ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ބޮޑުވެފައިވާ މައްސަލަތަކަށް ޙައްލު ހޯދުމުގެ މަސައްކަތް މިހާރު ވާނީ ފައްޓަވާފައި ކަމަށާ، އަދުގެ ސަރުކާރުގެ ރޭވުންތެރިކަން ހުރީ ތަރައްޤީގެ ކަންކަން ކުރަމުން، ކުރީގެ ސަރުކާރުތަކުން ފަސޭހައަކަށް ދޫކޮށްލާފައިވާ ބޮޑެތި މައްސަލަތަކަށް ރަނގަޅު ޙައްލެއް ހޯއްދަވައިދެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިފަދައިން ވިދާޅުވީ، އަރިއަތޮޅު އުތުރުބުރިއާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، އއ. ރަސްދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ ކަމެއް ޙައްލުވުމަށް ރައްޔިތުން އިންތިހާއަށް އެދިއެދި ތިބި، އެހެން ނަމަވެސް ކުރީގެ ސަރުކާރުތަކުން ދޫކޮށްލާފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޑްރަގް ނުވަތަ މަސްތުވާތަކެތީގެ މައްސަލަކަން ފާހަގަކުރައްވާފައެވެ. އެގޮތުން ޑްރަގްގެ ވަބާގައި ޤައުމު ޖެހި، އެ ކަމުގެ ތެރޭގައި 30، 40 އަހަރު ފާއިތުވެ ގޮސްފައި ވާ ކަމަށާއި، ޙައްލު ވުމުގެ ބަދަލުގައި، މި މައްސަލަ ހައްތަހާ ދިޔައީ ބޮޑުވަމުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެސަބަބުން ކޮންމެ ޢާއިލާއެއް، ކޮންމެ ރަށެއް އަދި ކޮންމެ މުޖުތަމަޢެއްގައި މައްސަލަ އިތުރަށް ގޯސްވެފައި އޮތްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޑްރަގްގެ ވަބާގައި ޖެހިފައިވާ ފަރާތްތައް އެކަމުން ދުރުކޮށް، ޒުވާނުންނަކީ މަސްތުގެ ވަބާއިން ސަލާމަތްވެފައިވާ، ބިނާކުރަނިވި ބަޔަކަށް ހެދުމަކީ މިސަރުކާރުން އިސްކަންދޭ ކަމެއް ކަމުގައެވެ. މި ކަމަކީ، ކޮންމެ ރަށަކަށްވެސް މުހިންމު ކަމެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދިވެހިރާއްޖެއަކީ ބޭރު ދުނިޔެއަށް ޤައުމުގެ ރީތި ނަން އިޝްތިހާރުކޮށްގެން ހޯދާ އާމްދަނީއަށް އިންތިހާއަށް ބަރޯސާވެފައިވާ ޤައުމަކަށް ވާއިރު، އެކަން ދެމެހެއްޓެން އޮތީ މި ޤައުމަކީ ސުލްހައާއި ހަމަޖެހުން ޤާއިމުވެފައިވާ، ރައްކާތެރި އަދި އަމާން ޤައުމަކަށް ހެދިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިކަން ހާސިލުވާން އޮތީ މަސްތުގެ ވަބާއިން ދުރަށްޖެހިގެން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ފާއިތުވީ އަހަރު ދުވަހުގެ ތެރޭގައި، މިރޮގުން ގިނަ މަސައްކަތްތަކެއް އަދުގެ ސަރުކާރުން ކުރައްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން ރާއްޖޭގައި ފެތުރިފައިވާ ޑްރަގްގެ ވިޔަފާރީގެ ތެރޭގައި، ގިނަ ޢަދަދަކަށް، ނުޤަވާއިދުން އުޅޭ ބިދޭސީން ހިމެނޭކަމަށާއި، މިހާރު އޭގެ ތެރެއިން ގިނަ ބަޔަކު ޤައުމުން ޑީޕޯޓްކޮށްފައި ވާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިދިޔަ އަހަރު ދުވަހުގެ ތެރޭގައި މަސްތުވާތަކެއްޗާއެކު ހިފާ، ހައްޔަރުކޮށް، ތަޙުޤީޤަށްފަހު ޑީޕޯޓް ކޮށްފައިވާ ބިދޭސީންގެ ޢަދަދު 153 އަށް އަރާ ކަމަށާއި، މިއީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު، 2 ގުނަ އިތުރު ޢަދަދެއް ކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ހަމަ މި ފަދައިން، މަސްތުވާތަކެތީގެ ވިޔަފާރިކޮށް، ބޭނުންކުރާ ތަންތަން ބަލައި ފާސްކުރުމުގެ އޮޕަރޭޝަންތައް އިންތިހާއަށް އިތުރު ކުރެވިފައި ވާނެ ކަމަށާއި، މިދިޔަ އަހަރު ދުވަހުގެ ތެރޭގައި އެފަދަ 13435 ތަނެއް ބަލައި ފާސްކޮށް، އެކަމުގައި ޝާމިލުވާ ފަރާތްތަކުގެ މައްސަލަ ބަލާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ނޮވެމްބަރ 2023 ގެ ނިޔަލަށް ފާއިތުވީ އަހަރުގެ ތެރޭގައި މި ޢަދަދު އޮތީ 8581 ގައިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމަ މިއާއެކު ވޭތުވެދިޔަ އަހަރު ދުވަހުގެ ތެރޭގައި 655 ކިލޯގްރާމްގެ މަސްތުވާތަކެތި އަތުލައިގަނެވުނު ކަމަށާއި، މިތަކެތި ނައްތާލެވެނީ ނޫސްވެރިންގެ ކުރިމަތީގައިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދުގެ ސަރުކާރުން ދިވެހިރާއްޖޭގެ ވެރިކަމާ ޙަވާލުވުމުގެ ކުރިއަށް ފާއިތުވީ އަހަރުގެ ތެރޭގައި އަތުލައިގަނެވިފައި އޮތީ އެންމެ 113 ކިލޯގްރާމް މަސްތުވާތަކެތިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަގުގެ ގޮތުން ބަލާނަމަ އަދުގެ ސަރުކާރުން އަތުލައިގަތް މަސްތުވާތަކެތީގެ މިންވަރު 1.3 ބިލިއަން ރުފިޔާއަށް އަރާކަމަށާއި، މިދިޔަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް އަތުލައިގަތް މަސްތުވާތަކެތީގެ އަގަކީ 255 މިލިއަން ރުފިޔާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ކަން މިހެން އޮތް އިރު، ފުލުހުންގެ އިދާރާއާއި އެ ނޫންވެސް ތަންފީޒީ މުޢައްސަސާތަކުގައި، މި ކަންކަމުގައި ނަހަމަ ގޮތުގައި މަޝްހޫލުވެފައިވާ ފަރާތްތައް މިހާރު މީގެތެރޭގައި ނުހިމެނޭނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.
އަދުގެ ސަރުކާރުގެ ވިސްނުމަކީ މަސްތުވާތަކެތީގެ މައްސަލައަށް ޙަޤީޤީ ޙައްލެއް ހޯއްދަވައިދެއްވުންކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވަނީ އެކަމަށް ފުރުޞަތު ފަހިކޮށްދޭނެ ބިލެއްވެސް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މިކަމުގައި ދާއިމީ ނަތީޖާއެއް ނެރުމަށްޓަކައި ރައްޔިތުންގެ އެއްބާރުލެއްވުމާއި އެހީތެރިކަން ބޭނުންވާނެކަންވެސް ރައީސުލުޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. އަދި އެކުގައި މަސައްކަތް ކުރެވެމުންދާނަމަ ދެން ފެންނާނީ ޤައުމުގައި ހުރި މިފަދަ ބޮޑެތި މައްސަލަތައް ޙައްލުވާ މަންޒަރު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ޙަޤީޤީ ކުރިއެރުމާއި ތަރައްޤީއަކީ ލޯ ކުރިމަތިން ފެންނަން އޮތް އެއްޗެއް އެކަނި ނޫން ކަމަށާއި، މުޖުތަމަޢުގައި ހުރި މައްސަލަތަކަށް ޙައްލު ލިބުންވެސް އެކަމުގެ ތެރޭގައި ހިމެނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.