بســم اللّـه الرّحمـن الرّحيــم

اللّـه سبحـانـه وتعـالى ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވަން. އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.

އާދެ، އެއަށްފަހުގައި މިރޭ އަޅުގަނޑަށް ލިބޭ އެންމެ ބޮޑު އުފަލަކީ، މި ހޮސްޕިޓަލަށް އާދެ، ކުރިން ކިޔާގޮތުގައި ވިއްޔާ ގަވަރންމަންޓް ހޮސްޕިޓަލަށް، މިހާރު ކިޔާގޮތުގައި ވިއްޔާ ސެންޓްރަލް ހޮސްޕިޓަލަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި، މި ހޮސްޕިޓަލްގައި މަސައްކަތް ކުރައްވަމުން ގެންދަވާ އަދި ކުރިންވެސް މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދެންނެވުން.

ޝައްކެއްނެތް، މި ހޮސްޕިޓަލަކީ، ރާއްޖޭގެ ރައްޔިތުންނަށް 25 އަހަރުގެ ދިގު މުއްދަތުގައި، ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ތަނެއް. މިތާނގައި ކުރިން މަސައްކަތް ކުރެއްވި ބޭފުޅުންނާއި، މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅުންނަކީ، މި ދެންނެވި ޚިދުމަތް އެންމެ އެކަށީގެންވާ ގޮތުގައި ރައްޔިތުންނަށް ވާޞިލްކޮށްދެއްވުމަށްޓަކައި ވަރުގަދަ ޖިހާދެއް ކުރައްވާފައި ތިއްބެވި އަދި ކުރައްވަމުން ގެންދަވާ ބޭފުޅުންކޮޅެއް. އެހެންކަމުން، އެހުރިހާ ބޭފުޅުންނަށް މިރޭ ޙައްޤުވެގެންވާ ޝުކުރަކީ، އަޅުގަނޑު ހިތުން ރާއްޖޭގެ އެންމެހާ ރައްޔިތުން ޙިއްޞާކުރާނެ ޝުކުރެއް.

އާދެ، އަޅުގަނޑުމެންނަށް ދެންމެ އިވިގެންދިޔަ ގޮތުގައި، ހޮސްޕިޓަލް ފުރަތަމަ ފެށިގެން އައީ ވަރަށް ކުޑަކުޑަ ގޮތެއްގައި. މި ވޭތުވެދިޔަ 25 އަހަރު ދުވަހުގެތެރޭގައި އެ ހޮސްޕިޓަލަށް މިހާރު ވަނީ ތަފާތު ތަރައްޤީތައް އައިސްފައި. މި ތަރައްޤީތައް ހޮސްޕިޓަލަށް އައިކަމުގައިވިޔަސް، އަދި ރާއްޖޭގައި ހުންނަން އަޅުގަނޑުމެން ބޭނުންވާ ޞިއްޙީ ޚިދުމަތް ދެވޭ ހުރިހާ ފަސޭހަތަކެއް، ހުރިހާ ވަސީލަތްތަކެއް އަދި މި ހޮސްޕިޓަލަކުން ދެވޭކަށެއް ނެތް. އެކަން އެހެން އޮތްކަމުގައިވިޔަސް، މި ވޭތުވެދިޔަ 25 އަހަރު ދުވަހުގެ ތެރޭގައި މި ހޮސްޕިޓަލުން ކޮށްދެއްވާފައިވާ ޚިދުމަތް، ކޮށްދެއްވާފައިވަނީ ވަރަށް އިޚްލާޞްތެރިކަމާއެކުގައި ކަމަށް އަޅުގަނޑަށް ދަންނަވަންޖެހޭ.

އާދެ، ހޮސްޕިޓަލްގެ ހިންގެވުމަށް ތަފާތު ބޭފުޅުން ވަނީ އެކި ދުވަސްވަރު އިސްކުރެވިފައި. އެ ބޭފުޅުންގެ ޚިދުމަތްތައްވެސް ވަރަށް އެދެވޭގޮތެއްގައި ހޮސްޕިޓަލަށް އައީ ލިބެމުން. އެންމެ ފުރަތަމަ މި ހޮސްޕިޓަލް ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވީ، މިހާރުގެ މިނިސްޓަރ އޮފް ސްޓޭޓް އަލްފާޟިލް މުޙައްމަދު ޒާހިރު. އެހެންކަމުން، އެ މަނިކުފާނަށްވެސް މި މުނާސަބަތުގައި ވަރަށް އިޚްލާޞްތެރި ޝުކުރެއް އަޅުގަނޑު ދަންނަވަން. އޭގެފަހުގައި، ހޮސްޕިޓަލްގެ މެނޭޖަރުގެ މަޤާމުގައި ތިއްބަވައިގެން ހޮސްޕިޓަލަށް ޚިދުމަތްކޮށްދެއްވި ވަރަށް ގިނަ ބޭފުޅުން އެބަ ތިއްބެވި. އޭގެތެރެއިން ދެ ބޭފުޅެއްގެ ނަން ޚާއްޞަގޮތެއްގައި ފާހަގަކޮށްލުމަކީ، އަޅުގަނޑު ދެކޭގޮތުގައި އެހެން ބޭފުޅުންނަށް ކުރެވޭ ބޭއިންޞާފެއް ނޫން. އާދެ، އޭގެ ތެރެއިން އެއް ބޭފުޅަކީ، އަލްފާޟިލް ހިލިހިލާގޭ މޫސާދީދީ. އޭނާއަކީ ކުރިން ދެންނެވި އަލްފާޟިލް މުޙައްމަދު ޒާހިރުގެ ފަހުން ހޮސްޕިޓަލްގެ މެނޭޖަރެއްގެ ޙައިޘިއްޔަތުން ހޮސްޕިޓަލަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް. އެހެންކަމުން، އޭނާއަށް ފުރިހަމަ ޞިއްޙަތާއި ޢާފިޔަތަށް އެދެމުން، އޭނާއަށް ޙައްޤުވެގެންވާ ޝުކުރު މިރޭ އަޅުގަނޑު ރައްދުކުރަން.

އާދެ، ހޮސްޕިޓަލްގެ މެނޭޖަރުކަން އަދާކުރެއްވި ބޭފުޅުންގެ ތެރެއިން ދެން އަޅުގަނޑު ފާހަގަކޮށްލާހިތްއޮތީ ނުވަތަ މި މުނާސަބަތުގައި ފާހަގަކޮށްލަން ބޭނުންވަނީ، އެންމެ ގިނަ ދުވަސް ވަންދެން ހޮސްޕިޓަލްގެ މެނޭޖަރުކަމުގެ މަޤާމުގައި ހުންނެވި ބޭފުޅެއް. އާދެ، އޭނާ މިވަގުތު ވަނީ ސަރުކާރުގެ ވަރަށް މުހިންމު އެހެން މަޤާމަކާ ހަވާލުވެވަޑައިގެން، އެ މަޤާމުގެ ވާޖިބުތައް އަދާކުރެއްވުމުގެ ޚިދުމަތް އަދާކުރެއްވަމުން ގެންދެވުންމަތީ. އާދެ، އެ ބޭފުޅަކީ އަލްފާޟިލް ހައިވަކަރު އަޙްމަދުފުޅު. އޭނާއަކީ 8 އަހަރުގެ ދިގު މުއްދަތެއްގައި ހޮސްޕިޓަލަށް ތަފާތު ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް.

އާދެ، އޭގެފަހުގައި ހޮސްޕިޓަލްގެ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުވައިދިނުމުގައި، އެންމެ މުހިންމު ބައިތަކެއް، މިވޭތުވެދިޔަ 25 އަހަރުދުވަހުގެ ތެރޭގައި އަދި އެއަށްވުރެވެސް ދިގު މުއްދަތުގައި ކުރެއްވި ބޭފުޅުންގެ ނަންފުޅުތައް އަޅުގަނޑުމެންނަށް އިވިގެން ހިނގައްޖެ. އެބޭފުޅުންނަށް ޙައްޤުވެގެންވާ އިނާމާއި ސެޓްފިކެޓް އެބޭފުޅުންނަށް އެރުވުމުގެ އުފާވެސް އަޅުގަނޑަށް ލިބިގެން ހިނގައްޖެ. އޭގެ ތެރެއިންވެސް ފާހަގަކޮށްލެވޭ ހަތަރު ފަސް ބޭފުޅެއްގެ ނަން ދަންނަވާލުމަކީ، އަޅުގަނޑު ހިތުން އެހެން ބޭފުޅުންނަށް ކުރެވޭ ބޭއިންޞާފެއް ނޫން. އޭގެތެރެއިން އަޅުގަނޑުމެންނަށް އިވިގެންދިޔަ ގޮތުގައި، އެންމެ ގިނަ ދުވަހު ޞިއްޙީ ދާއިރާގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅަކީ، އަލްފާޟިލް އަންވަރު ޙިލްމީ. އާދެ، މިރޭ ކަންދިމާވިގޮތުން، އޭނާ މިތާނގައި ވަޑައިގެން ނެތް ކަމުގައިވިޔަސް، އޭނާ 32 އަހަރުގެ ދިގު މުއްދަތުގައި ޞިއްޙީ ދާއިރާގައި އަދި ޚާއްޞަކޮށް، މި ހޮސްޕިޓަލްގެ ދާއިރާގައި ކޮށްދެއްވާފައިވާ ޚިދުމަތަކީ، އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ ހަނދާނުން ދުވަހަކުވެސް ކައްސާލައިގެން ދާނެ ޚިދުމަތެއް ނޫން.

އާދެ، އެއަށްފަހުގައި މިހާރުވެސް އަޅުގަނޑުމެންނަށް އެބޭފުޅެއްގެ ޚިދުމަތް ލިބެމުންދާ ބޭފުޅެއްގެ ނަން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ. އެއީ، ޑޮކްޓަރ ޢަބްދުﷲ ޢަބްދުލްޙަކީމް. އޭނާއަކީ 28 އަހަރު މެދުނުކެނޑި ހޮސްޕިޓަލަށް ޚިދުމަތްކޮށްދެއްވާފައިވާ ނުވަތަ ޞިއްޙީ ދާއިރާގައި ރައްޔިތުންނަށް ޚިދުމަތް ކޮށްދެއްވާފައިވާ، އަދި މިހާރުވެސް ޚިދުމަތް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެއް. އެހެންކަމުން، އޭނާގެ ނަންވެސް މިރޭ ފާހަގަކޮށްލުމަކީ، އަޅުގަނޑު ދެކޭގޮތުގައި ހަމަ ކޮންމެހެން ކުރަންޖެހޭނެ ކަމެއް. މިދެންނެވި ދެބޭފުޅުންގެ އިތުރުން، މެދުނުކެނޑި 25 އަހަރުގެ ދިގު މުއްދަތުގައި ހޮސްޕިޓަލަށް ޚިދުމަތްކޮށްދެއްވި ތިން ބޭފުޅެއްގެ ނަންފުޅުވެސް އަޅުގަނޑު ދަންނަވާލާހިތްވޭ. އާދެ، އޭގެ ތެރެއިން އެއްބޭފުޅަކީ، އަލްފާޟިލް އިބްރާހީމް ރުޝްދީ. އޭނާ ހުންނަވަނީ ސީނިއަރ މެކޭނިކްގެ މަޤާމުގައި. ޚިދުމަތް ކުރައްވާތާ 25 އަހަރު ވެއްޖެ. އަނެއް ބޭފުޅަކީ، އަލްފާޟިލް މުޙައްމަދު މޫސާފުޅު. މިހާރު ހުންނަވަނީ ސުޕަވައިޒަރުގެ މަޤާމުގައި. އޭނާވެސް ޚިދުމަތް ކުރައްވާތާ 25 އަހަރު ވެއްޖެ. ދެން ތިންވަނަ ބޭފުޅަކީ، ޢަބްދުﷲ ޢަލީ. އޭނާ މިހާރު ހުންނެވީ އެމްބިއުލެންސް އެޓެންޑެންޓެއްގެ ވަޒީފާގައި. އޭނާވެސް މިތަނަށް ޚިދުމަތް ކޮށްދެއްވާތާ 25 އަހަރު ވެއްޖެ. އެހެންކަމުން، މި ހުރިހާ ބޭފުޅުންނަށާއި އަދި ވަގުތުގެ ގޮތުންނާއި، މިރޭގެ މި ޕްރޮގްރާމް ހަމަޖެހިފައިވާ ގޮތުން، އެބޭފުޅުންގެ ނަން ދަންނަވާލަން އަޅުގަނޑަށް ފަސޭހަނުވި އެހެން ހުރިހާ ބޭފުޅުންނަށްވެސް މި ފުރުޞަތުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން.

އާދެ، ހޮސްޕިޓަލްގެ ޚިދުމަތަކީ ނުވަތަ ޞިއްޙީ ޚިދުމަތަކީ، ދެންނެވުމުގެ ބޭނުމެއްވެސް ނެތް ފަދައިން، ވަރަށް މުހިންމު ޚިދުމަތެއް. އެ ޚިދުމަތަކީ އަޅުގަނޑުމެންގެ ފުރާނައާ ގުޅިފައިވާ ޚިދުމަތެއް. ޝައްކެއްނެތް، ކޮންމެ އިންސާނަކަށްވެސް އެންމެ އަގުބޮޑު އެއްޗަކަށް ވާނީ، އެމީހާގެ ފުރާނަ. އެހެންކަމުން، އެ ފުރާނަ ރައްކާތެރިކޮށްދިނުމަށްޓަކައި ކޮށްދެވޭ ޚިދުމަތަކީ ޝައްކެއްވެސްނެތްގޮތުގައި، އިންސާނީ ޚިދުމަތްތަކުގެ ތެރެއިން އެންމެ މުހިންމު ޚިދުމަތް. އެ ޚިދުމަތް އަދާކުރާ ބަޔަކަށް އަޅުގަނޑުމެން އަބަދުވެސް ޝުކުރުވެރިވާން ޖެހޭނެ. އަދި އެބައެއްގެ ޚިދުމަތުގެ އަގު ވަޒަންކުރަންޖެހޭނެ. އަޅުގަނޑު މިހެން މި ދަންނަވާލީ، ބައެއްފަހަރަށް އަޅުގަނޑުމެންނަށް އެފަދަ ޚިދުމަތްތެރިންގެ ޚިދުމަތުގެ އަގު ވަޒަންނުކުރެވޭތީ.

މިރޭ އަޅުގަނޑު މި ޖަލްސާއަށް އައުމުގެ ކުރިން، ޓީ.ވީ.އިން ދުށް ޚަބަރުގެ ޕްރޮގުރާމްގައި، ޑޮކްޓަރ ޢަބްދުﷲ ޢަބްދުލްޙަކީމް ދެއްކެވި ވާހަކަފުޅުގައި، އެހެން ވިދާޅުވި ވިދާޅުވުން އަޅުގަނޑަށް ވަރަށް ބޮޑަށް ފާހަގަކުރެވިފައިވޭ. އެހެންނަމަވެސް، އޭނާވެސް ވިދާޅުވިގޮތުގައި އެއީ، ދެރަކަމެއް. އަޅުގަނޑުވެސް ޤަބޫލުކުރާގޮތުގައި އެއީ، ދެރަކަމެއް. ޚިދުމަތްކުރާ މީހުންގެ ޚިދުމަތް އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭނެ. އެކަމަށް ޝުކުރުވެރިވާން ޖެހޭނެ. ކުރިންވެސް ދެންނެވިފަދައިން، ޑޮކްޓަރުންނާއި، ސްޓާފް ނަރުހުންނާއި، ނަރުހުންނާއި އަދި ހޮސްޕިޓަލްގެ ދާއިރާގައި ޚިދުމަތް ދެއްވާ އެހެން ފަރާތްތަކުން އެކުރައްވާ ޚިދުމަތަކީ، އަޅުގަނޑުމެންގެ ފުރާނައާ ގުޅިފައިވާ ޚިދުމަތެއް. އެހެންކަމުން، އަޅުގަނޑުމެން، އަޅުގަނޑުމެންގެ ފުރާނަދެކެ ލޯބިވާނަމަ، އެ ފުރާނަ ސަލާމަތްކޮށްދެއްވުމަށްޓަކައި ޚިދުމަތްކޮށްދެއްވާ ފަރާތްތަކުގެ ޚިދުމަތުގެ އަގު އަޅުގަނޑުމެން ވަޒަންކުރަން ޖެހޭނެ.

އާދެ، އަޅުގަނޑުމެންގެ ތެރޭގައި ކަންތައް ހުންނަނީ މުޅިން އެހެނެއް ނޫން. އަޅުގަނޑުމެންނަށް ދެރަ ކަމެއް ދިމާވެއްޖިއްޔާ އެކަމުގެ ވާހަކަ ދެއްކޭގޮތްވަނީ. ރަނގަޅު ކަމެއް ދިމާވެއްޖެނަމަ، އެކަމެއް ވަރަށް އަވަހަށް ހަނދާންނެތިގެން ދަނީ. އެއީ، އިންސާނީ ޠަބީޢަތުގައިވާ ކަމަކަށްވެސް ވެދާނެ. އެހެންނަމަވެސް، އިންސާނީ ޠަބީޢަތުގައިވާ ކޮންމެ ކަމަކީ ރަނގަޅު ކަމެކޭ ދެންނެވޭކަށެއް ނެތް. އޭގެތެރޭގައި، ރަނގަޅު ސިފަތަކާއި، އުނި ސިފަތައް ހިމެނިގެންވޭ. އެހެންކަމުން، އަޅުގަނޑުމެންގެ ނަފްސުތަކުގައިވާ އުނިސިފަތަކުން އަޅުގަނޑުމެން ސަލާމަތްވުން އެއީވެސް އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. ޙަޤީޤީ ޚިދުމަތެއްދޭ ފަރާތަކަށްނަމަ، އެ ޚިދުމަތުގެ އަގު އަޅުގަނޑުމެން ވަޒަންކުރަންޖެހޭނެ. އަދި އެބޭފުޅުންނަށް ނުވަތަ އެ ޚިދުމަތް އަދާކުރައްވާ ފަރާތަކަށް ޝުކުރުވެރިވާންޖެހޭނެ.

އާދެ، އެހެން ރޮނގަކުން ދަންނަވަންޏާ، ޤައުމަށް ދިމާވާ ކަންތައްތަކުގައި ތަފާތު ދާއިރާތަކުން ޚިދުމަތް ކުރަންޖެހޭ. މުޖްތަމަޢުގެ ޟަރޫރީ ޚިދުމަތްތައް އަދާކޮށްދޭ ބަޔަކީ ދީނީ އުޞޫލަކުން ބަލާއިރު، ކިފާޔަތުގެ ފަރުޟެއް އަދާކުރައްވާ ފަރާތްތަކެއް. އާދެ، ޤައުމު ދިފާޢުކުރުމާއި، ޤައުމުގެ މިނިވަންކަން ރައްކާތެރިކުރުމަށް ވަކި ބަޔަކު ޚާއްޞަވެގެން ތިބޭ. އެބަޔަކު އެކުރާ މަސައްކަތަކީވެސް ކިފާޔަތުގެ ފަރުޟެއް. ރައްޔިތުންގެ ތެރެއިން ބަލިވާ މީހުންނަށް ބޭސްކޮށްދީ، އެމީހުންގެ ފުރާނަ ސަލާމަތްކޮށްދެވޭތޯ މަސައްކަތްކުރާ ފަރާތަކީވެސް ކިފާޔަތުގެ ފަރުޟެއް އަދާކުރައްވާ ފަރާތެއް. އެހެންކަމުން، އެ ފަރުޟު އަދާކުރަން ކޮންމެވެސް ބަޔަކު ކުރިމަތިލާންޖެހޭ. ޤައުމުގައި މިހެން ހުންނަ، ޢާންމު ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ޚިދުމަތްތައް އަދާކުރަން ކޮންމެވެސް ބަޔަކު ކުރިމަތިލާން އެބަޖެހޭ. އަދި އެބަޔަކު އެކުރާ މަސައްކަތުގެ އަގު ރައްޔިތުންގެ އެހެން މީހުން ވަޒަންކުރަންވެސް ޖެހޭނެ.

މި ދެންނެވި ގޮތުން، ޞިއްޙީ ދާއިރާގައި ޚިދުމަތް ކުރައްވާ ބޭފުޅުން އެކުރައްވާ ޚިދުމަތަކީ އެއްވެސް އަރާމެއް ނެތް ޚިދުމަތެއް ކަމުގައިވެސް އަޅުގަނޑަށް ދަންނަވަންޖެހޭ. އާދެ، މި ހޮސްޕިޓަލްގެ ޚިދުމަތްވެސް ރެޔާއިދުވާލު 24 ގަޑިއިރު ވަންދެން ދެމިއޮވޭ. ހޮސްޕިޓަލްގައި ޚިދުމަތް ކުރައްވާ ބޭފުޅުންގެ ޢަދަދު މަދުކަމާއި، ކުރައްވަންޖެހޭ މަސައްކަތްތަކުގެ ގިނަކަމަށް ބަލާއިރު، އެބޭފުޅުން ޚިދުމަތް ކުރައްވަންޖެހެނީ ވަރަށް ބުރަކޮށް، އެއްވެސް އަރާމެއް ނެތި. އެހެންނަމަވެސް، އެ ޚިދުމަތުގައި އެބޭފުޅުން ދެމިތިއްބަވާކަން އެއީ، އަޅުގަނޑުމެން ފާހަގަކުރަންޖެހޭނެ ކަމެއް. އެހެން މި ދެންނެވީ، ހޮސްޕިޓަލް ނޫން އެހެން ދާއިރާތަކުގައިވެސް މާމަތީ މުސާރަ ލިބޭގޮތަށް، މާގިނަ ފައިދާތައް ޙާޞިލްވާގޮތަށް، ވަރަށް ގިނަ ބަޔަކަށް މަސައްކަތް ކުރެވިދާނެ. އެހެންނަމަވެސް، އެ މަސައްކަތްތައް ދޫކޮށްލާފައި، މިފަދަ މުހިންމު ޚިދުމަތަކަށް ކުރިމަތިލާ ބަޔަކު ތިބޭކަން އެއީ، މުޅި ޤައުމުގެ ސަލާމަތް.

އާދެ، ހޮސްޕިޓަލްގެ ޚިދުމަތްތެރިންނަކީ ހަމައެކަނި ހޮސްޕިޓަލަށް އަންނަ ބަލިމީހުންނަށް ޚިދުމަތް ދެއްވަން ތިއްބަވާ ފަރާތްތަކެއް ނޫން. ކޮންމެ ބޮޑުކަމެއް ދިމާވިޔަސް، އާދެ، ރާޅުއެރިޔަސް، ރޯގާއެއް ފެތުރިގެންދިޔަސް، އަދި ނޮވެމްބަރު 3 އަޔަސް، ޚިދުމަތުގެ އެންމެ ކުރީ ސަފުގައި ތިބެންޖެހޭ އެންމެ މުހިންމު ބަޔަކީ ހޮސްޕިޓަލްގެ ޚިދުމަތްތެރިން. ހޮސްޕިޓަލްގެ ޑޮކްޓަރުންނާއި، ނަރުހުންނާއި، ހޮސްޕިޓަލްގެ ލެބޯރެޓަރީގައި މަސައްކަތްކުރާ މީހުންނާއި، އެކްސްރޭގެ މަސައްކަތްކުރާ މީހުންނާއި، މިހެންގޮސް އަޅުގަނޑަށް ދަންނަވަންވެސް ނޭނގޭހާ ގިނަ، ހޮސްޕިޓަލާ ގުޅިފައިވާ ޚިދުމަތްތައް ކުރައްވަން ތިއްބަވާ ބޭފުޅުން. އެކަން އެހެން އޮތުމާއެކު، އެބޭފުޅުން އެކުރައްވާ ޚިދުމަތަކީ އަޅުގަނޑުމެން އެންމެންވެސް ވަޒަންކުރަންޖެހޭނެ ޚިދުމަތެއް. އަދި އެބޭފުޅުން އެކުރައްވާ ޚިދުމަތް ފަސޭހަކަމާއެކު ލިބިގަތުމަށްޓަކައި އަޅުގަނޑުމެން ޢަމަލުކުރަންޖެހޭނެ ގޮތްތަކެއްވެސް ހުންނާނެ.

ހޮސްޕިޓަލާއި ޢާންމުންނާ ދޭތެރޭގައި އޮންނަ ގުޅުން އެއީ، ވަރަށް މުހިންމު ގުޅުމެއް. އެގުޅުން އެކަށީގެންވާ ރަނގަޅު ގޮތެއްގައި އޮވެގެން ނޫނީ ޢާންމުންނަކަށް އެމީހުން ބޭނުންވާ ޚިދުމަތްތަކެއް ހޮސްޕިޓަލަކުން ނުލިބޭނެ. ހަމައެފަދައިން، ހޮސްޕިޓަލްގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް އެ ޚިދުމަތްތައް ޢާންމުންނާ ހަމައަށް ފޯރުވައެއްވެސް ނުދެއްވޭނެ. ދެފަރާތުގެ ގުޅުން އޮންނަން ޖެހޭނީ ވަރަށް އެކުވެރި، އެއްބާރުލުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްގެ ގޮތުގައި. އެއްބަޔަކު އަނެއް ބައެއްގެ ކުށް ހޯދައި، އެއްބަޔަކު އަނެއް ބަޔަކު ކުރާ ކަންތައްތަކަށް ފާޑުކިޔާކަމުގައިވަނީނަމަ، މި ދެންނެވި ކަހަލަ އެއްބާރުލުމުގެ ގުޅުމެއް އުފެދިފައެއް ނޯންނާނެ. އެފަދަ އެއްބާރުލުމުގެ ގުޅުމެއް އުފެދިފައި ނެތްނަމަ، ހޮސްޕިޓަލުން ދެވޭ ޚިދުމަތްތައް، އަދި ޢާންމުންނަށް ލިބޭ ޚިދުމަތްތައްވެސް އެކަށީގެންވާ ފެންވަރަކަށް ތަރައްޤީ ކުރަމަކުން ނުގެންދެވޭނެ.

އާދެ، މި ނުކުތާއަށް އަޅުގަނޑު އެދެން، ހުރިހާ ފަރާތްތަކަކުން ވަރަށް ބޮޑު ސަމާލުކަމެއް ދެއްވުން. ހޮސްޕިޓަލްގެ މަސައްކަތް ކުރައްވާ ބޭފުޅުންވެސް އަދި ޢާންމުންގެ ތެރެއިން ހޮސްޕިޓަލްގެ ޚިދުމަތަށް އެދިގެން މިތަނަށް ވަޑައިގަންނަވަންޖެހޭ ހުރިހާ ބޭފުޅުންވެސް. އެބޭފުޅުން ވިސްނަވަންޖެހޭނެ، ހޮސްޕިޓަލްގެ ޚިދުމަތަކީ، އެ ދެފަރާތުގެ ގުޅުމާއި އެއްބާރުލުން ރަނގަޅަށް އޮވެގެން ނޫނީ އެއްވެސް ޙާލެއްގައި މުޖްތަމަޢަށް ފައިދާވާ ގޮތަށް ދެވޭނެ ޚިދުމަތެއް ނޫންކަން.

އާދެ، ހޮސްޕިޓަލްގެ ކަންތައްތައް ހިންގެވުމުގައި، މިތާނގައި އިސްވެ ހުންނަވަނީ މެނޭޖަރު ކަމުގައިވިޔަސް، ހޮސްޕިޓަލާ ބެހޭ ސަރުކާރުގެ އިސްފަރާތެއް އޮވޭ. އެއީ، މިނިސްޓްރީ އޮފް ހެލްތް. މިނިސްޓްރީ އޮފް ހެލްތްގެ ބެއްލެވުމުގެ ދަށުން ހޮސްޕިޓަލް ހިނގަމުން ދަނީ. މި ހޮސްޕިޓަލްވެސް އަދި ރާއްޖޭގައި މިވަގުތު ހުރި އެހެން ހޮސްޕިޓަލްތައްވެސް. އެހެންކަމާއެކު، މިނިސްޓްރީ އޮފް ހެލްތުން ކުރައްވާ ޚިދުމަތްތައްވެސް އަޅުގަނޑުމެން ފާހަގަކުރަންޖެހޭ. އަދި ޚާއްޞަކޮށް، އެކި ދައުރުތަކުގައި އެ މިނިސްޓްރީގެ އިސްވެރިންގެ ގޮތުގައި ޚިދުމަތް ކުރެއްވި ބޭފުޅުން އަޅުގަނޑުމެން ފާހަގަކުރަންޖެހޭ. އާދެ، މި ދައުރަށް ވީފަހުންވެސް އެ މަޤާމުގައި ދެތިން ހަތަރު ބޭފުޅަކު ތިއްބަވައިފި. އަދި އެބޭފުޅުންގެ ޚިދުމަތްތައް ވަރަށް އެކަށީގެންވާ ގޮތެއްގައި ހޮސްޕިޓަލަށް އޮތީ ލިބިފައި. އޭގެތެރެއިން، ދެބޭފުޅަކު މިތާނގައިވެސް ފެންނަން އެބަ ތިއްބެވި. އާދެ، އޮނަރަބްލް އަލްފާޟިލް ޢަބްދުﷲ ޖަމީލާއި، އޮނަރަބްލް އަލްފާޟިލް ޢަބްދުއްސައްތާރު މޫސާދީދީ. އެހެންކަމުން، އެ ދެބޭފުޅުންނަށްވެސް މި މުނާސަބަތުގައި ވަރަށް ޚާއްޞަ ތަހުނިޔާއަކާއި ޝުކުރެއް ދެންނެވުމަކީ، އަޅުގަނޑުގެ އުފަލެއް ކަމުގައި ދެކެން.

އާދެ، ހޮސްޕިޓަލަށް ޚިދުމަތް ކޮށްދެއްވަނީ ހަމައެކަނި މިނިސްޓަރުންގެ މަޤާމުގައި ތިއްބަވާ ބޭފުޅުންނެއް ނޫން. މިނިސްޓަރުންގެ ދަށުން ކަންތައް ކުރައްވާ ބޭފުޅުންވެސް ހޮސްޕިޓަލަށް ޚިދުމަތް ކޮށްދެއްވާ. އެގޮތުން، މިހާރު މިނިސްޓަރ އޮފް ހެލްތުގެ ނާއިބުގެ މަޤާމުގައި ހުންނެވި ޑޮކްޓަރ ޢަބްދުއްސައްތާރު ޔޫސުފަށްވެސް މި މުނާސަބަތުގައި އަޅުގަނޑު ތަހުނިޔާއާއި ޝުކުރު ދަންނަވަން. ހަމަ އެފަދައިން، މިނިސްޓްރީ އޮފް ހެލްތުގެ ތަފާތު ދާއިރާތަކުގައި ތިއްބަވާ ބޭފުޅުންނަށްވެސް، އެބޭފުޅުން އެކުރައްވާ ޚިދުމަތުގެ އަގު ވަޒަންކޮށް ޝުކުރު ދަންނަވަން.

އާދެ، މި ހޮސްޕިޓަލްގެ ޚިދުމަތްވެސް މިވަނީ މި ވޭތުވެދިޔަ 25 އަހަރު ދުވަހުގެތެރޭގައި، ތަފާތު ރޮނގުތަކުން ތަރައްޤީވަމުން އައިސްފައި. އެހެންނަމަވެސް، އަޅުގަނޑުމެންގެ ރައްޔިތުންނަށް ބޭނުންވާވަރަށް އަދިވެސް ރާއްޖޭގައި ޞިއްޙީ ޚިދުމަތް ދެވެން ނެތުމުގެ ސަބަބުން އާދެ، ބަލިމީހުންނަށް، އެމީހުންނަށް ބޭނުންވާ ހުރިހާ ފަރުވާއެއް، ރާއްޖޭގައި އެމީހުންނަށް ދެވެން ނެތުމުގެ ސަބަބުން، ވަރަށް ގިނަ ޢަދަދަކަށް، ރާއްޖެއިން ބޭރަށް ބަލިމީހުން ބޭސްކުރަން ދޭ. އޭގެތެރެއިން ވަރަށް ގިނަ މީހުންނަކީ، ސަރުކާރުގެ އެހީގައި ދާ މީހުން، އެއް އަހަރުން އަނެއް އަހަރަށް ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާ މީހުންގެ ޢަދަދު ދަނީ ގިނަވަމުން. އެ މީހުންނަށްޓަކައި ސަރުކާރުން ކުރަމުންގެންދާ ޚަރަދުތައްވެސް ދަނީ އެއް އަހަރުން އަނެއް އަހަރަށް ވަރަށް ބޮޑުތަން އިތުރުވަމުން. ސަރުކާރުގެ ޚަރަދުގައި ރާއްޖެއިން ބޭރަށް ބޭހަށް ދާ މީހުންގެ އިތުރުން، އެމީހުންގެ އަމިއްލަ ޚަރަދުގައި އެކިއެކި ބޭސްފަރުވާއަށްޓަކައި ރާއްޖެއިން ބޭރަށްދާ މީހުންގެ ޢަދަދުވެސް ވަރަށް ގިނަ. ޢާންމު ރައްޔިތުންގެ ތެރެއިން، އެމީހުންގެ އަމިއްލަ ޚަރަދުގައި ރާއްޖެއިން ބޭރަށްދާ މީހުންގެ ޢަދަދު އަޅުގަނޑުމެންނަށް ބެލޭނެ އިންތިޒާމެއް ހަމަޖެހިފައެއް ނެތް. އެހެންކަމުން، އެ ޢަދަދު އަޅުގަނޑަށް ދަންނަވާލެވޭކަށް ނެތް. އެހެންނަމަވެސް، ސަރުކާރުގެ ޚަރަދުގައި ވޭތުވެދިޔަ އަހަރު، 1991 ވަނަ އަހަރު އެއްހާސް ތިންސަތޭކައަށްވުރެ ގިނަ މީހުން ރާއްޖެއިން ބޭރަށް ގޮސްފައިވާކަން އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ. އަދި އެމީހުންނަށް ދިވެހި ރުފިޔާއިން ބަލާއިރު، 12 މިލިއަނަށްވުރެ ގިނަ ޢަދަދަކަށް ފައިސާވެސް ވަނީ ޚަރަދުވެފައި. މި އަހަރުގެ ފުރަތަމަ 6 މަސްދުވަހަށް ބަލާއިރު، ސަރުކާރުގެ ޚަރަދުގައި ރާއްޖެއިން ބޭރަށް 700 އަށްވުރެ ގިނަ މީހުން ބޭސްފަރުވާއަށް މިހާރު ވަނީ ގޮސް. ނުވަތަ އެއްބަޔަކު ގޮސްފައި އަތުވެއްޖެ. އެއަށްވެސް 7 މިލިއަން ރުފިޔާއަށްވުރެ ގިނަ ޢަދަދަކަށް ފައިސާވަނީ ޚަރަދުވެފައި.

އެހެންވީމާ، އެކަމަށް އެކަނިވެސް ބޭރު ފައިސާގެ ގޮތުންވެސް އަޅުގަނޑުމެންގެ ރާއްޖެއިން ވަރަށް ބޮޑު ބައެއް ޚަރަދުވެގެން އެބަދޭ. ގާތްގަނޑަކަށް ދޮޅުމިލިއަން ޑޮލަރު ނުވަތަ ދެ މިލިއަން ޑޮލަރު އެއީ، ބަލިމީހުންނަށް ބޭސްކުރުމަށްޓަކައި ހަމައެކަނި ސަރުކާރުގެ ބަޖެޓުން ޚަރަދުވެގެންދާ ބައެއް. އަދި އަމިއްލަ ޚަރަދުގައި ބޭހަށްދާ މީހުންވެސް އެވަރަށް ނުވަތަ އެއަށްވުރެ ގިނައިންވެސް ޚަރަދުކޮށްފައި އޮވެދާނެތީ، އަޅުގަނޑުމެންގެ ރާއްޖެއަށް ލިބޭ ބޭރުފައިސާގެ ތެރެއިން އެކަށީގެންވާ ބޮޑުބައެއް މިކަމަށްވެސް ޚަރަދުވެގެންދާކަން އަޅުގަނޑުމެން ހަނދާންކުރަން އެބަޖެހޭ. އެހެންކަމުން، އަޅުގަނޑުމެންގެ މަޤްޞަދަކަށް ވާންޖެހޭނީ ރާއްޖޭގައި ލިބިދެވެންހުރި ޞިއްޙީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމާއި، ލިބިދެވެންހުރި ޚިދުމަތްތަކުގެ ދާއިރާ ފުޅާކުރުން.

އާދެ، އަޅުގަނޑުމެންގެ ރާއްޖޭގައި ކުރެވޭ ޓެސްޓުތައް، އެކިއެކި ތަޙްލީލުތައް މިހާރު ކުރިޔަށްވުރެ މާގިނަ. އެހެންނަމަވެސް، އަދިވެސް އަޅުގަނޑުމެންގެ ރާއްޖޭގައި ނުކުރެވޭ، ވަރަށް ގިނަ ތަޙުލީލުތަކެއް އެބަހުރި. އެ ތަޙުލީލުތައް ކުރުމަށްޓަކައި މީހުން ދާންޖެހެނީ ބޭރަށް. ހަމަ އެފަދައިން، އޮޕަރޭޝަން ކުރުމުގެ ގޮތުންވެސް، ކުރިއަށްވުރެ މާގިނަ ތަފާތު ވައްތަރުވައްތަރުގެ އޮޕަރޭޝަންތައް ރާއްޖޭގައި ކުރެވެން މިހާރު އެބަހުރި. އެހެންނަމަވެސް، އަޅުގަނޑުމެންގެ ރާއްޖޭގައި ހުރިހާ ބާވަތެއްގެ އޮޕަރޭޝަނެއް ކުރެވޭކަށް ނުހުރޭ. އެހެންކަމުން، އެ ޚިދުމަތް ލިބިގަންނަން އެދޭ މީހުންވެސް ދާންޖެހެނީ ރާއްޖެއިން ބޭރަށް.

އެހެންވީމާ، މި ނުކުތާއާ ދޭތެރޭގައި އަޅުގަނޑުމެން ފިޔަވަޅުތަކެއް އަޅަން މިއޮތީ ޖެހިފައި. އަމިއްލަ ޖަމާޢަތްތަކުން މިހާރު ގެންދަވަނީ އެ މަސައްކަތް ކޮންމެވެސްވަރަކަށް ކުރައްވަމުން. އަމިއްލަ ކްލިނިކްތައް މާލޭގައިވެސް، ރާއްޖެތެރޭގައިވެސް ދަނީ އުފެދެމުން. އެއީވެސް އަޅުގަނޑު ހިތުން އަޅުގަނޑުމެން ތަރުޙީބު ދޭންޖެހޭނެ ކަމެއް. އެހެން މި ދެންނެވީ، ރާއްޖޭގައި ތިބެގެން ރާއްޖޭގެ ބަލިމީހުންނަށް ފަރުވާދެވޭގޮތް ވެއްޖިއްޔާ، ހުރިހާ ގޮތަކުންވެސް އެގޮތް، އެމީހުން ރާއްޖެއިން ބޭރަށް ގޮސްގެން ފަރުވާ ހޯދުމަށްވުރެ މޮޅުވާނެ. އެމީހުންނަށް އެމީހުންގެ ޢާއިލާއާ އެކީގައި މާލޭގައި ނުވަތަ ރާއްޖެތެރޭގައި ތިބެވޭގޮތް އޭރުން ދިމާވާނެ. ހަމައެއާއެކީގައި، އަޅުގަނޑުމެންގެ އަތުން މި ހޭދަވެގެންދާ ބޭރު ފައިސާގެ ޢަދަދުވެސް ކުޑަކުރެވޭނެ. އެހެންވީމާ، އަޅުގަނޑު ވަރަށް ތަރުޙީބު ދޭކަމެއް، ރާއްޖޭގެ އަމިއްލަ ފަރާތްތަކުން ކްލިނިކްތައް ހުޅުއްވުމާއި، ޚިދުމަތްތައް ދެއްވުމުގެ މަސައްކަތް ކުރެއްވުން އެއީ. އަޅުގަނޑު ހިތުން މުސްތަޤްބަލްގައި އެކަން ހަރުދަނާ، ރަނގަޅު އުޞޫލަކުން ރޭވިގެން ނޫނީ އަޅުގަނޑުމެންގެ ޢާންމު ރައްޔިތުން ބޭނުންވާނެ ޚިދުމަތްތަކެއް ލިބިދެވޭނެ ގޮތެއް އަޅުގަނޑުމެންނަކަށް ހަމައެއްނުޖެއްސޭނެ.

ހޮސްޕިޓަލް ކިތަންމެ ބޮޑުކުރިޔަސް އަދި މި ހޮސްޕިޓަލްގެ އިތުރުން މިހާރު އުފެދެމުން އެދާ، ބިނާކުރެވެމުން އެދާ "އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް" ނިމުމުންވެސް އަދިވެސް އަޅުގަނޑުމެން ބޭނުންވާވަރަކަށް ބަލިމީހުންނަކަށް ޚިދުމަތެއް ނުދެވޭނެ. އަދި އެ ޚިދުމަތް އެދޭ މީހުންނަށް ކޮންމެވެސް އެހެން ގޮތެއް އޮންނާނީ ހޯދައިދޭން ޖެހިފައި.

އެހެންވީމާ، އެބައި އެއީ ތަޢުލީމީ ދާއިރާގައިވެސް މިހާރު ކަންތައް ހިނގަމުން ދާގޮތަށް ވިސްނާއިރުވެސް ހަމަ ވާންޖެހޭނެ ގޮތެއް. ސަރުކާރުގެ ސްކޫލްތަކުގެ އިތުރަށް، ވަރަށް ގިނަ އަމިއްލަ މަދަރުސާތައް މާލޭގައިވެސް، ރާއްޖެތެރޭގައިވެސް ހިނގަމުން އެބަދޭ. ދުނިޔޭގެ އެހެން ތަންތާނގައިވެސް އެކަން އޮންނަނީ އެހެން. އެކަހަލަ މުހިންމު ޚިދުމަތްތަކަކީ ހަމައެކަނި ސަރުކާރުން ދެވޭ އެއްޗެއް ގޮތުގައެއް ނޫން އޮންނަނީކީ. ސަރުކާރުން ދޭ ޚިދުމަތުގެ އިތުރަށް، އަމިއްލަ ފަރާތްތަކުންވެސް އެ ޚިދުމަތްތައް ދެއްވާ. އަދި ދޭންވެސްޖެހޭ. އެހެންވީމާ، އެގޮތުން އަޅުގަނޑުމެން މަސައްކަތްކޮށްގެން، ރާއްޖޭގެ ރައްޔިތުންނަށް ރާއްޖޭގައި ތިބެގެން އެކަށީގެންވާ ޞިއްޙީ ޚިދުމަތެއް އަޅުގަނޑުމެންނަށް ލިބިދެވޭނެ.

އާދެ، އަޅުގަނޑުގެ ވާހަކަ މިހާރުވެސް ވަރަށް ދިގުވެގެން ހިނގައްޖެ. އެހެންކަމާއެކު އަޅުގަނޑު ދެން ޤަޞްދުކުރަނީ ވާހަކަ ކުރުކޮށްލަން. އަޅުގަނޑުގެ ވާހަކަ ނިންމާލުމުގެ ކުރިން، ހޮސްޕިޓަލްގެ އެކިއެކި މުހިންމު މަޤާމްތަކުގައި މިހާރު ތިއްބެވި ބޭފުޅުންނަށް، މި މުނާސަބަތާ ގުޅިގެން ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން ބޭނުންވޭ. އޭގެތެރެއިން ހޮސްޕިޓަލްގެ އެގްޒެކެޓިވް ޑިރެކްޓަރގެ މަޤާމުގައި ހުންނެވި ޑޮކްޓަރ ފިރްދައުސަށް ޚާއްޞަ ޝުކުރެއް ދަންނަވަން. އޭނާއަކީ ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެއް. އަދި އޭނާގެ ބެއްލެވުމުގެ ދަށުން ހޮސްޕިޓަލްގެ ތަފާތު ޑިޕާޓްމަންޓްތަކުގެ ވެރިންނާއި، ހޮސްޕިޓަލްގެ ތަފާތު ދާއިރާތަކުގެ މުވައްޒަފުން އެކޮށްދެއްވަމުން ގެންދަވާ ޚިދުމަތަކީ އަޅުގަނޑުމެން އަބަދުވެސް ވަޒަންކޮށް، އެބޭފުޅުންނަށް ޝުކުރުވެރިވާންޖެހޭނެ ޚިދުމަތެއް.

އާދެ، އަޅުގަނޑުގެ ދުޢާއަކީ اللّـه سبحـانـه وتعـالى އަޅުގަނޑުމެންގެ ޞިއްޙަތު ސަލާމަތުން ބެހެއްޓުމުގެ މަގު އަޅުގަނޑުމެންނަށް ތަނަވަސްކޮށްދެއްވުން. އެކަލާނގެ ބާވައިލެއްވި މާތްދީނުގައި އަޅުގަނޑުމެންގެ ފައިތިލަ ސާބިތުކޮށްގެން، ހުރިހާ ރޮނގަކުންވެސް ކުރިއަށްދިޔުމުގެ މަގު ފަހިކޮށްދެއްވުން. ސެންޓްރަލް ހޮސްޕިޓަލަށް އަދި ރާއްޖޭގައި ޞިއްޙީ ޚިދުމަތް ދެއްވާ ހުރިހާ ފަރާތްތަކަށް ވަރަށް ކާމިޔާބު މުސްތަޤްބަލަކަށް އެދެމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަނީ.

والسّلام عليكم ورحمـة اللّـه وبر كاته.