بســم اللّـه الرّحمـن الرّحيــم
الحمـد للّـه ربّ العَـالَمِـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّدنا محـمَّدٍ وعلى آلـه وصحـبه أجمعـين.
އަޅުގަނޑު ތިލަދުންމަތީ އުތުރުބުރިއަށް މިކުރާ ދަތުރުގައި، މިހާރު އައިސް މިހިރީ ބެރިންމަދޫގައި. އެހެންކަމުން، ބެރިންމަދޫގެ ވެރިންނަށާއި ރައްޔިތުންނަށް ސަރުކާރުގެ ހެޔޮއެދުންތައް ރައްދުކުރުމަކީ، އަޅުގަނޑުގެ ވާޖިބެއް ކަމަށް ދެކެން. އަދި މިއަދު އަޅުގަނޑު މިރަށަށް އައުމަށް ހަމަޖެހިފައިވާތީ، ބެރިންމަދޫގެ ވެރިންނާއި ރައްޔިތުން އަޅުގަނޑަށް މަރުޙަބާ ވިދާޅުވުމަށްޓަކައި ރަށުތެރެ ވަރަށް ފުރިހަމަގޮތެއްގައި ތައްޔާރުކުރައްވާފައިވާކަން މިހިރީ ފެންނަން. އެކަމުން ދަލީލުކޮށްދެނީ، ރައްޔިތުންގެ ހިތުގައި ސަރުކާރާ ދޭތެރޭގައި އޮންނަ އިޚްލާޞްތެރިކަން ކަމުގައި އަޅުގަނޑު ގަބޫލުކުރަން. އެހެންކަމުން، ބެރިންމަދޫގެ ރައްޔިތުން، މި މުނާސަބަތާ ގުޅިގެން ކުރައްވާފައިވާ މަސައްކަތްތަކާއި އަދި އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި މިރަށުގެ ރައްޔިތުންނަށާއި، ދެ ކޮމިޓީގެ މެންބަރުންނަށާއި، ވެރިންނަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.
ރާއްޖޭގެ ރަށްތައް ހުންނަނީ އެއްވަރަކަށެއް ނޫން. ބައެއް ރަށްރަށް ބޮޑެތި. އަނެއްބައި ރަށްރަށް ކުދި. އެ ރަށްރަށުގައި ދިރިއުޅޭ މީހުންގެ ޢަދަދުވެސް ވަރަށްބޮޑަށް ތަފާތުވެފައި ހުންނަނީ. އެއްބައި ރަށްރަށުގައި، ވަރަށް ގިނަ ޢަދަދަކަށް މީހުން ދިރިއުޅޭ. އަނެއްބައި ތަންތާނގައި، ވަރަށް މަދު މީސްކޮޅަކު ދިރިއުޅެމުން ގެންދަނީ. އެގޮތުން، ބެރިންމަދޫއަކީ މީސްކޮޅު މަދު ރަށެއް ކަމަށް ފާހަގަކުރެވޭ. އަދި އެކަން އެހެންވުމުގެ ސަބަބުން، ރަށް ދިރުވައި ކުރިއެރުވުމަށް ވަރަށްބޮޑެތި ހުރަސްތަކެއް އެޅިފައިވާކަންވެސް އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭ.
އަތޮޅުއޮފީހާ ޙަވާލުވެވަޑައިގެން ހުންނެވި އަލްފާޟިލް މުޙަންމަދު މޫސާ ދެންމެ އެ ވިދާޅުވިފަދައިން، މިރަށުގެ ބައެއް މަޤާމުތަކަށްވެސް ވަނީ މީހުން ލިބުން ދަތިވެފައި. ޚާއްޞަކޮށް، ކިޔަވައިދޭނެ މީހަކު ނެތުމުން، ރަށުގެ ދަރިންނަށް، ތަޢުލީމު ޙާޞިލްކުރުމުގައި ވަރަށްބޮޑު މައްސަލައެއް ދިމާވެފައި އެވަނީ.
ތިޔަބޭފުޅުންނަށްވެސް ވިސްނިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑުމެންގެ ރަށުގައި ތިބެގެން ވަޒީފާ އަދާކުރަން އެންމެ އެކަށީގެންވަނީ އަޅުގަނޑުމެންގެ ރައްޔިތުންގެ ތެރެއިން ބައެއް. ރަށުގެ މީހުންގެ ތެރެއިން ބަޔަކު އެކަމަށް ކުރިމަތިލާން މި ޖެހެނީ. އެއީ، ވެރިކަމުގެ ކަންތައްތައް ކަމުގައިވިޔަސް ނުވަތަ ކޯޓުތަކުގެ މެޖިސްޓްރޭޓުން ކަމުގައިވިޔަސް ނުވަތަ ސްކޫލް ނުވަތަ މަކްތަބުތަކުގެ މުދައްރިސުން ނުވަތަ ޓީޗަރުން ކަމުގައިވިޔަސް، އެންމެ އެދެވޭ ރަނގަޅު ގޮތަކީ، ކޮންމެ ރަށެއްގައިވެސް އެރަށުގެ މީހުން އެރަށަށް ޚިދުމަތްކުރަން ތިބުން. އެހެންކަމުން، އެންމެ ރަނގަޅު ގޮތަކަށް ވާނީ، މި ރަށުގެ ޒުވާނުންގެ ތެރެއިން ބައެއް ކުދިން، ރަށުގެ ވަޒީފާތަކަށް ތައްޔާރުވުން. ޓީޗަރުކަން ދަސްކޮށްގެން، ކުދިންނަށް ކިޔަވައިދޭން އުޅުން. ނުވަތަ ސަރުކާރުގެ އެހެން މަޤާމުތައް ފުރުމަށްވެސް ބޭނުންވާ ކަންތައްތައް ދަސްކޮށް، މަޢުލޫމާތު ހޯދައި، ނަގަންޖެހޭ ސަނަދެއްވިއްޔާ ނަގައި، މި ހުރިހާ ކަމެއް ކޮށްގެން، އެ ވަޒީފާތަކުގައި އުޅުން. އެހެން ރަށަކުން މިރަށަށް މީހުން އައިސްގެން، މިރަށުގެ ރައްޔިތުންނަށް ޚިދުމަތްކުރާގޮތަށް އޮތުން އެއީ، ތިޔަބޭފުޅުންވެސް ގަބޫލުކުރައްވާނެ، މާ ހަމަޖެހޭގޮތަކަށް ނުވާނެ.
އާދެ، މިގޮތަށް ހުންނަ ރަށްތަކާ ދޭތެރޭގައި ސަރުކާރުން ވަނީ ވަރަށްގިނަ ވިސްނުންތަކެއް ވިސްނަންޖެހިފައި. އެއީ ސަރުކާރުން ބޭނުންވަނީ، ކޮންމެ ރަށެއްވެސް ކުރިއަށްދާން. ކޮންމެ ރަށެއްގައިވެސް ތަރައްޤީގެ މަސައްކަތްތައް އެކަށީގެންވާ ގޮތުގައި ހިންގަން. އެއީ، ރަށުގެ ރައްޔިތުންގެ ފައިދާއަށްޓަކައި. ވަކި އެހެން ފަރާތެއްގެ ފައިދާއަކަށެއް ނޫން. ރަށް ކުރިއަރުވައި، ތަރައްޤީވެ، ރަށުގައި ކުރާ މަސައްކަތްތައް އިތުރުވެ، މިކަންކަން މިހެންވުމުން، އޭގެ ފައިދާ އެ ލިބެނީ، ހަމަ އެރަށަކަށް، އެރަށުގެ ރައްޔިތުންނަށް. މިގޮތުން ވިސްނާއިރު، ރަށް ކުޑަވުމުގެ ސަބަބުން ނުވަތަ މީސްކޮޅު މަދުވުމުގެ ސަބަބުން، ތަރައްޤީގެ މަގުގައި އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވި ހުންނަ ރަށްތައް ރާއްޖެތެރޭގައި އެބަހުރި. އޭގެތެރެއިން، ބައެއް ރަށްރަށުގެ މީހުން، އެމީހުން އަމިއްލައަށް އެދިގެން، އެހެން ރަށްރަށަށް ބަދަލު އެބަވޭ. މިރަށަކީވެސް މީގެކުރިން ރަށުގެ މީހުން އެހެން ރަށަކަށް ބަދަލުކުރެވިފައިވާ ރަށެއް.
އާދެ، މިހާރު ގެންގުޅޭ އުޞޫލާއި، ކުރިން ސަރުކާރުން ގެންގުޅުނު އުޞޫލާ ތަފާތު. މިހާރު ސަރުކާރުން މީހުން ބަދަލުކުރަނީ، މީހުން ރުހިގެން، އެކަމަށް ޤަބޫލުވީމާ. ގަދަކަމުން ނުވަތަ މަޖުބޫރުން ބަދަލުކުރާ އުޞޫލެއް ނެތް. ސަރުކާރުން ބަލަނީ، ރައްޔިތުންނަށް ކަމުގެ އެކޮޅުމިކޮޅު ވިސްނައިދެވޭތޯ. ވިސްނައިދިނުމަށްފަހުގައި، ގޮތެއް އިޚްތިޔާރުކުރުމަކީ، އެ ރައްޔިތުންގެ ކަމެއް.
އާދެ، އެގޮތުން މިހާރު ރާއްޖޭގެ ބައެއް ރަށްރަށުގެ މީހުން އެހެން ރަށްރަށަށް ބަދަލުވާން އެދިގެން، ބަދަލުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނުން އެބަ ހިންގަވާ. އަދި އެ ބަދަލުވާއިރު، ކުރިއާ ތަފާތުގޮތަކަށް، ސަރުކާރުގެ ފަރާތުން ރަނގަޅު ފެންވަރަކަށް ގެދޮރުވެސް ހަދައިދޭ. އޭގެ ދަލީލު ތިޔަބޭފުޅުންނަށް ވަރަށް އަވަހަށް ފެނިވަޑައިގަންނަވާނެ. އެހެންވީމާ، އެއީވެސް މިރަށުގެ ރައްޔިތުން ވިސްނަވަންވެއްޖެ ކަމެއް ކަމަށް އަޅުގަނޑަށް ފެނޭ. އެހެން މި ދެންނެވީ، ހަމައެކަނި ރަށް ކުޑަވެފައި، މީސްކޮޅު މަދުވީމަކާނޫން. މުސްތަޤްބަލަށް ވިސްނާއިރު، ކުރިއެރުމުގެ އެހެން ވަސީލަތްތައްވެސް ރަށުގައި ހަމަޖެހިފައި ނެތީމަ. އަދި ޚާއްޞަކޮށް، މިހާރު އަޅުގަނޑުމެންގެ ރާއްޖެއަށް މި ކުރިމަތިވާ ތިމާވެށީގެ މައްސަލަތައް އެގޮތަށް ހުރުމާއެކުގައި، އަޅުގަނޑުމެންނަށް މިހާރު ވަނީ، މުސްތަޤްބަލުގައި އަޅުގަނޑުމެންގެ ރަށްތައް ސަލާމަތްކުރަން ފިޔަވަޅުތަކެއް އަޅަންޖެހިފައި.
އާދެ، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، ކުދިކުދި ގިނަ ޢަދަދެއްގެ ރަށްތައް ސަލާމަތްކުރުމަކީ ފަސޭހަކަމަކަށް ނުވާނެ. މިސާލަކަށް ދަންނަވަންޏާ، ކަނޑުގެ ލޮނުގަނޑު އުސްވަމުންދާ ދިޔުމުގައި، އޭގެ ސަބަބުން ކުދިކުދި ރަށްތަކަށް ގެއްލުން ލިބޭ ކަމަށްވަންޏާ، ރަށްގިރާގޮތްވެ ނުވަތަ އެއަށްވުރެވެސް ބޮޑެތި ގެއްލުންތައް ރަށަށް ލިބޭ ކަމަށްވަންޏާ، އެރަށެއްގެ މީހުންނަށް ދިރިއުޅެވޭކަށް ނޯންނާނެ. އެކަން އެހެން ދިމާވެއްޖެނަމަ، ހަދަންޖެހޭނެ ގޮތަކީ، އެރަށެއް ސަލާމަތްކުރުމަށް ކުރެވެންހުރި މަސައްކަތްތައް ކުރަންޖެހޭނީ. އެކަމަކު އެކަހަލަ މަސައްކަތްތަކަކީ ވަރަށް ޚަރަދުބޮޑު މަސައްކަތްތަކެއް ކަމަށްވާތީ، އެއީވެސް މާފަސޭހަ ކަމަކަށް ނުވާނެ.
އެހެންވީމާ، މުސްތަޤްބަލަށް ވިސްނާއިރު، ރާއްޖެއަށް ރަނގަޅުވާނީ، ގިނަ ޢަދަދެއްގެ މީހުން ރަށްރަށުގައި ދިރިއުޅޭގޮތަކަށް ހަމަޖެހުމުން. އޭރުން އެތަންތާނގައި ސަރުކާރުން އެކިއެކި ވަސީލަތްތައް، ފަސޭހަތައް ހަދައިދޭންވެސް ފަސޭހަވާނެ. މިސާލަކަށް، ޞިއްޙީ މަރުކަޒެއް އަޅައިދިނުން ނުވަތަ ސްކޫލެއް ހަދައިދިނުން ނުވަތަ މިސްކިތް ނުވަތަ އޮފީސް ނުވަތަ ރައްޔިތުންގެ ބޭނުންތަކަށް ހަދަންޖެހޭ އެނޫންވެސް ޢިމާރާތްތައް ހެދީމާ، އޭގެ ނަތީޖާއެއްގެ ގޮތުން، ގިނަ ބަޔަކަށް ފައިދާ ލިބެންޏާ، ޝައްކެއްނެތް، އެއީ، އެކަން ކުރަންޖެހޭނެ އެންމެ މޮޅުގޮތަކީ. އާދެ، މިކަމާ ދޭތެރޭގައި ރައްޔިތުން ވިސްނާވަޑައިގަންނަވާނެ ކަމަށް އަޅުގަނޑު ހީކުރަން.
ރާއްޖެތެރެ ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ސަރުކާރުން މިހާރު ވަނީ މި ރަށަށްވެސް ބައެއް ކަންތައް ކޮށްދީފައި. އޭގެތެރެއިން އެއްކަމަކީ، މިސްކިތެއް ޢިމާރާތްކޮށްދިނުން. އެއީ، އަޅުގަނޑު ކުރިން އައިފަހަރު، އެއީ، 1979 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި، މިރަށުގެ މީހުންގެ ފަރާތުން އަޅުގަނޑަށް އެނގުނީ، މިސްކިތެއް ނެތުމުން ދަތިވާކަން. އެހެންކަމުން، އެ މަޝްރޫޢުގެ ތެރޭގައި ހިމެނިގެން މިހާރު މިރަށުގައި ވަނީ މިސްކިތެއް ޢިމާރާތްކުރެވި، އެ މިސްކިތް ހުޅުވި، އެ މިސްކިތުގައި ނަމާދުކުރަންވެސް ފެށިފައި.
އާދެ، ދެން އަނެއްކަމަކަށް އޭރު ހުށަހެޅުނީ، ކިޔަވައިދޭނެ ތަނެއް ނެތުމުގެ މައްސަލަ. ކިޔަވައިދޭނެ ތަނެއް މިހާރު އެބަހުރި. އާދެ، އެއީ އަޅުގަނޑުމެން މި ޖަލްސާކުރާ ޢިމާރާތް. މިތަން ހެދިފައި މިވަނީ ސަރުކާރާއި ބޭރުގެ ފަރާތަކާ ގުޅިގެން، އެފަރާތުން ލިބުނު އެހީގައި އަދި މި ރަށުގެ ރައްޔިތުންގެ މަސައްކަތުން.
އާދެ، ތަނެއް ހުއްޓަކަސް އެއީ، އަދި އެތަނަކުން ލިބެންވާ ފައިދާތައް ލިބި ނިމުނީއަކީ ނޫން. އެތަން ހިންގަންވެސް އެބަޖެހޭ. އެހެންވީމާ، އަޅުގަނޑު ކުރިންވެސް ދެންނެވި ފަދައިން، އަދި މަކްތަބު ހިންގާނެ ޢިމާރާތެއް ހުއްޓަސް އަދި ކިޔަވާކުދިން ބޭނުންކުރާނެ ގޮނޑި، މޭޒު ފަދަ ތަކެތި ހުއްޓަސް، އެހިސާބަކުން އަދި އަޅުގަނޑުމެންގެ މަސައްކަތް ނިމުނީކަމަށް ބެލޭކަށެއް ނެތް. އެ މަސައްކަތް ހިންގަން އެބަޖެހޭ. ކުދިންނަށް ކިޔަވައިދޭން އެބަޖެހޭ. ކުދިންނަށް ކިޔަވައިދިނުމުގައި ބޭނުންވޭ ޓީޗަރުން، މުދައްރިސުން. އެކަހަލަ ބަޔަކު ރަށުގައި ނެތިއްޔާ އަދި ޢިމާރާތެއް ހުއްޓަސް އަދި ގޮނޑި، މޭޒު ފަދަ ތަކެތި ހުއްޓަސް، އެއިން ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެ.
އާދެ، ސަރުކާރުން ބަލަނީ، ރާއްޖެތެރެ ތަރައްޤީކޮށް އިޞްލާޙުކުރުމުގައި، އެކި ރަށްރަށަށް ކަންތައްތައް ކޮށްދެވޭތޯ. އެގޮތުން ވަރަށް ގިނަ ކަންތައްތަކެއް ވަނީ ރާއްޖެތެރޭގައި މިހާރު ކޮށް ނިމިފައި. އޭގެ ޚަބަރުތައް ތިޔަބޭފުޅުން އައްސަވާނެ. އެ ވާހަކަތައް ކޮންމެހެން މާދިގުކޮށް އަޅުގަނޑު ދައްކާކަށް ނެތިން. އަޅުގަނޑުގެ ވާހަކައަކީ، ކޮންމެ ރަށެއްގެ ރައްޔިތުންވެސް، އެރަށެއް ކުރިއަށް ގެންދެވުމަށް މަސައްކަތް ކުރައްވަންވާނެއޭ. އަދި ދިރިއުޅުން ތަރައްޤީކޮށް، އާމްދަނީ އިތުރުކުރަންވެސް މަސައްކަތްކުރަން ޖެހޭނެއޭ.
ކޮންމެ މީހަކުވެސް ބޭނުންވާނެ، އެމީހެއްގެ ބޭނުންތައް ފުއްދަން. އަދި އެމީހަކު ދިރިއުޅޭ ފެންވަރު، އެއްދުވަހުން އަނެއް ދުވަހަށް މައްޗަށް ގެންދަން. އަދި ކޮންމެ މީހަކުވެސް ބޭނުންވާނެ، އެމީހުންގެ ދަރިންނަށް ކިޔަވައިދޭން. އަދި އެ ދަރިންނަކީ ޞިއްޙަތު ސަލާމަތުން ހުރި ބަޔަކު ކަމުގައި ހަދަން. މި ކަންތައްތައް މިހެން ކުރުމަށްޓަކައި އަޅުގަނޑުމެން މަސައްކަތް ކުރަން އެބަޖެހޭ. އާމްދަނީ ހޯދަންޖެހޭ. އަދި ލިބޭ އާމްދަނީ، އެއްދުވަހުން އަނެއް ދުވަހަށް އިތުރުކުރަންވެސްޖެހޭ. އެހެންވީމާ، އެގޮތުން މަސައްކަތްކުރުމަކީ ހަމަ ކޮންމެ ރަށެއްގެ ބަޔަކު ނަމަވެސް ކުރަންޖެހޭނެ ކަމެއް.
އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މިރަށުގެ ރައްޔިތުންވެސް، ބައެއް މަސައްކަތްތައް ކުރައްވާ. އޭގެތެރޭގައި މިހާރު މަހަށްދާ ދޯންޏެއް ރަށުގައި ހުރުމާއެކުގައި، މަސްވެރިކަންވެސް ކުރައްވާ. އަދި ވަދުމަސްވެރިކަންވެސް ކޮންމެވެސްވަރަކަށް ކުރައްވާ. އާދެ، އަޅުގަނޑުގެ ވާހަކައަކީ، އެ ކުރެވެން އޮތް ހުރިހާ މަސައްކަތެއް، ވީއެންމެ ރަނގަޅަކަށް ކުރަންވާނެއޭ. އަދި ރަށް ތަރައްޤީކޮށް ކުރިއަށް ގެންދިޔުމަކީ، އެންމެންގެ މަސްއޫލިއްޔަތެއް ކަމަށް، އެންމެންވެސް ދެކެންވާނެއޭ.
އާދެ، އަޅުގަނޑުގެ ދަތުރު ހަމަޖެހިފައި އޮތްގޮތުން، މިރަށުގައިވެސް މާގިނަ ވަގުތު ހޭދަކުރެވޭކަށް ނެތް. އެހެންކަމާއެކު، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަނީ. ނިންމާލަމުންވެސް، މިރަށުގެ ވެރިންނާއި ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ތިޔަ ވިދާޅުވި ހޫނު މަރުޙަބާއަށްޓަކައި ޝުކުރު ދަންނަވަން. އަދި ހުރިހާގޮތަކުންވެސް މިއަދަށްވުރެ އުފާވެރި، ބާއްޖަވެރި، ތަނަވަސް މާދަމާއެއް ދެއްކެވުން އެދި، އާދެ، މިރަށުގެ ރައްޔިތުންނަށާއި، މުޅި ރާއްޖޭގެ ރައްޔިތުންނަށް އެފަދަ އުފާވެރި ތަނަވަސް މާދަމާއެއް ދެއްކެވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ނިންމާލަނީ.
والسّلام عليكم ورحمـة اللّـه وبركاته.