއް ނުވާނެ. 100 އަހަރު ކީއްކުރަންތޯ، 50 އަހަރެއްވެސް އަދި އަޅުގަނޑު ހިތުން 20 އަހަރެއްވެސް ނުވާނެ. އޭގެ މާކުރިން އެ އޯގަނައިޒޭޝަނެއް ނުވަތަ އެ އިންސްޓިޓިއުޝަނެއްގެ ބޭނުންތެރިކަން ނެތިގެން، އެތަނެއް އުވިގެން ހިނގައިދާނެ. އެއާ ޚިލާފަށް، އަޅުގަނޑުމެންގެ ސިފައިން، އެމީހުންގެ ޤައުމީ ވާޖިބު އަދާކުރުމުގައި 100 އަހަރު، ސާބިތުކަމާއެކު ތިބިކަމުން، އަޅުގަނޑުމެންނަށް ދޭހަވަނީ، އެމީހުންގެ ފަރާތުން މުޅި ޤައުމަށާއި، ސަރުކާރަށާއި، ރައްޔިތުންނަށް އެލިބޭ ޚިދުމަތަކީ ދެމިހުންނަނިވި، ފައިދާހުރި ޚިދުމަތެއްކަން. އާދެ، މިއީ އަޅުގަނޑުމެން، އަޅުގަނޑު ހިތުން މިފަދަ ދުވަހެއްގައި ފާހަގަކޮށްލުން އެކަށީގެންވާ ކަމެއް.
އަޅުގަނޑުމެންގެ ރާއްޖެއަކީ، ރާއްޖޭގެ އާބާދީއަށް ބަލާއިރު، މިއަދު ކިތަންމެ ޒުވާން ރާއްޖެއެއް ކަމުގައިވިޔަސް، އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުންނަކީ، ކިތަންމެ ޒުވާން، ޅަޢުމުރެއްގެ ރައްޔިތެއް ކަމުގައިވިޔަސް، އަޅުގަނޑުމެންގެ ރާއްޖެއަކީ ތާރީޚީގޮތުން ބަލާއިރު، ވަރަށް ޤަދީމީ ތަނެއް. އާދެ، އެންމެ މަދުވެގެންވެސް، 2500 އަހަރު ވަންދެން ރާއްޖޭގައި މީހުން ދިރިއުޅެމުން އައިސްފައިވާކަން، ތާރީޚުން އަޅުގަނޑުމެންނަށް އެނގޭ. އަދި ބައެއް ހޯދުންތެރިން ބުނާގޮތުގައި، ރާއްޖޭގައި މީހުން އުޅެންފެށިތާ މިހާރު 3500 އަހަރުވެސް ވެއްޖެ. އާދެ، އެކަން އޮތީ ކޮންމެ ގޮތަކަށް ކަމުގައިވިޔަސް، ރާއްޖޭގައި އެންމެ މަދުވެގެންވެސް 2500 އަހަރު ވަންދެން މީހުން ދިރިއުޅެމުން އައިސްފައިވާކަން. އެއިން އަޅުގަނޑުމެންނަށް އެނގެނީ ރާއްޖެއަކީ ތާރީޚީގޮތުން ބަލާއިރު، ޤަދީމީ ޙަޟާރަތެއްގެ، ޤަދީމީ މަދަނިއްޔަތެއްގެ ވެރި ޤައުމެއްކަން. އާދެ، މިއަދުގެ ދުނިޔޭގައި ރާއްޖެއަށްވުރެ މާ ކުރިއަރާފައިވާ، ރާއްޖެއަށްވުރެ މާ މުއްސަނދި، މާ ބާރުގަދަ، މާ މޮޅު ކިތަންމެ ޤައުމެއް އެބަހުރި. އަޅުގަނޑުމެންގެ ރާއްޖެއަށްވުރެ ޢުމުރުގެ ގޮތުން މާ ޅަ. މިހެން ދަންނަވާއިރު، މިހާރު ދުނިޔޭގައި އޮތް އެންމެ ބާރުގަދަ، އެންމެ މުއްސަނދި، އެންމެ ބޮޑު ޤައުމަށްވެސް 200 އަހަރު ފުރުން ފާހަގަކުރީ ހަމައެކަނި މީގެ 15 އަހަރު ކުރިން. އެހެންނަމަވެސް، އަޅުގަނޑުމެންގެ ރާއްޖެއަކީ 2500 ނުވަތަ 3000 އަހަރު ވެފައިވާ ތަނެއް. އާދެ، އަޅުގަނޑުގެ މަޤްޞަދަކީ އެއްގޮތަކަށްވެސް އެތަންތަނަށްވުރެ ރާއްޖެ މާމޮޅެކޭ ދެންނެވުމެއް ނޫން. އެހެނެއްނޫން އެކަން އޮތީކީ. އެހެންނަމަވެސް، އަޅުގަނޑުގެ މަޤްޞަދަކީ، އަޅުގަނޑުމެންގެ ރާއްޖެއަކީ އަޅުގަނޑުމެން ފަޚުރުވެރިވުން ޙައްޤުވާފަދަ ޤަދީމީ ތާރީޚެއް ލިބިފައިވާ ތަނެކޭ ދެންނެވުން. އެ ފަޚުރު އަޅުގަނޑުމެން އެއްގޮތަކަށްވެސް ހަނދާންނައްތާލައިގެން ނުވާނެ.
އާދެ، ވޭތުވެދިޔަ 100 އަހަރު ދުވަހުގެ ތެރޭގައި، ސިފައިންގެ ޚިދުމަތަށް ވަރަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައި. އެއީ، އެކަން ވާންވެސް ވާނެގޮތް. ސިފައިން އުފެދުނުއިރު، ސިފައިންގެ ތެރޭގައި ތިބީ، އެންމެ 8 މީހުން ކަމުގައި އަޅުގަނޑުމެންނަށް ތާރީޚީ ލިޔުންތަކުން ފެންނަން އެބަހުރި. އެހެންނަމަވެސް، އެއީ އެޒަމާނުގައި އެންމެ ފުރަތަމަކޮޅުގައި ކަންތައް އޮތްގޮތް. ދުނިޔެ މިދަނީ ބަދަލުވަމުން. ރާއްޖެ މިދަނީ ބަދަލުވަމުން. ރާއްޖޭގެ ކަންތައްތައްވެސް މިދަނީ އެއްދުވަހުން އަނެއްދުވަހަށް ބަދަލުވަމުން. އެހެންކަމުން، އެ ސުންނަތުގެ މަތިން އާދެ، އެ އިލާހީ ސުންނަތުގެ މަތިން، ސިފައިންގެ ކަންތައްތައްވެސް މިއޮތީ. އެއަށް ވަރަށް ބޮޑެތި ބަދަލުތަކެއް، މިވޭތުވެދިޔަ 100 އަހަރު ދުވަހުގެ ތެރޭގައި އައިސްފައި ވަނީ. އޭގެތެރެއިން، މުހިންމު ބަދަލުތަކެއް، މި ޤަރުނުގެ ކުރީކޮޅު ނުވަތަ ރާއްޖޭގައި އެންމެ ފުރަތަމަ ޤާނޫނުއަސާސީ އުފެދިގެން އައި ދުވަސްވަރު އައި. އަދި އޭގެފަހުންވެސް އެފަދަ ބަދަލުތަކެއް އައި، ދެވަނަ ބޮޑުހަނގުރާމައިގެ ތެރޭގައި. އޭގެފަހުން، އަދި ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ތެރޭގައި. އެހެންގޮސް އެބަދަލުތައް، އެވަގުތަކަށް އެންމެ އެކަށީގެންވާ ގޮތަކަށް، ސަރުކާރަށް ފެނިވަޑައިގެން، ގެންނަވާފައިވާކަން އަޅުގަނޑުމެންނަށް އެނގޭ. އެހެންއައިސް، ވޭތުވެދިޔަ ބާރަވަރަކަށް އަހަރުގެ ތެރޭގައި، ސިފައިންގެ ތެރެއަށް ވަރަށް ބޮޑެތި، އާ ބަދަލުތަކެއް ވަނީ އައިސްފައި.
އާދެ، އެ ބަދަލުތަކުގެ ތެރޭގައި، ސިފައިންގެ ހިތުގައި ޤައުމީ ރޫޙު އާލާކުރުމަށް ކުރެވުނު މަސައްކަތްތައް ހިމެނޭ. އާދެ، މިވާހަކަ ދަންނަވާކަށް އަޅުގަނޑަށް މާފަސޭހައެއްވެސް ނޫން. އެހެންނަމަވެސް، މިފަދަ ދުވަހެއްގައި، ކަންހިނގިގޮތް ދަންނަވާލުމުގެ ގޮތުން، ދަންނަވާލަންޖެހޭތީ، ތިޔަބޭފުޅުންގެ އަރިހުން މަޢާފަށްވެސް އެދި، އަޅުގަނޑު މިވާހަކަ މިދަންނަވާލަނީ.
އާދެ، އަޅުގަނޑު މިހާރު މިހުރި މަޤާމާ ޙަވާލުވި ފަހުން، ސިފައިންގެ ހިތުގައި ޤައުމީ ރޫޙު އުފައްދައި، ޤައުމީ ރޫޙު އާލާކުރެވޭތޯ ވަރަށް ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައި. އަޅުގަނޑު ސިފައިންގެއަށް ގޮސް، އެކިއެކި މުނާސަބަތުތަކުގައި ސިފައިންގެ އެންމެން އެއްކޮށްފައި، އެމީހުންނާ މުޚާޠަބުކޮށް ވާހަކަދައްކައި، އެމީހުންގެ މަސްއޫލިއްޔަތާއި ވާޖިބުތައް އެމީހުންނަށް އޮޅުންފިލުވައިދީ، އަދި އިޖްތިމާޢީ ގޮތުން، އެމީހުންގެ އަޚްލާޤާއި ސުލޫކު ހުންނަންވާ ގޮތްވެސް، އަޅުގަނޑަށް ވެވުނުވަރަކުން ބަޔާންކޮށްދީ، އެމީހުންގެ ހުރިހާ ކަމެއްވެސް އިޞްލާޙުކޮށް، މިހާރަށްވުރެ އަދި އޭރަށްވުރެ ކުރިއަށް ގެންދެވޭތޯ ވަނީ، ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްފައި. އޭގެތެރެއިން، އެންމެ ބޮޑު މަސައްކަތެއް އަޅުގަނޑު ކުރީ، އެމީހުންނަކީ ޤައުމަށް ޚިދުމަތް ކުރަން ތިބި ބައެއްކަން، އެމީހުންގެ ހިތަށް ވައްދައިދިނުމަށްޓަކައި. ފަހަރެއްގައިވެސް ދަންނަވަން މިއުޅޭ އެއްޗަކީ، އެމީހުންނަކީ ޤައުމަށް ޚިދުމަތްކުރަން ތިބި ބައެއްކަން އެމީހުންނަށް ކުރިން އޮތީ ނޭނގިއެކޭ ދެންނެވުމެއް ނޫން. އެކަން އެމީހުންނަށްވެސް އެނގޭ. އެހެންނަމަވެސް، ސަރުކާރުގެ ފަރާތުން ކެނޑިނޭޅި އެވާހަކަ އެމީހުންނާ ދައްކައި، އެމީހުން މުޖްތަމަޢާ ދޭތެރޭގައި ބަލާގޮތާއި، ރައްޔިތުންނާ ދޭތެރޭގައި ބަލާގޮތާއި، މިކަންތައްތައް އިޞްލާޙުކުރުމަކީ، އަޅުގަނޑުހިތުން ސަރުކާރުގެ ވާޖިބެއް. އެހެންކަމުން، އެގޮތަށް އެ މަސައްކަތް ކުރެވޭތޯ އަޅުގަނޑު ބެލީ.
އާދެ، ސިފައިން ހޭލުންތެރިކުރުވައި، އެމީހުންގެ މަސްއޫލިއްޔަތަކީ ކޮބައިތޯ، އެމީހުންގެ ވާޖިބުތަކަކީ ކޮބައިތޯ، އެމީހުންގެ އުޅުން ހުންނަންވާނީ ކިހިނެއްތޯ، ސިފައިންގެ ތެރޭގައިވެސް އަދި ފުޅާ މުޖްތަމަޢުގައިވެސް. ސިފައިންގެ ތެރޭގައި ތިބެނީވެސް އިންސާނުން. އެމީހުންނަށް ދިމާވާ މައްސަލަތައް މުޖްތަމަޢުތެރޭގައިވެސް ހުންނާނެ. އެމީހުން ކުރަންޖެހޭ އެހެން ކަންތައްތަކެއްވެސް ހުންނާނެ. މިކަންތައްތައް ކުރުމުގައި އަދި ޚާއްޞަކޮށް، ސިފައިންގެ ވާޖިބު އަދާކުރުމުގައި، މުޖްތަމަޢަށް ނުކުމެ އުޅޭއިރު، އެމީހުންގެ ކަންތައްތައް ހުންނަންވާނީ ކިހިނެއްތޯ، އެމީހުންގެ އަޚްލާޤާއި ސުލޫކު ހުންނަންވާނީ ކޮން އުޞޫލަކުންތޯ، މިކަންތައްތައް ބަޔާންކޮށްދެވޭތޯ ކޮންމެވެސްވަރެއްގެ މަސައްކަތްތަކެއް އަޅުގަނޑުވެސް ކުރިން. އަދި އަޅުގަނޑުގެ އިތުރުން، ސިފައިންގެ ކަންތައްތައް ބެލެހެއްޓެވުމާ ޙަވާލުވެ ތިއްބެވި ވެރިންވެސް އެމަސައްކަތްތައް ވަނީ ވަރަށް ބޮޑަށް ކުރައްވާފައި. އަޅުގަނޑުހިތުން އޭގެ ނަތީޖާ މިހާރުވެސް ފެންނަމުން އެބަދޭ. ކުރިއާ އަޅައިބަލާއިރު، މިހާރު ސިފައިންނާ ދޭތެރޭގައި މުޖްތަމަޢު ދެކޭގޮތްވަނީ ވަރަށް ބޮޑަށް ބަދަލުވެފައި. ސިފައިންނަކީ ޤައުމަށް ޚިދުމަތް ކުރަން، ރައްޔިތުންނަށް ޚިދުމަތް ކުރަން، ރައްޔިތުން ސަލާމަތް ކުރަން، ރައްޔިތުންނަށް ދިމާވާ ކޮންމެ ކަމަކުން އެމީހުންނަށް އެހީތެރިވާން ތިބި ބައެއްކަން އަޅުގަނޑުހިތުން ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް މިހާރު ޤަބޫލުކުރައްވާނެ.
އާދެ، ސިފައިންގެ ތެރެއަށް، މިވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި އައި ބަދަލުތަކުގެ ތެރޭގައި، އެމީހުންގެ މަޤާމްތަކަށް އައި ބަދަލުވެސް ހިމެނޭ. މިދެންނެވީ، ސިފައިންގެ އެކިއެކި ދަރަޖަތަކަށް ކުރިން ކިޔަމުން އައިސްފައިވަނީ، ދިވެހި ނަންތަކެއް. ފަހަރެއްގައިވެސް އަޅުގަނޑު ނުދަންނަވަން، އެ ނަންތައް ދިވެހި ނަންތަކަކުން އިނގިރޭސި ނަންތަކަކަށް ބަދަލުކުރުން އެއީކީ، އެންމެ އެކަށީގެންވާ ގޮތެކޭ ނުވަތަ އެއީއޭ ކަންތައް ކުރަންވާނެ ގޮތަކީ. ކޮންމެއަކަސް، ދިވެހި ނަންތަކެއް އިތުރަށް އީޖާދުކޮށް ހެދުމަކީ މާ ފަސޭހަކަމަކަށް ނުވާތީ، ބޭރު ތަންތާނގައި ބޭނުންކުރާ އުޞޫލުން އިނގިރޭސި ނަންތަކެއް ސިފައިންގެ މަޤާމުތަކަށް ދެވުނީ. ބޭނުމަކީ، ހަމައެކަނި މަޤާމަށް ކިޔާނަން ބަދަލުކުރުމެއް ނޫން. ސިފައިންގެ ކަންތައްތައް، އެހެން ތަންތާނގައިވެސް ހަމަޖެހިފައި އޮންނަ އުޞޫލުން، އެމީހުންގެ ތަފާތު ފެންވަރުތައް ހަމަޖެހިފައި އޮތުން. އަދި އެކަމަށް ރަމްޒުކޮށްދޭ ނަންތަކެއް، ސިފައިންގެ ތެރޭގައި އެކަށައެޅިފައި އޮތުން. އެހެންކަމުން، މިއަދު އަޅުގަނޑުމެންނަށް ސިފައިންގެ ތަފާތު ފެންވަރުތަކުގައި ތިއްބަވާ ބޭކަލުންނާއި ބޭކަނބަލުން ފެންނަމުން މިދަނީ.
އާދެ، އަޅުގަނޑުމެންގެ ސިފައިންނާއި، ދުނިޔޭގެ އެހެން ތަންތާނގައި ތިބޭ ސިފައިންނާ ވަރަށް ތަފާތު. ތަފާތުވާންޖެހޭ ސަބަބުތަކެއް އެބަހުރި. އާދެ، އެހެން ތަންތާނގައި ސިފައިންނަކީ، ޤައުމަށް ދިމާވާ ބޭރުގެ ނުރައްކާތަކުން ޤައުމު ދިފާޢުކުރަން ތިބޭ ބައެއް. ބޭރުގެ ދުޝްމަނުންގެ ހަނގުރާމަވެރި ޢަމަލުތަކުން ނުވަތަ އެނޫންވެސް އެފަދަ ނުރައްކަލެއް، ޤައުމުގެ މިނިވަންކަމާއި ސިޔާދަތަށް ލިބިދާފަދަ ޢަމަލުތަކުން، ޤައުމާއި، ރައްޔިތުންނާއި، ސަރުކާރު ސަލާމަތްކޮށް، ޙިމާޔަތްކޮށްދޭން ތިބޭ ބައެއް. އެމީހުންނަކީ އެތެރޭގެ ދާޚިލީ ކަންތައްތަކުގައި އެއްވެސް ވާޖިބެއް އަދާކުރަންޖެހޭ ބައެއް ނޫން. އެކަމަކު އަޅުގަނޑުމެންގެ ރާއްޖޭގައި އެހެން ހެދޭކަށް ނެތް. ތަނުގެ ކުޑަކަމާއި، މީސްކޮޅުގެ މަދުކަމާ އެކީގައި، އަޅުގަނޑުމެންގެ ރާއްޖޭގައި ސިފައިންގެ ވާޖިބުތަކުގެ ތެރޭގައި، މިދެންނެވި މުހިންމު އަސާސީ ވާޖިބު އޮތުމުގެ އިތުރަށް، ރާއްޖޭގެ އެތެރޭގެ ދާޚިލީ ކަންތައްތައް ހަމަޖެއްސުމުގައިވެސް އެމީހުންގެ ވަރަށް ބުރަ މަސްއޫލިއްޔަތުތަކެއްވޭ. އާދެ، އަޅުގަނޑުމެންގެ ފުލުހުންވެސް މިތިބެނީ ސިފައިންގެ ތެރޭގައި. އާދެ، ނެޝަނަލް ސެކިއުރިޓީ ސަރވިސްގެ ހިޔާވަހިކަމުގެ ތެރޭގައި އުޅޭ ބައެއްގެ ގޮތުގައި ފުލުހުން މިތިބެނީ. ދުނިޔޭގެ އެހެން ޤައުމުތަކުގައި، ފުލުހުން ތިބެނީ ވަކި ބައެއްގެ ގޮތުގައި. އެހެންނަމަވެސް، އެކަން އަޅުގަނޑުމެންނަކަށް ހަމަޖެއްސޭކަށެއް ނެތް، މިދެންނެވި ސަބަބުތަކަށްޓަކައި. އަޅުގަނޑުމެންގެ ޤައުމުގެ ކުޑަކަމާއި، މީސްކޮޅު މަދުކަމާއި، އަދި ސިފައިންގެ ކަންތައްތަކަށް އެކަށީގެންވާ މީހުންވެސް ލިބުން މަދުކަމާއެކީގައި، އަޅުގަނޑުމެންގެ ސިފައިން، އެހެން ތަންތާނގެ ސިފައިން އަދާކުރާ ވާޖިބުތަކަށްވުރެ މާ ތަފާތު ގިނަ ވާޖިބުތަކެއް އޮންނާނީ އަދާކުރަން ޖެހިފައި.
އާދެ، އެހެންވީމާ، އަޅުގަނޑުމެންގެ ސިފައިން ކުރާ ކަމަކީ، ހަމައެކަނި ނޮވެމްބަރ 3 ކަހަލަ ދުވަހެއް ދިމާވުމުން، އެމީހުން ކުރަންޖެހޭ ކަންތައްތަކެއް ނޫން. އޭގެއިތުރުން، ފުލުހުންގެ ވާޖިބުތައްވެސް އަދާކުރަނީ އަޅުގަނޑުމެންގެ ސިފައިން. އަދި އެކިއެކި ނުރައްކާތެރި ޙާދިޘާތައް ދިމާވުމުން، އެކަމާ ކުރިމަތިލައި، އެކަމަކުން ޤައުމާއި ރައްޔިތުން ސަލާމަތްކުރުމަށް މަސައްކަތް ކުރަންޖެހޭ ބަޔަކީވެސް ހަމަ ސިފައިން.
އާދެ، މީގެ މިސާލުތައް އަޅުގަނޑު ނުދެންނެވިޔަސް، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. 1987 ވަނަ އަހަރު މާލެއަށާއި، ރާއްޖޭގެ ބައެއް ރަށްރަށަށް ބޮޑުރާޅު އަރައި، ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނު. އެދުވަހުވެސް އެންމެ ކުރީ ސަފުގައި ޤައުމު ސަލާމަތްކުރަން، ރައްޔިތުން ސަލާމަތްކުރަން ނުކުތީ ސިފައިން. މާލޭގަޔާއި، މާލެ ކައިރީގައިވާ ތަންތާނގައި އަލިފާނެއް ރޯވެއްޖެނަމަވެސް، އެތަނަކަށް ދަނީ ސިފައިން. އަލިފާން ނިވަން މަސައްކަތް ކުރަނީ އެމީހުން. އެ ޤާބިލިއްޔަތުވެސް ތަރައްޤީކުރެވިފައި ވަނީ އެމީހުންގެ ތެރޭގައި. ކަނޑުމަތީގެ ޙާދިޘާއެއް ދިމާވިޔަސް، އެދިމާއަކަށް ހަމަ ވަގުތުން ދާންޖެހެނީ ސިފައިންނަށް. އާދެ، މިހާރު އެން.އެސް.އެސް.ގެ ކޯސްޓްގާޑް، އެބުރަ މަސްއޫލިއްޔަތު އަދާކުރަނީ. ކޮންމެ ކަމެއް ދިމާވިޔަސް، ވަގުތުން ފުރުވާލެވޭ ކަހަލަ ޔުނިޓެއް ވަނީ ތައްޔާރުކުރެވިފައި.
އަޅުގަނޑުމެންގެ ރާއްޖެއަކީ ކިތަންމެ ކުޑަ ޤައުމެއް ކަމުގައިވިޔަސް، ރާއްޖެ ޗާޓުގައި ފުރާ ޖާގަ އެއީ، މާ ކުޑަކުޑަ ޖާގައެކޭ ދެންނެވޭކަށް ނެތް. އާދެ، އަޅުގަނޑުމެންގެ ރާއްޖޭގެ ދިގުމިނުގައި އެތައްސަތޭކަ މޭލެއް އެބަހުރި. މުޅި ރާއްޖޭގެ ސަރަޙައްދުގައިވެސް އެތައްހާސް މޭލެއް އެބަހުރި. އެހެންކަމަށްވާތީ، އަޅުގަނޑުމެންގެ ޤާބިލިއްޔަތު ކުޑަކަމާއެކީގައި، ރާއްޖެތެރޭގެ ދުރު ރަށެއްގައި އަލިފާނުގެ ޙާދިޘާއެއް ދިމާވިޔަސް، ކުއްލިއަކަށް މާލެއިން ސިފައިން ފޮނުވޭކަށެއް ނޯވޭ. އެހެންނޫން، އެހެން ކަންތައްތަކުގައި އަޅުގަނޑުމެންގެ ޤާބިލިއްޔަތު ހުރިވަރުން އެތަނަކަށް ދެވޭފަދަ ތަނެއްގައި، ކޮންމެ ކަހަލަ ޙާދިޘާއެއް ދިމާވިޔަސް، އެޙާދިޡާއިން ޤައުމަށް ލިބޭ ނުރައްކާ ކުޑަކޮށް، ރައްޔިތުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ބަޔަކަށް ތިބެނީ ސިފައިން. އާދެ، އެހެންކަމުން، އެހެން ތަންތާނގައި ސިފައިން ތިބޭގޮތާއި، މިރާއްޖޭގައި ސިފައިން ތިބޭގޮތާ ވަރަށް ތަފާތު. އަދި އެހެން ތަންތާނގެ ސިފައިން ކުރަންޖެހޭ މަސައްކަތާއި، އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތާވެސް ވަރަށް ތަފާތު. އަޅުގަނޑުމެންގެ ރާއްޖޭގެ ސިފައިން މަދުކަމާއެކީގައި، ސިފައިންނަށް ޗުއްޓީ ލިބޭލެއްވެސް ވަރަށް މަދު. އަދި ޚާއްޞަކޮށް، މުހިންމު ބޮޑު ކަމެއް އަންނަންޏާ، އެމީހުންނަށް ގޭރެއެއް ނޯވޭ. އެއީވެސް އެމީހުންނަކީ އިންސާނުން ކަމަށްވާތީ އަދި އެމީހުންގެވެސް އަނބިދަރިން ތިބީމާ، އެމީހުންނަށް ލިބޭ ދަތިކަމަކަށްވާނެ. އެކަން އަޅުގަނޑު އިޙްސާސް ކުރަން. އެހެންނަމަވެސް، އަޅުގަނޑުމެންނަށް އެނޫންގޮތެއް ހެދެންނެތީ. ކިތަންމެ ޢިނާޔަތްތަކެއް ސިފައިންނަށް ދިންކަމުގައިވިޔަސް، އާދެ، މުސާރައިގެ ގޮތުންނާއި، އެކިއެކި އެލަވަންސްތަކުގެ ގޮތުންނާއި އަދި އެހެނިހެން ގޮތްގޮތުންވެސް، ސިފައިންނަށް ބޭނުންވާ ކަންތައްތައް ސަރުކާރުން ކޮށްދިން ކަމުގައިވިޔަސް، ސިފައިންގެ ޢަދަދު މަދުކަމުން، މިދެންނެވި ފަދަ ޗުއްޓީތައް ސިފައިންނަށް ބޭނުންވާހާ ވަގުތަކު ދެވޭކަށެއް ނޯވޭ.
އާދެ، އަޅުގަނޑުމެންގެ ރާއްޖޭގައި ސިފައިން ތިބޭލެއް މަދުކަމޭ މިދަންނަވަނީ، ދުނިޔޭގެ އެހެން ތަންތަނާ ނިސްބަތްކޮށް ބަލާއިރު. ބައެއް ތަންތާނގައި އެ ޤައުމުގެ ރައްޔިތުންގެ ޢަދަދުގެ ސަތޭކައަކުން 2، ސިފައިންގެ ތެރޭގައި ތިބޭ. ނުވަތަ ސަތޭކައަކުން 3 ތިބޭ. ނުވަތަ އެއަށްވުރެވެސް މަތީ ޢަދަދެއް، ބައެއް ތަންތާނގައި ތިބެދާނެ. އެކަމަކު އަޅުގަނޑުމެންގެ ރާއްޖޭގެ ނިސްބަތުގައި އެއާ ގާތްވެސް ނުކުރޭ. އެއާ ގާތްނުކުރާއިރު، އަޅުގަނޑުމެންގެ ސިފައިން އަދާކުރަންޖެހޭ ވާޖިބުތައް، ކުރިންވެސް ދެންނެވިފަދައިން، މާ ތަފާތުކަން ބޮޑު. ތަފާތު ވަރަށް ގިނަ ކަންތައްތަކެއްގައި އުޅެންޖެހޭ. އެހެން ތަންތާނގައި ސިފައިންނަށް ތިބޭ ބަޔަކު މިހުރިހާ ކަމެއް ކުރާކަށް ނުޖެހޭ. އެހެންކަމުން، އަޅުގަނޑުމެންގެ ސިފައިންގެ މަސައްކަތުގެ ބުރަކަން، ތިޔަ ހުރިހާ ބޭފުޅުންވެސް ރަނގަޅަށް ވަޒަންކުރެއްވުމަކީ، އަޅުގަނޑު ވަރަށް ބޮޑަށް އެދޭ ކަމެއް.
އާދެ، ސިފައިންގެ ޙާލަތު އިޞްލާޙުކޮށް، ރަނގަޅުކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި، އެންމެ ބޮޑު ކަމަކަށް ކުރެވެނީ، ސިފައިންނަށް އެކި ރޮނގުރޮނގުން ބޭނުންވާ ޓްރޭނިންގ ހޯދައިދިނުން. އެމީހުން އެކި ކަންކަމަށް ތަމްރީނުކުރުން. މިމަސައްކަތަކީ އަޅުގަނޑު މިމަޤާމާ ޙަވާލުވީއްސުރެ ފެށިގެން ވަރަށް ބޮޑު އަހަންމިއްޔަތެއް ދީގެން ކުރެވޭތޯ ބަލަމުންގެންދާ ކަމެއް. މީގެތެރޭގައި، އަޅުގަނޑުމެންގެ ރާއްޖޭގައި، ސިފައިންގެ ޓްރޭނިންގ ކޭމްޕެއް ފުރަތަމަފަހަރަށް އުފައްދައި، ސިފައިންގެ ތެރެއަށް ވަންނަ ހުރިހާ އެންމެންނަށް، އެތާނގައި ދަނީ ޓްރޭނިންގ ދެވެމުން. އެތާނގައި ޓްރޭނިންގ ދޭން ނުވަތަ ސިފައިންނަށް، އެމީހުންގެ ކަންތައްތައް ދަސްކޮށްދޭން މިތިބެނީ އަޅުގަނޑުމެންގެ ސިފައިންގެ ތެރޭގައި ތިބި، ބޭރު ޤައުމުތަކަށް ގޮސް، އެކަމުގެ ޤާބިލިއްޔަތާއި ހުނަރުވެރިކަން ޙާޞިލްކޮށްގެން، ތަމްރީނު ލިބިގެން އައިސްތިބޭ އޮފިސަރުންނާއި، އެފަދަ ބޭކަލުން. މީގެ އިތުރަށް، ބޭރުގެ ބައެއް ޤައުމުތަކުން ސިފައިންގެ މާހިރުން ގެނެސްގެން، އަޅުގަނޑުމެން މިލިޓަރީ ކޭމްޕްގައި، އަޅުގަނޑުމެންގެ ސިފައިންނަށް ތަމްރީނުދެމުންވެސް އެބަ ގެންދަމު. ތިޔަބޭފުޅުން ބައެއްފަހަރަށް އައްސަވާނެ، އިނގިރޭސިވިލާތުގެ ޓީމެއް އަތުވެދާނެ ނުވަތަ އެމެރިކާގެ ޓީމެއް އަތުވެދާނެ. މި ޓީމުތައް ގެނެސްގެން، ރާއްޖޭގައި ސިފައިންނަށް އިތުރު ތަމްރީނުދިނުމުގެ ވަސީލަތްވެސް މިހާރު ވަނީ ހަމަޖެހިފައި. މީގެ އިތުރަށް، ރާއްޖެއިން ބޭރަށް ސިފައިން ފޮނުވައިގެން ތަމްރީނުކުރަމުން ގެންދިޔުމަކީވެސް ވަރަށް ޚާއްޞަގޮތެއްގައި ސަރުކާރުން ކުރަމުންގެންދާ ކަމެއް. ވަރަށް ގިނަ ޢަދަދަކަށް ސިފައިންގެ މީހުން މިހާރުވަނީ އެކިފަހަރުމަތިން ރާއްޖެއިން ބޭރަށް ގޮސް، އެކި ތަންތާނގައި އެމީހުންނަށް ބޭނުންވާ ޓްރޭނިންގ ހަދާފައި.
އާދެ، މިއަދުގެ ޖަލްސާގައިވެސް އެކަހަލަ ބައެއް މީހުންގެ ވާހަކައާއި ނަންތައް ތިޔަބޭފުޅުންނަށް ވަނީ އިވިވަޑައިގެންފައި. އާދެ، އޭގެ ބޭނުމަކީ ރާއްޖޭގެ ކޮންމެ ކަމެކޭވެސް އެއްފަދައިން، ސިފައިންގެ ކަންތަކަކީވެސް އެކަމުގެ އުޞޫލުތައް ދަސްކޮށްގެން ކުރަންޖެހޭ ކަމަކަށްވާކަން. އެކަމުގެ ޢިލްމު އުނގެނިގެން، އެކަމަށް ބޭނުންވާ ޚާއްޞަ ތަމްރީނުތައް ލިބިގެން ނޫނީ އަދާނުކުރެވޭ ކަމަކަށްވާކަން. ސިފައިންގެ ޚިދުމަތަކީވެސް ހަމަ ޢިލްމީގޮތުން ދަސްކުރަންޖެހޭ މަސައްކަތެއް. އަޅުގަނޑުމެންގެ ތެރޭގައި ތިއްބަވާ ބައެއް އިސް އޮފިސަރުން، މިހާރު ރާއްޖެއިން ބޭރަށް އެ ވަޑައިގަންނަވާ ވަޑައިގަތުމުގައިވެސް، އެބޭފުޅުން އެ ހޭދަކުރައްވަނީ ހަމަ ޔުނިވަރސިޓީގައި ކިޔައިދޭ އުޞޫލުން ކިޔަވައިދިނުމުގެ ދުވަސްތަކެއް. ހެނދުނު ހަތްގަޑިބައިން ފެށިގެން، ހަވީރު ފަސްގަޑިބައި ވަންދެން ލެކްޗަރތައް އައްސަވަން ކްލާސްރޫމެއްގައި ތިއްބަވަން އެބަޖެހޭ. އަދި ގެއަށް ވަޑައިގަތުމަށްފަހުގައި، އެ ފިލާވަޅުތައް ދަސްކުރެއްވުމާއި އަދި މާދަމާގެ ފިލާވަޅުތަކަށް ތައްޔާރުވެވަޑައިގަތުމުގެ ގޮތުން ކުރައްވަންޖެހޭ އެހެން މަސައްކަތްތައް ކުރެއްވުމާއި، ލައިބްރަރީން ފޮތްތައް ގެންނަވައިގެން މަސައްކަތް ކުރެއްވުމާއި، މިހުރިހާ ކަމެއްވެސް މިހާރު އަޅުގަނޑުމެންގެ ސިފައިން ކުރަންޖެހޭ. ވާހަކައަކީ ސިފައިންނަކީ އެމީހުން އެއަދާކުރަންޖެހޭ މަސްއޫލިއްޔަތާއި ވާޖިބު ރަނގަޅަށް ދަސްކޮށްގެން ތިބެންޖެހޭ ބަޔަކަށްވާތީ، އެކަމުގެ މަގު ސަރުކާރުން މިގެންދަނީ ފަހިކޮށްދެވޭތޯ ބަލަމުންނޭ.
މިރޮނގުން އަޅުގަނޑު ބަލައިލިއިރު، މިދިޔަ އަހަރު އާދެ، 1991ވަނަ އަހަރު ރާއްޖޭގެ ސިފައިންގެ ސަތޭކައަކުން 2، އެއްވަގުތެއްގައި ތިބީ ރާއްޖެއިން ބޭރުގައި. ރާއްޖެއިން ބޭރު އެކި ޤައުމުތަކުގައި. އެކި ކަހަލަ ތަމްރީނު ޙާޞިލްކުރަން. ސިފައިންގެ ކަންތައްތައް ދަސްކޮށް، ހުނަރުވެރިކަން ޙާޞިލްކުރަން. އާދެ، އަޅުގަނޑުމެންނަށް އެހީވެދެއްވާ ވަރަށް ގިނަ ޤައުމުތައްވޭ. އެހުރިހާ ޤައުމުތަކުގެ ނަން ދަންނަވާލުމަކީ، މިފަދަ ޖަލްސާއެއްގައި ކުރެވޭނެ ކަމެއް ނޫން. އެހެންވީމާ، ޖުމްލަގޮތެއްގައި އަޅުގަނޑުމެންގެ ސިފައިންގެ ކަންތައްތައް ތަރައްޤީކޮށް، އިޞްލާޙުކޮށް، ސިފައިންނަށް ބޭނުންވާ ޤާބިލިއްޔަތާއި ތަމްރީނު ހޯދައިދިނުމުގައި އަޅުގަނޑުމެންނަށް އެހީވެދެއްވާ، ބޭރުގެ ހުރިހާ ޤައުމުތަކުގެ ސަރުކާރުތަކަށް، ދިވެހި ސަރުކާރުގެ ނަމުގައި، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވުމަށް މިފުރުޞަތުގެ ބޭނުންކުރަން.
އާދެ، ސިފައިންގެ ކަންތައްތައް އިޞްލާޙުކުރުމަށް ގެނެވުނު ބަދަލުތަކުގެ ތެރޭގައި، ސިފައިންގެ ދިރިއުޅުން، ސިފައިންގެ ތެރޭގައި އުޅެންޖެހޭ ދިރިއުޅުމަށް ބޭނުންވާ ކަންތައްތައް ކޮށްދިނުންވެސް ހިމެނޭ. އެމީހުންގެ ކެއިންބުއިމާއި، ނިދުމާއި، ފެންވެރުމާއި، އެނޫންވެސް ކަންތައްތައް ކުރަންޖެހެނީ ސިފައިންގޭގެ ތެރޭގައި ތިބެގެން ކަމަށްވާތީ، އެޚިދުމަތްވެސް ވެވުނުވަރަކުން ތަރައްޤީކޮށް، ރަނގަޅުކޮށްދެވޭތޯ މަސައްކަތްކުރަމުން މިގެންދަނީ. އެހެންނަމަވެސް، ދަންނަވަންޖެހެނީ، އަޅުގަނޑުމެންގެ ފައިސާގެ ކަންތައްތައް ހުންނަގޮތާއި، ބަޖެޓުގެ ތާށި ހުންނަގޮތުން، ބޭނުންވާހާ އަވަހަކަށް އެކަންތައްތަކެއްވެސް ކޮށެއްނުދެވެއޭ. އެހެންނަމަވެސް، އެއީ އަޅުގަނޑުހިތުން އަޅުގަނޑުމެންގެ ހުރިހާ ދާއިރާއެއްގައިވެސް އަޅުގަނޑުމެން އިޙްސާސް ކުރަންޖެހޭ ބުރައެއް. ހަމައެކަނި ސިފައިންގެތެރެއަކު ނޫން. ސިފައިންގެ އިޖުތިމާޢީ ކަންތައްތައް ތަރައްޤީކޮށް، އެމީހުންގެ ދީނީ ހޭލުންތެރިކަން އިތުރުކޮށްދިނުމަށްޓަކައި ކުރެވޭ ކަންތައްތަކެއްވެސް އެބަހުރި. ސިފައިންގެ ތެރޭގައި ސިފައިންނަށް ނަމާދުކުރެވޭނެ ގޮތަށް މިސްކިތެއް ވަނީ ޢިމާރާތް ކުރެވިފައި. ފަސްވަގުތު ނަމާދަށް ގޮވައި، ބަންގި ގޮވާ މީހަކު ވަނީ ލެއްވިފައި. އަދި ޖަމާޢަތުގައި ނަމާދުކުރުމުގެ އާދަ މިހާރުވަނީ ސިފައިންގެ ތެރެއިން ވަރަށްގިނަ ބަޔަކަށް، އެއާދަ އެމީހުންނަށް ޙާޞިލްވެފައި. ސިފައިން، ސިފައިންގޭގެ ތެރޭގައި ތިބެގެންވެސް އެމީހުންގެ މަޢުލޫމާތު އިތުރުކޮށް، މުއްސަނދި ކުރުމަށްޓަކައި ސިފައިންގެ ތެރޭގައި ލައިބްރަރީއެއް ވަނީ އުފެއްދިފައި. އެއީ، އެމީހަކަށް ލިބޭ ވަގުތުގައި، ބޭނުން މީހަކު ލައިބްރަރީއަށް ގޮސް، އެތަނުން ފޮތް ނަގައިގެން، އެމީހަކު ބޭނުންވާ ރޮނގަކުން މަޢުލޫމާތު އިތުރުކުރުމުގެ މަގުފަހިކޮށްދިނުމުގެ ގޮތުން.
މިކަންތައްތަކުގެ އިތުރަށް، ޢާންމުކޮށް ދޭންޖެހޭ، އަޅުގަނޑު ކުރިން ދެންނެވި ޚިދުމަތްތަކުގެ ވަރަށް ތަފާތު ޚިދުމަތްތަކެއްވެސްވޭ. މިސާލަކަށް، ސިފައިންގެ މުވާޞަލާތުގެ ކަންތައް. ސިފައިންނަކީ އެއްބަޔަކު އަނެއްބަޔަކާ ކުއްލިގޮތެއްގައިވެސް ގުޅަންޖެހިދާނެ ބައެއް. އަދި އެއްބަޔަކު އަނެއްބަޔަކާ ކޮންމެ ވަގުތެއްގައިވެސް ގުޅޭގޮތަށް ތިބެންޖެހޭނެ ބައެއް. އެހެންވީމާ، މުވާޞަލާތާ ބެހޭ އެންމެ މިޒަމާނުގެ ސާމާނު ހޯދައިގެން، ސިފައިންގޭގައި ވަނީ ބެހެއްޓިފައި. ކޮންމެ ތަނެއްގައި ކަމެއް ދިމާވިޔަސް، ވަގުތުން ސިފައިންގެއަށް އެކަން އެންގޭ ގޮތާއި، ސިފައިންގެ އެންމެ މަތީ ފަރާތްތަކުންވެސް ސިފައިންގެ އެހެން އޮފިސަރުންނާއި އަދި އެނޫން މީހުންނާވެސް ވަގުތުން ގުޅޭގޮތަށް ވަނީ ހަމަޖެހިފައި. މީގައި ވަރަށް ބޮޑު ބޭނުމެއް އޮވޭ. ރާއްޖެތެރެއާ ގުޅުން ބަދަހިކުރުމުގެ. އާދެ، އެއީ އަޅުގަނޑުމެންގެ ސަރަޙައްދު ރައްކާތެރި ކުރުން. އަޅުގަނޑުމެންގެ ސިޔާސީ ސަރަޙައްދު ރައްކާތެރިކުރުމާއި، އިޤްތިޞާދީ ސަރަޙައްދު ރައްކާތެރިކުރުން. އެއީވެސް ސިފައިން އަދާކުރާ ވަރަށް މުހިންމު މަސްއޫލިއްޔަތެއް. ދުވާލުގެ ކޮންމެ ވަގުތެއްގައިވެސް އަދި ރޭގަނޑުގެ ކޮންމެ ވަގުތެއްގައިވެސް، ރާއްޖޭގެ ކޮންމެވެސް އަތޮޅަކުން ނުވަތަ ރަށަކުން ޚަބަރެއް ލިބިދާނެ. ބޭރުގެ ބޯޓެއް ފެނުނު ވާހަކަ ނުވަތަ އެނޫންވެސް އާދަޔާ ޚިލާފު ޙާދިޘާއެއްގެ ވާހަކަ. ވަގުތުން ސިފައިންނަށް އެކަން އެނގެންޖެހޭ. އެކަމާ ބެހޭގޮތުންވެސް ވަގުތުން ފިޔަވަޅު އަޅަންޖެހޭ.
އިޤްތިޞާދީ ސަރަޙައްދު ރައްކާތެރި ކުރެއްވުމުގެ ގޮތުން، މިވަގުތު ކުރާ މަސައްކަތްތައް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އެއީ، ސިފައިންގެ ކޯސްޓްގާޑް ސެކްޝަންގައި ކޮންމެވެސްވަރެއްގެ ބާރަށް ދުވާ ލާންޗުތައް މިހާރު އަޅުގަނޑުމެންނަށް ލިބިފައި އެބަހުރި. އެ ލާންޗުތަކުގެ ބޭނުންކޮށްގެންނާއި އަދި މަތިންދާބޯޓުގެ ބޭނުންކޮށްގެން، އަޅުގަނޑުމެން މިގެންދަނީ ރާއްޖޭގެ ސަރަޙައްދު ވެވުނުވަރަކުން ބަލަހައްޓަމުން. ރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދަށް ބަޔަކު ވަދެއްޖެނަމަ، އެކަމުގެ މަޢުލޫމާތު ހަމަ ލިބުމާއެކު، އެކަން ބަލައި، އެކަން ހުއްޓުވުމަށް ނުވަތަ ކަމާބެހޭ ބަޔަކު ޤާނޫނާ ޚިލާފު ޢަމަލުކުރަނީ ކަމުގައިވަންޏާ، އެބަޔަކު ހިފައި، އެބަޔަކާ ދޭތެރޭގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި މަސައްކަތް ކުރެވޭގޮތަށް ވަނީ، މުވާޞަލާތުގެ ކަންތައްތައްވެސް ސިފައިންގެ ތެރޭގައި ހަމަޖެހިފައި. މިދެންނެވި ގޮތުން، ސިފައިންގެ މަސައްކަތްތައް ތަރައްޤީވެ، ފުޅާވެ އަދި ކޮންމެ ކަމަކަށްވެސް ބޭނުންވާ ތަމްރީނު، ސިފައިންނަށް ލިބިދިނުމަށް މިދުވަސްތަކުގައި ނުވަތަ މިވޭތުވެދިޔަ 12، 13 އަހަރު ދުވަހުގެ ތެރޭގައި ވަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވިފައި.
އާދެ، ސިފައިންނަށް މިއަންނަ ބަދަލުތަކުގައިވެސް، ވަރަށް ގިނަ ފަރާތްތަކެއްގެ އެހީވަނީ އަޅުގަނޑުމެންނަށް ލިބިފައި. ސަރުކާރުން އަދި ކަމެއް ރޭވިޔަސް އަދި ސިޔާސަތެއް ރޭވިޔަސް، އެކަން ތަންފީޛު ކުރާނެ ބަޔަކު ނެތް ކަމުގައިވަންޏާ، އެ ސިޔާސަތެއް ރޭވުމުގެ ބޭނުމެއްވެސް ނޯންނާނެ. އެއިން ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެ. އެހެންކަމުން، އަޅުގަނޑުމެންގެ ސަރުކާރުގެ ތެރޭގައިވެސް، ސަރުކާރުގެ ސިޔާސަތާއި، ސަރުކާރުގައިވާ ކަންތައްތައް ހިންގުމަށްޓަކައި ވަރަށްގިނަ ފަރާތްތަކެއް ތިބެންޖެހޭ. ސިފައިންގެ ކަންތައްތައް ތަރައްޤީކޮށް، އިޞްލާޙުކޮށް، އެމީހުންނަށް ބޭނުންވާ ހުނަރުވެރިކަމާއި، ޤާބިލިއްޔަތު ހޯދައިދިނުމަށް މަސައްކަތް ކުރާ އެންމެ އިސްފަރާތަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީ. އެ މިނިސްޓްރީގެ ދަށުން އެކަންތައްތައް ހިންގަމުން ގެންދަނީ. އެހެންވީމާ، އެމިނިސްޓްރީގެ ވެރިންނާއި، އެހެން މުވައްޒަފުންގެ އެހީ މިކަމުގައި ވަރަށް ބޮޑަށް ދަނީ ލިބެމުން. ހަމައެއާއެކީގައި، ބައެއް އެހެން މިނިސްޓްރީތަކުގެވެސް އެހީތެރިކަމާއި އެއްބާރުލެއްވުން ވަރަށްގިނަފަހަރަށް ބޭނުންވޭ. ސަރުކާރުގެ ހުރިހާ މިނިސްޓްރީތަކެއްގެ އެހީއާއި އެއްބާރުލެއްވުންވެސް ދަނީ ލިބެމުން. އަދި އެ ތަންތަން ހިންގަވާ މިނިސްޓަރުންގެ އެއްބާރުލެއްވުމާއި އެހީތެރިކަންވެސް ދަނީ ލިބެމުން. އެހެންކަމުން، އެބޭފުޅުންނަށްވެސް އާދެ، ސިފައިންގެ ތެރޭގައި ނުހިމެނުނު ކަމުގައިވިޔަސް އަދި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީގެ ދާއިރާގައި މަސައްކަތްޕުޅު ނުކުރެއްވި ކަމުގައިވިޔަސް، ސަރުކާރުގެ ހުރިހާ ވަޒީރުންނަށާއި، އެވަޒީރުން ހިންގަވާ ވުޒާރާތަކުގައި ތިއްބަވާ އިސްވެރިންނަށާއި މުވައްޒަފުންނަށް މި ފުރުޞަތުގައި ސިފައިންގެ ނަމުގައި އަޅުގަނޑު ޝުކުރު ދަންނަވަން.
އާދެ، ކުރިންވެސް ދެންނެވިފަދައިން، މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، ސިފައިންގެ ކަންތައްތައް ތަރައްޤީކޮށް، މިއަދުގެ ދުނިޔޭގައި ކަންތައްތައް ރޭވިފައިވާގޮތާ އެއްގޮތަށް، ރާއްޖޭގެ ސިފައިންގެ ކަންތައްތައްވެސް ގެންދެވޭތޯ، އެންމެ ބުރަކޮށް މަސައްކަތް ކޮށްދެއްވި ފަރާތަކީ، ކުރީގެ ސިފައިންގެ ވެރިޔާގެ ނައިބު އަދި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީގެ ނައިބު އަލްފާޟިލް އިލްޔާސް އިބްރާހީމް. އޭނާ އެކުރެއްވި މަސައްކަތްތަކުގެ އަގު ސަރުކާރުން ވަރަށް ބޮޑަށް ވަޒަންކުރޭ.
އާދެ، ސަރުކާރުގައި ތިއްބަވާ މިނިސްޓަރުންނަކީ، އެވަގުތަކު ސަރުކާރަށް އެބޭފުޅެއްގެ ޚިދުމަތް އެންމެ ބޮޑަށް ބޭނުންވި ރޮނގެއްގައި މަސައްކަތްޕުޅު ކުރައްވަން ތިއްބަވާ ބޭފުޅުންކޮޅެއް. އެހެންކަމަށްވުމާއެކު، މިނިސްޓަރުންގެ މަސްއޫލިއްޔަތު ބަދަލުވުމަކީ އެކަށީގެންވާ ކަމެއް. އެއީ، ހަމައެކަނި މިރާއްޖޭގައި ހިނގާ ކަމެއް ނޫން. ދުނިޔޭގެ އެހެން ތަންތާނގައިވެސް އެއް މިނިސްޓްރީއަކުން އެހެން މިނިސްޓްރީއަކަށް ބަދަލުވެވަޑައިގަންނަވަން ޖެހިވަޑައިގެންފާނެ. އެއީ، އެކި ދަނޑިވަޅުގައި، އެކި ފުރުޞަތުގައި، ސަރުކާރުން މުހިންމުކަން ދޭ އެކި ދިމަދިމާ ހުންނާތީ، އެކި ކަންތައްތައް ހުންނާތީ، އެކަމެއް އެންމެ އެދެވޭގޮތެއްގައި ގެންދެވޭނީ، ވަކި މިނިސްޓަރަކަށް ކަމަށް ސަރުކާރަށް ފެނިއްޖެ ހިނދެއްގައި، އެބަދަލު ގެނައުމަކީ، ދުނިޔޭގެ އެހެން ތަންތާނގައިވެސް ކުރަމުން އަންނަ ކަމެއް. މިރާއްޖޭގައިވެސް އެކަން މިހާރުވެސް އަދި މީގެ ކުރިންވެސް، ކުރީ ދައުރުތަކުގައިވެސް، ހިނގަމުން އައިސްފައި ވަނީ އެހެން. އެހެން ކަމަށްވާތީ، މިއަދު އަލްފާޟިލް އިލްޔާސް އިބްރާހީމް އެ ހުންނެވީ އެހެން މަޤާމެއްގައި ކަމުގައިވިޔަސް، ކުރިން މިދެންނެވި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީގެ މަޤާމުގައި އޭނާ ހުންނެވި ދުވަސްވަރު އަދި ސިފައިންގެ ވެރިޔާގެ ނައިބު ކަމުގެ މަޤާމުގައި ހުންނެވި ދުވަސްވަރު، އޭނާ އެކޮށްދެއްވި ޚިދުމަތުގެ އަގު އަޅުގަނޑު މިމަޤާމުގައި ހުރެގެން ވަޒަންކުރަން. އަދި އަޅުގަނޑަށް ޔަޤީންވާ ގޮތުގައި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީގެ އިސް ވެރިންނާއި އަދި ސިފައިންގެ އެންމެންވެސް އެ ޚިދުމަތުގެ އަގު ވަޒަންކުރޭ.
ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑުމެންގެ ރާއްޖޭގެ ސިފައިންނަކީ، ވަރަށް އަވަދިނެތިކޮށް، ވަރަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ބަޔަކަށްވާތީ، އެމީހުންނަށް ދިމާވާ ވަރަށް ގިނަ ދަތިތަކެއްވެސް ހުރޭ. އާދެ، އެންމެ ބޮޑު ދައްޗަކީ، އަޅުގަނޑުމެންގެ ޤައުމުގެ ކުޑަކަން. އަޅުގަނޑުމެންގެ ގުޅުންތައް އޮންނަގޮތް. އަޅުގަނޑުމެން ސިފައިންގެ ގޮތުގައި ތިބެގެން ނުކުމެ މަސައްކަތް ކުރާއިރު، އަޅުގަނޑުމެންގެ ޢާއިލާގެ މެންބަރުންނާ ބެހޭގޮތުންވެސް ކަމެއް ކުރަން ޖެހިދާނެ. ނުވަތަ ވަރަށް ގާތް ރައްޓެއްސަކާ ބެހޭގޮތުންވެސް ފިޔަވަޅެއް އަޅަންޖެހިދާނެ. އެކަން އެހެން ދިމާވުމަކީ، ނަފްސާނީ ގޮތުންވެސް ވަރަށް ދަތިކަމަކަށްވާނެކަން ޔަޤީން.
އެހެންވީމާ، އެމީހުންނަށް ދިމާވާ ބުރައަކީ، ހަމައެކަނި އެމީހުންގެ މަސައްކަތުގެ ބުރަކަމެއް ނޫން. އެމީހުން މުޖުތަމަޢުގެ ތެރެއަށް ނުކުމެ، އެމީހުންގެ ވާޖިބު އަދާކުރުމުގައި، މިދަންނަވާ ކަހަލަ ދަތިތައް އެމީހުންނަށް ދިމާވުން އެއީވެސް އަޅުގަނޑުމެންގެ ރާއްޖޭގެ ސިފައިންނަށް ވަރަށް ގިނައިން ދިމާވާ ކަމެއް. ހަމަ ކޮންމެ ދުވަހަކުވެސް ދިމާވާ ކަމެކޭ ދެންނެވިދާނެ. އެއީ، ސިފައިންގެ ވާޖިބުތަކުގެ ތެރެއިން އެއް ވާޖިބެއް. އަމަންއަމާންކަން ރައްކާތެރިކުރުން. ޤައުމުގެ މަޞްލަޙަތާއި ހަމަޖެހުން ދެމެހެއްޓޭތޯ ބެލުން. ޝައްކެއްނެތް، ތަނެއްގެ އަމަންއަމާންކަމާއި ހަމަޖެހުމަކީ، އެތަނެއް ކުރިއަށްދިޔުމުގެ އެންމެ ވަރުގަދަ ސިއްރު. ހަމަނުޖެހުން އޮތް އެއްވެސް ތަނެއް، އެއްވެސް ރޮނގަކުން ކުރިއަކަށް ނުދާނެ. މިއީ އިތުރަށް ދަންނަވަން ބޭނުންވާ ވާހަކައެއްވެސް ނޫން. އަޅުގަނޑުމެންގެ ވަށައިގެންވާ ޤައުމުތަކަށް ބައްލަވައިލެއްވިޔަސް އަދި ދުނިޔޭގެ އެހެން ތަންތަނަށް ބައްލަވައިލެއްވިޔަސް، ތިޔަ ހުރިހާ ބޭފުޅުންނަށް ރަނގަޅަށް ވަޒަންކުރެއްވޭނެ. ތަނެއްގައި އޮންނަ ސިޔާސީ ހަމަޖެހުމާއި، ތަނެއްގައި އޮންނަ އަމަންއަމާންކަން އެއީކަން އެތަނެއް ކުރިއަށްދިޔުމަށް އޮތް އެންމެ ބޮޑު ސަބަބަކީ.
ޝައްކެއްނެތް، ﷲގެ ރަޙްމަތްފުޅުން އަޅުގަނޑުމެންގެ ރާއްޖެއަކީ، ނޮވެމްބަރ 3ގެ ޙާދިޘާ ފިޔަވައި، މިވޭތުވެދިޔަ އެތައް އަހަރު ދުވަހެއްގެ ތެރޭގައި، އެއްވެސް ކަހަލަ ނުރައްކާތެރި ކަމަކާ ދިމާވާން ޖެހިފައިނުވާ ތަނެއް. އެއްވެސް ކަހަލަ ހަމަނުޖެހުމެއް އުފެދިފައިވާ ތަނެއް ނޫން. އެހެންކަމުން، އަޅުގަނޑުމެންނަށް ލިބިފައި މިވާ ހަމަހިމޭންކަމާއި، އަމަންއަމާންކަމުގެ ހިޔާވަހީގައި ތިބެގެން، އިޤްތިޞާދީ ގޮތުންނާއި، އެހެނިހެން ގޮތްގޮތުން ދިވެހި ޤައުމު ކުރިއަށްދިޔުމުގެ ފުރުޞަތު ވަނީ ކިތަންމެ ރަނގަޅަކަށްވެސް އަޅުގަނޑުމެންނަށް ލިބިފައި. އޭގެ ނަތީޖާ އަޅުގަނޑުމެންނަށް މިހާރު މިދަނީ ފެންނަމުން. އަޅުގަނޑުމެންގެ ތެރޭގައިވާ ތަނަވަސްކަމާއި މުއްސަނދިކަން، ޝައްކެއްނެތް، މީގެ 15 އަހަރުގެ ކުރިއާ އަޅައިބަލާއިރު ވަރަށް ތަފާތު. އަދި ރާއްޖެ ދުނިޔެއަށް ތަޢާރުފްވެފައިވާ މިންވަރާއި، ރާއްޖެއަށް ޓޫރިސްޓުން އަންނަ ޢަދަދާއި، ރާއްޖެއަކީ ހަމަހިމޭންކަން ލިބިފައިވާ، ހިނިތުންވެފައިވާ މޫނުތަކެއްގެވެރި ރައްޔިތަކު ތިބޭ ތަނެއްކަން، ދުނިޔޭގެ ހުރިހާ ދިމާއަކުން އަންނަ މީހުންވެސް ފާހަގަކުރޭ. އެބޮޑު ނިޢުމަތް އަޅުގަނޑުމެންނަށް މިލިބެނީ، ރަށުގައި އަމަންއަމާންކަން ޤާއިމުވެފައި އޮވެގެން، ޞުލްޙަމަޞްލަޙަތު ދެމެހެއްޓިގެން. މިމުހިންމު ވާޖިބު އަދާކުރަން ތިބޭ ބަޔަކީވެސް ސިފައިން.
އެހެން މިދެންނެވީ، ކޮންމެ ތަނެއްގައިވެސް ތިބޭނެ، އެކި ސަބަބުތަކާ ހުރެ ހިތްހަމަނުޖެހިފައި ތިބޭ މީހުން. އެމީހުން ސަރުކާރާ ދޭތެރޭގައި އެކިއެކި ޢަމަލުކުރުމަކީ އެކަށީގެންވާ ކަމެއް. އެހެންނަމަވެސް، އެކަންތައްތައް އެމީހުން އެކުރަނީ، ޤާނޫނާ ޚިލާފު ރޮނގަކުން ކަމަށްވަންޏާ، އެމީހުންގެ މައްސަލަތައް ބަލައި، ތަޙުޤީޤުކޮށް، އެމީހުން ޢަދްލު އިންޞާފުގެ ކުރިމައްޗަށް ގެނައުން އެއީ، ސިފައިންނަށް ކުރަންޖެހޭ ކަމެއް. މިބާވަތުގެ ކަންތައްތައް ކުރަންޖެހޭތީ، ސިފައިންނާއި، ޢާންމު ރައްޔިތުންނާ ދޭތެރޭގައި ބައެއްފަހަރަށް ހިސާބަކަށް ހިތްހަމަނުޖެހުމުގެ ޝުޢޫރުތައް އުފެދޭގޮތް ދިމާވޭ. އެހެންނަމަވެސް، އެއީ، އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭނެ ކަމެއް. ސިފައިންގެ ވާޖިބު އެމީހުން ދަންނަކަމަށްވަންޏާ، ވާޖިބު އަދާކުރަންޖެހޭ ކަމަށްވަންޏާ، ޤާނޫނާ ޚިލާފަށް ޢަމަލުކުރާ މީހުންނާ ދޭތެރޭގައި ފިޔަވަޅު އަޅަންޖެހޭނެ.
އާދެ، އަޅުގަނޑު މިވާހަކަ ދަންނަވާއިރު، އަޅުގަނޑުމެންގެ ރާއްޖޭގެ ސިފައިން އަދާކުރި މުހިންމު ކަންތައްތަކުގެ ތެރޭގައި، ފާހަގަކޮށްލެވޭ އެއްކަމެއްގެ ވާހަކަ މިއަދުވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. އާދެ، އެއީ، 3 ނޮވެމްބަރ 1988 ދުވަހު، އެމީހުން އެކުރި މަތިވެރި ޖިހާދު. މީގެކުރީގެ އެތައް މުނާސަބަތެއްގައިވެސް އަޅުގަނޑު މިވާހަކަ ވަނީ ދައްކާފައި. އެހެންނަމަވެސް، އަޅުގަނޑަށް ދަންނަވަންޖެހެނީ، އެވާހަކައަކީ މިފަދަ ކޮންމެ މުނާސަބަތެއްގައި ދައްކަންޖެހޭނެ ވާހަކައެކޭ. އެދުވަހު އަޅުގަނޑުމެންނަށް އެ ލިބުނު ފިލާވަޅާއި ޢިބްރަތަކީ، ދުވަހެއްގައިވެސް އަޅުގަނޑުމެން ހަނދާންނެތިކޮށްލައިގެން ވާނެ ޢިބްރަތަކާއި ފިލާވަޅެއް ނޫނޭ. ދެން ނޮވެމްބަރު 3 އަންނާނީ ކޮން މަހެއްގެ، ކޮން ދުވަހެއްގައިކަން އެކަކަށްވެސް ނޭނގެ. އެހެންނަމަވެސް، އެއީވެސް ވެދާނެ ކަމެއްކަން އަޅުގަނޑުމެންނަށް މިހާރު ތަޖުރިބާއިން މިއޮތީ އެނގިފައި. އެކަން އެހެން އޮތުމާއެކު، ދެން އަންނަ ނޮވެމްބަރ 3 އަށްވެސް އަޅުގަނޑުމެން ތިބެންޖެހޭނީ ތައްޔާރަށް.
އެހެންވީމާ، އެދުވަހު އަޅުގަނޑުމެން ތައްޔާރަށް ނެތް ޙާލަތެއްގައި، ކުއްލިއަކަށް ދިމާވި ޙާދިޘާއެއްގައިވެސް އަޅުގަނޑުމެންގެ ސިފައިން އެސާބިތުކޮށްދިން ހިތްވަރުގަދަކަމާއި ޤުރުބާނީއަކީ، އަޅުގަނޑުހިތުން އަޅުގަނޑުމެންގެ ތާރީޚުން ދުވަހަކުވެސް ފޮހެވިގެންދާނެ ޤުރްބާނީއަކާއި ސާބިތުކަމެއް ނޫން. އޭގެތެރެއިން، ވަރަށް ގިނަ ބަޔަކު، އެއްވެސް ކުށެއްނެތި އެމީހުންގެ ލޭ އެދިޔައީ އޮހޮރިގެން. އެމީހުންގެ ފުރާނަޔާއި ނަފްސުން އެވީ ޤުރްބާނީއަކީ އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަންޖެހޭނެ ޤުރްބާނީއެއް. އާދެ، ސިފައިންގެ ތެރޭގައި ހިމެނޭ 8 މެންބަރަކު އެދުވަހު ވަނީ ޝަހީދުވެގެން ގޮސްފައި. ޢާންމު ރައްޔިތުންގެ 11 މީހުން ވަނީ ޝަހީދުވެގެން ގޮސްފައި. މި 19 މީހުންގެ ހަނދާން އަޅުގަނޑުމެން އަބަދުވެސް ކުރަންޖެހޭނެ. އެމީހުން އެއޮހޮރުވާލި ލޭ އެއީ، އަޅުގަނޑު ދަންނަވާނީ، ދިވެއްސަކު ދުނިޔޭގައި ހުރިހާ ހިނދަކު އަދި އެ ދިވެއްސެއްގެ ހަށިގަނޑުގެ ނާރުތަކުގައި ތާޒާކަމާއެކު ލޭ ހިނގަމުން ދިޔަހާ ދުވަހަކު ހަނދާންނެތިގެންދާނެ އެއްޗެއް ނޫން.
އެހެންވީމާ، މި މުނާސަބަތުގައިވެސް އަޅުގަނޑު އެވާހަކަ ތަކުރާރުކޮށް ދަންނަވާލަން ބޭނުން. އަދި އަޅުގަނޑުމެންނަށްޓަކައި އަޅުގަނޑުމެންގެ އަނބިދަރިންނަށްޓަކައި، އަޅުގަނޑުމެންގެ އަންނަން އޮތް ޖީލަށްޓަކައި، އަޅުގަނޑުމެންގެ ދީނަށްޓަކައި، އަޅުގަނޑުމެންގެ ޤައުމަށްޓަކައި، އަޅުގަނޑުމެންގެ މިނިވަންކަމަށްޓަކައި، އެދުވަހު އެޝަހީދުވި ސިފައިންގެ 8 މީހުންގެ ހަނދާން މިއަދު ވަފާތެރިކަމާއި ލޯތްބާއެކު އަޅުގަނޑު އާކުރަން. އަދި ހަމަ އެއާއެކީގައި، އެއްވެސް ކުށެއްނެތި، އެދުވަހު އެ ޝަހީދުވެގެންދިޔަ ޢާންމު ރައްޔިތުންގެ 11 މީހުންގެ ހަނދާންވެސް އެހާމެ ވަފާތެރިކަމާއި، ލޯތްބާއި އެކީގައި އަޅުގަނޑު ހަނދާންކުރަން. ޝައްކެއްނެތް، އެފަދަ މީހުން އެވާ ޤުރުބާނީގެ ސަބަބުން ޤައުމަށް ދިރުން ލިބޭނީ. ޤައުމަށްޓަކައި، ދީނަށްޓަކައި، މިނިވަންކަމަށްޓަކައި ޤުރްބާންވާން ބަޔަކު ނެތިއްޖެ ހިނދެއްގައި، އެޤައުމަކީ ފަނާވެގެންދާނެ ޤައުމެއް. ދުނިޔޭގައި އޮންނާނެ ޤައުމެއް ނޫން. އެއީ، ދުވަހެއްގައިވެސް އަޅުގަނޑުމެން ދިވެހިރާއްޖެއަށް އެދޭގޮތެއް ނޫން. އަޅުގަނޑުމެންގެ ރާއްޖެ ދިފާޢުކުރުމަށް އަބަދުވެސް ބަޔަކު ތިބެންޖެހޭނެ.
އާދެ، ދިވެހި ރައްޔިތުންނަކީވެސް އެ ރޮނގުގައި ރައްޔިތުންގެ ފުރިހަމަ ވާޖިބު އަދާކުރައްވަން ތިއްބެވި ރައްޔިތެއްކަން އަޅުގަނޑު ހެޔޮހިތުން ޤަބޫލުކުރަން. އެހެންނަމަވެސް، ރައްޔިތުންގެ ކުރިން އެކަމަށް ތައްޔާރުވެގެން ތިބޭ ބަޔަކު ތިބެން އެބަޖެހޭ. އެކަމުގެ ތަމްރީނު ހޯދައިގެން، އެކަމުގެ ހަތިޔާރު އަޅައިގެން ތިބޭ ބަޔަކު ހޯދަން އެބަޖެހޭ. އެހެންވީމާ، އެކަހަލަ ބަޔަކު ތައްޔާރުކޮށްފައި ބައިތިއްބުމަކީ ސަރުކާރުގެ ވާޖިބެއް. އަދި އެބަޔަކު އެކުރާ ޖިހާދާއި ޤުރްބާނީގެ އަގަކީ، އަޅުގަނޑުމެން އަބަދުވެސް ވަޒަންކުރަންޖެހޭނެ އެއްޗެއް.
އާދެ، އިސްލާމްދީނާއި ޤައުމު ދިފާޢުކޮށް، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކުރުމަކީ، ވަރަށްވެސް މާތް ޝަރަފްވެރި މަސައްކަތެއް. އެއީ، ދީނީގޮތުން ބެލިނަމަވެސް، އަދި ދުނިޔަވީގޮތުން ބެލިނަމަވެސް، ދެމީހަކު ދެބަސްވާނެ ކަމެއް ނޫން. މިޖަލްސާ ފެށުމުގެ ކުރިން، އަޅުގަނޑުމެންނަށް އިވިގެންދިޔަ ކީރިތި ޤުރްއާނުގެ ބަރަކާތްތެރި އާޔަތްތަކުގެ ތެރެއިން އާޔަތެއްގައި ﷲ އަންގަވާފައިވޭ. "وَأَعِدُّوا۟ لَهُم مَّا ٱسْتَطَعْتُم مِّن قُوَّةٍۢ وَمِن رِّبَاطِ ٱلْخَيْلِ." (الأنفال: 60) "ތިޔަބައިމީހުން އެބައިމީހުންނަށްޓަކައި، ތިޔަބައިމީހުންނަށް ކުޅަދާނަވީހާވަރަކަށް ތިޔަބައިމީހުންގެ ބާރުތައް ތައްޔާރުކޮށްގެން ތިބޭށޭ. އަދި އަސްތައް ބަނދެ އަސްތައްވެސް ތައްޔާރުކޮށްގެން ތިބޭށޭ." އާދެ، އެ ޤުރްއާން ބާވައިލެއްވި ޒަމާނަކީ، އަޅުގަނޑުމެން މިހާރު މިދިރިއުޅޭ ޒަމާނާ ވަރަށް ތަފާތު ޒަމާނެއް. އެ ޒަމާނުގައި އެންމެ ވަރުގަދަ ހަނގުރާމަތައް ކުރެވެނީ އަސްމައްޗަށް ސަވާރުވެ ތިބެގެން. އެހެންކަމުން، "ތިޔަބައިމީހުން އަސްތައް ބަނދެ، އަސްތައް ތައްޔާރުކޮށްގެން ތިބޭށޭ" އެންގެވުމުގެ މުރާދަކީ، ހަނގުރާމައަށް ބޭނުންވާ ހުރިހާ ތައްޔާރުތަކެއް ވެގެން ތިބޭށޭ. މިޒަމާނުގައި އަޅުގަނޑުމެންގެ އެއްވެސް ހަނގުރާމައެއްގައި އަހެއް ބޭނުމެއްނުކުރެވޭ.
އެހެންވީމާ، މިޒަމާނުގައި އަޅުގަނޑުމެން ތައްޔާރުކުރަންޖެހެނީ މިޒަމާނުގެ ހަތިޔާރުތައް. މިޒަމާނުގައި ބޭނުންކުރާ މަތިންދާ ބޯޓާއި، މަނަވަރާއި، ޓޭންކްތަކާއި، އެކިއެކި ރޮކެޓްތަކާއި، ބޮމާއި، އެފާޑުގެ އެއްޗެތި. ވާހަކައަކީ، ޢަދުއްވުންނާ ކުރިމަތިލާން ތިޔަބައިމީހުން ތައްޔާރުވެގެން ތިބޭށޭ. ޢަދުއްވުން އަންނާނީ ކޮންދިމާއަކުންކަން، ކޮންއިރަކުންކަން، އެއީ އެކަކަށްވެސް އެނގޭ އެއްޗެއް ނޫން. ޚާއްޞަކޮށް، ކުރިން ދެންނެވި ނޮވެމްބަރު 3ގެ ޙާދިޘާއިން އަޅުގަނޑުމެންނަށް ސާބިތުވިކަމަކީ އެއީ.
އެހެންވީމާ، އެފަދަ ބަޔަކު ޤައުމާ ދިމާކުރަން، ޤައުމުގެ މިނިވަންކަން ދަމައިގަންނަން، ޤައުމުގެ ސިޔާދަތަށް އުނިކަން ދޭން، ރައްޔިތުންނަށް ނުރައްކާތަކެއް ކުރިމަތިކުރަން ބަޔަކު އަތުވެދާނެކަމަށްޓަކައި ތައްޔާރުވެގެން ތިބުމަކީ އަދި އިސްލާމްދީނާއި ޤައުމުގެ ދިފާޢުގައި މަސައްކަތް ކުރުމަކީ އެއީ، ވަރަށް މަތިވެރި، ވަރަށް މާތް މަސްއޫލިއްޔަތަކާއި ޝަރަފެއްކަން، އަޅުގަނޑު މިދެންނެވި އާޔަތުން ވަރަށް ރަނގަޅަށް އެނގޭ. އެހެންވީމާ، އެ މުހިންމު ވާޖިބު އަދާކުރާ ބަޔަކީ، އަޅުގަނޑުމެންގެ ސިފައިން ކަމަށްވީތީ، އަޅުގަނޑުމެން އެންމެންވެސް އެކަން ދަނެ، ސިފައިންނާ ދޭތެރޭގައި އަޅުގަނޑުމެންގެ ހިތުގައިވާ ޝުޢޫރުތައް އެގޮތުގެމަތިން އޮންނަންޖެހޭނެ ކަމަށް އަޅުގަނޑަށް ދަންނަވަންޖެހޭ.
އާދެ، ސިފައިންގެ އާ ލަވަ، މިއަދު މިޖަލްސާގެ ކުރީކޮޅުގައި އަޅުގަނޑުމެންނަށް އިވިގެން ހިނގައްޖެ. އެލަވައިގައިވެސް އެޝުޢޫރުތައް ވަނީ ސިފައިން ފާޅުކޮށްފައި. ތިމަންނަމެން މިތިބީ ރެޔާއިދުވާލު، ވާރެޔާއި އަވީގައި ހެޔޮހިތުން ރައްޔިތުންނަށް ޚިދުމަތްކޮށްދޭށޭ. އެއީ، ސިފައިންގެ މޮޓޯއަކީ. އެއީ ސިފައިންގެ އުޞޫލަކީ. އެ އުޞޫލު ސިފައިން އެހެން ގެންގުޅޭ ކަމަށްވަންޏާ، އަޅުގަނޑުމެން ޢާންމު ރައްޔިތުން އެކަން ވާނެ ދަންނަން.
އާދެ، މިއަދު އަޅުގަނޑުގެ ވާހަކަ ނިންމާލުމުގެ ކުރިން، އިތުރު ވާހަކައެއް ދަންނަވާލުމަށްވެސް ވަނީ ހަމަޖެހިފައި. އާދެ، އެއީ އަޅުގަނޑުމެންގެ ސިފައިންގެ ތެރެއިން ވަކިވެލައްވާފައިވާ ބޭކަލުން އެބަ ތިއްބެވި. މިއަދުގެ މިޖަލްސާގައިވެސް އެބޭކަލުން އެބަ ތިއްބެވި. އަދި ސިފައިންގެ 100 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވޭ އެކި ކަންކަމުގައި، ސިފައިންގެ ތެރޭގައި ކުރީގައި އުޅުއްވި ބޭކަލުންގެ ވަރަށް މުހިންމު ކަންތައްތަކެއްވެސް ވަނީ އެކުލެވިފައި. އެހެންކަމުން، އެބޭކަލުންނަށް ޝުކުރު ދެންނެވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމުގައި ދަންނަވަންޖެހޭ. އެބޭކަލުން މިއަދުގެ މުނާސަބަތުގައި، މިހާރުގެ ސިފައިންނާ އެއްބާރުލައްވައި، މިރަސްމިއްޔާތު މިހާ ކުލަގަދަގޮތެއްގައި ފާހަގަކުރައްވާކަމީ، އެބޭކަލުންގެ ހިތުގައި ދިވެހި ޤައުމަށާއި، ދިވެހި ސިފައިންނަށް އޮތް އިޚްލާޞްތެރިކަމެއްގެ ބޮޑުކަންކަން އަޅުގަނޑުމެންނަށް ރަނގަޅަށް ވަޒަންކުރެވުނު. އާދެ، އެހެންކަމުން، ސިފައިންގެ ތެރެއިން ވަކިވާ މީހުންނަށް، ކުށެއްނެތި ވަކިވާ މީހުންނަށް، އެމީހުންގެ ނަން، އެމީހަކު ވަކިވިއިރު ހުރި މަޤާމާއެކު ބޭނުންކުރަން ފެށުމުގެ ހުއްދަ، މިއަދުން ފެށިގެން ދޭގޮތަށް ވަނީ ހަމަޖެހިފައި. ހަމައެފަދައިން، އެފަދަ މީސްމީހުންނަށް ލިބިފައިވާ ޝަރަފްގެ ނިޝާންތައްވެސް، ސިފައިންގެ އެކިއެކި މުނާސަބަތުތަކުގައި ބޭނުންކުރަން ފެށުމުގެ ހުއްދަ، މިއަދު ވަނީ، މިއަދުން ފެށިގެން ދޭގޮތަށް ހަމަޖެހިފައި. އާދެ، މިކަމަކީ ދުނިޔޭގެ އެހެން ތަންތާނގައިވެސް އެކަން ހަމަޖެހިފައި އޮންނަ އުޞޫލު. އެހެންކަމުން، އެ ޙައްޤު އެއީ، ސިފައިންގެ ތެރޭގައި ވަފާތެރިކަމާއި އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރައްވާފައި، އެކިއެކި ސަބަބުތަކާހުރެ ވަކިވެލައްވަން ޖެހިލައްވާ ބޭކަލުންނަށް ރާއްޖޭގައިވެސް ހަމަޖެހިފައި އޮންނަންޖެހޭނެ ޙައްޤަކަށްވާތީ، އެކަން މިއަދު މާތްﷲގެ ވާގިފުޅާއެކު މިހަމަޖެއްސީ.
އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، ދިވެހި ޤައުމަށް، ޤައުމުގެ ސިޔާދަތާއި މިނިވަންކަން ރައްކާތެރިކޮށް، ޙިމާޔަތްކޮށް ދެމެހެއްޓުމުގެ ތައުފީޤު اللّـه سبحـانـه وتعـالى ދެއްވުން އެދި ދުޢާކުރަމުން. ދިވެހި ރައްޔިތުންނަށް ދިވެހިރާއްޖެ ދިފާޢުކޮށް، އިސްލާމްދީން ޙިމާޔަތް ކުރުމުގެ މަތިވެރި ތައުފީޤު ދެއްވުން އެދި އެކަލާނގެ ޙަޟްރަތުގައި ދަންނަވަމުން. އަދި ޚާއްޞަކޮށް، ދިވެހި ސިފައިންނަށް، އެމީހުންގެ ބުރަ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގައި، އެކަލާނގެ ހެޔޮ ތައުފީޤު އެމީހުންނަށް މިންވަރުކުރެއްވުން އެދި އެކަލާނގެ ޙަޟްރަތަށް އިބްތިހާލުކުރަމުން. އާދެ، ދިވެހިރާއްޖެއަކީ އަބަދަށްޓަކައި މިނިވަން، މުސްތަޤިއްލު، އަމަންއަމާންކަން ލިބިގެންވާ، ޞުލްޙަމަޞްލަޙަތު ހަމަޖެހިފައިވާ ޤައުމެއް ކަމުގައި މާތްﷲ ލައްވާށި!
والسّــلام عليــكم ورحـمــة اللّـه وبـركاتـه.