بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين، وَالصّـلاة وَالسّلام علـى خاتم الأنبياء والمرسلين، وَعلـى آلـه وَصَحْبِـهِ أجمـعـين.

އާދެ، މަދްރަސަތުލް އިސްލާމިއްޔާގެ އާ ޢިމާރާތް ހުޅުވައިދިނުމަށް އަޅުގަނޑުގެ ކިބައިން އެދިވަޑައިގެންނެވި ކަމަށްޓަކައި މަދަރުސާގެ މުދީރު އައްޝައިޚް ޙަސަން ލަޠީފް މޫސާއަށާއި، މަދަރުސާގެ މަސްއޫލުވެރިޔާ އަލްފާޟިލް މުޙައްމަދު އަޙްމަދުދީދީއަށާއި، މަދަރުސާގެ ހިންގުންތެރިންނަށް އިޚްލާސްތެރި ކަމާއެކު ޝުކުރު ދަންނަވަން.

އަލްމަދްރަސަތުލް އިސްލާމިއްޔާގެ އާ ޢިމާރާތް ހުޅުވައިދިނުމަކީ، އަޅުގަނޑަށް މިއަދު ލިބުނު ވަރަށްވެސް ބޮޑު އުފަލެއް. އަޅުގަނޑުގެ ހަނދާނަށް އަންނަނީ، 1979 ވަނަ އަހަރުގެ މާޗް މަހުގެ 1ވަނަ ދުވަސް. އެދުވަހު ހެނދުނު 7 ޖެހިއިރު ނ. އަތޮޅު މަނަދޫގައި ސަރުކާރުގެ މަދަރުސާއެއް ހުޅުވައިދިނުމުގެ އުފާ އަޅުގަނޑަށް ލިބުނު. އެދުވަހުގެ ހަވީރު ހަތަރުގަޑި ބައިގައި ހދ. ކުޅުދުއްފުށީ ތަޢުލީމީ މަރުކަޒު ހުޅުވައިދިނުމުގެ އުފާވެސް އަޅުގަނޑަށް ވަނީ ލިބިފައި. މިއީ، އަޅުގަނޑުގެ ޙަޔާތުގައި މިގޮތަށް އައި ދެވަނަ ދުވަސް. ކުރިން މިދެންނެވި ފުރަތަމަ ދުވަހު، އެއް ދުވަހެއްގައި ދެ މަދަރުސާއެއް ހުޅުވައިދިނުމުގެ އުފާ ލިބުމަކީ ވަރަށްވެސް ނާދިރުކަމެއް. ހަމަ އެހާމެ ބޮޑު ޝަރަފެއް ކަމުގައި އަޅުގަނޑު ދެކެނީ. އެހެންކަމުން، މިއަދު މިއުފާ އަޅުގަނޑަށް ޙާޞިލްވުމަށް މިންވަރުކުރެއްވި ކަމަށްޓަކައި اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވަން.

އާދެ، މިއަދު އައްޑުއަތޮޅުގައި މި ފާހަގަވެގެންދަނީ ވަރަށް މުހިންމު ދެ ކަމެއް. އެއްކަމަކީ، މިއަދު ހެނދުނު އެ ހުޅުވުނު ސަދަން ރީޖަނަލް ސްކޫލް ހުޅުވުން. ދެވަނަކަމަކީ އަލްމަދްރަސަތުލް އިސްލާމިއްޔާގެ އާ ޢިމާރާތް ހުޅުވުން. މި ދެ ތަޢުލީމީ މަރުކަޒުގެ ފަރާތުން މިއަތޮޅުގެ ރައްޔިތުންނަށް، މިއަތޮޅަށް އަދި ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ވަރަށް ފައިދާހުރި ޚިދުމަތްތަކެއް ލިބިގެންދާނެކަމާ ދޭތެރޭގައި އަޅުގަނޑު ޝައްކެއްނުކުރަން.

އަލްމަދްރަސަތުލް އިސްލާމިއްޔާ ޤާއިމުކުރެއްވީ، އަމިއްލަ ފަރާތްތަކުން ވަރަށް ބޮޑެތި ޚަރަދުތަކެއް ކުރައްވައިގެން. މި މަދަރުސާގެ އެކިއެކި ކަންތައްތަކުގެ ވާހަކަ، މާލޭގައި ހުރިއިރު އަޅުގަނޑު އަހަން. އަދި މަދަރުސާގެ ފަރާތުން ބައެއް ކަންތައްތަކަށް އެދިވަޑައިގެން، އަޅުގަނޑަށް ލިޔުއްވުމުންވެސް، މިމަދަރުސާގެ ކަންތައްތައް ހުރިނެތްގޮތް އަޅުގަނޑަށް ދިޔައީ ކޮންމެވެސްވަރަކަށް އެނގެމުން. އެހެންނަމަވެސް، މިއަދު މިރަށަށް އައިސް، މިތަން ދުށުމުން މެނުވީ، މި މަދަރުސާގެ ހިންގުންތެރިންނާއި، މިމަދަރުސާގެ ކަންތައްތައް ގެންދަވާ ބޭފުޅުން އެކުރައްވާ މިންނެތް މަސައްކަތް، އެއްގޮތަކަށްވެސް އަޅުގަނޑަކަށް ތަޞައްވުރު ކުރެވިފައެއް ނެތް. ޝައްކެއްނެތް، އެބޭފުޅުން އެކުރައްވަނީ ވަރަށް މަތިވެރި ޚިދުމަތެއް. އެބޭފުޅުން އިސްނަންގަވައިގެން މިކަން މިހެން ގެންދަވާކަން އަޅުގަނޑު ވަރަށް އުފަލާއެކު ފާހަގަކުރަން. އަޅުގަނޑުމެންގެ ރާއްޖެފަދަ ތަނެއްގައި އަމިއްލަ ފަރާތްތަކުގެ މިބާވަތުގެ މަޝްރޫޢުތައް ކުރިއަށް ގެންދިޔުމަކީ ވަރަށް މުހިންމު ކަމެއް.

ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ސަރުކާރުން ޚަރަދުކޮށްގެން ހުރިހާ ކަމެއް ނުކުރެވޭނެ. ސަރުކާރުން މިހާރުވެސް ވަރަށްގިނަ މަދަރުސާތަކެއް ހިންގާ. ސްކޫލްތަކެއް ޢިމާރާތްކުރޭ. އެހެންނަމަވެސް، ތަނަވަސްކަމުގެ އަހުލުވެރިން ފައިސާ ޚަރަދު ކުރައްވައިގެން އަމިއްލަ ފަރާތްތަކުންވެސް މިފަދަ މުހިންމު މަސައްކަތްތައް ކުރެއްވުމަކީ، ޝައްކެއްނެތްގޮތުގައި، އަޅުގަނޑުމެންގެ ޤައުމަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމެއް. އެހެންކަމުން، މިފަދަ މުހިންމު، މާތް އަދި ބަރަކާތްތެރި މަސައްކަތެއް، އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާކަމަށްޓަކައި، މިކަން ކުރައްވާ ހުރިހާ ފަރާތްތަކަށް، އަދި މިކަމުގައި ފައިސާގެ ގޮތުންނާއި، އެހެނިހެން ގޮތްގޮތުން އެހީތެރިވެދެއްވާ ހުރިހާ ފަރާތްތަކަކަށްވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

މި މަދަރުސާގެ މަޤްޞަދަކީ ވަރަށް މާތް މަޤްޞަދެއް. މާތްވެގެންވާ އިސްލާމްދީން ރައްކާތެރިކުރުން. އެ މަޤް ޞަދު އެއީ، ހަމައެކަނި މި މަދަރުސާގެ މަޤްޞަދެއް ނޫން. އެއީ، ދިވެހި ސަރުކާރުގެވެސް މަޤްޞަދު. ދިވެހި ރައްޔިތުންގެވެސް މަޤްޞަދު. އެ މަޤްޞަދު ޙާޞިލް ކުރުމަށްޓަކައި ސަރުކާރުންވެސް ތަފާތު މަސައްކަތްތައް މިގެންދަނީ ކުރަމުން. އެކަމުގެ ތަފްޞީލުތައް ތިޔަބޭފުޅުންނަށް ނުދެންނެވި ކަމުގައިވިޔަސް، އިސްލާމްދީނުގެ ކަންތައްތައް ކުރިއަރުވައި، ދީނީ ކަންތައްތައް ރައްކާތެރިކޮށް، ދީނުގެމަގަށް މީހުން ލެންބުމަށް ސަރުކާރުން ކުރާ މަސައްކަތްތައް ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ.

ޝައްކެއްނެތް. އަޅުގަނޑުމެންނަށް ލިބިފައިވާ އެންމެ މާތް، އެންމެބޮޑު ނިޢުމަތަކީ، މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތު. އެ ނިޢުމަތް އަޅުގަނޑުމެންނަށް ދެއްވި ކަމަށްޓަކައި އަބަދާއިއަބަދު އަޅުގަނޑުމެން އެ ނިޢުމަތުގެވެރި އަދި ހުރިހާ ނިޢުމަތްތަކެއްގެވެރި اللهُ سُبْحَانَهُ وَتَعَالَىއަށް ޙަމްދާއި ޝުކުރު ދަންނަވަންޖެހޭ. އަދި އެ ނިޢުމަތް އަޅުގަނޑުމެންނަށް ދެއްވި ކަމަށްޓަކައި ޝުކުރު ދެންނެވުމަކީ، ހަމައެކަނި އަޅުގަނޑުމެންގެ ދުލުން ބުނާ ބަހަކަށް ހަދައިގެންނެއް ނުވާނެ. އަޅުގަނޑުމެން ޝުކުރުވެރިވާން ޖެހޭނީ އަޅުގަނޑުމެންގެ ޢަމަލުން. އެއީ، މާތްވެގެންވާ އިސްލާމްދީނުގެ ފަރުޟުތަކަށް ރައްކާތެރިވުމާއި، އެ ދީނުގައި ނަހީކުރައްވާފައިވާ ކަންތައްތަކުން ދުރުހެލިވުމާއި، އެ ދީނުގައި އަޅުގަނޑުމެންނަށް ދައްކަވާފައިވާ ރީތިމަގުން ހިނގުން. ހުރިހާ ކަމެއްގައިވެސް. އެއީ، ހަމައެކަނި ވަކި ކަމެއްގައެއް ނޫން.

އާދެ، އިސްލާމީ ތަޢުލީމުދޭ މަރުކަޒުތަކެއް ރާއްޖޭގައި ހުރުމަކީ ވަރަށް މުހިންމު ކަމެއް. ރާއްޖެފަދަ އިސްލާމީ ޤައުމެއްގައި އެކަން އޮންނަންވާނީވެސް އެހެން. ރާއްޖެ ފިޔަވައި ދެންހުރި އިސްލާމީ ޤައުމުތަކުގައިވެސް އެކަންތައްތައް އެހެން ކުރަމުންގެންދޭ. އެހެންނަމަވެސް، އެހެން ޤައުމުތަކާ އަޅުގަނޑުމެންނާ ހުރި ތަފާތަކީ، އެހެން ޤައުމުތަކަކީ އަޅުގަނޑުމެންނަށްވުރެ މާބޮޑެތި، ފައިސާގެ ގޮތުން މާތަނަވަސް ޤައުމުތަކަކަށްވާކަން. އެހެންނަމަވެސް، އަޅުގަނޑުމެންގެ ތެރޭގައިވެސް މިހާރަކަށްއައިސް ފައިސާ ޚަރަދުކުރުމުގެ ޤާބިލިއްޔަތު ލިބިފައިވާ ބަޔަކު ތިބުމާއެކު، އެބައިމީހުންގެ ފައިސާއިން މިކަހަލަ މާތް މަޤްޞަދެއްގައި ޚަރަދުކުރާކަން އެއީ، ޝައްކެއްނެތްގޮތުގައި ވަރަށް އުފާކުރުން ޙައްޤު ކަމެއް.

އާދެ، އިސްލާމީ ތަޢުލީމު އެއީ ކޮން އެއްޗެއްތޯ، ކިތަންމެ ކުޑަކޮށް ނަމަވެސް ބަލައިލާން އެބަޖެހޭ. އިސްލާމީ ތަޢުލީމަކީ، ހަމައެކަނި ދީނިއްޔާތެއް ނޫން. އާދެ، ނަމާދުކުރުން، ރޯދަހިފުން، ޙައްޖުވުން، ޒަކާތްދިނުން. މިކަންކަން ކުރާނެމަގު ދަސްކުރުން އެކަންޏެއްނޫން. ޙަޤީޤަތުގައި އިސްލާމްދީނަކީ، މީހުން ދިރިއުޅެން އޮތް މިންހާޖު ނުވަތަ މަންހަޖު. އެ މަންހަޖުގައި ހުރިހާ ކަމެއްވަނީ ޝާމިލްވެފައި. އޭގެތެރެއިން ވަރަށް މުހިންމު ބައިތަކެއް އަޅުގަނޑު މިދެންނެވީ. ދީނުގެ ފަރުޟުތައް. ހަމައެއާއެކީގައި، ކުރިއަށް ދިޔުމަށްޓަކައި މަސައްކަތްކުރުންވެސް ވަނީ ދީނުގައި އަމުރުކުރައްވާފައި، އަންގަވާފައި. މުސްލިމުން ވާންޖެހޭނީ ޢިއްޒަތްތެރި ބަޔަކަށް. އަބުރުވެރި ބަޔަކަށް. ކުރިޔަށް ގޮސްފައިވާ ބަޔަކަށް.

އެހެންވީމާ، އަޅުގަނޑުމެން އިސްލާމީ ތަޢުލީމޭ ބުނާއިރު އެއީ، ހަމައެކަނި ވަކިކަހަލަ މާއްދާތަކެއް ކިޔެވުން ނުވަތަ ދަސްކުރުން ކަމުގައި ޤަބޫލުކޮށްގެން ނުވާނެ. އަޅުގަނޑުމެންގެ ތާރީޚަށް ވިސްނާއިރުވެސް، މިދެންނެވި ބަހުގެ މިސާލުތައް ތިޔަބޭފުޅުންނަށްވެސް ހަނދުމަފުޅަށް ގެންނެވޭނެ. އާދެ، އިސްލާމީ ޢިލްމުވެރިންގެ ތެރޭގައި، ދުނިޔޭގެ ތަފާތު ޢިލްމުތަކުގައި ފައިތިލަ ސާބިތުކުރައްވާފައިވާ، ފުންނާބުއުސް ކިތަންމެ ބޭފުޅުންނެއް އެބަ ތިއްބެވި. އާދެ، ޖާބިރު ބިން ޙައްޔާން، އިބްނުލްހައިޘަމް، އަލްބައިރޫނީ، އިބްނުސީނާ. މިހެންގޮސް ވަރަށްގިނަ ނަންތަކެއް އަޅުގަނޑަށްވެސް ދެންނެވިދާނެ. ތިޔަބޭފުޅުންވެސް ދެނެވަޑައިގަންނަވާނެ. އެބޭފުޅުން ޢިލްމުގެ ތަފާތު ރޮނގުތަކުގައި ވަނީ ވަރަށްގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައި. އޭގެތެރޭގައި، މިހާރު އަޅުގަނޑުމެން މިކިޔަވާ، މިއަދު މި ހުޅުވުނު ސެކަންޑްރީ ސްކޫލްގައިވެސް ކިޔަވައިދޭނެ މާއްދާތަކުގެ ތެރޭގައިވެސް ހިމެނޭ ފިޒިކްސް، ކެމިސްޓްރީ، މެތަމެޓިކްސް، ބަޔޮލޮޖީ، މި މާއްދާތަކުގައިވެސް އެކިއެކި ހޯދުންތައް ހޯއްދަވާފައިވާ ވަރަށްގިނަ އިސްލާމީ ޢިލްމުވެރިން މީގެކުރިން ގޮސްފައިވޭ. އަދި މީގެތެރެއިން ބައެއް ޢިލްމުތަކަކީ އަޅުގަނޑަށް ދަންނަވަންޖެހެނީ، އިސްލާމީ ޢިލްމުވެރިން ކުރައްވާފައިވާ މަސައްކަތްތަކެއްގެ މައްޗަށް ބިނާކޮށް، މިޒަމާނުގެ ސައިންޓިސްޓުން ނުވަތަ ފަހަކަށްއައިސް މިވޭތުވެދިޔަ ތާނގައި ޤައުމުތަކުގެ ސައިންޓިސްޓުން ބިނާކޮށްފައިވާ ޢިލްމުތަކެކޭ. މި ހުރިހާ އުންމަތެއްގެވެސް ފެށުންއޮތީ މުސްލިމް ޢިލްމުވެރިންގެ އަތްޕުޅުމަތީގައި. އޭގެތެރޭގައި، ޑަކްޓަރީކަން ދެނެވަޑައިގަންނަވާ ބޭފުޅުން، މީހުންނަށް ބޭސްކޮށްދެއްވާ ބޭފުޅުން، އިބްނުސީނާ ކަހަލަ މަޝްހޫރު ބޭފުޅުންވޭ. އަދި ތަފާތު ޢިލްމުގެ ސައިންސްގެ އެހެން ރޮނގުތަކުގައި ކުރިއެރުން ހޯއްދަވާފައިވާ ކިތަންމެ ބޭފުޅުންނެއްވެސްވޭ.

އެހެންވީމާ، މިއަދު އަޅުގަނޑުމެން ވިސްނަންވީ، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނަކީ ތަރައްޤީއަށް ގޮވާލާ ދީންކަން. އެހެންވީމާ، އަޅުގަނޑުމެން ހުރިހާ ރޮނގަކުންވެސް ތަޢުލީމު ޙާޞިލްކުރަން ޖެހޭނެކަން. އެއީ، ތަޢުލީމު ޙާޞިލުކޮށްގެން ނޫނީ ކުރިއަށް ދެވެން ނޯންނާނެތީ. މުސްލިމުންނަކީ ޢިއްޒަތްތެރި، އަބުރުވެރި، ޤަދަރުހުރި ބަޔަކަށްވާންޖެހޭ. ނިކަމެތި ބަޔަކަށް ވެގެންނެއް ނުވާނެ. އަޅުގަނޑުމެންނަކީ ޢިއްޒަތްތެރި، އެ ނުކުތާ މިއަދު އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ. މި މަދަރުސާއިންވެސް އެކުރައްވާ ޚިދުމަތަކީ، ވަރަށް މުހިންމު ޚިދުމަތަކަށްވާއިރު، އެއާއެކުއެކީގައި އަޅުގަނޑުމެން އެނޫން އެހެން ރޮނގުރޮނގުންވެސް ޚިދުމަތްކުރަން އެބަޖެހޭ. އަދި އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނަކީ، ތަސާމުޙުގެ ދީން. އާދެ، އޭގެ މާނައަކީ، އަޅުގަނޑުމެންގެ ތެރޭގައި އެއްވެސްކަހަލަ ތަޢައްޞުބެއް އޮވެގެނެއް ނުވާނެ. ދީނީގޮތުންވެސް، މަޛްހަބީ ގޮތުންވެސް، އެނޫން ގޮތްގޮތުންވެސް މުސްލިމުންނަކީ އަޚުން. އެއްބަނޑުއެއްބަފާ ބައެއް.

އެހެންވީމާ، އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭނީ، އެ އެއްބަނޑުއެއްބަފާކަމުގެ ގުޅުން. އުޚުއްވަތްތެރިކަމުގެ މާތް އުޞޫލު. އެއީ، އިސްލާމްދީން ބާރުއަޅާގޮތަކީ. އިސްލާމްދީނުގެ ތަސާމުޙް އަޅުގަނޑުމެން ޤަބޫލުކޮށްގެން، އެ ދީނުގައި އަންގަވާފައިވާ ގޮތަށް. ރީތި، މަޑުމައިތިރި، ހަރުދަނާ އުޞޫލުން ހުރިހާ ކަމެއް ކުރުމަށް އަޅުގަނޑުމެންވެސް ސަމާލުކަން ދޭންޖެހޭނެ.

އާދެ، ވަގުތުގެގޮތުން މާދިގު، ގިނަ ވާހަކައެއް ދެއްކޭކަށް ނެތް. އެހެންނަމަވެސް، އަދިވެސް އެއްފަހަރު، މިއަދު މި މަދްރަސަތުލް އިސްލާމިއްޔާގެ އާ ޢިމާރާތް ހުޅުވައިދިނުމުގެ ސަބަބުން، އަޅުގަނޑަށް ލިބުނު، އިޙްސާސް ކުރެވުނު މަތިވެރި އުފަލުގެ ވާހަކަ ދަންނަވާލަމުން، އަދި މިއުފާ އަޅުގަނޑަށް ޙާޞިލްކޮށްދެއްވި މަދަރުސާގެ މުދީރު އައްޝައިޚް ޙަސަން ލަޠީފް މޫސާއަށާއި، މަދަރުސާގެ ހިންގުންތެރިންނަށާއި، މަސްއޫލުވެރިންނަށް ޝުކުރު ދަންނަވަމުން އަދި މި މަދަރުސާއަށް އެއްދުވަހުން އަނެއްދުވަހަށް ތަރައްޤީއާއި، ކާމިޔާބަށް އެދެމުން، އަދި މަދަރުސާގެ ދަރިވަރުންނަށް އުފާވެރި، ފައިދާހުރި ދުވަސްތަކަކަށް އެދެމުން އަޅުގަނޑު ވަކިވެލާނަން.

والسّلام عليكم ورحمـة اللّـه وبر كاته.