بســم اللّـه الرّحمـن الرّحيــم
اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން.
އާދެ، މިރެޔަކީ، މަދްރަސަތުލް އަޙްމަދިއްޔާގެ ޙަޔާތުގައި ވަރަށް ޚާއްޞަ ރެޔެއް. ރާއްޖޭގެ ތަޢުލީމީ ޙަޔާތުގައިވެސް އެހާމެ ޚާއްޞަ ރެޔެކޭ އަޅުގަނޑަށް ދަންނަވަން ޖެހެނީ، އާދެ، މަދަރުސާއަކަށް 10 އަހަރު ފުރުމަކީ، ދެންމެ މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ވާހަކަފުޅުގައި އެ ވިދާޅުވިފަދައިން، ވަރަށް ބޮޑު ކަމެއް. އެހެންކަމާއެކު، މި އުފާވެރި މުނާސަބަތުގައި، މަދަރުސަތުލް އަޙްމަދިއްޔާ، އެ ބޭފުޅެއްގެ ނަންފުޅަށް ނިސްބަތްވެގެންވާ، އަލްފާޟިލް ޑީ. އަޙްމަދުދީދީއަށާއި، އެ މަދަރުސާގެ ޕްރިންސިޕަލް، އަލްފާޟިލް ޢަބްދުއްސަމީޢު ޙަސަނަށާއި، މަދަރުސާގެ އިދާރީ ހިންގުންތެރިންނަށާއި، މުދައްރިސުންނަށާއި، މަދަރުސާގެ ދަރިވަރުންނަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން. ހަމަ އެއާއެކު، މި މަދަރުސާ މިހާ ފުރިހަމަގޮތެއްގައި، މިވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ހިންގަވައިދެއްވި ކުރީގެ ޕްރިންސިޕަލުންނަށްވެސް އަދި މި ވޭތުވެދިޔަ 10 އަހަރު ދުވަހު ތެރޭގައި، ވަރަށް އެކަށީގެންވާ ޚިދުމަތްތެރި ގޮތެއްގައި މި މަދަރުސާ ހިންގުމަށް އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަކަށް، އާދެ، މައްޗަންގޮޅީގެ ޢިއްޒަތްތެރި އެކި ބޭފުޅުންނަށް، މައްޗަންގޮޅި އަވަށް ކުރިއަރުވާ ކޮމިޓީގެ މެންބަރުންނަށާއި އަދި މައްޗަންގޮޅީގެ ޢާންމު ރައްޔިތުންނަށް ވަރަށް ޚާއްޞަ ގޮތެއްގައި އަޅުގަނޑު މި މުނާސަބަތުގައި މުބާރަކްބާދީ ދަންނަވަން.
އާދެ، 14 ޖޫން 1979 މި ތާރީޚުގައި އެ މަދަރުސާއެއްގެ ބިންގާ އަޅައިދިނުމުގެ އުފާ އަޅުގަނޑަށް ލިބުނު. އަދި 21 ފެބުރުއަރީ 1982 މި ތާރީޚުގައި އެ މަދަރުސާއެއް ހުޅުވައިދިނުމުގެ އުފާ އަޅުގަނޑަށް ލިބުނު، މަދަރުސަތުލް އަޙްމަދިއްޔާއަށް 10 އަހަރު ފުރުމުގެ އުފާވެރި އިޙްތިފާލުގައި ބައިވެރިވުމަށްޓަކައި، އަޅުގަނޑަށް ދަޢުވަތު ދެއްވި ކަމަށްޓަކައި، މަދަރުސާގެ ބާނީއަށާއި، މަދަރުސާގެ ޕްރިންސިޕަލަށާއި އަދި މަދަރުސާގެ މުދައްރިސުންނަށް، ވަރަށްވެސް ހިތްހަމަޖެހުމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. މިފަދަ މުހިންމު މުނާސަބަތެއްގައި މަދަރުސާއަށް އައިސް، މަދަރުސާއާ ބެހޭގޮތުން އެކިއެކި ބޭފުޅުން އެ ދެއްވި މަޢުލޫމާތުތައް އަހައި އަދި މި މަދަރުސާއިން މި ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ޙާޞިލްކޮށްފައިވާ ތަޢުލީމީ ޚިދުމަތާއި، ޤައުމީ ޚިދުމަތުގެ ތަފްޞީލުތަކާ ގުޅޭގޮތުން އަދި މި މަދަރުސާއާ ބެހޭގޮތުން އެއްޗެއް ދަންނަވާލުމުގެ ފުރުޞަތު އަޅުގަނޑަށް ލިބުނުކަމީ، ވަރަށް ޚާއްޞަ ގޮތެއްގައި އަޅުގަނޑު ފާހަގަކުރާ ކަމެއް.
ޝައްކެއްނެތް، މިއަދު މަދަރުސަތުލް އަޙްމަދިއްޔާ މި ހިމެނިގެންދަނީ، ރާއްޖޭގެ މަދަރުސާތަކުގެ ތެރެއިން ވަރަށް ޚާއްޞަ މަދަރުސާއެއްގެ ގޮތުގައި. އާދެ، މާލޭގައި ހުރި އަވަށު މަދަރުސާތަކުގެ ތެރެއިން އެންމެ ދޮށީ މަދަރުސާ ކަމަށްވެފައި، އަދި އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މުޅި ރާއްޖޭގައި ހިނގަމުންދާ މަދަރުސާތަކުގެ ތެރެއިން، އާދެ، ސަރުކާރުގެ މަދަރުސާތަކާއި، އަމިއްލަ ފަރާތްތަކުން ހިންގަވާ ހުރިހާ މަދަރުސާތަކުގެ ތެރެއިންވެސް، އެންމެ ގިނަ ޢަދަދަކަށް ތަޢުލީމު ޙާޞިލްކުރާ ކުދިން ދާ މަދަރުސާއަކީ މަދަރުސަތުލް އަޙްމަދިއްޔާ ކަމަށްވާތީ، ޝައްކެއްނެތްގޮތުގައި، މިރޭ މި ފާހަގަކުރެވޭ އިޙްތިފާލަކީވެސް އަޅުގަނޑުމެންގެ ތަޢުލީމީ ޙަޔާތުގައިވެސް އަދި ޤައުމީ ޙަޔާތުގައިވެސް ވަރަށް ޚާއްޞަ ގޮތެއްގައި އަޅުގަނޑުމެން ހަނދާންކުރަންޖެހޭނެ ޙަފްލާއެއް އަދި އިޙްތިފާލެއް.
ސަރުކާރުން ރާއްޖޭގެ ތަޢުލީމަށްޓަކައި ކުރަމުން ގެންދާ މަސައްކަތްތަކުގައި، އަމިއްލަ ފަރާތްތަކުން އިސްނަންގަވައިގެން ޙިއްޞާ ކުރައްވަމުން ގެންދަވާކަމީ، ޝައްކެއްނެތްގޮތުގައި، މުޅި ޤައުމަށާއި މުޖުތަމަޢަށް ވަރަށްވެސް ފައިދާހުރި ކަމެއް. މި މަދަރުސާ ހިމެނިގެންދާނީ، އަޅުގަނޑު ހިތުން ރައްޔިތުންނާއި ސަރުކާރާ ގުޅިގެން ކުރަމުން ގެންދާ ކާމިޔާބު މަސައްކަތްތަކުގެ ތެރެއިން، ވަރަށްވެސް ކާމިޔާބު މަސައްކަތެއް ކަމުގައި. މީގެ 10 އަހަރު ކުރިން މި މަދަރުސާ ހުޅުވުމަށްފަހުގައި، މިވޭތުވެދިޔަ ދުވަސްތަކުގެ ތެރޭގައި، މި މަދަރުސާ ހިމެނިފައި ވަނީ ހަމައެކަނި ތަޢުލީމީ ހިޔާވައްސެއްގެ ގޮތުގައެއް ނޫން. އިޖުތިމާޢީ ޚިދުމަތާއި، ޤައުމީ ޚިދުމަތްވެސް ދޭ މަރުކަޒެއްގެ ގޮތުގައި.
އާދެ، މާލޭގެ އަވަށްއަވަށުގެ ޚިދުމަތް ސަރުކާރަށް ލިބެން ބޭނުންވެފައިވާ ވަގުތެއްގައި، އަވަށުގެ ކަންތައްތައް ރާވައި، އިންތިޒާމުކޮށް، ހަމަޖެއްސުމަށް އެންމެ އެކަށީގެންވާ މަރުކަޒަކީ، ކޮންމެ އަވަށެއްގައިވެސް އުފެދިފައިވާ މަދަރުސާ ކަމަށްވާތީ، އަވަށު މަދަރުސާތަކުގެ ފަރާތުން، މި ދެންނެވި ފަދައިން، ރާއްޖޭގެ ޤައުމީ ކަންތައްތަކާއި، އިޖުތިމާޢީ ކަންތައްތަކުގައި ވަރަށް މުހިންމު ބައެއް މިހާރު އެ ގެންދަވަނީ އަދާކުރައްވަމުން. ހަމައެކަނި މަދަރުސަތުލް އަޙްމަދިއްޔާއެއް ނޫން. މާލޭގައި އުފެދިފައިވާ އެހެން އަވަށް އަވަށުގެ މަދަރުސާތަކުންވެސް އެފަދަ މުހިންމު ޚިދުމަތްތަކެއް އަޅުގަނޑުމެންގެ ޤައުމަށް މިހާރު ދަނީ ލިބެމުން. އެ ޚިދުމަތްތައް އެއީ، ވަރަށްވެސް ބޭނުންތެރި، ވަރަށްވެސް މުހިންމު ޚިދުމަތްތަކެއް ކަމުގައި އަޅުގަނޑު ދެކެން. އަޅުގަނޑުމެންގެ ރާއްޖެ ފަދަ ޤައުމެއްގައި، އަޅުގަނޑުމެންގެ ވަސީލަތްތައް މަދުކަމާ އެކީގައި އަދި ސަރުކާރުގެ ބަޖެޓުގެ ދަތިތައް ހުރިގޮތުންނާ އެކީގައި، ޤައުމުގެ ތަރައްޤީގެ މަސައްކަތްތަކުގައި އަމިއްލަ ފަރާތްތަކުން ވަރަށް ބޮޑު ޙިއްޞާއެއް އަދާކުރައްވަންޖެހޭކަމީ މިއަދު އަޅުގަނޑުމެން ގަބޫލުކުރަން ޖެހިފައިވާ ޙަޤީޤަތެއް.
ރާއްޖޭގެ ފޯރުންތެރި އަމިއްލަ ފަރާތްތަކުން މިފަދަ މުހިންމު މަސައްކަތްތަކުގައި ބައިވެރިވެވަޑައިގަންނަވަމުން ގެންދަވަނީ ވަރަށް އެދެވޭ ގޮތެއްގައިކަން މި ފުރުޞަތުގައި އަޅުގަނޑު ފާހަގަކޮށް، ތަފާތު އެކިއެކި ރޮނގުރޮނގުގައި އަމިއްލަ ފަރާތްތަކުން އެ ކުރައްވާ ބޮޑެތި ހޭދަތަކާއި، އެ ކުރައްވާ އަގުހުރި މަސައްކަތްތައް ވަޒަންކޮށް، އެ ހުރިހާ ފަރާތްތަކަކަށް ޝުކުރު ދެންނެވުމަކީވެސް، މިރޭ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް.
އާދެ، މަދަރުސަތުލް އަޙްމަދިއްޔާގެ ވާހަކަ ދައްކާއިރު، އެންމެ ފުރަތަމަވެސް މި މަދަރުސާގެ ބާނީ މަދަރުސާއަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ ވާހަކަ ދައްކާލަންޖެހޭ. ޝައްކެއްނެތް، އަލްފާޟިލް ޑީ. އަޙްމަދުދީދީ، އޭނާގެ އަމިއްލަފުޅު ޚަރަދުގައި މި މަދަރުސާގެ ފުރަތަމަ ޢިމާރާތް ބިނާކޮށްދެއްވިކަމީ އަދި މަދަރުސާ ހިންގުމުގެ ހުރިހާ ޚަރަދެއް އޭނާއާއި އޭނާގެ އަނބިކަނބަލުންގެ ފަރާތުން މަދަރުސާއަށް ލިބޭކަމީ ޝައްކެއްނެތްގޮތުގައި، އެ ދެ ބޭފުޅުން ދިވެހި ޤައުމަށާއި، ދިވެހި ތަޢުލީމަށް ވެދެއްވާ ވަރަށް ބޮޑު ޚިދުމަތެއް ކަމުގައި އަޅުގަނޑުމެން އަބަދުވެސް ހަނދާންކުރަންޖެހޭނެ. އެ ދެ ބޭފުޅުން އެ ކުރައްވާ ޚިދުމަތަކީ، އަޅުގަނޑު ދެކޭގޮތުގައި، ދެމިހުންނަނިވި ފައިދާހުރި ޚިދުމަތެއް. އެހެންކަމުން، މި ފުރުޞަތުގައިވެސް، އަލްފާޟިލް ޑީ. އަޙްމަދުދީދީއަށާއި، އޭނާގެ އަނބިކަނބަލުންނަށް ޝުކުރާއި ތަޢުރީފު ދެންނެވުމަކީ އަޅުގަނޑަށް ދޫކޮށްނުލެވޭވަރުގެ އުފަލެއް.
އާދެ، މަދަރުސަތުލް އަޙްމަދިއްޔާގެ މި ވޭތުވެދިޔަ 10 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި، މަދަރުސީ ގޮތުން، ތަޢުލީމީ ގޮތުން މި މަދަރުސާ ވަނީ ފާހަގަކޮށްލެވޭފަދަ ކާމިޔާބީތަކެއް ހާސިލުކޮށްފައި. އާދެ، މިހާރު ޖީ.ސީ.އީ. އޯ ލެވެލް އިމްތިޙާނުގައި ބައިވެރިވާ މި މަދަރުސާގެ ކުދިންތަކެއް އެބަތިބި. އަޅުގަނޑުމެންނަށް ޕްރިންސިޕަލްގެ ރިޕޯޓުން ހާމަވެގެންދިޔަގޮތުގައި، 1998 ވަނަ އަހަރުން ފެށިގެން ޖީ.ސީ.އީ. އޯލެވެލް އިމްތިޙާނުގައި މި މަދަރުސާގެ ކުދިން އަންނަނީ ބައިވެރިވަމުން. އަދި އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މިހާތަނަށް މި މަދަރުސާގެ 38 ދަރިވަރުން ވަނީ މި އިމްތިޙާނުގައި ބައިވެރިވެފައި.
އާދެ، ޖީ.ސީ.އީ. އޯ ލެވެލް އެއީ، ޢާންމުގޮތެއްގައި ބަލާއިރު، އަޅުގަނޑުމެންގެ މަދަރުސާތަކުން ދެވެން ހުންނަ އެންމެ މަތީ ތަޢުލީމީ ފެންވަރު. އާދެ، އެސް.އީ.ސީ.ގައި އެއަށްވުރެ މައްޗަށް ކިޔަވައިދިނުމުގެ އިންތިޒާމު ހަމަޖެހިފައި އޮތް ކަމުގައިވިޔަސް، ރާއްޖޭގެ އެހެން އެއްވެސް މަދަރުސާއެއްގައި އެފަދަ އިންތިޒާމެއް ހަމަޖެހިފައެއް ނެތް. އެހެންކަމާއެކު، މާލެއާއި ރާއްޖެތެރޭގައި ހުރި މަދަރުސާތަކުގައި އެންމެ މައްޗަށް ކިޔަވައިދެވޭ ފެންވަރަކީ މިވަގުތު ޖީ.ސީ.އީ. އޯ ލެވެލް. އެ ފެންވަރަށް އެ މަދަރުސާއިން ކިޔަވައިދެއްވަމުން ގެންދަވާތާ ތިން އަހަރު ވެފައިވުމާއި އަދި މި މަދަރުސާގެ ދަރިވަރުންގެ ތެރެއިން 38 ކުއްޖަކު އެ އިމްތިޙާނުގައި ބައިވެރިވެފައިވާކަން ދޭހަކޮށްދެނީ، މި މަދަރުސާއިން ދިވެހި ތަޢުލީމަށް ކުރައްވާ ޚިދުމަތުގެ ބޮޑުކަން.
އާދެ، ހަމައެކަނި ޖީ.ސީ.އީ. އޯލެވެލް ފެންވަރަށް ކިޔަވައިދެއްވުމެއް ނޫން، މި މަދަރުސާގެ ފަރާތުން ކޮށްދެއްވާ ތަޢުލީމީ ޚިދުމަތަކީ. އޭގެ އިތުރުން، ތަފާތު ރޮނގުރޮނގުގައި ޢާންމު ތަޢުލީމުގެ ރޮނގުގައިވެސް އަދި ޚާއްޞަ ކްލާސްތައް ހިންގެވުމުގެ ރޮނގުގައިވެސް އަދި ކިޔަވާކުދިންނާބެހޭ، ކިޔަވާކުދިންގެ ޙަޔާތާބެހޭ، ކިޔަވާކުދިން މަދަރުސާގައި ހޭދަކުރާ ވަގުތާއި، އެ ކުދިން ކުރަންޖެހޭ ތަޢުލީމީ މަސައްކަތްތަކާބެހޭ ވަރަށް ގިނަ ރޮނގުރޮނގުންވެސް މި މަދަރުސާގެ ޚިދުމަތް ދަނީ ލިބެމުން. އާދެ، މިގޮތުން އަދަބީ ޖަމްޢިއްޔާތައް އުފެއްދުމާއި، އަދަބީ ކަންކަން ކުރިއަށް ގެންދެވޭތޯ މަދަރުސާގެ ފަރާތުން މަސައްކަތް ކުރުމާއި، އެ ފަންނުތައް މަދަރުސާގެ ދަރިވަރުންނަށް ދަސްކޮށްދިނުމަށް މަދަރުސާއިން ކުރައްވާ މަސައްކަތްތައް އެއީ، އަޅުގަނޑުމެން ހަނދާންކުރަންޖެހޭ ކަމެއް. ހަމައެއާއެކުގައި، ޤައުމީ އަދި ދީނީ އެކިއެކި މުނާސަބަތުތައްވެސް، އެ ދުވަސްތަކާ އެކަށީގެންވާ ގޮތެއްގައި ފާހަގަކުރައްވައި، މަދަރުސާގެ ދަރިވަރުންގެ ހިތްތަކުގައި ޤައުމީ ރޫޙާއި، ދީނީ ރޫޙު އުފެއްދެވޭތޯ އެ ކުރައްވާ މަސައްކަތްތައް އެއީވެސް އަޅުގަނޑުމެން ހަނދާންކުރަންޖެހޭނެ މަސައްކަތްތަކެއް.
އާދެ، މިހުރިހާ ކަމެއްގެ އިތުރަށް، ތަޢުލީމު ޙާޞިލްކުރާ ކުދިބަޔަކަށް ބޭނުންވާ އެހެނިހެން ކަންކަމުގައިވެސް މި މަދަރުސާގެ ފަރާތުން މަސައްކަތް ކުރައްވަމުން ގެންދަވާ. އާދެ، ސްކައުޓް ޙަރަކާތްވެސް މި މަދަރުސާގައި ހިނގާ. އަދި ކެޑޭޓްވެސް ވަނީ އުފެދިފައި. ގައިޑުން ވަނީ އުފެދިފައި. އެހެންކަމާއެކު، ކިޔަވާ ކުއްޖެއްގެ ވަގުތުތައް ހޭދަކުރަން އެންމެ ފައިދާހުރި ކަންކަމުގައި، ވަގުތުތައް ހޭދަކުރެވޭނެ ގޮތްތައް މަދަރުސާގެ ފަރާތުން އިންތިޒާމު ކޮށްދެއްވާކަން އެއީވެސް އަޅުގަނޑުމެން ފާހަގަކޮށްލަންޖެހޭނެ ކަމެއް.
އެހެންކަމުން، މި މަދަރުސާއަކީ މިދެންނެވި ގޮތްގޮތުން، ތަޢުލީމީ ގޮތުންނާއި އަދި ޤައުމީ ފެންވަރުގައި ކުރެވޭ އެކިއެކި ކަންތައްތަކުގައިވެސް ޙިއްޞާކުރުމުގެ ގޮތުން މިރޭ އަޅުގަނޑުމެން ހަނދާންކުރަންޖެހޭ ޚިދުމަތްތަކެއް ލިބެމުންދާ މަދަރުސާއެއް. ހަމަ އެފަދައިން، މި މަދަރުސާގެ ދަރިވަރުން ޤައުމީ ފެންވަރުގައި ޙާޞިލްކުރަމުން ގެންދާ ކާމިޔާބީތައް އެއީވެސް އަޅުގަނޑުމެން ހަނދާންނައްތާލައިގެން ވާނެ ކާމިޔާބީތަކެއް ނޫން. ޕްރިންސިޕަލްގެ ރިޕޯޓުގައި ވިދާޅުވި ފަދައިން، ޤުރްއާން ކިޔެވުމުގެ މުބާރާތާއި، ޅެން ހެދުމުގެ މުބާރާތާއި އަދި މިނޫންވެސް އެކިއެކި މުބާރާތްތަކާއި، ޤައުމީ ފެންވަރުގައި ބޭއްވޭ އެކިއެކި ކަންތައްތަކުގައި، މި މަދަރުސާގެ ދަރިވަރުން ބައިވެރިވެ، މަދަރުސާއަށް ރީތި ނަމާއި، ފަޚުރުވެރި ކާމިޔާބީތައް ގެންދަނީ ހޯދައިދެމުން. އެހެންކަމުން، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުން އިޝާރާތް ކުރެއްވި ފަދައިން، މި މަދަރުސާއަކީ ހުރިހާ މާނައެއްގައިވެސް ނަމޫނާ މަދަރުސާއެއް ކަމުގައި ބެލިދާނެ މަދަރުސާއެއް ކަމުގައި އަޅުގަނޑުވެސް ދެކެން.
އާދެ، މިފަދަ މުހިންމު މުނާސަބަތެއްގައި ވާހަކަ ދައްކާއިރު، އަދި ޚާއްޞަކޮށް، މި ޖަލްސާއަށް މަދަރުސަތުލް އަޙްމަދިއްޔާގެ ލޮބުވެތި ދަރިވަރުން ޙާޟިރުވެ ތިބުމާ އެކުގައި، އެ ކުދިންނާ މުޚާޠަބުކޮށްވެސް އެއްޗެއް ދަންނަވާލުމަކީ، އަޅުގަނޑު ހިތުން ބޭނުންތެރި ކަމެއް. އެހެންކަމާއެކު، މަދަރުސަތުލް އަޙްމަދިއްޔާގެ ދަރިވަރުންނާ މުޚާޠަބުކޮށް، އަދި ޢާންމުކޮށް، ރާއްޖޭގެ ހުރިހާ ދަރިވަރުންނާ މުޚާޠަބުކޮށް، އަޅުގަނޑު ދެތިން ބަހެއް ދަންނަވާލަން ޤަޞްދުކުރަން.
އާދެ، މަދަރުސަތުލް އަޙްމަދިއްޔާގެ ދަރިވަރުންނާ މުޚާޠަބުކޮށް އަދި ޢާންމުކޮށް ރާއްޖޭގެ ކިޔަވާކުދިންނާ މުޚާޠަބުކޮށް، އެންމެ ފުރަތަމަ އަޅުގަނޑު ބުނަން ބޭނުންވާ ވާހަކައަކީ، ތިޔަކުދިން ތަޢުލީމު ޙާޞިލްކުރަމުން ގެންދާއިރު، ތަޢުލީމު ޙާޞިލްކުރުމުގެ މަޤްޞަދަކީ ކޮބައިކަން ދެނެގަންނަންވާނެއޭ. އިންސާނަކު އެއްވެސް ކަމެއް ކުރާއިރު، އެކަމެއް އެކުރަނީ ކޮން ބޭނުމެއްގައިކަން، އެމީހަކު ދަންނަންޖެހޭނެ. އެ ކުރާ ކަމަކީ ތަޢުލީމު ޙާޞިލްކުރުން ކަމުގައިވިޔަސް، އަދި ބޭނުންތެރި އެނޫން އެހެން މަސައްކަތެއް ކަމުގައިވިޔަސް، ކޮން މަޤްޞަދެއްގައިކަން، ކީއްވެގެންކަން އެ މަސައްކަތެއް އެ ކުރަނީ އެމީހަކު ދަންނަންޖެހޭނެ.
އާދެ، އެގޮތުން ތަޢުލީމު ޙާޞިލްކުރާ ކުދިބަޔަކު އެންމެ ފުރަތަމަ ދެނެގަންނަންވީ، ތަޢުލީމު ޙާޞިލްކުރުމުގެ މަޤްޞަދަކީ ކޮބައިކަން. އާދެ، ފަހަރެއްގައި އަޅުގަނޑުމެންގެ ހިތަށްއެރުން އެކަށީގެންވޭ، ތަޢުލީމު ޙާޞިލްކުރުމުގެ މަޤްޞަދަކީ، ތަފާތު ރޮނގުރޮނގުން ބޭނުންތެރި މަޢުލޫމާތުތަކަކުން ދަރިވަރުންގެ ސިކުނޑިތައް ފުރާލުމޭ. އާދެ، ޝައްކެއްނެތް، ތަޢުލީމު ބިނާވެފައިވަނީ، މަޢުލޫމާތު ދިނުމުގެ މައްޗަށް. އެހެންކަމުން، ތަޢުލީމު ޙާޞިލްކުރާއިރު، ވަރަށްގިނަ މަޢުލޫމާތުތަކެއް ދަރިވަރުންނަށް ލިބެމުންދާނެ. އަދި ލިބެންވެސްޖެހޭނެ. އެހެންނަމަވެސް، ތަޢުލީމު ޙާޞިލްކުރުމުގެ ހަމައެކަނި މަޤްޞަދަކީ، ބޭނުންތެރި މަޢުލޫމާތުތަކަކުން ތިމާގެ ސިކުނޑި ފުރާލުން ކަމުގައި ބެލުމަކީ ހަމަޖެހޭކަމެއް ނޫން. އާދެ، އެއަށްވުރެ ފަހަތުގައި، އޭގެ ފަހަތުގައި، އެއަށްވުރެ މާ މުހިންމު އެހެން މަޤްޞަދެއް އެބައޮތް. އެމަޤްޞަދަކީ ކިޔަވާކުދިންގެ ވިސްނުމަށް އެދެވޭ ބަދަލުތަކެއް ގެނައުން. އެ ކުދިންގެ އުޅުމަށާއި އަޚްލާޤަށް އެދެވޭ ބަދަލުތަކެއް ގެނައުން. އެ ކުދިންނަކީ ހަރުދަނާ ޝަޚްޞިއްޔަތުތަކެއްގެ ވެރި ބައެއްކަމުގައި ހެދުން.
އާދެ، ތަޢުލީމު ޙާޞިލްނުކުރާ މީހަކު ކަންކަމާ ދޭތެރޭގައި ޚިޔާލުކުރާގޮތާއި، އެކަށީގެންވާ ފެންވަރަކަށް ތަޢުލީމު ޙާޞިލްކޮށްފައިވާ މީހަކު ކަންކަމާ ދޭތެރޭގައި ޚިޔާލުކުރާގޮތް ވަރަށް ތަފާތުވާނެ. ކޮންމެ އިންސާނެއްގެވެސް އަމިއްލަ ބޭނުންތަކެއް ހުންނާނެ. އެހެންކަމުން، ވިސްނުމުގެ ފެންވަރު ވަކި ހިސާބެއްގައި ހިފެހެއްޓިފައިވާ ބައެއްގެ ހިތުގައި، އެންމެ އިސްކަން ދެވިފައި އޮންނާނީ، އެބައެއްގެ އަމިއްލަ ބޭނުންތައް ފުއްދުމަށް ސަމާލުކަން ދިނުން. ކޮންމެ ކަމަކާ ދޭތެރޭގައި ވިސްނާއިރުވެސް، އެކަމެއްގައި އޭނާގެ އަމިއްލަ މަޞްލަޙަތާއި، އަމިއްލަ ބޭނުން އޮތީ ކިހާވަރަކަށްތޯ ބަލާފައި، އެމީހެއްގެ އަމިއްލަ ބޭނުންތައް ޙާޞިލްވާގޮތަކަށް އެމީހަކު މަސައްކަތްކުރަމުން ގެންދާނީ. އެއާ ޚިލާފަށް، އެކަށީގެންވާ ތަޢުލީމެއް ލިބިފައިވާ މީހަކުނަމަ، އެ މީހަކު ކަންކަމާ ދޭތެރޭގައި ވިސްނާނީ ހަމައެކަނި އެ ރޮނގަކުންނެއް ނޫން. ޝައްކެއްނެތް، ތިމާގެ އަމިއްލަ ނަފްސު ތަރައްޤީ ކުރުމަކީ، ކޮންމެ އިންސާނަކުވެސް ބޭނުންވާނެ ކަމެއް. އެއީ، ކޮންމެ އިންސާނަކުވެސް އެގޮތަށް ޢަމަލުކުރަންވެސްޖެހޭނެ ކަމެއް. ތަޢުލީމު ޙާޞިލްކުރުމުގެ ބޭނުމަކީވެސް އަޅުގަނޑުމެންގެ ނަފްސުތަކާއި ސިކުނޑިތައް ވަކިގޮތަކަށް ހޭނުން. އަޅުގަނޑުމެންގެ ނަފްސުތަކާއި ސިކުނޑިތައް ތަރައްޤީކުރުން. އެގޮތުން އަޅުގަނޑުމެންގެ އަމިއްލަ ތަރައްޤީއަށް ލިބޭ ފުރުޞަތުތަކަކަށްވެސްވޭ، ތަޢުލީމު ޙާޞިލްކުރުން އެއީ. އެހެންނަމަވެސް، އޭގެ އިތުރުން، ތިމާގެ އަމިއްލަ ނަފްސު ތަރައްޤީކުރުމަށް މަސައްކަތްކުރުމުގެ އިތުރަށް، ތިމާގެ މުޖުތަމަޢާއި ޤައުމު ތަރައްޤީ ކުރުމުގެ ރޫޙުވެސް، ކުދިންގެ ހިތުގައި އުފައްދައިދޭ ކަމަކަށް ތަޢުލީމު ވާންޖެހޭނެ.
އާދެ، ކޮންމެ ކަމަކާ ދޭތެރޭގައި ވިސްނާއިރުވެސް ތަންކޮޅެއް ފުޅާކޮށް، ތަންކޮޅެއް ފުޅާ ދާއިރާއެއްގައި ވިސްނުމަށް ބާރުއެޅުމަކީ ތަޢުލީމު ޙާޞިލްކޮށްދިނުމުގެ އެންމެ މުހިންމު މަޤްޞަދު. ކޮންމެ ކަމަކާ ދޭތެރޭގައި ވިސްނާއިރުވެސް، ކޮންމެފަދަ މަސައްކަތެއް ކުރާއިރުވެސް، އެ މަސައްކަތަކުން ތިމާގެ އަމިއްލަ ނަފްސަށް ލިބޭނެ ފައިދާއާއި، އެކަމެއް ކުރުމުން ޖަމާޢަތަށް ލިބޭނެ ފައިދާއަކާއި ގެއްލުމަކާ ދޭތެރޭގައި ތިމާ ވިސްނަންޖެހޭނެ. އެގޮތަށް ވިސްނުމަށް ހޭނުވުން ނުވަތަ އެގޮތަށް ވިސްނުމަށް ދަސްކޮށްދިނުން އެއީ، ތަޢުލީމުގެ މަޤްޞަދަކީ. އެހެން ޢިބާރާތަކުން ދަންނަވަންޏާ، ތަޢުލީމުގެ މަޤްޞަދަކީ މީހާ ތަހުޒީބުކުރުން. އެއީ، ތަހުޒީބުވެފައިވާ ޖަމާޢަތެއްގެ ތެރޭގައި އުޅުން އެކަށީގެންވާ ފަރުދަކަށް ހެދުން. އެހެންކަމުން، ތަޢުލީމު ޙާޞިލްކުރާ ކޮންމެ ކުއްޖަކުވެސް، އެކުއްޖާގެ ހިތުގައި މި މަޤްޞަދު އޮންނަންވާނެ. އެ ޙާޞިލްކުރެވޭ ތަޢުލީމެއްގެ ސަބަބުން، އޭނާގެ ވިސްނުމަށް ބަދަލުތަކެއް އަންނަން ޖެހޭނެކަން ގަބޫލުކުރަންވާނެ. އޭނާގެ ވިސްނުމާއި ކަންތައްތައް ހުންނަންވާނީ ހަމައެކަނި އަމިއްލަ މަޞްލަޙަތު އިސްކުރުމުގެ މައްޗަށް ނޫންކަމާއި، އަމިއްލަ މަޞްލަޙަތާ ދޭތެރޭގައި ވިސްނައި މަސައްކަތްކުރާއިރު، ހަމަ އެއާ އެއް ފެންވަރެއްގައި ޖަމާޢަތާ ދޭތެރޭގައި، އަނެކުންނާ ދޭތެރޭގައި ވިސްނައި، އެހެން މީހުންގެ މަޞްލަޙަތަށް ގެއްލުންނުވާ ގޮތެއްގެ މަތިން އަދި އެހެން މީހުންގެ މަޞްލަޙަތުވެސް ހަމަޖެހޭ ގޮތެއްގެ މަތިން، ކުރިއަށް ގެންދިޔުމަށްޓަކައި މަސައްކަތްކުރުން އެއީ، އެ ކުއްޖެއްގެ ޚިޔާލާއި، ވިސްނުމާއި، ޢަމަލު ހުންނަންވީގޮތްކަން އެ ކުއްޖަކު ދެނެގަންނަންވާނެ.
އާދެ، މީގެ އިތުރުން، އަދި ވިސްނާލަންޖެހޭ ވަރަށް މުހިންމު ނުކުތާއެއް އެބައޮތް. އެއީ، އަޅުގަނޑުމެން ފަދަ ޤައުމެއްގައި، އަޅުގަނޑުމެންގެ ދަރިންނަށް ތަޢުލީމު ލިބުމުގެ ފުރުޞަތު އެ ލިބެނީ، ވަރަށްގިނަ މައްސަލަތަކެއް ޙައްލުކުރުމަށްފަހުގައި. ސަރުކާރާއި، މައިންބަފައިންނާއި، ބެލެނިވެރިންނާއި، މުދައްރިސުން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްގެން، އެ ފުރުޞަތު ކުދިބަޔަކަށް ހޯދައިދެވެނީ. އެހެންވީމާ، އެ ފުރުޞަތުގެ ބޭނުން އެންމެ އެދެވޭގޮތެއްގައި ހިފުން އެއީ، މިއަދުގެ ދަރިވަރުން ކޮންމެހެން ސަމާލުކަން ދޭންޖެހޭނެ ކަމެއް. ޝައްކެއްނެތް، ކޮންމެ އިންސާނަކުވެސް ބޭނުންވާނެ ކުރިއަރަން، ތަރައްޤީވާން. އެމީހަކަށް މުޖުތަމަޢުގައި ލިބޭ ޤަދަރު، އެއްދުވަހުން އަނެއްދުވަހަށް އިތުރުވެގެންދިޔުމަށް އެދޭނެ. އެކަންކަން އެ ހަމަޖެހެނީ ތަޢުލީމު ލިބިގެން ކަމަށްވާތީ، ތަޢުލީމު ލިބުމަކީ ތިމާގެ އަމިއްލަ ނަފްސު ތަރައްޤީ ކުރުމަށާއި އަދި މުޖުތަމަޢުގައި ތިމާ ހިމެނިފައިވާ މަޤާމު މަތިކުރުމަށް ކޮންމެހެން ބޭނުންކަމެއް ކަމުގައި ކުދިން ދަންނަންޖެހޭނެ. އެހެންކަމުން، އެ ލިބޭ ފުރުޞަތުގެ ބޭނުން އެންމެ އެދެވޭގޮތުގައި ހިފުމަކީ، އެކުދިންގެ އަމިއްލަ މުސްތަޤްބަލަށް ވިސްނާއިރުވެސް، ކޮންމެހެން ކުރަންޖެހޭނެ ކަމެއް.
އާދެ، އަޅުގަނޑުމެންގެ ތެރެއިން ބައެއް ޒުވާނުންނަށް ވާގޮތަކީ، މައްސަލައެއް ދިމާވެއްޖިއްޔާ ނުވަތަ ބަދުނަޞީބު ގޮތެއް ދިމާވެއްޖިއްޔާ އެއީ، އެހެން ބައެއްގެ ކުށުން ތިމާއަށް ދިމާވި ކަމެއް ކަމުގައި ބެލެވޭނީ. އެފަދަ ކުދިން ނުވަތަ އެފަދަ ޒުވާނުން ބުނަމުން ގެންދަނީ، މިވެނި ކަމެއް، މިވެނި މައްސަލައެއް ތިމަންނައަށް އެ ދިމާވީ، މިވެނި ބަދުނަޞީބު ކަމެއް އެ ދިމާވީ، މައިންބަފައިން ކަންތައް ކުރިގޮތުންނޭ. ނުވަތަ އެހެން ކޮންމެވެސް ފަރާތަކުން ކަންތައް ކުރިގޮތުންނޭ. އެހެންނަމަވެސް، ކިޔަވާކުދިން ދަންނަން ޖެހޭނެ، ދިމާވާ ކޮންމެ ބަދުނަޞީބެއްގެ ޒިންމާ، އެހެން ބައެއްގެ ބޮލުގައި އަޅުވައިގެން އަބަދަކު ދިރިއެއްނޫޅެވޭނެ. ތިމާގެ އަމިއްލަ މަސްއޫލިއްޔަތު ތިމާ ގަބޫލުކުރަންޖެހޭނެ. ތިމާއަށް ކަމެއް ގޯސްކޮށް ކުރެވިއްޖެނަމަ، ނުވަތަ ތިމާ ހިނގަންވާ މަގުން އެއްކިބާވެގެން، އެހެން ގޮތަކަށް ދެވޭގޮތް ވެއްޖެނަމަ އެއީ، ތިމާގެ އަމިއްލަ ފުށުން ވީކަމެއްކަމުގައި ގަބޫލުކުރަންޖެހޭނެ. އެހެން މީހުންގެ ބޮލުގައި ތިމާގެ އަމިއްލަ ޢަމަލުތަކުގެ ޒިންމާ އެޅުވުމުގެ ބަދަލުގައި، ތިމާއަށް ދިމާވާ މިފަދަ ކޮންމެ މައްސަލައަކުން، ތިމާގެ ޝަޚްޞިއްޔަތު ހަރުދަނާކުރުމަށް ފުރުޞަތެއް ހޯދުމަކީ އެންމެ ބުއްދިވެރި ގޮތް. ޚާއްޞަކޮށް، އަޅުގަނޑުމެންގެ ކިޔަވާކުދިންގެ ތެރޭގައި، މާލޭގެ މަދަރުސާތަކުގައި ކިޔަވާކުދިންގެ ތެރޭގައިވެސް ވަރަށް ގިނަ ޢަދަދަކަށް ރާއްޖެތެރޭގެ ކުދިން އެބައުޅޭ. އެއީ، އެކަން ވާނޭވެސް ގޮތް. ރާއްޖެތެރޭގައި ސަރުކާރުގެ ފަރާތުން ހިންގާ އަދި އަމިއްލަ ފަރާތްތަކުން ހިންގާ މަދަރުސާތަކާއި، ތަޢުލީމީ މަރުކަޒުތައް ހުރި ކަމުގައިވިޔަސް، އެތަންތަން އެއީ، ފުދޭވަރަށް ހެދިފައިވާ ތަންތަން ކަމަށް ނުވާތީ، ރާއްޖެތެރޭގެ ކިޔަވާ ކުދިންގެ ވަރަށް ގިނަ ބަޔަކު މާލެއަށް އާދޭ. އަދި މާލޭގެ މަދަރުސާތަކުގައި ކިޔަވަމުން ގެންދޭ. އެކުދިންނަށް މާލޭ މަދަރުސާތަކުން ވިދާޅުވަނީ ވަރަށް ހޫނު މަރުޙަބާއެއް. ހުރިހާ ކަމެއް ހަމަޖައްސަވައިދެއްވައި، އެކުދިންނަށް އެކަށީގެންވާ ތަޢުލީމެއް ގެންދަވަނީ ދެއްވަމުން. އެކުދިން ވަރަށް ޚާއްޞަ ގޮތެއްގައި ވިސްނަންޖެހޭނެ، އެކުދިން މާލެ އައިސް ތިބޭ ތިބުމުގައި، މައިންބަފައިން އެކުދިންނަށް އެ ކުރާ ޚަރަދާއި، އެކުދިންނަށްޓަކައި އެވާ ޤުރުބާނީ. އެހެންކަމުން، މިފުރުޞަތުގެ ބޭނުން ފުރިހަމަގޮތެއްގައި ހިފުމަކީ، އެކުދިންގެ އަމިއްލަ ޙައްޤުގައިވެސް އަދި އެކުދިންގެ މައިންބަފައިންގެ ޙައްޤުގައިވެސް އެކުދިން ކުރަންޖެހޭނެ ކަމެއްކަން ކަށަވަރު.
އާދެ، ދަރިވަރުންނާ މުޚާޠަބުކޮށް، އަޅުގަނޑު ބުނަން ބޭނުންވާ އަނެއް ވާހަކައަކީ، އަޅުގަނޑުމެންގެ އިސްލާމީ ތަޢުލީމުގެ އެތައް ޤަރުނުތަކެއް ވޭތުވެގެން ގޮސްފައިވާއިރު، އިސްލާމީ ތަޢުލީމުގެ ދާއިރާގައި ހަމަޖެހިފައިވާ މާތް އުޞޫލުތަކަށް އަޅުގަނޑުމެންގެ ކިޔަވާކުދިންވެސް ޙުރްމަތްތެރިކޮށްހިތަންޖެހޭނެއޭ. އާދެ، މުސްލިމުން ޢިލްމީގޮތުން ކުރިއަރަމުންދިޔަ ޒަމާނުގައި، މީގެ އެއްހާސް އެތައް އަހަރެއްގެ ކުރިން އެއީ. އެޒަމާނުގައި ދުނިޔޭގެ އެހެން ތަންތަން ވަނީ ޖަހާލަތުގެ އަނދިރީގެ ތެރޭގައި. ޔޫރަޕްވެސް އަދި އެނޫން ތަންތަންވެސް އެ ޒަމާނުގައި އެންމެ ކުރިއަރާފައިވާ ބަޔަކީ މުސްލިމުން. ޢިލްމުގެ ތަފާތު ރޮނގުރޮނގުގައި މުސްލިމުން ހޯދަމުން ގެންދިޔަ ކާމިޔާބީތަކަކީ، މިއަދުވެސް އެކިއެކި ފޮތްފޮތުން އަޅުގަނޑުމެންނަށް ފެންނަންހުރި ކާމިޔާބީތަކެއް. އެހެންކަމާއެކު، އެއްހާސް ހަތަރުސަތޭކަ އަހަރުގެ ދިގު މުއްދަތުގެ ތެރޭގައި، އިސްލާމީ ތަޢުލީމުގައި ކަނޑައެޅިފައިވާ މާތް އުޞޫލުތަކެއް އެބަހުރި. މާތް ނުވަތަ ވަރަށް ފުރިހަމަ އާދަކާދަތަކެއް އަޅުގަނޑުމެންނާ ހަމައަށް ވާޞިލުވެފައިވޭ. އެހެންކަމުން، އެ އުޞޫލުތަކާއި، އެ އާދަކާދަތައް ދަސްކޮށް، އެކަންކަމަށް ޙުރްމަތްތެރިކޮށްހިތުމަކީ މިއަދު އަޅުގަނޑުމެންގެ ކިޔަވާކުދިން ކުރަން ޖެހޭނެ ކަމެއް.
އާދެ، އޭގެތެރެއިން އެންމެ ފުރަތަމަ ކަމަކީ ނުވަތަ އޭގެތެރެއިން އެއްކަމަކީ، ކޮންމެ ދަރިވަރަކުވެސް ކަންކަމާ ދޭތެރޭގައި ވިސްނުން. ކޮންމެ ދަރިވަރަކީވެސް ސުވާލުކުރާ ސިކުނޑިއެއްގެ ވެރިއަކަށްވުން. މުދައްރިސް މަޢުލޫމާތެއް ދެއްވި ކަމުގައިވިޔަސް، އެ މަޢުލޫމާތު ނުވަތަ މުދައްރިސް އެ ކިޔައިދެއްވާ ޙަޤީޤަތްތައް އެއީ، ކިހިނަކުން އޭނާ ކިޔައިދެއްވާ އެއްޗެއްތޯ ނުވަތަ އޭގެ ސިއްރަކީ ކޮބައިތޯ ބެލުމުގެ ޝައުޤުވެރިކަން ކިޔަވާކުދިންގެ ހިތްތަކުގައި އުފެދިފައި އޮންނަންވާނެ. ދުނިޔެ އެއީ، ވައް އެއްޗެކޭ މުދައްރިސް ވިދާޅުވެދާނެ. އެއީ، ހަމަ ތެދެއް، ޙަޤީޤަތެއް، އެހެންނަމަވެސް، އޭގެ ދަލީލަކީ ކޮބައިތޯ އެއީ، ކިހިނެއްވެގެންތޯ އެހެން ވާންޖެހުނީ. އެއީ، ކިޔަވާ ކުއްޖާ ސުވާލުކުރަންޖެހޭނެ ކަމެއް. އެކަމާ ދޭތެރޭގައި ވިސްނަންޖެހޭނެ ކަމެއް. އިތުރު މަޢުލޫމާތު ހޯދުމުގެ ޝައުޤުވެރިކަން ހިތުގައި އޮތުމާއެކުގައި، ކޮންމެ ކުއްޖަކީވެސް ސުވާލުކުރާ ސިކުނޑިއެއްގެ ވެރިޔަކު ކަމުގައި ވާންޖެހޭނެ. އަޅުގަނޑުމެންގެ އިސްލާމީ ތަޢުލީމުގައި މިކަން އޮތީ ވަރަށް ކުރިއްސުރެ ހަމަޖެހިފައި. އެއީ، ވަރަށް ކުރިއްސުރެ ހަރުދަނާކަމާ އެކީގައި އެންމެންވެސް ޤަބޫލުކުރާ އުޞޫލަކަށް އޮތީ ވެފައި. އަޅުގަނޑުމެންގެ ފިޤުހުވެރިން، އެ ބޭފުޅުންގެ ފޮތްތަކުގައި ލިޔުއްވާފައިވާ، އިސްލާމީ ޙުކުމްތަކާ ދޭތެރޭގައި ވިސްނާއިރުވެސް، ކޮންމެ ޙުކުމެއް ބިނާވެފައި ވަނީ، ކޮން ދަލީލެއްގެ މައްޗަށްތޯ، އެބޭފުޅުން އަޅުގަނޑުމެންނަށް އަންގަވައިދެއްވާފައިވޭ. ކޮންމެ ކަމެއްވެސް ހާމަކޮށްދެއްވަނީ، ބަޔާންކޮށްދެއްވަނީ އެކަމެއްގެ ދަލީލާ އެކީގައި.
އެހެންވީމާ، ކިޔަވާކުއްޖާއަށް އެކަން އެނގޭއިރު، އޭގެ ދަލީލަކީ ކޮބައިކަންވެސް އެނގޭ. އެހެންކަމުން، އެކަން ޤަބޫލުކުރެވެނީ ވަރަށް ހަރުދަނާ ގޮތެއްގައި. އެއާ ޚިލާފަށް، އެއްވެސް ކަހަލަ ސަބަބެއް ބަޔާންކުރުމެއްނެތި، ހަމައެކަނި ޙަޤީޤަތްތަކެއް ކުދިންނަށް ކިޔަވައިދިނުމުން އަދި އެކުދިން އެ ޙަޤީޤަތްތައް އެއްވެސް ސުވާލެއްނެތި ޤަބޫލުކުރާ ކަމަށްވަންޏާ އެއީ، އެހާ ހަރުދަނާ ގޮތެއްގައި އެކުދިންގެ ހިތްތަކުގައި ސާބިތުވާނެ ޙަޤީޤަތްތަކަކަށް ނުވާނެ. އަދި ކިޔަވާކުދިންގެ ހިތުގައި އޮންނަންޖެހޭނީ، އިތުރު މަޢުލޫމާތު ހޯދުމުގެ ޝައުޤުވެރިކަން ކަމަށްވާތީ، މިކަންކަމާ ދޭތެރޭގައި ސުވާލުކޮށް، އޭގެ ޙަޤީޤަތް އޮޅުންފިލުވުމަށް އެކުދިން މަސައްކަތްކުރަން ޖެހޭނެ.
އާދެ، މިއީ އަޅުގަނޑުމެންގެ އިސްލާމީ ތަޢުލީމުގައި ކަނޑައެޅިފައިވާ އުޞޫލެއް. ހަމައެއާއެކީގައި، އިސްލާމީ ތަޢުލީމުގައި ކަނޑައެޅިފައިވާ އުޞޫލެއް، މުދައްރިސުންނާއި ދަރިވަރުންނާ ދޭތެރޭގައި އޮންނަ ގުޅުން އެއީ، ވަރަށް ހަރުދަނާ ގުޅުމެއް ކަމުގައިވުން. ކުއްޖާގެ ތަރައްޤީގައި މުދައްރިސަކީ ވަރަށް މުހިންމު ބައެއް. ކުއްޖާގެ ކުރިއެރުމުގައި ގުޅޭ ފަރާތެއް. އާދެ، ކިޔަވާކުދިންގެ ނުވަތަ ކުދިންގެ ހަށިތައް ބޮޑެތިވަމުންދަނީ، އެކުދިންގެ ހަށިތަކަށް ބޭނުންވާ ކާނާ، އެކުދިންގެ މައިންބަފައިން އިންތިޒާމުކޮށްދޭ ގޮތެއްގެ މަތިން، އެކުދިންނަށް ލިބެމުންދާތީ ކަމަށްވާނަމަ، ކުއްޖާގެ ސިކުނޑި ތަރައްޤީވެ ކުރިއަރަމުން އެދަނީ، މުދައްރިސުން ދެއްވާ ޣިޒާއަކުން އެކުދިންގެ ސިކުނޑިތަކަށް ދެއްވާ ކާނާއަކުން. އެހެންކަމާއެކު، ކުއްޖާގެ ސިކުނޑި ތަރުބިއްޔަތު ކުރުމާއި، ސިކުނޑި ތަރައްޤީ ކުރުމާއި، ކުއްޖާގެ ޝަޚްޞިއްޔަތު ބިނާކުރުމުގައި މުދައްރިސުން އެ ކުޅުއްވާ ބަޔަކީ، ވަރަށްވެސް މުހިންމު ބައެއް. ހުރިހާ ކުދިންވެސް ވާނެ، އެކަން ވަޒަންކުރަން. އެ ވަޒަންކުރާ ކުރުމުގައި ނަތީޖާއަކަށް ވާނީ، ކުދިންގެ ހިތްތަކުގައި މުދައްރިސުންނާ ދޭތެރޭގައި ވަރަށް ވަރުގަދަ ލޯތްބަކާއި އިޙްތިރާމެއް އުފެދުން. އެއީވެސް އަޅުގަނޑުމެންގެ އިސްލާމީ ތަޢުލީމުގައި ވަރަށް ވަރުގަދަ ގޮތެއްގައި، ވަރަށް ހަރުދަނާ ގޮތެއްގައި ކަނޑައެޅިފައިވާ އުޞޫލެއް. އެ އުޞޫލަށް އަޅުގަނޑުމެންގެ ކިޔަވާކުދިން ޒަމާނުއްސުރެ، އާދެ، ކުރިންވެސް ދެންނެވި ފަދައިން، އެއްހާސް ހަތަރުސަތޭކަ އަހަރަށްވުރެ ގިނަދުވަސް ވަންދެން، އެއުޞޫލުތަކަށް އައީ ޙުރްމަތްތެރިކޮށްހިތަމުން. މިއަދު އަޅުގަނޑުމެންވެސް އެ އުޞޫލުތަކަށް ޙުރްމަތްތެރިކޮށްހިތަންޖެހޭނެ. އެހެންކަމާއެކު، މިއަދުގެ ކިޔަވާކުދިންވެސް މުދައްރިސުންނަށް ޙުރްމަތްތެރިކޮށްހިތައި، އެމީހުންނަށް ޙައްޤު ޝުކުރު، އެކުދިންގެ ޢަމަލާއި ބަހުން އަދާކުރަންޖެހޭނެ.
އާދެ، މިފަދަ ހަރުދަނާ އުޞޫލުތައް، އަޅުގަނޑުމެންގެ ކިޔަވާކުދިންގެ ތެރޭގައި ފެތުރިގެންދިޔުމަކީ، ވަރަށް ބޭނުންތެރި ކަމެއް. އެފަދަ އުޞޫލުތައް އަޅުގަނޑުމެންގެ ތެރޭގައި ފެތުރި އަދި އެއަށް އަޅުގަނޑުމެން ދޭންޖެހޭ އަހަންމިއްޔަތު ދީގެން ނޫނީ، އަޅުގަނޑުމެންގެ ކިޔަވާކުދިންނަކީ މުސްތަޤްބަލުގައި، އެކުދިންގެ އަމިއްލަ ނަފްސުތަކަށްވެސް އަދި ޤައުމަށްވެސް ފައިދާކުރާނެ ބަޔަކަށް ނުވާނެ.
އެހެންކަމުން، މި މުނާސަބަތުގައި، ދިވެހިރާއްޖޭގެ ހުރިހާ ކިޔަވާކުދިންނަށް އަޅުގަނޑު މި އިލްތިމާސް ކުރަނީ، އަޅުގަނޑުމެންގެ އިސްލާމީ ތަޢުލީމުގެ ފަޚުރުވެރި ތާރީޚުގައި ކަނޑައެޅިފައި އެވާ ރީތި އާދަކާދަތަކާއި، މާތް އުޞޫލުތައް ދަސްކޮށް، އެއާ އެއްގޮތަށް އަޅުގަނޑުމެން ކިޔަވާކުދިންވެސް ޢަމަލުކުރަމުން ގެންދިޔުމަށް.
އާދެ، މި އުފާވެރި ޖަލްސާގައި، މާގިނައިރު އަޅުގަނޑު ވާހަކަ ދައްކަން ހުރުމަކީ ބޭނުން ކަމެއް ކަމުގައި އަޅުގަނޑު ނުދެކެން. އެހެންކަމާއެކު، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، މަދަރުސަތުލް އަޙްމަދިއްޔާގެ މިއުފާވެރި އިޙްތިފާލުގައި އަޅުގަނޑަށް ބައިވެރިވެވުނުކަމަށްޓަކައި، اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަމުން. އަދި މި އިޙްތިފާލުގައި ބައިވެރިވުމަށް އަޅުގަނޑަށް ދަޢުވަތު ދެއްވިކަމަށްޓަކައި، މަދަރުސާގެ މަސްއޫލުވެރިންނަށާއި، ޕްރިންސިޕަލަށާއި، މަދަރުސާގެ ހިންގުންތެރިންނަށް ޝުކުރު ދަންނަވަމުން. އަދި މަދަރުސަތުލް އަޙްމަދިއްޔާއަށް އިތުރު ތަރައްޤީއާއި ކާމިޔާބީއަށް އެދެމުން. މި މަދަރުސާގެ ފަރާތުން ރާއްޖޭގެ ތަޢުލީމަށާއި، މައްޗަންގޮޅީގެ ތަޢުލީމަށާއި އަދި މި އަވަށުގެ ރައްޔިތުންނަށް އެކޮށްދެއްވާ ޚިދުމަތްތައް، އެއްދުވަހުން އަނެއްދުވަހަށް ބަދަހިވެ، އެ ޚިދުމަތްތަކުގެ އަގު ޢާންމުވެ އަދި އެ ޚިދުމަތްތަކަކީ އެންމެންވެސް ވަޒަންކުރާ ޚިދުމަތްތަކަކަށްވުން އެދެމުން. ހަމައެއާއެކުގައި، މަދަރުސާގެ ހިންގުންތެރިންނަށާއި، މަދަރުސާގެ ކިޔަވާކުދިންނަށް ހުރިހާ ގޮތަކުންވެސް އުފާވެރި، ބާއްޖަވެރި ދުވަސްތަކަކަށް އެދެމުން.
والسّلام عليكم ورحمـة اللّـه وبركاته.