މީގެ އަހަރު ދުވަސް ކުރިން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވިއިރު، އަޅުގަނޑުމެންގެ ޤައުމުގެ އިޤްތިޞާދު ހަލާކުގެ އަނދަވަޅަކަށް ވައްޓާލަން ނިންމާފައި އޮތް ނަމަވެސް އެހާލަތަށް ނުގޮސް، ޤައުމު ބަނގުރޫޓުނުވެ، އެކަމުން މިއަދު އަރައިގަނެވިފައި އޮތް ކަމީ މި ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، "ރައްޔިތުންނާއެކު ކުރިއަށް – ހަފުތާ 52 ފާހަގަކުރުމުގެ ރަސްމިއްޔާތު"ގައި، ޤައުމާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
ދިވެހިރާއްޖޭގެ އިޤްތިޞާދު ސަލާމަތް ކުރުމަށް އެ މަނިކުފާނުގެ ސަރުކާރުން މިދިޔަ އަހަރު ދުވަހު ކުރެއްވި މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އިޤްތިޞާދު މެނޭޖު ނުކުރެވި، ޤައުމު ބަނގުރޫޓުވާ ހިސާބަށް ކަންކަން ހިނގައްޖެކަމުގެ ތުހުމަތުތައް ބައެއް ފަރާތްތަކުން ސަރުކާރަށް އަމާޒު ކުރާ ކަމަށާއި، ނަމަވެސް އެއީ ޙަޤީޤަތް ނޫން ކަމަށެވެ.
އަދުގެ ސަރުކާރުން ދިވެހިރާއްޖޭގެ ވެރިކަމާ ޙަވާލުވެވަޑައިގެންނެވުމުގެ 6 ދުވަސް ކުރިން، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް) އިން ޝާއިޢުކުރި ރިޕޯޓަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ ރިޕޯޓުގައި ދިވެހިރާއްޖޭގެ ދަރަނީގެ ދެމެހެއްޓެނިވިކަން ގެއްލިގޮސްފައިވާކަން އިޢުލާނުކުރި ކަމާއި، އެހިސާބުން ބަނގުރޫޓުވުމާ ހަމަޔަށް ދިޔަކަން ރަސްމީކޮށް އިޢުލާނު ކުރެވުނީކަން ހަނދުމަފުޅުކޮށްދެއްވާފައެވެ.
ވެރިކަމާ ޙަވާލުވެވަޑައިގަތް އިރު، އޭރު ދިވެހިރާއްޖެ އޮތީ 120 ބިލިއަނަށްވުރެ ބޮޑު ދަރަންޏާ އެކުގައިކަންވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އިޤްތިޞާދު މެނޭޖު ކުރުމެއް ނެތި، އަދި މެނޭޖުކުރަން ނުވެސް އެނގި، 5 އަހަރު ދުވަހުގެ ތެރޭގައި ޤައުމު ބަނގުރޫޓުކުރަން ރާވާފައި އޮތް ކަމަށާއި، ހަމަ އެ އަހަރުގެ ތެރޭގައި ޤާނޫނު އަސާސީއާ ޚިލާފަށް ޚަރަދުތަކެއްކޮށް، ޤާނޫނީ އިމުގެތެރެއަށް ކަންކަން ވެއްދުމަށްޓަކައި ސަޕްލިމެންޓްރީ ބަޖެޓެއްވެސް ހުށަހެޅިކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ހަލާކުކޮށް، ބަނގުރޫޓުކުރުމާ ދިމާއަށް އަމާޒުކޮށްފައި އޮތް އިޤްތިޞާދީ ޙާލަތަކުން އަރައިގަތުމަށް "ދިވެހީންގެ ރާއްޖެ" އަށް ދިއުމަށް ރައްޔިތުން ނިންމެވީ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ނޮވެމްބަރ 17، 2023 ވަނަ ދުވަހުގެ ޙާލަތަށް އިޝާރަތް ކުރައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ، ކުރީގެ ސަރުކާރުން 8.4 ބިލިއަން ރުފިޔާ ޗާޕުކުރި ކަމަށާ، އޭރު ދުނިޔޭގެ ހުރިހާ މާލީ އިދާރާއަކުން އަންދާޒާކުރަމުން އައީ 2024 ވަނަ އަހަރުގެ އެޕްރިލް މަހާއި ހަމައަށް ދާއިރު، ދިވެހިރާއްޖެއިން ސޮވްރިން ޑިފޯލްޓް އިޢުލާނުކުރާންޖެހިދާނެ ކަމަށްކަން ފާހަގަކުރައްވާފައެވެ.
މާލީ އިދާރާތަކުން އެހެން ބުނަން ޖެހުނީ ސަބަބުތަކެއް އޮވެގެން ކަމަށާއި، 5 އަހަރު ކުރިޔަށް ޖެހިލާއިރު، ނަގާފައިވާ ދަރަނީގެ އިންޓަރެސްޓަށް އަހަރަކު 1.4 ބިލިއަން ރުފިޔާ ދައްކަން ޖެހިފައި އޮތް ނަމަވެސް 2023 ނިމުނުއިރު އިންޓަރެސްޓަށް އެކަނި، އަހަރަކު 4.2 ބިލިއަން ރުފިޔާ ހޭދަކުރަންޖެހިފައިއޮތްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވިއިރު ޤައުމު އޮތް ޙާލަތަށް އިޝާރާތްކުރައްވައި، ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދައުލަތަށް ލިބޭ އާމްދަނީގެ ކޮންމެ 100 ރުފިޔާއަކުން 24 ރުފިޔާ ޚަރަދުކުރަން ޖެހެނީ ދަރަނި ޚަލާޞްކުރުމަށް ކަމަށާއި، މިއިން ކޮންމެ 100 ރުފިޔާއަކުން 16 ރުފިޔާ ޚަރަދު ކުރަން ޖެހެނީ ހަމަ އެކަނި، ދަރަނީގެ އިންޓްރަސްޓަށްކަން ފާހަގަކުރައްވާފައެވެ.
މި ޙާލަތު މިހެން އޮތް ކަމުގައި ވީ ނަމަވެސް، ބަނގުރޫޓުވުން ތަހަންމަލުކުރަން ނުޖެހި، ރާސްތާ ބަދަލުކޮށްލެވިއްޖެކަމަށާއި، މިއީ 52 ހަފުތާގައި ޙާޞިލުކުރެއްވުނު އެންމެ މުހިއްމު ކާމިޔާބުކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިއީ ތަފާސް ހިސާބުތަކުން ފެންނަން އޮތް ޙަޤީޤަތް ކަމުގައިވެސް އެ މަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
މި ސަރުކާރުން ހުށަހެޅި ފުރަތަމަ ބަޖެޓް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، އެ ބަޖެޓުގެ ތެރެއިން މަސައްކަތްތައް ކުރެވޭ ފުރަތަމަ އަހަރަކީ 2025 ވަނަ އަހަރުކަން، ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މި ހިނގާ 2024 ވަނަ އަހަރު ނިންމާލަންޖެހިފައި މި އޮތީ، ނިމިދިޔަ ސަރުކާރުގެ އަޣުލަބިއްޔަތު އޮތް މަޖިލީހަކުން ފާސްކުރި ބަޖެޓަކާ އެކުގައި ކަމަށާ، އެ ބަޖެޓަކީ އަދުގެ ސަރުކާރުން ހިންގަން ބޭނުންވި އެއްވެސް މަޝްރޫޢަކަށް ޖާގަ ދިނުމެއް ނެތި ފާސްކޮށްފައި އޮތް ބަޖެޓެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެއީ ގަސްތުގައި ކޮށްފައިއޮތް ކަމެއް ކަމުގައި ވިދާޅުވެ، ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، އެބަޖެޓުގައި މަޝްރޫޢުތަކެއް ހިމަނާފައި ވީ ނަމަވެސް، ގިނަ މަޝްރޫޢުތައް ފެށޭ މިންވަރަށްވެސް ބަޖެޓުގައި ފައިސާ ހިމަނާފައި ނެތް ކަމަށެވެ. ނިމިދިޔަ ސަރުކާރުގެ އަޣްލަބިއްޔަތު އޮތް ރައްޔިތުންގެ މަޖިލީހުން މި ބަޖެޓު ފާސްކުރީ، މި ސަރުކާރު ހިންގިޔަ ނުދިނުމުގެ ގަސްތުގައި ކަމަށާއި، އެހެން ނަމަވެސް، މާލީ ގޮންޖެހުންތަކާ އެކުގައިވެސް މި ސަރުކާރުން މަސައްކަތްތަކެއް ކުރައްވާފައި ވާނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.