بســم اللّـه الرّحمـن الرّحيــم

އާދެ، މިއަދަކީ، ދުނިޔޭގެ ތިމާވެށީގެ ދުވަސް. ދުނިޔޭގެ ތިމާވެށީގެ ދުވަސް އަޅުގަނޑުމެން މިއަދު މި ފާހަގަކުރަނީ، އެކަމާ ގުޅޭ މާޙައުލެއް އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ފެންނަމުންދާ ދުވަހެއްގައޭ ދަންނަވަންޖެހެނީ. އާދެ، ތަންކޮޅެއް ވައިބާރު، ވިއްސާރަ، ރާޅުބޮޑު ދުވަހެއް މިއަދަކީ. މިކަންތައްތައް މިހެން ފެނުމުން، ރާއްޖެފަދަ ފަސްގަނޑު ތިރި، ކުޑަ ޤައުމަކަށް ދުނިޔޭގެ ތިމާވެށްޓަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ދިމާވެދާނެ ނުރައްކާތައް އަޅުގަނޑުމެންގެ ހިތަށް ވަރަށް ފަސޭހައިން ގެނެވޭ.

ކޮންމެއަކަސް، ދުނިޔޭގެ ތިމާވެށި ރައްކާތެރިކުރުމަކީ، އަދި އަޅުގަނޑުމެންގެ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަކީ، މިއަދު އަޅުގަނޑުމެން ވަރަށްބޮޑު އިސްކަމެއް ދޭން ޖެހިފައިވާ ކަމެއް. އާދެ، އޭގެ ތަފްޞީލަށް ކޮންމެހެން ދާކަށް ނުޖެހޭ. އަޅުގަނޑުމެންނަށް މީގެ ތިން އަހަރު ކުރިން، 1987 ވަނަ އަހަރު ކުރިމަތިވި ރާޅުއެރުމުގެ ހާދިސާއިން އަޅުގަނޑުމެންނަށް ޔަޤީންކުރެވޭ، ރާއްޖޭގެ ރަށްތައް އެކަށީގެންވާ ގޮތެއްގައި ޙިމާޔަތް ނުކުރެވިއްޖެނަމަ، މުސްތަޤްބަލްގައި އަޅުގަނޑުމެން ވަރަށް ބޮޑެތި ނުރައްކާތަކާ ކުރިމަތިލާންޖެހޭނެ ކަމަށް.

އާދެ، ދުނިޔޭގެ ތިމާވެށީގެ ދުވަސް އަޅުގަނޑުމެން މިއަދު މި ފާހަގަކުރަނީ، އަޅުގަނޑުމެންގެ ތިމާވެށި ރައްކާތެރިކުރުމަށް ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ތެރެއިން އެއް ފިޔަވަޅެއް، އޭގެ ނިމުމަކާ ހަމައަށް އައި ދުވަހަކީ، މިއަދު ކަމަށްވެސްވާތީ. އާދެ، އެއީ މާލޭގެ ދެކުނު ފަރާތުގެ ކަނޑުތޮށިލުމުގެ މަޝްރޫޢު. އެ މަޝްރޫޢުގެ ނިމުން އަޅުގަނޑުމެން މިއަދު މި ފާހަގަކުރަނީ. ޝައްކެއްނެތް ގޮތުގައި، މި މަޝްރޫޢަކީ އަޅުގަނޑުމެންގެ ތިމާވެށި ރައްކާތެރިކޮށްދިނުމަށް އަޅުގަނޑުމެން އަޅަންޖެހޭ މުހިންމު ބޮޑެތި ފިޔަވަޅުތަކުގެ ތެރެއިން، ވަރަށް މުހިންމު އަދި ވަރަށްބޮޑު އެއް ފިޔަވަޅު. ތިޔަބޭފުޅުންނަށް އެނގިވަޑައިގެންފައި ވާނޭ ފަދައިން، މި މަޝްރޫޢަކީ ޖަޕާނު ސަރުކާރުގެ ހިލޭ އެހީގައި އަޅުގަނޑުމެންނަށް ކާމިޔާބުކުރެވުނު މަޝްރޫޢެއް. މި މަޝްރޫޢަށް ހޭދަވި ފައިސާގެ ޢަދަދު، ޖަޕާނުގެ ސަފީރު ހިޒް އެކްސެލެންސީ މިސްޓަރ އިސާ މުނިޓާ އަޅުގަނޑުމެންނަށް ދެންމެ އެ ބަޔާންކޮށްދެއްވީ. އާދެ، ގާތްގަނޑަކަށް އެމެރިކާ ޑޮލަރުގެ 14 މިލިއަން. ވަރަށް ބޮޑު ޢަދަދެއްގެ ފައިސާ އެއީ. އެހެންނަމަވެސް، ޖަޕާނު ސަރުކާރުން އަޅުގަނޑުމެންނަށް އެ ފައިސާ އެ ހަދިޔާކުރެއްވީ، އިޚްލާޞްތެރިކަމާއެކުގައި. ޖަޕާނު ސަރުކާރަކީ އަބަދުވެސް އަޅުގަނޑުމެންނަށް ވަރަށް މަތިވެރި އެހީތަކެއް ވެދެއްވަމުން ގެންދަވާ ސަރުކާރެއް. މީގެކުރީގައިވެސް ޖަޕާނު ސަރުކާރުގެ އެހީގައި، ރާއްޖޭގެ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތަކެއް އަޅުގަނޑުމެންނަށް ވަނީ ހިންގިފައި. އާދެ، އަޅުގަނޑުމެން މިހާރު މި ޖަލްސާކުރާ ސްކޫލް ނުވަތަ މަދަރުސާ މިއީވެސް ޖަޕާނުގެ ހިލޭ އެހީގައި ޢިމާރާތް ކުރެވިފައިވާ ތަނެއް. އަދި މިފަދަ އެތައް މަދަރުސާއެއް، މިތަން ނޫނަސް، ރާއްޖެތެރެއަށް އެކަށީގެންވާ ފެންވަރުގެ 15 ސްކޫލް، ޖަޕާނު ސަރުކާރުގެ ހިލޭ އެހީގައި ރާއްޖެތެރޭގައި މިހާރު ހެދިފައި އެބަހުރި. އޭގެ އިތުރުން، އަޅުގަނޑުމެންގެ ޓެލެކޮމިޔުނިކޭޝަންސް ތަރައްޤީ ކުރުމަށްޓަކައި ހަތަރު މަރުޙަލާއަކަށް ބަހާލެވިގެން ހިންގުނު މަޝްރޫޢެއް މިހާރުވަނީ، ޖަޕާނު ސަރުކާރުގެ ހިލޭ އެހީގައި ނިންމިފައި. އެ މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ ތަރައްޤީއަށް އަންނަމުންދާ ބަދަލުތައްވެސް އަޅުގަނޑު ހިތުން އަޅުގަނޑެކޭ އެއްފަދައިން، ތިޔަ ހުރިހާ ބޭފުޅުންނަށް އިޙްސާސް ކުރެއްވޭނެ.

އާދެ، އެހެން އެކަން އޮތުމާއެކު، މިއަދު އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބަކީ، ދިވެހި ސަރުކާރުގެ ނަމުގައި އަދި ދިވެހި ރައްޔިތުންގެ ނަމުގައި، ތިޔަބޭފުޅުންގެ ނަންފުޅުގައި އަދި އަޅުގަނޑުގެ އަމިއްލަ ނަމުގައި ޖަޕާނު ސަރުކާރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވުން. ޖަޕާނު ސަރުކާރުން އެހީވެދެއްވަނީ ވަރަށް އިޚްލާޞްތެރިގޮތެއްގައި، އެކަމަށް އެންމެ ބޭނުންވެފައިވާ ވަގުތު. ވަގުތު ފާއިތުވުމުގެ ކުރިންނެއް ނޫން. އާދެ، އެހެން ދަންނަވާލަން މިޖެހެނީ، ތަރައްޤީގެ ވަރަށް ގިނަ ތަފާތު މަޝްރޫޢުތައް ހިންގުމަށް، ބޭރުގެ އެހީއަށް އަޅުގަނޑުމެން ބޭނުންވޭ. ހަމައެކަނި އެކަން އެގޮތަށް އެކުރަނީ ދިވެހިރާއްޖެއަކުން ނޫން. ތަރައްޤީވަމުން އަންނަ ހުރިހާ ޤައުމުތަކަކުންވެސް މިހާރު ކަންތައް ކުރަން ޖެހިފައިވާ ގޮތަކީ އެއީ. އެއީ، އެ ޤައުމުތަކަށް ލިބޭ އާމްދަނީން، އެ ޤައުމުތަކުގެ ތަރައްޤީގެ މަސައްކަތްތައް ކުރެވެން ނޯންނާތީ. އެގޮތުގެ މަތިން އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައިވެސް ކުރާ ތަރައްޤީގެ ބޮޑެތި މަސައްކަތްތަކަށް ބޭރުގެ އެހީ ހޯދަންޖެހޭ. އެ އެހީ ހޯދުމުގައި، އަޅުގަނޑުމެންގެ އެކުވެރި ރަޙްމަތްތެރި ޤައުމުތަކާ ގުޅަންޖެހޭ. އަދި އެ ޤައުމުތަކުގެ އިތުރުން، ބައިނަލްއަޤްވާމީ އެކިއެކި ޖަމާޢަތްތަކާވެސް އަޅުގަނޑުމެން ގުޅަންޖެހޭ. ގިނަފަހަރަށް ކަންތައް ވާގޮތަކީ، އެހީއެއްގެ ވާހަކަ، އަޅުގަނޑުމެން އެފަދަ ފަރާތްތަކާ ގުޅައިގެން ދައްކައިފިނަމަ، ވަރަށްގިނަ ދުވަސްތަކެއް ހޭދަވެގެންދޭ. އެ އެހީ އަޅުގަނޑުމެންނަށް ލިބިއްޖައުމަށް ދާންދެން. އޭގެކުރިން، ވަރަށް ގިނަ ތަފާތު މިޝަންތައް ރާއްޖެއަށް އަންނަންޖެހޭ. އެންމެ ފުރަތަމަ އަންނަނީ، ޙަޤީޤަތް ބަލައިލުމަށް. އޭގެ ފަހުގައި، ޕްރިލިމިނަރީއެއްގެ ގޮތުގައި ކޮންމެވެސް ޑިޒައިނެއް ތައްޔާރުކޮށްލުމަށްޓަކައި. އޭގެފަހުގައި، ފީޒިބިލިޓީ ސްޓަޑީއެއް ހަދަން އަތުވެދާނެ. އެހެންގޮސް، ތިން ހަތަރު މިޝަން އައިސް، ވަރަށް ގިނަ ރިޕޯޓްތަކެއް ހުށަހަޅަންޖެހޭ. މި ކަންތައްތަކުގައިވެސް ދެ އަހަރު ނުވަތަ ތިން އަހަރު ދޭ. އޭގެފަހުން، އެކަމުގެ ތަފްޞީލީ ޑިޒައިންތައް ހަދަން އަނެއްކާވެސް އަހަރެއްހާ ދުވަސް ހިނގައިދާނެ. އެންމެފަހުން އަޅުގަނޑުމެން އެދުނު ކަންތަކަށް ޢަމަލީ ސިފަ އަންނައިރު އޮންނާނީ، އަޅުގަނޑުމެން އެކަމަކަށް އެދުނުތާ ހަތަރު އަހަރު ނުވަތަ ފަސް އަހަރު ފާއިތުވެގެން ގޮސްފައި. އެކަން އެހެން ދިމާވުމުން، ވަރަށް ބޮޑެތި ދަތިތަކާވެސް އަޅުގަނޑުމެން ކުރިމަތިލާންޖެހޭ. އެއީ، ކުރިން އެކަމެއް ދިމާވިއިރު، ކަންތައްތައް އޮންނަގޮތާއި، އޭގެ ފަސް އަހަރު ފަހުން ކަންތައްތައް އޮންނަގޮތް ވަރަށް ބޮޑަށް ތަފާތުވެފައިވާތީ. އެހެންވީމާ، ކުރިން ޑިޒައިންކުރެވުނު މަޝްރޫޢުގެ އެހީ އަދި އަޅުގަނޑުމެންނަށް ލިބުނުކަމުގައިވިޔަސް، އެއިން އަޅުގަނޑުމެންގެ ބޭނުންތައް ފުއްދޭވަރެއްނުވޭ. މިއާ ޚިލާފަށް، ޖަޕާނު ސަރުކާރުގެ އެހީއަކީ، ވަރަށް އަވަހަށް ލިބޭ އެހީއެއް.

ދެންމެ ޖަޕާނު ސަރުކާރުގެ ސަފީރު އެ ވިދާޅުވިފަދައިން، އަޅުގަނޑުމެންނަށް މި ދިމާވި ރާޅުބޮޑުވުމުގެ ނުވަތަ ރާޅުއެރުމުގެ ޙާދިޘާ، އެއީ، އެޕްރީލް 1987 ގައި އަޅުގަނޑުމެންނާ ކުރިމަތިވި ޙާދިޘާއެއް. އަޅުގަނޑުމެންގެ އެދުން ޖަޕާނު ސަރުކާރާ ހަމައަށް ދިޔުމާއެކު، ދެތިން ހަފްތާގެތެރޭގައި، ޖަޕާނު ސަރުކާރުގެ ޓީމެއް މާލެއަށް އައިސް، އެ ކަންތައް ބަލައި ހަދައިފި. އަދި ދެފަރާތުން އެއްބަސްވެވުނު ގޮތެއްގެ މަތިން، އެ މަޝްރޫޢު ޑިޒައިން ކުރުމުގެ ކަންތައްތައް، ރޭވުމުގެ ކަންތައްތައް، އެ ޙާދިޘާ ހިނގިތާ ހަތަރު މަސްދުވަހުގެ ތެރޭގައި ފެށިއްޖެ. އާދެ، 1987 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި އެކަން ފެށިއްޖެ. އެހިސާބުން ފެށިގެން ވަރަށް ހަލުވިކަމާއެކު ކުރިއަށް މި އަންނަނީ. މަސައްކަތް ފެށުނުތާ ދެއަހަރުވެސް ނުވަނީސް މަސައްކަތް މިއޮތީ ނިމިފައި. ވަރަށް ފުރިހަމަގޮތެއްގައި.

އެހެންވީމާ، މިކަންކަން އަޅުގަނޑުމެން ފާހަގަކޮށްލަންޖެހޭ. އަޅުގަނޑު މި ދަންނަވާ އެއްޗަކީ، ފަހަރެއްގައިވެސް އެހެން ޤައުމުތަކުން ނުވަތަ އެހެން ޖަމާޢަތްތަކުން އަޅުގަނޑުމެންނަށް ލިބޭ އެހީއަކީ ބޭނުމެއް ނެތް އެހީއެކޭ ނޫން. އެކަންކަމަށް އަޅުގަނޑުމެން ޝުކުރުވެރިނުވާ ވާހަކައެއް ނޫން. އަޅުގަނޑު މި ދަންނަވާ ވާހަކައަކީ، ޖަޕާނު ސަރުކާރުގެ ކަންތައްތައް ހުންނަނީ، ވަރަށް އާދަޔާޚިލާފު ގޮތަކަށޭ. ވަރަށް އަވަހަށް، ވަރަށް ފަސޭހަކަމާ އެކުގައި އެފަރާތުން އަޅުގަނޑުމެންގެ މުހިންމު ބޭނުންތަކަށް އެހީވެދެއްވަމުން ގެންދަވައޭ. އެއީ، މިއަދު އަޅުގަނޑުމެން އެންމެ ބޮޑަށް ފާހަގަކުރާ އެއްކަމަކީ.

އާދެ، މި މަސައްކަތް ހިންގުމުގައި ވަރަށް ގިނަ ފަރާތްތަކެއްގެ އެއްބާރުލުން އޮތީ ބޭނުންވެފައި. އެކަން ދިޔައީވެސް އެގޮތުގެ މަތިން. މި މަސައްކަތް ހިންގީ ޖަޕާނު ތައިސޭ ކޯޕަރޭޝަންގެ ފަރާތުން. އެއީ، ރާއްޖެއަށް އާ ބައެއްނޫން. މީގެކުރިން އަޅުގަނޑުމެންނަށް ޕޯސްޓެލް ޢިމާރާތް ތައްޔާރުކޮށްދީފައި ވަނީ އެ ކުންފުނީގެ ފަރާތުން. އެމީހުންގެ މަސައްކަތުގެ ހަލުވިކަމާއި، މަސައްކަތުގެ ފެންވަރު ވަނީ އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ސާބިތުވެފައި. އެހެންވީމާ، މިހާ ފުރިހަމަގޮތެއްގައި، މިހާ ކުރު މުއްދަތެއްގެ ތެރޭގައި، އެ މަސައްކަތްކޮށްދީ ނިންމި ކަމަކަށްޓަކައި، ޖަޕާނުގެ ތައިސޭ ކޯޕަރޭޝަނަށް އިޚްލާޞްތެރިކަމާއެކު، އަޅުގަނޑު ޝުކުރު އަދާކުރަން. އަދި މި އިޙްތިފާލުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، އެ ކޯޕަރޭޝަންގެ ވައިސް ޕްރެޒިޑެންޓް މިސްޓަރ އެކައިޓީ ވަޑައިގެން އިންނެވި ކަމަށްޓަކައި، އޭނާއަށްވެސް އަޅުގަނޑު މަރްޙަބާ ދަންނަވަން.

މި މަސައްކަތް ފެށުނީއްސުރެ ނިމެންދެން ހިނގާނުހިނގާގޮތް ބައްލަވައިދެއްވައި ހެއްދެވި މުޝީރުންނަކީ، ޖަޕާނުގެ ޔަޝިޔޯ އިންޖިނިއަރިންގ ކޮމްޕެނީ ލިމިޓެޑް. އެ ކުންފުނިންވެސް ކަންތައްތައް ގެންދެވީ ވަރަށް ފުރިހަމަގޮތެއްގައިކަން، އަޅުގަނޑުމެންނަށް ހާމަވެގެން ހިނގައްޖެ، މިނިސްޓަރ އޮފް ޕަބްލިކް ވާރކްސް އެންޑް ލޭބަރުގެ ވާހަކަފުޅުންވެސް. އެހެންވީމާ، އެ ކުންފުނީގެ ފަރާތުންވެސް މި މަސައްކަތަށް ދިން އަހަންމިއްޔަތަށާއި އަދި އެމީހުން އެ ބެހެއްޓެވި ފަރުވާތެރިކަމަށްޓަކައި، އެ ކުންފުންޏަށް އަޅުގަނޑު ޝުކުރު އަދާކުރަން. ޚާއްޞަކޮށް، އެ ކުންފުނީގެ ވައިސް ޕްރެޒިޑެންޓް މިސްޓަރ ވައިހަމަ މިތަނަށް ވަޑައިގެން އިންނެވި ކަމަށްޓަކައި، އޭނާއަށް މަރްޙަބާ ދެންނެވުމަކީވެސް އަޅުގަނޑުގެ އުފަލެއް ކަމުގައި ދެކެން.

މި ހުރިހާ ކަމެއް އެންމެ އެކަށީގެންވާ ރަނގަޅު ގޮތުގެ މަތިން ހިންގަވައިދެއްވަނީ، ޖަޕާނުގެ އެމްބަސީގެ ފަރާތުން. އަޅުގަނޑުމެންގެ ރާއްޖެއަށް މިހާރު ކަނޑައެޅިފައިވާ ޖަޕާނުގެ ސަފީރަކީ، ހިޒް އެކްސެލެންސީ މިސްޓަރ އިސާ މުނިޓާ. އޭނާއަކީ ރާއްޖެއަށް ވަރަށް އިޚްލާޞްތެރި، ވަރަށް ރަޙްމަތްތެރި ގޮތެއް ގެންގުޅުއްވާ ބޭފުޅެއް. ޖަޕާނު ސަރުކާރުގެ އެހީ އަޅުގަނޑުމެންނަށް ލިބުމުގައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްދެއްވާ ބޭފުޅެއް. އެހެންވީމާ، އެކަމަށްޓަކައި މިސްޓަރ އިސާ މުނީޓާއަށްވެސް އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވުމަކީ، އަޅުގަނޑުގެ ވާޖިބެއް ކަމުގައި ދެކެން. ޖަޕާނު އެހީގެ ހުރިހާ ކަމެއް ބައްލަވައި ހައްދަވާ ފަރާތަކީ، ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ، "ޖައިކާ". ޖައިކާގެ އެހީވެސް މިކަމުގައި ވަނީ ވަރަށް ބޮޑަށް ލިބިފައި. ޖައިކާގެ ތެރެއިން، ޖަޕާނުގެ ބައިނަލްއަޤްވާމީ އެހީތައް ދުނިޔޭގެ ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ލިބެމުންދަނީ. އެހެންވީމާ، ޖައިކާއަށާއި އަދި ޖައިކާގެ ފަރާތުން މިތަނަށް މިއަދު ވަޑައިގެން އިންނެވި މިސްޓަރ ޔަސީކީއަށް މަރްޙަބާއާއި ޝުކުރު ދަންނަވަން.

އާދެ، ދެން އޮތީ އަޅުގަނޑުމެންގެ ރާއްޖޭގެ ފަރާތްތައް. ޝައްކެއްނެތް، މިފަދަ ބޮޑު މަސައްކަތެއް ކުރުމުގައި، ސަރުކާރުގެވެސް ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި އެއްބާރުލެއްވުން ބޭނުންވާނެ. މި މަސައްކަތް ހިންގުމުގައި، ޖަޕާނު ސަރުކާރާ ގުޅުއްވައިގެން ނިންމަންޖެހޭ ހުރިހާ ކަމެއް ނިންމަވަމުން ގެންދެވީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން. އެހެންވީމާ، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްއުސްތާޛު ފަތުޙުﷲ ޖަމީލަށާއި އަދި އެ މިނިސްޓްރީގެ އިސްވެރިންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. މި މަސައްކަތުގެ ޢަމަލީބައި ހިންގަވައިދެއްވީ، މިނިސްޓްރީ އޮފް ޕަބްލިކް ވާރކްސް އެންޑް ލޭބަރގެ ފަރާތުން. އާދެ، އެ މިނިސްޓްރީގެ މިނިސްޓަރ އަލްފާޟިލް ޢަބްދުﷲ ކަމާލުއްދީނަކީ، މީގެކުރިންވެސް ބޮޑެތި ވަރަށް ގިނަ މަސައްކަތްތަކެއް ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވި ބޭފުޅެއް. އޭނާ ޙަވާލުވެވަޑައިގަންނަވާ ކޮންމެ މަސައްކަތެއް ވަރަށް ފުރިހަމަކޮށް، ވަރަށް ރަނގަޅަށް ނިންމަވައިދެއްވާ. އެކަން އަޅުގަނޑުމެންނަށް ވަރަށް ގިނަ ދިމަދިމާއިން ފެންނަން އެބަހުރި. އެހެންވީމާ، މި މަސައްކަތުގައިވެސް އަލްފާޟިލް ޢަބްދުﷲ ކަމާލުއްދީން އެ ކުރެއްވި އިޚްލާޞްތެރި މަސައްކަތްތައް ފާހަގަކޮށް، އެ މަނިކުފާނަށާއި، އަދި އެ މަނިކުފާނުގެ އިރުޝާދުގެ ދަށުން މި މަސައްކަތުގައި އުޅުއްވި އެ މިނިސްޓްރީގެ ޑިރެކްޓަރ ކަމަށްވާ އަލްފާޟިލް މައިޒާން އިބްރާހީމް މަނިކަށާއި، ޕްރޮޖެކްޓް އޮފިސަރ އަޙްމަދު އަޝްރަފަށް އަދި އެ މިނިސްޓްރީގެ އެނޫން މުވައްޒަފުންނަށްވެސް ޝުކުރާއި މުބާރަކްބާދީ ދަންނަވަން.

އާދެ، މިއަދު އަޅުގަނޑުމެން މި ފާހަގަކުރަނީ، ދެކަމެއް. އޭގެތެރެއިން އެއްކަމަކީ، ދުނިޔޭގެ ތިމާވެށީގެ ދުވަސް. ދުނިޔޭގެ ތިމާވެށި ދުވަހަކީ، އަހަރަކު އެއްފަހަރު ފާހަގަކުރަމުން އަންނަ ދުވަހެއް. ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، މި އަހަރަށް ކަނޑައެޅިފައިވާ ޝިޢާރަކީ، "ކުޑަކުދިންނާއި ތިމާވެށި". އެއީ، ވަރަށް މުހިންމު ޝިޢާރެއް ކަމުގައި އަޅުގަނޑު ދެކެނީ. މުސްތަޤްބަލް އެއީ، ކުޑަކުދިންގެ އަތްމަތީގައި އޮތް އެއްޗެއް. ކުޑަކުދިން ބޮޑެތި މީހުންނަށްވެ، އަޅުގަނޑުމެންގެ ކަންތައްތަކާ ޙަވާލުވާއިރު، އަޅުގަނޑުމެންގެ ތިމާވެށި އޮންނަންޖެހޭނީ، އެ މީހުންނަށް ބޭނުންކުރެވޭފަދަ ރަނގަޅުގޮތެއްގައި. އާދެ، ދެންމެ ޑިރެކްޓަރ، އެންވަޔަރަންމަންޓަލް އެފެއާޒް އަލްފާޟިލް ޙުސައިން ޝިހާބުގެ ވާހަކަފުޅުގައި، މިކަން ވަރަށް ރަނގަޅަށް ބަޔާންކޮށްދެއްވި. ދުނިޔޭގައި ހަމަހަމަކަމުގެ ވާހަކަ އަޅުގަނޑުމެން ދައްކާއިރު، އާދެ، އިޖްތިމާޢީ ހަމަހަމަކަން، ކުލައިގެ ހަމަހަމަކަން، ދީނީ ހަމަހަމަކަން. މި ހަމަހަމަކަމުގެ ވާހަކަދައްކާއިރު، ޖީލުތަކުގެ ހަމަހަމަކަމުގެ ވާހަކަވެސް މިހާރު ދައްކަން އެބަޖެހޭ. މުސްތަޤްބަލްގެ ޖީލުތަކަށްވެސް، އަޅުގަނޑުމެންގެ ޖީލަށް ނުވަތަ އަޅުގަނޑުމެންގެ ކުރިން އުޅެފައިވާ ޖީލުތަކަށް ލިބިފައިވާ ފައިދާއާއި، ޙައްޤުތަކާއި، އިމްތިޔާޒުތައް އެގޮތުގެ މަތިން ރައްކާތެރިކޮށްދިނުމަކީ، އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތެއް ކަމުގައި މިއަދު އަޅުގަނޑުމެން ދެކެން ޖެހިއްޖެ. އެހެންވީމާ، ކުޑަކުދިންނަށްޓަކައި އަޅުގަނޑުމެންގެ ތިމާވެށި ޙިމާޔަތް ކޮށްދީ، އެ ތިމާވެށި އިތުރަށް ހަލާކުވެގެން ނުދާނެގޮތެއް ރާވައި ހިންގުމަކީ މިއަދު މިކަންކަމާ ޙަވާލުވެ ތިބި މީހުންގެ މަސްއޫލިއްޔަތެއް ކަމުގައި މިހާރު ވަނީ ވެފައި.

އާދެ، ކުޑަކުދިންނަށް ތިމާވެށިން ނުވަތަ ތިމާވެށި ހަލާކުވަމުން ދިޔުމުން ކުޑަކުދިންނަށް ލިބޭ ގެއްލުން އެއީ، ހަމަ މިހާރުވެސް ލިބެމުންދާ ގެއްލުންތަކެއް. ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބެމުން އެބަދޭ ކުޑަކުދިންނަށް. ތިމާވެށި ހަލާކުވަމުން ދިޔުމުގެ ސަބަބުން، ނުވަތަ ނުސާފުވަމުން ދިޔުމުގެ ސަބަބުން. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ނުސާފު ފެން ބޭނުންކުރަން ޖެހުމުގެ ސަބަބުން ބޭރަށް ހިންގުމާއި އަދި އެނޫންވެސް އެކިއެކި ބަލިތަކުގެ ސަބަބުން، ދުނިޔޭގައި އަހަރެއްގެ ތެރޭގައި މަރުވާ ކުދިންގެ ޢަދަދު، ޢުމުރުން ފަސްއަހަރުން ދަށުގެ ކުދިންގެ ޢަދަދު އެތައް މިލިޔަނަކަށް އަރާ. އެއީވެސް ތިމާވެށި ނުސާފުވުމުގެ ސަބަބުން މުޅި ދުނިޔެއަށް ލިބޭ ވަރަށްބޮޑު ގެއްލުމެއް. މީގެ އިތުރުން، އަޅުގަނޑުމެން ނޭވާލާ ވައި ނުސާފުވުމުގެ ސަބަބުން، އާދެ، ވަޔަށް އެކިކަހަލަ ދުންތަކާއި، ގޭސްތަކާއި، ކެމިކަލްތައް ދިޔުމުން، އަޅުގަނޑުމެން ނޭވާލާ ވައި ނުސާފުވުމުގެ ސަބަބުން، ނޭވާލުމުގެ ނިޒާމަށްޖެހޭ ބަލިތަކާއި، ފުއްޕާމެޔަށްޖެހޭ ބަލިތަކުގެ ސަބަބުން، ހަމައެކަނި ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި، އަހަރެއްގެ ތެރޭގައި މަރުވާ ކުދިންގެ ޢަދަދަކީ ހަތަރު މިލިޔަން ކަމުގައި އޮއްވާ އަޅުގަނޑު ލިޔުމަކުން ދުށިން. އެހެންވީމާ، ތިޔަބޭފުޅުންނަށް ވަޒަންކުރެއްވޭނެ، ތިމާވެށްޓަށް މި އަންނަމުންދާ ބަދަލުތަކުގެ ސަބަބުން، ތިމާވެށި ނުސާފުވުމުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ ބޮޑުކަން. މިކަންކަން މިހެން ހުރުމާއެކު، ތިމާވެށި ރައްކާތެރިކުރުމަށް ވަރަށް މުހިންމު އަދި ބޮޑެތި މަސައްކަތްތަކެއް ކުރުމަކީ މިއަދު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ވަރަށްބޮޑު މަސްއޫލިއްޔަތެއް.

އާދެ، އަޅުގަނޑުމެން މި ދިވެހިރާއްޖޭގައިވެސް އަދާކުރަންޖެހޭ ބައި ކުޑައެއްނޫން. ދުނިޔޭގެ ނިސްބަތުގައި އަޅުގަނޑުމެންނަކީ ވަރަށް ކުޑަކުޑަ ރާއްޖެއެއް. އަޅުގަނޑުމެންނަކަށް މާބޮޑު ކަމެއް ނުވެސްކުރެވޭނެމެ. އެހެންނަމަވެސް، އަޅުގަނޑުމެންގެ ސަރަޙައްދުގައި އަޅުގަނޑުމެންނަށް ކުރެވޭނެ ކަންތައްތަކެއް ހުންނާނެ. އާދެ، އެ ކަންތައްތައް އެއީ، ހަމައެކަނި ސަރުކާރުން ނުވަތަ މިކަހަލަ ކަންކަމަށް ޝައުޤުވެރިކަން ހުންނަ އަމިއްލަ ޖަމާޢަތަކުން އެކަނި ކުރެވޭނެ ކަންތައްތަކެއް ނޫން. އޭގެތެރޭގައި އެބަހުރި ހަމަ ކޮންމެ ފަރުދަކަށްވެސް ކުރެވޭނެ ކަންތައްތައް. ކޮންމެ މުވާޠިނަކަށް، ކޮންމެ ދިވެއްސަކަށް ކުރެވޭނެ ކަންތައްތައް. އެކަން އެހެން އޮތުމާއެކު، މި މަހުގެ އަޅުގަނޑުމެންގެ ޝިޢާރަކީ "އަޅުގަނޑުމެންގެ ތިމާވެށި-އެންމެންގެ މަސްއޫލިއްޔަތު" ނުވަތަ އަޅުގަނޑުމެންގެ ތިމާވެށި ރައްކާތެރިކުރުމަކީ، އެންމެންގެ މަސްއޫލިއްޔަތޭ އެ ބުނާ ޝިޢާރު. އެއީ، ވަރަށްބޮޑު ތެދެއް. ތިމާވެށި ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ ތެރޭގައި އެބަހުރި، ވަރަށް ގިނަ ކަންތައްތައް. އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަންތައްތައް އެބަހުރި. އަދި ތިމާވެށި ހަލާކުވަމުންދާ ދިޔުމުގައި، އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް ޙިއްޞާކުރާ ބައެއް އެބައޮތް. ގަސްކެނޑުން އެއީ، ތިމާވެށި ހަލާކުވާ ކަމެއް. ގޮނޑުދޮށްތަކަށް، ފަޅުތެރެއަށް، ކަނޑަށް ކުނިއެޅުން، ފަޅުތެރެއިން ގާނެގުން، ވެލި ނެގުން. މިހެން ގޮސް، އެ ކަންތައްތައް އެއީ، އަޅުގަނޑުމެން ވަރަށް ކުދިކުދި ކަންތައްތަކެއް ކަމުގައި ދެކޭ ކިތަންމެ ކަމެއް. އެއީ، އޭގެ ޒާތުގައި ވަރަށް ބޮޑެތި ކަންތައްތަކަށް އޮންނަނީ ވެފައި. އެކަން ކުރަން އަޅުގަނޑުމެން ފުރަތަމަ ފަށާއިރު، އޭގެ ނޭދެވޭ ނަތީޖާ އަޅުގަނޑުމެންނަށް ވަގުތުން ފެންނަމުން ނުދިޔަ ނަމަވެސް، ވަރަށް އަވަހަށް އަޅުގަނޑުމެންނަށް އޭގެ ނަތީޖާ ފެންނަމުންދޭ. އެހެންވީމާ، ތިމާވެށި ރައްކާތެރިކުރުމަކީ، ފަހަރެއްގައިވެސް ހަމައެކަނި ސަރުކާރުން ކުރާ ކަމަކުން ވާނެ ކަމެއް ނޫން. ސަރުކާރުން ނެރޭ ޤަވާޢިދަކުން، ކުރާ އިޢުލާނަކުން، ނުވަތަ ފާސްކުރާ ޤާނޫނަކުންވެސް ވާނެ ކަމެއް ނޫން. އެކަންވާނީ އެންމެން އެއްބާރުލައިގެން، ކޮންމެ މީހަކުވެސް، އެ މީހަކު ކުރަންޖެހޭ ކަމެއް ކޮށްގެން.

އާދެ، ތިމާވެށި ރައްކާތެރިކުރުމަށް އަޅަންޖެހޭ އެންމެ މުހިންމު އެއް ފިޔަވަޅެއް ކަމުގައި ވަނީ، އާބާދީ ގިނަވަމުން ނުދިޔުން. އެވެސް އަޅުގަނޑުމެން ވަރަށްބޮޑަށް ވިސްނަންޖެހޭ ނުކުތާއެއް. އަޅުގަނޑުމެންގެ ރާއްޖޭގެ އާބާދީ ގިނަވަމުން މިދަނީ ވަރަށް މަތީ ނިސްބަތަކުން. މިހާރު އެންމެފަހުގެ ބޯހިމެނި ހިސާބު ދައްކާގޮތުންވެސް، އަޅުގަނޑު ހިތުން ގާތްގަނޑަކަށް 3.7 އަހަރަކު އެބަ އިތުރުވަމުންދޭ، އަޅުގަނޑުމެންގެ އާބާދީ. އެއީ، ވަރަށްބޮޑު މިންވަރެއް. ދުނިޔޭގެ އާބާދީ ގިނަވަމުން ދިޔައިމާ ވާގޮތަކީ، މީހުންނަށް ބޭނުންވާ ކަންތައްތައް އިތުރުވެގެންދަނީ. މީހުންނަށް ބޭނުންވާ ކާނާ އިތުރުވެގެންދާނެ. މީހުންނަށް ބޭނުންވާ ތަފާތު އެހެން ކަންތައްތައްވެސް އިތުރުވެގެންދާނެ. އަޅުގަނޑުމެންނަށް ލިބިފައި މިވާ ހަމައެކަނި ބިން، އޭގެ ބޭނުން، އެ ބިމަށް ފައިދާހުރި ގޮތަކަށްވުރެ ބޮޑަށް އެ ބިމުން މާއަވަހަށް ފައިދާތައް ނެގޭގޮތް ދިމާވަނީ. އެ އެއްޗެތީގެ ބޭނުން އަޅުގަނޑުމެން ކުރީމާ، އަޅުގަނޑުމެންނަށް ﷲ ދެއްވާފައިވާ ނިޢުމަތްތަކުގެ ތެރެއިން ވަރަށްބޮޑު ބައެއް އަޅުގަނޑުމެން އަމިއްލައަށް ބޭނުންކުރެވެނީ. މުސްތަޤްބަލަށް އެއިން އެއްވެސް އެއްޗެއް ބާކީކޮށްފައި ނުބެހެއްޓެނީ.

އެހެންވީމާ، ދުނިޔޭގެ މިކަމާބެހޭ މާހިރުން ދެކޭގޮތުގައި، ދުނިޔޭގެ ތިމާވެށި ހަލާކުވަމުން ދިޔުމަށް އެންމެބޮޑަށް ކުރިމަތިވާ ސަބަބަކީ، ދުނިޔޭގެ އާބާދީ ގިނަވަމުން ދިޔުން. މިހާރު މުޅި ދުނިޔޭގައި ފަސް ބިލިއަނަށްވުރެ ގިނަ މީހުން އެބަ ދިރިއުޅޭ. އަދި އެ އާބާދީ އިތުރުވަމުންދަނީވެސް ވަރަށް ހަލުވި ބާރުމިނެއްގައި. އަޅުގަނޑުމެންގެ ރާއްޖޭގައިވެސް މިކަން އޮތީ ހަމަ އެހެން. އެހެންވީމާ، އެކަމަށް ހުއްޓުމެއްނައިސް ތިމާވެށި ރައްކާތެރިކުރުމަކީ، ފަހަރެއްގައި ހަމަ އެއްގޮތަކަށްވެސް ނުވެވިދާނެ ކަމަކަށް ވުމަކީ ހަމަ އެކަށީގެންވާ ކަމެއް. އެކަމާ ދޭތެރޭގައިވެސް އަޅުގަނޑުމެން މިއަދު ފިޔަވަޅުތަކެއް އަޅަންޖެހޭ. އާދެ، ކޮންމެއަކަސް ތިމާވެށި ރައްކާތެރިކުރުމަކީ، މި ދެންނެވި ގޮތުގެމަތިން އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް ޙިއްޞާކުރަންޖެހޭ ކަމެއް. އެކަން އަޅުގަނޑުމެން ދަނެގެން، ކޮންމެ މީހަކުވެސް އެ މީހެއްގެ ބައި އަދާކުރެވޭތޯ ބެލުމަކީ، އަޅުގަނޑުހިތުން ވަރަށް މުހިންމު ކަމެއް.

އާދެ، ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި، މިއަދު މި ރާއްޖޭގައި އިތުރު ކަމެއް ސަރުކާރުން އެބަކުރޭ. އެއީ، ތިމާވެށްޓާބެހޭ ހޯދުންތައް ހޯދާ ބައެއް، މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އެންވަޔަރަންމަންޓްގައި އުފެއްދެވުން. އެންވަޔަރަންމަންޓް ރިސާރޗް ޔުނިޓެއް، އެ މިނިސްޓްރީގެ ދަށުން އުފެއްދުން. މިއަދު އެ ޔުނިޓް އުފެއްދިއްޖެ.

އާދެ، އެ ޔުނިޓުގެ ބޭނުމަކީ، އަޅުގަނޑުމެންގެ ތިމާވެށްޓަށް އަންނަމުންދާ ބަދަލުތައް ހޯދައި ބެލުން. މަޢުލޫމާތު އެއްކުރުން، އަދި އެކަމަށް އެކަށީގެންވާ މީހުން ތަމްރީނު ކުރުން. އެކަމަށް އެކަށީގެންވާ މީހުން ތަމްރީނުކޮށް، އިތުރު ހޯދުންތައް ހޯދުން. އެ މަޢުލޫމާތުތަކުގެ އަލީގައި، މުސްތަޤްބަލުގައި ތިމާވެށި ރައްކާތެރިކުރުމުގެ ފިޔަވަޅުތައް އެޅުމަށްޓަކައި އެކަމަށް މަގުފަހިކޮށްދިނުން. އާދެ، މިކަންތައް އަޅުގަނޑުމެން މި ފަށަނީ ވަރަށް ކުޑަކުޑަގޮތެއްގައި. އަޅުގަނޑުމެންގެ ރާއްޖޭގެ ކަންތައްތައް ކުރެވެން އޮތްގޮތަކީ އެއީ. ސަރުކާރުގެ ޚަރަދުގައި އެކަންތައް މި ފަށަނީ ވަރަށް ކުޑަކުޑަ ޔުނިޓެއްގެ ގޮތުގައި. އެހެންނަމަވެސް، މިއަދު މި ފަށާ ޔުނިޓަކީ، އަޅުގަނޑު ހިތުން މުސްތަޤްބަލުގައި ވަރަށް މުހިންމު ބައެއް އަދާކުރާނެ ޔުނިޓެއް. މިކަން ކުރިއަށްދިޔަވަރަކުން އެ ޔުނިޓް ބޮޑުކުރެވޭނެ. އެތަނަށް މީހުންވެސް އިތުރުކުރެވޭނެ. އެ ޔުނިޓަށް ބޭނުންވާ އިތުރު ޚިދުމަތްތައް ހޯދައިދެވޭނެ. އަދި މިކަމުގައި މިހާރު އަޅުގަނޑުމެން ބޭރުގެ ފަރާތްތަކާ ގުޅަމުން މިގެންދަނީ. ބޭރުގެ ފަރާތްތަކުގެ އެހީވެސް ލިބޭނެކަމާމެދަކު އަޅުގަނޑު ހިތުގައި އެއްވެސް ޝައްކެއްނެތް.

އަޅުގަނޑުމެން، އަޅުގަނޑުމެންގެ ތިމާވެށީގެ ކަންތައް ބަލަންވާނީ. މިހާރު އަޅުގަނޑުމެންނަށް ހަދަންޖެހޭ ގޮތަކީ، ކޮންމެ ކަމެއްގައިވެސް ބޭރު ޤައުމުތަކުން މީހުން ގެނެސްގެން، އެމީހުން ލައްވައި އަޅުގަނޑުމެންގެ ކަންތައްތައް ބަލައި ހަދަންޖެހެނީ. އެމީހުން އެކިއެކި ދިރާސާކޮށްފައި، އެ ކަންތައްތައް އަޅުގަނޑުމެންނަށް ބުނެދޭންޖެހެނީ. އާދެ، އެއީ މިވަގުތު އަޅުގަނޑުމެން ކަންތައް ކުރަންޖެހޭނެގޮތް. އަޅުގަނޑުމެންގެ ތެރޭގައި އެވަރުގެ ޤާބިލް މީހުން ނެތުމުގެ ސަބަބުން. އެހެންނަމަވެސް، އެއީ، މުސްތަޤިއްލު، އަމިއްލަވަންތަކަށް ލިބިފައިވާ ޤައުމެއް އަބަދަކު ކަންތައް ކުރަންޖެހޭނެ ގޮތެއްނޫން. އަޅުގަނޑުމެންގެ ތެރޭގައި އުފެދެންވާނެ، ތިމާވެށްޓާބެހޭ ޢިލްމުވެރިން، މާހިރުން. އަޅުގަނޑުމެންގެ ކަނޑުތަކަށް ވަމުންދާގޮތް ބަލާ މީހުން. ފަރުފަރަށް ވަމުންދާގޮތް ބަލާ މީހުން. އަޅުގަނޑުމެންގެ ރާއްޖޭގައި އޮއިވަރާއި، އަދި ވަޔާއި ރާޅުގެ ޙަރަކާތްތައް ހުންނަގޮތް ބަލާ މީހުން. އަޅުގަނޑުމެންގެ ރަށްތަކަށް ވަމުންދާގޮތް ބަލާ މީހުން. އަޅުގަނޑުމެންގެ އާބާދީއަށް އަންނަ ބަދަލުތައް ބަލާ މީހުން. އަޅުގަނޑުމެންގެ ވަޔަށް އަންނަ ބަދަލުތައް ބަލާ މީހުން. އަޅުގަނޑުމެންގެ ފެނަށް ވަމުންދާ ގޮތްތައް ބަލާ މީހުން. އެއީ، އަޅުގަނޑުމެންގެ ތެރެއިން އުފައްދަންޖެހޭނެ ބައެއް. އެ މީހުން އުފެއްދޭނީ، މި ދެންނެވި ފަދަ ގޮތަކަށް ޢަމަލުކޮށްގެން. މި ދެންނެވި ޔުނިޓް އުފެއްދުމުގެ އެންމެބޮޑު ބޭނުމަކީވެސް އެއީ.

އާދެ، އަޅުގަނޑުމެންގެ ރާއްޖެއަށް ކުރިމަތިވެދާނެ ނުރައްކާތަކެއް އެބަހުރިކަން މިހާރު އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަބަޔަކަށް އެނގޭ. އެއީ، ޖައްވު ހޫނުވަމުން ދިޔުމާއި އަދި އޭގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުސްވަމުންދާ ދިޔުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކެއް ކަމަށް، ކަމާބެހޭ މާހިރުން ބުނޭ. އަޅުގަނޑުމެންނަށް މިއަދު ޖެހިފައިވަނީ، އެކަން ޤަބޫލުކުރަން. މިކަމާ ދޭތެރޭގައިވެސް ސަރުކާރުން ވަރަށް ބޮޑު ވިސްނުންތަކެއް ވިސްނަންޖެހޭ. ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރަންޖެހޭ. ރައްޔިތުންގެ އެއްބާރުލުން ހޯދަންޖެހޭ. އަދި މިކަމަކީ ހަމައެކަނި އަޅުގަނޑުމެންގެ ރާއްޖެއަށް އޭގެ ޙައްލު ހޯދޭނެ ކަމަކަށް ނުވާތީ، މުޅި ދުނިޔޭގެ އެހީވެސް އެކަމަށް އޮތީ ހޯދަންޖެހިފައި. އެގޮތުންވެސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވެމުން އެބަ ގެންދެވޭ.

އާދެ، ތިޔަބޭފުޅުން ހަނދުމަފުޅު ހުންނާނެ، މިދިޔަ އަހަރު ނޮވެމްބަރު މަހުގެ ތެރޭގައި، ރާއްޖޭގައި ކުދި ޤައުމުތަކާބެހޭ ޖަލްސާއެއް، ކުދިޤައުމުތަކުގެ ޖަލްސާއެއް، ފަސްގަނޑު ތިރި ކުދި ޤައުމުތަކުގެ ޖަލްސާއެއް ބޭއްވުނު. އެ ޖަލްސާއަށް އަޅުގަނޑުމެން ދަޢުވަތުދިނިން، ކަމާބެހޭ ސައިންޓިސްޓުންނަށް، މާހިރުންނަށް، ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގެ މަންދޫބުންނަށް. އެ ހުރިހާ އެންމެން އެއްވެ، އެ ޖަލްސާކޮށް، އެ ޖަލްސާއިން ފާސްކުރެވިފައި އެބައޮތް ޤަރާރެއް. "ޖައްވު ހޫނުވަމުންދިޔުމާއި، ކަނޑުގެ ލޮނުގަނޑު އުސްވުމާބެހޭ މާލޭ ޤަރާރު." އެ ނަމުން ނަން ދެވިފައިވާ ޤަރާރެއް ވަނީ ފާސްކުރެވިފައި. އެ ޤަރާރުގައި އެބަހުރި، ކުދި ޤައުމުތަކުން ކުރަންޖެހޭނެ ކަންތައްތައް. އަދި ބައިނަލްއަޤްވާމީ ދާއިރާގައިވެސް ކުރެވެން ހުރި ކަންތައްތައް. ހަމައެއާއެކުގައި، ކޮންމެ ޤައުމަކުންވެސް އެ ޤައުމެއްގެ ތެރޭގައި އަމިއްލައަށް ކުރަންޖެހޭނެ ކަންތައްތަކެއްވެސް އޭގައި އެބަހުރި. އޭގެ މައްޗަށް ބިނާކޮށް، އަޅުގަނޑުމެންގެ ރާއްޖޭގައިވެސް މިހާރުވަނީ، ތިމާވެށްޓާބެހޭ އެކްޝަން ޕްލޭނެއް ތައްޔާރުކުރެވިފައި. އެހެންވީމާ، އެ އެކްޝަން ޕްލޭންގައިވާ ކަންތައްތަކަށް ޢަމަލުކުރުން އެއީ، އަޅުގަނޑު ހިތުން ވަރަށް މުހިންމު ކަމަކަށް މިހާރު ވެއްޖެ. އަޅުގަނޑުމެން މިފަދަ ބޮޑެތި ކަންތައްތަކުގައި ބޭރުގެ އެހީއަށް އެދޭއިރު، އަޅުގަނޑުމެންގެ ރާއްޖޭގައި، އަޅުގަނޑުމެންގެ އަމިއްލަ ޙިމާޔަތަށް، އަޅުގަނޑުމެންގެ ދަރިންގެ ޙިމާޔަތަށް، މުސްތަޤްބަލްގެ ޖީލުތަކުގެ ޙިމާޔަތަށް، އަޅުގަނޑުމެންގެ ރަށްތަކުގެ ޙިމާޔަތަށް ކުރަންޖެހޭ ކަންތައްތައް ކުރަންޖެހޭނީ، ހަމަ އަޅުގަނޑުމެން. އެހެންވީމާ، މި ދެންނެވި އެކްޝަން ޕްލޭނަށް ޢަމަލުކުރަން ފެށުން އަވަސްކުރުމަކީ، އަޅުގަނޑު ހިތުން މިވަގުތު ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއް.

އާދެ، ރާއްޖޭގެ ތިމާވެށްޓަކީ ހަމައެކަނި މާލޭގެ ތިމާވެށްޓެއް ނޫން. މިއަދު އަޅުގަނޑުމެން އެ މަސައްކަތެއްގެ ނިމުން މި ފާހަގަކުރާ މާލޭގެ ދެކުނުފަރާތުގެ ކަނޑުތޮށިލުމުގެ މަޝްރޫޢަކީ، މާލެއާ ގުޅިފައިވާ މަޝްރޫޢެއް. އެހެންނަމަވެސް، އެ ހިސާބަކުން އަދި އަޅުގަނޑުމެންގެ ރާއްޖޭގެ ތިމާވެށި ސަލާމަތްކުރެވުނީކަމަކަށް ބަލާކަށެއް ނުވާނެ. ރާއްޖޭގެ ބޮޑުބައި ވަނީ ރާއްޖެތެރޭގައި. ރާއްޖެތެރޭގެ ރަށްތައް ޙިމާޔަތްކުރެވޭނެ ގޮތްތަކެއް އަޅުގަނޑުމެން ޖެހޭނެ ހޯދަން. އާދެ، އެއީ ވަރަށްދަތި، ވަރަށްބުރަ މަސައްކަތަކަށް ވާނެކަން ކަށަވަރު. އެހެންނަމަވެސް، އެކަމާ ދޭތެރޭގައި އަޅުގަނޑުމެން ވަރަށް ފުންކޮށް ވިސްނަންޖެހިފައި މިހާރު މިއޮތީ. ރާއްޖޭގައި މީހުން އުޅޭ ރަށްތައް އެހާ ގިނަ. އަދި ގިނަ ރަށްތަކަކީ، ވަރަށް ކުދިކުދި ރަށްތަކެއް.

އެހެންވީމާ، އެންމެ ފުރަތަމަ ނުކުންނަ ސުވާލަކީ، އެހާގިނަ ކުދި ރަށްތަކެއްގައި މީހުން ދިރިއުޅެގެން، މުސްތަޤްބަލްގައި އެ ހުރިހާ ރަށެއް ޙިމާޔަތްކުރެވޭނެބާވައޭ؟ ވަރަށް މުހިންމު ސުވާލެއް މިއީ. މިކަމާ ދޭތެރޭގައި އަޅުގަނޑުމެން ވަރަށް ފުންކޮށް ވިސްނަންޖެހޭނެ. އަޅުގަނޑު އެހެން މި ދެންނެވީ، ފަސްގަނޑުތިރި، ޖަޒީރާ ޤައުމުތައް ޙިމާޔަތްކުރުމަށް، ބޭރުގެ ކަމާބެހޭ ފަރާތްތަކުން ހުށަހަޅާފައިވާ ގޮތްތަކުގެ ތެރޭގައި ހުރި ގޮތްތަކަށް ވިސްނާއިރު، އަޅުގަނޑުމެންގެ ރާއްޖޭގައި ކަންތައްތައް ކުރެވެންހުރިލެއް މަދުކަމުން. އޭގެތެރެއިން އެއްގޮތެއް ކަމުގައި މި ބުނަނީ، ފަސްގަނޑު ތިރި ތަންތަން ދޫކޮށްފައި، ފަސްގަނޑު އުސް ތަންތަނަށް ދިޔުން. ރާއްޖޭގައި ފަސްގަނޑު އުސްތަނެއް ނެތް. އެހެންވީމާ، އެ އިޚްތިޔާރު އެއީ، އަޅުގަނޑުމެންގެ ކުރިމަތީގައި އޮތް އެއްޗަކަށް ނުވޭ. އަނެއް ކަމަކަށް އެ މީހުން މި ބުނަނީ، ޖަޒީރާތަކުގެ ފަސްގަނޑު އުސްކުރުން. ކޮންމެ ރަށެއްގެވެސް ފަސްގަނޑު އުސްކުރުން. އެއީވެސް ފަސޭހަކަމަކަށް ނުވާނެކަން އަޅުގަނޑަށް ހަމަ ޔަޤީން. އެއީ، ކުރިއަށް އޮތް ތާނގައި، ކަނޑުގެ ލޮނުގަނޑު އުސްވަމުންދާ މިންވަރަށް ބަލާއިރު، ފަހަރެއްގައި ދެ ފޫޓު ނުވަތަ ތިން ފޫޓު އުސްވެއްޖިއްޔާ، އަޅުގަނޑުމެންގެ ރަށްރަށުގެ ފަސްގަނޑު، ދެ ފޫޓު ތިންފޫޓު ނުވަތަ އެއަށްވުރެވެސް ބޮޑަށް އުސްކުރަން ޖެހިދާނެ. ކޮންމެ ރަށެއް އެވަރަށް އުސްކުރަން ޖެހިދާނެ. އެއީވެސް ކުޑަ މަސައްކަތަކަށް ނުވާނެ. ކުރެވޭވަރުގެ މަސައްކަތަކަށްވެސް ނުވެ ހިނގައިދާނެ. ތިންވަނަ ކަމަކަށް، ބޭރުގެ މާހިރުން ބުނަނީ ޚާއްޞަކޮށް، އެންމެފަހުން އޮތް ކޮމަންވެލްތުގެ ޖަލްސާއަށް ހުށަހެޅުނު ކޮމަންވެލްތުގެ މާހިރުންގެ ރިޕޯޓުގައި ވަނީ، ކޮންމެ ރަށެއްގެ ވަށައިގެން ކަނޑުތޮށްޓެއްލުން. އެ ރިޕޯޓުގައި ވާގޮތުން އެއީވެސް ވަރަށް އަގުބޮޑު ކަމެއް. އަޅުގަނޑު ބަލައިލި ބަލައިލުމުން، ހަމައެކަނި ފަންސާހަކަށް ރަށް ޙިމާޔަތްކުރަންވެސް، އެ ރިޕޯޓުގައިވާ ރޭޓުތަކަށް ބަލާއިރު، ގާތްގަނޑަކަށް 300 މިލިއަން ޑޮލަރު ޚަރަދުވޭ. އަޅުގަނޑުމެންގެ ރާއްޖޭގައި މީހުން ދިރިއުޅޭ 200 ރަށް އެބައޮތް.

އެހެންވީމާ، 200 ރަށް އެގޮތަށް ޙިމާޔަތްކުރުމަކީވެސް މުސްތަޤްބަލަށް ބަލާއިރު، އަޅުގަނޑުމެންނަށް ވެވޭނެ ކަމެއް ކަމަށް ދަންނަވާކަށް ނުކެރޭނެ. އެހާ ބޮޑު ޚަރަދު ހިނގާނެ، އެހާ ބޮޑު މަސައްކަތެއް. މި ކަންތައްތައް މިހިރީ މިހެން. އަޅުގަނޑު ވަރަށް ދެރަވޭ މިކަހަލަ ވާހަކަދައްކަން. ތިޔަބޭފުޅުން ފަހަރެއްގައި މުސްތަޤްބަލާ ދޭތެރޭގައި އުންމީދު ކުޑަވާނެކަހަލަ ވާހަކައެއް ދައްކަންޖެހޭތީ. އެހެންނަމަވެސް، އަޅުގަނޑުމެން ޖެހޭނެ ޙަޤީޤަތާ ކުރިމަތިލާން. މުސްތަޤްބަލް އޮތީ ކިހިނެއްކަން އަޅުގަނޑުމެން ވާނެ ބަލަން. އަޅުގަނޑުމެން މިއަދު ލޯމަރައިލައިގެން ތިބެގެން، މީގެ 50 އަހަރު ފަހުން ނުވަތަ 60 އަހަރު ފަހުން އަންނަ ކަންތައްތަކުން އަޅުގަނޑުމެންނަކަށް ސަލާމަތެއް ނުވެވޭނެ. އާދެ، އަޅުގަނޑު ނުދަންނަވަން، މި ދެންނެވި ހުރިހާ ކަންތައްތައް، އެގޮތުގެ މަތިން ހިނގާނެއެކޭ. އެއީ، އަދި ސައިންޓިސްޓުންވެސް އެއްބަހެއްނުވޭ، ދުނިޔެ ހޫނުވަމުންދަނީ ކިހާ މިންވަރަކަށް ކަމެއް. އަދި ކަނޑުގެ ލޮނުގަނޑު އުސްވަމުންދާނީ ކިހާ މިންވަރަކަށް ކަމެއްވެސް އެ މީހުންނަކަށް އެއްބަހެއް ނުވެވޭ.

އެހެންވީމާ، މި ދެންނެވި ވާހަކަތަކުގެ ތެރެއިން ބައެއް ވާހަކަތަކަކީ، އެގޮތަށް އެކަންތައް ނުހިނގާފާނެ ނުވަތަ އެގޮތަށް ކަންތައްތައް ދިމާނުވެދާނެ ވާހަކަތަކެއް ކަމަށްވެސް ވެދާނެ. އެކަމަކު އަޅުގަނޑުމެން މިއަދު ވިސްނަންޖެހޭނީ، އެންމެ ނުބައިކޮށް. އެންމެ ދެރަގޮތަށް ކަންތައް ދިމާވެއްޖިއްޔާ ވާނެގޮތަކާ ދޭތެރޭގައި ވިސްނަންޖެހޭނީ. އޭރުން އެކަމަށް ބޭނުންވާ ފިޔަވަޅުތައް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅުގަނޑުމެންނަށް އެޅޭނީ.

އާދެ، ކޮންމެއަކަސް އަޅުގަނޑުގެ މި ޚިޔާލުތައް ތިޔަބޭފުޅުންނަށް މި ދެންނެވީ، މިކަމުގައި ދިވެހި ރައްޔިތުންގެ ވިސްނުމާއި، ދިވެހި ރައްޔިތުންގެ ހޭލުންތެރިކަމާއި، ދިވެހި ރައްޔިތުންގެ އެއްބާރުލެއްވުން ބޭނުންވާތީ. ކޮންމެ ރައްޔިތަކުވެސް މިކަންކަމާ ދޭތެރޭގައި ވިސްނަވަން ވެއްޖެ. ވިސްނަވާފައި، އަޅުގަނޑުމެންގެ ރާއްޖެ ސަލާމަތްކުރުމަށްޓަކައި، އަޅުގަނޑުމެންގެ ރާއްޖެ އެއީ، އަޅުގަނޑުމެން ދިރިއުޅެން އެކަށީގެންވާ ރީތި، ހަމަޖެހޭ ތަނެއްގެ ގޮތުގައި، އަންނަން އޮތް ޖީލުތަކަށް ވާރުތަކޮށްދިނުމަށްޓަކައި މިއަދު އަޅުގަނޑުމެން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭނެކަން އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް ދަންނަންވެއްޖެ.

އާދެ، އެ ވާހަކަކޮޅު ދަންނަވާލުމަށްފަހުގައި، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަން ޤަޞްދުކުރަނީ. އަދި މިއަދު މި ޖަލްސާއަށްފަހުގައިވެސް، އެހެން ކުޑަކުޑަ ރަސްމިއްޔާތެއް އޮތް ކަމުގެ ވާހަކަ އަޅުގަނޑުމެންނަށް އިވިގެން ހިނގައްޖެ. އެހެންވީމާ، އެކަމަށްވެސް ތަން ދިނުމުގެ ގޮތުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަމުން، އަދިވެސް އެއްފަހަރު މި ބުރަ މަސައްކަތް، އާދެ، މާލޭ ދެކުނުފަރާތު ކަނޑުތޮށިލުމުގެ މަސައްކަތް ހިންގަވައިދެއްވި ފަރާތްތަކަށާއި، އެކަމަށް އެހީވެދެއްވި ޖަޕާނު ސަރުކާރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމަ އެއާއެކުގައި، މި މަސައްކަތުގައި އުޅުއްވި ދިވެހިރާއްޖޭގެ ހުރިހާ ފަރާތްތަކަށްވެސް އިޚްލާޞްތެރި ތާރީފުގެ ބަސްތައް ރައްދުކުރަން.

އަޅުގަނޑުގެ ދުޢާއަކީ، اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންގެ ރާއްޖެއަށް ހަމަޖެހޭ، ފާގަތި މުސްތަޤްބަލެއް ދެއްކެވުން. އަޅުގަނޑުމެންގެ ތިމާވެށި ރައްކާތެރިކުރުމަށް އަޅުގަނޑުމެން މިއަދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ޤާބިލިއްޔަތު އަޅުގަނޑުމެންނަށް ދެއްވުން. އަދި އެކަމަށް ވިސްނަންޖެހޭ ވިސްނުންތައް ވިސްނުމުގެ ޤާބިލިއްޔަތުވެސް އަޅުގަނޑުމެންނަށް ދެއްވުން. އަޅުގަނޑުމެންގެ ރާއްޖޭގެ އެންމެން، މި މުހިންމު މައްސަލައިގައި އެކަތިގަނޑަކަށްވެގެން، އަޅުގަނޑުމެންގެ މި ރީތި، ހިތްގައިމު ދިވެހިރާއްޖެ އަބަދަށްޓަކައި، އެގޮތުގެ މަތީގައި ބޭއްވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ވާގިވެރިކަން اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންނަށް ދެއްވުން.

والسّــلام عليــكم ورحـمــة اللّـه وبـركاتـه.