بســم اللّـه الرّحمـن الرّحيــم


اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.

އާދެ، މިއަދު އަޅުގަނޑުމެން މި ދުށީ، އަޅުގަނޑުމެންގެ ވަރަށް ގިނަ ބަޔަކު، ވަރަށް ކުރިއްސުރެ ދެކެމުން އައި ހުވަފެނެއް ޙަޤީޤަތަކަށް ވެގެންދިޔަ ތަން. އާދެ، މިދެންނެވި މީހުންގެ ތެރޭގައި އަޅުގަނޑުވެސް ހިމެނޭ. ރާއްޖެތެރޭގައި ސެކަންޑަރީ ސްކޫލެއް ހުޅުވުމަކީ، ވަރަށް ގިނަ ބަޔަކަށް، އޭގެ ބޭނުން ވަރަށްގިނަ ދުވަހުއްސުރެ އިޙްސާސް ކުރެވެމުން އައިސްފައިވާ ކަމެއް. އަޅުގަނޑުމެން ތަޢުލީމުގެ ރޮނގުން ކުރިއަށްދާން އެދޭނަމަ ނުވަތަ އެހެން ޢިބާރާތަކުން ދަންނަވަންޏާ، ތަރައްޤީގެ މަގުގައި ކުރިއަށްދާން އެދޭނަމަ، މާލޭގެ އިތުރަށް، ރާއްޖެތެރޭގައިވެސް މިފަދަ ފެންވަރުގެ ތަޢުލީމު ދެވޭނެ މަރުކަޒުތައް ޤާއިމުކުރުމަކީ ކޮންމެހެން ބޭނުންވެފައިވާ ކަމެއްކަމަށް ވަރަށް ގިނަ ބަޔަކު އައީ ޤަބޫލުކުރަމުން.

އާދެ، ޝައްކެއްނެތްގޮތުގައި، އެ ހުވަފެން ނުވަތަ އެބަޔަކު އެ އުންމީދުކުރި އުންމީދުކުރުން މިއަދު ޙަޤީޤަތަކަށް މިވަނީ. އޭގެ އެންމެ ފުރަތަމަ ފިޔަވަޅު މިއަދު އަޅުގަނޑުމެންނަށް މިއެޅުނީ. މިކަމަށްޓަކައި ޝައްކެއްނެތްގޮތުގައި، ދިވެހި ޤައުމުގެ އެންމެހާ ރައްޔިތުން ވަރަށްބޮޑަށް އުފާކުރާނެ. ހުރިހާވެސް ނިޢުމަތެއްގެ ވެރި اللّـه سبحـانـه وتعـالى އަށް މިކަމުގައިވެސް އަޅުގަނޑުމެން އަދާކުރަންޖެހޭ ޙަމްދާއި ޝުކުރު ވަރަށްވެސް ބޮޑު.

އާދެ، ރާއްޖެތެރޭގައި ހުޅުވޭ ފުރަތަމަ ސެކަންޑަރީ ސްކޫލް، އާދެ، ސަދަން ސެކަންޑަރީ ސްކޫލް ހުޅުވައިދިނުމަކީ މިއަދު އަޅުގަނޑަށް ލިބުނު ވަރަށްވެސް ބޮޑު އުފަލެއް. އަދި އެހާމެ ބޮޑު ޝަރަފެއް. މި ސްކޫލްގެ ސަބަބުން އައްޑުއަތޮޅުގެ ރައްޔިތުންނަށާއި، އައްޑުއަތޮޅުގެ ކިޔަވާކުދިންނަށާއި އަދި އައްޑުއަތޮޅާ އެންމެ ކައިރި އަތޮޅުތަކުގެ ރައްޔިތުންނަށާއި، ކިޔަވާކުދިންނަށް މުސްތަޤްބަލުގައި އެކަށީގެންވާ ފައިދާތަކެއް ކުރުމަކީ، އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ އެންމެންގެވެސް އެދުން.

އާދެ، މި ސްކޫލާ ބެހޭގޮތުން އަޅުގަނޑުމެންނަށް ވަރަށްގިނަ މަޢުލޫމާތުތަކެއް ލިބިގެން ހިނގައްޖެ. މިކަމާ ގުޅިގެން ޙަރަކާތްތެރިވެވަޑައިގެންނެވި ސަރުކާރުގެ ހުރިހާ ދާއިރާއެއްގެ އެންމެ އިސްވެރިން މިތާނގައި ވާހަކަފުޅު ދައްކަވައިފި. އެ ބޭބޭފުޅުންގެ ވާހަކަފުޅުތަކުން، މި ސްކޫލްގެ މަޝްރޫޢު ރޭވިގެން އައިގޮތާއި، އެކަމަށް ސަރުކާރުން ފައިސާ ހޯދި ގޮތާއި އަދި މަސައްކަތް ހިނގައިދިޔަގޮތް އަޅުގަނޑުމެންނަށް ހާމަވެގެން ހިނގައްޖެ. މިކަމާ ދޭތެރޭގައި އަޅުގަނޑު ވިސްނާލާއިރު، ދެތިން ނުކުތާއެއް ފާހަގަކޮށްލަންޖެހޭނެ ކަމަށް އަޅުގަނޑު ދެކެން. މިހެން ދަންނަވާއިރު، އަޅުގަނޑުވެސް މިދަންނަވަން އުޅެނީ މުޅިން އާ އެއްޗެއްނޫންކަން އަޅުގަނޑަށްވެސް އެނގޭ. އަޅުގަނޑަށްވެސް ދެއްކެން އޮތީ، އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ބޭފުޅުން ދައްކަވާފައިހުރި ވާހަކަފުޅުތަކެއް. އެހެންނަމަވެސް، ކަމުގެ މުހިންމުކަން ބޮޑުކަމުން، އެކަމާ ދޭތެރޭގައި ޚުދު އަޅުގަނޑުވެސް އެއްޗެއް ދެންނެވުމަކީ ބޭނުންތެރި ކަމެއް ކަމުގައި އަޅުގަނޑު ދެކެން.

އާދެ، އެންމެ ފުރަތަމަ އަޅުގަނޑުމެން ފާހަގަކޮށްލަންޖެހޭ ކަމަކީ، މީގެ ކުރިން ވާހަކަފުޅު ދެއްކެވި މިނިސްޓަރ އޮފް ޕްލޭނިންގ އެންޑް އެންވަޔަރަންމަންޓް އަލްފާޟިލް އިސްމާޢީލް ޝަފީޢާއި، މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަން އަލްފާޟިލް އިލްޔާސް އިބްރާހީމާ ދެބޭފުޅުންވެސް ވިދާޅުވި ފަދައިން، މި މަޝްރޫޢަކީ ބޭރުގެ ފަރާތެއްގެ ލޯނެއް ސަރުކާރަށް ހޯދައިގެން ހިންގާފައިވާ މަޝްރޫޢެއް. އާދެ، މީގެކުރިން އަދި މިހާތަނާ ޖެހެންދެންވެސް ސަރުކާރުން ލޯނު ނަގަމުން މިގެންދަނީ، އެއިން ސީދާ އާމްދަނީ ލިބޭ ކަހަލަ ކަންކަމަށް. މިސާލަކަށް، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް. އެއީ، އެތަނަށް ލިބޭ އެއްޗަކުން ސަރުކާރަށް އާމްދަނީ ލިބޭ ތަނެއް. އަދި އަޅުގަނޑުމެން ލޯނު ނެގި ކަމުގައިވިޔަސް، އެތަނަށް ލިބޭ އެއްޗަކުން އެ ލޯނު އެކީގައި އަދާނުކުރެވުނު ކަމުގައިވިޔަސް، އެ ލޯނުގެ ބޮޑުބައެއް އަދާކުރެވިދާނެ ކަހަލަ މަޝްރޫޢެއް އެއީ. އަދި މިނޫނަސް މަސްވެރިކަމުގެ ތަފާތު މަޝްރޫޢުތަކާއި އަދި އިޤްތިޞާދީ އެހެން ކަންތައްތަކާބެހޭ މަޝްރޫޢުތަކަށް ސަރުކާރުން ލޯނު ނަގަނީ، އެކަންކަމުން ސީދާ އާމްދަނީ ލިބޭތީ، އެނަގާ ލޯނު އަނބުރާ ދެއްކުމުގައި ސަރުކާރަށް އެއްވެސް ބުރައެއް އުފުލަން ނުޖެހޭނެތީ. އެއާ ޚިލާފަށް، މިވަގުތު އަޅުގަނޑުމެން މި އުފާކުރާ ސްކޫލް ޢިމާރާތް މިކުރެވުނީ އަދި މި ސްކޫލް ފިޔަވައިވެސް ވާރލްޑް ބޭންކްގެ މި ޕްރޮޖެކްޓްގައި އާދެ، "އެޑިޔުކޭޝަން އެންޑް ޓްރޭނިންގ ޕްރޮޖެކްޓް" ގައި ހިމެނޭ އެހެން ބައިތަކަށް ސަރުކާރުން ލޯނުގެ ގޮތުން ފައިސާ ހޯދި ހޯދުމަކީ، މީގެކުރިން އެގޮތަށް ކަންތައް ކޮށްފައި އޮތް ކަމެއްނޫން. މިކަމަކީ ސީދާ އެއިން އަޅުގަނޑުމެންނަށް އާމްދަނީއެއް ލިބޭނެ ކަމެއްނޫން. އެހެން ނަމަވެސް، ނުސީދާ ގޮތެއްގައި ތަޢުލީމުގެ ދާއިރާ ފުޅާވެގެންދިޔުމުން އަދި ޤާބިލް، ހަރުދަނާ ބަޔަކު އުފެއްދުމުގެ ސަބަބުން، އެމީހުން ކުރާ މަސައްކަތުން އާމްދަނީ ލިބުމަކީ ވަރަށް ކައިރީގައި އޮންނާނެ ކަމެއް. އެހެންކަމުން، އެގޮތުން ބަލާއިރު، ދުރު މުސްތަޤްބަލެއްގައި ސަރުކާރުން މިނެގި ލޯނުގެ ފައިދާ ޤައުމަށް ލިބުނު ކަމުގައިވިޔަސް، މި ލޯނު އަނބުރާ ދެއްކުމުގައި އަޅުގަނޑުމެންނަށް ސީދާ މި ސްކޫލަކުން ނުވަތަ މި ޕްރޮޖެކްޓްގައި ހިމެނޭ އެހެން ކަންކަމަކުން ފައިސާއެއް ނުލިބޭނެ. ސަރުކާރުން މިގޮތަށް ޢަމަލުކުރަންޖެހުނީ ތަޢުލީމުގެ މުހިންމުކަން ބޮޑުކަމުން. ތަޢުލީމަކީ ތަރައްޤީގެ އެންމެ ފުރަތަމަ ހަރުފަތް. ތަރައްޤީއޭ މިކިޔާ ތަނަވަސް މައިދާނަށް ބިސްމި ކިޔާފައި ހުޅުވާލަން ހުރި ދޮރު. އެދޮރުން ލާފައި އަޅުގަނޑުމެންނަށް ތަރައްޤީގެ ތެރެއަށް ދެވޭނީ. އެ ތަރައްޤީއަކީ އިޖުތިމާޢީ ތަރައްޤީ ކަމުގައިވިޔަސް، އިޤްތިޞާދީ ތަރައްޤީ ކަމުގައިވިޔަސް ނުވަތަ ދިރިއުޅުމުގެ އެހެން މައިދާނެއްގައި ކުރާ ތަރައްޤީއެއް ކަމުގައިވިޔަސް. އެއިން ކޮންމެ ތަރައްޤީއަކަށް ވާޞިލްވެވޭނީވެސް ތަޢުލީމުގެ ދޮރުންލާފައި. އެއީ، އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭނެ ޙަޤީޤަތެއް. އެކަން އެހެން އޮތުމާއެކު، ސަރުކާރުން ތަޢުލީމަށް އެހާބޮޑު އަހަންމިއްޔަތެއް ދެމުން މިގެންދަނީ. އަޅުގަނޑު ހިތުން ރާއްޖޭގެ ރައްޔިތުންވެސް އެކަން ގަބޫލުކުރައްވާނެ.

އާދެ، ރާއްޖެތެރޭގައި ފުރަތަމަ މިހުޅުވޭ ސެކަންޑަރީ ސްކޫލް މިހުޅުވުނީ އެކަމަށް އެންމެ އެކަށީގެންވާ ސަރަޙައްދުގައި ކަމާ ދޭތެރޭގައިވެސް ދެމީހަކު ދެބަހެއްނުވާނެ. މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ވާހަކަފުޅުގައި އެކަން ވަރަށް ރަނގަޅަށް ބަޔާންކޮށްދެއްވައިފި. އައްޑުއަތޮޅަކީ ރާއްޖޭގައި އޮތް އެންމެ މީހުން ގިނަ އަތޮޅު. އަދި ހިތަދުއަކީ މާލެ ނަގާފައި، ރާއްޖޭގައި އޮތް އެންމެ މީހުން ގިނަ ރަށް. އެހެންކަމުން، އެންމެ ގިނަ ޢަދަދެއްގެ ދިވެހި ދަރިންނަށް ސެކަންޑަރީ ސްކޫލެއްގެ ފައިދާ ޙާޞިލްކުރެވޭނީ އައްޑުއަތޮޅު ހިތަދޫގައި އެތަން ހުރެގެންކަން، އެއީ އަޅުގަނޑު ހިތުން ހަމަ އެކަކުވެސް އެއާ ދޭތެރޭގައި ތަފާތު ޚިޔާލެއް ފާޅުކުރާނެ ކަމެއްނޫން.

އާދެ، ހަމައެކަނި އައްޑުއަތޮޅު ހިތަދޫގައި ސެކަންޑަރީ ސްކޫލެއް ޤާއިމުކުރެވުމަކުން އެއީ، ރާއްޖެތެރޭގައި ޘާނަވީ ތަޢުލީމު ނުވަތަ ސެކަންޑަރީ ތަޢުލީމު ފެތުރުމަށް ބޭނުންވާ ވަސީލަތްތައް ހަމަޖެހުނީ ކަމަކަށް އަޅުގަނޑު ނުދެކެން. އެކަން އެހެނެއް ނުވެސްވާނެ. މިއީ އާ މަރުޙަލާއެއްގެ ފެށުން. ފުރަތަމަ އަޅުގަނޑުމެން އިސްކަންދީގެން އުޅުނީ ޕްރައިމަރީ އެޑިޔުކޭޝަނަށް. އާދެ، އިބްތިދާއީ ތަޢުލީމަށް. އޭގެފަހުގައި މިހާރު އަޅުގަނޑުމެންގެ ރާއްޖޭގައި އިބްތިދާއީ ތަޢުލީމު ދޭ ތަންތަން ފުދޭވަރަކަށް ގިނަވެފައިވުމާ އެކީގައި، އަޅުގަނޑުމެން ވިސްނަންޖެހުނީ އެއަށްވުރެ ތަންކޮޅެއް މައްޗަށް ޖެހިލަން، ޘާނަވީ ތަޢުލީމުގެ މައިދާނަށް ނުކުތުމަށް.

އާދެ، އަޅުގަނޑުމެންނަށް މިއަދު އިރާދަކުރެއްވީތީ، އެ މައިދާނަށް ރާއްޖެތެރޭގައި މިނުކުމެވުނީ. ކުރިން މާލޭގައި ޘާނަވީ ތަޢުލީމުދޭ މަދަރުސާތަކެއް ޤާއިމުކުރެވިފައި ހުރިކަމުގައިވިޔަސް، މީގެ ކުރިއަކުން ރާއްޖެތެރޭގައި އެފަދަ މަރުކަޒެއް ޤާއިމުވެފައެއް ނެތް. ވީމާ، ރާއްޖޭގެ އެހެން ދިމަދިމައިގައި ސެކަންޑަރީ ސްކޫލްތައް ބިނާކުރުމާ ދޭތެރޭގައި، މުސްތަޤްބަލުގައި ސަރުކާރުން ވިސްނަންޖެހޭ. އެކަމާ ދޭތެރޭގައި، ވިސްނަންޖެހެނީކީ މުސްތަޤްބަލުގައި އެކަންޏެއްނޫން. އަދި މިހާރުވެސް އެކަން ހިނގަނީ އެހެން. މިހާރުވެސް މާލެއިން އުތުރުގައި ސެކަންޑަރީ ސްކޫލެއް ޢިމާރާތް ކުރުމުގެ މަޝްރޫޢު ސަރުކާރުން މިގެންދަނީ ރާވަމުން. އެކަމާ ދޭތެރޭގައި މަޝްވަރާކުރަންޖެހޭ ފަރާތްތަކާ މަޝްވަރާކޮށް، އެ މަޝްރޫޢުގެ ތަފްޞީލުތަކާ ދޭތެރޭގައި ވާހަކަ ދައްކައި، ޚިޔާލު ބަދަލުކޮށް، އެކަން ކަނޑައަޅަމުން މިގެންދަނީ.

އާދެ، ތިޔަބޭފުޅުން އައްސަވާނެ ފަދައިން، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްއުސްތާޛު ފަތުޙުﷲ ޖަމީލް މިވަގުތު ވީ ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅެއްގައި. އޭނާގެ މިދަތުރުފުޅުގައިވެސް މާލެއިން އުތުރުގައި އަޅަން ސަރުކާރުން ޚިޔާލުކުރާ ސެކަންޑަރީ ސްކޫލަކަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ. މިހެން ދެންނެވިޔަސް، އެކަމަކީ ކުއްލިއަކަށް އެހާ އަވަހަކަށް ހަމަޖެހިގެންދާނެ ކަމެކޭ އަޅުގަނޑަކަށް ނުދެންނެވޭނެ. އަޅުގަނޑުމެންނަށް ތަޖުރިބާ ކުރެވިފައިވާ ގޮތުން، ބޭރުގެ އެހީ ހޯދުމަކީ ވަރަށްދިގުލާ ކަމެއް. މިކަމާ ދޭތެރޭގައި ސަރުކާރުން ވިސްނައި، އަދި ކަމާބެހޭ ފަރާތްތަކާ ގުޅައިގެން، ވަރަށްގިނަ އަހަރުތަކެއް ވުމަށްފަހުގައި ނޫނީ ގިނަފަހަރަކަށް، އެ އެހީ އަޅުގަނޑުމެންނަކަށް ލިބިފައެއް ނޯވޭ. އެހެންނަމަވެސް، އަޅުގަނޑު ދަންނަވަން މިއުޅޭ އެއްޗަކީ، މިހިސާބުން ސަރުކާރުން ނިންމާލިއްޔަކީ ނޫނޭ. އާދެ، ރާއްޖޭގެ ދެކުނުގައި، ދެކުނުގެ ސަރަޙައްދީ ޘާނަވީ މަދަރުސާއެއް ހުޅުވުމަށްފަހުގައި، ވީ އެންމެ އަވަހަކަށް އުތުރުގައި، އުތުރުގެ ސަރަޙައްދީ ޘާނަވީ މަދަރުސާއެއް ހުޅުވުމުގެ ޚިޔާލު ސަރުކާރުން މިގެންދަނީ ކުރަމުން ކަމަށް ދަންނަވާލުން. ﷲގެ ވާގިފުޅާއެކު، އެކަމަށްވެސް ބޭނުންވާ ފައިސާގެ ކަންތައްތައް ހަމަޖެހުމާއެކީގައި، ލަހެއްނުވެ އިރާދަކުރެއްވިއްޔާ އެ މަސައްކަތްވެސް ފެށޭނެ.

އާދެ، އަޅުގަނޑުގެ މި ދަތުރަކީ، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ހަމައެކަނި އައްޑުއަތޮޅުގެ ނުވަތަ ސަދަން ސެކަންޑަރީ ސްކޫލް ހުޅުވައިދިނުމަށް ކުރާ ދަތުރެއް ނޫން. އޭގެ އިތުރުން، އައްޑުއަތޮޅަށާއި ފުވައްމުލަކަށްވެސް ކުރާ ދަތުރެއް. އެހެންވީމާ، މިއަދު އަޅުގަނޑު މި މުޚާޠަބު ކުރަނީ، ހަމައެކަނި މި ސްކޫލްގެ ދަރިވަރުންނާއި، ސްކޫލްގެ ދަރިވަރުންގެ ބެލެނިވެރިންނާއި، ސްކޫލް ހިންގަވާ ފަރާތްތަކާ އެކަންޏެއްނޫން. އަޅުގަނޑު މި މުޚާޠަބު ކުރަނީ، އައްޑުއަތޮޅުގެ ރައްޔިތުންނާއި އަދި ވަރަށް ޚާއްޞަގޮތެއްގައި ހިތަދޫގެ ރައްޔިތުންނާ.

މި ސްކޫލާ ދޭތެރޭގައި އަދިވެސް އެއްޗެއް ދަންނަވާލަން އެބަ ބޭނުންވޭ. އެއީ، މިހާރު ރާއްޖެތެރޭގައި މިފަދަ ސްކޫލެއް ނެތުމުން، ރާއްޖެތެރޭގެ މީހުންނަށް ދިމާވާ ދަތީގެ މައްސަލަ. ރާއްޖެތެރޭގައި ހުރި ތަޢުލީމީ މަރުކަޒުތަކުން އަޅުގަނޑުމެންގެ ދަރިންނަށް އިބްތިދާއީ ތަޢުލީމު ޙާޞިލްކޮށްދެވުނު ކަމުގައިވިޔަސް، އޭގެފަހުން އަޅުގަނޑުމެން ދާންޖެހެނީ މާލެއަށް. މާލެއަށް ކުދިން ފޮނުވައިގެން، އެކުދިންނަށް ތަޢުލީމު ދިނުމަކީ ފަސޭހަކަމެއް ނޫން. ވަރަށްދަތި ކަމެއް. ވަރަށް ގިނަ ޚަރަދުތަކެއް ކުރަންޖެހޭ ކަމެއް. އަދި އެއް ޢާއިލާއެއްގައި، އެއް ކުއްޖަކަށްވުރެ ގިނަކުދިން، ޘާނަވީ ތަޢުލީމުގެ މަރުޙަލާގައި ތިބި ކަމުގައިވަންޏާ، ބައެއްފަހަރަށް މުޅި ޢާއިލާ އެކީގައިވެސް ހިޖުރަކޮށްފައި މާލެދާން އެބަޖެހޭ. މާލޭގައި ވަޒަންވެރިވާން އެބަޖެހޭ. ޝައްކެއްނެތްގޮތުގައި، މިއީ ވަރަށް ތަފާތު މައްސަލަތަކެއް، އެކަމުން ނުކުންނާނެ ކަމެއް. ފުރަތަމަ ކަމަކީ، ރާއްޖެތެރޭގެ ރައްޔިތުން، އެމީހުންގެ އަމިއްލަ ރަށްރަށުން ހިޖުރަކޮށްފައި، އެހެން ރަށަކަށް ދާންޖެހުމުން އެރަށްރަށަށް ވާނެގޮތް. އަދި ވަމުންދާގޮތް. އެ ރަށްރަށުގައި މަސައްކަތް ކުރާނެ މީހުން މަދުވުން. ކަމަކަށް ބޭނުންވާ ހިނދެއްގައި، އެކަމަކާ ކުރިމަތިލާނެ މީހުން ރަށްރަށުގައި ނެތުން. އަދި އެމީހުންގެ ގެދޮރު ވީރާނާވެގެން ދިޔުން. މީގެ އިތުރުން، އެމީހުން އުފުލަންޖެހޭ ބުރަޔާއި، ކުރަންޖެހޭ ޚަރަދުތައް. އަނެއްކޮޅުން ބަލާއިރު، އެއްރަށަކަށް މާގިނަ ޢަދަދަކަށް މީހުން އިތުރުވަމުންދާ ކަމަށްވަންޏާ، އެ ރަށަކަށްވެސް ދިމާވާނެ ތަފާތު މައްސަލަތައް ހުންނާނެ. އެ މައްސަލަތައް މިހާރުވަނީ ކިތަންމެ ރަނގަޅަކަށްވެސް މާލެއާ ދިމާވެފައި.

މީހުން ގިނަވުމާއި، މީހުން ގިނަވުމުގެ ސަބަބުން ނުކުންނަ އިޖުތިމާޢީ، ޞިއްޙީ، އިޤްތިޞާދީ ތަފާތު މައްސަލަތައް ވަރަށްގިނަ. މިހުރިހާ ކަމަކަށްވެސް ޙައްލެއް ގެނެވޭނީ، މާލޭގައި މިހާރު ތޮއްޖެހިފައިވާ އެކިއެކި ފަސޭހަތައް ރާއްޖެތެރެއަށް ވާޞިލްކުރެވުނު ދުވަހަކުން. އެ މަސައްކަތް، ސަރުކާރުން ކުރަމުން މިގެންދަނީ. އެކަންތައްތައް ކުރަމުންގެންދަނީ ހަމަ މިހާރަކުނޫން. ވަރަށް ކުރިއްސުރެ އެ މަސައްކަތަށް އަޅުގަނޑުމެން މިކިޔަނީ، ލާ މަރުކަޒީ އުޞޫލުން ކަންތައްތައް ހިންގުމޭ. މާލޭގައި ހުރިހާ ކަމެއް ހަމަޖެހިފައި ހުރުމުގެ ބަދަލުގައި، ރާއްޖެތެރެއަށް އެކަންތައްތައް ގެންދިޔުން. މިހާރު އެ ރޮނގުން ވަރަށް ގިނަ ކަންތައްތައް ކުރެވެމުން އެބަދޭ. ކުރިން ރާއްޖޭގައި ހުރި ހަމައެކަނި ހޮސްޕިޓަލް ހުރީ މާލޭގައި. މިހާރު މާލޭގައި ހުރި ހޮސްޕިޓަލްގެ އިތުރަށް، ރާއްޖެތެރޭގެ ހަތަރު ތަނެއްގައި ހަތަރު ހޮސްޕިޓަލް އެބަހުރި. އޭގެތެރެއިން، އެއް ހޮސްޕިޓަލް ހުރީ މިރަށުގައި. އާދެ، ހިތަދޫގައި. އެތަން އެހެރީ ވަރަށް ރަނގަޅު ފެންވަރަކަށް ހެދިފައި. އެތާނގައި ބޭރުގެ ތިން ޑޮކްޓަރުން އެބަ ތިއްބެވި. ތިން ސްޓާފް ނަރުހުން އެބަ ތިއްބެވި. އަދި އޭގެ އިތުރަށް، ދިވެހިންގެވެސް ވަރަށް ގިނަ މުވައްޒަފުން އެތާނގައި އެބަތިބި. ދާދިފަހުން އެ ހޮސްޕިޓަލްގައި އޮޕަރޭޝަން ތިއޭޓަރެއްވެސް ބިނާކޮށް ނިމިއްޖެ.

ރާއްޖެތެރޭގައި ދެންހުރި ތަންތާނގައި ހުރި ހޮސްޕިޓަލްތައް، މި ފެންވަރަށް ނުދިޔަ ކަމުގައިވިޔަސް، ސަރުކާރުން ވިސްނަމުން މިގެންދަނީ އަދި ޢަމަލުކުރަމުން މިގެންދަނީ އެތަންތަނުގެވެސް ފެންވަރު ރަނގަޅުކޮށް، އެތަންތަނުންވެސް ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ލިބިދެވޭ ގޮތަކަށް، އެތަންތާނގެ ކަންތައްތައް އިޞްލާޙު ކުރަމުން ގެންދިޔުމަށް. އާދެ، އެއީ ލާމަރުކަޒީ އުޞޫލުން ކުރެވެމުންދާ ކަމެއް. ހަމައެއާއެކީގައި، ކުރިންވެސް ދެންނެވި ފަދައިން، ވަރަށް ކުރިއްސުރެ ކޮންމެ އަތޮޅެއްގައި، އަތޮޅު ތަޢުލީމީ މަރުކަޒެއް ޢިމާރާތްކުރުމާއި އަދި އަތޮޅު ތަޢުލީމީ މަރުކަޒުގެ އިތުރަށް، ސަރުކާރުން ހިންގާ ސްކޫލްތަކެއް ހަދައިދިނުމާއި، އަދި އަމިއްލަ މަދަރުސާތަކަށް ސަރުކާރުން އެހީވެދިނުމާއި، މިކަންތައްތައް މިކުރަނީވެސް، އެބައެއްގެ ރަށުގައި އެބަޔަކު ތިބެގެން، އެބައެއްގެ އަސާސީ ބޭނުންތައް ފުދޭނެގޮތެއް ސަރުކާރުން ހަދައިދިނުމަށްޓަކައި. މި މަސައްކަތަކީ ވަރަށް ބުރަ މަސައްކަތެއް. އަޅުގަނޑުމެން ކަހަލަ ކުޑަ ޤައުމަކަށް، ކުރު މުއްދަތެއްގެ ތެރޭގައި އެއްގޮތަކަށްވެސް ކުރެވޭނެ މަސައްކަތެއް ނޫން. އެކަން އަޅުގަނޑު ހިތުން އަޅުގަނޑުމެން ޤަބޫލުކުރަންޖެހޭނެ. އާދެ، އަޅުގަނޑުމެން ބޭނުންވާހާ ހަލުވިކޮށް، އަޅުގަނޑުމެންނަކަށް ކަންތައްތައް ކުރެވޭކަށް ނެތްކަން އެއީ، އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ ޙަޤީޤަތެއް.

އާދެ، ކޮންމެއަކަސް މިއަދު މި ހުޅުވޭ ސެކަންޑަރީ ސްކޫލްގެ ސަބަބުން އަޅުގަނޑު ހިތުން އަޅުގަނޑު މިދެންނެވި ބައެއް މައްސަލަތަކަށް ކޮންމެވެސްވަރެއްގެ ޙައްލެއް އަންނަމުން ދާނެ. އެހެންނަމަވެސް، އެ ޙައްލު އަންނާނީ، މި މަދަރުސާއަކީ، ކާމިޔާބު މަދަރުސާއެއް ކަމުގައި ވެގެން. އަޅުގަނޑު ވަރަށް ބާރުލާފައި ދަންނަވާލަން ބޭނުންވާ ތަންކޮޅެއް އެއީ. އާދެ، މި މަދަރުސާ ވާންޖެހޭނެ ކާމިޔާބު މަދަރުސާއަކަށް.

ރޭގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ބޭއްވެވި ބައްދަލުކޮށްލެއްވުމެއްގައި، މި ސްކޫލްގެ ޕްރިންސިޕަލާއި އަދި މި ސްކޫލްގައި ކިޔަވައިދެއްވަން މިހާރު ވަޑައިގެން ތިއްބެވި ޓީޗަރުންނާ ބައްދަލުކޮށްލުމުގެ ފުރުޞަތެއް އަޅުގަނޑަށް ލިބުނު. އެބޭފުޅުންނާ އަޅުގަނޑު ދެއްކި ވާހަކައިގައިވެސް އަޅުގަނޑު އެންމެ ބާރުލާފައި ދެންނެވީ، އަޅުގަނޑު ބޭނުމޭ، މި މަދަރުސާ މިއީ ކާމިޔާބު މަދަރުސާއަކަށްވާން. އެއީ، ތިޔަބޭފުޅުންނަށް ފަސޭހަފުޅު ކަމަކަށް ނުވާނެއޭ. އަލަށް ފަށައިގަންނަ އެއްވެސް ކަމެއް ކާމިޔާބު ކުރުމަކީ ފަސޭހަކަމަކަށް ނުވާނެ. ދިމާވާ އެތައް ދަތިތަކެއް ހުންނާނެ. އެހެންނަމަވެސް، އެ ދަތިތައް ގިރާކޮށްފައި، ކާމިޔާބު ކަމަކަށް އެކަމެއް ހެދުން އެއީ، އެކަން ދެމިހުރުމަށް އެޅޭ ވަރަށްބޮޑު ބާރަކަށް ވާނެ. ހަމައެކަނި މިތާނގައި ޢިމާރާތެއް ކޮށްފައި، ރީތިކޮށް ކުލަލައި، ސާފުކޮށް ހަދާފައި ބެހެއްޓިޔަކަސް އަދި މި ސްކޫލުން އަޅުގަނޑުމެން ބޭނުންވާ ކަންތައްތަކެއް ޙާޞިލްވީކީނޫން. މި ސްކޫލް ވާންޖެހޭނެ ކާމިޔާބު ސްކޫލަކަށް. މުދައްރިސުންނާއި، ޕްރިންސިޕަލާއި އަދި ސްކޫލްގެ އެހެން ހިންގުންތެރިންނާއި އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުންވެސް މިކަމަށް ދެއްވަންޖެހޭ އަހަންމިއްޔަތު ދެއްވައިގެން، މިއީ ކާމިޔާބު މަޝްރޫޢަކަށް ހައްދަވަންޖެހޭނެ. ހަމައެޔާއެކީގައި، މިތަނަށް ތަޢުލީމު ޙާޞިލްކުރަން އަންނަ ކުދިންވެސް އަދި އެކުދިންގެ ބެލެނިވެރިންވެސް، މިކަމަކީ ކާމިޔާބު ކަމެއް ކަމުގައި ހެދޭތޯ ބަލަންވާނެ. މިކަމަކީ، ކާމިޔާބު ކަމަކަށް ވެއްޖިއްޔާ، އޭގެ އެންމެ ފުރަތަމަ ފައިދާ ލިބޭނީ ހަމަ އެމީހުންނަށް. މި އަތޮޅުގެ ރައްޔިތުންނަށް، މި އަތޮޅުގެ ކިޔަވާކުދިންނަށް އަދި މި އަތޮޅާ ކައިރީގައި ހުރި ރާއްޖޭގެ ދެކުނުގެ އެހެން އަތޮޅުތަކުގެ ކިޔަވާކުދިންނަށާއި، ރައްޔިތުންނަށާއި އެތަންތަނަށް.

މި މަޝްރޫޢަކީ ކާމިޔާބު މަޝްރޫޢަކަށް ހަދަން ބޭނުންވަނީ. އޭރުން އަޅުގަނޑުމެންނަށް މިކަހަލަ މަޝްރޫޢުތަކެއް ރާއްޖެތެރޭގެ އެހެން ތަންތާނގައިވެސް ޤާއިމްކުރެވޭނީ. އެކަމަށްޓަކައި މިއަދު މިހުޅުވޭ، އާދެ، ރާއްޖެތެރޭގައި ހުޅުވޭ ޘާނަވީ ފުރަތަމަ މަދަރުސާ އެއީ، ވަރަށް ކާމިޔާބު ތަނެއް ކަމުގައި ހެދުމަކީ އަޅުގަނޑުގެ ވަރަށް ޚާއްޞަ އެދުމެއް. އަދި އަޅުގަނޑު ހިތުން ތިޔަބޭފުޅުންގެވެސް ވަރަށް ޚާއްޞަ އެދުމަކަށް އެކަން ވާނެ.

އާދެ، ކުރިންވެސް ދެންނެވި ފަދައިން، އަޅުގަނޑުގެ މި ދަތުރަކީ، އައްޑުއަތޮޅަށް ކުރާ ދަތުރަކަށްވާތީ، އަދި އޭގެފަހުގައި ފުވައްމުލަކަށް ކުރާ ދަތުރަކަށްވާތީ، އެ އަތޮޅުގެ ރައްޔިތުންނާ މުޚާޠަބުކޮށްވެސް ބައެއް ވާހަކަތައް ދަންނަވާލަންޖެހޭ. އެގޮތުން، އިއްޔެ އަޅުގަނޑު ފޭދޫ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދެއްކިން. އަދި އޭގެފަހުން މަރަދޫ ރައްޔިތުންނާއި، މަރަދޫފޭދޫގެ ރައްޔިތުންނާ ބައްދަލުކޮށްވެސް ވާހަކަދެއްކިން. ރާއްޖެތެރޭގައި މި ދައްކާ ވާހަކަތަކުގައި ފާހަގަކޮށްލަންޖެހޭ ޚާއްޞަ ނުކުތާތަކެއް ހުރޭ. އެ ނުކުތާތަކުގެ ވާހަކަ ތިޔަބޭފުޅުން އައްސަވާނެ. އެހެންވީމާ، އެ ހުރިހާ ނުކުތާތަކަކަށް އަޅުގަނޑު ދާކަށްނެތިން. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލަން ބޭނުންވާ ދެތިން ވާހަކައެއް އެބައޮތް. އެއް ވާހަކައަކީ، ހިތަދުއަކީ މާލެ ފިޔަވައި ރާއްޖޭގައި އެންމެގިނަ ޢަދަދަކަށް މީހުން އުޅޭ ރަށް ކަމަށްވާތީ، މި ރަށަށް ސަރުކާރުން ކުރިއްސުރެ ދެމުން އައިސްފައިވަނީ ވަރަށްބޮޑު އަހަންމިއްޔަތެކޭ ދަންނަވާލުން. އެ އަހަންމިއްޔަތުގެ ސަބަބުން ރާއްޖެތެރޭގެ އެހެން އެއްވެސް ރަށަކަށް ހަމަނުޖެހޭހާ ގިނަ ކަންތައްތައް ހިތަދުއަށް މިހާރުވަނީ ހަމަޖެހިފައި. އާދެ، ހިތަދޫގައި ތަޢުލީމީ މަރުކަޒެއް އެބަހުރި. ސަރަޙައްދީ ހަސްފަތާލެއް އެބަހުރި. ރޫރަލް ވޮކޭޝަނަލް ސެންޓަރެއް އެބަހުރި. ވޮކޭޝަނަލް ޓްރޭނިންގ ސެންޓަރެއް އެބަހުރި. އަދި ސަރުކާރުގެ ޚަރަދުގައި ހިތަދުއަށް ކަރަންޓްލައިދިނުމުގެ މަސައްކަތްވެސް މިހާރު އެބަ ހިނގާ. އަދި މުސްތަޤްބަލުގައިވެސް މިނޫން ކިތަންމެ ކަމެއް ހަމަޖެހިގެންދާގޮތަށް މިހާރުވަނީ ނިންމިފައި. އޭގެތެރެއިން އެއްކަމަކީ، ހިތަދޫގައި ޕްރައިމަރީ ސްކޫލެއް ޢިމާރާތްކުރުން. އެ މަޝްރޫޢުވެސް އިރާދަކުރެއްވިއްޔާ، މާ ލަސްތަކެއްނުވެ ފެށޭނެ. އަދި ރާއްޖެތެރޭގެ ރަށްރަށަކީ، ފަޅުގެ ދަތިކަން ވަރަށްބޮޑަށް އިޙްސާސްކުރަން ޖެހިފައިވާ ރަށްތަކެއް ކަމަށްވާތީ، އެކަމަށްވެސް ވަރަށް ޚާއްޞަ ސަމާލުކަމެއް ސަރުކާރުން މިއަންނަނީ ދެމުން. އޭގެ ނަތީޖާއެއްގެ ގޮތުން، ސަރުކާރުން މިހާރު ރާއްޖެތެރޭގެ ބައެއް ރަށްރަށުގެ ފަޅު ފުންކޮށްދީފި. އާދެ، ވަރަށްބޮޑު ޚަރަދުކޮށްގެން. އެއީކީ ބޭރުގެ ފަރާތަކުން އެހީއެއް ލިބިގެން ކުރާ ކަމެއްނޫން. އެއީ، ސަރުކާރަށް ލިބޭ ފައިސާއަކުން، ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރާ މަސައްކަތެއް. މިގޮތުން، ދެކުނުގެ ބައެއް ރަށްރަށުގެވެސް އަދި އުތުރުގެ ބައެއް ރަށްރަށުގެވެސް ފަޅުފުންކޮށް މިހާރު ނިމިއްޖެ.

އައްޑުއަތޮޅުގެ ރަށްތަކަކީވެސް ފަޅުފުންކުރަން ބޭނުންވެފައިވާ ރަށްތައް ކަމަށްވާތީ، އިރާދަކުރެއްވިއްޔާ އެކަންވެސް މިހާރު މިއޮތީ ފެށޭގޮތަށް ހަމަޖެހިފައި. އެހެން ދަންނަވާއިރު، މިއަތޮޅުގެ އެއްރަށެއްގެ މަސައްކަތް މިހާރުވެސް ހިނގަމުންދާކަން އަޅުގަނޑަށް އެނގޭ. އެހެންނަމަވެސް، މުސްތަޤްބަލުގައި އިރާދަކުރެއްވިއްޔާ، ދެން ހުރި ރަށްތަކުގެ ފަޅުފުންކުރުމުގެ މަޝްރޫޢުވެސް ކުރިއަށް ގެންދެވޭނެ. އަދި މިއަދު މި ހުޅުވުނު ސަރަޙައްދީ ޘާނަވީ މަދަރުސާއަކީވެސް، ކުރިންވެސް މިދެންނެވި އުޞޫލުން އައްޑުއަތޮޅަށް، އަދި ޚާއްޞަކޮށް ހިތަދުއަށް ހަމަޖެހިގެންދިޔަ ކަމެއް. އެހެން ދެންނެވި ކަމުގައިވިޔަސް، މިއަތޮޅަށް ތަޢުލީމު ޙާޞިލްކުރަން އަންނަ ދެކުނުގެ އެހެން އަތޮޅުތަކުގެ ކުދިންނަށް މި މަދަރުސާއިން ފުރުޞަތު ދިނުމަކީ، ހަމަ ކޮންމެހެން ބޭނުންކަމެއް. އެއީ، އަޅުގަނޑުމެންގެ ރާއްޖެއަކީ ވަސީލަތްތައް މަދު ތަނަކަށްވާތީ، އަޅުގަނޑުމެންނަށް ލިބިފައި ހުރި ކޮންމެ ވަސީލަތެއްގެ ބޭނުން ކޮންމެ ދިވެހި ރައްޔިތަކުވެސް ކުރުމަކީ އަޅުގަނޑުމެން ހަމަ އެދޭގޮތް ކަމަށްވާންވެސް ޖެހޭނެތީ.

އާދެ، ސަރުކާރުން ކޮށްދޭ ކަމަކީ، ކަންތައްތަކަށް މަގުފަހިކޮށްދިނުން. ދެންމެ މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ވާހަކަފުޅުގައި އިޝާރާތްކޮށްލައްވައި އެވިދާޅުވީ، ސަރުކާރުން ރާއްޖެތެރޭގައި ތަޢުލީމުގެ ކަންތައްތައް ކޮށްދޭ ފަދައިން، އާމްދަނީ ލިބޭ ކަންތައްތައްވެސް ރާއްޖެތެރޭގައި ސަރުކާރުން ފަށަންވާނެ ނޫންހޭ؟ އާދެ، އެއީ ހަމަ ވަރަށް ރަނގަޅު ވާހަކައެއް. އެކަމަށް ސަރުކާރުން މިގެންދަނީ މަސައްކަތްވެސް ކުރަމުން. ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، މިއަތޮޅުގައިވެސް ތައްޔާރީ ހެދުން އުފައްދާ ކާރުޚާނާތަކެއް އެބަހުރި. އަދި އޭގެ އިތުރުންވެސް، ކަންތައްތައް ކުރެވޭތޯ ސަރުކާރުން މިގެންދަނީ މަސައްކަތް ކުރަމުން. ވަރަށް ކުރިއްސުރެ، އައްޑުއަތޮޅު ގަމުގައި ބޭރުބަޔަކު އައިސްގެން އިންވެސްޓް ކޮށްގެން، ޤައުމަށާއި، އަތޮޅަށާއި، އަތޮޅުގެ ރައްޔިތުންނަށް އެކަށީގެންވާ އާމްދަނީއެއް ލިބޭ ކަހަލަ ކަމެއް ކުރެވޭތޯ ސަރުކާރުން މިއަންނަނީ މަސައްކަތް ކުރަމުން. އެހެންނަމަވެސް، ސަރުކާރުން މަސައްކަތްކުރިޔަކަސް، އެކަން އަދި ނުވެ ހިނގައިދާނެ. އެކަން މިހާރު ވެފައި އޮތް ގޮތަކީ އެއީ. މީގެކުރިން އަޅުގަނޑު މިއަތޮޅަށް އައިސް ތިޔަބޭފުޅުންނާ މުޚާޠަބުކޮށް ވާހަކަދެއްކި ދެއްކުމުގައިވެސް އެވާހަކަ ވާނީ ދަންނަވާފައި. އެކިފަހަރު މަތިން، އެކި ފަރާތުން އަޅުގަނޑުމެންނަށް އެކި ކަހަލަ ކަންތައްތައް ހުށަހަޅާ. އެހެންނަމަވެސް، އެކަމާ ދޭތެރޭގައި ރަނގަޅަށް ވިސްނައި، ޚިޔާލު ބަދަލުކުރާއިރު، އަޅުގަނޑުމެންނަށް ފައިދާހުރި ކަމަކަށް އެކަންތައްތަކެއް ނުވޭ. އެހެންވީމާ، އަޅުގަނޑުމެންނަކަށް އެކަންތައްތައް ގަބޫލުކުރެވޭކަށެއް ނޯވޭ. މިހާރުވެސް އަތޮޅަށް ފައިދާހުރި އަދި އަޅުގަނޑުމެންގެ މިނިވަންކަމާއި، އިސްތިޤްލާލާއި، އަޅުގަނޑުމެން މި ބަލަހައްޓާ ނުވަތަ ޙުރްމަތްތެރިކޮށްހިތާ އުޞޫލުތަކަށް އުނިކަމެއް ނާންނާނެ ގޮތުގެ މަތިން ބޭރު ބަޔަކު ކަމެއް ހުށަހަޅައިފީވިއްޔާ، ސަރުކާރުން ވަގުތުން އެކަމެއް ޤަބޫލުކުރާނެ. އެހެންނަމަވެސް، އަޅުގަނޑުމެން މި އެދޭގޮތަށް އެއްވެސް ކަމެއް ނުވެގެން، މިހާތަނާ ޖެހެންދެންވެސް އެކަހަލަ ބޮޑު މަސައްކަތެއް އައްޑުއަތޮޅު ގަމުގައި ނުވަތަ އައްޑުއަތޮޅުގައި އަދި ޢާންމުކޮށް މިވަނީ ނުފެށި.

އާދެ، އައްޑުއަތޮޅުގެ އިތުރަށް، ރާއްޖެތެރޭގެ އެހެން ތަންތާނގައިވެސް އާމްދަނީ ލިބޭ ކަހަލަ މަސައްކަތްތައް ފަށައިގެން ސަރުކާރުން ހިންގަމުން އެބަ ގެންދޭ. ފެލިވަރުގައި މަސް ބަންދުކުރުމުގެ ކާރުޚާނާއެއް އެބަ ހިނގާ. އަދި ލ. އަތޮޅު ގަމުގައި މިހާރު ޞިނާޢީ ސަރަޙައްދެއް ޤާއިމްކުރެވިގެން، އެތަންތާނގައިވެސް ބޭރުގެ މީހުން އައިސްގެން މަސައްކަތްތައް ކުރަމުން އެބަ ގެންދޭ. ސަރުކާރުން ކަންތައް ކުރެވޭނެ ގޮތަކީ އެއީ. ސަރުކާރަށް ހަމަޖައްސައިދެވޭނީ އެކަމަށް ބޭނުންވާ ވަސީލަތްތައް. ސަރުކާރަށް ހަދައިދެވޭނީ އިންފްރާސްޓްރަކްޗަރ. މިސާލަކަށް، ކައްދޫގައި ވައިގެ ބަނދަރެއް ހެދީ. އައްޑުއަތޮޅު ގަމުގައި އޮތް ވައިގެ ބަނދަރު އިތުރަށް ތަރައްޤީކޮށް، އެއީ މަތީ ފެންވަރުގެ ތަނެއް ކަމުގައި މި ހަދަނީ. އަދި އެކިއެކި ރަށްރަށަށް ބޭނުންވާ މިބާވަތުގެ ކަންތައްތައް ކޮށްދެނީ. ފާލަންއެޅުމާއި، މަގުހެދުމާއި އަދި މަސައްކަތްތެރިކަމުގެ ކަންތައްތައް ކުރިއަށް ގެންދިޔުމަށް އެތަންތަނަށް އަންނަ މީހުންނަށް ބޭނުންވާ އެހީތައް ވެދިނުމާއި، މިކަހަލަ ކަންތައްތައް ސަރުކާރަށް ކޮށްދެވޭނީ.

ޓޫރިޒަމް ތަރައްޤީ ކުރުމަށްޓަކައި ސަރުކާރުން އެންމެބޮޑަށް ކުރިކަމަކީ، މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ހެދުން. އެއީ، އެކަމުގެ މަގުފަހިކޮށްދިނުމުގެ ގޮތުން. އެއީވެސް އެހާތަނާ ޖެހެންދެން ސަރުކާރަށް ނަގާފައި ނުވާފަދަ ބޮޑު ލޯނެއް ނަގައިގެން، އެކަން ކުރީ. އެކަން ކޮށް ނިމުނުއިރު އޮތީ، އަނެއްކާ އެއަރޕޯޓް ބޮޑުކުރަން ޖެހިފައި. މިހާރު އަނެއްކާ އެއަރޕޯޓް ބޮޑުކުރުމުގެ މަސައްކަތް މި ކުރަނީ. އޭގެ ދެވަނަ ފޭސް މިހާރު މި ހިނގަނީ. ރަންވޭ ބޮޑުކުރުމާއި، އޭޕްރަން ބޮޑުކުރުމާއި، ޓަރމިނަލް ބިލްޑިންގ ބޮޑުކުރުމާއި އަދި އެތަނަށް ބޭނުންވާ އިތުރު އެހެން ފަސޭހަތައް ހޯދައިދިނުން. މި ކަންތައްތައް ސަރުކާރުން މި ގެންދަނީވެސް، އެންމެ ބޮޑަށް ރާއްޖެއަށް ބޭރު ފައިސާ ލިބޭ ކަމަކީ ޓޫރިޒަމް ކަމަށްވާތީ، ޓޫރިޒަމް ތަރައްޤީ ކުރުމުގެ މަޤްޞަދުގައި. އަދި އޭގެއިތުރުން، ރާއްޖެއަށް އަންނަން ބޭނުންވާ މީހުންނަށާއި، ރާއްޖޭގެ މީހުންނަށް ދަތުރުފަތުރު ކުރުމަށްވެސް ފަސޭހަކުރުމަށްޓަކައި.

އެހެންވީމާ، ސަރުކާރުން މިކަހަލަ ކަންތައްތައް މިގެންދަނީ ކޮށްދެމުން. އަދި ޓޫރިޒަމް ތަރައްޤީ ކުރުމަށްޓަކައި ކުރަންޖެހޭ އެހެން ކަންތައްތައްވެސް ސަރުކާރުން ކުރޭ. އެއަރލައިންތަކާ ވާހަކަ ދައްކައިގެން، ވީހާ ގިނަ އެއަރލައިނަކުން ރާއްޖެއަށް ދަތުރުކުރޭތޯ ބަލަމުންވެސް އެބަ ގެންދޭ. މިހާރުވެސް ރާއްޖޭގެ ވައިގެ ދަތުރުފަތުރާ ބެހޭ ވަފްދެއްގެ ބޭފުޅުންވަނީ ދުބާއީއަށް ވަޑައިގެން. މިހާރު އެ ބޭފުޅުން އެނބުރި މާލެ ވަޑައިނުގަންނަވާ ކަމެއް ނޭނގެ. އެބޭފުޅުން މާލެއިން ފުރާވަޑައިގަތީ ދާދިފަހުން. އެބޭފުޅުން އެ ވަޑައިގަތީވެސް އެތާނގެ އެއަރލައިނަކާ ވާހަކަ ދައްކަވައިގެން، އެމީހުންގެވެސް އިތުރު ދަތުރުތަކެއް މާލެއަށް ކުރޭތޯ ބެއްލެވުމަށްޓަކައި. އަދި ދުނިޔޭގެ މަޝްހޫރު އެހެން އެއަރލައިންތަކާ ގުޅައިގެންވެސް ސަރުކާރުން އެ މަސައްކަތް ކުރަމުން އެބަ ގެންދަން.

ހަމައެއާއެކީގައި، އަޅުގަނޑުމެންގެ އަމިއްލަ ޤައުމީ އެއަރލައިނެއް އުފެއްދުމުގެ މަސައްކަތް މިހާރުވެސް އެބަ ކުރެވޭ. ކުރިންވެސް އެތައް ފަހަރެއްގެ މަތިން އެ މަސައްކަތް ވަނީ ކުރެވިފައި. އެކަންތައް ކުރެވެނީ އެކިފަހަރު އެކިގޮތަށް. އެހެންނަމަވެސް، މާ އެދެވޭ އޮށްޓަރު ހުރި ގޮތަކަށް މީގެކުރިން އެކަމެއް ކުރެވިފައެއް ނެތް. ކޮންމެ ފަހަރަކުވެސް މަސައްކަތް ފަށާފައި، ވަކި ހިސާބަކަށް ދިޔުމަށްފަހުގައި، ދިމާވާ ދަތިތަކެއްގެ ސަބަބުން އެކަން ޖެހެނީ ހުއްޓާލަން. މިހާރު އަނެއްކާ އެ މަސައްކަތް ފަށައިގެން ޔޫރަޕްގެ އެއަރލައިނަކާ އަޅުގަނޑުމެން ވާހަކަ ދައްކަމުން މިގެންދަނީ. އެމީހުން ބުނިގޮތުގައި، އެމީހުން އެ ހުށަހަޅާ ހުށަހެޅުމުގެ ފުރަތަމަ ބައި، މި ފެބްރުވަރީ މަހުގެ 15 ވަނަ ދުވަހު ލިބޭނެ. އެ ދުވަހު، އާދެ، އިއްޔެ ނޫން އިހަށްދުވަހު އެ ހުށަހެޅުން ލިބިފައިވޭތޯ އަދި އަޅުގަނޑަކަށް ބެލިފައެއް ނެތް. އެހެންނަމަވެސް، ވާހަކައަކީ މިދުވަސްކޮޅުގެ ތެރޭގައި އެ ހުށަހެޅުން އޮތީ ލިބޭގޮތަށް. އަދި މި މަސް ނިމުމުގެ ކުރިން، މަސް ނިމޭހާ ތާނގައި އެމީހުންގެ ފުރިހަމަ ޕްރޮޕޯޒަލް ހުށަހެޅުން ހުށަހަޅާނެ ކަމަށް އޮތީ ބުނެފައި. އެ ހުށަހެޅުން ލިބުނީމަ، އޭގައި އެހުރީ އަޅުގަނޑުމެންނަށްވެސް ފައިދާކުރާނެ ގޮތަށް ހުރި ކަންތައްތައް ކަމަށްވަންޏާ، ސަރުކާރުން އެކަމަށް އެއްބަސްވާނެ. އެހުރިހާ ކަމެއް އެގޮތަށް ހަމަޖެހިގެން ހިނގައްޖިއްޔާ އިރާދަކުރެއްވިއްޔާ ލަހެއްނުވެ، އަޅުގަނޑުމެންގެ ޤައުމީ އެއަރލައިނެއް އަނެއްކާ އުފެއްދޭނެ. މިއީވެސް ރައްޔިތުންނަށް އާމްދަނީ އިތުރުވާނެ ގޮތްތައް ހޯދައިދިނުމަށްޓަކައި، ރައްޔިތުންނަށް ދިރިއުޅުން ފަސޭހަކޮށްދިނުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތްތަކެއް.

މީގެ އިތުރުން، ސަރުކާރުގެ ވިޔަފާރީގެ ތަންތަން ރާއްޖެތެރޭގައި ހެދުން އެއީ، އަޅުގަނޑު ހިތުން އެއާ ދޭތެރޭގައި އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަންޖެހޭނެ ކަމެއް. އެއީ ފުރަތަމަ، ރައުސްމާލުގެ ގޮތުގައިވެސް ވަރަށް ގިނަ ޢަދަދަކަށް ފައިސާ ބޭނުންވާނެ. އޭގެފަހުން އަނެއްކާ އެ މަސައްކަތް ހިންގުމުގެ ފުރިހަމަ މަސްއޫލިއްޔަތު ސަރުކާރުން އުފުލާ ކަމަށްވަންޏާ، އޭގެ މާނައަކީ މިހާރު ދުނިޔޭގައި މިއޮތް އޮއިވަރުގެ ދިމާ އިދިކޮޅަށް އަޅުގަނޑުމެންނަށް މަސައްކަތް ކުރެވޭނީ. ދުނިޔޭގައި މިހާރު އޮއިވަރު މިއޮތްގޮތަކީ، ޕްރައިވަޓައިޒް ކުރުން. މާނައަކީ، ގިނަ ތަންތާނގައި މިއޮތީ، ވިޔަފާރިއާ ބެހޭ ކަންތައްތައް އަމިއްލަ ފަރާތްތަކަށް ދޫކޮށްލާ އުސޫލު. އަދި އެގޮތަށް ކަންތައްތައް ވަމުން މިދަނީ. އެހެން ވަމުންދާއިރު، އަޅުގަނޑުމެން އިތުރަށް، ސަރުކާރުގެ ފަރާތުން ވިޔަފާރީގެ ކަންތައްތަކެއް، ތަންތާނގައި ފަށާ ކަމަށްވަންޏާ އެކަންތައް ކުރެވޭނީ، އެ އުޞޫލާވެސް ޚިލާފަށް. އަނެއްކާ ސަރުކާރުން އެކަމެއް ކުރާއިރު އާދެ، ވިޔަފާރީގެ އުޞޫލުން ކުރާއިރު، ދިމާވާ ދަތިތަކެއްގެ ސަބަބުން، އެހާބޮޑެތި ފައިދާ ސަރުކާރަށް ޙާޞިލްނުކުރެވިވެސް ހިނގައިދާނެ. އެހެންވީމާ، ސަރުކާރުން ކަންތައްތައް މަގުފަހިކޮށްދިނީމާ އާމްދަނީ ހޯދުމަށް މަސައްކަތް ކުރަންޖެހޭ އަޞްލު ބަޔަކީ ރައްޔިތުން. އެމީހުންގެ ޚިޔާލު ހުށަހަޅައިގެން، އެމީހުން ބޭނުންވާ ކަންތައްތައް ސަރުކާރުން ކޮށްދެވޭތޯ ބަލާނީ. އެކި ކަންތައްތައް ފަސޭހަކޮށްދޭނީ. އެހެންނަމަވެސް، އެ މަސައްކަތް ހިންގުން އެއީ، ވާންޖެހޭނީ އެމީހުންގެ އަމިއްލަ ކަމަކަށް. އޭގެވެސް މިސާލަކަށް ދަންނަވަން އޮތީ ޓޫރިޒަމްގެ ވާހަކަ. ޓޫރިޒަމްވެސް އެހާ ބޮޑަށް ތަރައްޤީވެފައި އެއޮތީ ގާތްގަނޑަކަށް ހަމަ މުޅިން އަމިއްލަ ފަރާތްތަކެއްގެ ހީވާގި އަދި މުރާލި މަސައްކަތުން. ޓޫރިޒަމް ތަރައްޤީ ކުރުމުގައިވެސް ސަރުކާރުން އެކަމުގެ މަގުފަހިކޮށްދެނީ. އެކަމަށް ބޭނުންވާ ކަންތައްތައް ކޮށްދެނީ. ޤާނޫނީ ގޮތުންނާއި އަދި ސަރުކާރު ހިންގުމުގެ ގޮތުން އެކަމަށް ބޭނުންވާ ފަސޭހަތައް ހޯދައިދީ، އެމީހުންނަށް އެ ކަންތައްތައް ކުރެވޭނެ ގޮތް ހަދައިދެނީ. އޭގެ ފަހުން އެމީހުން އަމިއްލައަށް މަސައްކަތްކޮށްގެން އެކަން ކުރިއަށް އެގެންދަނީ. އެއިން ލިބޭ ފައިދާއެއްވެސް ލިބެނީ ދެފަރާތަށް. އެއީ، ސަރުކާރަށްވެސް ކޮންމެވެސް ފައިދާއެއް ލިބެންޖެހޭ. އެއީ، ސަރުކާރުން ރައްޔިތުންނަށް ކޮށްދޭންޖެހޭ ޚިދުމަތްތަކެއް އޮތީމާ. އެ ޚިދުމަތްތައް ކޮށްދެވޭނީ ސަރުކާރަށްވެސް އާމްދަނީ ލިބިގެން ކަމަށްވާތީ، ސަރުކާރަށް އާމްދަނީ ބޭނުންވޭ. އޭގެ އިތުރަށް، އެކަން އެކުރާ ބަޔަކަށް، އޭގެ އެންމެ ބޮޑު ފައިދާ އެ ލިބެނީ. އެހެންވީމާ، އެކަން އޮންނާނީ އަދި އޮންނަންޖެހޭނީވެސް އެގޮތަށް ކަމުގައި ދެކޭ ވާހަކަ އަޅުގަނޑު މި ދަންނަވާލީ.

އިއްޔެ އަޅުގަނޑު މަރަދޫ ރައްޔިތުންނާއި، މަރަދޫފޭދޫ ރައްޔިތުންނާ ބައްދަލުކޮށް ވާހަކަ ދެއްކިއިރު، އަޅުގަނޑުމެންގެ ތެރޭގައި ބައިބައިވުން އުޅޭތީ، އެކަމާ ބެހޭގޮތުން ދަންނަވަންޖެހޭ ވާހަކައެއް ދެންނެވިން. އަޅުގަނޑު ދެންނެވިން، އަޅުގަނޑުމެން އެއްގޮތަކަށްވެސް އެގޮތަކަށް ޚިޔާލުކޮށްގެނެއްވެސް ނުވާނެޔޭ. އެހެން އުޅުމުން، އަޅުގަނޑުމެންގެ ތެރޭގައި އުފެދެނީ ބައިބައިވުމޭ. ހަމަނުޖެހުމޭ. އަޅުގަނޑު ހިތުން އެއީ، ހަމައެކަނި މިއަތޮޅުގައި، ނުވަތަ މިރަށުގައި ނުވަތަ އައްޑުއަތޮޅުގެ ރަށްރަށުގައި ދައްކަންޖެހޭ ވާހަކައެއް ނޫން. މުޅި ރާއްޖޭގެ ހުރިހާ ތަނެއްގައިވެސް ދައްކަންޖެހޭ ވާހަކައެއް. އަދި މިވާހަކަ ވަނީ ކޮންމެވެސްވަރަކަށް އަޅުގަނޑު އެހެން ރަށްރަށުގައިވެސް ދައްކާފައި. އަޅުގަނޑުމެން ނިސްބަތް މިވަނީ އިސްލާމްދީނަށް، ދިވެހި ޤައުމަށް. އޭގެފަހުން ތިމަންނާ މިއީ އައްޑުއަތޮޅު މީހެކޭ ނުވަތަ ހިތަދޫ މީހެކޭ ނުވަތަ ހުޅުދޫ މީހެކޭ ނުވަތަ މީދޫ މީހެކޭ، މިހެން ބުނެގެން ނުވަތަ އެތަނުގެ އަމިއްލަ މަޞްލަޙަތު ކުރިއަށް ނެރެން މަސައްކަތް ކުރުމަކީ ވަރަށް ނުރައްކާތެރި ކަމެއް. އޭރުން އުފެދެނީ ހަމަނުޖެހުން، ބައިބައިވުން، ދެކޮޅުވެރިވުން. އޭރުން އަޅުގަނޑުމެން ތަރައްޤީގެ މައިދާނުގައި މަސައްކަތްކޮށްގެން ކުރިއަށްދިޔުމުގެ ބަދަލުގައި އަޅުގަނޑުމެންގެ ހުރިހާ ހަކަތައެއް، އަޅުގަނޑުމެންގެ ހުރިހާ ވިސްނުމެއް ހޭދަވެގެން މިދަނީ މިކަހަލަ ކުދިކުދި، އެއިން އެއްވެސް ފައިދާއެއް ނުނިކުންނާނެ، އަދި ކީއްތޯ، އެއިން ނުރައްކާތަކެއް އަޅުގަނޑުމެންނާ ކުރިމަތިވެދާނެ ކަންކަމުގައި.

އެހެންވީމާ، އަޅުގަނޑުމެންގެ މި ވަޠަނުގައި، އާދެ، އައްޑުއަތޮޅުގައި އަދި މިރަށުގައި، އާދެ، ހިތަދޫގައި މިއަދު ސެކަންޑަރީ ސްކޫލެއް ހުޅުވުމާ އެކީގައި، އެވާހަކަ އިތުރަށް އަޅުގަނޑު ދަންނަވާލަން ބޭނުންވޭ. މިތާނގައި މަސައްކަތްކުރާ މީހުންވެސް އަދި ސަރަޙައްދީ ހަސްފަތާލުގައި މަސައްކަތްކުރާ މީހުންވެސް އަދި އެނޫން އެންމެންވެސް އެއީ، އެންމެންގެ ކަމެއްގެ ގޮތުގައި މިކަން ދެކެންވާނެ. މިއީކީ ވަކި ރަށެއްގެ ކަމެއްނޫން. ވަކި ރަށެއްގެ، ވަކި އަވަށެއްގެ ބަޔެއްގެ ކަމެއްވެސް ނޫން. މިއީ މުޅި އަތޮޅުގެ ކަމެއް. މުޅި ރާއްޖޭގެ ކަމެއް. އަޅުގަނޑުމެންގެ ޚިޔާލު ހުންނަންވާނީ އެގޮތަށް. އެގޮތަށް ޚިޔާލު ބަހައްޓައިގެން، އެ އުޞޫލަށް ތަބާވެގެންނޫނީ އަޅުގަނޑުމެންނަކަށް އެއްގޮތަކަށްވެސް މުސްތަޤްބަލުގައި ކުރިއަށް ދެވޭކަށެއް ނޯންނާނެ.

އާދެ، އަދި އެއްވާހަކަ ދަންނަވާލަން އެބަ ބޭނުންވޭ. ދެންމެ އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި ދެ މިނިސްޓަރުންވެސް، އަޅުގަނޑު މި ދަންނަވަން އުޅޭ ވާހަކައަށް އިޝާރާތް ކޮށްލެއްވި. އާދެ، އެވާހަކަ ދެއްކެވިއިރު، މިނިސްޓަރ އޮފް ޕްލޭނިންގ އެންޑް އެންވަޔަރަންމަންޓް ވިދާޅުވި، އޭނާގެ އަމިއްލަފުޅު ދުންމާރިއެއް ފުންމަވާ ވާހަކަ. އެހެންނަމަވެސް، އަޅުގަނޑު އެކަމާ ދޭތެރޭގައި ވިސްނާލިއިރު، އަޅުގަނޑު ދެކެނީ، އޭނާ އެ ފުންމެވީ އަމިއްލަފުޅު ދުންމާރިއެއް ނޫން ކަމަށް. އޭނާ އެ ފުންމެވީ ޤައުމީ ދުންމާރިއެއް ކަމަށް. އާދެ، އަޅުގަނޑުމެންގެ ކުޑަކުދިން ގިނަވާ ވާހަކަ. އަޅުގަނޑުމެންގެ އާބާދީގެ ބޮޑުބަޔަކީ، 16 އަހަރު ނުފުރޭ ކުޑަކުދިން ކަމުގައިވާ ވާހަކަ. އެއީ، ވަރަށް މުހިންމު ވާހަކައެއް. އަޅުގަނޑު ބަލައިލިއިރު، އައްޑުއަތޮޅު ރައްޔިތުންގެ ނުވަތަ ޚާއްޞަކޮށް، ހިތަދޫ ރައްޔިތުންގެ ސަތޭކައަކުން ސާޅީސް ފަހެއް މިއަދު އެއީ، އުމުރުން 16 އަހަރުން ދަށުގެ ކުދިން. ހިތަދޫގައި އެބަތިބި، ދިހަހާހަށްވުރެ ގިނަމީހުން. އޭގެތެރެއިން ސަތޭކައަކުން ސާޅީސްފަހެއް އެއީ، 16 އަހަރުވެސް ނުފުރޭ ކުދިން. އެއީ، މިއަދު ކަންތައް އޮތްގޮތް. އަޅުގަނޑުމެންގެ އާބާދީގެ ކުރިއެރުން މިހާރު އެއޮތް ނިސްބަތުން ކުރިއަށްދާ ކަމަށްވަންޏާ، މީގެ 10 އަހަރު ފަހުން ނުވަތަ 20 އަހަރު ފަހުން އޮންނާނީ އަދި މުޅިން އެހެން ނިސްބަތަކަށް ބަދަލުވެފައި. މި 45 ޕަސެންޓް ނުވަތަ ސައްތައަކުން 45، އެ ބަދަލުވެގެން ހިނގައިދާނެ 50 އަށް. އެ ބަދަލުވެގެން ހިނގައިދާނެ 60 އަށް، ނުވަތަ 70 އަށް. މިގޮތަށް ކަންތައްތައް ދާކަމަށްވަންޏާ، މީގެ 50 އަހަރު ފަހުން، ރާއްޖޭގެ ރައްޔިތުންގެ ސަތޭކައަކުން ނުވަދިހަ އެއީ، 16 އަހަރު ނުފުރޭ ކުދިން ކަމުގައި ފަހަރެއްގައި ވެދާނެ. އަޅުގަނޑު މިދަންނަވާ ވާހަކައިގެ މާނައަކީ، މުޅި ރައްޔިތުންގެ ސަތޭކައުން ދިހައެކޭ ތަޞައްރުފް ފުދިފައި ތިބި ހަރުދަނާ ބަޔަކަށް ތިބޭނީ. ދެން ތިބޭނީ ތަޞައްރުފް ނުފުދި ތިބި ބައެއް.

އޭގައި، މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ވާހަކަފުޅުގައި އެ ފާހަގަކުރެއްވި އާމްދަނީގެ ކަންތަކުގެ އިތުރަށް، ސިޔާސީ ރޮނގުން ވިސްނަވައިބައްލަވާ! ޤައުމުގެ އަޣްލަބިއްޔަތަކީ، 16 އަހަރު ނުފުރޭ ކުދިން ކަމަށްވަންޏާ، އެއީ، އެ ޢުމުރުގެ ކުދިން ކަމަށްވާތީ، އެކުދިންނަށް އެއްވެސް ސިޔާސީ ޙައްޤެއް ލިބިގެނެއްނުވޭ. އަދި އެކުދިންނަކަށް އެއްވެސް އިންތިޚާބެއްގައި ވޯޓެއްވެސް ނުދެވޭނެ. އޭރުން ދައުލަތުގެ ކަންތައްތައް ހިންގަން ތިބޭ ބަޔަކީ، ވަރަށް މަދު ޢަދަދެއްގެ ބަޔަކަށްވެފައި އޮންނާނީ. އަދި އެކުދިންނާއި ސަރުކާރު ހިންގަން ތިބޭ ބަޔަކާ ދޭތެރޭގައި ވަރަށް ބޮޑު ދުރުވުމެއް އޮންނާނެ. ތަފާތު ގިނަ މައްސަލަތައް ނުކުމެގެންދާނެ. އޭގެއިތުރުން، އިޖުތިމާޢީ ބޮޑެތި މައްސަލަތައްވެސް ނުކުންނާނެ. ހަމައެއާއެކީގައި، މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަން އެ ވިދާޅުވި ފަދައިން، އާމްދަނީ ހޯދަން ބަލާއިރު، އާމްދަނީ ހޯދޭނެ ފެންވަރެއްގެ ޢުމުރެއްގައި ތިބެވޭނީ، ވަރަށް މަދު ޢަދަދެއްގެ ބަޔަކަށް. ދެން ތިބޭނީ އެބަޔަކު، އެ މަދު ޢަދަދެއްގެ ބަޔަކު ހޯދާ އާމްދަނީން ބަލަންޖެހޭ ކުދިންތަކެއް ގިނަވެފައި. އެހެންވީމާ، އަޅުގަނޑުމެން ވިސްނަންވީ ހަމައެކަނި މިއަދަކަށް ނޫން. މިއަދު އަޅުގަނޑުމެންގެ ތެރެއިން ސަތޭކައަކުން ސާޅީސްފަހެއް އެއީ، 16 އަހަރުން ދަށުގެ ކުދިން ކަމަށްވާތީ، އެކަމާ ދޭތެރޭ އެކަންޏަކުނޫން، އަޅުގަނޑުމެން މިއަދު ޚިޔާލުކުރަންވީ. އަޅުގަނޑުމެން ޚިޔާލުކުރަންވީ، މީގެ 20 އަހަރު ފަހުން ވާނެ ގޮތަކާ ދޭތެރޭގައި. މީގެ 50 އަހަރު ފަހުން ވާނެ ގޮތަކާ ދޭތެރޭގައި. އެއީވެސް ރާއްޖެ. އެއީ، އަޅުގަނޑުމެންގެ އަންނަން އޮތް ޖީލުތައް. އެހެންވީމާ، މިއަދު އަޅުގަނޑުމެން އެކަމާ ދޭތެރޭގައި ފިޔަވަޅުތަކެއް އަޅަން ޖެހިއްޖެ. އާދެ، އަޅުގަނޑުމެންގެ މި އާބާދީގެ ކުރިއެރުން ނުވަތަ އިތުރުވަމުންދާ ދިޔުން ތަންކޮޅެއް މަޑުޖައްސައިލެވޭތޯ. އަޅުގަނޑު ހިތުން އެއީކީ، އެއާ ދޭތެރޭގައި ދީނުގައިވެސް ތަފާތުގޮތަކަށް ކަންތައް އޮންނާނެ ކަމެއްނޫން. މީގެ ކުރިން ކޮންމެވެސް އެހެން މުނާސަބަތެއްގައި އަޅުގަނޑު ދެއްކި ވާހަކައެއްގައި، މިވާހަކަ ވާނީ ދަންނަވާލެވިފައި. އެހެންވީމާ، އެވާހަކައަކަށް މިއަދު ކޮންމެހެން އަޅުގަނޑު އިޝާރާތެއް ކުރާކަށް ބޭނުމެއްނޫން.

އާދެ، އަޅުގަނޑުމެން މިއަދު ވިސްނަންޖެހޭ ވަރަށްގިނަ ކަންތައްތަކެއް އެބަހުރި. އޭގެތެރޭގައި، ކުޑަކުދިންގެ ކަންތައް، ޒުވާނުންގެ ކަންތައް. މިއަހަރަކީ ޒުވާނުންގެ އަހަރު. ޒުވާނުންގެ އަހަރެއް ފާހަގަކުރުމުގެ ބޭނުންވެސް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ޒުވާނުންނަކީ ހަރުދަނާ ބަޔަކަށްވުމަކީ މުސްތަޤްބަލުގައި ޤައުމަށް ވަރަށް ބޭނުންވާނެ ކަމެއް. ހަރުދަނާ ބައެއްގެ އަތްމަތީގައި ދައުލަތުގެ ކަންތައްތައް އޮވެގެން، އަޅުގަނޑުމެންގެ މިނިވަންކަން ރައްކާތެރި ކުރެވޭނީވެސް، އަޅުގަނޑުމެންގެ ދިވެހިވަންތަކަން ދެމެހެއްޓޭނީވެސް، އަދި އަޅުގަނޑުމެންގެ މާތް ޢަޤީދާއަށް ރައްކާތެރިވެވޭނީވެސް އަދި އަޅުގަނޑުމެންނަށް އިޖުތިމާޢީ ގޮތުންނާއި، އިޤްތިޞާދީ ގޮތުން ތަރައްޤީވެވޭނީވެސް. އެހެންވީމާ، މިއަދުގެ ޒުވާނުންނަކީ ހަރުދަނާ، ޤައުމަށް ފައިދާހުރި ބަޔަކު ކަމުގައި ކޮންމެހެން ވާންޖެހޭ. އެހެން ދަންނަވާއިރު، މިއަދުގެ ޒުވާނުންގެ ތެރެއިން ވަރަށްގިނަ ބަޔަކީ އެފަދަ ބައެއްކަން އަޅުގަނޑުމެންނަށް އެނގޭ. އަޅުގަނޑުމެންގެ ޒުވާނުންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަކީ، އުފެއްދުންތެރި، މަސައްކަތްތަކުގައި ޙަރަކާތްތެރިވާ ރަނގަޅު ބަޔެއް. އެމީހުންގެ ޚިދުމަތް ސަރުކާރަށްވެސް ލިބެމުންދަނީ ތަފާތު ރޮނގުތަކުން. ސަރުކާރުގެ މުވައްޒަފުންގެ ތެރޭގައިވެސް ވަރަށްގިނަ ޢަދަދަކަށް ޒުވާނުން އެބަތިބި. އެމީހުންގެ އިޚްލާޞްތެރި ޚިދުމަތް ސަރުކާރަށް ދަނީ ލިބެމުން. އަދި އަޅުގަނޑުމެންގެ އުފެއްދުންތެރި އެހެން ދާއިރާތަކުގައިވެސް، އާދެ، ޓޫރިޒަމްގެ ދާއިރާގައި، ވިޔަފާރީގެ ދާއިރާގައި އަދި އެނޫން އެހެން ދާއިރާތަކުގައިވެސް ޒުވާނުން ވަރަށް އެކަށީގެންވާ ގޮތެއްގައި ޙަރަކާތްތެރިވަމުންދާ ތަން އަޅުގަނޑުމެންނަށް ފެނޭ. އެހެންވީމާ، އެމީހުން އެކުރާ ބުރަ މަސައްކަތާއި، އެކުރާ ޚިދުމަތުގެ އަގު އަޅުގަނޑުމެން މިއަދު ވަޒަންކުރާއިރު، އެފަދަ ޚިދުމަތެއް އެބަޔެއްގެ ފަރާތުން ނުލިބި ތިބޭ ޒުވާނުންނާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނާފައި، އެމީހުންގެ ކަންތައް އިޞްލާޙު ކުރަން އެބަޖެހޭ.

އާދެ، ޒުވާނުންގެ ވާހަކަ ދައްކާއިރު، އަޅުގަނޑުމެންގެ މި ސްކޫލް މިއީވެސް އަޅުގަނޑަށް ހީވަނީ ވަރަށް ރަނގަޅު މިސާލަކަށްވާނެހެން. އެއީ، މި ސްކޫލް މިއީ މުޅިން ދިވެހިންގެ މަސައްކަތުން ޢިމާރާތް ކުރެވިފައިވާ ތަނެއް. ސަރުކާރުން މިހާތަނަށް ހިންގި އެހެން މަޝްރޫޢުތަކާ ޚިލާފަށޭ ދަންނަވަންޖެހެނީ. އެއީ، އަޅުގަނޑުމެންނަށް އަދި މިކަމާބެހޭ ފައިސާ ލިބުނީ ބޭރުގެ ފަރާތްތަކުން ކަމަށްވިޔަސް، ފުރަތަމަ މިތަނުގެ ކުރެހުން ތައްޔާރުކުރުމާއި، ޑިޒައިންކުރުމާއި އަދި މިޢުމާރީ ގޮތުން މިތަން ހުންނަންޖެހޭ ގޮތަށް، އެކަންތައްތައް ރާވައި ހަމަޖެއްސުމާއި، އޭގެ ފަހުގައި މި މަސައްކަތް ޢަމަލީގޮތުން ކުރުމާއި، މި ހުރިހާ ކަމެއް ކޮށްފައި މިވަނީ ދިވެހިން. އާދެ، މި ސްކޫލް އެޅުމާ ބެހޭގޮތުން ފުރަތަމަ މިތަން ކުރައްސަވައި، މިހާ ފުރިހަމަ ރީތި ތަނެއްގެ ގޮތުގައި ޚިޔާލަށް ގެންނެވި ބޭފުޅަކީ ޒުވާން ބޭފުޅެއް. އާދެ، އަޅުގަނޑު ހިތުން އެއީ، އޯ.ޕީ.ޕީ.ޑީ.ގެ ވަރަށް ޙަރަކާތްތެރި ޒުވާނެއް ކަމަށްވާ، އަލްފާޟިލް މުޙައްމަދު ޤާސިމް. އެއީ، ޒުވާނުންގެ ތެރެއިން މިއަދު އަޅުގަނޑުމެން ފާހަގަކޮށްލަންޖެހޭ ވަރަށް ރީތި މިސާލެއް. އާދެ، އޭނާއަށް ލިބިވަޑައިގެންފައި އެވާ ތަޢުލީމާއި ޤާބިލިއްޔަތުގެ ބޭނުން ފުރިހަމައަށް ކުރައްވައިގެން، މިހާ ރީތި، މިހާ ރަނގަޅު ތަނެއް އުފައްދަވައިދެއްވިކަމާއި އަދި މިތަނާ ބެހޭގޮތުން ޚިޔާލުކުރައްވައި އަދި އެ ޚިޔާލާ އެއްގޮތަށް މިތަން ކުރައްސަވައި ހެއްދެވިކަން އެއީ، މިރޮނގުން އޭނާގެ ފާހަގަކުރެވޭ ޚިދުމަތެއް.

އާދެ، އަޅުގަނޑުމެން އުފައްދަން ބޭނުންވަނީ އެކަހަލަ ޒުވާނުން. އެއީ، ޤައުމަށް ފައިދާހުރި ޒުވާނުންނަކީ. ދެން މި މަސައްކަތް ޢަމަލީގޮތުން ކުރެއްވި ފަރާތް، އާދެ، އެއީ އެމް.ޓީ.ސީ.ސީ. އެއީ ސަރުކާރާއި ރައްޔިތުން ގުޅިގެން އުފައްދާފައިވާ ކުންފުންޏެއް. އެ ކުންފުނިންވެސް މި މަސައްކަތް ކުރައްވާފައި މިވަނީ ވަރަށް ފުރިހަމަކޮށް. ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި. މި މަސައްކަތް ކުރައްވައި ނިންމަވާފައިވަނީ، އަޅުގަނޑުމެން ބަލައިލާ ބަލައިލުމަށް ވަރަށް ރީތިކޮށް، ވަރަށް ފުރިހަމަކޮށް. އެއީވެސް މުޅިން ދިވެހިންގެ ކުންފުންޏެއް. މީގެކުރިން އަޅުގަނޑުމެންނަށް އިވުނު ފަދައިން، މިކަމުގައި އުޅުނީ ބިދޭސީންގެ ހަމައެކަނި ދެމީހަކު. ދެން ތިބި އެންމެން އެއީ، ހަމަ ދިވެހިން. އާދެ، މަސައްކަތް ކުރުވި ފަރާތާއި، މަސައްކަތް ކުރި ފަރާތުގައިވެސް ދެންތިބީ ދިވެހިން. އަދި އޭގެތެރެއިން ގިނައީ އައްޑުއަތޮޅުގެ މީހުން ކަމަށްވާތީ، އައްޑުއަތޮޅަށްވެސް މިކަމުން ލިބޭ ފަޚުރު ވަރަށްވެސް ބޮޑު.

އާދެ އެހެންވީމާ، އަޅުގަނޑުމެންގެ ތެރޭގައި ތަޢުލީމު ލިބިފައި ތިބި އަދި ހަރުދަނާ، ޤާބިލް ޒުވާނުން ތިބިކަމަށްވަންޏާ، މިފަދަ މަޝްރޫޢުތައް އަޅުގަނޑުމެންނަށް ރާވައި ހިންގިދާނެކަން އަޅުގަނޑުމެންނަށް އެބަ އެނގޭ. އަދި މުސްތަޤްބަލުގައި މިއަށްވުރެވެސް ފުރިހަމަ ކަންތައްތައް ކުރެވިދާނެކަންވެސް އެބަ އެނގޭ. މިއަދު އަޅުގަނޑުމެން ޒުވާނުންނަށް އިތުރު އަހަންމިއްޔަތެއް ދޭން ބޭނުންމިވަނީ އެހެންވީމާ.

އާދެ، އަޅުގަނޑު ހިތުން، މިހާރުވެސް އަޅުގަނޑު ވާހަކަ ތަންކޮޅެއް ދިގުވެއްޖެ. އެހެންކަމުން، ވާހަކަ ކުރުކޮށްލަން އަޅުގަނޑު ޤަޞްދުކުރަނީ. ކުރުކޮށްލާއިރުވެސް، މިކަމުގައި އުޅުއްވި ފަރާތްތަކަށް އަޅުގަނޑުވެސް ޝުކުރު ދަންނަވަން ބޭނުންވޭ. އާދެ، އަޅުގަނޑުމެންގެ ދިވެހި ފަރާތެއް ނޫންކަމުގައިވިޔަސް، ވާރލްޑް ބޭންކަށް، އާދެ، ދުނިޔޭގެ ބޭންކަށް އަޅުގަނޑުމެން ޝުކުރުކުރަންޖެހޭ. އެމީހުންނަކީ އާދައިގައި ވިޔަފާރިނޫން ކަންކަމަށް އެހީވެދޭ ފަރާތެއް ނޫން. އެހެންނަމަވެސް، މިކަމުގެ މުހިންމުކަން ބޮޑުކަމުން އަޅުގަނޑުމެން ހުށަހެޅި ހުށަހެޅުން، އެ ބޭންކުން ގަބޫލުކޮށް، އެމީހުން އަޅުގަނޑުމެންނަށް މިކަމުގައި އެހީވެދިނީ. އެއީ، އެހީއެއް ނުވަތަ ލޯނެއް ކަމުގައިވިޔަސް، އެހާ ދިގު މުއްދަތެއްގެ ތެރޭގައި އަނބުރާ ދައްކަންޖެހޭތީ، އޭގެ އެހީގެ ބައި އެއްގޮތަކަށްވެސް އަޅުގަނޑުމެންނަށް ހަނދާންނައްތައެއްނުލެވޭނެ. އެހެންވީމާ، އެފަރާތަށް ޝުކުރު އަދާކުރަންޖެހޭ. އަޅުގަނޑަށް ދަންނަވަންޖެހެނީ، އަދި އަޅުގަނޑުމެން މި ލޯނު އަނބުރާ ދެއްކުމަށްފަހުގައިވެސް މިކަން ކޮންމެވެސްވަރަކަށް ހަނދާންވެސް ކުރާނެ ވާހަކަ.

ދެން ދަންނަވާލަން އޮތީ، މި މަޝްރޫޢު ހިންގެވުމާ ހަވާލުވެ ތިއްބެވި ފަރާތްތައް. އޭގެތެރެއިން އެންމެ އިސް ފަރާތަކީ، މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް އެންވަޔަރަންމަންޓް. ދިވެހި ސަރުކާރުގެ ފަރާތުން މިކަމާ ޙަވާލުވެވަޑައިގެންނެވި ފަރާތަކީ އެއީ. އެ މިނިސްޓްރީގެ މިނިސްޓަރ އަލްފާޟިލް އިސްމާޢީލް ޝަފީޢު މިކަމުގައި ވަރަށް ޙަރަކާތްތެރިވެވަޑައިގެންނެވި. ވަރަށް ގިނަ މަސައްކަތްތަކެއް ކުރެއްވި. އެހެންވީމާ، އެމަނިކުފާނަށާއި، އެމަނިކުފާނުގެ މިނިސްޓްރީގެ އެހެން ވެރިންނަށާއި، މުވައްޒަފުންނަށްވެސް ޝުކުރު ދެންނެވުމަކީ، މިއަދު ކޮންމެހެން އަޅުގަނޑު ކުރަންޖެހޭނެ ކަމެއް.

މިރޮނގުން އަޅުގަނޑު ދެން ދަންނަވާލާނީ، ކުރިންވެސް ދެންނެވި ފަދައިން، މި މަސައްކަތްކުރި، ރާއްޖޭގެ ކުންފުންޏެއް ކަމުގައިވާ އެމް.ޓީ.ސީ.ސީ.ގެ ވާހަކަ. އެ ކުންފުނި ހިންގެވުމާ ޙަވާލުވެ ހުންނެވި އަލްފާޟިލް ޢައްބާސް އިބްރާހީމަށާއި، އެމަނިކުފާނުގެ ދަށުން، އެމް.ޓީ.ސީ.ސީ.ގެ މި މަސައްކަތްތައް ހިންގަވައި ހުރިހާ ކަމެއް ކުރިއަށް ގެންދެވި ބޭބޭފުޅުންނަށާއި މުވައްޒަފުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން. ހަމައެއާއެކީގައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މިކަމަށް ބެހެއްޓެވި ޚާއްޞަ ޢިނާޔަތާއި، އެމިނިސްޓްރީން ދެއްވި ލަފަޔާއި އިރުޝާދާއި، ކަންތައްތައް ބަލަހައްޓަވަމުން ގެންދެވި ގޮތާއި، މިކަންކަމަށްޓަކައި ދެ ބޭފުޅަކަށް ޝުކުރު ދަންނަވަން އެބަޖެހޭ. އެއް ބޭފުޅަކީ، މިމަޝްރޫޢުގެ ޚިޔާލު ފުރަތަމަ އައިއިރު، އެ މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި، ވަރަށްގިނަ ދުވަސްވަންދެން މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ މަގާމުގައި ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި، އަލްއުސްތާޛު މުޙައްމަދު ޒާހިރު ޙުސައިން. އެހެންވީމާ، އެމަނިކުފާނަށްވެސް އަދި އޭގެފަހުން އެމިނިސްޓްރީއާ ޙަވާލުވެވަޑައިގެންނެވި އަލްއުސްތާޛު ޢަބްދުﷲ ޙަމީދަށްވެސް، އެ ދެބޭފުޅުން މިމަޝްރޫޢަށް ދެއްވި އަހަންމިއްޔަތަށްޓަކައި އަދި ކަންތައްތައް ގެންދެވިލެއް ފުރިހަމަކަމަށްޓަކައި ޝުކުރު ދެންނެވުމަކީ، އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް. ހަމައެއާއެކީގައި، މިއީ ރާއްޖެތެރޭގައި ޢިމާރާތްކުރާ ތަނަކަށްވާތީ، ރާއްޖެތެރެއާ ބެހޭ ވުޒާރާގެ ވަރަށްބޮޑު އެއްބާރުލެއްވުމަކާއި އެހީތަކެއް މިކަމުގައި ހިމެނުނު. އެހެންވީމާ، ރާއްޖެތެރެއާ ބެހޭ ވުޒާރާ ހިންގަވަން ހުންނެވި މިނިސްޓަރ އަލްފާޟިލް އިލްޔާސް އިބްރާހީމަށް އަދި އެމަނިކުފާނުގެ ދަށުން އެމިނިސްޓްރީން މި މަޝްރޫޢާ ބެހޭ ކަންތައްތައް ހިންގެވި ހުރިހާ ވެރިންނަށާއި، މުވައްޒަފުންނަށާއި އަދި އައްޑުއަތޮޅުގެ އަތޮޅުވެރިންނަށާއި، މިއަތޮޅުގެ ހިތަދޫގެ ވެރިންނަށާއި ރައްޔިތުންނަށް، ވަރަށް ޚާއްޞަގޮތެއްގައި ޝުކުރު ދެންނެވުމަކީވެސް އަޅުގަނޑަށް ލިބޭ އުފަލެއް.

އާދެ، އަޅުގަނޑު ޝުކުރުގެ ލިސްޓް އައީ ނޯޓްކޮށްގެނެއް ނޫން. އެހެންވީމާ، ފަހަރެއްގައި އެއްވެސް ފަރާތެއްގެ ނުވަތަ އެއްވެސް ބޭފުޅެއްގެ ނަން، އޮޅިގެން ނަމަވެސް އަޅުގަނޑަށް ނުދެންނެވި ވެއްޖެނަމަ، އެކަމަށް އެބޭފުޅަކު އަދި ތިޔަބޭފުޅުންވެސް މާފުކުރައްވާނެ ކަމަށް ހީކުރަން.

އާދެ، އަޅުގަނޑުގެ އިޚްލާޞްތެރި އެދުމަކީ، މިއަދު ރާއްޖެތެރޭގައި މި ހުޅުވުނު ފުރަތަމަ ސެކަންޑަރީ ސްކޫލް، އާދެ، ސަދަން ސެކަންޑަރީ ސްކޫލަކީ ރާއްޖެއަށް ފައިދާހުރި، ޤައުމަށް ފައިދާހުރި ދަރިންތަކެއް އުފައްދާނެ ތަނަކަށްވުން. އަދި މި މަދަރުސާގެ ސަބަބުން އައްޑުއަތޮޅަށާއި، ރާއްޖޭގެ ދެކުނުގެ އެހެން އަތޮޅުތަކަށް އަދި މުޅި ޤައުމަށް އެކަށީގެންވާ މަންފާތަކެއް ކުރުން. އަދި އަޅުގަނޑުމެންނަކީ، މާތްވެގެންވާ އިސްލާމްދީނުގެ އަހުލުވެރިން ކަމަށްވާތީ، އެ ދީނުގެ މަތިވެރި ހިދާޔަތުގައި ފައިތިލަ ސާބިތުކޮށްގެން، ޤައުމާއި ރައްޔިތުންގެ ފައިދާއަށްޓަކައި، ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރަމުން މިގެންދާ ބުރަ މަސައްކަތްތަކުގެ ހެޔޮ ނަތީޖާ اللّـه سبحـانـه وتعـالى އަޅުގަނޑުމެންނަށް ދެއްކެވުން.

والسّلام عليكم ورحمـة اللّـه وبر كاته.