بســم اللّـه الرّحمـن الرّحيــم
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.
އާދެ، ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެއްޔަށް ޒިޔާރަތްކުރުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ޚާއްޞަ އުފަލެއް. ތިޔަބޭފުޅުންގެ ތެރެއިން ބައެއް ބޭފުޅުން ހަނދުމަފުޅު ހުންނާނެ، މީގެ ބާރަވަރަކަށް އަހަރު ކުރިން އަޅުގަނޑު މިރަށަށް އައި ހަނދާން.
އާދެ، 1980 ވަނަ އަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހު އަޅުގަނޑު ވަނީ މީގެ ކުރިން ތިޔަބޭފުޅުންގެ މިރަށަށް ޒިޔާރަތްކޮށްފައި. އަދި ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދައްކާފައި. އޭގެފަހުން، އަޅުގަނޑުގެ މަސައްކަތް ހުރިގޮތުންނާއި، ކަންތައްތައް ދިމާވަމުންދިޔަގޮތުން، މިރަށަށް ޒިޔާރަތްކުރުމުގެ ފުރުޞަތު މިދިޔައީ އަޅުގަނޑަށް ނުލިބި. އެހެންކަމާއެކު، 12 އަހަރުގެ ދިގު މުއްދަތަކަށްފަހުގައި މިރަށަށް އައުމުން، އަޅުގަނޑަށް އިޙްސާސް ކުރެވޭ އުފާ ވަރަށްވެސް މަތިވެރި.
އާދެ، އަޅުގަނޑު މިހާރު މިކުރާ ދަތުރަކީ، ހުވަދުއަތޮޅުގެ ދެބުރިއަށް ކުރާ ދަތުރެއް. ފުރަތަމަ އަޅުގަނޑު މިއައީ ދެކުނުބުރިއަށް. އެންމެ ފުރަތަމަ ޒިޔާރަތްކުރި ރަށަކީ، މިއަތޮޅުގެ ވެރިކަންކުރާ ރަށް، ތިނަދޫ. ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، ތިނަދޫގެ ރައްޔިތުން މިވަގުތު ވަރަށް ޚާއްޞަ އިޙްތިފާލެއް ކުރައްވަމުން އެބަ ގެންދަވާ. އެއީ، އެރަށަށް ދެވަނަފަހަރަށް އެރަށުގެ ރައްޔިތުން އެނބުރިގޮސް، އެރަށުގެ ދެވަނަ އާބާދީއަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި، އެރަށުގެ ރައްޔިތުން ބާއްވަވާ އިޙްތިފާލެއް.
އާދެ، އެކަން، އެ އިޙްތިފާލާ ބެހޭ ކަންތައްތައް ވަރަށް ފުރިހަމަގޮތެއްގައި އިއްޔެ ހިނގައި ނިމިގެން ހިނގައްޖެ. އެ އިޙްތިފާލުގައި ބައިވެރިވުމަށްފަހު، އަޅުގަނޑު ޤަޞްދުކޮށްފައި ވަނީ މިއަތޮޅުގެ މީހުން އުޅޭ ބައެއް ރަށްރަށަށް ޒިޔާރަތް ކުރަން. އޭގެފަހުން، އިރާދަކުރެއްވިއްޔާ ހުވަދުއަތޮޅު އުތުރުބުރީގެ ބައެއް ރަށްރަށަށް ޒިޔާރަތް ކުރަން.
އާދެ، މަޑަވެއްޔަކީ ވަރަށް ހީވާގި، މުރާލި ރައްޔިތުންތަކެއް ދިރިއުޅޭ ރަށެއް. މިރަށުގެ ރައްޔިތުންގެ އެންމެ މުހިންމު މަސައްކަތަކީ މަސްވެރިކަން. ކުރިއްސުރެ މިރަށަކީ މަސްވެރިކަމަށް މަޝްހޫރު ރަށެއް. މިހާރުވެސް އަޅުގަނޑަށް ދަންނަވަންޖެހެނީ، މިރަށުގެ ރައްޔިތުން މަސްވެރިކަން ކުރިއަރުވައި ތަރައްޤީ ކުރެއްވުމަށްޓަކައި އަދި ރައްޔިތުންގެ އަމިއްލަ ދިރިއުޅުން ތަނަވަސްކުރެއްވުމަށްޓަކައި މަސްވެރިކަމުގެ ރޮނގުގައި ވަރަށް ހިއްމަތާއެކު މަސައްކަތް ކުރައްވަމުން އެބަ ގެންދަވައޭ.
އާދެ، މިވަގުތު މަސްވެރިކަން މާ ރަނގަޅެއް ނޫން. އެހެންނަމަވެސް، މިރަށުގެ ރައްޔިތުންނަށް ކުރެއްވޭނެ އެހެން މަސައްކަތްތައްވެސް އެބަހުރި. އޭގެތެރޭގައި، ކާޑެއްދޫގެ މަސައްކަތް ހިމެނޭ. ބޭނުމަކީ ރަށުގެ ރައްޔިތުން ފައިދާހުރި މަސައްކަތެއް ކުރައްވަމުން ގެންދެވުން. އެކަމަކީ މަސްވެރިކަން ކަމުގައިވިޔަސް، އަދި ދަނޑު ހެއްދުން ކަމުގައިވިޔަސް، ނުވަތަ އެނޫންވެސް އާމްދަނީ ލިބޭ މަސައްކަތެއް ކަމުގައިވިޔަސް ތަފާތެއް ނެތް. އެބަޔަކު އެކުރާ މަސައްކަތެއް އިތުރަށް ތަރައްޤީކޮށްގެން، އެބަޔަކަށް ކުރިއެރުން ލިބޭނީ.
އާދެ، މިރަށަށް އައިސް، މިރަށުގެ މަގުމަގުގައި ހިނގާލުމުން، މިރަށުގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރުޙަބާގެ ދަލީލުތައް ފެނިގެން ހިނގައްޖެ. އަޅުގަނޑު މިރަށަށް އައުމަށް ހަމަޖެހިފައިވާތީ، މިރަށް ވަނީ ވަރަށް ފުރިހަމަގޮތެއްގައި ޒީނަތްތެރި ކުރައްވާފައި. ރައްޔިތުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައި. މި މަސައްކަތްތައް މިގޮތަށް ކުރެއްވުމަކީ، އަޅުގަނޑު އެދޭ ކަމެއްނޫން. އެއީ، ރާއްޖެތެރޭގެ އެއްވެސް ރަށަކަށް އަޅުގަނޑު ދާދިޔުމާ ގުޅިގެން، ރަށުގެ ރައްޔިތުން އެއްވެސް ކަހަލަ ތަކުލީފެއް އުފުއްލެވުމަކީ، އަޅުގަނޑު އެދޭ ކަމަކަށް ނުވާތީ. އެހެންނަމަވެސް، މިރަށުގެ ރައްޔިތުންވެސް އަދި އަޅުގަނޑު ޒިޔާރަތްކުރާ އެހެން ރަށްރަށުގެ ރައްޔިތުންވެސް އެ މަސައްކަތްތައް އެގޮތަށް ކުރައްވާފައި އެ ހުންނަނީ، އެ ރައްޔިތުންގެ ހިތުގައި ދިވެހި ސަރުކާރާ މެދުގައި އުފެދިފައިވާ އިޚްލާޞްތެރިކަމުގެ ބޮޑުކަމުން ކަމަށް އަޅުގަނޑު ދެކޭތީ، ތިޔަބޭފުޅުން ތިޔަ ކުރެއްވި މަސައްކަތްތައް އަޅުގަނޑުވެސް އިޚްލާޞްތެރިކަމާއެކު ޤަބޫލުކުރަން.
އާދެ، މިރަށުގައި ރައްޔިތުން މަގުމަގުގައި ބަހައްޓަވާފައި ހުރި ލިޔުންތަކުގެ ތެރެއިން އެއް ލިޔުމެއްގައި އޮއްވައި އަޅުގަނޑަށް ފެނިފައިވޭ، "ތަރައްޤީގެ ބާނީއަކީ ރައީސް މައުމޫން" އޭ.
އާދެ، އަޅުގަނޑު ވަރަށް އުފާކުރަން. ތިޔަބޭފުޅުންގެ ހިތްޕުޅުގައި، އަޅުގަނޑާ ދޭތެރޭގައި އެހާ އިޚްލާޞްތެރި ޝުޢޫރުތަކެއްވާތީ. އެހެންނަމަވެސް، އަޅުގަނޑަށް ދަންނަވަން ޖެހެނީ، ތަރައްޤީގެ ބާނީއަކީ ވަކި މީހެއް ނޫނޭ. ތަރައްޤީގެ ބާނީންނަކީ ތިޔަބޭފުޅުންނޭ. ދިވެހި ރައްޔިތުންނޭ.
ސަރުކާރުން ކޮށްދޭ ކަމަކީ ރައްޔިތުން ކުރަން ބޭނުންވާ މަސައްކަތްތަކަށް މަގުފަހިކޮށްދިނުން. އެ މަސައްކަތް ކުރިއަރުވައި ތަރައްޤީ ކުރާނީ ރައްޔިތުން. މިސާލެއް ދަންނަވަންޏާ، ތަޢުލީމާ ބެހޭ ކަންތައްތަކުގައިވެސް ސަރުކާރުން އެކުރާ ކަމަކީ، ރާއްޖެތެރޭގައި އަތޮޅު ތަޢުލީމީ މަރުކަޒުތައް ޤާއިމުކުރުން. އަތޮޅު މަދަރުސާތައް ޢިމާރާތްކޮށްދިނުން. ދެންވެސް ހުންނަ އެހެން މަކުތަބުތަކަށާއި މަދަރުސާތަކަށް ބޭނުންވާ އެހީތައް ވެދިނުން. ޓީޗަރުން ހޯދައިދިނުން. މިކަހަލަ ގޮތްގޮތުން ތަޢުލީމު ކުރިއެރުވުމަށްޓަކައި ސަރުކާރުން ވެވެން އޮތް އެހީތަކެއް ވެދިނުން. އެ އެހީތައް ލިބިގެން، ތަޢުލީމު ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރުން އޮތީ ރައްޔިތުންގެ އަތްމަތީގައި. ރަށުގެ ވެރިންނާއި، ރައްޔިތުން ކުރައްވާ މަސައްކަތްތަކަކުން ތަޢުލީމުވެސް ކުރިއަށްދާނީ. އަދި އެހެން ކަންތައްތައްވެސް ކުރިއަށްދާނީ.
އާދެ، ކޮންމެއަކަސް ރާއްޖެތެރޭގެ ގިނަ ރަށްރަށް ވަނީ ސަރުކާރުގެ އެހީއަށް ވަރަށް ބޮޑަށް ބޭނުންވެފައި ކަމަށްވާތީ، ރާއްޖެތެރެ ތަރައްޤީކުރުމުގެ މަޝްރޫޢެއް ސަރުކާރުން ރާވައިގެން ހިންގަމުން ގެންދާތާ ވަރަށް ގިނަ އަހަރުތަކެއް މިހާރު ވެއްޖެ. އެ މަޝްރޫޢުގެ ދަށުން ރާއްޖެތެރޭގެ ވަރަށް ގިނަ ރަށްރަށަށް އެކިކަހަލަ ކަންތައްތައް ސަރުކާރުން ވަނީ ކޮށްދީފައި. އަދި މިހާރުވެސް ގެންދަނީ ކޮށްދެމުން. ތިޔަބޭފުޅުންގެ މިރަށަށްވެސް ބައެއްކަހަލަ ކަންތައް މިހާރުވަނީ ކޮށްދެވިފައި.
އާދެ، އޭގެތެރެއިން އެއްކަމަކީ ރަށުއޮފީހާއި، ރަށުކޯޓު ހިމެނޭގޮތަށް ޢިމާރާތެއް ކޮށްދިނުން. އެކަންވަނީ ވެނިމިފައި. ދެން ދެވަނަ ކަމަކަށް، މިއަދު އަޅުގަނޑު އެ މިސްކިތެއް ހުޅުވައިދިނުމުގެ ޝަރަފް އަޅުގަނޑަށް ލިބުނު "مَسْجِدُ الذِّكرى" ޢިމާރާތް ކުރުން. އެއީ، ސަރުކާރުން ކޮށްދިން ކަމެއްގެ ގޮތުގައި ވަނީ ހަމަޖެހިފައި.
އާދެ، ތިޔަބޭފުޅުން ކުރިން ބޭނުންކުރައްވަމުން ގެންދެވި މިސްކިތަކީ، ވަރަށް ކުޑަކުޑަ، ވަރަށް ބައު މިސްކިތެއް. މިރަށުގެ ރައްޔިތުންނަށް އެއްގޮތަކަށްވެސް ނުފުދޭވަރުގެ ތަނެއް. އެހެންކަމާއެކު، މިރަށަށް ސަރުކާރުން އަލުން މިސްކިތެއް ޢިމާރާތްކޮށްދިނީ. އެ މިސްކިތް މިއަދު ހުޅުވުމަށްފަހުގައި، މިރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ވަރަށް ބޮޑު އެއްދަތި މިއަދުން ފެށިގެން އިރާދަކުރެއްވިއްޔާ ފިލައިގެންދާނެ.
އާދެ، ހަމައެއާއެކުގައި، ދެންމެ މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ވާހަކަފުޅުގައި އެވިދާޅުވިފަދައިން، މިއަދުގެ މި އުފާވެރި ޖަލްސާއަށްފަހުގައި، މިރަށުގައި ރަށު ކޯޓެއް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާތީ، އެ ޢިމާރާތުގެ ބިންގާ އަޅައިދިނުމުގެ އުފާވެސް އަޅުގަނޑަށް ލިބިގަނެވޭ ގޮތަށް ޕްރޮގްރާމް ރޭވިފައި ވަނީ. އެއީވެސް ސަރުކާރުގެ ފަރާތުން މިރަށަށް ކޮށްދޭ ކަމެއް.
އާދެ، ތިޔަ އެންމެހާ ބޭފުޅުންނަށް، އެންމެ ބޮޑު ދައްޗަކަށް މިހާރު ވެފައިވަނީ ފަޅުގެ ދަތިކަން. އަޅުގަނޑު މިރަށަށް ފޭބިއިރު އަޅުގަނޑަށް އެދަތިކަން ވަނީ އިޙްސާސް ކުރެވިފައި. އަދި އަޅުގަނޑު މިރަށަށް ނައިކަމުގައިވިޔަސް، ރާއްޖެތެރޭގެ ވަރަށް ގިނަ ރަށްރަށުގައި އެދަތިކަން އެގޮތަށް ހުރިކަން އަޅުގަނޑަށް ވަނީ އެނގިފައި. އަޅުގަނޑު މީގެކުރިން ކުރި ޒިޔާރަތްތަކުންވެސް އަދި އޭގެ އިތުރުން ލިބޭ އެހެން މަޢުލޫމާތުތަކުންވެސް އަޅުގަނޑަށް އެނގިފައި ވަނީ ފަޅުގެ ދަތިކަން އެއީ، ވަރަށް ގިނަ ރަށްރަށަށް އިޙްސާސް ކުރަން ޖެހިފައިވާ ދަތިކަމެއްކަން.
އާދެ، އެކަން އެހެން އޮތުމާއެކު، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގެންފައިވާނެކަންނޭނގެ، މިރަށުގެ ފަޅު ފުންކުރުން އެއީ، ސަރުކާރުން އިސްކަންދޭ ކަމެއްގެ ގޮތުގައި މިހާރުވަނީ ހަމަޖެހިފައިކަން. އިރާދަކުރެއްވިއްޔާ މާލަސްތަކެއްނުވެ، އެ މަސައްކަތް ފެށޭނެ. ކުރިން ހަމަޖެހިފައި އޮތީ، ތިނަދޫގެ ފަޅު ފުންކުރުމަށްފަހުގައި، ކޮންނަ ބޯޓު މިރަށަށް ގެނެސްގެން، މިރަށުގެ ފަޅުފުންކުރަން ފަށަން. އެހެންނަމަވެސް، ތިނަދޫގެ ފަޅުފުންކުރުމާ ވިދިގެން، އެރަށުގެ ޗަސްބިމަށް ފަސްއަޅައިދީ، އެ މަސައްކަތް ކުރުން، އެރަށުގެ ރައްޔިތުން ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމަކަށްވާތީ، އެކަންކުރާ ގޮތަށް ހަމަޖެހިގެން، ބޯޓުވަނީ މިހާރު އެތަނަށް ގެންދެވިފައި. ކަންދިމާވިގޮތުން ބޯޓު ހަލާކުވެގެން މިހާރު އެގެންދަނީ މަރާމާތު ކުރަން. ބޯޓު މަރާމާތުކުރުމަށްފަހުގައި، ފުރަތަމަ ކުރާނީ އެ މަސައްކަތް. އެ މަސައްކަތް ނިމިގެން އިރާދަކުރެއްވިއްޔާ މިރަށަށް އަންނާނީ. އެކަން މާލަސްވަންޏާ ކޮންމެވެސް އެހެން ގޮތަކުން، އެހެން ދިމާއަކުން ބޯޓެއް ގެނެވޭތޯވެސް ސަރުކާރުން ބަލާނީ.
އާދެ، ތިޔަބޭފުޅުންގެ ރަށާ ވަރަށް ކައިރީގައި ތަރައްޤީގެ ވަރަށް ބޮޑު މަސައްކަތެއް ފެށިގެން މިހާރު ހިނގަމުން އެދަނީ. އާދެ، އެއީ، ކާޑެއްދޫގައި އެއަރޕޯޓެއް ހެދުމުގެ މަސައްކަތް. ކާޑެއްދޫގައި ވައިގެ ބަނދަރެއް ހެދުމުގެ މަސައްކަތް.
ޝައްކެއްނެތް، ރާއްޖެތެރޭގައި ވައިގެ ބަނދަރުތައް އިތުރުވަމުންދިޔުމަކީ، ރާއްޖެތެރެއަށް ލިބޭ ވަރަށް ބޮޑު ދިރުމަކަށްވާނެ. ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ. ތިޔަބޭފުޅުންނަށްވެސް މިހާރު އެނގިވަޑައިގަންނަވާނޭ ފަދައިން، ރާއްޖެތެރޭގައި ބައެއް ދިމަދިމައިގައި ސަރުކާރުގެ ފަރާތުން ވައިގެ ބަނދަރުތައް ހަދާފައިވޭ. ހަނިމާދޫގައި އެބައޮތް ވައިގެ ބަނދަރެއް. ކައްދޫގައި އެބައޮތް. ކުރިއްސުރެ އައްޑުއަތޮޅު ގަމުގައި ވައިގެ ބަނދަރެއްވޭ. ކައްދުއާއި އައްޑުއަތޮޅާ ދޭތެރޭގައި ވަނީވެސް އެކަށީގެންވާ ދުރުމިނެއް ކަމަށްވާތީ، މިހިސާބުގަނޑުގެ ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށްޓަކައާއި އަދި މިހިސާބުގަނޑުގައި އެކަށީގެންވާ އިޤްތިޞާދީ މަސައްކަތްތައް ފެށުމަށް ކޮންމެހެން ބޭނުން ކަމަކަށްވާތީ، މިއަތޮޅު ކާޑެއްދޫގައި ވައިގެ ބަނދަރެއް ހަދާގޮތަށް ސަރުކާރުން ހަމަޖެއްސީ. އާދެ، އެމަސައްކަތް މިހާރުވަނީ އެ މަސައްކަތް ކުރާ ފަރާތާ ޙަވާލުކުރެވިފައި. އެކަށީގެންވާ ގޮތަކަށް މަސައްކަތް ކުރިއަށްދާ ކަމުގައިވަންޏާ ލަފާކުރެވެނީ، އަންނަ އަހަރުގެ މެދެއްހާ ތާނގައި އެ މަސައްކަތް ނިމޭނެ ކަމަށް.
އާދެ، އެއަރޕޯޓެއް އޮތުމަކީ ތަނުގެ ތަރައްޤީއަށް ވަރަށް ބޭނުންތެރި ކަމެއް. އާމްދަނީ އިތުރުކުރުމަށްޓަކައި އަޅުގަނޑުމެން ކުރާ މަސައްކަތްތައް މާގިނައެއްނޫން. އެހެންނަމަވެސް، އެފަދަ ކަމެއް ހަމަޖެހިއްޖެނަމަ، ދެން އަޅުގަނޑުމެންނަށް އިތުރަށް ކުރެވޭނެ ކަންތައްތައް ހުންނާނެ. އެހެންވީމާ، އެކަންތައްތަކާ ދޭތެރޭގައި މިހިސާބުގަނޑުގެ، މިއަތޮޅުގެ ރައްޔިތުން ވިސްނަވައި، އާ މަސައްކަތްތަކެއް މުސްތަޤްބަލުގައި ފެށްޓެވުމަކީ، އަޅުގަނޑު ހިތުން މިއަތޮޅަށްވެސް ލިބޭނެ ކުރިއެރުމެއް. އަދި މުޅި ރާއްޖެއަށްވެސް ލިބޭނެ ކުރިއެރުމެއް.
އާދެ، އަޅުގަނޑުގެ މިއަދުގެ ޕްރޮގްރާމް ހަމަޖެހިފައިވާ ގޮތުން، މާގިނަ ވަގުތުތަކެއް މިރަށުގައި ހޭދަކުރެވޭކަށް ނެތް. އެކަމަށްޓަކައި އަޅުގަނޑު ހިތާމަކުރަން. އެހެންނަމަވެސް، އަޅުގަނޑުގެ މަސައްކަތްތައްވެސް ހުންނަގޮތުން މާގިނަ ދުވަހު މާލެއިން ބޭރުގައި ހުރެވެން ނޯންނާތީއާ އެކުގައި އެގޮތަށް ހަމަޖައްސަންޖެހުނީ.
އެހެންވީމާ، އަޅުގަނޑު މި މަޤާމުން، މިހާރު މި ވާހަކަ ދައްކަމުން މިގެންދާ މަޤާމުން ވަކިވުމުގެ ކުރިން، މިރަށުގެ ރައްޔިތުންނަށް ސަރުކާރުގެ ހެޔޮއެދުންތަކާއި ތަހުނިޔާ ރައްދުކުރަން. އަދި އަޅުގަނޑު މިރަށަށް މިއައި އައުމަށްޓަކައި ރަށް ޒީނަތްތެރި ކުރައްވާފައިވާލެއް ބޮޑުކަމާއި، އަދި ރަށުގެ ރައްޔިތުން އަޅުގަނޑަށް ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ރަށުގެ ވެރިންނާއި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
އަޅުގަނޑުގެ ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް މާތްވެގެންވާ އިސްލާމްދީނުގައި ފައިތިލަ ސާބިތުކޮށްގެން ތިބެ ތަރައްޤީގެ މަގުގައި ކުރިއަށްދާނެ ގޮތްތައް މިންވަރުކޮށްދެއްވުން. އަދި އަޅުގަނޑުމެން ކުރާ އިޚްލާޞްތެރި މަސައްކަތްތަކުގެ ފައިދާ، އަވަސް މަގަކުން އަޅުގަނޑުމެންނަށް ދެއްކެވުން. ރައްޔިތުންނާއި ސަރުކާރާ ގުޅިގެން ކުރާ ހުރިހާ މަސައްކަތެއްގެ މަންފާއާއި ލާބަ ދިވެހި ރައްޔިތުންނަށް މިންވަރުކުރެއްވުން.
والسّلام عليكم ورحمـة اللّـه وبركاته.