بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين

އާދެ، މިއަދު އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބެއްކަމަށް ދެކެނީ، އަޅުގަނޑު މަރަދުއަށާއި މަރަދޫފޭދުއަށް އައުމުން، މި ދެރަށުގެ ރައްޔިތުންގެ ފަރާތުން އަދި މި ދެރަށުގެ ވެރިންނާއި، ރަށް ކުރިއަރުވާ ކޮމިޓީއާއި، އަންހެނުންގެ ކޮމިޓީގެ މެންބަރުންގެ ފަރާތުން އަޅުގަނޑަށް މި ލިބުނު އިޚްލާޞްތެރި، ހޫނު މަރުޙަބާއަށްޓަކައި، ދެރަށުގެ ރައްޔިތުންނަށާއި، ވެރިންނަށާއި، ކޮމިޓީތަކުގެ މެންބަރުންނަށާއި އަދި ޢާންމު ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވުން.

އާދެ، އައްޑުއަތޮޅަށް ޒިޔާރަތްކުރުމަކީ އަބަދުވެސް އަޅުގަނޑަށް ވަރަށް ބޮޑު އުފަލެއް އިޙްސާސް ކުރެވޭ ކަމެއް. ކޮންމެ ފަހަރަކު އަޅުގަނޑު އައުމުން، މި ފެންނަ މަންޒަރުތަކުގެ ސަބަބުން، އަޅުގަނޑަށް ވަރަށް ބޮޑު އުފަލެއް ލިބޭ. އާދެ، އެއީ ރައްޔިތުން ދިވެހި ސަރުކާރަށް ކުރައްވާ އިތުބާރާއި އަދި ރައްޔިތުންގެ ހިތުގައި ސަރުކާރާ ދޭތެރޭގައި އުފެދިފައިވާ އިޚްލާޞްތެރިކަން ފެންނަލެއް ބޮޑުކަމުން. މިއަދު އަޅުގަނޑު މަރަދުއަށާއި މަރަދޫފޭދުއަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވާތީ، މި ރަށުގެ ކަންތައްތައް މިވަނީ ވަރަށް ފުރިހަމަގޮތެއްގައި ތައްޔާރުކުރައްވާފައި. ރަށުގެ ބޮޑެތި މަގުތައް ވަރަށް ރީތި ގޮތަކަށް ޒީނަތްތެރި ކުރައްވާފައި. ރަށުތެރެވެސް ވަރަށް ބޮޑަށް ސާފުކުރައްވައި، މަގުތަކުން މަރުޙަބާގެ ޢިބާރާތްތައް ފެންނަގޮތަށް ބަހައްޓަވާފައި އެބަހުރި. އަދި އެ ހުރިހާ ކަމެއްގެ އިތުރަށް، ރަށުގެ ރައްޔިތުންގެ މޫނުތަކުން ފެންނަ އުފާވެރިކަމުގެ ޝުޢޫރުތައް އެއީ، އަޅުގަނޑަށް ކުރިން މި ދެންނެވި ކަންތައްތަކަށްވުރެ ބޮޑަށް، ވަރަށް ޚާއްޞަ ގޮތެއްގައި، ވަރަށް ބޮޑު އުފަލެއް އިޙްސާސް ކުރެވޭ ކަމެއް. އާދެ، އެހެންކަމާއެކު، އަދިވެސް އެއްފަހަރު، މަރަދޫގެ ރައްޔިތުންނަށާއި، މަރަދޫފޭދޫގެ ރައްޔިތުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ އަޑިން ޝުކުރު ދަންނަވަން.

އާދެ، އަޅުގަނޑު މިހާރު އައްޑުއަތޮޅަށް މި ކުރާ ދަތުރަކީ، ދެންމެ މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަން އެ ވިދާޅުވިފަދައިން، މި އަތޮޅުގައި ހުޅުވޭ އަދި ރާއްޖެތެރޭގައިވެސް ހުޅުވޭ އެންމެ ފުރަތަމަ ސެކަންޑަރީ ސްކޫލް ހުޅުވައިދިނުމުގެ އުފާ ޙާޞިލްކުރުމަށް ކުރާ ދަތުރެއް. މި ދަތުރު ކުރުމަށް ހަމަޖެހިފައިވުމާއެކު، އަޅުގަނޑު ޤަޞްދުކުރީ މިފުރުޞަތުގެ ބޭނުންކޮށްގެން، އައްޑުއަތޮޅުގެ މީހުން އުޅޭ ހުރިހާ ރަށަކަށްވެސް ޒިޔާރަތްކުރަން. ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، އަދި ތިޔައިގެތެރެއިން ވަރަށް ގިނަ ބޭފުޅުން ހަނދުމަފުޅު ހުންނާނެ ފަދައިން، އަޅުގަނޑު އައްޑުއަތޮޅަށް ވަރަށް ގިނަފަހަރު ޒިޔާރަތްކޮށްފިން. އެންމެފަހުން، މި ވޭތުވެދިޔަ އަހަރު. އާދެ، 1991 ވަނަ އަހަރުވެސް އަޅުގަނޑަށް މި އަތޮޅަށް ޒިޔާރަތްކުރުމުގެ އުފާ ވަނީ ޙާޞިލްވެފައި. އާދެ، އެއީ ތަންކޮޅެއް ބަދުނަޞީބު ކަމަކާ ގުޅިގެން ކަމަށްވިޔަސް، އެ ފުރުޞަތުގެ ބޭނުންވެސް އަޅުގަނޑަށް ހިފުނީ ވަރަށް އެދެވޭ ގޮތެއްގައޭ ދަންނަވަންޖެހޭ. އާދެ، އެއީ މިދިޔަ އަހަރު ރާއްޖެއަށް ކުރި ގަދަ ވިއްސާރައިގެ ސަބަބުން، ރާއްޖޭގެ އެކިއެކި ރަށްރަށަށް ލިބިފައިވާ ބޮޑެތި ގެއްލުންތައް ބަލައިލުމަށްޓަކައި އަޅުގަނޑު ރާއްޖެތެރެއަށް ދަތުރުތަކެއް ކުރިން. އެ ވިއްސާރައިގައި އެންމެ ބޮޑަށް ގެއްލުން ލިބިފައިވާ އެއް އަތޮޅަކީ އައްޑުއަތޮޅު ކަމަށްވާތީ، އެންމެ ފުރަތަމަވެސް އަޅުގަނޑު އައީ މި އަތޮޅަށް. އައިސް މި އަތޮޅުގެ ރަށްރަށަށް ޒިޔާރަތްކޮށް، ވިއްސާރައިގެ ސަބަބުން ލިބިފައިވާ ގެއްލުންތައް އަޅުގަނޑު އަމިއްލައަށް ބަލައި ހެދިން.

އާދެ، އެނޫން ފުރުޞަތުތަކުގައިވެސް މީގެކުރިން އަޅުގަނޑުވަނީ އައްޑުއަތޮޅަށް ޒިޔާރަތްކޮށްފައި. މި ޒިޔާރަތްތަކުގެ ބޭނުމަކީ، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ސީދާ ރައްޔިތުންނާ ބައްދަލުކޮށް، ރައްޔިތުންގެ ޙާލުއަޙުވާލު ބަލައިލައި ހެދުން. އަދި ރައްޔިތުން ދިރިއުޅުމަށް ކުރައްވާ މަސައްކަތްތަކާއި، އެ މަސައްކަތްތައް ކުރިއަށް ގެންދެވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް، ސަރުކާރުން ފަހިކޮށްދޭންޖެހޭ ކަންތައްތަކާއި އަދި އެ މަސައްކަތަށް އެޅޭ ހުރަސްތަކާއި، މިކަންތައްތައް ސަރުކާރުން ވަޒަންކުރުން. އަދި އެކަންތައްތައް ސަރުކާރުން ބަލައި ވަޒަންކުރުމަށްފަހުގައި، ސަރުކާރުންވެސް ރައްޔިތުންގެ ދިރިއުޅުން ފަސޭހަކޮށްދިނުމަށްޓަކައި އަދި އެމީހުން ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތްތައް އިތުރަށް ތަރައްޤީކުރުމަށްޓަކައި ސަރުކާރުން ކޮށްދެވެންހުރި ކަންތައްތައް ކޮށްދޭގޮތަށް ހަމަޖެއްސުން. އެއީ، މިދަތުރުތަކުގެ މަޤްޞަދަކީ. ވަރަށް ކުރީއްސުރެ ރާއްޖެތެރެއަށް އަޅުގަނޑު ދަތުރުކުރަމުން މިގެންދަނީ. އާދެ، 1979 ވަނަ އަހަރުން ފެށިގެން. އެދަތުރުތަކުގެ ސަބަބުން، ރާއްޖެތެރެއާ ބެހޭގޮތުން ވަރަށް ގިނަ މަޢުލޫމާތުތަކެއް އަޅުގަނޑަށް ދަނީ ލިބެމުން. މިހެން ދަންނަވާއިރުވެސް، އޭރު ކަންތައް ހުރިގޮތާއި މިހާރު ކަންތައް ހުރިގޮތާ ވަރަށް ތަފާތުކަން، ތިޔަބޭފުޅުންނެކޭ އެއްފަދައިން، އަޅުގަނޑުވެސް ޤަބޫލުކުރަން. އެންމެފުރަތަމަ، 1979 ވަނަ އަހަރު އަޅުގަނޑު ރާއްޖެތެރެއަށް ދަތުރުކުރަން ފެށިއިރު، ރާއްޖެތެރޭގައި ކަންތައްތައް ހުރިގޮތާއި، އޭގެ 13 އަހަރު ފަހުން، މިހާރު ކަންތައްތައް ހުރިގޮތާ ވަރަށް ތަފާތު. ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެންގެ ރާއްޖެއަށްވެސް އެކަށީގެންވާ ކުރިއެރުންތަކެއް މިދަނީ ލިބެމުން. އެ ކުރިއެރުންތައް އެ ލިބެނީ، ސަރުކާރާއި ރައްޔިތުންނާ ގުޅިގެން ކުރާ މަސައްކަތްތަކެއްގެ ސަބަބުން. ރައްޔިތުން ތަރައްޤީއަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ ފުރުޞަތު ސަރުކާރުން ފަހިކޮށްދީ، ސަރުކާރުން ކުރެވެން އޮތްހާ މަސައްކަތެއް ކުރުމުގެ ސަބަބުންނާއި އަދި އެ ފުރުޞަތުތައް އެގޮތަށް ސަރުކާރުން ފަހިކޮށްދޭތީ، އެ ފުރުޞަތުގެ ބޭނުންކުރައްވައިގެން، ޢާންމު ރައްޔިތުން، އަމިއްލަ ފަރާތްތަކުން ކުރައްވާ މަސައްކަތްތަކުގެ ސަބަބުން އަޅުގަނޑުމެންގެ ރާއްޖެ ކުރިއަށް މިދަނީ.

އާދެ، ކުރިން އަޅުގަނޑު ކުރި ދަތުރުތަކުގެ މައްޗަށް ބިނާކޮށް، ރާއްޖެތެރެ ތަރައްޤީކޮށް، އިޞްލާޙު ކުރުމަށް މަޝްރޫޢެއް ރޭވިގެން، އެ މަޝްރޫޢު ހިނގަމުންދާތާ ވަރަށް ގިނަ އަހަރުތަކެއް ވެއްޖެ. އެ މަޝްރޫޢުގެ ދަށުން، ސަރުކާރުން ރާއްޖެތެރޭގައި ވަރަށް ގިނަ ކަންތައްތަކެއް ވަނީ ކޮށްދީފައި. ވަރަށް ގިނަ ރަށްރަށުގައި ސަރުކާރުން ވަނީ ވަރަށް ގިނަ ކަންތައްތައް ހަމަޖައްސައިދީފައި. ސްކޫލްތައް ޢިމާރާތް ކުރުން އަދި ޞިއްޙީ މަރުކަޒުތަކާއި، ސަރަޙައްދީ ހަސްފަތާލުތައް އިމާރާތް ކުރުމާއި، އަތޮޅުތަކުގެ އަތޮޅުއޮފީސްތަކާއި، ރަށްރަށުގެ ރަށުއޮފީސްތަކާއި، ރަށުކޯޓުތަކާއި، މިހެންގޮސް ރައްޔިތުންނަށް ބޭނުންވާ ޢިމާރާތްތައް ހަދައިދިނުމާއި އަދި ތަޢުލީމަކީ އެންމެ ބޮޑު އިސްކަމެއް އަޅުގަނޑުމެން ދޭން ޖެހިފައިވާ ވަސީލަތް ކަމަށްވާތީ، ތަޢުލީމު ދިނުމަށް ބޭނުންވާ ތަފާތު ކަންތައްތައް ސަރުކާރުން ކޮށްދިނުމާއި އަދި ފަހަކަށްއައިސް ރާއްޖެތެރޭގެ ރަށްރަށުގެ ފަޅުފުންކޮށްދިނުމާއި، މިހެންގޮސް ރައްޔިތުންގެ ދިރިއުޅުމަށް ބޭނުންވާ ވަރަށް ގިނަ ކަންތައްތަކެއް ސަރުކާރުން މިގެންދަނީ ކޮށްދެމުން. މި ކަންތައްތައް މިހެން ކޮށްދެމުންދާއިރު، އެ ކުރާ ކަންތައްތަކުގެ ނަތީޖާ ދޭތެރެދޭތެރެއިން ސަރުކާރުން ބަލައި، ވަޒަންކޮށް އެބަ ހަދަން. އެގޮތަށް އެކުރެވޭ ކަންތައްތަކުގެ ނަތީޖާއާއި އަދި އެއިން ލިބޭ ފައިދާއާއި އަދި އެކަންކަމުން ނުކުންނަ މައްސަލަތަކެއް ހުރިކަމަށްވަންޏާ، އެ މައްސަލަތަކަކީ ކޮބައިތޯއާއި، މިކަންތައްތައް ބަލާފައި، އަބަދުވެސް ރާއްޖެތެރޭގައި ސަރުކާރުން ކުރާ މަސައްކަތްތަކަށް އިޞްލާޙުތަކެއް ގެންނަންޖެހޭ ކަމަށްވަންޏާ، އެ އިޞްލާޙުތައްވެސް މި އަންނަނީ ގެންނަމުން.

އެހެންވީމާ، އެގޮތުގެމަތިން ބަލާފައި މިހާރު ސަރުކާރުން ނިންމާފައި ވަނީ، 1992 ވަނަ އަހަރު، އާދެ، މި އަހަރު އަނެއްކާވެސް ރާއްޖެތެރޭގެ ކަންތައްތަކަށް ސަރުކާރުގެ ފަރާތުން ވަރަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް. އެގޮތުން، މިހާރު އަލަށް ފެށިގެން ހިނގަމުންދާ ކަންތައްތަކެއްވެސް އެބަހުރި. އެކަންތައްތަކުގެ ވާހަކަ ތިޔަބޭފުޅުން އައްސަވާނެ. އަދި މިހާރު އަޅުގަނޑުމެންނަށް ދިމާވާ އެންމެ ބޮޑު ދަތިކަމަކީ، ތިމާވެށްޓާބެހޭ މައްސަލަތައް ކަމަށްވެފައި އަދި އަޅުގަނޑުމެންގެ ރާއްޖޭގައި ހުރި ރަށްތަކުގެ ކުދިކަމާއި، އެ ރަށްރަށުގައި ދިރިއުޅެން ޖެހިފައިވާ ރައްޔިތުންގެ ޢަދަދު، އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންދިޔުމާއި، މިކަންތައްތައް މިހެން ހުރުމުގެ ސަބަބުން، ރައްޔިތުންނަށް ދިރިއުޅެވޭނެ މަގު، އާދެ، އެމީހުންނަށް އެންމެ ފުރަތަމަ ބޭނުންވާ އަސާސީ ބޭނުން ކަމުގައިވާ ގޯތިގެދޮރު، އެމީހުންނަށް ހޯދައިދިނުމުގެ ކަންތައް މިއީ ސަރުކާރުން މިހާރު ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް. އެގޮތުން، ރާއްޖެތެރޭގައި ހުރި ކުދި ރަށްރަށުގެ ރައްޔިތުން، އެތަންތާނގައި ދިރިއުޅުން ދަތިކަމަށް ފާހަގަކުރެވިފައިވާ ކުދިކުދި ރަށްތަކުގައި ދިރިއުޅޭ މީހުން އެހެން ރަށްރަށަށް ބަދަލުކުރުން، އެވެސް މިހާރު ކޮންމެހެން ކުރަން ޖެހިފައިވާ ކަމަކަށްވާތީ، އެ މަސައްކަތްވެސް އިރާދަކުރެއްވިއްޔާ، މި އަހަރު ސަރުކާރުން މި ފަށަނީ. ތިޔަބޭފުޅުންނަށް ރޭޑިޔޯގެ ޛަރީޢާއިން އިވިވަޑައިގެންފައި އޮންނާނެ، ބައެއް ރަށްރަށުގެ ރައްޔިތުން، ސަރުކާރުން އެހެން ރަށްރަށަށް ބަދަލުކުރަން ނިންމެވި ވާހަކަ. އާދެ، އެއީ މިހާރު އެމީހުން އެ ދިރިއުޅޭ ރަށުގެ ގޮތުން، އެތަންތާނގައި މުސްތަޤްބަލުގައި ދިރިއުޅެވެން ނެތީމަ، ކުރިއަށްދާނެ ވަސީލަތްތައް މަދުވެފައި، ރަށުގެ ދަތިކަން ހުންނަގޮތުން، އެރަށުގައި ތިބެގެން އެއްގޮތަކަށްވެސް ކުރިއަށްދެވެން ނެތީމަ. ސަރުކާރުން މިހެން ރަށްރަށުގެ ރައްޔިތުން ބަދަލުކުރާއިރު، މުސްތަޤްބަލަށް ބަލާއިރު، ގިނަ ޢަދަދަކަށް މީހުން، އެއްރަށެއްގައި ވަޒަންވެރިވާ ގޮތަށް ކަންތައްތައް ރޭވުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމުގައި ޤަބޫލުކުރެވޭ.

އާދެ، އަޅުގަނޑުމެންގެ ރާއްޖޭގައި މިހާރުވެސް 200 އެތައް ރަށެއް އެބައޮތް. އޭގެތެރެއިން ވަރަށް ގިނަ ރަށްރަށުގައި އުޅެނީ ވަރަށް މަދު މީސްކޮޅެއް. ބައެއް ރަށްރަށުގައި 200 މީހުން، 300 މީހުން، އެހެން ދިރިއުޅެމުން އެބަ ގެންދޭ. ވަރަށް މަދު ރަށެއްގައި ނޫނީ، ގިނަ ޢަދަދަކަށް ފުދޭވަރަކަށް، އެ ރަށެއްގެ ތަރައްޤީއަށް ބޭނުންވާ ޢަދަދަކަށް މީހުން ދިރިއުޅެމަކުން ނެތް ނުދޭ. ދެން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މުސްތަޤްބަލުގައި އަޅުގަނޑުމެން ވިސްނަންޖެހޭ ކަންތައްތަކުގެ ތެރޭގައި، ތިމާވެށްޓަށް މި ދިމާވާ މައްސަލަތައް އެއީ، އަޅުގަނޑުމެން އެކަމާ ދޭތެރޭގައި ވަރަށް ބޮޑަށް ގޮތްތަކެއް ނިންމަން ޖެހިފައިވާ ކަމެއް. އެގޮތުން ބަލާއިރުވެސް ރާއްޖެއަށް ފައިދާ ބޮޑީ، އަދި ރައްޔިތުންނަށް ފައިދާ ބޮޑީ، ރަށްރަށުގައި ގިނަ ޢަދަދަކަށް މީހުން ދިރިއުޅުންކަން، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. މުސްތަޤްބަލަށް ވިސްނާއިރު އެންމެ ފައިދާ ބޮޑު ގޮތަކީ، ތަންކޮޅެއް ބޮޑެތި ރަށްރަށުގައި މީހުން ވަޒަންވެރިވެގެން، އެރަށްރަށް ކުރިއަށް ގެންދިޔުމަށް މަސައްކަތް ކުރުންކަން. އެހެންވީމާ، ކުދިކުދި ރަށްރަށުގައި ދިރިއުޅޭ މީހުން ޚާއްޞަކޮށް، އެ ރަށްރަށަކީ ޤުދުރަތީ ގޮތުން، އެ ރަށްރަށުގެ ކަންތައްތައް ހަމަޖެހިފައިވާ ގޮތުންނާއި، ދިރިއުޅުމަށް ދިމާވެފައިވާ ދަތިތަކުގެ ސަބަބުން، އެ ރަށްރަށުގައި ފައިދާހުރި ގޮތެއްގައި މުސްތަޤްބަލުގައި ދިރިނޫޅެވޭނެ ރަށްރަށްކަން ފާހަގަކުރެވޭތީ، އެކަހަލަ ރަށްރަށުގެ މީހުން އެހެން ތަންތަނަށް ބަދަލުކުރުމުގެ އުޞޫލު ސަރުކާރުން ގެންގުޅެން މިހާރު ވަނީ ފަށާފައި.

އާދެ، އެގޮތުން، މި އަތޮޅާ ބެހޭގޮތުން ވިސްނާއިރުވެސް ދަންނަވަން އެބަޖެހޭ، މި އަތޮޅުގައިވެސް މި މައްސަލަ އޮތީ ދިމާވެފައިކަން. އާދެ، މިއަތޮޅުގެ ގިނަ ރަށްރަށަކީ، ވަރަށް ބޮޑެތި ރަށްރަށް. ޚާއްޞަކޮށް، އައްޑުއަތޮޅު ހިތަދުއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ރަށް. އަދި މާލެ ނަގާފައި، ރާއްޖޭގައި އެންމެ ގިނަ ޢަދަދަކަށް މީހުން އުޅޭވެސް ރަށް. ދެންހުރި ރަށްރަށްވެސް. އާދެ، މި އަތޮޅުގެ ފޭދޫ އެއީވެސް ވަރަށް ގިނަ ޢަދަދަކަށް މީހުން އުޅޭ ރަށެއް. އަދި އައްޑުއަތޮޅުގެ ރަށްތަކަކީ ބިމުގެ ގޮތުންވެސް އެކަށީގެންވާ ބޮޑެތި ރަށްތަކެއް. އެހެންނަމަވެސް، އަޅުގަނޑުމެންގެ އާބާދީއަށް މި އަންނަ ބަދަލުތަކަށް ވިސްނާއިރު، އާބާދީ އިތުރުވަމުންދާ ނިސްބަތަށް ބަލާއިރު، މިހާރު އައްޑުއަތޮޅުގެ ރައްޔިތުންނަށްވެސް މި ދެންނެވި ދަތިކަން ވަނީ އިޙްސާސް ކުރަން ޖެހިފައި. އާދެ، އެއީ އިތުރަށް ގޯތި ދޭނެ ބިން އަޅުގަނޑުމެންގެ ބައެއް ރަށްރަށުގައި ނުހުންނަކަން. މިހާރު އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ޚާއްޞަކޮށް، ފޭދުއާއި، މަރަދުއާއި، މަރަދޫފޭދުއާއި، މި ތިން ރަށުގައި އެއްގޮތަކަށްވެސް އިތުރަށް ގޯތި ދޭނެ ތަނެއް ނެތް. އެކަން އެހެން އޮތްއިރު، އަޅުގަނޑުމެންގެ އާބާދީ ދަނީ އިތުރުވަމުން. އަޅުގަނޑުމެންގެ ކޮންމެ ޢާއިލާއަކަށް ދިރިއުޅޭނެ ގެއެއް ބޭނުންވޭ. އެއީ، ދިރިއުޅުމުގެ އެންމެ އަސާސީ އެއް ބޭނުން. އެހެންކަމުން، ސަރުކާރުން މިހާރު ގަސްދުކުރަނީ، އިރާދަކުރެއްވިއްޔާ، މި ތިން ރަށުގެ މީހުންގެ ތެރެއިން، އާދެ، ފޭދުއާއި، މަރަދުއާއި، މަރަދޫފޭދޫ މީހުންގެ ތެރެއިން މުސްތަޤްބަލުގައި ގޯތި ލިބެން ބޭނުންވާ މީހުންނަށް، މިހާރު ގޯތި ނެތް މީހުންނަށް އަދި މުސްތަޤްބަލުގައި އެމީހުން ދިރިއުޅުމަށްޓަކައި ގޯތި ލިބެން އެދޭ މީހުންނަށް ގޯތި ދެވޭނެ އުޞޫލެއް ރާވައިގެން، އައްޑުއަތޮޅުގެ ތަން އޮތް ތަނަކުން، ކޮންމެވެސް އެހެން ތަނަކުން އެމީހުންނަށް ގޯތި ލިބޭގޮތަށް ހަމަޖެއްސުމަށް. އާދެ، އެއީ މުސްތަޤްބަލަށް ވިސްނާއިރު، ކޮންމެހެން މިއަތޮޅުގެ ރައްޔިތުންނަށް އަދި ޚާއްޞަކޮށް، މި ދެންނެވި ތިން ރަށުގެ މީހުންނަށް ބޭނުންވާ ކަމެއް ކަމަށް ސަރުކާރަށް ޤަބޫލުކުރެވޭ.

އާދެ، މިހާރު އަޅުގަނޑުމެން މި ޖަލްސާކުރާ މަދަރުސާއަކީ، މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ހުޅުވިފައިވާ މަދަރުސާއެއް، މި މަދަރުސާއަށް ތަޢުލީމު ޙާޞިލްކުރަން އަންނަނީ މަރަދޫގެ ކުދިންނާއި، މަރަދޫފޭދޫގެ ކުދިން. ސަރުކާރުން މިތަން ޢިމާރާތް ކޮށްފައި މިވަނީވެސް އެބޭނުމުގައި. އެހެންވީމާ، އަޅުގަނޑު އެދެނީ، ވީ އެންމެ ރަނގަޅަކަށް އެކަންވެސް ކުރިއަށްދާން. އަޅުގަނޑުމެންގެ ވަސީލަތްތައް މަދުކަމާއެކީގައި، އަޅުގަނޑުމެންނަށް ޖެހޭ، އަޅުގަނޑުމެންނަށް މި އަލަށް ޢިމާރާތްކުރެވޭ ތަންތަނުގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ކުރަން. އާދެ، އިރުޝާދިއްޔާއަކީ ސަރުކާރުގެ އެހީގައި ޢިމާރާތް ކުރެވުނު ކަމުގައިވިޔަސް، އަދި މިހާތަނަށް އަމިއްލަގޮތުން ހިނގަމުންދާ ތަނެއް. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މިރަށުގެ ވެރިންގެވެސް އަދި މަދަރުސާ ހިންގަވާ ފަރާތްތަކުގެވެސް އެދުމަކީ، ސަރުކާރުން އިރުޝާދިއްޔާއާ ޙަވާލުވުން. އިރުޝާދިއްޔާއަކީ ސަރުކާރުން ހިންގާ ސްކޫލެއް ކަމުގައި ހަމަޖެއްސުން. އެކަން އެހެން އޮތުމާއެކު، އިރާދަކުރެއްވިއްޔާ، މިއަންނަ މާޗް މަހުގެ އެއްވަނަ ދުވަހުން ފެށިގެން އިރުޝާދިއްޔާއަކީ، ސަރުކާރުން ހިންގާ ސްކޫލެއްގެ ގޮތުގައި ހަމަޖެހޭނެ. އާދެ، އެކަން އެގޮތަށް ހަމަޖެއްސުމުގެ ބޭނުމަކީވެސް، ކުރިން ދެންނެވި ފަދައިން، މި މަދަރުސާގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ކުރުމަށް މަގުފަހިކޮށްދިނުން. މަރަދުއާއި މަރަދޫފޭދޫގެ ކުދިންގެތެރެއިން ވީހާގިނަ ޢަދަދެއްގެ ކުދިންނަށް އެކަށީގެންވާ ރަނގަޅު ތަޢުލީމެއް ލިބުމުގެ ފުރުޞަތު ސަރުކާރުން ހަމަޖައްސައިދިނުން.

އާދެ، މަރަދުއާއި މަރަދޫފޭދޫއާ، މިހެން އަބަދު ކިޔަންޖެހޭއިރު، އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ، އަޅުގަނޑުމެން ނިސްބަތްވަނީ ކޮން ފަރާތަކަށްތޯ. އެއީ، އަޅުގަނޑުމެން އަބަދުވެސް ނިންމަންޖެހޭ ކަމެއްގެ ގޮތުގައި. އާދެ، އަޅުގަނޑުމެންނަކީ ކޮންބައެއްތޯ؟ އަޅުގަނޑުމެންގެ ޝަޚްޞިއްޔަތަކީ ކޮބައިތޯ؟ އެރޮނގުން ވިސްނާއިރު ޝައްކެއްނެތް، އަޅުގަނޑުމެން ނިސްބަތްވާ ދެކަމެއް އެބައޮތް. އޭގެތެރެއިން އެންމެ ފުރަތަމަ ކަމަކީ، މާތްވެގެންވާ އިސްލާމްދީން. އަޅުގަނޑުމެންނަކީ މުސްލިމުން. ދެވަނަކަމަކީ، އަޅުގަނޑުމެންނަކީ ދިވެހި ޤައުމުގެ ދަރިން ކަމުގައިވާކަން. އަޅުގަނޑުމެން އެންމެންނަކީ ދިވެހިން. އެހެންކަމުން، އަޅުގަނޑުމެން ނިސްބަތްވާ ދެކަމަކީ ނުވަތަ އަޅުގަނޑުމެންގެ ޤައުމީ ޝަޚްޞިއްޔަތުގެ ދެ ބިންގަލަކީ، މާތްވެގެންވާ އިސްލާދީނާއި ދިވެހިވަންތަކަން ކަމުގައި، އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ. އޭގެ އިތުރުން، އެހެން ކަންތައްތަކަށް ނިސްބަތްވުން އެއީ، ފަހަރެއްގައި އޭގެ ސަބަބުން ތަފާތު މައްސަލަތައް ނުކުތުން އެކަށީގެންވާ ކަމެއް. މިހާރުވެސް އެބާވަތުގެ މައްސަލަތައް ރާއްޖޭގައި އެބަހުރި. އަޅުގަނޑުމެންނަކީ ވަކި އަތޮޅަކަށް ނިސްބަތްވާ ބަޔަކަށްވުން ނުވަތަ ވަކި ރަށަކަށް ނިސްބަތްވާ ބަޔަކަށްވުން. ނުވަތަ ވަކި ރަށެއްގެ ވަކި އަވަށަކަށް ނިސްބަތްވާ ބަޔަކަށްވުން. މި ޝުޢޫރު އަޅުގަނޑުމެންގެ ހިތުގައި ޙައްދުފަހަނައަޅާ ހިސާބަށް ހިނގައްޖިއްޔާ، އަޅުގަނޑުމެންގެ ތެރޭގައި އުފެދެނީ ހަމަނުޖެހުން. އަޅުގަނޑުމެންގެ މެދުގައި އޮންނަންވާ އެކުވެރިކަން ދަނީ ގެއްލިގެން. މުސްލިމުންގެ ގޮތުގައި ތިބޭއިރު، އަޅުގަނޑުމެންނަކީ އެއްބަނޑުއެއްބަފާ ބަޔަކަށްވާންޖެހޭ. އަޚުންތަކަކަށް ވާންޖެހޭ. އެހެންނަމަވެސް، މި ދެންނެވި ކުދިކުދި، ހަނިހަނި ދާއިރާތަކަށް ނިސްބަތްވެ، އެކަން އަޅުގަނޑުމެންނަށް ކުރިއަށް ނެރެވޭތީ، އެކަމުގެ ސަބަބުން، ރާއްޖެތެރޭގައި ބައެއް ރަށްރަށުގައި އެކަންވަނީ ވަރަށްބޮޑު މައްސަލައަކަށް ވެފައި. ރައްޔިތުންގެ މެދުގައި ހަމަނުޖެހުން އުފެދޭ ކަމަކަށް އެކަން އޮންނަނީ ވެފައި.

އެހެންވީމާ، އަޅުގަނޑު ދަންނަވަން މިއުޅޭ އެއްޗަކީ، އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވެފައި، ދިވެހި ޤައުމުގެ ދަރިންކަމަށްވީމާ، އެހިސާބުން އަޅުގަނޑުމެން އެ ނިސްބަތްވާ ދާއިރާ ނިމުނީ ކަމަށް ބަލަމާތޯއޭ. އަޅުގަނޑުމެންގެ ތެރެއިން މިވެނި މީހަކީ މަރަދޫ މީހެކޭ، އަނެއް މީހަކީ މަރަދޫފޭދޫ މީހެކޭ، އެހެންވީމާ، އެ ދެމީހުންގެ ދޭތެރޭގައި، މިވެނި ކަހަލަ ގޮތަކަށޭ ކަންތައްތައް އޮންނަންވާނީ. އެ ޚިޔާލު އަޅުގަނޑުމެން ވެއްޖެ ދޫކޮށްލަން. އަޅުގަނޑުމެންގެ ޤައުމަށްޓަކައި، ޤައުމުގެ މަޞްލަޙަތަށްޓަކައި. އަދި ރައްޔިތުންގެ ފައިދާއަށްޓަކައި. އެކިއެކި ރަށްރަށުގައިވެސް މި މައްސަލަ އޮވޭ. އަޅުގަނޑުމެންގެ ރާއްޖެތެރޭގެ ގިނަ ރަށްރަށް މި ހުންނަނީ އަވަށްތަކަކަށް ބެހިފައި. ދެ އަވަށް ދޭތެރޭގައި ހަމަނުޖެހުން އުފެދިފައިވާ ރަށްތައްވެސް ރާއްޖެތެރޭގައި އެބަހުރި. އޭގެ ސަބަބުން ރައްޔިތުން ތަރައްޤީއަށް ކުރާ މަސައްކަތްތަކަށް ހުރަސްއެޅޭގޮތް ވަރަށްގިނަފަހަރަށް އޮންނަނީ ދިމާވެފައި.

އެހެންވީމާ، އެއީ އެއްގޮތަކަށްވެސް ބޭނުންކަމެއް ނޫންކަމަށް އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ. އަޅުގަނޑުމެންނަކީ ދިވެހިން. އަޅުގަނޑުމެންނަކީ މުސްލިމުން. އެ ހިސާބުން އެކަން އެ ނިމުނީ. ދެން އަޅުގަނޑުމެން ވާންޖެހޭނީ އެއްބަނޑުއެއްބަފާ ބަޔަކަށް. އަޚުންތަކަކަށް. އަޅުގަނޑުމެންގެ މެދުގައި ރަށުގެ ތަފާތެއް، އަވަށުގެ ތަފާތެއް އޮވެގެން ނުވާނެ. އަޅުގަނޑުމެންގެ ދީނާއި، އަޅުގަނޑުމެންގެ ޤައުމާ، މި ދެފަރާތަށް ނިސްބަތްވުމުން، އިތުރަށް އެއަށްވުރެ އެހެން ހަނި ދާއިރާއަކަށް ނިސްބަތްވުމުގެ އެއްވެސް ބޭނުމެއް ނުވަތަ ފައިދާއެއް އޮތް ކަމަކަށް ހަމަގައިމުވެސް އަޅުގަނޑު ނުދެކެން. އަދި، އެ ނިސްބަތްވާ ނިސްބަތްވުން، އޭގެ ޙައްދުފަހަނަޅައި ހިނގައްޖިއްޔާ، އެއީ، ޤައުމަށް ހުރި ނުރައްކަލެއް ކަމުގައިވެސް ވެގެން އެބަދޭ. ހަމައެކަނި ރާއްޖެއަކު ނޫން. ރާއްޖެއިން ބޭރުގެ ޤައުމުތަކަށް ވިސްނާލާއިރުވެސް އެކަންވަނީ އެހެން. އެކި ތަންތާނގައި މި ދެންނެވި ގޮތަށް، އެ ތަޢައްޞުބުގެ ރޫޙު އުފެދުނީމާ، އެ މީހުންގެ މެދުގައި އޮންނަންޖެހޭ ހަމަޖެހުމުގެ ބަދަލުގައި ހަމަނުޖެހުމަކަށް ބަދަލުވެގެންދަނީ، ފިތުނަތައް އުފެދޭގޮތްވަނީ، އޭގެ ސަބަބުން ބައެއް ތަންތާނގައި، ލޭ އޮހޮރޭ ހިސާބަށްވެސް ކަންތައްތައްދޭ. އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް ރާއްޖޭގައި އެފަދަ ގޮތަކަށް ކަންތައްތައް ދާކަށް ބޭނުމެއްނުވާނެކަން ކަށަވަރު.

އެހެންވީމާ، އަޅުގަނޑުގެ ނަސޭހަތަކީ، އަޅުގަނޑުމެންވެސް ރަށުވަންތަކަމަށް ނުވަތަ އަވަށުވަންތަކަމަށް އެހާބޮޑު އަހަންމިއްޔަތެއް ނުދިނުން. އަޅުގަނޑުމެންގެ ދީނަށާއި، އަޅުގަނޑުމެންގެ ޤައުމަށް އަހަންމިއްޔަތު ދިނުމަށްފަހުގައި، ދެން އެންމެންނަކީ ހަމަހަމަ ބައެއްކަމުގައި، އެންމެންނަކީ ދިވެހިންކަމުގައި، މުސްލިމުން ކަމުގައި ބެލީމާ، ދެން އެހިސާބަށް އެކަންތައް ނިމުނީކަމަށް ބެލުން. އެހެން އަޅުގަނޑު މި ދަންނަވަނީ، މުސްތަޤްބަލުގައި ސަރުކާރުން ރާވާ ރޭވުންތަކުގައިވެސް، މިގޮތުގެ މަތީން ޚިޔާލުކުރަން ޖެހިފައި އޮތީމަ. ދެންމެ އަޅުގަނޑު ދެންނެވި ފަދައިން، ފޭދުއާއި، މަރަދުއާއި، މަރަދޫފޭދޫގެ މީހުންގެ ތެރެއިން މުސްތަޤްބަލުގައި ގޯތި ލިބެންޖެހޭ މީހުންނަށް، މި އަތޮޅުން ވަކި ސަރަޙައްދެއް އަލުން އާބާދުކޮށް، އެތަނަކުން އެމީހުންނަށް ގޯތި ދޭނެ ވާހަކަ ނުވަތަ ދޭން ޤަޞްދުކުރާ ވާހަކަ ދަންނަވާއިރު، މުސްތަޤްބަލުގައި އަޅުގަނޑުމެންގެ ރަށްރަށް އޮންނާނެ ގޮތާ ދޭތެރޭގައިވެސް ވިސްނަން އެބަޖެހޭ. އަޅުގަނޑުމެންގެ ރަށްރަށުގެ ޢަދަދު މިހާރު މިއޮތް ވަރަށްވުރެ އިތުރުވެގެންދިޔުމަކީ، މުސްތަޤްބަލަށް ވިސްނާއިރު ބޭނުންކަމެއް ނޫން. ބުއްދިވެރި ގޮތެއްވެސް ނޫން. އެހެންވީމާ، އަޅުގަނޑު އެހެން މި ދަންނަވަނީ، އަޅުގަނޑުމެންގެ ތެރޭގައި އޮންނަ ގުޅުންތައް ބަދަހިކުރަމާތޯއޭ، އަޅުގަނޑުމެން އެކުވެރި ބަޔަކަށްވަމާތޯއޭ، އެއްބަނޑުއެއްބަފާ މުސްލިމުންގެ ގޮތުގައި، ﷲ ދެއްވާފައިވާ ނިޢުމަތްތަކުގެ ބޭނުންކޮށްގެން، އަޅުގަނޑުމެން ޤައުމު ތަރައްޤީކުރަން މަސައްކަތް ކުރާ ބަޔަކު ކަމުގައިވަމާތޯއޭ.

އާދެ، ރާއްޖެތެރެ ތަރައްޤީކުރުމަށް ސަރުކާރުންދޭ އަހަންމިއްޔަތުގެ ސަބަބުން، މަރަދޫގައިވެސް، މަރަދޫފޭދޫގައިވެސް ސަރުކާރުން މީގެކުރިން ކަންތައްތަކެއް ވަނީ ކޮށްދީފައި. އެކަންތައްތަކުގެ ވާހަކަ ކޮންމެހެން އަޅުގަނޑު ދަންނަވާކަށް ނެތިން. އެކަންތައްތައް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އަދި މިހާރުވެސް ރޭވިގެން ހިނގަމުންދާ ކަންތައްތަކެއް އެބަހުރި. އެކަންތައްތައްވެސް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ވަރަށް އަވަހަށް އިރާދަކުރެއްވިއްޔާ މި ދެރަށަށް ކަރަންޓުގެ ޚިދުމަތް ލިބޭނެ. އެ މަސައްކަތް މިހާރު ދަނީ ހިނގަމުން. އަދި މިނޫންވެސް ތަފާތު ގޮތްގޮތުން ސަރުކާރަށް ވެވުނު އެހީއެއް، މި ދެރަށަށް ވެދޭނެ. ޢާންމުކޮށް، ރާއްޖެތެރޭގެ ހުރިހާ ރަށަކަށްވެސް ވެދޭނެ. އެކަންތައްތަކުގެ ޚަބަރު ތިޔަބޭފުޅުންނަށް ދޭތެރެދޭތެރެއިން އިވިވަޑައިގަންނަވާނެ. އަޅުގަނޑުގެ ބޭނުމަކީ ރައްޔިތުން، މި ސަރުކާރުން ކޮށްދޭ ކަންތައްތަކުގެ ބޭނުންހިއްޕަވައިގެން، ރައްޔިތުންގެ އަމިއްލަ ތަރައްޤީއަށް މަސައްކަތް ކުރެއްވުން. އެ ނަޞޭހަތް ދިނުން އަޅުގަނޑުގެ މަޤްޞަދަކީ. އަޅުގަނޑުމެންގެ ދިރިއުޅުން ތަރައްޤީކުރަން މަސައްކަތް ކުރަންޖެހޭނީ އަޅުގަނޑުމެންނަށް. އަޅުގަނޑުމެންގެ ރަށް ކުރިއަރުވަން މަސައްކަތް ކުރަންޖެހޭނީ އަޅުގަނޑުމެންނަށް. އަޅުގަނޑުމެންގެ ޤައުމު ކުރިއަރުވަން މަސައްކަތް ކުރަންޖެހޭނީވެސް އަޅުގަނޑުމެންނަށް. އެއީ، އެހެންބަޔަކު އައިސްގެން އަޅުގަނޑުމެންނަށް ކޮށްދޭނެ ކަމެއް ނޫން. ކޮންމެ މީހަކުވެސް، އެމީހެއްގެ ދިރިއުޅުން ތަނަވަސްކޮށް، ތަރައްޤީ ކުރުމަށް މަސައްކަތް ކުރަންޖެހޭނީ، އެމީހަކު އަމިއްލައަށް ނުވަތަ އެހެން މީހުންނާ ގުޅިގެންނަމަވެސް، އެމީހެއްގެ އަމިއްލަ މަސައްކަތުން އެކަން ކުރިއަށް ގެންދަންޖެހޭނީ.

އެހެންވީމާ، ސަރުކާރުން މި ހޯދައިދޭ ފުރުޞަތުތަކުގެ ބޭނުން، ރައްޔިތުން ކުރައްވައިގެން، ރައްޔިތުންގެ ފެންވަރު، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު، އެއްދުވަހުން އަނެއްދުވަހަށް މަތިކުރައްވަމުން ގެންދެވުމަކީ، އަޅުގަނޑު ދެކޭގޮތުގައި ރައްޔިތުންގެ ވާޖިބެއް. އިޤްތިޞާދީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން އަޅުގަނޑުމެން ވަނީ ކުރިއަށްދާން ޖެހިފައި. އަޅުގަނޑުމެންގެ ރާއްޖެއަކީ، ދުނިޔޭގެ ނިސްބަތުގައި މާ ކުރިއަށް ގޮސްފައިވާ ތަނެއް ނޫން. އެހެންކަމާއެކީގައި، އަޅުގަނޑުމެން މުސްތަޤްބަލަށް ވިސްނާފައި، ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަންޖެހޭ. އިޤްތިޞާދީ ގޮތުން އަޅުގަނޑުމެންނަށް ކުރެވެން އޮތީ ކޮންކޮން މަސައްކަތްތަކެއްތޯ ބަލާފައި، އެ މަސައްކަތްތައް ކުރަން އެބަޖެހޭ. މަސްވެރިކަމާއި، ޓޫރިޒަމާއި އަދި ދަނޑުވެރިކަންވެސް އަދި އެނޫން އެހެން ވިޔަފާރިއާއި، މިހެންގޮސް އަޅުގަނޑުމެންގެ ރާއްޖޭގައި އިޤްތިޞާދީ ތަރައްޤީއަށްޓަކައި ކުރެވޭ ބޮޑެތި މަސައްކަތްތަކެއްވެސް އެބަހުރި. އެ މަސައްކަތްތައްވެސް އަޅުގަނޑުމެންނަށް ކުރަން އެބަޖެހޭ. އިޖުތިމާޢީ ގޮތުން ކުރިއަށް ދިޔުމަށްޓަކައި އަޅުގަނޑުމެން ތަޢުލީމު ފަތުރަންޖެހޭ. އަޅުގަނޑުމެންގެ ޞިއްޙީ ޚިދުމަތްތައް ފުޅާކުރަންޖެހޭ. އަދި މުވާޞަލާތުގެ ކަންތައްތައް ތަރައްޤީ ކުރަންޖެހޭ. މިހެންގޮސް ވަރަށް ގިނަ ކަންތައްތަކެއް އަޅުގަނޑުމެން ކުރަން އެބަޖެހޭ. މިހުރިހާ ކަމެއް ކުރުމުގައި ރައްޔިތުންގެ އެއްބާރުލުމަކީ، ސަރުކާރަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއް. ރައްޔިތުންގެ އެއްބާރުލުން ސަރުކާރަށް މިހާރުވެސް ލިބެމުންދަނީ ވަރަށް މަތިވެރި ދަރަޖައަކަށް ކަމަށް އަޅުގަނޑަށް ދަންނަވަންޖެހޭ. އަދި އޭގެ އިތުރުން، މުސްތަޤްބަލުގައި އަދި މިހާރަށްވުރެވެސް ބޮޑަށް، ސަރުކާރާއި ރައްޔިތުން ގުޅިގެން ތަފާތު މަސައްކަތްތަކެއް ކޮށްގެން، އަޅުގަނޑުމެން އެ ބޭނުންވާގޮތަށް އަޅުގަނޑުމެންގެ މުސްތަޤްބަލް އެއީ އުފާވެރި، އެއީ ތަނަވަސް، ބާއްޖަވެރި މުސްތަޤްބަލެއް ކަމުގައި ހެދޭނީ.

އާދެ، ވަގުތުގެ ގޮތުން، މިތާނގައި އަޅުގަނޑު ހުރެގެން މާގިނަ ވާހަކަތަކެއް ދެއްކޭކަށެއް ނެތް. އެހެންވީމާ، އަދިވެސް އެއްފަހަރު، މަރަދުއާއި، މަރަދޫފޭދޫގެ ރައްޔިތުންގެ ފަރާތުންނާއި އަދި މި ދެރަށުގެ ވެރިންނާއި، މި ދެރަށުގެ ކޮމިޓީތަކުގެ މެންބަރުންގެ ފަރާތުން، އަޅުގަނޑަށް މި ލިބުނު ހޫނު މަރުޙަބާއަށްޓަކައި، އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމުން އަދި މަރަދުއަށާއި، މަރަދޫފޭދުއަށް މިއަދަށްވުރެ ފާގަތި، ތަނަވަސް މުސްތަޤްބަލަކަށް އެދެމުން އަދި މާތްވެގެންވާ އިސްލާމްދީނުގެ މަގުގައި ފައިތިލަ ސާބިތުކޮށްގެން، ދިވެހި ޤައުމައިގެން ތަރައްޤީގެ މަގުގައި ކުރިއަށްދިޔުމުގެ ހެޔޮތައުފީޤު، ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ދެއްވުން އެދި اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ދުއާކުރަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަނީ.

والسّلام عليكم ورحمـة اللّـه وبركاته.