بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى سيّد الأنبياء والمرسلين، وعلـى آلـه وأصحـابه أجمعـين.

ރާއްޖޭގެ ލޮބުވެތި އެންމެހާ ރައްޔިތުން؛

السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މީލާދީ އަހަރެއް ނިމި، އާ އަހަރެއްގެ ތެރެއަށް ވަންނަމުންދާއިރު، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނާ އަޅުގަނޑު މި ބައްދަލުކޮށްލަނީ، އާ އަހަރުގެ ހެޔޮއެދުންތައް ފާޅުކުރުމަށް. އާ އަހަރުގެ ތަހުނިޔާއާއި މަރްޙަބާ، ތިޔަ އެންމެހައި އަޚުންނާއި އުޚްތުންނަށް ރައްދުކުރުމަށް.

اللهُ سُبْحَانَهُ وَتَعَالَىގެ ހެޔޮ ރަޙްމަތްފުޅުން، ފާއިތުވެގެން މިދިޔަ އަހަރު އާދެ، 1991 ވަނަ އަހަރު ހިމެނިގެންދިޔައީ، ރާއްޖެއަށް އިތުރު ތަރައްޤީތަކެއް ގެނެސްދިން އަހަރެއްގެ ގޮތުގައި. އަމާންކަމާއި ޞުލްޙަވެރިކަމުގައި ވޭތުކުރެވުނު އަހަރެއްގެ ގޮތުގައި.

ބައިނަލްއަޤްވާމީ ދަނޑުގައިވެސް ރާއްޖެއަށް އިތުރު ޤަދަރާއި އިޙްތިރާމް ލިބިގެންދިޔަ އަހަރެއްގެ ގޮތުގައި. އިޤްތިޞާދީ ގޮތުންނާއި، އިޖްތިމާޢީ ގޮތުން އިތުރު ކުރިއެރުންތަކެއް ހޯދުނު އަހަރެއްގެ ގޮތުގައި. މިކަމަށްޓަކައި ކީރިތިވަންތަ ﷲގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވަން.

އިރާދަކުރެއްވިއްޔާ މިއަދު މި ފެށުނު އާ އަހަރަކީވެސް އަޅުގަނޑުމެންގެ ރާއްޖެއަށްޓަކައި ބާއްޖަވެރި، ފާގަތި އަހަރެއް ކަމުގައި މިންވަރުކުރައްވާނެ.

ވޭތުވެދިޔަ 1991 ވަނަ އަހަރު އަޅުގަނޑުމެން ފާހަގަކުރީ "ދިވެހިރާއްޖޭގެ ކުޑަކުދިންގެ އަހަރު"ގެ ގޮތުގައި. އެ އަހަރުގެ ތެރޭގައި، ރާއްޖޭގެ ކުޑަކުދިންގެ ކަންތައްތައް ރަނގަޅުކުރުމުގެ މަޤްޞަދުގައި ވަރަށް ގިނަ ކަންތައްތަކެއް ކުރެވުނު. އޭގެތެރޭގައި، ކުޑަކުދިންނާބެހޭ ޤައުމީ ޖަލްސާއެއް ބޭއްވުން ހިމެނޭ. މި ޖަލްސާގައި، ރާއްޖޭގެ ކުޑަކުދިންނާމެދު ކަންތައްތައް ބަހައްޓަންވީ ގޮތާމެދު އެއްބަސްވެވުނު ޤަރާރެއް ފާސްކުރެވުނު. އަދި ރާއްޖޭގެ ކުޑަކުދިންގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި އަޅަންޖެހޭ ޢަމަލީ ފިޔަވަޅުތަކުގެ ޕްރޮގްރާމެއް ރޭވުނު. މިގޮތުން، ފާސްކުރެވުނު ޕްރޮގްރާމްގައި ހިމެނޭ ކަންތައްތައް، ވޭތުވެދިޔަ އަހަރު ނިމުނުއިރު ވަނީ ހިންގަން ފެށިފައި. މިކަންކަމުގެ އިތުރަށް، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނެއްވެސް ވަނީ މިދިޔަ އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައި.

މި ދެންނެވި ފަދަ ފިޔަވަޅުތަކެއް އެޅުމުގެ ނަތީޖާއެއްގެ ގޮތުން، 1991 ވަނަ އަހަރު ނިމިގެންދިޔައިރު ވަނީ ރާއްޖޭގައި ކުޑަކުދިންގެ ޙައްޤުތަކާމެދު އާ ނަޒަރަކުން ބަލަން ފެށިފައި. ކުޑަކުދިންގެ ދިރިތިބުމާއި، ޙިމާޔަތާއި ތަރައްޤީއާމެދު އާ ސަމާލުކަމެއް ދޭން ފެށިފައި. ކުޑަކުދިންނާމެދު މުޅިން އައު ހޭލުންތެރިކަމެއް އަޅުގަނޑުމެންގެ މުޖުތަމަޢުގައި ވަނީ އުފެދިފައި. 1991 ވަނަ އަހަރު މި އެޅުނު ހަރުދަނާ ބިންގަލުގެ މަތީގައި، ރާއްޖޭގެ ކުޑަކުދިންގެ މުސްތަޤްބަލަށް ވަރަށް ރަނގަޅު އަސަރުތަކެއް އިރާދަކުރެއްވިއްޔާ ކުރަމުންދާނެ.

ހަނދުމަފުޅުކޮށްލެއްވުން އެކަށީގެންވާ ފަދައިން، ފަހަކަށްއައިސް ކޮންމެ މީލާދީ އަހަރެއްވެސް މި އަންނަނީ ކޮންމެވެސް ޚާއްޞަ ޝިޢާރަކާ އެކީގައި. ބައެއްފަހަރު ބައިނަލްއަޤްވާމީ ގޮތުން، އަނެއްބައިފަހަރު ހަމައެކަނި އަޅުގަނޑުމެންގެ ޤައުމީ ފެންވަރުގައި، ކޮންމެވެސް މުހިންމު މުނާސަބަތަކާ ނުވަތަ މުހިންމު ކަމަކާ ގުޅުވާލެވިގެން.

މިގޮތަށް އެކިއެކި އަހަރު ފާހަގަކުރަމުންދަނީ، ވަރަށް މުހިންމު ބޭނުމެއް އޮވެގެން. އަދި އެގޮތަށް ފާހަގަކުރުމުގެ ސަބަބުން އެދެވޭ ނަތީޖާތަކެއް ލިބެމުންދާތީ. އާދެ، އެކިއެކި އަހަރު، އެކި ޝިޢާރާއެކު ގެނައުމުން، އެ ޝިޢާރަކާ ގުޅޭގޮތުން ޤައުމީ ފެންވަރުގައި ޚިޔާލުކުރެވޭ. އަދި އެމައްސަލައަކާ މެދު ޤައުމީގޮތުން އެއް ނަޒަރަކުން ބެލޭގޮތްވޭ. އަދި އެކަމަކާމެދު އިތުރު ހޭލުންތެރިކަމެއްވެސް އުފެދޭ.

މިއަދު ފެށިގެންމިދާ އާ އަހަރާމެދު ވިސްނާލާއިރު، މި އަހަރަކީވެސް ޤައުމީގޮތުން ނުވަތަ ސަރަޙައްދީ ގޮތުން، ނުވަތަ ބައިނަލްއަޤްވާމީ ގޮތުން، ވަކި ކަމަކާ ގުޅޭ އަހަރެއް ކަމުގައި ފާހަގަކުރެވިދާނެ އަހަރެއް.

ކޮންމެއަކަސް، މިގޮތުން ވަކި ކަމަކަށް ޚިޔާލުކޮށް، ވަކި ކަމަކަށް އަހަރެއް ޚާއްޞަކުރުމުގެ ކުރިން، އަޅުގަނޑުމެންގެ މާޟީގެ ތާރީޚުގެ ތެރެއަށް ގޮސްލުމަކީ، އަޅުގަނޑު ދެކޭގޮތުގައި ބުއްދިވެރިކަމެއް. އަދި ބޭނުންތެރިވެސް ކަމެއް. ސަބަބަކީ އަޅުގަނޑުމެންނަކީ ފަޚްރުވެރިވުން ޙައްޤުވާފަދަ، ކުލަގަދަ ތާރީޚެއް އޮތް ބަޔަކު ކަމުގައިވާކަން. އަދި އަޅުގަނޑުމެންގެ ތާރީޚުގައި، އަޅުގަނޑުމެންނަށް މަތިވެރި ފިލާވަޅުތަކަކާއި ޢިބްރަތްތަކެއް ލިއްބައިދެނިވި މުހިންމު ޙާދިޘާތަކެއް ހިނގާފައިވާކަން.

އާދެ، ތާރީޚީ ނަޒަރަކުން ބަލާއިރު، މިއަދު މި ފެށުނު އަހަރަކީ، އަޅުގަނޑުމެންގެ ރާއްޖޭގައި ރަސްމީގޮތުން ސިފައިން އުފެދުނުތާ 100 އަހަރު ފުރޭ އަހަރު. އެހެންކަމުން، މި އުފާވެރި މުނާސަބަތުގައި، ރާއްޖޭގެ ހިތްވަރުގަދަ، އިޚްލާޞްތެރި ސިފައިންނަށް، ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންގެ ނަމުގައާއި، ދިވެހި ސަރުކާރުގެ ނަމުގައި، ތަހުނިޔާއާއި މުބާރަކްބާދީ އަދާކުރުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް މަތިވެރި އުފަލެއް. ހަމަ މި ނޭވާގައި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހައިޘިއްޔަތުންނާއި، ސިފައިންގެ ވެރިޔާގެ ހައިޘިއްޔަތުން، މި މުނާސަބަތުގައި ރާއްޖޭގެ ސިފައިންނަށް ހެޔޮއެދުންތައް ފާޅުކޮށް، މަރްޙަބާ ކިޔުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ޚާއްޞަ އުފަލެއް.

ފަށްފަށުން މަރްޙަބާ! ރާއްޖޭގެ ސިފައިންނަށް މަރްޙަބާ!

ތާރީޚުން އެނގޭގޮތުގައި، ރާއްޖޭގައި ސިފައިންގެ ނަމުގައި ވެރިކަމުގެ ފަރާތުން އެންމެ ފުރަތަމަ ބަޔަކު އުފެއްދެވި ކަމަށް ފެންނަނީ، މީލާދީން 1892 ވަނަ އަހަރު. އޭރު ރާއްޖޭގެ ސިންގާ ސަނާގައި ރެދަލިކުރައްވަނީ އައްސުލްޠާން އިބްރާހީމް ނޫރުއްދީން.

އެންމެ ފުރަތަމަ އެންމެ 8 މީހުންގެ މައްޗަށް އެކުލެވުނު ދިވެހި ސިފައިން، ވޭތުވެދިޔަ 100 އަހަރުގެ ތެރޭގައި ވަނީ، ވަރަށް މަތިވެރި ތަރައްޤީތަކެއް ކޮށްފައި. ވަރަށް ގިނަގުނަ ކާމިޔާބީތަކެއް ހޯދާފައި. އެއީ، ހަމައެކަނި ސިފައިންގެ ޢަދަދު އިތުރުވެގެން ދިޔުމަކުން ނޫން. އެމީހުންގެ މަރްކަޒު ބޮޑުވެގެން ދިޔުމަކުންވެސް ނުމެނޫން. އަދި ކީއްތޯ! އެމީހުން ކުރިއަރާފައިވަނީ، އެމީހުންގެ ލިޔާޤަތާއި ޤާބިލިއްޔަތު އިތުރުވުމުގައި. އެމީހުންނަށް ލިބިފައިވާ ތަމްރީނާއި ތަޖްރިބާތައް އިތުރުވުމުގައި. އެމީހުންގެ މަސްއޫލިއްޔަތާއި ޒިންމާ އިތުރުވުމުގައި. އެމީހުންގެ ހުޝިޔާރުކަމާއި ތައްޔާރަށް ތިބުން އިތުރުވުމުގައި. އަދި މީގެ އިތުރަށް، އެމީހުން ޤައުމަށްޓަކައި ވެފައިވާ ޤުރްބާނީތައް އިތުރުކޮށްގެން. އެމީހުންގެ ޚިދުމަތުގެ ރެކޯޑްތައް އިތުރުކޮށްގެން.

ވޭތުވެދިޔަ 100 އަހަރުގެ ތެރޭގައި، ދިވެހި ސިފައިން ދިވެހި ރައްޔިތުންނަށްޓަކައި، ދިވެހި ސަރުކާރަށްޓަކައި، ދިވެހި ޤައުމަށްޓަކައި ވެފައިވާ ޤުރްބާނީތަކާއި، އަދާކޮށްފައިވާ ޚިދްމަތްތަކަކީ މިފަދަ ފުރްޞަތެއްގައި ބަޔާންކުރެވޭވަރަށްވުރެ ގިނަ ކަންތައްތަކެއް. އެހެންކަމާއެކުވެސް، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލައިގައި، ރާއްޖޭގެ ސިފައިން އެ ސާބިތުކޮށްދިން ވަރުގަދަ ޤުރްބާނީގެ ހަނދާން، މި ފުރްޞަތުގައިވެސް އާކޮށްލުމަކީ، އަޅުގަނޑަށް ނުކޮށް ދޫކޮށްލެވޭނޭ ކަމެއްނޫން. އެދުވަހުގެ އެ މަތިވެރި ޤުރްބާނީއަކީ، ރާއްޖޭގެ ސިފައިން އުފެދުނީއްސުރެ އެމީހުން ތިބެމުން އައިސްފައިވާ ގޮތް ހާމަކޮށްދޭ، އަދި އެކަން ޔަޤީންކޮށްދޭ ޤުރްބާނީއެއްކަން ކަށަވަރު.

އާދެ، ދުނިޔޭގެ ބައެއް ޤައުމުތަކުގައި ސިފައިންނަކީ ހަމައެކަނި ބޭރުގެ ދުޝްމަނުންގެ ފަރާތުން އަންނަ ނުރައްކާތަކަކުން ޤައުމު ދިފާޢުކުރުމަށްޓަކައި ތިބޭ ބައެއް. އަދި ޤައުމަށް ދިމާވާ ނުރައްކާތެރި ވަރަށް ބޮޑެތި ޙާދިޘާތަކުގައި، ކުއްލިގޮތެއްގައި ޙަރަކާތްތެރިވާން ތިބޭ ބައެއް. އެހެންނޫނީ، ޤައުމުގެ ދާޚިލީ އަމްނު ދެމެހެއްޓުމާއި، ޤާނޫނުތައް ތަންފީޛުކުރުމުގެ ކަންތައް ބެލެހެއްޓުމަކީ، އެތަންތާނގައި ސިފައިންނާ ވަކިން އޮންނަ ފުލުހުންގެ ކަމެއް.

އެކަމަކު، އެންމެ ފުރަތަމަ ސިފައިން އުފެދުނީއްސުރެ މިއަދާ ހަމައަށް ރާއްޖޭގައި މިކަން އޮތީކީ މިހެނެއްނޫން. ރާއްޖޭގައި ސިފައިންނަކީ، ބޭރުގެ ޙަމަލާތަކުން ޤައުމު ދިފާޢުކުރާނޭ ބާރު ކަމުގައިވާއިރު، ރާއްޖޭގެ ކުޑަކަމާއެކު، ޤައުމުގެ ދާޚިލީ އަމްނު ދަމަހައްޓައި، ޤާނޫނުތައް ތަންފީޛު ކުރުމުގެ މަސައްކަތްކުރާ ބަޔަކީވެސް ހަމަ އެމީހުން.

ރާއްޖެއަށް ދިމާވާ ކޮންމެ ބޮޑު ކަމެއްގައި، ޤައުމާއި ރައްޔިތުން ސަލާމަތްކުރުމަށްޓަކައި، އެންމެ ކުރީ ސަފުގައި ޙަރަކާތްތެރިވާން ތިބެނީވެސް ހަމަ ސިފައިން. އާދެ، އަލިފާނުގެ ޙާދިޘާއެއް ހިނގިނަމަވެސް، ފެންބޮޑުވިޔަސް، ރާޅުއެރިޔަސް، އެކަންކަމުން ސަލާމަތްވުމަށް ކުރެވޭ މަސައްކަތްތަކުގައި އެންމެ ބޮޑަށް އުޅޭނީ ހަމަ އެމީހުން. މިއަދު ރާއްޖޭގެ ސިފައިން ޙަރަކާތްތެރިވަނީ، ހަމައެކަނި މާލެއަކުން ނޫން. ރާއްޖޭގެ ސަރަޙައްދުގެ ހުރިހާ ދިމާއެއްގައިވެސް އެމީހުން ޙަރަކާތްތެރިވަމުންދޭ. ރާއްޖޭގެ ސިޔާސީ އަދި އިޤްތިޞާދީ ސަރަޙައްދު ރައްކާތެރިކުރުމުގެ މުހިންމު މަސައްކަތުގައި ތިބުމާއެކު، ރާއްޖެތެރޭގައި، ހިސާބަކަށްވެސް އާދަޔާ ޚިލާފު ކަމެއް ދިމާވެއްޖެނަމަ، އެތަނަކުންވެސް އެންމެ އިސް ބައެއް ކުޅޭތަން ފެންނާނީ، ހަމަ އަޅުގަނޑުމެންގެ ސިފައިން.

މިކަމަކީ، މިއަހަރު ރާއްޖޭގެ ސިފައިންގެ 100 ވަނަ ޢީދު މީލާދު ފާހަގަކުރަމުންދާއިރު، އަޅުގަނޑު ވަރަށް ޚާއްޞަގޮތެއްގައި ފާހަގަކުރާ ކަމެއް. އަދި އަޅުގަނޑު ދެކޭގޮތުގައި، ކުރިއަށް އޮތް ތާނގައިވެސް، މިކަން އޮންނާނީ މިހެން. މިހެން މި ދެންނެވީ، ހަމަޖެހުމާއި ތަރައްޤީގެ ރޮނގުން ތަފާތު މައިދާންތަކުގައި ފައިތިލަ ސާބިތުކުރާ މިނިވަން ޤައުމެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމަށްޓަކައި، މިގޮތަށް މިކަން އޮތުމަކީ ކޮންމެހެން ބޭނުންކަމެއް ކަމުގައި އަޅުގަނޑު ދެކޭތީ.

ރާއްޖޭގެ ލޮބުވެތި ރައްޔިތުން؛

ތިޔަ އެންމެ ބޭފުޅުންނަށްވެސް މިހާރު އެނގިވަޑައިގެންފައިވާނޭ ފަދައިން، މިއަދު މިފެށުނު އާ އަހަރު، އާދެ، 1992 ވަނަ އަހަރު، އަޅުގަނޑުމެން ފާހަގަކުރަން ޤަޞްދުކޮށްފައިވަނީ، ދިވެހިރާއްޖޭގެ ޒުވާނުންގެ އަހަރުގެ ގޮތުގައި. އެއީ، އަޅުގަނޑުމެންގެ ޒުވާނުންނާމެދު ޤައުމީ ފެންވަރުގައި އިތުރު ސަމާލުކަމެއް ދިނުމަށްޓަކައި. ހަމައެއާއެކު، ޢާއިލާއާއި މުޖުތަމަޢުގައި، އަދި ޤައުމުގައި، ޒުވާނުންގެ މަސްއޫލިއްޔަތާއި ޒިންމާގެ މައްޗަށް ޒުވާނުންގެ ހިތްތަކުގައި އިތުރު ހޭލުންތެރިކަމެއް އުފެއްދުމުގެ މާތް މަޤްޞަދުގައި.

އާދެ، އަޅުގަނޑު ދަންނަވާނީ، ރާއްޖޭގެ ސިފައިންގެ 100 ވަނަ ޢީދު މީލާދު ފާހަގަކުރާ އަހަރު، ރާއްޖޭގެ ޒުވާނުންގެ އަހަރުގެ ގޮތުގައި ފާހަގަކުރާ އަހަރާ ދިމާވިކަން އެއީ، ވަރަށް އާދަޔާ ޚިލާފު އިއްތިފާޤެކޭ. އަދި އެކަމުގައި ވަރަށް ފުން ސިއްރުތަކެއް އެކުލެވިފައިވާ އިއްތިފާޤެކޭ.

ކުޑަވެސް ޝައްކެއްނެތް، ޒުވާނުންނަކީ ޤައުމެއްގެ އެންމެ މުހިންމު ދާއިރާތަކުގައި، އެންމެ ބާރުފޯރުވަނިވި ޙަރަކާތްތައް ހިންގަންވީ މީހުން. ޢަމުދުން ދިވެހިރާއްޖެ ފަދަ އާބާދީގެ ނިސްބަތުން ޒުވާނުންގެ މަގާމު މަތީ ޤައުމެއްގައި، ޤައުމުގެ ދެމިއޮތުމާއި ކުރިއެރުމުގައި، ޒުވާނުންގެ މަސްއޫލިއްޔަތު ވަކިން ބޮޑު. ނުހަނު މަތިވެރި.

ރާއްޖޭގެ އާބާދީއަށް ބަލާއިރު، ޒުވާނުންނަކީ އާބާދީގެ ތިންބައިކުޅަ އެއްބައި. އަހަރެއް އަހަރަކަށް މި ޢަދަދު ދަނީ އިތުރުވަމުން. އެހެން ކަންހުރިއިރު، ރާއްޖޭގެ ތަރައްޤީގެ މައިދާންތަކުގައި، ޒުވާނުންގެ ޙަރަކާތްތައްވެސް އެއްދުވަހުން އަނެއް ދުވަހަށް ދަނީ އިތުރުވަމުން، ކުރިއަރަމުންކަން އަޅުގަނޑު ޤަބޫލުކުރަން. ޚާއްޞަކޮށް، އިޤްތިޞާދީ ރޮނގުގައި، އަދި އިޖްތިމާޢީ ކަންތައްތަކުގައި، ޒުވާނުންގެ ޙިއްޞާ ވަރަށްބޮޑުކަން އަޅުގަނޑަށް އެނގޭ. އެއީ، އަޅުގަނޑު ނުހަނު އުފާކުރާ ކަމެއް. އަދި މުޅި ޤައުމުވެސް ނުހަނު އުފާކުރާ ކަމެއް.

ނަމަވެސް، ހިތާމައާއެކު ފާހަގަކޮށްލަންޖެހޭ ޙަޤީޤަތަކީ، އަޅުގަނޑުމެންގެ ޒުވާނުންގެ ތެރެއިން މަދު ޢަދަދެއްގެ ބަޔަކު ނަމަވެސް، އެމީހުންގެ ޒުވާން ދައުރު ހޭދަކުރަމުންދަނީ، އޭގެ ފުރިހަމަ ފައިދާ އެމީހުންގެ އަމިއްލަ ނަފްސުތަކަށާއި ޢާއިލާއަށް، ނުވަތަ މުޖުތަމަޢަށް ނުލިބޭފަދަ ގޮތެއްގައިކަން. ޅަޢުމުރާއި ހަރުޢުމުރާ ދެމެދުގެ ވަރުގަދަ އޮއިވަރުގައި ޖެހިގެން، އެމީހުންގެ ޙަޔާތުގެ ނާ ބެހިގެންދާކަން. ރަނގަޅު މިޞްރާބުތައް އޮޅި، ދަތުރު ގެއްލިގެންދާކަން.

އަޅުގަނޑުމެންގެ ބައެއް ޒުވާނުންގެ އަޚްލާޤާމެދުވެސް، އަޅުގަނޑުމެން މިއަދު ވަނީ ވިސްނާލަން ޖެހިފައި. އެފަދަ ޒުވާނުންގެ ސަބަބުން އަޅުގަނޑުމެންގެ މުޖްތަމަޢަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާމެދު އަޅުގަނޑުމެންވަނީ ސަމާލުކަންދޭން ޖެހިފައި. އެފަދަ ޒުވާނުން އިޞްލާޙުކުރެވޭނެ މަގުތައް ވަނީ ހޯދަންޖެހިފައި.

އާދެ، ޒުވާނުންގެ އަހަރެއް ގެނައުމުގެ ބޭނުމަކީ، ޤައުމީ ފެންވަރުގައި މިކަންކަމާމެދު ފިކުރު ހިންގުން. ޚިޔާލު ބަދަލުކުރުން. މަޝްރޫޢުތައް ރޭވުން. މިކަމުގައި ޒުވާނުންނާއި ހަރުމީހުން ބައިވެރިވެގެން، ޤައުމަށް އެންމެ ފައިދާހުރި ގޮތްތައް ކަނޑައެޅުން.

ޒުވާނުންގެ އަހަރު ފެށުމުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ކުރާ އިޚްލާޞްތެރި އިލްތިމާސަކީ، ޤައުމުގައި ޒުވާނުންގެ މުހިންމު މަގާމު އަޅުގަނޑުމެން އެންމެންވެސް ވަޒަންކުރުން. ޒުވާނުންނަށް ކުރަންޖެހޭ އިތުބާރު އެމީހުންނަށް ކުރުން. އެމީހުންނަށް ދޭންޖެހޭ އިޙްތިރާމް ދިނުން. ހަމައެއާއެކު، ޤައުމުގެ ޒުވާނުންނަށް އަޅުގަނޑު ގޮވާލާނީ، ޤައުމު އެމީހުންނަށްޓަކައި ދޭން އެދޭ މަގާމު ފުރަން އެމީހުން ތައްޔާރުވުމަށް. އެމީހުންނަށް ޙައްޤު އިތުބާރާއި އިޙްތިރާމް ލިބިގަނެވޭފަދަ، ޤައުމަށް ފައިދާހުރި ބަޔަކަށް އެމީހުން ވުމަށް.

އެހެންކަމުން، ޒުވާނުންގެ އަހަރު ފެށޭ ދުވަހު، މި އާ އަހަރުގެ ތަހުނިޔާތައް ވަކިން ޚާއްޞަގޮތެއްގައި ރާއްޖޭގެ ޒުވާނުންނަށް އަޅުގަނޑު މި ފޮނުވަނީ ވަރަށް އިޚްލާޞްތެރި ޝުޢޫރުތަކަކާއެކު. މިއަހަރު އަޅުގަނޑުމެންގެ ޒުވާނުންނަށް އިތުރު ތަރައްޤީއާއި ކުރިއެރުން ހޯދައިދޭނެކަމުގެ އުފާވެރި އުންމީދާއެކު.

ރާއްޖޭގެ އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުން؛

މިއަދު މިފެށުނު އާ އަހަރުގެ މުނާސަބަތުގައި، ތިޔަ އެންމެ ބޭފުޅުންނާ މުޚާޠަބުކޮށް ވާހަކަ ދައްކާއިރު، ދަންނަވާލަންޖެހޭ ވަރަށް މުހިންމު އެހެން ވާހަކައެއްވެސް އެބައޮތް.

އެ ވާހަކައަކީ، ދިވެހިރާއްޖޭގެ ޒުވާނުންގެ އަހަރުގެ ގޮތުގައި މި އަހަރު ފާހަގަކުރުމުގެ އިތުރަށް، އަދި އެހެން ޙައިޘިއްޔަތަކުންވެސް އަޅުގަނޑުމެން މިއަހަރު ފާހަގަކުރަން ޖެހިފައިވާ ވާހަކަ. އާދެ، މިއަހަރަކީ ސާރކްގެ ތިމާވެށްޓާބެހޭ އަހަރު ކަމުގައި ހެދުމަށް ވަނީ ހަމަޖެހިފައި. މިކަން މިގޮތަށް ނިމިފައި ވަނީ، 1990 ވަނަ އަހަރުގެ ނޮވެމްބަރު މަހު މާލޭގައި ބޭއްވުނު ސާރކް ޤައުމުތަކުގެ އެންމެ މަތީ ވެރިންގެ 5 ވަނަ ބައްދަލުވުމުގައި. 1992 ވަނަ އަހަރަކީ ސާރކްގެ ތިމާވެށްޓާބެހޭ އަހަރު ކަމުގައި ހެދުމަށް އެ ޖަލްސާއަށް ހުށަހެޅީ، އަޅުގަނޑުމެންގެ ރާއްޖޭގެ ފަރާތުން. ދުނިޔޭގެ ތިމާވެށްޓަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާ މެދު ޢާންމުކޮށް ދުނިޔޭގެ ސަމާލުކަން، ވަކިން ޚާއްޞަކޮށް، ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކުގެ ސަމާލުކަން ހޯދުމަށްޓަކައި ދިވެހިރާއްޖެއިން ކުރަމުން ގެންދާ މަސައްކަތުގެ ބައެއްގެ ގޮތުން.

މާލޭ ސަމިޓަށް ރާއްޖެއިން ހުށަހެޅި ހުށަހެޅުން، އެ ޖަލްސާއިން ފާސްކުރުމާއެކު، ސާރކްގެ ތިމާވެށްޓާ ބެހޭ އަހަރަށްޓަކައި އެކްޝަން ޕްލޭނެއް ތައްޔާރުކުރުމަށް ރާއްޖެއާ ޙަވާލުކުރެވުނު. މި އެކްޝަން ޕްލޭން މިހާރު ވަނީ ރާއްޖޭގެ ފަރާތުން ތައްޔާރުކޮށް، ހުސްވިމަހު ފަހުކޮޅު ސްރީލަންކާގައި ބޭއްވުނު 6 ވަނަ ސާރކް ސަމިޓުން ޤަބޫލްކޮށްފައި. މިހެންކަމާއެކު، 1992 ވަނަ އަހަރަކީ ސާރކްގެ ހުރިހާ ޤައުމެއްގައި ފާހަގަކުރެވޭ ސާރކްގެ ތިމާވެށްޓާބެހޭ އަހަރު. ސާރކްގެ ތިމާވެށްޓާބެހޭ އަހަރު މި ފާހަގަކުރެވެނީ، ދުނިޔޭގައިވެސް ތިމާވެށްޓާ ބެހޭގޮތުން ވަރަށް ޚާއްޞަ ޙަރަކާތެއް ހިނގާ އަހަރެއްގައި. ދުނިޔޭގެ ތިމާވެށްޓާއި ތަރައްޤީއާބެހޭ ބައިނަލްއަޤްވާމީ ޖަލްސާއެއް، ދުނިޔޭގެ ޤައުމުތަކުގެ އެންމެ މަތީ ވެރިންގެ ފެންވަރުގައި މި އަހަރު ބޭއްވުމަށް ވަނީ ހަމަޖެހިފައި. އ.ދ. ގެ ފަރާތުން އިންތިޒާމުކުރާ މިޖަލްސާ އޮންނާނީ، މި އަހަރުގެ ޖޫންމަހު ބްރެޒީލްގައި.

ސާރކްގެ ތިމާވެށްޓާ ބެހޭ އަހަރު ފާހަގަކުރެވޭ އަހަރު، ތިމާވެށްޓާ ބެހޭގޮތުން އަޅުގަނޑުމެންގެ ރާއްޖޭގައިވެސް ވަރަށް މުހިންމު ފިޔަވަޅުތަކެއް އެޅުމަށްވަނީ ޤަޞްދުކުރެވިފައި. އޭގެތެރޭގައި ހިމެނޭ އެންމެ ޚާއްޞަ އެއްކަމަކީ، ރާއްޖޭގެ ތިމާވެށްޓާބެހޭ އެކްޝަން ޕްލޭން ޢަމަލީގޮތުން ހިންގަން ފެށުން. ހަމައެއާއެކު، ތިމާވެށްޓާ ބެހޭ ޤާނޫނެއްވެސް މި އަހަރުގެ ތެރޭގައި ހެދޭތޯ މިހާރު މިގެންދަނީ މަސައްކަތް ކުރަމުން. މި ކަންތައްތަކުގެ އިތުރަށް، މި އަހަރު ހިންގުމަށް ޤަޞްދުކުރެވިފައިވާ ކަންތައްތަކުގެ ތެރޭގައި، ފަރުތަކާއި ގޮނޑުދޮށްތައް ރައްކާތެރިކުރުމުގެ ގޮތުންނާއި، ފެނާއި ޖައްވު ސާފުގޮތުގައި ދެމެހެއްޓުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތަކެއްވެސް ހިމެނޭ.

ކޮންމެއަކަސް، ދުނިޔޭގެ ތިމާވެށްޓަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ސަބަބުން، އެންމެ ބޮޑަށް އަސަރުކުރާނޭ ޤައުމުތަކުގެ ތެރޭގައި، އަޅުގަނޑުމެންގެ ރާއްޖެ ހިމެނޭކަން އަޅުގަނޑުމެންނަށް ވަނީ މިހާރު ޤަބޫލުކުރަން ޖެހިފައި. ހަމައެފަދައިން، ރާއްޖެފަދަ ޤައުމުތަކުގެ ސަލާމަތަށްޓަކައި، ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުން ފިޔަވަޅުތަކެއް އަޅަންޖެހޭނެ ކަމަށް އެފަރާތްތަކުންވެސް ވަނީ ޤަބޫލުކުރަންޖެހިފައި. ކަން މިހެން ހުރުމާއެކު، މި ދަނޑިވަޅުގައި ޚުދު އަޅުގަނޑުމެންވެސް، އަޅުގަނޑުމެންގެ ތިމާވެށި ރައްކާތެރިކުރުމަށްޓަކައި މަސައްކަތް ކުރަމުންދާކަން، ދުނިޔޭގެ ކުރިމަތީގައި ހާމަކުރުމަކީ ބޭނުންތެރި ކަމެއް. ހަމައެކަނި އަޅުގަނޑުމެން ބުނާ ބަސްތަކަކުންނެއް ނޫން. ޢަމަލުންވެސްމެ.

އެހެންކަމުން، ސާރކްގެ ތިމާވެށްޓާބެހޭ އަހަރުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު މި ގޮވާލަނީ، އަޅުގަނޑުމެންގެ ތިމާވެށި ރައްކާތެރިކުރުމަށްޓަކައި އެޅެންހުރި ފިޔަވަޅުތައް އެޅުމުގައި ޢަމަލީގޮތުން ބައިވެރިވުމަށް. އަންނަން އޮތް ޖީލުތަކަށް އަޅުގަނޑުމެން ވާޞިލުކޮށްދޭ ތިމާވެށްޓަކީ އަޅުގަނޑުމެން މިހާރު މިނޭވާލާ ތިމާވެށްޓަށްވުރެ ރަނގަޅު ތިމާވެށްޓަކަށް ހެދޭތޯ މަސައްކަތްކުރުމަށް. ސާރކްގެ ތިމާވެށްޓާބެހޭ އަހަރަކީ، ކާމިޔާބު އަހަރަކަށް ހެދޭތޯ ބެލުމުގައި އަޅުގަނޑުމެންގެ ޙިއްޞާ ފުރިހަމައަށް އަދާކުރުމަށް.

ރާއްޖޭގެ ލޮބުވެތި މުވާޠިނުން؛

އަޅުގަނޑުމެން މި ކުރިމަތިލާ އަހަރަކީ، އާދެ، 1992 ވަނަ އަހަރަކީ، ތަފާތު އެތައް ސަބަބަކާ ހުރެ އަޅުގަނޑުމެންނަށް ވަރަށް ޚާއްޞަ އަހަރެއްކަން، ދެންމެ އަޅުގަނޑު މި ދެންނެވި ވާހަކަތަކުން ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ. އެހެންކަމުން، މި އަހަރާ ކުރިމަތިލާއިރު، އަޅުގަނޑުމެންގެ ޢަޒުމުތައް ވަރުގަދަކުރަންޖެހޭނެ. އަޅުގަނޑުމެންގެ އެއްބައިވަންތަކަން ބަދަހިކުރަންޖެހޭނެ. އަޅުގަނޑުމެންގެ އިޚްލާޞްތެރިކަން ހަރުދަނާކުރަންޖެހޭނެ.

ވޭތުވެދިޔަ ތާނގައިވެސް އަޅުގަނޑުމެން ދިވެހީން ސާބިތުކޮށްދީފައި ވަނީ، ދިވެހީންނަކީ އެމީހުންނާ ދިމާވާ ކޮންމެ ކަމެއްގައިވެސް ޢަޒުމާއެކު ކެރިގެން ކުރިމަތިލާފައިވާ ބައެއްކަން. އެމީހުންގެ އީމާނާއި އިޢުތިޤާދާ އެއްގޮތްވާ ގޮތުގެ މަތިން، އެކަމެއް ޙައްލުކުރުމަށް މަސައްކަތް ކޮށްފައިވާ ބައެއްކަން. އަދި ﷲގެ ވާގިފުޅާއެކު، އެމީހުން ކުރިމަތިލި ކޮންމެ ކަމެއްގައިވެސް ކާމިޔާބީ ހޯދާފައިވާ ބައެއްކަން.

އެކަން އެހެންވެފައި ވަނީ، އަޅުގަނޑުމެން އަބަދުވެސް އެކަތިގަނޑަކަށް ވެގެން ތިބުމުން. އަމިއްލަ މަޞްލަޙަތަށްވުރެ ޖަމާޢަތުގެ، އަދި ކީއްތޯ؟ ޤައުމުގެ މަޞްލަޙަތު ކުރިއަށްނެރުމުން. ޤައުމީ ކަންތައްތަކަށްޓަކައި އަމިއްލަ އުފާތައް ޤުރުބާންކޮށްލަން ކެރުމުން.

އަޅުގަނޑުގެ ދުޢާއަކީ، އަބަދުވެސް އެގޮތުގައި ތިބުމުގެ ހެޔޮ ތައުފީޤު، މާތްﷲ ދިވެހީންނަށް އިރާދަކުރެއްވުން. ކޮންމެ އާ އަހަރަކީ، އާ ނަޞީބަކާއި ނަޞްރެއް އަޅުގަނޑުމެން ދިވެހީންނަށް ގެނެސްދޭ އަހަރެއް ކަމުގައި ލެއްވުން.

والسّلام عليكم ورحمـة اللّـه و بركاته.