بســم اللّـه الرّحمـن الرّحيــم
ދަރަނބޫދޫގެ ރައްޔިތުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، މީގެ ކުރިން އަޅުގަނޑުވަނީ، ރާއްޖޭގެ ހުރިހާ އަތޮޅުތަކަކަށް ޒިޔާރަތްކޮށްފައި. ރާއްޖޭގައި މީހުން އުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކޮށްފައި. އެގޮތުން، ދަރަނބޫދުއަށްވެސް މީގެ ކުރިން ތިންފަހަރަކު އަޅުގަނޑަށް އާދެވިފައިވޭ. އެންމެ ފުރަތަމަ 1974 ވަނަ އަހަރު އާދެ، މީގެ ގާތްގަނޑަކަށް ސަތާރަވަރަކަށް އަހަރު ކުރިން އަޅުގަނޑު ދަރަނބޫދުއަށް އައިން. އޭރު އައީ އޭރުގެ ވަޒީރުލްއަޢްޡަމް ފޮނުއްވައިގެން، މާލެއިން ދެކުނުގެ، މީހުން އުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރި ކުރުމެއްގައި. އަޅުގަނޑު ރައީސްކަމާ ޙަވާލުވީފަހުންވެސް ދެފަހަރެއްގެ މަތިން މި ރަށަށް އައުމުގެ އުފާ އަޅުގަނޑަށް ވަނީ ލިބިފައި. އެންމެ ފުރަތަމަ 1981 ވަނަ އަހަރު، އާދެ، މީގެ 10 އަހަރު ކުރިން. އޭގެފަހުން، 1982 ވަނަ އަހަރު. އެއީ، މީގެ 9 އަހަރު ކުރިން.
އާދެ، އަޅުގަނޑު ރާއްޖެތެރެއަށް ޒިޔާރަތްކޮށް، ރާއްޖެތެރޭގެ ރަށްރަށުގެ ރައްޔިތުންގެ ޙާލުއަޙުވާލު ބަލައިލުމަކީ، އަބަދުވެސް ވަރަށްބޮޑު އުފަލެއް ކަމުގައި ދެކޭ ކަމެއް. އެހެންނަމަވެސް، އަޅުގަނޑުގެ މަސައްކަތް ހުންނަގޮތުން އަޅުގަނޑު ބޭނުންވާހާ ގިނައެއްކޮށް ރާއްޖެތެރެއަށް ދާނެ ފުރުޞަތެއް އަޅުގަނޑަކަށް ނުލިބޭ. އެގޮތުން، މިރަށަށްވެސް ނައިސް މިހާ ގިނަދުވަސް މިވީ. ގާތްގަނޑަކަށް 9 އަހަރުދުވަސް މިހާރު މިވީ އަޅުގަނޑު މި ރަށަށް ނާންނަތާ. އެހެންވީމާ، މިހާރު މިތާނގައި އަޅުގަނޑުގެ މި ވާހަކަ އަހަން ތިބި މީހުންގެ ތެރެއިން ވަރަށް ގިނަ ޢަދަދެއްގެ ކުދިން، މީގެ ކުރިން އަޅުގަނޑު ދެކެފައެއް ނުވާނެކަންނޭނގެ. އަދި މި ރަށުގެ ޒުވާނުންގެ ތެރޭގައިވެސް، އަޅުގަނޑު ނުދެކޭ މީހުން ފަހަރެއްގައި ތިބެދާނެ.
ކޮންމެއަކަސް، އަޅުގަނޑު ރާއްޖެތެރެއަށް މި ކުރާ ދަތުރުތަކަކީ، ރާއްޖެތެރޭގެ ރައްޔިތުންގެ ޙާލުއަޙުވާލު ބަލައިލުމަށް ކުރާ ދަތުރުތަކެއް. ރައްޔިތުން ދިރިއުޅުމަށް ކުރަނީ ކޮންކޮން މަސައްކަތްތަކެއްތޯ ބަލައި، އެ މަސައްކަތްތައް މިހާރަށްވުރެ ފައިދާހުރި ގޮތެއްގައި ހިންގޭނީ ކިހިނެއްތޯ ބަލައި ހެދުން އެއީ، އަޅުގަނޑުގެ އެއް މަޤްޞަދު. އަޅުގަނޑުމެންގެ ރާއްޖެއަކީވެސް ކުރިއަރަމުން އަންނަ ތަނެއް. އެހެންވީމާ، އެއްދުވަހުން އަނެއް ދުވަހަށް އަޅުގަނޑުމެންގެ ރާއްޖޭގައި ކުރެވެމުންދާ މަސައްކަތްތައްވެސް ދަނީ އިތުރުވަމުން. މީގެ ކުރިން އަޅުގަނޑުމެން ނުކުރާ ކިތަންމެ މަސައްކަތެއް މިހާރު އަޅުގަނޑުމެން ކުރަމުން އެބަ ގެންދަމު. އޭގެ ފައިދާވެސް އަޅުގަނޑުމެންނަށް އެބަ ފެނޭ.
އާދެ، ދަރަނބޫދުއަކީ މީހުންގެ ގޮތުން ބަލާއިރު، ކުޑަރަށެކޭ ދެންނެވިދާނެ. ދަރަނބޫދޫގެ އާބާދީގެ ޢަދަދު 300 ހަމައެއްނުވޭ. އެގޮތުން، ރާއްޖޭގައި ހިމެނޭ ރަށްތަކުގެ ތެރެއިން ކުޑަރަށެއްގެ ގޮތުގައި ބެލިދާނެ. އެހެންނަމަވެސް، ދަރަނބޫދުއަކީވެސް ރާއްޖޭގެ ފަސްގަނޑުގެ ވަރަށް މުހިންމު ބައެއް. ދަރަނބޫދޫގެ ރައްޔިތުންނަކީ މުޅި ދިވެހިރާއްޖޭގެ ރައްޔިތުންގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު ބައެއް. އެމީހުންގެ ޙައްޤުތަކެއް އޮންނާނެ. އެމީހުން ކުރަންޖެހޭ މަސައްކަތްތަކެއްވެސް ހުންނާނެ. އަދި މުޅި ރާއްޖެ ކުރިއެރުމުގައި ދަރަނބޫދޫގެ ރައްޔިތުން ޙިއްޞާކުރާ ޙިއްޞާކުރުމެއްވެސް އޮންނާނެ.
އާދެ، މިއަދު އަޅުގަނޑުމެން ވިސްނާލަންޖޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި. ދުނިޔެއަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއަށްވެސް ވަރަށް ބޮޑެތި ބަދަލުތަކެއް މިދަނީ އަންނަމުން. އެންމެ ފުރަތަމަ، ތަޢުލީމުގެ ކަންތައްތަކަށް ބަލައިލިޔަސް، މުޅި ރާއްޖެއަށް މިހާރު އައިސްފައިވާ ބަދަލު އަޅުގަނޑުމެންނަށް ފެންނާނެ. ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު މިހާރު ލިބޭނީ ހަމައެކަނި މާލޭގެ ކުދިންނަކަށް ނޫން. ސަރުކާރުން ހިންގާ މަދަރުސާތައް ނުވަތަ ސްކޫލްތައް ހުރީ ހަމައެކަނި މާލެއަކު ނޫން. ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް ސަރުކާރުގެ ފަރާތުން ހިންގާ ސްކޫލެއް މިހާރު އެބަހުރި. ނުވަތަ ބައެއް އަތޮޅުތަކުގައި އެއް ސްކޫލަށްވުރެ ގިނަ ސްކޫލް އެބަހުރި. ތަޢުލީމުގެ ޚިދުމަތް މިހާރު ވަނީ، މުޅި ރާއްޖެއަށް ފެތުރިފައި.
އާދެ، އަޅުގަނޑު ނުދަންނަވަން، އަޅުގަނޑުމެން ބޭނުންވާ ފެންވަރަކަށް އަދި ތަޢުލީމު ގެންދެވިފައި ވެއެކޭ. އެހެންނަމަވެސް، އެ މަސައްކަތްތައް މިހާރު ކުރެވެމުން މިދަނީ. މި މަސައްކަތް ކުރަނީ ހަމައެކަނި ސަރުކާރަކުންނެއް ނޫން. ސަރުކާރުންވެސް ތަޢުލީމު ކުރިއަށް ގެންދެވުމުގެ ރޮނގުގައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރާކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އޭގެ އިތުރުން، އަމިއްލަ ފަރާތްތަކުންވެސް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރޭ. އަމިއްލަ މީސްމީހުން ހިންގާ ސްކޫލްތަކާއި މަދަރުސާތައް، މާލޭގައްޔާއި ރާއްޖެތެރޭގައި ވަރަށް ގިނަ ޢަދަދަކަށް އެބަހުރި. އަދި ރާއްޖެތެރޭގައި، ރަށްރަށުގެ ރައްޔިތުން ހިންގާ މަދަރުސާތައްވެސް އެބަހުރި. މި ސްކޫލަކީ ދަރަނބޫދޫގެ ރައްޔިތުން ހިންގަވާ ސްކޫލެއް.
އެހެންވީމާ، ތަޢުލީމުގެ ކަންތައްތައް، އެއްދުވަހުން އަނެއް ދުވަހަށް މިދަނީ ކުރިއަށް. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކަށްވެސް މިހާރު ވަޒަންކުރެވޭ، އެމީހެއްގެ ދަރިންނަށް ކިޔަވައިދިނުމުގެ ބޭނުންތެރިކަން ބޮޑުކަން. ކޮންމެ މަންމައަކުވެސް، ކޮންމެ ބައްޕައަކުވެސް ބޭނުންވޭ، އެމީހެއްގެ ދަރިން މީހުންނަށް ހަދަން. އެމީހުންގެ ދަރިން އެއީ، ރަށަށް ފައިދާހުރި، ޤައުމަށް ފައިދާހުރި ބަޔަކަށް ހަދަން. އެކަމަށް ކުރަންޖެހޭ އެންމެ ބޮޑު މަސައްކަތަކީ އެކުދިންނަށް އެކަށީގެންވާ ތަޢުލީމެއް ދިނުން. އެ ތަޢުލީމު ދިނުމާ އެކީގައި، އެކުދިންނަށް ރަނގަޅު ތަރުބިއްޔަތެއްވެސް ދިނުން.
އާދެ، ކުދިން ރަނގަޅު ގޮތަކަށް ތަރުބިއްޔަތު ކުރުމަކީ ވަރަށް މުހިންމު ކަމެއް. ތަޢުލީމު ދިނުމުގެ އެންމެ މުހިންމު ބޭނުމަކީވެސް، އެއީއޭ ދެންނެވިދާނެ. އާދެ، ތަޢުލީމު ދިނުމުގެ ބޭނުމަކީ، ހަމައެކަނި މަޢުލޫމާތުތަކެއް ކުއްޖާގެ ސިކުނޑިއަށް ނުވަތަ ހިތަށް ވައްދައިދިނުމެއް ނޫން. މަޢުލޫމާތުތަކެއް ކުއްޖާގެ ސިކުނޑިއަށް ނުވަތަ ހިތަށް ވައްދައިދިނުން އެއީވެސް، މުހިންމު ކަމެއް. އޭގެ އިތުރުން، ތަޢުލީމުގެ އެންމެ މުހިންމު އެއްބަޔަކީ، ހަރުދަނާ ރަނގަޅު އުޞޫލެއްގެ މަތިން ކުދިން ތަރުބިއްޔަތު ކުރުން. ޚާއްޞަކޮށް، އިސްލާމީ މުޖްތަމަޢެއްގައިނަމަ، ކުދިންނަކީ މާތްވެގެންވާ އިސްލާމްދީނުގެ އުޞޫލުތައް ރަނގަޅަށް ދަންނަ، އެ އުޞޫލުތަކަށް ޙުރްމަތްތެރިކޮށްހިތައި، ޤައުމާއި ރައްޔިތުންނަށް ފައިދާކުރަނިވި ބަޔަކަށް ހެދުން. އެއީ، ތަރުބިއްޔަތު ކުރުމުގެ ބޭނުމަކީ. ހަރުދަނާ އަޚްލާޤެއް ކުދިންގައި އަށަގެންނެވުން. އެއީ، ވަރަށް މުހިންމު ކަމެއް. އެހެންވީމާ، ސަރުކާރުންވެސް މަސައްކަތް ކުރަމުން މިގެންދަނީ އެ ރޮނގުން. އަދި މާލޭގައިވެސް، ރާއްޖެތެރޭގައިވެސް، އެތަންތާނގައި އެ ހިންގަމުންދާ މަދަރުސާތަކާއި ސްކޫލްތައް ހިންގުމުގައިވެސް ކުދިންނަށް ތަޢުލީމުދިނުމާ އެކީގައި، އެކުދިން ރަނގަޅު އުޞޫލެއްގެ މަތިން ތަރުބިއްޔަތު ކުރުމަށް ވަރަށް ބޮޑަށް ބާރުއެޅެމުންދޭ.
އާދެ، ތަޢުލީމުގެ އިތުރުން، ވަރަށް ގިނަ ކަންތައްތައް ރާއްޖޭގައި މިހާރު ކުރެވެމުން އެބަދޭ. ރައްޔިތުންގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދޭ. އެ މަސައްކަތްތަކުގެ ނަތީޖާ އަޅުގަނޑުމެންނަށް ފެންނަމުންވެސް އެބަދޭ. އެހެން މިދެންނެވީ، މީގެ 10 އަހަރު ކުރިޔާ އަޅައިބަލާއިރު، އަޅުގަނޑުމެންގެ ތަނަވަސްކަން މިހާރު ވަރަށް ބޮޑުތަން އިތުރުވެގެން ހިނގައްޖެ. މުޅި ރާއްޖޭގެ ރައްޔިތުންގެ ތަނަވަސްކަންވެސް މިހާރު ކުރިއަށްވުރެ، ވަރަށްބޮޑުތަން އިތުރުވެގެން ގޮސްފައިވަނީ. އަޅުގަނޑުމެންނަށް ކުރިން ކުރިމަތިލާން އެ ޖެހުނުކަހަލަ ދަތިތަކަކާ އިރާދަކުރެއްވީތީ މިހާރު ކުރިމަތިލާކަށް ނުޖެހޭ. މިހާރުވެސް ދަތިތަކެއް އެބަހުރި. އާދެ، އަޅުގަނޑުވެސް ޤަބޫލުކުރަން. ދަތި ކަންކަން ހުންނާނެ. އެއީކީ އެއްގޮތަކަށްވެސް މާފަސޭހައިން އަޅުގަނޑުމެންނަށް ފިލުވައިލެވޭނެ ކަމެއް ނޫން. ރާއްޖެތެރޭގެ ރަށްރަށަށް ދިމާވާ ވަރަށް ގިނަ ދަތިތައް އެބަހުރި. މިސާލަކަށް، ކޮންމެ ރަށެއްގެވެސް ފަޅުގެ ތިލަކަން. އޮޑިދޯނިފަހަރަށް ލަފާފުރުން ދަތިކަން. މިކަހަލަ ކިތަންމެ ކަމެއް ހުރޭ. އަދި ރަށްރަށުގެ ކުޑަކަމާއެކީގައި އަދި ރަށްރަށުގައި ދިރިއުޅޭ މީހުންގެވެސް މަދުކަމާއެކީގައި، ކޮންމެ ރަށެއްގައިވެސް ހުންނަންޖެހޭ މުހިންމު ކަންތައްތައް ނުހުރެ އެބަދޭ. މަދަރުސާއެއް ހިންގުން ނުވަތަ ޞިއްޙީ މަރުކަޒެއް ހިންގުން މިއީ ވަރަށް ބޮޑެތި ކަންތައްތައް. ރަށް ކުޑަވެފައި، މީސްކޮޅު މަދުވީމާ، އެކަންތައްތައް ކުރުން އޮންނަނީ ދަތިވެފައި. އަދި އެކަށީގެންވާ މީހުން ނެތީމާވެސް އެކަންތައްތައް ކުރުން އޮންނަނީ ދަތިވެފައި. އެއިން ކޮންމެ ކަމެއް ކުރެވެނީވެސް، މީހުންނަށް ކިޔަވައިދީގެން، އެކަންތައްތައް ކުރަން ދަސްކޮށްދީގެން، އެމީހުން ލައްވައި އެކަން ކުރުވައިގެން. އަޅުގަނޑުމެންގެ މި ސްކޫލްގައި، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި ހުރީ އެންމެ މުދައްރިސެއް. އެންމެ ޓީޗަރަކު ހުރީ. އެވަރަކުން ނުފުދޭނެ. އެހެން ނަމަވެސް، އެކަމަށްވެސް ކުރިމަތިލާންޖެހޭނީ ތެދުތެދަށް ދަންނަވަންޏާ، ރަށުގެ ރައްޔިތުންގެ ތެރެއިން ބައެއް. ރަށުގެ ރައްޔިތުންގެ ތެރެއިން ބަޔަކު އުފެދެންވީ ކުދިންނަށް ކިޔަވައިދޭން. އެއީ، އެކަން ވެވޭނެ ގޮތަކީ.
އާދެ، މިހާރު އަޅުގަނޑުމެން ކުރިމަތިލާންޖެހޭ މައްސަލަތައް ކުރިޔާ ތަފާތުކަމަށްވެސް ދެންނެވިދާނެ. ތިޔަބޭފުޅުން އައްސަވާނެ، ތަފާތު ކަންތައްތަކުގެ ވާހަކަ. މިސާލަކަށް، ތިމާވެށްޓަށް މި އަންނަ ބަދަލުތައް، އަޅުގަނޑުމެންގެ މާޙައުލަށް މި އަންނަ ބަދަލުތައް އެއީ، މިވަގުތު އަޅުގަނޑުމެން ވަރަށް ބޮޑަށް ފިކުރުކުރަން ޖެހިފައިވާ ކަމެއް. ތިޔަބޭފުޅުން އައްސަވާނެ، ކަނޑުގެ ލޮނުގަނޑު އުސްވަމުންދާ ވާހަކަ. ބައެއް މީހުންނަށް އެއީ، ތެދެއްކަމަށް ޤަބޫލުކުރުންވެސް ދަތިވެދާނެ. އެހެންނަމަވެސް، މިހާރު އެއީ، ތެދެއްކަން އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ. ދުނިޔެއަށް އަންނަ ބަދަލުތަކެއްގެ ސަބަބުން އެހެންވަމުން އެބަދޭ. ނުވަތަ މުސްތަޤްބަލްގައި އެހެންވަމުން ދާނެ ކަމަށް ވަރަށް ގިނަ ދަލީލުތައް މިހާރު ފެނޭ. އެ ދުވަހެއް އަންނަންވާއިރަށް އަޅުގަނޑުމެން ކަހަލަ ފަސްގަނޑުތިރި ޤައުމުތައް ވާނެ ތައްޔާރުވެގެން ތިބެން. ދުނިޔޭގެ އެހެން ތަންތާނގައި، މިސާލަކަށް، ތަންކޮޅެއް ފަސްގަނޑު އުސް ތަންތާނގައި ނުވަތަ ގޮނޑުދޮށް ހިސާބު ފަސްގަނޑު ތިރިކަމުގައިވިޔަސް، އެތަންތާނގައި ފަސްގަނޑު އުސްކޮށް ހުންނަ ތަންތަން ހުރުމާއެކީގައި އެކަހަލަ ދުވަހެއް އަތުވެއްޖެނަމަ، އެމީހުންނަށް އެ އުސް ތަންތަނަށް ދިރިއުޅެން ދެވިދާނެ. އަޅުގަނޑުމެންގެ ރާއްޖެއަކު އެކަހަލަ އުސް ތަންތަނެއް ނެތް. އެކަން އެހެން އޮތުމާއެކީގައި، އަޅުގަނޑުމެންނަށް ޖެހޭނީ އެހެން ކޮންމެވެސް ގޮތަކުން ފިޔަވަޅު އަޅަން. ގޮނޑުދޮށް ރައްކާތެރިކުރުން، ރަށްރަށުގެ ވަށައިގެން ހޭޅިޖެހުން، ގަސްއިންދުން، ފަސްގަނޑު ހިފެހެއްޓުމަށްޓަކައި. އަދި އަޅުގަނޑުމެންގެ ވަށައިގެންވާ މޫދުން ނުވަތަ ފަރުފަރުން ގާނުނެގުން. އެއީ، ވަރަށް މުހިންމު ކަމެއް. ޤުދުރަތީ ގޮތުން ފަރުފަރު ހެދިފައި މި ހުންނަނީ ރަށްތަކުގެ ޙިމާޔަތަށް. ރަށްތަކުގެ ރައްކާތެރިކަމަށް.
އެހެންވީމާ، އެ ފަރުފަރުން ނުވަތަ އަޅުގަނޑުމެންގެ ރަށާ ގުޅިފައި އޮންނަ ފަޅުން ގާނަގާ ކަމަށްވަންޏާ، މުސްތަޤްބަލްގައި އެއީ، ވަރަށްބޮޑު ނުރައްކަލަކަށް ވެގެން އަންނާނެ. ރާޅު އަންނަ ފަހަރު، އެ ރާޅުން ރަށް ޙިމާޔަތްކުރާނެ އެއްޗެއް ދެން ނުހުންނާނެ. ހަމައެއާއެކީގައި، ގަސް އިންދުން ގިނަކުރަން އެބަޖެހޭ. ގަހަކީ ވަރަށް މުހިންމު އެއްޗެއް. މާޙައުލު ރައްކާތެރިކުރުމަށްވެސް މުހިންމު އެއްޗެއް. އަނެއްކާ އޭގެ ފައިދާވެސް އެހާބޮޑު. ރުއް އެއީވެސް ގަހެއް. އޭގެ އަޞްލަށް ބަލާއިރު. ގިނައިން ރުއް އިންދައި، މޭވާއަޅާ ގަސްތައް ނުވަތަ ލަކުޑި ލިބޭކަހަލަ ގަސްގަސް ނުވަތަ އެނޫންވެސް ގަސް އިންދުމަކީ މުސްތަޤްބަލަށް ވިސްނާއިރު ވަރަށް މުހިންމު ކަމެއް. ވަރަށް ބޭނުންތެރި ކަމެއް. އަޅުގަނޑުމެންގެ ރަށުގެ ފަސްގަނޑު ހިފެހެއްޓުމަށްޓަކައި. އެހެންވީމާ، އެކަހަލަ ކަންތައްތަކަށް އަޅުގަނޑުމެން މިއަދު ވަރަށް ބޮޑު ސަމާލު ކަމެއް މިއޮތީ ދޭންޖެހިފައި.
ދެން އަޅުގަނޑުމެން ވިސްނާލާއިރު، އަޅުގަނޑުމެންނަށް އެބަ ފެނޭ މިހާރު އަޅުގަނޑުމެންގެ ތެރޭގައި ކުޑަކުދިން ގިނަވަމުންދާކަން. ރާއްޖޭގައި ގިނައީ ކުޑަކުދިން. ވަރަށް ގިނަ ޢަދަދަކަށް ކުޑަކުދިން އެބަތިބި. މި އަހަރަކީ ކުޑަކުދިންގެ އަހަރުގެ ގޮތުގައި ރާއްޖޭގައި ފާހަގަކުރަން ނިންމާފައިވާ އަހަރު. އެއީ، މި އަހަރުގެ ތެރޭގައި ކުޑަކުދިންގެ ހެވާއި ލާބައަށްޓަކައި ރާވާ ޕްރޮގްރާމްތަކެއް ހިންގުމަށްޓަކައި.
އެކަށީގެންވާ ރަނގަޅު ތަޢުލީމެއްދީ، ރަނގަޅު އުޞޫލެއްގެ މަތިން އެކުދިން ތަރުބިއްޔަތު ކުރުން. އަދި އެކުދިންނަށް ދިމާވާ މައްސަލަތައް ރަނގަޅުގޮތަކަށް ޙައްލުކޮށްދިނުން. މިއީ، ކުޑަކުދިންގެ އަހަރެއް ފާހަގަކުރުމުގެ މަޤްޞަދަކީ. މުޅި ދުނިޔޭގައިވެސް ކުޑަކުދިންނަށް މިހާރު ވަރަށް ބޮޑު އަހަންމިއްޔަތެއް އެބަދޭ. އެއީ، ކުޑަކުދިންނަކީ މުސްތަޤްބަލްގައި ތަނުގެ އެންމެ މުހިންމު ބަޔަކަށް ވާނެ ބަޔަކަށްވީތީ. އުފެއްދުންތެރި ބަޔަކަށް މުސްތަޤްބަލްގައި ވާނީ މިއަދުގެ ކުޑަކުދިން. ޤައުމު ބިނާކުރަން ތިބޭނީ މިއަދުގެ ކުޑަކުދިން. އެހެންވީމާ، ކުޑަކުދިންނަށް، އެމީހުން ބޭނުންވާ ހުރިހާ ޚިދުމަތްތަކެއް ހޯދައިދެވޭތޯ އަޅުގަނޑުމެން ބަލަންވާނެ.
އާދެ، ކުޑަކުދިން ގިނަވަމުންދިޔުމަކީ، އެއްގޮތަކުން ބަލާއިރު، ރަނގަޅު ގޮތެއް ނޫން. އެއީ، ތަނުގެ އެހެން ކަންތައްތަކަށް ވިސްނާއިރު، މީހުންގެ ޢަދަދު ގިނަވާ ކަމަށްވަންޏާ، އެއީވެސް ބޮޑު މައްސަލައަކަށް މުސްތަޤްބަލްގައި ވާނެ ކަމެއް. އަޅުގަނޑުމެންގެ ރާއްޖޭގައި މީހުން އިތުރުވާ ޢަދަދު، މީހުން އިތުރުވާ ނިސްބަތް ވަރަށް ބޮޑު، ދުނިޔޭގެ އެހެން ޤައުމުތަކާ އަޅައިބަލާއިރު. މީހުންގެ އާބާދީ އިތުރުވަމުން އަންނަލެއް ވަރަށް އަވަސް. 1985 ވަނަ އަހަރު ރާއްޖޭގެ މީހުން ބޯހިމެނިއިރު، ރައްޔިތުންގެ ޢަދަދަކަށް ތިބީ އެއްލައްކަ އަށްޑިހަހާސް މީހުން. މިހާރު 1990 ވަނަ އަހަރު އާދެ، އޭގެ ފަސް އަހަރު ފަހުން މިދިޔަ އަހަރު ބޯހިމެނިއިރު، އަޅުގަނޑުމެންގެ ރާއްޖޭގައި ދެލައްކަ ތޭރަހާސް މީހުން އެބަތިބި. ފަސް އަހަރު ދުވަހުގެ ތެރޭގައި، ގާތްގަނޑަކަށް ތެއްތިރީސް ހާސް މީހުން ނުވަތަ ބައްތިރީސް ހާސް މީހުން ރާއްޖެއަށް އިތުރުވެގެން ހިނގައްޖެ. އެއީ، ވަރަށް ބޮޑު ޢަދަދެއް. އެ ހުރިހާ އެންމެންނަށް ދިރިއުޅުމުގެ ވަސީލަތްތައް އަޅުގަނޑުމެން ހޯދައިދޭންޖެހޭ. އެމީހުންނަށް ދިރިއުޅޭނެ ގޯތިގެދޮރު ހުންނަންޖެހޭ. އެމީހުންނަށް، އަދި މި ބޮޑެތިވަމުން އަންނަ ކުދިންނަށް ތަޢުލީމު ލިބޭނެ ގޮތްތަކެއް ރާވަންޖެހޭ. އެމީހުން ބަލިވެއްޖިއްޔާ ބޭސްކުރެވޭނެ ގޮތްތަކެއްވެސް މުޅި ރާއްޖޭގައި ހަމަޖެހިފައި ހުންނަންޖެހޭ. އަދި އެމީހުންނަށް، ދިރިއުޅުމަށް ބޭނުންވާ އާމްދަނީ ހޯދުމަށްޓަކައި ކުރެވޭނެ މަސައްކަތްތަކެއްވެސް ހުންނަންޖެހޭ. އަދި އެމީހުންނަށް ކާންބޯންދޭންވެސްޖެހޭ. މި ހުންނަނީ މީހުން ގިނަވީމާ ނުކުންނާނެ މައްސަލަތައް.
ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް އެހެންވީމާ، މީހުން ގިނަވަމުންދާ ދިޔުމާ ދޭތެރޭގައި ވިސްނައި، އެ ޢަދަދު މަދުކުރެވޭތޯ ބަލަމުން ގެންދަނީ. ޙަޤީޤަތުގައި އަޅުގަނޑުމެންގެ ރާއްޖޭގައި މިވާގޮތަކީ އަޅުގަނޑުމެން ކައިބޮއި މިއުޅޭ ކާބޯތަކެތިވެސް މި ގެންނަންޖެހެނީ ބޭރުން. ދުނިޔޭގެ އެހެން ޤައުމުތަކުގައި ވިއްޔާ، އެތަންތާނގައި އެބަ ހައްދާ އެ އެއްޗެތި. ބައެއް ތަންތާނގައި. ވަރަށް ގިނަ ތަންތާނގައި. ހަނޑޫ ހައްދާ ވަރަށް ގިނަ ޤައުމު ހުރޭ. ނުވަތަ ގޮދަން ހައްދާ ތަންތަން. އަދި އެނޫންވެސް ކާޑުގެ ގޮތުގައި ބޭނުންކުރެވޭ ތަކެތި އުފައްދާ ތަންތަން ވަރަށް ގިނަ. އެހެންވީމާ، އެތަންތާނގައި މީހުން ގިނަވިޔަސް، އެތަންތާނގައި އިތުރަށް ބިން އޮތިއްޔާ، ދަނޑުގޮވާން ކުރާނެ ބިން އިތުރަށް އޮތިއްޔާ، އިތުރަށް މަސައްކަތް ކޮށްގެން، ކާބޯތަކެތި އިތުރަށް އުފައްދައިގެން އެމީހުންނަށް ދެކޮޅުޖެއްސެން އޮވޭ. އަޅުގަނޑުމެންގެ ރާއްޖޭގައި އެހެނެއް ނޫން. އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން ކައި މިއުޅެނީ ހަނޑޫ. ހަނޑުލަކީ ރާއްޖޭގައި ހެދޭ އެއްޗެއް ނޫން. އަދި ހެއްދޭނެ އެއްޗެއްވެސް ނޫން. ދެން އަޅުގަނޑުމެން ބޭނުންކުރާ އެއްޗަކީ ފުށް. ގޮދަނަކީވެސް ރާއްޖޭގައި ހެއްދޭ އެއްޗެއް ނޫން. އަދި ރާއްޖޭގައި އެފަދަ ގޮވާމުގެ މަސައްކަތް ކުރާނެ ބިމެއްވެސް ނެތް. މީހުންނެއްވެސް ނެތް. މި ހުރިހާ އެއްޗެއް އަޅުގަނޑުމެން ޖެހެނީ ބޭރުން ގެންނަން. އެހެންވީމާ، އެއީ މައްސަލައަކީ. އަޅުގަނޑުމެން ވިސްނަން އެބަޖެހޭ މުސްތަޤްބަލަށް. މި ސަބަބަށްޓަކައި، ސަރުކާރުން އާބާދީއާބެހޭ ތަޢުލީމު ދެމުން މިގެންދަނީ. އާބާދީ އިތުރުވުމުން ނުކުންނާނެ މައްސަލަތައް މީހުންނަށް އަންގައިދެމުން މިގެންދަނީ. އެކަމާ ދޭތެރޭގައި އަޅުގަނޑުމެން ހުރިހާ އެންމެންވެސް ވިސްނަންވެއްޖެ. ހަމައެކަނި ވިސްނަންވީކީ ނޫން. އެކަށީގެންވާ ފިޔަވަޅުވެސް އަޅަންވީ.
އާދެ، އެހެންވީމާ، މި ކަންތައްތައް، މިހާރު އަޅުގަނޑުމެންނަށް ކުރިމަތިވަމުން މިދާ މައްސަލަތަކާ ދޭތެރޭގައި އަޅުގަނޑުމެން މިހާރުއްސުރެ ޢަމަލީ ފިޔަވަޅުތަކެއް ނާޅައިފިނަމަ، މުސްތަޤްބަލްގައި މިހާރަށްވުރެ ކަންތައްތައް ގޯސްވަމުންދާނެކަން ޔަޤީން. އެހެންވީމާ، އަޅުގަނޑު މި ދެންނެވި ނުކުތާތަކާ ދޭތެރޭގައި ދަރަނބޫދޫގެ ރައްޔިތުންވެސް ވަރަށް ބޮޑަށް ފިކުރުކުރައްވައި، ވިސްނަވައި، ކަމާބެހޭ ފަރާތްތަކުން އެދޭ އިރުޝާދުތަކާ އެއްގޮތްވާ ގޮތުގެމަތިން ޢަމަލުކުރެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް.
އާދެ، މިހާރު ކުއްލިއަކަށް ކުރިމަތިވެގެން އަންނަ އެހެން މައްސަލައެއްގެ ވާހަކައެއްވެސް ދަންނަވާލަން ބޭނުންވޭ. އެއީ، ތިޔަބޭފުޅުން ރޭޑިޔޯއިން އައްސަވާނެ، ޤަލްފްގައި އާދެ، އެރެބިއަން ޤަލްފް ކިޔާ ހިސާބެއް. އެ ހިސާބުގަނޑުގައި ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު މިހާރު ދުނިޔެއަށް ވެރިވާން ފަށައިފި. އެ ހަނގުރާމަ ފެށިދާނެކަމުގެ ބިރު މިހާރު ފެތުރިފައި މިވަނީ، ކޮން ސަބަބަކާހުރެކަން އެއީ، ކޮންމެހެން އަޅުގަނޑުމެން އެއާ ދޭތެރޭގައި ބަޙުޘްކޮށް، ވާހަކަދައްކަންވީ ކަމެއް ނޫން. އަޅުގަނޑުމެން ވިސްނަންވީ ހަނގުރާމައެއް ފެށިއްޖިއްޔާ، ދެން ވާނެގޮތަކާ ދޭތެރޭގައި.
އާދެ، ފުރަތަމަވެސް އަޅުގަނޑު ދަންނަވާލަން ބޭނުން މިއީ، ދެވަނަ ބޮޑުހަނގުރާމަ ކަހަލަ ހަނގުރާމައެއް ނޫނޭ. އެއީ، ދެވަނަ ބޮޑުހަނގުރާމައަކީ، މިތާނގައިވެސް ތިއްބެވި ހަރުބޭކަލުން ހަނދާން ހުންނާނެ ފަދައިން، ވަރަށް ގިނަ އަހަރުތަކެއް ވަންދެން ދެމިއޮތް ހަނގުރާމައެއް. ފަސް އަހަރު ނުވަތަ ހަ އަހަރު، އެ ހަނގުރާމަ ދެމިއޮތް. އޭގެ ސަބަބުން ވަރަށް ބޮޑެތި ދަތިތަކެއް މުޅި ދުނިޔެއަށް ކުރިމަތިވެގެން އައި. ރާއްޖެއަށްވެސް އޭގެ ދަތިތައް ފޯރި. ކާޑުގެ ބާވަތްތައް މުޅި ރާއްޖެއިން ހުސްވެގެންގޮސް މީހުން ބަނޑަށްޖެހޭ ހިސާބަށްދިޔަ. ބަނޑުހައިހޫނުކަން އޮތީ މުޅިން ޢާންމުވެފައި. މިހާރު މި ކުރިމަތިވާ ހަނގުރާމައަކީ އެކަހަލަ ހަނގުރާމައެއް ނޫން. މިއީ ދުނިޔޭގެ ހަނގުރާމައޭ ކިޔާކަހަލަ އެތައް ޒަމާނެއްވަންދެން ކުރެވޭނެ ހަނގުރާމައެއް ކަމަކަށެއް އެއްވެސް މީހަކު ނުބުނޭ. ވަކި ހިސާބުގަނޑެއްގައި ކުރެވެން އުޅޭ ހަނގުރާމައެއް ނުވަތަ ފެށިދާނެ ކަމަށް މީހުންނަށް ލަފާކުރެވިގެން އުޅޭ ހަނގުރާމައެއް މި ހަނގުރާމައަކީ.
އެހެންނަމަވެސް، މިހަނގުރާމަ މިއީ ދެވަނަ ބޮޑުހަނގުރާމަ ކަހަލަ ހަނގުރާމައަކަށް ނުވިޔަސް، އޭގެ ސަބަބުން އަޅުގަނޑުމެންނަށް ކުރާނެ އަސަރުތަކެއްވެސް ހުންނާނެ. އެންމެ ބޮޑަށް އަސަރުކުރާނީ އަޅުގަނޑުމެން ބޭނުންކުރާ ތެލަށް. ތެލުގެ ބާވަތްތައް މިހާރު އަޅުގަނޑުމެން ބޭނުންކުރަމު ވަރަށް ގިނަ ކަންތައްތަކުގައި. މަސްވެރިންގެ މަސްދޯނިފަހަރުގައިވެސް ބޭނުންކުރަނީ ތެޔޮ. އިންޖީނު ބެހެއްޓި މަސްދޯނިފަހަރުގައި ބޭނުންކުރާ އެއްޗަކީ ތެޔޮ. އަޅުގަނޑުމެން ކަރަންޓް މި އުފައްދަނީވެސް ތެޔޮ ބޭނުންކޮށްގެން. އަދި އިންޖީނުލީ އެހެން އެއްޗެތި ދުއްވަނީވެސް، އެއްގަމުގައި ދުއްވާ އެއްޗެހިވެސް، ކަނޑުގައި ދުއްވާ އެއްޗެހިވެސް މި ދުއްވަނީ ތެޔޮ ބޭނުންކޮށްގެން. އެހެންވީމާ، ތެލަކީ މިހާރު ވަރަށް މުހިންމު އެއްޗެއް މުޅި ދުނިޔޭގައި. މިހާރު ހަނގުރާމަ ފެށިދާނެކަމުގެ ބިރު ހީވެގެން މިއުޅޭ ހިސާބުގަނޑަކީ، ދުނިޔޭގައި ތެޔޮ އުފައްދާ ވަރަށް މުހިންމު މަރުކަޒެއް. އެތާނގައި އެކަހަލަ ހަނގުރާމައެއް ފެށިއްޖެނަމަ، ތެޔޮ ލިބުން ދަތިވުމަކީ އެކަށީގެންވާ ކަމެއް. އަދި ތެލުގެ އަގު ބޮޑުވެގެންދިޔުމަކީވެސް އެކަށީގެންވާ ކަމެއް.
އެހެންވީމާ، މިހާރުއްސުރެ އަޅުގަނޑުމެން ޚަރަދު ކުޑަކުރުމަށް ބާރުއަޅަންވެއްޖެ. ތެލުގެ ޚަރަދުވެސް އަދި ޢާންމުކޮށް ކުރާ އެހެން ޚަރަދުތައްވެސް، ވަރަށް ބޮޑުތަން ކުޑަކުރަންވެއްޖެ. އެއީ، މުސްތަޤްބަލަށް ވިސްނާފައި. ހަނގުރާމަ ދިގުނުލާ ކަމަށްވަންޏާ، އަޅުގަނޑުމެންނަށް މާބޮޑު ދަތިތަކަކާ ކުރިމަތިލާކަށް ނުޖެހޭނެ އިރާދަކުރެއްވިއްޔާ. އެހެންނަމަވެސް، އެ ހަނގުރާމަ ފެށޭނެކަމެއްވެސް އަދި ނޭނގެ. އަދި ފެށިގެން ކުރިއަށްދާ ކަމަށްވަންޏާ، ކިހާދުވަހަކު އެ ހަނގުރާމަ ދެމިއޮންނާނެ ކަމެއްވެސް ނޭނގެ. އަޅުގަނޑުމެން ވިސްނަން މިޖެހެނީ މުސްތަޤްބަލަށް. ދިގުލައިފިއްޔާ، ކިހިނެއްތޯ ހަދާނީ. އަޅުގަނޑުމެން ވިސްނަންޖެހޭނީ އަޅުގަނޑުމެންގެ އަމިއްލަ މަޞްލަޙަތަށް. އަޅުގަނޑުމެންގެ ރާއްޖެއަށް ކުރާނެ އަސަރަކާ ބެހޭގޮތުން މި ވިސްނަނީ.
އެހެންވީމާ، ސަރުކާރުން މިހާރު ފިޔަވަޅުތަކެއް އަޅަން ޤަޞްދުކޮށްފައި އޮތީ. ހަނގުރާމަ ފެށިއްޖައީވިއްޔާ، ތެޔޮ ކޮންޓްރޯލް ކުރަންޖެހޭނެ. އެއީ، އަޅުނޑުމެން މި ގަންނަ ތެޔޮ މި ގަންނަނީ، ވަރަށް ގިނަ ޢަދަދަކަށް ބޭރުފައިސާ ދައްކައިގެން. މިހާރުވެސް ތެލުގެ އަގު ވަރަށް ބޮޑުތަން އިތުރުވެގެން ހިނގައްޖެ. މީގެ ފަސްމަސް ދުވަސް ކުރިން، ކުވައިތުގެ މައްސަލަ ޖެހުމާ ގުޅިގެން. އަދި ހަނގުރާމަ ފެށިއްޖިއްޔާ އެއަށްވުރެ މާބޮޑުތަން އިތުރުވެގެން ހިނގައިދާނެ.
އެހެންވީމާ، އެންމެ މުހިންމު ކަމަކަށްވާނީ، އަޅުގަނޑުމެން މި ތެޔޮ ބޭނުންކުރާ ޢަދަދު މަދުކުރުން. މާލޭގައިވެސް އެކަންތައް އަންނާނެ އިނގޭތޯ. ކަރަންޓްވެސް މާލޭގައި މިހާރު ލިބޭހެން ސައުވީސްގަޑިއިރަކު ނުލިބޭނެ. އެކި ދިމަދިމާއިން އެކި ވަގުތު ކަރަންޓް ކަނޑާލައިގެން، ތެލުގެ ޚަރަދު ކުޑަކުރަން މަޖުބޫރުވާނެ. އަދި އެއްގަމުގައި ދުއްވާ އިންޖީނުލީ އެއްޗެތި ދުއްވުންވެސް މަދުކުރަންޖެހޭނެ. ކަނޑުގައި ދުއްވާ އިންޖީނުލީ އެއްޗެތި ދުއްވުންވެސް މަދުކުރަންޖެހޭނެ. އަދި ތެލުގެ އަގުބޮޑުވެއްޖިއްޔާ އަޅުގަނޑުމެންނަށް ވަންނަ ބޭރުފައިސާވެސް މަދުވާނެ. އެއީ، ވަރަށް ދެރަކަމެއް. އެހެން މިދެންނެވީ، މަތިންދާބޯޓުގެ ޓިކެޓު އަގުބޮޑުވާނެ. ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މަދުވާނެ. އެހެންވީމާ، ލިބޭ އާމްދަނީ، ބޭރުފައިސާއިން ލިބޭ އާމްދަނީ މަދުވާނެ. އެހެންވާއިރު، އަޅުގަނޑުމެން ގަންނަންޖެހޭ، ބޭރުން އިމްޕޯޓް ކުރަންޖެހޭ، އެތެރެކުރަންޖެހޭ އެއްޗެހީގެ އަގުދާނީ މައްޗަށް. އެއީ، ބޯޓުފަހަރުގެ ނާލު މައްޗަށް ދިޔައިމާ، އަގުދާނީ މައްޗަށް. އެހެންވީމާ، އިޤްތިޞާދީ ގޮތުން ބަލާއިރު، ކުރިއަށް އޮތީ މާ އުޖާލާ ދުވަސްތަކެކޭ ދެންނެވޭކަށް ނެތް މިހާރަކު. މިއީ އަޅުގަނޑުމެން މިއަދު ވަރަށް ރަނގަޅަށް އިޙްސާސް ކުރަންވީ ޙަޤީޤަތެއް.
އެހެންވީމާ، މި ކަންތައްތައް އަޅުގަނޑުމެންވެސް ދަނެގެން، ސަރުކާރުން އެ އަޅާ ފިޔަވަޅުތައް އެޅުމުގައި ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުން. އިރާދަކުރެއްވިއްޔާ، ވަރަށް އަވަހަށް މި ހަނގުރާމައިގެ ވިލާގަނޑު ބޯމަތިން އެއްލައިލާފާނެ. ހަނގުރާމަ ކުރަން ފެށިއްޖެ ކަމަށްވަންޏާ ވަރަށް އަވަހަށް ނިމިގެން ހިނގައިދާނެ. އެހެންވެއްޖެނަމަ، އަޅުގަނޑުމެންނަށް ކުރާނެ އަސަރު ކުޑަވާނެ. އަޅުގަނޑުމެންގެ ކުރިމަތީގައި މި އޮތް ނުރައްކަލުން ވަރަށް ފަސޭހައިން ﷲގެ ވާގިފުޅާއެކު ސަލާމަތްވެވިދާނެ.
އެހެންވީމާ، އަޅުގަނޑު މި ވާހަކަ ތިޔަބޭފުޅުންނަށް މި ދަންނަވާލީ. ތިޔަބޭފުޅުންވެސް މިކަންކަމާ ދޭތެރޭގައި ވަރަށްބޮޑަށް ވިސްނަވައި، ސަމާލުވާންވެއްޖެ. އަދި ސަރުކާރުން އަންގާ އެންގުންތަކަށް ފުރިހަމައަށް ކިޔަމަންވެ، އެ އެންގެވުންތަކަށް ޙުރްމަތްތެރިކޮށްހިއްތަވަންވެއްޖެ. އެއީ، މުޅި ރައްޔިތުންގެ ފައިދާއަށް ސަރުކާރުން ކުރާ ކަމަކަށްވާތީ. ޢާންމުކޮށް ޚަރަދުކުޑަކުރުން އެއީ، ހަމަ ވަރަށް ބޭނުންތެރި ކަމެއް. އަޅުގަނޑުމެން ކުރާ ޚަރަދުތައް، އަޅުގަނޑުމެން ތަންކޮޅެއް ތަނަވަސްވީމާ، އަޅުގަނޑުމެންގެ ތެރެއިން މީހުން ތަނަވަސްވީމާ، އަޅުގަނޑުމެން ބަލައިނުލައި، ބޭނުންނެތް ކިތަންމެ ޚަރަދުތަކެއް ކުރެވެމުން އެބަދޭ. އެކަމަކު އެއީކީ ރަނގަޅު ގޮތެއް ނޫން. ފައިސާ ލިބޭ މީހަކުވެސް މާދަމާއަށް ވިސްނަންޖެހޭނެ. ލިބޭ އެއްޗަކުން ކޮންމެވެސްވަރެއް ރައްކާކުރުމަކީ ވަރަށް ބޭނުންތެރި އާދައެއް. އެއީ، އަޅުގަނޑުމެން ދިވެހިންނަށް މާބޮޑަށް ދަސްވެފައިވާ އާދައެކޭ ދެންނެވޭކަށް ނެތް. ދުނިޔޭގެ އެހެން ތަންތާނގައި، އަޅުގަނޑުމެންގެ އެންމެ ކައިރީގައި މި އޮންނަ އަވަށްޓެރި ސްރީލަންކާގައިވެސް މީހުން، އެމީހަކަށް ލިބޭ އެއްޗަކުން ކޮންމެވެސްވަރެއް އަބަދުވެސް އިތުރުކުރާނެ. ކިތަންމެ ކުޑަ މުސާރައެއް ލިބުނަސް، ދެކޮޅުޖައްސާފައި ކޮންމެވެސް އެއްޗެއް ބާކީކުރާނެ. ބާކީކޮށްގެން، ކޮންމެ މަހަކު ލިބޭ އެއްޗަކުން އެއްޗެއް ބާކީކޮށްގެން، އިތުރުކުރަމުން އިތުރުކުރަމުން އިތުރުކުރަމުންގޮސް މުސްތަޤްބަލްގައި ކޮންމެވެސް ކަމެއް ކުރާނެ. އެއިން ކުރެވޭވަރު ކަމެއް ކުރުމަށް ބަހައްޓާ އެއްޗެއް އެއީ. އެހެންވީމާ، އެ އާދަ އެއީ، މިހާރު އަޅުގަނޑުމެން ދަސްކުރަންވެއްޖެ އާދައެއް. ޚަރަދުކުޑަކޮށްގެން މުސްތަޤްބަލަށް ލިބޭ އެއްޗަކުން ބާކީކުރުން. ބޭކާރު ގޮތްގޮތަށް ޚަރަދު ނުކުރުން.
އަޅުގަނޑުމެންގެ ޒުވާނުންނަށް ވާގޮތަކީ، ލިބޭ ހުރިހާ ލާރިއެއް ޚަރަދުކޮށްލެވެނީ، ބޭނުން ނޫން ކަންކަމުގައި. ބޭނުމެއް ޖެހޭއިރަކު އަތަކު އެއްޗެއް ނުހުރޭ. ދެން ދާންޖެހެނީ މީސްމީހުންގެ ކައިރިއަށް. ގޮސްގެން އެގޮތް މިގޮތުން ކަންތައް ކުރުވަންޖެހެނީ. ނޫނީ ސަރުކާރުގެ އެހީއަށް އެދެންޖެހެނީ. އޭގެ ބަދަލުގައި، ކޮންމެ މީހަކަށްވެސް ލިބޭ އެއްޗަކުން ކިތަންމެ ކުޑަ އެތިކޮޅެއް ނަމަވެސް، ބާކީކުރާ ކަމަށްވަންޏާ، މުސްތަޤްބަލްގައި އެ ދަތި އެގޮތަކަށް ކުރިމައްޗެއް ނުވާނެ.
އާދެ، އަޅުގަނޑުގެ ވާހަކަ މިހާރުވެސް ތަންކޮޅެއް ދިގުވެއްޖެ. އެހެންނަމަވެސް، މި މައްސަލަތަކުގެ ބާވަތުން އަޅުގަނޑު ހިތަށްއެރީ، މި ވާހަކަ ތިޔަބޭފުޅުންނަށް ދަންނަވާލަންވާނެއޭ. ކޮންމެއަކަސް މިއަދު ދަރަނބޫދުއަށް އައިސް، ދަރަނބޫދޫގެ ރައްޔިތުންނާ ބައްދަލުކުރުމަކީ، އަޅުގަނޑަށް ލިބުނު ވަރަށް ޚާއްޞަ އުފަލެއް. އަދި މި ރަށުގެ ރައްޔިތުންނާއި ވެރިންގެ ފަރާތުން އަޅުގަނޑަށް ލިބުނު ހޫނު ތަރުޙީބަށްޓަކައި މިރަށުގެ ވެރިންނަށާއި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު، ޝުކުރު ދަންނަވަން.
އަޅުގަނޑުގެ ދުޢާއަކީ، اللَّـهُ سُبْحَانَهُ وَتَعَالَىٰ އަޅުގަނޑުމެންނަށް ޞުލްޙަވެރިކަމާއި އަމާންކަން މިންވަރުކޮށްދެއްވުން. އަޅުގަނޑުމެންގެ ރާއްޖެ، އެކިއެކި ނުރައްކާތަކުން ރައްކާތެރި ކޮށްދެއްވުން. މާތްވެގެންވާ އިސްލާމްދީނުގެ ތެދުމަގުގައި ފައިތިލަ ސާބިތުކުރުމުގެ ތައުފީޤު އަޅުގަނޑުމެންނަށް ދެއްވުން. އަދި އަޅުގަނޑުމެން ކުރާ މަސައްކަތްތަކުގެ ފައިދާ އަޅުގަނޑުމެންނަށް ދައްކަވައި، އަޅުގަނޑުމެންނަށް އުފާވެރި ބާއްޖަވެރި ދުވަސްތަކެއް ދެއްކެވުން.
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.