ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދަރުމަވަންތަ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ޚިދުމަތްދޭ ހޮސްޕިޓަލެއްގެ ގޮތުގައި ހުޅުއްވައިދެއްވައިފިއެވެ. ދަރުމަވަންތަ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ޚިދުމަތްދޭ ހޮސްޕިޓަލެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވީ މިރޭ އެ ހޮސްޕިޓަލުގައި މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

ޞިއްޙީ ދާއިރާ ކުރިއެރުވުމަށް އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ ގިނަގުނަ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ފެންވަރު ރަނގަޅުކޮށް، ޓަރޝަރީ ފެންވަރުގައި ޚިދުމަތްދޭ މަރުކަޒެއްގެ ގޮތުގައި ހުޅުވައިދެއްވައި، އެ ހޮސްޕިޓަލުގައި ފަރޓިލިޓީ ސެންޓަރެއް ހުޅުވައިދެއްވައި، އަދި ހައިބްރިޑް ކެތުލެބް އިފްތިތާޙްކޮށްދެއްވާފައެވެ. މީގެއިތުރުން އެ މަނިކުފާނު މިރޭ ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ އީ. އާރް، ކުޑަކުދިންނަށް ޚާއްސަ އީ.އާރް.އެއްގެ ގޮތުގައި ކަނޑައަޅުއްވައިދެއްވާފައެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ލޯގޯ އިފްތިތާޙްކޮށްދެއްވާފައެވެ.

މިރޭގެ ރަސްމިއްޔާތުގައި ދަރުމަވަންތަ ހޮސްޕިޓަލުގައި އަލަށް ތަޢާރަފް ކުރެވުނު ޚިދުމަތްތަކާބެހޭ ވީޑިއޯ ރިޕޯޓު ބައްލަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައި އަލަށް ތަޢާރަފް ކުރެވުނު އެ ހޮސްޕިޓަލުގެ ކުޑަކުދިންނަށް ޚާއްސަ އީ.އާރު، ހައިބްރިޑް ކެތުލެބް އަދި ނޭޝަނަލް ފަރޓިލިޓީ ސެންޓަރ ބައްލަވާލައްވައި، އެތަންތަނުން ދޭ ޚިދުމަތްތަކާބެހޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މި މަހުގެ 10 ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމީ އިޙުތިފާލުގައި، ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ތެރެއިން މާލޭގައި ހުރި ދަރުމަވަންތަ ހޮސްޕިޓަލާއި، ހުޅުމާލޭ ހޮސްޕިޓަލަކީ ޓަރޝަރީ ފެންވަރަށް ޚިދުމަތްދޭ ހޮސްޕިޓަލުތަކެއްގެ ދަރަޖައަށް ތަރައްޤީކޮށް، މި މަހުގެ މެދެއްހާ ހިސާބުގައި ރަސްމީކޮށް ޚިދުމަތްދޭން ފެށޭނެކަން އިޢުލާންކުރައްވާފައެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ޚިދުމަތްދޭ ހޮސްޕިޓަލެއްގެ ގޮތުގައި މިރޭ އިފްތިތާޙް ކުރައްވާފައިވާއިރު، ހުޅުމާލޭ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ޚިދުމަތްދޭ ހޮސްޕިޓަލެއްގެ ގޮތުގައި އެ މަނިކުފާނު މާދަމާ އިފްތިތާޙް ކޮށްދެއްވުމަށް ވަނީ ހަމަޖެހިފައެވެ.