ވަޒީރުންގެ މަޖިލީހުގެ ޖަލްސާތައް، ދެދަންފަޅިއަކަށް ބާއްވަވާ ގޮތަށް ހަމަޖައްސަވައި، އަލަށް މިހަމަޖެއްސެވި އުޞޫލަށް ޢަމަލު ކުރައްވަން މިއަދު ފަށްޓަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިހާރު ހަމަޖައްސަވާފައިވަނީ، ކޮންމެ އަންގާރަ ދުވަހަކީ ކެބިނެޓް ދުވަހެއްގެ ގޮތުގައެވެ. މިގޮތުން، އެދުވަހު ހެނދުނު ބާއްވަވާ ކެބިނެޓް ޖަލްސާގެ ފުރަތަމަ ދަންފަޅީގައި މަޝްވަރާ ކުރައްވާނީ، ސަރުކާރުގެ މިނިސްޓްރީތަކުން ކުރައްވަމުން ގެންދަވާ ކަންތައްތަކުގައި، އެހެން މިނިސްޓްރީތަކުގެ އެއްބާރުލެއްވުން ހޯއްދެވުމާ ބެހޭގޮތުންނެވެ. މެންދުރުފަހު ބާއްވަވާ ދެވަނަ ދަންފަޅީގައި ވާހަކަ ދައްކަވާނީ، ވަޒީރުންގެ މަޖިލީހުގެ ލަފާ ބޭނުންފުޅުވާ އެކިކަންކަމާ ގުޅިގެން މިނިސްޓްރީތަކުން ހުށަހަޅުއްވާ މައްސަލަތަކާއި އަދި ހުށަހަޅުއްވާ އެކިއެކި ކަރުދާސްތަކާ ބެހޭގޮތުންނެވެ.

އެގޮތުން މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ފުރަތަމަ ދަންފަޅީގައި މަޝްވަރާތައް ހިނގަމުންދިޔައީ، ސަރުކާރުގެ މިނިސްޓްރީތަކުން މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ބެހޭގޮތުންނާއި، އެމަސައްކަތްތަކުގައި ކަމާބެހޭ މިނިސްޓްރީތަކުން ދެއްވަންޖެހޭ އެއްބާރުލެއްވުމާއި އެހީތެރިކަން ދެއްވުމާ ބެހޭގޮތުންނެވެ. އެގޮތުން، މިއަދުގެ ޖަލްސާގައި މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރާއި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒާއި އަދި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން މިހާރު ކުރައްވަމުން ގެންދަވާ މައިގަނޑު މަސައްކަތްތަކާ ބެހޭގޮތުންނާއި، އެމަސައްކަތްތައް ކުރިއަށް ގެންދެވުމަށްޓަކައި އެކި އިދާރާތަކުގެ އެހީތެރިކަން ހޯއްދެވުމާ ބެހޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ.

މިއަދު ބޭއްވެވި އެމަޖިލީހުގެ ޖަލްސާގައި، މެންބަރުން މަޝްވަރާ ކުރެއްވި އެއްމައްސަލައަކީ، ހަނިމާދޫ ވައިގެ ބަނދަރު ތަރައްޤީ ކުރެއްވުމުގެ މައްސަލައެވެ. ހަނިމާދޫ ވައިގެ ބަނދަރު ތަރައްޤީ ކުރުމަށް އިންޑިޔާގެ ޖީ.އެމް.އާރު ކުންފުނިން ހުށަހަޅުއްވާފައިވުމާއެކު، އެކަމާބެހޭ އެމް.އޯ.ޔޫ.ގައި މިހާރުވަނީ ސޮއިކުރައްވާފައެވެ. އަދި މިހާރު މެމޮރެންޑަމް އޮފް އެގްރީމަންޓްގައި ސޮއިކުރުމާ ހަމައަށް އާދެވިފައިވުމާއެކު، އެކަމާބެހޭ ތަފްޞީލު މަޝްވަރާތައް، ވަރަށް ފުޅާ ދާއިރާއެއްގައި މެންބަރުން ކުރެއްވިއެވެ. މީގެއިތުރުން، އެއަރޕޯޓް ވަޔަބަލް ކުރުމުގައި ފަސިންޖަރުން ތިބުމަށްޓަކައި ބޭނުންވާ 6000 އެނދު ތަރައްޤީ ކުރުމުގެ ކަންތައް ގެންދަވާނެ ގޮތަކާއި، އަދި އެއަރޕޯޓް ތަރައްޤީކުރާ ފަރާތަށް ކްރޮސް ސަބްސިޑީ ދެއްވާނެ ގޮތްތަކާ ބެހޭގޮތުންވެސް މެންބަރުން މަޝްވަރާ ކުރެއްވިއެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، އެއަރޕޯޓް އިންވެސްޓްމަންޓްސް މޯލްޑިވްސް ލިމިޓެޑް (އެއިމް ކުންފުނި) ލިކްއިޑޭޓް ކުރެއްވުމާ ބެހޭގޮތުންވެސް ވަރަށްފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ. އެއިމް ކުންފުނީގެ ޙަވާލުގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ 5 ޑޮމެސްޓިކް އެއަރޕޯޓް ތަރައްޤީ ކުރުން، އެއިމް ކުންފުނިން ވަކިކުރުމާ ބެހޭގޮތުން މީގެކުރިން ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ މަޝްވަރާ ކުރައްވާފައެވެ.

މިކަމާ ބެހޭގޮތުން މިއަދުގެ ޖަލްސާގައި މެންބަރުން ވާހަކަފުޅު ދައްކަވައި، އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު ކުރިއަށް ގެންދެވުމަށް މަގުފަހިކުރެއްވުމަށްޓަކައި ރިޒޯޓް ތަރައްޤީ ކުރާނެ 5 ރަށެއް ކަނޑައެޅުއްވިއެވެ. މިގޮތުން ކަނޑައެޅުއްވި 5 ރަށަކީ ގއ. މާމުޓާ، ގއ. ޅޮއްސާ، ގއ.ކެރެއްދޫ، ގދ. ހަވޮއްޑާ، އަދި ސ. އިސްމެހެލާ ހެރާ އަދި ބޮޑުހެރެގަނޑެވެ.

މީގެއިތުރުން، ވަރުވާއަށް ދޫކުރައްވާފައިވާ ރަށްތަކުގެ ތެރެއިން 5 ރަށެއް، މިހާރުގެ މާކެޓް ވެލިއުއަށް ދޫކުރެއްވުމަށްވެސް ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ނިންމެވިއެވެ. މިގޮތަށް ނިންމެވީ، "ދިވެހިރާއްޖޭގެ ބިމާބެހޭ އިދާރީ އޮނިގަނޑު"ގެ ދަށުން ރިޒޯޓްތައް ކައިރީގައި ހުންނަ ރަށްރަށާއި ފިނޮޅުތައް މިހާރުގެ މާކެޓް ވެލިއުއަށް ބައްލަވައި، ދިވެހި ދައުލަތަށާއި ރައްޔިތުންނަށް ފައިދާކުރާނެ ގޮތަކަށް ދޫކުރެއްވުމާބެހޭ ސިޔާސަތުގެ ދަށުންނެވެ.