بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

އާދެ، މިއަދު އަޅުގަނޑަށް ވަރަށް ޚާއްޞަ ދެ އުފަލެއް ލިބިއްޖެ. އޭގެތެރެއިން އެއް އުފަލަކީ، އައްޑުއަތޮޅު މީދުއަށް އައިސް، މީދޫގެ ރައްޔިތުންނާ ބައްދަލުކޮށްލުމުން އަޅުގަނޑަށް ލިބުނު އުފާ. އަނެއް އުފަލަކީ، މީދޫގައި ވަރަށް ކުރީއްސުރެ ހިނގަމުންދާ މަދަރުސާއެއްގެ އާ ޢިމާރާތް، ސަރުކާރުގެ އެހީއާއެކު ނިމުމުން، އެ ޢިމާރާތް ހުޅުވައިދިނުމުގެ އުފާ. މި ދެ އުފާ މިންވަރު ކުރެއްވި ކަމަށްޓަކައި اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވަން.

އާދެ، މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ވާހަކަފުޅުގައި، އެވިދާޅުވި ފަދައިން، އިއްޔެއާއި މިއަދާ މި ދެ ދުވަހުގެ ތެރޭގައި، ތަޢުލީމީ ގޮތުން ވިސްނާއިރު، ވަރަށް ބޮޑެތި ކަންތައްތަކެއް އައްޑުއަތޮޅުގައި ހިނގައި ނިމިގެން ހިނގައްޖެ. އޭގެތެރެއިން އެއްކަމަކީ، ރާއްޖެތެރޭގައި ފުރަތަމަ ހުޅުވޭ ޘާނަވީ މަދަރުސާ ނުވަތަ ސެކަންޑްރީ ސްކޫލް، އައްޑުއަތޮޅު ހިތަދޫގައި ހުޅުވުން. ދެވަނަކަމަކީ، ހިތަދޫގައި އަމިއްލަ ފަރާތަކުން ހިންގަވާ އަލްމަދަރުސަތުލް އިސްލާމިއްޔާގެ އާ ޢިމާރާތެއް ހުޅުވިގެންދިޔުން. ތިންވަނަ ކަމަކީ، މިއަދު މި މީދޫ ސްކޫލްގެ އާ ޢިމާރާތް ހުޅުވިގެންދިޔަ ދިޔުން. މި ތިން ކަންތައް ރަމްޒުކޮށްދެނީ، އައްޑުއަތޮޅުގެ ރައްޔިތުންގެ ހިތްތަކުގައި ތަޢުލީމަށް އޮތް ލޯބި. އައްޑުއަތޮޅުގެ ރައްޔިތުންގެ ހިތްތަކުގައި ތަރައްޤީއަށް އޮތް ލޯބި. އަތޮޅާއި ރައްޔިތުންގެ ކުރިއެރުމަށް އޮތް ޝައުޤުވެރިކަން. ޝައްކެއްނެތް، ތަޢުލީމަކީ ތަރައްޤީގެ އެންމެ ފުރަތަމަ ހަރުފަތް. ތަޢުލީމާ ނުލައި އެއްވެސް ރޮނގަކުން އެއްވެސް މުޖުތަމަޢަކަށް، އެއްވެސް ޖަމާޢަތަކަށް، އެއްވެސް ޤައުމަކަށް ތަރައްޤީއެއް ނުވެވޭނެ. އަދި ތަރައްޤީވެވިފައެއްވެސް ނެތް.

އަޅުގަނޑުމެންގެ މާޒީއަށް ވިސްނާލާއިރުވެސް މިއީ ތެދެއްކަން އެނގޭ. މުސްލިމުން، އެމީހުންގެ އުޖާލާ މާޒީގައި ކާމިޔާބުތަކެއް ޙާޞިލްކޮށްފައިވަނީ، އެމީހުންގެ ތެރޭގައި ޢިލްމުވެރިކަން ފެތުރިގެން ދިޔުމުގެ ސަބަބުން. އެކިއެކި ރޮނގުރޮނގުން ޢިލްމީ ހޯދުންތައް ހޯދައި، މަތިވެރި ކާމިޔާބީތައް ޙާޞިލްކުރުމުގެ ސަބަބުން. އޭރު، މުސްލިމުންގެ ނަން އޮތީ މުޅި ދުނިޔެއަށް ޢާންމުވެފައި. އިންސާނިއްޔަތުގެ ތެރެއިން އެންމެ އަރާހުރި ޤައުމު ކަމުގައި އޭރު ހިމެނިގެންދިޔައީ އިސްލާމީ އުންމަތް. އެހެންނަމަވެސް، އޭގެފަހުން ކަންތައްތައް ދިމާވިގޮތަކުންނާވެސް އެކުގައި، މުސްލިމުން ޢިލްމުގެ ރޮނގުގައި ފަހަށްޖެހިލުމުގެ ސަބަބުން، އެ މީހުންނަށް މިއަދުވަނީ އެތަކެއް ބަދުނަޞީބުތަކަކާ ކުރިމަތިލާން ޖެހިފައި. އެމީހުންގެ ފަޚުރުވެރި މާޒީ، އެއީ މާޒީއެއްގެ ގޮތުގައި މިއަދު ހަނދާންކުރަން ޖެހިފައި. އެކަން އެހެން އެދިމާވީ، ކުރިންވެސް އަޅުގަނޑު ދެންނެވިފަދައިން، މުސްލިމުންނަށް ޢިލްމާ ދޭތެރޭގައި ފަރުވާކުޑަކުރެވުނު ފަރުވާކުޑަކުރެވުމެއްގެ ސަބަބުން.

އަޅުގަނޑުމެންގެ މާތްވެގެންވާ ދީނަކީ ޢިލްމު އުނގެނުމަށް ގޮވާލާ ދީން. ކޮންމެ އިންސާނަކުވެސް ތަޢުލީމު ޙާޞިލްކޮށް، ތަންދޮރު ދަނެ، ދުނިޔެވީ މަޢީޝަތުގައިވެސް ކުރިއެރުމަށް ގޮވާލާ ދީން. ފަހަރެއްގައިވެސް އިސްލާމްދީނަކީ ހަމައެކަނި އާޚިރަތަށް މަގުފަހިކޮށްދޭ ދީނެއް ނޫން. ޝައްކެއްވެސްނެތް، އެންމެ ބޮޑު ރަޙްމަތަކީ، އެންމެ ބޮޑު ނިޢުމަތަކީ އާޚިރަތުގެ ރަޙްމަތް. އާޚިރަތުގެ ނިޢުމަތް، އާޚިރަތުގެ ޘަވާބު. ﷲގެ ފާފަ ފުއްސެވުން. ﷲގެ މަޣްފިރަތު. އެކަމާ ދޭތެރޭގައި އެއްވެސް ޝައްކެއްނެތް. އެހެންނަމަވެސް، އިންސާނުން ﷲ މި ދުނިޔެއަށް ފޮނުއްވާފައި މިތިބީ، ދުނިޔެ ޢިމާރާތްކޮށް، ދުނިޔޭގައި ހަމަޖެހޭ، އުފާވެރި، ބާއްޖަވެރި ދިރިއުޅުމެއް ޤާއިމުކުރުމަށް ކަމަށްވާތީ، އެ މަޤްޞަދުވެސް މުސްލިމުން ފުރިހަމަކުރަންޖެހޭ. ﷲ ވަޙީކުރައްވަނީ "وَٱبْتَغِ فِيمَآ ءَاتَىٰكَ ٱللَّهُ ٱلدَّارَ ٱلْـَٔاخِرَةَ وَلَا تَنسَ نَصِيبَكَ مِنَ ٱلدُّنْيَا." (القصص:77) އެއީ، އަޅުގަނޑުމެންގެ ކޮންމެ ފަރުދަކަށް އައި ޚިޠާބެއް. "ކަލެޔަށް ﷲ ދެއްވި ތަކެތިން އާޚިރަތުގެ ބާއްޖަވެރިކަމަށް، އާޚިރަތުގެ ނިޢުމަތަށް، އާޚިރަތުގެ ޘަވާބަށް، ރަޙްމަތަށް އެދޭށޭ! އެހެންނަމަވެސް، ދުނިޔެއިން ކަލެޔަށް ލިބެންވީ މިންވަރުގެ މަތިން ހަނދާންނެތިކޮށްނުލާށޭ!" އެހެންވީމާ، މާތްވެގެންވާ އިސްލާމްދީނުގައި މި ދެކަންތައް އެބައޮތް. އާޚިރަތުގެ ހެވަށް މަސައްކަތްކުރުމާއި، ދުނިޔޭގެ ތަރައްޤީއަށާއި، ދުނިޔޭގެ ކުރިއެރުމަށް މަސައްކަތް ކުރުން.

އެހެންކަމުން، މިއަދު ދިވެހިރާއްޖެއަކީ ކުރިއަރަމުން އަންނަ ކުޑަކުޑަ ޤައުމަކަށް ވީހިނދު، އަޅުގަނޑުމެންގެ ރާއްޖެ ތަރައްޤީކޮށް، ކުރިއަށްދިޔުމުގައި، އަޅުގަނޑުމެން ވަރަށް މުހިންމު އަދި ބޮޑެތި މަސައްކަތްތަކެއް ވަނީ ކުރަންޖެހިފައި. އެ މަސައްކަތްތަކުގެ އެންމެ ފުރަތަމަ ބިންގަލަކީ ތަޢުލީމު. އަޅުގަނޑުމެންގެ ދަރިންނަށް އެދެވޭ ތަޢުލީމެއް ލިބިދެވިގެން، އެމީހުންނަކީ ތަންދޮރު ދަންނަ، ކަންތައްތަކާ ދޭތެރޭގައި ޚިޔާލުކުރާ އަދި މުސްތަޤްބަލުގައި އެމީހުންގެ ކޮނޑުގައި އެޅޭނެ މަސްއޫލިއްޔަތު އުފުލުމަށް ޤާބިލް ބަޔަކަށް ވާނީ. ޝައްކެއްނެތް، މިއަދުގެ ކުޑަކުދީންނަކީ މާދަމާގެ ޒުވާނުން. އަދި އޭގެފަހުން ހަރުމީހުން، ޤައުމުގެ ޒަޢީމުން. އެހެންކަމުން، އެކުދިން މުސްތަޤްބަލަށްޓަކައި ތައްޔާރުކުރުމުގައި، އެކުދިންނަށް އެކަށީގެންވާ ތަޢުލީމެއް އަޅުގަނޑުމެން ދޭންވާނެ. އާދެ، އެ މުހިންމު މަޤްޞަދު ޙާޞިލްކުރުމަށްޓަކައި ރާއްޖެތެރޭގައި، އެތަން މިތާނގައި ތަޢުލީމީ މަރުކަޒުތައް ހުޅުވަނީ، އަތޮޅު މަދަރުސާތައް ހުޅުވަނީ. ސަރުކާރުން އެ މަސައްކަތް ކުރަނީ. އަދި އަމިއްލަ ފަރާތްތަކުން ތަޢުލީމު ފެތުރުމަށް ކުރާ މަސައްކަތްތަކުގައި ސަރުކާރުން ބައިވެރިވެ އެހީތެރިވަމުން ގެންދަނީ.

އާދެ، މީދޫ ސްކޫލަކީ ވަރަށް ކުރީއްސުރެ ހިނގަމުން އަންނަ ސްކޫލެއް. އަމިއްލަ ފަރާތްތަކަކުން ހިންގަވާ ސްކޫލެއް އެއީ. އެ ފަރާތްތަކުން އެ ކުރައްވާ މަތިވެރި ޚިދުމަތުގެ އަގު، އަޅުގަނޑުހިތުން ރަށުގެ އެންމެންވެސް ވަޒަންކުރައްވާނެ. ވަކިން ޚާއްޞަގޮތެއްގައި، އެ މަދަރުސާގެ ހިންގުންތެރިއެއް ކަމަށްވާ، އަލްފާޟިލް މުޙައްމަދު މަޖީދު މިހާރު އެ ކުރައްވަމުން އެ ގެންދަވާ މިންނެތް މަސައްކަތަކީ، އަޅުގަނޑުހިތުން އަޅުގަނޑުމެންގެ ތެރެއިން އެކަކަށްވެސް ވަންހަނާވެގެންވާނެ މަސައްކަތްތަކެއް ނޫން. އެކަން ފާހަގަކުރުމުގެ ގޮތުން، މީދޫގެ ރައްޔިތުން އެގޮތަށް އެދުމާއެކީގައި، ސަރުކާރުން، ސަރުކާރުގެ ޚަރަދުގައި އާ ޢިމާރާތެއް ހަދަން ޤަޞްދުކުރީ. އަދި އިރާދަކުރެއްވީތީ އެ ޢިމާރާތް ނިމި، މިއަދު އެ ޢިމާރާތް ހުޅުވުމުގެ އުފާ އަޅުގަނޑުމެން މި ޙާޞިލްކުރަނީ.

އާދެ، މިއަދު ވަގުތުގެ ގޮތުން އަޅުގަނޑަކަށް، މާދިގު ވާހަކަތަކެއް ދެއްކޭކަށް ނެތް. އެހެންނަމަވެސް، ދެތިން ވާހަކައެއް ދަންނަވާލާފައި، އަޅުގަނޑު ކުރުކޮށްލަން ޤަސްދުކުރަނީ. އެންމެ ފުރަތަމަ ވާހަކައަކީ، އަޅުގަނޑު މީދުއަށް އައުމުން، މީދޫގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ތިޔަ ވިދާޅުވި ވަރަށްވެސް އިޚްލާޞްތެރި، ހޫނު މަރުޙަބާއަށްޓަކައި، މީދޫގެ ރައްޔިތުންނަށާއި ވެރިންނަށް، އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވާ ވާހަކަ. ރާއްޖެތެރެއަށް ޒިޔާރަތްކޮށް، ރާއްޖެތެރޭގެ އަހުލުވެރިންނާ ބައްދަލުކޮށްލުމަކީ، އަބަދުވެސް އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑު މި މަގާމާ ޙަވާލުވި ފަހުން، ވަރަށްގިނަފަހަރު މަތިން ރާއްޖޭގެ ކަންކޮޅުތަކަށް އަޅުގަނޑު ޒިޔާރަތްކޮށްފިން. ތިޔަބޭފުޅުންގެ މިރަށަށްވެސް އެތައްފަހަރަކު އަތުވެއްޖައިން. އެހެންނަމަވެސް، ކޮންމެ ފަހަރަކު އައުމުން އަޅުގަނޑަށް ލިބެނީ އިތުރު އުފަލެއް. އަޅުގަނޑަށް އިޙްސާސް ކުރެވެނީ އިތުރު އުންމީދުތަކެއް. އަޅުގަނޑުގެ ހިތުގައި ކަނޑައެޅިގެންދަނީ އާ ޢަޒުމްތަކެއް. ޝައްކެއްނެތް، ދިވެހިރާއްޖެއަކީ، ތަރައްޤީގެ މަގުގައި ހަލުވި ފިޔަވަޅުތަކެއް ކުރިއަށް އަޅަންޖެހިފައިވާ ޤައުމެއް. އެހެންކަމާއެކު، ސަރުކާރުން މަސައްކަތްކުރަމުން މިގެންދަނީ، ހުރިހާ ރޮނގަކުންވެސް ރާއްޖެ ތަރައްޤީ ކުރުމަށް ބޭނުންވާ އުޞޫލުތައް ކަނޑައަޅައި، އެ އުޞޫލުތަކުގެ މަތިން ރައްޔިތުންނަށް އެހީތެރިވެދެވޭތޯ.

އާދެ، ތިޔަބޭފުޅުންގެ މިރަށަށްވެސް ސަރުކާރުން ކަންތައްތަކެއް ވަނީ ކޮށްދީފައި. އެ ކަންތައްތަކުގެ ތަފްޞީލު އަޅުގަނޑު ދަންނަވާކަށް ނެތިން. އެހެންނަމަވެސް، އެކަންތައްތަކުގެ ބޭނުމަކީވެސް ރައްޔިތުންނަށް ކުރިއެރުން ލިބޭނެ މަގުތައް ސަރުކާރުން ތަނަވަސްކޮށްދިނުން. އެ މަގުތައް ސަރުކާރުން ކޮށައިދިނީމާ، އެ މަގުތަކުން އިޚްލާޞްތެރިކަމާއެކު ހިންގެވުން އެއީ، ރައްޔިތުންގެ ކަމެއް. އެއީ، ރައްޔިތުން އެމަގުގައި ހިންގަވައިގެން ޤައުމަށާއި، އެ ރަށެއްގެ ރައްޔިތުންނަށް ލިބެންވާ ފައިދާތަކެއް ހޯއްދެވުމަކީ ރައްޔިތުން ކުރައްވަންޖެހޭނެ ކަމެއް.

އާދެ، ރާއްޖެތެރޭގެ ރަށްރަށަށް ތަފާތު ދަތިތައް ކުރިމަތިވެފައިވޭ. އެ ދަތިތައް ޙައްލުކުރުމުގެ ގޮތުންވެސް، ސަރުކާރުން އެވަގުތަކަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް މިގެންދަނީ ކޮށްދެމުން. އެހެން ދަންނަވާއިރު، ތިޔަބޭފުޅުންވެސް ވަޒަންކުރަންވާނެ، ދިވެހިރާއްޖެއަކީ ކުޑަކުޑަ ޤައުމެއްކަން. އަޅުގަނޑުމެންގެ ވަސީލަތްތައް މަދުކަން. އަޅުގަނޑުމެންނަކީ މާ މުއްސަނދި، މާ ފައިސާހުރި ޤައުމެއް ނޫންކަން. އެހެންކަމުން، އަޅުގަނޑުމެންނަށް ކަންތައްތައް ކުރެވެން އަންނަނީ މަޑުމަޑުން، ލަސްލަހުން. ފަހަރަކު ކަމެއްކަހަލަ ގޮތަކަށް. އެހެންވީމާ، ރައްޔިތުން އެދޭ ކިތަންމެ ކަމެއް ނުކުރެވި، ލަސްވެފައި ހުރެދާނެ. އެހެންނަމަވެސް، އެއީ، އެކަމަށް އެޅޭ ހުރަސްތަކަކާއި ދަތިތަކެއް ހުރުމުގެ ސަބަބުން ވާގޮތެއް.

އާދެ، ކޮންމެއަކަސް ފަޅުގެ ދަތިކަން އެއީ، ރާއްޖެތެރޭގެ ވަރަށް ގިނަ ރަށްރަށުން އިޙްސާސް ކުރަން ޖެހިފައިވާ ދަތިކަމަކަށްވާތީ، އެކަން ޙައްލުކުރެވޭތޯވެސް ވަރަށް ބޮޑެތި ޚަރަދުތަކެއް ސަރުކާރުގެ ބަޖެޓުން ކޮށްގެން، މިހާރު އެ މަސައްކަތްތައް ކުރަމުން މިގެންދަނީ. ތިޔަބޭފުޅުންވެސް އައްސަވާފައިވާނެ ފަދައިން، ރާއްޖެތެރޭގެ އުތުރުގަޔާއި، ދެކުނުގެ ބައެއް ރަށްރަށުގެ ފަޅު، ސަރުކާރުން މިހާރު ފުންކޮށްދީފި. އަދި ހަމައެފަދައިން، އެ މަސައްކަތް އިތުރު ރަށްރަށުގައިވެސް ހިނގަމުން އެބަދޭ. ތިޔަބޭފުޅުންނާ މިހާރު ވަރަށް ކައިރީގައިވާ ރަށެއް ކަމުގައިވާ ހުޅުދޫގައި، ހުޅުދޫ ފަޅު ފުންކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން މިގެންދަނީ. އިރާދަކުރެއްވިއްޔާ، އެ މަސައްކަތް ނިމުމުން، މިހާރު އެ ބޭނުންކުރާ ސެޓު ބަދަލުކުރެވޭނީ މި ރަށަށް. މީދޫގެ ފަޅު ފުންކުރުމުގެ މަސައްކަތް ސަރުކާރުން އޭރުން ކޮށްދެމުން ގެންދާނެ.

މީދުއަކީ، ދަނޑުވެރިކަމުގެ ރޮނގުންވެސް ފާހަގަކޮށްލެވޭ ރަށެއް. ކުރީއްސުރެ މިރަށުގެ ރައްޔިތުން ތަފާތު އެއްޗެތި މިރަށުގައި އިންދަވައިގެން، އޭގެ ފައިދާ ހޯއްދަވަމުން ގެންދަވާ. އަޅުގަނޑަށް މަޢުލޫމާތު ލިބުނު ގޮތުގައި، މިރަށުގެ ރައްޔިތުންގެ ވަރަށް ގިނަ ބަޔަކީ އެކަމަށް ޝައުޤުވެރިކަން ހުންނަ ބައެއް. އެހެންކަމަށްވާތީއާ އެކީގައި، ސަރުކާރުން މިހާރުވަނީ މި ރަށުގައި ނާރސަރީއެއް އުފައްދާފައި. އެ ނާރސަރީގައި އެކިއެކި އެއްޗެތި މުޑުވައްކޮށްގެން، ރައްޔިތުންނަށް އެ ލިބޭގޮތަށް ހަމަޖެހިފައި އޮތީ. މިހާރުވެސް އެ މަސައްކަތް އެބަ ހިނގާ. އަދި އޭގެއިތުރުން، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން އެކި ވައްތަރުވައްތަރުގެ ގަސްގަސް މިރަށަށްވެސް ވަނީ ފޮނުއްވާފައި. އަދި އެހެން އެހީތައްވެސް، މިރަށުގެ އެ މަސައްކަތްކުރާ މީހުންނަށް ގެންދަވަނީ ވެދެއްވަމުން. އޭގެ ބޭނުމަކީ، ރައްޔިތުންނަށް ތަނަވަސްކަން، އިތުރު ތަނަވަސްކަން ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރުން.

އާދެ، މި ހުރިހާ ކަމެއް މި ކުރަނީ، ރައްޔިތުންގެ ފައިދާއަށްޓަކައި. އެއީ، އަޅުގަނޑުމެންގެ ރާއްޖެތެރޭގެ ރައްޔިތުން، މިއަދު ވަނީ މި ހުރިހާ ކަމަކަށް ބޭނުންވެފައި ކަމަށްވާތީ. އަޅުގަނޑު ފަހަރެއްގައިވެސް ނުދަންނަވަން، ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް ސަރުކާރަށް ކޮށްދެވެއެކޭ. ސަރުކާރަކަށް އެ ހުރިހާ ކަމެއް ކޮށެއްނުދެވޭ. ކުރިންވެސް ދެންނެވިފަދައިން، އެ ސަބަބަކީ އަޅުގަނޑުމެންނަކީ ކުޑަކުޑަ ޤައުމަކަށްވެފައި، އަޅުގަނޑުމެންގެ އަތްމަތީގައިވާ ތަނަވަސްކަމަކީވެސް ވަރަށް ކުޑަކުޑަ އެއްޗަކަށްވާތީ، އަޅުގަނޑުމެންގެ ތަނަވަސްކަން ހުރި މިންވަރަކުން، ކަންތައް ކުރަންޖެހޭތީ ވާގޮތެއް. އެހެންނަމަވެސް، ސަރުކާރަށް ވެވުނުވަރަކުން، ސަރުކާރުގެ ތަނަވަސްކަން ހުރިވަރަކުން، މިގެންދަނީ ހުރިހާ ކަމެއްވެސް ރާވައި ހިންގަމުން. އޭގެތެރޭގައި، ތަޢުލީމު ކުރިއަށް ގެންދިޔުމަށް މަސައްކަތްކުރުމާއި، ރާއްޖެތެރޭގެ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ލިބިދެވޭތޯ މަސައްކަތްކުރުމާއި އަދި މަސްވެރިކަން ތަރައްޤީ ކުރުމަށް މަސައްކަތްކުރުމާއި، ޓޫރިޒަމް ތަރައްޤީކުރުމަށް މަސައްކަތްކުރުމާއި، ވިޔަފާރި ތަރައްޤީކުރުމަށް މަސައްކަތްކުރުމާއި، މިހެންގޮސް އެ ކަންތައްތައް ކުރުމުން، އަޅުގަނޑުމެންގެ ރާއްޖެއަށް އިތުރު ތަނަވަސްކަމެއް ނުވަތަ އިތުރު ކުރިއެރުމެއް ލިބޭނެ ކޮންމެ ކަމެއް ކުރެވޭތޯ ސަރުކާރުން މިގެންދަނީ ބަލަމުން.

އާދެ، އަޅުގަނޑުމެންގެ މުސްތަޤްބަލަށް ވިސްނާއިރު، އަޅުގަނޑުމެން ވަރަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެ ކަންތައްތަކެއް އެބަހުރި. އޭގެތެރެއިން އެއްކަމަކީ، އަޅުގަނޑުމެންގެ ކުޑަކުދިންނާ ދޭތެރޭގައި ޚާއްޞަ ސަމާލުކަމެއް ދިނުން. ކުޑަކުދިންގެ އަތްމަތީގައި މުސްތަޤްބަލް އޮންނާނީ. އެހެންވީމާ، އަޅުގަނޑުމެންގެ މިއަދުގެ ކުޑަކުދިންނަކީ އަދި މާދަމާގެ ޒުވާނުންނަކީ ޤައުމަށް ފައިދާހުރި، ހަރުދަނާ ބައެއް ކަމުގައި ހެދޭތޯ ބެލުމަކީ އަޅުގަނޑުމެން އެންމެންގެވެސް ވާޖިބެއް.

ޝައްކެއްނެތް، ޒުވާނުންގެ ތާޒާ ލޭ ވަނީ ޤައުމަށް ބޭނުންވެފައި. ސަރުކާރަށްވެސް ބޭނުންވެފައި. މިހާރުވެސް ޒުވާނުންގެ ޚިދުމަތް ސަރުކާރަށް ލިބެމުން އެބަދޭ. ސަރުކާރުގެ ދާއިރާގައި ވަރަށް ގިނަ ޢަދަދަކަށް ޒުވާނުން މަސައްކަތްކުރަމުން ގެންދޭ. ސަރުކާރުގެ އޮފީސްތަކުގައި އަދި އެނޫން ތަންތާނގައި، އެ މީހުންގެ ޚިދުމަތް ސަރުކާރަށް ލިބެނީ ވަރަށްވެސް އެކަށީގެންވާ ގޮތެއްގައޭ އަޅުގަނޑަށް ދަންނަވަންޖެހޭ. ހަމައެއާއެކީގައި، އަމިއްލަ މައިދާންތަކުގައި، އާދެ، ޓޫރިޒަމް، ވިޔަފާރި އަދި މިނޫންވެސް ފައިދާހުރި އެކިއެކި އިޤްތިޞާދީ މަސައްކަތްތަކުގައި ވަރަށް ގިނަ ޢަދަދަކަށް ޒުވާނުން އަވަދިނެތިކޮށް މަސައްކަތްކުރަމުން އެބަގެންދޭ. ޙަރަކާތްތެރިވަމުން އެބަގެންދޭ. އެމީހުންގެ ޚިދުމަތުގެ ނަތީޖާވެސް، ފައިދާވެސް އެމީހުންނަށާއި، އެމީހުންގެ ޢާއިލާތަކަށާއި ޤައުމަށް ދަނީ ލިބެމުން. އެހެންކަމުން، އެއީ މިއަދު ވަރަށް އުފަލާއެކު ސަރުކާރުން ފާހަގަކުރާ ކަމެއް.

އަޅުގަނޑު މި ދެންނެވި ފަދަ ހަރުދަނާ، ފައިދާހުރި ޒުވާނުން ތިބި ކަމުގައިވިޔަސް، ޒުވާނުންގެ ތެރޭގައިވެސް އެނޫން މީސްމީހުންވެސް އެބައުޅޭ. ކޮންމެ ޤައުމެއްގައިވެސް އެކަން އޮންނާނީ އެހެން. ކޮންމެ ބައެއްގެ ތެރޭގައިވެސް ރަނގަޅު މީހުންނާއި، ނުރަނގަޅު މީހުން ތިބޭނެ. މަދުމަދުން ނަމަވެސް، އަޅުގަނޑުމެންގެ ޒުވާނުންގެ ތެރޭގައި އެކަހަލަ ބަޔަކު ތިބިކަން އަޅުގަނޑުމެން ވަނީ މިއަދު ގަބޫލުކުރަންޖެހިފައި. އެ މީހުންގެ ފަރާތުން ސަރުކާރަށް ނުވަތަ ޤައުމަށް ފައިދާއެއް ވުމުގެ ބަދަލުގައި، ގެއްލުން ލިބޭ ކަހަލަ މީހުންވެސް އެބަތިބި. އެހެންނަމަވެސް، އަޅުގަނޑުމެންގެ ވާޖިބަކަށް ވާނީ، އެމީސްމީހުން އިޞްލާޙު ކުރުން. ބައެއް މީހުން، އެއްވެސް ސަބަބެއް ނެތި، އެ މީހުންގެ މެދުގައި ހަމަނުޖެހުން އުފައްދަން މަސައްކަތްކުރާ ތަން އެބަ ފެނޭ. އެއްވެސް ކަހަލަ ސަބަބެއް ނެތި، މަންޠިޤީ ނުވަތަ އެކަމަށް އެމީހުން މަސައްކަތް ކުރަންޖެހޭނެ އެއްވެސް ކަހަލަ ސަބަބެއް ނެތި، މީހުންގެ މެދުގައި ހަމަނުޖެހުން އުފައްދަން، ފިތުނަ އުފައްދަން މަސައްކަތްކުރާ ބަޔަކުވެސް އެބަތިބި. އެކަން އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ.

ކޮންމެއަކަސް، ފިތުނަ އުފެއްދުމަކީ، މީހުން މެރުމަށްވުރެވެސް ނުބައި ކަމެއް ކަމުގައި ކީރިތި ޤުރްއާނުގެ ޞަރީޙަ ނައްޞުން އަޅުގަނޑުމެންނަށް ވަނީ އަންގަވާފައި. މީހުންގެ މެދުގައި ހަމަނުޖެހުން އުފައްދަން އުޅުމަކީ ވަރަށް ގޯސްކަމެއް. އޭގެ ނަތީޖާ ވަރަށް ނުރައްކާ ކަމަކަށް ވެދާނެ. އާދެ، އަޅުގަނޑުމެންގެ ކައިރީގައިވާ ޤައުމުތަކަށް ބަލައިލާއިރުވެސް އެފަދަ މީހުންގެ ޢަމަލުތަކުގެ ސަބަބުން، އެތަންތާނގައި ބޮޑެތި ހަމަނުޖެހުން އުފެދި، ލޭ އޮހޮރުވުން ހިނގަމުން އެބަދޭ. އޭގެ ސަބަބުން އެ މީހުންނަށްވާ ފައިދާއެއް ނެތް. ވަނީ ގެއްލުން. އިޤްތިޞާދުވެސް ދަނީ ހަލާކުވެގެން. އިޖުތިމާޢީ ގޮތުން ދަނީ ފަހަތަށް. އެއްވެސް ރޮނގަކުން އެ ޤައުމުތައް ކުރިއަކަށް ނުދޭ. އަޅުގަނޑުމެން ޖެހޭނެ، އެތަންތަނުން ފިލާވަޅެއް ދަސްކުރަން. ޢިބްރަތެއް ޙާޞިލްކުރަން. އަޅުގަނޑުމެންގެ މެދުގައި އެއްވެސް ކަހަލަ ހަމަނުޖެހުމަކަށް ތަންދީގެނެއް ނުވާނެ. އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިން. އިސްލާމްދީނުގެ އަހުލުވެރިންނަކީ އަޚުންތަކެއް. "إِنَّمَا ٱلْمُؤْمِنُونَ إِخْوَةٌۭ" (الحجرات:10) "ހަމަކަށަވަރުން މުއުމިނުންނަކީ އަޚުންތަކެކޭ." ކީރިތި ޤުރްއާނުގައި ﷲ ވަޙީކުރައްވާ. އަޚުންނަކީ އެއްބަނޑުއެއްބަފާ ބައެއް. އެހެންވީމާ، އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭނީ، އެއްބަނޑުއެއްބަފާ ކަމުގެ ގުޅުން. އަޅުގަނޑުމެންގެ މެދުގައި އެއްވެސް ކަހަލަ ހަމަނުޖެހުމަކަށް ތަންދީގެނެއް ނުވާނެ. ފިތުނަ އުފައްދައިގެނެއް ނުވާނެ. ކޮންމެ އިންސާނަކުވެސް، އެ މީހެއްގެ ވާޖިބު އަދާކުރަންޖެހޭނީ، ﷲ އަށް ތެދުވެރިވެ ހުރެ، ދީނަށް ތެދުވެރިވެ ހުރެ، ޤައުމަށް ވަފާތެރިވެ ހުރެގެން، މުޖުތަމަޢަށާއި ރައްޔިތުންނަށް އިޚްލާޞްތެރިކަންމަތީ ދެމިހުރެ. އެހެންކަމުން، އަޅުގަނޑުމެންގެ މެދުގައި އޮންނަންވާނީ އެއްބާރުލުމާއި ހަމަޖެހުން. ހަމަޖެހުމާއި އެއްބާރުލުން އޮވެގެން ނޫނީ، އަޅުގަނޑުމެންނަކަށް އެއްވެސް ރޮނގަކުން އަޅުގަނޑުމެން ކުރާ މަސައްކަތެއް ކާމިޔާބެއް ނުކުރެވޭނެ.

ޓޫރިޒަމްގެ ރޮނގަށް ވިސްނަވައިލެއްވިޔަސް، ޤައުމުގެ ތެރޭގައި ހަމަނުޖެހުން އުފެދިގެންދާ ކަމަށްވަންޏާ، ކިހިނެއްތޯ ޓޫރިސްޓުން މި ރަށަށް އަންނާނީ. އަޅުގަނޑުމެންނަށް މިއަދު މި ލިބޭ ތަނަވަސްކަން ލިބޭނީ ކޮންގޮތަކުންތޯ. ވިޔަފާރީގެ އުޞޫލުން ބެއްޔަސް އަދި ވިޔަފާރި ކުރިއަށް ގެންދިޔުމުގެ ގޮތުން ބެއްޔަސް، އެއްވެސް ތަނެއްގައި ހަމަނުޖެހުމެއް އުފެދިގެން ހިނގަމުންދާ ކަމަށްވަންޏާ، އޭގެ ސަބަބުން އެ ޤައުމަށް ނުބައިތަކެއް މެދުވެރިނުވެއެއް ނުދާނެ. ޢިލްމުވެރިން ވިދާޅުވާގޮތުގައި، ބުއްދިވެރިޔަކީ ނުވަތަ ބުއްދިވެރިންނަކީ، އެހެން މީހުންނަށް ދިމާވާ މުޞީބާތްތަކުން ޢިބްރަތް ޙާޞިލްކުރާ މީހާ. އަޅުގަނޑުމެން އަމިއްލައަށް އެފަދަ ނުރައްކަލަކަށް ކުރިމަތިލުމުގެ ބަދަލުގައި، އެހެން މީހުންނަށް އެ ދިމާވާ ނުރައްކާތަކުން، އެ ލިބޭ ގެއްލުންތަކުން އަޅުގަނޑުމެންވީ ޢިބްރަތް ޙާޞިލްކުރަން. ޙާޞިލްކޮށްގެން، އަޅުގަނޑުމެންގެ ތެރޭގައި އެކަހަލަ ކަމަކަށް ތަން ނުދިނުން. އެއީ، ބުއްދިވެރިންގެ ގޮތަކީ. ބުއްދިވެރިންގެ ގޮތަކީ، އަޅުގަނޑުމެންގެ ތެރޭގައިވެސް އެކަހަލަ ކަންތައް އުފެދިގެން، އޭގެ ނަތީޖާ، ހިތި ނަތީޖާ އަޅުގަނޑުމެންނަށް އިޙްސާސް ކުރަންޖެހެންދެން މަޑުކުރުމެއް ނޫން. އެހެންވީމާ، ބުއްދިވެރިންގެ ގޮތުގައި އަޅުގަނޑުމެން ތިބުމަކީ ޝައްކެއްނެތްގޮތުގައި، މުޅި ޤައުމަށް ވާނެ ފައިދާއެއް.

އެހެންވީމާ، އަޅުގަނޑުގެ އިލްތިމާސަކީ އަދި އެދުމަކީ، ރައްޔިތުންގެ މެދުގައި އެއްވެސް ކަހަލަ ހަމަނުޖެހުމެއް ނުބާއްވަވައި، މާތްވެގެންވާ އިސްލާމްދީން އަޅުގަނޑުމެންނަށް ބާރުއަޅުއްވާ ފަދައިން، އިސްލާމީ އަޚުންތަކެއް ކަމުގައި އަޅުގަނޑުމެން ވުން. އެއްބަނޑުއެއްބަފާ ކަމުގައި ދެމިތިބުން. އެއްވެސް ކަހަލަ ފިތުނައެއް އުފައްދަން މަސައްކަތް ނުކުރުން. އެންމެން އެކުވެރިވެގެން، އެއްބާރުލައިގެން، އަޅުގަނޑުމެންގެ އަމިއްލަ ފައިދާއަށާއި، ޤައުމުގެ ފައިދާއަށްޓަކައި މަސައްކަތްކުރަމުން ގެންދިޔުން.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަޅުގަނޑު ދެތިން ފަރާތަކަށް ޝުކުރު ދަންނަވާލަންޖެހޭ. އާދެ، އެއްފަރާތަކީ، މި އަތޮޅުގެ އަތޮޅުވެރިޔާ، އަލްފާޟިލް ޢަބްދުއްސައްތާރު ޙަސަން. މި ދެތިންހަތަރު ދުވަހު އަޅުގަނޑުމެންނާއެކީ ވަރަށް ބުރަކޮށް އޭނާ އުޅުއްވައިފި. އަޅުގަނޑުގެ މި ދަތުރުގެ ހުރިހާ ކަމެއް އަތޮޅުތެރޭގައި ހަމަޖައްސަވައި، އަޅުގަނޑާއެކީ ހުރިހާ ރަށަކަށް ދަތުރުކުރައްވައި، ދަތުރާބެހޭ ހުރިހާ އިންތިޒާމުތަކެއް ވަރަށް ފުރިހަމަގޮތެއްގައި ހަމަޖައްސަވައި ކުރިއަށް ގެންގޮސް ދެއްވައިފި. އެހެންވީމާ، އައްޑުއަތޮޅުގެ އަތޮޅުވެރިޔާ، އަލްފާޟިލް ޢަބްދުއްސައްތާރު ޙަސަން އެ ކުރެއްވި ބުރަ މަސައްކަތަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކު، އޭނާއަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އައްޑުއަތޮޅުގެ އަތޮޅުވެރިޔާ، އަލްފާޟިލް ޢަބްދުއްސައްތާރު ޙަސަނަށް އަޅުގަނޑު ޝުކުރު ދަންނަވަނީ، ހަމައެކަނި މި ދަތުރުގެ ކަންތައްތައް އޭނާ ގެންދެވިލެއް ފުރިހަމަކަމަށްޓަކައެއް ނޫން. އޭގެ އިތުރުން، އަޅުގަނޑު ގޮވާލި ގޮވާލުމަކަށް އޭނާ އިޖާބަދެއްވިލެއް އަވަސްކަމުންވެސް އަޅުގަނޑު ޝުކުރު ދަންނަވަންޖެހޭ. އެހެން މިދެންނެވީ، ރާއްޖެތެރެއަށް ޚާއްޞަ ސަމާލުކަމެއް ދިނުމުގެ ގޮތުން، އަޅުގަނޑު ޤަޞްދުކުރީ އަތޮޅުވެރިންގެ ފެންވަރު މަތިކުރުމަށް. އަތޮޅުވެރިކަމަށް ޤާބިލް، އެކަށީގެންވާ ބޭފުޅުން ކޮންމެ ދާއިރާއެއްގައި ތިއްބެވި ނަމަވެސް، އެ ބޭފުޅުންނަށް ދަންނަވައިގެން، އަތޮޅުވެރިކަން ގަބޫލުކުރައްވާ ކަމަށްވަންޏާ، އެކި އަތޮޅުތަކުގެ އަތޮޅުވެރިކަން އެ ބޭފުޅުންނާ ޙަވާލުކުރަން. އެއީ، ކިޔަވައިގެން، ތަޢުލީމު ޙާޞިލްކޮށްގެން ތިބި، ޤާބިލް ޒުވާނުންގެ ޚިދުމަތް އަތޮޅުތަކަށް ބޭނުންވެފައިވާތީ. އަޅުގަނޑު އެ ގޮވާލި ގޮވާލުމަށް، އެންމެ ފުރަތަމަ އިޖާބަ ދެއްވި އެއް ބޭފުޅަކީ، ޢަބްދުއްސައްތާރު ޙަސަން. އޭނާ ހުންނެވީ މާލޭގެ ވަރަށް މުހިންމު އޮފީހެއްގެ އިސްވެރިޔަކަށް. އެހެންނަމަވެސް، އެކަން ދޫކޮށްލައްވާފައި، އޭނާ ހެޔޮހިތުން ވަޑައިގަތީ މި އަތޮޅުގެ އަތޮޅުވެރިކަން ގަބޫލުކުރައްވައިގެން، މިއަތޮޅުގެ ރައްޔިތުންނަށް ޚިދުމަތްތަކެއް ކޮށްދެވޭތޯ. އެހެންވީމާ، އެކަމަށްޓަކައިވެސް އަލްފާޟިލް ޢަބްދުއްސައްތާރު ޙަސަނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑު ރައީސްކަމާ ޙަވާލުވިފަހުން، ރާއްޖެތެރެއަށް ވަރަށް އެކަށީގެންވާ ދިރުމެއް ގެނެވޭތޯ ވަރަށް ބޮޑަށް މިއައީ މަސައްކަތްކުރަމުން، މިވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި، ތިޔަބޭފުޅުންނަށްވެސް އެކަން އެނގިވަޑައިގަންނަވާނެ. އެ މަސައްކަތުގައި އަޅުގަނޑަށް އެހީތެރިވެދެއްވި ދެ ބޭފުޅަކު މިއަދުގެ ޖަލްސާގައި އެބަ ތިއްބެވި. އެހެންވީމާ، އެ ދެ ބޭފުޅުންނަށް ޝުކުރު ދެންނެވުމަކީވެސް އަޅުގަނޑަށް ދޫކޮށްނުލެވޭވަރުގެ އުފަލެއް. އާދެ، އޭގެތެރެއިން އެއްބޭފުޅަކީ، އަލްއުސްތާޛު ޢަބްދުﷲ ޙަމީދު. ވަރަށް ގިނަ އަހަރުތަކެއް ވަންދެން މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ މަގާމުގައި ހުންނަވައިގެން، ރާއްޖެތެރޭގެ ކަންތައްތައް ތަރައްޤީކޮށް އިޞްލާޙު ކުރެއްވޭތޯ ބުރަ މަސައްކަތްތަކެއް އޭނާ ކޮށްދެއްވި. އެހެންކަމުން، އަލްއުސްތާޛު ޢަބްދުﷲ ޙަމީދަށްވެސް، މިއަދު ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. ހަމައެއާއެކު، މިހާރު ރާއްޖެތެރޭގެ ކަންތައްތަކާ ޙަވާލުވެވަޑައިގެން ހުންނެވި މިނިސްޓަރު، އާދެ، މިހާރުގެ މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަން، އަލްފާޟިލް އިލްޔާސް އިބްރާހީމް. އޭނާއަކީވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ރާއްޖެތެރެ ތަރައްޤީ ކުރެއްވުމަށް އަދި ރާއްޖޭގެ ރައްޔިތުންނަށް ދިމާވާ ދަތިތައް ފިލުއްވައިދެއްވައި އަދި ރާއްޖޭގެ ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހޯއްދަވައިދެއްވޭތޯ ރެޔާއިދުވާލު މަސައްކަތްކުރައްވާ ބޭފުޅެއް. އޭނާ އެ ކުރައްވާ މަސައްކަތްތަކުގެ ނަތީޖާތައް ރާއްޖެތެރެއިން ފެންނަމުންވެސް އެބަދޭ. އެހެންކަމާއެކު، އަލްފާޟިލް އިލްޔާސް އިބްރާހީމް އެކުރައްވާ މަސައްކަތްޕުޅުތަކުގެ އަގުވަޒަންކޮށް، އޭނާއަށްވެސް ޝުކުރު ދެންނެވުމަކީ މިއަދު އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އާދެ، އަދި އެހެން ދެ ބޭފުޅަކަށް އަޅުގަނޑު ޝުކުރު ދަންނަވާލަން އެބަޖެހޭ. އެއީ، އަޅުގަނޑު މި އަތޮޅަށް މިކުރި ދަތުރުގައި އަޅުގަނޑާ އެކީގައި، ގާތްގަނޑަކަށް މި ހުރިހާ ޖަލްސާތަކުގައި ބައިވެރިވެވަޑައިގެން ދެއްވި ދެބޭފުޅެއް. އެއީ، އައްޑުއަތޮޅުން ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެފައިވާ ޢިއްޒަތްތެރި ދެމެންބަރުން. އަލްފާޟިލް އިބްރާހީމް ޝަރީފް އަދި އަލްފާޟިލް މުޙައްމަދު ރަޝީދު. އެ ދެ ބޭފުޅުންވެސް މި ޖަލްސާތަކުގައި ބައިވެރިވެވަޑައިގެން ދެއްވި ކަމަށްޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކޮށް، އެ ދެ ބޭފުޅުންނަށްވެސް ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، ޢާންމުކޮށް، އައްޑުއަތޮޅުގެ ރައްޔިތުންނަށް އަދި ޚާއްޞަކޮށް، މީދޫގެ ރައްޔިތުންނަށް އުފާވެރި ދުވަސްތަކަކަށް އެދެމުން. މާތްވެގެންވާ އިސްލާމްދީނުގެ ސާފުސީދާ ތެދުމަގުގައި ފައިތިލަ ސާބިތުކުރުމުގެ ތައުފީޤު ދެއްވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން. އަދި އަޅުގަނޑުމެން ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރު ގުޅިގެން، އެކިއެކި ރޮނގުރޮނގުން އަޅުގަނޑުމެންގެ ޤައުމަށް ފައިދާހުރި މަސައްކަތްތައް ކުރަމުން ގެންދާއިރު، އެ މަސައްކަތްތަކުގައި ބަރަކާތްލައްވައި، އެ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ އަޅުގަނޑުމެންނަށް ދެއްކެވުން އެދި އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން.

والسّلام عليكم ورحمـة اللّـه وبر كاته.