بســم اللّـه الرّحمـن الرّحيــم
الحمـد لِلّـه ربّ العَـالَمِـين، والصّـلاة والسّلام علـى خاتم الأنبياء والمرسلين، وعلـى آلـه وصحبـه أجمـعـين.
އާދެ، ދެންމެ މިއަތޮޅުގެ އަތޮޅުއޮފީސް ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވި އަލްފާޟިލް މުޙަންމަދު މޫސާ އެ ވިދާޅުވިފަދައިން، މިއީ މިދަތުރުގައި އަޅުގަނޑުމެންނަށް ޒިޔާރަތް ކުރެވޭ 15 ވަނަ ރަށް. ދެން އޮތީ އުތީމު. އޭރުން މިފަހަރުގެ މިދަތުރު، ﷲގެ ރަޙްމަތްފުޅާއެކު މިނިމުނީ.
މިއަތޮޅުގެ މީހުން އުޅޭ ރަށްރަށަށް އަޅުގަނޑު މިކުރާ ދަތުރަކީ، މި ރަށްރަށުގައި މީހުން ދިރިއުޅޭގޮތާއި، އެމީހުންނަށް ދިމާވާ ދަތިތަކަކީ ކޮބައިތޯއާއި، މި ކަންތައްތައް ބަލައިލުމަށް ކުރާ ދަތުރެއް. ރާއްޖެތެރޭގެ ރައްޔިތުންގެ ޙާލުއަޙުވާލު ބެލުމަކީ، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަ މީހަކު ކުރަންޖެހޭނެ ކަމެއް ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭތީ، ވަރަށް ކުރިއްސުރެ ފަށައިގެން، އަޅުގަނޑު ރާއްޖެތެރެއަށް މިގެންދަނީ ދަތުރުކުރަމުން. މި ވޭތުވެދިޔަ 13 އަހަރު ދުވަހުގެ ތެރޭގައި، އަޅުގަނޑުގެ މަސައްކަތްތައް ތަންދިން އެންމެ ގިނައެއްކޮށް އަޅުގަނޑު ވާނީ ރާއްޖެތެރެއަށް ދަތުރުކޮށްފައި. އަދި ފުރަތަމަ 4 އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގައި މީހުންއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރުމުގެ އުފާ، ﷲގެ ވާގިފުޅާއެކު އަޅުގަނޑަށް ވަނީ ޙާޞިލްވެފައި. އޭގެފަހުންވެސް ބައެއް ދަތުރުތައް އަޅުގަނޑު ކުރިން. އާދެ، އެއީ އެކިއެކި މަސައްކަތްތައް ހިނގާ ރަށްތަކަށް. އަދި އެކިފަހަރު އެކި މުނާސަބަތާ ގުޅިގެން. އެގޮތުން، އެއްފަހަރަށްވުރެ ގިނަފަހަރު އަޅުގަނޑު ދަތުރުކޮށްފައިވާ ރަށްރަށް މިހާރު ވަރަށް ގިނަވާނެ. އެހެންނަމަވެސް، ހިތާމަޔާއެކު ދަންނަވަންޖެހެނީ، އަޅުގަނޑަށް މާރަންދުއަށް އާދެވިފައި ވަނީ، މީގެކުރިން އެންމެފަހަރަކުއޭ. އެއީ، 1979 ވަނަ އަހަރުގެ މާޗް މަހުގެ 4 ވަނަ ދުވަހު. އެ ދަތުރު އަޅުގަނޑު ކުރީ، ރާއްޖެތެރެއަށް ކުރާ އެންމެ ފުރަތަމަ ދަތުރުގެ ބައެއްގެ ގޮތުން، މިއަތޮޅަށް ކުރި ދަތުރުގައި.
އާދެ، މިއަދު އަޅުގަނޑު މިރަށަށް އައުމުން، އަޅުގަނޑަށް ފެނިގެންދިޔައީ، ވަރަށްވެސް އުފާވެރި މަންޒަރުތަކެއް. އާދެ، އެއީ މިރަށުގެ ރައްޔިތުންނާއި، ވެރިންނާއި، ކޮމިޓީތަކުގެ މެންބަރުންނާއި، ޢާންމު ރައްޔިތުންނާއި، ކިޔަވާކުދިންނާއި، މި ހުރިހާ ފަރާތްތަކަކުން ސަރުކާރާ ދޭތެރޭގައި ބަހައްޓާ އިޚްލާޞްތެރިކަން. އާދެ، އެ އިޚްލާޞްތެރިކަން ތަރުޖަމާވެގެން ގޮސްފައި ވަނީ، މުޅި ރަށުތެރެ ޒީނަތްތެރި ކުރެއްވުމާއި، މި ދަތުރަށްޓަކައި ރަށުތެރެ ތައްޔާރުކުރައްވާފައިވާ ފުރިހަމަކަން ދައްކައިދޭ ގޮތަކަށް. ހަމައެއާއެކުގައި، މަރްޙަބާގެ ޢިބާރާތްތައް ބަހައްޓަވާފައި ހުރުމާއި، އަދި އެނޫން ގޮތްގޮތުންވެސް ރަށުގެ ކަންތައްތައް ސާފުތާހިރުކުރައްވައި، ފުރިހަމަކުރައްވާފައިވާ މަންޒަރުތައް.
އާދެ، އެކަންތައްތައް މިރަށުގެ ރައްޔިތުން ކުރައްވާފައި އެވަނީ، މިރަށުގެ ރައްޔިތުންގެ ހިތުގައި ސަރުކާރާ ދޭތެރޭގައި އޮންނަ ގާތް ގުޅުމެއްގެ ސަބަބުން ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭތީ، މިރަށުގެ ހުރިހާ އެންމެންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރަން. އަޅުގަނޑުގެ މި ޝުކުރުގައި، ވެރިކަމުގެ ދާއިރާގައި އުޅުއްވާ ބޭފުޅުންނާއި، ކޯޓުގެ ދާއިރާގައި އުޅުއްވާ ބޭފުޅުންނާއި، އަދި ރަށް ކުރިއަރުވާ ކޮމިޓީގެ މެންބަރުންނާއި، އަންހެނުންގެ ކޮމިޓީގެ މެންބަރުންނާއި، ޢާންމު ރައްޔިތުންގެ އެންމެންނާއި، އަދި މަކްތަބުގެ ދަރިވަރުން ހިމަނަން.
އާދެ، ތިޔަބޭފުޅުންވެސް ހަނދުމަފުޅު ހުންނާނެ ފަދައިން، ނުވަތަ ތިޔައިގެތެރެއިން ބައެއް ބޭފުޅުން ހަނދުމަފުޅު ހުންނާނެ ފަދައިން، އަޅުގަނޑު މިރަށަށް ކުރިން އައި ދަތުރުގައި، ރަށަށް ދިމާވެފައިވާ ދަތިތަކުގެ ވާހަކައިން ސުވާލުކުރުމުން، ރައްޔިތުންގެ ފަރާތުން ބައެއް ވާހަކަ ވަނީ، އަޅުގަނޑުގެ ގާތުގައި ވެރިން ވިދާޅުވެފައި. އޭގެތެރެއިން އެއް ވާހަކައަކަށް ވިދާޅުވީ، މިރަށުގައި އިންޖީނު ދޯންޏެއް ނެތް ވާހަކަ. އާދެ، މިހާރު އެކަން އަޅުގަނޑު ހިތުން އޮތީ އެހެން ގޮތަކަށް. އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މިހާރު އިންޖީނުލީ 4 ދޯނި މި ރަށުގައި އެބަހުރި. ދެން އަނެއް ވާހަކައަކަށް ވިދާޅުވީ، ވިޔަފާރިކުރާ ތަނެއް ނެތިގެން ދަތިވާ ވާހަކަ. ވިޔަފާރިކުރާ ތަނެއް މިރަށުގައި މިހާރު އެބަހުރި. ތިންވަނަ ކަމަކަށް، ރަށުގެ ވެރިން ފާހަގަކުރެއްވީ، ރަށުގައި ކިޔަވައިދޭނެ ތަނެއް ނެތިގެން ދަތިވާ މައްސަލަ. އާދެ، އޭގެފަހުން ސަރުކާރުން ބޭރުގެ ފަރާތަކާ ގުޅިގެން ކުރި މަސައްކަތެއްގެ ނަތީޖާއެއްގެ ގޮތުން، މިރަށުގެ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުމާ އެކީގައި، މިހާރު ވަނީ މާރަންދޫ މަކްތަބު ޢިމާރާތް ކުރެވިފައި. ނުވަތަ ކުރިންހުރި ޢިމާރާތަށް ބަދަލުތައް ގެނެސް، މަރާމާތުކޮށް، ކިޔަވައިދިނުމަށް އެކަށީގެންވާ ފެންވަރަކަށް ގެނެވިފައި. އާދެ، އެ ޢިމާރާތަކީ އަޅުގަނޑުމެން މިހާރު ޖަލްސާ ކުރަމުންމިދާ ޢިމާރާތް.
އާދެ، މިކަންތައްތައް މިވަނީ ސަރުކާރުގެ ފަރާތުން މިރަށަށް ކޮށްދެވިފައި. އަދި އޭގެއިތުރުންވެސް އެބަހުރި، ބައެއް ކަންތައްތައް ސަރުކާރުން ކޮށްދީފައި، ރާއްޖެތެރެ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން. އޭގެތެރެއިން އެއްކަމަކީ، މިރަށުގެ ރަށުއޮފީހާއި، ރަށުކޯޓާއި، ރަށްވެހިގެ ހިމެނޭގޮތުން ޢިމާރާތެއް ކޮށްދިނުން. އަދި ދާދިފަހުން މިރަށުގެ މިސްކިތް ކުޑަވެގެން، ނަމާދުކުރާ މީހުންނަށް ދަތިވާތީ، ސަރުކާރުން ވަނީ މިސްކިތް ބޮޑުކޮށްދީފައި. މި ކަންތައްތައް މިހެން ކުރުމުގެ ބޭނުމަކީ، ރާއްޖެތެރޭގެ ރައްޔިތުންނަށް ފަސޭހަކޮށްދިނުން. މާރަންދޫގައި މި ކަންތައްތައް މި ކުރެވުނީ، މާރަންދޫގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް ޙައްލުކޮށްދިނުމުގެ ގޮތުން.
އާދެ، މާރަންދުއަކީ ވަރަށް ހީވާގި، މުރާލި ރައްޔިތަކު ދިރިއުޅޭ ރަށެއް. ރަށުގެ އެންމެ މުހިންމު މަސައްކަތަކީ މަސްވެރިކަން. މަސްވެރިކަންކުރާ ދޯނިފަހަރު މިހާރު މި ރަށުގައި ހުރުމާ އެކީގައި، އެ މަސައްކަތް ކުރިއަށްވުރެ ބޮޑަށް ކުރިއަށްގެންދިޔުމުގެ ފުރުޞަތު، އަޅުގަނޑު ހިތުން މިރަށުގެ ރައްޔިތުންނަށް ވަނީ ލިބިފައި. އާދެ، މަސްވެރިކަން ތަރައްޤީކުރުމަކީ، ދިވެހިންގެ ނިސްބަތުގައި އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. ޒަމާނުއްސުރެ އަޅުގަނޑުމެން އެންމެމޮޅަށް ކުރަމުން އަންނަ މަސައްކަތަކީ އެއީ. އަދި އެންމެ ގިނަ ބަޔަކަށް އޭގެ ފައިދާ ލިބޭ މަސައްކަތަކީވެސް މަސްވެރިކަން. އެހެންކަމުން، މަސްވެރިކަމަކީ އަޅުގަނޑުމެންނަށް ދޫކޮށްލެވޭނެ ކަމެއްނޫން. އަޅުގަނޑުމެން ޖެހޭނެ، ވީ އެންމެ ރަނގަޅަކަށް އެކަން ކުރަން. އެކަމުގެ ސަބަބުން އަޅުގަނޑުމެންގެ އަމިއްލަ ރަށްރަށަށް އަދި އަޅުގަނޑުމެންގެ މުޅި ޤައުމަށް އެކުރާ ފައިދާއަކީ، އަޅުގަނޑު ހިތުން ތިޔައިން އެއްވެސް ބޭފުޅަކަށް ވަންހަނާވެގެންވާނެ ފައިދާއެއް ނޫން.
އާދެ، މަސްވެރިކަމުގެ އިތުރަށް، މިރަށުގެ ރައްޔިތުން ކުރައްވާ އެހެން މަސައްކަތްތައްވެސް އެބަހުރި. އަދި މަސްވެރިކަމުގެ ތެރޭގައިވެސް، އާދައިގެ ކަނޑުމަހުގެ މަސްވެރިކަމުގެ އިތުރަށް، މިރަށުގެ ރައްޔިތުން ފަރުމަހުގެ މަސްވެރިކަންވެސް ކުރައްވާ. ވަރަށް ރަނގަޅު ފެންވަރަކަށް އެކަންތައް ގެންދަވާކަމުގެ މަޢުލޫމާތު އަޅުގަނޑަށް ވަނީ ލިބިފައި. އެއީވެސް ހަމަ ވަރަށް މުހިންމު މަސައްކަތެކޭ އަޅުގަނޑަށް ދަންނަވަންޖެހެނީ.
މިރަށުގެ ރައްޔިތުން ކުރައްވާ އަނެއް މަސައްކަތަކީ، ދަނޑުވެރިކަމުގެ މަސައްކަތް. އެ މަސައްކަތަށް މިރަށުގެ ރައްޔިތުން ވަރަށް ޚާއްޞަ އަހަންމިއްޔަތެއް ދެއްވާކަން އަޅުގަނޑަށް ވަނީ އެނގިފައި. އަދި ޚާއްޞަކޮށް، މިރަށުގެ އަންހެނުން އެއީ، ވަރަށް މުރާލިކަމާއި ހީވާގިކަމާ އެކީގައި އެ މަސައްކަތް ކުރިއަށްގެންދާ ބައެއްކަމުގެ މަޢުލޫމާތުވެސް އަޅުގަނޑަށް ވަނީ ލިބިފައި. އާދެ، މީގެ ދެއަހަރު ކުރިން، 1990 ވަނަ އަހަރު، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ ފަރާތުން މިރަށުގައި ނާސަރީއެއްގެ މަސައްކަތް ކުރިއަށް ގެންދެވި. އެ މަސައްކަތަކީ، ތަރުކާރީ މުޑުވައްކުރުމާއި އަދި ފަހުން އެ ގަސްގަސް ޢާންމުންނަށް ދިނުމަށްޓަކައި ކުރެއްވި މަސައްކަތްތަކެއް. އެ މަސައްކަތްތަކުގައިވެސް ވަރަށް ހީވާގިކަމާއެކު، މިރަށުގެ އަންހެނުން ބައިވެރިވި. އަދި މިހާރުވެސް އެ މަސައްކަތް ހިނގަމުންދާ ކަމަށް އަޅުގަނޑަށް އެނގިފައި ވަނީ. އެހެންކަމުން، އެއީ ޢާންމުކޮށް މިރަށުގެ ރައްޔިތުން، ޚާއްޞަކޮށް، މިރަށުގެ އަންހެނުން، ރަށުގެ ތަރައްޤީއަށް ކުރައްވާފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ، ވަރަށްބޮޑު މަސައްކަތެއް ކަމަށް އަޅުގަނޑަށް ފާހަގަކުރެވޭތީ، މިރަށުގެ ޢާންމުކޮށް ރައްޔިތުންނަށް، ޚާއްޞަކޮށް، އަންހެނުންނަށް ޝުކުރާއި ތަހުނިޔާ ދަންނަވަން.
ދަނޑުވެރިކަން ތަރައްޤީކުރުމުގައި، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގެ ފަރާތުން ވަރަށްބޮޑު އަހަންމިއްޔަތެއް ދެއްވާކަންވެސް، މި ފުރުޞަތުގައި އަޅުގަނޑު ދަންނަވާލަން ބޭނުން. އެއީ، ރާއްޖެ އޮންނަގޮތުން، ރާއްޖޭގެ ގިނަ ރަށްރަށުގައި ދަނޑުވެރިކަން ކާމިޔާބުގޮތެއްގައި ކުރުމަކީ، ވަރަށް ދަތިކަމަކަށް އޮންނަނީ ވެފައި. އަޅުގަނޑުމެންގެ ބިންގަނޑު ކުޑަކަމާއި އަދި ބިންގަނޑުގެ ދެރަކަމުންވެސްމެ. އަދި ގިނަ ތަންތާނގައި ފެންވެސް ލޮނުވެފައި، އެކަހަލަ ސަބަބުތައް އެހެން ހުރުމާއެކީގައި، މާ ކާމިޔާބު ގޮތެއްގައި، ރާއްޖޭގެ ގިނަ ރަށްރަށުގައި ދަނޑުވެރިކަމުގެ މަސައްކަތެއް ނުކުރެވޭ. ހަމައެއާއެކީގައި، ގަސްގަހަށްޖެހޭ ބަލިވެސް ރާއްޖޭގައި އެހާގިނައިން އޮންނަނީ ފެތުރިފައި. އެކި ވައްތަރުގެ ކޫޑި ނުވަތަ އެކި ވައްތަރުގެ ބަލި ޖެހިގެން ގަސްގަސް މަރުވެ، އެއިން ލިބެންވާ ފައިދާ އޮންނަނީ ނުލިބިފައި. ކޮންމެއަކަސް، މި ކަންތައްތައް މިހެން ހުރުމާއެކީގައި، އެ މިނިސްޓްރީން ވަރަށް ޚާއްޞަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ. ކުރިންވެސް ކުރައްވާ. އަދި މިހާރު ވަރަށް ހަލުވިކަމާއެކު އެ މަސައްކަތް ކުރައްވަމުން އެގެންދަވަނީ. އޭގެ ބޭނުމަކީ، ދަނޑުވެރިންނަށް ނުވަތަ ދަނޑުވެރިކަމުގެ މަސައްކަތްކުރާ މީހުންނަށް، އެކަމުގެ މަޢުލޫމާތު ދިނުން. އެކަން ކުރަންވީ އުޞޫލު ދަސްކޮށްދިނުން. އަދި ދިމާވާ މައްސަލަތައް ޙައްލުކުރާނެގޮތްވެސް އޮޅުންފިލުވައިދިނުން. މިގޮތުން، އެ މިނިސްޓްރީގެ އިސްވެރިންނާއި އަދި މިކަމާބެހޭ ދާއިރާގެ މާހިރުންނާއި އަދި ޚާއްޞަކޮށް، ފީލްޑް އޮފިސަރުން ފާހަގަކޮށްލަން އަޅުގަނޑު ބޭނުން. އެމީހުންނަކީ ޙަޤީޤަތުގައި ވަރަށް ބުރަކޮށް މަސައްކަތްކުރާ ބައެއް. އެމީހުންގެ މަސައްކަތުން އަޅުގަނޑުމެންނަށް މިހާރު މިހޯދޭ ކާމިޔާބީ ހޯދެމުން މިދަނީ. އެހެންވީމާ، އެމިނިސްޓްރީގެ ހުރިހާ ވެރިންނާއި، ކަމާބެހޭ މާހިރުންނާއި، އަދި ޚާއްޞަކޮށް، ފީލްޑް އޮފިސަރުން އެކުރާ މަސައްކަތް ފާހަގަކޮށް، އެ ހުރިހާ ފަރާތްތަކަކަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.
މިރަށުގެ ރައްޔިތުންނަކީ، ވަރަށް އެކުވެރި، ޞުލްޙަވެރި ބައެއްކަންވެސް އަޅުގަނޑަށް ވަނީ އެނގިފައި. އެއީ، އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރާ ކަމެއް. އެއްވެސް ރަށަކަށް ކުރިއަށްދެވޭނީ، އެރަށެއްގެ ރައްޔިތުންގެ މެދުގައި ޞުލްޙަވެރިކަމާއި، އެކުވެރިކަމާއި، އެއްބާރުލުން އޮވެގެން.
މިރަށަކީ އެއްވެސްކަހަލަ މައްސަލައެއް ނެތް ރަށެއްކަންވެސް ފާހަގަކުރެވޭ. މިރަށުގެ ކޯޓުގެ ކަންތައްތައް ހުންނަގޮތް އަޅުގަނޑު ބަލައިލިއިރުވެސް، މި އަހަރުވެސް ނެތް، ރުއްގަހުގެ މިލްކުވެރިކަން ބަދަލުކުރުން ފިޔަވައި، އެހެން އެއްވެސްކަހަލަ މައްސަލައެއް ހުށަހެޅިފައެއް. އެހެންވީމާ، އެހާ މަދުން އެ މައްސަލަތައް ހުށަހެޅޭކަން އެއީ، އަޅުގަނޑު ހިތުން ވަރަށް ޚާއްޞަގޮތެއްގައި އަޅުގަނޑުމެން ފާހަގަކޮށްލަންޖެހޭނެ ކަމެއް. އެއިން ދައްކައިދެނީ، ރަށުގެ ރައްޔިތުންގެ މެދުގައި އޮތް ޞުލްޙަވެރިކަން، އަމަންއަމާންކަން، ހަމަޖެހުން. މިކަމަށްޓަކައިވެސް އަޅުގަނޑު ވަރަށްބޮޑަށް އުފާކޮށް، މިރަށުގެ ރައްޔިތުންނަށް މަރްޙަބާ ކިޔަން.
މިރަށް އެހެން ނުވާންވީ ސަބަބެއްވެސް ނެތް. ރަށުގެ ވެރިކަމުގައި އަބަދުވެސް ތިއްބަވަނީ، ޤާބިލް، ތަޖުރިބާހުރި ބޭފުޅުން. އޭގެތެރެއިން، ވަރަށް ޚާއްޞަ ބޭފުޅެއްގެ ނަންފުޅު އަޅުގަނޑު މިއަދު ފާހަގަކޮށްލަން ބޭނުން. އާދެ، އެ ބޭފުޅަކީ ވެރިކަމުގެ ދާއިރާގަޔާއި އަދި އެނޫން ގޮތްގޮތުންވެސް މިރަށަށްވެސް ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ އަދި މިހާރުވެސް ޚިދުމަތްކޮށްދެއްވަމުން ގެންދަވާ ބޭފުޅެއް. އަދި މިއަތޮޅުގެ އަތޮޅުވެރިކަންވެސް ކުރައްވާފައިވާ ބޭފުޅެއް. އާދެ، އެއީ އަލްފާޟިލް މާރަންދޫ ޒަކަރިއްޔާ ޙުސައިން ކަލޭގެފާނު. އޭނާއަކީ ކުރިންވެސް ދެންނެވި ފަދައިން، ވަރަށް ހަރުދަނާ، ވަރަށް ޤާބިލް އަދި ވަރަށްގިނަ، އަގުހުރި ޚިދުމަތްތަކެއް މާރަންދުއަށާއި އަދި މުޅިއަތޮޅަށް އަދި ޢާންމުކޮށް ރާއްޖެއަށްވެސް ކުރައްވާފައިވާ ބޭފުޅެއް. އެހެންކަމުން، އޭނާ އެ ކުރައްވާފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކޮށް، އޭނާއަށް ޚާއްޞަ ޝުކުރެއް ދެންނެވުމަކީ، މިއަދު އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ޒަކަރިއްޔާ ޙުސައިން ކަލޭގެފާނުގެ ވާހަކަ ދަންނަވާއިރު، އޭނާއަކީ އަޅުގަނޑުގެ މަޝްވަރާ މަޖިލިސްގެ މެންބަރެއްގެ ގޮތުގައި ހުންނެވި ބޭފުޅެއްކަންވެސް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ. އެ މަގާމުގައި އެކަށީގެންވާ މުއްދަތެއްގައި ހުންނެވި. އަދި އޭނާގެ ފަރާތުން އަޅުގަނޑަށް އެމަޝްވަރާ މަޖިލިސްގެ ޖަލްސާތަކުގައިވެސް އަބަދުވެސް ލިބެމުންދިޔައީ ވަރަށް ހަރުދަނާ ޚިޔާލުތަކެއް. އަދި މަޖިލިސްގެ ބޭރުންވެސް، އަމިއްލަފުޅުގޮތުންވެސް އަޅުގަނޑަށް ބައެއް ކަންކަމުގެ މަޝްވަރާ އޭނާ ދެއްވާ. ސިޓީ ފޮނުއްވާ. ކަންތައްތައް ހިނގަމުންދާ ގޮތުގެ މަޢުލޫމާތު ލިބިވަޑައިގަތުމާ ގުޅިގެން، އޭނާއަށް ފެނިވަޑައިގަންނަވާ ޚިޔާލުފުޅެއް އަޅުގަނޑަށް ދެއްވަމުން ގެންދަވާ. އަދި އެއިން ބައެއް ކަންތައްތަކަށް އަޅުގަނޑު ޢަމަލުކޮށްފައިވާނެ ވާހަކަވެސް ވަރަށް އުފަލާއެކު އަޅުގަނޑު ދަންނަވަން. އާދެ، އެފަދަ ބޭފުޅަކު މިރަށުގެ ރައްޔިތުންނަށް މަގު ދެއްކެވުމަށް ހުންނެވުމާއި އަދި އޭނާގެ އެހީތައް މިރަށަށް ލިބެމުންދިޔުމާއެކީގައި، މިރަށުގެ ރައްޔިތުންނަކީ ޞުލްޙަވެރި، އެކުވެރި، ހުރިހާ ގޮތަކުންވެސް ހަމަޖެހިގެން ދިރިއުޅެމުންގެންދާ ބައެއްކަމަށްވުމީ އެއްވެސް މީހަކު ޙައިރާންވީ ކަމެއްނޫން.
އާދެ، މިރަށުގެ ރައްޔިތުންނަށް ދިމާވާ ދަތިތަކުގެ ތެރެއިން އެއްކަމެއްގެ ވާހަކަ ކުރިން އަޅުގަނޑަށް ދަންނަވާލެވުނު. އެއީ، ކުރިން އަޅުގަނޑު އައިއިރު ކިޔަވައިދޭނެ ތަނެއް ރަށުގައި ނެތުމުގެ މައްސަލަ. އޭގެފަހުން އަޅުގަނޑު ދެންނެވި ފަދައިން، މިތަން މިހާރު މިހިރީ ހެދިފައި. އެހެންނަމަވެސް، މިތަނަކީވެސް މިހާރު މިރަށުގައި ކިޔަވާކުދިންނަށް ފުދޭވަރުގެ ތަނެއް ކަމަކަށްނުވޭ. އަޅުގަނޑު ހިތުން މިރަށުގެ ރައްޔިތުން ބޭނުންވާނެ، މިއަށްވުރެ ރަނގަޅު މަދަރުސާއެއް މިރަށުގައި ހުރުން. ޚާއްޞަކޮށް، މާރަންދޫގެ ރައްޔިތުންނަކީ ވަރަށް ކުރިއްސުރެ ތަޢުލީމަށް ލޯބިކުރައްވާ ރައްޔިތަކަށްވާތީ. އާދެ، މި މަކްތަބު ހުޅުވުމުގެވެސް މާ ކުރިއްސުރެވެސް މިރަށުގައި ތަޢުލީމު ދިނުމުގެ ކަންތައްތައް ކުރިއަށްދޭ. އަދި ރަށުގެ ރައްޔިތުންނަކީ، އެމީހުންގެ ދަރިންނަށް ތަޢުލީމު ޙާޞިލްކޮށްދިނުމަށް ވަރަށް ޝައުޤުވެރިވާ ބައެއްކަންވެސް އޮތީ ފާހަގަކުރެވިފައި. އެކަންކަން އެހެން އޮތުމާ އެކީގަޔާއި، އަނެއްކާ މިރަށަކީ ވަރަށް އެކުވެރި، ޞުލްޙަވެރި، އަދި ސަރުކާރަށް ކިޔަމަންތެރި، ސަރުކާރުން އަންގާލި ކޮންމެ ކަމަކަށް ވަގުތުން ޢަމަލުކުރާ، އެއްވެސް ޖެހިލުމެއްނެތި، ކެރިގެން ކުރިއަށްދާ ބަޔަކު ކަމުގައިވާތީ، ސަރުކާރުގެ ޚަރަދުގައި މިރަށުގައި އިރާދަކުރެއްވިއްޔާ، މަދަރުސާއެއް ޢިމާރާތްކޮށްދޭން ގަސްތުކުރާ ވާހަކަ އަޅުގަނޑު ވަރަށް އުފަލާއެކު ދަންނަވާލަން.
އާދެ، މިވާހަކަ އިވިވަޑައިގަތުމުން، ތިޔަ ހުރިހާ ބޭފުޅުން ވަރަށް އުފާކުރައްވާނެކަން އަޅުގަނޑަށް އެނގޭ. ހަމައެޔާއެކީގައި، އަޅުގަނޑު މާލެ ދިޔުމާއެކު، މިވާހަކަ މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ އަރިހުގައިވެސް ދަންނަވާލާނަން. އަޅުގަނޑު ހިތުން އޭނާވެސް މިކަމާ ވަރަށްބޮޑަށް އުފާކުރައްވާނެ. އަޅުގަނޑު ޔަޤީންކުރާގޮތުގައި، މިރަށުގައި މަދަރުސާއެއް ޢިމާރާތްކުރެވުމުން، މިހާރަށްވުރެވެސް ބޮޑަށް ތަޢުލީމީ ކަންތައްތައް މިރަށުގައި ކުރިއަށްދާނެ. ޝައްކެއްނެތްގޮތުގައި، ތަޢުލީމަކީ ކުރިއަށްދިޔުމުގެ އެންމެ ފުރަތަމަ ވަސީލަތް. ކިޔަވައިގެން، ރަނގަޅަށް ތަރުބިއްޔަތު ލިބިގެން ތިބި ބަޔަކަށް ނޫނީ، ރަށާއި ޤައުމު ތަރައްޤީކުރުމުގައި އެކަށީގެންވާ މަސައްކަތެއް ނުކުރެވޭނެ.
އާދެ، މިއަދު އަޅުގަނޑު ކުރިންވެސް ދަންނަވާލި ފަދައިން، އަދި އެއްރަށަކަށް ދާން އެބައޮތް. އެހެންކަމާއެކީގައި، ތިޔަބޭފުޅުންގެ ކުރިފުޅުމަތީގައި މާގިނަ ވަގުތު ހޭދަކުރެވޭކަށް ނެތް. އަޅުގަނޑު އެހެންކަމާއެކީގައި، ތިޔަ ހުރިހާ ބޭފުޅުންނަށް އާދެ، ރަށުގެ ރައްޔިތުންނަށް، ވެރިންނަށާއި ރައްޔިތުންނަށް، ރަށުގެ ކުދިބޮޑު އެންމެންނަށް، އަންހެން ފިރިހެން އެންމެންނަށް، އަޅުގަނޑުގެ އިޚްލާޞްތެރި ހެޔޮއެދުންތައް ފާޅުކުރަމުން އަދި މާރަންދުއަށް އަދަށްވުރެ ތަނަވަސް، އުފާވެރި މާދަމާއެއް އިރާދަކުރެއްވުން އެދި، ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން، އަޅުގަނޑު ވަކިވެލަނީ.
والسّلام عليكم ورحمـة اللّـه وبركاته.