بســم اللّـه الرّحمـن الرّحيــم

الحمـد للّـه ربّ العـالمـين، والصّـلاة والسّـلام عـلى أشـرف المرسـلين، سيّدنا محـمَّدٍ وعلى آلـه وصحـبه أجمعـين.

އާދެ، ފުވައްމުލަކަށް ޒިޔާރަތްކުރުމަކީ އަޅުގަނޑަށް އަބަދުވެސް ލިބޭ ވަރަށްބޮޑު އުފަލެއް. މިއަދު، އަޅުގަނޑު މިރަށަށް މިއައި އައުމަކީ، މިރަށުގެ ލޮބުވެތި ރައްޔިތުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، އައްޑުއަތޮޅަށާއި ފުވައްމުލަކަށް އަޅުގަނޑު ކުރާ ދަތުރެއްގައި އައި އައުމެއް. އަޅުގަނޑު އައްޑުއަތޮޅަށް ޒިޔާރަތްކުރީ، އެންމެ ޚާއްޞަގޮތެއްގައި، އެ އަތޮޅު ހިތަދޫގައި ހުޅުވުމަށް ހަމަޖެހިފައިވާ ސަދަން ސެކަންޑަރީ ސްކޫލް ހުޅުވައިދިނުމަށްޓަކައި. ހަމައެއާއެކުގައި، އެއަތޮޅުގެ މީހުން އުޅޭ ރަށްރަށަށް ޒިޔާރަތްކުރުމުގެ ބޭނުމުގައި.

މިފަހަރު އަޅުގަނޑުގެ ދަތުރު ރޭވިފައިވާ ގޮތަކީ، އައްޑުއަތޮޅުގެ ބައެއް ރަށްރަށަށް ޒިޔާރަތްކުރުމަށްފަހު، ފުވައްމުލަކަށް އަންނަގޮތަށް. ފުވައްމުލަކުން ނިމިގެން އިރާދަކުރެއްވިއްޔާ މިއަދު އަޅުގަނޑު ދާނީ އައްޑުއަތޮޅުގެ އިތުރު ދެ ރަށަކަށް. އެއީ، ހުޅުދުއާއި މީދޫ. އަޅުގަނޑު މިރަށަށް އަންނަގޮތަށް ހަމަޖެހިފައިވުމާއެކު، މިރަށުގެ ރައްޔިތުން އަދި މިރަށުގެ ވެރިން އަޅުގަނޑުގެ މި ޒިޔާރަތަށްޓަކައި މިރަށް ތައްޔާރުކުރައްވާފައިވާލެއް ފުރިހަމަކަމަށްޓަކައި ރަށުގެ ވެރިންނަށާއި އަދި އަތޮޅުއޮފީހުގެ އިސް މުވައްޒަފުންނަށާއި، ރަށުގެ ޢާންމު ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. އަޅުގަނޑު ދެކޭގޮތުގައި، މިއަދުގެ މި ޒިޔާރަތަށް ފުވައްމުލައް ތައްޔާރުވެފައި ވަނީ ވަރަށް ފުރިހަމަގޮތެއްގައި.

ދެންމެ އަތޮޅުވެރިޔާގެ އިސްއެހީތެރިޔާ އަލްފާޟިލް ޙުސައިން ޝަރީފްގެ ވާހަކަފުޅުގައި ވިދާޅުވިފަދައިން، އަޅުގަނޑު މިރަށަށް އަންނަކަން އެނގިވަޑައިގެންނެވިލެއް ފަސްކަމުން، މާގިނަ ކަންތައްތަކެއް ނުކުރެއްވޭ ކަމުގައި އޭނާ ވިދާޅުވިޔަސް، މިބާވަތުގެ ގިނަ ކަންތައްތަކެއް، އެއްވެސް ރަށެއްގެ ރައްޔިތުން ކުރެއްވުމަކީ، އަޅުގަނޑު އެދޭ ކަމެއް ނޫން ކަމުގައި މީގެ ކުރިންވެސް ވާނީ އެކި ރަށްރަށުގައި އަޅުގަނޑު ވާހަކަ ދައްކަމުން ދަންނަވާލާފައި. އަޅުގަނޑު އެއްގޮތަކަށްވެސް ނޭދެން، ރާއްޖޭގެ އެއްވެސް ރަށަކަށް އަޅުގަނޑު ދާތީ، އެރަށެއްގެ ރައްޔިތުން ބުރަ ތަކުލީފުތަކެއް އުފުއްލަވައިގެން، އެކިއެކި މަސައްކަތްތަކެއް ކުރައްވާކަށެއް. އަޅުގަނޑު ރާއްޖެތެރެއަށް މިދަނީ، ރާއްޖެތެރޭގެ ލޮބުވެތި ރައްޔިތުންނާ ބައްދަލުކޮށްލުމުގެ ބޭނުމުގައި. އެރަށްރަށުގެ ޙާލުއަޙުވާލު ބަލައިލައި، އެރަށްރަށުގައި ކަންތައްތައް ހުރީ ކިހިނެއްތޯ ބަލައިލުމުގެ މަޤްޞަދުގައި. އަދި އެރަށްރަށުގެ ރައްޔިތުން ދިރިއުޅުމަށްޓަކައި ކުރައްވަމުން ގެންދަވަނީ ކޮންކަހަލަ މަސައްކަތްތަކެއްތޯ ބަލައި، އަދި އެމަސައްކަތްތަކަށް އެޅޭ ހުރަސްތަކެއްވާނަމަ، އެކަންތައްތައްވެސް ދެނެގަތުމަށްޓަކައި. އަދި އެކަންކަމުގައި ސަރުކާރުން ވެވެންއޮތް އެހީއެއް އޮންނާނެތޯ ބަލައި، އެފަދަ ކަމެއް އޮތްނަމަ، އެ އެހީއެއްވުމުގެ މަގުފަހިކޮށްދިނުމުގެ ބޭނުމުގައި. އެހެންކަމުން، ކޮންމެހެން ރައްޔިތުންގެ ފަރާތުން މާބޮޑެތި އިންތިޒާމުތަކެއް ހަމަޖައްސަވައި، މާބޮޑެތި މަސައްކަތްތަކެއް ކުރައްވައިގެން، ރަށުތެރެ ޒީނަތްތެރި ކުރައްވައި ހައްދަވާކަށެއް އަޅުގަނޑު ނޭދެން.

ކޮންމެއަކަސް، މިރަށުގެ ރައްޔިތުން މިއަދުވެސް މިރަށް ވަރަށް ފުރިހަމައަށް ޒީނަތްތެރި ކުރައްވާފައިވާކަން އަޅުގަނޑު ކުރިންވެސް ދަންނަވައިލައިފިން. އެކަން އެގޮތަށް ކުރައްވާފައި ވަނީ، މިރަށުގެ ވެރިންނާއި ރައްޔިތުންގެ ހިތުގައި ދިވެހި ސަރުކާރާ ދޭތެރޭގައި އުފެދިފައިވާ އިޚްލާޞްތެރިކަމުގެ ބޮޑުކަމުންކަން އަޅުގަނޑަށް ރަނގަޅަށް އިޙްސާސް ކުރެވޭތީ. އެރޫޙުގައި އެކަން އަޅުގަނޑު ގަބޫލުކޮށް، ތިޔަ އެންމެހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. އަދި އަޅުގަނޑަށް މަރުޙަބާ ވިދާޅުވުމުގެ ގޮތުން، އަތޮޅުވެރިޔާގެ އިސްއެހީތެރިޔާ ދެންމެ ދެއްކެވި ވާހަކަފުޅުގައި ފާޅުކުރައްވާފައިވާ އިޚްލާޞްތެރި ޝުޢޫރުތަކަށްޓަކައި އޭނާއަށާއި އަދި އޭނާ އެބައެއްގެ ފަރާތުން އެވާހަކަފުޅު ދެއްކެވި ފުވައްމުލަކުގެ ރައްޔިތުންނަށްވެސް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން.

އަތޮޅުވެރިޔާގެ އިސްއެހީތެރިޔާގެ ވާހަކަފުޅުގައި ވިދާޅުވިފަދައިން، ސަރުކާރުން ފުވައްމުލަކަށްވެސް ވަރަށް ޚާއްޞަ ސަމާލުކަމެއްދޭ. އަދި ފުވައްމުލަކުގެ ކަންތައްތައް އިޞްލާޙުކޮށް، ތަރައްޤީކުރުމަށްޓަކައި ވަރަށްބޮޑެތި މަސައްކަތްތަކެއްވެސް ކުރަމުންގެންދޭ. އޭގެތެރެއިން ބައެއް މަސައްކަތްތައް ވަނީ ކޮށް ނިމިފައި. އަނެއްބައި މަސައްކަތްތައް މިހާރުވެސް ހިނގަމުން އެބަދޭ. އެކަންތައްތަކުގެ ވާހަކަ އަޅުގަނޑު ކޮންމެހެން ދަންނަވާކަށް ނެތިން. އެއީ، ތިޔަ އެންމެހާ ބޭފުޅުންނަށް އެހުރިހާ ކަމެއްވެސް އެނގިވަޑައިގަންނަވާނެތީ. އެހެންނަމަވެސް، ފުވައްމުލަކަކީ ރާއްޖޭގައި ހުރި ރަށްތަކުގެ ތެރެއިން ވަރަށް ޚާއްޞަ ރަށެއްކަން އަޅުގަނޑުމެން ފާހަގަކޮށްލަންޖެހޭ. ޖުޣުރާފީގޮތުން ބަލާއިރުވެސް އެކަން އޮތީ އެހެން. މިރަށަކީ ރަށެއްވެސްމެ އަދި އަތޮޅެއްވެސްމެ. ހަމައެކަނި އެންމެ ރަށެއްގެ މައްޗަށް އެކުލެވިގެންވާ އަތޮޅެއް. އަދި މިރަށުގެ ވަށައިގެން އޮންނަ މާޙައުލު، ކަނޑުގެ މާޙައުލު އޮންނަ ގޮތުންވެސް މިރަށަކީ ރާއްޖޭގެ އެހެން ރަށްރަށާ ވަރަށް ތަފާތުގޮތަކަށް އޮންނަ ރަށެއްކަން އެންމެންވެސް ދަނޭ. ހަމައެއާއެކު، މިރަށުގެ ފަސްގަނޑަކީ މޮޅު ފަސްގަނޑަކަށްވާތީ، މިރަށުގައި ވަރަށް ރަނގަޅު ފެންވަރެއްގައި ގަސްހެދޭކަން އެއީވެސް ޢާންމުކޮށް ދިވެހިންނަށް އެނގޭ ކަމެއް. އަދި މިރަށުގެ ރައްޔިތުންގެ ދިރިއުޅުމުގެ ވަރަށްބޮޑު ބައެއް ބިނާވެފައި އޮންނަނީ، ދަނޑު ހެއްދުމާއި އަދި ކާނާއަޅާ ގަސްގަސް ހެއްދުމުގެ މައްޗަށް ކަމަށްވާކަން އެއީވެސް މިރަށަށް ޚާއްޞަ ސިފައެއް ލިބޭ ކަމެއް ކަމުގައި އަޅުގަނޑު ދެކެން.

މިކަންތައްތައް މިހެން ހުރުމާއެކު، ސަރުކާރުގެ ފަރާތުން ފުވައްމުލަކަށް ބޭނުންވާ ކަންތައްތައްވެސް އެހެން ރަށްރަށާ ހުންނަނީ ތަފާތުގޮތަކަށް. މިސާލެއް ދަންނަވަންޏާ، މިރަށުގައި ފެންބޮޑުވާ މައްސަލަ. އެއީ، އެގޮތަށް ރާއްޖޭގެ އެހެން ރަށަކަށް ދިމާވާ މައްސަލައެއް ނޫން. އެހެންކަމުން، މިރަށަށް ޚާއްޞަ ޢިނާޔަތެއް ސަރުކާރުން އެކަމުގައި ވަނީ ދީފައި. އަދި އެކަމުގެ ޙައްލެއް ގެނުވޭތޯ ކާނުކޮނެ، އެ މަސައްކަތް ވަނީ މީގެކުރިން ނިންމާފައި. މިހާރުވެސް މިރަށަށް އެގޮތަށް ދިމާވެފައިވާ ވަރަށްބޮޑު މައްސަލައެއް ސަރުކާރުން ބަލަމުން އެބަގެންދޭ. އަދި އެކަން ޙައްލުކުރުމުގެ ފިޔަވަޅުތައްވެސް މިހާރު ގެންދަނީ އަޅަމުން.

އާދެ، އެއީ، އާ މަގުތަކެއް މިރަށުގައި ހަދައިދިނުން. މިރަށުގެ މިހުރި ބޮޑެތި މަގުތަކުގެ އިތުރަށް، އިތުރު މަގުތަކެއް ހަދަންވަނީ ބޭނުންވެފައި. ރަށުގެ ރައްޔިތުންގެ ދިރިއުޅުން އޮތްގޮތާއި، މިރަށުގައި އޮޅު ހައްދާފައި އޮތްގޮތާއި، ރަށުގެ ބިންގަނޑު އޮންނަގޮތުން، އާ މަގުތަކެއް ހެދިގެން ނޫނީ، ރަށުގެ ރައްޔިތުންނަށް ތަރައްޤީގެ މަސައްކަތްތައް ކުރިއަށް ގެންދެވޭކަށް ނެތް. އެކަން ވަނީ ސަރުކާރަށް ފާހަގަކުރެވިފައި. އެހެންކަމުން، އެކަމާބެހޭ މަސައްކަތް މިހާރު ދަނީ ހިނގަމުން. މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ ފަރާތުން މިތަނަށް ޓީމެއް ފޮނުއްވައިގެން، އެ ޓީމުގެ ބޭފުޅުން މިރަށުގެ މަގުތައް މިހާރު ހުރިގޮތުގެ ޗާޓެއްވަނީ ކުރައްސަވާފައި. އަދި އެ ޗާޓު ކުރެއްސެވުމަށްފަހުގައި، އެ ހިއްޕަވައިގެން މާލެވަޑައިގެން، ކުރިއަށް އޮތްތާނގައި މިރަށުގެ މަގުތައް އޮންނަންޖެހޭ ކަމަށް އެބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގޮތެއްގެ ޗާޓެއް ކުރައްސަވާނެ. އެ ޗާޓު ކުރެއްސެވުމަށްފަހުގައި، އަޅުގަނޑު ހިތުން މިނިސްޓްރީގެ ފަރާތުން އެ ޗާޓު މިރަށަށް ފޮނުއްވާނެ. ނުވަތަ އެ ޗާޓު ހިއްޕަވައިގެން އެބޭފުޅުން ވަޑައިގަންނަވާނެ. ވަޑައިގެން، މިރަށުގެ ވެރިންނާއި ރައްޔިތުންނާ ވާހަކަފުޅު ދައްކަވައިގެން، އެ ކުރެހިފައި އެއޮތީ މިރަށަށް އެންމެ ފައިދާހުރި، އެންމެ ރަނގަޅު، އެންމެ ގިނަ މީހުންނަށް އޭގެ ބޭނުންހިފޭ ގޮތަށްތޯ ބެއްލެވުމަށްފަހުގައި، އެ މަސައްކަތް އިރާދަކުރެއްވިއްޔާ ސަރުކާރުން ކުރިއަށް ގެންދާނެ. މިކަމަށް ބޭނުންވާ ބޮޑެތި ސާމާނު ނުވަތަ އިކްވިޕްމެންޓްވެސް އެބަހުރި. އެތަކެއްޗަށްވެސް ސަރުކާރުން ވަނީ އޯޑަރުދޭން ޤަޞްދުކޮށްފައި. އެހެންނަމަވެސް، މަސައްކަތުގެ ބާވަތާއި، މަސައްކަތް ހިނގާނެ ގޮތުގެ ތަފްޞީލު ރޭވުމުގެ ކުރިން، ބޭނުންވާ ތަކެތިވެސް ކުރިން ދެނެގަތުން އެއީ، ދަތިކަމަކަށްވާތީ އަދި އެ އޯޑަރު ދިނުމުގެ ކަންތައް އޮތީ ކުރިއަށްނުގޮސް. އެހެންނަމަވެސް، އަޅުގަނޑު ދަންނަވާލަން ބޭނުންވާ ވާހަކައަކީ، އެކަން އެއީ، ސަރުކާރުން ވަރަށްބޮޑު ސަމާލުކަމެއް ދީގެން، ރަށުގެ ރައްޔިތުންނަށް ފައިދާހުރިގޮތަކަށް އިރާދަކުރެއްވިއްޔާ ނިންމައިދޭނެ ކަމެއް ކަމުގައި ދަންނަވާލުން.

މިހާރު ހިނގަމުންދާ އަނެއް މަސައްކަތަކީ، ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ފަދައިން، މިރަށުގެ ގޭގެއަށް ކަރަންޓް ދިނުމުގެ މަސައްކަތް. ސަރުކާރުން ޚަރަދުކޮށްގެން އެކަންތައް، އެ މަސައްކަތް މިހާރުދަނީ ހިނގަމުން. އިރާދަކުރެއްވިއްޔާ، މާލަސްތަކެއްނުވެ މިރަށުގެ ހުރިހާ ގޭގެއަކަށް ކަރަންޓް ލިބުމުގު މަގު ތަނަވަސްވެގެންދާނެ.

އެހެން ދާއިރާތަކަށް ވިސްނާއިރުވެސް، މިރަށުގައި ތަރައްޤީގެ ގޮތުން ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކެއް އެބަހުރި. ތަޢުލީމުގެ ގޮތުން ވިސްނާއިރު، މިރަށުގައި އަތޮޅު ތަޢުލީމީ މަރުކަޒެއް އެބަހުރި. މިރަށުގައި ހުރި ފުވައްމުލަކު ސްކޫލް އެއީ، އަމިއްލަ ފަރާތަކުން ހިންގާ މަދަރުސާއެއް. އެހެންނަމަވެސް، މިރަށުގައި މިހާރު އިތުރު މަދަރުސާއެއް، ސަރުކާރުގެ ޚަރަދުގައި ޢިމާރާތް ކުރެވެމުން އެބަދޭ. އެ މަދަރުސާއަކީ ދެ އަވަށެއްގެ ރައްޔިތުންނަށް ނިސްބަތްވާ ގޮތަށް ނުވަތަ ދެ އަވަށެއްގެ ކިޔަވާކުދިންނަށް ނިސްބަތްވާ ގޮތަށް ހެދޭ ތަނެއް. ސަރުކާރުން މިހާރު ޤަޞްދުކޮށްފައި އޮތީ، މިހާރު މި ހިނގާ ފުވައްމުލަކު ސްކޫލާއި އަދި މިދެންނެވި އާ ސްކޫލް ބިނާކުރުމަށްފަހުގައި، އެ ސްކޫލާއި ދެތަން އެއީ، ސަރުކާރުން ހިންގާ ދެ ސްކޫލް ކަމުގައި ހަމަޖެއްސުމަށް. ފުވައްމުލަކަކީ ޒަމާނުއްސުރެ ތަޢުލީމީގޮތުން ރާއްޖޭގައި ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލެވޭ ރަށެއް. މިހާރުވެސް އަޅުގަނޑުމެންގެ ތެރޭގައި، ފުވައްމުލަކުގެ ދަރިންގެ ތެރެއިން ވަރަށް ފާހަގަކޮށްލެވޭފަދަ ޢިލްމުވެރި ބޭފުޅުން އެބަ ތިއްބެވި. އޭގެތެރެއިން އެއްބޭފުޅަކީ، އަޅުގަނޑާއެކު މިއަދު މިރަށަށް ވަޑައިގެންނެވި އަލްއުސްތާޛު މުޙައްމަދު ޒާހިރު ޙުސައިން. އަނެއް ބޭފުޅަކީ އަޅުގަނޑުމެންގެ މިނިސްޓަރ އޮފް ޖަސްޓިސް އަލްއުސްތާޛު މުޙައްމަދު ރަޝީދު އިބްރާހީމް. މި ދެބޭފުޅުންނަކީ މިރަށުގެ ދެބޭފުޅުން ކަމަށްވީކަން ވަރަށް އުފަލާއެކު އަޅުގަނޑު ފާހަގަކުރަން. އެ ދެބޭފުޅުންނަކީ، އެ ދެބޭފުޅުންގެ ފަރާތްޕުޅުން ސަރުކާރަށް ވަރަށް އިޚްލާޞްތެރި ޚިދުމަތްތަކެއް ލިބެމުންދާ ދެބޭފުޅުންކަން މި ފުރުޞަތުގައި އަޅުގަނޑު ފާހަގަކޮށްލަން.

މިޒަމާނުގެ ތަޢުލީމަށް ވިސްނާއިރުވެސް އިރާދަކުރެއްވީތީ، މިރަށަކީ ތަޢުލީމަށް ލޯބިކުރާ ރަށަކަށްވުމުން، ވަރަށްގިނަ ޢަދަދެއްގެ އަމިއްލަ މަދަރުސާތައްވެސް ހިނގަމުންދާ ރަށެއް. މިހާރުވެސް ފުވައްމުލަކުގައި ތަޢުލީމު ޙާޞިލްކުރާ 2500 އަށްވުރެ ގިނަކުދިން ތިބިކަން އެއީ، އަޅުގަނޑު ހިތުން މިރަށަށް އަޅުގަނޑު މިދެންނެވި ބަހުގެ ހެތްކެއް ކަމުގައި ފުދޭ ކަމެއް. އަދި ރާއްޖެތެރޭގައި ހުރި ތަޢުލީމީ މަރުކަޒުތަކުގެ ތެރެއިން އެންމެ އަވަހަށް ޖީ.ސީ.އީ. ފެންވަރަށް ތަޢުލީމު ގެންދާ ނުވަތަ ގެންދެވޭނެ އަތޮޅު ތަޢުލީމީ މަރުކަޒަކީވެސް ފުވައްމުލަކު ތަޢުލީމީ މަރުކަޒުކަން ވަރަށް އުފަލާއެކު އަޅުގަނޑު ފާހަގަކޮށްލަން.

އާދެ، އިއްޔެ އައްޑުއަތޮޅުގައި ހުޅުވުނީ، ރާއްޖެތެރޭގައި ސަރުކާރުން ފުރަތަމަ ހުޅުވާ ސެކަންޑަރީ ސްކޫލް ނުވަތަ ޘާނަވީ މަދަރުސާ. އެތަނަށް ފުރަތަމަ ވައްދަނީ ގްރޭޑް 8 އަށް. އިރާދަކުރެއްވިއްޔާ މިއަދުން ފެށިގެން އެތާނގެ ކިޔަވައިދިނުން ކުރިއަށްދާނެ. ގްރޭޑް 8 އަށް ކުދިން ނަގައިގެން. ރާއްޖެތެރޭގެ އެހެން ތަނެއްގައި، ސެކަންޑަރީ ސްކޫލެއްގެ ނަމުގައި ސްކޫލެއް ހުޅުވިފައި ނެތް ނަމަވެސް، ރާއްޖެތެރޭގެ ބައެއް ތަންތާނގައި މިހާރު ޘާނަވީ ތަޢުލީމު ނުވަތަ ސެކަންޑަރީ އެޑިޔުކޭޝަން ދެމުން އެބަ ގެންދެވޭ. އޭގެތެރެއިން އެއް ރަށް ފުވައްމުލައް އެއީ. މިރަށުގައި މިހިރަ އަތޮޅު ތަޢުލީމީ މަރުކަޒުގައި ގްރޭޑް 9،8 އަދި އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މިއަހަރުން ފެށިގެން 10ގެވެސް ކިޔަވައިދިނުން ވަނީ ފެށިފައި. އެހެންވީމާ، އިރާދަކުރެއްވިއްޔާ މިއަންނަ އަހަރު ޖީ.ސީ.އީ. އޯ ލެވެލްގެ އިމްތިޙާނުގައި ބައިވެރިވާ ފުވައްމުލަކުގެ ކުދިން ތިބޭނެ. އެހެންވީމާ، އެއީ އަޅުގަނޑު ހިތުން މިރަށަށް ލިބޭ ވަރަށްވެސް ބޮޑު ފަޚުރެއް. އަޅުގަނޑުމެންގެ ކުރިއެރުން ބިނާވެފައި އޮތީ ތަޢުލީމުގެ މައްޗަށް. އެހެންކަމުން، އަޅުގަނޑުމެންގެ ތެރޭގައި ތަންދޮރު ދަންނަ، އެކަށީގެންވާ ތަޢުލީމު ލިބިފައި ތިބި މީހުން ގިނަވަމުންދިޔަވަރަކަށް، އަޅުގަނޑުމެންނަށް ތަރައްޤީގެ މަގުގައި ހަލުވި ފިޔަވަޅުތަކެއް އެޅޭނެ.

އާދެ، ކުރިންވެސް ދެންނެވިފަދައިން، މިރަށަކީ، ރާއްޖޭގެ އެހެން ރަށްރަށާ ތަފާތުކޮށް ބައެއް ކަންތައްތައް ހުރި ރަށެއް. އޭގެތެރެއިން، އެންމެ ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވޭ އެއްކަމަކީ، މިރަށަކީ ގަސް އިންދުމާއި، ދަނޑުވެރިކަމުގެ ގޮތުންވެސް ވަރަށް ކުރިއަރާފައިވާ ރަށެއްކަން. އަދި މިރަށުގައި ކާބޯތަކެތި އަޅާ އެކިއެކި ގަސްގަސް ހެއްދުމުގެ ފުރުޞަތު، އެހެން ރަށްރަށަށްވުރެ ބޮޑުކަން. އެގޮތުން، މިރަށަށްދޭ ޚާއްޞަ ސަމާލުކަމެއްގެ ތެރެއިން، ސަރުކާރުގެ ކަމާބެހޭ މިނިސްޓްރީން މިރަށަށް ދާދިފަހުންވެސް ވަނީ ވަރަށްގިނަ ބާވަތްބާވަތުގެ މޭވާއަޅާ ގަސްގަހާއި އަދި އެނޫން ގަސްވެސް ފޮނުއްވާފައި. އާދެ، އަނބުގަސް، ސަބުދެލި، މިހެންގޮސް ވަރަށްގިނަ ވައްތަރުވައްތަރުގެ މޭވާއަޅާ ގަސްގަސް މިރަށަށް ވަނީ ފޮނުއްވާފައި. އޭގެއިތުރުން، ބައެއްކަހަލަ ގަސްގަހުގެ އޮށްވެސް ވަނީ މިރަށަށް ފޮނުއްވާފައި. އޭގެ ބޭނުމަކީ، މިރަށުގައި އެގަސްތައް ހައްދައިގެން، އޭގެ ސަބަބުން މިރަށަށް އިތުރު ތަނަވަސްކަމެއް ލިބުން. މިރަށަކީ މަސްވެރިކަންކުރާވެސް ރަށެއް. އެކަން އަޅުގަނޑު ހަނދާންނެތުނީކީ ނޫން. މަހަށްދާ، އިންޖީނު ބެހެއްޓި 25 ދޯނި މިރަށުގައި އޮންނަކަމަށްވޭ. އެ ދޯނިތަކުން މަސްވެރިކަމުގެ މަސައްކަތްވެސް ކުރޭ. އެހެންނަމަވެސް، ކުރިންވެސް ދެންނެވި ފަދައިން، މިރަށަކީ ދަނޑުވެރިކަމުގެ މަސައްކަތްވެސް އެކަށީގެންވާ ގޮތަކަށް ކުރެވިދާނެ އަދި ކުރެވެމުންދާ އަދި ޒަމާނުއްސުރެ ކުރަމުން އަންނަ ރަށަކަށްވާތީ، އެ ދާއިރާއަށްވެސް ސަރުކާރުން ވަރަށްބޮޑު ސަމާލުކަމެއް ދޭންޖެހޭ.

މިރަށުގައި ދަނޑުވެރިކަން ކުރިއަށް ގެންދިޔުމަށް، ކުރިންވެސް މިދެންނެވި އުޞޫލުން ސަރުކާރުން ދަނީ އެހީވަމުން. އަދި މިއާއެކީގައި ދަންނަވާލަން ޖެހެނީ، މިރަށުގެ ބަނބުކެޔޮގަސްތަކަށް މިހާރު ދިމާވެފައިވާ ބަލީގެ މައްސަލަ. އެކަންވެސް ސަރުކާރުން ޙައްލުކުރެވޭތޯ ވަރަށްބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ވާހަކަ ދަންނަވާލަން އެބަޖެހޭ. އާދެ، މިރަށަށް ކަމާބެހޭ މީހުން އައިސް، އެކަންތައްތައް ބަލައި ހަދާފައި އަދި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ ފަރާތުން އޮސްޓްރޭލިޔާގެ ޔުނިވަރސިޓީއަކަށް ފޮނުއްވައިގެން، އެ ޔުނިވަރސިޓީގެ ލެބޯރެޓަރީތަކުގައި މިބަލީގެ ފަނި ތަޙުލީލުކޮށް ހަދާފައި، މި ބައްޔަށް އެކަށީގެންވާ ބޭހެއް، އެމީހުންނަށް ފެންނަ ބޭހެއްގެ ވާހަކަވަނީ މިހާރު މިނިސްޓްރީއަށް އަންގާފައި. އެހެން ނަމަވެސް، އެބޭހަކީ މިހިސާބުގަނޑުން ލިބޭ ބޭހަކަށް ނުވާތީ އަދި ނުއެއްލިބޭ. އެބޭހަށް މިހާރުވަނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން އޯޑަރު ދެއްވާފައި. އެހެންވީމާ، އަޅުގަނޑު ޔަޤީންކުރާގޮތުގައި، މާލަސްތަކެއްނުވެ އެބޭސް ލިބޭނެ. ދެން އަޅުގަނޑު އުންމީދުކުރަނީ އެބޭސް ލިބިގެން، އެބޭސް ބޭނުންކުރެއްވީމާ، ގަސްތައް ރަނގަޅުވެގެންދާނެ ކަމަށް. އެހެންނަމަވެސް، މިބާވަތުގެ ކަމަކީ، ކުރިންވާނީ މިވެނިގޮތަކަށްކަން ދަންނަވަން ދަތިކަމެއް. އަޅުގަނޑު ދަންނަވަން ބޭނުންވާ ވާހަކައަކީ އެއީ. މިރަށަށް ދިމާވެފައިވާ ވަރަށްބޮޑު މައްސަލައަކަށްވާތީ، އެމައްސަލަވެސް ޙައްލުކުރެވޭތޯ ސަރުކާރުން މިގެންދަނީ ކުރެވެން އޮތްހާ މަސައްކަތްތަކެއް ކުރަމުންނޭ ދަންނަވާލުން.

އާދެ، މިރަށަށް ދިމާވެފައިވާ ވަރަށްބޮޑު ދައްޗެއްގެ ވާހަކަ އަތޮޅުވެރިޔާގެ އިސްއެހީތެރިޔާގެ ވާހަކަފުޅުގައި ބަޔާންކުރެއްވި. އެއީ، މިރަށަކީ ބަނދަރު ނެތް ރަށަކަށްވާތީ، ލަފާފުރުން ދަތި ރަށަކަށްވާތީ، އަދި އޮޑިދޯނިފަހަރު އެޅޭނެ އިންތިޒާމެއްވެސް ހަމަޖެހޭގޮތް ނެތް ރަށަކަށްވާތީ، އެމައްސަލަ، ޝައްކެއްނެތް އެއީ، ވަރަށްވެސް ބޮޑު މައްސަލައެއް. އެއީ، އަޅުގަނޑުމެންނަށް މާ ފަސޭހަކޮށް ޙައްލުކުރެވެން އޮތް މައްސަލައެއްވެސް ނޫން. އެހެންނަމަވެސް، އެކަމުގައިވެސް ކަންތައް އޮތީ ކިހިނެއްތޯ ސަރުކާރުން މިގެންދަނީ ބަލަމުން.

ދިވެހިރާއްޖޭގެ މިނިވަންކަމަށް 25 އަހަރު ފުރުން ފާހަގަކުރި އަހަރު، އެކި އަތޮޅުތަކުގެ ފަރާތުން ވަޑައިގެންނެވި ވަފުދުތަކާ އަޅުގަނޑު ބައްދަލުކުރިން. ބައްދަލުކޮށްފައި، ކޮންމެ އަތޮޅެއްގެ ފަރާތުން ވަޑައިގެންނެވި ބޭފުޅުންކުރެންވެސް އަޅުގަނޑު ސުވާލުކުރިން، އެއަތޮޅުގެ ކަންތައްތައް ހުރީ ކިހިނެއްތޯ. އެއަތޮޅަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކަކީ ކޮބައިތޯ. އަދި ރައްޔިތުން އެދޭ ކަންތައްތަކަކީ ކޮބައިތޯ. އެގޮތުން، އެ ބޭބޭފުޅުން ވިދާޅުވި ކަންތައްތައް، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވައިގެން، އެކަންތައްތައް ބަލަމުން ސަރުކާރުން މިގެންދަނީ. އަދި އެއިން އެއްވެސް ކަމަކީ ފަސޭހައިން ޙައްލުކުރެވޭނެ ޒާތުގެ ކަމަކަށްވަންޏާ، އެކަމެއްވެސް މިގެންދަނީ ޙައްލުކުރަމުން.

މިދެންނެވި މައްސަލަވެސް އެއީ، މިއަތޮޅުން ވަޑައިގެންނެވި ވަފުދުގެ ފަރާތުން އަޅުގަނޑަށް ހުށަހެޅުއްވި މައްސަލައެއް. އެ މައްސަލަ ހުށަހެޅުއްވުމާ ގުޅިގެން ރައީސް އޮފީހުން މިނިސްޓްރީ އޮފް ޕަބްލިކް ވާރކްސް އެންޑް ލޭބަރަށް ލިޔުނީ. އެކަން ބައްލަވާފައި، މިއަތޮޅުގައި އޮޑިދޯނިފަހަރު އެޅޭނެ އިންތިޒާމެއް ނުވަތަ ބަނދަރެއް ހެދޭނެ ގޮތެއްވޭތޯ ބައްލަވާފައި، މަޝްވަރާ ކުރައްވަންޖެހޭ ފަރާތްތަކާ މަޝްވަރާ ކުރައްވާފައި، ފެނިވަޑައިގެންނެވި ގޮތެއް ހުށަހެޅުއްވުމަށްޓަކައި އެ މިނިސްޓްރީއަށް ރައީސް އޮފީހުން މައްސަލަ ފޮނުވީ. އެ މިނިސްޓްރީން މިކަން މިހާރު ގެންދަވަނީ ބައްލަވަމުން. ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، މިދިޔަ އަހަރު، އާދެ، 1991 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި، އެމަހުގެ ކުރީކޮޅު އެކަމާބެހޭ ޓީމެއް މިރަށަށް އައި. މިނިސްޓްރީ އޮފް ޕަބްލިކް ވާރކްސް އެންޑް ލޭބަރުގެ އިސްވެރިޔަކާއި އަދި އޭގެއިތުރުން، ޔޫ.އެން.ޑީ.ޕީ.ގެ އެހީގައި ސަރުކާރުން ހޯދި މާހިރަކާ ދެބޭފުޅުން ވަޑައިގެން ވަނީ އެކަން ބައްލަވާފައި. ޔޫ.އެން.ޑީ.ޕީ.ގެ މާހިރު މިހާރުވަނީ އޭނާއަށް ފެނިވަޑައިގެންނެވި ގޮތް ރިޕޯޓެއްގެ ސިފައިގައި މިމަހު ސަރުކާރަށް ހުށަހަޅުއްވާފައި. އެ ރިޕޯޓް މިހާރު ގެންދަވަނީ މިނިސްޓްރީ އޮފް ޕަބްލިކް ވާރކްސްއިން ބައްލަވަމުން. އަދި ކަމާބެހޭ އެހެން މިނިސްޓްރީތަކުގެ ޚިޔާލާއި މަޝްވަރާވެސް ގެންދަވަނީ ހޯއްދަވަމުން. އޭގެފަހުގައި، އެ ރިޕޯޓުގައިވާ ކަންތައްތަކާ ދޭތެރޭގައި ސަރުކާރުން އިރާދަކުރެއްވިއްޔާ ގޮތެއް ނިންމާނެ. ފަހަރެއްގައި މިއޮތް ހިސާބުން އަދި މުޅިން ކަމެއް ކުރެވޭ ހިސާބަށް ނުގޮސްވެސް އޮވެދާނެ. އެއީ، އަދި އަޅުގަނޑަށް ދަންނަވަން އެނގޭ އެއްޗެއް ނޫން. އެއީ، އެ ރިޕޯޓެއް އަޅުގަނޑު ނުދެކެން. އެހެންނަމަވެސް، ސަރުކާރުން ކިރިޔާވެސް ކަމެއް ކުރެވޭގޮތަކަށް، އެ ރިޕޯޓުގައި ކަމެއް އޮވެއްޖެ ކަމަށްވަންޏާ، އަޅުގަނޑު ފުވައްމުލަކުގެ ރައްޔިތުންނަށް ޔަޤީންކަން އަރުވަނީ، އިރާދަކުރެއްވިއްޔާ ސަރުކާރުން އެކަމެއް ކޮށްދޭނެ ކަމަށް.

އާދެ، އަޅުގަނޑުމެންގެ ރާއްޖެ އެއްދުވަހުން އަނެއްދުވަހަށް ތަރައްޤީވަމުންދާއިރު، މުސްތަޤްބަލަށްޓަކައި އަޅުގަނޑުމެން ވިސްނަންޖެހޭ ވަރަށްގިނަ ކަންތައްތަކެއް އެބަހުރި. އޭގެތެރެއިން އެއްކަމަކީ، އަޅުގަނޑުމެންގެ އާބާދީ އިތުރުވަމުންދާ މައްސަލަ. އަދި އަޅުގަނޑުމެންގެ ތެރޭގައި ކުޑަކުދިން ގިނަވަމުންދާ މައްސަލަ. ކުޑަކުދިން ގިނަވުމަކީ، އޭގެ ޒާތުގައި ގޯސްކަމެއް ނޫން. ކުޑަކުދިންނަކީ އަޅުގަނޑުމެން އެންމެންގެ ވަރަށް ޚާއްޞަ ލޯތްބެއް ރައްދުވާ ފަރާތެއް. އެއާ ދޭތެރޭގައި އެއްވެސް ޝައްކެއްނެތް. އަޅުގަނޑުމެން އެންމެންވެސް ކުޑަކުދިންނަށް ލޯބިކުރަމު. އަދި އެކުދިންގެ ޙައްޤުތަކަށް ރައްކާތެރިވެވޭތޯ ބަލަމު. އަދި އެގޮތުން، ޤައުމީ ފެންވަރެއްގައި ގިނަ ކަންތައްތަކެއް ކުރަން ހަމަޖެހި، އެއަށް ޤާނޫނީ ސިފަވެސް މިހާރުވަނީ އައިސްފައި. އަޅުގަނޑު ދަންނަވަން މިއުޅޭ އެއްޗަކީ، އެހެންނަމަވެސް، ޤައުމެއްގެ އާބާދީގައި މަސައްކަތެއް ނުކުރެވޭ، އަމިއްލައަށް އާމްދަނީ ނުހޯދޭ މީހުންގެ ޢަދަދު، އެއްދުވަހުން އަނެއްދުވަހަށް ގިނަވަމުންދާ ކަމަށްވަންޏާ، އޭގެ ސަބަބުން އެރަށެއްގެ އިޤްތިޞާދީ ކުރިއެރުމަށް ވަރަށްބޮޑު ހުއްޓުމެއް އަންނާނެ ވާހަކަ. އެވާހަކަ އަޅުގަނޑު ދަންނަވާލަން މިބޭނުންވީ. އަޅުގަނޑުމެންގެ ކުޑަކުދިން، މި ދެންނެވީ ފުވައްމުލަކު ކުޑަކުދިންގެ ޢަދަދަށް ވިސްނާއިރު، ކުޑަކުދިންނަކީ ސަރުކާރުން ބަލާގޮތުގައި އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމާބެހޭ ޤާނޫނުގައިވާ ގޮތުން، ކުޑަކުދިންނަކީ މީލާދީގޮތުން 16 އަހަރު ނުފުރޭ ކުދިން. މިރަށުގެ އާބާދީއަށް ބަލާއިރު، މިރަށުގައި ތިބި ކުޑަކުދިންގެ ޢަދަދު އާދެ، މީލާދީގޮތުން 16 އަހަރު ނުފުރޭ ކުދިންގެ އަދަދު ވަރަށްގިނަ. އެއީ، ރަށުގެ އާބާދީގެ ސަތޭކައަކުން 49.5. ދެބައިކުޅަ އެއްބައި. ރަށުގެ އާބާދީގެ ދެބައިކުޅައެއްބަޔަކީ އުމުރުން 16 އަހަރުވެސް ނުވާ ކުދިން. މުސްތަޤްބަލަށް ވިސްނާއިރު، އަޅުގަނޑުމެންގެ އާބާދީ މިގޮތަށް އިތުރުވަމުންދާ ކަމަށްވަންޏާ، މީގެ އެތައް އަހަރެއް ފަހުން 16 އަހަރު ނުފުރޭ ކުދިން، ކުޑަކުދިންގެ ޢަދަދު އަދި މިހާރަށްވުރެވެސް ގިނަވާނެ. މުޅިރަށަށް ނިސްބަތްކުރާއިރު، އާބާދީގެ ކުޑަކުދިންގެ ނިސްބަތްވެސް ދާނީ މައްޗަށް. ފަހަރެއްގައި ސަތޭކައަކުން ފަސްދޮޅަހާ ހަމަޔަށްވެސް ހިނގައިދާނެ. އެއަށްވުރެ މައްޗަށްވެސް ހިނގައިދާނެ. އެފަދަ ދުވަހެއް އަތުވެއްޖެނަމަ، ރަށުގައި ކަންތައްތައް އޮންނަގޮތާ ދޭތެރޭގައި މިއަދު އަޅުގަނޑުމެން ޚިޔާލުކުރަންޖެހޭ. އޭރުން މަސައްކަތް ކުރަން ތިބޭނީ ވަރަށްމަދު ބައެއް. ގިނައިން ތިބޭނީ ކުޑަކުދިން.

ކުޑަކުދިންނަކީ އެހެން މީހުން، އެމީހުން ބަލަންޖެހޭ ބައެއް. އެމީހުންގެ އަމިއްލަ އުފެއްދުންތެރިކަމެއް ނެތް ބައެއް. މިގޮތުން، މުޅި ރާއްޖެއަށް ދިމާވާނެ މައްސަލަތަކެއް ހުންނާނެކަމާމެދަކު ޝައްކެއްނެތް. އެހެންވީމާ، އަޅުގަނޑުމެން ވިސްނަންޖެހެނީ، އަޅުގަނޑުމެންގެ އާބާދީ ވަކިވަރަކަށް ހިފެހެއްޓުމުގެ މައްޗަށް، ކޮންމެވެސް އުޞޫލަކުން ރާވައިގެން، އެކަން އަޅުގަނޑުމެން ކުރިއަށްގެންދަން ޖެހޭނެ. ހަމައެއާއެކުގައި، އަޅުގަނޑުމެންގެ ކުޑަކުދިންނަކީ ޤައުމަށް ފައިދާކުރާނެ ބައެއް ކަމުގައި ހެދޭތޯވެސް އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭ. އެ މަޤްޞަދުގައި ކުޑަކުދިންނާބެހޭ ޤައުމީ ޖަލްސާއެއް މިދިޔަ އަހަރު ސަރުކާރުން ބޭއްވީ. އަދި ކުޑަކުދިންނާބެހޭ ޤަރާރެއް ފާސްކޮށް، ކުޑަކުދިންނާބެހޭ ޢަމަލީ ފިޔަވަޅުތަކުގެ ރޭވުމެއްވެސް އެޖަލްސާއިން ފާސްކުރި. އޭގެއިތުރުން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނެއް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ފާސްކުރި.

މިއަހަރަކީ ޒުވާނުންގެ އަހަރު. ކުޑަކުދިންނާއި، ޒުވާނުންނާ މިއީ ވަރަށްބޮޑަށް ގުޅިފައިވާ ދެބައެއް. ކުޑަކުދިން ބަދަލުވެގެން ދަނީ ޒުވާނުންނަށް. ޒުވާނުން ބަދަލުވެގެންދަނީ ހަރުމީހުންނަށް. އެހެންވީމާ، ޒުވާނުންނަކީވެސް އެބަޔަކާ ދޭތެރޭގައި އަޅުގަނޑުމެން ވަރަށްބޮޑަށް އަހަންމިއްޔަތު ދޭންޖެހޭ ބައެއް. ވަރަށްބޮޑު އިސްކަމެއް ދޭންޖެހޭ ބައެއް. ޒުވާނުން ތަރައްޤީކޮށް، އެމީހުންގެ ފަރާތުން ޤައުމަށް ލިބޭ ފައިދާ އެއީ، މުޅި ޤައުމަށް ޢާންމުވާ ފައިދާއެއް ކަމުގައި ހެދޭތޯ ސަރުކާރުންނާއި ރައްޔިތުން ބަލަންޖެހޭ. އެގޮތުން، މިއަހަރަކީ ޒުވާނުންގެ އަހަރުގެ ގޮތުގައި ފާހަގަކުރާ އަހަރު ކަމުގައި ހަމަޖެހިފައި ވަނީ. ޒުވާނުން އިޞްލާޙުކޮށް، ތަރައްޤީކޮށް، އެމީހުންގެ ސަބަބުން ޤައުމަށް ފައިދާހުރި ޚިދުމަތްތަކެއް ލިބިދެވޭނެ ގޮތްތައް ރޭވުމަށްޓަކައި.

އާދެ، މިހާރުވެސް ޒުވާނުންގެ ތެރެއިން ވަރަށްގިނަ މީހުންގެ ޚިދުމަތް ސަރުކާރަށް ލިބޭކަން އަޅުގަނޑު ފާހަގަކޮށްލަން. ސަރުކާރަށް އެކަންޏެއްނޫން. ސަރުކާރަށާއި ރައްޔިތުންނަށް އަޅުގަނޑުމެންގެ ތަފާތު ދާއިރާތަކުގައި ގިނަ ޢަދަދެއްގެ ޒުވާނުން ވަރަށް ހީވާގިކަމާއެކީގައި މަސައްކަތްކުރަމުން އެބަ ގެންދޭ. ސަރުކާރުގެ ދާއިރާގައިވެސް، މިދެންނެވީ ރާއްޖެތެރެއަށް ވިސްނަވައިލައްވާއިރުވެސް، އަތޮޅުއޮފީސްތަކާއި، ރަށްރަށުގެ އޮފީސްތަކުގައި ވަރަށްގިނަ ޢަދަދެއްގެ ޒުވާން މުވައްޒަފުން މަސައްކަތް ކުރަމުން އެބަ ގެންދޭ. ކޯޓުތަކުގައިވެސް ހަމައެފަދައިން. އަދި ސަރުކާރުގެ ދާއިރާގެ އެހެން އޮފީސްތަކުގައިވެސް، ވަރަށް ގިނަ ޢަދަދަކަށް ޒުވާނުން މަސައްކަތް ކުރަމުންދޭ. ޚިދުމަތްކުރަމުން އެބަގެންދޭ. ސަރުކާރުން ބޭރަށް ވިސްނާއިރު، ޓޫރިޒަމްގެ ދާއިރާގައި، ވިޔަފާރީގެ ދާއިރާގައި، މަސައްކަތްތެރިކަމުގެ ދާއިރާގައި، މިހެންގޮސް ޤައުމަށް ފައިދާހުރި ވަރަށްގިނަ ދާއިރާތަކުގައި ޒުވާނުން ވަރަށް އެކަށީގެންވާ ގޮތެއްގައި ޙަރަކާތްތެރިވަމުން އެބަދޭ. އެހެންނަމަވެސް، އޭގެއިތުރުން، އަޅުގަނޑުމެން ވިސްނާލަންޖެހެނީ މަސައްކަތެއް ނުކުރާ ޒުވާނުންތަކެއްވެސް ރާއްޖޭގައި އެބައުޅޭކަން. އަދި އެމީހުންގެ ފަރާތުން ލިބެންވާ ޚިދުމަތުގެ ބަދަލުގައި، އެމީހުންގެ ފަރާތުން ޤައުމަށް ގެއްލުންވާ ކަހަލަ ޒުވާނުންވެސް އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި. ހަމައެކަނި އަޅުގަނޑުމެންގެ ތެރެއަކުނޫން. ދުނިޔޭގެ އެހެން ތަންތާނގައިވެސް އެފަދަ ޒުވާނުން ތިބޭ. އެހެންނަމަވެސް، ދުނިޔޭގެ އެހެން ތަންތާނގެ ކަންތައްތަކަށް އަޅުގަނޑުމެން ބަލާފައި، އެތަންތަން އިޞްލާޙުކުރާކަށް މަސައްކަތްތަކެއް ކުރާކަށްނުޖެހޭ. އަޅުގަނޑުމެން އިޞްލާޙުކުރަން ޖެހެނީ އަޅުގަނޑުމެންގެ ރާއްޖެ.

އެހެންވީމާ، އަޅުގަނޑުމެންގެ ރާއްޖޭގައި އެފަދަ ޒުވާނުން ތިބީތީ، އެކަމާ ދޭތެރޭގައި ޤައުމީ ފެންވަރެއްގައި ވިސްނައި، އެމީހުން އިޞްލާޙުކޮށް އަދި ޢާންމުކޮށް ހުރިހާ ޒުވާނުންގެ ފަރާތުން ޤައުމަށް އެކަށީގެންވާ ޚިދުމަތެއް ލިބޭނީ ކިހިނަކުން ޢަމަލުކޮށްގެންތޯ ބަލައި، އަޅުގަނޑުމެން ކަންތައްތަކެއް ފާސްކުރަން މިއަދު އޮތީ ޖެހިފައި. އެހެން އެކަން އޮތުމާއެކީގައި، މިއަހަރަކީ ޒުވާނުންގެ އަހަރުގެ ގޮތުގައި ފާހަގަކުރާ އަހަރު ކަމުގައި ސަރުކާރުން ހަމަޖެއްސީ. އަދި އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި ޒުވާނުންނާބެހޭ ޤައުމީ ޖަލްސާއެއްވެސް ބޭއްވޭނެ.

އާދެ، އަޅުގަނޑުމެން މިއަދު ޚިޔާލުކުރަންޖެހޭ އަނެއް މައްސަލައަކީ ތިމާވެށީގެ މައްސަލަ. ދުނިޔޭގެ ތިމާވެށްޓަށް އަންނަމުންދާ ބަދަލުތަކެއްގެ ވާހަކަ ތިޔަބޭފުޅުން އައްސަވާނެ. އަޅުގަނޑު ހިތުން މީގެކުރިން، އެންމެފަހުން އަޅުގަނޑު މިރަށަށް އައިފަހަރުވެސް، އާދެ، އެއީ 1988 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި. މިރަށަށް އައިސް ދެއްކި ވާހަކައިގެ ތެރޭގައިވެސް ތިމާވެށްޓާ ބެހޭގޮތުން ކޮންމެވެސްވަރަކަށް އެއްޗެއް ދަންނަވާލިން. އާދެ، އެ މައްސަލަތައް އަދިވެސް ހުރީ އެގޮތަށް. އަދި ތިމާވެށީގެ މައްސަލަތައް ހުރިގޮތުން، އަޅުގަނޑުމެން ފަދަ ޤައުމަކަށް މުސްތަޤްބަލުގައި އިތުރު ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމަށްވެސް ސައިންޓިސްޓުން ބުނޭ. އެހެންކަމުން، އެކަންތައްތަކާ ދޭތެރޭގައި އަޅުގަނޑުމެން ޖެހޭ ވަރަށްބޮޑަށް ވިސްނާފައި، އެކަމަށް ޙައްލެއް ގެނެވޭތޯ މަސައްކަތް ކުރަން. ރާއްޖޭގައި ތިމާވެށްޓާބެހޭ ޢަމަލީ ފިޔަވަޅުތަކުގެ ރޭވުމެއް މިހާރުވަނީ ކަނޑައެޅިފައި. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް، އެމީހަކު އެ ދިރިއުޅޭ ރަށެއް ރައްކާތެރިކުރުމަށްޓަކައި، އެމީހަކަށް ކުރެވިދާނެ ކިތަންމެ ކަމެއް އެބަހުރި. އެކަންތައްތަކުގެ ވާހަކަވެސް ކުރީ ފަހަރެއްގައި އަޅުގަނޑަށް ދަންނަވާލެވިފައި އޮވެދާނެ. ކޮންމެހެން އޭގެ ތަފްޞީލަކަށް ދާކަށް އަޅުގަނޑު މިއަދަކު ނެތިން. އެހެންނަމަވެސް، ރޭޑިއޯގެ ޛަރީޢާއިންވެސް އަދި އެނޫންވެސް ގޮތްގޮތުން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑުމެންގެ ތިމާވެށި ރައްކާތެރިކުރުމަށްޓަކައި ކުރަންޖެހޭނީ ކޮންކަހަލަ ކަންތައްތަކެއްތޯ. އެކަންތައްތައް އެއީ، ހަމަ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަންތައްތައް. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކުވެސް ތިމާވެށި ރައްކާތެރިކުރުމުގެ އުޞޫލު އެމީހާގެ ހިތުގައި އޮވެގެން، އެ އުޞޫލަށް އިޙްތިރާމުކޮށްގެން ކަންތައްތައް ކުރަމުންގެންދާ ކަމަށްވަންޏާ، އިރާދަކުރެއްވިއްޔާ، މުސްތަޤްބަލުގައި އަޅުގަނޑުމެންގެ ތިމާވެށި މިހާރަށްވުރެ ރަނގަޅުކުރެވޭނެ. އަދި އަޅުގަނޑުމެންނަށް ކުރިމަތިވެދާނެ ކަމަށް މިހާރު މި ހީވާ ނުރައްކާތަކުން ސަލާމަތްވެސް ވެވިދާނެ.

އާދެ، ކޮންމެއަކަސް ތިމާވެށްޓަކީ މުޅި ދުނިޔެއަށް ކުރިމަތިވާ މައްސަލަތަކެއް، އޭގައި އެކުލެވިގެންވާ ދާއިރާއަކަށްވާތީ، ތިމާވެއްޓާބެހޭ ބައިނަލްއަޤްވާމީ ވަރަށް މުހިންމު ޖަލްސާއެއް މިއަހަރުގެ ތެރޭގައި ބާއްވާގޮތަށްވެސް ވަނީ ހަމަޖެހިފައި. އެ ޖަލްސާއަށް ރާއްޖެ މިހާރު ދަނީ ތައްޔާރުވަމުން.
އެ ޖަލްސާއިން ފާސްވާ ޤަރާރުތަކެއްގެ ސަބަބުން، އިރާދަކުރެއްވިއްޔާ ދުނިޔޭގެ ތިމާވެށި ރައްކާތެރިކުރުމާބެހޭ ފިޔަވަޅުތަކެއްވެސް އެޅިގެންދިޔުމަކީ އެކަށީގެންވާ ކަމެއް.

އާދެ، ފުވައްމުލަކަށް މިއަދު އައިސް ތިޔަބޭފުޅުންނާ ބައްދަލުކުރުމަށް މިލިބުނު ފުރުޞަތަކީ ވަރަށްވެސް އުފާވެރި ފުރުޞަތެއް. އަޅުގަނޑު ޔަޤީންކުރަނީ، ފުވައްމުލަކުގެ ރައްޔިތުން މިހާރުވެސް ތިޔަ މަސައްކަތް ކުރައްވަމުން ގެންދަވާ ގޮތަށް، ރަށުގެ ތަރައްޤީއަށް މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް. ތަޢުލީމަށް ޚާއްޞަ އަހަންމިއްޔަތެއް ދެއްވައިގެން، ތިޔަބޭފުޅުންގެ ބެލުމުގެ ދަށުގައިވާ ކިޔަވާ ޢުމުރުގެ ހުރިހާ ކުދިންނަށް ތަޢުލީމު ލިބޭނެ އިންތިޒާމެއް، ވެވުނުވަރަކުން ހަމަޖައްސަވަމުން ގެންދަވާނެ ކަމަށްވެސް އަޅުގަނޑު ޔަޤީންކުރަން. ހަމައެއާއެކީގައި، ރަށުތެރޭގެ ހަމަޖެހުމާއި، ރައްޔިތުންނާއި ވެރިންނާ ގުޅިގެން ކަންތައްތައް ކުރުމުގެ ރޫޙު ވަރަށްބޮޑަށް ހަރުދަނާ ވެގެންދާނެ ކަމަށްވެސް އަޅުގަނޑު ޔަޤީންކުރަން. އަޅުގަނޑަށް އެނގިފައިވާ ގޮތުގައި، މިރަށުގައި އެއްވެސް ކަހަލަ ހަމަނުޖެހުމެއް މިހާރުވެސް ނެތް. ހުރިހާ ރައްޔިތުންވެސް ވަރަށް އެކުވެރިގޮތެއްގައި ދިރިއުޅެމުން ގެންދަނީ. އެއީ، އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރާކަމެއް. އިރާދަކުރެއްވިއްޔާ، މުސްތަޤްބަލުގައިވެސް މިރަށުގެ ރައްޔިތުން ޢަމަލުކުރައްވަމުން ގެންދަވާނީ އެ އުސޫލުން. އެހެންކަމަށްވަންޏާ، ޝައްކެއްނެތްގޮތުގައި، ރައްޔިތުން ކުރައްވާ މަސައްކަތްތަކުގެ ފައިދާ މުސްތަޤްބަލުގައި ފެނިގެންދާނެ.

އާދެ، އަތޮޅުވެރިޔާގެ އިސްއެހީތެރިޔާގެ ވާހަކަފުޅުގައި ވިދާޅުވި އިތުރު ވާހަކައަކާ ބެހޭގޮތުންވެސް އެއްޗެއް ދަންނަވާލަން ބޭނުންވޭ. އެއީ، މިރަށުގައި ކޮންމެވެސް ކަހަލަ ބޮޑު މަސައްކަތެއް ފެށުމުގެ ވާހަކަ. އެކަން އެއީވެސް ކުރިން ދެންނެވި ވަފުދުގެ ބޭފުޅުން އަޅުގަނޑު ގާތުގައި ވިދާޅުވި ވާހަކައެއް. އެވާހަކަ އެހެން ވިދާޅުވުމާ ގުޅިގެން، އަޅުގަނޑު އެ މައްސަލަ، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް އިންޑަސްޓްރީޒަށް ހުށަހެޅިން. އެފަރާތުން ބައްލަވާފައި، ކިހިނެއްތޯ މިރަށުގައި އެބާވަތުގެ ކަމެއް ކުރެވެން އޮންނާނީ ބައްލަވާފައި، އެކަމެއް އަންގަވަން ދެންނެވިން. އޭރު އެބޭފުޅުން ވިދާޅުވީ، އަޅުގަނޑު މިދެންނެވީ، މިއަތޮޅުގެ ވަފުދުގެ ބޭފުޅުން ވިދާޅުވީ، މިސާލަކަށް، އައްޑުއަތޮޅުގެ ގަމުގައި ހިނގާ ކާރުޚާނާތަކުން ކާރުޚާނާއެއްގެ ކޮންމެވެސް ސެކްޝަނެއް ނުވަތަ ގޮތްޕެއް ފުވައްމުލަކުގައި ހުޅުވިއްޖިއްޔާ، އެއީ ވަރަށް ފައިދާހުރި ކަމަކަށްވާނޭ. ވަރަށްގިނަ މީހުންނަށް ވަޒީފާ ލިބޭނޭ. ދެން އެ މައްސަލައިގައި، އެ ކާރުޚާނާތައް ހިންގާ ފަރާތްތަކާ ސަރުކާރުން ވާހަކަދެއްކުމުން އެނގުނީ، އެމީހުން ބުނާގޮތުގައި، ވިޔަފާރީގެ އުޞޫލުން އެއީ، ކުރެވޭނެ ކަމެއް ނޫންކަމުގައި. އެމީހުންނަށް ފައިދާހުރި ގޮތެއްގައި އެކަމެއް ނުކުރެވޭނެއޭ ބުނީމާ، އެހިސާބުން އެކަން އެއޮތީ ހުއްޓިފައި. ދެން ސަރުކާރުން ވިސްނަމުން ގެންދިޔައީ، އެނޫން އެހެން އެއްވެސް ކަމެއް ކުރެވެން އޮންނާނެތޯ. ދެން އެކަން އަދިވެސް އޮތީ ސަރުކާރުގެ ބެލުމުގެ ދަށުގައި. އެއީ، ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، ތަނެއްގައި ބޮޑު މަސައްކަތެއް ފަށަންޏާ، ވަރަށްގިނަ ކަންތައްތަކެއް އެތަނުގައި ހަމަޖެހިފައިވެސް ހުންނަންޖެހޭނެ. އަދި ވިޔަފާރީގެ އުޞޫލުން އެއީ، ފައިދާވާ ކަމަކަށްވެސް ވާންޖެހޭނެ. އެހެންވީމާ، އެ ބަލަންޖެހޭ ގޮތްގޮތަށް ބަލާފައި ނޫނީ، ހަމަ ތަނެއްގައި މަސައްކަތެއް ނުފެށޭނެ. އެވާހަކަވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވީ އެއީ، ރައްޔިތުން ހުށަހަޅުއްވާ ކޮންމެ ކަމަކީ، އެކަމަށް ސަރުކާރުން ވަރަށް ޚާއްޞަ ސަމާލުކަމެއް ދޭ ކަމެއް ކަމުގައި ދަންނަވާލުމުގެ ބޭނުމުގައި. އެއްގޮތަކަށްވެސް ރައްޔިތުންގެ ފަރާތުން އެއަންނަ މައްސަލަތައް އައީމާ، އެކަމާ ދޭތެރޭގައި ސަރުކާރުން އަޅައިނުލައި އޮންނަނީކީ ނޫންކަން ހާމަކޮށްދިނުމުގެ ގޮތުން، އަޅުގަނޑު މިވާހަކަ މިދަންނަވާލީ.

އާދެ، އަޅުގަނޑުގެ ދުޢާއަކީ، اللّـه سبحـانـه وتعـالى މާތްވެގެންވާ އިސްލާމްދީނުގެ ސާފުސީދާ ތެދުމަގުގައި ފައިތިލަ ސާބިތުކުރުމުގެ ތައުފީޤު އަޅުގަނޑުމެން އެންމެންނަށް ދެއްވުން. އަދި ދެ ދުނިޔޭގެ ބާއްޖަވެރިކަން އަޅުގަނޑުމެންނަށް މިންވަރުކުރައްވައި، ސަރުކާރާއި ރައްޔިތުން ގުޅިގެން ރާއްޖެ ތަރައްޤީކުރުމަށް މި ކުރާ މަސައްކަތްތަކުގައި އެކަލާނގެ ބަރަކާތްލެއްވުން. އަދި އަޅުގަނޑުމެންނަށް މިއަދަށްވުރެ ތަނަވަސް، ހުރިހާ ގޮތަކުންވެސް ހިތްހަމަޖެހޭ މާދަމާއެއް މިންވަރުކުރެއްވުން.

والسّلام عليكم ورحمـة اللّـه وبر كاته.