ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް (ޔޫ.އެން.އެފް.ޕީ.އޭ)ގެ ރީޖަނަލް ޑިރެކްޓަރ ފޮރ އޭޝިއާ އެންޑް ދަ ޕެސިފިކް، މިޒް ނޮބުކޯ ހޮރިބާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، ރާއްޖޭގެ އާބާދީގެ ދުޅަހެޔޮކަމާއި ރައްކާތެރިކަން އިތުރުކުރުމާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި މިޒް ނޮބުކޯ ހޮރިބާ ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ނޮބުކޯ ހޮރިބް ދެއްކެވި ވާހަކަފުޅުގައި، ސާސްކަފްގެ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގަޔާއި އަދި ވަކިން ޚާއްޞަކޮށް ޞިއްޙީ ދާއިރާގައި ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތަކަށް ތަހުނިޔާ ވިދާޅުވެ، މިއީ ވަރަށް ފާހަގަކޮށްލެވޭ ކާމިޔާބީއެއްކަން ބަޔާންކުރެއްވިއެވެ. އަދި ޢާއިލާ ރޭވުމާއި، ދަރިމައިވުމުގެ ޞިއްޙަތާ، މިފަދަ ކަންކަމަކީ ޤައުމުތަކުން އަބަދުވެސް ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭނެ ކަންތައްތަކެއްކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޔޫ.އެން.އެފް.ޕީ.އޭ. އިން ރާއްޖޭގައި ހިންގަވަމުންގެންދަވާ އަދި ހިންގެވުމަށް ރާއްވަވާފައިވާ އެކިއެކި ޕްރޮގްރާމްތަކަށް ސަރުކާރުން ފުރިހަމައަށް އެއްބާރުލެއްވުންދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީއާއި، އެޑްވައިޒަރ އޮން ޕޮލިޓިކަލް އެފެއާޒް ޙަސަން ޢަފީފް ބައިވެރިވެވަޑައިގެންނެވިއެވެ.