ދުނިޔެ ހޫނުވާ މިންވަރު ކުޑަކޮށް، ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށްޓަކައި ހުރިހާ ޤައުމުތަކުގެ ވެއްޓަށް ފެތޭ، ބަދަލުވެވޭނެ އިންސާފުވެރި މޫސުމީ ސިޔާސަތެއް، މުހިންމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، "ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ބްލޫ އިކޮނޮމީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން"ގެ ތިންވަނަ ބައްދަލުވުން އިފްތިތާޙުކުރެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މި ފޯރަމުގައި ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވަނީ، "ކަނޑުގެ ދަރީން"ގެ ގޮތުގައި ދިވެހިންގެ ޝަޚްޞު ބިނާކުރުމުގައްޔާއި، ދިވެހިންގެ އިޤްތިޞާދު ބައްޓަންކުރުމުގައި ކަނޑުގެ ދިރުންތައް އަދާކުރާ ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވައި، ފަތުރުވެރިކަމާއި މަސްވެރިކަމަކީ ދިވެހިރާއްޖޭގެ އާމްދަނީގައި އަސާސީ ހިއްސާދާރުންކަން ފާހަގަކުރައްވާފައެވެ. އަދި ޤަވާއިދާ ޚިލާފަށް ކުރާ އައި.ޔޫ.ޔޫ (އިލީގަލް، އަންރިޕޯޓަޑް އެންޑް އަންރެގިއުލޭޓަޑް) މަސްވެރިކަމުން ދިވެހި މަސްކަނޑުތަކުގެ ސްޓޮކް ނުރައްކަލަށް ހުށަހެޅި، ދިވެހި މަސްވެރިންގެ އާމްދަނީ ހިރާސްވެ، ކާބޯތަކެތީގެ ރައްކާތެރިކަމަށްވެސް އަސަރުކުރާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޒަމާނުއްސުރެ ދިވެހިން ކުރަމުން އަންނަ ދޮށީގެ މަސްވެރިކަމުގެ ސަބަބުން، ކަނޑުގެ ދިރުންތައް ހިމާޔަތްކޮށްދޭކަން ފާހަގަކުރައްވަމުން، މިއީ ދެމެހެއްޓެނިވި މަސްވެރިކަމަށްޓަކައި ޤާނޫނުގައި މަޖުބޫރުކުރާ ކަމެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތައް، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުން ނާއިންސާފު މިންވަރަކަށް ތަޙައްމަލުކުރަންޖެހޭކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ، މޫސުމީ ބަދަލުތަކުން ކުރާ ނޭދެވޭ އަސަރުތަކަށް އަހުލުވެރިވެ ހޭނުމަށާއި، މޫސުމީ ބަދަލުތަކުން ކުރާ އަސަރުތައް ކުޑަކުރުމަށް ރާއްޖެއިން މަސައްކަތްކުރަމުންދަނީ، މަދު ވަޞީލަތްތަކެއް ބޭނުންކޮށްގެންކަން ހާމަކުރައްވާފައެވެ. އެމަނިކުފާނު ވަނީ، ބްލޫ އިކޮނޮމީގެ އެހީގައި ދެމެހެއްޓެނިވި ތަރައްޤީއަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވާ އަހައްމިއްޔަތު ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ، ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަ ހަރުދަނާ ގުޅުން ފާހަގަކުރައްވައި، ބަރޯސާވެވޭ ބައިވެރިއެއްގެ ގޮތުގައި ޗައިނާއިން އަދާކުރާ ދައުރަށްޓަކައި ޝުކުރު އަދާކުރައްވަމުންނެވެ