ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 210 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2007/4 (އޮޑިޓް ޤާނޫނު)ގެ 2 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން އޮޑިޓަރ ޖެނެރަލް ކަމަށް ޢައްޔަން ކުރެއްވުމަށްޓަކައި މާފަންނު އާދިއްލީގޭ ޢަލީ ރަޝީދު ޢުމަރުގެ ނަންފުޅު، ރައީސުލްޖުމްހޫރިއްޔާ މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

ޢަލީ ރަޝީދު ޢުމަރަކީ، އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ލިވަރޕޫލުން އެކައުންޓެންސީ ރޮނގުން ބެޗްލަރޒް ޑިގްރީ ޙާޞިލު ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާއަކީ ޗާޓަރޑް ސަރޓިފައިޑް އެކައުންޓެންޓެކެވެ.

ޢަލީ ރަޝީދު މީގެކުރިން ވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަންގެ ރައީސްކަމާއި، އެކޮމިޝަންގެ މެންބަރުކަންވެސް ކުރައްވާފައެވެ. އަދި އެންޓި-ކޮރަޕްޝަން ބޯޑުގެ އެކި މަގާމުތައް އޭނާވަނީ ފުރުއްވާފައެވެ. އޭގެތެރޭގައި، އެސައިންޓްމަންޓް އޮފިސަރ ކަމާއި، އެސިސްޓެންޓް ޑިރެކްޓަރ ކަމާއި، ޑެޕިއުޓީ ޑިރެކްޓަރ ކަމާއި، ޑިރެކްޓަރ ކަމުގެ މަގާމު ހިމެނެއެވެ.