بســم اللّـه الرّحمـن الرّحيــم
الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّدنا محـمَّدٍ وعلى آلـه وصحـبه أجمعـين.
އާދެ، ސައިންސް އެޑިޔުކޭޝަން ސެންޓަރުގެ ތާރީޚުގައި މިހާތަނަށް ބޭއްވުނު އެންމެ އުފާވެރި ޖަލްސާއަށް ދަޢުވަތު ދެއްވި ކަމަށްޓަކައި، މިނިސްޓަރ އޮފް އެޑިޔުކޭޝަނަށާއި، އެސް.އީ.ސީ.ގެ ޕްރިންސިޕަލަށާއި، އެހެން ހިންގުންތެރިންނަށް އަޅުގަނޑު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އެބޭފުޅުންގެ ވާހަކަފުޅުގައި ވިދާޅުވިފަދައިން، އެސް.އީ.ސީ.އަކީ ނުވަތަ ސައިންސް އެޑިޔުކޭޝަން ސެންޓަރަކީ ރާއްޖޭގައި ހުރި އެންމެ މަތީ ތަޢުލީމުދޭ މަރުކަޒު ނުވަތަ މަދަރުސާ.
އާދެ، އަޅުގަނޑުމެންގެ ރާއްޖެއަކީ ތަޢުލީމީގޮތުން އަދި މާގިނަ މަރްޙަލާތަކެއް ކަޑައްތު ކުރެވިފައިވާ ރާއްޖެއެއް ނޫން. ހުރިހާ ކަމެއްވެސް އަޅުގަނޑުމެން ފަށައިގެން މި އަންނަނީ އެކަމެއްގެ އެންމެ ފުރަތަމަ ފިޔަވަޅުން ފެށިގެން. އަޅުގަނޑުމެންނަކީ ވަރަށް ޒުވާން، ޅަ ޤައުމަކަށްވާތީ، އަދި އަޅުގަނޑުމެންގެ ތާރީޚުގައި މިބާވަތުގެ ކަންތައްތަކުގެ ކާމިޔާބުތަކެއް ޙާޞިލްކުރެވިފައި ނެތުމާއެކު، އަޅުގަނޑުމެންނަށް މި ޖެހެނީ ކޮންމެ މަގަކުންވެސް ހިނގަން ފަށާއިރު، އެމަގުގައި އަޅަންޖެހޭ އެންމެ ފުރަތަމަ ފިޔަވަޅު އަޅަން. އެގޮތުން ތަޢުލީމީ ދާއިރާގައިވެސް އަޅުގަނޑުމެންގެ ރާއްޖޭގައި ސައިންސް އެޑިޔުކޭޝަން ސެންޓަރަކީ، މީގެ 13 އަހަރު ކުރިއްސުރެ އުފެދިގެން، ކާމިޔާބުކަމާއެކު ހިނގަމުން އަންނަ މަދަރުސާއެއް. އާދެ، މިވަގުތު އަޅުގަނޑުމެންގެ ރާއްޖޭގައި ހުރި އެންމެ މަތީ ތަޢުލީމުދޭ ތަން އެއީ. އެހެންކަމުން، އެތަން ހިންގުމުގައި ސަރުކާރުން ވެވެން އޮތް އެހީއެއްވުމާއި، އެތަން ކުރިއެރުވުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމަށް ސަރުކާރުން މިހާތަނަށް ފަސްޖެހިފައެއްނުވޭ. އަދި އަޅުގަނޑު ޔަޤީންކުރާގޮތުގައި، މުސްތަޤްބަލްގައިވެސް ސަރުކާރުން ސައިންސް އެޑިޔުކޭޝަން ސެންޓަރަށް ދެމުންގެންދާނީ ވަރަށް މަތިވެރި އަހަންމިއްޔަތެއް.
އާދެ، މިރޭގެ މި އުފާވެރި ޖަލްސާގައި، ސައިންސް އެޑިޔުކޭޝަން ސެންޓަރުގެ ކޯސްތައް ނިންމާފައި، ސެޓްފިކެޓް ޙާޞިލްކުރި ކުދިންނަށް، އެ ސެޓްފިކެޓްތައް ޙަވާލުކުރުމުގެ އުފާ އަޅުގަނޑަށް ވަނީ ލިބިފައި. ހަމައެއާއެކުގައި، މި މަރުކަޒުން ތަޢުލީމު ނިންމައިގެން، ރާއްޖެއިން ބޭރަށްގޮސް މަތީ ތަޢުލީމު ޙާޞިލްކުރުމަށްފަހު މާލެ އައިސް، އެކިއެކި ފައިދާހުރި މަސައްކަތްތަކުގައި މަޝްޣޫލުވެގެން ތިއްބެވި ބައެއް ބޭފުޅުންނަށްވެސް މިރޭގެ މި ޖަލްސާގައި، އެބޭފުޅުންނަށް ޙައްޤުވާ ލިޔުން ޙަވާލުކުރުމުގެ އުފާ އަޅުގަނޑަށް ވަނީ ލިބިފައި. އެހެންކަމުން، އެ ހުރިހާ ބޭފުޅުންނަށް އާދެ، ސައިންސް އެޑިޔުކޭޝަން ސެންޓަރުގެ ޠާލިބުންނާއި ޠާލިބާއިންނަށް އަދި އެ ސެންޓަރުގެ ޠާލިބުންނާއި، ޠާލިބާއިންގެ ތެރެއިން އިތުރު ކާމިޔާބީތައް ތަޢުލީމީ ރޮނގުން ހޯއްދަވައިގެން މާލެ ވަޑައިގެން ތިއްބެވި ބޭފުޅުންނަށް މި ފުރުޞަތުގައި މަރުޙަބާއާއި މުބާރަކްބާދީ ދެންނެވުމަކީ އަޅުގަނޑަށް ލިބޭ ވަރަށްވެސް ބޮޑު އުފަލެއް.
1979 ވަނަ އަހަރުގެ ޖުލައިމަހުގެ 3 ވަނަ ދުވަހު އުފެދުނު މި ތަޢުލީމު ދިނުމުގެ މަތީ މަރުކަޒު ހިނގަމުން މި އަންނަނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެއްބާރުލެއްވުމާ އެކީގައި، ވަރަށް ގިނަ ފަރާތްތަކެއްގެ އިޚްލާޞްތެރި މަސައްކަތްޕުޅާ އެކީގައި. އެހެންކަމުން، އަޅުގަނޑުމެން މިރޭ އެކަންވެސް ފާހަގަކުރަންޖެހޭ. އަދި އެ މަސައްކަތްތަކާއި، އެ އެހީތެރިކަން ބަހައްޓަވައިދެއްވި ފަރާތްތަކަށް ޙައްޤުވެގެންވާ ޝުކުރު ރައްދުކުރަންވެސް ޖެހޭ. އާދެ، އެގޮތުން އެންމެ ފުރަތަމަ އަޅުގަނޑު ޝުކުރު ދަންނަވާހިތްއޮތީ، ކުރީގެ މިނިސްޓަރ އޮފް އެޑިޔުކޭޝަން އަލްއުސްތާޛު މުޙަންމަދު ޒާހިރު ޙުސައިނަށް. ސައިންސް އެޑިޔުކޭޝަން ސެންޓަރު ހުޅުވުނީ، އޭނާ މިނިސްޓަރ ކަމުގައި ހުންނަވަނިކޮށް. އަދި އޭރުން ފެށިގެން މި ސެންޓަރު ހިންގެވުމުގައި އޭނާ ކުރައްވާފައިވާ އިޚްލާޞްތެރި މަސައްކަތްތަކަކީ، އަޅުގަނޑުމެންގެ ތެރެއިން އެކަކަށްވެސް ވަންހަނާވެގެންވާ ކަމެއްނޫން. އޭގެ އިތުރުން، އޭނާ އަމިއްލަފުޅު ވަގުތުގައި، ފެށުނީއްސުރެ މިހާތަނާ ޖެހެންދެން އިސްލާމް ކިޔަވައިދެއްވާ މުދައްރިސެއްގެ ގޮތުން، ސައިންސް އެޑިޔުކޭޝަން ސެންޓަރަށް ކޮށްދެއްވާފައިވާ ޚިދުމަތަކީވެސް އަޅުގަނޑެކޭ އެފަދައިން، އެ ސެންޓަރުގެ ހިންގުންތެރިންނާއި، އެ ސެންޓަރުގައި ކިޔަވާކުދިންނާއި އަދި އެކުދިންގެ މައިންބަފައިންނާއި، ބެލެނިވެރިންނާއި އަދި މިތަނަށް ވަޑައިގެން ތިއްބެވި ހުރިހާ ބޭފުޅުންވެސް ފާހަގަކުރައްވާނެ ކަމެއް. އެކަމަށްޓަކައި، އަލްއުސްތާޛު މުޙަންމަދު ޒާހިރު ޙުސައިނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް.
އާދެ، އޭގެފަހުގައި މިހާރުގެ މިނިސްޓަރ އޮފް އެޑިޔުކޭޝަން އަލްއުސްތާޛު ޢަބްދުﷲ ޙަމީދު، އޭނާވެސް ރާއްޖޭގެ ތަޢުލީމަށް ދެއްވާ އަހަންމިއްޔަތާއި އަދި ޚާއްޞަކޮށް، ސައިންސް އެޑިޔުކޭޝަން ސެންޓަރުގެ ކަންތައްތައް ކުރިއަރުވައި ތަރައްޤީ ކުރެއްވުމަށް ދެއްވާ ސަމާލުކަމަށްޓަކައި އޭނާއަށްވެސް ޝުކުރު ދެންނެވުމަކީ އަޅުގަނޑަށް ލިބޭ އުފަލެއް. ހަމައެއާއެކުގައި، ސައިންސް އެޑިޔުކޭޝަން ސެންޓަރ ހިންގެވުމުގައި މިހާރު އެންމެ އިސް ވެރިއެއްގެ ގޮތުގައި އެ ހުންނަވާ މިސްޓަރ މެދަގަމަ، އޭނާއަކީވެސް ވަރަށް ތަޖުރިބާހުރި، ކަމަށް ޤާބިލް ބޭފުޅެއް. އެހެންކަމުން، އޭނާ އެ މަރުކަޒަށް އެ ކޮށްދެއްވާ ޚިދްމަތުގެ އަގު އަޅުގަނޑުވެސް ފާހަގަކޮށް، އޭނާއަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
އާދެ، ދެން އަޅުގަނޑު ޝުކުރުގެ ބަހެއް ރައްދުކުރަން އޮތީ، އެސް.އީ.ސީ.ގެ ރޫޙަށް. އާދެ، އަލްފާޟިލާ ސަޢީދާ މޫސާދީދީއަށް. އޭނާއަކީ، އެސް.އީ.ސީ.ގެ ހުރިހާ ދަރިވަރުންގެ ކުރިމަތީގައި ވަރަށް މަޤްބޫލު ބޭފުޅެއް. ވަރަށް ގިނަ ދުވަސް ވަންދެން އެސް.އީ.ސީ.އަށް އަދި އެސް.އީ.ސީ.ގެ ދަރިވަރުންނަށް ޚިދުމަތްކޮށްދެއްވާފައިވާ ބޭފުޅެއް. ސަރުކާރުގެ ޚިދުމަތުގައި އޭނާ އުޅުއްވާތާވެސް އެތައް އަހަރެއްވެއްޖެ. އަދި އެންމެ ފުރަތަމަ އެސް.އީ.ސީ.ގެ ކެމިސްޓްރީ ޓީޗަރަކަށް ހަމަޖެހުމާ ގުޅިގެން، އެ މާއްދާ ކިޔަވައިދެއްވުމުގެ އިތުރަށް، ފަހުން ނާޡިރުގެ އެހީތެރިޔާގެ މަޤާމުގައި ހުންނެވި. އަދި އޭގެފަހުން މިހާރު އެ ހުންނެވި މަގާމަށް ވަޑައިގެންނެވި ފަހުން އަހަރުތަކެއްވެއްޖެ. މި ހުރިހާ މަޤާމުތަކުގައި ހުންނަވައިގެން، އޭނާ އެސް.އީ.ސީ.އަށް ކޮށްދެއްވާފައިވާ ޚިދުމަތަކީ، އަޅުގަނޑު ކޮންމެހެން ދަންނަވަންޖެހޭނެ ޚިދުމަތްތަކެއް ނޫން. އޭނާ ކުރެއްވި ކަންތައްތަކުގެ ތެރޭގައި، ކުދިންނަށް ކައުންސެލިންގ ދެއްވުމާއި، އެކުދިން ބޭނުންވާ ކަންތައްތަކުގައި ލަފާ ދެއްވުމާއި، އެކުދިންގެ ޑިސިޕްލިން ރަނގަޅު ކުރެއްވުމަށް މަސައްކަތް ކުރެއްވުމާއި، އަދި ސައިންސް އެޑިޔުކޭޝަން ސެންޓަރުގައި ކިޔަވާނެ މޮޅު ދިވެހި ޓީޗަރުން އުފެއްދެވުމަށް މަސައްކަތް ކުރެއްވުމާއި، މިކަހަލަ ވަރަށް ގިނަ ކަންތައްތައްވޭ. އެހެންކަމާއެކީގައި، އަލްފާޟިލާ ސަޢީދާ މޫސާދީދީއަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.
އާދެ، ކުރިންވެސް ދެންނެވިފަދައިން، އެސް.އީ.ސީ.އަކީ ރާއްޖޭގެ ތަޢުލީމީ ހަރުފަތުގައި ވަރަށް ޚާއްޞަ މަޤާމެއް ލިބިފައިވާ ސްކޫލެއް. އެހެންކަމަށްވާތީ، ސަރުކާރުން އެތަނަށް ވަރަށް ޚާއްޞަ ގޮތެއް ބަހައްޓާ. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ބަޖެޓުން އަދި އެސް.އީ.ސީ.ގެ ބަޖެޓުން އެތާނގެ ކަންތައްތައް ރަނގަޅުކޮށް ފުރިހަމަކުރުމަށް އަދި އެތަން ކުރިއަރުވައި ތަރައްޤީ ކުރުމަށް ކުރައްވާ ޚަރަދުތަކުގެ އިތުރަށް، ސީދާ ރައީސް އޮފީހުންވެސް އެސް.އީ.ސީ.އަށް ވަރަށް ގިނަ ކަންތައްތައް ކޮށްދެވިފައިވޭ. އާދެ، 1987 ވަނަ އަހަރުން ފެށިގެން މިހާތަނާ ޖެހެންދެން އެތަނަށް ދިމާވެފައިވާ ވަރަށް ގިނަ ދަތިތައް ފިލުވައިދިނުމުގައި، ސީދާ ރައީސް އޮފީހުން މަސައްކަތްކޮށް، ރައީސް އޮފީހުގެ ބަޖެޓުން ޚަރަދުކޮށްފައިވޭ. ހަމައެއާއެކީގައި، އެސް.އީ.ސީ. ކުރިއަށް ގެންދިޔުމަށްޓަކައި ބޭރުގެ އެހީވެސްވަނީ ހޯދިފައި.
އާދެ، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ވާރލްޑް ބޭންކުން ލޯނެއް ނަގައިގެން، އަޅުގަނޑުމެންގެ ތަޢުލީމާއި ތަރުބިއްޔަތުގެ ކަންތައް ކުރިއަށް ގެންދިޔުމަށް ވަރަށް ބޮޑު މަޝްރޫޢެއް މިހާރު މިގެންދަނީ ހިންގަމުން. އޭގެތެރެއިން، އެއްބައި މިއޮތީ އެސް.އީ.ސީ.ގެ ފެންވަރު މަތިކުރުމަށް ޚާއްޞަ ކުރެވިފައި. އެސް.އީ.ސީ. އަށް ބޭނުންވާ ލެބޯރެޓަރީ ސާމާނާއި، ބޭނުންވާ އަގުބޮޑު ފޮތްތަކާއި، ބޭނުންވާ އެކިއެކި ޖާރނަލްސްތަކާއި، ވީޑިއޯތަކާއި، މި އެއްޗެތި ހޯދައިދިނުމުގެ އިތުރަށް، އެސް.އީ.ސީ.ގައި ކިޔަވައިދޭނެ މަތީ ފެންވަރުގެ އެކަށީގެންވާ ދިވެހި ޓީޗަރުން އުފެއްދުމަށްޓަކައި މި ޕްރޮޖެކްޓްގެ ދަށުން މިހާރު ޚަރަދުކުރެވެމުން އެބަދޭ. ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، އެ ޕްރޮޖެކްޓްގެ ދަށުން ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމު ޙާޞިލްކުރާ ހަ ކުއްޖަކު މިހާރު އެބަތިބި. އޭގެ ތެރެއިން ހަތަރު ކުދިން ތަޢުލީމު ޙާޞިލްކުރަނީ އިނގިރޭސިވިލާތުގެ އެކިއެކި ޔުނިވަރސިޓީތަކުގައި. އަނެއް ދެ ކުދިން އޮސްޓްރޭލިޔާގައި. އަދި 7 ވަނަ ކުއްޖަކު މާލަހެއްނުވެ ފުރާގޮތަށް މިހާރުވަނީ ހަމަޖެހިފައި. ޝައްކެއްނެތްގޮތުގައި، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުންވެސް އިޝާރާތްކުރެއްވި ފަދައިން، އެސް.އީ.ސީ. ތަރައްޤީވުމާއި، އެސް.އީ.ސީ.އިން ކުރަންޖެހޭ ކަންތައްތައް ކާމިޔާބުކަމާއެކު ކުރެއްވުމާއި، މި ކަންތައްތައް ބިނާވެފައި ވަނީ އަޅުގަނޑުމެންގެ ތެރެއިން އެކަށީގެންވާ ޓީޗަރުން އުފެދިގެން.
އާދެ، އެސް.އީ.ސީ. ފެށުނުއިރު، އެތާނގައި ތިބީ އެންމެ 7 ޓީޗަރުން. އެންމެ 47 ކުދިން އޭރުތިބީ. އެހެންނަމަވެސް، މިހާރު 210 ނުވަތަ 211 ނުވަތަ 215 ކުދިން އެސް.އީ.ސީ.ގައި ކިޔަވަމުން އެބަގެންދޭ. އެކުދިންނަށް ކިޔަވައިދޭނެ 22 ޓީޗަރުން އެބަތިބި. އެހެންނަމަވެސް، އޭގެތެރެއިން ދިވެހިންގެ އިތުރަށް، އަޅުގަނޑުމެންގެ އަވަށްޓެރި ޤައުމުތަކުން ނުވަތަ އެނޫން ގޮތްގޮތުންވެސް އަޅުގަނޑުމެންނަށް އެބޭފުޅުންގެ ޚިދުމަތް ލިބެމުންދާ ޓީޗަރުން އެބަ ތިއްބެވި. މުސްތަޤްބަލްގައި އަޅުގަނޑުމެންގެ ކޮންމެ ކަމެއްވެސް ތަރައްޤީވެގެންދާނީ، އެކަން ރާވައި ހިންގާނެ ބަޔަކީ، އަޅުގަނޑުމެންގެ ތެރެއިން އުފެދިގެން އަންނަ ބަޔަކަށްވެގެން. އެގޮތުގެ މަތިން، ރާއްޖޭގެ ތަޢުލީމުގެ ކަންތައްތައް ކުރިއަށްދާނީވެސް، ވެވުނުވަރަކުން ރާއްޖޭގެ މީހުން އާދެ، ރާއްޖޭގެ ތަޢުލީމީ ކަންތައްތައް ކުރިއަށް ގެންދިޔުމަށް، ދިވެހިން އެކަމަށް ތައްޔާރުވެގެން އެ މަސައްކަތް ކުރަމުންގެންދިޔަ މިންވަރަކުން. އެގޮތުން، މުސްތަޤްބަލްގައި އިރާދަކުރެއްވިއްޔާ، އެސް.އީ.ސީ.ގައި ތިބޭނީ، ކަމަށް އެންމެ އެކަށީގެންވާ، މަތީ ތަޢުލީމު ޙާޞިލްކޮށްގެން ތިބި ދިވެހިން.
އާދެ، މިކަހަލަ ރެއެއްގައި ވާހަކަ ދައްކާއިރު، އަޅުގަނޑުގެ ހިތަށް ވަންނަ ބައެއް ޚިޔާލުތައް އެބަހުރި. އޭގެތެރެއިން ބައެއް ކަންތައްތަކާ ދޭތެރޭގައި އެއްޗެއް ދަންނަވާލުމަކީ އެކަށީގެންނުވާ ކަމެއް ކަމަކަށް އަޅުގަނޑު ނުދެކެން. އާދެ، އޭގެތެރެއިން އެއް ނުކުތާއަކީ، އެސް.އީ.ސީ.ގައި ދެވޭ ތަޢުލީމަކީ، ޢާންމު ތަޢުލީމުގެ މަރްޙަލާއެއްކަން، އެސް.އީ.ސީ.ގެ ދަރިވަރުން ހަނދާންކުރުން އަޅުގަނޑު އެދޭ ވާހަކަ. އެކަމާބެހޭ ނުކުތާ. އާދެ، ކުރިންވެސް ދެންނެވިފަދައިން، އަދި އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުންވެސް ވިދާޅުވިފަދައިން، އެސް.އީ.ސީ.އަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ މަތީ ތަޢުލީމުދޭ ތަން. އެހެންނަމަވެސް، ހަމަ އެއާއެކުގައި އަޅުގަނޑުމެންނަށް ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއް އެބައޮތް. އެއީ، އެސް.އީ.ސީ.ގައި މިދޭ ތަޢުލީމަކީ ޘާނަވީ ތަޢުލީމުގެ ބައެއްކަން. އާދެ، ޢާންމު ތަޢުލީމުގެ މަތީ މަރްޙަލާއެއްކަން. އެކަން އެސް.އީ.ސީ. ކުދިންނަށްވެސް އޮންނަން ޖެހޭނީ ރަނގަޅަށް އެނގިފައި. އެކަން އޮޅިގެނެއްނުވާނެ. ޔުނިވަރސިޓީ ތަޢުލީމަށް ދެވެނީ އޭގެ ފަހުން.
އާދެ، ދެވަނަ ނުކުތާއަކީ، އަޅުގަނޑުމެން ކޮންމެ ކަމެއްގައިވެސް ކުރިއަށް މިދަނީ އަޅުގަނޑުމެން ކުރާ މަސައްކަތުންކަން ހަނދާންކުރުން. އާދެ، ތަނަކީ ކިތަންމެ މަތީ ފެންވަރަކަށް ހެދިފައިވާ ތަނެއް ކަމުގައިވިޔަސް. އާދެ، އަޅުގަނޑު ނުދަންނަވަން، އެސް.އީ.ސީ. މި ވަގުތު ހެދިފައި ހުރީ އެންމެ މަތީ ފެންވަރަކަށޭ. އެހެންނަމަވެސް، އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ އެތަން، އެތާނގެ ޒާތުގައި މަތީ ފެންވަރަކަށް ހެދިފައިވި ކަމުގައިވިޔަސް، އަދި އެތަން ހިންގަން އެކަށީގެންވާ މީހުން ތިބި ކަމުގައިވިޔަސް، އެތާނގައި އެތާނގެ ފައިދާ ޙާޞިލްކުރަން ތިބި މީހުން، އެ މީހުން އިޚްލާޞްތެރިކަމާ އެކީގައި މަސައްކަތްކޮށްގެން ނޫނީ، އެމީހުން ކުރިއަކަށް ނުދާނެއޭ. އަދި އެމީހުންނަށް އެތަނަކުން އެކަށީގެންވާ ފައިދާއެއްވެސް ނުލިބޭނޭ.
އާދެ، އެހެންވީމާ، އެސް.އީ.ސީ.ގެ ދަރިވަރުންވެސް ވިސްނާލަންވީ ނުކުތާއަކީ، އެތަނަކީ އަދި ރާއްޖޭގައި ހުރި މަތީ ތަޢުލީމުދޭ ހަމައެކަނި ތަން ކަމުގައިވިޔަސް، އެ ތަނުންވެސް ކާމިޔާބުވާނީ މަސައްކަތް ކުރިވަރަކުންކަން. އެތަނުން ލިބެން ހުރި އެހީތަކާއި، ފަސޭހަތަކުގެ ބޭނުން، އެކުދިން އަމިއްލައަށް ކޮށްގެން، އެކުދިންގެ ވަގުތުގެ ބޭނުންވެސް ފުރިހަމައަށްކޮށްގެންކަން.
އާދެ، ހަމަ މި ނުކުތާއާ އެކީގައި އަޅުގަނޑު ދަންނަވާލަން ބޭނުންވޭ، އެސް.އީ.ސީ.ގެ ތަޢުލީމު ޙާޞިލްކުރާ ކުދިންގެ މައިންބަފައިންނާއި ބެލެނިވެރިންވެސް ސަމާލުކަން ދެއްވަންޖެހޭ ނުކުތާއެއް. އާދެ، އެއީ އެބޭފުޅުންގެވެސް މަސްއޫލިއްޔަތެއް މިކަމުގައިވާކަން. ހަމައެކަނި އެބޭފުޅުންގެ ދަރިން އެސް.އީ.ސީ.އަށް ވެއްދުމަކުން އެއީ، އެބޭފުޅުންގެ މަސްއޫލިއްޔަތު ނުވަތަ ވާޖިބު އަދާކުރެއްވުނީ ކަމަށް ބައްލަވައިގެން ނުވާނެކަމަށް ދަންނަވަންޖެހޭ. އެކުދިން އެތާނގައި ތަޢުލީމު ޙާޞިލްކުރަމުން ދަނީ ކިހިނެއްތޯއާއި، އެކުދިންގެ އަޚްލާޤާއި ސުލޫކު ހުންނަނީ ކިހިނެއްތޯއާއި، އަދި އެކުދިންނަށް އެ ލިބިފައިވާ ފުރުޞަތުގެ ބޭނުން ރަނގަޅުގޮތުގައި ހިފާތޯއާއި، މި ހުރިހާ ކަމެއް މައިންބަފައިންނާއި ބެލެނިވެރިން ބައްލަވަންވާނެ.
ހަމައެއާއެކީގައި، އަޅުގަނޑު ދަންނަވާލަން ބޭނުންވާ އަނެއް ވާހަކައަކީ، އާދެ، އެސް.އީ.ސީ.ގައި ކިޔަވައިދޭ އުޞޫލާއި، ޢާންމު ތަޢުލީމު، އެހެން މަދަރުސާތަކުގައި އަދި ޘާނަވީ ތަޢުލީމުގެ އެހެން ތަންތާނގައި ކިޔަވައިދޭ އުޞޫލާ ތަފާތުކަން އަޅުގަނޑުމެން ފާހަގަކުރަންޖެހެއޭ. އެސް.އީ.ސީ. ކުދިންނަށް ތަންކޮޅެއް ބޮޑަށް މިނިވަންކަން އޮންނަނީ ލިބިފައި، އެކުދިންގެ ތަޢުލީމު ކުރިއަށް ގެންދިޔުމުގައި، އެކުދިންގެ ޑިސިޕްލިންގެ ކަންތައްތައް ކުރިއަށް ގެންދިޔުމުގައި. އެހެންވީމާ، އެ ލިބިފައި އޮންނަ މިނިވަންކަމުގެ ބޭނުން، އެ ކުދިން ކުރަންޖެހޭނީ މަސްއޫލުގޮތަކަށް. އޭރުން އެ މިނިވަންކަމުގެ ފައިދާ އެކުދިންނަށް ލިބޭނީ. މަސްއޫލުގޮތެއްގައި ތިމާއަށް ލިބިފައިވާ މިނިވަންކަމުގެ ބޭނުންކުރާނަމަ، އެ މިނިވަންކަމުގެ ފައިދާ ތިމާއަށް ލިބޭނެކަން ކަށަވަރު.
އެހެންވީމާ، އެއީ، މިރޭ އެސް.އީ.ސީ. ކުދިން ވިސްނާލަން އަޅުގަނޑު ބޭނުންވާ ނުކުތާއެއް. ހަމައެއާއެކީގައި، އެސް.އީ.ސީ.ގެ ހިންގުންތެރިންވެސް ވިސްނަވައިލައްވަން ބޭނުންފުޅުވާނެހެން ހީވާ ނުކުތާއެއް ދަންނަވާލާނަން. އެއީ، އެސް.އީ.ސީ.ގެ ކުދިންނަކީ މިނިވަންކަމުގެ ގޮތުން ޘާނަވީ ތަޢުލީމުގެ އެހެން ކުދިންނަށްވުރެ ތަނަވަސް ދާއިރާއެއްގައި ޙަރަކާތްތެރިވުމަށް ފުރުޞަތު ލިބިފައިވާ ކުދިން ކަމުގައިވިޔަސް، އެކުދިންނަކީވެސް ޅަޢުމުރުގެ ދަރިވަރުންކަން. އެހެންވީމާ، އެކުދިންނަށްވެސް ހަރުދަނާ އިރުޝާދާއި، ތަރުބިއްޔަތުގެ ބެއްލެވުމެއް، އެސް.އީ.ސީ. ހިންގަވާ ފަރާތްތަކުންނާއި ޓީޗަރުން ބައްލަވަންޖެހޭނެކަން. އެކަހަލަ ނިޒާމެއް އޮވެގެން ކުދިންނަށް އެކަށީގެންވާ ތަޢުލީމެއް ލިބޭނީ. އަދި އެ ތަޢުލީމުގެ އިތުރަށް، އެކުދިންގެ ޝަޚްޞިއްޔަތު ހަރުދަނާވެ، އެކުދިންނަކީ މުޖުތަމަޢުގެ ކުރިމަތީގައި މަޤްބޫލު އަދި އެކުދިން ތަޢުލީމު ޙާޞިލްކޮށް ނިމުމަށްފަހުގައި ޤައުމަށް ފައިދާކުރާނެ ކުދިބަޔަކަށް ވާނީ.
އަޅުގަނޑުމެންގެ ތަޢުލީމުގެ ކަންތައްތައްވެސް އެއްދުވަހުން އަނެއް ދުވަހަށް މިދަނީ ތަރައްޤީވަމުން. އަޅުގަނޑުމެންގެ މަދަރުސާތަކަށް ވަންނަ ކުދިންގެ ޢަދަދުވެސް މިދަނީ އެއްދުވަހުން އަނެއް ދުވަހަށް ގިނަވަމުން. އެސް.އީ.ސީ.އަކީ މިކަމުގައިވެސް އިސްތިސްނާ ކުރެވޭ ތަނެއްނޫން. އެސް.އީ.ސީ.އަށް ވަންނަ ކުދިންގެ ޢަދަދު، އެއް އަހަރުން އަނެއް އަހަރަށް މިދަނީ ގިނަވަމުން. އެހެންވީމާ، އަޅުގަނޑުމެންނަށް ކުރިމަތިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޖާގައިގެ މައްސަލަ. އެކަމާ ބެހޭގޮތުން ޕްރިންސިޕަލްވެސް ވާހަކަފުޅު ދައްކަވައިފި. އަދި މިނިސްޓަރ އޮފް އެޑިޔުކޭޝަންވެސް ވާހަކަފުޅު ދައްކަވައިފި. އެހެންވީމާ، އެކަމާ ދޭތެރޭގައި މާދިގުކޮށް އަޅުގަނޑު ވާހަކަ ދައްކާކަށް ނެތީން.
އެހެންނަމަވެސް، އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، ސަރުކާރަށް ވެވުނުވަރަކުން އެސް.އީ.ސީ.ގެ ޖާގަވެސް އިތުރުކޮށްދޭން ޤަޞްދުކުރެއޭ. އެއީ، މިހާރު ތިޔަބޭފުޅުންނަށް އެނގިވަޑައިގެންފައި ވާނެ ފަދައިން، މި އަހަރުވެސް އާ ޢިމާރާތެއްގެ މަސައްކަތް ފެށޭގޮތަށް މިއޮތީ ހަމަޖެހިފައި. އެ ޢިމާރާތުން އިތުރު ކުދިންނަށް ތަޢުލީމު ޙާޞިލްކުރުމުގެ ޖާގަ ލިބޭނެ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ގާތްގަނޑަކަށް 120 ކުދިންނަށް ތަޢުލީމު ޙާޞިލްކުރެވޭ ވަރަށް އެތާނގައި ތަން އޮންނާނެ. އަދި އެސް.އީ.ސީ.ގެ ތަޢުލީމަށް މިހާރަށް ބޭނުންވެފައިވާ އިތުރު ދެ ލެބޯރެޓަރީވެސް އެތާނގައި ހުންނާނެ.
އާދެ، މިއީވެސް ވަކި މުއްދަތަކަށް ފުދޭނެ ތަނެއް. އޭގެފަހުން، އަޅުގަނޑުމެން ވިސްނަން އެބަޖެހޭ، މުސްތަޤްބަލްގައި އެސް.އީ.ސީ.އަށް ވަންނާނެ ކުދިންނަށް ޖާގަ ހޯދައިދޭނީ ކިހިނެއްތޯ. އެހެން ވިސްނާއިރު، ބައެއް ޚިޔާލުތައް މިހާރުވެސް އަޅުގަނޑުމެންނަށް ކުރެވޭ. އޭގެތެރެއިން އެއްކަމަކީ، ޕްރިންސިޕަލް އެ ވިދާޅުވިފަދައިން، މިކަމަށް ޚާއްޞަ ކޮލެޖެއް ކަހަލަ ތަނެއް އުފެއްދުން. ތަނަވަސް ޢިމާރާތެއް ހުރެގެން، މުސްތަޤިއްލު ތަނެއްގެ ގޮތުގައި ހިނގަމުން ދިޔުން. އަދި އެތަނަކީ ރާއްޖޭގައި މުސްތަޤްބަލްގައި އުފެދޭނެ ޔުނިވަރސިޓީއެއްގެ ބިންގާ ކަމުގައިވުން. އެއީވެސް ޚިޔާލެއް. އަދި ހަމައެއާއެކީގައި އުޅޭ އަނެއް ޚިޔާލަކީ، މިހާރު ޘާނަވީ ތަޢުލީމުގެ ކަންތައްތައް ހިންގާ ސަރުކާރުގެ ބައެއް މަދަރުސާތަކުގައި އާދެ، މަޖީދިއްޔާ ސްކޫލާއި، އަމީނިއްޔާ ސްކޫލްގައި ގްރޭޑް 11، 12 މި ދެ ފެންވަރަށް ކިޔަވައިދޭނެ ކްލާސްތަކެއް އުފެއްދުން. މުސްތަޤްބަލްގައި އޭރުން އެތަނުންވެސް ގިނަ ކުދިންނަށް ޖާގަ ލިބޭގޮތް ހަމަޖެހޭނެ. އެހެންނަމަވެސް، މިކަންކަމަކީ އަދި ވަކިގޮތަކަށް ސަރުކާރުން ނިންމާފައިވާ ކަންކަމެއް ނޫން. މިކަމާ ދޭތެރޭގައި ވަރަށް ފުންކޮށް ވިސްނައި، ކަމާބެހޭ ދާއިރާތަކުގެ މެދުގައި އެކަށީގެންވާ ގޮތެއްގައި މަޝްވަރާކުރެވެން ޖެހޭނެ ކަމަށް އަޅުގަނޑު ދެކެން. މި ދެންނެވި ގޮތަށް، މަޝްވަރާ ކުރެވިގެން، އަޅުގަނޑުމެންގެ ތަޢުލީމަށް އަދި އަޅުގަނޑުމެންގެ ޤައުމަށް އެންމެ ފައިދާހުރި ގޮތަކަށް، މި ކަންތައްތައް މާލަހެއްނުވެ ސަރުކާރުން ނިންމަން އެބަޖެހޭ.
އެސް.އީ.ސީ.އަށް ވަންނަ ކުދިން އިތުރުވަމުންދާ ފަދައިން، އެސް.އީ.ސީ.އިން ތަޢުލީމު ޙާޞިލްކޮށްގެން ނިމިގެން ނުކުންނަ ކުދިންގެ ޢަދަދުވެސް، އެއް އަހަރުން އަނެއް އަހަރަށް ދަނީ ގިނަވަމުން. އެއީވެސް އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަންޖެހޭ ނުކުތާއެއް. އެސް.އީ.ސީ.އިން ތަޢުލީމު ޙާޞިލްކޮށްގެން ނުކުންނަ ކުދިންނަށް މަތީ ތަޢުލީމު ޙާޞިލްކުރެވޭނެ ފުރުޞަތު ހޯދައިދިނުން. މިހާރު ހަމަޖެހިފައި އޮންނަ އުޞޫލަކީ، އެކުދިންނަށް އެކިއެކި ސްކޮލަރޝިޕްތައް ހޯދައިދިނުން. އެކުވެރި ޤައުމުތަކުގެ އެހީގައި ނުވަތަ ބައިނަލްއަޤްވާމީ އެކިއެކި ދާއިރާގެ އެހީގައި، އެކުދިންނަށް މަތީ ތަޢުލީމު ޙާޞިލްކުރުމުގެ ފުރުޞަތު ހޯދައިދިނުން. ނުވަތަ ސީދާ ސަރުކާރުގެ އެހީގައި، އޭގެތެރެއިން ބައެއް ކުދިން ފޮނުވުން. މިސާލަކަށް، ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕްގައި، އެސް.އީ.ސީ.އިން އެންމެ މަތީ ވަނަތައް ހޯދާ ކުދިންނަށް، ކޮންމެ އަހަރަކު އެއް ކުއްޖަކަށް މިހާރު ފުރުޞަތު ދެމުން މި ގެންދަނީ. އެހެންނަމަވެސް، މުސްތަޤްބަލަށް ވިސްނާއިރު، އެސް.އީ.ސީ.އިން ތަޢުލީމު ޙާޞިލްކޮށްގެން ނުކުންނާނެ ކުދިންގެ ޢަދަދު ގިނަވަމުންދާނެތީއާ އެކީގައި، މި ދެންނެވި ފަދަ އުޞޫލަކުން އެ ހުރިހާ ކުދިންނަށް މަތީ ތަޢުލީމު ޙާޞިލްކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމަށް ސްކޮލަރޝިޕް ހޯދައިދިނުމަކީ ކުޅަދާނަ ކަމަކަށް ނުވާނެ.
އެހެންވީމާ، އަޅުގަނޑުމެން އެބަ ވިސްނަންޖެހޭ، ރާއްޖޭގައި އެފަދަ ކުދިންނަށް މަތީ ތަޢުލީމު ޙާޞިލްކުރެވޭނެ އިންތިޒާމު ހަމަޖެހޭނެ އެއްވެސް ގޮތެއް އޮތްތޯ. އާދެ، އަނެއްކާވެސް ޔުނިވަރސިޓީގެ ޚިޔާލަކަށް މި އިޝާރަތް ކުރެވެނީ. ރާއްޖޭގައިވެސް މާދުރުނޫން މުސްތަޤްބަލެއްގައި ޔުނިވަރސިޓީ ތަޢުލީމު ޙާޞިލްކުރެވޭނެ ތަނެއް ހުންނަންޖެހޭނެކަން އަޅުގަނޑަށް އިޙްސާސްކުރެވޭ. އެންމެ ފުރަތަމަ، ބޭރުގެ ކޮންމެވެސް ޔުނިވަރސިޓީއަކާ ތަޢުލީމީގޮތުން ގުޅިފައިވާ މަރުކަޒެއް ރާއްޖޭގައި އުފެއްދުމުގެ ޚިޔާލު އެއީވެސް ކުރެވޭ ޚިޔާލެއް. އެތަނުގައި ރާއްޖެއަށް އެންމެ ބޮޑަށް ބޭނުންވާ ރޮނގުތަކުގައި، މަތީ ތަޢުލީމު ޙާޞިލްކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުން. އޭގެ ފަހުގައި، އެތަން ތަރައްޤީވަމުންދިޔަ މިންވަރަކުން މުސްތަޤްބަލްގައި އެއީ، ރާއްޖޭގެ ޔުނިވަރސިޓީއަކަށްވުން. މިއީވެސް އަޅުގަނޑުމެން މިހާރު ޚިޔާލުކުރަން ޖެހިފައިވާ ވަރަށް މުހިންމު މައްސަލައެއް.
އާދެ، އެސް.އީ.ސީ.ގެ ދަރިވަރުންނާ ބެހޭގޮތުން ތަންކޮޅެއް ކުރިން އަޅުގަނޑުމެންނަށް މާ އެދެވޭ ނޫން ބައެއް ޚަބަރުތައް ލިބެމުން ގޮސްފައިވޭ. އެހެންނަމަވެސް، އަޅުގަނޑަށް ދަންނަވަންޖެހެނީ، ފަހަކަށްއައިސް އެސް.އީ.ސީ.ގެ ކުދިންގެ އުޅުމާއި އަޚްލާޤާ ދޭތެރޭގައި އަޅުގަނޑުމެންނަށް ނުވަތަ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ލިބިފައިވަނީ ވަރަށްވެސް ރަނގަޅު ޚަބަރުތަކެއް. ޝައްކެއްނެތް، އެއީ އަޅުގަނޑުމެން އުފާކުރަންޖެހޭނެ ކަމެއް. ފަހަރެއްގައި ނުވަތަ ކޮންމެވެސް މަރްޙަލާއެއްގައި އަޅުގަނޑުމެން އެންމެ އެދޭގޮތް ނޫން ގޮތަކަށް ޢަމަލުކުރާ ކުދިން ކޮންމެ މަދަރުސާއެއްގައިވެސް ތިބުން އެކަށީގެންވޭ. އެހެންނަމަވެސް، އެތަނެއް ހިނގަމުންދާތާ ދުވަސްކޮޅެއް ވުމަށްފަހުގައި އަދި އެތަނުގެ ކަންތައްތައް ތަރައްޤީވަމުން އައުމުގެ ތެރޭގައި، އެކުދިންނަށްވެސް އެކަށީގެންވާ ގޮތަކަށް އަޅައިލެވި، އެކުދިންގެ ކަންތައްތައް ބަލައި، އެކުދިންނަށް ނަޞޭޙަތްތެރިވެވި އަދި އެކުދިންނަށް ދިމާވާ މައްސަލަތަކަކީ ކޮބައިތޯ ބަލައި، އެއަށް ޙައްލު ހޯދައިދިނުމުގެ ސަބަބުން އެކުދިންނަށް އެދެވޭ ބަދަލެއް އައުމަކީ، ހަމަ ވަރަށް ކައިރީގައި އޮންނާނެ ކަމެއް. އަޅުގަނޑަށް ދަންނަވަންޖެހެނީ، އެގޮތުން މިހާރު އެސް.އީ.ސީ.ގެ ކުދިންނާ ބެހޭގޮތުން އިވެނީ ވަރަށްވެސް ރަނގަޅު އަޑުތަކެކޭ. އެއީ، އަޅުގަނޑު ވަރަށް އުފާކޮށް އަދި އެސް.އީ.ސީ.ގެ ހުރިހާ ކުދިންނަށް އެކަމަށްޓަކައި މަރްޙަބާ ކިޔާ ކަމެއް.
އާދެ، އެސް.އީ.ސީ.ގެ ދަރިވަރުންގެ ތެރެއިން މަތީ ތަޢުލީމު ހޯދުމުގައި އެކަށީގެންވާ ކާމިޔާބީތަކެއް ޙާޞިލްކޮށްފައިވާ މީހުންގެ ނަންތައް އަޅުގަނޑުމެންނަށް މިރޭ އިވިގެން ހިނގައްޖެ. އަދި އެމީހުންނަށް ލިބުނު ކާމިޔާބީތަކާއި، މިހާރު އެމީހުން ސަރުކާރުގައި އެ އަދާކުރާ މުހިންމު މަޤާމްތައްވެސް އަޅުގަނޑުމެންނަށް އެނގިގެން ހިނގައްޖެ. ޝައްކެއްނެތް، އެއީ އަޅުގަނޑުމެން ވަރަށްވެސް ބޮޑަށް އުފާކުރުން ޙައްޤު ކަމެއް. އަޅުގަނޑުމެންގެ ތެރެއިން މަތީ ފެންވަރަށް ކިޔަވާ ތަޢުލީމީ ޒުވާނުން އުފެދިގެން އަންނަކަން އެއީ، ޤައުމުގެ ތަރައްޤީގައި ވަރަށް މުހިންމު ކަމެއް. ރާއްޖެއަކީ ޒުވާން ރާއްޖެއެއް. ރާއްޖޭގައި މުސްތަޤްބަލްގައި ކަންތައްތައް ހިންގަން ތިބޭނީ ހަމަ ޒުވާނުން. އެ ޒުވާނުން ވާންޖެހޭނެ، އެކަށީގެންވާ ތަޢުލީމެއް ހޯދާފައި ތިބި ބަޔަކަށް. އަދި ޤައުމަށް އިޚްލާޞްތެރި، ޤައުމުދެކެ ލޯބިވާ ބަޔަކަށް.
ޝައްކެއްނެތް، އަޅުގަނޑުމެންނަށް މިރޭ މި ފެނިގެންދިޔަ މިސާލުތަކަކީ، މަތީ ތަޢުލީމު ޙާޞިލްކުރުމުގައި ތަޢުރީފް ލިބުން ޙައްޤުވާ ފަދަ ކާމިޔާބީތަކެއް ހޯއްދަވާފައިވާ އަދި މިހާރުވެސް ސަރުކާރަށް ވަފާތެރި ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ، ޤައުމުދެކެ ލޯބިވާ ބޭފުޅުންކޮޅެއް. އެހެންކަމާއެކެ، އެ ހުރިހާ ބޭފުޅުންނަށް އަދިވެސް އެއްފަހަރު، މިރޭ މަރްޙަބާ ދެންނެވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށް ޚާއްޞަ އުފަލެއް.
އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަދިވެސް ދެ ވާހަކައެއް ދަންނަވާލަން އެބަޖެހޭ. އެއީ، އެސް.އީ.ސީ.ގައި ކިޔަވަމުންދާ ކުދިންގެ ޢަދަދަށް ވިސްނާއިރު ނުވަތަ އެކުދިން ބެހިފައިވާ ދެބަޔާއި، އަންހެން، ފިރިހެން ދެބަޔަށް ވިސްނާލާއިރު، އެސް.އީ.ސީ.ގައި ކިޔަވަމުންދާ ފިރިހެން ކުދިންގެ ޢަދަދު މާގިނަކަން. އާދެ، މި ވޭތުވެދިޔަ 13 އަހަރު ދުވަހުގެ ތެރޭގައި، އެސް.އީ.ސީ.އަށް ވަން ކުދިންގެ ޖުމްލައަކީ 817. އޭގެތެރެއިން ސަތޭކައަކުން 65 އެއީ ފިރިހެން ކުދިން. ސަތޭކައަކުން 35 އެއީ އަންހެން ކުދިން. އެހެންނަމަވެސް، ގްރޭޑް 10 އަށް ބަލައިލާއިރު، މާލޭގެ މަދަރުސާތަކުގައި މިސާލަކަށް، ގްރޭޑް 10 އަށް ބަލައިލާއިރު، މި ދެންނެވި ތަފާތެއް ނުފެނޭ. ގާތްގަނޑަކަށް އަންހެން ކުދިންނާއި، ފިރިހެން ކުދިން ދާދި ހަމަހަމަ. އެހެންވީމާ، އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ، ކީއްވެބާއޭ އެސް.އީ.ސީ.އަށް އަންހެން ކުދިން ވަންނަލެއް މަދީ. އެކަމުގައި ކޮންމެވެސް ސަބަބުތަކެއް ހުންނާނެ. އެހެންވީމާ، އެ ސަބަބުތައްވެސް އަޅުގަނޑުމެން ބަލައި، އެކަމާ ދޭތެރޭގައި އެކަށީގެންވާ ގޮތަކަށް ފިޔަވަޅު އަޅަންޖެހޭނެ ކަމަށް އަޅުގަނޑު ދެކެން. އެއީ، ޤައުމު ތަރައްޤީވާނީ ޤައުމުގެ އަންހެނުންނާއި ފިރިހެނުންނާއި ދެބައިވެސް ތަރައްޤީވެގެން. އެ ދެ ޖިންސުގެ މެމްބަރުންނަށްވެސް ރަނގަޅު ތަޢުލީމާއި ހަރުދަނާ ތަރުބިއްޔަތެއް ލިބިގެން. އެހެންވީމާ، މި ނުކުތާއާ ދޭތެރޭގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުންވެސް އަދި އެސް.އީ.ސީ. ހިންގަވާ ފަރާތްތަކުންވެސް އަދި އަޅުގަނޑުމެންގެ ދަރިވަރުންގެ މައިންބަފައިންވެސް ވިސްނެވުމަކީ އަޅުގަނޑު އެދޭ ކަމެއް.
އާދެ، އެސް.އީ.ސީ.ގައި ވަރަށް ގިނަ މާއްދާތައް ކިޔަވައިދެމުން މިހާރު އެބަގެންދޭ. އެހެންނަމަވެސް، އޭގެތެރޭގައި މިޒަމާނަށް ވަރަށް ބޭނުން އެއް މާއްދާއެއް އަދި ކިޔަވައިދޭކަށް ނުފެށޭ. އާދެ، އެއީ ކޮމްޕިއުޓަރާ ބެހޭ ޢިލްމު. މި ނުކުތާގައި އަޅުގަނޑު ދަންނަވަން ބޭނުންވަނީ، އެ ޢިލްމަކީ އަދި އެސް.އީ.ސީ.ގައި މިހާރު ކިޔަވައިދެމުންގެންދާ މާއްދާއަކަށް ނުވިޔަސް، އަދި އެ މާއްދާއިން އެސް.އީ.ސީ.ގެ ކުދިން އިމްތިޙާނެއްގައި އިށީންނަށް ނުޖެހުނަސް، ކޮމްޕިއުޓަރުގެ ހުނަރުވެރިކަމަކީ މިހާރު އެ ފެންވަރުގެ ކުދިންނަށް ހަމަ ކޮންމެހެން ބޭނުން ކަމެއް.
އެހެންވީމާ، އަޅުގަނޑަށް ހީވަނީ ވަރަށް ކައިރި މުސްތަޤްބަލެއްގައި، އެސް.އީ.ސީ.ގައި ކޮމްޕިއުޓަރ ސެންޓަރެއް އުފެދެންވެއްޖެހެން. މިކަމާ ބެހޭގޮތުން އަޅުގަނޑު މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ބޭފުޅުންނާ މަޝްވަރާކޮށްލުމުން އެނގުނީ، އެފަދަ ސެންޓަރެއް ޤާއިމުކުރުމަކީ މާދަތިކަމެއް ނޫންކަން. އަދި މިހާރު ހިނގަމުންމިދާ ވާރލްޑް ބޭންކްގެ ޕްރޮޖެކްޓްގެ ދަށުން އާދެ، އެޑިޔުކޭޝަން ޓްރޭނިންގ ޕްރޮޖެކްޓްގެ ދަށުން ކޮންމެސްވަރަކަށް ކޮމްޕިއުޓަރުވެސް ލިބިދާނެ ކަމަށް އަޅުގަނޑަށް އެނގިފައިވަނީ. އެހެންވީމާ، އަޅުގަނޑު ހިތުން ވަރަށް އަވަހަށް އެސް.އީ.ސީ.ގައި ކޮމްޕިއުޓަރ ސެންޓަރެއް ޤާއިމުކޮށް، އެސް.އީ.ސީ.ގެ ކުދިންނަށް ކޮމްޕިއުޓަރުގެ ހުނަރުވެރިކަން ދަސްކޮށްދިނުމަކީ، އެކުދިންގެ ތަޢުލީމަށް ވަރަށް ބޮޑު ތަރައްޤީއެއް ލިބިގެންދާނެ ކަމެއް.
އާދެ، މިހާރުވެސް އަޅުގަނޑުގެ ވާހަކަ ވަރަށް ދިގުވެގެން ހިނގައްޖެ. އެހެންނަމަވެސް، މުނާސަބަތަކީ މުހިންމު މުނާސަބަތަކަށް ވެފައި، ރާއްޖޭގެ މި ފެންވަރުގެ ތަޢުލީމާ ބެހޭގޮތުން ޙައްލުކުރަން ޖެހިފައިވާ މައްސަލަތައްވެސް ގިނަކަމާއެކީގައި އަދި މުސްތަޤްބަލްގައި އަޅުގަނޑުމެންނަށް ކުރިމަތިވާނެ މައްސަލަތައްވެސް ގިނަކަމުން، އެކަންކަމާ ދޭތެރޭގައި ސަރުކާރުން ވިސްނަންޖެހިފައި އޮތުމުގެ ސަބަބުން، ތަންކޮޅެއް ދިގުކޮށް އަޅުގަނޑަށް ވާހަކަ ދެއްކުނީ.
އަޅުގަނޑު މި ދެންނެވި މައްސަލަތަކަކީ، އެކަމާ ދޭތެރޭގައި ސަރުކާރުންވެސް އަދި ކަމާބެހޭ އެހެން ފަރާތްތަކުންވެސް އަމިއްލަ މަދަރުސާތައް ހިންގަވާ ފަރާތްތަކުންވެސް އަދި ސަރުކާރުގެ މަދަރުސާތަކާއި، އަމިއްލަ މަދަރުސާތަކުގައި ކިޔަވާ ދަރިވަރުންގެ މައިންބަފައިންވެސް، ބެލެނިވެރިންވެސް ވަރަށް ފުންކޮށް ވިސްނަވަންވެއްޖެ މައްސަލަތަކެއް. އަދި އެކަމާ ދޭތެރޭގައި ޤައުމަށް ފައިދާހުރި ގޮތަކަށް އަޅުގަނޑުމެން ޙައްލުކުރަންޖެހޭ މައްސަލަތަކެއް.
އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، ރާއްޖޭގެ ތަޢުލީމަށް އިތުރު ތަރައްޤީއަށް އެދެމުން. ރާއްޖޭގެ ދަރިވަރުންނަށް ހަރުދަނާ ތަޢުލީމަކާއި، މަތިވެރި އަޚްލާޤަކާއި ސުލޫކެއް ލިބުމުގެ ފުރުޞަތު اللّـه سبحـانـه وتعـالى މެދުވެރިކުރެއްވުން އެދި ދުޢާކުރަމުން. އަދި ރާއްޖޭގެ މިހާރުގެ ދަރިވަރުން، މުސްތަޤްބަލްގެ ރާއްޖޭގެ ޒުވާނުންގެ ފަރާތުން ޤައުމަށް އިޚްލާޞްތެރި، ވަފާތެރި، ޚިދުމަތްތަކެއް ލިބުމުގެ އުންމީދު އާކޮށް އާލާކުރަމުން.
والسّلام عليكم ورحمـة اللّـه وبركاته.