بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّدنا محـمَّدٍ وعلى آلـه وَصَحْبِـهِ أجمعـين.

އާދެ، މިއަދު އަޅުގަނޑު އައިސް މިހިރީ ވަރަށް މުހިންމު މަގުސަދެއް ހާސިލުކުރުމަށްޓަކައި. އަޅުގަނޑު އައްޑުއަތޮޅަށް މިކުރާ ދަތުރަކީ، ރާއްޖޭގެ އެކި އަތޮޅުތަކަށް އެކި ފަހަރުމަތިން އަޅުގަނޑު މިކުރާ ދަތުރުތަކުގެ ބައެއް. މި ފުރުޞަތުގައި، އަޅުގަނޑު އައްޑުއަތޮޅަށް އައުމުގެ އެންމެ މުހިންމު އެއް ބޭނުމަކީ، މާދަމާ އިރާދަކުރެއްވިއްޔާ ހުޅުވުމަށް ހަމަޖެހިފައިވާ ރާއްޖެތެރޭގައި އެންމެ ފުރަތަމަ ހުޅުވޭ ސެކަންޑަރީ ސްކޫލް ނުވަތަ ޘާނަވީ މަދަރުސާ ހުޅުވައިދިނުމުގެ އުފާ ލިބިގަތުން. ހަމައެއާއެކުގައި، މި ފުރުޞަތުގެ ބޭނުން އަޅުގަނޑު މިކުރަނީ އައްޑުއަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރުމުގައި، އައްޑުއަތޮޅުގެ ހުރިހާ ރަށަކަށް ގޮސް، އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރުމުގެ އުފާ ހާސިލުކުރުމަށް އަދި އެ ރަށްރަށުގެ ރައްޔިތުން ދިރިއުޅެމުންދާގޮތާއި، ދިރިއުޅުމަށް ކުރާ މަސައްކަތްތަކާއި، އެމީހުންނަށް ދިމާވާ ދަތިތަކާއި، މިކަންތައްތަކުގެ މަޢުލޫމާތު ހޯދައި، އެކަންކަމާ ބެހޭގޮތުން ސަރުކާރުން ރައްޔިތުންނަށް ފަސޭހަކޮށްދިނުމަށްޓަކައި ކުރެވެން ހުންނާނީ ކޮންކޮން ކަންކަމެއްތޯ ބަލައި ހެދުމަށްޓަކައި.

އާދެ، ތިޔަބޭފުޅުންވެސް ހަނދުމަފުޅު ހުންނާނެ ފަދައިން، އަޅުގަނޑު އެތައް ފަހަރެއްގެ މަތިން އައްޑުއަތޮޅަށް ޒިޔާރަތްކޮށްފިން. އާދެ، ތިޔަބޭފުޅުންގެ މިރަށް، ފޭދުއަށްވެސް މި މަގާމުގައި ހުރެގެން މީގެކުރިން އަޅުގަނޑު ހަފަހަރަކު އަތުވެއްޖައިން. އެންމެ ފަހުން އާދެވުނީ މިދިޔަ އަހަރުގެ ތެރޭގައި. އާދެ، އެއީ، މިދިޔަ އަހަރުގެ މެދެއްހާ ތާނގައި ރާއްޖެއަށް ކުރި، ގަދަ ވިއްސާރައިގެ ސަބަބުން، އައްޑުއަތޮޅުގެ ރަށްރަށަށް ލިބިފައިވާ ގެއްލުންތައް ބަލައިލުމަށްޓަކައި ކުރި ދަތުރު. އާދެ، އަޅުގަނޑު މިކުރާ ދަތުރުތަކުގެ ބޭނުން ދެންމެ މިދަންނަވާލީ.

ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެންގެ ރާއްޖެވަނީ ތަރައްޤީގެ މަގުގައި ހަލުވި ފިޔަވަޅުތަކެއް ކުރިޔަށް އަޅަންޖެހިފައި. އަޅުގަނޑުމެންގެ ރާއްޖޭގެ ކުޑަކަމާއި، އަޅުގަނޑުމެންނަށް ލިބިފައިވާ ވަސީލަތްތަކުގެ މަދުކަމާއި، އަޅުގަނޑުމެންގެ ތެރޭގައި އެކަށީގެންވާ ފެންވަރަކަށް ތަޢުލީމު ހާސިލުކޮށްފައިވާ އަދި އެކިކަންކަމުގެ ހުނަރުވެރިކަން ހާސިލުކޮށްފައިވާ މީހުން މަދުކަމާއެކީގައި، އަޅުގަނޑުމެންނަށް ކުރިޔަށްދެވެން އޮންނަނީ ވަރަށް މަޑުމަޑުން. އެހެންނަމަވެސް، ދިވެހިރާއްޖެއަކީވެސް މިއަދު 3ވަނަ ދުނިޔޭގެ ޤައުމުތަކުގެ ސަފުގައި ޙަރަކާތްތެރިވާ ޤައުމެއް. އަޅުގަނޑުމެންނަށް ވެވުނުވަރަކުން މި މަސައްކަތް ކުރަނީ، ތަފާތު ރޮނގުރޮނގުން އަޅުގަނޑުމެންގެ ޤައުމާއިގެން ކުރިޔަށް ދެވޭތޯ. ހަމައެކަނި އެއް ރޮނގަކުންނެތް ނޫން. ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، އިޤުތިޞާދީ ގޮތުންނާއި، އިޖުތިމާޢީ ގޮތުން، އަޅުގަނޑުމެން ކުރިޔަށް ދިޔުމަށްޓަކައި ވަރަށް ބުރަ މަސައްކަތްތަކެއް މިގެންދަނީ ކުރަމުން. އަޅުގަނޑުމެންނޭ މި ދެންނެވީ، މި މަސައްކަތްތަކަކީ ހަމައެކަނި ސަރުކާރުން ކުރާ މަސައްކަތްތަކަށް ނުވާތީ، ސަރުކާރުން މަސައްކަތް ކުރުމުގެ އިތުރަށް، ޢާންމު ރައްޔިތުން މިކަންކަމުގައި ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވާ. ޝައްކެއްނެތް، ޤައުމެއް ކުރިޔަށްދާނީ، އެ ޤައުމެއްގެ ރައްޔިތުންގެ ހިންމަތުންނާއި، ރައްޔިތުންގެ މަސައްކަތުން. ރައްޔިތުން މަސައްކަތް ކުރުމަށް ސަރުކާރުން ފުރުޞަތު ހޯދައިދީގެން. އެހެންކަމުން، މިއަދު އަޅުގަނޑުމެންނަކީ، ކިތަންމެ ކުޑަކުޑަ ޤައުމަކަށްވިޔަސް، މާތްﷲގެ ވާގިފުޅާއެކީގައި، އަޅުގަނޑުމެން ވަރަށް ބުރަކޮށް މަސައްކަތްކުރަމުން މިގެންދަނީ އަޅުގަނޑުމެންގެ ޤައުމު ތަރައްޤީ ކުރުމަށްޓަކައި. އަޅުގަނޑުމެންގެ ރައްޔިތުންނަށް މިހާރަށްވުރެ ތަނަވަސް، މިހާރަށްވުރެ އުފާވެރި މާދަމާއެއް ހޯދައިދެވޭތޯ. މި މަސައްކަތުގައި ސަރުކާރާއި ރައްޔިތުންނާ ގުޅިގެން، ވަރަށް އިޚްލާޞްތެރި މަސައްކަތްތަކެއް އަޅުގަނޑުމެން މިގެންދަނީ ކުރަމުން. މިކުރާ މަސައްކަތްތަކުގެ ނަތީޖާވެސް އަޅުގަނޑުމެންނަށް ދަނީ ފެންނަމުން. އާދެ، އަޅުގަނޑު މާގިނަ ޢަދަދުތަކެއް ނުދެންނެވިޔަސް، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، މިހާރު އަޅުގަނޑުމެންނަށް އާދެވިފައި މިތިބަ ހިސާބާއި، މީގެ އެތައް އަހަރެއް ކުރިން އަޅުގަނޑުމެން ތިބި ހިސާބާ، އެދޭތެރޭގެ ތަފާތު ބޮޑުކަން. އަޅުގަނޑުމެންގެ ތަނަވަސްކަން މިއަދު މިހުރި މިންވަރާއި، މީގެ އެތައް އަހަރެއްގެ ކުރިން އަޅުގަނޑުމެންގެ ތަނަވަސްކަން ހުރި މިންވަރާ، މިދެމެދުގައިވެސްވާ ތަފާތުގެ ބޮޑުކަން. ކޮންމެއަކަސް އެއީ، ރައްޔިތުންވެސް ކުރައްވާ މަސައްކަތުގެ ނަތީޖާ. ރައްޔިތުންނާއި ސަރުކާރާ ގުޅިގެން، ޤައުމުގެ ތަރައްޤީގެ މަގުގައި، އެ މަޤްޞަދުގައި ކުރަމުންގެންދާ މަސައްކަތްތަކުގެ މޭވާ.

އާދެ، މިއަދު އަޅުގަނޑުމެން މި ބައިވެރިވަނީ، ވަރަށް އުފާވެރި އިޙްތިފާލެއްގައި. ދާދި ދެންމެއަކު ފޭދޫ ސްކޫލުގެ އިމާރާތުގެ ބިންގާ އަޅައިދިނުމުގެ އުފަލާއި ޝަރަފު އަޅުގަނޑަށްވަނީ ލިބިފައި. އެ ޝަރަފު އަޅުގަނޑަށް ދެއްވި ކަމަށްޓަކައި، މި އަތޮޅުގެ އަތޮޅުވެރިންނަށާއި، މި އަތޮޅުގެ އިސްވެރިންނަށާއި، ފޭދޫގެ ބޮޑުކަތީބަށާއި އަދި ފޭދޫގެ ވެރިންނަށާއި، ފޭދޫގެ ރައްޔިތުންނަށާއި އަދި ފޭދޫ ސްކޫލް ހިންގަވަން ތިއްބެވި ވެރިންނަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

މިއަދު މި ބިންގާ އެޅުނު ސްކޫލް، އަޅުގަނޑު ދެކޭގޮތުގައި މުސްތަޤްބަލުގައި ވާނީ ވަރަށް މުހިންމު ތަނަކަށް. މިހާރުވެސް ފޭދޫގައި މި ސްކޫލު ހިނގަމުންދާތާ އަހަރުތަކެއް ވެއްޖެ. އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ރަޖިސްޓަރީ ވެގެން ހިނގާތާވެސް މިހާރު 17 ވަރަކަށް އަހަރުވެއްޖެ. މި ސްކޫލުގައި 500 އަށްވުރެ ގިނަ ޢަދަދަކަށް ދަރިވަރުން އެބަތިބި. އެހެންކަމުން، މި މަދަރުސާއަކީ މިހާރުވެސް ވަރަށް އެދެވޭ ގޮތެއްގައި، މިރަށަށް، މިރަށުގެ ކިޔަވާ ޢުމުރުގެ ކުދިންނަށް ތަޢުލީމުގެ ފުރުޞަތު ހޯދައިދެމުންދާ ތަނެއް. އާދެ، ސަރުކާރުގެވެސް އެހީގައި، ސަރުކާރުން ފައިސާގެ އެހީވެސް ވެދޭ. އަދި މިތާނގައި މިހާރު ކިޔަވައިދެއްވަމުން ގެންދަވާ 13 މުދައްރިސުންގެ ތެރެއިން 11 މުދައްރިސުންނަކީ، ސަރުކާރުން ހޯދައިދީފައިވާ ނުވަތަ ސަރުކާރުން އެބޭފުޅުންގެ މުސާރަ ހަމަޖައްސައިދޭ މުދައްރިސުން ކަމުގައި އަޅުގަނޑަށް ވަނީ އެނގިފައި.

އާދެ، މިގޮތަށް އަޅުގަނޑުމެންގެ ތަޢުލީމުގެ ކަންތައްތައް ގެންދަންޖެހެނީވެސް އަޅުގަނޑުމެންގެ ވަސީލަތްތައް މަދުކަމުން. އަޅުގަނޑުމެންނަށް ކުރަން ޖެހިފައިވާ މަސައްކަތްތަކުގެ ބުރަކަމުން. އަޅުގަނޑުމެން ކަޑައްތުކުރަން ޖެހިފައިވާ ރާސްތާގެ ދިގުކަމުން. ކޮންމެއަކަސް، މި ސްކޫލުގެ އާ ޢިމާރާތް ބިނާކުރެވުމުން، އެ މަސައްކަތް މުޅިން ނިމުމުން، ފޭދޫގެ ކިޔަވާކުދިންނަށް އިރާދަކުރެއްވިއްޔާ އިތުރު ފުރުޞަތުތަކެއް ލިބިގެންދާނެ. ފޭދޫގެ ތަޢުލީމަށް އެ މަދަރުސާގެ ފަރާތުން، ވަރަށް އެދެވޭ ޚިދުމަތްތަކެއް މުސްތަޤްބަލުގައި ލިބެމުންދާނެ. އާދެ، މި މަދަރުސާ މިއީ މިހާތަނަށް މި ރަށުގެ ރައްޔިތުން ހިންގަވަމުން ގެންދެވި ތަނެއް. އޮފީހުގެ ބެލުމުގެ ދަށުން ކަމުގައިވިޔަސް، އެކަމާ ޙަވާލުވެގެން ކުރިޔަށް ގެންދަވަނީ ރައްޔިތުން. އަދި ސަރުކާރުގެ އެހީ ލިބިގެން ކަމުގައިވިޔަސް، އެކަން މިހާތަނަށް ހިނގަމުން އައިސްފައިވަނީ އެހެން. އެހެންނަމަވެސް، މިހާރު ފޭދޫގެ ކަންތައްތަކަށް ސަރުކާރުން ވިސްނާފައި އަދި ފޭދުއަކީ އައްޑުއަތޮޅުގައި އޮތް އެންމެ މީހުންގިނަ ދެވަނަ ރަށް ކަމަށްވާތީ އަދި މި ރަށުގައި މިއަދާ ހަމަޔަށް ފޭދޫ ސްކޫލު ހިނގަމުންދިޔަ ކަމުގައިވިޔަސް، އަދި އޭގެއިތުރުން، އަމިއްލަ ބައެއް މަދަރުސާތަކާއި، ކްލާސްތައް ހިނގަމުންދިޔަ ކަމުގައިވިޔަސް، މި ރަށަކީ ސަރުކާރުގެ ފަރާތުން ހިންގާ ސްކޫލަކަށް ނުވަތަ މަދަރުސާއަކަށް ބޭނުންވެފައިވާ ރަށެއްކަމަށް ސަރުކާރަށް ގަބޫލުކުރެވޭތީ، އިރާދަކުރެއްވިއްޔާ، މިއަންނަ މާޗް މަހުގެ 1ވަނަ ދުވަހުން ފެށިގެން، ފޭދޫ ސްކޫލް ހިމެނިގެންދާނީ، ސަރުކާރުން ހިންގާ ސްކޫލެއްގެ ގޮތުގައި.

އާދެ، މި ވާހަކަ ދަންނަވާއިރު، ފޭދުއަށް ދިމާވެފައިވާ ބައެއް ކަންތައްތަކުގެ ވާހަކަވެސް ކޮންމެވެސްވަރަކަށް ދަންނަވާލަންޖެހޭ. އާދެ، މި ރަށުގައި ސަރުކާރުން ޢިމާރާތްކުރަން ފަށާފައިވާ ވަރަށް ބޮޑު މިސްކިތެއް އެބަހުރި. އެ މިސްކިތުގެ މަސައްކަތް އަދި ވަނީ ނުނިމި. މިސްކިތުގެ މަސައްކަތް ފެށުނީ 1987ވަނަ އަހަރު، މިކަމުގައި ދިމާވެފައިވާ ދަތިތަކުގެ ވާހަކަ ކުރުގޮތަކަށް ނަމަވެސް ދަންނަވާލުމަކީ، މިއަދު އަޅުގަނޑު ކުރަންޖެހޭނެ ކަމެއް ކަމުގައި އަޅުގަނޑު ދެކެން.

އާދެ، މި މިސްކިތް ޢިމާރާތްކުރަން ފެށިފައި އެވަނީ ބޭރުގެ އެހީއެއް ލިބިގެން. އެއީ، ރާބިޠަތުލްޢާލަމިލް އިސްލާމިއްޔާގެ ފަރާތުން ރާއްޖޭގައި ބައެއް މިސްކިތްތައް ބިނާކޮށްދެއްވާނެކަމުގެ އިޝާރާތެއް ސަރުކާރަށް ލިބުމާ ގުޅިގެން، ސަރުކާރުން ބައެއް ރަށްރަށުގައި، ރާއްޖެތެރޭގެ ބައެއް ރަށްރަށުގައި، އެ ލިބޭ އެހީގައި މިސްކިތްތަކެއް ޢިމާރާތްކުރަން ގަސްދުކުރީ. އަދި އެ މިސްކިތްތަކުގެ ތެރެއިން ސަރުކާރުން އެންމެ ފުރަތަމަ އިމާރާތްކުރާ މިސްކިތަކީ، ފޭދޫ މިސްކިތް ކަމުގައިވެސް އޭރުވަނީ ސަރުކާރުން ގަސްދުކޮށްފައި. އެގޮތުގެމަތިން އެފަރާތުން ލިބުނު ފައިސާގެ އެހީއެއްގައި މަސައްކަތް ފެށި. އެހެންނަމަވެސް، މަސައްކަތް ފަށައިގެން، ވަކި ހިސާބަކަށް ދިޔަތަނާ ދިމާވި ބައެއް ކަންތައްތަކުގެ ސަބަބުންވެސް ކަންނޭނގެ، އެ އެހީ ފުރިހަމަގޮތުގައި، އަޅުގަނޑުމެންނަށް ލިބުމަށްވަނީ ހުރަސްތަކެއް އެޅިފައި. އެހެންވީމާ، މިހާތަނަށް އެ މިސްކިތުގެ މަސައްކަތް އޮތީ ހުއްޓިފައި. މިއީ، އަޅުގަނޑުވެސް ވަރަށް ހިތާމަކުރާ ކަމެއް، ވަރަށް ދެރަވާންޖެހޭ ކަމެއް. އެހެންވީމާ، ސަރުކާރުން މިހާރު ގަސްދުކުރީ ބޭރުގެ ފަރާތަކުން، އެކަމަށް އިތުރު އެހީ ނުލިބުނުކަމުގައިވިޔަސް، ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ނަމަވެސް، ސަރުކާރުގެ ފައިސާއިން ޚަރަދުކޮށްގެން ނަމަވެސް، ފޭދޫ މިސްކިތް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ނިންމައިދޭން. އެ މިސްކިތް އިމާރާތް ކުރެއްވުމުގެ މަސްއޫލިއްޔަތު މިހާރު އުފުއްލަވާ ފަރާތް ކަމަށްވާ، ޑިޕާޓްމަންޓް އޮފް ރިލިޖަސް އެފެއާރޒް/މިސްކިތްތަކާ ބެހޭ ޤައުމީ މަޖްލީހާ ގުޅިގެން މި މަސައްކަތް ކުރިޔަށް ގެންދަވާނީ. އަދި މިހާރު ހަމަޖެހިފައިވަނީ، މި މަސައްކަތް އެމް.ޓީ.ސީ.ސީ.އާ ހަވާލުކޮށްގެން ކުރިޔަށް ގެންދަން.

އާދެ، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، މި އަތޮޅުގައި މި ހުޅުވޭ ސެކަންޑަރީ ސްކޫލްގެ އިމާރާތްކުރުމުގެ މަސައްކަތް، އެމް.ޓީ.ސީ.ސީ.އިން ވަރަށް ފުރިހަމަގޮތެއްގައި މިހާރުވަނީ ނިންމަވާފައި. އެ މަސައްކަތް ނިމުމުން ދެން، އައްޑުއަތޮޅުގައި އެ ކުންފުނިން ހަވާލުވެވަޑައިގަންނަވާނެ މަސައްކަތަކީ، ފޭދޫ މިސްކިތް އިމާރާތްކޮށް ނިންމުމުގެ މަސައްކަތް، ކުރިންވެސް ދެންނެވިފަދައިން، ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން.

އާދެ، އަދިވެސް ފޭދުއާ ބެހޭގޮތުން ކުޑަ ވާހަކައެއް ދަންނަވާލަންޖެހޭ. އެވެސް ނުވެފައި އޮތް ކަމެއްގެ ވާހަކަ. އެއީ، ތަންކޮޅެއް ކުރިން ޚިޔާލުކުރެވުނު، މަޢްހަދުއްދިރާސާތިލް އިސްލާމިއްޔާގެ ގޮތްޕެއް ފޭދޫގައި ހުޅުވުމަށް. އެކަން އޭރު އެގޮތަށް ޚިޔާލުކުރެވުނީވެސް، ކުރިންވެސް ދެންނެވިފަދައިން، ބޭރުގެ އެހީ ލިބޭނެކަމުގެ އިޝާރާތެއް ސަރުކާރަށް ލިބިގެން. އެހެންނަމަވެސް، އެޚިޔާލު އެހެން ކުރިކަމުގައިވިޔަސް، ކުރިންވެސް ދެންނެވިފަދައިން، އެ އެހީ ލިބުމާ ދޭތެރޭގައިވެސް ވަނީ ހުރަސްތަކެއް އެޅިފައި. އެހެންވީމާ، އެކަން ކުރިޔަށްނުގޮސް އޮތީ. ވަރަށް ޞަރީޙަކޮށް އެކަން އޮތްގޮތުގެ ވާހަކަ އަޅުގަނޑު ފޭދޫގެ ރައްޔިތުންނަށް މިއަދު މިދަންނަވާލަނީ.

އާދެ، ކޮންމެއަކަސް މިއަދު މިރަށުގައި މި ބިންގާ އެޅުނު މަދަރުސާ އިމާރާތްކޮށް ނިމުމުން، ފޭދޫގެ ތަޢުލީމަށް، އެ މަދަރުސާގެ ސަބަބުން އެދެވޭ ޚިދުމަތްތަކެއް ލިބިގެންދާނޭކަމާދޭތެރެއަކު އަޅުގަނޑު ޝައްކެއްނުކުރަން. އާދެ، ފޭދުއަށް ސަރުކާރުގެ އެހީގައި ބައެއް އެހެން ކަންތައްތައްވެސް ހަމަޖެހިފައި އެބަހުރި. ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ކަމަކީ، ކަރަންޓުގެ ޚިދުމަތް. އެކަންވަނީ މިރަށަށް ހަމަޖެހިފައި. އަދި ބައެއް އަމިއްލަ ގޭގޭގައި ވާރޭފެން ތާނގީ ސަރުކާރުގެ އެހީގައި ވަނީ ހަދައިދީ ނިމިފައި. އަދި މިހާރުވެސް ބައެއް ކަންތައްތައް ފޭދުއަށްޓަކައި ހަމަޖެހިގެންދަނީ ހިނގަމުން. އަދި މުސްތަޤްބަލުގައިވެސް މިކަހަލަ ކަންތައްތައް، މިރަށުގެ ރައްޔިތުންނަށް ފައިދާހުރި ކަންތައްތައް އިރާދަކުރެއްވިއްޔާ ހަމަޖެހިގެން ހިނގަމުންދާނެ.

ރަށުގެ ތަރައްޤީގައި ރައްޔިތުން ކުރައްވާ މަސައްކަތްވެސް އެއީ، އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ މަސައްކަތެއް. ރަށުގެ ތަރައްޤީއަށްޓަކައި، މިރަށުގެ ރައްޔިތުން މަސައްކަތް ކުރައްވަމުން ގެންދަވާކަން އަޅުގަނޑަށް ވަނީ އެނގިފައި. ޚާއްޞަގޮތެއްގައި މަގުފާރު ރޭނުމާއި، މަރާމާތުކުރުމާއި، ކުލަލުމާއި، މަގުމަތި ދިއްލުމާއި، މިކަހަލަ، މުޅި ޢާންމު ރައްޔިތުންނަށް ފައިދާވާނެ އެތައް ކަމެއް މިރަށުގެ ރައްޔިތުން ގެންދަވަނީ ކުރައްވަމުން. އެހެންކަމާއެކު، އެ މަސައްކަތްތައް އެގޮތަށް ކުރައްވަމުން ގެންދަވާތީ، މިރަށުގެ ވެރިންނަށާއި އަދި ރަށްކުރިއަރުވާ ކޮމިޓީގެ މެންބަރުންނަށާއި، އަންހެނުންގެ ކޮމިޓީގެ މެންބަރުންނަށާއި އަދި ރަށުގެ ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ، ކުރިންވެސް ދެންނެވިފަދައިން، އަޅުގަނޑުމެންގެ ރާއްޖެވަނީ ކުރިޔަށް ދިއުމަށްޓަކައި ހަލުވި ފިޔަވަޅުތަކެއް އަޅަންޖެހިފައި. އެ ފިޔަވަޅުތައް އެއީ، ތަފާތު ރޮނގުތަކަކަށް ބެހިފައިވާ ފިޔަވަޅުތަކެއް. އިޖުތިމާޢީ ގޮތުން ކުރަންޖެހޭ ކަންތައްތަކެއް އޭގެތެރޭގައިވޭ. އިޤްތިޞާދީ ގޮތުން ކުރަންޖެހޭ ކަންތައްތަކެއްވޭ. ޞިއްޙީ ރޮނގުން ކުރަންޖެހޭ ކަންތައްތަކެއްވޭ. އަދި ރައްޔިތުންގެ ދިރިއުޅުމާ ގުޅޭ ކޮންމެ ރޮނގަކުންވެސް ކުރަންޖެހޭ ކަންތައްތަކެއްވޭ. މިކަންތައްތައް ކުރުން އެއީ، އަޅުގަނޑުމެން އެންމެންވެސް އެކަމުގައި ބައިވެރިވާންޖެހޭނެ ކަމެއް. މިހާރުވެސް އެކަންތައްތައް ދަނީ އެހެން. އެހެންނަމަވެސް، މަސްތަޤްބަލުގައި އަދި މިހާރަށްވުރެވެސް ހަރުދަނާގޮތެއްގައި އެކަންތައްތައް، އެ މަސައްކަތްތައް އެގޮތުގެމަތިން ކުރެވެމުންދާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.

އާދެ، އަޅުގަނޑުމެންގެ ރާއްޖޭގެ އާބާދީގެ ވަރަށްބޮޑު ބަޔަކީ ޒުވާނުން އަދި ކުޑަކުދީން. އެއީ، އަޅުގަނޑުމެން މިވަގުތު ވަރަށްބޮޑަށް ވިސްނަންޖެހިފައިވާ ކަމެއް. އަޅުގަނޑުމެންގެ ކުޑަކުދިންނާއި ޒުވާނުން ރަނގަޅުގޮތެއްގައި ތަރުބިއްޔަތުކޮށް، އެމީހުންގެ ފުރިހަމަ ޚިދުމަތް މުޅި ޤައުމަށް ލިބޭގޮތް ހެދުމަކީ އަޅުގަނޑުމެންގެ ކޮނޑުގައި އެޅިފައިވާ ވަރަށްބޮޑު މަސްއޫލިއްޔަތެއް. އެ މަސްއޫލިއްޔަތު އެޅިފައިވާ ފަރާތްތަކުގެ ތެރޭގައި ސަރުކާރުވެސް ހިމެނޭ. އަދި އަޅުގަނޑުމެން އަމިއްލަ އަފްރާދުންގެ ގޮތުގައި މައިންބަފައިންވެސް ހިމެނޭ. އަދި ޢާންމު ރައްޔިތުންވެސް ހިމެނޭ. އަދި ސްކޫލުތައް ހިންގަވާ ފަރާތްތަކާއި، މުދައްރިސުންނާއި، ޓީޗަރުންވެސް ހިމެނޭ. މިހުރިހާ ފަރާތްތަކެއް ގުޅިގެން، އަޅުގަނޑުމެންގެ ކުޑަކުދިންނާއި ޒުވާނުން އެކަށީގެންވާ ހަރުދަނާގޮތެއްގައި ތަރުބިއްޔަތުކޮށް، އެމީހުންގެ ފަރާތުން ޤައުމަށް މަތިވެރި ޚިދުމަތްތަކެއް ލިބޭނެ ގޮތެއްގެމަތިން، މިއަދު ކަންތައްތައް ރާވައި ހިންގަންވަނީ ޖެހިފައި.

އާދެ، އެގޮތުގެމަތިން ކުޑަކުދިންނާބެހޭ ޤާނޫނެއްވެސް، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމާ ބެހޭ ޤާނޫނެއްވެސް މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައި. އެ ޤާނޫނު އެއީ، ވަރަށް މުހިންމު ޤާނޫނެއް. އަޅުގަނޑުމެންގެ މުސްތަޤްބަލް އޮތީ މިއަދުގެ ކުޑަކުދިންގެ އަތްމަތީގައި. މިއަދުގެ ޒުވާނުންގެ އަތްމަތީގައި. އެހެންވީމާ، އެ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކޮށްދިނުން އެއީ، އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް އެކަމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެ ކަމެއް. ކުޑަކުދިން ދިރިދެމިތިބުމާއި، އެކުދިންގެ ޙިމާޔަތަށްޓަކައި އަދި އެކުދިންގެ ތަރައްޤީއަށްޓަކައި ކުރަންޖެހޭ ވަރަށްގިނަ ކަންތައްތަކެއް އެބަހުރި. މިކަމަށް މުޅި ދުނިޔޭގެ ފެންވަރުގައިވެސް ދެނީ ވަރަށްމަތީ އަހަންމިއްޔަތެއް.

ތިޔަބޭފުޅުން އައްސަވާފައިވާނެ ފަދައިން، 1990 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު ނިއުޔޯކުގައި ވަރަށް މުހިންމު ޖަލްސާއެއް ބޭއްވުނު. ވަރަށް ގިނަ ޤައުމުތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވި ޖަލްސާއެއް އެއީ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މިހާތަނަށް ނުބޭއްވޭހާ ފެންވަރުމަތީ ޖަލްސާއެއް އެއީ. އެހެން މިދެންނެވީ، މީގެކުރިން ބައިނަލްއަޤްވާމީ އެއްވެސް ޖަލްސާއަކަށް ހާޒިރުވެވަޑައިނުގަންނަވާ ޢަދަދަކަށް ޤައުމުތަކުގެ އެންމެ އިސްވެރިން އެ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވި. 70 އެތައް ރައީސުންނެއް، ނުވަތަ ރަސްރަސްކަލުންނެއް، ނުވަތަ ޤައުމުތަކުގެ އެންމެ މަތީ ވެރިންނެއް، ބޮޑުވަޒީރުން ނަމަވެސް، އެ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި. އެ ޢަދަދަކަށް މީގެކުރިން ބައިނަލްއަޤްވާމީ އެއްވެސް ޖަލްސާއެއްގައި ބޭފުޅުން، އެފެންވަރުގެ ބޭފުޅުން ބައިވެރިވެވަޑައިގެންފައެއް ނެތް. އެކަމުންވެސް ދޭހަވަނީ، މުޅިދުނިޔެ ކުޑަކުދިންގެ ކަންތައްތަކަށް ދޭ ސަމާލުކަމުގެ ބޮޑުކަން. ދޭ އަހަންމިއްޔަތުގެ ބޮޑުކަން. އެ ޖަލްސާއިން ފާސްކުރި ޤަރާރެއްވޭ. އެ ޖަލްސާއިން ފާސްކުރި ޢަމަލީ ފިޔަވަޅުތަކުގެ ރޭވުމެއްވެސްވޭ. އަޅުގަނޑުމެންގެ ރާއްޖޭގައި މިދިޔަ އަހަރު ކުޑަކުދިންގެ އަހަރުގެ ގޮތުގައި ފާހަގަކޮށް، އަދި މިދިޔަ އަހަރު ކުޑަކުދިންނާ ބެހޭ ޤައުމީ ޖަލްސާއެއް ބާއްވައި، ކުޑަކުދިންގެ ކަންތައްތައް ގެންދާނެ ގޮތަކާ ދޭތެރޭގައި ވަރަށް ފުޅާ ދާއިރާއެއްގައި މިނިވަންކަމާއެކު، ޤައުމުގެ ހުރިހާ ދިމާއަކުން އައިސްތިބި މަންދޫބުން މަޝްވަރާކޮށް ގޮތްތަކެއް ކަނޑައެޅި. އާދެ، އަޅުގަނޑުމެން ފާސްކުރިން ކުޑަކުދިންނާބެހޭ ޤަރާރެއް. އަޅުގަނޑުމެން ފާސްކުރިން، ކުޑަކުދިންނާ ބެހޭ ޢަމަލީ ފިޔަވަޅުތަކުގެ ރޭވުމެއް. އެއީ، ކުރިޔަށް އޮތް 10 އަހަރު. އާދެ، މިދިޔަ އަހަރުން ފެށިގެން 1991ވަނަ އަހަރުން ފެށިގެން 2000 ވަނަ އަހަރާ ދޭތެރޭގައި ކުޑަކުދިންނާ ބެހޭގޮތުން ކަންތައްތައް ގެންދަން ހަމަޖެހިފައިވާ އުޞޫލުތައް ހިމެނޭ ޢަމަލީ ފިޔަވަޅުތަކުގެ ރޭވުމެއް. އާދެ، އޭގެ މައްޗަށް ބިނާކޮށް، ކުޑަކުދިންގެ ޙައްޤުތަކާ ބެހޭ ޤާނޫނެއް، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި، އެ ޤާނޫނު މަޖިލީހުން ފާސްކުރެއްވި.

އެހެންވީމާ، ކުޑަކުދިންނާ ބެހޭ ކަންތައްތައް އެދަނީ ވަކިގޮތަކަށް ހަމަޖެހިގެން. ކުޑަކުދިންނާ ބެހޭ ކަންތައްތައް ގެންދާނެ ގޮތުގެ ޢާންމު އުޞޫލުތައް އެއޮތީ ޤައުމީ ފެންވަރުގައި ކަނޑައެޅިފައި. އެއަށް ލިބެންޖެހޭ ޤާނޫނީ ބާރު އެއޮތީ ލިބިފައި. އެހެންވީމާ، ދެން އަޅުގަނޑުމެންގެ ކުރިމަތީގައި އޮތީ އެއަށް ޢަމަލުކުރުން. އެއަށް ޢަމަލުކުރުމަކީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް އެކަމުގައި އަދާކުރަންޖެހޭ ބައެއްވޭ. އެމީހަކީ ބައްޕައަކު ކަމުގައިވިޔަސް، މަންމައަކު ކަމުގައިވިޔަސް، ބޭބެއަކު ކަމުގައިވިޔަސް ނުވަތަ ކުއްޖަކު ނެތް ޢާންމު ރައްޔިތަކު ކަމުގައިވިޔަސް، އެމީހެއްގެ މަސްއޫލިއްޔަތު، މި މައްސަލައިގައި ވަރަށް ބޮޑަށް އެބައޮތް. އާދެ، ސަރުކާރުން މިހާރު ހަމަޖައްސާފައި ވަނީ ކުޑަކުދިންނާ ބެހޭ މަޖިލީހެއް އުފައްދަން. އެ މަޖިލިސް މިހާރުވަނީ އުފެދިފައި. އެ މަޖިލީހުން ކުރާނެ ކަންތައްތަކުގެ ވާހަކަ އަޅުގަނޑު ހިތުން ތިޔަ ބޭފުޅުން ވާނީ ރޭޑިޔޯގެ ޛަރިޢާއިން އައްސަވާފައި.

އާދެ، އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، އަޅުގަނޑުމެންގެ މުސްތަޤްބަލަށްޓަކައި މިއަދުގެ ކުޑަކުދިން، އަޅުގަނޑުމެންޖެހޭ އެކުދިންގެ ދިރިދެމިތިބުމާ ދޭތެރޭގައިވެސް ވިސްނައި، އެކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަން. ކުދިންގެ ޞިއްޙަތު ސަލާމަތް ކުރުމަށްޓަކައި، އެކުދިން ބަލިމަޑުކަމުން ސަލާމަތްކުރުމަށްޓަކައި އަދި އެކުދިންނަށް ރަނގަޅު ކާނާ ހޯދައިދިނުމަށްޓަކައި. އެކުދިންގެ ހަށިތައް ތަރައްޤީވާނެ، އެކުދިންގެ ހަށިތަކާއި ވިސްނުން، ރަނގަޅު ގޮތެއްގައި ތަރައްޤީވާނެ މާޙައުލެއް އަޅުގަނޑުމެންޖެހޭ އުފައްދައިދޭން. ނުވަތަ މާޙައުލެއްޖެހޭ އަޅުގަނޑުމެން ހޯދައިދޭން. ހަމައެއާއެކީގައި، އެކުދިންނަށް އެކަށީގެންވާ ގޮތެއްގައި ތަޢުލީމު ލިބިދޭންޖެހޭ. ރަނގަޅު އުޞޫލުތަކެއް އެކުދިންނަށް ދަސްކޮށްދޭންޖެހޭ. މިކަންތައްތައް އަޅުގަނޑުމެން ކޮށްގެން، މުސްތަޤްބަލުގައި އެކުދިންނަކީ ޤައުމަށް ފައިދާހުރި ބަޔަކު ކަމުގައިވާނީ.

ހަމަ އެފަދަ ގޮތަކަށް، ޒުވާނުންނާ ބެހޭގޮތުންވެސް އަޅުގަނޑުމެން ކަންތައް ކުރަންޖެހޭ. މިއަހަރަކީ، ރާއްޖޭގެ ޒުވާނުންގެ އަހަރުގެ ގޮތުގައި ފާހަގަކުރުމަށް ހަމަޖެހިފައިވާ އަހަރު. ޒުވާނުންނާ ބެހޭގޮތުންވެސް މިދެންނެވި ކަހަލަ މަސައްކަތްތަކެއް ހިންގުމަށް ވަނީ ހަމަޖެހިފައި. ޒުވާނުންގެ ކަންތައްތައް ރާވައި، ހިންގުމާބެހޭ އިސްބޭފުޅުންގެ ކޮމިޓީއެއް މިހާރު ސަރުކާރުން ވަނީ ހަމަޖައްސާފައި. އެކޮމިޓީގެ ބެއްލެވުމުގެ ދަށުން ޓާސްކްފޯހެއްވެސް އުފެދިގެން ހިނގަމުން އެބަދޭ. އެބޭފުޅުން ވަރަށް ހަލުވިކަމާއެކު މަޝްވަރާ ކުރައްވަމުން އެބަ ގެންދަވާ. ޒުވާނުންގެ ކަންތައްތައް ތަރައްޤީކޮށް، ޒުވާނުންނަށް ލިބިދޭންޖެހޭ ޚިދުމަތްތައް، މުޅި ޤައުމުގެ ފަރާތުން ލިބިދެވޭނީ ކިހިނެއްތޯ ބެލުމަށްޓަކައި.

އާދެ، ޒުވާނުންނާ ބެހޭ ޤައުމީ ޖަލްސާއެއް މިއަހަރު ބޭއްވުމަށް ވަނީ ހަމަޖެހިފައި. އިރާދަކުރެއްވިއްޔާ، އެ ޖަލްސާ ބާއްވާނެ ތާރީޚަކާއި، އެޖަލްސާގެ ކަންތައް ހިނގަމުންދާނެ ގޮތުގެ ތަފްޞީލު، ކަމާބެހޭ ފަރާތުން އިޢުލާނު ކުރައްވަމުން ގެންދަވާނެ. އޭގެ މަޢުލޫމާތު ރައްޔިތުންނަށް ދެއްވަމުން ގެންދަވާނެ.

ހަމައެއާއެކީގައި ދަންނަވަންޖެހެނީ، ކޮމަންވެލްތު ޤައުމުތަކުގެ ޒުވާނުންނާ ބެހޭ ވަޒީރުންގެ ފުރަތަމަ ޖަލްސާ، ރާއްޖޭގައި މިއަހަރު ބާއްވާގޮތަށް މިހާރުވަނީ ހަމަޖެހިފައޭ. އާދެ، މީގެކުރިން ކޮމަންވެލްތު ޤައުމުތަކުގެ ޒުވާނުންނާ ބެހޭ ވަޒީރުންގެ ޖަލްސާއެއް ކުރެވިފައެއް ނެތް. މިއީ، ކޮމަންވެލްތު ޤައުމުތަކުގެ ޒުވާނުންނާ ބެހޭ ވަޒީރުންގެ ފުރަތަމަ ޖަލްސާ ބޭއްވޭ އަހަރު. އެޖަލްސާ ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގައި. ޝައްކެއްނެތްގޮތުގައި، އެއީ، ރާއްޖެއަށް ލިބުނު އަދި ލިބޭނެ ވަރަށްވެސް ބޮޑު ފަޚުރެއް.

ކޮންމެއަކަސް، އެއިން ދޭހަވަނީ އަޅުގަނޑުމެން މިހާރު ޒުވާނުންނަށް މިދޭ އަހަންމިއްޔަތު. ޒުވާނުންގެ ކަންތައްތައް ތަރައްޤީކޮށް ކުރިއަރުވަން ސަރުކާރުންދޭ ސަމާލުކަން. ސަރުކާރުން އެކަންޏެއްނޫން، ޢާންމު ރައްޔިތުންވެސް. އެއީ، އަޅުގަނޑުމެންގެ ތެރެއިން ވަރަށް ބޮޑު އަޣުލަބިއްޔަތަކީ ޒުވާނުން. ކުޑަކުދިންގެ ގޮތުގައި މިހާރު ތިބި މީހުންގެ މައްޗަށް ބަލާއިރު، ޤާނޫނުގައިވާ ގޮތުން، 16 އަހަރު ނުފުރޭ ކުދިން، ކުޑަކުދިންގެ ގޮތުގައި އަޅުގަނޑުމެން ބަލަމުން މިގެންދަނީ އެއީ، ރާއްޖޭގެ އާބާދީގެ ވަރަށްބޮޑު ބައެއް. ފޭދުއަށް ބަލާއިރުވެސް އެއީ ސަތޭކައަކުން ސާޅީސްފަހެއް. ފޭދޫގެ ރައްޔިތުންގެ ސަތޭކައަކުން ސާޅީސްފަހެއް އެއީ، ޢުމުރުން 16 އަހަރު ނުފުރޭ ކުދިން. މުސްތަޤްބަލުގައި މި ނިސްބަތް އަދިވެސް ދާނީ އިތުރުވެގެންކަންނޭނގެ. ޒުވާނުންނަށް ބަލާއިރު، ޒުވާނުންގެ ޢަދަދުވެސް ވަރަށް މަތި. އަޅުގަނޑުމެންގެ ދިވެހިރާއްޖޭގެ އާބާދީއަކީ ވަރަށް ޒުވާން އާބާދީއެއް. އެހެންވީމާ، އަޅުގަނޑުމެން ވަރަށް ޚާއްޞަ ގޮތެއްގައި މިކަންތައްތައް ފާހަގަކުރަން މިޖެހެނީ.

އާދެ، ދެން ދަންނަވާލަން އޮތީ، ތިމާވެށްޓާ ބެހޭގޮތުން އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތްތަކާއި، އެކަމުގައި ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރަންޖެހޭ ކަންތައްތަކުގެ ވާހަކަ، ނުވަތަ އެކަމާބެހޭ ބައެއް މަޢުލޫމާތު ތިޔަބޭފުޅުންނަށް ދަންނަވާލަން ޖެހެނީ. ތިމާވެށީގެ މައްސަލަތަކަކީ މިއަދު އަޅުގަނޑުމެން ވަރަށްބޮޑަށް އެކަމާ ދޭތެރޭގައި ވިސްނައި، އަޅުގަނޑުމެންނަށް މުސްތަޤްބަލުގައި ދިމާވެދާނެ ނުރައްކާތަކާ ދޭތެރޭގައި މިހާރުއްސުރެ ފަށައިގެން ޢަމަލީ ފިޔަވަޅުތަކެއް އަޅަންވެއްޖެ މައްސަލަތަކެއް. އޭގެތެރެއިން އެއްމައްސަލައަކީ، ކަނޑުގެ ލޮނުގަނޑު އުސްވުމުގެ މައްސަލަ. ތިޔަބޭފުޅުންވެސް މިހާރު އައްސަވާފައި އޮންނާނެ، ހަމައެކަނި ރާއްޖޭގެ ތިމާވެށްޓަކަށް ނޫން، މުޅި ދުނިޔޭގެ ތިމާވެށްޓަށް މިއަންނަމުންދާ ބަދަލުތަކުގެ ސަބަބުން، ދުނިޔޭގެ ޖައްވުގެ ހޫނުކަން މުސްތަޤްބަލުގައި އިތުރުވެ، އަދި އޭގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުސްވަމުން ހިނގައިދާނެ ކަމުގެ ބިރު، ޢިލްމުވެރިން، ސައިންޓިސްޓުން މިހާރު ހާމަކޮށްފައިވާކަން. އާދެ، އެއްވެސް މީހަކަށް އަދި ނޭނގެ، ކިހާވަރަކަށްކަން ކަނޑުގެ ލޮނުގަނޑު އުސްވެގެންދާނީ، އުފުލިގެންދާނީ. އަދި ކިހާދުވަހެއްގެ ތެރޭގައިކަންވެސް. އެހެންނަމަވެސް، އެކަންތައް އެހެންވަމުން ދާނެކަމަށް މިހާރު ސައިންސްޓުންގެ ގިނަމީހުން އެއްބަސްވޭ. އަޅުގަނޑުމެންގެ ރާއްޖެއަކީ ވަރަށް ފަސްގަނޑު ތިރި ޤައުމެއް. އެހެންވީމާ، އަޅުގަނޑުމެންނަށް މި މައްސަލަ މުސްތަޤްބަލުގައި ކުރިމަތިވެގެން އަންނައިރު، އަންނާނީ ވަރަށްބޮޑު މައްސަލައެއްގެ ގޮތުގައި. އެކަމާ ބެހޭގޮތުން އަޅުގަނޑުމެން މިހާރު ވިސްނަން އެބަޖެހޭ. އެކަމަށްޓަކައި އަޅުގަނޑުމެންނަށް އެޅެންހުރި ފިޔަވަޅުތައް އަޅަން އެބަޖެހޭ. ތިމާވެށި ރައްކާތެރި ކުރުމާބެހޭ ޢަމަލީ ފިޔަވަޅުތަކުގެ ރޭވުމެއް ސަރުކާރުން މިހާރު ވަނީ ނިންމާފައި. މިއަހަރުން ފެށިގެން، އެއަށް ޢަމަލުކުރާ ގޮތަށްވެސްވަނީ ހަމަޖެހިފައި.

އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް އެމީހެއްގެ ބައި، މިކަމުގައިވެސް ކުޅެން އެބަޖެހޭ. ތިމާވެށި ރައްކާތެރިކުރުމަކީ ހަމައެކަނި ވަކި މީހެއްގެ ކަމެއްނޫން. ހަމައެކަނި ވަކި ފަރާތެއްގެ ކަމެއް ނޫން. އެއީ، ހުރިހާ ފަރާތްތަކެއްގެވެސް މަސްއޫލިއްޔަތެއް. އަދި އެންމެންގެވެސް މަސްއޫލިއްޔަތެއް. ތިމާވެށީގެ ކިތަންމެ މައްސަލައެއް މިރަށަށްވެސް ދިމާވަމުންދާކަން އަޅުގަނޑަށް އެނގޭ. ރާއްޖޭގެ ގާތްގަނޑަކަށް ހަމަ ހުރިހާ ރަށަކަށްވެސް އެމައްސަލަ ދިމާވަމުން އެބަދޭ. އެއާ ދޭތެރޭގައި އަޅުގަނޑުމެން މިހާރުއްސުރެ ފިޔަވަޅު ނާޅައިފިނަމަ، މުސްތަޤްބަލުގައި ވަރަށް ބޮޑެތި ނުރައްކާތަކަކާ އަޅުގަނޑުމެންނަށް ކުރިމަތިލާން ޖެހިދާނެ. އާދެ، އަޅުގަނޑު ނުދަންނަވަން، ވަކިގޮތަކަށް މުސްތަޤްބަލުގައި ކަންތައް ހިނގަމުންދާނެއެކޭ. އެއީ، އެކަކަށްވެސް އެނގޭ އެއްޗެއް ނޫން. ގެ މިންވަރުފުޅުގައިވާ ގޮތަކީ، އަޅުގަނޑުމެންނަށް އޭގެ މަޢުލޫމާތު މިއަދު ލިބިފައިވާ އެއްޗެއް ނޫން. އެހެންނަމަވެސް، އަޅުގަނޑުމެންނަށް ކަންތައް ކުރެވޭނީ މިހާރު ލިބިފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، މުސްތަޤްބަލުގައި ވެދާނެކަމަށް، ކަމާބެހޭ މީހުން ބުނާނެ ގޮތަކާ ދޭތެރޭގައި. އެހެންވީމާ، އެކަހަލަ ކަންތައްތަކާ ދޭތެރޭގައި ޣާފިލުވެގެން ތިބުމަކީ އެއްގޮތަކަށްވެސް ބުއްދިވެރިގޮތެއް ނޫން.

ތިމާވެށްޓާ ބެހޭގޮތުން ބައިނަލްއަޤްވާމީ ވަރަށް މުހިންމު ޖަލްސާއެއް މިއަހަރު ބޭއްވުމަށް ވަނީ ހަމަޖެހިފައި. އެއީ، މިއަހަރު ޖޫން މަހު، ބްރެޒިލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައިނަލްއަޤްވާމީ ޖަލްސާއެއް. ޤައުމުތަކުގެ އެންމެ އިސްވެރިން ބައިވެރިވެޑައިގަންނަވާ ޖަލްސާއެއް. އެ ޖަލްސާ ޚާއްޞަކުރެވިފައި ވަނީ ތިމާވެށްޓާއި، ތަރައްޤީއާ ބެހޭގޮތުން މަޝްވަރާކޮށް ވާހަކަ ދެއްކުމަށް. މި ދެބަޔަކީ ވަރަށް ބޮޑަށް ގުޅިފައިވާ ދެކަންތައް. ތަރައްޤީގެ މަގުފަހިވާނީ ތިމާވެށި ރައްކާތެރިވެފައި އޮވެގެން. މި ދެބަޔަކީ އެއްގޮތަކަށްވެސް ވަކިކޮށްލެވޭނެ ދެބަޔެއް ނޫން. އެހެންވީމާ، ތިމާވެށްޓާއި ތަރައްޤީއާ ބެހޭ ބައިނަލްއަޤްވާމީ ޖަލްސާއެއް މިއަހަރު ބާއްވާގޮތަށް ހަމަޖެހިފައިވަނީ، އެ ދެބައިގެ ގުޅުން ބޮޑުކަމާއި އަދި ތިމާވެށްޓަށް، މުޅި ދުނިޔޭގެ ތިމާވެށްޓަށް މިއަދު ކުރިމަތިވަމުން މިދާ މައްސަލަތަކުގެ ނުރައްކާތެރިކަން ހުރިލެއް ބޮޑުކަމުން. އާދެ، އަޅުގަނޑުމެންވެސް އިރާދަކުރެއްވިއްޔާ އެ ޖަލްސާއަށް މިދަނީ ތައްޔާރުވަމުން. އެ ޖަލްސާއަށް ތައްޔާރުވުމާބެހޭ ކޮމިޓީއެއް ރާއްޖޭގައި މިހާރުވަނީ ޢައްޔަންކުރެވިފައި. އެ ކޮމިޓީން މަސައްކަތް ކުރައްވަމުން އެބަ ގެންދަވާ. އަޅުގަނޑުމެންގެ މައްސަލަތައް ދިރާސާކޮށް، އެ ޖަލްސާގައި އަޅުގަނޑުމެން ދައްކާނީ ކޮން ވާހަކައެއްތޯ ނިންމުމުގެ ގޮތުން. އަދި މިދެންނެވި ޖަލްސާގެ އިތުރުންވެސް، ތިމާވެށްޓާ ބެހޭ ވަރަށްގިނަ ކަންތައްތައް ބައިނަލްއަޤްވާމީ ގޮތުން ކުރެވެމުން އެބަދޭ. ކޮމަންވެލްތުގެ ދާއިރާގައިވެސް، އަދި ސާރކް ޤައުމުތަކުގެ ދާއިރާގައިވެސް އެ މަސައްކަތްތައް ކުރެވެމުންދޭ. އެވާހަކަތައްވެސް ތިޔަބޭފުޅުން ވާނީ އައްސަވައިފައި. އެހެންވީމާ، އަޅުގަނޑު ކޮންމެހެން އިތުރަކަށް ދަންނަވާކަށް ނެތިން. ހަމައެކަނި ދަންނަވާލަން ބޭނުންވާ ވާހަކައަކީ، މިއަހަރު މިއީ ސާރކުގެ ތިމާވެށްޓާބެހޭ އަހަރޭ. އެހެންވީމާވެސް ތިމާވެށްޓަށް އަޅުގަނޑުމެންގެ މި 7 ޤައުމުގެ ރައްޔިތުން ޚާއްޞަ ސަމާލުކަމެއް މިއަހަރު ދޭން އެބަޖެހޭ.

އާދެ، އަޅުގަނޑުގެ ވާހަކަ މިހާރުވެސް ވަރަށް ދިގުވެއްޖެ. އެހެންނަމަވެސް، އަޅުގަނޑު ހިތަށްއެރީ، އެކަންކަމާ ދޭތެރޭގައި އަޅުގަނޑުމެން މިހާރު ވިސްނަންޖެހޭ ނުވަތަ ކަންބޮޑުވާ މައްސަލަތައް ސަރުކާރުން ވާނީ ރައްޔިތުންނަށް ސާފުކޮށް ހާމަކޮށްދޭށޭ. ސަރުކާރުން ވާނެ ވަރަށް ޞަރީޙަކޮށް ރައްޔިތުންނަށް އޭގެ ޙަޤީޤަތް އޮޅުންފިލުވައިދޭން. އޭރުން ރައްޔިތުންގެ އެއްބާރުލުން ސަރުކާރަށް ލިބޭނީވެސް. ކޮންމެއަކަސް، އަޅުގަނޑު މިދަންނަވާލި ވާހަކަތަކުން ތިޔަބޭފުޅުންނަށް އިތުރު މަޢުލޫމާތުތަކެއް ލިބިވަޑައިގެންފި ކަމަށްވަންޏާ، އަޅުގަނޑު ވަރަށްވެސް އުފާކުރާނަން. ކޮންމެއަކަސް، ސަރުކާރުން މަސައްކަތް ކުރަމުން މިގެންދަނީ، މި މައްސަލަތައް ރައްޔިތުންނަށް ހާމަކޮށްދެވޭތޯ. އަދި ސަރުކާރުން ރާވައި ހިންގާ ކަންތައްތަކުގައި ރައްޔިތުންގެ އެއްބާރުލުން ލިބޭތޯ. އެ އެއްބާރުލުން އަބަދުވެސް ދަނީ ލިބެމުން. އެ ވާހަކަވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. ސަރުކާރުން އަންގާލި ކޮންމެ ކަމަކަށް ރައްޔިތުން ތިއްބަވަނީ ތައްޔާރަށް. ރައްޔިތުންގެ އެއްބާރުލެއްވުން ނުލިބޭ ހަމަ އެއްވެސް ކަމެއް ނެތޭ އަޅުގަނޑަށް ދަންނަވަންޖެހެނީ. ކިތަންމެ ކުޑަ އިޝާރާތެއް ސަރުކާރުން ކޮށްލި ކަމުގައިވިޔަސް، އެކަމެއްގައި ރައްޔިތުންގެ އެއްބާރުލެއްވުން ވަރަށް މަތީ ފެންވަރަކަށް ލިބެމުންދާކަން ވަރަށް އުފަލާއެކު އަޅުގަނޑު ފާހަގަކޮށްލަން.

އާދެ، އަޅުގަނޑު މިއަދު ފޭދުއަށް އައުމުން، ފޭދޫގެ ވެރިންނާއި ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި، ފޭދޫގެ ވެރިންނަށާއި ރައްޔިތުންނަށް ވަރަށް އިޚުލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. ހަމައެފަދައިން، އައްޑުއަތޮޅަށް މިއައި އައުމަށްޓަކައި މުޅިއަތޮޅުވެސް ތައްޔާރުވެފައިވާލެއް ފުރިހަމަކަން އަޅުގަނޑަށް އެނގިފައިވާތީ. އަދި އަތޮޅުވެރިންގެ ފަރާތްޕުޅުން އަޅުގަނޑަށް ލިބުނު މަރުޙަބާއާއި، މި އަތޮޅުގެ އިސްވެރިންގެ ފަރާތުންވެސް ލިބުނު މަރުޙަބާއަށްޓަކައި، އެހުރިހާ ބޭފުޅުންނަށްވެސް ވަރަށް އިޚުލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން. އިރާދަކުރެއްވިއްޔާ، ސަރުކާރާއި ރައްޔިތުންނާ ގުޅިގެން ކުރަމުން މިގެންދާ މަސައްކަތްތަކުގެ ފައިދާ، اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް ދައްކަވާނެ.

އަޅުގަނޑުގެ ދުޢާއަކީ، މާތްވެގެންވާ އިސްލާމްދީނުގެ ސާފުސީދާ ތެދުމަގުގައި ފައިތިލަ ސާބިތުކުރުމުގެ ތައުފީޤު اللّـه سبحـانـه وتعـالى އަޅުގަނޑުމެން އެންމެންނަށް ދެއްވުން. އަދި އެ މަތިވެރި ތައުފީޤު ލިބިތިބެގެން އަޅުގަނޑުމެން، އަޅުގަނޑުމެންގެ ރައްޔިތުންގެ ފައިދާއަށްޓަކައި، އަޅުގަނޑުމެންގެ ޤައުމުގެ ފައިދާއަށްޓަކައި، ސަރުކާރާއި ރައްޔިތުން މިކުރާ މަސައްކަތްތަކުގެ ފޮނި ނަތީޖާ، އަޅުގަނޑުމެންނަށް اللّـه سبحـانـه وتعـالى މިންވަރު ކުރެއްވުން.

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.