بســم اللّـه الرّحمـن الرّحيــم
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، والصّـلاة وَالسّلام علـى أشرف المرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.
އާދެ، އަޅުގަނޑުމެންގެ ރާއްޖޭގެ ވެރިކަންކުރާ ރަށުގައި، މާލޭގައި މިއަދު މި ހުޅުވޭ އިޖުތިމާޢީ ތަޢުލީމުދޭ މަރުކަޒަކީ ނުވަތަ މޯލްޑިވްސް ސެންޓަރ ފޮރ ސޯޝަލް އެޑިޔުކޭޝަނަކީ ވަރަށް މުހިންމު ބޭނުންތަކެއް ފުއްދުމަށްޓަކައި ހުޅުވޭ މަރުކަޒެއް. ޤައުމުގެ ތަރައްޤީގައި އެންމެ އިސްކަންދޭންޖެހިފައި ވަނީ މީހުން ބިނާކުރުމަށް. އިންސާނީ މުއްސަނދިކަން ތަރައްޤީކުރުމަށް. އިންސާނުންގައި އެކި ކަންތައްތައް ކުރުމަށް ބޭނުންވާ ޤާބިލިއްޔަތު އުފެއްދުމަށް. ތަރައްޤީގެ އަޞްލަކީވެސް އިންސާނުން. ތަރައްޤީއަށް ވާޞިލްވާ މަގު ކޮށައިދެނީވެސް އިންސާނުން. އަދި ތަރައްޤީގެ މޭވާ ޙާޞިލްކުރަން ތިބޭ ބަޔަކީވެސް ހަމަ އިންސާނުން. އެހެންކަމުން، އިންސާނުން ބިނާކުރުމަކީ ނުވަތަ މީހުން ބިނާކުރުމަކީ ނުވަތަ ޤައުމުގެ އަފްރާދުންގައި ޤައުމަށް ޚިދުމަތްކޮށް، ޤައުމު ތަރައްޤީކުރުމަށް ބޭނުންވާ ޤާބިލިއްޔަތާއި ހުނަރުވެރިކަން އުފެއްދުމަކީ ޝައްކެއްނެތްގޮތުގައި، ވަރަށްވެސް މުހިންމު ކަމެއް.
އާދެ، އެ މުހިންމު ބޭނުން ފުއްދުމަށްޓަކައި ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ގުޅިގެން ރާއްޖޭގައި މި މަރުކަޒު މި ޢިމާރާތްކުރީ. އަދި މާތްﷲގެ ވާގިފުޅާއެކުގައި، މިއަދު އެ މަރުކަޒު މި ހުޅުވެނީ. އިންސާނުން ބިނާކުރުމުގައި އެންމެ މުހިންމުކަން ދޭންޖެހޭ ބަޔަކީ، ޝައްކެއްނެތްގޮތުގައި، ޤައުމުގެ ޒުވާނުން. ހެޔޮގޮތުގައި ޒުވާނުން ބިނާކުރެވިއްޖެނަމަ، ޤައުމުގެ މުސްތަޤްބަލް އޮންނާނީ ވަރަށްވެސް އަލިކޮށް. ޤައުމުގައި ހަމަޖެހުމާއި ކުރިއެރުމުގެ ވަސީލަތްތައް އޮންނާނީ ޤާއިމުކުރެވިފައި. އެއީ، ޤައުމުގެ ސަލާމަތާއި ދެމިއޮތުމަށް ވަރަށްވެސް ބޭނުންތެރި ކަމެއް.
އާދެ، މި އަހަރަކީ ރާއްޖޭގައި ޒުވާނުންގެ އަހަރުގެ ގޮތުގައި ފާހަގަކުރެވޭވެސް އަހަރު. އެހެންކަމުން، އިޖުތިމާޢީ ތަޢުލީމު ދިނުމުގެ މިފަދަ މަރުކަޒެއް މި އަހަރު ހުޅުވޭކަމީ ޝައްކެއްނެތްގޮތުގައި، ޒުވާނުންގެ ކުރިއެރުމަށާއި ތަރައްޤީއަށް އެޅޭ ވަރަށްބޮޑު ބާރަކަށްވާނެ. އަޅުގަނޑުމެންގެ ޒުވާނުންނަކީ ޤައުމުގެ ނިސްބަތުން ވަރަށްގިނަ ބައެއް. އާދެ، އެކި ބޭފުޅުން އެކި މުނާސަބަތުތަކުގައި ފާހަގަކުރައްވާފައިވާ ފަދައިން، ރާއްޖޭގެ ރައްޔިތުންނަކީ ވަރަށް ޒުވާން ބައެއް. އަޅުގަނޑުމެންގެ ތެރޭގައި ގިނައީ ޅަކުދިންނާއި ޒުވާނުން. އެހެންކަމުން، ޅަކުދިންނާއި ޒުވާނުން ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް، އެމީހުންގެ ފަރާތުން ޤައުމަށް ބޭނުންވާ ހުރިހާ ޚިދުމަތްތަކެއް ލިބިދެވޭގޮތް އިންތިޒާމުކޮށް، އެކަމާބެހޭ ރޭވުންތައް ރާވައި، ޕްރޮގްރާމްތައް ހިންގުމަކީ ޤައުމުގެ ތަރައްޤީއަށް ވަރަށް މުހިންމު ކަމެއް ކަމުގައި ވާނެ.
އާދެ، އަޅުގަނޑުމެންގެ ޒުވާނުންގެ ތެރޭގައި ވަރަށް ބޭނުންތެރި މަސައްކަތްތަކެއް ކުރާ، މުހިންމު އެކިއެކި ރޮނގުތަކުގައި ޚިދުމަތްކުރާ ވަރަށްގިނަ މީހުން އެބަތިބި. ޙަޤީޤަތުގައި ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ކުރިއެރުން މިއަދު މިއޮތީ ޒުވާނުންގެ އަތްމަތީގައި. ރާއްޖޭގެ ތަޢުލީމީ ދާއިރާގަޔާއި، ޞިއްޙީ ދާއިރާގައާއި ރާއްޖޭގެ އިޤްތިޞާދާއި، ވިޔަފާރީގެ ދާއިރާގައިވެސް އެންމެ ޙަރަކާތްތެރި ގޮތެއްގައި މަސައްކަތްކުރަމުން މިހާރު ގެންދަނީ ޒުވާނުން. އެކަން އެހެން އޮތުމާއެކު، އަޅުގަނޑުމެންގެ މި ތަރައްޤީ މިގޮތަށް ދެމެހެއްޓުމަށްޓަކައި، އަދި މިހާރަށްވުރެވެސް ހަލުވިކޮށް، ތަރައްޤީގެ މަގުގައި އަޅުގަނޑުމެންނަށް ފިޔަވަޅުތަކެއް އެޅޭނީ، މުސްތަޤްބަލްގައި މި ޚިދުމަތްތައް އަދާކުރަން ތިބޭނެ އަދި މިބުރަ މަސްއޫލިއްޔަތު އުފުލަން ތިބޭނެ މީހުން އުފެއްދުނު މިންވަރަކުން.
އާދެ، އެހެންކަން ސަރުކާރަށް ޔަޤީންކުރެވޭތީ، އިޖުތިމާޢީ ތަޢުލީމު ދިނުމުގެ މަރުކަޒެއް މި ބިނާކުރެވުނީ. ތިޔަބޭފުޅުންނަށް އެނގިވަޑައިގެންފައި އޮންނާނޭ ފަދައިން، މި މަރުކަޒުގައި މިދެންނެވި މަޤްޞަދު ޙާޞިލްކުރުމަށްޓަކައި، އާދެ، އިންސާނީ މުއްސަނދިކަން ތަރައްޤީކޮށް، މީހުން ބިނާކުރުމަށްޓަކައި، ގިނަ ޙަރަކާތްތަކެއް ހިންގޭގޮތަށް މި މަރުކަޒު ވަނީ ތައްޔާރުކުރެވިފައި. އެކިއެކި ޓްރޭނިންގ ކޯސްތައް ބާއްވާނެ ކްލާސްރޫމްތަކާއި، މަސައްކަތު ބައްދަލުވުން ބާއްވާނެ ކޮޓަރިތަކާއި، އެކިއެކި ޖަލްސާތައް ބާއްވައި، މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންދާނެ ކޮޓަރިއަކާއި އަދި އެކިއެކި ބަސްބަސް ދަސްކޮށްދޭނެ، އެކަމާބެހޭ އެންމެ މިޒަމާނުގެ ފަސޭހަތައް ހަމަޖެހިފައިވާ ކޮޓަރިއަކާއި އަދި އޭގެއިތުރުން، ޒުވާނުންގެ ތަރައްޤީގައި ކުޅިވަރަކީ ވަރަށް މުހިންމު އެއްޗަކަށްވާތީ، ކުޅިވަރު ކުޅެވޭނެ އިންތިޒާމުތަކާއި، މި ހުރިހާ ކަމެއް ވަނީ މި ޢިމާރާތުގެ ތެރޭގައި ކުރިއަށް ގެންދެވޭ ގޮތަށް ހަމަޖެހިފައި.
އާދެ، މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ ވާހަކަފުޅުގައި އިޝާރާތްކުރެއްވި ފަދައިން، މިކަހަލަ ތަނެއް ޢިމާރާތްކުރުމުގެ ހަމައެކަނި ބޭނުމަކީ، މިތާނގައި ކޯސްތަކެއް ހިންގުމެއް ނޫން. ނުވަތަ އެކިއެކި ކުޅިވަރުތައް ކުޅުމެއް ނޫން. އޭގެ އިތުރުން، އަޅުގަނޑުމެންގެ އިޖުތިމާޢީ ދިރިއުޅުން ކުރިޔަށް ގެންގޮސް، އެގޮތުން ރައްޔިތުންގެ ބޭނުންތައް ފުއްދުމަށް ބޭނުންވާ އެހެނިހެން ޙަރަކާތްތައް ހިންގާ މަރުކަޒަކީ މިފަދަ ތަނެއް ކަމުގައިވުން އެއީވެސް މި މަރުކަޒު ބިނާކުރުމުގައި އަދި ޢިމާރާތްކުރުމުގައި އަދި މިއަދު ހުޅުވުމުގައި ސަރުކާރުން ވަރަށް އިސްކަންދޭން ޖެހިފައިވާ ކަމެއް.
އާދެ، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، މި މަރުކަޒަކީ ޖަޕާން ސަރުކާރުގެ ހިލޭއެހީގައި އަޅުގަނޑުމެންނަށް ހައްދަވައިދެއްވާފައިވާ ތަނެއް. ޖަޕާން ސަރުކާރަކީ، ރާއްޖޭގެ އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީގައި ވަރަށް މުހިންމު ޙިއްޞާއެއް އަދާކުރައްވާ ފަރާތެއް. ރާއްޖޭގެ ކުރިއެރުމުގެ ތަފާތު މަޝްރޫޢުތަކުގައި ޖަޕާން ސަރުކާރުގެ ހިލޭއެހީ ލިބިފައި ވަނީ ވަރަށް ދީލަތިގޮތެއްގައި.
އާދެ، އަޅުގަނޑުމެންގެ ތަޢުލީމީ މައިދާނުގައި ޖަޕާން ސަރުކާރުގެ އެހީއަކީ ފާހަގަކޮށްލެވޭ ކަމެއް. ރާއްޖެތެރޭގައި ޖަޕާން ސަރުކާރުގެ ހިލޭއެހީގައި 15 މަދަރުސާ ޢިމާރާތް ކުރެވިފައިވާކަމާއި، މާލޭގައިވެސް އިބްތިދާއީ ތަޢުލީމުގެ ވަރަށް ފުރިހަމަ މަދަރުސާއެއް ޢިމާރާތް ކުރެވިފައިވާކަން މިކަމުގެ ހެތްކެއް ކަމުގައި ފުދޭ. އޭގެ އިތުރުން، އަޅުގަނޑުމެންގެ އިޤްތިޞާދީ ތަރައްޤީގައި ކުރަމުންގެންދާ ތަފާތު މަސައްކަތްތަކުގައިވެސް ޖަޕާން ސަރުކާރުގެ އެހީ ލިބިފައިވަނީ އެހާވެސް މަތިވެރި ދަރަޖައަކަށް.
އާދެ، އަޅުގަނޑުމެންގެ މުވާޞަލާތު ތަރައްޤީކުރުމުގެ އެންމެ މުހިންމު މަޝްރޫޢެއް ކަމުގައިވާ ޓެލެކޮމިއުނިކޭޝަން ޕްރޮޖެކްޓްގެ ހަތަރު މަރުޙަލާވެސް އަޅުގަނޑުމެންނަށް ކަޑައްތުކުރެވިފައި މިވަނީ ޖަޕާން ސަރުކާރުގެ ހިލޭއެހީގައި. އަދި މާލޭގެ ދެކުނު ފަރާތުގައި ލެވިފައިވާ ކަނޑުތޮށި އެއީވެސް ޖަޕާން ސަރުކާރުގެ ހިލޭއެހީގައި ލެވިފައިވާ ތޮށްޓެއް. މީގެ އިތުރުން، އަޅުގަނޑުމެންގެ މަސްވެރިކަން ތަރައްޤީކޮށް ކުރިއަށް ގެންދިޔުމުގައި ޖަޕާން ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތަކަކީވެސް މިފަދަ މުނާސަބަތެއްގައި އަޅުގަނޑުމެންނަށް ހަނދާންނައްތައިލެވޭފަދަ އެހީއެއް ނޫން. އެއަށްވުރެ މާދީލަތި، މާފުރިހަމަ، މާބޮޑު އެހީއެއް އެއީ.
އާދެ، އިއްޔެނޫން އިހަށްދުވަހު، ހައްދުންމަތީ މާންދޫގައި ރަސްމީގޮތުން އެ ފެށުނު މަސްވެރިކަން ތަރައްޤީކުރުމުގެ މަޝްރޫޢުގެވެސް ވަރަށްބޮޑު ބައެއް ޙިއްޞާކުރައްވަނީ ޖަޕާން ސަރުކާރުން. މީގެ އިތުރުން، ރާއްޖޭގައި ޖަޕާނުގެ ރައްޔިތުން އަޅުގަނޑުމެންނަށް ތަފާތު ޚިދުމަތްތައް އަދާކޮށްދިނުމަށްޓަކައި މާލޭގައި އެބަ ތިއްބެވި. ތަޢުލީމީ ދާއިރާގައި، ޞިއްޙީ ދާއިރާގައި. އަދި އެނޫން ދާއިރާތަކުގައިވެސް ޖަޕާން ސަރުކާރުގެ އަދި ޖަޕާނުގެ ރައްޔިތުންގެ އެހީ އަޅުގަނޑުމެންނަށް ލިބެމުން ދަނީ އަޅުގަނޑުމެން އެކަމަށްޓަކައި ވަރަށް ބޮޑަށް އުފާކޮށް، ޖަޕާން ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރުވެރިވާން ޖެހޭފަދަ މިންވަރަކަށް. އޭގެ އިތުރުން، ކާބޯތަކެތީގެ އެހީއާއި، ތަފާތު ގޮތްގޮތުން ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ ކަންތައްތައް ފުއްދައިދިނުމުގައި، ޖަޕާން ސަރުކާރުން ގެންގުޅުއްވާ ރަޙްމަތްތެރިކަމުގެ ސިޔާސަތަކީ، އަޅުގަނޑުހިތުން މިއަދު ދިވެހި ސަރުކާރާއި ރައްޔިތުން ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކުރަންޖެހޭނެ ކަމެއް.
އާދެ، އެހެންކަމުން، މި މުނާސަބަތުގައި އަޅުގަނޑުމެންގެ މި އިޖުތިމާޢީ ތަޢުލީމުދޭ މަރުކަޒު ބިނާކުރުމުގައި އަދި އެ މަރުކަޒު އަޅުގަނޑުމެންނަށް ހަދިޔާކުރެއްވުމުގައި ޖަޕާން ސަރުކާރާއި ރައްޔިތުން ދިވެހިރާއްޖެއަށާއި، ދިވެހި ރައްޔިތުންނަށް ކޮށްދެއްވާފައިވާ މަތިވެރި ޚިދުމަތަށްޓަކައި ޖަޕާން ސަރުކާރަށާއި، ޖަޕާނުގެ ރައްޔިތުންނަށް ތިޔަ ހުރިހާ ބޭފުޅުންގެ ނަމުގައި އާދެ، ދިވެހި ސަރުކާރާއި، ދިވެހި ރައްޔިތުންގެ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.
އާދެ، އަޅުގަނޑުމެންގެ ތެރޭގައި މިއަދު މި އިންނެވި ޖަޕާނުގެ ސަފީރު މިސްޓަރ އިސާ މުނީޓާ، އަޅުގަނޑުމެންގެ ރާއްޖޭގައި ގާތްގަނޑަކަށް ދެ އަހަރާއި ބައި ހޭދަކުރެއްވުމަށްފަހު، އޭނާ މިވަގުތު ވަޑައިގެން އެ އުޅުއްވަނީ، އޭނާގެ ވަދާޢީ ޒިޔާރަތުގައި. އޭނާއަކީ ދިވެހިރާއްޖެއާއި ޖަޕާނާ ދޭތެރޭގައި އޮތް ރަޙްމަތްތެރިކަމާއި އެއްބާރުލުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށްޓަކައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް. އެކަމުގެ ހެކިތައް، މި ވޭތުވެދިޔަ ދެތިން އަހަރުގެ ތެރޭގައި އަޅުގަނޑުމެންނަށް ވަނީ ފެނިފައި. އަދި ވަރަށް ޚާއްޞަގޮތެއްގައި، އަޅުގަނޑު ފާހަގަކޮށްލާ ކަމަކީ، އޭނާގެ މި ވަދާޢީ ޒިޔާރަތުގައި، އަޅުގަނޑުމެންގެ ރާއްޖޭގެ ތަރައްޤީއަށްޓަކައި ފުރިހަމަކުރެވޭ އެއް މަޝްރޫޢު ނިންމަވައިދެއްވައި އަދި ރާއްޖޭގެ ތަރައްޤީއަށްޓަކައި ފެށޭ އެހެން މަޝްރޫޢެއް ފަށްޓަވައިދެއްވިކަން.
އާދެ، އިއްޔެނޫން އިހަށްދުވަހު ފެށުނު މަސްވެރިކަމުގެ ތަރައްޤީގެ މަޝްރޫޢު ފަށްޓަވައިދެއްވުމާއި، އަޅުގަނޑުމެންގެ މި މޯލްޑިވްސް ސެންޓަރ ފޮރ ސޯޝަލް އެޑިޔުކޭޝަންގެ މަސައްކަތް މުޅިން ނިމި، މި ސެންޓަރު ހުޅުއްވައިދެއްވުމާއި، މި ކަންތައް ހަމަޖެހިގެން އެދިޔައީ، އޭނާގެ ވަދާޢީ ޒިޔާރަތުގައި. އާދެ، އެކަން އަޅުގަނޑު ފާހަގަކޮށް، ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާ ދޭތެރޭގައި އޮންނަ ގުޅުމާއި، ޢާންމުކޮށް ދަންނަވަންޏާ، ދިވެހި ރައްޔިތުންނާއި ޖަޕާން ރައްޔިތުންނާ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރައްވައި ބަދަހިކުރެއްވުމަށް ޚުދު އޭނާ ކުރައްވާފައިވާ އިޚްލާޞްތެރި މަސައްކަތްޕުޅަށްޓަކައި އަޅުގަނޑު ޖަޕާނުގެ ސަފީރަށް އާދެ، މިސްޓަރ އިސާ މުނީޓާއަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.
މި މަޝްރޫޢު ކުރިއަށް ގެންދިޔުމުގައި ތަފާތު ވަރަށްގިނަ ފަރާތްތަކުގެ އެހީއާއި އެއްބާރުލުން ވަނީ ލިބިފައި. އާދެ، މި މަޝްރޫޢުގެ އާރކިޓެކްޓުންނަކީ އަދި ކޮންސަލްޓަންޓުންނަކީ، މޯރީ އާރކިޓެކްޓް އެންޑް އެސޯސިއޭޓްސް. އެ ކުންފުންޏަކީ ރާއްޖެއަށް އާ ބައެއްނޫން. މޯރީ އާރކިޓެކްޓްގެ ރައީސް އެ ވިދާޅުވިފަދައިން، 1978ން ފެށިގެން އޭނާ އެ ގެންދަވަނީ ރާއްޖެއަށް ޒިޔާރަތް ކުރައްވަމުން. އަދި ކުރިން ދެންނެވި، ރާއްޖެތެރޭގެ ތަޢުލީމުގެ އެންމެ މުހިންމު މަޝްރޫޢު ކަމުގައިވާ ޖަޕާން ސަރުކާރުގެ އެހީގައި، ރާއްޖެތެރޭގައި ޢިމާރާތް ކުރެވިފައިވާ މަދަރުސާތައް ޢިމާރާތް ކުރުމުގައިވެސް އާރކިޓެކްޓުންގެ ބައި އަދި ކޮންސަލްޓަންޓުންގެ ބައި އަދާކޮށްފައި ވަނީ ހަމަ މި އިޖުތިމާޢީ ތަޢުލީމުދޭ މަރުކަޒުގެ އާރކިޓެކްޓުންނާއި ކޮންސަލްޓަންޓުން ކަމުގައިވާ މޯރީ އާރކިޓެކްޓްސް އެންޑް އެސޯސިއޭޓްސް. އެހެންކަމުން، އެފަރާތުން މިކަން ކޮށްދެއްވާފައިވާލެއް ފުރިހަމަކަމަށްޓަކައި، އެ ކުންފުނީގެ ޕްރެޒިޑެންޓް މިސްޓަރ މޯރީއަށާއި، އެ ކުންފުނީގެ ހީވާގި ހިންގުންތެރިންނަށާއި، ހުރިހާ މުވައްޒަފުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.
އާދެ، މި ޢިމާރާތް މިހާ ރީތި، މިހާ ފުރިހަމަ ޢިމާރާތެއްގެ ގޮތުގައި އަޅުއްވައިދެއްވާފައި ވަނީ ޖަޕާނުގެ އެހެން ކުންފުންޏަކުން. އާދެ، އެއީ، މިޓްސްވީ ކޮންސްޓްރަކްޝަން ކޮމްޕެނީ. އެއީވެސް އަޅުގަނޑުމެންނަށް އާ ކުންފުންޏެއް ނޫން. ރާއްޖޭގައި ޖަޕާން ސަރުކާރުގެ އެހީގައި ޢިމާރާތް ކުރެވިފައިވާ މަދަރުސާތައް ޢިމާރާތް ކުރެއްވީވެސް އެ ކުންފުނީގެ ފަރާތުން. އަދި އެނޫން އެހެން މުހިންމު މަޝްރޫޢުތައްވެސް އެ ކުންފުނިން ހިންގައިދީފައިވޭ. އެހެންކަމާއެކު، މިއަދުގެ މުނާސަބަތުގައި، އާދެ، އެ ކުންފުނީގެ ފަރާތުން އަޅުގަނޑުމެންގެ ރާއްޖޭގައި މި ޢިމާރާތް ކޮށްދެއްވި ސޯޝަލް އެޑިޔުކޭޝަން ސެންޓަރ ހުޅުވުމުގެ މުނާސަބަތުގައި، އެ ކުންފުނީގެ ފަރާތުން ދިވެހި ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް އެ ލިބުނު ޚިދުމަތަށްޓަކައި، އެ ކުންފުނީގެ ވެރިންނަށާއި މުވައްޒަފުންނަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
މި ޢިމާރާތުގައި ވަރަށް އަގުބޮޑު ތަފާތު މެޝިނަރީއާއި އިކްވިޕްމަންޓް އެބަހުރި. އެ ހުރިހާ އެއްޗެއް އަޅުގަނޑުމެންނަށް ގެނެސްދެއްވީ ޖަޕާނުގެ އެހެން ކުންފުންޏަކުން. އާދެ، އެއީ، ސީ. އީޓޯ އެންޑް ކޮމްޕެނީ. އެހެންވީމާ، އެ ކުންފުންޏަށްވެސް މިއަދުގެ މުނާސަބަތުގައި ޝުކުރު ދެންނެވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް ކަމުގައި ދަންނަވަން.
މި ޢިމާރާތް މިހާ ފުރިހަމަގޮތެއްގައި ނިމުމުގައި، އަޅުގަނޑުމެންގެ ރާއްޖޭގެވެސް ވަރަށްގިނަ ފަރާތްތަކެއްގެ ޚިދުމަތް އެކުލެވިފައިވޭ. އާދެ، އޭގެތެރެއިން އެއްފަރާތަކީ، މިނިސްޓްރީ އޮފް ޕަބްލިކް ވާރކްސް އެންޑް ލޭބަރ. މިނިސްޓްރީ އޮފް ޕަބްލިކް ވާރކްސް އެންޑް ލޭބަރއަކީ، އަޅުގަނޑުމެންގެ ތަރައްޤީގައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައިވާ އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ މިނިސްޓްރީއެއް. މާލޭގެ ބިން ހިއްކުމާއި، އިސްލާމީ މަރުކަޒު ޢިމާރާތްކުރުމާއި އަދި ރާއްޖެތެރޭގެ ރަށްރަށުގެ ފަޅު ފުންކުރުމާއި، މިބާވަތުގެ އެންމެ ބޮޑެތި މަސައްކަތްތައް، ސަރުކާރުގެ ފަރާތުން ހިންގަވާ ފަރާތަކީ، މިނިސްޓްރީ އޮފް ޕަބްލިކް ވާރކްސް އެންޑް ލޭބަރ. އެހެންކަމުން، އެމިނިސްޓްރީ ހިންގެވުމާ ޙަވާލުވެ ހުންނެވި މިނިސްޓަރ އަލްފާޟިލް ޢަބްދުﷲ ކަމާލުއްދީނަށާއި، އޭނާގެ އިރުޝާދުގެ ދަށުން އެ މިނިސްޓްރީގެ ކަންތައްތައް ހިންގަވާ އަދި މި މަޝްރޫޢުގެ ކަންތައްތައް ހިންގަވާ އިސް ވެރިންނަށާއި، ހުރިހާ މުވައްޒަފުންނަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު އަޅުގަނޑު ޝުކުރު ދަންނަވަން.
އާދެ، ބޭރުން ރާއްޖެއަށް ލިބޭ އެހީގެ ކަންތައްތައް ބަލަހައްޓަވައި އަދި އެކަމާ ބެހޭގޮތުން އިންތިޒާމު ކުރައްވަންޖެހޭ ކަންތައްތައް އިންތިޒާމު ކުރައްވާ ފަރާތަކީ، އަޅުގަނޑުމެންގެ ބޭރާބެހޭ ވުޒާރާ. އާދެ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް. އެހެންކަމުން، މި މަޝްރޫޢު ކުރިއަށް ގެންދިޔުމުގައިވެސް އެ މިނިސްޓްރީގެ ފަރާތުން ލިބިފައިވާ އެހީތަކަށްޓަކައި، އެ މިނިސްޓްރީގެ މިނިސްޓަރ އަލްއުސްތާޛު ފަތުޙުﷲ ޖަމީލް މިއަދު މި ޖަލްސާގައި ވަޑައިގެން ނެތް ކަމުގައިވިޔަސް، އޭނާއަށާއި އަދި އެ މިނިސްޓްރީގެ އިސްވެރިންނަށާއި މުވައްޒަފުންނަށްވެސް މިއަދުގެ މުނާސަބަތުގައި، އަޅުގަނޑު ޝުކުރު ދަންނަވަން.
އާދެ، ޖަޕާން ސަރުކާރުގެ އެހީގައި އަޅުގަނޑުމެންނަށް މިއަދު މިވަނީ ވަރަށް ރީތި ޢިމާރާތެއް ލިބިފައި. އާދެ، މި ޢިމާރާތުގެ ބޭނުމަކީ ހަމައެކަނި މާލޭގެ މަލަމަތި ރީތިކުރުން ކަމުގައި ނުހިއްތެވުން އެދެން. ޝައްކެއްނެތް، ޤައުމެއްގައި ބިނާކުރެވޭ މިފަދަ އިމާރާތްތަކަކީ އެތަނެއްގެ ތަރައްޤީއާއި ކުރިއެރުން ދައްކައިދޭ ހެކިތަކެއް. އެކަން އެހެން އޮތް ކަމުގައިވިޔަސް، އަޅުގަނޑުމެން ޖެހޭނީ، އެތަންތާނގެ ބޭނުން އެންމެ އެދެވޭގޮތުގައި ކުރަން. ރާއްޖޭގައި އުފެދޭ މަދަރުސާތަކުގެ ބޭނުން، ޅަދަރިންނަށް ތަޢުލީމު ޙާޞިލްކޮށްދިނުމުގައި ބޭނުންނުކުރެވޭނަމަ، ނުވަތަ އިޤްތިޞާދީ އެކިއެކި މުހިންމު ބޭނުންތަކުގައި ހިންގޭ މަސައްކަތްތަކުގެ ފައިދާ ރައްޔިތުންނަށް ނުލިބޭނަމަ، އެފަދަ ބޮޑެތި ޚަރަދުތަކެއްކޮށް، އެފަދަ އުނދަގޫ ބުރަ މަސައްކަތްތަކެއް ކުރުމުގެ ބޭނުމެއް ނޯންނާނެ. އެހެންކަމުން، މިއަދު ދިވެހި ރައްޔިތުން އަދި ދިވެހި ސަރުކާރުން ވިސްނަން މިޖެހެނީ، އަޅުގަނޑުމެންނަށް މިލިބޭ ތަރައްޤީގެ ވަސީލަތްތައް އެންމެ އެދެވޭގޮތުގައި ބޭނުންކުރާނީ ކިހިނެއްތޯ. އާދެ، މިކަމުގައި ސަރުކާރުގެ ތަފާތު ފަރާތްތަކާއި، އަމިއްލަ ފަރާތްތަކާއި އަދި ޢާންމު ރައްޔިތުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވޭ.
ތަނަކީ ތިޔަބޭފުޅުންނަށް ތިޔަ ފެނިވަޑައިގަންނަވާ ފަދައިން، ވަރަށް ރީތިކޮށް، ވަރަށް ފުރިހަމަކޮށް ހެދިފައިވާ ތަނެއް. މިތަން މިހާ ރީތިކޮށް، ފުރިހަމަކޮށް ދެމިހުންނާނެ ގޮތެއްގެމަތިން މިތަން ބެލެހެއްޓުމަކީވެސް ވަރަށްބުރަ މަސްއޫލިއްޔަތެއް. އެ މަސްއޫލިއްޔަތުވެސް ޖެހޭނެ އަޅުގަނޑުމެން އުފުލަން. އެ މަސްއޫލިއްޔަތު އުފުލަން ތިބީވެސް ހަމަ އަޅުގަނޑުމެންގެ ތެރެއިން ބައެއް. ހަމަ އެއާއެކުގައި، މި ޢިމާރާތުގެ ބޭނުން، އޭގެ މަޤްޞަދު ޙާޞިލްވާގޮތަށް ކުރުމަކީވެސް ދިވެހި ސަރުކާރާއި ރައްޔިތުން ކުރަންޖެހޭނެ ކަމެއް.
އެހެންވީމާ، މިއަދު އަޅުގަނޑު މި އިލްތިމާސް ކުރަނީ، ސަރުކާރުގެ ފަރާތްތަކުންނާއި، އަމިއްލަ ޖަމާޢަތްތަކާއި، އަމިއްލަ ފަރާތްތަކުން އަދި ޢާންމު ރައްޔިތުން، އަޅުގަނޑުމެންގެ ރާއްޖޭގައި މި ޢިމާރާތް ކުރެވެމުންދާ މިފަދަ މުހިންމު ބިނާތަކުގެ ބޭނުން އެންމެ އެދެވޭގޮތުގައި ކުރުމަށްޓަކައި ބޭނުންވާ އެހީތެރިކަމާއި އެއްބާރުލެއްވުން ސަރުކާރަށް ދެއްވުމަށް.
އާދެ، އަޅުގަނޑުމެންގެ މާލޭގައި ވަރަށްގިނަ ޢަދަދަކަށް މީހުން ދިރިއުޅެމުންދޭ. އަދި ކުރިންވެސް ދެންނެވިފަދައިން، އަޅުގަނޑުމެންގެ ރައްޔިތުންގެ އެންމެބޮޑު ބަޔަކީ ކުޑަކުދިންނާއި ޒުވާނުން. އަދި މި މަރުކަޒު ޢިމާރާތް ކުރެވިފައި މިވާ ސަރަޙައްދުގައިވެސް ވަރަށްގިނަ ޢަދަދަކަށް އަޅުގަނޑުމެންގެ ކުޑަކުދިންނާއި ޒުވާނުން ދިރިއުޅެމުން ގެންދޭ. އެހެންވީމާ، އެ ކުޑަކުދިންނާއި ޒުވާނުންނާ މުޚާޠަބުކޮށް އަޅުގަނޑު ބުނަން ބޭނުންވާ އެއްޗަކީ، މި މަރުކަޒު މިހިރީ ތިޔަ ކުދިންނާއި، ތިޔަ ޒުވާނުންނަށްޓަކައި ހެދިފައޭ. އެހެންވީމާ، މިތަން ރީތިކޮށް ބެލެހެއްޓުމާއި، މިތާނގެ ބޭނުން އެކަށީގެންވާ ރަނގަޅުގޮތެއްގައި ކުރުމަކީ، ތިޔަ ކުދިންނާއި ތިޔަ ޒުވާނުންގެ ކަމެކޭ. މިފަދަ ތަންތަން ބެލެހެއްޓުމަކީ ހަމައެކަނި ސަރުކާރުގެ މަސްއޫލިއްޔަތެއް ކަމުގައި އޮވެގެން، އެކަން އެކަށީގެންވާ ރަނގަޅު ގޮތެއްގައި ކުރިއަކަށް ނުގެންދެވޭނެ.
އެހެންވީމާ، އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ ކުއްޖަކުވެސް އަދި ޚާއްޞަކޮށް، މިހިސާބުގައި ދިރިއުޅޭ ކުދިންގެ ތެރެއިން ހަމަ ކޮންމެ ކުއްޖަކުވެސް ދެކެންވީ، މި ޢިމާރާތަކީ އޭނާގެ ތަނެއް ކަމުގައި. އަދި މި ޢިމާރާތް ސާފުކޮށް، ތާހިރުކޮށް، ރީތިކޮށް ބެލެހެއްޓުމަކީ، ހަމަ އޭނާގެ މަސްއޫލިއްޔަތެއް ކަމުގައި. އަދި މި ޢިމާރާތުގެ ބޭނުން ރަނގަޅުގޮތެއްގައި ކުރުމަކީވެސް ހަމަ އޭނާގެ މަސްއޫލިއްޔަތެއް ކަމުގައި. އެގޮތަށް، މިތަންތަން މިއީ އަޅުގަނޑުމެންގެ އަމިއްލަ ތަންތަން ކަމުގައި ދެކިގެން، އަޅުގަނޑުމެންނަށް މިތަންތަން ރީތިކޮށް ބެލެހެއްޓޭނީ. އެހެންނޫންނަމަ، މިކުރެވޭ ޚަރަދުތަކާއި، މިކުރެވޭ މަސައްކަތްތަކުގެ ފައިދާއެއް އަޅުގަނޑުމެންނަކަށް ނުފެންނާނެ.
އާދެ، އަޅުގަނޑުގެ ދުޢާއަކީ اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެންގެ ރާއްޖޭގެ ތަރައްޤީގައި ދިވެހި ސަރުކާރާއި ރައްޔިތުން ކުރަމުން މިގެންދާ މަސައްކަތްތަކުގައި ބަރަކާތް ލެއްވުން. ރާއްޖޭގެ ތަރައްޤީ އެއްދުވަހުން އަނެއްދުވަހަށް ހަލުވިކަމާއެކު ކުރިއަށް ގެންދިޔުމުގެ ތައުފީޤު އެކަލާނގެ އަޅުގަނޑުމެން އެންމެންނަށް ދެއްވުން. އަދި ޚާއްޞަގޮތެއްގައި، ރާއްޖޭގެ މީހުން ބިނާކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ އެކަލާނގެ އަޅުގަނޑުމެންނަށް ދެއްކެވުން.
އާދެ، މި ދުޢާއާ އެކީގައި، ޖަޕާން ސަރުކާރުގެ އެހީގައި މާލޭގައި މި ޢިމާރާތް ކުރެވުނު މޯލްޑިވްސް ސެންޓަރ ފޮރ ސޯޝަލް އެޑިޔުކޭޝަން، މާތްﷲގެ ވާގިފުޅާއެކު، ހުޅުވައިދިނުމުގެ އުފަލާއި ޝަރަފް އަޅުގަނޑު ލިބިގަންނަން.
والسّلام عليكم ورحمـة اللّـه.