بســم اللّـه الرّحمـن الرّحيــم
اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى أشرف المرسلين، سيدنا محـمَّدٍ وَعلـى آلـه وَصَحْبِـهِ أجمـعـين.
އާދެ، މިއަދަކީ ރާއްޖޭގެ މަސްވެރިންގެ ދުވަސް. އަދި މިއަދަކީ ރާއްޖޭގައި މަސްވެރިންގެ ދުވަހެއް ފާހަގަކުރެވޭ 10 ވަނަ ދުވަސް. އެހެންކަމާއެކު، މި އަހަރުގެ މަސްވެރިންގެ ދުވަސް ސަރުކާރުން ދެކެނީ ވަރަށް ޚާއްޞަ ނަޒަރަކުން. ކަންދިމާވިގޮތުން، ރާއްޖޭގެ މަސްވެރިންގެ 10 ވަނަ ދުވަސް މި އަންނަނީ، އަޅުގަނޑުމެންގެ މިނިވަންކަމަށް 25 އަހަރު ފުރޭ އަހަރު. މިގޮތުންވެސް މިއަދު އަޅުގަނޑުމެން މި ފާހަގަކުރާ މަސްވެރިންގެ 10 ވަނަ ދުވަހުގެ މުހިންމުކަން އެތައް ގުނައަކަށް އިތުރުވެގެން ހިނގައްޖެ. މި ހުރިހާ ސަބަބަކަށްޓަކައި މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި މަސްވެރިންނަށް ސަރުކާރުގެ ނަމުގަޔާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި އަދި ދިވެހި ރައްޔިތުންގެ ނަމުގައި އިޚްލާޞްތެރިކަމާއެކު މަރުޙަބާއާއި ތަހުނިޔާ ރައްދުކުރަން.
ޝައްކެއްނެތް، ރާއްޖޭގެ މަސްވެރިން ރާއްޖެއަށްޓަކައި އެ ކޮށްދޭ މަސައްކަތަކީ ވަރަށް މަތިވެރި މަސައްކަތެއް. އެ މަސައްކަތުގެ ފައިދާ ލިބެނީ މަސްވެރިންނަކަށް ނޫން. އާދެ، މިހެން ދެންނެވިޔަސް، އެ މަސައްކަތުގެ ފައިދާގެ އެއްބައި އެމީހުންނަށް ލިބޭ. އެމީހުން އެކުރާ މަސައްކަތުގެ ބޮޑުބައި ލިބެނީ ޤައުމަށް، ދިވެހިރާއްޖެއަށް، ދިވެހި ރައްޔިތުންނަށް، ދިވެހި އިޤްތިޞާދަށް. އެހެންކަމުން، މިކަހަލަ ދުވަހެއްގައި އަޅުގަނޑުމެން މަސްވެރިންގެ ޚިދުމަތް ފާހަގަކޮށް ހެދިކަމުގައިވިޔަސް، ޙަޤީޤަތުގައި މަސްވެރިންގެ ޚިދުމަތަކީ އަބަދުވެސް އަޅުގަނޑުމެން ފާހަގަކުރަމުން ގެންދާ ޚިދުމަތެއް. އަދި އަބަދުވެސް ދިވެހި ރައްޔިތުން ފާހަގަކުރާ ޚިދުމަތެއް.
މަސްވެރިންގެ ދުވަހެއް ރާއްޖޭގައި ގެނައުމުގެ ބޭނުމަކީ، ރާއްޖޭގެ މަސްވެރިންގެ އަގުވަޒަންކުރުން. ރާއްޖޭގެ މަސްވެރިން އެ ކުރާ ޚިދުމަތް މުޅި ރައްޔިތުން ދެކޭކަން ހާމަކުރުން. ރާއްޖޭގެ ތަރައްޤީއަށާއި، ރާއްޖޭގެ އިޤްތިޞާދަށް މަސްވެރިން އެ ކުރާ މަސައްކަތުން އެ ލިބޭ ޙިއްޞާ އެއީ، އަބަދުވެސް ފާހަގަކުރެވޭ، އެކަމުގެ އަގު ވަޒަންކުރެވޭ ޙިއްޞާއެއް ކަމުގައި ސަރުކާރުގެ ފަރާތުންނާއި، ރައްޔިތުންގެ ފަރާތުން ގަބޫލުކުރުން.
އާދެ، މަސްވެރިންގެ ދުވަހަކީ ރަމްޒެއް. މި ރަމްޒު މިގޮތަށް ފާހަގަކުރަމުން އަޅުގަނޑުމެން މިގެންދަނީ މި ދެންނެވި ސަބަބުތަކަށްޓަކައި. މަސްވެރިންގެ ޚިދުމަތުގެ އަގު ވަޒަންކުރުމާއި، މުޖުތަމަޢުގައި މަސްވެރިންގެ ޤަދަރު އުފުލުމަށްޓަކައި. އަދި މަސްވެރިންނަށް ދޭ ހިތްވަރެއްގެ ގޮތުގައި. އެމީހުންގެ އެ ބުރަ މަސައްކަތުގައި ދެމިތިބުމަށް އިތުރު ޢަޒުމްތަކެއް ކަނޑައެޅުމަށް ސަރުކާރާއި، ރައްޔިތުން ބައިވެރިވެގެން އެމީހުންނަށްދޭ އިތުރު ހިތްވަރެއްގެ ގޮތުގައި. އެހެންކަމުން، މަސްވެރިންގެ ދުވަހެއް ރާއްޖޭގައި ފާހަގަކުރަމުން ގެންދިޔުމުން، އެކަމުގެ ނަތީޖާ މިހާރު ފެންނަމުންދާކަން ވަރަށް އުފަލާއެކު އަޅުގަނޑު ފާހަގަކޮށްލަން. ސަރުކާރުން މަސްވެރިކަމަށްދޭ އަހަންމިއްޔަތާއި، މަސްވެރިކަމަށް ކުރާ ޚަރަދާއި، މަސްވެރިކަން ތަރައްޤީކުރުމަށް ކުރާ ބުރަ މަސައްކަތާއި، މި ހުރިހާ ކަމެއްގެ ނަތީޖާއެއްގެ ގޮތުން، ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ މަސްވެރިކަމަށް، ޝައްކެއްނެތްގޮތުގައި، އިތުރު ތަރައްޤީތަކެއް އަތުވެއްޖެ.
އާދެ، ކުރިންވެސް ދެންނެވިފަދައިން، މަސްވެރިންގެ 10 ވަނަ ދުވަސް އަޅުގަނޑުމެން މިގެންނަނީ ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނުތާ 25 އަހަރު ފުރޭ އަހަރު. މިނިވަންކަމާއި މަސްވެރިކަމާ ދޭތެރޭގައި. އާދެ، ރާއްޖޭގެ މިނިވަންކަމާއި، ރާއްޖޭގެ މަސްވެރިކަމާ ދޭތެރޭގައި ވަރަށްބޮޑު ގުޅުމެއް އޮތް ކަމަށް އަޅުގަނޑު ދެކެން. އެއީ، ރާއްޖޭގެ މަސްވެރިކަމަކީ ރާއްޖޭގައި އުފެދިފައިވާ ޤުދްރަތީ ވަސީލަތެއްގެ ބޭނުންކޮށްގެން އަޅުގަނޑުމެން ކުރާ މަސައްކަތަކަށްވާތީ، އެ މަސައްކަތް ތަރައްޤީކޮށް ދެމެހެއްޓުމަކީ، ރާއްޖޭގެ މިނިވަންކަން ދެމެހެއްޓުމަށް ކުރެވޭ މަސައްކަތަކަށްވާނެތީ. އަދި ވާތީ. މިއަދުގެ ދުނިޔެއަކީ އެއްބަޔަކު އަނެއްބަޔަކާ ގުޅިގެން، އެއްބަޔަކު ކުރާ މަސައްކަތަކުން އަނެއްބަޔަކަށް ފައިދާ ލިބޭ ގޮތަކަށް އަދި އެއްބަޔަކު އަނެއްބައެއްގެ އެހީތެރިކަން ހޯދައިގެން ކުރިއަށްދާގޮތަށް ހަމަޖެހެމުންދާ، އަދި އެގޮތަށް މަސައްކަތް ކުރެވޭ ދުނިޔެއެއް. އެކަން އެހެން އޮތުމާއެކު، އެއްވެސް ޤައުމަކީ އިޤްތިޞާދީ ގޮތުން މުޅިން މިނިވަން ޤައުމަކަށް ނުވާނެ. އަޅުގަނޑުމެންނަށްވުރެ މާބޮޑެތި މުއްސަނދި ޤައުމުތައް އެއީވެސް އިޤްތިޞާދީ ގޮތުން މުޅިން މިނިވަން ޤައުމުތަކެކޭ ދެންނެވޭކަށް ނެތް. އެކަން އެހެން އޮތުމާއެކު، އަޅުގަނޑުމެންގެ ރާއްޖެއަކީވެސް އިޤްތިޞާދީ ގޮތުން މުޅިން މިނިވަން ޤައުމަކަށް ނުވާނެ. އެއީ، އެގޮތަށް މަސައްކަތް ކުރުމަށް މާ ބޭނުންތެރި ކަމަކަށްވެސް ނުވާނެކަމަށް އަޅުގަނޑު ދެކެން. އެއީ، އަޅުގަނޑުމެން ކުރާ ކޮންމެ މަސައްކަތަކީ ބޭރުގެ ފަރާތްތަކާވެސް ގުޅިގެން ކުރާ މަސައްކަތްތަކަށްވެސްވާތީ، އަޅުގަނޑުމެން މި ބާނާ މަހުގެ ވަރަށް ބޮޑު ބައެއް ބޭރަށް ފޮނުވަމުން މިގެންދަނީ. އެއިން ލިބޭ އާމްދަނީން އަޅުގަނޑުމެންގެ އިޤްތިޞާދު ދިރުވަމުން މިގެންދަނީ.
އަޅުގަނޑުމެން ކުރާ އެހެނިހެން އިޤްތިޞާދީ މަސައްކަތްތައްވެސް ހަމަ އެފަދަ. މަސްވެރިކަން ނަގާފައި، ދެން ރާއްޖޭގައި ކުރާ އެންމެ މުހިންމު މަސައްކަތަކީ ޓޫރިޒަމްގެ މަސައްކަތް. އެ މަސައްކަތްވެސް މި ހިންގަނީ ބޭރުގެ ފަރާތްތަކާ ގުޅިގެން. ޙަޤީޤަތުގައި އެ ބައެއްގެ ސަބަބުން އަޅުގަނޑުމެންނަށް ޓޫރިޒަމްގެ މަސައްކަތް ކުރިއަށް ގެންދެވޭ ބަޔަކީ އަޅުގަނޑުމެންގެ ރާއްޖެއަށް ޒިޔާރަތްކުރާ ޓޫރިސްޓުން. އެހެންވީމާ، އެއީވެސް ބޭރާ ގުޅިފައި އޮތް މަސައްކަތެއް. އިޤްތިޞާދީ ބޮޑެތި ހުރިހާ މަސައްކަތަކީ، މި ޒަމާނުގައި ކޮންމެ ޤައުމެއްގައިވެސް ބޭރާ ގުޅިފައި ހުންނަ ކަންތައްތައް. އެހެންވީމާ، ކުރިންވެސް ދެންނެވިފަދައިން، އަޅުގަނޑުމެންނަކީ އިޤްތިޞާދީ ގޮތުން މިނިވަން ޤައުމަކަށް ނުވެވޭނެ. އަދި ދުނިޔޭގެ އެހެން އެއްވެސް ޤައުމަކަށްވެސް ނުވެވޭނެ. ކުރިންވެސް ދެންނެވި ސަބަބުތަކަށްޓަކައި، އެކަން އެހެން އޮތް ކަމުގައިވިޔަސް، މަސްވެރިކަމާއި، ރާއްޖޭގެ މިނިވަންކަމާ ވަރަށްބޮޑު ގުޅުމެއް އެބައޮތް. އެހެންވީމާ، ރާއްޖޭގެ މަސްވެރިކަން ތަރައްޤީކޮށް ކުރިއަރުވައި، އެއިން ލިބޭ ފައިދާ މުޅި ޤައުމަށް ލިބޭގޮތުގައި މަސައްކަތްކުރަމުން ގެންދިޔުމަކީ، އަޅުގަނޑު ހިތުން އަޅުގަނޑުމެންގެ މިނިވަންކަމަށް 25 އަހަރު ފުރޭ އަހަރު، އަޅުގަނޑުމެން ހަމަ ވިސްނައި ޚިޔާލުކުރުން އެކަށީގެންވާ ކަމެއް.
އާދެ، މިއަދުގެ މުނާސަބަތުގައި، ކުރިންވެސް ދެންނެވިފަދައިން، އެންމެ ފުރަތަމަ، އަޅުގަނޑުގެ އިޚްލާޞްތެރި މަރުޙަބާއާއި ތަހުނިޔާ ރައްދުކުރަނީ ރާއްޖޭގެ މަސްވެރިންނަށް. ހަމައެއާއެކުގައި، ރާއްޖޭގެ މަސްވެރިކަން ތަރައްޤީ ކުރެއްވުމަށްޓަކައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތަކަށްވެސް އަޅުގަނޑުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ރައްދުކުރަން. އޭގެތެރެއިން އެންމެ އިސްފަރާތަކީ، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ. އާދެ، އެހެންވީމާ، އެ މިނިސްޓްރީގެ ހުރިހާ ބޭފުޅުންނަށް، ހުރިހާ މުވައްޒަފުންނަށް، މިނިސްޓަރުން ފެށިގެން އެ މިނިސްޓްރީގެ ހުރިހާ ވެރިންނަށާއި މުވައްޒަފުންނަށް މިއަދުގެ މުނާސަބަތުގައި ތަހުނިޔާއާއި އިޚްލާޞްތެރި ޝުކުރު ދަންނަވަން.
އާދެ، ރާއްޖޭގެ މަސްވެރިކަމަކީ އެކަމުގެ މުހިންމުކަން ބޮޑުކަމުން ސަރުކާރުގެ އެތައް ދާއިރާއަކުން މަސައްކަތް ކުރަމުންގެންދާ، އެތައް ދާއިރާއެއް ގުޅިގެން ކުރަމުންގެންދާ މަސައްކަތެއް. އާދެ، އެންމެ އިސް ފަރާތަކީ، ދެންމެ ދެންނެވި ފަދައިން، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ. އެއާއެކުގައި، މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވިފަދައިން، އެސް.ޓީ.އޯ.އިންވެސް ރާއްޖޭގެ މަސްވެރިކަން ތަރައްޤީކޮށް ކުރިއަށް ގެންދިއުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވާ. ރާއްޖެއަށް ބާނާ މަސް، ސަރުކާރުގެ ފަރާތުން އެކްސްޕޯޓް ކުރާ ފަރާތަކީ އެސް.ޓީ.އޯ. އެހެންކަމުން، ރާއްޖޭގެ އިޤްތިޞާދަށް އެކަމުން ލިބޭ ދިރުން ބޮޑުކަމާއެކުގައި އަދި މަސްވެރިކަން ތަރައްޤީކުރުމަށްޓަކައި، ތަފާތު ގޮތްގޮތުން އެސް.ޓީ.އޯ.އިން ކުރައްވާ މަސައްކަތްތަކަށްޓަކައި އެސް.ޓީ.އޯ.ގެ އިސްވެރިންނަށާއި، ހުރިހާ މުވައްޒަފުންނަށް މިއަދުގެ މުނާސަބަތުގައި ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަން.
އާދެ، ދެންއޮތް ފަރާތަކީ، ސަރުކާރާއި ރައްޔިތުން ބައިވެރިވާ ފަރާތެއް. އެއީ، އެމް.ޓީ.ސީ.ސީ. އެމް.ޓީ.ސީ.ސީ.އިންވެސް މަސްވެރިކަން ތަރައްޤީކޮށް، އަދި މަސްވެރިންނަށް އެކި ކަންތައްތައް ފަސޭހަކޮށްދެއްވުމަށްޓަކައި ކުރައްވާ މަސައްކަތްތަކުގެ ވާހަކަ، މިނިސްޓަރ އޮފް ފިޝަރީޒްގެ ވާހަކަފުޅުގައި ދެންމެ ވިދާޅުވެއްޖެ. އެހެންވީމާ، އެފަރާތަކީ ސަރުކާރާއި ރައްޔިތުން ބައިވެރިވެގެން އާމްދަނީ ހޯދުމަށްޓަކައި މަސައްކަތްކުރާ ފަރާތަކަށްވެފައި، އެފަރާތުން ވިޔަފާރީގެ އުޞޫލު ދޫކޮށްލައްވާފައި، ރާއްޖޭގެ މަސްވެރިންނަށް ލުއިފަސޭހަ ހޯއްދަވައިދެއްވަން ކަންތައްތަކެއް ހިންގަވާތީ، އެމް.ޓީ.ސީ.ސީ.އަށްވެސް މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި، އަޅުގަނޑުގެ ޝުކުރާއި ތަޢުރީފް ރައްދުކުރަން.
ދެން ޝުކުރު ދަންނަވާލަން އޮތީވެސް ވަރަށް މުހިންމު ފަރާތެއް. އާދެ، މަސްވެރިކަން އަޅުގަނޑުމެންނަށް ކުރެވޭނީ އަދި މަސްވެރިކަން ތަރައްޤީކުރެވޭނީ އަޅުގަނޑުމެންގެ އިޤްތިޞާދީ ސަރަޙައްދު ބަލަހައްޓައިގެން. އަޅުގަނޑުމެންގެ ރާއްޖެއަށް ބޭރުން އަންނަ އެކި ކަހަލަ މަސްވެރިކަމުގެ އުޅަނދުތައް ރާއްޖެއަށް އާދޭތޯ، ރާއްޖޭގައި މަސްވެރިކަން ކުރޭތޯ، ނުކުރޭތޯ ބަލަހައްޓާ ފަރާތެއް އެބައޮތް. ޤާނޫނީގޮތުން އެކަން ކުރަންޖެހޭ ފަރާތެއް އެބައޮތް. އެފަރާތުން އެކަން ގެންދާލެއް ފުރިހަމަކަމުން މިއަދު އަޅުގަނޑުމެންގެ މަސްވެރިންގެ ޝަކުވާތައް ވަރަށް ކުޑަވެއްޖެ. ކުރިން އަޅުގަނޑުމެންނަށް ވަރަށް ގިނައިން އިވޭ، ރާއްޖެއަށް ބޭރުގެ ބޯޓުފަހަރު ވަދެގެން ރާއްޖޭގެ ސަރަޙައްދުން މަސްވެރިކަން ކުރާތީ، މަސްވެރިންނަށް ލިބޭ ގެއްލުންތަކުގެ ވާހަކަ. އެމީހުން އެކަމުގެ ޝަކުވާކުރޭ. އެއީ ހަމަ ޙައްޤު ޝަކުވާއެއް. އެކަމާ ދޭތެރޭގައި ސަރުކާރުން މީގެކުރިން ވަނީ ފިޔަވަޅުވެސް އަޅަމުން ގެންގޮސްފައި. މިހާރަކަށްއައިސް އެ އަޑުތައް ވަރަށް މަޑުވެއްޖެ. އެއީ ކީއްވެތޯ؟ އެއީ، އިރާދަކުރެއްވީތީ އަޅުގަނޑުމެންގެވެސް ޤާބިލިއްޔަތު ތަންކޮޅެއް އިތުރުވުމާ އެކީގައި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ފަރާތުން އަޅުގަނޑުމެންގެ އިޤްތިޞާދީ ސަރަޙައްދު ކުރިއަށްވުރެ ފުރިހަމަކޮށް ބަލަހައްޓަވަމުން ގެންދަވާތީ. އާދެ، އެހެންވީމާ، މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި، އެކަން ކުރައްވާ ފަރާތަށްވެސް، އާދެ، މިނިސްޓަރުގެ އިތުރުން، އެ މިނިސްޓްރީގެ ހުރިހާ މުވައްޒަފުންނަށާއި އަދި އެ މިނިސްޓްރީގެ ދަށުން އެކަން ހިންގަވާ އެން.އެސް.އެސް.އަށާއި، އެން.އެސް.އެސް.ގެ އިސް އޮފިސަރުންނަށާއި، އެން.އެސް.އެސްގެ ހުރިހާ ބޭކަލުންނަށް، އަޅުގަނޑުގެ ހިތުގެ އަޑިން އިޚްލާޞްތެރި މަރުޙަބާއާއި ތަހުނިޔާ ދަންނަވަން.
އާދެ، މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި، މި ހުރިހާ ފަރާތަކަށް ޝުކުރާއި ތަހުނިޔާ އަދި މުބާރަކްބާދީ ދަންނަވާއިރު، ކުރީގެ މިނިސްޓަރ އޮފް ފިޝަރީޒް އަލްފާޟިލް ޢަބްދުއްސައްތާރު މޫސާދީދީގެ ނަންފުޅުވެސް އަޅުގަނޑު ގެންނަން ބޭނުންވޭ. އެއީ، ވަރަށް ގިނަ އަހަރުތަކެއް ވަންދެން ރާއްޖޭގެ މަސްވެރިންނަށްޓަކައި އަދި ރާއްޖޭގެ މަސްވެރިކަން ތަރައްޤީ ކުރެއްވުމަށްޓަކައި އެ މަނިކުފާނު އިޚްލާޞްތެރި ވަރަށް ގިނަ މަސައްކަތްޕުޅުތަކެއް ކޮށްދެއްވާފައިވާތީ. އާދެ، އެހެންވީމާ، އަލްފާޟިލް ޢަބްދުއްސައްތާރު މޫސާދީދީއަށް މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި، ވަރަށް ޚާއްޞަ ޝުކުރަކާއި، މުބާރަކްބާދީއެއް އަޅުގަނޑު ދަންނަވަން. އާދެ، ޝުކުރުގެ ލިސްޓަކީ ވަރަށް ދިގު ލިސްޓެއް. އެ ހުރިހާ ފަރާތްތަކެއްގެ ނަން ގެންނާކަށް ޤަޞްދެއް ނުކުރަން. އެހެންނަމަވެސް، ބޭރުގެ ފަރާތްތަކުން ވަރަށްގިނަ އެހީތައް ލިބޭތީ ދިވެހިރާއްޖޭގެ ނަމުގައި، ސަރުކާރުގެ ނަމުގައި އެ ހުރިހާ ފަރާތްތަކަކަށް ޖުމްލަކޮށް އަޅުގަނޑު ޝުކުރު އަދާކުރަން. ހަމައެއާއެކީގައި، މިއަދު އަޅުގަނޑުމެންނަށް މި ފެނުނު އުފާވެރި މަންޒަރުގެ ސަބަބުން އާދެ، ޔަންމާ ޑީސަލް އިންޖީނު ކުންފުނީގެ ފަރާތުން ދިވެހިރާއްޖޭގެ މަސްވެރިކަމަށް އެ ވެދެއްވި ބޮޑު އެހީއަށްޓަކައި އާދެ، އެ ކުންފުނީގެ ފަރާތުން މިއަދު ދިވެހި ސަރުކާރަށް އެ ހަދިޔާކުރެއްވި އިންޖީނަށްޓަކައި، ޔަންމާ ކުންފުންޏަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދެންނެވުމަކީ އަޅުގަނޑަށް ލިބޭ ވަރަށްބޮޑު އުފަލެއް.
ކުރިންވެސް ދެންނެވިފަދައިން، މި ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި މަސްވެރިކަމަށް ވަރަށްގިނަ ކުރިއެރުންތަކެއް ލިބިއްޖެ. އޭގެ ނަތީޖާ އަޅުގަނޑުމެންނަށް މިހާރު މިދަނީ ފެންނަމުން. އާދެ، އެ ހުރިހާ ވާހަކަ ދައްކާކަށް އަޅުގަނޑު ގަޞްދެއްނުކުރަން. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލާހިތްވާ ދެތިން ނުކުތާއެއް އެބައޮތް. އެއް ނުކުތާއަކީ މަސްވެރިކަމުގެ އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި ސަރުކާރުން ވަރަށް ގިނަ މަޝްރޫޢުތަކެއްގެ ދަށުން ކުރި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން މަސްވެރިކަމުން ލިބޭ ޢަދަދު، އާދެ، މަސް ބާނައިގެން ނުވަތަ މަސްހިފައިގެން އަޅުގަނޑުމެންނަށް ލިބޭ ޢަދަދު، އާދެ، މި ވޭތުވެދިޔަ ދިހަވަރަކަށް އަހަރު ދުވަހުގެތެރޭގައި، ޑަބަލްވެގެން ހިނގައްޖެ ކަމުގައި ދަންނަވާލަން. ދެގުނައަށް އިތުރުވެގެން ހިނގައްޖެ. އާދެ، އެކަމުގައި ކުރި މަސައްކަތްތައް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. ބޮއި ބައްތިތައް ބެހެއްޓުން، އޮއިވާލި ކަނދުފަތި ހަރުކުރުން، މަސްދޯނިފަހަރުގައި އިންޖީނު ބަހައްޓައިދިނުން.
މިނޫންވެސް ގޮތްގޮތުން މަސް އެއްކުރެވޭނެ ގޮތާއި، މަސް ފިނިކުރެވޭނެ ގޮތާއި، މަސް ބޭރުކުރެވޭނެ ގޮތާއި، މަސްވެރިންގެ އަތުން ސަރުކާރަށް މަސްގަނެވޭނެ ގޮތާ، މި ހުރިހާ ކަމެއް، އެއިރަކަށް ހަމަޖެހެން އޮތް އެންމެ ރަނގަޅަކަށް ސަރުކާރުން މިގެނައީ ހަމަޖައްސަމުން.
އާދެ، ހަމަ މި ދެންނެވީ މަސްވެރިކަމުގެ ދާއިރާގެ ހުރިހާ ކަމެއް. އުފެއްދުންތެރިކަމުގެ ދާއިރާގައިވެސް އަދި ދިވެހި މަސްވެރިން ބާނާ ނުވަތަ ހިފާމަސް ސަރުކާރަށް ގަނެ، އެ އެކަށީގެންވާ ގޮތުގައި ފިނިކޮށްފައި ބަހައްޓައި ނުވަތަ ބޭރުކުރުމަށްޓަކައި އެ ތައްޔާރުކުރަންޖެހޭ ގޮތްގޮތަށް ތައްޔާރުކޮށް، މިސާލަކަށް، ފިނިކުރިމަހުގެ ގޮތުގައި، ނުވަތަ ދަޅުގައި ބަންދުކުރިމަހުގެ ގޮތުގައި، ނުވަތަ މަސްވެރިން އަމިއްލައަށް އެ ހިކިމަހުގެ ގޮތުގައި ތައްޔާރުކުރާ ކުރުމާއި، ލޮނުމަހުގެ ގޮތުގައި ތައްޔާރުކުރާ ކުރުމާއި، އަދި މިކަންކަމަށް ބޭނުންވާ ފަރާތްތަކަށް ތަމްރީނުދިނުމާއި، މިކަންކަން ކުރެވޭނެ ގޮތްތައް ސަރުކާރުން ހަމަޖައްސައިދިނުމާއި، މި ހުރިހާ ކަމެއްގެ ސަބަބުން މަސްވެރިކަމަށް މިވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ވަރަށްބޮޑު ތަރައްޤީއެއް އަތުވެއްޖެ. އޭގެ ނަތީޖާ މި ދެންނެވީ، އަޅުގަނޑުމެން ބާނާ މަސްވެސް ދެގުނައަށް އިތުރުވެގެން ހިނގައްޖެއޭ. އަދި އަޅުގަނޑުމެން އެކްސްޕޯޓް ކުރާ މަސްވެސް ވަރަށް ބޮޑުތަން އިތުރުވެގެން ހިނގައްޖެއޭ. ހަމައެއާއެކީގައި، ސަރުކާރަށާއި ރައްޔިތުންނަށް މަސްވެރިކަމުން ލިބޭ އާމްދަނީވެސް އެތައްބައެއް އިތުރުވެގެން ހިނގައްޖެ. އާދެ، ދެންމެ މިނިސްޓަރ އޮފް ފިޝަރީޒްގެ ވާހަކަފުޅުގައި، އޭގެ ތަފާސްހިސާބުގެ ވާހަކަތައް ހިސާބަކަށް ވިދާޅުވި. އެހެންވީމާ، އެ ޢަދަދުތައް އަޅުގަނޑު ދަންނަވާކަށް ނެތިން. އެހެންނަމަވެސް، ނަތީޖާއަކީ ހަމަ އެކައްޗެއް. އެއީ، ސަރުކާރާއި ރައްޔިތުންނާ ގުޅިގެން އެ ކުރާ މަސައްކަތްތަކުގެ ނަތީޖާ އަޅުގަނޑުމެންނަށް ފެންނަމުންދާކަން.
އާދެ، މަސްވެރިކަން ހިންގައި ބެލެހެއްޓުމުގެ ދާއިރާގައިވެސް ވަރަށް ގިނަ މަސައްކަތްތަކެއް ސަރުކާރަށް ވަނީ ކުރެވިފައި. އެކަމުގެ ސަބަބުން މަސްވެރިކަމަށް ލިބޭ ތަރައްޤީވެސް ކުޑައެއްނޫން. ވަރަށް ބޮޑު. އާދެ، އެންމެ ފުރަތަމަ ކަމަކީ، ކުރިންވެސް ދެންނެވިފަދައިން، ސަރވޭލަންސްގެ މަސައްކަތް. އަޅުގަނޑުމެންގެ މަސްވެރިކަންކުރާ ކަނޑުތައް ބެލެހެއްޓުން. އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުން. އެކަމަށްޓަކައި ސަރުކާރުން ވަރަށް ބޮޑެތި ޚަރަދުތަކެއް މިހާރުވަނީ ކޮށްފައި. އެންމެފަހުން މަތިންދާބޯޓެއްވެސް މިހާރު ވަނީ އެކަމަށްޓަކައި ގެނެވިފައި. އޭގައި ސަރވޭލަންސްގެ އިކްވިޕްމަންޓް ވަނީ ހަރުކުރެވިފައި. ވަރަށްބޮޑު ޚަރަދެއްކޮށްގެން ސަރުކާރުން އެ މަސައްކަތް ކުރަނީ. ރާއްޖޭގެ ކަނޑުތައް ބަލަހައްޓަނީ. އެއްވެސް ދިމާއަކުން ރިޕޯޓެއް އަތުވެއްޖިއްޔާ، ވަގުތުން މަތިންދާބޯޓުން އެތަނަކަށް ގޮސް، އެއީ، ކޮން ބޯޓެއްތޯ ބަލައި، އެކަމާ ދޭތެރޭގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ޤާބިލިއްޔަތު މިހާރުވަނީ އިރާދަކުރެއްވީތީ ސަރުކާރަށް ލިބިފައި. އެކަންވެސް މިހާރު މިގެންދަނީ ކުރަމުން. ހަމައެއާއެކީގައި، ދޯނިފަހަރަށް ދިމާވާ އެކިއެކި ޙާދިޘާތަކުން އެދޯނިފަހަރު ސަލާމަތްކުރުމަށްޓަކައިވެސް އެ މަސައްކަތް އެބަ ކުރެވޭ. ވިއްސާރައިގެ ސަބަބުން ނުވަތަ އެނޫންވެސް ސަބަބަކާހުރެ ދޯންޏެއް ބެހިގެން ހިނގައިދާނެ. ޚަބަރެއްނުވެ ހިނގައިދާނެ. ވަގުތުން އެފަރާތަކުން ސަރުކާރަށް އެންގީމާ، އެން.އެސް.އެސް.ގެ ފަރާތުން އެ ދޯންޏެއް ވީތަނެއް ހޯއްދަވައި، އެންމެ ފުރަތަމަ، އެ ދޯންޏެއްގައި ތިބި މީހުންގެ ފުރާނަ ސަލާމަތްކުރުމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވާ. އޭގެފަހުގައި، އެމީހުންގެ ދޯނިފަހަރުވެސް ސަލާމަތުން ގެންނެވޭތޯ އެފަރާތުން މަސައްކަތް ކުރައްވާ. މި ކަންތައްތައް މިއީ، މަސްވެރިކަން ހިންގުމުގައި ވަރަށް ބޭނުންތެރި އަދި ވަރަށް މުހިންމު ކަންތައްތަކެއް.
ހަމައެއާއެކީގައި، މަސްވެރިކަމާ ބެހޭ ޤާނޫނެއް ސަރުކާރުން މިހާރު ވަނީ ހަމަޖައްސާފައި. އާދެ، ޤާނޫނަކީ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން މަޖިލީހުން ފާސްކުރައްވާފައިވާ ޤާނޫނެއް. މަސްވެރިކަމަކީ ކޮބައިކަމާއި، މަސްވެރިކަން ތަރައްޤީކުރުމަށް މަސައްކަތް ކުރަންޖެހޭނީ ކޮން ފަރާތަކުންކަމާއި، ރާއްޖޭގައި މަސްވެރިކަން ކުރެވޭނީ ކިހިނަކުންކަމާއި، މި ކަންތައްތައް ވަނީ އެ ޤާނޫނުގައި ބަޔާންކުރެވިފައި. އެހެންވީމާ، އެ ޤާނޫނުގެ ސަބަބުންވެސް ރާއްޖޭގެ މަސްވެރިކަމަށް އިތުރު ދިރުމެއް އައިސްފައިވާކަން ޔަޤީން.
އާދެ، ހަމައެފަދައިން، މަސްވެރިކަމާބެހޭ އެކި ކަންކަމުގައި މީހުންނަށް ތަމްރީނު ހޯދައިދިނުން. އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި މިނިސްޓަރުގެ ވާހަކަފުޅުގައި އެ ވާހަކަވެސް ވިދާޅުވި. އެކި ކަންކަމުގައި ތަމްރީނުދެމުން ގެންދާ ވާހަކަ. އޭގެ ނަތީޖާވެސް ވަރަށް ރަނގަޅު ކަމަށް އަޅުގަނޑަށް ދެންނެވެން އޮތީ. އަދި މި ހުރިހާ ކަމެއްގެ އިތުރަށް، އަލިފުށީ ބޯޓުޔާޑުގައި އެ ކުރެވޭ މަސައްކަތް އެއީވެސް އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ ކަމެއް. އާދެ، މިޒަމާނުގެ ޓެކްނޯލޮޖީއާ އެއްގޮތްވާ ގޮތުގެ މަތިން، އަޅުގަނޑުމެންގެ ދޯނިފަހަރު ތަރައްޤީކުރުމުގެ މަސައްކަތް އެތަނުން ގެންދަނީ ކުރަމުން. އެތަނުން އެ ބަންނަ ދޯނިފަހަރަކީ މަސްވެރިކަމަށް ވަރަށް ބޭނުންތެރި އަދި މިހާރު މަސްވެރިން އެންމެ ބޮޑަށް އެދޭ ދޯނިފަހަރު ކަމުގައިވެސް ވަނީ ވެފައި.
އާދެ، މި ހުރިހާ ކަމެއް މި ކުރަނީ މަސްވެރިކަމުގެ މުހިންމުކަން ބޮޑުކަމުން. ސަރުކާރުން މަސައްކަތް ކުރަނީ ހަމައެކަނި މަސްވެރިކަން ތަރައްޤީކުރާކަށެއް ނޫން. މަސްވެރިކަމާ އެކީގައި، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ސަރުކާރުން ގެންދަނީ ކުރަމުން. ޓޫރިޒަމް ތަރައްޤީކުރުމަށްވެސް ހަމަ މިހާ ގިނަ މަސައްކަތްތަކެއް ކުރެވޭ. އެހެންނަމަވެސް، މަސްވެރިކަމަކީ ޒަމާނުއްސުރެ ރާއްޖޭގައި ކުރަމުން އަންނަ އަދި އެކަން ކުރަނީ އަޅުގަނޑުމެންގެ އެންމެ އާދައިގެ ރައްޔިތުން ކަމަށްވާތީ، އެމީހުންނަށްދޭ އަހަންމިއްޔަތު ބޮޑުކަމުން، މަސްވެރިކަމަށް މިހާބޮޑު އަހަންމިއްޔަތެއް ސަރުކާރުން ދެނީ.
އާދެ، މި ވާހަކަ ދައްކާއިރު، އަޅުގަނޑު އެއްޗެއް ދަންނަވާލަން ބޭނުންވާ ދެތިންކަމެއް އެބައޮތް. އެއީ، އެންމެ ފުރަތަމަ ކަމަކީ، އަޅުގަނޑުމެންގެ މަސްވެރިންގެ ޢަދަދު މަދުވަމުން އަންނަކަން. 1977 ގައި ރާއްޖޭގައި ތިބި މަސައްކަތްތެރިންގެ ސަތޭކައަކުން ސާޅީސް ހަތަރެއް އެއީ މަސްވެރިކަމުގެ މަސައްކަތްކުރާ މީހުން. 1990 ގައި އާދެ، މި އަހަރުގެ ހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި މަސައްކަތްކުރާ މީހުންގެ ތެރެއިން މަސްވެރިންގެ ނިސްބަތަކީ ހަމައެކަނި ސަތޭކައަކުން އެކާވީސް. އެހެންވީމާ، މަސައްކަތްކުރާ މީހުންގެ ނިސްބަތުން މަސްވެރިންގެ ޢަދަދު ނުވަތަ މަސްވެރިންގެ ނިސްބަތް، ދެބައިކުޅަ އެއްބަޔަށްވުރެވެސް ބޮޑަށް، ވޭތުވެދިޔަ ތޭރަވަރަކަށް އަހަރުދުވަހުގެ ތެރޭގައި ތިރިއަށް ހިނގައްޖެ. މިއީ، އަޅުގަނޑުމެން އެކަމާ ދޭތެރޭގައި ވިސްނާލަންޖެހޭ ނުކުތާއެއް ކަމުގައި އަޅުގަނޑު ދެކެން.
އާދެ، މަސްވެރިންގެ ޢަދަދު މަދުވިޔަސް، މަސްވެރިންގެ މަސްވެރިކަމުން ލިބޭ އާމްދަނީ ވަނީ އިތުރުވެފައި. އަދި އަޅުގަނޑުމެންނަށް ބޭނުނު ނުވަތަ ހިފުނު މަހުގެ ޢަދަދުވެސް ވަނީ ދެގުނައަށް އިތުރުވެފައި. އެކްސްޕޯޓް ކުރެވުނު މަހުގެ ޢަދަދުވެސް އިތުރު. އެހެންވީމާ، މަސްވެރިކަމަށް، މަސްވެރިންގެ ޢަދަދު މަދުވުމުން ލިބުނު މާބޮޑު ގެއްލުމެއް ފެންނަންނެތަކަސް، އަޅުގަނޑަށް ހީވަނީ މަސްވެރިންގެ ޢަދަދު މަދުވަމުން ނުދިޔަނަމަ، މިހާރަށްވުރެ ބޮޑަށް މަސްވެރިކަން ތަރައްޤީކުރެވޭނެހެން.
ކޮންމެއަކަސް، ކޮންމެ މީހަކުވެސް ދިރިއުޅުމަށްޓަކައި އެމީހަކަށް ކުރެވުނު މަސައްކަތެއް، އެމީހެއްގެ އަމިއްލަ އާމްދަނީ އިތުރުކުރުމަށްނަމަވެސް ކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް. ހަމައެއާއެކީގައި، އެމީހަކު އެ ކުރާ މަސައްކަތެއްގެ ސަބަބުން ޤައުމީ އިޤްތިޞާދަށް ފައިދާއެއް ކުރާކަމަށްވަންޏާ، އެ މަސައްކަތެއް ކުރުމަކީވެސް މުޅި ޤައުމަށް އެހާ ފައިދާހުރި ކަމެއް. އެކަން އެހެންއޮތްއިރު، މަސްވެރިންގެ ޢަދަދު މަދުވަމުން ދިޔުމަކީ، އަޅުގަނޑުމެން އެކަމާ ދޭތެރޭގައި ކޮންމެވެސްވަރަކަށް ކަންބޮޑުވާންޖެހޭ ކަމެއް. އެކަމާމެދު ވިސްނައި، އެކަންތައް ރަނގަޅުކުރެވޭތޯ މަސައްކަތްތަކެއް ކުރަންޖެހޭނެ ކަމެއް ކަމަށް އަޅުގަނޑު ދެކެން. އާދެ، ފަހަރެއްގައި މަސްވެރިން މަދުވުމުގެ އެންމެބޮޑު ސަބަބަކަށް ވެދާނެ، މިހާރު އިންޖީނުދޯނިފަހަރުގައި މަސްވެރިކަން ކުރަން ފެށުން. އިންޖީނު ދޯނިފަހަރަށް ބޭނުންވާ މީހުންގެ ޢަދަދު، ރިޔާދޯނިފަހަރަށްވުރެ މަދު، އެހެންވީމާ، އެގޮތުންވެސް މަސްވެރިކަންކުރާ މީހުންގެ ޢަދަދު މަދުވުން އެކަށީގެންވޭ. އެހެން ނަމަވެސް، މަސައްކަތް ނުކޮށް އެތައް ބަޔަކު ތިބޭކަމަށްވަންޏާ، އިޤްތިޞާދީ ނަޒަރަކުން ބަލާއިރު ވަރަށް ދެރަ ކަމެއް. އެހެންވީމާ، އެއްވެސް ބަޔަކު މަސައްކަތެއް ނުކޮށް ތިބުމުގެ ބަދަލުގައި، އިތުރަށް ދޯނިފަހަރު އުފައްދައިގެން ނަމަވެސް، އެމީހުންނަށް މަސައްކަތެއް ކުރެވޭނެ މަގު ހޯދައިދިނުމަކީ، އަޅުގަނޑު ހިތުން ކޮންމެހެން ބޭނުންކަމެއް.
އާދެ، މިއާ ގުޅިގެން ދަންނަވާލަން އޮތީ، ރާއްޖޭގައި މަސައްކަތްކުރާ އަންހެނުންގެ ޢަދަދުވެސް ވަރަށްބޮޑު ތަން މަދުވެގެން ހިނގައްޖެއޭ. އެއީ، މަސައްކަތުގެ ދާއިރާގައި އަންހެނުންގެ މަސައްކަތް ތަންކޮޅެއް ބޮޑަށް ހިމެނިގެންދިޔަ ދުވަސްވަރު، މަސްކައްކައި، ހިއްކައި، މަސް ތައްޔާރުކުރުމުގައި އަންހެނުންގެ ދައުރު، ކުރިން އޮތީ ވަރަށް ބޮޑުކޮށް. އެއީ، އަޅުގަނޑުމެން އެކްސްޕޯޓް ކުރާ މަހުގެ ބާވަތްތައް، އޭރު ހުރިގޮތުން. އެމީހުން މިހާރު އެ މަސައްކަތް ކުރަންނުޖެހޭތީ. މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ އަންހެނުންގެ ޢަދަދު ވަރަށްބޮޑުތަން ދަށަށް އަތުވެއްޖެ. ދެން އުފެދޭ ސުވާލަކީ، ކުރިން މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރި އަންހެނުން މިހާރު އެ ތިބެނީ އެމީހުންނަށް އާމްދަނީ ލިބޭނެ އެހެން މަސައްކަތެއް ކުރުންމަތީގައިތޯ؟ ނުވަތަ އެމީހުން ތިބެނީ އެއްވެސް މަސައްކަތެއް ނުކޮށް ގޭގައިތޯ؟ އާދެ، އެމީހުންނަށް އާމްދަނީ ލިބޭނެ އެހެން މަސައްކަތެއް ކުރަމުންގެންދާ ކަމުގައިވަންޏާ އެއީ، ހަމަ އެންމެ ރަނގަޅު ކަމެއް. ކޮންމެހެން މަސްވެރިކަމުގެ ދާއިރާގައި އަންހެނުން މަސައްކަތްކުރާކަށް ނުޖެހޭނެ. އެހެންނަމަވެސް، އުފެއްދުންތެރިކަމުގެ ރޮނގުން އެއްވެސް ކަމެއް ނުކުރާ ބައެއްގެ ގޮތުގައި، އަންހެނުން ތިބުމަކީ އެއްގޮތަކަށްވެސް އެކަމާ ދޭތެރޭގައި އަޅުގަނޑުމެން ހިތްހަމަޖެހެންވީ ކަމެއްނޫން. އެއީ، އެމީހުންގެ އަމިއްލަ ދިރިއުޅުމަށް ބަލައިލިޔަސް އަދި ޤައުމުގެ އިޤްތިޞާދަށް ބަލައިލިޔަސް، އެތައްހާސް އަންހެނުންތަކެއް ނުވަތަ އެތައްހާސް ދިވެހި ރައްޔިތުންތަކެއް، އެއްވެސް ކަހަލަ އުފެއްދުންތެރި މަސައްކަތެއް ނުކޮށް ތިބުމަކީ އެއްގޮތަކަށްވެސް އެކަންވާންވީ ގޮތެއްނޫން. އެކަމާ ދޭތެރޭގައިވެސް އަޅުގަނޑުމެން ވިސްނައި، އަޅުގަނޑު ހިތުން ގޮތްތަކެއް މިހާރުވަނީ ނެރެން ޖެހިފައި.
އާދެ، ދެން މިއަދަކީ މަސްވެރިންގެ ދުވަސް ކަމަށްވާތީ، އަޅުގަނޑުމެން މުސްތަޤްބަލަށްވެސް އެބަ ވިސްނާލަންޖެހޭ. އަޅުގަނޑުމެން މިހާރު މިތިބީ 20 ވަނަ ޤަރުނުގެ އެންމެފަހު 10 އަހަރުގެ ތެރޭގައި. މީގެ 10 އަހަރު ފަހުން، އޭރު ދުނިޔޭގައި ތިބޭނެ ބަޔަކު ދެކޭނީ 21 ވަނަ ޤަރުނުގެ ފެށުން. އެހެންވީމާ، އަޅުގަނޑުމެން މިހާރު ވިސްނާލަން އެބަޖެހޭ، ކުރިއަށް އޮތްތާނގައި އަޅުގަނޑުމެން މަސްވެރިކަން ކުރާނީ ކިހިނެއްތޯ؟ ކުރިއަށް އޮތްތާނގައި އަޅުގަނޑުމެންގެ އިޤްތިޞާދީ ފެންވަރު މަތިކުރުމަށްޓަކައި ކުރަންޖެހޭނީ ކޮންކޮން މަސައްކަތްތަކެއްތޯ؟ އާދެ، މިގޮތުން ނަޒަރު ހިންގާލާއިރު، މަސްވެރިކަން ކުރުމުގައިވެސް ތަފާތު ގޮތްތަކެއް ގެންނަންޖެހޭނެ ކަމަށް އަޅުގަނޑަށް ފެނޭ. މިހާތަނަށް އަޅުގަނޑުމެން ކުރަމުން މިގެންދިޔައީ، ޒަމާނުއްސުރެ އަޅުގަނޑުމެން ކުރަމުން އަންނަ މަސްވެރިކަން. އެއިން އިތުރު ފައިދާތަކެއް ނެރެވޭތޯ ގޮތްތަކެއް ހޯދަމުން. އެއީ، ރިޔާދޯނިފަހަރު، އިންޖީނު ދޯނިފަހަރަށް ބަދަލުކުރުން. މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމުތަކެއް ހަމަޖެއްސުން. މަސްވެރިން ބާނާ މަސް ސަރުކާރަށް ގަނެވޭނެ ގޮތެއް ހަމަޖެއްސުން. މަސް އެކްސްޕޯޓް ކުރެވޭނެ ގޮތްތަކެއް ރޭވުން. މަސް ޕްރޮސެސް ކުރެވޭނެ ގޮތް، އާދެ، މަސް ތައްޔާރުކުރާނެ ގޮތްތަކެއް ރޭވުން. މިކަހަލަ ކަންތައްތައް އަޅުގަނޑުމެން ކުރަމުން މިގެންދިޔައީ. އަޅުގަނޑުގެ ސުވާލަކީ، އެކަންތައްތައް ކުރީމާ، މުސްތަޤްބަލަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭ ހުރިހާ ކަމެއް ކުރެވުނީބާވައޭ. މަސްވެރިކަން ކުރާގޮތަކަށް އެއްވެސް ބަދަލެއް ގެންނާކަށް ނުޖެހޭބާވައޭ.
އެހެން މި ދަންނަވާލަން ޖެހެނީ، މިހާތަނާ ޖެހެންދެންވެސް އަޅުގަނޑުމެން މަސްވެރިކަން ކުރަމުން މި އަންނަ ގޮތަށް އެއްވެސް ބަދަލެއް ގެނެވިފައި ނުވާތީ. ދުނިޔޭގައި މަސްވެރިކަންކުރާ އެހެން ޤައުމުތަކަށް ވިސްނާލާއިރު، އެބައިމީހުން މަސްވެރިކަން ކުރަމުން ގެންދަނީކީ އަޅުގަނޑުމެން މި ކުރާ ގޮތަކަށެއް ނޫން. މާބޮޑެތި ބޯޓުފަހަރުގައި މި ޒަމާނުގެ ޓެކްނޯލޮޖީ ބޭނުންކޮށްގެން. މާގިނަ ޢަދަދަކަށް، މާކުޑަ ޚަރަދަކުން މަސްބޭނޭ ނުވަތަ މަސް ހިފޭގޮތަކަށް އެމީހުން މަސައްކަތް ކުރަމުން ގެންދަނީ. އެހެންވީމާ، ރާއްޖޭގެ މަސްވެރިކަން އެގޮތަށް ބަދަލުވާނީ ކޮންދުވަހަކުންތޯ؟ ނުވަތަ އެގޮތަށް ބަދަލުވުން އެއީ، ބޭނުން ކަމެއްތޯ؟ އެއީ، އަޅުގަނޑުމެން މިއަދު ވިސްނަންޖެހޭނެ ކަމެއް. 21 ވަނަ ޤަރުނާ ހަމައަށްދާއިރު، އަޅުގަނޑުމެންގެ ރާއްޖެ މިހާރު މިއޮތް ފެންވަރުން ކުރިއަށްގެންދަން ބޭނުންވޭ. އަޅުގަނޑުމެން މިހާރު މި މަސައްކަތްކުރާ ގޮތްތަކަށް އެކަށީގެންވާ ބަދަލުތަކެއް ގެނެސްގެން، އޭރުގެ ބޭނުންތަކަށް ފުދޭވަރަށް އަޅުގަނޑުމެންގެ އިޤްތިޞާދު ކުރިއަށް ގެންދަންޖެހޭ.
އާދެ، އަޅުގަނޑުމެން މަސްވެރިކަން ކުރާގޮތަށް ބަދަލެއް ނުގެނެސް ތިބެއްޖެނަމަ، ވާނެގޮތަކީ އަޅުގަނޑުމެން މަޑުމަޑުން ފައިމަގުގައި ހިނގަހިނގާ ތިއްބައި، އަޅުގަނޑުމެންގެ ކައިރިން އެތައްބަޔަކު ކާރުތަކުގައި ނުވަތަ ބާރަށްދުވާ އެއްޗެތީގައި، ދުނިޔޭގެ އެހެން ޤައުމުތަކުން ކުރިއަށް ހިނގައިދާނެ. ދުނިޔެ އަޅުގަނޑުމެން ދޫކޮށްލާފައި މާކުރިއަށް ހިނގައިދާނެ. އަޅުގަނޑުމެންނަށް ޖެހޭނީ މާފަހަތުގައި ތިބެން. އެހެންވީމާ، ދުނިޔެއާ އެއްވަރަށް ދުނިޔޭގައި މަސްވެރިކަން ކުރާ ޤައުމުތަކުގެ ތެރެއިން ކުދި ޤައުމުތަކާ އެއްވަރަށް ނަމަވެސް، އަޅުގަނޑުމެންނަށް ކުރިއަށްދެވޭ ގޮތެއް ހޯދުމަކީ އަޅުގަނޑު ހިތުން ކޮންމެހެން ކުރަންޖެހޭނެ ކަމެއް. މިހިރީ މަސްވެރިންގެ ދުވަހުގައި އަޅުގަނޑުމެން ޚިޔާލުކުރަން ބޭނުންވާ ކަންތައްތައް. އަދި އޭގެ އިތުރުން، އަޅުގަނޑުމެން ޚިޔާލު އެބަ ކުރަންޖެހޭ. އަޅުގަނޑުމެންގެ އާބާދީ އިތުރުވަމުން ދިޔުމުގެ ސަބަބުންނާއި، އަޅުގަނޑުމެންގެ ދިރިއުޅުމުގެ ފެންވަރު އެއްދުވަހުން އަނެއްދުވަހަށް މައްޗަށް ދިޔުމުގެ ސަބަބުންނާއި، އަޅުގަނޑުމެން ބޭނުންވާ ކަންތައްތަކާއި، އުންމީދުކުރާ ކަންތައްތައްވެސް، އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން ދިޔުމުގެ ސަބަބުން އަޅުގަނޑުމެންނަށް މިހާރު މި ލިބޭ އާމްދަނީން ފަރުޖެއްސޭނެތޯ އެއީވެސް އަޅުގަނޑުމެން ކުރަންވެއްޖެ ސުވާލެއް. އަޅުގަނޑު ހިތުން މިހާރު މި ލިބޭ އާމްދަނީއަކުން އަޅުގަނޑުމެންނަށް މުސްތަޤްބަލްގައި ދެކޮޅެއްނުޖެއްސޭނެ. އަޅުގަނޑުމެންގެ ބޭނުންތައް ދަނީ އިތުރުވަމުން. އަޅުގަނޑުމެން ބޭނުންވޭ، ކުރިންހުރި ފެންވަރަށްވުރެ ރަނގަޅު ފެންވަރަކަށް އަޅުގަނޑުމެންގެ ގެދޮރުގެ ކަންތައްތައް ހުންނަން. އަޅުގަނޑުމެން ބޭނުންވޭ، އަޅުގަނޑުމެންގެ ދަރިންނަށް އެކަށީގެންވާ ތަޢުލީމެއް ދޭން. އަޅުގަނޑުމެން ބޭނުންވޭ، އަޅުގަނޑުމެންނަށް ރަނގަޅު ފެންވަރެއްގައި ބޭސްފަރުވާ ހޯދަން. އަދި މިނޫންވެސް ކިތަންމެ ބޭނުންތަކެއް އަޅުގަނޑުމެންނަށް މި ގެންދެވެނީ އިޙްސާސް ކުރެވެމުން. އެއީ، އެކަން ވާނެވެސްގޮތް. މަޑުމަޑުން ނަމަވެސް ބަޔަކު ތަރައްޤީވަމުންދަންޏާ، އެބައިމީހުން ބޭނުންވާ ކަންތައްތައް އިތުރުވެގެންދާނެ. އެމީހުން އުންމީދުކުރާ ކަންތައްތައްވެސް، އެއްދުވަހުން އަނެއްދުވަހަށް އިތުރުވެގެންދާނެ. އެހެންވީމާ، އެ އުންމީދުތައް ޙާޞިލްކުރުމަށްޓަކައި އިތުރު މަސައްކަތްތައްވެސް ކުރަންޖެހޭ. އެއީ، އަޅުގަނޑުގެ ވާހަކައަކީ.
އަޅުގަނޑުމެންގެ އާބާދީ އިތުރުވަމުންދާ ދިޔުން އެއީވެސް އަޅުގަނޑުމެން މިފަދަ ދުވަހެއްގައި ވިސްނާލަންޖެހޭނެ ކަމެއް. އަޅުގަނޑުމެންގެ އާބާދީ އިތުރުވަމުން މިދަނީ ބިރުގަތުން އެކަށީގެންވާ މިންވަރަކަށް. މި އަހަރުގެ ބޯހިމެނި ހިސާބުން ދައްކާގޮތުންވެސް، އަޅުގަނޑުމެންގެ އާބާދީ އިތުރުވަމުންދަނީ ސަތޭކައަކުން 3.5ގެ ނިސްބަތުން. އެއީ، ދުނިޔޭގެ އެހެން ޤައުމުތަކާ އަޅައިބަލާއިރު، ވަރަށް މަތީ ނިސްބަތެއް.
ހަމައެއާއެކުގައި، އަޅުގަނޑުމެންގެ ޞިއްޙީ ކަންތައްތައް އިޞްލާޙުވަމުން، ރަނގަޅުވަމުން ދިޔުމުގެ ސަބަބުން، ޅަފަތުގައި މަރުވާ ކުދިންގެ އަދަދު، މާތްﷲގެ މިންވަރުފުޅާއެކު މަދުވުމާއި އަދި އަޅުގަނޑުމެންގެ ތެރެއަށް އަންނަ ބަލިމަޑުކަމާއި ރޯގާތައްވެސް ކުރިއަށްވުރެ މަދުވުމާއި، މިކަންތައްތައް މިހެން ދިމާވުމުގެ ސަބަބުން ވާގޮތަކީ ކޮބައިތޯ؟ ވާގޮތަކީ އަޅުގަނޑުމެންގެ ރާއްޖޭގައި އިތުރުވަމުން މިދަނީ ކުޑަކުދިން. ކުޑަކުދިންނަކީ ވަރަށް ބޭނުންތެރި ބައެއް. ކުޑަކުދިންނަކީ އެބައެއްގެ ސަބަބުން ޤައުމަށް އިތުރު ދިރުން ލިބޭނެ ބައެއް. އެހެންނަމަވެސް، ޤައުމެއްގައި ހަރުމީހުންނަށްވުރެ، ކުޑަކުދިން ގިނަވެއްޖިއްޔާ ދެން ވާނެގޮތްވެސް އަޅުގަނޑުމެން ވިސްނާލަންޖެހޭ. މިހާރު އަޅުގަނޑު ހިތުން މިއޮތީ އަޅުގަނޑުމެންނަށް އެހިސާބަށް އާދެވިފައި.
1985 ވަނަ އަހަރުގެ ބޯހިމެނި ހިސާބު، އާދެ، މީގެ ފަސް އަހަރުގެ ކުރީގެ ބޯހިމެނި ހިސާބު ދައްކާގޮތުން، އެ ޢުމުރެއްގެ މީހުން ރާއްޖޭގައި އެންމެގިނަ ޢުމުރަކީ ކޮބައިކަމަށްތޯ؟ އެ ޢުމުރަކީ 16 އަހަރު. މާނައަކީ ރާއްޖޭގައި އެންމެގިނައީ، އެއް ޢުމުރަކަށް ބަލާއިރު 16 އަހަރުގެ ކުދިންނޭ. އެއީ މިގެ ފަސް އަހަރު ކުރި. އެހެންނަމަވެސް، އަޅުގަނޑު ކުރިން މިދެންނެވިފަދައިން، މި ދެންނެވި ގޮތުގެ މަތިން ކުޑަކުދިން ދަނީ އިތުރުވަމުން. އާބާދީ ދަނީ އިތުރުވަމުން. އެހެންވީމާ، މިހާރު އޭގެ ފަސްއަހަރު ފަހުން އެ ޢުމުރެއްގެ ކުދިން، އެ ޢުމުރެއްގެ މީހުން ރާއްޖޭގެ ރައްޔިތުންގެ ތެރެއިން، އެންމެ ގިނަ ޢުމުރަކީ 16 އަހަރަށްވުރެވެސް ދަށްވާނެ. މިހާރު ވެދާނެ 15 އަހަރުކަމަށް. ވެދާނެ 14 އަހަރު ކަމަށް. އެ ހިސާބު އަދި އޮތީ މުޅިން ނުބެލި. ދެން 25 އަހަރަށްވުރެ ދަށުގެ ޢުމުރުގެ މީހުން، އެއީ މިހާރު ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވަރަށް ބޮޑު އަޣްލަބިއްޔަތެއް. މިކަންތައްތައް މިހެން ދާކަމަށްވަންޏާ، މުސްތަޤްބަލްގައި، މިސާލަކަށް، އަޅުގަނޑުމެން މި އާބާދީ އިތުރުވަމުންދާ ދިޔުމަށް ހުއްޓުމެއް ނުގެނެސް، ހަމަ މިދާގޮތަށް ދާކަމަށްވަންޏާ 15 އަހަރު ފަހުން، 20 އަހަރު ފަހުން، އަޅުގަނޑަށް ހީވަނީ އަޅުގަނޑު މިހާރު މިހުރި މަޤާމުގައި ހުންނާނީވެސް 20 އަހަރަށްވުރެވެސް ހަގު ކުއްޖެއްހެން. އަދި ސަރުކާރު ހިންގުމުގެ ބޮޑެތި މަސްއޫލިއްޔަތުތައް އުފުލާނީވެސް 15، 16 އަހަރުގެ ކުދިންހެން. ރާއްޖޭގެ އަޣްލަބިއްޔަތު އޮންނާނީ އެހާ ޅަޢުމުރެއްގެ ބައެއްގެ ގޮތުގައި.
އެހެންވީމާ، ދެން ޤައުމުގެ ކަންތައްތައް ވާނެގޮތާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނާލަން އެބަޖެހޭ. މިހާރުވެސް އަޅުގަނޑުމެންނަށް ދިމާވާ ބައެއް މައްސަލަތައް ދިމާވަނީ، އަޅުގަނޑުމެންގެ ތެރޭގައި ހަރުމީހުންނަށްވުރެ ޅަކުދިންނާއި، ޒުވާނުން ގިނަވުމުގެ ސަބަބުން ކަމަށް ދެކޭ ބަޔަކު އެބަތިބި. ޝައްކެއްނެތް، ހަރުމީހުންނަށް އިތުރު ތަޖުރިބާ ކުރެވިފައި ހުންނާނެ. އެމީހުންގެ ވިސްނުންވެސް ތަންކޮޅެއް ހަރުދަނާވާނެ، އެންމެ ޅަކުދިންނަށްވުރެ. މިއީ ދެން ހުރިހާ އެންމެންވެސް ޤަބޫލުކުރާނެ ޙަޤީޤަތެއް. އެހެންވީމާ، އަޅުގަނޑުމެންގެ ތެރޭގައިވާ ޒުވާނުންގެ ޢަދަދު އަދި އަމުދުން 20 އަހަރަށްވުރެ ހަގު ޢުމުރުތަކުގެ މީހުން ނުވަތަ ކުދިން ގިނަވެއްޖިއްޔާ، ޤައުމުގައި ތަފާތު މައްސަލަތައް ނުކުންނާނެ. ހަރުދަނާ ވަކި އުޞޫލެއްގެ މަތިން ކަންތައްތައް ގެންދިޔުމަށް ދަތިވާނެ. އެކަންތައްތަކާ ދޭތެރޭގައި އަޅުގަނޑުމެން ޖެހޭނެ ވިސްނަން.
އާދެ، އެހެންވީމާ، މި އާބާދީ އިތުރުވަމުންދާ ދިޔުން އެއީ، އަޅުގަނޑު ހިތުން މިއަދު ވަރަށް ސީރިއަސްކޮށް، ވަރަށް ފުންކޮށް އެކަމާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނަންވެއްޖެ ކަމެއް. އެކަން ހުއްޓުވޭނޭ ގޮތެއްވޭތޯ ބަލަންވެއްޖެ. އޭގެ ސަބަބުން، ހަމައެކަނި އަޅުގަނޑުމެންގެ ދިރިއުޅުމުގެ ފެންވަރު ދަށަށްދަނީކީ ނޫން. އެކަމުގެ ސަބަބުން އަޅުގަނޑުމެންނަށް ވަރަށް ބޮޑެތި މައްސަލަތަކެއްވެސް އެބަ ދިމާވޭ. މިސާލަކަށް، ތިމާވެށީގެ މައްސަލަ. މުޅި ދުނިޔޭގެ ނިސްބަތަށް ބަލާއިރުވެސް، ތިމާވެށީގެ މައްސަލަ މިހާބޮޑަށް ދިމާވެގެން މިއުޅެނީ މީހުން ގިނަވުމުގެ ސަބަބުން ކަމަށް ފެނޭ. ދުނިޔޭގައި ދިރިއުޅޭ މީހުންގެ ޢަދަދު މިހާރު ފަސް ބިލިޔަނަށްވުރެ މައްޗަށް ހިނގައްޖެ. އެ ހުރިހާ އެންމެންނަށް ކާބޯތަކެތި ހޯދުމަށްޓަކައި، ވަރަށް ގިނަ ޢަދަދަކަށް ގޮވާންކުރަންޖެހޭ. ދަނޑު ހައްދަންޖެހޭ. ކާބޯތަކެތި އަޅާ ގަސްގަސް އުފައްދަންޖެހޭ. އެކަން ކުރުމަށް ބޮޑެތި ބިޔަ ޖަންގަލިތައް ސާފުކޮށްލަންޖެހޭ. ގަސްގަހާގެހި، ޖަންގަލީގައި ހުންނަ ގަސްގަހާގެހި އެއީވެސް ތިމާވެށި ރައްކާތެރި ކުރުމަށްޓަކައި ވަރަށް ބޭނުންތެރި އެއްޗެއް. އެކަމަކު މީހުންނަށް ކާންދޭން ބޭނުންވާތީ، ގޮވާމަށް، ކާބޯތަކެތި ހެއްދުމަށް ބޭނުންވާތީ، އެތަންތަންވެސް މަޑުމަޑުން އެދަނީ ނެތެމުން. ހަމައެކަނި ގޮވާންކުރުމަކަށް ނޫން. އިޤްތިޞާދީ އެހެން ކަންތައްތައް ކުރުމަށްޓަކައި ނުވަތަ މީހުން ދިރިއުޅުމަށް ގޯތިގެދޮރު އެޅުމަށްޓަކައި ނަމަވެސް، ދަނޑުބިންތައްވެސް މިދަނީ އެއްދުވަހުން އަނެއްދުވަހަށް މަދުވަމުން ދުނިޔޭގައި. މީހުން ގިނަވުމުގެ ސަބަބުން އަޅުގަނޑުމެންގެ ޖައްވު، މީހުންގެ ބޭނުންތައް ގިނަވަމުންދާތީއާ އެކީގައި، ޖައްވު މިދަނީ ނުސާފުވަމުން. ކޯރުތައް ދަނީ ނުސާފުވަމުން. ކަނޑުތައް ދަނީ ނުސާފުވަމުން. ރާއްޖޭގައިވެސް އެހެންވަނީ. މާލެއަށް ވިސްނަވައިލެއްވިޔަސް، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. މާލޭގައި ދިރިއުޅޭ މީހުންގެ ޢަދަދު މިހާރު ފަންސާސް ހަހާހަށް އަރައިފި. މިއަހަރުގެ ބޯހިމެނި ހިސާބު ދައްކާގޮތުން އެއަށްވުރެވެސް މިހާރު ގިނަވާނެކަންނޭނގެ. މި އެންމެން ދިރިއުޅެން ބޭނުންވާ ތަންކޮޅު ވަރަށްކުޑަ. އެކަމުގެ ސަބަބުން ނުކުންނަ ބޮޑެތި އިޖުތިމާޢީ މައްސަލަތައް. އިޖުތިމާޢީ މައްސަލަތައް އެކަންޏެއްނޫން. ސިޔާސީ މައްސަލަތައްވެސް އިނގޭތޯ. ވަރަށް ބޮޑެތި. އެހެން މި ދެންނެވީ، ގޯތި ނުލިބިގެން އުޅޭ ވަރަށް ގިނަ ބަޔަކު އެބައުޅޭ. ޙަޤީޤަތުގައިވެސް ހަމަ ގޯތި ލިބެންޖެހޭކަހަލަ މީހުން. މާލޭ އުފަން، މާލޭގެ ރަށްވެހިން. އަނބިދަރިންތައް ތިބި މީހުން ވަރަށް ދަތީގައި އުޅޭ މީހުން. އެކަމަކު ސަރުކާރުން އެމީހުންނަށް ގޯތިދޭނޭ ތަނެއް ނެތް، މާލެއަކު. އެމީހުންގެ ނުރުހުންތައް، އެމީހުންގެ ހިތުގައި އުފެދޭ ޝުޢޫރުތައް، ސަރުކާރާ ދެކޮޅު ޝުޢޫރުތައް މި އަންނަނީ ސިޔާސީ ބޮޑެތި މައްސަލަތަކަށް ވެގެން. އެހެންވީމާ، އަޅުގަނޑުމެންގެ ތެރޭގައި މީހުން ގިނަވީމާ އަދި ބިންކޮޅު ކުޑަވީމާ، މި ނުކުންނަނީ ހަމައެކަނި އިޖްތިމާޢީ އަދި ޞިއްޙީ މައްސަލަތައް އެކަންޏެއްނޫން. އޭގެ އިތުރުން، ސިޔާސީ މައްސަލަތައްވެސް ނުކުމޭ.
ދެން ތިމާވެށްޓަށް ބަލައިލާއިރުވެސް، ގިނަ މީހުން ތިބީމާ، ގިނަ އެއްޗެތި ކާން ބޭނުންވާނެ. ގިނަ ފެން ބޭނުންވާނެ. ފެން ބޭނުންކޮށްގެންގޮސް، މާލޭގެ ފެން ލޮނުވެގެން ހިނގައްޖެ. ގިނަ ކާބޯތަކެތި ބޭނުންކުރަންޏާ ނުވަތަ ގިނަ އެހެންވެސް ބޭނުންތައް ކުރަންޏާ، އެއިން ނުކުންނަ ކުނިބުނި ގިނަވާނެ. އެ ކުނި އުކާލަންޖެހޭނެ. މާލެއަކު އެ ކުނި އުކާލާނެ ތަނެއްވެސް ނެތް. މި ކަންތައްތައް މިހެން ހުރީމާ އިޖުތިމާޢީ ވަރަށްބޮޑެތި މައްސަލަތަކާއި، ޞިއްޙީ މައްސަލަތަކާއި، ސިޔާސީ މައްސަލަތަކާއި، ތިމާވެށީގެ މައްސަލަތައް އަޅުގަނޑުމެންނަށް ކުރިމަތިވަމުން އެބަދޭ. އެހެން މި ދެންނެވީ، ކުރިންވެސް ދެންނެވިފަދައިން، މިކަންކަން މިހެން ހުރީމާ، އަޅުގަނޑުމެން މުސްތަޤްބަލަށް ވިސްނާއިރު، 20 ވަނަ ޤަރުނުގެ ނިމުމަކަށްދާއިރު، އަދި 21 ވަނަ ޤަރުނާ އަޅުގަނޑުމެން ކުރިމަތިލާއިރު، މިހިރަ ބޮޑެތި މައްސަލަތަކާ ދޭތެރޭގައި އަޅުގަނޑުމެން ވިސްނަންޖެހޭ. އެކަންކަމާ ދޭތެރޭގައި އެކަށީގެންވާ ޙައްލެއް ފެނޭތޯ މަސައްކަތް ކުރަންވާނެ.
އާދެ، މި ދެންނެވި ވާހަކަތަކަކީ، ފަހަރެއްގައި މަސްވެރިންގެ ދުވަހާ މާބޮޑު ގުޅުމެއް ނެތް ކަމަކަށްވެސް ވެދާނެ. އެހެންނަމަވެސް، މަސްވެރިންނަކީ ރާއްޖޭގައި ވަރަށް ބޮޑު ބައެއް، ރާއްޖޭގެ އިޤްތިޞާދުގައި ވަރަށް މުހިންމު ބައެއް އަދާކުރާ ބައެއް. އެމީހުން އެ އަދާކުރާ ބައިގެ ވާހަކަ ދައްކާއިރު، ރާއްޖޭގެ އިޤްތިޞާދާ ބެހޭގޮތުން އެއްޗެއް ބުނަން އެބަޖެހޭ. އިޤްތިޞާދާ ދޭތެރޭގައި ވާހަކަ ދައްކާއިރު، މި ދެންނެވި ކަހަލަ ތަފާތު އެހެން މައްސަލަތަކާ ދޭތެރޭގައިވެސް ކޮންމެވެސް އެއްޗެއް ބުނަން އެބަޖެހޭ. އެގޮތުން، އަޅުގަނޑަށް މި ވާހަކަތައް މި ދަންނަވާލެވުނީ.
އާދެ، މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި، އަދި ދެތިން ވާހަކައެއް އަޅުގަނޑު ދަންނަވާލަން އެބަޖެހޭ. އާދެ، ކުރިން ދެންނެވީ ތަންކޮޅެއް ފިކުރުކުރަންޖެހޭ ކަހަލަ ވާހަކަތަކެއްކަންނޭނގެ. އަޅުގަނޑުމެން ތަންކޮޅެއް ހާސްވާކަހަލަ ވާހަކަތަކެއް ދަންނަވާލަންޖެހުނީ. މިއަދުގެ އަޅުގަނޑުގެ ވާހަކައިގެ ދެން ދަންނަވާލަން އޮތީ، އަޅުގަނޑު ހިތުން ތަންކޮޅެއް ރަނގަޅު ވާހަކަތަކެއް. އޭގެތެރެއިން އެއް ވާހަކައަކީ، މަސްވެރިންގެ އަތުން ރޯމަސް ގަންނަ އަގު، ސަރުކާރުން މިއަދު ކުޑަ ތަންކޮޅެއް އިތުރުކޮށްލަދީފިއޭ. އެހެން ދަންނަވާލުން. އާދެ، މަސްވެރިންގެ އަތުން އެސް.ޓީ.އޯ. އަށް ރޯމަސް ގަންނަ އަގު، ކިލޯއަކުން ފަސްލާރި މިއަދުން ފެށިގެން އިތުރުކުރެވިއްޖެ. އަޅުގަނޑުވެސް އެއްބަސް، ފަސްލާރިއަކީ މާބޮޑު އެއްޗެއް ނޫން. އެހެންނަމަވެސް، އެހެން ހަދަންޖެހުނީ، މީގެ ދޮޅުމަހެއްހާ ދުވަސް ކުރިން. އާދެ، މިދިޔަ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު މަސްވެރިންގެ އަތުން ސަރުކާރަށް މަސްގަންނަ އަގު، ކިލޯއަކުން ފަނަރަލާރި ވަނީ އިތުރުކޮށްދެވިފައި. އެހެންވީމާ، މިއަދު މި އިތުރުކޮށްދެވުނު ބަޔާއި، ކުރިން އިތުރުކޮށްދެވުނު ބަޔާއެކީ، ޖުމްލަ ބަލައިލާއިރު، ގާތްގަނޑަކަށް މަހުގެ އަގު ސަތޭކައަކުން ދިހައެއް މައްޗަށް ގެންދެވިއްޖެ. އެހެންވީމާ، އެކަމުގެ ސަބަބުން އަޅުގަނޑު ހިތުން މަސްވެރިންނަށް އިތުރު ކުރިއެރުމެއް ލިބޭނެ.
ދެން ބަލައިލަން އޮތީ، ތެލުގެ އަގު މި ދޭތެރެއިން ބޮޑުވެގެން ހިނގައްޖެ. އަޅުގަނޑުވެސް އެއްބަސް، ތެލުގެ އަގު ބޮޑުވެގެންދިޔަވަރު، މިއަދު އަޅުގަނޑުމެންނަށް މި އިތުރުކޮށްދެވޭވަރަށްވުރެ ނިސްބަތުން މާބޮޑު. އެހެންނަމަވެސް، ދުވާލެއްގެ މައްޗަށް ވިސްނާއިރު، ދޯންޏަކުން ތެޔޮ ޚަރަދުވާނެވަރާއި، އަދި އެވްރެޖްކޮށް އެ ދޯންޏަށް ބޭނޭނެ މަހުގެ ޢަދަދަށް ބަލާއިރު، މި ދެންނެވި ފަސްލާރި އިތުރުކޮށްދިނީމާ، އަޅުގަނޑު ހިތުން އެ ދޯނީގެ ޚަރަދު ކިތަންމެ ރަނގަޅަކަށްވެސް ދެކޮޅުޖެއްސޭނެ. އެއީ، އެއް ވާހަކައަކަށް ދަންނަވާލަން އޮތީ. އަނެއް ވާހަކައަކަށް ދަންނަވާލަން އޮތީ، ދެންމެ މިނިސްޓަރ އޮފް ފިޝަރީޒްގެ ވާހަކަފުޅުގައިވެސް ވިދާޅުވި، މިހާރު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގައި ރަޖިސްޓަރީކޮށްގެން ދުއްވާ ދޯނިފަހަރު، ކޮންމެ އަހަރަކު 180 ދުވަހު މަހަށް ފުރަންޖެހޭ. އެކަން އޮންނަނީ ވަރަށް ގިނަ ފަރާތްތަކަށް ނުވެފައި. އެ ނުވާން ދިމާވާ ސަބަބުތަކެއްވެސް ހުރޭ. ބައެއް އަތޮޅުތަކުގައި މަސްވެރިކަން ހުންނަގޮތުން އަހަރަކު 180 ދުވަހު މަހަށް ފުރުވާލުމަކީ ވެވޭނެކަމަކަށްނުވޭ. އެހެންނަމަވެސް، ސަރުކާރު ޤަވާޢިދު އެހެން އޮންނާތީ އެމީހުންނަށް މަޖުބޫރުވޭ 180 ދުވަހު ފުރަން. އެ ފުރާއިރު ތެޔޮވެސް އެމީހުންގެ އަތުން ޚަރަދުވެގެންދޭ. އެހެންވީމާ، އެމީހުން އަތުން ޚަރަދު ހިނގާގޮތަށް، އެމީހުންނަށް މަޖުބޫރުވާ ގޮތެއްގައި 180 ދުވަހު ފުރަން އޮތުމުން މަސްވެރިންނަށް ދަތިވާކަން ސަރުކާރަށް މިހާރު އެނގޭތީ، މިއަދުން ފެށިގެން ސަރުކާރުން މިހާރު ޤަސްދުކުރަނީ، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުގައި މަސްވެރިކަން ކުރާ ދޯނިފަހަރުގެ ގޮތުގައި ރަޖިސްޓަރީ ކޮށްގެން ދުއްވާ ދޯނިފަހަރު މަހަށް ފުރަންޖެހޭ ދުވަސް، އަހަރަކު މަހަށް ފުރަންޖެހޭ ދުވަސް، 180 ދުވަހުން 120 ދުވަހަށް ތިރިކުރަން. މިކަމުގައި މިނިސްޓްރީ އޮފް ފިޝަރީޒުން އިންޖީނު ބަހައްޓަވައިދެއްވި ދޯނިފަހަރާއި އަދި މޯލްޑިވްސް ފިޝްވެލްތް އެކްސްޕްލޮއިޓޭޝަން ޕްރޮޖެކްޓްގެ ދަށުން އިންޖީނު ބަހައްޓައިދީގެން މިހާރު ދުއްވާ ދޯނިފަހަރުވެސް ހިމެނޭނެ. އެހެންވީމާ، އަޅުގަނޑު ހިތުން މިކަމުންވެސް މަސްވެރިންނަށް އިތުރު ލުޔެއް ލިބޭނެ.
ދެން ދަންނަވާލަން އޮތް ވާހަކައަކީވެސް، މަސްވެރިކަން ކުރިއެރުވުމަށްޓަކައި ކުރެވޭ ކަމެއްގެ ވާހަކަ. އާދެ، އޮއިވާލި ކަނދުފަތި ހަރުކުރުން އެއީ، މަސްވެރިކަން ތަރައްޤީކުރުމަށްޓަކައި ސަރުކާރުން މިހާތަނަށްވެސް ކުރަމުން އައި މަސައްކަތެއް. އަދި އެ މަސައްކަތުގެ ނަތީޖާ ރަނގަޅުކަމަށްވެސް ވަނީ މިގެކުރިން ދެންނެވިފައި. މިނިސްޓަރުވެސް އެ ވާހަކަ ވިދާޅުވި. އަދި އެ މިނިސްޓްރީން ޤަޞްދުކުރައްވާ ކަމަށްވެސް ވިދާޅުވި، ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައިވެސް އިތުރު ތަންތާނގައި ކަނދުފަތި ހަރުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް. މިހާރަކަށް އައިސް މަސްވެރިންނަށް އިޙްސާސް ކުރެވެން ފަށައިފި، ކަނދުފަތި ހަރުކުރުމުގެ ބޭނުންތެރިކަމުގެ ބޮޑުކަން.
އެހެންވީމާ، ބައެއް ރަށްރަށުން މިހާރު އެބަ އެދޭ، އެމީހުން ޚަރަދު ދިނީމާ ސަރުކާރުން ކަނދުފަތި ހަރުކޮށްދޭން. ސަރުކާރުން މިކަމާ ދޭތެރޭގައި ވިސްނާއިރު ފެންނަނީ އެއީ، ވަރަށް ރަނގަޅު ކަމެއް ކަމުގައި. ރައްޔިތުން ޙިއްޞާކޮށްގެން ކުރާ ކަންތައްތައްވެސް ކުރެވެންވާނެ. އަދި އެމީހުން އަމިއްލައަށް އެދިގެން އެކަން އެ ހުށަހަޅަނީ. އެމީހުންނަށްވެސް އެނގޭ، ސަރުކާރުން ހުރިހާ ތަނެއްގައި އެކަހަލަ ކަންތައްތަކެއް ކޮށްދެވޭކަށް ނޯންނާނެކަން. އެހެންވީމާ، އެމީހުން އަމިއްލައަށް އެ ހުށަހެޅި ހުށަހެޅުން ވަރަށް އުފަލާއެކު ސަރުކާރުން ޤަބޫލުކުރާ ވާހަކަ އަޅުގަނޑު މިއަދު ދަންނަވާލަން.
އަދި އެގޮތަށް އެދޭ ތަންތާނގައި، ސަރުކާރުން އިރާދަކުރެއްވިއްޔާ ކަނދުފަތި ހަރުކޮށްދޭނެ. އެހެންނަމަވެސް، އެ ކަނދުފަތި ހަރުކޮށްދޭއިރު، އޭގެކުރިން އެ ކަނދުފަތި ޑިޒައިން ކުރުމާއި، އެ ހަރުކޮށްދިނުމާއި އަދި އެއިން އެހެން ރަށްރަށުގެ މަސްވެރިންނަށްވެސް ބޭނުންކުރެވޭގޮތަށް އޮތުމާއި، މި ކަންތައްތައް އެގޮތަށް ބާއްވަން ސަރުކާރަށް ފެނޭ. އެހެން ނޫނީވިއްޔާ ތަފާތު މައްސަލަތައް ނުކުންނާނެތީ. އާދެ، މިކަމުގެ ސަބަބުންވެސް މަސްވެރިކަމަށް އިތުރު ދިރުމެއް އަންނާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.
ކޮންމެއަކަސް، އަޅުގަނޑުގެ ވާހަކަވެސް ތަންކޮޅެއް ދިގުވެގެން ހިނގައްޖެކަންނޭނގެ. އެހެންނަމަވެސް، ދުވަހުގެ މުހިންމުކަން ބޮޑުކަމުން އަދި މިފަދަ ދުވަހެއްގައި އަޅުގަނޑުމެން ޚިޔާލުކޮށްލަން ބޭނުންވާ ކަންތައްތައްވެސް ގިނަކަމާއި، އެ ކަންތައްތަކުގެ މުހިންމުކަން ބޮޑުކަމުން، އަޅުގަނޑުގެ ވާހަކަ ތަންކޮޅެއް ދިގުކުރެވުނީ. އެކަމަށްޓަކައި މަޢާފަށް އެދެމުން، އަދިވެސް އެއްފަހަރު، ދިވެހިރާއްޖޭގެ މަސްވެރިންނަށް އިޚްލާޞްތެރި ތަހުނިޔާއާއި، މުބާރަކްބާދީ، ރައްދުކުރަމުން އަދި މަސްވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށް، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ، އެތާނގެ މިނިސްޓަރ އަލްފާޟިލް ޢައްބާސް އިބްރާހީމަށް އަދި އޭނާގެ ބެއްލެވުމުގެ ދަށުން އެ މިނިސްޓްރީގެ ތަފާތު ބައިތަކުގައި މަސައްކަތް ކުރައްވާ ވެރިންނަށާއި، މަސައްކަތް ކުރައްވާ ހީވާގި މުވައްޒަފުންނަށް އަދި ހަމަ އެއާއެކީގައި، އެސް.ޓީ.އޯ.ގެ ކަމާބެހޭ ދާއިރާތަކުގެ ވެރިންނަށާއި، މުވައްޒަފުންނަށް އެމް.ޓީ.ސީ.ސީ.ގެ ކަމާބެހޭ ވެރިންނަށާއި މުވައްޒަފުންނަށް، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއާއި، އެން.އެސް.އެސް.ގެ ކަމާބެހޭ ވެރިންނަށާއި މުވައްޒަފުންނަށް އަދި ޢާންމުކޮށް ދިވެހި ރައްޔިތުންނަށް މިއަދުގެ މުނާސަބަތުގައި އިޚްލާޞްތެރިކަމާއެކު ހިތްހެޔޮކަމާއެކީގައި ތަހުނިޔާއާއި މުބާރަކްބާދީ ދަންނަވަމުން، އަޅުގަނޑުގެ ވާހަކަކޮޅު ކުރުކޮށްލާނީ.
والسّــلام عليــكم ورحـمــة اللّـه وبـركاتـه.
އާދެ، ވަރަށްބޮޑަށް މަޢާފް އެދެން. އެހެންނަމަވެސް، އަޅުގަނޑު ވާހަކަ ދެއްކިއިރު، ވަރަށް މުހިންމު ނުކުތާއެއް ހަނދާންނެތިފައި އޮތީމާ، ހަމަ ކޮންމެހެން ދަންނަވާލަން ޖެހޭނެތީ އަދި އެއްފަހަރު މިތަނަށް އައިސް މި ހުއްޓުނީ. އަޅުގަނޑު އެ ނުކުތާ ވަނީ ނޯޓުވެސް ކޮށްފައި. އެހެންނަމަވެސް، ދެންމެ ވާހަކައިގެ ތެރޭގައި، އެއް ޚިޔާލަކުން އަނެއް ޚިޔާލަކަށް ސިކުނޑި ދަތުރުކުރަމުން ދިޔުމުގެ ތެރޭގައި އެކަންތައް ހަނދާން ނެތިގެންދިޔައީ.
އާދެ، މަސްވެރިކަން، ރާއްޖޭގެ މަސްވެރިކަން ތަރައްޤީކޮށް ކުރިއެރުވުމުގައި ވަރަށް މުހިންމު ޙިއްޞާއެއް އަދާކުރާ ބައެއްގެ ވާހަކަ އަޅުގަނޑަށް ނުދެންނެވި ދިޔައީ. އެހެންވީމާ، އަޅުގަނޑު މިތަނަށް އައިސް މި ހުއްޓުނީ. އެބަޔަކީ، އަމިއްލަ ވިޔަފާރިވެރިން، އަމިއްލަ މަސައްކަތްތެރިން. މިނިސްޓަރުގެ ވާހަކަފުޅުގައިވެސް ވިދާޅުވިފަދައިން، މިހާރު ޕްރައިވެޓް ސެކްޓަރުން އެކްސްޕޯޓް ކުރާ މަހުގެ ޢަދަދުވެސް ކުރިއަށްވުރެ ވަރަށް ބޮޑުތަން އިތުރުވެގެން ހިނގައްޖެ. އެއީ، ސަރުކާރުން ހަމަޖައްސައިދިން އުޞޫލެއްގެ ދަށުން. އެމީހުންނަށް ކުރިން ނުކުރެވޭ ބާވަތުގެ މަސް، މިހާރު އޮތީ އެކްސްޕޯޓް ކުރެވޭގޮތަށް ހަމަޖެހިފައި. އެކަން އެހެން އޮތުމާއެކުގައި، އެމީހުންގެ ބުރަ މަސައްކަތުން ރާއްޖޭގެ އިޤްތިޞާދަށް ރަނގަޅު ދިރުމެއް އެބަ ލިބޭ. އެއީ، ރާއްޖެއިން ބޭރުކުރާ މަހުގެ ޢަދަދު އިތުރުވެގެން ދިޔައިމާ. އަދި އޭގެ އިތުރުން، މަސްވެރިކަމުގެ މަސައްކަތްކުރާ އަމިއްލަ ފަރާތްތަކުން މަސްވެރިކަމުގެ އިތުރު މަސައްކަތްތައްވެސް ކުރަން މިހާރު ފަށައިފި. މިސާލަކަށް، އިހީގެ މަސައްކަތް. އެއީ، ކުރިން ނުކުރެވޭ މަސައްކަތެއް. އާ މަސައްކަތެއް. ގާހަކައިގެ މަސައްކަތް. ފަރުމަސްވެރިކަމުގެވެސް ތަފާތު މަސައްކަތްތައް. އެގޮތަށް ގޮސް މިހާރު އަލަށް ކުރެވޭ އެކިއެކި މަސައްކަތްތައް އެބަހުރި. އެ މަސައްކަތްތަކުގެ ސަބަބުންވެސް ރާއްޖޭގެ އިޤްތިޞާދަށް އިތުރު ކުރިއެރުން ލިބެމުން އެބަދޭ. އަނެއްކާ އެއް ދުވަހުން އަނެއް ދުވަހަށް، މަސްވެރިކަމުގެ ދާއިރާ މިދަނީ ފުޅާވަމުން.
އެހެންވީމާ، ރާއްޖޭގެ ޕްރައިވެޓް ސެކްޓަރުން މަސްވެރިކަން ތަރައްޤީކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތް ފާހަގަކޮށް، އިޚްލާޞްތެރިކަމާއެކު އެފަރާތްތަކަށްވެސް ޝުކުރާއި ތަޢުރީފު ރައްދުކުރުމަކީ، މިއަދު އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަދި އެފަރާތުން އިތުރަށް މަސްވެރިކަމުގެ ދާއިރާގައި މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތައް ތަރައްޤީވަމުންދާތީއާއި، އެކްސްޕޯޓް އިތުރުވަމުންދާތީ، އެފަރާތަށް ޝުކުރު ދެންނެވުމާ އެކުގައި، މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި، މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ އަމިއްލަ ހުރިހާ ފަރާތްތަކަށްވެސް އިޚްލާޞްތެރިކަމާއެކު މަރްޙަބާ ދަންނަވަމުން، އަޅުގަނޑުގެ ވާހަކަކޮޅު، ދެން އަޅުގަނޑު ޔަޤީންކުރާގޮތުގައި، އެންމެފަހު ފަހަރަށް މިއަދު މި ނިންމާލަނީ.
والسّــلام عليــكم.