السَّلَامُ عَلَيْكُمْ.

އާދެ، މިރެޔަކީ، މިދިޔަ ރަމަޟާންމަހު، ސަރުކާރު މުވައްޒަފުންގެ ނާދީގައި ބޭއްވުނު އެކިއެކި މުބާރާތްތަކުގައި ކާމިޔާބު ހޯއްދެވި ފަރާތްތަކަށް އިނާމު ދިނުމަށް ހަމަޖެހިފައިވާ ރޭ. އާދެ، އޭގެތެރެއިން އެއްބައި އިނާމު ދިނުމުގެ އުފާ އަޅުގަނޑަށް ވަނީ ލިބިފައި. ދެންހުރި އިނާމުތައް އެ ބައްސަވައިދެއްވީ، މިނިސްޓަރ އޮފް ހޯމް އެފެއާޒް އެންޑް ސްޕޯޓްސް އަލްފާޟިލް ޢުމަރު ޒާހިރު.

އާދެ، އެންމެ ފުރަތަމަވެސް އަޅުގަނޑު އަދާކުރާހިތްވާ ވާޖިބަކީ، މި ވޭތުވެދިޔަ މުބާރާތްތަކުގައި އެކިއެކި ކުޅިވަރުތަކުން 1 ވަނަ، 2 ވަނަ ހޯއްދެވި ފަރާތްތަކަށް ތަހުނިޔާއާއި މުބާރަކްބާދީ ދެންނެވުން. އާދެ، އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ވަރަށް އުފާވެރި ޖައްވެއްގައި މި ބޭއްވުނު މުބާރާތްތަކުގެ ހުރިހާ ކުޅިވަރުތައްވެސް ބޭއްވުނީ ވަރަށްރީތި ގޮތަކަށް. އަދި އެ މުބާރާތްތަކުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުންވެސް ކުޅިވަރުތައް ކުޅުއްވަމުން ގެންދެވީ، ކުޅިވަރުގެ ރޫޙާ އެއްގޮތްވާ ގޮތުގެ މަތިން. އަދި މުވައްޒަފުންގެ ނާދީގެ މެންބަރުންގެ މެދުގައި އޮންނަންވާ އެކުވެރިކަމުގެ ރޫޙާވެސް އެއްގޮތްވާ ގޮތުގެ މަތިން. އެހެންކަމުން، އަޅުގަނޑުހިތުން މި މުބާރާތްތައް ބޭއްވުމުގެ މަޤްޞަދު ވަނީ ވަރަށް ފުރިހަމަކޮށް ޙާޞިލްކުރެވިފައި.

އާދެ، ސަރުކާރު މުވައްޒަފުންގެ ނާދީއަކީ ވަރަށް ބޭނުންތެރި ތަނެއް. މި ތަން އުފެދުނު ގޮތާއި، އޭގެފަހުން މި ވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި، މިތާނގެ ކަންތައްތައް ހިނގަމުން ގޮސްފައިވާގޮތް، އަޅުގަނޑެކޭ އެއްފަދައިން ނުވަތަ އަޅުގަނޑަށްވުރެވެސް ރަނގަޅަށް މުވައްޒަފުންގެ ނާދީގެ މެންބަރުންނަށް އެނގިވަޑައިގަންނަވާނެ. ދެންމެ ނާދީގެ އެޑްމިނިސްޓްރޭޓަރުގެ ވާހަކަފުޅުގައި، އެ ވިދާޅުވިފަދައިން، މިތަނަކީ ވަރަށް މުހިންމު ބޭނުމެއްގައި އުފެދިފައިވާ ތަނެއް. އަދި ސަރުކާރުން އެދެނީ، މުވައްޒަފުންގެ ނާދީގެ މެންބަރުން އެންމެ އެދެވޭގޮތުގައި މިތަނުގެ ބޭނުން ހިއްޕަވަމުން ގެންދެވުން. އަދި ވީހާ ގިނަ ޢަދަދެއްގެ މުވައްޒަފުން މެންބަރުން ކަމުގައި ވެވަޑައިގަންނަވައިގެން،
މި ނާދީގެ ޙަރަކާތްތައް ތަރައްޤީ ކުރައްވަމުން ގެންދެވުން.

އާދެ، އަލްފާޟިލް އިބްރާހީމް މަނިކުގެ ވާހަކަފުޅުގައި، މެންބަރުން މިރޭ މިތަނަށް ވަޑައިގެންނެވިލެއް މަދުކަމުގެ ވާހަކަފުޅު ވިދާޅުވި. އަދި އޭނާ އުންމީދުކުރައްވާވަރަށް މެންބަރުން ނާދީގެ ކަންކަމުގައި ޢާންމުކޮށް ބައިވެރިވެވަޑައިނުގަންނަވާ ވާހަކަވެސް ވަރަށް ހިތާމައާއެކު ހާމަކުރެއްވި. އެހެންނަމަވެސް، ނާދީގެ ޙަރަކާތްތައް އަޅުގަނޑު ދެކެނީކީ އެހާ ބަނަ ޖައްވެއްގެ ތެރެއަކުންނޫން. އަޅުގަނޑު ދެކޭގޮތުގައި، ނާދީގެ މުސްތަޤްބަލް އަދި އޮތީ ކުރިއަށް. ނާދީގެ ޙަރަކާތްތައް ދާނީ އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުން. އަދި ނާދީގެ މެންބަރުންވެސް ދާނީ އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުން. މީގެ ހެތްކެއްގެ ގޮތުގައި ދަންނަވާލަން ޖެހެނީ، މިދިޔަ އަހަރު މި މުބާރާތްތަކުގައި ބައިވެރިވި ކުޅުންތެރިންގެ ޢަދަދަކީ 63 އޭ. މި އަހަރު ބައިވެރިވި ކުޅުންތެރިންގެ ޢަދަދަކީ 93 އޭ. އެހެންވީމާ، މުބާރާތުގައި ބައިވެރިވުމުގެ ޢަދަދަށްވެސް ވަރަށް ރަނގަޅު ކުރިއެރުމެއް މިއޮތީ ލިބިފައި. އަދި މެންބަރުންގެ ޢަދަދަށް ބަލައިލާއިރު، އެއަށްވުރެވެސް މާ ފުރިހަމަ ކުރިއެރުމެއް ލިބިފައިވާ ކަމަށް އަޅުގަނޑު ދެކެން.

އާދެ، މިދިޔަ އަހަރުގެ ރަމަޟާންމަހު ނާދީގައި މެންބަރުންގެ ގޮތުގައި ތިއްބެވީ، 231 ބޭފުޅުން. މިހާރު މިރޭ ނާދީގެ މެންބަރުގެ ގޮތުގައި 706 ބޭފުޅުން އެބަ ތިއްބެވި. އެހެންވީމާ، ވަރަށް ބޮޑު ކުރިއެރުމެއް ނާދީގެ މެންބަރުންގެ ޢަދަދަށްވެސް ލިބިގެން އެދިޔައީ. އެއިން ދައްކައިދޭ އެއްޗަކީ، މި ނާދީއަކީ ސަރުކާރު މުވައްޒަފުންގެ ތަރުޙީބު ލިބޭ ތަނެއްކަން. އަދި ނާދީގައި ހިންގާ އެކިއެކި ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް، ސަރުކާރު މުވައްޒަފުންގެ ވަރަށް ގިނަ ބައެއްގެ ހިތްތަކުގައި ޝައުޤުވެރިކަން އުފެދިފައިވާކަން.

އާދެ، މި ވާހަކަ މިހެން ދެންނެވި ކަމުގައިވިޔަސް، އެޑްމިނިސްޓްރޭޓަރުގެ ވާހަކަފުޅުގައި އެ ވިދާޅުވިފަދައިން، އެންމެ އެދެވޭގޮތެއްގައި އަދި މުވައްޒަފުންގެ ނާދީ ބޭނުންކުރެވެމުން އެބަދެއެކޭ އަޅުގަނޑަކަށް ދެންނެވޭކަށް ނެތް. އެކަމަކުވެސް ކޮންމެ ކަމެއްވެސް ފެށޭނީ ކުޑަގޮތެއްގައި. އެކަމެއް ތަރައްޤީވެ ފުރިހަމަވަމުންދާނީ އޭގެފަހުން. އެކަން އެހެން އޮތުމާއެކީގައި، އަޅުގަނޑު ވަރަށް ބޮޑަށް ޔަޤީންކުރަން، ނާދީގެ ޙަރަކާތްތައް މުސްތަޤްބަލްގައި މިހާރަށްވުރެ ފުޅާވެގެންދާނެ ކަމަށް. އަދި ނާދީގެ މެންބަރުންގެ ޙިއްޞާކުރެއްވުން މިހާރަށްވުރެ ފުރިހަމަކޮށް މުސްތަޤްބަލްގައި ލިބެމުންދާނެ ކަމަށް.

އާދެ، މި ނާދީއަކީ ހަމަ ތިޔަބޭފުޅުންގެ އާދެ، ނާދީގެ މެންބަރުންގެ ބޭނުންފުޅަށް އުފެދިފައިވާ ތަނެއް. ތިޔަބޭފުޅުން ބައްލަވަންޖެހޭނީ މިއީ ތިޔަބޭފުޅުންގެ ތަނެއްގެ ގޮތުގައި. މިތަން ކުރިއަރުވަން ތިއްބެވީވެސް ތިޔަބޭފުޅުން. މިތަނާމެދު އެކިއެކި އުފެއްދުންތެރި، ބިނާކުރަނިވި ޚިޔާލުތައް ފާޅުކުރައްވައި، މިތަން ކުރިއަށް ގެންދިޔުމާ ބެހޭގޮތުން ތިޔަބޭފުޅުންނަށް ކުރެއްވޭ ޚިޔާލުތައް އިދާރާއަށް އަންގަވައިދެއްވައި އަދި އެ ކަންތައްތައް އެގޮތަށް ކުރިއަށްދޭތޯ މަސައްކަތް ކުރެއްވުމަކީ، އަޅުގަނޑުހިތުން ތިޔަބޭފުޅުން ކުރައްވަންޖެހޭނެ ކަމެއް. މިތަނަކީ ސަރުކާރުގެ ބަޖެޓަކުން ހިނގާ ތަނެއް ކަމުގައިވިޔަސް، ސަރުކާރުގެ އޮފީހެއް ހިނގަމުންދާ ގޮތަށް ހިނގަމުންދާ ތަނެއްނޫން. އެހެންވީމާ، އަޅުގަނޑުހިތުން ނާދީގެ އިދާރާގެ ފަރާތުންވެސް މެންބަރުންގެ ޚިޔާލުފުޅުތަކަށް ވަރަށް ބޮޑަށް ތަރުޙީބު ދެއްވާނެ. މެންބަރުން ހުށަހަޅުއްވާ ކަންތައްތަކުގެ ތެރެއިން، އެ ވަގުތަކަށް އިދާރާއަށް ކުރެއްވެން އޮތް ކޮންމެ ކަމެއް ކޮށްދެއްވާނެ. އެ ރޫޙުގައި މިތަން ހިނގަމުން މިދަނީ.

އެހެންވީމާ، އަޅުގަނޑު އެދެނީ، މުވައްޒަފުންގެ ނާދީގެ މެންބަރުންވެސް އެ ރޫޙުގައި ޢަމަލުކުރައްވަމުން ގެންދެވުން. މިހާރަށްވުރެ ފުރިހަމަގޮތެއްގައި މުވައްޒަފުންގެ ނާދީގެ ޙަރަކާތްތައް ކުރިއަށް ގެންދެވުމަށާއި އަދި މިތަނުން ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާ ޚިދުމަތްތައް މިހާރަށްވުރެ އިތުރުވެގެންދާނެ ގޮތެއްގެ މަތިން ތިޔަބޭފުޅުން ޚިޔާލުކުރައްވައި އަދި ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގޮތެއް އިދާރާއަށް އަންގަވައިލެއްވުމަކީ، އަޅުގަނޑުހިތުން އިދާރާގެވެސް އެދުމަކަށް ވާނެ. އަދި އެއީ، އަޅުގަނޑުގެވެސް އެދުމެއް.

އާދެ، އަޅުގަނޑު އެދެނީ، މުވައްޒަފުންގެ ނާދީއަށް ހުރިހާވެސް ކުރިއެރުމެއް، ހުރިހާވެސް ކާމިޔާބީއެއް. އަދި މިތަނަކީ ތިޔަބޭފުޅުން ވަގުތު ހޭދަކުރައްވައި އަދި ވަރަށް އެކުވެރި ޖައްވެއްގައި ތިޔަބޭފުޅުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލެއްވުން ތަރައްޤީކުރެއްވުމަށް ހުރި ތަނެއް ކަމުގައި ތިޔަބޭފުޅުން ޤަބޫލުފުޅު ކުރައްވާނެ ކަމަށް. އަދި ނާދީގެ މެންބަރުން ކަމުގައި މިހާރު ނުހިމެނޭ، ސަރުކާރުގެ އެހެން އޮފީސްތަކުގެ ބޭފުޅުންވެސް ނާދީއަށް ވަޑައިގެންނެވުމުން، ނާދީގެ މެންބަރުން ކަމުގައި ވެވަޑައިގަތުމުގެ ޝައުޤުވެރިކަން، އެބޭފުޅުންގެ ހިތްޕުޅުގައި އުފެދިގެންދާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން. ޝައްކެއްނެތް، ނާދީ ކުރިއަށްދާނީ މެންބަރުން އިތުރުވެގެން އަދި މެންބަރުންގެ ޙަރަކާތްތައްވެސް ފުރިހަމަގޮތެއްގައި ނާދީއަށް ލިބިގެން.

އާދެ، އަޅުގަނޑުގެ މި އުންމީދު ފާޅުކޮށް، އަދިވެސް އެއްފަހަރު މިފަހަރުގެ މި މުބާރާތްތަކުގައި އެކިއެކި ކާމިޔާބީތައް ހޯއްދެވި ފަރާތްތަކަށް އެންމެ އިޚްލާޞްތެރި ތަހުނިޔާއާއި މުބާރަކުބާދީ ރައްދުކުރަމުން، އަޅުގަނޑުގެ މި ވާހަކަކޮޅު ނިންމާލަން.

والسّلام عليكم ورحمـة اللّـه وبر كاته.