ގާފަރުގައި ކުރިއަށް ގެންދަން ވަޢުދުވެވަޑައިގެންފައި ހުރި ކަންކަން އަންނަ އަހަރު ހިނގާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެ މަނިކުފާނު މިހާރު މާލެއަތޮޅުގެ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ގާފަރަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި އެ މަނިކުފާނު ބޭނުންފުޅުވާ ސްޕީޑުގައި ގާފަރުގެ ތަރައްޤީގެ ކަންކަން ގެންދެވިފާ ނުވާ ކަމުގައި ވިދާޅުވިއެވެ. އެހެން ނަމަވެސް އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓުގެ ތެރެއިން ގާފަރުގެ ތަރައްޤީއަށް އެ މަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ކަންކަން ފެށިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ގާފަރު ބަނދަރުގެ ދަތިކަމާބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ރަށުގެ ބަނދަރު ބޮޑުކުރަން ޖެހުމާއި، ބަނދަރުގެ މަރާމާތުތަކެއްވެސް ހުރިކަން ފާހަގަ ކުރައްވާފައެވެ. އަދި ކައުންސިލާ މިނިސްޓްރީއާ ގުޅިގެން މެދު، އަދި ދުރު ރާސްތާއަށް އެކަށީގެންވާ ކަހަލަ ޑިޒައިނެއް ހެދުމަށް ކައުންސިލް ބައްދަލުވުމުގައި ދަންނަވާފައިވާނެ ކަމަށާއި، ކުރިއަށް ހުރި އަހަރުތަކުގައި އެ ރަށުގެ ތަރައްޤީގެ ކަންކަމަށް އެކަށީގެންވާ ގޮތަށް، މެދު، އަދި ދުރު ރާސްތާއަށް ވިސްނައިގެން ބަނދަރުގެ ޑިޒައިން ނިމުމުން، ޕީ.އެސް.އައި.ޕީ. މަޝްރޫޢުތަކުގެ ތެރޭގައި ހިމަނައިގެން ވަރަށް އަވަހަށް އެ މަޝްރޫއު ފައްޓަވައިދެއްވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ގާފަރު ޞިއްޙީ މަރުކަޒުގެ ފެންވަރު ހުރިހާ ގޮތަކުންވެސް ރަނގަޅުކޮށްދިނުމަށް ވެވަޑައިގެންނެވި ވަޢުދާއި، ސްކޫލްގެ ޖާގަ އިތުރުކުރުންވެސް، އަންނަ އަހަރުގެ ޕީ.އެސް.އައި.ޕީ. ގެ ނިއު ޕޮލިސީ އިނިޝިއޭޓިވްގައި، އަލަށް ފަށާ މަޝްރޫއުތަކުގެ ތެރޭގައި ހިމެނިގެން އަންނަ އަހަރުގެތެރޭގައި ހިނގާނެ ކަމުގައި ފާހަގަކުރެއްވިއެވެ. ގާފަރު އައިސް ޕްލާންޓުގެ ކެޕޭސިޓީ އިތުރު ކުރުމަށް ވެވަޑައިގެންނެވި ވަޢުދުވެސް ފުއްދަވާނެ ކަމަށާއި އެހެން ނަމަވެސް އަންނަ އަހަރު އިސްކަންދެއްވާނީ ގާފަރުގައި ހުރި ފެންވަރަށްވެސް އައިސް ޕްލާންޓް ނެތް ތަންތަނަށް އައިސް ޕްލާންޓް ފޯރުކޮށްދިނުމަށް ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް ގާފަރަށް ވަޢުދުވެވަޑައިގެންފައިވާ ގޮތަށް އައިސް ޕްލާންޓްގެ ކެޕޭސިޓީ ދެގުނައަށް އިތުރުކޮށްދެއްވާނެ ކަމުގެ ޔަޤީންކަން އެ މަނިކުފާނު ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ގާފަރުގައި ދެންވެސް ހުރި އެކިއެކި ދާއިރާތަކުންވެސް، އަދި ކުޅިވަރާއި ކުނި މެނޭޖްކުރުން ފަދަ ދާއިރާތަކުން ކުރިއަށްގެންދަން ހުރި އެކިއެކި މަޝްރޫޢުތައްވެސް، އެއްވެސް ފަރުވާކުޑަކުރުމެއްނެތި ސަމާލުކަންދީގެން ކުރިއަށްގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.