ދުނިޔޭގެ ލީޑަރުންގެ ވަޢުދުތައް، ނަތީޖާ ފެންނާނޭ ފަދަ ޢަމަލުތަކަކަށް ބަދަލުކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް)ގެ ފަރާތުން މޫސުމީ ބަދަލުތަކާ ގުޅޭގޮތުން އެކުވެރި ދައުލަތްތަކުގެ ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖު (ޔޫ.އެން.އެފް.ސީ.ސީ.ސީ)ގެ ކޮންފަރެންސް އޮފް ޕާޓީސްގެ 29 ވަނަ ސެޝަން (ކޮޕް29)ގެ ހަވާސާގައި ބޭއްވި ލީޑަރުންގެ ސަމިޓުގައި އިއްވެވި ބަޔާނުގައެވެ.
މި ބައްދަލުވުމުގައި އިއްވެވި ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ބޭނުންތައް ފުއްދައިދިނުމުގައި އަދުގެ މާލީ ނިޒާމު ނާކާމިޔާބު ވެފައިވާކަމަށާއި، މާލީ ވަޞީލަތްތައް ނެތި ތިބެ ހިފާ އަމާޒުތަކަކީ ހަމައެކަނި އުއްމީދުތަކެއްކަމުގައި ވިދާޅުވެފައެވެ.
މި ބައްދަލުވުމުގައި އިއްވެވި ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މޫސުމީ ބަދަލުތަކުގެ ސަބަބުން، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެތައް އަހަރެއްގެ ތަރައްޤީ ގެއްލިގެންދާކަމަށެވެ. އަދި، އަދުގެ މާލީ އޮނިގަނޑަކީ، ކުދި ޖަޒީރާ ޤައުމުތަކުގެ މުހިންމު ބޭނުންތައް ފުއްދައިދެވޭނޭގޮތަކަށް ފަރުމާކުރެވޭ އޮނިގަނޑެއްކަން ކަށަވަރުކުރުމަށް ތިން ކަމެއް ބޭނުންވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެއީ؛
1. އދ. އާއި، ބައިނަލްއަޤުވާމީ މާލީ މުވައްސަސާތަކާއި، ޕްރައިވެޓް ސެކްޓަރުގެ ފުރިހަމަ އެހީތެރިކަން ލިބުމާއި،
2. މޫސުމީ ވިލުންތެރިކަން އިތުރުކުރުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑިތަކާ ގުޅޭ ދަރަނި މަޢާފުކޮށްދިނުމާއި، އެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރާ މަސައްކަތަށް ދޭ ބަދަލުގެ ގޮތުގައި ކްރެޑިޓްވަރދިނަސް މާނަކުރާ ގޮތް ބަދަލުކުރުމާއި،
3. މޫސުމީ ބަދަލުތަކާ ގުޅޭ މާލިއްޔަތަށް ޚާއްޞަ، އަދި ސިޑްސްގެ ޙަޤީޤީ ބޭނުންތައް ތަމްސީލުވާފަދަ، ކުރިއަށްވުރެ ހަރުދަނާ، ނިއު ކަލެކްޓިވް ކުއަންޓިފައިޑް ގޯލް (އެން.ސީ.ކިއު.ޑީ) ކަނޑައެޅުމަށާއި، ބައިނަލްއަޤުވާމީ ކާބަން މާކެޓް މެކޭނިޒަމާ ގުޅޭ މަޝްވަރާތައް ނިމުމަކަށް ގެނައުމެވެ.
މި ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖެއިން އަޅާފައިވާ ބަދަލުގެނުވަނިވި ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، އިޤްތިޞާދީ އަދި ޙަޟާރީ ތަރައްޤީ އާއި ހަކަތަ އުފެއްދުންފަދަ ފިޔަވަޅުތައް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުން މޫސުމީ ކަންކަމުގައި ފިޔަވަޅުތައް އެޅުމަށް އެދި އަޑުއުފުލާތާ އެތައް އަހަރެއް ވެއްޖެކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ވަޢުދުތައް ޢަމަލީގޮތުން ދެއްކުމަށް ގޮވާލައްވާފައެވެ.