ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އޮސްޓްރޭލިއާގެ ބޮޑުވަޒީރު ކެވިން ރަޑްގެ ދަޢުވަތަކަށް، އޮސްޓްރޭލިއާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި އޮސްޓްރޭލިއާގެ ވެރިރަށް ކެންބެރާއަށް މިއަދު ހަވީރު ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މަތިންދާބޯޓުން ފައިބައިވަޑައިގަތުމުން، އެމަނިކުފާނަށް މަރްޙަބާ ވިދާޅުވީ އޮސްޓްރޭލިއާގެ ގަވަރނަރ-ޖެނެރަލް ކުއެންޓިން ބްރައިސްއާއި އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ފަރާތްޕުޅުން އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު އެންތަނީ ބަރންއެވެ. އެއަށްފަހު 21 ބަޑީގެ ސަލާމެއް ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ. އަދި ދިވެހިރާއްޖެއާއި އޮސްޓްރޭލިއާގެ ދެޤައުމުގެ ޤައުމީ ސަލާން ކުޅެނިމުމުން ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި އޮތް ޝަރަފްގެ ގާޑް، އެމަނިކުފާނު އިންސްޕެކްޓް ކޮށްދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ބޮޑުވަޒީރު ކެވިން ރަޑާއި، ގަވަރނަރ ޖެނެރަލް ކުއެންޓިން ބްރައިސްއާ ބައްދަލުކުރައްވާނެއެވެ. މީގެ އިތުރުން، އޮސްޓްރޭލިއާ ސަރުކާރުގެ އިސްވެރިންނާއެކު ވާހަކަފުޅުތައް ބާއްވަވައި، ކެންބަރާގައި ކިޔަވަންތިބޭ ދިވެހި ކުދިންނާ އެމަނިކުފާނު ބައްދަލުކުރައްވާނެއެވެ.

އޮސްޓްރޭލިއާއަކީ ރާއްޖެއަށް ވަރަށް ގިނަ އެހީތަކެއް ދެމުން އަންނަ ޤައުމެކެވެ. މިގޮތުން، މި އަހަރުގެ މާޗް މަހު ރާއްޖޭގައި ބޭއްވުނު މޯލްޑިވްސް ޑޯނަރ ކޮންފަރެންސްގައިވެސް އޮސްޓްރޭލިއާ ސަރުކާރުންވަނީ ރާއްޖެއަށް އެހީތެރިކަންދެއްވާނެކަން އިޢުލާން ކުރައްވާފައެވެ.