ޤައުމުގެ ތަރައްޤީއަށް އެންމެން އެކުގައި މަސައްކަތް ކުރެވިއްޖެނަމަ، ދިވެހިރާއްޖެއަށް އާދަޔާ ޚިލާފު ބަދަލު ގެނެވިދާނެ ކަމަށާއި، ނުހަނު ގިނަގުނަ ބޮޑެތި ތަރައްޤީ ޙާޞިލު ކުރެވިދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ މުޞްޠަފާ ލުޠުފީގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެންގެވުމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން މަސައްކަތް ކުރައްވަމުން ގެންދަވާތީ، އެކަމުގެ މައްޗަށް ބައްލަވާލައްވައި، ބައެއް ކަންކަން ފާހަގަކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، އެއްބަޔަކާ އަނެއްބަޔަކާ ޙަސަދަވެރިވެ، އަބަދުމެ އަޅުގަނޑުމެންގެ މަސައްކަތަކީ ދެރައެއް ދިނުން، ގެއްލުމެއް ދިނުން، ހުރަސްއެޅުން، ނުވަތަ ހުއްޓުވާލުން ކަމަށްވަނީނަމަ، އަޅުގަނޑުމެންނަށް ކުރިއަށްދެވޭ މިންވަރު ލަސްވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، ޑޮކްޓަރ މުޞްޠަފާ ލުޠުފީއަކީ ވަޒީރު ބޭފުޅުންގެ ތެރެއިން އެންމެ ފުރިހަމައަށް ވަޒީރުކަން ކުރައްވަމުން ގެންދަވާ އެއްބޭފުޅެއް ކަމަށާއި، އެޑިޔުކޭޝަން މިނިސްޓްރީގެ މަސައްކަތްތަކާއި، އެމިނިސްޓްރީން ދެއްވަމުން ގެންދަވާ ޚިދްމަތްތައް، ރައްޔިތުން ފާހަގަކުރާ ކަމުގައި ވިދާޅުވިއެވެ. އަދި މާލޭގެ މަދަރުސާތަކަށް އައިސްފައިވާ ބަދަލާއި، ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގެ މަދަރުސާތަކަށް އައިސްފައިވާ ބަދަލުވެސް ރައްޔިތުން ބަލައިގަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެ، މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ޑޮކްޓަރ މުޞްޠަފާ ލުޠުފީއަކީ މާތްވެގެންވާ އިސްލާމްދީނަށާއި ދިވެހިބަހަށް ކުޑަވެސް އުނިކަމެއް އައުމަށް އެދިވަޑައިގަންނަވާ ބޭފުޅެއް ކަމަކަށް ދެކެވަޑައިނުގަންނަވާ ކަމުގައި ވިދާޅުވިއެވެ. ދިވެހިބަހާއި އިސްލާމް، ގްރޭޑް 11، 12ގައި ދަރިވަރުންނަށް މަޖުބޫރު މާއްދާއެއްގެ ގޮތުގައި ކިޔަވައިދިނުން އެއީ ބޭނުންތެރި ކަމެއްތޯ ނުވަތަ ނޫންތޯ ބެއްލެވުމަށް ޑޮކްޓަރ މުޞްޠަފާ ލުޠުފީ ހިންގަވަމުން ގެންދެވި މަޝްވަރާތަކެއްގެ ސަބަބުން އެމަނިކުފާނުގެ މައްޗަށް އިތުބާރު ނެތް ކަމަށް ދުށުމަކީ އިންޞާފުވެރި ގޮތެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ދިވެހިރާއްޖެއަކުން ދިވެހިބަހެއް ފޮހެވިއެއް ނުދާނެއެވެ. ދިވެހިން އަބަދުވެސް ވާހަކަ ދައްކަމުން ގެންދާނީ ދިވެހި ބަހުންނެވެ. މިރާއްޖޭގައި ދިވެހިން ތިބިހާ ދުވަހަކު މިރާއްޖޭގައި ދިވެހިބަސް އޮންނާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރޭޑިޔޯ ޚިޠާބުގައި، އިއްޔެ އަވަހާރަވި އަލްއުސްތާޛު އަލްމަރްޙޫމް ނ.ތ. ޙަސަންދީދީގެ ޒިކުރާ އާކުރައްވަމުން، ނ.ތ. ޙަސަންދީދީއަކީ ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރި ޚިދްމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށް ވިދާޅުވިއެވެ. އަދި ނ.ތ. ޙަސަންދީދީއަކީ ރާއްޖޭގެ ދޮށީ ޢުމުރުގެ ބޭފުޅުންގެ ތެރެއިން ވަރަށްގިނަ ސިޔާސީ ތަޖްރިބާތަކެއް ލިބިވަޑައިގެންފައިވާ ބޭފުޅެއްކަން ފާހަގަކުރައްވަމުން، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ޙަޔާތުގައިވެސް އަދި ވެރިކަން ހިންގުމުގެ ޙަޔާތުގައިވެސް ވަރަށް ބޮޑަށް ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެއް ކަމުގައި ވިދާޅުވިއެވެ.

ފުރަތަމަ ޓާރމް ބަންދަށްފަހު އަންނަ އާދީއްތަ ދުވަހު މަދަރުސާތަކުގެ ކިޔެވުން ފެށޭތީ، މި ފެށޭ ޓާރމްގައި އާ ހިތްވަރަކާއެކު މަސައްކަތް ކުރުމަށް ކުދިންނަށް ހިތްވަރު ދެއްވައި، އަދި މައިންބަފައިންވެސް މިރޮނގުން މަސައްކަތް ކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި މިއަދު އެދިވަޑައިގެންނެވިއެވެ. އަދި ސްކޫލްތަކުގެ ޕްރިންސިޕަލުންނަށާއި، ހެޑްމާސްޓަރުންނަށާއި، މުދައްރިސުންނަށާއި، ސްކޫލްތަކުގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް މަރްޙަބާ ވިދާޅުވެ، އެބޭފުޅުން އެކުރައްވާ މަސައްކަތުގެ ނަތީޖާ ފެންނަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި މަދަރުސާތަކުގައި އިތުރު ޙަރަކާތްތައް ގިނަވެ، ކިޔެވުމުގެ ކަންކަން މިހާރު ކުރިއަށްވުރެ ރަނގަޅު ކަމަށް އިޙްސާސް ކުރެއްވޭ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިރޭ ފެށޭ ވާރލްޑްކަޕް ފުޓްބޯޅަ މުބާރާތަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، އެ މުބާރާތުން އަޅުގަނޑުމެންނަށް ލިބޭނީ ހަމައެކަނި މުނިފޫހިފިލުވުމާއި އުފާވެރިކަމެއް ނޫން ކަމަށާއި، ކިތަންމެ ފިލާވަޅަކާއި ތަޖްރިބާއެއްވެސް ލިބިގެންދާނެ ކަމުގައި ވިދާޅުވިއެވެ. އަދި މިމުބާރާތަކީ ދުނިޔޭގެ ހުރިހާ ޤައުމެއްގެ ޝައުޤުވެރިކަންވެސް، ނަޒަރިއްޔާތުވެސް އެމައްޗަށް ހުއްޓޭ މުބާރާތެއް ކަމަށާއި، ރާއްޖޭގައިވެސް އެކަންދާނީ އެގޮތަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.