بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربِّ العَـالَمِـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيِّدنا محـمَّدٍ وعلى آلـه وصحـبه أجمعـين.

އާދެ، މިއަދު މާތް ﷲގެ އިސްމުފުޅުގެ ބަރަކާތުން އެކަލާނގެ ޙަޟްރަތުން ވާގިއެދިހުރެ، މަޢްހަދުއްދިރާސާތިލް އިސްލާމިއްޔާގެ އާ ޢިމާރާތުގެ ބިންގާ އަޅައިދިނުމަކީ، އަޅުގަނޑަށް ލިބުނު ވަރަށްވެސް ބޮޑު އުފަލެއް. މިއަދު މަޢްހަދުގެ އާ ޢިމާރާތުގެ ބިންގާ މި އެޅުނީ ވަރަށްވެސް މަތިވެރި އުންމީދުތަކެއް ޙާޞިލްކުރެވޭނެ ކަމުގެ ޢަޒުމުގައި. އެހެންކަމުން، މިއުފާވެރި މުނާސަބަތުގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން އަލްއުސްތާޛު ޢަބްދުﷲ ޙަމީދަށާއި، އެ މިނިސްޓްރީގެ އިސްވެރިންނަށާއި، މަޢްހަދުއްދިރާސާތިލް އިސްލާމިއްޔާގެ މުދީރު އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަށާއި، މަޢްހަދުގެ ހިންގުންތެރިންނަށާއި މުދައްރިސުންނަށް އަދި މަޢްހަދުގެ ލޮބުވެތި ޠާލިބުންނާއި ޠާލިބާއިންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން.

މަޢްހަދުއްދިރާސާތިލް އިސްލާމިއްޔާއަކީ، ދެންމެ މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ވާހަކަފުޅުގައި އެ ވިދާޅުވި ފަދައިން، ރާއްޖޭގައި ހުރި މަދަރުސާތަކުގެ ތެރެއިން ވަރަށް އަގުހުރި ތަނެއް. ވަރަށް މާތް މަޤްޞަދެއްގައި، މީގެ 11 އަހަރު ކުރިން މި މަޢްހަދު ހުޅުވުނީ. އާދެ، ހިޖްރީ 15 ވަނަ ޤަރުނަށް އަޅުގަނޑުމެން ކުރިމަތިލީހިނދު ބޭއްވުނު ރަސްމިއްޔާތެއްގައި، މަޢްހަދުއްދިރާސާތިލް އިސްލާމިއްޔާ ހުޅުވުނީ، ހިޖްރީގޮތުން 1401 ވަނަ އަހަރުގެ މުޙައްރަމް މަހުގެ 1 ވަނަ ދުވަހު. މި މަދަރުސާ ނުވަތަ މަޢްހަދު ހުޅުވުމުގެ ބޭނުމަކީ، ރާއްޖެފަދަ އިސްލާމީ ޤައުމެއްގައި އިސްލާމީ ތަޢުލީމަށް ޚާއްޞަ ކުރެވިފައިވާ މަދަރުސާއެއް ހުރުމުގެ ބޭނުންތެރިކަން ބޮޑުކަން. އާދެ، އެހެން އިސްލާމީ ޤައުމުތަކުގައިވެސް މިފަދަ މަދަރުސާތަކާއި މަޢްހަދުތަކާއި އަދި ޔުނިވަރސިޓީތައް އެބަހުރި. އެ ތަންތަނުން ވަރަށް މަތިވެރި ޚިދުމަތްތަކެއް އެ ތަންތާނގެ ދަރިންނަށް ކޮށްދެމުން ގެންދޭ. އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ، ﷲގެ ރަޙްމަތްފުޅުން ސައްތައިންސައްތަ މުސްލިމް ޤައުމަކަށް ވީހިނދު، އަޅުގަނޑުމެންގެ އިސްލާމީ ޝަޚްޞިއްޔަތު ހާމަކޮށްދޭ އަޅުގަނޑުމެންގެ އިސްލާމީ ޢިލްމުތައް ދިރުވައި، އެ ޢިލްމުތައް އުނގެނިގަނެ، އޭގެ އަލީގައި އަޅުގަނޑުމެންގެ ތަރައްޤީގެ ބިންގާތައް އަޅާނެ މަރުކަޒެއް ހުރުމަކީ ޝައްކެއްނެތްގޮތުގައި، ރާއްޖެއަށްވެސް ވަރަށް ބޭނުންތެރި ކަމެއް. އެހެންކަމާއެކު، މީގެ 11 އަހަރު ކުރިން މި މަޢްހަދު ހުޅުވުނީ.

މަޢްހަދު ހިނގަމުން މިދިޔަ 11 އަހަރު ދުވަހުގެ ތެރޭގައި، މަޢްހަދަށް ވަރަށް ބޮޑު ތަރައްޤީއެއް މިހާރުވަނީ އައިސްފައި. އާދެ، އެންމެ ފުރަތަމަ މަޢްހަދު ހުޅުވުނުއިރު ތިބީ އެންމެ 32 ކުދިން. އެހެންނަމަވެސް، މިހާރު މަޢްހަދުގައި 100 ކުދިން އެބަތިބި. އާދެ، ކުދިންގެ ޢަދަދު އިތުރުވުމަށްވުރެ، މަޢްހަދުން ކުރަމުން އައި ކަންތައްތައް ތަރައްޤީވަމުން އައިލެއް މާބޮޑު. އޭގެ ފައިދާވެސް އަޅުގަނޑުމެންގެ މުޖުތަމަޢަށް މާބޮޑުވާނެ. ފަހަކަށްއައިސް، މަޢްހަދަކީ ޢަރަބިބަހުން ތަޢުލީމުދޭ، އޭ ލެވެލްގެ ފެންވަރަށް ކިޔަވައިދޭ ތަނަކަށްވަނީ ވެފައި. މަޢްހަދުން ތަޢުލީމު ޙާޞިލްކޮށްގެން ނުކުންނަ ކުދިންނަށް ލިބޭ ފާސް އެއީ، އިސްލާމީ ދުނިޔޭގެ މަޝްހޫރު ޔުނިވަރސިޓީތަކުން ޤަބޫލުކުރާ ފާހެއް ކަމުގައި މިހާރުވަނީ ހަމަޖެހިފައި. އެހެންކަމުން، މަޢްހަދަކީ ދިވެހިރާއްޖެ ފިޔަވައި، އިސްލާމީ އެހެން ޤައުމުތަކުގައިވެސް މި މަޢްހަދަށް ދޭންޖެހޭ މަޤާމާއި ޤަދަރު މިހާރު ދެވިފައިވާ ތަނެއް.

އާދެ، އަޅުގަނޑުމެންގެ މި މަޢްހަދު ހުޅުވިފައި މިވަނީ އަދި އިރާދަކުރެއްވިއްޔާ މުސްތަޤްބަލުގައި މި މަޢްހަދު ހިނގަމުންދާނީވެސް ރާއްޖޭގައި އިސްލާމީ ތަޢުލީމުދޭ އެންމެ އިސް މަރުކަޒުގެ ގޮތުގައި. މަޢްހަދުއްދިރާސާތިލް އިސްލާމިއްޔާ ފިޔަވައި، ސަރުކާރުގެ ފަރާތުން މާލޭގައި ހިންގާ ޢަރަބި އިސްލާމީ ތަޢުލީމުދޭ އެހެން މަދަރުސާއެއްވެސް އެބަހުރި. އަދި މީގެއިތުރުން، ރާއްޖޭގައި އަމިއްލަ ފަރާތްތަކަކުން ހިންގަވާ، އިސްލާމީ ތަޢުލީމާއި ޢަރަބިބަސް ކިޔަވައިދޭ އެތައް މަދަރުސާއެއްވެސް އެބަހުރި. މިހުރިހާ ތަނަކުން މި ކޮށްދޭ ޚިދުމަތަކީ މުޖުތަމަޢަށް ކޮށްދޭ ޚިދުމަތެއް. ޤައުމަށް ކޮށްދޭ ޚިދުމަތެއް.

އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނަކީ، އޭގެ އެންމެ މުހިންމު އަޞްލުތައް ޢަރަބިބަހުން އައިސްފައިވާ ދީނަކަށްވާތީ، ޢަރަބިބަހަށް ދޭންޖެހޭ އަހަންމިއްޔަތަކީ ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް ޤަބޫލުކުރާނެ އަހަންމިއްޔަތެއް. އާދެ، ﷲގެ ކަލާމްފުޅު، ކީރިތި ޤުރްއާން ބާވައިލައްވައިފައި ވަނީ ޢަރަބިބަހުން. ކީރިތި ރަސޫލާގެ ޙަދީޘްފުޅުތައް ވާރިދުވެފައި ވަނީ ޢަރަބިބަހުން. އެހެންކަމާއެކު، މާތްވެގެންވާ އިސްލާމްދީނުގެ ޢަޤީދާތަކާއި، އުޞޫލުތަކާއި، ޙުކުމްތައް، އޭގެ އަޞްލު މަޞްދަރުން އާދެ، ކީރިތި ޤުރްއާނާއި، ރަސޫލާގެ ސުންނަތުން ދެނެގަތުމުގެ މުހިންމުކަމަކީ، މުސްލިމް ޤައުމަކަށް ވަރަށްވެސް ބޭނުންތެރި ކަމެއް. އެހެންކަމާއެކު، މިފަދަ މަޢްހަދެއް ހުރުމުގެ ބޭނުންތެރިކަން އެއީ، އަޅުގަނޑުހިތުން އެކަމާދޭތެރޭގައި ދެމީހަކު ދެބަސްވާނެ ކަމެއް ނޫން.

ޝައްކެއްނެތް، މިފަދަ ތަނެއް އުފެދި ހިނގަމުންދާނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީގައި. ޚާއްޞަކޮށް، ބޭރުގެ އެކުވެރި އިސްލާމީ ޤައުމުތަކުގެ އެހީ، މި މަޢްހަދަށް ލިބެމުންދާލެއް ވަރަށް ފުރިހަމަ. މިހާރުވެސް މަޢްހަދުގައި ކިޔަވައިދެއްވާ މުދައްރިސުންގެ ތެރެއިން ގިނަ ޢަދަދެއްގެ ބޭފުޅުންނަކީ، އެކުވެރި އިސްލާމީ ޤައުމުތަކުން އެ ތަންތާނގެ ސަރުކާރުގެ އެހީގައި މަޢްހަދަށް ފޮނުއްވާފައި ތިއްބެވި ބައެއް. އާދެ، މިޞްރުގެ ވަރަށްގިނަ ޢަދަދެއްގެ މުދައްރިސުން މަޢްހަދުގައި ކިޔަވައިދެއްވަމުން ގެންދަވާ. މަޢްހަދުގައި ކިޔަވައިދެވޭ ޓެކްސްޓް ފޮތްތައް އެއީވެސް މިޞްރުން ލިބިފައިވާ ފޮތްތަކެއް. އޭގެ އިތުރަށް، މަޢްހަދު ހިންގުމުގައި ޖަމްޢިއްޔަތުއްދަޢްވަތުލް އިސްލާމިއްޔާގެ ފަރާތުންވެސް ވަރަށް ދީލަތި އެހީތަކެއް ވެދެއްވާ. ސުޢޫދީ ޢަރަބިއްޔާގެ ސަރުކާރުންނާއި، ޕާކިސްތާނުގެ ސަރުކާރުންނާއި، ކުވައިތުގެ ސަރުކާރުންނާއި އަދި ރާބިޠަތުލްޢާލަމިލް އިސްލާމީގެ ފަރާތުންވެސް މަޢްހަދަށް އެކިފަހަރުމަތިން، އެކި ބާވަތުގެ މުހިންމު އެހީތައް ވަނީ ލިބިފައި. އަދި މިހާރުވެސް ދަނީ ލިބެމުން. އެހެންކަމާއެކު، އަޅުގަނޑުމެންގެ މި މަޢްހަދު ހިނގަމުން މިދަނީ، އެ ހުރިހާ ފަރާތްތަކެއްގެވެސް އެހީއާއެކީގައި ކަމަށްވާތީ، އެ އެހީތައް ވެދެއްވާ ފަރާތްތަކަށް ޝުކުރު ދެންނެވުމަކީ މިއަދު އަޅުގަނޑަށް ދޫކޮށްނުލެވޭވަރުގެ ބޮޑު އުފަލެއް.

އާދެ، މިވޭތުވެދިޔަ ތާނގައި މަޢްހަދު ޙާޞިލްކޮށްފައިވާ ކާމިޔާބީތަކަކީވެސް މިކަހަލަ ޖަލްސާއެއްގައި ބަޔާންކޮށްދެވޭވަރަށްވުރެ މާގިނަ ކާމިޔާބީތަކެއް. އެހެންނަމަވެސް، އެއީ އަޅުގަނޑުމެން އެންމެންނަށްވެސް ފާހަގަކުރެވިފައިވާ ކަމެއް ކަމުގައި ދަންނަވާލަންޖެހޭ. ޤުރްއާން ކިޔެވުމުގެ މުބާރާތްތަކުގައި އާދެ، އިސްލާމީ މަރުކަޒުގެ ފަރާތުން ބާއްވަވާ ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގައި ވިދިވިދިގެން ފަސް އަހަރު 1 ވަނަ ހޯދާފައިވޭ. އަދި މިއަހަރުވެސް އެ މުބާރާތުގައި މި މަޢްހަދުން ހޯދާފައިވަނީ 1 ވަނަ. އޭގެއިތުރުން، އެކިއެކި އަދަބީ މުބާރާތްތަކުގައި މަޢްހަދުގެ ދަރިވަރުން ހޯދާފައިވާ ކާމިޔާބީތަކަކީވެސް ހަމަ އެހާ ފުރިހަމަ ކާމިޔާބީތަކެއް. އާދެ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ފަރާތުން ބާއްވަވާ ޅެންހެދުމުގެ މުބާރާތާއި، ވާހަކަ ދެއްކުމުގެ މުބާރާތާއި، މަޒުމޫނު ލިޔުމުގެ މުބާރާތާއި، މިހުރިހާ މުބާރާތަކުންވެސް ދެއްވާ ވާދައިގެ ތަށި ވަނީ މަޢްހަދުގެ ޠާލިބުންނާއި ޠާލިބާއިން މިލްކުކޮށްފައި. އެހެންކަމުން، މަޢްހަދުގެ ދަރިވަރުން ޙަރަކާތްތެރިވަމުންދާލެއް ފުރިހަމަކަން، އަޅުގަނޑުމެންގެ މަދަރުސީ މައިދާނުގައި މަސައްކަތްކުރާ އެންމެންނަށްވެސް އަދި ޢާންމު ރައްޔިތުންނަށްވެސް ވަރަށް ރަނގަޅަށް އެނގޭ.

މަޢްހަދުގެ ޙަރަކާތްތަކުގެ ތެރޭގައި، ނިޒާމީ ތަޢުލީމުގެ ބައިގައި، ޘާނަވީ ފެންވަރަށް ތަޢުލީމު ދެއްވުމުގެ އިތުރަށް، ދެންމެ މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ވާހަކަފުޅުގައި އެ ވިދާޅުވި ފަދަ ޚާއްޞަ ކޯސްތައްވެސް ހިންގަވަމުން ގެންދަވާ. އެއީ، މިވަގުތު ދިވެހި މުޖުތަމަޢަށް، ދިވެހި ސަރުކާރަށް ވަރަށް ބޭނުންވެފައިވާ ކޯސްތަކެއް. އެ ކޯސްތައް ހިންގެވުމުގެ ސަބަބުން މި މަޢްހަދުން މުޅި ރާއްޖެއަށް އެ ފަތުރައިލެވޭ ޢިލްމީ ނޫރަކީ ޝައްކެއްނެތްގޮތުގައި، ވަރަށްވެސް ފާޅުކަން ބޮޑު ނޫރެއް.

އާދެ، މަޢްހަދުގެ ތަޢުލީމީ ޙަރަކާތްތަކުގެ އިތުރަށް، ސަރުކާރުގެ އެހެން ފަރާތްތަކާއި މަޢްހަދާ ގުޅިގެން ޚާއްޞަ ޕްރޮގްރާމްތަކެއްވެސް އެބަ ހިންގަވާ. އޭގެތެރޭގައި، ދިވެހިރާއްޖޭގެ އަޑާ ގުޅިގެން ހިންގަވާ ދީނީ ތަޢުލީމު ދިނުމުގެ ޕްރޮގްރާމްތައް، ޤުރްއާން ކިޔަވަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް، ނަމާދުކުރަން ދަސްކޮށްދިނުމުގެ ޕްރޮގްރާމް، މިފަދަ މުހިންމު ޕްރޮގްރާމްތައްވެސް ހިމެނޭ. އަދި ސަރުކާރުގެ އެހެން ފަރާތްތަކާ ގުޅިގެންވެސް ދިވެހި ރައްޔިތުންނަށް ބޭނުންވާ އިސްލާމީ ތަޢުލީމާއި، ދީނުގެ ޙުކުމްތައް އަންގައިދިނުމުގެ އެކިއެކި މަސައްކަތްތައް މަޢްހަދުގެ ފަރާތުން ހިންގަވަމުން ގެންދަވާ.

އާދެ، އެ ހުރިހާ މަސައްކަތްތަކެއް ހިންގެވުމުގެ އިސްވެރިޔަކަށް ހުންނެވީ، މަޢްހަދުގެ މުދީރު އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ. ޝައްކެއްނެތްގޮތުގައި، އޭނާ އެ ކޮށްދެއްވާ ޚިދުމަތަކީ، އޭގެ އަގު ވަރަށް ފުރިހަމަގޮތެއްގައި އަޅުގަނޑުމެން އެންމެން ވަޒަންކުރާ ޚިދުމަތްތަކެއް. އެހެންކަމާއެކު، މަޢްހަދު ފެށުނީއްސުރެ، މިހާތަނާ ޖެހެންދެންވެސް އެހާ ކާމިޔާބު ގޮތެއްގައި މަޢްހަދުގެ ތަޢުލީމުގެ ކަންތައްތަކާއި އަދި މަޢްހަދުގެ ތަފާތު ޙަރަކާތްތައް ހިންގަވައިދެއްވާފައިވާ ކަމަށްޓަކައި އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

އާދެ، މަޢްހަދަކީ އިސްލާމީ ޢަރަބި ތަޢުލީމުގެ މަރުކަޒެއްގެ ގޮތުގައި ހިނގަމުންދާ ތަނެއް. އަދި މުސްތަޤްބަލުގައިވެސް އެތަން ހިނގަމުންދާނީ އެގޮތަށްކަމަށް އަޅުގަނޑު ދެކެން. ރާއްޖޭގައި ތަފާތު ދެބާވަތެއްގެ ތަޢުލީމުގެ ޚިދުމަތް މިހާރު ހިންގަމުން އެބަ ގެންދެވޭ. އާދެ، އެއީ ކުރިއްސުރެން ފެށިގެން ހިނގަމުން އަންނަ އިނގިރޭސި ތަޢުލީމުގެ ޚިދުމަތާއި، މި މަޢްހަދު ހުޅުވުނީއްސުރެ، ހިނގަމުން މިއަންނަ ޢަރަބި ތަޢުލީމުގެ ޚިދުމަތާ، މި ދެ ޚިދުމަތް.

އާދެ، އިނގިރޭސި ތަޢުލީމާއި، ޢަރަބި ތަޢުލީމާ، މި ދެ ތަޢުލީމުވެސް އަމާޒުކުރެވިފައި ވަނީ، ރާއްޖޭގެ ކުރިއެރުމާއި ތަރައްޤީއަށް. އެހެންކަމުން، އެ ދެ ތަޢުލީމުގެމެދުގައި އޮންނަންޖެހޭނީ އެއްބާރުލުމާއި އެކުވެރިކަން. އެއީ، އެއްގޮތަކަށްވެސް ފުށުއަރާ ދެ ތަޢުލީމެއް ކަމަކަށް އަޅުގަނޑު ނުދެކެން. ޝައްކެއްނެތްގޮތުގައި، އިނގިރޭސި ތަޢުލީމު ޙާޞިލްކުރާ ކުދިންވެސް، ރާއްޖޭގައި ތަޢުލީމު ޙާޞިލްކުރި ނަމަވެސް، އަދި ރާއްޖޭން ބޭރަށް ގޮސް މަތީ ތަޢުލީމު ޙާޞިލްކުރި ނަމަވެސް، އެމީހުންގެ ޚިދުމަތްވެސް ލިބެންވާނީ ޤައުމަށް. ޤައުމުގެ ތަރައްޤީއަށް. ޤައުމުގެ ހަމަޖެހުމާއި ކުރިއެރުމަށް. ހަމައެފަދައިން، ޢަރަބި އިސްލާމީ ތަޢުލީމު ޙާޞިލްކުރާ ކުދިންވެސް، އެ ކުދިން އެ ތަޢުލީމު ޙާޞިލްކުރަނީ ރާއްޖޭގައި ތިބެގެން ކަމުގައިވިޔަސް، އަދި އޭގެފަހުން ރާއްޖޭން ބޭރަށް ގޮސް، މަތީ ތަޢުލީމު ޙާޞިލްކުރި ކަމުގައިވިޔަސް، އެ ކުދިންވެސް އެނބުރި ރާއްޖެއަށް އައިސް ޚިދުމަތް ކޮށްދޭންޖެހޭނީ ދިވެހި ޤައުމަށް، ދިވެހި ރައްޔިތުންނަށް، ދިވެހި މުޖުތަމަޢަށް. އަދި އެ ހުރިހާ އެންމެންގެވެސް މަޤްޞަދަކަށް ވާންޖެހޭނީ، ޤައުމުގެ ހަމަޖެހުމާއި، ކުރިއެރުމާއި ތަރައްޤީ. އެހެންކަމުން، މި ދެ ތަޢުލީމުގެ ދޭތެރޭގައި އެއްވެސްކަހަލަ ފުށުއެރުމެއް، ތަޢާރުޟުވުމެއް ނުވަތަ ހަމަނުޖެހުމެއް އޮވެގެނެއް ނުވާނެ.

އާދެ، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، އިސްލާމީ ތަޢުލީމަކީ ވަރަށް ކުރިއްސުރެ، ވަރަށް ފުޅާ ބިންގަލެއްގެ މައްޗަށް ހިނގަމުން އަންނަ އަދި ވަރަށް ތަނަވަސް ދާއިރާއެއްގައި، އޭގެ ފައިދާތައް ކުރަމުން އަންނަ ތަޢުލީމެއް. އެއީ، އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ދެކޭ ފަދައިން، ހަމައެކަނި ދީނުގެ ތަޢުލީމެއް ނޫން. ޝައްކެއްނެތް، ދީނުގެ ޙުކުމްތައް ދެނެގަތުމަކީ، އަޅުގަނޑުމެންގެ ކޮންމެ މުސްލިމެއްގެވެސް އެންމެ މުހިންމު ވާޖިބު. ދީނީ ތަޢުލީމު ޙާޞިލްކުރުމާއި، ދީނީ ތަޢުލީމު ލިބިދެވޭނެ ގޮތްތައް ރާވައި ހިންގުމަކީ، އިސްލާމީ ޤައުމެއްގެ ސަރުކާރުގެ ވަރަށް މުހިންމު ވާޖިބެއް. އެހެންނަމަވެސް، އޭގެއިތުރުން، ދިރިއުޅުން ތަރައްޤީކޮށް، ކުރިއަރުވާނެ މަގުތައް ހޯދައި އަދި އެ ކަންކަމަށް ބޭނުންވާ ޢިލްމުވެރިކަމާއި ހުނަރުވެރިކަން ޙާޞިލްކުރުމަކީ، އަދި އެ ޢިލްމުވެރިކަމާއި ހުނަރުވެރިކަން ޙާޞިލްކުރެވޭނެ މަގުތައް ތަނަވަސްކޮށްދިނުމަކީ، ކޮންމެ މުޖުތަމަޢެއްގެވެސް ވާޖިބު. މިގޮތުން، އަޅުގަނޑުމެންގެ ޢަރަބި އިސްލާމީ ތަޢުލީމުގެ، އޭގެ އެންމެ ކުރިއަށް ވިސްނާލާއިރުވެސް، އެ ތަޢުލީމު ހިނގަމުން އައިސްފައިވަނީ، އަޅުގަނޑުމެން މި ކިޔާ ދީނީ ތަޢުލީމުގެ އިތުރަށް، ދިރިއުޅުން ތަރައްޤީކޮށް، ކުރިއަރުވަން ބޭނުންވާ ހުރިހާ ފަންނުތަކަކާއި ހުނަރުތަކެއް ދަސްކޮށްދޭ ތަޢުލީމެއްގެ ގޮތުގައި.

އާދެ، އަޅުގަނޑުމެންގެ ކުރީގެ ޢިލްމުވެރިންނަކީ، މުޅި ދުނިޔެއަށް މަޝްހޫރުވެފައިވާ ޢިލްމުވެރިންތަކެއް. ބައެއް ނަންނަން ދަންނަވާލި ކަމުގައިވިޔަސް، އެއީ، އެ ބޭފުޅުންގެ ނަން ދެންނެވޭވަރަށްވުރެ މާގިނަ ޢަދަދެއްގެ ޢިލްމުވެރިންތަކެއްގެ ވާހަކަ އަޅުގަނޑު މި ދަންނަވަނީ. އޭގެތެރެއިން އެއްބޭފުޅަކީ، މުޙައްމަދު އިބްނި މޫސާ އަލް ޚުވާރިޒްމީ. އޭނާއަކީ ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ފަލަކު ޢިލްމުގެ އެންމެ ޤަދީމީ ތާވަލްތައް ހައްދަވާފައިވާ ޢިލްމުވެރިޔާ. އޭނާގެ ކުރިން ފަލަކު ޢިލްމުގެ ތާވަލްތައް ހެދިފައި ހުރި ކަމުގައިވިޔަސް، އެއިން އެއްވެސް އެއްޗަކީ މިހާތަނާ ޖެހެންދެން އަޅުގަނޑުމެންގެ އަތްމައްޗަށް އައިސްފައިވާ އެއްޗެއް ނޫން. އޭނާ ދުނިޔޭގައި އުޅުއްވީ، މީލާދީގޮތުން 8 ވަނަ ޤަރުނާއި، 9 ވަނަ ޤަރުނުގެ ތެރޭގައި. އާދެ، އެހެން ޢިބާރާތަކުން ދަންނަވަންޏާ، މީގެ 12 ޤަރުނުގެ ކުރިން ނުވަތަ 13 ޤަރުނުގެ ކުރިން. އެހާ ކުރިން އުޅުއްވި ޢިލްމުވެރިޔަކު، އެހާ މަތީ ހޯދުންތަކެއް ހޯއްދަވާފައިވާކަން، ޝައްކެއްނެތްގޮތުގައި، ދައްކައިދެނީ އަޅުގަނޑުމެންގެ ޢަރަބި އިސްލާމީ ތަޢުލީމުގައި ހިމެނެނީ ހަމައެކަނި އަޅުގަނޑުމެން މި ހީކުރާކަހަލަ ޢިލްމުތަކެއް ނޫންކަން. އޭގެ އިތުރުން، އަޅުގަނޑުމެން މި ދިރިއުޅޭ ދުނިޔެއާއި އަދި ކައުނާބެހޭ މަޢުލޫމާތު ހޯދައި، އޭގެ ފައިދާ މުޖުތަމަޢަށް ޙާޞިލްކޮށްދެވޭތޯ އެ ބޭފުޅުން ވަނީ ބައްލަވާފައިކަން. އާދެ، އޭނާ ހައްދަވާފައިވާ ފޮތްތަކުގެ ތެރޭގައި، ވަރަށް މަޝްހޫރު ފޮތެއް، މީލާދީގޮތުން 12 ވަނަ ޤަރުނުގެ ތެރޭގައި ތަރުޖަމާ ކުރެވިގެން (ލެޓިން ބަހަށް ތަރުޖަމާ ކުރެވިގެން) 12 ވަނަ ޤަރުނާއި، 16 ވަނަ ޤަރުނާ ދޭތެރޭގައި ޔޫރަޕްގެ ސްކޫލްތަކުގައި، މަދަރުސާތަކުގައި ކިޔަވައިދެވެމުން ގެންދެވިފައިވޭ. އެ ފޮތުގެ ނަމަކީ "ޙިސާބުލް ޖަބްރު ވަލްމުޤާބަލާ". އާދެ، އެއީ ޙިސާބު ޢިލްމާއި، އަލްޖަބްރާގެ ވަރަށް މުހިންމު ފޮތެއް. އެހެންކަމުން، އެ ފޮތުގެ ނަން އެއީ، މިހާތަނަށް ދާންދެންވެސް ވަރަށް މަޝްހޫރު ފޮތެއް ކަމުގައި ވެފައިވާ ފޮތެއް.

އާދެ، އަޅުގަނޑުމެންގެ ކުރީގެ ޢިލްމުވެރިން މަސައްކަތް ކުރައްވާފައި ވަނީ، ޙިސާބު ޢިލްމާއި، ފަލަކު ޢިލްމާއި، ބޭސްވެރިކަމާއި، ފަލްސަފާއާއި، މަންޠިޤާ އަދި މިނޫންވެސް އިންސާނިއްޔަތަށް ބޭނުންވާ ހުރިހާ ރޮނގެއްގައި. އޭގެތެރެއިން، ބޭސްވެރިކަމުގެ ރޮނގުން މަޝްހޫރުވެފައިވާ ވަރަށް ގިނަ ބޭފުޅުން އެބަ ތިއްބެވި. އޭގެތެރެއިން، ދެ ބޭފުޅެއްގެ ވާހަކަ އަޅުގަނޑު ދަންނަވާލާނަން. އެއްބޭފުޅަކީ އަބޫބަކުރުއްރާޒީ. އޭނާ ދުނިޔެއަށް ވަޑައިގަތީ، މީލާދީގޮތުން 865 ވަނަ އަހަރު. ދުނިޔެ ދޫކުރައްވައި ވަޑައިގަތީ، މީލާދީ ގޮތުން 925 ވަނަ އަހަރު. އޭނާ ދުނިޔޭގައި އުޅުއްވީ އެންމެ 60 އަހަރު ކަމުގައިވިޔަސް، އޭނާ އެއީ، ބޭސްވެރިކަމުގެ ރޮނގުންނާއި އަދި އެނޫންވެސް ތަފާތު މުހިންމު ރޮނގުރޮނގުން ވަރަށް މުހިންމު 113 ފޮތް ތައުލީފް ކުރެއްވި ބޭފުޅެއް. އަދި އޭގެ އިތުރުން، އާދައިގެ 28 ފޮތް ތައުލީފް ކުރައްވާފައިވޭ.

ތިޔަބޭފުޅުން ހިތްފުޅަށް ގެންނަވާ، އެ ޒަމާނުގައި މަޢުލޫމާތު ހޯދުމުގެ ދަތިކަން އޮންނާނެވަރާއި، ފޮތް ލިޔެ، ތަދުވީން ކުރުމުގެ ދަތިކަން އޮންނާނެވަރާ، އެކަންކަމަށް ވިސްނާވަޑައިގެންފައި، އެންމެ 60 އަހަރު ދުނިޔޭގައި ހުރި މީހަކު އެހާ ގިނަ ޢަދަދަކަށް ފޮތް ލިޔެ، ތަދުވީންކޮށް، ޝާއިޢުކޮށްހެދުމަކީ ކޮންފަދަ ދަތި، އުނދަގޫ އަދި ބުރަ މަސައްކަތަކަށްވާނެކަން ތިޔަބޭފުޅުން ނިކަން ވިސްނުންފުޅަށް ގެންނަވައި ބައްލަވާ. އާދެ، އޭނާއަކީ ބޭސްފަރުވާގެ ރޮނގުން ވަރަށް މަޝްހޫރުވި ބޭފުޅެއް. އޭނާ ހެއްދެވި ފޮތްތަކުގެ ތެރެއިން، އެންމެ މުހިންމު އެއް ފޮތަކީ، އެ ޒަމާނުގައިވެސް އަދި މިހާރުވެސް ނުރައްކާތެރި ކަމަށް ޤަބޫލުކުރެވޭ ދެ ބައްޔަކާ ބެހޭގޮތުން ހައްދަވާފައިވާ ފޮތެއް. އާދެ، "ކިތާބު އަލްޖުދަރީ ވަލްޙަޞްބާ". އެއީ ކަށިވިދުރިއާއި، ހިމަބިއްސާ ބެހޭގޮތުން ހައްދަވާފައިވާ ފޮތެއް. މީގެ 1000 އަހަރަށްވުރެ ކުރިން. އެ ޒަމާނުގައި އެ ދެ ބައްޔާ ބެހޭގޮތުން ހޯއްދެވެންހުރި ހުރިހާ ހޯއްދެވުންތަކެއް ހޯއްދަވާފައި، އަދި އެކަމާ ގުޅޭގޮތުން ހެއްދެވި ފޮތްތަކުގެ ތެރެއިން، ބޭސްފަރުވާގެ ފޮތްތަކުގެ ތެރެއިން ޒީނަތެއް ކަމުގައިވާ ފޮތެއްގެ ގޮތުގައި އެ ޒަމާނުގައި ކިޔަވައިދެވެމުން އައި ފޮތެއް އެއީ.

ހަމަ އެފަދަ އަނެއް ޢިލްމުވެރިޔެއް، އިބްނި ސީނާ. ވަރަށް މަޝްހޫރު ބޭފުޅެއް. އޭނާއަކީވެސް ހަމައެކަނި ބޭސްވެރިއެއް ނޫން. އޭނާއަކީ ފަލްސަފާގެ ޢިލްމުވެރިއެއް، ބޭސްވެރިއެއް، ފިޤްހު ޢިލްމުވެރިއެއް އަދި ފަލަކު ޢިލްމުގެވެސް ޢިލްމުވެރިއެއް. އެހެންގޮސް އޭނާ ޝައުޤުވެރިވެވަޑައިގަންނަވާ ކަންތައްތައް ގިނަކަމުންގޮސް އޭނާ މިއުޒިކްވެސް ކުޅުއްވާ. އަދި މިއުޒިކާ ބެހޭގޮތުންވެސް ވާހަކަފުޅު ދައްކަވައި، ފޮތް ލިޔުއްވާފައި އެބަހުރި. އޭނާ ދުނިޔޭގައި އުޅުއްވީ، މީލާދީގޮތުން 980 ވަނަ އަހަރާއި، މީލާދީގޮތުން 1038 ވަނަ އަހަރާ ދޭތެރޭގައި. އޭނާގެ ޢުމުރުފުޅަކީވެސް މާދިގު ޢުމުރުފުޅެއް ނޫން. އެހެންކަމުގައިވިޔަސް، ޢިލްމީ ދުނިޔޭގައި އަދި ޢިލްމީ މައިދާނުގައި އޭނާ ކުރައްވާފައިވާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، އޭނާއަށް އެރުވިފައިވާ ލަޤަބަކީ އައްޝައިޚުއްރައީސް. އެ ޒަމާނުގައި ހުންނެވި ޢިލްމުވެރިންގެ ތެރެއިން އެންމެ ކުޅަދާނަ، ޢިލްމުވެރިންގެ ރައީސް ކަމުގައި ހިމެނޭ އެންމެ މަޝްހޫރު ޢިލްމުވެރިޔާ. އޭނާ ހެއްދެވި ފޮތްތައްވެސް ވަރަށް ގިނަ. ބައެއް މީހުން ބުނާގޮތުގައި، މި ޒަމާނުގެ މީހުން ބުނާގޮތުގައި، 200 ފޮތަށްވުރެ ގިނަ ފޮތް އޭނާ ވަނީ ހައްދަވާފައި. އޭގެތެރެއިން، ވަރަށް މަޝްހޫރު ދެފޮތެއްގެ ވާހަކަ އަޅުގަނޑުމެންނާ ހަމައަށްވެސް އައިސްފައިވޭ. އެއީ، "އައްޝިފާ" ("ބަލި ފަސޭހަކޮށްދިނުން".) އެ ނަން ކިޔާ ފޮތަކާއި، "އަލް ޤާނޫނު ފިއްޠިއްބު"، އެހެން ކިޔާ ފޮތެއް، އެއީ "ބޭސްވެރިކަމުގެ ޤާނޫނު". މިފޮތަކީވެސް ވަރަށް މަޝްހޫރު ފޮތެއް. އެ ފޮތްވެސް ލެޓިންބަހަށް ތަރުޖަމާކުރެވުނީ، މީލާދީގޮތުން 12 ވަނަ ޤަރުނުގެ ތެރޭގައި. މީލާދީގޮތުން 12 ވަނަ ޤަރުނުގައި އެ ފޮތް ލެޓިން ބަހަށް ތަރުޖަމާކުރުމަށްފަހުގައި، 12 ވަނަ ޤަރުނާއި، 17 ވަނަ ޤަރުނާ ދޭތެރޭގައި، އާދެ، 500 އަހަރު ވަންދެން ޔޫރަޕްގެ މަދަރުސާތަކުގައި، ބޭސްވެރިކަމާބެހޭ އެންމެ މުހިންމު ފޮތަކީ، އެ ފޮތް ކަމުގައި ހިމެނިގެން ގޮސްފައިވޭ. އަދި އެ ފޮތް އެމީހުން ދިޔައީ ކިޔަވައިދެމުން.

އޭގެފަހުން، ޔޫރަޕްގެ ބޭސްވެރިކަމާބެހޭ ހޯދުންތައް ހޯދިފައިވަނީ، މިދެންނެވި ފޮތުގެ މައްޗަށް ބިނާކޮށް ކަމުގައި ޢިލްމުވެރިން ވިދާޅުވޭ. އެ ފޮތަކީ، މިޒަމާނުގެ ހުޅަނގުގެ ލިޔުންތެރިޔަކު، ޑޮކްޓަރ އޮސްލަރ ކިޔާ މީހަކު ބުނެފައިވާ ގޮތުގައި، ބޭސްވެރިކަމާ ބެހޭގޮތުން އެންމެ ދިގު މުއްދަތެއްގައި، އެންމެން ޤަބޫލުކުރާ އިންޖީލެއްކަމުގައި އޮތް ފޮތް. އާދެ، އެމީހުން، އެމީހުންގެ ދީނުގެ މިސާލެއް އެޖަހަނީ. އިންޖީލަކީ ޢީސާއީ ދީނުގެ ފޮތް. އެންމެން ޤަބޫލުކުރާ ނުވަތަ އެންމެން އެއަށް އިޙްތިރާމް ކުރާ ފޮތް އެއީ. އެމީހުން އެ ބުނަނީ އެއީ، ބޭސްވެރިކަމުގެ ރޮނގުން އޮތް، އެންމެ ގިނަ ދުވަހު ދެމިއޮތް އިންޖީލަކީ، އިބްނި ސީނާ ހެއްދެވި "އަލްޤާނޫނު ފިއްޠިއްބު" މިފޮތޭ. އެއިންވެސް އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ޢިލްމުވެރިން ކުރައްވާފައިވާ މުހިންމު މަސައްކަތްޕުޅުތައް އެބަ ދޭހަވޭ.

އާދެ، ދެން އަނެއް ބޭފުޅަކީ ޢުމަރުލްޚައްޔާމް. ޢުމަރުލްޚައްޔާމަކީ އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް އޭނާއަކީ ޝާޢިރެއް ކަމުގައި މަޝްހޫރުވެފައިވާ ބޭފުޅެއް. ރުބާޢިއްޔާތުގެ ނަމުން ހައްދަވާފައިވާ ޅެންތަކަކީ، މުޅި ދުނިޔެއަށް މަޝްހޫރު ޅެންތަކެއް. އެތައް ބަހަކަށް ތަރުޖަމާވެގެން ގޮސްފައިވާ ޅެންތަކެއް. އޭގައި އޭނާގެ ފަލްސަފާއާއި، އޭނާގެ ޚިޔާލުފުޅު ހުންނަގޮތާއި، އެކިއެކި ފަންނުތަކާ ދޭތެރޭގައި އޭނާ ދެކެވަޑައިގަންނަވާ ގޮތާ، މިހުރިހާ ވާހަކަތަކެއް ހުރޭ. އެހެންނަމަވެސް، އޭނާ އެއީ، ހަމައެކަނި ޝާޢިރެއް ނޫން. އޭނާ އެއީވެސް ވަރަށް މަޝްހޫރު ފަލަކު ޢިލްމުވެރިއެއް. އާދެ، ތަރިތަކާ ބެހޭ މަޢުލޫމާތު ހޯއްދަވައި އަދި ކަލަންޑަރު އީޖާދުކުރައްވައި، އާދެ، ތަޤްވީމު އީޖާދުކުރައްވައި ހެއްދެވި ބޭފުޅެއް. އޭނާ އުޅުއްވި ޒަމާނުގައި ހުންނެވި ސަލްޖޫޤީ ރަސްކަލެއް. ޖަލާލުއްދީން މަލިކުޝާހް، އޭނާއަށް ނިސްބަތްކުރައްވައި، ޢުމަރު އަލްޚައްޔާމް ހެއްދެވި ކަލަންޑަރެއް ނުވަތަ ތަޤްވީމެއް. އެއަށް ކިޔަނީ "އައްތައުރީޚުލްޖަލާލީ". އެ ކަލަންޑަރަކީ، މިހާރު އަޅުގަނޑުމެން މިގެންގުޅޭ ގްރިގޯރިއަން ކަލަންޑަރަށްވުރެވެސް ބަރާބަރުކަން ބޮޑު ތަޤްވީމެއް ކަމުގައި، ބައެއް ފޮތްތަކުގައި ލިޔެފައި އެބަހުރި. އާދެ، ގްރިގޯރިއަން ކަލަންޑަރުގައި، ކޮންމެ ތިންހާސް ތިންސަތޭކަ ތިރީސް އަހަރަކުން، އެއް ދުވަސް ތަފާތުވޭ. ޢުމަރުލްޚައްޔާމް ހެއްދެވި "އައްތައުރީޚުލްޖަލާލީ" އެއް ދުވަސް ތަފާތުވަނީ، ކޮންމެ ފަސްހާސް އަހަރަކުން. އެހެންވީމާ، ގްރިގޯރިއަން ކަލަންޑަރަށްވުރެ ބަރާބަރުކަން ބޮޑު ކަލަންޑަރެއް، އެހާ ކުރިން އޭނާ އެ ހެއްދެވީ، މީގެ ގާތްގަނޑަކަށް 900 އަހަރު ކުރިން ނުވަތަ 1000 އަހަރު ކުރިން. އޭނާ ދުނިޔޭގައި އުޅުއްވީ މީލާދީގޮތުން 11 ވަނަ ޤަރުނުގެ ތެރޭގައި.

ހަމަ އެފަދަ މުހިންމު ޢިލްމުވެރި އަނެއް ބޭފުޅެއް، އަލްބައިރޫނީ. ވަރަށް މަޝްހޫރު ޢިލްމުވެރިއެއް. އޭނާއަކީވެސް ޙިސާބު ޢިލްމާއި، ފަލަކު ޢިލްމުގެ ވަރަށް މުހިންމު ހޯދުންތަކެއް ހޯއްދަވާފައިވާ ބޭފުޅެއް. އަދި ނެޗްރަލް ސައިންސަސްއޭ އަޅުގަނޑުމެން މިކިޔާ ޢިލްމުތަކުގައި، އިސްލާމީ ތަޢުލީމުގައި އެންމެ މަތީ މަޤާމެއް ޙާޞިލްކުރައްވާފައިވާ ބޭފުޅަކީވެސް އެއީ. އިރުގެ ވަށައިގެން ބިން ދަތުރުކުރާ ނަޒަރިއްޔާއާބެހޭގޮތުން އޭނާ ލިޔުއްވާފައިވޭ. ހަމައެފަދައިން، ޖުޣްރާފީގޮތުން އެކި މައުޤިޢުތައް، އެކި ރަށްރަށް އޮންނަ ތަންތަން ހޯދުމަށް އަޅުގަނޑުމެން ބޭނުންކުރާ ޚައްޠު ޢަރްޟާއި، ޚައްޠު ޠޫލު، އާދެ، ލެޓިޓިއުޑާއި ލޮންޖިޓިއުޑް، އެވެސް ހޯއްދަވައި، ވަރަށް ބަރާބަރު ގޮތަކަށް އެ ޚައްޠުތައް ކަނޑައަޅުއްވައި ހައްދަވާފައިވާ ބޭފުޅެއް، އަލްބައިރޫނީ އެއީ. މިހުރިހާ ބޭފުޅުންވެސް އަދި މިނޫން އެހެން ބޭފުޅުންވެސް އިސްލާމީ ތަޢުލީމުގައި ތަފާތު ހޯދުންތައް ހޯއްދަވައި، މި ޒަމާނުގެ އަޅުގަނޑުމެންގެ މި ޢިލްމުވެރިކަން އާދެ، މިދެންނެވީ ދުނިޔަވީ ޢިލްމުތައް، ޙިސާބު ޢިލްމާއި އަދި ފަލަކު ޢިލްމާއި، ބޭސްވެރިކަމާއި، ފިޒިކްސް، ކެމިސްޓްރީ، ބައޮލޮޖީ، މިކަހަލަ ޢިލްމުތަކުގެ އެންމެ ފުރަތަމަ ބިންގާ، މިހާރުގެ މި ކުރިއަރާފައިވާ ކުރިއެރުންތަކުގެ ބިންގާ އަޅުއްވައިދެއްވާފައި ވަނީ، އިސްލާމީ ތަޢުލީމުގެ މިދެންނެވި މަޝްހޫރު ބޭފުޅުންނާއި އަދި އެނޫންވެސް އެހެން ބޭފުޅުން. އެބޭފުޅުންގެ ލިސްޓަކީ ވަރަށްވެސް ދިގު ލިސްޓެއް.

އެހެންވީމާ، އެވާހަކަ އަޅުގަނޑަކަށް މިތާނގައި ދެއްކޭކަށެއް ނެތް. އަދި ދެއްކުމުގެ ބޭނުމެއް އޮތް ކަމަކަށްވެސް ނުދެކެން. އަޅުގަނޑުގެ މަޤްޞަދަކީ، ހަމައެކަނި އިސްލާމީ ތަޢުލީމަކީ ފިޤްހު ޢިލްމާއި، ތަފްސީރު ޢިލްމާއި، ޙަދީޘް ޢިލްމު އެކަންޏެއް ނޫނޭ ދެންނެވުން. އިސްލާމީ ތަޢުލީމަކީ، އަޅުގަނޑުމެންގެ ދިރިއުޅުމަށް ބޭނުންވާ ހުރިހާ ރޮނގުރޮނގަކުން ފުރިހަމަ މަޢުލޫމާތު އަޅުގަނޑުމެންނަށް ގެނެސްދޭ ތަޢުލީމެކޭ ދެންނެވުން. އެހެންކަމުން، މަޢްހަދުގެ ތަޢުލީމުވެސް ބިނާވެފައި މިވަނީ އެގޮތުގެ މައްޗަށް. އަޅުގަނޑުމެންގެ މަޢްހަދުގައިވެސް ޢިލްމީ ބަޔަކާއި، އަދަބީ ބައެއް އެބައޮތް. ޢިލްމީ ބައިގައި މިދެންނެވި ޢިލްމުތައް ކިޔަވައިދޭ. އަދި އެއީ، ވަރަށް މުހިންމު މާއްދާތަކެއް ކަމުގައި އަޅުގަނޑު ދެކެން. އެކަހަލަ މާއްދާތައް ކިޔަވައިގެން، އަޅުގަނޑުމެންނަށް ދުނިޔޭގައި ކަންތައްތައް ވަމުންދާގޮތް އެނގޭނީ. ދުނިޔެއާ ބެހޭގޮތުން ޚިޔާލުކޮށް، ދުނިޔެ ކުރިއަރަމުންދާ ކުރިއެރުމުގައި އަޅުގަނޑުމެންނަށް ބައިވެރިވެވޭނީ.

އެހެންވީމާ، އަޅުގަނޑު ދަންނަވަން މިއުޅޭ އެއްޗަކީ، އަޅުގަނޑުމެންގެ ރާއްޖޭގައި ޢަރަބި އިސްލާމީ ތަޢުލީމުގެ ގޮތްޕަކާއި، އިނގިރޭސި މަދަނީ ތަޢުލީމުގެ ގޮތްޕަކާ ދެގޮފި އޮތް ކަމުގައިވިޔަސް، އެ ދެގޮފިވެސް އަމާޒުކުރެވިފައި ވަނީ އަޅުގަނޑުމެންގެ ޤައުމީ މަޞްލަޙަތުގެ މައްޗަށޭ. އަޅުގަނޑުމެންގެ ޤައުމަށް ކުރިއެރުމާއި، ހަމަޖެހުމާއި، ތަރައްޤީ ގެނެސްދިނުމުގެ މައްޗަށޭ. އެހެންކަމުން، އެ ދެ ގޮފީގެ ދޭތެރޭގައިވެސް އޮންނަންވާނީ އެއްބާރުލުމޭ.

އާދެ، މިއަދުގެ މި ޖަލްސާގައި މިހާރުވެސް ތަންކޮޅެއް ގިނައިރު އަޅުގަނޑަށް ވާހަކަ ދެއްކިއްޖެކަންނޭނގެ. އެހެންނަމަވެސް، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަޅުގަނޑުވެސް ބައެއް ބޭފުޅުންނަށް ޝުކުރު ދަންނަވާލަން ބޭނުންވޭ. އެންމެ ފުރަތަމަ މި މަޢްހަދު އުފެދުނުއިރު، އަދި މަޢްހަދުގެ ޙަޔާތުން ގިނަ އަހަރުތަކެއް ވޭތުވެގެންދިޔައިރު، މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު މުހަންމަދު ޒާހިރު ޙުސައިނަށް ވަރަށް ޚާއްޞަ ޝުކުރެއް ދެންނެވުމަކީ، މިއަދުގެ މުނާސަބަތުގައި އަޅުގަނޑުގެ ވާޖިބެއް ކަމުގައި އަޅުގަނޑު ދެކެން. އެ މަނިކުފާނު އެ މަޤާމުގައި ހުންނަވައިގެން، ރާއްޖޭގެ ތަޢުލީމަށް ވަނީ ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައި. އެ ޚިދުމަތްތަކުގެ ތެރޭގައި، ރާއްޖޭގައި އަލަށް ފެށިގެން ހިނގައިގަތް ޢަރަބި އިސްލާމީ ތަޢުލީމަށްވެސް އެމަނިކުފާނު ވަނީ މަތިވެރި ޚިދުމަތްތަކެއް ކޮށްދެއްވާފައި. އޭގެ އަގުހުރި ދަލީލެއް، މަޢްހަދުއްދިރާސާތިލް އިސްލާމިއްޔާ ފެށިގެން، މިހާ ފުރިހަމަގޮތެއްގައި އަދި މިހާ ކާމިޔާބު ގޮތެއްގައި ހިނގަމުން އައިސްފައިވާކަން އެއީ. އާދެ، އެހެންކަމުން، އަލްއުސްތާޛު މުޙަންމަދު ޒާހިރު ޙުސައިނަށް މިއަދުގެ މުނާސަބަތުގައި، ތިޔަ އެންމެ ބޭފުޅުންގެ ނަންފުޅުގައި ޝުކުރާއި ތަޢުރީފު ދެންނެވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްވެސް ބޮޑު އުފަލެއް. ހަމަ އެފަދައިން، މިހާރުގެ މިނިސްޓަރ އޮފް އެޑިޔުކޭޝަން އަލްއުސްތާޛު ޢަބްދުﷲ ޙަމީދަށާއި، އެ މިނިސްޓްރީގެ ދީނީ ތަޢުލީމާބެހޭ ބައިގެ މުދީރު އަލްއުސްތާޛު ޙުސައިން ޢަބްދުއްރަޙްމާނަށާއި އަދި އެ މިނިސްޓްރީގެ އިސްވެރިންނަށާއި، މަޢްހަދުއްދިރާސާތިލް އިސްލާމިއްޔާގެ މުދީރު އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާއަށާއި، މަޢްހަދުގެ ހިންގުންތެރިންނަށާއި، މުދައްރިސުންނަށްވެސް ޝުކުރު ދެންނެވުމަކީ މިއަދު އަޅުގަނޑަށް ލިބޭ ވަރަށްވެސް ބޮޑު އުފަލެއް. އެހުރިހާ ފަރާތްތަކެއްގެ އެއްބާރުލެއްވުމާއި އެހީތެރިކަން ލިބިގެން ނޫނީ، މިފަދަ މަޢްހަދެއް ކާމިޔާބުގޮތެއްގައި ހިނގަމުން ނުދާނެކަން، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ.

އާދެ، ކުރިންވެސް ދެންނެވި ފަދައިން، އިބްރާހީމް ރަޝީދު މޫސާއަކީ، މަޢްހަދު ފެށުނީއްސުރެން ފެށިގެން މިހާތަނާ ޖެހެންދެން މަޢްހަދު ކުރިއަށް ގެންދިޔުމުގައި ވަރަށް ބުރަ މަސްއޫލިއްޔަތުތަކެއް އަދާކުރައްވާފައިވާ، ވަރަށް ޤާބިލް ބޭފުޅެއް. އޭނާ، މަޢްހަދުގެ ދާއިރާގައި ކުރައްވާ ޚިދުމަތުގެ އިތުރަށް، ސަރުކާރުގެ އެހެން ބޭނުންތަކުގައިވެސް ވަރަށް ބޮޑަށް ޚިދުމަތް ކޮށްދެއްވާކަން މިފުރުޞަތުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ. މިސާލަކަށް، ބަރަކާތްތެރި ރަމަޟާން މަހުގެ ރޭތައް އިޙްޔާކޮށް، ދިރުވުމުގެ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަތުމަށް ބޭރުން ވަޑައިގަންނަވާ ބޭފުޅުންނާ ޙަވާލުވެވަޑައިގެން ހުންނެވުމާއި، އެ ބޭފުޅުންގެ ހުރިހާ ކަމެއް އިންތިޒާމުކޮށްދެއްވުމާއި އަދި އެ ބޭފުޅުން ދެއްވާ ދީނީ ތަޤްރީރުތައް ތަރުޖަމާކޮށްދެއްވުމާއި، މިކަހަލަ މުހިންމު ވަރަށް ގިނަ ޚިދުމަތްތައް އޭނާ ގެންދަވަނީ ސަރުކާރަށް ކޮށްދެއްވަމުން. އެހެންކަމުން، އަދިވެސް އެއްފަހަރު، މަޢްހަދުގެ މުދީރަށް ޝުކުރާއި މަރްޙަބާ ދަންނަވަން.

އާދެ، މަޢްހަދެއް ނުވަތަ މަދަރުސާއެއް ހިނގަމުންދާނީ، އެ ތަނެއްގައި އެކަށީގެންވާ ލިޔާޤަތްތެރި، ޢިލްމުވެރި މުދައްރިސުންތަކެއް ތިބެގެން. މި މަޢްހަދު ހިނގަމުން މިދަނީވެސް އެފަދަ ގޮތެއްގައި. އެހެންކަމުން، މި މަޢްހަދުގައި ޙަރަކާތްތެރިވެވަޑައިގަންނަވާ އަދި މި މަޢްހަދުގެ ދަރިވަރުންނަށް ކިޔަވައިދެއްވަމުން ގެންދަވާ ހުރިހާ މުދައްރިސުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. އޭގެތެރޭގައި، ރާއްޖެއިން ބޭރުން ވަޑައިގެން، އަޅުގަނޑުމެންނަށް އެހީވެދެއްވުމުގެ ގޮތުން، މަޢްހަދުގައި ކިޔަވައިދެއްވަމުން ގެންދަވާ މުދައްރިސުންނާއި، އަޅުގަނޑުމެންގެ ދިވެހި މުދައްރިސުންވެސް ޝާމިލްކުރަން.

އާދެ، މިއަދު މިފެށުނު ބޮޑު މަޝްރޫޢު ހިންގަވައިދެއްވާ ފަރާތަކީ، މިނިސްޓްރީ އޮފް ޕަބްލިކް ވާރކްސް އެންޑް ލޭބަރ ކަމަށްވާތީ، އެ މިނިސްޓްރީގެ އިސްވެރިޔާ އާދެ، މިނިސްޓަރ އޮފް ޕަބްލިކް ވާރކްސް އެންޑް ލޭބަރ އަލްފާޟިލް ޢަބްދުﷲ ކަމާލުއްދީނަށާއި، އެ މިނިސްޓްރީގެ އިސްވެރިންނަށާއި، ހުރިހާ މުވައްޒަފުންނަށްވެސް މި މުހިންމު މަޝްރޫޢު ކުރިއަށް ގެންދިޔުމުގެ ހެޔޮ ތައުފީޤު ދެއްވުން އެދި ﷲގެ ޙަޟްރަތަށް ދުޢާކުރަމުން، އެހުރިހާ ބޭފުޅުންނަށްވެސް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، اللّـه سبحـانـه وتعـالى މާތްވެގެންވާ އިސްލާމްދީނުގެ ތެދުމަގުގައި ފައިތިލަ ސާބިތުކުރުމުގެ ހެޔޮ ތައުފީޤު މުޅި ދިވެހި އުންމަތަށް ދެއްވުން. އަޅުގަނޑުމެންގެ ރާއްޖޭގައި އިސްލާމީ ތަޢުލީމާއި، އިސްލާމީ ފަންނުތައް ދިރުވުމުގެ ތައުފީޤު އަޅުގަނޑުމެންނަށް މިންވަރުކުރެއްވުން. އަޅުގަނޑުމެންގެ ތެރެއިން ތަޢުލީމު ޙާޞިލްކުރާ އެންމެންނަކީ ދީނަށް ވަފާތެރި، ޤައުމަށް ތެދުވެރި އަދި ޢާންމު ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު ޚިދުމަތްކުރާ ބަޔަކު ކަމުގައި އެކަލާނގެ ލެއްވުން. ހުރިހާގޮތަކުންވެސް އުފާވެރި، ތަނަވަސް، ބާއްޖަވެރި މުސްތަޤްބަލެއް اللّـه سبحـانـه وتعـالى ދިވެހިރާއްޖެއަށް ދެއްކެވުން.

والسّــلام عليــكم ورحـمــة اللّـه وبـركاتـه.