بســم اللّـه الرّحمـن الرّحيــم
الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّدنا محـمَّدٍ وعلى آلـه وَصَحْبِـهِ أجمعـين.
އާދެ، އައްޑުއަތޮޅު ހުޅުދުއަށް އައިސްމިހިރީ މިއަތޮޅަށާއި ފުވައްމުލަކަށް ކުރާ ދަތުރެއްގައި. އައްޑުއަތޮޅަށް އަޅުގަނޑު މިފަހަރު މިކުރާ ދަތުރަކީ ވަރަށް ޚާއްޞަ ދެ ބޭނުމެއްގައި ކުރާ ދަތުރެއް. އޭގެތެރެއިން އެއްބޭނުމަކީ، އައްޑުއަތޮޅު ހިތަދޫގައި އިއްޔެ ހުޅުވުނު ސަދަން ސެކަންޑަރީ ސްކޫލް ހުޅުވައިދިނުމަށްޓަކައި ކުރި ދަތުރެއް. އެއީ، ފުރަތަމަ މަޤްޞަދަކީ. ދެވަނަ މަޤްޞަދަކީ، އައްޑުއަތޮޅުގެ މީހުން އުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރުން. މީގެކުރިންވެސް ތިޔަބޭފުޅުންގެ މިރަށަށް އަޅުގަނޑު ވަނީ އެތައް ފަހަރެއްގެ މަތިން ޒިޔާރަތްކޮށްފައި. އެންމެފަހުން ވެއަތުވެދިޔަ އަހަރު ރާއްޖެއަށް ކުރި ގަދަ ވިއްސާރައިގެ ސަބަބުން، ގެއްލުން ލިބުނު ރަށްރަށަށް އަޅުގަނޑު ކުރި ދަތުރެއްގައި، އަޅުގަނޑު އައްޑުއަތޮޅަށް އައިން. އަދި ހުޅުދުއަށްވެސް އައިން.
އާދެ، ދެންމެ މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ވާހަކަފުޅުގައި އެ އިޝާރާތްކުރެއްވި ފަދައިން، އަޅުގަނޑުގެ މިދަތުރަށްޓަކައި މިރަށް ތައްޔާރުވެފައި މިއޮތީ ވަރަށް ފުރިހަމަގޮތެއްގައި. ރަށުގެ ވެރިންނާއި، ރަށުގެ ޢާންމު ރައްޔިތުން ވަރަށްބުރަ އަދި ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައި ހުރި ތަން ފެންނަން އެބަހުރި. ރަށުތެރެވަނީ ވަރަށް ބޮޑަށް ޒީނަތްތެރި ކުރައްވާފައި. ވަރަށް ހޫނު މަރުޙަބާގެ ލިޔުންތަކެއް، ރަށުތެރޭގެ އެތައް މިތަނުން ފެންނަންވެސް އެބަހުރި. އެހާމެ ރީތި ގިޑިގެތަކެއް ހައްދަވާފައިވެސް އެބަހުރި.
އާދެ، މިކަންތައްތައް ރަށުގެ ރައްޔިތުން ކުރައްވާފައި މިވަނީ ރައްޔިތުންގެ ހިތުގައި ސަރުކާރާ ދޭތެރޭގައި އުފެދިފައިވާ އިޚްލާޞްތެރި ޝުޢޫރުތަކެއްގެ ސަބަބުން ކަމަށް އަޅުގަނޑަށް ޤަބޫލުކުރެވޭތީ، ހަމަ އެރޫޙުގައި ތިޔަބޭފުޅުން ތިޔަ ކުރެއްވި މަސައްކަތް އަޅުގަނޑު ޤަބޫލުކުރަން. އަދި އެކަމަށްޓަކައި ރަށުގެ ވެރިންނަށާއި، ރަށްކުރިއަރުވާ ކޮމިޓީގެ މެންބަރުންނަށާއި، އަންހެނުން ކޮމިޓީގެ މެންބަރުންނަށާއި، ޢާންމު ރައްޔިތުންނަށް ހިފެހެއްޓުމެއްނެތި ޝުކުރު އަދާކުރަން. އެހެންނަމަވެސް، މީގެކުރިންވެސް ދަންނަވާލެވިފައިވާނެ ފަދައިން، އެފަދަ މަސައްކަތްތައް އެހެން ކުރެއްވުމަކީ ކޮންމެހެން އަޅުގަނޑު އެދޭ ކަމެއްނޫން. އެއީ، އަޅުގަނޑު ރާއްޖެތެރެއަށް މިކުރާ ދަތުރުގެ ބޭނުމަކީ، ރާއްޖެތެރޭގެ ރައްޔިތުންނާ ބައްދަލުކޮށް، އެމީހުންގެ ޙާލުއަޙުވާލު ބަލައިލުން ކަމަށްވާތީއާއި އަދި ދިރިއުޅުމަށް ރައްޔިތުން ކުރައްވާ މަސައްކަތްތަކާއި، އެ މަސައްކަތްތަކަށް ދިމާވެފައިވާ ދަތިތައް ހުރިނެތްގޮތް ބަލައިލުން ކަމަށްވާތީ، ކޮންމެހެން މިބާވަތުގެ މަސައްކަތްތައް ކުރެއްވުމަކީ އަޅުގަނޑު އެދޭ ކަމަކަށްނުވޭ. އެހެންނަމަވެސް، ދާއިމީގޮތެއްގައި އެކަމެއްގެ ފައިދާ، ރަށަށް އަދި ރަށުގެ ރައްޔިތުންނަށް ކުރާކަހަލަ ކަންތައްތައް، ކޮންމެ މުނާސަބަތަކާ ގުޅިގެން ކުރެއްވިޔަސް އެއީ، ހަމަ އެންމެ ރަނގަޅު ކަމެއް.
އާދެ، މިރަށަށް އައުމަކީ ވަރަށް ޚާއްޞަ އުފަލެއް އަޅުގަނޑަށް އިޙްސާސް ކުރެވޭ ކަމެއް. މިރަށުގެ ރައްޔިތުން ރަށް ކުރިއަށް ގެންދެވުމަށްޓަކައި ވަރަށްބުރަ މަސައްކަތްތަކެއް ކުރައްވާކަން އަޅުގަނޑަށް އެނގޭ. އޭގެ ހެކިތައްވެސް ފެންނަން އެބަހުރި. ރައްޔިތުން ކުރައްވާ ކަންތައްތަކަށް މަގުފަހިކޮށްދިނުމުގެ ގޮތުން، ސަރުކާރުންވެސް ތަފާތު މަސައްކަތްތައް މިރަށުގައި ކޮށްފައި އެބަހުރި. އަދި މިހާރުވެސް ކޮށްދެމުން އެބަގެންދޭ. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، ރާއްޖެތެރެއަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދީގެން ރާއްޖެތެރޭގެ ކަންތައްތައް އެއްދުވަހުން އަނެއްދުވަހަށް ރަނގަޅުކުރެވޭތޯ ސަރުކާރުން މިގެންދަނީ މަސައްކަތް ކުރަމުން. އެ މަސައްކަތްތަކުގެ ނަތީޖާ ރާއްޖެތެރެއިން މިހާރު ކިތަންމެ ރަނގަޅަކަށްވެސް ފެންނަން އެބަހުރި. ސަރުކާރުން މިދެންނެވި ފަދަ މަސައްކަތްތަކެއް ކުރިކަމުގައިވިޔަސް، އެކަންކަމުގެ އެދެވޭ ނަތީޖާ ފެންނާނީ، ރައްޔިތުން އެއްބާރުލައްވައިގެން ރައްޔިތުންވެސް މަސައްކަތް ކުރެއްވީމަ.
އާދެ، މިރަށަކީ ފަޅުގެގޮތުން ވަރަށްދަތި ރަށަކަށްވާތީ، ރަށުގެ ފަޅު ފުންކުރުމުގެ މަސައްކަތް މިހާރު ހިނގަމުން އެބަދޭ. ޝައްކެއްނެތްގޮތުގައި، އެކަން ފުރިހަމަވުމުން، ރަށުގެ ރައްޔިތުންނަށް ވަރަށްބޮޑު ދިރުމެއް ލިބޭނެ. އަދި ރަށަށްވެސް ވަރަށްބޮޑެތި ފައިދާތަކެއް ކުރާނެ. ހަމައެއާކީގައި، ދަންނަވަންޖެހެނީ މިރަށާ ގުޅިފައިވާ ބައެއް ރަށްރަށް ގުޅުވާލުމުގެ މަސައްކަތްވެސް މިހާރު ކުރެވެމުން އެބަ ގެންދެވެއޭ. އެކަމުންވެސް ރަށަށާއި ރައްޔިތުންނަށް ފައިދާތަކެއް ކުރާނެކަމަށް އަޅުގަނޑު ޔަޤީންކުރަން.
އާދެ، މި ހުރިހާ ކަމެއް ސަރުކާރާއި ރައްޔިތުން ގުޅިގެން، ރައްޔިތުން ބޭނުންވާ ކަންކަމަށް ސަރުކާރުން ޚަރަދުކޮށްގެން ނުވަތަ ސަރުކާރުގެ އޮފީސްތަކުގެ އެހީ ހޯދައިގެން މަސައްކަތް ކުރަމުން މިގެންދަނީ އަޅުގަނޑުމެންގެ ރާއްޖެ ކުރިއަށް ގެންދެވޭތޯ. އަޅުގަނޑުމެންގެ ދިވެހިންގެ ދިރިއުޅުމުގެ ފެންވަރު، އެއްދުވަހުން އަނެއްދުވަހަށް މައްޗަށް ގެންދެވޭތޯ. އަޅުގަނޑުމެންނަކީ ކުޑަކުޑަ ޤައުމަކަށްވާތީ އަދި އަޅުގަނޑުމެންގެ ރާއްޖޭގައި އިޤްތިޞާދީ ގޮތުން ކުރެވޭ މަސައްކަތްތައް މަދުކަމުން، އަޅުގަނޑުމެންގެ ރާއްޖެ ހިމެނިފައިވަނީ ކުދި ޤައުމުގެ ތެރޭގައި އަދި އިޤްތިޞާދީ ގޮތުން ވަރަށް އާދައިގެ ފެންވަރެއްގެ ޤައުމުތަކުގެ ތެރޭގައި. އެކަން އެހެން އޮތުމާއެކުގައި، އަޅުގަނޑުމެންނަށް ލާޒިމުވެގެންވަނީ އަޅުގަނޑުމެން ކުރާ މަސައްކަތްތައް އިތުރުކުރުމަށް. އަޅުގަނޑުމެންކުރާ މަސައްކަތްތައް އިތުރުކޮށްގެން، އަޅުގަނޑުމެންނަށް ލިބޭ އާމްދަނީވެސް އިތުރުކޮށްގެން، އަޅުގަނޑުމެންގެ ދިރިއުޅުން ތަނަވަސްކުރުމަށް. މި މަސައްކަތްތައް މިއީ ސަރުކާރުން އެކަންކަމަށް މަގުފަހިކޮށްދިނީމާ، ރައްޔިތުން ކުރައްވާ ކަންތައްތަކެއް. އަދި އެއީ، އެކަމަށް ހަމަޖެހިފައި އޮންނަ އުޞޫލަކީވެސް. އެހެންކަމުން، ތަރައްޤީގެ މަގުގައި ސަރުކާރަށް ކޮށްދެވެން ހުންނަ ހުރިހާ ކަމެއް މިގެންދަނީ ކޮށްދެމުން.
އަޅުގަނޑުމެން މި ޖަލްސާކުރާ ސ. އަތޮޅު މަދަރުސާއަކީވެސް މިދެންނެވި ބަހުގެ ހެތްކެއް ކަމުގައި ފުދޭނެ. އެއީ، ހުޅުދުއާއި މީދޫގެ ކިޔަވާކުދިންނަށް ތަޢުލީމު ޙާޞިލްކުރުމުގެ ފުރުޞަތު ހޯދައިދެވޭތޯ ސަރުކާރުން ކޮށްފައިވާ މަސައްކަތެއް. ރާއްޖެތެރޭގެ ކޮންމެ އަތޮޅެއްގައިވެސް އަތޮޅު ތަޢުލީމީ މަރުކަޒެއް އެބަހުރި. އަދި އޭގެ އިތުރުން، އަތޮޅު މަދަރުސާއެއްވެސް ސަރުކާރުގެ ފަރާތުން އެބަ ހިންގާ. މީގެއިތުރުންވެސް، ތަފާތު މަދަރުސާތަކަށް ސަރުކާރުގެ އެހީ ތަފާތު ގޮތްގޮތުން ލިބެމުންދޭ. ބޭނުމަކީ އަޅުގަނޑުމެންގެ ތެރެއިން ކިޔަވާ ޢުމުރުގެ ކުދިންނަށް ރަނގަޅު ތަޢުލީމެއް ޙާޞިލްކޮށްދިނުމުގެ ފުރުޞަތު ހޯދައިދިނުން. ތަޢުލީމަކީ ޝައްކެއްނެތްގޮތުގައި، ތަރައްޤީއަށްޓަކައި ވަރަށްބޮޑަށް ބޭނުންވެފައިވާ ވަސީލަތެއް. ތަޢުލީމު ލިބިގެން ނޫނީ ތަރައްޤީއެއް ނުވެވޭނެ. އިޤްތިޞާދީ ގޮތުން ތަރައްޤީވުމަށްވެސް ތަޢުލީމަކީ އެހާމެ ބޭނުންކަމެއް. އެއީ، ތަޢުލީމު ލިބިގެން ނޫނީ އަޅުގަނޑުމެންނަށް ހަމަވިސްނުން ނުލިބޭނެތީ. ވިޔަފާރިއާއި އިޤްތިޞާދީ ކަންތައްތަކުގައި ކުރިއަށްދާނެ އުޞޫލުތައްވެސް އަޅުގަނޑުމެންނަށް އެނގޭނީ ތަޢުލީމު ލިބިގެން. ތަންދޮރު އޮޅުންފިލައިގެން.
އެހެންވީމާ، އަޅުގަނޑުމެން ފަދަ ޤައުމެއްގައި ތަޢުލީމަށް އެހާބޮޑު އަހަންމިއްޔަތެއް ދޭންޖެހެނީ. އިރާދަކުރެއްވީތީ މިހާރު ރާއްޖެތެރޭގައި ތަޢުލީމީ މަރުކަޒުތަކާއި، އަތޮޅު މަދަރުސާތަކާއި އަދި ޢާންމު ފަރާތްތަކުން ހިންގަވާ ސްކޫލްތަކާއި މަދަރުސާތައް ފުދޭވަރަކަށް އެބަހުރި. އެތަންތަނުގައި ކިޔަވާކުދިންގެ ޢަދަދު ދަނީ އެއްދުވަހުން އަނެއްދުވަހަށް ގިނަވަމުން. އަދި މަދަރުސާތައް ހަމައެކަނި ހުރިކަމުގައިވިޔަސް، އެއިން އެދެވޭ ނަތީޖާއެއް ނުލިބޭނެތީ، ސަރުކާރުން މަސައްކަތް ކުރަމުން މިގެންދަނީ މުދައްރިސުންވެސް ހޯދައިދެވޭތޯ. އަމިއްލަ މަދަރުސާތަކަށްވެސް، ސަރުކާރަށް ވެވުނުވަރަކުން މުދައްރިސުން ހަމަޖައްސައިދެމުން އެބަގެންދޭ. އަދި މުދައްރިސުން ހަމަޖައްސައިދެވެން ނެތްނަމަ، އެހެނިހެން ގޮތްގޮތުން އެހީވެސް ފޯރުވައިދެމުން އެބަގެންދޭ. އެހެންކަމުން، މިހާރު މި ލިބެމުންދާ ފުރުޞަތުތަކުގެ ބޭނުން، އަޅުގަނޑުމެންގެ ކިޔަވާކުދިން ހިފުމަކީ ހަމަ ކޮންމެހެން ބޭނުންކަމެއް. އަދި އެބޭނުން ހިފުމަށްޓަކައި ބެލެނިވެރިންނާއި، މައިންބަފައިން ކުރައްވަންޖެހޭ ކަންތައްތައްވެސް ކުރެއްވުމަކީ ކޮންމެހެން ބޭނުންކަމެއް.
އާދެ، އަޅުގަނޑުމެން މުސްތަޤްބަލަށް ބަލާއިރު، ވިސްނާލަންޖެހޭ ކިތަންމެ ކަމެއް އެބަހުރި. އަޅުގަނޑުމެންގެ ދަރިންގެ މުސްތަޤްބަލަކީ ކޮބައިތޯ. އެއީ، އަޅުގަނޑުމެން ވިސްނާލަންޖެހޭ ކަމެއް. އަޅުގަނޑުމެންގެ ތެރޭގައި ކުޑަކުދިން ވަރަށްގިނަ. އެކުދިންގެ ދެމިތިބުމާއި، އެކުދިންގެ ޙިމާޔަތާއި ތަރައްޤީއަށްޓަކައި އަޅުގަނޑުމެން ކޮށްދެންޖެހެނީ ކޮންކޮން މަސައްކަތްތަކެއްތޯވެސް އަޅުގަނޑުމެން މިއަދުވަނީ ކަނޑައަޅަންޖެހިފައި. އެހެންކަމުން، ކުޑަކުދިންނަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދީގެން، އެކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނެއްވެސް މިހާރުވަނީ ފާސްވެފައި. އަދި ކުޑަކުދިންނާބެހޭ ޤަރާރެއްވެސް ވަނީ މިދިޔަ އަހަރު ކުޑަކުދިންނާބެހޭ ޤައުމީ ޖަލްސާއިން ފާސްކޮށްފައި. ކުޑަކުދިންނާބެހޭ ޢަމަލީ ފިޔަވަޅުތަކުގެ ރޭވުމެއްވެސް ވަނީ ފާސްކޮށްފައި. ބޭނުމަކީ މުސްތަޤްބަލުގައި ކުޑަކުދިންނަށް އިތުރު ތަރައްޤީވެވޭނެ މަގުތައް ހޯދައިދިނުން.
ހަމައެއާއެކީގައި ދަންނަވަންޖެހެނީ، ޒުވާނުންނަކީވެސް ޤައުމަށް ވަރަށް މުހިންމު ބައެކޭ. ޒުވާނުންގެ ދައުރަކީ، އެއްވެސް ތަނެއް ތަރައްޤީވުމުގައި ވަރަށް ބޮޑު ބައެއް އަދާކުރާ އެއްޗެކޭ. އެހެންކަމުން، ޒުވާނުން ތަރައްޤީކޮށް، ޒުވާނުން އިޞްލާޙުކޮށް، ޒުވާނުންނަކީ ޤައުމަށް ފައިދާހުރި ބައެއް ކަމުގައި ހެދޭތޯ ސަރުކާރުން މިއަދުވަނީ މަސައްކަތްތަކެއް ކުރަން ފަށާފައި. އެ މަސައްކަތްތައްވެސް ކާމިޔާބުވާނީ ޒުވާނުންގެވެސް އެއްބާރުލުން ސަރުކާރަށް ލިބިގެން. އަދި ޢާންމު ރައްޔިތުންގެ އެއްބާރުލުންވެސް ސަރުކާރަށް ލިބިގެން. އާދެ، މިކަންކަމަކީ އަޅުގަނޑުމެންގެ މިހާރަށްޓަކައިވެސް ބޭނުން ކަންތައްތައް. އަދި މުސްތަޤްބަލަށްޓަކައި ވަކިން ބޮޑަށް ބޭނުންވާ ކަންތައްތައް.
ދިރިއުޅުން ތަރައްޤީކުރުމަށްޓަކައި އަޅުގަނޑުމެން ކުރާ އިޤްތިޞާދީ އެކިއެކި ބޮޑެތި މަސައްކަތްތައްވެސް ކުރިއަށް ގެންދިޔުމަކީ ހަމަ އެހާމެ ބޭނުންތެރި ކަމެއް. ރާއްޖޭގެ ގިނަ ރަށްރަށުގެ އަހުލުވެރިންނަކީ މަސްވެރިކަންކުރާ ބައެއް. އެހެންކަމުން، މަސްވެރިކަން ތަރައްޤީކުރުމަށްވެސް އަޅުގަނޑުމެން އަމިއްލައަށްވެސް މަސައްކަތް ކުރަންޖެހޭނެ. މަސްވެރިކަމުން އަޅުގަނޑުމެންނަށް ލިބޭ އާމްދަނީ އިތުރުކުރެވޭތޯވެސް ބަލަންވާނެ. އޭރުން އަޅުގަނޑުމެންގެ އަތްމަތި ތަނަވަސްވާނީ. އަދި އަޅުގަނޑުމެން ދިރިއުޅުމުގައި ފުއްދަންޖެހޭ ބޭނުންތައް ފުއްދޭނީވެސް. ހަމައެއާއެކުގައި، އަޅުގަނޑުމެންގެ ވަޠަން އަދި ރަށް ތަރައްޤީކުރެވޭނީވެސް. މަސްވެރިކަން ތަރައްޤީކުރުމަށްޓަކައި ސަރުކާރުންވެސް ތަފާތު މަޝްރޫޢުތަކެއް ރާވައި ހިންގާކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އަދި އޭގެ ފައިދާ ރާއްޖޭގެ މަސްވެރިންނަށް، މަސްވެރި ޢާއިލާތަކަށް އަދި ޢާންމު ރައްޔިތުންނަށް ކުރަމުންދާކަންވެސް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. މަސްވެރިކަމަކީ އިޤްތިޞާދީ ގޮތުން އަޅުގަނޑުމެން ކުރާ އެންމެ މުހިންމު އެއް މަސައްކަތް.
ހަމައެއާއެކީގައި، ޓޫރިޒަމް އެއީވެސް ރާއްޖެއަށް ވަރަށް މުހިންމު އިޤްތިޞާދީ ފައިދާތަކެއް ހޯދައިދޭ މަސައްކަތެއް. އެ މަސައްކަތް ތަރައްޤީކުރަންވެސް ސަރުކާރުން ބޮޑެތި މަޝްރޫޢުތަކެއް ރާވައިގެން މަސައްކަތްތައް ހިންގާ. ހަމައެއާއެކީގައި، އަމިއްލަ ފަރާތްތަކުންވެސް ޓުއަރިޒަމް ތަރައްޤީ ކުރެއްވުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވާ. އެއިން އަޅުގަނޑުމެންނަށް ދޭހަވާ އެއްޗަކީ، ސަރުކާރާއި ޢާންމު ރައްޔިތުންނާއި، ސަރުކާރާއި ޢާންމު އަމިއްލަ ފަރާތްތަކާ ގުޅިގެން އެއްވެސް މަސައްކަތެއް ކޮށްފިނަމަ، އެ މަސައްކަތް ކާމިޔާބުވާނެ ކަމަށް. އެކަށީގެންވާ ގޮތަކަށް ޓޫރިޒަމް ތަރައްޤީކުރުމުގެ މަގު އަޅުގަނޑުމެންނަށް މިހާރު ވަނީ ފެނިފައި. ޓޫރިޒަމްގެ ފައިދާ ޢާންމު ރައްޔިތުންނަށް ލިބެނިވި ގޮތްތަކާ ދޭތެރޭގައި ސަރުކާރުން ގެންދަނީ ވިސްނަމުން. އަދި ކުރިންވެސް ދެންނެވިފަދައިން، އެފަދަ ރޮނގަކީ ސަރުކާރުން އެކަމެއް ކުރިއަށް ގެންދިޔުމަށްޓަކައި ބޭނުންވާ ކަންތައްތައް ކޮށްދިނުމުން، އަމިއްލަ ފަރާތްތަކުން އިސްނަގައިގެން ކުރަންޖެހޭނެ މަސައްކަތްތަކެއް. މިހާތަނަށް ރާއްޖޭގެ ޓޫރިޒަމް އެގޮތަށް ކުރިއަށް ގޮސްފައިވަނީ. މުސްތަޤްބަލުގައިވެސް އަޅުގަނޑު ހިތުން އެކަން ހަމަ އެފަދަ ގޮތަކަށް ކުރިއަށްދާންޖެހޭނީ.
ކޮންމެއަކަސް އަޅުގަނޑު ދަންނަވާލަން މިއުޅޭ ވާހަކައަކީ، އަޅުގަނޑުމެންގެ މަސައްކަތްތެރިކަން އިތުރުކޮށްގެން، އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް އެމީހެއްގެ ވާޖިބު އަދާކޮށްގެން، އަޅުގަނޑުމެންގެ ރަށާއި، އަޅުގަނޑުމެންގެ ޤައުމު ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރުމަކީ ކޮންމެ މީހެއްގެވެސް ވާޖިބެކޭ.
އާދެ، ތަރައްޤީވުމަށް މަސައްކަތްކުރާއިރު، އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭ ހަމަޖެހުމާ ދޭތެރޭގައިވެސް ވިސްނާލަންޖެހޭ. އެއްވެސް ބައެއްގެ މެދުގައި ފިތުނަ ފަސާދަ އުފެދި، ހަމަނުޖެހުން އުފެދޭ ގޮތްވެއްޖެނަމަ، އެބަޔަކަށް ކުރިއަކަށްނުދެވޭނެ. އެބަޔަކު ކުރާ އެއްވެސް މަސައްކަތެއްގައި ރަނގަޅު ނަތީޖާއެއް ނުފެންނާނެ. އަޅުގަނޑުމެންގެ ކައިރީގައިވާ ޤައުމުތަކުން އޭގެ ރީތި މިސާލުތަކެއް އަޅުގަނޑުމެންނަށް ފެންނަން އެބަހުރި. ރީއްޗޭ މިދެންނެވީ، މިސާލުގެ ސާފުކަމުން. އެހެންނަމަވެސް، އެކަމަކީ ރީތިކަމެއް ނޫން. އަޅުގަނޑުމެންގެ ވަށައިގެންވާ ޤައުމުތަކުގައި އެހިނގާ ގަޑުބަޑުތަކާއި، ފިތުނަތަކާއި، ލޭ އޮހޮރުވުންތައް އެއީ، އޭގެ އެއްވެސް އަސަރެއް އަޅުގަނޑުމެންގެ ރާއްޖެއިން، އަޅުގަނޑުމެންގެ ތެރެއިން އެކަކުވެސް ފެންނަން ނޭދޭކަހަލަ ކަންތައްތައް.
އެހެންވީމާ، އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އެއްބާރުލުމަށް ވަރަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭނެ. ރައްޔިތުންނާއި ވެރިންނާ ދޭތެރޭގައިވެސް އަޅުގަނޑުމެންގެ އަމިއްލަ މިރަށްރަށުގައިވެސް އޮންނަންޖެހޭނީ އެކުވެރިކަން، އެއްބާރުލުން. ހަމައެފަދައިން، ރައްޔިތުންގެ މެދުގައި، ޢާންމުންގެ މެދުގައިވެސް އޮންނަންޖެހޭނީ އެފަދަ ރަޙްމަތްތެރި ގުޅުމެއް. އެފަދަ އެއްބާރުލުން އޮންނަންޖެހޭނީ. އަދި ކައިރީގައި ހުންނަ ރަށްރަށުގެ ރައްޔިތުންގެ ތެރޭގައިވެސް އެފަދަ ގުޅުން އޮންނަންޖެހޭނީ. އަޅުގަނޑުމެންނަކީ ވަކި ރަށަކަށް ނިސްބަތްވީތީ ތަޢައްޞުބުވާންވީ ބައެއްނޫން. އަޅުގަނޑުމެންނަކީ ދިވެހިން. އަޅުގަނޑުމެންނަކީ މުސްލިމުން. އެހެންވީމާ، މުސްލިމަކަށްވުމުން އަދި ދިވެއްސަކަށްވުމުން ފުދުނީކަމަށް ބަލާފައި، އިތުރަށް ތިމާގެ ރަށުގެ ވާހަކަ މާބޮޑަށް ނުދައްކައި، ތިމާ އެއީ، މިވެނި ރަށެއްގެ މީހަކަށްވީތީ، އެރަށަށް ހުރިހާ ކުރިއެރުމެއް ހޯދައިދޭން މަސައްކަތްކުރާގޮތް، އެ ރޫޙު އަޅުގަނޑުމެންގެ ތެރެއިން އަޅުގަނޑު ހިތުން ނައްތައިލުމަކީ ބޭނުން ކަމެއް. އަޅުގަނޑު މި ދަންނަވާ ވާހަކައަކީ، ތިމާގެ އަމިއްލަ ރަށް ކުރިއަށްގެންދަން މަސައްކަތް ނުކުރާށެކޭ ނޫން. މަސައްކަތް ކުރަންޖެހޭނެ. އެކަމަކު، އެކަމުގައި އެއްވެސްކަހަލަ ވާދަވެރިކަމެއް، ކައިރީގައި އޮންނަ ރަށާ ދޭތެރޭގައި އޮވެގެނެއް ނުވާނެ. އެމީހުންނަށްވެސް އަޅުގަނޑުމެން ޖެހޭނީ ހެޔޮއެދެން. އެމީހުންވެސް ކުރިއަށްދާން އަޅުގަނޑުމެން އެދެންޖެހޭނީ. އެމީހުންނާ އަޅުގަނޑުމެންނާ ދޭތެރޭގައި އޮންނަ ގުޅުންތައް ރަނގަޅުކޮށް، އިޞްލާޙު ކުރެވޭތޯ އަޅުގަނޑުމެންގެ ތެރެއިން ހަމަ ކޮންމެ މީހަކުވެސް މަސައްކަތްކުރަންޖެހޭނެ. އެއީ، އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށްވީތީވެސް އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. އަޅުގަނޑުމެންނަކީ އެއް ޤައުމެއްގެ އަހުލުވެރިން ކަމަށްވީތީވެސް އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. އެހެންވީމާ، އަޅުގަނޑުމެންނަކީ އެކުވެރި ބައެއްގެ ގޮތުގައި ތިބެގެން، އެއްބަނޑުއެއްބަފާ ބައެއްގެ ގޮތުގައި ތިބެގެން، އަޅުގަނޑުމެންގެ ޤައުމަށްޓަކައި، ރަށަށްޓަކައި، ރައްޔިތުންނަށްޓަކައި މަސައްކަތް ކުރަމުންގެންދާ ކަމުގައިވަނީނަމަ، އަޅުގަނޑުމެން އެކުރާ މަސައްކަތްތަކުގެ ފައިދާ އަޅުގަނޑުމެންނަށް ފެންނާނެ.
އާދެ، ވަގުތުގެ ގޮތުން، އަޅުގަނޑު މާ ދިގު ވާހަކަތަކެއް ދައްކާކަށް ނެތިން. މިރަށަށް އަޅުގަނޑަށް އާދެވުނުކަމަށްޓަކައި ވަރަށްބޮޑަށް އުފާކޮށް، މިރަށުގެ ވެރިންނަށާއި ރައްޔިތުންނަށް އަޅުގަނޑުގެ ހެޔޮއެދުންތައް ފޮނުވަން، ހަމައެފަދައިން، މިރަށުގެ ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް މިލިބުނު ހޫނު މަރުޙަބާއަށްޓަކައި ރަށުގެ ވެރިންނަށާއި ރައްޔިތުންނަށް އިޚްލާޞްތެރިކަމާއެކު އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަން.
އަޅުގަނޑުގެ އިޚްލާޞްތެރި އެދުމަކީ، އަޅުގަނޑު މިދެއްކި ވާހަކަތަކުގެ މައްޗަށް ރައްޔިތުން ރަނގަޅަށް ވިސްނާވަޑައިގެން، ރައްޔިތުންގެ ގުޅުންތަކާއި، ރައްޔިތުން ކުރައްވާ މަސައްކަތްތައް، އެގޮތުގެ މަތިން ކުރިއަށް ގެންދެވޭތޯ ބެއްލެވުން. ރަށުތެރޭގައި ހަމަޖެހުން ޤާއިމުކުރައްވައި، އެއްބަނޑުއެއްބަފާ ބައެއްގެ ގޮތުގައި ދިރިއުޅެވޭތޯ ބެއްލެވުން. އަދި ރަށާއި ޤައުމު ތަރައްޤީކުރުމުގައި، އެމީހަކު ޙިއްޞާކުރަންޖެހޭ ބައެއް، އެމީހާ ޙިއްޞާކުރަމުން ގެންދިޔުމުގެ ޢަޒުމު ތިޔަ ހުރިހާ ބޭފުޅުންގެ ހިތްޕުޅުތަކުގައި އަށަގަތުން. އާދެ، އަޅުގަނޑުމެން ކުރާ ހެޔޮ މަސައްކަތުގެ ނަތީޖާ އިރާދަކުރެއްވިއްޔާ اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް ދައްކަވާނެ.
والسّلام عليكم ورحمـة اللّـه وبركاته.