بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّدنا محـمَّدٍ وعلى آلـه وصحـبه أجمعـين.

މިރޭ އަޅުގަނޑުމެން މި ދެކެނީ ވަރަށްވެސް އުފާވެރި މަންޒަރެއް. އާދެ، އެއީ ޤައުމީ ފެންވަރެއްގައި ހިންގުނު އަދި ހިންގަމުން ގެންދެވޭ ވަރަށް މުހިންމު މަޝްރޫޢެއް ކަމުގައިވާ އަސާސީ ތަޢުލީމުގެ މަޝްރޫޢުގެ ދަށުން ބޭއްވުނު އިމްތިޙާނުގެ ނަތީޖާ ފާޅުކޮށް، އެ އިމްތިޙާނުގައި މަތީ ވަނަތައް ޙާޞިލްކުރި އަތޮޅުތަކަށާއި، ރަށްރަށަށް އިނާމު ދިނުމުގެ މަންޒަރު.

ޝައްކެއްނެތް، މި މަޝްރޫޢަކީ ވަރަށް ކާމިޔާބު ގޮތެއްގައި ހިންގިފައިވާ މަޝްރޫޢެއް. މި މަޝްރޫޢުގެ ފެށުން ފާހަގަވެގެންދިޔައީ، 1980 ވަނަ އަހަރު ތެރޭގައި. އެ އަހަރުގެ އެންމެ ފުރަތަމަ ދުވަހު. އާދެ، ޖަނަވަރީ މަހުގެ 1 ވަނަ ދުވަހު. ރާއްޖޭގެ ރައްޔިތުންނާ މުޚާޠަބުކޮށް އަޅުގަނޑު ދެއްކި ވާހަކައިގެ ތެރޭގައި، އަސާސީ ތަޢުލީމުގެ މަޝްރޫޢުގެ ފެށުން ފާހަގަކުރީ. އޭގެ ފަހުން، މިހާރު 11 އަހަރު ވޭތުވެގެން ހިނގައްޖެ. މި 11 އަހަރު ދުވަހުގެ ތެރޭގައި، މި މަޝްރޫޢަށް ވަނީ ބައެއް ބަދަލު އައިސްފައި.

އާދެ، ކޮންމެ މަޝްރޫޢެއްވެސް ހިނގަމުންދާއިރު، ކަންތައްތައް ދިމާވާ ގޮތުން އެ މަޝްރޫޢަކަށް ބަދަލުގެންނަން ޖެހުމަކީ އެކަށީގެންވާ ކަމެއް. މަޝްރޫޢެއް ފުރަތަމަ ރާވާއިރު، އެ ރާވާ ބައެއްގެ ހިތުގައި އޮތްގޮތަށް ކަންތައްތައް ނުދިޔުމަކީ އެކަށީގެންވާ ކަމެއް. ވަރަށްގިނަފަހަރަށް އެކަން ވެފައި އޮންނަނީވެސް އެހެން. ތާރީޚަށްޓަކައި ދަންނަވާނަމަ، މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ އަރިހުން މަޢާފަށްވެސް އެދެމުން އަޅުގަނޑަށް ދަންނަވަން ޖެހެނީ، މި މަޝްރޫޢު އެންމެ ފުރަތަމަ ރޭވުނީ ތިން އަހަރު ދުވަހުގެ މަޝްރޫޢެއްގެ ގޮތުގައޭ. އެހެންނަމަވެސް، އެތިން އަހަރު ދުވަހުގެ ތެރޭގައި، އެ މަޝްރޫޢުގެ ލަނޑުދަނޑިތަކާ ހަމައަށްދިޔުން ދަތިވުމުގެ ސަބަބުން، 6 އަހަރު ދުވަހުގެ މަޝްރޫޢަކަށް ބަދަލުވެގެންދިޔައީ. އަދި އެ 6 އަހަރު ދުވަސް ވުމަށްފަހުގައި، މަޝްރޫޢު ހިނގަމުންދިޔަ ގޮތް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވަޒަންކުރައްވައި، އެ މަޝްރޫޢަށް ގެންނަން ފެނިވަޑައިގެންނެވި ބަދަލުތަކެއް އޭގެފަހުން ގެންނެވީ. އެއީ، މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވި ފަދައިން، ބައެއް އަތޮޅުތަކަށް އިސްކަންދީގެން. އާދެ، އެއީ މިނިސްޓަރުގެ ނާއިބު އަލްފާޟިލް ޢަބްދުލްޙަމީދު ޢަބްދުލްޙަކީމް ވަރަށް ތަފްޞީލުކޮށް ކުރިން ވިދާޅުވެދެއްވި ފަދައިން، ބައެއް އަތޮޅުތަކަށް އިސްކަންދީގެން، އެ ތިން އަހަރު ދުވަހު މަޝްރޫޢު ހިންގަންޖެހުނީ. އަދި އޭގެ ފަހުން، 1990 ވަނަ އަހަރަކީ، ބައިނަލްއަޤްވާމީ ލިޔަންކިޔަން ދަތުމުގެ އަހަރު ކަމަށްވާތީ، އެ އަހަރަށް ޚާއްޞަ ޕްރޮގްރާމެއް ރާވަން ޖެހުމުގެ ސަބަބުން، ކުރިން ރޭވިފައި އޮތްގޮތާ ތަފާތުގޮތަކަށް އެ އަހަރުގެ ތެރޭގައި، އެ މަޝްރޫޢު ގެންދަން ޖެހިފައިވަނީ.

އާދެ، މި ކަންތައްތައް މިހެން ދިމާވުމުގެ ސަބަބުން، ފުރަތަމަ މަޝްރޫޢު ރޭވުނުގޮތާއި، ފަހުން ހިނގަމުންދިޔަގޮތާ ދޭތެރޭގައި ތަފާތުތަކެއް އެބަހުރި. އެހެންނަމަވެސް، އެ ތަފާތުތަކަކީ މަޝްރޫޢުގެ ކާމިޔާބަށްޓަކައި ގެންނަންޖެހުނު ތަފާތުތަކެއް ނުވަތަ ބަދަލުތަކެއް. މަޝްރޫޢު ކާމިޔާބުވިކަމުގެ އެންމެ ބޮޑު ހެތްކަކީ، މި 10 އަހަރު ދުވަހުގެ ތެރޭގައި ނުވަތަ 11 އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގައި ތިބި ލިޔަންކިޔަން ނުދަންނަ މީހުންގެ ޢަދަދު ވަރަށް ބޮޑުތަން މަދުވެގެން އައިކަން. އާދެ، މަޝްރޫޢު ފެށުނުއިރު، ރާއްޖޭގައި ލިޔަން ކިޔަން ނުދަންނަ އޮނަވިހިހާސް ކޮންމެވެސްވަރެއް ތިބިކަމަށްވޭ. އެ ޢަދަދު މިހާރު ކުޑަވެގެންއައިސް، އެންމެ 2014 އަށް ބަދަލުވެފައި މިވަނީ. ރާއްޖޭގެ ލިޔަންކިޔަން ދަތުމުގެ ނިސްބަތަކީ، މުޅި ދުނިޔެއަށް ބަލާއިރުވެސް އަޅުގަނޑަށް ދަންނަވަންޖެހެނީ ވަރަށް މަތީ ނިސްބަތެކޭ. ސަތޭކައަކުން 98 އެއީ، ވަރަށް މަދު ޤައުމެއްގައި ނޫނީ ޙާޞިލްކުރެވިފައި ނުވާ ނިސްބަތެއް. ހަމައެކަނި މި ސާރކްގެ ޤައުމުތަކަށް ބަލާއިރަކު ނޫން. މި ސަރަޙައްދުގެ ޤައުމުތަކަށް ބަލާއިރަކު ނޫން. އެއަށްވުރެ މާ ކުރިއަރާފައިވާ ޤައުމުތަކަށް ބަލާއިރުވެސް، މި ނިސްބަތަކި ކިތަންމެހާވެސް ރަނގަޅު، އަޅުގަނޑުމެން ކިތަންމެ ބޮޑަކަށްވެސް ފަޚުރުވެރިވުން ޙައްޤު ނިސްބަތެއް.

އާދެ، އެހެންނަމަވެސް، އެހިސާބުން އަޅުގަނޑުމެންގެ މަސައްކަތް ނިމުނީކަމަށް ބެލުމަކީ އަޅުގަނޑުހިތުން އަޅުގަނޑުމެން ކުރަންވީ ކަމެއްނޫން. ކުރިއަށް އަދިވެސް މަސައްކަތް ކުރަން އެބަހުރި. މިނިސްޓަރުގެ ވާހަކަފުޅުގައިވެސް އެ ވާހަކަ ވިދާޅުވި. 98 ޕަސެންޓް ޙާޞިލްވުމަކީ ކޮންމެހެން އެހިސާބުން މަޝްރޫޢު މުޅިން ކާމިޔާބުވީކަމަށް ބަލާފައި ނިންމަންވީ ޢަދަދެއް ނޫނޭ. އެއިން އަޅުގަނޑުމެން އިތުރު ހިތްވަރެއް ލިބިގަނެގެން، މި ކުރެވުނު މަސައްކަތުގެ ނަތީޖާއިން އިތުރު ހިތްވަރެއް ހޯދައިގެން، އަޅުގަނޑުމެން އަދިވެސް ދާންވީ ކުރިއަށް.

އާދެ، ރާއްޖޭގައި މިހާރު ލިޔަންކިޔަން ނުދަންނަ ކަމަށް މި ބެލޭ 2014 މީހުންނަށް ލިޔަންކިޔަން ދަސްކޮށްދިނުމަކީ މާ ދަތިކަމަކަށް ވެގެނެއް ނުވާނެ. އެކަމަށް ބާރުއަޅަންވީ ފަރާތްތަކުން އެކަށީގެންވާ ބާރެއް އެޅިއްޖެނަމަ، އަޅުގަނޑު ހިތުން އެންމެ އަހަރުދުވަހެއްގެ ތެރޭގައިވެސް އަޅުގަނޑުމެންނަށް މިކަން ހަމަޖެއްސިދާނެ. މިހެން ދަންނަވާއިރުވެސް އަޅުގަނޑަށް އެނގޭ، އަޅުގަނޑުމެން މި ބޭނުންވާ ޢަދަދަށް، ރާއްޖެއަކީ ސަތޭކައިންސަތޭކަ ލިޔަންކިޔަން ދަންނަ މީހުން ދިރިއުޅޭ ޤައުމެއް ކަމުގައި ވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އެއީ، އަދި މާފަސޭހަ މަސައްކަތްތަކަކަށް ނުވާނެ. އާދެ، އެއީ މިހާރު އެތިބަ މީހުންނަކީ އެކި ސަބަބުތައް މެދުވެރިވެގެން އަސާސީ ތަޢުލީމުގެ ކްލާސްތަކަށް ދިޔުން ދަތިވެފައިވާ މީހުން ކަމުގައި ވުމަކީ އެކަށީގެންވާ ކަމެއް. ޚާއްޞަކޮށް، މިޢަދަދުގެ ތެރޭގައި ބޮޑުބައެއް މިވަނީ ފިރިހެނުން ކަމުގައިވާތީ، އެގޮތަށް އަޅުގަނޑުގެ ހިތަށް ވަދޭ. އެއީ، ރާއްޖެތެރޭގެ ރަށްރަށުގައި ފިރިހެނުންގެ މަސައްކަތް ހުންނަ ގޮތުން. އާދެ، ވަރަށްގިނަ ބަޔަކު އުޅެނީ މަސްވެރިކަމުގައި. ދުވާލު ހަތަރުދަމު އެމީހުންގެ ރިޒްޤު ހޯދުމަށްޓަކައި ކުރާ މަސައްކަތުގައި. އަދި އޭގެ އިތުރުން، މިހާރު ތަފާތު ގިނަ މަސައްކަތްތަކެއް މީހުން ގެންދަނީ ކުރަމުން. ބޯޓުދަތުރުކުރުން ކަހަލަ ކަންތައްތައް ނުވަތަ މާލޭގައި ވަޒީފާ އަދާކުރުން. މިކަހަލަ މަސައްކަތުގައި އުޅޭއިރު، އަސާސީ ތަޢުލީމުގެ ކްލާހަށް ޤަވާޢިދުން ޙާޒިރުވުމަކީ އެ މީހުންނަށް ކުރެވޭވަރުގެ ކަމަކަށްނުވެ ހިނގައިދާނެއޭ. މި ދެންނެވީ، އެ ހުރިހާ މީހުންނަކަށް ނޫންކަންނޭނގެ. އޭގެތެރެއިން، ބައެއް މީހުންނަށް އެ މަސައްކަތަކީ މިވަގުތު ވެވެންއޮތް މަސައްކަތަކަށް ނުވެ ހިނގައިދާނެ.

އެހެންވީމާ، މިހާރު މިއޮތް ނިސްބަތް 98 ން 100 އަށް ބަދަލުކޮށްލުމަކީ މާފަސޭހަ ކަމަކަށްނުވެ ހިނގައިދާނެ ކަމަށް އަޅުގަނޑަށް ދަންނަވަން ޖެހެނީ. އެހެންނަމަވެސް، އަޅުގަނޑުމެންނަށް މަސައްކަތް ކުރެވިދާނެއޭ. އަދި ޚާއްޞަކޮށް، ދެންމެ މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވި، މިހާރުވެސް ރާއްޖޭގައި ލިޔަންކިޔަން ނުދަންނަ މީހުން ތިބި 32 ރަށް އެބައޮތޭ. އެއީ، އަޅުގަނޑުހިތުން މާރަނގަޅު ޢަދަދެއް ނޫން. އަޅުގަނޑުމެންގެ ރާއްޖޭގައި މީހުން އުޅޭ 200 ރަށް އޮންނައިރު، އޭގެތެރެއިން 32 ރަށަކީ އެ ރަށްތަކުގައި ލިޔަންކިޔަން ނުދަންނަ މީހުން ތިބޭ، ދިރިއުޅޭ ރަށްތައް ކަމުގައި ވުމަކީ އަޅުގަނޑުމެން އެކަމާ ދޭތެރޭގައި ތަންކޮޅެއް ބޮޑަށް ވިސްނާލަންޖެހޭފަދަ ކަމެއް. އަޅުގަނޑުހިތުން ރަށްރަށުގެ ވެރިން ތަންކޮޅެއް ބޮޑަށް ބާރުއަޅުއްވައިފިނަމަ، މި ދެންނެވި ރަށްތަކުގެ ޢަދަދު މަދުކޮށްލެވިދާނެ. ހަމައެކަނި ރަށްރަށުގެ ވެރިންނެއް ނޫން. ރަށްރަށުގެ ވެރިންނާއި، ރަށް ކުރިއަރުވާ ކޮމިޓީގެ މެމްބަރުންނާއި، ރަށުގައި ތިބި ހަރުދަނާ މީހުންނާއި އަދި އަސާސީ ތަޢުލީމުގެ ކްލާސްތަކަށް ޙާޟިރުވެދެއްވައި އަދި ކިޔަވައިދެއްވައި، ހިލޭސާބަހަށް މަސައްކަތް ކުރައްވާ ބޭކަލުންނާއި، މި ހުރިހާ އެންމެންގެ މަސައްކަތުން މިހާރު އަޅުގަނޑުމެންނަށް ޙާޞިލްނުކުރެވި އޮތް ތަންކޮޅުގެ ތެރެއިންވެސް ބޮޑު ބައެއް އަޅުގަނޑު ހިތުން ޙާޞިލްކުރެވިދާނެ.

އާދެ، މިހެން ދަންނަވާއިރު، އަޅުގަނޑަށްވެސް އެނގޭ، ލިޔަންކިޔަން ދަތުމަކީ ނުވަތަ ލިޔަންކިޔަން ދަސްކުރުމަކީ، އޭގެ ޒާތުގައި މަޤްސަދެއް ނޫންކަން. ލިޔަންކިޔަން ދަސްކުރުމަކީ ވަސީލަތެއް. އޭގެތެރެއިން ލާފައި އެއަށްވުރެ ބޮޑެތި ކަންތައްތަކަށް އަޅުގަނޑުމެން ދިޔުމަށްޓަކައި ޙާޞިލްކުރަންޖެހޭ ޤާބިލިއްޔަތެއް. ލިޔަންކިޔަން ދަތުމަކީ ކަމެއްގެ ފެށުން. އަޅުގަނޑުމެންނަށް އަލަށް ވަދެވޭ ދުނިޔެއެއްގެ، މުޅިން އާ ދުނިޔެއެއްގެ ދޮރު. އެދޮރުން ލާފައި އަޅުގަނޑުމެން ވަންނަނީ ވަރަށް އާ މުއްސަނދި ދުނިޔެއަކަށް. އެއީ، ފޮތުގެ ދުނިޔެ، ނޫސް މަޖައްލާތަކުގެ ދުނިޔެ، ލިޔެކިޔުމުގެ ދުނިޔެ. އެ ދުނިޔެއިން އަޅުގަނޑުމެން ޙާޞިލްކުރަނީ އިތުރު ހޭލުންތެރިކަމެއް. އަޅުގަނޑުމެންގެ ޙަޤީޤަތަކީ ކޮބައިކަން، އަޅުގަނޑުމެން މި ދިރިއުޅެންޖެހޭ މާޙައުލު އެއީ، ކިހިނެއް އޮތް އެއްޗެއްކަން. އަޅުގަނޑުމެން މި ދިރިއުޅޭ ދުނިޔެ މިއީ ކިހިނެއް ހިނގަމުންދާ ތަނެއްކަން. ތަރައްޤީއަށްޓަކައި، އަޅުގަނޑުމެން ކުރަންވީ ކޮން ކަމެއްކަން. އަފްރާދުންގެ ޙައިޘިއްޔަތުންވެސް އަދި މުޖުތަމަޢެއްގެ ޙައިޘިއްޔަތުންވެސް އަޅުގަނޑުމެން ކުރަންޖެހެނީ ކޮންކޮން ކަންކަމެއްތޯ. އަޅުގަނޑުމެން ކޮށްގެން ނުވާނީ ކޮންކޮން ކަންކަމެއްތޯ. މިގޮތުން އުފާވެރި، ހަމަޖެހޭ މުޖުތަމަޢެއް ޤާއިމުކޮށް، އަފްރާދުންނަށާއި، މުޅި ޖަމާޢަތަށް ފައިދާހުރި ގޮތުގައި ކަންތައްތައް ކުރިއަށް ގެންދިޔުމަށްޓަކައި އަޅުގަނޑުމެން މި ދެންނެވި އާ ދުނިޔެއަށް ވަންނަންޖެހެނީ. މި ދެންނެވި މުއްސަނދި ދުނިޔޭގައި ހުރި ކަންތައްތައް އަޅުގަނޑުމެން ތަޖުރިބާކުރަން ޖެހެނީ.

އެހެންވީމާ، ކުރިއަށް އޮތް ތާނގައި އަޅުގަނޑުމެން ވިސްނަންވީ، މިހާރު މިއޮތް ފެންވަރަށްވުރެ އަސާސީ ތަޢުލީމުގެ މަޝްރޫޢުގެ ފެންވަރު މަތިކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމާ ދޭތެރޭގައި. މިހާރު މިއޮތީ ލިޔަންކިޔަން ދަތުމުގެ ކަންތަކާއި، އަޅުގަނޑުމެން ކޮންމެހެން ދަންނަންޖެހޭ ބައެއް މަޢުލޫމާތު ދަސްކުރުން، އަސާސީ ތަޢުލީމުގެ މަޝްރޫޢުގައި ހިމެނިފައި. އެއީ، ދީނީގޮތުން އަޅުގަނޑުމެން ދަންނަންޖެހޭ ކަންތައްތައް. ދެން ކޮންމެވެސްވަރަކަށް މާޙައުލާ ބެހޭ ބައެއް ކަންތައްތައް. ޞިއްޙަތާ ބެހޭ ކަންތައްތައް. ދެން ހިސާބުގެވެސް ކޮންމެވެސްވަރެއް. އަޅުގަނޑުމެން މިހާރު އަސާސީ ތަޢުލީމުގެ މަޝްރޫޢުގެ ދަށުން މި ޙާޞިލްކުރަމުން ގެންދަނީ ވަރަށް ކުޑަކުޑަ މިންވަރެއް. ނުވަތަ އަޅުގަނޑުމެންގެ ރައްޔިތުންނަށް މި ޙާޞިލްކޮށްދެނީ. އަޅުގަނޑު ހިތުން އެވަރަކުން މިހާރަކު ނުފުދޭނެ. އަސާސީ ތަޢުލީމުގެ މަޝްރޫޢު ފެށިއިރު، ރާއްޖެ އޮތްގޮތާއި، މިހާރު ރާއްޖެ އޮތްގޮތާ ވަރަށް ތަފާތު. އޭރު އަޅުގަނޑުމެންނަށް ފުދުނު މިންވަރެއް، މިއަދަކު އެވަރަކުން އަޅުގަނޑުމެންނަށް ފުއްދާލެވޭކަށެއް ނޯންނާނެ. މިހާރު އަޅުގަނޑުމެން ބޭނުންވަނީ އަސާސީ ތަޢުލީމުގެ މަޝްރޫޢުގެ ފެންވަރު މިހާތަނަށް މިއޮތްވަރަށްވުރެ މައްޗަށް ޖައްސާލަން. އަސާސީ ތަޢުލީމުގެ މަޝްރޫޢުގެ ދަށުން ދެވޭ ތަޢުލީމު މިހާރަށްވުރެ މުއްސަނދިކުރަން. އޭގެ ސަބަބުން ޢާންމުންގެތެރޭގައި އެކަށީގެންވާ ހޭލުންތެރިކަމެއް އުފެދޭވަރުގެ މަޢުލޫމާތުކޮޅެއް ނުވަތަ މަޢުލޫމާތުތަކެއް އެ މަޝްރޫޢުގައި ހިމަނަން. އެއީ، އަޅުގަނޑު ހިތުން މިހާރުން ފެށިގެން އަޅުގަނޑުމެން ދެން އިސްކަންދޭންޖެހޭ ކަމަކީ.

ރާއްޖެއަކީ ލިޔަންކިޔަންދަތުމުގެ ގޮތުން ބަލާއިރު، ކުރިންވެސް ދެންނެވި ފަދައިން، ދުނިޔޭގެ މަތީ ވަނައެއް ޙާޞިލްކުރެވޭވަރުގެ ޤައުމަކަށްވިޔަސް، އަޅުގަނޑުމެންގެ ތަޢުލީމީ ފެންވަރު އެއްގޮތަކަށްވެސް މައްޗެކޭ ދެންނެވޭކަށް ނެތް. އެއީ، އަޅުގަނޑުމެންގެ ތެރޭގައި މިސާލަކަށް ދަންނަވަންޏާ، މަތީ ތަޢުލީމު ޙާޞިލްކޮށްފައި ތިބި މީހުންގެ ޢަދަދުވެސް ވަރަށް މަދު. އަދި ޘާނަވީ ތަޢުލީމާ ހަމައަށް ގޮސްފައިވާ މީހުންގެ ޢަދަދުވެސް މަދު. ތަޢުލީމީ ގޮތުން ޤައުމެއް ކުރިއަށްދާ ކަމަށް ބުނެވޭނީ، އެންމެ ކުޑަވެގެން ޘާނަވީ ތަޢުލީމުގެ ފެންވަރު މީހުންގައި ހުރެގެން. އަދި އޭގެތެރެއިންވެސް އެކަށީގެންވާ ޢަދަދަކަށް މަތީ ތަޢުލީމު ޙާޞިލްކުރުމުގެ ފުރުޞަތު ލިބިގެން. އެހިސާބަށް އެމީހުންގެ ތަޢުލީމީ ކަންތައްތައް ގެންދެވިގެން. އެހެންވީމާ، މިހާރު މިއޮތް ފެންވަރުން އަޅުގަނޑުމެން އަދި ހިތްހަމަޖައްސާލާކަށެއްނުވޭ. އަޅުގަނޑުމެންގެ ތަޢުލީމީ ފެންވަރު އޮތީ އަދި ވަރަށް އާދައިގެ ފެންވަރެއްގައޭ، އަޅުގަނޑަށް ދަންނަވަން ޖެހެނީ. މި ދެންނެވީ މުޅި ޤައުމުގެ ތަޢުލީމީ ޙާލަތު. އެހެންވީމާ، މިއަށްވުރެ މައްޗަށް ގެންދިޔުމަށްޓަކައި މިހާރުއްސުރެ އަޅުގަނޑުމެން މަސައްކަތްކުރަން ޖެހޭނެ ކަމަށް އަޅުގަނޑަށް ދަންނަވަން ޖެހެނީ.

އާދެ، އަސާސީ ތަޢުލީމުގެ މަޝްރޫޢު ފެށިގެން މިހާތަނަށް މިއައީ ވަރަށްގިނަ ބައެއްގެ އެއްބާރުލުން ލިބިގެން. ވަރަށްގިނަ ބައެއްގެ އެހީތެރިކަން ލިބިގެން. އެންމެ ފުރަތަމަ، ކުރީގެ މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު މުޙައްމަދު ޒާހިރު ޙުސައިން. އޭނާ މިމަޝްރޫޢަށް ދެއްވި އަހަންމިއްޔަތާއި، އަސާސީ ތަޢުލީމުގެ މަޝްރޫޢު ކުރިއަށް ގެންދެވުމަށްޓަކައި ބެހެއްޓެވި ޝައުޤުވެރިކަމާއި، އެ މަޝްރޫޢު ކާމިޔާބު ކުރެއްވުމަށްޓަކައި ރެޔާއިދުވާލު ކުރެއްވި ބުރަ މަސައްކަތާއި، މި ހުރިހާ ކަމެއް އަޅުގަނޑަށް ވަނީ ވަރަށް ކައިރިން ފެނިފައި. އެހެންވީމާ، އަސާސީ ތަޢުލީމުގެ މަޝްރޫޢު ކާމިޔާބުވި ވާހަކަ ހިތްހަމަޖެހުމާއެކު އަޅުގަނޑުމެން ދައްކާ ވަގުތެއްގައި، އަލްއުސްތާޛު މުޙައްމަދު ޒާހިރު ޙުސައިންގެ ނަންފުޅު ވަރަށް ޝަރަފްވެރި ގޮތެއްގައި ހަނދާންނުކޮށް ތިބުމަކީ، އެ މަނިކުފާނަށް ކުރެވޭ ބޭއިންޞާފަކަށް ނޫނީ ނުވާނެ. އާދެ، ކުރީގެ މިނިސްޓަރ އޮފް އެޑިޔުކޭޝަން ވަރަށް އިޚްލާޞްތެރި، ވަރަށް ބުރަ މަސައްކަތްތަކެއް، މި މަޝްރޫޢު ކާމިޔާބު ކުރެއްވުމަށްޓަކައި ކުރެއްވި. ޙަޤީޤަތުގައި މި މަޝްރޫޢުގެ އެންމެ މުހިންމު ހިންގުންތެރިއެއް ކަމުގައި ހުންނެވީ އެމަނިކުފާނު. 10 އަހަރުގެ ދިގު މުއްދަތެއްގެ ތެރޭގައި. އަދި އެމަނިކުފާނުގެ އިރުޝާދުގެ ދަށުން ސަރުކާރުގެ ކަމާބެހޭ ދާއިރާއިން މަސައްކަތް ކުރައްވަމުން ގެންދެވީ. އެއީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ދަށުންވެސް، އެމިނިސްޓްރީގެ އެކި ބައިތަކުން ތަފާތު މުއްދަތުތަކުގެ ތެރޭގައި މި މަސައްކަތް ކުރައްވަމުން ގެންދެވި. ދިވެހިރާއްޖޭގެ ތަޢުލީމު ކުރިއަރުވާ މަރުކަޒުންވެސް އަހަރުތަކެއް ވަންދެން މަސައްކަތްތަކެއް ކުރެއްވި. އޭގެފަހުން، މިހާރު ނުރަސްމީ ތަޢުލީމުދޭ ބައިން އެމަސައްކަތް އެ ކުރައްވަމުން ގެންދަވަނީ.

އެހެންވީމާ، މިފަރާތްތަކުގެ އިސްވެރިންނަށް، މިފުރުޞަތުގައި ޝުކުރު ދެންނެވުމަކީ، އަޅުގަނޑުގެވެސް އުފަލެއް ކަމުގައި ދެކެން. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ބޭރުން ސަރުކާރުގެ ތަފާތު ދާއިރާތަކުންވެސް ވަރަށް ބޮޑު އެހީތެރިކަމެއް، މި މަޝްރޫޢު ކާމިޔާބުކުރުމަށްޓަކައި ލިބިގެންދިޔަ. ޚާއްޞަކޮށް، ރާއްޖެތެރޭގައި މި ކަންތައްތައް ފުރިހަމަގޮތެއްގައި ނުވަތަ އެކަށީގެންވާ ގޮތެއްގައި ހިނގަމުންދިޔައީ، މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނާއި، އެ މިނިސްޓްރީގެ އިސްވެރިންގެ ބެއްލެވުމުގެ ދަށުން އެ ބޭފުޅުންގެ އެހީތެރިކަމާ އެކީގައި. އެހެންވީމާ، މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނަށްވެސް އަދި އެމިނިސްޓްރީގެ އިސްވެރިންނަށްވެސް މިފަދަ ފުރުޞަތެއްގައި ޝުކުރު އަދާކުރަންޖެހޭ. އޭގެ އިތުރުން، މާލޭގައިވެސް ވަރަށް އިޚްލާޞްތެރިކަމާއެކު މި މަސައްކަތް ކޮށްދެއްވި ފަރާތްތަކާއި އަދި ޚާއްޞަކޮށް، ހިލޭ ސާބަހަށް ކިޔަވައިދެއްވި ފަރާތްތައް ފާހަގަކޮށްލަންޖެހޭ. ރާއްޖެތެރޭގައިވެސް، ރާއްޖެތެރޭގެ ރަށްރަށުގެ ވެރިންނާއި، އަތޮޅުތަކުގެ އަތޮޅުވެރިންނާއި އަދި ރަށްރަށުގެ ހަރުދަނާ ބޭކަލުންނާއި، ހިލޭސާބަހަށް ކިޔަވައިދެއްވި ހުރިހާ މުދައްރިސުންވެސް މިފަދަ މަޤާމެއްގައި އަޅުގަނޑުމެން ހަނދާން ކުރުމަކީ ކޮންމެހެން ލާޒިމު ކަމެއް. އެހެންކަމުން، އެ ހުރިހާ ފަރާތްތަކަކުން ބެހެއްޓެވި ޚާއްޞަ ޝައުޤުވެރިކަމަށްޓަކައި އަދި އެފަރާތްތަކުން އެ ކޮށްދެއްވި ބުރަ މަސައްކަތަށްޓަކައި އެހުރިހާ ފަރާތްތަކަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑުމެން އަބަދުވެސް ވިސްނަންވީ އިތުރަށް ކުރިއަށްދިޔުމާ ދޭތެރޭގައި. އެއްވެސް ބަޔަކަށް އެވަގުތަކު ޙާޞިލްކުރެވިފައި އެވާ މިންވަރު އެއީ، އެމީހުންގެ އެންމެފަހު ލަނޑުދަނޑި ކަމުގައި ވެގެނެއްނުވާނެ. އެހިސާބަށް އެމީހުންނަށް ވާޞިލްވެވުމުން ބަލަންޖެހޭނީ އެއަށްވުރެ ކުރިއަށް ދެވޭތޯ. މިއީ، އިޖްތިމާޢީ ގޮތުންވެސް، އިޤްތިޞާދީ ގޮތުންވެސް އަދި ސިޔާސީ ގޮތުންވެސް އަދި އެނޫން ގޮތްގޮތުންވެސް ކަންތައް ކުރަންޖެހޭ އުޞޫލު. އެހެންކަމުން، އަސާސީ ތަޢުލީމުގެ މަޝްރޫޢު މިހިސާބަށް ދިޔައީމާ، ދެން އަޅުގަނޑުމެން ވިސްނަންވީ މިއަށްވުރެ ކުރިއަށް ކަންތައްތައް ގެންދާނެ ގޮތަކާ ދޭތެރޭގައި. މިހިސާބުން މަސައްކަތް ނިމުނީކަމަށް ނުބަލައި، މުސްތަޤްބަލުގައި މި މަސައްކަތް ކުރިއަށް ގެންދާނީ ކޮންގޮތަކަށްތޯ ބަލައި، ހިންގަންޖެހޭނެ. އަޅުގަނޑު އުންމީދު ކުރަނީ މުސްތަޤްބަލުގައި މި މަޝްރޫޢަށް އިތުރު ކާމިޔާބީތައް ލިބިގެންދިޔުން. އަދި އަސާސީ ތަޢުލީމުގެ މަޝްރޫޢު ފިޔަވައި، ރާއްޖޭގެ ތައުލީމާ ބެހޭ އެހެން ހުރިހާ ކަމެއްވެސް އެއްދުވަހުން އަނެއްދުވަހަށް ތަރައްޤީވަމުން ދިޔުން. އަޅުގަނޑުމެންގެ ދިވެހި ރައްޔިތުންނަށް، އެ މީހުންގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި، އެ މީހުންނަށް ޙާޞިލްކޮށްދޭންޖެހޭ ހުރިހާ ވަސީލަތްތަކެއް، ސަރުކާރުގެ ފަރާތްތަކުންނާއި އަދި ކެރިފޯރާ އަމިއްލަ ފަރާތްތަކުންވެސް ޢާންމު ރައްޔިތުންނަށް ހޯދައިދެމުން ގެންދިޔުން، އަދި އަޅުގަނޑުމެން މިކުރާ ހުރިހާ މަސައްކަތެއްގެ ނަތީޖާ އަވަސް މަގަކުން اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް ދެއްކެވުން.

އަޅުގަނޑުގެ ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް ކުރިއަށްދިޔުމުގެ މަގު ފަހިކޮށްދެއްވުން. މާތްވެގެންވާ އިސްލާމްދީނުގެ އަލީގައި އަޅުގަނޑުމެންގެ ޤައުމިއްޔަތަށް ޙުރްމަތްތެރިކޮށްހިތައިގެން، އަޅުގަނޑުމެންގެ ތާރީޚަށް ރައްކާތެރިވެގެން، އަޅުގަނޑުމެންގެ ޤައުމަށް ފައިދާހުރި ގޮތްތައް ރާވައި ހިންގުމުގައި އެކަލާނގެ އަޅުގަނޑުމެންނަށް ތައުފީޤު ލެއްވުން.

والسّلام عليكم ورحمـة اللّـه وَبَرَكَاتُه.