بســم اللّـه الرّحمـن الرّحيــم


اللّـه سبحـانـه وتعـالى
ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރުކުރަން. އެކަލާނގެ ފޮނުއްވި މާތް ނަބިއްޔާއަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އާދެ، އެއަށްފަހުގައި ޤައުމުގެ ތަރައްޤީގައި، އަންހެނުންގެ ދައުރާބެހޭ ސެމިނަރ ހުޅުވައިދިނުމުގެ އުފާ އަޅުގަނޑަށް ދެއްވިކަމަށްޓަކައި، ޑިޕާޓްމަންޓް އޮފް ވިމެންސް އެފެއާޒްގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލާ ފާޠިމަތު ޖަމީލަށާއި، އަންހެނުންގެ ޤައުމީ މަޖިލިސްގެ ހުރިހާ މެންބަރުންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، މި ސެމިނަރ ހުޅުވައިދިނުމަށްޓަކައި މިތަނަށް އައުމަކީ އަދި މި މުނާސަބަތުގައި، މި ޖަލްސާއަށް ވަޑައިގެން ތިއްބެވި ބޭފުޅުންނާ މުޚާޠަބުކޮށް އަންހެނުންގެ ދައުރާ ބެހޭގޮތުން އަޅުގަނޑުގެ ހިތުގައި އުފެދިފައިވާ ބައެއް ޚިޔާލުތައް ދަންނަވާލުމަކީ، މިއަދު އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އާދެ، އެ އުފާ އަޅުގަނޑު ޙާޞިލްކުރުމުގެ ކުރިން، އަޅުގަނޑު މަޢާފަށްވެސް އެދެންޖެހޭ. އާދެ، އެއީ ކަން ދިމާވިގޮތުން މި ޖަލްސާ އިންތިޒާމު ކުރެއްވި ފަރާތުން ބާއްވަވަން ޤަޞްދުކުރެއްވި ތާރީޚުގައި ނުބޭއްވެވި ދިޔައީ، އަޅުގަނޑަށް ދިމާވި ކަމަކާ ގުޅޭގޮތުން ކަމަށްވާތީ. އާދެ، އެންމެ ފުރަތަމަ މި މަހުގެ 11 ވަނަ ދުވަހު ޖަލްސާ ބާއްވަވާ ގޮތަށް ހަމަޖައްސަވާފައި އޮތީ. އެހެންނަމަވެސް، އެދުވަހު އަޅުގަނޑަށް ރާއްޖޭގައި ހުރެވެން ނެތުމާއެކު، ތަންކޮޅެއް ފަސްކޮށްލެއްވީ، މިމަހުގެ 17 އަށް. އެހެންނަމަވެސް، އަޅުގަނޑަށް 17 ވަނަ ދުވަހަށްވެސް އައުން ދަތިވުމުގެ ސަބަބުން، ޖަލްސާ އިންތިޒާމު ކުރެއްވި ފަރާތުން ދެވަނަފަހަރަށް އަޅުގަނޑަށްޓަކައި މިއަދަށް ޖަލްސާ މިވަނީ ފަސްކޮށްދެއްވާފައި. އެހެންކަމުން ޖަލްސާ އިންތިޒާމު ކުރެއްވި ފަރާތުން އާދެ، ޑިޕާޓްމަންޓް އޮފް ވިމެންސް އެފެއާޒާއި، އަންހެނުންނާ ބެހޭ ޤައުމީ މަޖިލިސްގެ ފަރާތުން އަޅުގަނޑާމެދު އެ ބެހެއްޓެވި ޚާއްޞަ ގޮތަށްޓަކައި، އެބޭފުޅުންނަށް ޝުކުރު ދަންނަވަމުން، އަޅުގަނޑު މަޢާފަށްވެސް އެދެން.

އާދެ، ދެންވެސް އަދި އަޅުގަނޑުގެ އަޞްލު މައުޟޫޢާ ބެހޭގޮތުން ވާހަކަ ދެއްކުމުގެ ކުރިން، ދަންނަވާލަންޖެހޭ އެހެން ވާހަކައެއް އެބައޮތް. އާދެ، އެއީ މި ސެމިނާރަށް ކަރުދާހެއް ތައްޔާރުކޮށްދެއްވި ބޭރުގެ ތަޖުރިބާކާރު އަންހެން ބޭކަނބަލަކަށް ދިމާވި ބޮޑު ހިތާމައެއްގެ ވާހަކަ. އާދެ، މި ސެމިނާރަށް ކަރުދާހެއް ތައްޔާރުކޮށްދެއްވި އެއް ބޭކަނބަލަކީ، ނޭޕާލްގެ ރައްޔިތެއް ކަމަށްވާ، ޗާނދަނީ ޖޯޝީ ނަމަކަށް ކިޔުނު ބޭކަނބަލެއް. އޭނާއަކީ މީގެކުރިން ދެފަހަރެއްގެ މަތިން ރާއްޖެއަށް ދުރުވެ، އަންހެނުންގެ ތަރައްޤީއާ ބެހޭ ކަންތައްތަކުގައި، އަންހެނުންގެ ދާއިރާއަށް، އާދެ، ޑިޕާޓްމަންޓް އޮފް ވިމެންސް އެފެއާޒަށް ލަފާ ދެއްވާފައިވާ ބޭކަނބަލެއް. އަދި އޭގެ އިތުރުން، މި ސެމިނާރަށްވެސް ވަރަށް ޚާއްޞަ ކަރުދާހެއް އޭނާ ވަނީ ތައްޔާރުކޮށްދެއްވާފައި. އަދި ކުރިން ހަމަޖެހިފައި އޮތީ، މި ސެމިނާރުގައި ބައިވެރިވެލެއްވުމަށް، އޭނާ މާލެ ދުރުވާގޮތަށް. އެހެންނަމަވެސް، ދިމާވި ކުއްލި ޙާދިޘާއެއްގައި، އާދެ، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ނޭޕާލްގެ މަތިންދާ ބޯޓެއްވަނީ ވެއްޓި، އޭގައި ދަތުރުކުރި މީހުން މަރުވެފައި. އޭގެތެރޭގައި، މިދެންނެވި ޗާނދަނީ ޖޯޝީގެ ފިރިކަލުންނާއި ދަރިކަނބަލަކު ހިމެނުނު. އެހެންކަމުން، އޭނާއަށް އެ ލިބިލެއްވި ހިތާމައިގެ ސަބަބުން، މި ސެމިނާރުގައި ބައިވެރިވެނުލެއްވުނީ. އެކަން އެހެން ދިމާވުމާއެކު، ދިވެހި ސަރުކާރުގެ ނަމުގައާއި، އަދި ދިވެހި އަންހެނުންގެ ނަމުގައި އަޅުގަނޑު އެކަމަނާއަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ރައްދުކުރަން. އަދި މުސްތަޤްބަލްގައި، އެފަދަ ހިތާމަތަކުން އެކަމަނާ ސަލާމަތް ކުރެއްވުން އެދި ދުޢާކުރަން.

އާދެ، އަންހެނުންނާ ބެހޭ ކަންތައްތަކުގައި، އަޅުގަނޑުމެން ޚިޔާލު ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި. އެންމެ ފުރަތަމަ، އަންހެނުންގެ ތަރައްޤީއާ ބެހޭގޮތުން ވާހަކަ ދައްކަންޖެހެނީ ކީއްވެތޯ ނުވަތަ ޤައުމުގެ ތަރައްޤީގައި އަންހެނުން އަދާކުރަންޖެހޭ ދައުރާ ބެހޭގޮތުން ވާހަކަދައްކަން ޖެހެނީ ކީއްވެގެންތޯ ބަލައިލަން އެބަޖެހޭ. ސަރުކާރުގައި އަންހެނުންނާ ބެހޭ ޑިޕާޓްމަންޓެއް ހުރުމުން، ބައެއް މީހުން ބުނޭ، ކީއްވެހޭ ފިރިހެނުންނާ ބެހޭ ޑިޕާޓްމަންޓެއް ނުހުންނަނީ. އަންހެނުންނާ ބެހޭ ޤައުމީ މަޖިލީހެއް އޮތުމުން، ކީއްވެހޭ ފިރިހެނުންނާ ބެހޭ ޤައުމީ މަޖިލީހެއް ނޯންނަނީ. ހަމަ އެފަދައިން، އަންހެނުންގެ ތަރައްޤީއާ ބެހޭގޮތުން ނުވަތަ ޤައުމުގެ ތަރައްޤީގައި އަންހެނުން އަދާކުރަންޖެހޭ ދައުރާ ބެހޭގޮތުން ވާހަކަ ދައްކާއިރު، ހަމަ އެބަޔަކު ހިތަށްއެރުން އެކަށީގެންވޭ ނުވަތަ ބައެއް މީހުން އެހެން ބުނަމުންވެސް ގެންދޭ. ކީއްވެހޭ ފިރިހެނުންގެ ތަރައްޤީއާ ބެހޭގޮތުން ވާހަކަ ނުދައްކަނީ. ނުވަތަ ޤައުމުގެ ތަރައްޤީގައި ފިރިހެނުން އަދާކުރަންޖެހޭ ބަޔާ ބެހޭގޮތުން ވާހަކަ ނުދައްކަނީ.

އާދެ، އަޅުގަނޑު ހިތުން މިއީ ވަރަށް ބޮޑު އޮޅުމެއް. ޤައުމުގައި ތަފާތު އިޖްތިމާޢީ އަދި ތާރީޚީ ސަބަބުތަކާހުރެ ތަފާތު ގޮތްތައް ދިމާވެފައި ތިބޭ މީހުން، ޖަމާޢަތްތައް ތިބޭ. އަންހެނުންނަކީ މިދެންނެވި ގޮތުން، ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް ފިރިހެނުންނާ ތަފާތު ގޮތަކަށް ތަރައްޤީވަމުން އައިސްފައިވާ ބައެއް. ފިރިހެނުންނަށް ދިމާނުވާ ކިތަންމެ ހުރަސްތަކެއް އަންހެނުންނަށް މާޟީގައި ވަނީ ދިމާވަމުން ގޮސްފައި. އަދި މިހާރުވެސް އެފަދަ އެހެން ހުރަސްތަކެއް ދުނިޔޭގެ ގިނަ ތަންތާނގައި އަންހެނުންނަށް ވަނީ ކުރިމަތިވެފައި.

ޤައުމުގެ ތަރައްޤީގައި އެންމެންވެސް ބައިވެރިވާންޖެހޭ. ޤައުމުގެ ތަރައްޤީގެ މަޤްޞަދަކީ، ޤައުމުގެ ވީހާ ގިނަ ބަޔަކަށް ނުވަތަ ޤައުމުގެ އެންމެންނަށް ތަރައްޤީވެވޭނެ މަގު ފަހިކޮށްދިނުން. އަދި ތަރައްޤީގައި ޤައުމުގެ ވީހާގިނަ ބަޔަކު ނުވަތަ އެންމެން ބައިވެރިވެވޭ ގޮތަށް ކަންތައްތައް ރާވައިގެން ކުރިއަށް ގެންދިޔުން. އެކަން އޮތީ އެހެން ކަމަށްވާއިރު، މުޖްތަމަޢުގައި ހިމެނޭ ބައެއް ޖަމާޢަތްތަކަށް ތަރައްޤީގެ މަސައްކަތްތަކުގައި ބައިވެރިނުވެވޭ ގޮތަށް ކަންތައްތައް ހުރި ކަމުގައިވަންޏާ، އެކަންތައްތަކާ ބެހޭގޮތުން ވާހަކަދައްކައި، އެ ހުރަސްތައް ފިލުވައިލެވޭތޯ މަސައްކަތް ކުރަންޖެހޭނެ. އާދެ، އެއީ އަންހެނުންގެ ތަރައްޤީއާ ބެހޭގޮތުން ވާހަކަ ދައްކަންޖެހޭ ސަބަބަކީ. އަދި ސަރުކާރުގެ ދާއިރާގައި އަންހެނުންނާ ބެހޭ އިދާރާއެއް ނުވަތަ ޑިޕާޓްމަންޓެއް ހުންނަންޖެހޭ ސަބަބަކީ. ފަހަރެއްގައިވެސް އަންހެނުންގެ ތަރައްޤީގެ ވާހަކަ ދެއްކުމުގެ ބޭނުމަކީ، ފިރިހެނުންނަށްވުރެ މަތީ މަޤާމެއް އަންހެނުންނަށް ހޯދައިދިނުމެއް ނޫން. ނުވަތަ ފިރިހެނުން ދަށްކުރުމެއްވެސް ނޫން. ހަމައެކަނި ތަރައްޤީވުމުގެ ފުރުޞަތު އަންހެނުންނަށް ލިބިދިނުން. ތަރައްޤީވެވޭނީ ތަޢުލީމު ޙާޞިލްކޮށްގެން ކަމަށްވާތީ، ތަޢްލީމު ޙާޞިލްކުރުމުގެ ފުރުޞަތުވެސް އަންހެން ކުދިންނަށް ހޯދައިދިނުން. އަދި ވަޒީފާ އަދާކުރުމާއި، އާމްދަނީ ހޯދުމުގެ ފުރުޞަތުވެސް އަންހެނުންނަށް ހޯދައިދިނުން. އާދެ، އެއީ އަންހެނުންނާ ބެހޭ ތަރައްޤީގެ ވާހަކަ ދައްކަންޖެހޭ ސަބަބަކީ، ނުވަތަ ތަރައްޤީގައި އަންހެނުން އަދާކުރަންޖެހޭ ބަޔާ ބެހޭގޮތުން ވާހަކަ ދައްކަންޖެހޭ ސަބަބަކީ.

އާދެ، އަޅުގަނޑު ކުރިންވެސް ދެންނެވިފަދައިން، ޤައުމުގެ ތަރައްޤީއޭ ބުނީމާ އެއީ، އެންމެންގެ ތަރައްޤީކަމުގައި ވާންޖެހޭނެ. އެއީ، ހަމައެކަނި ޤައުމުގެ ވަކި ބައެއްގެ ތަރައްޤީއެއް ނޫން. ހަމައެކަނި ބޮޑެތި މީހުންގެ ތަރައްޤީއެއް ނޫން. ނުވަތަ ހަމައެކަނި ޒުވާނުންގެ ތަރައްޤީއެއް ނޫން. ހަމައެކަނި ކުޑަކުދިންގެ ތަރައްޤީއެއް ނޫން. ޤައުމުގެ އެންމެންގެ ތަރައްޤީ. އަންހެނުންނަކީ މުޖްތަމަޢުގެ ދެބައިކުޅަ އެއްބައި. އެހެންކަމުން، ކުރިންވެސް ދެންނެވިފަދައިން، އިޖްތިމާޢީ ނުވަތަ ތާރީޚީ އެކިއެކި ސަބަބުތަކަށްޓަކައި ތަރައްޤީވުމުގެ ފުރުޞަތު އަންހެނުންނަށް ލިބިފައިނުވާނަމަ، އެ ފުރުޞަތުތައް އެމީހުންނަށް ހޯދައިދޭންޖެހޭ. އަދި އަންހެނުން ފިޔަވައި، މުޖްތަމަޢުގައި ހިމެނޭ އެހެން ޖަމާޢަތްތަކަށްވެސް އެފުރުޞަތު ލިބިފައި ނުވާނަމަ، އެ ފުރުޞަތު ލިބިދެވޭނެ ގޮތެއް އަޅުގަނޑުމެން ހޯދަންޖެހޭ.

އާދެ، އެގޮތުން ކުޑަކުދިންގެ ޙައްޤުތަކާބެހޭ ޤާނޫނެއް ވަނީ ފާސްކުރެވިފައި. ކުރިން އަޅުގަނޑު ދެންނެވި ހަމައިން ވިސްނާނަމަ، ބައެއް މީހުން ބުނެފާނެ، ކީއްވެހޭ މައިންބަފައިންގެ ޙައްޤުތަކާ ބެހޭ ޤާނޫނެއް ފާސްނުކުރަނީ. އެހެންނަމަވެސް، ސަބަބު ކުރިންވެސް ދެންނެވީ. އެއީ، ކުޑަކުދިންނަކީ ވަރަށް ޚާއްޞަ ގޮތްތަކެއް، އެކުދިންނަށް ދިމާވާނެ ބައެއް، ދިމާވަމުންދާ ބައެއް. އެކުދިން ރަނގަޅަށް ބެލެހެއްޓުމާއި، އެކުދިންގެ ދިރިދެމިތިބުމުގަޔާއި، އެކުދިންގެ ޞިއްޙަތު ސަލާމަތްކުރުމުގަޔާއި، ތަޢްލީމު ޙާޞިލްކޮށްދިނުމުގައި ބޮޑެތި މީހުން އަދާކުރަންޖެހޭ ވާޖިބުތަކެއް އެބަހުރި. އެ ވާޖިބުތައް ކަނޑައެޅި ބަޔާންވެފައި އޮވެގެން ނޫނީ، އެވާޖިބުތަކަށް އެންމެންނަށް ޙުރްމަތްތެރިކޮށެއްނުހިތޭނެ. އެ ސަބަބަށްޓަކައި ކުޑަކުދިންގެ ޙައްޤުތަކާ ބެހޭ ޤާނޫނެއް ހެދިފައި އޮންނަން ޖެހެނީ.

އާދެ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރުމަކީ، އަންހެނުންނަކީ ތަންދޮރު ދަންނަ، އެމީހުންގެ ވާޖިބުތަކަށާއި މަސްއޫލިއްޔަތުތަކަށް ޤާބިލް ބަޔަކަށް ހެދުން. ދިރިއުޅުމުގައި އެމީހުންނަށް ކުރިއަށް ދެވޭނެ މަގު ތަނަވަސްކޮށްދިނުން. ފިރިހެނުންނެކޭ އެއްފަދައިން، ޤައުމުގެ ތަރައްޤީގައި އަންހެނުން ކުރަންޖެހޭ މަސައްކަތްތަކަކީ ކޮބައިކަން ދެނެގަނެ، އެ މަސައްކަތްތައް، އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރެވޭނޭ ގޮތްތައް ހޯދައިދިނުން. އެހެންކަމުން، އަޅުގަނޑު ދެކޭގޮތުގައި، ޤައުމުގެ ތަރައްޤީގައި އަންހެނުން އަދާކުރަންޖެހޭ ޙިއްޞާއަކީ ވަރަށްވެސް މުހިންމު ޙިއްޞާއެއް. ތަރައްޤީގެ މަޤްޞަދުތައް ޙާޞިލްކުރުމަށްޓަކައި، ސަރުކާރުން ރާވައިގެން ހިންގާ ވަރަށް ބޮޑެތި މަޝްރޫޢުތަކެއް އެބަހުރި. އޭގެތެރޭގައި، އަންހެނުންގެ ތަރައްޤީއާ ބެހޭގޮތުންވެސް 1980 ވަނަ އަހަރުން ފެށިގެން ހިންގިފައިވާ މަޝްރޫޢުތަކެއް އެބަހުރި. އަދި މިހާރުވެސް ހިނގަމުންދާ ކަންތައްތަކެއް އެބަހުރި. އޭގެތެރޭގައި، އަންހެނުންނާ ބެހޭ ޤައުމީ ފެންވަރުގެ ޖަލްސާތަކެއް ބޭއްވުން ހިމެނޭ. އަދި އަންހެނުންގެ ތަރައްޤީއާ ބެހޭ އެކިއެކި ކަންތައްތަކާ ދޭތެރޭގައި ވާހަކަ ދައްކާ ސެމިނަރތަކާއި، މަސައްކަތު ބައްދަލުވުންތައްވެސް ވަނީ ބޭއްވިފައި. އަންހެނުންނަށް އާމްދަނީ ހޯދައިދެވޭނެ ގޮތްތައް ހޯދުމަށްޓަކައި އަދި އާމްދަނީ ލިބޭނެ މަސައްކަތްތައް އަންހެނުންނަށް ދަސްކޮށްދިނުމަށްޓަކައި ތަފާތު ކޯސްތައްވަނީ ޑިޕާޓްމަންޓް އޮފް ވިމެންސް އެފެއާޒުން މާލޭގައިވެސް އަދި ރާއްޖެތެރޭގެ ރަށްރަށުގައިވެސް ހިންގަވާފައި. އަދި އަންހެނުންނަށް ލީޑަރޝިޕް ޓްރޭނިންގވެސް ވަނީ ދެއްވާފައި. މިކަހަލަ ވަރަށް ގިނަ ކަންތައްތަކެއް، މިވޭތުވެދިޔަ ބާރަވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ވަނީ ކުރެވިފައި.

އާދެ، އަޅުގަނޑު މިވާހަކަ މިދަންނަވަނީ، ފަހަރެއްގައިވެސް އަންހެނުންގެ ތަރައްޤީއަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ވަނީ ކުރެވިފައޭ ދެންނެވުމުގެ ބޭނުމެއްގައެއް ނޫން. އަޅުގަނޑުވެސް ޤަބޫލުކުރަން، އަންހެނުންގެ ތަރައްޤީއަށްޓަކައި، އަދި އަންހެނުންނަކީ ޤައުމުގެ ތަރައްޤީގައި، އެމީހުންގެ ބައި ފުރިހަމައަށް އަދާކުރާ ބަޔަކަށް ހެދުމަށްޓަކައި ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި. އަދި މުސްތަޤްބަލްގައިވެސް ހުންނާނެ. އާދެ، އަޅުގަނޑުގެ މަޤްޞަދަކީ، ހަމައެކަނި އަޅުގަނޑުމެން މިހާރު މިދަތުރުކުރަނީ ރަނގަޅު މިޞްރާބުގައޭ ދަންނަވާލުން. މި މިޞްރާބުގައި ކުރިއަށްދާއިރު، މިހާރުވެސް ދިމާވެފައި ހުރި ވަރަށް ގިނަ ހުރަސްތަކެއް އެބަހުރި. އަދި މުސްތަޤްބަލްގައި ދިމާވާނެ އެނޫން ހުރަސްތައްވެސް ހުންނާނެ. އެހުރިހާ ހުރަސްތަކެއް ގިރާކޮށް، އަޅުގަނޑުމެންގެ މަންޒިލް މަޤްޞޫދާ ހަމައަށް ދިޔުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް އަޅުގަނޑުމެން ކުރަންޖެހޭނެ.

އަޅުގަނޑުމެންގެ މުޖްތަމަޢުގައި ކަންތައްތައް ހުރިގޮތުން އަންހެނުންގެ ތަރައްޤީއަށް އެޅޭ ހުރަސްތަކެއް އެބަހުރި. އާދެ، މިހެން ދެންނެވިޔަސް އެއީ، ހަމައެކަނި އަޅުގަނޑުމެންގެ ރާއްޖެއަކު ނޫން. ތަރައްޤީވަމުން އަންނަ ގިނަ ޤައުމުތަކުގައި މި މައްސަލަތައް މިގޮތަށް ހުރޭ. އަދި ޙަޤީޤަތުގައި ތަރައްޤީވެފައިވާ ޤައުމުތަކުގައިވެސް ކޮންމެވެސްވަރަކަށް މި މައްސަލަތައް ހުރޭ. އޭގެތެރެއިން، އެއް މައްސަލައެއް ކަމަށް އަޅުގަނޑަށް ފެންނަނީ، އަންހެނުންގެ ތަރައްޤީއަށް ނަފްރަތުކުރާ ބަޔަކު މުޖްތަމަޢުގެ ތެރޭގައި އުޅުން. ރާއްޖޭގައިވެސް، އަދި ރާއްޖެ ފިޔަވައި އެހެން ޤައުމުތަކުގައިވެސް، އަންހެނުންގެ ކަންތައްތައް އިޞްލާޙުކޮށް، ތަރައްޤީކޮށް އަންހެނުންނަށް ދިރިއުޅުމުގައި ކުރިއަށްދެވޭނޭ މަގުތައް ފަހިކޮށްދިނުމަށް މަސައްކަތްކުރާ ކުރުމަށް ނަފްރަތުކުރާ ނުވަތަ އެކަމާ ދޭތެރޭގައި ނޭދެވޭ ވާހަކަތައް ދައްކައި، މަލާމާތްކޮށް ހަދާ މީހުން ތިބޭ. އެއީ، ޝައްކެއްނެތް، އަންހެނުންނަށް ދިމާވާ ވަރަށް ބޮޑު ދައްޗަކަށްވާނެ. ޚާއްޞަކޮށް، ރާއްޖެ ކަހަލަ ކުޑަކުޑަ މުޖްތަމަޢެއް ދިރިއުޅޭ ޤައުމެއްގައި، އެންމެން އެންމެން ދަންނަ ތަނެއްގައި، މިބާވަތުގެ ކަންތައް ހިނގަމުންދާ ކަމަށްވަންޏާ، އެ މަސައްކަތް ކުރާ ބަޔަކަށް އެއީ، ދިމާވާ ވަރަށް ބޮޑު ދައްޗަކަށް ނުވެއެއް ނުދާނެ.

އެކަން އެހެން އޮތުމާއެކު، ޑިޕާޓްމަންޓް އޮފް ވިމެންސް އެފެއާޒްގެ ޑިރެކްޓަރ ޖެނެރަލާއި އަދި އެނޫން ބޭފުޅުންނާއި، އަންހެނުންގެ ޤައުމީ މަޖިލިސްގެ މެންބަރުންނާއި، އަދި އަންހެނުންގެ ކުރިއެރުމަށް މަސައްކަތް ކުރައްވާ އެނޫންވެސް ހުރިހާ ފަރާތްތަކަށް އަޅުގަނޑު ތަހުނިޔާ ދަންނަވަންޖެހޭ. އެއީ، އެބޭފުޅުންނަށް އެދިމާވާ ކަންތައްތައް އެއީ، އެއްގޮތަކަށްވެސް މަސައްކަތް ނުކުރެއްވުމަށް ދިމާވާ ހުރަސްތަކެއް ކަމަށް ނުބައްލަވައި، އެކަންތައްތައް އެހެން ދިމާވި ކަމުގައިވިޔަސް، ވަރަށް ބޮޑަށް ހިތްވަރުކުރައްވައިގެން، އެބޭފުޅުންގެ މަސައްކަތް ކުރިއަށް ގެންދަވާތީ.

އާދެ، އަޅުގަނޑު އެންމެ ހިތާމަކުރާކަމަކީ، މިދެންނެވި މީހުންގެ ތެރޭގައި، ދީނަށް ނިސްބަތްކޮށް، އެކަހަލަ ވާހަކަ ދައްކާ މީހުން ތިބޭކަން. އާދެ، އެބަޔަކު އެގޮތަށް އެ ވާހަކަ ދައްކަނީ، އަޅުގަނޑު ހިތުން ދީނުގައި އެކަން އޮންނަ ގޮތް އެމީހުންނަށް އޮޅުންނުފިލާތީ. މާތްވެގެންވާ އިސްލާމްދީން ފަދަ އަންހެނުންގެ ޙައްޤުތަކަށް ރައްކާތެރިވާން ގޮވާލާފައިވާ އެހެން ދީނެއް ނެތް. ހަމައެކަނި އަންހެނުންގެ ޙައްޤުތަކަކަށް ނޫން. މުޖްތަމަޢުގައި ހިމެނޭ ތަފާތު ފެންވަރުތަކުގެ، ޖަމާޢަތްތަކުގެ ޙައްޤުތައް ރައްކާތެރިކޮށްދީ، އެ ހުރިހާ ފަރާތަކަށް ހެޔޮ މުޢާމަލާތް ކުރުމަށް ގޮވާލާ އެންމެ ފުރިހަމަ ދީނަކީ، މާތްވެގެންވާ އިސްލާމްދީންކަމާމެދަކު ޝައްކެއްނެތް. ކީރިތި ޤުރްއާނުގެ އާޔަތްތަކުންވެސް އަޅުގަނޑުމެންނަށް އެގޮތް އެނގޭ. ގެ ކުރިފުޅުމަތީގައި ހެޔޮޢަމަލުކުރާ ފިރިހެނަކާއި، ހެޔޮޢަމަލުކުރާ އަންހެނަކާ އެއްވެސް ތަފާތެއް ނެތްކަން. ވަޙީކުރައްވާ، "فَٱسْتَجَابَ لَهُمْ رَبُّهُمْ أَنِّى لَآ أُضِيعُ عَمَلَ عَـٰمِلٍۢ مِّنكُم مِّن ذَكَرٍ أَوْ أُنثَىٰ ۖ بَعْضُكُم مِّنۢ بَعْضٍۢ." އާދެ، އެއީ، އާލްޢިމްރާން ސޫރަތުގެ 195 ވަނަ އާޔަތުގައި ހިމެނޭ ބައެއް. މާނައަކީ، "އެބައިމީހުންނަށް، އެބައިމީހުން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނގެ އިޖާބަދެއްވިއޭ. އެކަލާނގެ އަންގަވައޭ، ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ތެރެއިން އަންހެނަކުވިޔަސް، ފިރިހެނަކުވިޔަސް އެކުރާ ޢަމަލު ގެއްލެނި ނުކުރައްވާ ހުށީމޭ. ތިޔަބައިމީހުންގެ ތެރެއިން، އެއް ބަޔަކުވަނީ އަނެއް ބައެއްގެ ކިބައިންނޭ." ހެޔޮ ޢަމަލުކުރާ އަންހެނުންނާއި ހެޔޮޢަމަލުކުރާ ފިރިހެނުންނާ އެއްވެސް ތަފާތެއް ނެތް ކަމުގައި މިއާޔަތުން އަޅުގަނޑުމެންނަށް ދޭހަވޭ. އަދިވެސް ވަޙީކުރައްވާ. "وَمَن يَعْمَلْ مِنَ ٱلصَّـٰلِحَـٰتِ مِن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌۭ فَأُو۟لَـٰٓئِكَ يَدْخُلُونَ ٱلْجَنَّةَ وَلَا يُظْلَمُونَ نَقِيرًۭا" (النِّسَاء: 124) މާނައަކީ، "އަންހެނުންގެ ތެރެއިންވެސް އަދި ފިރިހެނުންގެ ތެރެއިންވެސް އެމީހަކު މުއުމިނެއްގެ ގޮތުގައި ހުރެ ހެޔޮޢަމަލު ކުރާ މީހުން ސުވަރުގެ ވަންނާނޭ. އަދި އެބައިމީހުންނަށް ކިތަންމެ ކުޑަ މިންވަރަކުން ނަމަވެސް އަނިޔާއެއް ނުލިބޭހުއްޓޭ." އަދިވެސް ވަޙީކުރައްވާ. "مَنْ عَمِلَ صَـٰلِحًۭا مِّن ذَكَرٍ أَوْ أُنثَىٰ وَهُوَ مُؤْمِنٌۭ فَلَنُحْيِيَنَّهُۥ حَيَوٰةًۭ طَيِّبَةًۭ ۖ وَلَنَجْزِيَنَّهُمْ أَجْرَهُم بِأَحْسَنِ مَا كَانُوا۟ يَعْمَلُونَ. "النَّحل ސޫރަތުގެ 97 ވަނަ އާޔަތް. ވަޙީކުރައްވަނީ، "މުއުމިނެއްގެ ގޮތުގައި ހުރެ ފިރިހެނުންގެ ތެރެއިންވިޔަސް، އަންހެނުންގެ ތެރެއިންވިޔަސް، ހެޔޮޢަމަލު ކޮށްފި މީހަކަށް، ތިމަންރަސްކަލާނގެ އުފާވެރި ހެޔޮ ބާއްޖަވެރި ދިރިއުޅުމެއް ދައްކަވާހުށީމެވެ. އަދި އެބައިމީހުންނަށް، އެބައިމީހުން އެކުރި ހެޔޮޢަމަލުގެ ޖަޒާ، އޭގެ އެންމެ ރިވެތިގޮތުގައި ތިމަންރަސްކަލާނގެ ދެއްވާހުށީމޭ." އާދެ، މި އާޔަތުން އެނގޭ ގޮތުގައި، ހެޔޮޢަމަލުކުރާ ފިރިހެނުންނާއި، ހެޔޮޢަމަލު ކުރާ އަންހެނުންނަށް އޮތީ ހަމައެކަނި ސުވަރުގޭގެ ނިޢުމަތެއް ނޫން. އެމީހުންނަށް އެބައޮތް، ދުނިޔެމަތީގައިވެސް ބާއްޖަވެރި ދިރިއުޅުމެއް އުޅެވޭނެގޮތް މެދުވެރިކޮށްދެއްވުން. ޝައްކެއްނެތް، ބާއްޖަވެރި، އުފާވެރި ދިރިއުޅުމެއް އުޅެވޭނީ ތަޢްލީމުވެސް ލިބިގެން. ވަޒީފާވެސް އަދާކުރެވިގެން. މުޖްތަމަޢުގައި އެމީހަކަށް ލިބޭ ޙައްޤު މަޤާމް އެމީހަކަށް ލިބިގެން. މިކަންތައްތައް ޙާޞިލްވެގެން، ދުނިޔެމަތީގައި ބާއްޖަވެރި، އުފާވެރި ދިރިއުޅުމެއް އުޅެވޭނީ. އެ ވަޙީކުރައްވަނީ، އަންހެނުންނަށްވެސް، ފިރިހެނުންނަށްވެސް އެ އުފާވެރި ބާއްޖަވެރި ދިރިއުޅުން އުޅެވޭގޮތަށް މިންވަރުކުރައްވައޭ، އެބަޔަކީ ހެޔޮޢަމަލުކުރާ ބަޔަކު ކަމުގައިވަނީނަމަ.

އާދެ، މި ކަންތައްތައް މިހާ ސާފުކޮށް ކީރިތި ޤުރްއާނުގައި އޮތުމުން، އެއްގޮތަކަށްވެސް އަންހެނުންގެ ތަރައްޤީއަށް ހުރަސްއެޅޭގޮތަށް، އަދި ދީނަށް ނިސްބަތްވާގޮތަށް ވާހަކަ ދެއްކުމަކީ ހަމަޖެހޭ ކަމެއްނޫން. ބައެއް މީހުންނަށް ހީވާކަހަލަ، އަންހެނުންނަކީ ފިރިހެނުންނާ ތަފާތު އުންޞުރަކުން އުފެދިފައިވާ ބައެކޭ. ކޮންމެވެސް ގޯސް އަޞްލަކުން އައިސްފައިވާ ބައެކޭ. އެމީހުންނަށް އަންހެނުން ސިފަވަނީ މުޖުތަމަޢުގައި ހުރިހާ ފަސާދައަކާއި، ހުރިހާ ނުބައެއް އުފައްދާ ބައެއްގެ ގޮތުގައި. އެއީވެސް ވަރަށް ބޮޑު އޮޅުމެއް. ނުވަތަ ޙަޤީޤަތާ ޚިލާފު ކަމެއް. ޒަމާނުއްސުރެ ވާރުތަވަމުން އައިސްފައިވާ ތަޢައްޞުބެކޭ އަޅުގަނޑަށް ދަންނަވަންޖެހޭ. ޙަޤީޤަތުގައި ކީރިތި ޤުރްއާނުގައި އަންގަވާފައިވާ ގޮތުގައި، އަދި އިސްލާމްދީނުގެ އުޞޫލުތައް ނިޔާކުރާ ގޮތުގައި، ކޮންމެ މީހަކީވެސް ހެޔޮޢަމަލަށް އަދި ނުބައި ޢަމަލަށް ހުށަހެޅިދާނެ މީހެއް. އެމީހަކީ ފިރިހެނަކު ކަމުގައިވިޔަސް، އަންހެނަކު ކަމުގައިވިޔަސް، އެ މީހަކީ ރަނގަޅު މީހަކަށްވެސް ވެދާނެ. ނުބައި މީހަކަށްވެސް ވެދާނެ. އެހެންވީމާ، ނުބައި ކަންތައް ކުރުމަކީ ނުވަތަ މުޖްތަމަޢުގައި ފަސާދަ އުފެއްދުމަކީ ހަމައެކަނި އަންހެނުންގެ ފަރާތުން ވާކަމެއް ނޫން.

އަޅުގަނޑުގެ އިލްތިމާސަކީ، ދީނަށް ނިސްބަތްވާ ގޮތަށް ވާހަކަފުޅު ދައްކަވާ ބޭފުޅުން، އެބޭފުޅުންގެ ވާހަކަފުޅު ދީނުގެ ޙަޤީޤަތްތަކުގެ މައްޗަށް ބިނާކުރެއްވުން. ކީރިތި ޤުރްއާނުގައާއި، މާތް ރަސޫލާގެ ސުންނަތުގައި ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތަށް ވާހަކަފުޅު ދެއްކެވުން. އެއްވެސް ކަމެއް އެމީހަކަށް ފެންނަގޮތަށް ނުވަތަ އެމީހަކަށް ހީވާގޮތަކަށް، އެކަން އޮތީ އެހެންކަމަށް ވާހަކަ ނުދެއްކުން.

އާދެ، ޤައުމުގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގެ މަސައްކަތްތަކުގައި، އަންހެނުން ބައިވެރިވުމަކީ ވަރަށް މުހިންމު ކަމެއް. އަންހެނުންނަށް ބައިވެރިވެވޭނީ، ކުރިންވެސް ދެންނެވިފަދައިން، އެމީހުންނަށް އެކަށީގެންވާ ތަޢުލީމެއް ލިބިގެން. އަދި އެމީހުންނަށް އެކަށީގެންވާ ވަޒީފާތަކެއްވެސް ލިބިގެން. އެމީހުންނަށް އާމްދަނީ ހޯދޭނެ ގޮތްތަކެއް ރޭވިގެން. އަދި އިޖްތިމާޢީ ގޮތުން އެމީހުން ކުރިއަށްދާ ދިޔުމަށް އެޅޭ ހުރަސްތައްވެސް ނައްތާލެވިގެން. އާދެ، އަޅުގަނޑުމެންގެ ރާއްޖެއަށް ވިސްނާއިރު، ބައެއް ކަންތައްތައް ހުރީ ހިތްހަމަޖެހޭފަދަ ގޮތަކަށޭ ދަންނަވަން އެބަޖެހޭ. އެއީ، މި ސަރަޙައްދުގެ އެހެން ޤައުމުތަކާ އަޅައިބަލާއިރު، ރާއްޖޭގައި އެކަންތައްތައް، އެތަންތަނަށްވުރެ ރަނގަޅުކޮށް ހުރީމާ. ތަޢްލީމާ ބެހޭގޮތުން ވިސްނާއިރު، އެގޮތަށް ދަންނަވަންޖެހޭ. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، ލިޔަންކިޔަން ދަންނަ މީހުންގެ ތެރެއިންވެސް ފިރިހެނުންނަށްވުރެ އަންހެނުންގެ ޢަދަދު، ކުޑަތަންކޮޅެއް ނަމަވެސް ގިނަ. ރާއްޖޭގައި ލިޔަންކިޔަން ދަންނަ މީހުންގެ ޢަދަދަކީ، މުޅި ދުނިޔޭގެ ނިސްބަތުގައިވެސް ފާހަގަކޮށްލެވޭ ޢަދަދެއް. މަތީ ތަޢްލީމަށް ވިސްނާއިރު، އާދެ، ޔުނިވަރސިޓީ ތަޢްލީމަށް ވިސްނާއިރު ޔުނިވަރސިޓީ ތަޢްލީމު ޙާޞިލްކޮށްފައި ތިބި މީހުންގެ ޢަދަދުގެ ވަރަށް ކުޑަ ނިސްބަތެއް މިވަގުތު އަންހެނުން ހޯދާފައި ވަނީ.

އާދެ، މިހާރު ޔުނިވަރސިޓީ ތަޢްލީމު ރާއްޖޭގައި ނިންމާފައި ތިބި 214 މީހުންގެ ތެރެއިން ހަމައެކަނި 46 މީހުންނަކީ އަންހެނުން. ގާތްގަނޑަކަށް ސަތޭކައަކުން 21. އެއީ، ވަރަށް ކުޑަ ނިސްބަތެއް. އެހެންނަމަވެސް، އެ ހިސާބަށް ދެވިފައި އޮތީ، ކުރިން ކަންތައްތައް ވަމުން އައިގޮތުން ކަމަށް އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ. އޭގެ ތަންކޮޅެއް ދަށަށް ބަލާއިރު، ޖީ.ސީ.އީ. އޯ. ލެވެލް. ވޭތުވެދިޔަ ދެއަހަރު ޖީ.ސީ.އީ. އޯ. ލެވެލްގެ އިމްތިޙާނުގައި ބައިވެރިވި ކުދިންގެ ޢަދަދަށް ބަލާއިރު، ރާއްޖޭގައި 1360 ކުދިން، ވޭތުވެދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި، ޖީ.ސީ.އީ އޯ. ލެވެލް އިމްތިޙާނުގައި ބައިވެރިވެފައިވޭ. އޭގެތެރެއިން 676 އެއީ، އަންހެން ކުދިން. ސަތޭކައަކުން 49.7. މާނައަކީ ފިރިހެން ކުދިންނާއި އަންހެން ކުދިންނާ އެއްވަރޭ. މިހާރު މަދަރުސާގައި ކިޔަވަމުންދާ ކުދިންގެ ޢަދަދަށް ބަލާއިރުވެސް ނިސްބަތް ވަރަށް ރަނގަޅު. ފަސްދޮޅަސް އަށްހާސް އެތައް ކުދިންނެއް މާލެއާއި ރާއްޖެތެރޭގެ ތަފާތު މަދަރުސާތަކުގައި ކިޔަވަމުން އެބަ ގެންދޭ. އޭގެތެރެއިން ސަތޭކައަކުން 48.7 އެއީ އަންހެންކުދިން. މިހެން ދަންނަވާއިރު، ރާއްޖެތެރޭގައި ހުރި ޘާނަވީ ކްލާސްތަކުގައި، އާދެ، ގްރޭޑް 8، 9، 10ގައި އުޅޭ ކުދިންގެ ޢަދަދަށް ބަލާއިރު، އަންހެން ކުދިންގެ ޢަދަދު، ފިރިހެން ކުދިންގެ ޢަދަދަށްވުރެ ގިނަކަން ފާހަގަކޮށްލަންޖެހޭ.

އެހެންވީމާ، ތަޢްލީމުގެ ފުރުޞަތު އިރާދަކުރެއްވިއްޔާ މިހާރު މިއޮތީ އެންމެންނަށްވެސް ހުޅުވާލެވިފައި. އަންހެން ކުދިންނަށާއި، ފިރިހެން ކުދިންނަށް، އެއްހަމައެއްގެ މަތިން. ސަރުކާރުން އެއްވެސް ތަފާތެއް ނުގެންގުޅޭ. ހަމަ އެފަދައިން ދަންނަވަން ޖެހެނީ، ވަޒީފާ އަދާކުރުމުގައިވެސް ސަރުކާރުން އަންހެނުންނާއި ފިރިހެނުންނާ ދޭތެރޭގައި، އެއްވެސް ތަފާތެއް ނުގެންގުޅެއޭ. އެއް މަޤާމެއްގައި، އެއް ފެންވަރެއްގައި މަސައްކަތްކުރާ އަންހެނުންނަށާއި ފިރިހެނުންނަށް ދެނީ އެއް މުސާރައެކޭ.

މިހެން ދަންނަވަންޖެހޭ ސަބަބަކީ، ދުނިޔޭގެ ބައެއް ޤައުމުތަކުގައި އަދި ކުރިއަރާފައިވާ ބައެއް ތަންތާނގައިވެސް، އެއް ފެންވަރެއްގައި، އެއް މަޤާމެއްގައި މަސައްކަތްކުރާ ފިރިހެނުންނަށް، ހަމަ އެ ފެންވަރުގައި، އެ މަގާމުގައި މަސައްކަތްކުރާ އަންހެނުންނަށްވުރެ އިތުރަށް މުސާރަ ލިބޭގޮތް އޮންނާތީ. އެގޮތެއް ރާއްޖެއަކު ނެތް. ސަރުކާރަކުން އެ ތަފާތެއް ނުކުރޭ. އަޅުގަނޑަށް ހީވަނީ އަންހެނުންގެ ދިރިއުޅުމަށް ދިމާވާ ދަތިތަކެއް ހުރުމުގެ ސަބަބުންހެން، ސަރުކާރުގައި އުޅޭ އަންހެނުންގެ ޢަދަދުވެސް، ފިރިހެނުންގެ ޢަދަދަށްވުރެ މަދީ. އަދި އަމިއްލަ މަސައްކަތްތަކުގައި އުޅޭ އަންހެނުންގެ ޢަދަދުވެސް ފިރިހެނުންގެ ޢަދަދަށްވުރެ މަދީ.

އާދެ، މީގެ ދިހަވަރަކަށް އަހަރު ކުރިން ސަރުކާރުގައި އުޅޭ މީހުންނަށް ނިސްބަތްކުރާއިރު، އަންހެނުންނަކީ ސަތޭއަކައުން ވިހި. މިހާރު އެ ނިސްބަތްވެސް ތަންކޮޅެއް މައްޗަށް ހިނގައްޖެ. ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން، ގާތްގަނޑަކަށް ސަތޭކައަކުން ބައްތިރީސް އެއީ، އަންހެން މުވައްޒަފުން. މުޅި ސަރުކާރުގައި އުޅޭ ޖުމްލަ މީހުންގެ ތިންބައިކުޅަ އެއްބަޔަކީ މިހާރު އަންހެނުން. އަދި މުސްތަޤްބަލްގައި އެބައި އިތުރުވަމުންދިޔުމަކީވެސް އެކަށީގެންވާ ކަމެއް. މިހާރުވެސް އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، އެ ޢަދަދު މާ މައްޗަށް ނުދާ ސަބަބަކީ، ކުރިންވެސް ދެންނެވި ފަދައިން، އަންހެނުންގެ ދިރިއުޅުމުގައި ދިމާވާ ކަންތައްތަކާހުރެ، އެމީހުން އަމިއްލައަށް ވަޒީފާއިން ވަކިވާންޖެހޭތީ. ސަރުކާރުން ނުވަތަ އެމީހަކު އުޅޭ އޮފީހަކުން ވަކިކުރައްވަނީކީ ނޫން. އެމީހަކު އަމިއްލައަށް އެދިގެން ވަކިވާންޖެހެނީ. އެއީވެސް ސަބަބުތަކެއް ހުރެގެން. އެކަން އެހެން ދިމާވާތީ، ސަރުކާރުގެ ވަޒީފާގެ ދާއިރާގައި، އަންހެނުންގެ ޢަދަދު، މި ދެންނެވި ހިސާބަށް މަޑުޖެހިފައި އެ އޮންނަނީ. ހަމަ އެފަދައިން، ތަރައްޤީގައި އަންހެނުންގެ ބޭނުން ހެޔޮގޮތުގައި ކުރާ ކަމުގައިވަންޏާ އިޖްތިމާޢީ ގޮތުން ކުރިއަށްދިޔުމުގެ މަގުވެސް އެމީހުންނަށް އޮންނަން ޖެހޭނީ ތަނަވަސްވެފައި. މުޖްތަމަޢު ތެރެއަށް ނުކުމެ، އެމީހެއްގެ ރަށަށާއި އަދި މުޅި ޤައުމަށް ފައިދާކުރާނެ މަސައްކަތްކުރުމުގެ ފުރްޞަތުވެސް އެމީހަކަށް އޮންނަން ޖެހޭނީ ލިބިދެވިފައި.

އާދެ، އަންހެނުންގެ ތަރައްޤީއަށް އެޅޭ ހުރަސްތަކާ ބެހޭގޮތުން ވިސްނައި ޚިޔާލުކުރާއިރު، ފާހަގަކުރަންޖެހޭ އެހެން ބައެއް ކަންތައްތައްވެސް އެބަހުރި. އޭގެތެރެއިން އެއްކަމެއް، ޅަޢުމުރުގައި މީހުނާ އިނުން. މިދިޔަ އަހަރު ރާއްޖޭގައި އެ ކުރެވުނު ސަރވޭގެ ނަތީޖާ ދައްކާގޮތުން، ގިނަ އަންހެން ކުދިން މީހުންނާ އިންނަނީ ވަރަށް ޅަޢުމުރުގައި. ގާތްގަނޑަކަށް 15 އަހަރުގެ ޢުމުރުގައި ނުވަތަ 16 އަހަރުގެ ޢުމުރުގައި. އެހެންވީމާ، ވާގޮތަކީ އެކުދިންނަކީ ޖިސްމާނީ ގޮތުންވެސް އަދި ނަފްސާނީ ގޮތުންވެސް ކައިވެނީގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އުފުލަން ތައްޔާރުވެފައިވާ ބަޔަކަށްނުވާތީ، ޞިއްޙީ އަދި ނަފްސާނީ މައްސަލަތަކާ އެކުދިން ކުރިމަތިލާން ޖެހެނީ. ޅަޢުމުރުގައި ބަލިވެއިނުމަކީ ޝައްކެއްނެތްގޮތުގައި، އެފަދަ ކުދިންނަށް ދިމާވާ ވަރަށް ބޮޑު ނުރައްކަލެއް. ރާއްޖޭގައި މާބަނޑު އަންހެނުން މަރުވާ ޢަދަދު ގިނަ ސަބަބަކީވެސް އެއީ. ޅަޢުމުރުގައި އަންހެން ކުދިން މީހުންނާ އިނުމާއި އަދި ކައިރިކައިރީގައި ދަރިން ވިހެއުމާ، މި ކަންތައްތައް. މިކަންތައްތައް އެހެންވާއިރު، އަޅުގަނޑުމެންގެ ރާއްޖޭގައި، އަދި ޚާއްޞަކޮށް، ރާއްޖެތެރޭގައި، އެމީހުންނަށް ދޭންޖެހޭ ރަނގަޅު ކާނާ ދެވޭކަށް ނުހުރޭ. އެބަޔަކަށް ލިބޭ އާމްދަނީގެ ގޮތުންވެސް، މާބަނޑު އަންހެނާ ކާންޖެހޭ ފައިދާހުރި ކާނާ، އެމީހަކަށް ލިބޭކަށެއް ފުރުޞަތެއް ނޯވޭ. ބޭސްފަރުވާ ކުރުމުގެ ކަންތައްތައްވެސް އަޅުގަނޑުމެންގެ ރާއްޖެތެރޭގައި އަދި އޮތީ އެފަދަ ޙާލެއްގައި. އެކަންކަން އެހެން އޮތުމާއެކު، އެހާ ޅަޢުމުރުގައި އަންހެން ކުދިން މީހުންނާ އިނދެ އަދި ބަލިވެއިންނަގޮތް ދިމާވުމަކީ، އެކުދިންގެ ޞިއްޙަތަށް ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތިވާ ކަމެއް.

ހަމަ އެއާއެކީގައި، ތަޢްލީމު ޙާޞިލްކުރުމަށްވެސް އެޅޭ ހުރަހަކަށްވޭ. ޢުމުރުން 15 އަހަރުގައި ކުއްޖާ މަދަރުސާއިން ވަކިކޮށްލައިގެން، މީހަކާ ދެވީމާ، އެކުއްޖެއްގެ ތަޢްލީމު އެހިސާބުން އެ ނިމުނީ. އާމްދަނީ ހޯދުމާއި، ވަޒީފާ އަދާކުރުމަކީ، ތަޢްލީމުގެ މައްޗަށް ބިނާވެފައިވާ ކަމަކަށްވާއިރު، އެފަދަ ކުދިންނަކަށް އެކަށީގެންވާ ވަޒީފާއެއް ލިބޭނެގޮތެއްވެސް ނޯންނާނެ.

ރާއްޖޭގައި އަންހެން ކުދިން ކައިވެނިކުރާ ޢުމުރު، ކުރިއާ އަޅައިބަލާއިރު، މިހާރު ތަންކޮޅެއް މައްޗަށް ޖެހިލާފައިވިޔަސް، އަދިވެސް އެންމެ އެކަށީގެންވާ ޢުމުރަކަށް ގޮސްފައެއް ނެތް. ހަމައެއާއެކީގައި ދަންނަވަންޖެހެނީ، ރާއްޖޭގައި ކައިވެނިކުރާ މީހުންގެ ޢަދަދު ގިނައޭ. ހަމައެއާއެކީގައި، ވަރިކުރާ މީހުންގެ ޢަދަދުވެސް ގިނައޭ. ރާއްޖޭގެ އަންހެނުންނާ ބެހޭގޮތުން މިދިޔަ އަހަރު އެ ހެދުނު ސާރވޭ ދައްކާގޮތުން، ރާއްޖޭގައި ކުރެވޭ ކޮންމެ 100 ކައިވެންޏަކުން 70 ކައިވެނި ނިމެނީ ވަރިޔަކުން. ވަރިކުރުން ގިނަވުމަކީ، މުޅި މުޖުތަމަޢަށް ކުރިމަތިވާ ވަރަށް ބޮޑު މައްސަލައެއް. ކުދިން ބަލައި ބޮޑުކުރުމުގައި، ތަރުބިއްޔަތު ކުރުމުގައި ދިމާވާ ކަމެއް، ފިރިމީހާ، އަނބިމީހާ ވަރިކޮށްލާފައި ދާއިރު، ގިނަފަހަރަށް ތިބެނީ އެތައް ކުދިންނެއް ލިބިފައި. އެކުދިން ބެލުމުގެ މަސްއޫލިއްޔަތެއް، ގިނަ ފިރިހެނުންނެއް ނުއުފުލާ. އާދެ، ސަރވޭގެ ނަތީޖާ ދައްކާގޮތުން، ވަރިކުރުމަށްފަހުގައި، އެމީހަކަށް ލިބިފައިވާ ކުދިން ބެލުމުގެ ފުރިހަމަ މަސްއޫލިއްޔަތު އުފުލާ މީހުންގެ ޢަދަދު، އެއީ ރާއްޖޭގައި ހަމައެކަނި ސަތޭއަކުން އެގާރަ. ވަރިކުރުމަށްފަހުގައި، އެމީހަކަށް ލިބިފައިވާ ކުދިން ތަރުބިއްޔަތު ކުރުމުގެ ފުރިހަމަ މަސްއޫލިއްޔަތު އުފުލަނީ، އެ ވަރިކުރާ މީހުންގެ ތެރެއިން ހަމައެކަނި ސަތޭކައަކުން އެގާރަ މީހުން. ދަރިން ތަރުބިއްޔަތު ކުރުމުގެ ކޮންމެވެސް ޙިއްޞާއެއް އަދާކުރާ މީހުންގެ ޢަދަދުވެސް، ސަތޭކައަކުން ފަންސާހަށްވުރެ ދަށް. ނަތީޖާއަކީ ކޮބައިތޯ؟ ނަތީޖާއަކީ ކުދިން ބެލުމުގެ މަސްއޫލިއްޔަތުވެސް އުފުލަންޖެހެނީ އެ އަނބިމީހާއަށް ކަމަށްވުން.

މިހެން ކަންތައްތައް ހިނގަމުންދާއިރު، އަންހެނުންގެ ދިރިއުޅުމަށް އެޅޭ ހުރަސްތައް، އަދި ދަތިކަމާ ދޭތެރޭގައި އެއްވެސް ޝައްކެއްނެތް. މިހުރަސްތަކަކީ އެމީހުން އަމިއްލައަށް ހުރަސްކުރެވޭވަރުގެ ހުރަސްތަކެއްވެސް ނޫން. މިކަންކަން ރަނގަޅުވާނީ ފިރިހެނުންގެ ހޭލުންތެރިކަންވެސް އިތުރުވެގެން. ދީނުގައި އޮންނަ ގޮތަށް ވަރިކުރުމުގެ ކަންތައްވެސް އަޅުގަނޑުމެން ގެންގޮސްގެން. ވަރިކުރުމަކީ އެހާ ފަސޭހަކޮށް ދީނުގައި އޮންނަ ކަމެއްނޫން. އެއީ، ޙަލާލު ކަންތައްތަކުގެ ތެރެއިން އެންމެ ބޮޑަށް ރުއްސަވާވޮޑިގެންނުވާ ކަންތައް ކަމުގައި ކީރިތި ރަސޫލާ ވަނީ ޙަދީޡްކުރައްވާފައި. ދެންމެ މި ޖަލްސާ އިފްތިތާޙުކުރުމުގެ ގޮތުން ކިޔެވިދިޔަ އާޔަތެއްގައިވެސް، "ކަލޭގެ އަނބިމީހާ ވަރިނުކޮށް ހިފަހައްޓާށޭ." "أَمْسِكْ عَلَيْكَ زَوْجَكَ. (الأحزاب: 37)" އެލަފްޒު އައި. މިކަން މިހެން އޮންނައިރު، އަޅުގަނޑުމެން އެއްގޮތަކަށްވެސް އެކަންކަމަކަށް ސަމާލުކަމެއް ނުދެމު. ނުވަތަ އަޅުގަނޑުމެންގެ ތެރެއިން މިކަންކަމުގައި ކައިވެނިކުރުމާއި ވަރިކުރުމާއި، އަނބިން ފިރިންނަށް ހެޔޮކޮށް ޢަމަލުކުރުމާއި، އަދި ފިރިން އަނބިންނަށް ހެޔޮކޮށް ޢަމަލުކުރުމާއި، މިކަންތައްތަކުގައި ދީނުގައި އަންގަވާފައިވާ މާތް ޢުޞޫލަށް ޢަމަލުކުރަނީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް މަދު ބަޔަކު. ޝައްކެއްނެތް، ވަރަށް ހިތާމަހުރި ކަމެއް. މުޖްތަމަޢަށް މިދިމާވާ ބޮޑެތި ދަތިތައް، ބޮޑެތި މައްސަލަތައް ޙައްލުވާނީ ދީނުގައި އަންގަވާފައިވާ އުޞޫލުތަކަށް އަޅުގަނޑުމެން ފުރިހަމައަށް ޙުރްމަތްތެރިކޮށް ހިތައިގެން.

ކައިވެނިކުރުމާއި، ވަރިކުރުމާ، މި ދެންނެވި އުޞޫލުން ރާއްޖޭގައި ވަރަށްގިނަ ކަމަށް ފާހަގަކުރެވޭއިރު، މިދިޔަ އަހަރު އަންހެނުންނާ ބެހޭގޮތުން ހެދުނު ސަރވޭ ދައްކާގޮތުން، ރާއްޖޭގެ އަންހެނަކު، ޢުމުރުން 50 އަހަރަށް ދާއިރު، އޭނާ ހުންނާނީ އެވްރެޖް ގޮތެއްގައި ހަތަރުފަހަރު ކައިވެނިކޮށްފައި. އޭގެތެރެއިން އެއް ކައިވެންޏަކީ، ކުރިން ވަރިކުރި ފިރިމީހާޔާ ދެވަނަފަހަރަށް ކުރާ ކައިވެނި. މާނައަކީ، ޢުމުރުން 50 އަހަރުވާ އަންހެނަކުނަމަ، އެވްރެޖް ގޮތެއްގައި ހުންނާނީ ތިން މީހުންނާ އިނދެފައޭ. މުޅި ދުނިޔޭގެ ނިސްބަތުގައިވެސް އެއީ، ވަރަށް މަތީ ނިސްބަތެއް. އެއްގޮތަކަށްވެސް އެއީ، އެކަން ވާންވީ ގޮތެއްނޫން. މުޅި މުޖްތަމަޢުގެ ހެވަށްޓަކައި، ލާބައަށްޓަކައި މަސައްކަތްކުރާއިރު، މިކަންކަމަށް އެކަށީގެންވާ ޙައްލެއް އަޅުގަނޑުމެން ޖެހޭނެ ހޯދަން.

އާދެ، ކުރިންވެސް ދެންނެވި ފަދައިން، އަންހެނުންގެ ތަރައްޤީއަށް އެޅޭ ހުރަސްތަކުގެ ތެރެއިން އެންމެ ބޮޑު އެއްކަމަކީ، ޅަޢުމުރުގައި އަންހެން ކުދިން މީހުންނާ އިނުން. ނުވަތަ އިންނަންޖެހުން. އެހެން މި ދަންނަވަނީ، ބައެއް ކުދިން މީހުންނާ އިންނަންޖެހެނީ، އެކުދިންގެ އިޚްތިޔާރުގައެއް ނޫން. ބައެއްފަހަރަށް މައިންބަފައިން ނުވަތަ ބެލެނިވެރިން މަޖްބޫރުކޮށްގެން. އެއީވެސް އެއްގޮތަކަށްވެސް އެކަން ވާންވީ ގޮތެއްނޫން. ހަމައެއާއެކުގައި، ޅަޢުމުރުގައި ބަލިވެއިނުމަކީ އެމީހުންގެ، އެ ބަލިވެއިންނަ އަންހެނުންގެ ޞިއްޙަތަށާއި އަދި އެ ލިބޭ ކުދިންގެ ޞިއްޙަތަށް ވަރަށް ބޮޑު އަސަރެއް ކުރާ ކަމެއް. ވަރަށް ގިނަ ކުދިން ޅަފަތުގައި މަރުވާން ދިމާވާ އެއް ސަބަބަކީވެސް އެއީ. މިހާރު އަޅުގަނޑުމެންގެ ރާއްޖޭގައި، ޅަފަތުގައި މަރުވާ ކުދިންގެ ޢަދަދު، ކުރިއާ އަޅައިބަލާއިރު، ވަރަށް ބޮޑުތަން މަދު. އެހެންނަމަވެސް، މިހާރު އޮތްވަރަށްވުރެވެސް އަޅުގަނޑުމެންނަށް ތިރިކުރެވިދާނެ، އަޅުގަނޑުމެން މި ދެންނެވި ކަންތައްތަކަށް އެކަށީގެންވާ ސަމާލުކަމެއް ދީގެން، އެގޮތަށް ޢަމަލުކުރަމުން ގެންދާ ކަމަށްވަންޏާ.

އާދެ، މިކަހަލަ ވަރަށް ގިނަ މައްސަލަތައް އެބަހުރި، އަންހެނުންގެ ކުރިއެރުމާއި ތަރައްޤީއާ ބެހޭގޮތުން ވާހަކަ ދައްކާއިރު، އަޅުގަނޑުމެން ފާހަގަކުރަންޖެހޭ. އަޅުގަނޑު އެދެނީ، މި ސެމިނާރގެ ބައިވެރިން، އެބޭފުޅުން އެ ވާހަކަފުޅު ދައްކަވާ މައުޟޫޢުތަކުގައި، ވީހާ ޞަރީޙަކޮށް، ޙަޤީޤަތުގެ މައްޗަށް ބުރަވެ ތިއްބަވައިގެން، ސާބިތުކަމާއެކު ވާހަކަފުޅު ދައްކަވަމުން ގެންދެވުން. އޭރުން އަޅުގަނޑު ހިތުން މި ސެމިނާރުގެ މަޤްޞަދު އޮންނާނީ ޙާޞިލްވެފައި.

އާދެ، އަޅުގަނޑުގެ ކުރިން ވާހަކަ ދެއްކެވި އެހެން ބޭފުޅުންނެކޭ އެއްފަދައިން، އަޅުގަނޑުވެސް އެދެނީ، މި ސެމިނާރަކީ ވަރަށް ކާމިޔާބު ސެމިނާރަކަށްވުން. އަދި މި ސެމިނާރުގެ ސަބަބުން، ސަރުކާރުގެ ދާއިރާގައި ތަރައްޤީއާ ބެހޭ އެކިއެކި މަޝްރޫޢުތައް ރާއްވަވާ ފަރާތްތަކަށްވެސް އިތުރު މަޢުލޫމާތު ލިބިގެންދިޔުން. އަންހެނުންގެ ތަރައްޤީއާއި ނުވަތަ ޤައުމުގެ ތަރައްޤީގައި އަންހެނުން ކުޅެންޖެހޭ ބަޔާ ބެހޭގޮތުން އެބޭފުޅުންނަށް އިތުރު މަޢުލޫމާތު ލިބިވަޑައިގެން، ޚާއްޞަ ސަމާލުކަމެއް ދެއްވަންޖެހޭ ކަންތައްތައް ފާހަގަކުރެއްވޭ ގޮތްވުން. އަދި ކުރިއަށް އޮތް ތާނގައި، ޤައުމުގެ ތަރައްޤީގައި ރޭވޭ މަޝްރޫޢުތަކުގައިވެސް މިހާރަށްވުރެ ބޮޑަށް އަންހެނުންގެ ކަންތައްތަކަށް ސަމާލުކަން ދެވިގެން، އަންހެނުންގެ ތަރައްޤީއަށްޓަކައި ކުރެވޭ މަސައްކަތްތަކެއް ކަމުގައި އެކަންތައްތައް ޙަޤީޤަތުގައިވެސް ހިމެނިގެން ދިޔުން.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، ރާއްޖޭގެ އަންހެނުންނަށް އިތުރު ކުރިއެރުމާއި ތަރައްޤީއަށް އެދެމުން. ހަމައެކަނި އަންހެނުންނަކަށް ނޫން. ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި ތަރައްޤީއަށް އެދެމުން. އަދި ތިޔަބޭފުޅުންގެ މި ސެމިނާރަކީ، ޤައުމަށް ފައިދާހުރި ކާމިޔާބު ސެމިނާރަކަށް ވުމަށް އެދެމުން.

والسّــلام عليــكم ورحـمــة اللّـه وبـركاتـه.