ކުދިންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބި ޖެއްސުމަށް މައިންބަފައިން ކުރައްވާ މަސައްކަތްތަކަކީ، ރާއްޖޭގައި މިއޮތް ދީނީ އެއްބައިވަންތަކަން ދެމެހެއްޓެވުމަށާއި، ކުދިންގެ ހިތްތަކުގައި އިސްލާމްދީނާމެދު ޝައުޤުވެރިކަން އުފެއްދެވުމަށް ކުރައްވާ މުހިންމު މަސައްކަތެއް ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ، 25 ވަނަ ޤައުމީ ޤުރްއާން މުބާރާތުގެ އިނާމު ދެއްވުމަށް، ރޭ ދަރުބާރުގޭގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، މައިންބަފައިންނާއި ބެލެނިވެރިން، އެބޭފުޅުންގެ ދަރިންނަށް ކީރިތި ޤުރްއާން އުނގަންނައިދެއްވުމަށް މިއަދު ވަރަށްބޮޑު އަހަންމިއްޔަތު ކަމަކާއި ސަމާލުކަމެއް ދެއްވާކަމީ، އަޅުގަނޑުމެން އުފާކުރަންޖެހޭ ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި ވަރަށް ކުޑައިރުއްސުރެ އެކުދިންގެ ހިތްތަކުގައި، ކީރިތި ޤުރްއާނަށް ލޯބި ޖެއްސުމަށް މައިންބަފައިން އެކުރައްވާ މަސައްކަތްތަކަކީ، އެކަމުގެ އަގު އަޅުގަނޑުމެން ވަޒަން ކުރަންޖެހޭ މަސައްކަތްތަކެއް ކަމުގައިވެސް ވިދާޅުވިއެވެ.

ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ، ސަރުކާރުން ވަރަށް މާތް މަޤްޞަދެއްގައި ފެށްޓެވި މުބާރާތެއްކަން ފާހަގަކުރައްވަމުން، މިވޭތުވެދިޔަ 25 އަހަރު ދުވަހުގެ ތެރޭގައި، ރާއްޖޭގައި އުފެދިފައިވާ މަޝްހޫރު ޤާރީން އުފައްދައިދިނުމުގައި، މިމުބާރާތް ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވާ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ. އަދި މިފަދަ މުބާރާތެއް ބޭއްވެވުމުގެ އެންމެބޮޑު އެއް މަޤްޞަދަކީ، ކުދިންގެ ހިތްތަކުގައި ކީރިތި ޤުރްއާނަށް ލޯބި ޖައްސައި، ޤުރްއާން ހިތުދަސްކުރުމަށާއި، ޤުރްއާން ރީތިކޮށް ކިޔެވުމަށް ޚާއްޞަ ޝައުޤުވެރިކަން އުފެއްދުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ކީރިތި ޤުރްއާނުގެ ރަނގަޅު ދިވެހި ތަރުޖަމާއެއް ޢާންމުންނަށް ލިބޭގޮތަށް ހަމަޖެހިފައި އޮތުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވައިލައްވަމުން، ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާއެއް ނެރުއްވުމަކީ، ވަރަށްބުރަ އަދި ވަރަށްބޮޑު މަސައްކަތެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. މި ރޮނގުން ނައިބު ރައީސް ވާހަކަފުޅު ދައްކަވަމުން، ކުރީގެ ސަރުކާރުން ނެރުއްވި ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާގައި، ނުކުތާގެ މައްސަލަތަކެއް ޖެހިފައިވުމާއެކު، މި މައްސަލައަށް ޙައްލެއް ހޯއްދަވައި ޤުރްއާނުގެ ރަނގަޅު ދިވެހި ތަރުޖަމާއެއް ޢާންމުންނަށް ލިބޭ ގޮތަށް ހަމަޖެހިފައި އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މިކަމަށް ޚާއްޞަ އަހަންމިއްޔަތު ކަމެއް ދެއްވައިގެން، ކަމާބެހޭ ފަރާތްތަކުގެ އެއްބާރުލެއްވުން ހޯއްދަވައިގެން، މިމަސައްކަތް ވެވަޑައިގެންހާ އަވަހަކަށް ކުރިއަށް ގެންދެވުމަށްވެސް ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ.

މި މުބާރާތުގެ އެކި ޢުމުރު ފުރާތަކުން 1 ވަނަ ހޯދި ކުދިންނަށާއި މީހުންނަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި އިނާމުތައް ރޭގެ ޖަލްސާގައި ދެއްވިއެވެ. އަދި 1 ވަނަ ހޯދި ސްކޫލު މަދަރުސާތަކަށާއި ޤުރްއާން ކްލާސްތަކަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވި ވާދައިގެ ތަށިވެސް ދެއްވިއެވެ.