بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَلصّـلاة وَالسّلام علـى أشرف المرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.


އާދެ، މިރޭގެ މި އުފާވެރި މުނާސަބަތުގައި، އަޅުގަނޑުގެ ވާހަކަކޮޅު ފަށަން މިޖެހެނީ މަޢާފަށް އެދެމުން. އާދެ، އެއީ، މާލޭ އިންގްލިޝް ސްކޫލަށް އާދެ، އެމް.އީ.އެސް.އަށް 15 އަހަރު ފުރުނީ، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގެންނަވާނެ ފަދައިން، މިދިޔަ އެޕްރީލް މަހުގެ 10 ވަނަ ދުވަހު. އެ ދުވަހުން ފެށިގެން މި އުފާވެރި ޖަލްސާ ބޭއްވެވުމުގެ އިންތިޒާމު ހަމަޖެއްސެވުމަށް އެމް.އީ.އެސް.ގެ ޕްރިންސިޕަލް ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުން ގެންދަވާފައިވޭ. އެހެންނަމަވެސް، އަޅުގަނޑުގެ މަސައްކަތް ހުރިގޮތުންނާއި، ވަގުތުގެ ދަތިކަން ހުރިގޮތުން އަޅުގަނޑަށް މީގެކުރިން ސްކޫލަށް އައުމުގެ ފުރުޞަތު ލިބެންނެތުމާ އެކީގައި، މި ޖަލްސާ މިރެޔަށް ފަސްކުރައްވަން ސްކޫލްގެ އިދާރާއަށް ޖެހިވަޑައިގަތީ އެ ސަބަބަށްޓަކައި ކަމަށްވާތީ، ސްކޫލްގެ ހިންގުންތެރި ޕްރިންސިޕަލްގެ އަރިހުންނާއި އަދި މަސްއޫލުވެރިންގެ އަރިހުން އަޅުގަނޑު މަޢާފަށް އެދެން.

ކޮންމެއަކަސް، އެ ބޭފުޅުން، އަޅުގަނޑާ މެދު ބެހެއްޓެވި އޯގާތެރިކަން ވަރަށްވެސް ބޮޑު. އަޅުގަނޑަށް ފުރުޞަތެއް ލިބެންދެން ލަސްކުރައްވައިގެން ތިއްބަވާފައި، މިރޭ އެ ޖަލްސާ މި ބޭއްވެވީ. އެހެންކަމާއެކު، މި ޖަލްސާއަށް އައުމަށް އަޅުގަނޑަށް ދަޢުވަތު ދެއްވި ކަމަށްޓަކައި ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް ޢަލީ މުޞްޠަފާއަށާއި، ސްކޫލްގެ އިދާރާއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އާދެ، މަދަރުސާތަކަށް ދިޔުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްވެސް ބޮޑު އުފަލެއް. އެހެންނަމަވެސް، އަނެއްކާވެސް ދަންނަވަންޖެހެނީ، އަޅުގަނޑުގެ މަސައްކަތް ހުންނަގޮތުން، އަޅުގަނޑު އެދޭ މިންވަރާ ގާތަށްވެސް މަދަރުސާތަކަށް ޒިޔާރަތެއް ނުކުރެވެއޭ. އާދެ، މަދަރުސާތަކަށް ދިޔުމަށް އަޅުގަނޑު އެންމެ ބޮޑަށް ޝައުޤުވެރިވާ ސަބަބަކީ، އަޅުގަނޑަކީވެސް އަޞްލުގައި ޓީޗަރަކަށްވާކަން ކަމަށްވެސް ވެދާނެ. މާލެއައިސް އެންމެ ފުރަތަމަ އަޅުގަނޑު ފެށި މަސައްކަތަކީވެސް ކިޔަވައިދިނުން. އާދެ، އަމީނިއްޔާ ސްކޫލްގައި އަޅުގަނޑު ކިޔަވައިދޭން އުޅުނިން. އަދި އަމިއްލަ ބައެއް މަދަރުސާތަކުގައިވެސް އަޅުގަނޑު ކިޔަވައިދޭން އުޅުނިން. އަދި އަޅުގަނޑު ތައްޔާރުވެފައި މިވަނީވެސް އަޅުގަނޑު ހިތުން ޓީޗަރަކަށްވާން. އެހެންވީމާ، އެ ހުރިހާ ގޮތަކުންވެސް މަދަރުސާތަކަށް ޒިޔާރަތްކޮށް، ކިޔަވާކުދިންނާ ބައްދަލުކޮށް ވާހަކަ ދައްކާލުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލަކަށް އޮންނަނީ ވެފައި. އެހެންކަމާއެކީގައި، މިރޭގެ
މި ފުރުޞަތު އަޅުގަނޑަށް ދެއްވި ކަމަށްޓަކައި ވަރަށް ބޮޑަށް އުފާކުރާ ވާހަކަވެސް ސްކޫލްގެ ވެރިންނަށް އަޅުގަނޑު ދަންނަވާލަން.

އާދެ، މިރޭ އަޅުގަނޑުމެން މި ފާހަގަކުރާ މުނާސަބަތަކީ، މި ސްކޫލަށް، އާދެ، މާލޭ އިންގްލިޝް ސްކޫލަށް، އެމް.އީ.އެސް.އަށް 15 އަހަރު ފުރުމުގެ މުނާސަބަތު. ޝައްކެއްނެތް، ވަރަށް މުހިންމު މުނާސަބަތެއް. ވަރަށް އުފާވެރި މުނާސަބަތެއް. އަދި އަމިއްލަ ބަޔަކު ފަށައިގެން އުޅޭ މިފަދަ މަސައްކަތެއް މިހާ ކާމިޔާބު ގޮތެއްގައި 15 އަހަރު ވަންދެން ދެމިއޮތްކަން އެއީ، މި މުނާސަބަތަށް ތާރީޚީ ދުރުމިނެއްވެސް ގެނެސްދޭ ކަމެކޭ އަޅުގަނޑަށް ދެންނެވޭނީ.

އާދެ، މި ސްކޫލް ފެށިގެން އައިގޮތާ ދޭތެރޭގައި، ސްކޫލްގެ މަސްއޫލު މެންބަރުންގެ ތެރެއިން ދެބޭފުޅުންވެސް ވާހަކަފުޅު ދައްކަވައިފި. އެހެންވީމާ، އެކަމާ ދޭތެރޭގައި އަޅުގަނޑު އެއްޗެއް ދަންނަވާކަށް ނެތިން. އެހެންނަމަވެސް، އަޅުގަނޑަށް ދަންނަވަންޖެހެނީ، މަސްއޫލުވެރިއެއް ކަމުގައިވާ އަލްފާޟިލް ޙުސައިން ޝިހާބް ދެއްކެވި ވާހަކަފުޅާއި އަދި އޭގެފަހުން، މިނިސްޓަރ އޮފް އެޑިޔުކޭޝަން ދެއްކެވި ވާހަކަފުޅަށް ވިސްނާލާއިރު، އަޅުގަނޑުގެ ހިތަށް އަންނަނީ، ޗައިނާބަހުން ބުނެއުޅޭ ހަރުބަހެކޭ ދަންނަވާލަންޖެހެނީ. އާދެ، މި ސްކޫލް ފެށިގެން އައީ ވަރަށް ކުޑަގޮތަކަށް. އެންމެ 26 ކުދިން ކިޔަވަމުން އައީ ގޯނިން ހަދާފައިވާ ކުޑަކުޑަ ޢިމާރާތެއްގައި. މިހާރު ޢިމާރާތުގެ ގޮތުން އެއަށްވުރެ މާތަނަވަސް. އަދި ސްކޫލްގައި އުޅޭ ދަރިވަރުންގެ ޢަދަދު ދެހާހަށްވުރެ މައްޗަށް ހިނގައްޖެ. އާދެ، ސްކޫލް ފެށުނުއިރު ތިބި ކުދިންގެ ޢަދަދު ގާތްގަނޑަކަށް 100 ގުނައަށް އިތުރުވެގެން ހިނގައްޖެ. މި ކަންތައް އަޅުގަނޑުގެ ހަނދާނަށް ގެނެސްދެނީ، ޗައިނާބަހުގެ ހަރުބަހެއް. އާދެ، އެ ބަހުގައި އެ މީހުން ބުނާކަމަށް އަޅުގަނޑަށް ބައެއް ފޮތްފޮތުން ފެނިފައި އޮތީ، 1000 މޭލުގެ ދިގު ދަތުރެއްވެސް ފެށެނީ އެންމެ ފިޔަވަޅަކުންނޭ. އާދެ، އެ މިސާލު އަޅުގަނޑުމެންނަށް މިރޭ ވަރަށް އެކަށީގެންވާ ގޮތެއްގައި މިއޮތީ ފެންނަން. އެންމެ ފިޔަވަޅަކުން ފެށްޓެވި މި މަދަރުސާ މިއަދު ވަނީ މި މަދަރުސާގެ އުފާވެރި އަދި ކާމިޔާބު ރާސްތާގައި ވަރަށްބޮޑު ދުރުމިނެއް ކަޑައްތުކޮށްފައި. ވަރަށް ގިނަ ކާމިޔާބީތަކެއް ހޯދާފައި. ކާމިޔާބީއެއް ހޯދޭނީ އެކަމަށް ބަޔަކު މަސައްކަތް ކޮށްގެން. އެކަށީގެންވާ ބުރަ މަސައްކަތްތަކެއް ކޮށްގެން. އެހެންކަމުން، އެމް.އީ.އެސް. މި ހޯދި ކާމިޔާބީގެ ފަހަތުގައި ވަރަށް އިޚްލާޞްތެރި ބުރަ މަސައްކަތްތަކެއް ކުރެއްވި ފަރާތްތަކެއްވާކަން ކަށަވަރު. އާދެ، އެ ފަރާތްތައް ނުވަތަ އެ ފަރާތްތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު ބޭފުޅުންކޮޅު މި ތިއްބެވީ އަޅުގަނޑުމެންނަށް ސްޓޭޖްމަތިން ފެންނަން. އެހެންކަމާއެކީގައި، އެމް.އީ.އެސް.އަށް 15 އަހަރު ފުރުމުގެ އުފާވެރި މުނާސަބަތުގައި، އެ ސްކޫލްގެ ދެ މަސްއޫލުވެރިން ކަމުގައިވާ އަދި އެ ސްކޫލް ވަރަށް ކުޑަކުޑަ ގޮތެއްގައި ފަށްޓަވައި ދެއްވި އަލްފާޟިލް އަޙްމަދު ޒާހިރަށާއި، އަލްފާޟިލް ޙުސައިން ޝިހާބަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން. ހަމަ އެފަދައިން، އަލްފާޟިލް އަޙްމަދު ޒާހިރުގެ ވާހަކަފުޅުގައި ވިދާޅުވިފަދައިން، ސްކޫލް އުފެދުނުތާ ދެތިން އަހަރު ދުވަހުގެތެރޭގައި، ސްކޫލްގެ ހިންގުމަށް އައި ބަދަލެއްގެ ނަތީޖާއެއްގެ ގޮތުން، މި ސްކޫލްގެ ހުރިހާ ކަމަކާ ޙަވާލުވެވަޑައިގެން ރެޔާއިދުވާލު ވަރަށް ބުރަ މަސައްކަތާއި، ހިންމަތާއި މިންނަތް ކުރެއްވި އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ އޭރުގެ ސްކޫލްގެ އެސިސްޓެންޓް ޕްރިންސިޕަލް އަދި މިހާރު ސްކޫލްގެ ޕްރިންސިޕަލް އަލްފާޟިލް ޢަލީ މުޞްޠަފާއަށްވެސް ވަރަށް އިޚްލާޞްތެރި ތަހުނިޔާއެއް އަޅުގަނޑު ދަންނަވަން. ސްކޫލްގެ އެކި ކަންތައްތަކުގައި އެ ބޭފުޅުންނާ އެހީތެރިވެދެއްވި އަޅުގަނޑުގެ ފަހަތުގައި މި އިންނެވި އަލްފާޟިލް ޢަދުނާނަށާއި އަދި އެކޮޅުގެ ކަނުގައި ހުރި ގޮނޑީގައި އިންނެވި އަލްފާޟިލް މުޙައްމަދު އަޙްމަދަށްވެސް މި މުނާސަބަތުގައި އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވަން.

އާދެ، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، ކާމިޔާބު މަސައްކަތެއްގެ ފަހަތުގައި ވަރަށް ގިނަ ބަޔަކު ތިބޭނެ. އޭގެތެރެއިން ބައެއް ބޭފުޅުންގެ ނަންތައް އަޅުގަނޑުމެންނަށް ހާމަވެގެން ގޮސްފައި އެވަނީ. އަދި އެ ބޭފުޅުންނަށް ތަހުނިޔާ ދެންނެވުމުގެ އުފާވެސް އަޅުގަނޑަށް މި ލިބިގަނެވުނީ. އޭގެއިތުރުން، ސްކޫލެއް ކާމިޔާބުވުމުގައި އެންމެ ބޮޑަށް މަސައްކަތްކުރާ އިތުރު ދެ ފަރާތެއް އެބަތިބި. އޭގެތެރެއިން އެއް ފަރާތަކީ، ސްކޫލްގެ މުދައްރިސުންނާއި މުދައްރިސާއިން. ޝައްކެއްނެތް، އެއްވެސް ސްކޫލެއް، މަދަރުސާއެއް ނުހިނގާނެ އެކަށީގެންވާ މުދައްރިސުންނާއި މުދައްރިސާއިން ނެތިއެއް. އެހެންކަމާއެކު، އެމް.އީ.އެސް. މިހާ ކުލަގަދަ ކާމިޔާބީތަކެއް، މި ވޭތުވެދިޔަ 15 އަހަރު ދުވަހުގެތެރޭގައި ހޯދާފައިވާކަމުގެ އެންމެބޮޑު އެއް ސިއްރަކީ، ސްކޫލްގައި ކިޔަވައިދެއްވަން އުޅުއްވި އަދި މިހާރުވެސް އުޅުއްވާ މުދައްރިސުންނާއި މުދައްރިސާއިން ކަމަށްވާތީ، އެ ބޭފުޅުންނަށްވެސް މި އުފާވެރި، ތާރީޚީ މުނާސަބަތުގައި ތަހުނިޔާ ދެންނެވުމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.

އާދެ، ސްކޫލްގައި ނާޡިރަކާއި، ހެޑްމާސްޓަރަކާއި، މުދައްރިސުންނާއި، މުދައްރިސާއިން ތިއްބެވި ކަމުގައިވިޔަސް، ސްކޫލްގައި ކިޔަވާކުދިން ނެތްނަމަ، އެއީ، ސްކޫލަކަށް ނުވާނެ. ހަމަ އެފަދައިން، ސްކޫލެއް އެއްވެސް ކަމެއް ކާމިޔާބުކުރާނީ، އެ ސްކޫލްގައި ހިންމަތާއެކު މަސައްކަތްކުރާ ދަރިވަރުންތަކެއް ތިބެގެން. އެކަން އެހެން އޮތުމާ އެކީގައި، މި ވޭތުވެދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި، ތަފާތު ރޮނގުރޮނގުގައި އާދެ، ތަޢުލީމީ ރޮނގުން، ކުޅިވަރުގެ ރޮނގުން، ދިވެހިބަހުގެ އެކިއެކި އަދަބީ މަސައްކަތްތަކުގެ ރޮނގުން، މިއުޒިކާއި ލަވައިގެ ރޮނގުން، މި ހުރިހާ ރޮނގަކުން އެމް.އީ.އެސް ފަޚުރުވެރި ކާމިޔާބީތަކެއް ހޯދާފައި ވަނީ ޝައްކެއްނެތްގޮތުގައި، މި ސްކޫލްގެ ލޮބުވެތި ދަރިވަރުން އާދެ، ޠާލިބުންނާއި ޠާލިބާއިން ކޮށްފައިވާ މިންނެތް މަސައްކަތުގެ ސަބަބުންކަން ޔަޤީންވާތީ، މި ސްކޫލްގެ އިހުގެ ޠާލިބުންނަށާއި، ޠާލިބާއިންނަށާއި އަދި މިހާރުގެ ޠާލިބުންނަށާއި، ޠާލިބާއިންނަށްވެސް މި ފުރުޞަތުގައި އަޅުގަނޑުގެ ހިތުގެ އެންމެ އިޚްލާޞްތެރި ލޯތްބާ އެކީގައި ތަހުނިޔާއާއި މުބާރަކުބާދީ ރައްދުކުރަން.

އާދެ، އެމް.އީ.އެސް.އަކީ އަމިއްލަ ފަރާތްތަކަކުން އިސްނަންގަވައިގެން އުފެއްދެވި މަދަރުސާއެއް. އެ ފަރާތްތަކުގެ ހިންމަތާއި މިންނަތުން ކުރިއަށް ގެންދަވާ މަދަރުސާއެއް. މިއިން އަޅުގަނޑުމެންނަށް އަންގައިދޭ އެއްޗަކީ، އަޅުގަނޑުމެންގެ ރާއްޖެ މިހާރު ތަރައްޤީގެ މަގުގައި ކުރިއަށް ގޮސްފައިވާ މިންވަރު. އާދެ، މީގެ ވިއްސަކަށް އަހަރު ކުރިއަށް ވިސްނަވާއިރު ނުވަތަ އެއަށްވުރެ ތަންކޮޅެއް ކުރިއަށް ވިސްނެވިކަމުގައިވިޔަސް، ތިޔަ ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، ކޮންމެ ކަމެއްވެސް ކުރަން ޖެހިފައި އޮންނަނީ ސަރުކާރަށް. ކުދިންނަށް ކިޔަވައިދޭން ޖެހެނީވެސް ސަރުކާރުން. މީހުން ބަލިވެއްޖެނަމަ ބޭސްކޮށްދޭން ޖެހެނީވެސް ސަރުކާރަށް. އަދި ތަނުގެ ތަރައްޤީއަށް ކުރަންޖެހޭ ކޮންމެ މަސައްކަތެއް ކުރަންޖެހެނީ ސަރުކާރުން. އެކަމަކު އެއީ، ކުރިއަރަމުން އަންނަ އެއްވެސް ޤައުމެއްގައި، އެކަން އޮންނަ ގޮތެއް ނޫން. އަދި އެކަން އޮންނަންވާނެ ގޮތެއްވެސް ނޫން.

އެހެންވީމާ، މިހާރު އަޅުގަނޑުމެންނަށް މި ތިބެވެނީ، މި ދެންނެވި ކުރީގެ މަރުޙަލާ ކަޑައްތުކޮށް، އެއަށްވުރެ އުފެއްދުންތެރި މަރުޙަލާއަކަށޭ އަޅުގަނޑަށް ދަންނަވަންޖެހެނީ. އާދެ، މިހާރު ޤައުމުގެ ތަރައްޤީގައި މަސައްކަތް ކުރަނީ ހަމައެކަނި ސަރުކާރުގެ ފަރާތްތަކަކުންނެއް ނޫން. ސަރުކާރުން ކުރާ މަސައްކަތްތަކުގެ އިތުރަށް، އަމިއްލަ ފަރާތްތަކުން ވަރަށް ބުރަ އަދި އެހާމެ އިޚްލާޞްތެރި މަސައްކަތްތަކެއް މިހާރު ކުރައްވަމުން އެބަ ގެންދަވާ. ހުރިހާ ދާއިރާއެއްގައިވެސް. ތަޢުލީމީ ދާއިރާގައި، މާލޭގައިވެސް ވަރަށް ގިނަ އަމިއްލަ މަދަރުސާތައް ހިނގަމުން އެބަދޭ. ވަރަށް މަތިވެރި ޚިދުމަތްތަކެއް، އެ މަދަރުސާތަކުގެ ފަރާތުން އަޅުގަނޑުމެންގެ ތަޢުލީމީ މައިދާނަށް ލިބެމުން އެބަދޭ. އާދެ، އޭގެތެރެއިން އެއް މަދަރުސާއެއް އެމް.އީ.އެސް. އެއީ. އަދި އީ.ޕީ.އެސް. ސްކޫލް އެއީ، އޭގެ އަނެއް މަދަރުސާ. މަދްރަސަތުލް ޢާލިޔާ. އަދި އެނޫންވެސް ތަފާތު ގިނަ މަދަރުސާތައް މާލޭގައި ހިނގަމުން އެބަދޭ. އަވަށު މަދަރުސާތައްވެސް ހިނގަމުންދޭ. އަދި ރާއްޖެތެރޭގައިވެސް ސަރުކާރުން ހިންގާ މަދަރުސާތަކުގެ އިތުރަށް، އަމިއްލަ ފަރާތްތަކުން ހިންގަވާ މަދަރުސާތައްވެސް ހިނގަމުން އެބަދޭ. އެހެންކަމުން، އަޅުގަނޑުމެންގެ ތަޢުލީމީ ދާއިރާ މިއަދު ފުޅާވެ، އެ ދާއިރާގެ ޚިދުމަތް ވަރަށް ގިނަ ޢަދަދެއްގެ ކުދިންނަށް މިހާރު ދަނީ ލިބެމުން.

ތަޢުލީމީ ދާއިރާގެ އިތުރަށް، ރާއްޖޭގެ ތަރައްޤީގެ އެހެން ދާއިރާތަކުގައިވެސް އަމިއްލަ ފަރާތްތަކުގެ އިސްނެގުމާއި، އެ ފަރާތްތަކުގެ މަސައްކަތް މިހާރު ވަރަށް ޚާއްޞަގޮތެއްގައި ފާހަގަކުރެވެމުންދޭ. އަޅުގަނޑުމެންގެ އިޤްތިޞާދީ ކުރިއެރުމުގައި އެންމެ ބޮޑަށް މަސައްކަތްކުރާ ބަޔަކީވެސް އަމިއްލަ ފަރާތްތަކޭ ދެންނެވިދާނެ. އާދެ، އަޅުގަނޑުމެންގެ ޓޫރިޒަމް މަސައްކަތް. އޭގެ ބޮޑުބައި ހިންގަނީ އަމިއްލަ ފަރާތްތަކުން. މަސްވެރިކަން ތަރައްޤީކުރުމަށް ސަރުކާރުން މަސައްކަތްތަކެއްކޮށް، ހޭދަތަކެއް ކުރިކަމުގައިވިޔަސް، އަދި ތަފާތު މަޝްރޫޢުތަކެއް ހިންގިކަމުގައިވިޔަސް، މަސްވެރިކަން ތަރައްޤީކުރުމަށް އެންމެ ބޮޑަށް މަސައްކަތްކުރާ ބަޔަކީ ދިވެހި ރައްޔިތުން. އަމިއްލަ މީހުން. އަޅުގަނޑުމެންގެ ވިޔަފާރިއަށް ނަޒަރު ހިންގިޔަސް، ދެންނެވެން އޮތީ ހަމަ އެހެން.

އަޅުގަނޑުމެންގެ ޞިއްޙީ ކަންތައްތަކަށް ބަލައިލާއިރުވެސް، ތަންކޮޅެއް ކުރިން މާލޭގައި ހުރީ ހަމައެކަނި ސަރުކާރުގެ ހަސްފަތާލު. ރާއްޖެތެރޭގައި ވިއްޔާ، އޭގެ ތަންކޮޅެއް ފަހުން ވަރަށްކުޑަ ގޮތެއްގައި އުފެދިގެން އައި ހެލްތު ސެންޓަރުތަކެއް ހުރި. އެހެންނަމަވެސް، މިހާރު އެކަމަށްވެސް މިއޮތީ ބަދަލު އައިސްފައި. މާލޭގައި ހިންގާ ސަރުކާރުގެ ހަސްފަތާލާއި، އަދި ބައެއް ކްލިނިކުތަކުގެ އިތުރަށް، އަމިއްލަ ފަރާތްތަކުން ހިންގާ ތަފާތު ކްލިނިކުތައްވެސް މިހާރު މާލޭގައި އެބަހުރި. އަދި ރާއްޖެތެރޭގައިވެސް މަދުމަދުން ނަމަވެސް ފެށިގެން ކުރިއަށް އެބަދޭ. މިގޮތަށް ކަންތައްތައް ވަމުންދާ ކަމުގައިވަންޏާ، އަޅުގަނޑު ދަންނަވާނީ، މުސްތަޤްބަލުގައި ރާއްޖޭގެ ތަރައްޤީ ވަރަށް އުޖާލާވާނޭ. އެއީ، ޤައުމުގެ ތަރައްޤީގައި ބޭނުންވަނީ އެންމެންގެ މަސައްކަތް. އެންމެންގެ އެއްބާރުލުން. އެއްބަޔަކު އަނެއްބަޔަކާ އެހީތެރިވުން. އެއީ، ހަމައެކަނި ސަރުކާރުން ނުވަތަ ސަރުކާރުގެ ފަރާތްތަކުން ކުރާ ކަމަކަށްވެގެން، އެއްވެސް ޤައުމެއްގެ ތަރައްޤީ، އެ ޤައުމެއްގެ ރައްޔިތުން އެދޭ ހަލުވިކަމާ އެކީގައި ނުވަތަ އެ މީހުން އެދޭ މަންޒިލް މަޤްޞޫދަށް ވާޞިލެއް ނުވާނެ.

އާދެ، ކޮންމެއަކަސް، އެމް.އީ.އެސް. ތަޢުލީމީ ދާއިރާގައި ކޮށްފައިވާ ޚިދުމަތްތަކުގެ އަޑު އަޅުގަނޑުމެން މިރޭ އަހައިފީމު. އަދި އޭގެ މާކުރިން އަޅުގަނޑުމެންގެ ރޭޑިޔޯއާއި ޓީ.ވީ.ގެ ޛަރީޢާއިން އަދި ނޫސްތަކުގެ ޛަރީޢާއިންނާއި، މީސްމީހުން ދައްކާ ވާހަކައިންވެސް އެމް.އީ.އެސް. ޙާޞިލް ކުރަމުންގެންދާ ކާމިޔާބީތަކުގެ އަޑު އަޅުގަނޑުމެންނަށް ވަނީ އިވިފައި. އެހެންކަމާއެކީގައި، ކުރިންވެސް އަޅުގަނޑު އިޝާރާތްކުރި ތަފާތު ދާއިރާތަކުގައި، މި ވޭތުވެދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި، އެމް.އީ.އެސް.ގެ ދަރިވަރުން ހޯދާފައިވާ ފަޚުރުވެރި ކާމިޔާބީތަކަށްޓަކައި، އެމް.އީ.އެސް.ގެ ދަރިވަރުންނަށް އަދިވެސް އެއްފަހަރު، ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ތަހުނިޔާއާއި މުބާރަކްބާދީ ރައްދުކުރަން.

އާދެ، އަމިއްލަ ފަރާތްތަކުން ކުރަމުންގެންދާ މަސައްކަތަށްވެސް ރާއްޖޭގައި އަދި ކަންތައްތައް ހުރިގޮތުން ސަރުކާރުން އެހީތަކެއް ވެގެންނޫނީ ކުރިއަށް ގެންދެވޭކަށެއްނޯވޭ. އެހެންކަމުން، އެމް.އީ.އެސް.އަށްވެސް އަދި އެނޫން އަމިއްލަ މަދަރުސާތަކަށްވެސް ސަރުކާރުން ގިނަ އެހީތަކެއްވަމުން އެބަގެންދޭ. އާދެ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ތަޢުލީމަށްޓަކައި ސަރުކާރުން ވަރަށް ބޮޑެތި ޚަރަދުތަކެއް ކުރޭ. އާދެ، ސަރުކާރުން ހިންގާ މަދަރުސާތަކަށާއި ސްކޫލްތަކަށާއި، އެކަންކަމާ ގުޅިގެން، ހިންގަންޖެހޭ ކަންތައްތަކަށާއި، މި ހުރިހާ ކަމަކަށް ސަރުކާރުގެ ބަޖެޓުން ކޮންމެ އަހަރަކުވެސް ވަރަށް ގިނަ ޢަދަދަކަށް ފައިސާ ޚަރަދުކުރަންޖެހޭތީ، ސަރުކާރުން ބޭނުންވާހާ މިންވަރަކަށް އަމިއްލަ މަދަރުސާތަކަށް އެހީ ވެދެވޭކަށެއްނޯވޭ. އެކަން އެހެން އޮތް ކަމުގައިވިޔަސް، ކިރިޔާވެސް ސަރުކާރުން ކަމެއް ކޮށްދެވެން އޮތް ކަމުގައިވަންޏާ ފަހަކަށްނުޖެހޭނެ. އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވަރަށް ބޮޑަށް އެކަމާ އުޅުއްވައި، އަމިއްލަ މަދަރުސާތަކުން ހުށަހަޅާ ކަންތައްތައްވެސް ބައްލަވައި، އޭގެތެރެއިން އެ މިނިސްޓްރީއަށް ކޮށްދެވެން އޮތް ކަމެއްވިއްޔާ ގެންދަވަނީ ކޮށްދެއްވަމުން. އަދި އެ މިނިސްޓްރީގެ އިތުރަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންވެސް ބައެއް ކަންތައްތައް ކޮށްދެވޭތޯ ބަލަމުން އެބަ ގެންދަން.

އާދެ، އެމް.އީ.އެސް.އަށް މީގެކުރިން ޒިޔާރަތްކުރުމުގެ އުފާ އަޅުގަނޑަށް ވަނީ ލިބިފައި. އޭގެތެރެއިން، މީގެ ބަރާބަރު ތިން އަހަރު ކުރިން އާދެ، 1989 ވަނަ އަހަރުގެ މޭ މަހުގެ 20 ވަނަ ދުވަހު އަޅުގަނޑު އެމް.އީ.އެސް.އަށް ކުރި ޒިޔާރަތް ވަރަށް ރަނގަޅަށް ހަނދާން އެބަހުރި. އެ ދުވަހު އަޅުގަނޑަށް ލިބުނު އުފަލާއި އަދި އެމް.އީ.އެސް.އަށް ކުރިމަތިވެފައިވާ މައްސަލަތަކުގެ ދަތިކަމާއި، މިކަންކަން އަޅުގަނޑަށް ކޮންމެވެސްވަރަކަށް އޮޅުންފިލައިފި. އަދި އެމް.އީ.އެސް.އަށް އެންމެ ބޮޑަށް ބޭނުންވާ ބައެއް ކަންތައްތައްވެސް އަޅުގަނޑަށް އެނގުނު. އޭގެ ނަތީޖާއެއްގެ ގޮތުން، ޚާއްޞަ އެހީއެއްގެ ގޮތުގައި ބައެއް ކަންތައްތައް އެމް.އީ.އެސް.އަށް ހަމަޖެހިގެންދިޔަކަން އެއީ، އަޅުގަނޑަށް ވަރަށްބޮޑު އުފަލެއް ލިބިގެންދިޔަ ކަމެއް. އާދެ، ސަރުކާރުން ވެދޭ އެންމެބޮޑު އެހީއަކީ، މި ސްކޫލް ހިންގާ ޢިމާރާތް ސަރުކާރުން ހަމަޖައްސައިދިނުން. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، މިހާރު ސްކޫލް މި ހިނގާ ޢިމާރާތަކީ މިކަމަށް މާއެކަށީގެންވާ ޢިމާރާތެއް ނޫންކަން. އާދެ، އެމް.އީ.އެސް. ފުރަތަމަ ފެށިގެން އައިއިރު، ގޯނިން ހަދާފައިވާ ކުޑަ ތަންކޮޅެއްގައި ކިޔަވައިދެއްވުމުގެ ކަންތައް ކޮށްދެއްވުނަކަސް، މިހާރަކު އެގޮތަކަށް ނުވަތަ އެއަށްވުރެ ތަނަވަސް، ނަމަވެސް ސްކޫލްގައި ކިޔަވާ ކުދިންނަށް ނުފުދޭވަރެއްގެ ތަނެއްގައި އެ ބޭފުޅުންގެ މަސައްކަތް އާދެ، ތަޢުލީމީ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަކަށް ނުގެންދެވޭނެ. އެހެންކަމުން، ސަރުކާރުން ޤަޞްދުކޮށްފައި އޮތީ، މާލޭގައި ހިނގާ އެންމެ ކުދިން ގިނަ އަދި އެންމެ ގިނަ ދުވަހު ޚިދުމަތްކޮށްފައިވާ އަމިއްލަ ދެ ސްކޫލް ކަމުގައިވާ އީ.ޕީ.އެސް. ސްކޫލަށާއި، އެމް.އީ.އެސް. ސްކޫލަށް ސަރުކާރުގެ ޚަރަދުގައި އެ ސްކޫލް ހިންގާނެ އިމާރާތް ހަދައިދިނުމަށް. އެކަން މި ސްކޫލްގެ އިދާރާއަށްވެސް އެނގިވަޑައިގަންނަވާނެ.

ސަރުކާރުގެ ބަޖެޓުގެ ކަންތައް ހުރިގޮތުން އެކަންތައް އަދި މުޅިން ފުރިހަމަވެފައި ނެތަކަސް، ސަރުކާރުގެ ޚަރަދުގައި މި ދެ ސްކޫލަށް ބޭނުންވާ ޢިމާރާތްކޮށްދިނުމުގެ މަސައްކަތް ރޭވިގެން މިހާރުވެސް ހިނގަމުން އެބަދޭ. އާދެ، އީ.ޕީ.އެސް. ސްކޫލަށް ބޭނުންވާ ޢިމާރާތް ހެދުމަށް ބޭނުންވާ ތަކެއްޗަށް މިހާރުވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން އޯޑަރު ދެއްވާފައި. އަދި އެ މަސައްކަތް ޙަވާލުކުރައްވާނެ ފަރާތެއްވެސް ވަނީ ޓެންޑަރ އިވެލުއޭޝަން ބޯޑުން ނިންމަވާފައި. އެހެންކަމުން، އެ މަދަރުސާ ޢިމާރާތްކުރުމުގެ މަސައްކަތް، ވަރަށް ކައިރި މުސްތަޤްބަލެއްގައި ފެށޭނެކަމަށް އުންމީދު ކުރެވޭ.

އާދެ، އެއާއެކީގައި އަޅުގަނޑު ދަންނަވަން، މީގެކުރިން މިހާތަނަށް ހަމަޖެހިފައި އޮތް ގޮތުން، އެމް.އީ.އެސް.އަށް ސަރުކާރުން ހަދައިދޭ ޢިމާރާތް، މި އަހަރު ހަދައިދޭގޮތަކަށް ހަމަޖެހިފައެއް ނެތް. އެއީ، ކުރިންވެސް ދެންނެވި ފަދައިން، ބަޖެޓުގެ ދަތިކަން ހުރިވަރުން. އެ ދެމަދަރުސާގެ އިމާރާތްވެސް ސަރުކާރުން ކޮށްދޭން ޖެހިފައިވުމާ އެކީގައި، އީ.ޕީ.އެސް. ސްކޫލަކީ ޢުމުރުގެ ގޮތުން އެމް.އީ.އެސް.އަށްވުރެ ތަންކޮޅެއް ދޮށީ މަދަރުސާއަކަށްވާތީ، ފުރަތަމަ އެ ސްކޫލްގެ ޢިމާރާތް ކޮށްދޭން ސަރުކާރުން ހަމަޖައްސާފައި އޮތީ. އެހެންނަމަވެސް، އެމް.އީ.އެސް.އަށްވެސް 15 އަހަރު ފުރި އަދި އެހާ ކާމިޔާބު ގޮތެއްގައި މި ސްކޫލް ހިނގަމުންދާތީ އެކަމުގެ އަގުވަޒަންކޮށް، ސަރުކާރުން މިހާރު ޤަޞްދުކޮށްފައި އޮތީ އިރާދަކުރެއްވިއްޔާ، މި އަހަރުގެ ތެރޭގައި އެމް.އީ.އެސް. ސްކޫލްގެ ޢިމާރާތްވެސް ކޮށްދޭން ފަށަން. އާދެ، ޝައްކެއްނެތް، އެކަށީގެންވާ ޢިމާރާތެއް އެމް.އީ.އެސް.އަށް ލިބިއްޖިއްޔާ އަދި މިހާރު އެމް.އީ.އެސް.އިން މި ހޯދަމުން ގެންދާ ކާމިޔާބީތަކަށްވުރެ މާކުލަގަދަ، މާގިނަ ކާމިޔާބީތަކެއް ހޯދަމުން ގެންދާނެ.

އާދެ، ދެން އަޅުގަނޑު ދަންނަވާލަން އޮތް ވާހަކައަކީ، އަޅުގަނޑުމެންގެ ދަރިވަރުން ވިސްނާލަންޖެހޭ ދެ ކަމެއްގެ ވާހަކަ. އޭގެތެރެއިން އެއްކަމަކީ، އަޅުގަނޑުމެންގެ ރާއްޖޭގައި ތަޢުލީމުގެ ފުރުޞަތު އަދިވެސް ލިބެން ހުރިގޮތަށް ވިސްނާއިރު، މިފަދަ ސްކޫލެއްގައި ތަޢުލީމު ޙާޞިލްކުރުމުގެ ފުރުޞަތު ލިބެނީ އަދިވެސް މަދު ކުދިންކޮޅަކަށޭ ދަންނަވާލުން.

އާދެ، އެހެންވީމާ، އެމް.އީ.އެސް.ގައި ކިޔަވާކުދިންވެސް އެކަން ދަންނަންވާނެ. އެ ކުދިންނަށް އެ ލިބިފައިވާ ފުރުޞަތަކީ، އެ ޢުމުރުގެ އެހެން އެތައް ކުދިބަޔަކަށް ލިބިފައިނުވާ ފުރުޞަތުތަކެއް. އަދި ޚާއްޞަކޮށް، ރާއްޖެތެރޭގެ އެ ޢުމުރުގެ ކުދިންނަށް އަދި މިހާތަނަށް ލިބިފައިނުވާ ފުރުޞަތެއް. އެހެންކަމުން، ކޮންމެ ކުއްޖަކަށްވެސް މިހާރު ލިބިފައި އެވާ ފުރުޞަތުގެ ބޭނުން އެންމެ އެދެވޭގޮތުގައި އެ ކުއްޖަކު ހިފަންޖެހޭނެ. ތިޔައިގެ ތެރެއިން ކޮންމެ ކުއްޖަކާމެދުވެސް ތިޔަކުދިންގެ މައިންބަފައިން ބަލަނީ ވަރަށް އުންމީދީ ނަޒަރަކުން. މުސްތަޤްބަލުގައި ތިޔައިން ކޮންމެ ކުއްޖަކީ ޤައުމަށް ފައިދާހުރި، ހަރުދަނާ ކުއްޖަކަށްވާނެ ކަމުގެ އުންމީދު. އެހެންކަމުން، އެ އުންމީދު ޙާޞިލްކުރުމަށްޓަކައި ތިޔަކުދިންގެ މައިންބަފައިން ތިޔަ ކުދިންނަށްޓަކައި ބޮޑެތި ޚަރަދުތަކެއް ކުރަމުންގެންދޭ. ބޮޑެތި ޤުރްބާނީތަކެއް ވަމުންގެންދޭ.

އެހެންވީމާ، ތިޔަކުދިންގެ ލޯބިވާ، ތިޔަކުދިންނަށް ހެޔޮއެދޭ، ތިޔަކުދިންގެ މައިންބަފައިން ތިޔަކުދިންނަށް އެ ކުރާ ޚަރަދާއި، ތިޔަކުދިންނަށްޓަކައި އެވާ ޤުރްބާނީ ތިޔަކުދިން އަބަދުވެސް ހަނދާންކުރަންޖެހޭނެ. އަދި އޭގެ ހެޔޮޖަޒާ މައިންބަފައިންނަށް އަނބުރާ ދައްކައިދޭން ޖެހޭނެ. އާދެ، ޚާއްޞަކޮށް، ރާއްޖެތެރޭގެ ވަރަށް ގިނަ ކުދިން، މާލޭގެ އަމިއްލަ މަދަރުސާތަކުގައި ކިޔަވަމުންދާކަން އަޅުގަނޑަށް އެނގޭ. މި ފުރުޞަތުގައި އެކަން ފާހަގަކޮށްލަންވެސް އަޅުގަނޑު ބޭނުން. އެ ކުދިންގެ މައިންބަފައިން އަދި އެ ކުދިންނަށްޓަކައި އެ ކުރަނީ މާ ބޮޑެތި ޚަރަދުތަކެއް. އެ މީހުން އެ އުފުލަނީ މާބޮޑެތި ދަތިތަކެއް. އެހެންވީމާ، ރާއްޖެތެރެއިން މާލެއައިސް، އެމް.އީ.އެސް.ގައި ނުވަތަ އެހެން އަމިއްލަ މަދަރުސާތަކުގައި ނުވަތަ މާލޭގައި ހިނގާ ސަރުކާރުގެ މަދަރުސާތަކުގައި ނަމަވެސް، ތަޢުލީމު ޙާޞިލްކުރަމުން ގެންދާ ކުދިން ހަނދާންކުރަންވާނެ، އެ ކުދިންގެ މައިންބަފައިން އެ ކުދިންނަށްޓަކައި އެ ކޮށްދޭ ޚިދުމަތް، އެ އުފުލާ ބުރަ. އެހެންވީމާ، މި ދެންނެވި ކަންތައްތައް ވަރަށް ރަނގަޅަށް އެ ކުދިން ހަނދާންކޮށް، އެ ކުދިންނަށް ލިބިފައި އެވާ ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ކުރުމަކީ، އެ ކުދިންނަށްވެސް އަދި އެ ކުދިންގެ މައިންބަފައިންނަށްވެސް، އެ ކުދިންގެ ޢާއިލާތަކަށްވެސް އަދި މުޅި ޤައުމަށްވެސް އެންމެ ފައިދާހުރި ގޮތް ކަމުގައި ނުވެނުދާނެ.

އާދެ، ދެން އަޅުގަނޑު އެއްޗެއް ދަންނަވާލަން ބޭނުންވަނީ، އެމް.އީ.އެސް.ގެ ޚާއްޞަ ޙަރަކާތަކާ ބެހޭގޮތުން. އާދެ، އެމް.އީ.އެސް.ގެ ނަން "މާލޭ އިންގްލިޝް ސްކޫލް" އެހެން އޮތުމުން އެބަ އެނގޭ، މި ސްކޫލްގައި ކިޔަވައިދިނުމުގެ މެދުވެރިޔަކީ އިނގިރޭސިބަސްކަން. މި ސްކޫލްގައި ހުރިހާ މާއްދާއެއްވެސް އާދެ، ދިވެއްސާއި އިސްލާމް ފިޔަވައި، އެހެން މާއްދާތައް ކިޔަވައިދެމުން ގެންދަނީ އިނގިރޭސި ބަހުންކަން. އެކަން އެހެން އޮތް ކަމުގައިވިޔަސް، އެމް.އީ.އެސް.އަކީ ދިވެހިބަސް ކުރިއަރުވައި، ދިވެހިބަހަށް ޚިދުމަތް ކުރުމުގައި ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުން އަންނަ ސްކޫލެއްކަން، އަޅުގަނޑު ވަރަށް އުފަލާއެކު ފާހަގަކުރަން. މި ސްކޫލްގައި އުފެދިފައިވާ އަދަބީ ޖަމުޢިއްޔާގެ ފަރާތުން ކުދިންނަށް ދިވެހިބަސް ރަނގަޅަށް އުނގަންނައިދީ އަދި ދިވެހިބަސް ރަނގަޅަށް ބޭނުންކޮށް، ދިވެހިބަހުގެ އެކިއެކި ފަންނުތައް ދަސްކޮށްދިނުމަށްޓަކައި އެ ކުރާ މަސައްކަތުގެ ނަތީޖާ މިހާރުވެސް ދަނީ ފެންނަމުން. އާދެ، އަދަބީ ބުސްތާނުންނާއި އަދި ސްކޫލްގެ އިދާރާއިންނާއި، ސްކޫލްގެ ދިވެހި ޓީޗަރުން ކުރައްވާ މަސައްކަތުގެ ނަތީޖާ އަޅުގަނޑުމެންނަށް މި ފެންނަނީ ސްކޫލްގެ ދަރިވަރުން ހޯދާ ކުލަގަދަ ކާމިޔާބީތަކެއްގެ ސިފައިގައި. އާދެ، ބަހުގެ އެކިއެކި އަދަބީ މުބާރާތްތަކުން 1 ވަނަ ހޯދާ އަޑު އެއީ، ވަރަށް ޢާންމުވެފައިވާ އަޑެއް. އެއީ، ޅެން ހެދުމުގެ މުބާރާތެއް ކަމުގައިވިޔަސް، ކުރުވާހަކަ ލިޔުމުގެ މުބާރާތެއް ކަމުގައިވިޔަސް، މަޒުމޫނު ލިޔުމުގެ މުބާރާތެއް ކަމުގައިވިޔަސް، ވާހަކަދެއްކުމުގެ މުބާރާތެއް ކަމުގައިވިޔަސް، މަތީވަނައެއް އެމް.އީ.އެސް. ޙާޞިލްނުކުރާ ޤައުމީ އެއްވެސް މުބާރާތެއް ނުދޭ. އެކަމުން އެނގެނީ، އެމް.އީ.އެސް.ގެ އިދާރާއިންވެސް، އެމް.އީ.އެސް.ގެ ޓީޗަރުންވެސް އަދި އެމް.އީ.އެސް.ގައި ކިޔަވާކުދިންވެސް ދިވެހިބަހަށްދޭ އަހަންމިއްޔަތު. އެއީ، ޝައްކެއްނެތް، އަޅުގަނޑުމެން ވަރަށް އުފާކުރަންޖެހޭ ކަމެއް.

އަޅުގަނޑުމެންގެ ތަޢުލީމީ ބަހަކީ ނުވަތަ އަޅުގަނޑުމެންގެ ގިނަ މަދަރުސާތަކުގެ ތަޢުލީމީ ބަހަކަށް މިހާރު ވެފައިވަނީ އިނގިރޭސި ބަސް ކަމުގައިވިޔަސް، އަޅުގަނޑުމެންގެ އަމިއްލަބަސް، އަޅުގަނޑުމެންގެ އަމިއްލަ ޤައުމީބަސް، އަޅުގަނޑުމެންގެ މާދަރީބަސް، ދިވެހިބަސް އެއީ، ދުވަހަކުވެސް އަޅުގަނޑުމެން ހަނދާންނައްތާލައިގެން ވާނެ ބަހެއް ނޫން. އަޅުގަނޑުމެންގެ މިއަދުގެ ބައެއްކަހަލަ ބޭނުންތައް އިނގިރޭސިބަހުން ފުއްދައިލެވުނު ކަމުގައިވިޔަސް، ދުވަހަކުވެސް ރާއްޖޭގެ ރައްޔިތުން ދިވެހިބަސް ދޫކޮށްލާނެ ދުވަހެއް ނާންނާނެ. ދިވެހިރާއްޖޭގައި އޮންނާނީ ދިވެހިބަސް. އެހެންކަމުން، ދިވެހިބަހަށް އަޅުގަނޑުމެން ވާންޖެހޭ ލޯބި ވާންޖެހޭނެ. އެ ބަހަށް ބަހައްޓަންޖެހޭ ޤަދަރު ބަހައްޓަންޖެހޭނެ. އެ ބަހަށް ލޯބިވުމަކީ، އެ ބަހަށް ޤަދަރު ހިފެހެއްޓުމަކީ، އެ ބަހުގެ ޤަވާޢިދުތަކާއި އުޞޫލުތައް ދަސްކުރުން.

އެ ޤަވާޢިދުތަކާއި އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ވާހަކަދެއްކޭތޯ ބެލުން. އަޅުގަނޑުމެން ލިޔާ ލިޔުންތައްވެސް އެގޮތަށް ލިޔެވޭތޯ ބެލުން. އަދި މީހުންނަށް އެކަން ދަސްކޮށްދީ، އެކަމަށް ބާރުއަޅައި ހެދުން.

އާދެ، މިހެން އަޅުގަނޑު ދަންނަވާއިރު، އަޅުގަނޑުމެންގެ ތެރޭގައި ތިއްބަވާ ތަޢުލީމީ ބޭފުޅުންނަށްވެސް، އެ ބޭފުޅަކު އެ ވިދާޅުވަން ބޭނުންފުޅުވާ އެއްޗެއް، އެހެން މީހުންނަށް ފަސޭހައިން ދޭހަވާގޮތަށް ދިވެހިބަހުން ރީތިކޮށް ވިދާޅުވުމުގެ ޤާބިލިއްޔަތު ކުޑަކަން ބައެއްފަހަރަށް ފާހަގަކުރެވޭ. އެ ބޭފުޅަކު އެ ހިންގަވާ ދާއިރާއެއްގެ ކަންތައްތައް ހުރިގޮތުގެ މައްޗަށް އެއްޗެއް ވިދާޅުވާއިރުވެސް، ސާދާ ރީތި ޖުމްލަތަކަކުން ރާއްވަވައިލައްވައިގެން، ރައްޔިތުންނަށް އެ ދެއްވަން ބޭނުންފުޅުވާ މެސެޖް ނުވަތަ ވިދާޅުވަން ބޭނުންފުޅުވާ އެއްޗެއް ފަސޭހަކަމާއެކު މީހުންނަށް ވިސްނޭކަހަލަ ގޮތަކަށް ވިދާޅުވެވޭ ތަން އަންނަނީ ވަރަށް މަދުފަހަރަކު.

އެހެންވީމާ، އެއީ އަޅުގަނޑުމެން ވިސްނާލަންޖެހޭ ތަންކޮޅެއް. އަޅުގަނޑުމެންގެ ދަރިވަރުން، ކުޑަކުދިން ބޮޑުވަމުން އަންނައިރު، އެ ކުދިންނަށް އެ ކުދިންގެ މި ޅަޢުމުރުގައި އަޅުގަނޑުމެންގެ އަމިއްލަ ބަހުން އެއްޗެތި ބުނާނެގޮތް ދަސްކޮށް ނުދެވިއްޖެނަމަ، އެ ކުދިންނަށްވެސް މުސްތަޤްބަލުގައި ޖެހޭނީ މި ދަތުރު. އެ ކުދިންނަކަށްވެސް އެ ކުދިން ބުނަން ބޭނުންވާ އެއްޗެއް ސާފުކޮށް ރީތިކޮށް، ހަމަޖެހޭ ޢިބާރާތަކުން ނުބުނެވޭނެ. އެހެންވީމާ، އަޅުގަނޑު އެދެން، އެމް.އީ.އެސް.ގެ ދިވެހި ކިޔަވައިދެއްވާ މުދައްރިސުންނާއި އަދި އެމް.އީ.އެސް.ގެ އަދަބީ ބުސްތާނުގެ އިދާރާއިންނާއި، އެ ޖަމުޢިއްޔާގެ މެންބަރުން، މި ދެންނެވި ނުކުތާއަށް ވަރަށް ބޮޑަށް ސަމާލުކަން ދެއްވުން. ހަމައެއާއެކީގައި، އަޅުގަނޑު މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ އަރިހުންވެސް އެދެން، އަޅުގަނޑުމެންގެ ރާއްޖޭގައި ބޮޑެތިވަމުން އަންނަ ކުދިންނަށް ރަނގަޅަށް ދިވެހިބަސް ދަސްކޮށްދެއްވަން މަސައްކަތް ކުރެއްވުން. ދިވެހިބަހުން ވާހަކަދައްކަން ދަސްކޮށްދެއްވުމަށް. އެއީ، ތެދުތެދަށް ދަންނަވަންޏާ ހަމަ ގިނަ ކުދިންނަށް ދަތިކަމަކަށްވާތީ. އަޅުގަނޑުވެސް އެއްބަސް، ދިވެހިބަހަކީ ދުނިޔޭގެ އެހެން ބައެއް މުހިންމު ބޮޑެތި ބަސްބަސްހާ މުއްސަނދި ބަހެއްނޫން. އިނގިރޭސިބަހުގައި، ބައެއް ޑިކްޝަނަރީތަކުގައި ހަތްދިހަހާސް، އަށްޑިހަހާސް ލަފްޒު އޮވޭ. އެއަށްވުރެވެސް ގިނަ ލަފްޒު ހުންނަ ޑިކްޝަނަރީ ހުރެދާނެ. އަޅުގަނޑުމެންގެ ރަދީފުގައި އުޅެނީ މާމަދު ޢަދަދެއްގެ ބަސްކޮޅެއް. އެ ޙަޤީޤީ ޢަދަދު އެނގިވަޑައިގަންނަވާނީ، މިނިސްޓަރ އޮފް އެޑިޔުކޭޝަނަށް ކަމަށް އަޅުގަނޑަށް ލަފާކުރެވޭ. އެއީ، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ރައީސްގެ ހައިސިއްޔަތުން އެ މަސައްކަތް ކުރައްވަންވެސް ޖެހިވަޑައިގަންނަވާތީ. އާދެ، އަޅުގަނޑަށް ހީވާގޮތުގައި ފަންސަވީސްހާސް، ސައްބީސްހާސް ނުވަތަ އަށާވީސްހާސް ބަސް، އަޅުގަނޑުމެންގެ ރަދީފުގައިވެސް އޮތީ. އެހެންވީމާ، އެނގޭ، އަޅުގަނޑުމެންގެ ބަހުގެ މުއްސަނދިކަން ހުރިވަރު ނުވަތަ ފަޤީރުކަން ހުރިވަރު. އެހެން އެކަން އޮތް ނަމަވެސް، ބަސް ތަރައްޤީކޮށް ކުރިއަރުވަން އަޅުގަނޑުމެން މަސައްކަތް ކޮށްފިއްޔާ، ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެންގެ ބަހަށް އަޅުގަނޑުމެންނަށް މުއްސަނދިކަން ގެނެސްދެވޭނެ. އަދި އަޅުގަނޑުމެން ބުނަން ބޭނުންވާ އެއްޗެއް ސާދާ ދިވެހިބަހުން ބުނެވޭނެ. އަޅުގަނޑުމެން ބޭނުންވާ ލަފްޒުތައް އަލަށް އިޖާދުކުރެވޭނެ. ބަސް އަލަށް އީޖާދުކުރުމަކީ އާ ކަމެއްނޫން. ދުނިޔޭގެ އެންމެންވެސް ކުރާ ކަމެއް. އެހެންވީމާ، އެކަންވެސް އަޅުގަނޑުމެންނަށް ކުރެވިދާނެ. އަދި އަޅުގަނޑުމެން ބުނަން ބޭނުންވާ އެއްޗެއް، ބުނަން ބޭނުންވާހިނދު، ރަނގަޅު ދިވެހިބަހެއް ނުވިސްނުނު ކަމަށްވަންޏާ، ބޭރުބަހެއް ބޭނުންކުރުމަކީވެސް އެންމެ ރަނގަޅު ކަމެއް. ކުރިއްސުރެ އެކަންވަމުން އަންނަގޮތް އެއީ. އެހެންނަމަވެސް، ބޭރުބަސްވެސް އަޅުގަނޑުމެން ބޭނުންކުރާއިރު، އަޅުގަނޑު ދެކޭގޮތުގައި ބޭނުންކުރަން ޖެހޭނީ ދިވެހިބަހަށް ފެތޭގޮތަކަށް. އަޅުގަނޑުމެންގެ އަޑުތަކާއި، މަޚްރަޖުތަކާއި އަދި އަޅުގަނޑުމެންގެ ޤަވާޢިދާއި އުޞޫލާ އެއްގޮތްވާ ގޮތުން. އެގޮތަށް އެ ބަހުގެ ބޭނުންކުރަމުންދާނަމަ، ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިބަހަކަށް ވެގެން ހިނގައިދާނެ.

އާދެ، މިހާރުވެސް އަޅުގަނޑުމެންގެ ތެރޭގައި ވަރަށް އާދައިގެ ބަސްތަކެއް އެބަހުރި ބޭރުބަހުން އައިސް. އޭގެ އަޞްލު އަޅުގަނޑުމެންނަށް ނުވެސް އެނގޭ. މިސާލަކަށް، "ތަބައް" ވަރަށް އާދައިގެ ދިވެހިބަހެއް. އެކަމަކު އޭގެ އަޞްލަކީ ޢަރަބިބަހެއް އެއީ، "ޠަބަޤް" އެކަން މިހާރު އަޅުގަނޑުމެންނަކަށް ނޭނގެ. ނޫނީ ގިނަ ބަޔަކަށް ނޭނގޭނެ. "ގަމީސް"، އެވެސް ޢަރަބިބަހުން "ޤަމީޞް". އަދި އެގޮތަށް ހުންނަ ވަރަށް ގިނަ ބަސް. "ތާކިހާ" ޢަރަބިބަހުން އެއީ، "ޠާޤިޔާ". މިހުންނަނީ ވަރަށް އާދައިގެ ދިވެހިބަސް ކަމަށް އަޅުގަނޑުމެންނަށް މިހާރު ޤަބޫލުކުރެވޭ. އަދި ޙަޤީޤަތުގައިވެސް ދިވެހިބަސް ކަމުގައި ވެފައިވާ ބަސްތަކެއް. އެހެންނަމަވެސް، އެ އައިސް އެހުރީ ބޭރު ބަސްތަކަކުން. އެގޮތަށް އެކަންތައް ވުމަކީ ހަމަ ޠަބީޢީ ކަމެއް. ހުރިހާ ބަހެއްގައިވެސް ހުންނަނީ އެގޮތަށް. އަދި ވަރަށް ގިނައިން އަޅުގަނޑުމެންނަށް ޖެހޭ މިސާލެއް، ދިވެހިބަހުގެ ބަހެއް، އިނގިރޭސި ޑިކްޝަނަރީގައި އޮންނަކަމުގެ މިސާލު. އާދެ، "އެޓޮލް" ނުވަތަ "އަތޮޅު". ދިވެހިބަހުން އެއީ، އިނގިރޭސި ޑިކްޝަނަރީ ބުނާގޮތުގައި، ދިވެހިބަހުން އިނގިރޭސިބަހަށް އައިސްފައި އޮތް ބަހެއް.

އެހެންވީމާ، އެއްބަހަކުން އަނެއްބަހަކަށް ލަފްޒުތައް ގެންދިޔުމަކީ އެއްގޮތަކަށްވެސް އެހެން މީސްމީހުން ނުކުރާ ކަމެއްނޫން. ކުރާކަމެއް. އެގޮތުން ނަމަވެސް، އަޅުގަނޑުމެންގެ ބަސް މުއްސަނދި ކުރެވިދާނެ. އަދި އަޅުގަނޑުމެން ޒަމާނުއްސުރެ ލިޔެކިޔުމުގައި ބޭނުންކުރާ އުޞޫލުތައް އެއީ، އަބަދަކު އެއްގޮތަކަށް އޮންނަ އުޞޫލުތަކެއް ނޫން. އެއަށްވެސް ބަދަލު އާދޭ. އެކި ޒަމާނުގައި އެކިގޮތަށް. ތިޔަބޭފުޅުންނަށް އެކަން ވަރަށް ބޮޑަށް ވިސްނިވަޑައިގަންނަވާނެ. މިހާރު ކޮންމެ ރޯދަމަހެއްގައި މެންދުރުފަހުން އަޅުގަނޑުމެންނަށް އިވޭ ކީރިތި ރަސޫލާގެ ސީރަތު. އެއީ، ދިވެހިބަހަށް ވަރަށް އަރައިހުންނެވި އުސްތާޛަކު ލިޔުއްވާފައިވާ ސީރަތެއް. ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީން. އެޒަމާނުގެ އެންމެ ރީތި ދިވެހިބަހުން އޭނާ ލިޔުއްވާފައި ވަނީ. އެހެންނަމަވެސް، އޭގައިވާ ޢިބާރާތްތަކާއި މިހާރު އަޅުގަނޑުމެން ރީތިކޮށް ދިވެހިބަހުން ލިޔެއުޅޭ މީހުން ލިޔާ ޢިބާރާތްތަކާއި، ނޫސްނޫހުގައި މިހާރު މި ހުންނަ މަޒުމޫނުތަކުގައި ހުންނަ ޢިބާރާތްތަކާއި ނުވަތަ އަދަބީ މަޒުމޫނުތަކާއި، އަދަބީ އެހެން ލިޔުންތަކުގައި އެ ހުންނަ ޢިބާރާތްތަކާ ވަރަށް ތަފާތު. އެއީ، މައްސަލައެއް އޮތް ކަމެއްނޫން. ބަހުގެ ޤަވާޢިދަށް، އުޞޫލަށް، ޒަމާނާ އެއްގޮތްވާ ގޮތުގެމަތިން ބަދަލު އަތުވެދާނެ. އެހެންނަމަވެސް، އެ އަންނަންޖެހޭ ބަދަލު އަންނަންޖެހޭނީވެސް ވަކި ހަމަތަކެއްގެ މަތިން. އެއީ، އެ މީހަކު ބޭނުންހާ ގޮތަކަށް، އެ މީހަކު ހިތަށްއެރިހާ ގޮތަކަށް ބަދަލުކުރެވެން އޮތް ކަމެއްނޫން. މި ނުކުތާވެސް އަޅުގަނޑުމެން ދަންނަންޖެހޭނެ. އަދި ހަމަ އެއާއެކީގައި، ކުރިންވެސް ދެންނެވިފަދައިން، އަޅުގަނޑުމެންގެ އަމިއްލަބަހުން ރީތިކޮށް ވާހަކަދެއްކުމުގެ ޤާބިލިއްޔަތު އަޅުގަނޑުމެންގެ ޅަދަރިންނަށް، ކުޑަކުދިންނަށް އަޅުގަނޑުމެން ހޯދައިދޭންޖެހޭނެ.

ހަމަ އެއާއެކީގައި، އެހެން މީހުންނަށް އިޙުތިރާމްކުރުމާ އެކީގައި، އަދަބުވެރިކަމާ އެކީގައި ވާހަކަ ދައްކާނެ އުޞޫލުވެސް އަޅުގަނޑުމެން ދަސްކޮށްދޭން ޖެހޭނެ. ދިވެހިބަހުންވެސް އަދި އެނޫން ބަސްބަހުންވެސް. އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ކުދިންނަކީ އިނގިރޭސި ތަޢުލީމުގެ ކުދިން ކަމަށްވާތީ، އިނގިރޭސިބަހުން ވާހަކަ ދައްކަން އެ ކުދިންނަށް ފުދޭވަރަކަށް އެނގިދާނެ. އެހެންނަމަވެސް، އެކަމަކުން އަދި ނުފުދޭނެ. އަދަބުވެރިގޮތެއްގައި، ރީތިގޮތެއްގައި، މާތްބަހުން އިނގިރޭސިބަހުންވެސް ވާހަކަދައްކަން ކުދިންނަށް އަޅުގަނޑުމެން ދަސްކޮށްދޭން ޖެހޭނެ. އެހެން ދަންނަވަންޖެހޭ ސަބަބަކީ، ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑުމެންގެ ސްކޫލްތަކުގައި އިނގިރޭސިބަހުން ކިޔަވައިގެން ޖީ.ސީ.އީ. ނަގާ ކުދިންނަކީ ފުދޭވަރަކަށް އިނގިރޭސިބަހުން ވާހަކަ ދައްކާލަން އެނގޭ ކުދިބަޔަކަށްވާއިރުވެސް، އެ ކުދިންނަކަށްވެސް މާތް ބޭފުޅަކާ ދިމާވެއްޖިއްޔާ ނުވަތަ ޤަދަރުހުރި ބޭރުގެ ޢިއްޒަތްތެރިޔަކާ ދިމާވެއްޖިއްޔާ، އެ ބޭފުޅަކާ މުޚާޠަބުކޮށް އިނގިރޭސިބަހުން ރީތިކޮށް ވާހަކަ ދައްކާކަށް ނޭނގޭ. އެއީ، އަޅުގަނޑަށް ހަމަ ފެނިފައި ހުރި ތަނެއް މި ދެންނެވީ. ރާއްޖެއަށް ޒިޔާރަތް ކުރައްވާ ބައެއް ޢިއްޒަތްތެރިން އާދެ، ބައެއް ޤައުމުތަކުގެ ރައީސުން މާލެ ވަޑައިގެން އުޅުއްވާ އުޅުއްވުމުގައި، ބައެއް ތަންތަނަށް ވަޑައިގެން، ކިޔަވާކުދިންނާ ދިމާވާ މުނާސަބަތުތަކުގައިވެސް ބައެއް ކުދިންނާ ވާހަކަފުޅު ދައްކަވައިލައްވައި ހައްދަވާ. ބައެއްފަހަރަށް އަޅުގަނޑަށް އެބަޖެހޭ، އެ ބޭފުޅެއްގެ އަރިހުގައި ހުންނަން. އެހެންވީމާ، އެ ބޭފުޅަކު އެ ކުރައްވާ ސުވާލަކާއި، އެ ކުއްޖަކު އެ ދޭ ޖަވާބެއް އަޅުގަނޑަށް އިވޭ. އަޅުގަނޑު ވަރަށް ހިތާމަކުރަން. ރީތިކޮށް، އަދަބުވެރިކޮށް އެއްޗެއް ދަންނަވާކަށެއް، އެކުދިންނަކަށް ގިނަފަހަރަށް ނޭނގޭ. އެންމެ ކުޑަމިނުން އިނގިރޭސި ބަހުގައި "ސަރ" މިހެން ބުނެލަންވެސް ނޭނގޭ. ވަރަށް ކުޑަކުޑަ އެއްޗެއް އެއީ. އެކަމަކު ސްކޫލްތަކުގައި ކިޔަވައިދޭން ޖެހޭނެ. ސްކޫލްގެ ޓީޗަރަކާ ވާހަކަ ދައްކާއިރުވެސް، ކޮންމެ ކުއްޖަކުވެސް "ސަރ" ބޭނުންކުރަންޖެހޭ. އަދި އެހެން ބޭފުޅަކާ ބައްދަލުކޮށް ވާހަކަ ދައްކާއިރުވެސް އެ ބޭނުންކުރަންޖެހޭ. އަދި އެކި ޤައުމުތަކުގެ ވެރިންނާއި، އެ ފެންވަރުގެ ބޭފުޅުންނާ ވާހަކަ ދައްކާއިރުވެސް އެންމެ ކުޑަމިނުން އެ ލަފްޒު ބޭނުންކޮށްލަންޖެހޭނެ. ނުވަތަ އެއަށްވުރެ އެކަށީގެންވާ އެހެން ލަފްޒެއްވެސް ބޭނުންކުރަންޖެހޭ ފަހަރު އަންނާނެ.

އެކަންތައްތައް އަޅުގަނޑުމެންނަށް އޮންނަނީ ހަނދާންނެތި ކޮށްލެވިފައި. ކުދިންނަށް ހަމައެކަނި ދަސްކޮށްދެވެނީ ބަސް. ނުވަތަ މާއްދާގައިވާ މަޢުލޫމާތު ދަސްކޮށްދޭއިރު، އެ ކުދިންނަށް އެ ބަސް ބޭނުންކުރަންވީ އުޞޫލާއި ހަމަތައް އޮންނަނީ ކިޔައިނުދެވި. އަޅުގަނޑު ހިތުން އެއީ، ސްކޫލްތަކުގެ މުޤައްރަރުގައި ހުންނަ އުނިކަމަކަށްވެސް ވެދާނެ. އެހެން ކަމަށްވަންޏާ އަޅުގަނޑު އެދެނީ، މިނިސްޓަރ އޮފް އެޑިޔުކޭޝަން އެކަމަށް ތަންކޮޅެއް ބޮޑަށް ސަމާލުކަން ދެއްވައިގެން، މުޤައްރަރަށްވެސް އެބައި އިތުރުކުރައްވަން. އަދި ސްކޫލްތަކަށް އަންގަވައިގެންވެސް، ކުދިންނަށް ރަނގަޅަށް ވާހަކަދައްކަން ދަސްކޮށްދެއްވުމަށްޓަކައި އިތުރު މަސައްކަތްޕުޅެއް ކުރެއްވުން.

އާދެ. އެމް.އީ.އެސް.ގެ ދަރިވަރުންނަކީ، ވަރަށް ގިނަ ކާމިޔާބީތައް ހޯދާފައިވާ ކުދިބައެއްކަން އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެނގޭ. އަދި އެމް.އީ.އެސް.ގެ ދަރިވަރުންނަކީ ޒިންމާދާރު ރައްޔިތުންތަކެއް ކަމުގައި ހެއްދެވުމަށް ޤަޞްދުކުރައްވާ ވާހަކަ، ސްކޫލްގެ މަސްއޫލު އެއް ވެރިއެއް ކަމުގައިވާ އަލްފާޟިލް އަޙްމަދު ޒާހިރު ދެންމެ ވިދާޅުވެއްޖެ. އެއީ، އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރާ ކަމެއް. އެއީ، ޙަޤީޤަތުގައިވެސް އަޅުގަނޑުމެންނަށް ދިމާވެފައިވާ އެންމެބޮޑު އެއް މައްސަލައަކީ. އަޅުގަނޑުމެންގެ ޒުވާނުންގެތެރެއިން ވަރަށް ގިނަ ބަޔަކީ ޒިންމާދާރު ބަޔަކަށް ނުވާކަން. އެ މީހުން އުޅޭއިރު، ޤައުމަށް ފައިދާހުރީ ކޮންގޮތެއްގައިކަން ނުބަލައި، އެ މީހަކު ބޭނުންގޮތަކަށް އެ ވަގުތަކު މަސައްކަތް ކުރަމުން ނުވަތަ ޢަމަލުކުރަމުންދާކަން. އޭގެތެރެއިން ވަރަށް ގިނަބަޔަކު އެއްވެސް މަސައްކަތެއް ނުކޮށް އެބައުޅޭ. އެއީވެސް ޙަޤީޤަތުގައި އެކަންވާންވީ ގޮތެއްނޫން. އެ ކުދިންގެ ބައްޕަމެންނަކީ މުއްސަނދި ބަޔަކު ކަމުގައިވިޔަސް، ނުވަތަ އެ ކުދިން މަސައްކަތެއް ނުކޮށް ތިއްބާ، އެ ކުދިންނަށް ކާންބޯންދީ އަދި އެ ކުދިންގެ ބޭނުންތައް ފުއްދައިދޭ ބަޔަކު ތިބިކަމުގައިވިޔަސް، އެ ކުދިން ޖެހޭނެ އުފެއްދުންތެރި މަސައްކަތެއް ކުރަން. އެ ކުދިންގެ ޙިއްޞާ ޤައުމަށް ދޭންޖެހޭނެ. އެއީ، ޒިންމާދާރުވުމަކީ. އަދި އެމީހަކު އެކުރާ ކަމެއްގައި އެކުލެވޭ ނުބަޔާއި، ރަނގަޅުގެ މައްޗަށް ވިސްނާފައި، ތިމާގެ އަމިއްލަ ނަފްސަށް އެކުރާ ކަމަކުން ރަނގަޅެއްވިޔަސް، ފައިދާއެއް ލިބުނަސް ޤައުމަށް އެއިން ނުބައި އަސަރެއް ކުރާ ކަމުގައިވަންޏާ އެކަމުން ދުރުހެލިވުން، އެވެސް ޒިންމާދާރު ރައްޔިތެއްގައި ހުންނާނެ ސިފައެއް. އެފަދަ ސިފަތައް އަޅުގަނޑުމެންގެ ޒުވާނުންނަށް ދަސްކޮށްދެއްވުމަކީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑު އެހެން ދަންނަވަންޖެހޭ ސަބަބަކީ، އަޅުގަނޑުމެންގެ ތެރޭގައި ހިމެނޭ ވަރަށް ގިނަ ކުޑަކުދިންވެސް އަދި ޒުވާނުންވެސް، އެ ކުދިންގެ ޢަމަލުތައް ހުންނަގޮތުން އަޅުގަނޑުމެންނަށް އެ ކުދިންނާ ދޭތެރޭގައި މާބޮޑަށް އަޅައިނުލެވި ތިބިކަން ދޭހަވާތީ.

އާދެ، ހަމަ ޙަޤީޤީ މިސާލެއް މި ދަންނަވަނީ. އިހަކަށް ދުވަހަކު ހަމަ ޢުމުރުން ހަތަރު ފަސް އަހަރުގެ ދެކުއްޖަކު ގެއިން ބޭރަށް ނުކުމެ، ސަރުކާރުގެ ފަރާތުންނާއި އަދި އަމިއްލަ ފަރާތްތަކުން މާލޭގެ އެކި ދިމަދިމާގައި އިންދާފައިވާ ގަސްތައް ނޮޅައި، އުފުރައި މިހެން ހަދާކަން އަޅުގަނޑަށް އެނގުނު. އެ ކުދިން ބަލަހައްޓާނެ މީހަކު ނެތް. އެކުދިންގެ ކުށެއް ނޫން. އެހާ ޅަޢުމުރެއްގައި ނުވިސްނޭނެ. އެހެންނަމަވެސް، އެ ކުދިންގެ މައިންބަފައިންނާއި ބެލެނިވެރިން އެ ކުދިން ރަނގަޅަށް ބަލަހައްޓާނަމަ، އެއްގޮތަކަށްވެސް އެކަހަލަ ކަމެއް ދިމައެއްނުވާނެ.

ހަމަ އެފަދައިން، ވަރަށް ޅަޢުމުރުގެ ކުދިން އެބަތިބި، ބޭރަށް ނުކުމެ، އެހެން މީހުންނަށް އުދަނގޫކުރާ، ޖެއްސުންކުރާ އަދި ވައްކަންކޮށްހަދާވެސް. ޅަޢުމުރުގެ ގިނަ ކުދިންތަކެއް، އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި. އެއީވެސް ވަރަށް ހިތާމަހުރި ކަމެއް. އެކަން އެހެން ވާންޖެހެނީވެސް، އެ ކުދިންނަކީ ޒިންމާދާރު ބަޔަކަށް ހެދުމަށް އަޅުގަނޑުމެންނަށް މަސައްކަތް ނުކުރެވޭތީ. އެ މަސައްކަތް ނުކުރެވެނީ، ވަކިފަރާތަކަށޭ އަޅުގަނޑު ނުދަންނަވާނަން. އެ މަސައްކަތް ނުކުރެވެނީ ހަމަ އެންމެންނަށްވެސް. އެކަމާ ބެހޭގޮތުން އެމީހަކު ކުރަންޖެހޭ މަސައްކަތެއް، އެއްވެސް މީހަކަށް ނުކުރެވެނީއޭ، އަޅުގަނޑަށް ދަންނަވަންޖެހެނީ. އެކަމާ ދޭތެރޭގައި އަޅުއްވަންޖެހޭ ފިޔަވަޅުތައް، ސަރުކާރުގެ ފަރާތްތަކަށްވެސް ނޭޅުއްވެނީ. އަދި އެ ކުދިންނާ ދޭތެރޭގައި ބަހައްޓަންޖެހޭ ގޮތްތައް މައިންބަފައިންނަށްވެސް ނުބެހެއްޓެނީ. އެ ކުދިން ބަލަންޖެހޭވަރަށް ނުބެލެނީ. އެ ކުދިންނަށް އިރުޝާދުދީ، އެ ކުދިން އިޞްލާޙުކޮށް، ތަރުބިއްޔަތު ކުރުމަށް ދޭންޖެހޭ އަހަންމިއްޔަތު ސްކޫލްތަކަށްވެސް ނުދެވެނީ. އޭގެ ނަތީޖާއަކަށްވަނީ، ވައްކަންކުރާ، މި ދެންނެވި ފަދަ ޅަޢުމުރުގެ ކުދިން، 11، 12، 13 އަހަރުގެ ކުދިން މާލޭގައި އެބައުޅޭކަން. އެހާ ޅަޢުމުރުގެ ކުދިބަޔަކު، މަގުން ކައްސާލައިގެން އެހެން ދާންޖެހޭނީ ވަރަށް ބޮޑެތި ސަބަބުތަކެއް ހުރެގެން. އެހެންވީމާ، އަޅުގަނޑު ވަރަށް އުފާކުރަން، ދެންމެ އަޙްމަދު ޒާހިރު އެވިދާޅުވި ގޮތުގެމަތިން، ސްކޫލުން ކަންތައްތައް ގެންދަވަން ޤަޞްދުކުރައްވާ ވާހަކަ ވިދާޅުވީތީ.

އަޅުގަނޑު އެދެނީ އެހެން ސްކޫލްތަކުންވެސް ނުކުންނަ ކުދިންނަކީ ޒިންމާދާރު ބައެއް ކަމުގައި ހެއްދެވޭތޯ ބެއްލެވުމަށް. އާދެ، އެމް.އީ.އެސް. ސްކޫލުންވެސް އެފަދަ ވަރަށް ގިނަ ކުދިން މިހާރުވަނީ އުފައްދާފައި، އަޅުގަނޑުމެންގެ ޢަމަލީ ޙަޔާތަށް ނުކުމެފައި. އޭގެތެރެއިން، އެމް.އީ.އެސް.ގައި ވަރަށް ފާހަގަކޮށްލެވުނު ކުއްޖެއްގެ ވާހަކަ، އާދެ، ކުރީގެ ދަރިވަރެއް. އެހެންނަމަވެސް، މިހާރު އަޅުގަނޑުގެ އޮފީހުގެ މުވައްޒަފެއްގެ ވާހަކަ ދަންނަވާލަންޖެހޭ. އާދެ، އަމީން އިބްރާހީމް. އަޅުގަނޑު ދަންނަވާނީ، އެމް.އީ.އެސް.އިން އުފެއްދި ވަރަށް ހަރުދަނާ ދަރިޔެކޭ އޭނާ އެއީ. އެފަދަ ކުދިން އަޅުގަނޑުމެން އުފައްދައި، ޤައުމަށް ފައިދާހުރި، ތެދުވެރި އަދި އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރާ ގިނަ ކުދިންތަކެއް އުފެއްދުމަކީ، އަޅުގަނޑު ހިތުން ހުރިހާ ސްކޫލްތަކަކުންވެސް ވަރަށް ބޮޑަށް ކުރަންޖެހޭނެ މަސައްކަތެއް.

އާދެ، މި ސްކޫލުން ކުރައްވާ ޚިދުމަތް ސަރުކާރުން ވަނީ ފާހަގަކޮށްފައި. އޭގެ އެއް ހެތްކެއް، 1985 ވަނަ އަހަރު ޖަމާޢަތަށް ފައިދާހުރި ޚިދުމަތް ކުރުމުގައި، ތަޢުލީމުގެ ރޮނގުން މި ސްކޫލްގެ ޕްރިންސިޕަލް، އޭރުގެ އެސިސްޓެންޓް ޕްރިންސިޕަލް އަލްފާޟިލް ޢަލީ މުޞްޠަފާއަށް އަރުވާފައިވާ ހިތްވަރުދިނުމުގެ އިނާމު. ޝައްކެއްނެތް، އެއިންވެސް ދޭހަވަނީ، އަލްފާޟިލް ޢަލީ މުޞްޠަފާ ތަޢުލީމަށް ކުރައްވަމުން ގެންދަވާފައިވާ ބުރަ މަސައްކަތް. ހަމަ އެއާއެކުގައި، އެމް.އީ.އެސް. ސްކޫލުން ރާއްޖޭގެ ތަޢުލީމަށް ކުރަމުން ގެންގޮސްފައިވާ ޚިދުމަތް.

އާދެ، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލާނީ، އެމް.އީ.އެސް.އަށް އިތުރު ތަރައްޤީއާއި ކުރިއެރުމަށް އެދެމުން. އެމް.އީ.އެސް.ގެ ހީވާގި ޕްރިންސިޕަލަށާއި، މަސްއޫލުވެރިންނަށާއި އަދި
އެ ބޭފުޅުންގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރައްވަން ތިއްބެވި ހިންގުންތެރިންނަށްވެސް ކާމިޔާބީއަށް އެދެމުން. ހަމަ އެއާއެކީގައި، އެމް.އީ.އެސް.ގެ ލޮބުވެތި ޠާލިބުންނާއި ޠާލިބާއިންނަށް ވަރަށް އުފާވެރި، ބާއްޖަވެރި، ހުރިހާ ގޮތަކުންވެސް އެ ކުދިން ހިތްހަމަޖެހޭ މުސްތަޤްބަލެއް ﷲ ދެއްކެވުން އެދި ދުޢާކުރަމުން.

والسّلام عليكم ورحمـة اللّـه وبركاته.