بســم اللّـه الرّحمـن الرّحيــم
الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّدنا محـمَّدٍ وعلى آلـه وصحـبه أجمعـين.
އޮފީސް އޮފީހުގެ ވެރިންގެ ފެންވަރުގައި ބޭއްވޭ އެއިޑްސްއާ ބެހޭ ސެމިނާރ ހުޅުވައިދިނުމަށްޓަކައި އަޅުގަނޑަށް ދަޢުވަތު ދެއްވި ކަމަށްޓަކައި، މިނިސްޓަރ އޮފް ހެލްތް އެންޑް ވެލްފެއަރގެ ނައިބު ޑޮކްޓަރ ޢަބްދުސައްތާރު ޔޫސުފަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމަ އެއާއެކުގައި، އެ މިނިސްޓްރީގެ އިސްވެރިންނާއި އަދި ޞިއްޙީ ދާއިރާގައި ޚިދުމަތް ކުރައްވާ ހުރިހާ ފަރާތްތައް ހިމަނަން.
އާދެ، އަޅުގަނޑުމެން މިއަދު މި ފަށާ ސެމިނާރަކީ ވަރަށްވެސް މުހިންމު ސެމިނާރެއް. އެ ސެމިނާރުގެ މުހިންމުކަން އެތައް ސަބަބަކަށްޓަކައި އިތުރުވެގެންދޭ. އެއް ސަބަބަކީ، މި ސެމިނާރުގައި ބަޙުޘްކުރެވޭ މައުޟޫޢުގެ މުހިންމުކަން. އެ މައުޟޫޢަކީ އެއިޑްސް ބަލި، ނުވަތަ އެއިން ރައްކާތެރިވާނެ ގޮތް. އެބަލިން ރައްކާތެރިވުމުގައި ސަރުކާރުން ގެންގުޅޭނެ ސިޔާސަތު. އެއީ، މި ސެމިނާރުގެ މައުޟޫޢަކީ. މި ސެމިނާރުގެ މުހިންމުކަން އިތުރުވަމުންދާ އަނެއް ސަބަބަކީ، މި ސެމިނާރު މި ބޭއްވެނީ، އޮފީސް އޮފީހުގެ ވެރިންގެ ފެންވަރުގައި ކަމަށްވާކަން. އާދެ، ޢާންމުކޮށް އެންމެންނަށް ހުޅުވައިލެވިފައިވާ ސެމިނާރެއް ނޫން މިއީކީ. ވަރަށް ޚާއްޞަ ސަބަބަށްޓަކައި، މި ސެމިނާރުގެ ދާއިރާ ކުޑަކޮށްލެވިފައި މިވަނީ، އޮފީސް އޮފީހުގެ ވެރިންގެ ފެންވަރުގެ ބޭފުޅުން ހިމެނޭގޮތަށް. އެހެންކަމުން، އެއީވެސް މި ސެމިނާރުގެ މުހިންމުކަން އިތުރުވެގެންދާ ކަމެއް ކަމުގައި އަޅުގަނޑު ދެކެން.
އާދެ، އެއިޑްސް ބައްޔަކީ، ކަމާބެހޭ ފަރާތްތަކުން އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އަދި މިހާރުވެސް ލިބެމުންދާ ގޮތުގައި، މި ވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ޞިއްޙީ ނުރައްކާ. އާދެ، ކީއްވެގެންކަން މިއީ ޞިއްޙީގޮތުން ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކާ ކަމުގައިވީ. އޭގެ ސަބަބުތައް އަޅުގަނޑުމެންނަށް ދެންމެ ހާމަވެގެން ހިނގައްޖެ. އަދި މީގެ ކުރިންވެސް މިފަދަ އެހެން މުނާސަބަތުތަކުންނާއި އަދި ލިޔުންތަކުންނާއި، ރޭޑިޔޯއާއި ޓީ.ވީ.ގެ ޛަރީޢާއިން އަޅުގަނޑުމެންނަށް އިވެމުންދާ އަޑުތަކުން، އެ ސަބަބުތައް ވަނީ އަޅުގަނޑުމެންނަށް ކޮންމެވެސްވަރަކަށް އެނގިފައި.
އާދެ، ކަމާބެހޭ މާހިރުން ވިދާޅުވާގޮތުގައި، އެ ބައްޔަކީ މިހާތަނަށް އެ ބައްޔަށް އެއްވެސް ފަރުވާއެއް ހޯދިފައިނުވާ ބައްޔެއް. އެ ބަލިން ރައްކާތެރިވުމަށް އެއްވެސްކަހަލަ ވެކްސިނެއް ހޯދިފައިނުވާ ބައްޔެއް. ހަމަ އެއާއެކު، އެބައްޔަކީ ވަރަށް ހަލުވިކަމާއެކު މުޅި ދުނިޔެއަށް ފެތުރިގެންދާ ބައްޔެއް. މިކަންކަން މިހެން ހުރުމުން، އެ ބަލީގެ ނުރައްކާތެރިކަމާއި ބިރުވެރިކަން އެއީ، އަޅުގަނޑު ހިތުން މިވަގުތު އެއްވެސް މީހަކަށް ވަންހަނާވެގެންވާނެ ކަމެއްނޫން.
އާދެ، ތަންކޮޅެއް ކުރިން އަޅުގަނޑުމެން ހީކޮށްގެން ތިބީ، އަޅުގަނޑުމެންގެ ރާއްޖެ އޮތީ މި ބައްޔާ ވަރަށް ދުރުގައި ކަމަށް. އެހެންނަމަވެސް، ވޭތުވެދިޔަ އަހަރުގެ ތެރޭގައި ޓެސްޓް ކުރެވުނު މީހުންގެ ތެރޭގައި، އެކެއްގެ ލޭގައި މި ބައްޔަށް ވާރުތަކޮށްދޭ ޖަރާސީމު ހުރިކަން އެނގުމުން، އަޅުގަނޑުމެންގެ ރާއްޖެވެސް މި ބަލިން އިސްތިސްނާ ނުވާކަން މިހާރު އަޅުގަނޑުމެންނަށް ވަނީ ޤަބޫލުކުރަން ޖެހިފައި. އާދެ، އެހެންކަމުން، މިއަދު އަޅުގަނޑުމެންގެ ކުރިމަތީގައި ވަނީ މި ބަލިން ދިފާޢުވުމަށްޓަކައި، މި ބަލިން އަޅުގަނޑުމެންގެ ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ކުރަންޖެހޭނީ ކޮންކޮން ކަންކަމެއްތޯ ބަލައި، އެކަމާބެހޭ އުޞޫލުތަކާއި ސިޔާސަތު ކަނޑައެޅުން. އާދެ، އެއީ އެއްގޮތަކުން ދަންނަވަންޏާ، ދަތިކަމަކަށް ވެގެނެއް ނުވާނެ. އެއީ، ކަމަކުން ރައްކާތެރިވާން ބޭނުންވެއްޖެނަމަ، އެންމެ ފުރަތަމަ ހޯދަންޖެހޭނީ، އެކަމެއް މެދުވެރިވާ ސަބަބުތައް. ނުވަތަ އެކަމެއް ވާރުތަކޮށްދޭ ސަބަބުތައް. އެ ސަބަބުތައް އެނގިއްޖެނަމަ، އެ ސަބަބުތަކުން ރައްކާތެރިވުމުން، އެކަމަކުން ރައްކާތެރިވެވޭނެކަން ކަށަވަރު. އެގޮތުން ބަލާއިރު، އެއިޑްސް ބަލިން ދިފާޢުވުމަކީ ނުވަތަ ރައްކާތެރިވުމަކީ، މާ ދަތިކަމެކޭ ދެންނެވޭކަށް ނެތް.
އާދެ، އަޅުގަނޑުމެންނަށް މި ބަލި ވާރުތަކޮށްދޭ ސަބަބުތައް، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ހުރިހާ ބޭފުޅުންގެ ވާހަކަފުޅުން ދެންމެވެސް އަޅުގަނޑުމެންނަށް އެނގިގެން ހިނގައްޖެ. އާދެ، އެ ބައްޔާ ބެހޭގޮތުން ޑޮކްޓަރ ޕައުލޯ ހާރޓްމަން ދެއްކެވި ވާހަކަފުޅާއި، މިސްޓަރ މުޙައްމަދު ފަރާޝުއްދީން ދެއްކެވި ވާހަކަފުޅާއި އަދި ޑޮކްޓަރ ޢަބްދުއްސައްތާރު ޔޫސުފް ދެއްކެވި ވާހަކަފުޅުން އަޅުގަނޑުމެންނަށް މި ބަލި ޖެހޭގޮތްތައް އޮޅުންފިލައިފި. އެ ގޮތްތައް އޮޅުންފިލައިފި ކަމަށްވަންޏާ، ދެން އަޅުގަނޑުމެންގެ ކުރިމައްޗަށް އަންނަ ސުވާލަކީ، އެ ސަބަބުތަކުން ރައްކާތެރިވާނީ ކިހިނެއްތޯ؟ އެ ސުވާލު. އާދެ، އެ ބޭފުޅުން ވިދާޅުވިގޮތުގައި، މި ބަލިޖެހޭ މީހުންގެ ސަތޭކައަކުން ހަތްދިހަ ފަހެއް ނުވަތަ އަށްޑިހަ މީހުންނަށް މި ބަލިޖެހެނީ، އަންހެނަކާއި ފިރިހެނަކާ ދޭތެރޭގައި އެ ހިނގާ ގުޅުމުގެ ސަބަބުން. އެއަށްވުރެ މަދު ޢަދަދަކަށް ޖެހެނީ، ލޭ އެޅުމުން ނުވަތަ އެ ބަލި ޖެހިފައިވާ އަންހެނަކު ވިހެއުމުން، އޭނާގެ ދަރިންނަށް އެ ބަލި ވާރުތަވާ ވާރުތަވުމުން. އެ ބޭފުޅުން ވިދާޅުވާގޮތުގައި، އެއިޑްސްބަލި ވާރުތަވާ އޮތީ މި ތިން ގޮތް. އާދެ، މީގެ އިތުރުން، ޖިންސީ ގުޅުމުގެ ދާއިރާއަށް ވިސްނާލާއިރު، ނަހަމަގޮތުގައި ހިންގޭ އެއްޖިންސުގެ ގުޅުންވެސް އެއީ، މި ބައްޔަށް ވާރުތަކޮށްދޭ ސަބަބެއް ކަމުގައިވޭ.
މި ކަންތައްތަކާ ދޭތެރޭގައި ވިސްނާއިރު، އަޅުގަނޑު ހިތުން ސަލާމަތް ބުއްދިހުރި ކޮންމެ މީހަކުވެސް ބުނާނެ، މި ކަންތައްތަކުން ރައްކާތެރިވުމުން، އަޅުގަނޑުމެންނަށް އޮންނާނީ އެއިޑްސް ބަލިން ރައްކާތެރިވެވިފައޭ. އަޅުގަނޑު ހިތުން އެ ނުކުތާއާ ދޭތެރޭގައި، ދެ މީހަކު ދެބަހެއްނުވާނެ. އެހެންނަމަވެސް، މައްސަލައަކީ، އެ ކަންތައްތަކުން ރައްކާތެރިވުން އެއީ، މާ ފަސޭހަ ކަމަކަށް ނުވާކަން. ޚާއްޞަކޮށް، ބައެއް މީހުންގެ ދިރިއުޅުމުގެ ކަންތައްތައް ހުންނަ ގޮތުން، މި ބަލިޖެހެން މެދުވެރިވާ ސަބަބުތަކުން އެ މީހުންނަށް އޮންނަނީ ރައްކާތެރި ނުވެވިފައި. އެހެން އެކަން އޮތް ނަމަވެސް، އަޅުގަނޑަށް ހީވަނީ ސަލާމަތް ބުއްދި ލިބިގެންވާ ބައެއްގެ ޙައިޘިއްޔަތުން އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭނީ، އެ މީސްމީހުންނަށް އެ ދިރިއުޅެވޭ ގޮތުގެ ހުރި ނުރައްކާތެރިކަން އަންގައިދިނުމުންހެން. އާދެ، އެހެން ޢިބާރާތަކުން ދަންނަވަންޏާ، ހޭލުންތެރިކަން އިތުރުކުރުން ނޫން ކަނޑައެޅިގެން މި ބަލިން ރައްކާތެރިވެވޭނެ އެހެން ގޮތެއް އޮތްކަމާމެދު އަޅުގަނޑަށް ޝައްކުކުރެވޭ.
އާދެ، ހޭލުންތެރިކަން އުފެއްދުމަށް ވަރަށް ގިނަ ވަސީލަތްތަކެއް ބޭނުންކުރެވިދާނެ. އަޅުގަނޑުމެންނަށްވެސް އެފަދަ ކިތަންމެ ވަސީލަތެއް ވަނީ ލިބިފައި. އަޅުގަނޑުމެންނަށް ރޭޑިޔޯގެ ޛަރީޢަތް ބޭނުންކުރެވިދާނެ. ޓެލެވިޜަން ބޭނުންކުރެވިދާނެ. ނޫސްތައް ބޭނުންކުރެވިދާނެ. މިގޮތުން، އަޅުގަނޑުމެން ލިޔެ ޝާއިޢުކުރާ ލުއިފޮތްތައް ކަހަލަ ލިޔުންތައް ބޭނުންކުރެވިދާނެ. މަދަރުސާ ބޭނުންކުރެވިދާނެ. މިސްކިތް ބޭނުންކުރެވިދާނެ. އަމިއްލަ ޖަމާޢަތްތައް ބޭނުންކުރެވިދާނެ. މިހެންގޮސް މަޢުލޫމާތު ދިނުމާއި، އިރުޝާދު ދިނުމުގެ ހުރިހާ ވަސީލަތެއް އަޅުގަނޑުމެންނަށް ބޭނުންކުރެވިދާނެ. ބޭނުމަކީ، އެއިޑްސް ބަލީގެ ނުރައްކާތެރިކަމާއި، އެ ޖެހެނީ ކިހިނެއްވެގެންކަމާއި، އެއިން ރައްކާތެރިވާން އެޅެންހުރީ ކޮންކޮން ފިޔަވަޅެއްކަމާއި، މި ކަންތައްތައް މީހުންނަށް ފިލުވައިދިނުން. އެކަމާ ބެހޭގޮތުން މީހުންގެ ހޭލުންތެރިކަން އިތުރުކޮށްދިނުން. އަޅުގަނޑު ހިތުން އެއްވެސް މީހަކަށް މި ބަލީގެ ނުރައްކާތެރިކަމާއި އަދި ޖެހެނީ މިވެނި ގޮތަކުންކަން ޔަޤީންވާ ހިސާބަށް މަޢުލޫމާތު ލިބިއްޖިއްޔާ، އެ މީހަކު އެ ބަލިން ރައްކާތެރިވުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް، އެމީހަކު އަމިއްލައަށްވެސް އަޅާނެ.
އާދެ، އެހެންވީމާ، އެ ރޮނގުން މަސައްކަތް ކުރުމަކީ، އަޅުގަނޑު ހިތުން އަޅުގަނޑުމެން އެންމެ މުހިންމު ސަމާލުކަން ދޭންޖެހޭނެ ކަންތައް. އެހެން މި ދެންނެވީ، އެހެން ބަލިބަލިން ދިފާޢުވުމަށްޓަކައިވެސް އަޅުގަނޑުމެން ޢަމަލުކުރާގޮތަކީ އެއީ ކަމަށްވާތީ. މިސާލަކަށް، ބޭރަށް ހިންގުމުން ރައްކާތެރިވާން އަޅުގަނޑުމެން މި ނަޞޭޙަތް ދެނީ، ސާފު ބޯފެން ބޭނުންކުރުމަށް. ރައްކާތެރި ކާނާ ކެއުމަށް އަޅުގަނޑުމެން ބުނަނީ. ކެއްކިފެން، ނޫނީ ބޭސްއެޅިފެން ނޫން އެހެން ފެނެއް ބޭނުންނުކުރާށޭ. ސާފުތާހިރުކޮށް ހުންނަ ކާނާ ފިޔަވައި، އެހެން ކާނާއެއް ނުކާށޭ. އަޅުގަނޑުމެން ނުބުނަމު، ސާފުނޫން ފެންބޯށޭ. ސާފުނޫން ކާބޯތަކެތި ކާށޭ. އެއަށްފަހުގައި، އެ ޖެހޭ ބަލިން ރައްކާތެރިވުމަށް އެހެން ފިޔަވަޅުތަކެއް އަޅާށެކޭ. އެހެނެއް އަޅުގަނޑުމެން ބުނަމަކުން ނުގެންދަމު.
އެހެންވީމާ، މި މައްސަލައިގައިވެސް އަޅުގަނޑަށް ހީވަނީ އެންމެ ބޮޑު ކަމަކަށްވާނީ، އަޅުގަނޑުމެން މީހުންނަށް އޮޅުންފިލުވައިދިނުންހެން، ކޮބައިކަން މީގެ ސަބަބަކީ. އެއީ، ވަކިގޮތަކަށް ދިރިއުޅުމުގެ ގުޅުންތައް ބެހެއްޓޭތީކަން އެބަ އެނގޭ، މި ބަލި ވާރުތަވަނީ. އެންމެ ފަސޭހަގޮތަކީ، އެ ގުޅުންތައް އެގޮތަށް ނުބެހެއްޓުން. އެއީ، އެއްގޮތަކަށްވެސް އަޅުގަނޑު ހިތުން ދަތިކަމެއްނޫން. ދަތިވަނީ އެކަން އަޅުގަނޑުމެން އަމިއްލައަށް ދަތިކުރީމާ. އެފަދަ ގުޅުންތައް ބަހައްޓަން ބޭނުންނުވާ މީހަކަށް މަޖުބޫރެއް ނޫން، އެގޮތަކަށް އެ ގުޅުންތައް ބަހައްޓާކަށެއް. ނުވަތަ އޭގެ ސަބަބުން އެމީހަކަށް ލިބޭ ނުރައްކާތެރިކަން އިޙްސާސްވާ މީހަކު، ރަނގަޅަށް އެކަން ޤަބޫލުކުރާ މީހަކު އެފަދަ ގުޅުންތަކެއް ނުބަހައްޓާނެ. އެހެންވީމާ، އަޅުގަނޑަށް އަބަދުވެސް ދެންނެވެން އޮތީ، އަޅުގަނޑު ދެކޭގޮތުގައި، މި ބަލިން ރައްކާތެރިވުމަށްވެސް އަދި އެހެން ބަލިބަލިން ރައްކާތެރިވުމަށްވެސް އޮތީ އެ ބަލި ވާރުތަކުރާ ސަބަބުން ދުރުހެލިވުމޭ. އެޔޭ އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ ކަމަކީ. އެނޫން ކަންތައްތަކަކީ، އެއަށްވުރެ އަހަންމިއްޔަތުގެ ގޮތުން ބަލާއިރު ކުޑަ ކަންތައްތަކެއް.
އާދެ، އެއިޑްސް ބަލީގެ މައްސަލައަކީ ހަމައެކަނި ޞިއްޙީ މައްސަލައެއް ނޫން. އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުން ވިދާޅުވިހެން އެއީ، އިޖްތިމާޢީ މައްސަލައެއް. އާދެ، މުޖްތަމަޢުގައި ދިރިއުޅުމުގެ ކަންތައްތައް ހުންނަ ގޮތުގެ މައްޗަށް ބިނާވެފައިވާ ބައްޔެއް އެއީ. އަޅުގަނޑުމެންގެ އިޖްތިމާޢީ ގުޅުންތައް ނުވަތަ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ނިޒާމު ނުވަތަ ލައިފް ސްޓައިލް ހަމަޖެހިފައިވާ ގޮތެއްގެ މައްޗަށް ބިނާވެފައި އޮންނަ ކަމެއް. އެހެންވީމާ، އެއީ އިޖްތިމާޢީ ގޮތުން ވަރަށް ބޮޑު މައްސަލައެއް. އެއީ، އިޤްތިޞާދީ މައްސަލައެއްވެސްމެ. އާދެ، އެއީ، މި ބަލި އެންމެ ބޮޑަށް ޖެހެނީ ޒުވާނުންނަށް ކަމަށްވާއިރު، ޒުވާނުންނަކީ ކޮންމެ ޤައުމެއްގައިވެސް އުފެއްދުންތެރިކަމުގެ ދާއިރާގައި އެންމެ ބޮޑަށް ޙަރަކާތްތެރިވާ މީހުން. އެހެންކަމުން، އެބައިމީހުންނަކީ، މި ބަލި ޖެހިފައިވާ ބަޔަކު ކަމުގައި ވެއްޖެނަމަ ނުވަތަ މި ބަލީގެ ސަބަބުން މަރުވެގެންދާ ބަޔަކު ކަމުގައި ވެއްޖެނަމަ، އެބައެއްގެ އިޤްތިޞާދަށް ވަރަށްބޮޑު އުނިކަމެއް ނައިހެއްނުދާނެ. ހަމައެފަދައިން، މި ބައްޔަކީ ބައިނަލްއަޤްވާމީ މައްސަލައެއް. މި ބައްޔަކީ މުޅި ދުނިޔޭގައި ފެތުރިގެންދާ ބައްޔެއް. އަދި މިހާރު އަޅުގަނޑުމެންނަށް އިވެމުންމިދާ ގޮތުގައި، އަޅުގަނޑުމެންގެ މި ސަރަޙައްދުގެ ޤައުމުތަކުގައި، އެންމެ ހަލުވިކަމާއެކު މިހާރު މި ބަލި ފެތުރެމުންދަނީ. އެއީ، ސަރަޙައްދީ މައްސަލައެއް، ބައިނަލްއަޤްވާމީ މައްސަލައެއް، އަދި އޭގެ އިތުރުން، އެއީ ދީނީ މައްސަލައެކޭވެސް ދަންނަވަން އެބަޖެހޭ.
އާދެ، ދީނީ މައްސަލައެކޭ މި ދަންނަވަނީ، ހަމައެކަނި މި ބައްޔަކީ އިސްލާމްދީނުގައިވާ ގޮތާ ތަފާތުގޮތަކަށް މީހުން އުޅުމުން ޖެހޭ ބައްޔަކަށްވުމުގެ އިތުރަށް، އެހެން ދީންތަކުގައިވާ ގޮތާވެސް ޚިލާފަށް އުޅުމުން ދިމާވާ ބައްޔަކަށްވާތީ. އެހެން މި ދެންނެވީ، އެ އޮންނަ ޤާނޫނީ ޝަރުޢީ ދާއިރާއިން ބޭރުގައި އެފަދަ ގުޅުންތައް ހިންގުމަކީ އެއްވެސް ދީނެއްގައި ހުއްދަ ކަމެއް ނޫން. އަޅުގަނޑުވެސް އެއްބަސް، އަޅުގަނޑުމެންގެ ތެރޭގައި ކަންތައްތައް ހުރީކީ އެހެނެއްނޫންކަން. އާދެ، ޙަޤީޤަތް ޤަބޫލުވެސްކުރަންޖެހޭނެ. އެހެންނަމަވެސް، ޙަޤީޤަތް ޤަބޫލުކޮށްގެން ނަމަވެސް، ކަމެއް ހަމައަކަށް އެޅުވުމަށްޓަކައި ކަންތައް ކުރަންޖެހޭނީވެސް ވަކި އުޞޫލަކުން، ވަކި ހަމައަކުން. އެއްކަމެއް ހަމައަކަށް އެޅުވުމަށްޓަކައި، އެހެން ކަމެއް ހަމައިން ނެއްޓިގެންދާ ގޮތަކަށް ކުރުމަކީ، އަޅުގަނޑު ހިތުން ހަމަޖެހޭ ކަމެއްނޫން. އަޅުގަނޑުމެން ކުރާ ކަމެއްގެ ސަބަބުން، އަޅުގަނޑުމެން ބޭނުންނުވާ ކަހަލަ ކަންތައްތަކަކަށް މަގުފަހިވާގޮތަށް، އެއީ، ހުއްދަ ކަމެކޭ މީހުންނަށް ހީވާގޮތަށް ކަމެއް ކުރުމަކީވެސް، އެއްކަމަކުން އަޅުގަނޑުމެން ސަލާމަތްވުމަށްޓަކައި، އެފަދަ ނުބައި އެހެން ކަމަކަށް މަގުފަހިކޮށްދޭ ކަމަކަށްވެސް ވެދާނެ. މިހިރީ އަޅުގަނޑުމެން ވިސްނަންޖެހޭ ނުކުތާތައް.
އެހެންވީމާ، އަޅުގަނޑުމެންނަކީ އިސްލާމީ ޤައުމަކަށް ވެފައި، އަޅުގަނޑުމެންގެ ދީނުގައި ހުއްދަވާ ކަންތައްތަކަކާއި، ހުއްދަނުވާ ކަންތައްތަކެއް ކަނޑައެޅި ސާފުވެ ބަޔާންވެގެންވާ ހިނދު، އެ ކަންތައްތަކަށް ޙުރްމަތްތެރިކޮށްހިތުމަކީ، އަޅުގަނޑުމެންގެ ވާޖިބަކަށް ނުވެއެއްނުދާނެ. އެ ނުކުތާ އަޅުގަނޑު ހިތުން އަޅުގަނޑުމެން އެންމެންވެސް ފާހަގަކުރަންޖެހޭނެ. އަދި ޤަބޫލުވެސްކުރަންޖެހޭނެ.
އާދެ، އަޅުގަނޑުމެންގެ ރާއްޖޭގައި ކަންތައްތައް ވަމުންދާގޮތާއި، އަދި ވާނެގޮތާއި، ދުނިޔޭގެ އެހެން ތަންތާނގައި ކަންތައްވަމުންދާ ގޮތާއި، ވާނެގޮތާވެސް ތަފާތު. އެހެން މި ދެންނެވީ، ބައްޔަކީ އެއް ވައްތަރެއްގެ ބައްޔެއް ކަމުގައިވިޔަސް، އެއްކަހަލަ ޖަރާސީމަކުން ޖެހޭ ބައްޔެއް ކަމުގައިވިޔަސް، އަޅުގަނޑުމެންގެ ދިރިއުޅުން ހުންނަގޮތާއި، އެހެން ތަންތާނގެ ދިރިއުޅުން ހުންނަގޮތާވެސް ތަފާތު. އަޅުގަނޑުމެން ހުއްދަކުރާ ކަންތައްތަކާއި، އެހެން ތަންތާނގެ މީހުން ހުއްދަކުރާ ކަންތައްތަކާވެސް ތަފާތު. އެހެންވީމާ، ދުނިޔޭގެ ވަކި މިވެނި ތަނެއްގައި ޢަމަލުކުރަނީ މިވެނި ގޮތަކަށޭ ކިޔާފައި، އަޅުގަނޑުމެން ކޮންމެހެން އެއަށް ޢަމަލުކުރުން ލާޒިމެއްނޫން. އެނޫންގޮތަކުންވެސް އަޅުގަނޑުމެންނަށް އެ ނުރައްކަލުން ސަލަމަތްވެވޭނެ ގޮތެއް އޮވެއްޖެނަމަ، އެގޮތަކަށް ޢަމަލުކުރުމުން އަޅުގަނޑުމެންނަށް ރައްކާތެރިކަން ލިބޭނެ. އެއީ، އަޅުގަނޑުމެންގެ އެހެނިހެން ކަންތައްތަކާ ފުށުނާރާ ގޮތެއްގެ މަތިން، ތަޢާރުޟްނުވާ ގޮތެއްގެ މަތިން އެކަން ކުރުމުން.
ކޮންމެއަކަސް، އަޅުގަނޑުމެންގެ ރާއްޖެއަށްވެސް މި ބަލީގެ ޖަރާސީމު މިއޮތީ އައިސްފައި. އަދި އެ އައުމުގެ ކުރިންވެސް، ރާއްޖޭގައިވެސް މި ބަލިން ރައްކާތެރިވެ، ދިފާޢުވުމުގެ ފިޔަވަޅުތައް އަޅުގަނޑުމެން އަޅަން ފަށައިފީމު. އާދެ، ތިޔަބޭފުޅުންނަށްވެސް ދެންމެ އިވިވަޑައިގެން އެދިޔަ ފަދައިން، އެއިޑްސްއާ ބެހޭ ޤައުމީ ކޮމިޓީއެއް، 1987 ވަނަ އަހަރު ވަނީ އުފެއްދިފައި. އަދި އެއިޑްސްއާ ބެހޭ ކުރު މުއްދަތުގެ ޕްލޭނެއް، 1988 ވަނަ އަހަރު ތައްޔާރުކުރެވި، އޭރުއްސުރެ ފެށިގެން އެ ޕްލޭނަށް ޢަމަލުކުރެވެމުން މިހާރު މިދަނީ. އޭގެ ދަށުން ކުރެވެމުންދާ ކަންތައްތަކުގެ ވާހަކަވެސް ތިޔަބޭފުޅުން އައްސަވައިފީމު.
އާދެ، މި ޖަލްސާ ތަޢާރުފް ކުރައްވަމުން ވާހަކަފުޅު ދެއްކެވި ބޭފުޅަކު ވިދާޅުވި ފަދައިން، އެ ކަންތައްތައް ކުރުމަކުން އަޅުގަނޑުމެންނަށް އަދި މި ބަލިން ރައްކާތެރިވެވުނީކީ ނޫން. އަދި އެހިސާބަށް ދެވެން ކައިރިވެސްނުވޭ. އަޅުގަނޑުވެސް ޤަބޫލުކުރަން، އެއީ ތެދުފުޅެއްކަން. އެހެންވީމާ، މިހާރު އަޅުގަނޑުމެންގެ މަސްއޫލިއްޔަތަކަށް ވާން މި ޖެހެނީ، މިހާރުއްސުރެ ފެށިގެން އަޅުގަނޑުމެން މި ހިންގާ ޕްރޮގްރާމްތައް ކުރިއަށްވުރެ ހަރުދަނާކޮށް، އެ ޕްރޮގްރާމްތަކުގެ ފައިދާ ޢާންމު ރައްޔިތުންނަށް ވާޞިލްވާނެ ގޮތެއްގެ މަތިން ޢަމަލުކުރަމުން ގެންދިޔުން.
އާދެ، މިހާރުވެސް ރޭޑިޔޯއިންވެސް އެއިޑްސްއާ ބެހޭ ޕްރޮގްރާމެއް ފޮނުއްވާ. އަދި ދޭތެރެދޭތެރެއިން ޓީ.ވީ.އިންވެސް އޭގެ ޕްރޮގްރާމްތައް ފެނޭ. ލުއިފޮތްތައް ތައްޔާރުކުރައްވާ. އެހެންނަމަވެސް، އަޅުގަނޑު ހިތުން އަޅުގަނޑުމެން ބޭނުންވާ ހިސާބަކަށް އެކަމެއް ނުކުރެވޭ. މިހާރު އަޅުގަނޑުމެންގެ ހޭލުންތެރިކަން އުފެއްދުމަށާއި، މީހުންނަށް އެއިޑްސް ބައްޔަކީ ކޮބައިކަމާއި، އެ ޖެހެނީ ކިހިނެއްކަމާއި، އެއިން ރައްކާތެރިވެވޭނީ ކިހިނެއްކަމާއި، މި ކަންތައްތައް އޮޅުންފިލުވައިދިނުމަށް ކުރަންވީ މަސައްކަތެއް އަދި ނުކުރެވޭ. އަދި އެ ކުރަންވީ މަސައްކަތް އޮތީ ކުރިއަށް. އެ މަސައްކަތުގައި އަޅުގަނޑުމެން އެންމެންވެސް ޝާމިލްވާންޖެހޭ. އެއީ، ސަރުކާރުގެ ވަކި ފަރާތަކުން އެކަނި ކުރައްވަން އޮތް ކަމެއްނޫން. އަދި ހަމައެކަނި ސަރުކާރުން އެކަނި ކުރަން އޮތް ކަމެއްވެސް ނޫން. ސަރުކާރުގެ ކަމާބެހޭ ހުރިހާ ދާއިރާތަކާއި، އަމިއްލަ ފަރާތްތަކާއި، އަމިއްލަ ޖަމާޢަތްތަކާއި، އަމިއްލަ މީސްމީހުންނާއި، ހުރިހާ އެންމެން ބައިވެރިވެގެން، މި ބަލިން އަޅުގަނޑުމެންނަށް ރައްކާތެރިވެވޭނީ. މި ބަލިން ރައްކާތެރިވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނީ.
އެހެންވީމާ، އަޅުގަނޑުގެ އިލްތިމާސަކީ، އެކަމުގައި ސަރުކާރުގެ ހުރިހާ ފަރާތްތައްވެސް އެއްބާރުލެއްވުން. އަދި ސަރުކާރާއި، އަމިއްލަ ފަރާތްތަކާއި، އަމިއްލަ ޖަމާޢަތްތަކާއި އަދި މިކަހަލަ ކަމެއްގައި ޙަރަކާތްތެރިވާ އެންމެންނަށް އަދި ވަކިން ޚާއްޞަކޮށް، ޞިއްޙީ ދާއިރާގެ ޚިދުމަތްތެރިން، މި އެންމެން އެއްބާރުލައިގެން، މަސައްކަތްކޮށްގެން، ޢާންމުންނަށް މިކަން ރަނގަޅަށް އޮޅުންފިލުވައިދީ، މިކަމުގެ ޙަޤީޤަތް ސާފުކޮށް ކިޔައިދީ، އެމީހުންގެ ޢަމަލުތަކާއި އުޅުންތައް، މި ބަލިން ރައްކާތެރިވެވޭނެ މަގަށް އަޅުވައިގެން، އަޅުގަނޑުމެންނަށް މީގައި އެއްވެސް ކަހަލަ ކާމިޔާބީއަކާ ހަމައަށް ދެވޭނީ. އާދެ، އަޅުގަނޑުގެ އެދުމަކީވެސް އެއީ. އަޅުގަނޑުގެ އިލްތިމާސަކީވެސް އެއީ.
އާދެ، ކުރިންވެސް ދެންނެވިފަދައިން، އަޅުގަނޑު މި ވާހަކަ މި ދެންނެވީ، މި މައްސަލައަކީ ޞިއްޙީ މައްސަލައަކަށް އެކަނި ނުވާތީ. އެއީ، ހަމައެކަނި ޞިއްޙީ މައްސަލައެއްނަމަ، އަޅުގަނޑު އެކަމާ ބެހޭގޮތުން ވާހަކައެއް ނުދެއްކީމުސް. އެއީ، އަޅުގަނޑު މިއީ ޞީއްޙީ ދާއިރާގެ މީހަކަށް ނުވާތީ. އެކަމުގެ ތަޖުރިބާވެސް، މަޢުލޫމާތުވެސް ލިބިފައިވާ މީހަކަށް ނުވާތީ. އެހެނެއްނޫން، މިއީ ޤައުމީ މައްސަލައެއް. ޤައުމީ މައްސަލައަކަށްވާތީ، އަޅުގަނޑު މިހާރު މިހުރި މަޤާމުގެ ގޮތުން އެއްޗެއް ދަންނަވަންޖެހޭ. ހަމައެފަދައިން، އެއީ އިޖްތިމާޢީ، އިޤްތިޞާދީ އަދި ދީނީ މައްސަލައަކަށްވެސްވާތީ، އެ ރޮނގުރޮނގުންވެސް އަޅުގަނޑަށް އެއްޗެއް ދަންނަވަން އެބަ މަޖުބޫރުވޭ. އެހެންކަމާއެކީގައި އަޅުގަނޑުގެ ވާހަކަކޮޅު މިގޮތަށް މިދެއްކީ.
އާދެ، އަޅުގަނޑުގެ ދުޢާއަކީ، اللّـه سبحـانـه وتعـالى އަޅުގަނޑުމެން އެންމެންނަކީ، މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތު ލިބިގެންވާ، އެ ދީނުގެ އުޞޫލުތަކުގައި ހިފަހައްޓާ ބަޔަކު ކަމުގައި ލެއްވުން. އަދި އަޅުގަނޑުމެންގެ ތެރެއަށް އެއްވެސް ނުރައްކާތެރި ވަބާއެއް، ބަލިމަޑުކަމެއް ނުފޮނުއްވުން. އަދި އަޅުގަނޑުމެންނަކީ، ޞިއްޙަތު ސަލާމަތުން ތިބެގެން، އަޅުގަނޑުމެންގެ ދީނާއި ޤައުމުގެ ދިފާޢުގައި އަދި ހުރިހާ ގޮތަކުންވެސް ކުރިއަށްދިޔުމުގެ މަގުގައި މަސައްކަތްކުރާ ބަޔަކު ކަމުގައި ލެއްވުން.
والسّلام عليكم ورحمـة اللّـه وبركاته.